އީކާގެ މައުސޫމް ކަމާއި ރީތިކަމާއި އެކުގައިވެސް ބައްޕަގެ ހިތުގައި ރަހުމެއް ނެތެވެ. ސަބަބު އެނގެން ފެށީ އާއިލާ ތެރޭގައި ތުންތުން މަތިން ދެކެވޭ ވާހަކަ އިވެންފެށީމައެވެ. އާއިލާ ތެރޭގައި އީކާ ބާކީވެފައި ހުރުމުގެ ސިއްރަކީވެސް އެއީއެވެ. ބައްޕަގެ ފަރާތު އާއިލާގެ އެންމެން އީކާދެކެ ރުޅިއަންނަކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ.
"އޭނަ ބަލިވިޔަސް ކަމީލާ ނުޖެހޭނެ ހުރިހާ ކަމެއް ހުއްޓާލާފައި ގާތުގައި އިންނަން، މާހާ އާއި ތިކުއްޖާ ހަވާލުކޮށްފަ ކަމީލާ ޓިއުޝަނަށް ދޭ، ބޭނުމެއްނޫން އެއްވެސް އުޒުރެއް އަޑުއަހަން......." އިރްފާން ބުމަކާރިކޮށްލައިގެން ހުރެ ނުރުހުމުގެ ރާގެއްގައި އަމުރުކޮށްލާފައި ނުކުމެގެން ދިޔުމުން ކަމީލާ ބާލީހުން އެނދުގައި ޖެހިއެވެ. އީކާ ގާތު ފޫހި ޓީޗަރެއްގެ ގާތުގައި ރޭގަނޑުގެ ވަގުތުތައްވެސް ދުއްވާލަން ޖެހުނީމަ އެކަމުގެ ޝަކުވާ ކަމީލާ ކުރަންފެށިއެވެ. ގިނަފަހަރު ބިދޭސީ ޓީޗަރުން ފެންނުވަރާ އަންނާތީ އޭނައަށް ކްލާހުގައިވެސް އުދަގޫވާ ކަމަށާއި އެހެންވީމަ މިރެއަށް މާސްކެއް ހޯދަން ޖެހޭނެކަމުގައިވެސް ކަމީލާ ބުނެލިއެވެ.
"ވަރަށް ފޫހިވޭ، މެތްސް ކިޔަވާހިތްނުވީވެސް ޓީޗަރ އަކީ ބޮޑު ފޫހިގަނޑަކަށްވީމަ...." ކަމީލާ އަތުގައި އޮތް އެންމެ ދޫހެދުން ލައިގެން ނުވީތާކަށް އޭނަގެ މާމަ ފޮތް ކިޔަން ގެންގުޅޭ އައިނު އެޅިއެވެ. އެ ޓީޗަރ ފޫހިކުރުވަން ކަމީލާ ކުރެވުނުހާ ކަމެއް ކުރަން ބޭނުންވިއެވެ. ދެކުދިން ވާހަކަތައް ދައްކަން ތިއްބާ ވާރޭ ވެހިގަތީ ހަމަ ކުއްލިއަކަށެވެ.
ކަމީލާ ތައްޔާރުވެގެން ބޭރަށް ނުކުތްފަހުން ލިބުނު ޚަބަރަކުން އޭނަ އުފަލުން ފުންމައިގަތެވެ. ވިއްސާރަވުމުން އޭނައަށް ކިޔަވާދޭން އަންނަން އޮތް މުދައްރިސް ކެންސަލްކޮށްލީއެވެ. އޭރުވެސް އިރްފާން ހުރީ އިސްމާއީލްއަށް އިތުބާރުކޮށްގެން އެމީހަކު އަންނާނެކަމުގެ ޔަގީންކަމުގައެވެ. އެފަދަ މުދައްރިސުން އަތްވަށް އަދި ވާރެއަށް ނުބަލާ ދަރިވަރުންނަށް އިލްމު އުގަންނައި ދިނުމުގައި ދެމި ތިބޭނެކަމަށް ބުނިތާ މާ ގިނައިރެއްނުވެއެވެ. އިރްފާންގެ ރާގު ބަދަލުވިއެވެ. އިރްފާން ބުނީ މީހަކަށް އުޒުރެއް ދިމާވެދާނެ ކަމުގަޔާއި މިރޭ މިހެން ދިމާވީ ކަމީލާގެ ބަދުނަސީބު ކަމުގައެވެ.
"ސީރިޔަސްލީ ބައްޕައަކަށް ނޭގުނު އެފިރިހެނާ ނައުން އެއީ އަހަރެންގެ ނަސީބު، މިރޭ އަހަންނަށް އެއްޗެއް ދަސްވެއްޖެ، އެމީހާއަށް ދުވަހަކު ޓްރަސްޓް ނުކުރާނަން، އެހާވަރުން ރެޑީ ކުރުވާފައި އަދި އެމީހަކު އެނދުން ހިއްލާނުލާ އޮވެ ބައްޕައަށް ގުޅާފައި ނުދެވޭނެ ވާހަކަ ބުނެލީ...." ކަމީލާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން އީކާގެ ގާތުގައި ހުއްޓުނެވެ. އީކާ އޭރު ކުޑަކޮށް ކުކުރާލައެވެ.
"ސޯ ހައު އާރ ޔޫ ދޫނީ...." ކަމީލާ އޭނަގެ ބާރަ އަހަރުގެ ކޮއްކޮގެ ކޮލުގައި ކޮއްޓާލައިފިއެވެ.
"ހީކަރުވަނީ...." އީކާ ބޮނޑިވެގަތެވެ.
"ހުރެބަލަ ދޮންބެއަށް ގުޅާފައި މިއަހަނީ، އޭރުވެސް ގުޅަން އުޅުނުތަނާ ބައްޕަ ބުނެގެން ފާޑެއްގެ މީހެއް އަންނަންވާއިރަށް ރެޑީ ވާން ޖެހުނީވިއްޔަ......" ކަމީލާ ވައިބަރ އިން އޭނަގެ ދޮންބެ އޮންލައިންގައި އިންތަން ފެނުމުން ސްޕީކަރަށް ލާފައި ވާހަކަދައްކަން ފެށިއެވެ. ލިއަމް ކަމީލާގާތު ބުނިގޮތަށް އޭނަ އީކާގެ ޓެމްޕްރޭޗަރ ހުރިވަރު ބަލާލަދިނެވެ. ލިއަމް ބުނީ ބޭސްދީފައި މީހަކު ފޮނުވާނެކަމަށެވެ.
"އައްދޭ ބްރޯ، ކިހިނެއް ތިމީހަކަށް ޓްރަސްޓްކުރާނީ، މީހުންނަށް ޓްރަސްޓް ކުރުން ހުއްޓާލައިފިން، މިރޭވެސް ވާރޭކޮޅެއް ވެހިލާއިރަށް ޓިއުޝަން ޓީޗަރ ރަޖާލައިގެން ގޭގައި އޮތީ، ޑޮކުން މާ ލޭޒީވާނެ...." ކަމީލާ ހީހީފައި ކިޔާލިއެވެ.
"އެނގިދާނެތާ، އެކަމަކު ނުނިދައްޗޭ، މިހެން ބުންޏަސް އެނގޭ ކައްމި ތިއީ ރޭގަނޑު ނިދާނެ ކުއްޖެއް ނޫންކަން، އެ ހެބިޓް ދޫކުރުވަން ކޮންމެވެސް ގޮތެއް ހަދާ ހިސާބަށް ހިގައްޖެ..." ލިއަމް ވާހަކަދައްކަން ހުރެފައި ފޯނުބޭއްވިއެވެ. ކަމީލާ ލިއަމްގެ އިރުޝާދުތައް އެތާ ހުރި ވައިޓްބޯޑެއްގައި މާކަރަކުން ލިޔުނެވެ.
"ސޯ ޑޮކްޓަރ ލިއަމްގެ އެޑްވައިސް ހަނދާނެއް ނުނެތޭނެ..." ކަމީލާ ކިޔާލިއެވެ.
"ވަރަށް މިސްވޭ ދޮންބެ މަތިން..." އީކާ ގެ ލޮލުގައި ކަރުނަ ގިނަވާންފެށިއެވެ. ނުރޯން ހިތްވަރުކޮށްގެން އޮތްނަމަވެސް އޭނަ ލިއަމް މަތިން ހަނދާންވާން ފެށީ މާ ބޮޑަށެވެ. ލިއަމްއާއި ކަމީލާ ފިޔަވާ އޭނައަށް ހެޔޮއެދޭނެ އެހެން ބަޔަކު ދުނިޔޭގައި އުޅެނީއެއް ނޫނެވެ.
"ޑޯންޓް ވޮރީ ބޭބީ، ދޮންބެ މާ ގިނަދުވަހެއް ނުވާނަމޭ ބުނެފިއެއްނު، ދޮންބެ ބުނާގޮތަށް ހަދާ، ލިއަމް އިޒް އަވަރ ހީރޯއެއްނު..." ކަމީލާ ކޮޓަރިން ނުކުމެފައި މާހާއަށް ގޮވަންފެށިއެވެ. ޖޫސްތަށި ހަދަން މާހާއާއި ހަވާލުކޮށްލާފައި ކަމީލާ ނުކުތީ ސިޓިންރޫމަށެވެ.
ސިޓިންރޫމްގެ ދޮރުފޮތިތައް ކަހާލާފައި ބޭރަށް ބަލައިލުމުން މަގުގެ އަނެއް ފަރާތުގައި ހުރި ދެބުރިއަށް ނަގާފައިވާ ރީތިގެ ހާމަޔަށް ފެންނަން ހުއްޓެވެ. އެއީ މިރަށު އެންމެ މުއްސަދިމީހާގެ ގެއެވެ. އެގޭގެ މީހުން މާލޭގައި ދިރިއުޅޭތާ އެތައް ޒަމާނެކެވެ. ގެ ބަލަހައްޓަނީ އެމީހުންގެ ތިމާގެ ބަޔެކެވެ. ކަމީލާ ދެކޭ އެތައް ހުވަފެންތަކުގެ ތެރެއިން އެފަދަ ރީތި މުއްސަނދި ދިރިއުޅުމެއް ހޯދުން އޮތީ އެންމެ ކުރީގައެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދާއިރު އޭނަ އެގެއާއި ދިމާލަށް ބޭގަރާރުކަމާއިއެކުގައި ބަލައެވެ. އެގޭގެ މެމްބަރުންގެ ވާހަކައެއް ދައްކާ އަޑު އިވިއްޖެއްޔާ އޭނަ ކަނުލާ އަޑުއަހައެވެ. އެގޭގައި ޒުވާން ފިރިހެންކުދިން ތިބޭކަން އޭނަ ދަނެއެވެ. އެއިން ކުއްޖަކު މިރަށަށް ނާންނަނީ ކީއްވެބާވައޭ ހިތާ ހިތުން ސުވާލުކުރެވެއެވެ. އަޑުއިވޭގޮތުން ވިއްޔާ އެހުރިހާ ޒުވާނުން ތައުލީމް ހާސިލުކުރަނީ ބޭރުގައުމު ތަކުގައެވެ.
"އެމީހެއްގެ ނަސީބުގައި މިންވަރުކުރައްވާފައިވާ ގޮތާއިމެދު ރުހެންވާނެ، އެކަމަކު އަހަރެން އަބަދުވެސް އެފަދަ ރީތި ދިރިއުޅުމެއް ބޭނުންވެގެން އުޅެނީ ކީއްވެތަ؟ އާދައިގެ ގޮތެއްގައި އުޅެ އުޅެ ފޫހިވީކަން ނޭގެ، އަންޑަސްޓޭންޑިން ބައްޕައެއް ލިބުނުނަމަ، ބައްޕަ އަށް ލިބޭހާ ފައިސާއެއް ސިގްރެޓާއި ބޭކާރުކަންތަކަށް ދުއްވާލަނީ، އެންމެ ފަހަރަކު އެންމެން އެކީ އެންޖޯއި ކޮށްލަން މާލެ ފޮނުވާލިނަމަ..... " ކަމީލާ ބިއްލޫރި ދޮރުގައި އަތް ވިއްދާލައިގެން ބޭރަށް ބަލަން ހުރިއިރު ލޮލުގައި ހުވަފެނީގޮތެއް ވެއެވެ.
މާހާ ނަމާދުކުރުމަށްފަހު ލިއަމްގެ ކޮޓަރި ރީތިކުރަން ހުއްޓާ ކަމީލާ ދޮރުގައި ޓަކިދީފައި އެތެރެއަށް ވަނެވެ.
"މާހާ، އެއްޗެއް އަހާލަންވެގެން، ލިއަމްއާއި ދެމީހުން ނިދަނީ ދެތަނުގައިތަ؟ "ކަމީލާގެ ކުއްލި ސުވާލުން މާހާ ލަދުން މަރުވާވަރުވިއެވެ.
"ތިއީ ކުޑަކުދިން ކުރާ ޒާތުގެ ސުވާލެއްނޫން.... " މާހާ މަޑުމަޑުން ބުނެލިއެވެ.
"އަހަންނަކީ ކުޑަކުއްޖެއްނޫން، އެރެންޖް މެރިޖްގައި ކަންތައް ހިނގާގޮތް އަހަންނަށްވެސް އެނގޭ، އެހެންނޫނަސް އަހަރެންގެ ކިއުރިއޮސިޓީ އިތުރުވާންފަށައިފި މިހާރު، ކަންތައްތައް އެނގެންވެސް ބޭނުންވޭ، އެކަމަކު ދެން ތިދެމީހުންގެ ގުޅުމެއް ނެތިއްޔާ މާހާއަށް ކިޔާދެވޭނީ ކޯންޗެއްތަ؟ ރިއަލް ލޯބި ލިބެންދެން މާހާ ވެއިޓްނުކުރީ ކީއްވެތަ؟ " ކަމީލާ ހީވަނީ އިންޓަވިއުއެއް ކުރަން އައިސްފައި އިން ކުއްޖެއްހެނެވެ. މާހާ ބުނީ އެކަމާއި ބެހޭގޮތުން ކަމީލާއާއި ވާހަކަދައްކަން ބޭނުން ނުވާކަމުގައެވެ.
"ކައްމި އަހަރެން މިވާހަކަ ބުނީމަ ރުޅި ނާންނައްޗޭ، އެކަމަކު ދޮންބެވެސް ތި ރޫމަށް ވަންނައިރު ކައްމި ޓޮއިލެޓް ބިންމައްޗަށް އެއްޗެހި އުކާފައި ހުންނަތަން ފެނުން އެއީ ރަގަޅުކަމެއް ނޫން...... " މާހާ ހަތަރުކަޅިހަމަކުރިއެވެ.
"ޓައިމް ނުވާތީ....." ކަމީލާ އަތުގެ އިނގިލިތަކާއި ކުޅެންފެށިއެވެ.
"އަމިއްލަ ކުދި ކަންތައްކޮށްލެވެން ވާނެއްނު...." މާހާ ކަމީލާ ރުޅި ނާރުވާ އެ ވާހަކަ ބުނެދޭން ބޭނުންވިއެވެ.
"މަންމަ ބުނޭ އަހަންނަކީ މަންމައަށް ލިބޭނެ އެންމެ ޕާފެކްޓް ޑޯޓަރ އޭ، އެތެރެއިން ލާ އެއްޗެހި ނުދޮންނަނީ މަންމަ ހެދުންތަކާއިއެކު މެޝިނުން ދޮވެދޭތީ...." ކަމީލާ އަށް އެއީ ގޯސްކަމަކަށް ނުވިއެވެ.
"އޯކޭ ވީއިރު ދާއެއްޗެހި ލާ ވަށިގަނޑަށް ލާދީ........" އިތުރަށް އެ މައުޟޫ ކުރިއަށް ގެންދާކަށް މާހާއަށް ނުކެރުނެވެ. އޭނަގެ މަންމަ ބުނާގޮތުން ވިއްޔާ މިއީ މިރަށުގެ ޝާހީ ޚާންދާނެވެ. މުއްސަދި ނޫނަސް އެމީހުންގެ އުޅުން ހުންނާނީ ޝާހީގޮތަށެވެ. ކުޑައިރުއްސުރެ މަންމަވަނީ ކުޅޭ އެއްޗެހި ތަރުތީބުން ބެހެއްޓުމާއި ދާހެދުންތައް ވަށިގަނޑަށް އަޅަން މާހާއަށް ދަސްކޮށްދީފައެވެ. އުމުރުން ފަސްއަހަރުގައިވެސް އެފަދަ ކުދިކަންތަކަށް މަންމަ އޭނަ ހޭނުވިއެވެ. މި ޝާހީ އާއިލާއަށް ވަނުމުގެ ނަސީބު ލިބުނުފަހުން ކަމީލާމެންގެ އުޅުން ތަފާތުކަމުން މާހާ ހައިރާންވާވަރުވިއެވެ. ލިއަމް އެ ކޮޓަރިއަށް ވަންނައިރު ކަމީލާ އެކަނި ޕެޓީއެއް ލައިގެން ހުރެދާނެއެވެ. ތުވާލި އޮޅާލައިގެން ނުކުމެދާނެއެވެ. އެފަދަ ކަންތައް އެމީހުންނަކަށް ބޮޑެއް ނުވެއެވެ. އެހެންނޫނަސް ލިއަމްއަށް ފެންނަ ހިސާބުގައި ކޮންމެފަދަ އެއްޗެއްވެސް ކަމީލާ ގެންގުޅެފާނެއެވެ.
ކަމީލާމެންގެ ސިކުނޑި ޅަކަމުން ލަދުގަންނަން ނޭގެނީ ކަމަށް ވެދާނެއެވެ. ކަމީލާ ރުޅިއަތުވެދާނެތީ އިތުރަށް އެ ވާހަކަދައްކަން ނުކެރިފައި ހުރެ މާހާ އެކޮޓަރިއަށް ވަނީ އީކާގެ ހާލު ބަލާލާށެވެ.
ކަމީލާ ކޮޓަރިއަށް ވަންގޮތަށް ބޮލުގައި އޮތް ސްކާފް ނަގާ އެނދާއި ދިމާލަށް އެއްލާލައިފިއެވެ. އޭރު ލިއަމް އިނީ އީކާގެ އަތާއި ފައިގާ ސަންސްކްރީން ލާދޭށެވެ. އީކާ ދުވާލު ބޭރަށް ނެރެން ވެއްޖެއްޔާ އެކަމަށް ލިއަމް އިންތިހާއަށް ފަރުވާ ބަހައްޓައެވެ. އީކާ ގެއިން ބޭރަށް ނުދާތާ ހަފްތާއެއް ވީމަ މިއަދު ކޮންމެހެން ހަވީރު ހިނގާލަން ދާން ބޭނުންވީއެވެ.
"އީކް ރޭގަނޑު ހިނގާލަން ދާނެނަމަ..." ލިއަމްއަށް ބުނެވުނެވެ.
"ދޮންބެވެސް ތިބުނަނީ އީކްއަކީ ހަންޑިއެކޭތަ؟ " އީކާ ކުއްލިއަކަށް ހިތުގައި ޖެހިގެން ރޯ ވައްތަރު ދައްކާލައިފިއެވެ.
"ކޮންތާކު ހުރި މޮޔައެއްތަ އީކްހާ ކިއުޓް ކުއްޖަކާ ދިމާލަށް ހަންޑި ގޮވާނީ..." ލިއަމް ހިތްހަމަނުޖެހޭ ގޮތްވިއެވެ.
"ސްކޫލްކުދިންވެސް އެހެން ކިޔާ....." އީކާ ކިޔާދިނެވެ. ކަމީލާ އެދެބެންގެ ވާހަކައާއި ބައިވެރިލާންވެގެން އެއްޗެކޭ ކިޔާލާފައިގޮސް ފާޚާނާއަށް ވަދެ ތަންޑު އަޅުވައިފިއެވެ.
"މިހާ ޔުނިކް ކުއްޖަކަށް ނުވެވިގެން ޖޭވާކުދިން ހަމަ އުޅެނީ ދޯ......" ލިއަމް ކޮއްކޮއަށް ހިތްވަރުދޭންވެގެން އެކި ވާހަކަތައް ދައްކަންފެށިއެވެ.
"ލިއަމް ތިއީ މާރަގަޅުކަމެއްނޫން..." މީހަކު ދޮރުމަތީގައި ހުރިހެން ހީވެގެން ލިއަމް އެނބުރި ބަލާލިއިރު ދޮރުމަތީގައި ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރީ އިރްފާންއެވެ. އިރްފާން ލިއަމް އަންނަން އަތުންވެސް އިޝާރާތްކޮށްލާފައި ލިއަމް ނުކުތުމުން އޭނައާއި އެއްވަރަކަށް ހިނގާލާފައ ދޮރާށްޓާއި ހަމަޔަށް ދިޔައެވެ.
"އަހަންނަށް ފެނޭ އަބަދު ލިއަމް އީކާގެ ގައިގާ ސަންސްކްރީން ލާ ދޭތަން، އެއީ ބޮޑުވެފައި ހުރި އަންހެންކުއްޖެއް، އަހަރެން ކޮންމެހެން ލިއަމް ނުބައި ނިޔަތެއްގައި ކުރާކަމެކޭ ބުނަނީއެއް ނޫން، އެކަމަކު މީޑިއާތަކުން ނުފެނޭތަ؟ ބޭބެވެސް ތިމާގެ ކޮއްކޮގެ ގަޔަށް އަރަނީ، ކުދިކުދި ކަންތައްތައް އަތް ނުފޯރާ ފަށަށް ދަނީ، ނަމެއްގައިވެސް މަގޭ ދަރިއެއްގެ ގޮތުގައި އީކާ ހުރީމަ އަހަންނަށް މި މަންޒަރުތައް ބަލަން އުދަގޫވާތީ މިބުނެލީ، ލިއަމް ރުޅި ނާންނާނެކަމަށް ހީކުރަން....." އިރްފާން ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެއެވެ. މޫނުމަތިން ހައިބަތާއި މާތްކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ.
ލިއަމް ގަތީ ލަދެވެ. މޫނުމަތި ރަތްވެގެން ދިޔުމާއިއެކު ރުޅީގެ ރާޅުބާންޏެއް ހަށިގަނޑުގައި ޖަހާލިއެވެ. އެފަދަ ނުބައި އިލްޒާމެއް އެޅުވުމުން ކެތްކުރުން އުދަގޫކަމަކަށް ވިއެވެ. އޭނަ މިވީހާތަނަށް ކަމީލާ ނޫނީ އީކާއަށް ކޮށްދޭ ކޮންމެ ކަމަކީ ބޭބެއެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ކޮށްދީފައިވާނެ ކަންތަކެވެ. ފަހަރެއްގައިވެސް އެފަދަ ނުބައި ނިޔަތެއް ހިތަކު ނުވެއެވެ. އީކާގެ ޖެނެޓިކް މައްސަލައެއް ހުރުމާއިއެކު ކިތަންމެ ވަރަށް ބުނެދިނަސް އީކާ އަމިއްލަ ނަފުސަށް ފަރުވާލެއް ނުބަހައްޓައެވެ. އަތްވަށް ނުކުންނައިރު ސަންސްކްރީން މުހިއްމުވަރު އެ ޅަ ސިކުނޑިއަކަށް ނުވަދެއެވެ. އަބަދު ބާކީކޮށްލާފައި ހުރީމަ މާޔޫސްވެފައި ހުންނަ ކުޑަކުއްޖަކަށް ބޭބެއެއްގެ ލޯބި ދޭން ލިއަމް ކޮށްދިން ކަންތައް އެހެން މީހުން އެދެކުނީ ނުބައި ނަޒަރަކުންނެވެ.
"ތިކަމާއިމެދު ވިސްނާނަން..." ލިއަމް ޖީބަށް އަތްޖަހާލިއެވެ.
"އަދި އެހެން ވާހަކައެއް އެބައޮތް، ލިއަމް މަންމަ ގޮވައިގެން ނާރުގެ ޑޮކްޓަރަކަށް ދައްކަން މާލެ ގޮސްދީފާނަންތަ؟ ލިއަމް އެ ދާއިރާގައި އުޅޭ މީހަކަށްވާތީ ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ފަސޭހަވާނެ، އެކޮޅުން މަންމަ ބަލާދޭނެ މީހުން ތިބޭނެ، ލިއަމްއަށް ދައްތަގެ ކޮޓަރިއެއްގައިވެސް ހުރެވިދާނެ، އަހަރެން ބަލިކަމުން މިހާރު ދަތުރުކުރެވޭވަރެއް ނޫން....." އިރްފާން ލިއަމްގެ ބޮލަށް ވަންނަން މަސައްކަތްކުރިއެވެ.
"އެހާ އަވަހަށް ލީވް ލިބޭކަށް ނެތް....." ލިއަމް ޖަވާބުދިނެވެ.
"އަހަރެންގެ ރައްޓެއްސެއްނު ތިތާ ބޮޑުމީހާއަކީ، ހަމަޖެހޭނެ، ހަމަޖެހޭނެ، ލިއަމް ބައްޕައަށް ކޮށްދޭންވީކަމަކީ މަންމަގެ އެއްބައްޔަށް ރަގަޅަށް ފަރުވާކުރުވަދީ މަންމަގެ ހިތް ހަމަޖައްސާލަދޭންވީ، މަންމަ އެ އުމުރަށް ދިޔައިމަ އަނެއްހެން ބަލިތައް މަދެއް ނުވާނެ، ތަދުތައްވެސް ހުންނާނެ، މާބޮޑުކަމެއް ނެތަސް މާލެ ގެންދިޔައިމަ މަންމަ އުފާވާނެތާ......" އިރްފާން ލިއަމްއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ހީވީ އަލަށް ލިއަމް ފެނިގެން އުޅޭހެނެވެ.
"އެހެންނޫނަސް ލިއަމް ދުވަސްކޮޅަކަށް ދުރުގައި ހުރީމަ ކޮއްކޮމެންގެ އުޅުމަށްވެސް ބަދަލުތަކެއް އައިސްދާނެ، ކަމީލާ ބޮޑުވެފައިހުރި ކުއްޖެއް، އެކަމަކު އަމިއްލައަށް ފުނާ އެޅުންފަދަ ކަމެއްވެސް ކޮށްނުލާ، މިއަދު މީހަކާއި ކައިވެނިކޮށްގެން ދިޔަސް ދިރިއުޅުމެއް ނުލިބޭނެ، ނޫންތަ ލިއަމް، ބައްޕަ މަންމައާއި ދިމާލަށް ގިނަފަހަރު ހަޅޭއްލަވަން ޖެހުނީ އެ ޒާތުގެ ކަންތައްތަކާ، ދެމީހުން ދެބަސްވުމުގެ އަސްލަކީ މަންމަ ކޮއްކޮމެން ގެންގުޅުލެއް ބައްޕައަށް އެހާ ކަމުނުދިޔައިމަ...." އިރްފާން މާ "ބައްޕަ" ވެގެން ވާހަކަދައްކަން ފެށީމަ ލިއަމްގެ ހިތަށް އެހެން ކަހަލަ ގޮތެއް ވާންފެށިއެވެ.
އިރްފާން ލިއަމްއާއި ދޭތެރޭގައި ދަރިއެއްގެ ގޮތުގައި ދެކެން ފެށީ އޭނަ ޑޮކްޓަރުކަން ކިޔަވައިގެން އައުމުން ހެއްޔެވެ؟ ސަރުކާރުގެ ސްކޯލަރޝިޕެއްގައި ފުރިއިރު ދޮންބައްޕަގެ ފަރާތުން މާލީގޮތުން ލިބުނު އެއްވެސް އެހީތެރިކަމެއްނެތެވެ. އޭނަގެ ބުރަ މަސައްކަތުން ކިޔަވައިގެން އައުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ މަންމަ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރުން ހިމެނިގެން ދިޔައީ ލިއަމް މާޔޫސް ކުރުވި ކަމަކަށެވެ.
ލިއަމް މާލެ ފުރިފަހުން ކަމީލާ ކޮންމެދުވަހަކު ހަވީރު މާމަގެގެއަށް އަންނަނީ ރޫބީއާއި ޚުޝީއާއިއެކު ވަގުތު ހޭދަކުރާށެވެ. އެކުދިންގެ ސްޓައިލާއި އުޅުން ކަމީލާއަށް ނިކަން ކަމުދެއެވެ. އެކުދިންގެ ފަރާތުން ދަސްވި އެންމެ ރީތިކަމަކީ ނިޔަފަތިތައް ޕެއިންޓްކުރުމެވެ. ނިޔަފަތިތައް އެކިކުލައިން ޕެއިންޓްކޮށްލުމަށްފަހު އެ ރީތި ދޮން އަތްތިލައާއި ނިކަން ގުޅޭކަމުގައި ކަމީލާއަށްވެސް ގަބޫލުކުރެވުނެވެ.
"ޕެއިންޓްކޮށްގެން ޕްރޭ ނުކުރެވޭނެއްނު...." މާހާ ކޮޓަރިއަށް ވަދެފައި ކަމީލާގެ އަތްތިލައަށް ބަލާލިއެވެ.
"ނަމާދު ޗުއްޓީ...." ކަމީލާ އިނީ ކުޑަދޮރުމައްޗަށް އަރައެވެ. ރޭގަނޑު އެގޮތަށް ދޮރު ހުޅުވާލައިގެން އިނުމަކީ ރައްކާތެރިކަމެއް ނޫނޭ ބުނަން އުޅެފައިވެސް މާހާ ހިމޭންވިއެވެ. ލިއަމް ފުރީ ކޮއްކޮމެން ރަގަޅަށް ބަލަހައްޓާދޭން މާހާ ގާތު އެދިފައެވެ. ޚާއްސަކޮށް ދޮންބައްޕަ ޓިއުޝަނަށް މީހަކު ގެންނާތީ އެކަމާއިމެދު ސަމާލުވާން ލިއަމްވަނީ އަންގާފައެވެ. އީކާ ނިކަން ފަސޭހައެވެ. މާހާ އަށް އުދަގޫވަނީ ކަމީލާގެ އުޅުން ހުންނަގޮތަކުންނެވެ. ބިރުކުޑަވެސް ކުއްޖަކީއެވެ.
"ކައްމި، ކާކަށް ނުވޭތަ؟ ހަނދާންކޮށް ދޮރު ލައްޕައްޗޭ...." މާހާ އަބަދުވެސް ވާހަކަތައް ބުނެ އުޅެނީ ދުރުންނެވެ. ކަމީލާ ވަކި އެއްޗެކޭ ނުބުނެ އުދަރެހާއި ދިމާލަށް ބަލަންފެށިއެވެ. އުދަރެސް ކަޅުސާލެއް ފަދައިން ފެންނައިރު ކުދި ޖަވާހިރުތައް އުކާލެވިފައިވާކަހަލައެވެ. ހިތަށް ތަސައްލީދޭ އެއް މަންޒަރެވެ. އެއީ ޖިންނިންގެ ދުނިޔެހެއްޔެވެ؟ ރީތި ޕްރިންސެއް އޭނަ ބަލާ އަންނާނެނަމައެވެ. މިދިރިއުޅުންދެކެ އޭނަ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. މިއަދު ރޫބީމެން މާލޭކުދިންނާއި ބެހޭގޮތުން ދެއްކި ވާހަކަތަކުން ކަމީލާގެ ހިތް އެކަމަށް ވަކިން ބޮޑަށް ހުސްވިއެވެ. މާލޭގެ ރީތިކުދިންގެ ވާހަކަދެއްކުމުގެ ތެރޭގައި އަދިވެސް ހިތުގައި ވަކިން އަޅައިގަތް އާއިލާއެއްވިއެވެ. އެގޭގައި އުޅެނީ ފަސް އަންހެންކުދިންނާއި އެންމެ ފިރިހެންކުއްޖެކެވެ. މާލެއައިސްފައި އުޅުނު ދުވަސްކޮޅެއްގައި އެ ގޭ ޕްރިންސް ފެނިފައި ރޫބީގެ ހިތްވެސް ފިދާވިއެވެ. އެކަމަކު އެ އާއިލާއާއި ބެހޭގޮތުން އިތުރު އެއްވެސް ކަމެއް އޮޅުން ނުފިލައިގެން އުޅެނިކޮށް އެމީހުން ބޭރަށް ފުރައިގެން ދިޔައީއެވެ.
"ކައްމި، ބައްޕަ އުޅެނީ އަހަރެމެން ގޮވައިގެން ލަންކާއަށް މޫވްކުރަން...." ޚުޝީ ގުޅާފައި އުފަލުން ހަޅޭއްލަވައިގަތް ގޮތަކުން ކަމީލާގެ ކަންފަތު ތޫރި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ލަންކާއަށް ދާ ވާހަކަ ބުނީމަ ކަމީލާ ހަސަދަވެރިވާގޮތެއްނުވިއެވެ. ނަމަވެސް ޚުޝީގެ އުފަލުގައި ބައިވެރިވާންވެގެން އޭނަ ދާހިތްވާ ކަމަށް ހެދުނެވެ.
"ޑޯންޓް ވޮރީ، އިރްފާންބެ ގާތު އަހަރެމެން ތިވާހަކަ ދައްކައިގެން ވިސްނުން ބަދަލުކުރުވާނަން، ފުރަން ތައްޔާރުވޭ، ކައްމި ހުރީމަ މާ ބޮޑަށް މަޖާވާނެކަން އެނގޭ...." ޚުޝީ ފޯރިއާއިއެކު ވާހަކަދެއްކިއެވެ.
ކަމީލާ ޓިއުޝަނަށް ޓީޗަރ އަންނަންވާ ގަޑިއަށް ބުރުގާ އަޅާ ތައްޔާރުވެލުމަށްފަހު އީކާ ގާތުން އަހާލީމަ ބުނީ އަގްލީބެޓީއާއި ވައްތަރުކަމަށެވެ. އޭނަގެ ސިފަ ހުތުރުކުރަންވެގެން އަނދުން ހިތަށް އެރިގޮތަކަށް އެޅިއެވެ. ކަމީލާ ލޯބޮޑު އައިނެއް އަޅައިގެން ހުރިތަން ފެނިފައި އިރްފާންވެސް އެކަމާއި ސުވާލުކުރިއެވެ.
"އީކާފަދައިން ކަމީލާވެސް ފެނުމުގެ މައްސަލަ ޖެހުނީތަ؟ " އިރްފާން ހުރީ ދޮރުމަތީގައެވެ.
"އިތުރަށް ސާފުކޮށް އަކުރުތައް ފެންނާނީ އައިނު އެޅީމައެއްނު ބައްޕާ....." ކަމީލާ ޖަވާބުދީފައި މޭޒުގައި ބޯއަޅާލިތަން ފެނުނެވެ. އިރްފާން ނުރުހުންވެފައި އެކަމާއި ބެހޭގޮތުން އެތައް ތަގުރީރެއް ކޮށްލައިފިއެވެ. ހިނދުކޮޅަކަށްވެސް ކަންނެތްކަން އެއްފަރާތްކޮށްލާފައި މުރާލިވާން ދަސްކޮށްބަލާށޭ އިރްފާން ކިޔާލިއެވެ. އެވާހަކަތައް ކަމީލާގެ އެއް ކަންފަތުން ވަދެފައި އަނެއް ކަންފަތުން ނުކުމެގެން ދިޔައީއެވެ. ބައްޕަމެންގެ ވާހަކަތައް ކަނުލާ އެހުމަކީ ކަމީލާއަށް ފަސޭހަކަމެއް ނޫނެވެ. އޭރުވެސް ކަމީލާގެ ޚިޔާލުގައިވަނީ އެހެން ކަމެކެވެ. ޓިއުޝަން ޓީޗަރު ސަލާމް ގޮވާލާފައި ބައްޕައާއި ވާހަކަދައްކަން ފެށިއިރު ރީތި އަޑެއްގެ ވެރިއެކޭ ކަމީލާގެ ހިތަށް އެރިއެވެ. އެމީހަކު ތައާރަފުވެލީ ލޫކަސްގެ ނަމުގައެވެ. އެވަރުންވެސް ކަމީލާ އިސްއުފުލާ ބަލާލާކަށް ބޭނުމެއްނުވިއެވެ. ބައްޕަ ލޫކަސް ގޮވައިގެން ކަމީލާ އިން މޭޒާއި ކާރިއަށް ޖެހިލާފައި ކަމީލާ ތައާރަފުކޮށްދިންއިރު ކަމީލާ ގޮނޑިން ތެދުވާން ނޫޅުނުތާގައި މޭޒާއި ދިމާލަށް ބަލަންއިންއިރު ހީވަނީ އެ މޭޒުން ދުވަހަކު ނުފެންނަފަދަ ރީތި އެއްޗެއް ފެންނާތީ ގެއްލިފައި އިންހެނެވެ.
"ކައްމި ބައްޕަ އަންނާނަން ދައްތަގެ ގެއަށް ވަދެލާފައި، ދައްތަ ފާނަ ބަސަންދުޖެހިގެން ވަރަށް ބަލިކަމަށްވަނީ...." އިރްފާންގެ ޖުމްލައަށް ކަމީލާ ނިތްކުރި އަރުވާލައިފިއެވެ. ބައްޕަ ނުކުތުމުން ކަމީލާގެ ނޭފަތުގައި ޖެހިލީ ލުއި މީރުވަހެކެވެ.
"ކެމީލިއާ؟ " ލޫކަސްގެ އަޑުން ކަމީލާގެ ގައިން ހީބިހިނަގާ ގޮތްވެގެން ދިއަ ނަމަވެސް އޭނަ ރުޅިއައެވެ.
"މަގޭ ނަމަކީ ކެމީލިއާއެއް ނޫނޭ ސަރ.....އިޓްސް ކަ....." އޭނަ އިސްއުފުލާފައި ލޫކަސްއަށް ބަލާލީ އަނގަޔަށް ނުބައި ވައްތަރެއް ޖައްސާލައިގެން އިނދެއެވެ. ކަމީލާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.