"ޔަޕް ހީވަނީ ގޯސްޓެއް ފެނިގެން ހުއްޓުން އަރާފައި ހުރިހެން....."ލިއަމް ސައިކަލް ޕާކްކޮށްލަމުން އެނބުރި ބަލާލާފައި ހައިރާންކަމާއި އެކުގައި ލޫކަސްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ލިއަމްގެ އަންހެންކޮއްކޮއަކަށް ޓިއުޝަންދޭން އަހަރެން މިގެއަށް އަންނަމޭ......" ލޫކަސް ހުރީ ލިއަމްއާއި ހަތަރުކަޅި ހަމަކުރުން އުދަގޫވެފައެވެ.
"ވެލް ވަރަށް މަޖާގޮތެއް ތިވީ........." ލިއަމް އިސްތަށިގަނޑުގައި އަތްހާލާފައި ހޭންފެށިއެވެ.
"ވަޓް...." ލޫކަސް ހުރީ ސީރިޔަސްވެފައެވެ.
"އަހަރެންވެސް ހުރީ ލޫކް ކާރީ ކައްމިއަށް ޓިއުޝަންދޭން އައިސްދޭން ބުނަން، އެހެން ހުއްޓާ ބައްޕަ އަންގައިފި މީހަކު ލިބިއްޖެއޭ، ކެންސަލްކޮށްލާށޭ، ނޭގިނަމަވެސް ބައްޕަވެސް ގެންނަން އުޅުނު މީހަކީ ލޫކަސް، ކިހާބޮޑު އިއްތިފާގެއް، ތޭންކް ގޯޑް އަހަރެންގެ ވައިފް ބުނާގޮތުން ކައްމިގެ ޓީޗަރ ވަރަށް ޕްރޮފެޝަނަލް، އެކަކުވެސް ލޫކަސްގެ ނަން ކިޔައިގެން ވާހަކަނުދައްކާތީ އެކަން ސިއްރުވެފައި މިއޮތީ، ލޫކަސްގެ ނަން އިވުނުނަމަ... ތި ނޫނީ ލޫކަސް ކިޔާ މެތްސް ޖީނިއަސް އެއް ނުހުންނާނެކަން ދެން އަހަންނަށްވެސް އެނގޭނެއްނު.........." ލިއަމް ވާހަކަ ދައްކަމުން ލޫކަސް ގާތު އޭނައާއި އެކުގައި އައުމަށް އަތުން އިޝާރާތްކުރިއެވެ. ލޫކަސް އެވަގުތުއްސުރެން މޫޑު ގޯސްވެ ވާހަކަދެއްކުން މަދުވި ނަމަވެސް ލިއަމްއަކަށް ފާހަގައެއް ނުކުރެވުނެވެ. ލޫކަސްގެ ގާތް އެކުވެރިންނަށްވެސް ގިނަފަހަރު އޭނަގެ މިޒާޖު ދެނެގަތުމަކީ އުދަގޫކަމަކަށް ވެފައިވެއެވެ. އެ އަޅިދެލޮލުގައި ފޮރުވިފައިވާ ސިއްރުތައްވަނީ ފޮރުވިފައެވެ. ކާކޮޓަރިއަށް ވަންއިރު މާހާ ފިޔަވާ އެހެން މީހަކު އެތާކު ނެތެވެ. ލޫކަސް ފެނުމުން މާހާއަށް ސިހުމެއް ލިބުނަސް އެކަން އެނގުނުކަމަކަށް ނަހަދައެވެ. ލިއަމްއާއި ލޫކަސްއަކީ އެކުވެރިންތާއެވެ. މާހާ ކޮފީ އަޅާދޭން ހުރިއިރު އެ މޫނުގައިވާ އަންހެންވަންތަ ކަމާއި ލަދުރަކިކަން ލޫކަސްއަށް ފާހަގަކުރެވުނެވެ. ސާދާ ރީތި އަންހެންކުއްޖެކެވެ.
ކަމީލާ ކޮޓަރީގައި އޮތްވާ މާހާ އެތަނަށް ވަދެފައި ލޫކަސްގެ ވާހަކަ ބުނުމުން ކަމީލާގެ ހިތް ނަށާލިއެވެ. މިހާރަކަށް އައިސް އޭނަގެ މޫނުމަތިން އަބަދުހެން ފެންނަނީ އުފާވެރިކަމެވެ. އެދެލޮލުގައި އެހެން ދުވަހު ނުފެންނަ ކަހަލަ ވިދުމެއް ވެއެވެ. އެކަނިހުއްޓަސް ކަމީލާ ހުންނާނީ ހެވިލާފައެވެ. އުފާވެރިކަމަކީ ބައެއްފަހަރު ވައިރަސްއެއްފަދަ އެއްޗެކެވެ. ކަމީލާގެ ސަބަބުން އެގޭގެ އެންމެނަށްވެސް އެ އަސަރުކޮށްފައިވެއެވެ.
"ދޮންބެގެ ފްރެންޑަކަށް ވެދާނެކަމަކަށް ހިޔެއްވެސް ނުކުރަން، ސަރއާއި ދެން ނުވެސް ގުޅޭ ދޮންބެގެ ފްރެންޑަކަށް ހުންނާކަށް، މަ އަންނާނަން ތައްޔާރުވެލައިގެން، ސަރ އައީމަ ފެނިލަންވާނެއްނު ދޯ...." ކަމީލާ ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ. މޫނުދޮވެލައިގެން ކްރީމްކޮޅެއްލާފައި އަނދުން އަޅާލުމުން އޭނަގެ ރީތި ދެލޮލުގެ ޗާލުކަން އެތައްގުނަ އިތުރުވިއެވެ. ރަތްކުލައާއި ކަޅުކުލައިގެ ހަރުވާޅު ހެދުމެއްލައިގެން ގުޅޭގޮތަށް ސްކާފް އަޅާލުމަށްފަހު ކަމީލާ ހަރުކޮށް ހިނގާލާފައިގޮސް ކާކޮޓަރިއާއި އަރާހަމަވިއިރު ލޫކަސްވެސް ނުކުމެގެން އައީއެވެ. ލޫކަސް އައި ބާރުމިނުގައި ކަމީލާގެ ގައިގާ އަޅައިގަތްތަން ފެނިފައި ރުޅިގަދަވީ ލިއަމްއެވެ. ލިއަމްގެ ބުމަގޮށްޖެހުނީ ބޭއިޚުތިޔާރުގައެވެ. އޭނަގެ ކޮއްކޮއާއި ލޫކަސްކަހަލަ ޒުވާނަކު އެކަށީގެނެއްނުވެއެވެ. ލޫކަސްއަކީ ހަގީގަތް އެނގޭމީހެއް ނޫނެވެ. ގާތުން އުޅޭއިރުވެސް ލޫކަސް ދަސްވެފައިނުވާކަމަށް ލިއަމް ގަބޫލުކުރެއެވެ.
"ސޮރީ ސަރ...." ކަމީލާ ރަކިވެފައި ދުރަށް ޖެހިލީއިރު މޫނުމަތިން ފެނުނު ކުލަވަރުތަކުން ލިއަމްގެ ހިތަށް ބިރުވެރިކަންވަނެވެ. ލޫކަސްގެ ރީތިކަމުގެ ޖާދޫގައި ކޮއްކޮ ޖެހިގެން ނުވާނެއެވެ.
"އިޓްސް އޯކޭ...." ލޫކަސް އެއްމިޔަކަނުން ހީލާފައި ލިއަމްއަށް ބަލާލިގޮތަށް ލިއަމްއާއި ވާހަކަދައްކަންފެށިއެވެ. ދޮންބެ ހުރުމުން ކަމީލާއަށްވެސް އިތުރަށް ލޫކަސްއަށް ތުއިދައްކަން ނުކެރިފައި ކާކޮޓަރި ތެރެއަށް ދެމިގަތީއެވެ. ދޮންބެގެ އެކުވެރިއަކަށް ލޫކަސްވީކަމަށްޓަކައި ކަމީލާގެ ހިތް އުފަލުން ފުރުނެވެ. ލޫކަސްގެ އަތުގައިވާ ބެންޑޭޖް ފެނިފައި އެކަމާވެސް ކަމީލާ ދެރަވެގެން އުޅުނެވެ. ލޫކަސްގެ ރީތި ހަށިގަނޑަށް ކުޑަ ކަށްޓެއް ހެރިލާކަށްވެސް ކަމީލާ ނޭދެއެވެ. އެވަރު ކަމަކާއިވެސް ކަމީލާގެ ހިތަށް އެހާ ތަދުވި ސަބަބަކީ އެއީއެވެ.
ލޫކަސް އާއި އޭނަގެ އެކުވެރިން ރެސްޓޯރެންޓްގެ މަތީބައިގާ ތިބިއިރު އެތާ ދިއްލާލާފައިވާ އުއްބައްތިތަކުގެ އަލީގައި ލޫކަސްގެ ރީތި މޫނުފެންނަލެއް ވަރަށް ހިތްގައިމެވެ. ލޫކަސްފިޔަވާ އެތާ މާތްވައްތަރު ޖަހާ ޒުވާނެއްނެތެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި ކަރުގައި ފަށް އަޅައިގެން ތިބިއިރު ގޭންގްގައި އުޅޭ މީހުންނޭ ނޫނީ ނުބުނެވޭނެއެވެ.
"އަހަރެން ގަބޫލެއްނުކުރާނަން، ހަމަ ރަގަޅަށްވެސް ކަމީލާ އެ ފަޅުގެއަށް ގެންދިޔައީތަ؟ އެހާ މުއްސަދިނޫނަސް އެއީ މިރަށު ކަތީބެއްގެ ކާފަދަރިފުޅު، އިރްފާން އަބަދުވެސް ނިކަން ބޮޑާވާނެ ނަސަބު މޮޅުމީހުންނަށްވީމަ، ކޮންމެވެސް ރަސްކަލެއްގެ ދަރިކޮޅުންނޭ އެމީހުން އައިސްފައިތިބީ، ފިރިހެންކުއްޖަކު ކަމީލާއާއި ދިމާލަށް ބަލާލައިގެންވެސް ކަމަކުނުދާނެ، ލޫކަސްއާއި ކަމީލާ ވާހަކަދެއްކިޔަސް އޭނަ ލޫކަސްގެ އެނދާއި ހަމަޔަކަށް ނުގެނެވޭނެކަން މަށަށް ޔަގީން، އެކުއްޖާ އެހެރަ އަޅާފައި ހުންނަ ކަޅުބުރުގާއަކާއި ދޫހެދުންތައްވެސް ބަލާބަލަ....." މިޝާލް އިނީ ސިގްރެޓެއް ތުނބުގައި ޖަހާލައިގެންނެވެ.
"ކޮށްފައި ފޮޓޯ ދައްކަންވީތަ؟ " ލޫކަސް އިނީ ދެއަތްތިލަ ގުޅުވާލައިގެންނެވެ.
"ވީޑިއޯ އެއް މަ ބޭނުމީ، އެކަމަކު މަ ހުވާކޮށްފައި ބުނެފާނަން ކަމީލާ ހިތުން ރުހުމުން އެކަހަލަ ކަމެއް ކުރަން އެއްބަސްނުވާނެކަން، އަހަރެން ގަބޫލެއް ނުކުރާނަން އެއްޗެއް ބޯންދީގެން ކަމެއްކުރުވީމަ، ނޫނީ ރޭޕްކުރިޔަސް އެއީ އަދި ޝަރުތު ފުރިހަމަވީއެއްނޫން، ދެމީހުން ލޯބިން ރޮމެންޓިކް ވީޑިއޯއެއް ކުޅެލަންވީ، ޔޫޓިއުބަށް ލީމަ ސަޅިވާނެ، އަހަރެން އުޅެ އުޅެ ކާމިޔާބެއްނުވި، ލޫކަސްއަށްވެސް ވާނެހެން ހިޔެއްނުވޭ، އެއީ ހިތުން ވަރަށް ޝާހީ ބަޔެއް.........." މިޝާލް އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ލޫކަސް އާއި އިރްފާންގެވެސް ދުޝްމިންކަމެއްވާ ކަމެއް ނޭގުނެވެ. ލޫކަސްއާއި އެކުވެރިންގެ ހުނުމާއި ސަކަރާތްޖެހުމުގެ އަޑު ދޭތެރެއަކުން ފަޒާގައިވާ ހިމޭންކަން ނަގާލައެވެ.
"ލިއަމްއަށް އެނގިއްޖެއްޔާ ކަލެއަށް ވާނެގޮތަކާއިމެދު ވިސްނާލިންތަ؟ " ހާޝިރު ކިޔާލިއެވެ.
"ލިއަމް ވިސްނާގޮތެއް އަހަންނަށް މުހިއްމެއްނޫން......" ލޫކަސްގެ ހިތުގައިވާ ކަމީލާ ހާސިލުކުރުމުގެ އަޒުމް ވަރުގަދަވިއެވެ.
ތުނިކޮށް ވާރޭވެހެމުން ދިޔައިރުވެސް ކަމީލާއަށް ލޫކަސްގެ ގާތަށް ނުގޮހެއް ނުހުރެވުނެވެ. އެންމެން ނަމާދަށް ވަންގަޑި ބަލާލާފައި ސިއްރުސިއްރުން ކަމީލާ ނުކުމެގެން ދިޔަތަން ސިއްރުން ބަލަން މީހަކު ހުރިކަމެއް ކަމީލާއަކަށް ނޭގުނެވެ. ސިއްރުސިއްރުން ފިޔަވަޅު އަޅަމުންގޮސް ގެއާއި އިންވެގެން އޮތް ފަޅު ގޯތްޗަށް ވަންއިރު އެހެން ރެއަށްވުރެވެސް އަނދިރިކަމަށް ދައްކައެވެ. ހިމަފޮދުވާރޭގެ ސަބަބުން ކަމީލާގެ ގައިން ހީބިހިނެގިއެވެ. ގެއެއް އިމާރާތްކުރަން ފެށިގޮތަށް އެއްބައި ހިޔާކޮށްފައި އެހެން ހުންނަތާ އެތައް ޒަމާނެއްވެއްޖެއެވެ. ވާރޭ ތަންކޮޅެއް ބޯކޮށްލުމުން ހިޔާވެލާނެގޮތެއް ނޭގިފައި ހުރެ ކަމީލާ ދުވެފައިގޮސްވަނީ އެ އިމާރާތުގެ ތެރެއަށެވެ. އޭނަ މިކަންތައްކުރީ ރަގަޅަކަށް ނޫނެވެ. ވާރޭ ވެހެންޏާ ދާންވީ ގެއަށެވެ. އެހެންނޫނަސް ލޫކަސް އަންނާނެކަމެއް އެނގެނީއެއް ނޫނެވެ. ކުއްލިއަކަށް ކަމީލާގެ ކުރިމަތީގައި އެއްޗެއް ޖެހުނުހެން ހީވެފައި ކަމީލާއަށް ހަޅޭއްލަވައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްލާފައި ބަލާލިއިރު ފަހަތުގައި ހުރީ ލޫކަސްއެވެ. އަނދިރީގެ ތެރެއިން އޭނަ ހިޔަންޏެއްހެން ފެނުނުއިރުވެސް ހާދަ ސްމާޓެވެ. ލޫކަސް ފޯނުން އަލިކޮށްލިއެވެ.
"ކައްމި، ބިރުގަންނަވާލެވުނީތީ ސޮރީ، ދެލޯ ދިއްލިފައިވާއިރު ވަރަށް ރީތި، ޔޫ ލުކް ސޯ ޕްރިޓީ....... " އަނދިރިކަން ވެރިވެފައިވާ އިމާރާތުގެތެރޭގައި ލޫކަސް މަޑުމަޑުން ދެއްކި ވާހަކަތައްވެސް ގުގުމައިގެން ދިޔައެވެ. ލޫކަސްގެ ޖުމްލަތައް ކަމީލާގެ ހިތުގައި ބީހިލިއެވެ. ލޫކަސްގެ ދުލުން އެފަދަ ފޮނި ލަފުޒުތަކެއް އަޑުއަހަން އޭނަ ކެތްމަދުވެފައިހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ ހިތަކީ އަޖައިބެއްފަދަ އެއްޗެކެވެ. ލޯބިވާންވެއްޖެއްޔާ ލަހެއް ފަހެއް ނުވާނެއެވެ. ރީތި މީހުންވެސް ކަމީލާގެ ހަޔާތަށް އައެވެ. އެއްވެސް މީހަކަށްޓަކާ އޭނަގެ ހިތުގައި މިގޮތަށް ވިންދު ޖަހާފައެއްނުވެއެވެ. ވިސްނި ވިސްނިހެން ކަމީލާއަށް މި އިހުސާސަށް ދޭނެ ނަމަކަށް ފެނުނީ ލޯބިއެވެ. އޭނަ އަށް ލޫކަސްދެކެ ލޯބިވެވިއްޖެއެވެ. ނޭގެނީ މި ލޯބީގެ ނިމުމަކީ ކޮބާކަމެވެ.
"ތެންކިއު...." ކަމީލާ ލަދުން އިސްޖަހާލިއެވެ.
"މާބުރަށް ނުޖެއްސޭ މަލެއްވޭ ބާވައޭ މަގޭ ހިތަށް އަބަދުވެސް އަރާ، އަބަދުވެސް އަހަރެން ބޭނުންވަނީ ފަސޭހައިން ނުލިބޭއެއްޗެއް، އެއީ ކީއްވެކަމެއް ނޭގޭ، އަހަރެން ވަރަށް ސެލްފިޝްތަ؟" ލޫކަސް ގެ ތުންފަތުގައި މާނަވީ ހިނިތުންވުމެއްވިއެވެ.
"ކީކޭ ތިބުނީ؟ " ކަމީލާގެ މައުސޫމްކަމުން ލޫކަސް އެފަދަ ގޮތަކަށް ވާހަކަދެއްކުމުން އެކައްޗެއްވެސް ވިސްނުމަކަށް ނައެވެ.
"ވަރަށް ނައިވް ދޯ....." ލޫކަސް ކުޑަ ހީލުމަކާއިއެކު ބުނެލިއެވެ.
"އެނގޭކަހަލަ ބަހަކުން ވާހަކަދައްކަބަލަ ލޫކަސް...." ކަމީލާ ހީލިއެވެ.
"މިދައްކަނީ ދިވެހި ބަހަކުން ނޫންތަ؟ " ލޫކަސް ބުމަ އަރުވާލިއެވެ. ލޫކަސް ފޯނުން އަލިކޮށްގެން ހުރީމަ އުދަގޫވެގެން އެންމެފަހުން ކިޔަން ފެށުމުން ލޫކަސް ފޯނު ނިވާލައިފިއެވެ. ކަށްވަޅުފަދަ އަނދިރިކަމުގެ ތެރެއަށް އެތަން ގެނބިގެންދިޔައެވެ. ވާރޭ ހުއްޓާލީވެސް ހަމަ ކުއްލިއަކަށެވެ. އެއާއިއެކު ވިދުވަރުގެ އަލިން މުޅިތަން އަލިވެގެން ދިޔުމާއިއެކު ކަންފަތް ބައްވާހާ ބާރަށް ގުގުރާލިއެވެ. ކަމީލާއަށް ހުރެވުނުތަނެއްވެސް ނޭގެއެވެ. ލޫކަސްގެ އަތުތެރެއަށް ވަދެވުނީ އިޚުތިޔާރަކާއި ނުލައެވެ. ލޫކަސްވެސް އެ ފުރުސަތުގެ ބޭނުންކުރިއެވެ. އަތުގެ ހިމާޔަތް ކަމީލާއަށް ދިނީ ފާޑަކަށް ހީލަމުންނެވެ.
ކަމީލާ ތެމިފޯވެގެންހުރެ ގެއަށް ވަންނަން އައިއިރު ނަސީބަކުން ސިޓިންރޫމްއޮތީ ފަޅަށެވެ. ކޮޓަރިއަށް ވަންގޮތަށް ހިކިލައިގެން އޭނަ އެނދަށް އަރާ ރަޖާދަށުގައި ބޮނޑިވެލައިގެން އޮތްއިރު ފިނިވެގެން ރޫރޫއަޅައެވެ. އެކުރެވުނު ކަމަކާއިމެދު ލަދުވެތިވީ ވަރަށް ބިރުވެސް ގަތެވެ. އުފާވެސްވިއެވެ. އެރޭ ނިދިވަނީ ލޮލާއި ރުޅިވެފައެވެ. ކިތަންމެވަރަކަށް އެނދުގައި ފުރޮޅި ފުރޮޅިއޮތަސް ނިދީގެ އެއްވެސް އަރާމެއް ނުލިބުނެވެ. ލޫކަސްގެ ޚިޔާލުގައި އެހެން އޮވުމުން ހިތަށް ފޮނި މީރުކަމެއްވެސް ލިބުނެވެ. އަދިވެސް ނާރުތައްވަނީ ހަލަބޮލިވެފައެވެ. އެ ބާރުގަދަ އަތުތެރޭގައި ވާހެން ހީވިއެވެ. ކަމީލާ ބާލީހުގައި ބާރަށް ބައްދާލަމުން ދެލޯ މަރާލިއެވެ.
"ލަވް ޔޫ ލޫކް، މައި ޕްރިންސް....." ކަމީލާއަށް ކިޔާލެވުނެވެ.
ހަތަރުމަސް ކުރިން
އިރްފާން ލިއަމްމެންގެ މަންމަ އާތިކާ ގޮވައިގެން އިންޑިއާއަށް ބޭސްކުރުވަން ދިޔައީ އާތިކާގެ ނަފްސާނީ މައްސަލަބޮޑުވެގެން ސަލާމަތްނުވާ ހިސާބަށް ދިޔުމުންނެވެ. ޑިޕްރެޝަންއަށް މީހާގޮސް ދެތިންފަހަރު އަމިއްލައަށް މަރުވާން އާތިކާ އުޅުނެވެ. އެހާލުގައި އުޅުނުއިރުވެސް ލިއަމްއަށްޓަކާ އާތިކާގެ ހިތުގައި ވާ ޚާއްސަކަމަކުން ލިއަމް ކިޔަވަން ހުރެ ގުޅާލީމަ އާތިކާ ގެ ސިކުނޑި ހަމަޔަކަށް އެޅި ދަރިފުޅާއި ވާހަކަދައްކަނީ ރީތިކޮށެވެ. މޮޔަ ވާހަކައެއް ލިއަމް ގާތަކު އާތިކާ ނުދައްކައެވެ. އިރްފާން މަންމަ ގޮވައިގެން ބޭސްކުރުވަން ދިޔަކަމެއްވެސް ލިއަމްއަކަށް ނޭގެއެވެ. ލިއަމް ރަޝިއާގައި ކިޔަވަން ހުއްޓާ މަންމަ ނިޔާވި ޚަބަރު ލިބުމުން އިންޑިއާއަށް އަންނަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނަސީބުދެރަކަމުން ފުރަންގޮސް ހުއްޓާ އޭނަގެ ދަބަސްވަގަށް ނަގާ ޕާސްޕޯޓް ގެއްލި ހައްޔަރުވީއެވެ. މަންމަގެ އެންމެ ފަހު ވަގުތު ގާތުގައި ނުހުރެވުމުން ލިއަމް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ކަރުނަ އަޅާ ރުޔެވެ. އޭނަގެ ފަރުވާކުޑަކަމުން ވީހާ ކަންތަކެވެ. މަންމަ ދޮންބައްޕަގެ ރަހުމް ކުޑަ އަނިޔާތަކުގައި އުޅުނުއިރު އޭނައަށް އެކަންވެސް ނުހުއްޓުވުނެވެ.
އިރްފާން މާލެ އައީ އާތިކާގެ މަރުގެ ސެޓްފިކެޓް ހިފައިގެންނެވެ. ލިއަމް އެ ސެޓްފިކެޓް ބަލާކަށްވެސް ބޭނުމެއް ނުވިއެވެ. މަންމަ މަރުވީކަން ޔަގީންވުމުން ހިތަށް މާތަދުވެދާނެއެވެ. ލިއަމް އަބަދުވެސް ނަމާދުކޮށްގެން މަންމައަށް ރަހުމަތްލެއްވުމަށް އެދި ދުއާކުރިއެވެ. އޭނަގެ ހިތާމަތައް ފިއްލެވުމަށް އެދި ދުޢާވެސްކުރިއެވެ. އާތިކާގެ އާއިލާ މީހުން އުޅެނީ އެހެން ރަށެއްގައިކަމުން އެމީހުންނަށް އިރްފާންގެ ހަގީގަތެއް އެނގިފައެއްނުވެއެވެ. ޝައްކުވާން ފެށީ ކޮންމެވެސް މީހަކު އިންޑިއާއަށް ގޮސްފައި އާތިކާ އެރަށެއްގެ މަގުމަތިން ފެނިފައިވާކަމަށް ބުނުމުންނެވެ. އާތިކާގެ ކޮއްކޮއަކު ލިއަމްއަށް ގުޅާފައި މަންމަ މަރުވިކަން ޔަގީންހެއްޔޭ އަހާލުމުން ލިއަމްއަށް ޝޮކެއް ލިބުނެވެ. އިންޑިއާގެ ކޮޗިން އިން އެފެނުނު އަންހެނަކީ އޭނަގެ މަންމައަށް ހަމަ ވެދާނެހެއްޔެވެ؟ ލިއަމް އިރްފާންގާތުގައި ސެޓްފިކެޓް ދައްކަން އެދުމުން އިރްފާންގެ ލޮލުން ނުތަނަވަސްކަން ފެނިލިހެން ހީވިއެވެ. ނަމަވެސް އިރްފާން ލިއަމްއަށް ޝައްކުވިޔަކަ ނުދިނެވެ. އެ ސެޓްފިކެޓް ފެނުމާއިއެކު ލިއަމްގެ ހިތުގައި އެތައް ޝައްކުތަކެއް އުފެދި ހިތަށް ނުބައިގޮތެއްވިއެވެ. އޭނަގެ މަންމަގެ މަރުގެ ހަގީގަތް އޮޅުން ފިލުވަން ކޮންމެހެންވެސް ބޭނުންވެ އިރްފާންގެ ގާތުގައި އާދޭސްކުރަންފެށިއެވެ. މަންމަ މަރުވެފައިވާކަން ޔަގީންކޮށްދޭން ފޮޓޯއެއްނަމަވެސް ދައްކާދޭން އެދުނެވެ.
"ލިއަމް ތިބުނަނީ އަހަރެން އާތިކާ މަރާލީއޭތަ؟ " އިރްފާން ހަޅޭއްލަވައިގަތްއިރު ކަނދުރާގެ ނާރުތައް ފުއްޕާލާފައިވެއެވެ.
"އެހެނެއްނޫން، ނަމަވެސް މަންމަ ނިޔާވިކަމުގެ ހެއްކެއް ސެޓްފިކެޓްގެ އިތުރުން ބޭނުން، ފޮޓޯއެއް ނަމަވެސް....." ލިއަމް ހުރީ ރުޅިމައިތިރިކޮށްލައިގެންނެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް އޭނަ ކެތްކުރިއެވެ. އިރްފާން ކަންތައްތަކެއް ފޮރުވާކަން އެލޮލަށް ބަލާލީމަވެސް ލިއަމްއަށް ވިސްނުނެވެ. ކުރިން އޭނަ އެހާ މޮޔަވީ ކީއްވެހެއްޔެވެ؟ އިރްފާންއާއި މަންމަގެ ޒަވާޖީ ހަޔާތުގައި މައްސަލަޖެހިފައިވާ މިންވަރު އެންމެ ދެނެހުރިމީހަކީ ލިއަމްއެވެ. ގެއަށް ވަންނާންވިޔަސް އޭރު ލިއަމްގެ ބޯ ހަލާކުވާވަރުވެއެވެ.
"އާތިކާ އަމިއްލަ ގައިގާ ރޯކޮށްލައިގެން މަރުވީ، މުޅިމީހާ އޮތީ އަނދާ ހުލިވެފައި، އަހަރެން ހުރީ ހަގީގަތް ހާމަނުކުރަންކަމަށް، އެކަމަކު ލިއަމް ތިހެން އަހާތީ އަހަންނަށް މަޖުބޫރުވީ ބުނަން، އާތިކާ މަރުވީ އަމިއްލައަށް" އިރްފާން ސެޓްފިކެޓްގައި ސުއިސައިޑް ލިޔެފައި އިންތަނުގައި އިނގިލިޖެއްސިއެވެ. ލިއަމް ގަބޫލެއް ނުކުރެއެވެ. އަމިއްލައަށް މަރުވިއްޔާ މަރުގެ ތަފްސީލުވެސް އިންނާންޖެހޭނެއެވެ. އިންޑިއާގައި ފޭކް ސެޓްފިކެޓް ހެއްދުމަކީ ފައިސާހުރިއްޔާ ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. ލިއަމްވަނީ އެފަދަ ކިތަންމެ ވާހަކަ އަޑުއަހާފައެވެ. ލިއަމް އިރްފާންއާއި ޖަދަލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނަ ބޭނުމީ އިންޑިއާއަށް ގޮސްގެން މަންމައަށް ބޭސްކުރި މެންޓަލް ހޮސްޕިޓަލަށް ގޮސްފައި ހުރިހާ ކަމެއް އަމިއްލައަށް ދެކެ ހަގީގަތް ހޯދުމެވެ. އެއީ ލިއަމްގެ ވާޖިބެކެވެ.
މަންމަ މަރުވިކަމަށް އިރްފާން ބުނިތާ މިހާރު ހަތަރުމަސްވީއެވެ. މަންމަގެ މަރާއިމެދު ކުރެވުނު ޝައްކުތަކެއްގެ ބޮޑުކަމުން ވަގުތުން ލިއަމް ކޮޗިންއަށް ދާންފުރިއެވެ. އާއިލީ ޒިންމާ ނަގައިގެން އޭނަ ފުރައިގެން ދިޔައިއިރު އެންމެން ގާތުބުނީ އޭނަ ދަނީ މާލެކަމުގައެވެ. ފުރިއިރު މަންމަމެން ކާރިއަށް މާހާ ފޮނުވާލިއެވެ. ދޮންބައްޕައަށް ލިއަމް ކުރި އިތުބާރު މުޅިންހެން ގެއްލިފައިވާތީ އެނޫންގޮތެއް ލިއަމްއަކަށް ނުފެނުނެވެ. މާމަ ހުރުމުން ކޮއްކޮމެންނަށް ރައްކާތެރިކަން ލިބޭނެއެވެ. އެހެންނޫނަސް އިރްފާންއަކީ އަމިއްލަ ދަރިންނާއި ބެހޭ ޒާތުގެ މީހެއްނޫނެވެ. މިވީހާތަނަށް އެފަދަ އަމަލެއް އިރްފާންގެ ފަރާތުން ފެނިފައެއް ނުވެއެވެ. ހުރިހާކަމަކަށްވުރެ ލިއަމްއަށް މުހިއްމުވެފައިވަނީ މަންމަގެ މަރުގެ ހަގީގަތް ރަގަޅަށް ހޯދުމެވެ.
ލިއަމް ފުރިއިރު އިރްފާންވަނީ މީހަކާއި އިންނާން ތައްޔާރުވެފައެވެ. އަންހެންކުއްޖާއަކީ ރަގަޅު އާއިލާއެއްގެ ކުއްޖަކަށްވިޔަސް ވަރަށް ނިކަމެތިކޮށް އުޅޭބަޔެކެވެ. އުމުރުން އަދި ފަންސަވީހަކަށް އަހަރެވެ. ބައްޕައާއި އެއް އުމުރެއްގެ މީހަކާއި އިންނަން މަޖުބޫރުވީ އޭނަގެ ނިކަމެތި ހާލެވެ. އިރްފާން އާ މަންމައެއް ގެއަށް ގެންނަން އުޅޭ ވާހަކަ ކަމީލާމެންގާތުގައި ދެއްކީ އިރްފާންގެ ކޮއްކޮ އާރިފާއެވެ.
"ކައްމިއަށް އެނގޭތަ؟ ދޮންބެ ފުރައިގެން އެދިޔައީ މަންމަ މަރުނުވާކަމަށް މީހަކު ކިޔައިގެންނޯ، ބައްޕަ ދޮގުހަދަނީކަމަށް ލިއަމް ކުއްލިއަކަށް ގަބޫލުކުރަންޖެހޭތަ؟ ލިއަމްވެސް ދެން މާ ކަންތައްބޮޑުކޮށްލައިގެން އެއުޅެނީ، މިޒަމާނުގައި މީހަކު އިންޑިއާއަށް އެއްލާލާފައި އަޔަސް ރާއްޖެއަށް އެންގުމަކީ އުދަގޫކަމަކަށް ނުވާނެ....." އާރިފާ ދެއްކި ވާހަކައަކުން ކަމީލާ އިނީ އަނގަ ހުޅުވިފައެވެ. ހިތް ތެޅެންފެށީ އާދަޔާ ޚިލާފަށެވެ. ވެދާނެކަމެއްކަމަށް ދުވަހަކު ހީނުކުރާކަމެއް ވާން އުޅުނީމަ ދެން ކޮންމެ އިންސާނަކަށްވެސް އެފަދަ އަސަރެއްކުރާނެއެވެ. މަރުވެއްޖެ މީހަކު އަނބުރާ އައުމަކީ މުސްތަހީލުކަމެކެވެ. ބައްޕަ ވަނީ މިރަށު މިސްކިތުގައި މަންމައަށް ކަށުނަމާދު ކުރުވާފައެވެ.
"މަންމަ މަރެއްނުވޭތަ؟ " އީކާވެސް ދެލޯ ބޮޑުކޮށްލައިގެން ކަމީލާއަށް ބަލާލީ އެކަން ޔަގީންކުރުމުގެ ބޭނުމުގައެވެ.
"ގޯޑްވިލިން......."ކަމީލާ ބޭނުންވީ ވަގުތުން ދޮންބެއަށް ގުޅާށެވެ.
"ދޮންބެ ބުނިތަ؟ " އީކާ ކަމީލާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ.
"ނޫން، ދޮންބެ އެދިޔައީ ސިކްރެޓް މިޝަންއެއްގައި، ރައިޓް ނައު ދޮންތީ ބޭނުން ދޮންބެއާއި ކޮންޓެކްޓްކުރަން....." ކަމީލާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. މިލިބުނު ޚަބަރެއްގެ ބޮޑުމިން ހިތަށް ގެނެވި ކަމީލާއަށް އާދަޔާ ޚިލާފު ފޯރިއަކާއި ޖޯޝެއްލިބިއްޖެއެވެ. މަންމަ ދުނިޔޭގައި ހުރެއްޖެއްޔާ އޭނަ ދިހަ ރޯދަހިފަން ނަދުރު ބުނެލިއެވެ. އެއީ އެކުވެރިކުދިންކޮށް އުޅޭކަމެކެވެ. ފާސްވެއްޖެއްޔާ ކޮންމެވެސް ކަމެއްކުރަން ނަދުރު ބުނުން އެއީ އާދައެކެވެ. ކަމީލާ މިވީހާތަނަށް އެފަދަ ކަމެއްކޮށްފައެއް ނުވެއެވެ. ހަޔާތުގައި ކަމަކަށް މިހާ އެދުނުކަމެއް ނޭގެއެވެ. ލޫކަސްއާއި ހެދި މޮޔަވިއިރުވެސް ނަދުރެއް ބުނެލާކަށް ހިތަކަށް ނޭރިއެވެ. ކަމީލާ ގެ ފައި ބިންމަތީގައި ހަރުނުލައެވެ. އޭނަ އެފްބީއާއި ޓްވިޓަރއަށް ވަދެފައި ދޮންބެގެ ޚަބަރެއް ވޭތޯ ބަލާލިއެވެ. މެސެޖްކޮށްލިއެވެ. އެހާ އުފަލުން ހުއްޓާ އާރިފާ ދައްތަ ދޮގުހެދިކަން އެނގިއްޖެއްޔާ އޭނަގެ ހިތް ހަލާކުވެދާނެއެވެ. ކަމީލާއާއި އީކާއަށް މަންމަ ހާދަ މުހިއްމެވެ.
ޕްލީޒް މަންމާ، ކަމް ބެކް، އަހަރެމެން މަންމައަށް ހާދަ ބޭނުންވެޔޭ...." ކަމީލާ ގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. ކަމީލާ އެފަދަ އުފާވެރި ޚަބަރެއްލިބުމުން ނަމާދުކޮށްގެން ހެއްދެވިފަރާތަށް އެތައްފަހަރު ޝުކުރުކުރިއެވެ.
ލޫކަސްގެ މަގުސަދު ހާސިލުކުރަން އޭނަ ބޭނުންވަނީ ގެސްޓްހައުސްއެއް ނޫނީ ހޮޓަލެއްގެ ކޮޓަރިއަކަށް ކަމީލާ ގެންދާށެވެ. ލޫކަސް ނުދެނެހުރިކަމަށް ހަދާލާފައި އެކަހަލަ ވާހަކައެއް ބުނުމުން ކަމީލާ ބުނީ ނުކެރޭނެކަމަށެވެ. ސިއްރުސިއްރުން އެފަޅުގެއަށް ވަންނާން ކެރުނަސް އެހެން ތަނެއްގައި ބައްދަލުކުރުމުން މީހުން ވާހަކަ ދައްކަންފަށާނެކަމުގެ ހަނދާންކޮށްދިނެވެ. ކަމީލާގެ މަންމަވަނީ ކަމީލާއަށް އަބުރުވެރި ދިރިއުޅުމެއް އުޅެން ދަސްކޮށްދީފައެވެ. މީހުންގެ ތެރޭގައި އުޅެންވާ ގޮތްތައް ކިޔާދީފައެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއްނޫންކަން ކިތަންމެ ފަހަރަކު ހަދާންކޮށްދީފައެވެ. އެހުރިހާ ވާހަކައެއް ކަމީލާވަނީ ލޫކަސްގާތު ކިޔާދީފައެވެ.
ލޫކަސް ބެލްކަނީގައި ހުރެ ސިގްރެޓަކަށްފަހު ސިގްރެޓެއް ހުލިކުރަމުންދިޔައެވެ. އުޑުމަތީގައި ހަނދު ފަޅިއެއްހެން ފެންނަން ހުރިއިރު ކުދި ތަރިތައް ހަނދުގެ ދަރުބާރުގައި ފިޔަޖަހާތަން ފެންނަލެއް ބަލާބަލާ ފޫއްސެއް ނުވާނެއެވެ. ލޫކަސް ދެކޭގޮތުން އަންހެންކުދިންވެސް އޭނަގެ ދިރިއުޅުމުގައި އެގޮތަށް އަބަދަށްޓަކާ ފިޔަޖަހަން ތިބޭނެއެވެ. ހަޔާތަށް އައިސްފައިވާ ކުދިން ގުނާލަން އުޅުނަސް އޭނަ ހަދާނެއްނެތެވެ.
"މިރޭ ނާންނަނީތަ ލޫކް..." ކަމީލާ މެސެޖްކުރިއެވެ.
"ބަލިކަމުން ނުތެދުވޭ، އަހަންނަށް ވިޒިޓް ނުކުރާނަންތަ ބޭބީ..." ލޫކަސް ހިނިތުންވެލާފައި ޖަވާބުދިނެވެ. ކަމީލާ ހައްލާލުމަކީ ލޫކަސް ހީކުރިހާ ފަސޭހަކަމަކަށްނުވިއެވެ. ނަމަވެސް އޭނަހުރީ ކާމިޔާބު ނުވަނީސް ހުއްޓާނުލާށެވެ.
"ކޮންތާކަށް ދާންވީ؟ " ކަމީލާ ވާހަކަދެއްކީ ދެފިކުރެއްގައި ހުރެއެވެ.