"ޖެހިގެން އޮތް ގޯޅިގަނޑުގައި ތިހިރީނު ލާޝް ގެސްޓްހައުސް، އެތަނަށް އަންނަން ކެރޭނެ؟ ދަންނަ މީހަކާއި ދިމާވެއްޖެއްޔާ ބުނޭ އެކުވެރިއަކު ދައުވަތުދީގެން ދަނީއޭ...." ލޫކަސް ތިރިއަށް ދާންހިނގައިގަތެވެ. ކަމީލާ އޭނަ ބުނާ ކޮންމެކަމެއް ކޮށްދޭނެއެވެ. އެހެންނޫންނަމަ އެހާ އަވަހަށް ދާންވީ ތަނެއް ނާހާނެއެވެ. ލޫކަސްއަށް ލިބުނު ކާމިޔާބު އެ ތުންފަތްމަތީގައި ހިނިތުންވުމެއްގެ ސިފައިގާ ކުޅެލައެވެ. ކަމީލާއަށް ގުޅައިގެން ހުރެ ވާހަކަދައްކަމުންގޮސް ގެސްޓްހައުސްއަށް ވަދެފައި އޭނަ ރޫމެއް ހޯދަން ރިސެޕްޝަނާއި ވާހަކަދެއްކިއެވެ. އެކަން ވަރަށް ފަސޭހައިން ހަމަޖެހުނެވެ. ލޫކަސްއަށް ބަލާލާފައި އޭނަ ހީވަނީ މާތް ރަގަޅު މީހެއްހެނެވެ. ކޮންމެ މީހަކަށްވެސް އެ ރީތިކަމުގެ ދަލުގައި ޖެހި މަގުއޮޅިދާނެއެވެ.
ކަމީލާ ރީތިވާން ހުރި އިރު އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ. ލޫކަސް ބަލިވެއުޅޭއިރު ހާލުދެކެލަން ނުދަންޏާ އޭނަވާނީ ކޮންކަހަލަ ލޯބިވެރިޔަކަށް ހެއްޔެވެ؟ ފަޅުގެއެއްގައި އެކަނި ބައްދަލުކުރިއިރު ލޫކަސްގެ ހިތް ގޯސްނުވާކަމުގައި ވާނަމަ މިހާރު އިތުބާރު ނުކުރާންވީ އެއްވެސް ސަބަބެއްނެތެވެ. އޭނަ ލޫކަސްއަށް އިތުބާރުކުރެއެވެ. ނުބަޔެއް ނަހަދާނެކަމުގެ ޔަގީންކަން އެބައޮތެވެ. ކަމީލާގެ ބިރަކީ އޭނަ އެތަނަށް ދަނިކޮށް އާއިލާ މީހަކަށް ފެނިގެން ސުވާލުކޮށް ބައްޕަގެ ކަންފަތާއި ހަމަޔަށް އެވާހަކަ ފޯރަފާނެތީއެވެ. ބައްޕަ އާއްމުކޮށް މަޣުރިބު ނަމާދަށް ދާމީހާ ގެއަށް އަންނާނީ އިޝާ ނަމާދުކޮށް ނިމިގެންނެވެ. ދެ ނަމާދު ދޭތެރޭގައި މިސްކިތު ބޭރުގައި ބައްޕަ އެކުވެރިންނާއި ސިޔާސީ ވާހަކަދައްކަން ހުންނަކަމަށް މީހުން ކިޔާއުޅެއެވެ. ސިޔާސީ ވާހަކަ ދެކެ ކަމީލާ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. އެކަންތަކަށް ގޮސް މީހުން ހުސްވެފައިވާރުން ބޮޑުވަރޭ ކަމީލާގެ ހިތަށް އަރައެވެ.
ހަތްގަޑިބައިވީއިރު ކަމީލާ ތައްޔާރުވެލައިގެން ނުކުމެވުނީ އޭނަގެ ބައްޕަގެ ކުރިމައްޗަށެވެ. ކަމީލާ އެހާވަރަށް ރީތިވެލައިގެން ސެންޓް ޖަހާލައިގެން ދަނީ ކޮންތާކަށް ހެއްޔޭ ސުވާލުކުރިއިރު އިރްފާންގެ ދެލޯ ރަތްވެ އެލޮލުން ކަނިބުރާލިއެވެ.
"ޕާޓީއަކަށޭ ބައްޕާ...." ކަމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ.
"ކޮންހާ ދޮގެއްހަދާކަށްތަ؟ ކަމީލާ ތިއުޅޭހާ ގޮތްތައް މަގޭ އެކުވެރިއަކު ކިޔާދީފި، ކާކު ބުނެގެން ކަމީލާ ކޮންމެ ރެއަކު ދެނަމާދު ދޭތެރޭގައި އެހެރަ ފަޅުގެއަށް ތިވަންނަނީ، މިހާ މަކަރުވެރި ކުއްޖެއް ދުނިޔޭގައި ހުންނާނެތަ؟ " އިރްފާން ކަމީލާގެ އަތުގައި ހިފާލިގޮތަށް ބާރުބާރަށް ދަމައިގެންގޮސް ގޭތެރެއަށް ހޫރުވާލައިފިއެވެ. އެވަރުންވެސް ހިތްހަމަނުޖެހިގެން ކަމީލާގެ އަތުގައި އޮތް ފޯނު ދަމައިގެންފާ ބިތުގައި ޖެހިއެވެ.
"މިކުއްޖާ ހަލާކުކޮށްލި މީހަކީ އެ ލިއަމް، އަދި ފޯނު އެއްޗެހި ގެންގުޅޭހާ ބޮޑުވެއްޖެކަމަށް މަށެއް ނުދެނެހުރިން، އެހެންވީމައެއްނު ވަލަށް ވަންނަން ފެށީ، ދެން ލާހިކެއް ނޫން ފޯނެއްގައި އަތްލާކަށް..." އިރްފާންގެ އަޑުގަދަވެގެން ނަމާދަށް އިން މާމަވެސް ދޮރުން ބޯ ދީ ބަލާލައިފިއެވެ. ކަމީލާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އެނދަށް ވެއްޓުނު ގޮތަށް މޫނުގައި ދެއަތްއެޅިއިރު ކަމީލާއަށް ރޮވިއްޖެއެވެ. ހިތަށް ހާދަ އަސަރުކޮށްފިއެވެ. ފޯނު އޮތްނަމަ ވެގެން އުޅޭގޮތް ލޫކަސް ގާތު ބުނެފައި މާފަށް އެދުނީހެވެ. މިހާރު ލޫކަސް އޭނައަށް އިންތިޒާރު ކުރާނެއެވެ. ހުމާ ފިހިފިހި އެފަކީރު އޮތީ އެކަނި ނޫންކަމެއްވެސް ނޭގެއެވެ. ކަމީލާގެ ހިތް ކުނޑިކުނޑިވެގެން ފައިބަންފެށިއެވެ. ލޫކަސްގެ ހާލު ހިތަށް އަރާފައި ހަމަ ރޮވެނީއެވެ. އޭރުވެސް އިރްފާން އެކަނި ހުރެގެން އެއްޗެހިތަކެއް ކިޔާއަޑާއި މާމަ ދެތިން ޖުމްލައެއް ބުނެލި އަޑު ކަމީލާއަށް އިވުނެވެ. ކަމީލާ ގެ ހިތާމައިގާ ބައިވެރިވާނެ މީހެއް އެއްޗެއް ނެތެވެ. ރޮއި ރޮއި ހަލާކުވޭވޭ އޮވެފައި ކަމީލާއަށް ނިދުނެވެ.
ހެނދުނު ހޭލެވިގެން ކަމީލާ އޮތީ ސައިބޯހިތް ނުވެފައެވެ. ބުޅި އިސްތަށިގަނޑު ވިހުރުވާލައިގެން ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލައިގެން އޮތްވާ މާހާ ގޮވާލިއެވެ.
"މަންމަ އާއި އެކު މިއައީ ކައްމިމެން ކާން ރޮށްޓާއި މަސްހުނި ހިފައިގެން، ކައްމި ރޮނީ ކީއްވެތަ..." މާހާ ކަމީލާގެ އިސްތަށިގަނޑާއި ކުޅެލިއެވެ.
"ނަތިން..." ކަމީލާ ނޭފަތް ދަމާލައިފިއެވެ.
"އަހަންނަށް އެނގޭ، ނުފެންނަކަމަށް ހަދައިގެން މިހުރިހާ ދުވަހު ހުރިއިރުވެސް އަހަންނަށް ހުރިހާކަމެއް ފެނޭ....." މާހާ ސިއްރުން ބަލަން ހުއްޓާ ކަމީލާ ނުކުމެގެން ދެތިންރެއަކު ގޮސްފައި ވެއެވެ. އެދަނީ ލޫކަސްއާއި ބައްދަލުކުރަންކަން މާހާގެ ވިސްނުން ތޫނުކަމުން ދެނެގެންފިއެވެ.
"ތިބުނީ ކީކޭތަ؟ ބައްޕަކާރީ ކުޓުވީ މާހާތަ؟ " ކަމީލާ ރުޅިއައިސްފައި މޫނުން ބާލީސް ނެގުމުން މާހާއަށް ސިހުމެއް ލިބުނެވެ. ރޮއިރޮއި ކަމީލާގެ ލޯ ދުޅަވެ ރަތްވެފައިވާއިރު އަދިވެސް އެސްފިޔަތަކުގައި ވިދަނީ ބޮޑެތި ކަރުނަ ތިކިތަކެވެ. ކަމީލާގެ ހާލާއިމެދު މާހާގެ ހިތް ހަމްދަރުދީއިން ފުރުނެވެ.
"ކައްމިއަށް ރަގަޅަށް އެނގޭނެ އަހަރެން އެއްވެސް މީހެއް ގާތު ނުކިޔާނެކަން، ދޮންބެ ކާރިއަކުވެސް އަހަރެން ނުބުނަން، ވެގެން އުޅޭގޮތް ކިޔާދީ ބަލަ...." މާހާ އަހަން ފެށުމުން ކަމީލާ ހުރިހާ ވާހަކައެއް މާހާއަށް ކިޔާދިނެވެ. އޭނައާއި ލޫކަސް ސިއްރުން ބައްދަލުވެ އުޅެނިކޮށް ކޮންމެވެސް މީހަކަށް ފެނިގެން ބައްޕަގާތު ކިޔައިގެން އުޅޭ ކަމަށާއި ފޯނުވެސް ހަލާކުކޮށްލައިފި ކަމުގައި ކަމީލާ ބުނެލިއިރު ލޮލުގައި ކަރުނަ ގިނަވެއްޖެއެވެ.
"ލޫކަސްއަކީ ކޮންކަހަލަ މީހެއްކަން ކައްމިއަށް އެނގިގެންތަ ތި ބައްދަލުކުރަނީ؟ ބައެއްފަހަރު އެހެން އުޅެނިކޮށް ލަނޑެއްވެސް ލިބިދާނެ، އަހަރެންގެ ކަޒިންއަކަށްވެސް ދެރަގޮތެއްވި، އެހެންވެ މިބުނީ ކައްމި އެހާ ޓްރަސްޓް ނުކުރާށޭ، އެކަނި މީޓްކުރުން ރަގަޅުކަމަކަށް ނުވެ ހިނގައިދާނެ...." މާހާ ގެ ވާހަކަތަކަށް ކަމީލާ ދިން ޖަވާބުން ކަމީލާ ލޫކަސްއަށް އިތުބާރު ކުރާވަރު ހާމަވިއެވެ. ކަމީލާ ލޫކަސްއާއި ވާހަކަދައްކަން ވެގެން މާހާގެ ފޯނު ބޭނުންކުރިއެވެ. ކަމީލާ އެދިގެން މާހާ ބޭރަށް ނުކުތުމުން އެދެމީހުން ދެއްކި ކޮން ވާހަކައެއްކަން މާހާއަކަށް ނޭގުނެވެ.
އެރޭ ކަމީލާ އީކާ ނިދަން ފޮނުވާލީ ލިއަމްގެ ކޮޓަރިއަށެވެ. އީކާ ނިދީގައި އޮވެ ގިނަ ސުވާލުތަކެއް ނުކޮށް ގޮސް ލިއަމްގެ އެނދަށް އަރާ އިރަށް އޭނައޮތީ ގަދަ ނިދީގައެވެ. ލޫކަސް އަންނަން ބުނި ގަޑިއަށް ކަމީލާހުރީ އޭނަގެ ކޮޓަރީގެ ކުޑަދޮރު ހުޅުވާލާފައެވެ. ދަންވަރު އެންމެން ނިދީގައި ތިއްބާ އެކެއްޖެހިއިރު ފާރުމަތިން ފުންމާލައިގެން ލޫކަސް އެކޮޓަރިއަށް އައިކަން ދެނެހުރި މީހެއް ނެތެވެ. އެގޮތުންވެސް ލޫކަސް ކަމީލާގެ އިތުބާރު ހޯދިއެވެ. ކޮންމެރެއަކު އޭނަ ކަމީލާއާއިއެކު އެ ކޮޓަރީގައި ވާހަކަދައްކަން އިންނައިރު ދުވަހަކުވެސް އެކަމުގެ ފައިދާ ނަގާކަށް ނޫޅެއެވެ. މާ ދުރަކަށް ނުދެއެވެ. ކުދިކުދި ސަމާސާތަކާއި ގޯނާތަކުން ކަމީލާގެ ހިތް މޮޔަކުރުމުގައި ލޫކަސް ކާމިޔާބުކުރިއެވެ. ކޮންމެ ރެއަކު ހޭލާ އިނދެފައި ފަތިހު ނިދާލާފައި ހެދުނު ސްކޫލަށް ދެއެވެ. ގެއަށް އަންނައިރު ހުންނަނީ ލޮނޑުވެފައެވެ. ހަވީރު ލޫކަސް ޓިއުޝަން ދޭން އަންނަންވާއިރަށް ކަމީލާ ތެދުވެގެން ތައްޔާރުވެއެވެ. އޭރުވެސް އިރްފާންއަށް ކަމީލާ ރައްޓެހިވެގެން އުޅޭކުއްޖާއަކީ ލޫކަސްކަމެއް އެނގިފައެއް ނުވެއެވެ.
ލޫކަސް ކަމީލާއާއި ރައްޓެހިވީ ބަދަލުހިފުމުގެ ނިޔަތުގައި ކަމުގައި ވިޔަސް އެކީގައި ގިނަވަގުތުވާން ފެށުމުން ލޫކަސްގެ ހިތާއިވެސް ކަމީލާ ކުޅެލިއެވެ. އެހިތުގައި އާވިންދެއް ޖަހަން ފެށިއެވެ. ކަމީލާގެ ރީތިކަމާއި މައުސޫމްކަން ދެކެ ހިތާ ފުރާނައިން ގުރުބާންވާން ފެށިއެވެ. އަބަދާއަބަދުހެން ކުރިމަތީގައި ހީހީ އިންނަ ޅަނދޮޅު ކުއްޖަކަށްޓަކައި ހިތުގައި ލޯބި ނުއުފެދެންވީ ކީއްވެހެއްޔެވެ؟ ލޫކަސް އަޑުއަހައެވެ. ގޭގައި ގެންގުޅޭ ބުޅާގަނޑުދެކެވެސް ލޯބިވެވިދާނެއެވެ. އެފަދަގޮތެއް ލޫކަސްއަށްވެސް ދިމާވީކަން ނޭގެއެވެ. އެކުވެރިންނަށް ފޮނިދައްކާފައި ވީޑިއޯ ނަގަން ލޫކަސް ޗެލެންޖްކޮށްފައި ވިޔަސް އެކަން ހަނދާންނައްތާލަން މަޖުބޫރުވިއެވެ. ކަމީލާ އޭނަގެ ހަޔާތަށް ގެންނާނީ އޭނަގެ އަންހެނުން ގޮތުގައެވެ. ކަމީލާފަދަ މާތް ކުއްޖަކަށް ލަނޑެއް ދިނުމަކީ ލޫކަސް ފަހަރެއްގައިވެސް ކުރާނެކަމެއް ނޫނެވެ. ކަމީލާ ލޫކަސްދެކެ ކިތަންމެ ލޯބިވިޔަސް ކަމީލާ ކާވެނީގެ ކުރިން އެފަދަ ގުޅުމެއް ބާއްވާކަށް ގަބޫލު ނުވާނެއެވެ. ކަމީލާވަނީ އެވާހަކަ ދުރުދުރުން ލޫކަސްއަށް އަންގާފައެވެ. ތަގުދީރު ކުޅެން އުޅޭ ކުޅިގަނޑެއް ލޫކަސް އަދި ކަމީލާއަކަށްވެސް ރޭކާނުލައެވެ. ކުރިއަށް އޮތްތާގައި ހަޔާތަށް އައިސްދާނެ ތޫފާނެއް އެނގޭނެ އިންސާނަކު ނުވާނެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދިމާވާކަމަކުން ކިތަންމެ ބޮޑު އިންގިލާބެއްވެސް އައިސްދާނެއެވެ.
ލޫކަސް އާދައިގެ މަތިން އެރޭވެސް ކަމީލާއާއި ބައްދަލުކުރާން އައެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމަޔަށް ފެންނަން ހުއްޓެވެ. ކަމީލާ ދުވެފައިގޮސް ލޫކަސްގެ އަތުތެރެއަށް ވަނެވެ. ކޮންމެރެއަކު ލޫކަސް ގެނެސްދޭ ރަތް ފިނިފެންމާތައް ކަމީލާ ހުންނަނީ ބިއްލޫރި ވާސްއެއްގައި ޖަހާލާފައެވެ. މިރޭ ލޫކަސްގެ ހަދިޔާ ތަފާތެވެ. ކަމީލާގެ އަތުގެ އިނިގިލީގައި ހުދުރިހީގެ އަނގޮޓިއެއް އަޅުވާލަދިނެވެ. ޔާގޫތެއް ޖަހާފައިވާ އެ އަނގޮޓި އެ ދޮން އަތާއި ނިކަން ގުޅެއެވެ. ކަމީލާ ހީކުރީ އާދައިގެ ރިހިކަމުގައެވެ. ބިއްލޫރިކަމުގައެވެ. ލޫކަސްއަށް އަގުބޮޑު ހަދިޔާއެއް ދެވިދާނެކަމަކަށް ކަމީލާ ނުދެކެއެވެ. އެހެނެއް ކަމަކު އެއީ ދުނިޔޭގައިވި ހުރިހާ އެއްޗަކަށްވުރެ އޭނަ ގާތުގައި އަގުބޮޑު އެއްޗަކަށްވިއެވެ. ކަމީލާގެ ދެލޯ ފުރިގެން ދިޔައީ އުފާވެރިކަމުގެ ކަރުނުންނެވެ.
"މެރީ މީ ބޭބީ..." ލޫކަސް ކަމީލާގެ އަތުގައި ބޮސްދިނެވެ.
"ޔެސް ޔެސް....." ކަމީލާގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރެވޭވަރެއް ނޫނެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އުނގަށް އެޅުނުފަދަ އިހުސާސްތަކެއް ކުރެވިގެން ދިޔައެވެ. އޭރު ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. ހުޅުވާލެވިފައިވާ ކުޑަދޮރު ކާރީގައި ތިބިއިރު ނިކަން ރީތިކޮށް ސާދަވިލޭރޭގެ ހަނދު ފެންނަންހުއްޓެވެ. ހަނދުވެސް އެ ދެލޯބިވެރިންނަށްޓަކައި ހިނިތުންވާފަދައެވެ. ލޫކަސް އާއި ކަމީލާގެ ގަނޑުފެންކޮޅެއްފަދަ ދެއަތްތިލަ ލާމެހިފައިވާއިރު އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނީ ގެއްލިފައެވެ. އީމާންތެރިކަން އެންމެ ވަރުގަދަމީހުންގެ ހިތްތައްވެސް ގުޑުވާލަނީ މިފަދަ ވަގުތުގައެވެ. ދެމީހުން އެކަނި ބައްދަލުނުކުރާން ދީނުގައި އަންގަވާފައިވަނީވެސް ސަބަބަކާއިހުރެއެވެ. ލޫކަސްއާއި ކަމީލާއަށްވެސް ވީ އެފަދަ ގޮތެކެވެ. އެރޭގެ ހަތަރުދަން އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަކުރީ އުފާކުރުމުގައެވެ. ފަހުން ވާނެގޮތަކާއިމެދު އޭރު ދެމީހުންނަށްވެސް ވިސްނާ ނުލެވުނީއެވެ. ދުނިޔެމަތިންވެސް ހަދާން ނައްތާލެވުނީއެވެ. އެންމެފަހުން މާބޮޑަށް ވަރުބަލިވެ ނިދުނީއެވެ. ހޭލެވުނީ އިރުއަރައިގެން ކޮޓަރިތެރެއަށް އަލިކަން ފަތުރާލުމުންނެވެ. ރޭގެ ކަންތައް ހަނދާންވުމާއިއެކު ދެމީހުންނަށް ތިބެވުނީ ކުރެވުނު ކަންތަކާއިމެދު ލަދުވެތިވެފައެވެ. ކަމީލާގެ ދެލޮލުން ކަރުނަ އޮހެންފެށިއެވެ. މިވީގޮތުން ލޫކަސްއާއި ހަތަރުކަޅި ހަމަކުރާކަށްވެސް ނުކެރޭނެއެވެ. އޭނަ މިކުރީ ކޮންފަދަ ބޮޑު ފާފައެއްހެއްޔެވެ؟ އެހާވަރަށް މަންމަ ވިސްނާދީފައިވަނިކޮށް މިހާ ދުރަށް ދެވުނީ ކީއްވެހެއްޔެވެ؟
"ގޯޑް، ނޯ، މިކުރެވުނީ ކީއްތަ؟ " ލޫކަސް އަމިއްލަ ނަފުސް ކުށްވެރިކުރަމުން ހިތާހިތުން ކިޔާލިއެވެ.
"ސޮރީ ބޭބީ، އައިމް ސޯ ސޯ ސޮރީ، އަހަންނަށް ނޭގުމުގެ ތެރޭގައި ގޯހެއް މިހެދުނީ....." ލޫކަސް މާފަށް އެދޭފަދަ ރާގެއްގައި ބުނެލިއެވެ.
"އިޓްސް އޯކޭ...." ކަމީލާ ނޭފަތް ދަމާލިއިރު ނޭފަތުކުރިވެސްވަނީ ރަތްވެފައެވެ. ކިތަންމެވަރަށް ކަރުނަ އޮއްސިޔަސް އެކަން ނުވާކަމަކަށް ނެހެދޭނެއެވެ. އެ ބޮޑު ފާފަކުރެވިއްޖެއެވެ. މަންމަ އެހާވަރަށް ދިން ނަސޭހަތް ހަދާންނައްތާލެވުނީއެވެ. ފާފައަކަށް އަރަން މަގުފަހިވަފަދަ ކަމެއް ނުކުރުމަށް ތަކުރާރުކޮށް މަންމަ ބުނެދިނެވެ. ކާވެނީގެ ރޭ ފިރިމީހާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އަންހެންކުއްޖެއްގެ އިއްފަތްތެރިކަމެވެ. އެކަމަށް އޭނަ ފަރުވާކުޑަކޮށްލީއެވެ. ލޫކަސް ކޮޓަރިއަށް އަންނަން ދައުވަތު ދިނުމަކީ އެކަމަށް ކޮށާދިން މަގެކެވެ.
"ނުރޮއި، މާދަން ފޯމު ލާނަން، ޓްރަސްޓް މީ ބޭބީ، ވީހާވެސް އަވަހަށް އަހަރެން މެރީކުރާނަން......" ލޫކަސް ކަމީލާ ގެނެސް މޭގައި ޖައްސާލަމުން ކަރުނުން ފުރިފައިވާ ދެލޮލުގައި ބޮސްދިނެވެ. އެވަރުންވެސް ކަމީލާ އަށް ލޫކަސްގެ ދެލޮލަށް ބަލާލާނެ ހިތްވަރެއްވެސް ނުލިބުނެވެ. ލަދުންގޮސް އެ މޫނުވަނީ އަނގުރު އަލިފާންކޮޅަކަށްވެފައެވެ. އޭރު ކޮޓަރި ތެރެއަށްވެސް އިރުގެ އަލިކަން ފަތުރާލައިފިއެވެ. ކަމީލާގެ ރީތިކަން ހުރަހެއް ނެތި ފެނުމުން ލޫކަސްގެ ހިތުގައި އާ ވިންދެއް ޖަހައިލިއެވެ. އޭނަގެ ހިތް ބާރުއެޅީ އަނެއްކާވެސް ކަމީލާ އަތުތެރެއަށް ގެނައުމަށެވެ. ކަމީލާ އޭނަ ރަގަޅަށްވެސް މޮޔަކޮށްލައިފިއެވެ.
ކަމީލާއަކީ އޭނަގެ ހައްގަކަށް ވިކަމާއިމެދު އުފާވިއެވެ. އެތައް އަންހެންކުދިންނެއް ހަޔާތަށް އަޔަސް އެއިން އެއްވެސް އަންހެން ކުއްޖެއްގެ ފަރާތުން މިފަދަ އުފަލެއް ލިބިފައެއް ނުވެއެވެ. އޭނަގެ ހިތުގެ ހުރިހާ ހަމަޖެހުމެއްވެސް ގުޅިފައިވަނީ ކަމީލާއާއިކަން ލޫކަސްއަށް ޔަގީންވެއްޖެއެވެ. ކަމީލާ ލޫކަސްގެ މޫނަށް ބަލާލިއެވެ. އިރުގެ އަލި އެޅިފައިވާއިރު އެ ކަޅި އަޅިކުލައިގެ ނީލަމެއްހެން ވިދާލެއް ވަރަށް ޗާލެވެ. އެވަގުތު މެޔަށް ފާޑެއްގެ ގޮތެއްވެގެން ދިޔުމާއިއެކު ލޫކަސް ގެއްލިގެން ނުދިޔުމަށް އެދި ހިތް ދުޢާކުރިއެވެ. އޭނަގެ ހިތުގައިވާ ބަސްތައް ހިމޭން ދުލާއި ހަމަޔަށް ގެނައުމަށް ނުކުޅެދިފައިވެއެވެ.
ލޫކަސް މީހަކަށް ނުފެނި މަގާއި ހަމަޔަށް ނުކުމެވުމާއިއެކު ރޭބަން އަވިއައިނު އަޅާލަމުން ޖިންސްގެ ޖީބަށް އަތްޖަހާލިއެވެ. ކުރެވުނުކަންތަކާ މެދު އޭނަ ދެރަވެފައިވާ މިންވަރު އޭނަގެ ފެންކަޅިވެފައިވާ ދެލޮލުން ހާމަކޮށްދެއެވެ. މިވީހާތަނަށް އަންހެންކުއްޖަކަށްޓަކައި އެދެލޮލުން ކަރުނަ އޮހިފައެއްނެތެވެ. އެއީ ކުޅޭ ބުދުތަކެއްފަދައެވެ. ބޭނުން ކެނޑުމުން އެއްލާލާއިރު ހިތަށް އެއްޗެކޭ ނާރައެވެ. މިއަދު މިވީ ކިހިނެއްހެއްޔެވެ؟ ލޯތްބަކީ ޚިޔާލީ އެއްޗެއްކަމަށް ބުނެ ދަޢުވާ ކުރަނިކޮށް އޭނައަށް ލޯބިވެވުނީހެއްޔެވެ؟ އެނގޭހާ އެއްޗަކީ އޭނަ ކަމީލާއަށް ދެރައެއް ދޭން ބޭނުން ނުވާކަމެވެ. އޭނަ ގެ އަތްބަކަށް ވެގެން އާދެވޭނީ އެކަނި ކަމީލާއަށެވެ. އޭނަ މިއަދު ކޮންމެހެންވެސް ކައިވެނީގެ ފޯމު ނަގާނެއެވެ. އިރްފާން ވަލީ ދޭނެބާވައޭ ލޫކަސްގެ ހިތަށް އެރިއެވެ. މާ އަވަސް އަރުވާލައިގެން ކާވެނިކުރަން އުޅެގަތީމަ އިރްފާންއަށް އެއްޗެއް ވިސްނޭނެ ހެއްޔެވެ؟ ޚިޔާލުތަކެއްގައި ހުރެ ލޫކަސް ކުރިއަށް ފިޔަވަޅުއަޅަންފެށިއެވެ.
ކަމީލާ ޓްވައިލައިޓް ސީރީޒް ކިޔާފައިވަނީ ދާދިފަހުންނެވެ. އެވާހަކައިގާ އެޑްވަޑްއާއި ބެލާގެ އިހުސާސްތައް ގެނެސްދީފައިހުންނައިރު އެއީ ހަގީގަތެއްކަމަށް މިއަދާއިހަމަޔަށް ކަމީލާ ގަބޫލެއް ނުކުރެއެވެ. ނަމަވެސް ރޭ އޭނައާއި ލޫކަސްއާއި ދޭތެރޭގައި އެހިނގި ކޮންމެކަމެއް ވާހަކަތަކުގައި ގެނެސްދީފައިވާ ގޮތާއި ތަފާތެއް ނެތެވެ. އެހާ ޖަޒުބާތީވެފައި ބާރުގަދަ އިހުސާސެކެވެ. ހައްތަހާވެސް ލޯބީގެ ބާރެވެ. ދެރައީ ކައިވެންޏާއިހަމަޔަށް އެމީހުންނަށް ކެތްނުކުރެވުނުކަމެވެ. އެންމެން ދެއްކި ވާހަކަތަކަށް ބީރުކަންފަތެއް ދެވުނީމައެވެ. މިހާރު ދުޢާކުރުން ނޫންގޮތެއް ނެތެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެއެވެ. ކޮޓަރިތެރޭގައި އަދިވެސް ހިފާފައިވަނީ ލޫކަސްގެ މީރުވަހެވެ. އަބަދުހެން ކަމީލާގެ ނޭފަތުގައި މިފަހަކަށް އައިސް ހަރުލާފައިވަނީ އެ މީރުވަހެވެ. ކަމީލާ ހޭވިފައިވާ އިސްތަށިގަނޑު މައްޗަށްނަގާފައި ވޫލްކޮޅަކުން އައްސާލިތަނާހެން ބާލީސްދަށުން ކަރުދާސްކޮޅެއް ނިކުމެފައިވާތަން ފެނިފައި ބަލާލިއެވެ.
"ފޮގިވް މީ ޑާލިން..." ލޫކަސްގެ އަތު ލިޔުމެވެ. ރަތްކުލައިގެ ގަލަމުން ލިޔެފައިވާ އެއިބާރާތްކޮޅު ފެނުމުން އަނެއްކާވެސް ކަމީލާގެ ލޮލުގައި ތާޒާ ކަރުނަ ގިނަވެގަތެވެ. އެކަރުދާސްކޮޅުގައި ބޮސްދީފައި މޭގައި ޖައްސާލަފައި ލޯ މަރާލިއެވެ. ލޯތްބަކީ ބާރުގަދަ ޖަޒުބާތެކެވެ. އެކަން އެނގޭނީ އެކަމުގެ ފޮނިމީރުކަން އިހުސާސްކުރެވުނު މީހަކަށެވެ. ވަކި އުމުރެއް މީހެއް ނޯންނާނެއެވެ. ލޯބި ވުމުގެ ޝަރަފު ލިބުނު ނަސީބުވެރިންގެތެރޭގައި ކަމީލާވެސް ހިމެނުނީއެވެ. އެހެން ލޯ މަރާލައިގެން ހުރިއިރު އެ އޮމާން ކޯތާފަތްމަތިން ކަރުނައިގެ ސައިލެއް ދަތުރުކުރިއެވެ.
"ދޮންތީ ދޮރު ހުޅުވަބަލަ...." އީކާ ގޮވަން ފެށިއެވެ.
"ފާޚާނާގައޭ، މަޑުކޮށްބަލަ ދޫނި...." ކަމީލާ އަވަހަށް ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ.
ކަމީލާ ފެންވަރާ ނިމިގެން ކަޅުކުލައިގެ ހެދުމެއްލައިގެން ދޮރުހުޅުވާލުމާއެކު ނިދިމޫނެއްގައި ހުރި އީކާ ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ. ކަމީލާ ކާކޮޓަރިއާއި އަރާހަމަވީއިރު އިރްފާންއާއި އާރިފާ ސައިބޯން މޭޒުދޮށުގައި އިށީދެލައިގެން ތިއްބެވެ. ދޮރުތައް ހުޅުވާލާފައި ހުރުމުން ބޭރުތެރެ ނިކަން ހިތްގައިމުކޮށް ފެންނާންއޮތެވެ. ފެހިގަސްތައް ގިނަވެފައި މާމެލާމެލިން ބައެއްގަސްތައް ފުރިފައިވެއެވެ. ވައިރޯޅިތަކުގެ ނާނާއައި ދޫނިތައް ލަވަޖަހާއަޑު އިއުލާންކުރަމުންދަނީ ދުވަހަކީ ރީތި ނަލަ ދުވަހެއްކަމުގައެވެ. ކަމީލާ އާއި ދިމާލަށް ދައްތަ ބަލާލާފައި އެއްޗެކޭ ބުނުމުން ކަމީލާ ކަންބޮޑުވާންފެށިއެވެ. މޫނުގައިވެސް ކުށް ލިޔެވިފައިވާކަމުގެ އިހުސާސްކުރެވެނީއެވެ. މޫނަށް ބަލާލާފައިވެސް ވިސްނުންތެރިން ދެނެގެންފާނެއެވެ. ކަމީލާ ކުޑަކޮށް ހާސްވެފައިހުރެ ހުއްޓުނީ ކުޑަދޮރުކާރީގައެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހެވެ. އޭނަގެ އަށާރަވަނަ އުފަންދުވަސް އަންނާކަށް މާގިނަ ދުވަހެއްނެތެވެ. އަށާރައަހަރު ނުފުރެނީސް އޭނަ މިވަނީ ބޮޑުމީހުންގެ ތެރޭގައި ހިމެނިފައެވެ. ލޯބީގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. މައުސޫމްކަން ގެއްލުނީއެވެ. އެހެން ހިތަށް އަރާފައި ދެރަވިނަމަވެސް ލޫކަސްގެ ރީތި ހިނިތުންވުމާއި އެ ލޮލުގެ ފުރިހަމަކަން ކަމީލާގެ ހިތުގައި ފިރުމާލަދިންހެން ހީވިއެވެ. އެއަތުގެ ފިރުމުންތައް ހަނދާންވުމާއިއެކު އިރުކޮޅަކަށްނަމަވެސް ހިތަށް ޝިފާއެއްލިބެއެވެ.
"ކަމީލާ ސައިބޯން އާދޭ، ހޫނު ރޮށި މިހިރީ....." އާރިފާ ގޮވާލިއެވެ.
"މިއަންނަނީއޭ ދައްތާ...." ކަމީލާ އަތްދިއްކޮށްލާފައި ޖޭސްމިން މާގަހުން މާ ބިންނަންފެށިއެވެ. އިރުގެ ދަޅަ އަތުގައިވާ އަނގޮޓީއަށް އެޅުމާއިއެކު ވިދާލިހެން ހީވިތަނާ އާރިފާވެސް ކާކު ކުދިން އަނގޮޓިއެއް ހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. ކަމީލާބުނީ އެކުވެރިކުއްޖަކު ދިން އެއްޗެއްކަމުގައެވެ. އޭނަ އެހެދީ މުޅިއަކުން ދޮގެއް ނޫނެވެ. ލޫކަސްއަކީ ލޯބިވެރިޔާގެ އިތުރުން އެންމެ ގާތް އެކުވެރިޔާއެވެ. އޭނަ އިންނަން އުޅޭ ކުއްޖާވެސްމެއެވެ.
"ދޮންތީ، މިއީ ކާކުގެ؟ " އީކާގެ އަޑުއިވުމުން ފުރަތަމަ ކަމީލާ އެހާ ބޮޑުކަމަކަށް ނަހަދައެވެ.
"ދޮންތީގެ އެނދުކާރިއަށް ވެއްޓިފައި އޮތްވާ ފެނުނީ...." އީކާ އެހެން ބުނުމާއިއެކު ކަމީލާގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ލޫކަސް ދޫކޮށްލާފައި ދިޔައީ ކޯންޗެއްބާވައެވެ. އެ ދޮންމޫނު ބީޓްރޫޓެއްހެން ރަތްވެގެން ދިޔުމާއިއެކު ކަމީލާ ބަލާލިއިރު އީކާގެ އަތުގައި އޮތް ލެދަރ ވޮލެޓް ފެނިފައި އެއީ ލޫކަސްގެކަން ޔަގީންވިއެވެ. ކަމީލާ ދުވެފައި ކަހަލަ ގޮތަކަށްގޮސް އީކާގެ އަތުން ވޮލެޓް ޖަހައިގަތްއިރު އިރްފާންވެސް އިނީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. މޫނުމަތި ބަނަވެގެން ދިޔައެވެ. އެއީ ކަމީލާ ރައްޓެހިވެގެން އުޅޭ ޕާޓޭގެ ވޮލެޓެއްކަމާއިމެދު އިރްފާން ޝައްކެއްނުކުރެއެވެ. އިރްފާންގެ މުއްސަދި އެކުވެރިއަކު މާލޭގައި ހުރެއެވެ. ފިރިހެންދަރިއަކު ހުރެއެވެ. ކަމީލާއާއި އެފިރިހެންކުއްޖާގެ ކައިވެނި ކުރަން ހުށަހަޅަންވީއެވެ. ކަމީލާ މަޑުކޮށްނުލާ ވޮލެޓް ހިފައިގެންގޮސް ކޮޓަރިއަށް ވަދެފައި ވޮލެޓް ހުޅުވާލައިފިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ރީތި ސްޓައިލިޝް އަންހެނެއްގެ ފޮޓޯއެވެ. މިއީ ކާކުހެއްޔެވެ؟ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްކޮށްލާފައި ވާއިރު ލައިގެންހުރި ގަޔަށް ބާރު ސްވެޓަރާއި ބޭރުންލައިގެން ހުރި ފަށުވި ޖެކެޓުން ހީވަނީ ފިނިތަނެއްގައި ނަގާފައި ހުރި ފޮޓޯއެއްހެންނެވެ. ކަމީލާ ވަގުތުން ނުބައިކޮށް ވިސްނާކަށް ނޫޅުނެވެ.
"މިވާނީ ލޫކްގެ ދައްތައަކަށް، ނޫނީ މަންމަކަމަށްވެސް ވެދާނެ...." ކަމީލާ ވޮލެޓްގައި ހުރި ކާޑުތަކުގައިވެސް ފިރުމާލީ ލޫކަސްގެ އަތުގައި ފިރުމާލާނެހާ ލޯބިންނެވެ.
ކަމީލާ ވޮލެޓް ފޮރުވާލާފައި އައިއިރު އާރިފާދައްތަ އީކާ ގާތުގައި ދައްކަން ހުރި ވާހަކައަކުން ކަމީލާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ކަމީލާގެ މަންމަގެ ރަށަށް ދުވަސްކޮޅަކަށް ދާންވެގެން ރާވަނީއެވެ. ނޫނެކެވެ. ކަމީލާއަކަށް ނުދެވޭނެއެވެ. ލޫކަސްއާއި ވަކިން އެއްވެސްތާކަށް ދާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަދާނީ ލޫކަސްގެ އަތްބަކަށް ވެގެންނެވެ. އެހެންނޫނީ ދެރަގޮތެއްވެދާނެއެވެ.