"ޔާ ޝުއަރ، ކޮންމެވެސް އެކަކު ޖެހޭނެ ޗޭންޖުވާން......" ޖައިދަން ގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ކަޅުހެދުމުގެ ބަދަލުގައި އޭނަގެ ޚިޔާލަށް ކަމީލާ ފެނިލީ ބިކިނީކޮޅެއްގައެވެ. އެކުއްޖާގެ މޫނަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެފަދަ މޫނެއް ނޫނެވެ. މޫނު ހާދަ ރީއްޗެވެ. ދެރައީ ހެދުންއަޅާ ގޮތެވެ. އެހާ ފޮރުވިގެން އުޅުނީމަ އަންހެންކުއްޖެއްގެ ރީތިކަން ފިރިހެނަކަށް ފެންނާނީ ކިހިނެއްހެއްޔެވެ؟ ޖައިދަންގެ ވިސްނުން އެހެން ހުއްޓަސް ހަގީގަތަކީ އެއީއެއް ނޫނެވެ. ބިލިއާޑް ކުޅުމުގައި ވަގުތުތަކެއް ހޭދަކޮށްލުމަށްފަހު ތިންބެއިން ބޭރަށް އައިތަނާ ބައްޕަ އެ ޒުވާނުންނަށް ކަމީލާ ތަޢާރަފުކޮށްދިނެވެ. ކަމީލާގެ މަޑުމައިތިރިކަމާއި ހިމޭންކަން ފެނިފައި ޖައިދަން ފޫހިވާގޮތްވިއެވެ. މިކައިވެނި ރޫޅިގެންދާނެކަން ޔަގީންވާއިރު އެކުއްޖާއަށް ގެއްލުމެއްދޭންވީ ކީއްވެހެއްޔެވެ؟ އެކުއްޖާއާއި ގުޅޭ މީހަކު ހޯދައިގެން އިނދެފާނެ ނޫންހެއްޔެވެ؟ އޭނަގެ ޓައިޕެއް ނޫނެވެ. މަންމަ ބުނާގޮތުން ވިއްޔަ ކަޅުހެދުން ލައިގެން ބައެއް މީހުން މާ މާތްވެގެން އުޅެނީއެވެ. މަންމަ ދެކޭގޮތުން މީހާގެ ހެދުމާއި އަޚުލާގަކީ މުޅިން ދޭއްޗެކެވެ.
ޖައިދަން ފްލަފީ އުރާލައިގެން ހުރެ ކާކޮޓަރިއަށް ވަންނަން އައިއިރު ހީވީ އިޝްތިހާރެއްހެނެވެ. އޭރު ކަމީލާވެސް ފްރިޖުން ފެންފުޅިއެއް ނަގައިގެން އެނބުރިލީއެވެ. ކަޅުބުޅާ ފެނިފައި ގަންނާކުރެއްވި ބިރުން އޭނަ އަތުން ޖޫސްޖަގު ދޫވިގޮތަށް ދުއްވައިގަންނަން ކަމީލާއަށް އުޅެގަނެވުނީއެވެ. ދެންވީ މާ ދެރަގޮތެކެވެ. ކަމީލާގެ ހެދުމުގެ ފަސްބަޔަށް ފައިން އެރިފައި ވެއްޓެން ދިޔައީ ނުބައިގޮތަކަށެވެ. ކަމީލާ ބާރަކަށް ހަޅޭއްލަވައިގަތެވެ. ޖައިދަން ކަމީލާ ސަލާމަތްކުރަންވެގެން ފަހަތުން ގޮސް މެދުހަށީގައި ހިފާލިއިރަށް ބިންމަތި ހަޑިވެފައި ހުރުމުން އޭނަވެސް ކައްސާލީއެވެ. ޖައިދަންގެ ބުރަކަށި ފްރިޖްގައި ޖެހުނުގޮތަށް ބިންމައްޗަށް ތިރިވިއިރު ކަމީލާއަށް އިނދެވުނީ އޭނަގެ އުނގުގައެވެ. އޭރު ފްލަފީ ފަރި ހިނގުމެއްގައިގޮސް ނިވާވެއްޖެއެވެ.
"ދޫކޮށްލާ...." ކަމީލާ އޭނަގެ ވަށާލެވިފައިވާ އެކަތަފަދަ އަތް ނައްޓުވަން މަސައްކަތްކުރިއެވެ. އޭރު ކަމީލާގެ މޫނުވަނީ ޖައިދަންގެ މޫނާއި ޖެހި ފިތިފައެވެ. ސިގްރެޓްގެ ވަހުން ކަމީލާ ކޮށިއަރާގޮތްވިއެވެ. ތިމާގެ ބާރު ދައްކަންވެގެން އޭނައަށް ގޯނާކުރަން ފެށީހެއްޔެވެ؟ އަތް މޭމަތިން ނަގާކަށްވެސް ނޫޅުނެވެ. ކަމީލާ އެއަތުގައި ވިކަންފެށިއެވެ.
"ވާންއުޅޭ ހަޒްބެންޑާއި ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަބަލަ، ގާތްވާހިތުން އުޅެނީ މަށެއްނޫނޭ...." ޖައިދަން ކަމީލާގެ ކޮލުގައި އިނގިލިން ބީއްސާލިއެވެ. ފަށުވިކޮޅެއްހާ އޮމާނެވެ.
"މިބުނަނީނު...." ކަމީލާގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ.
"އޯލްރައިޓް، ތިހެދުންގަނޑުގައި ދުވާ ވަހަކުން މަ ސަފަކޭޓްވެއްޖެ، ދުވަހަކު ނުދޮންނަންތަ؟ އެކަތި ލައިގެން އުޅެނީ؟" އެހެދުމުގައި ލުއި މީރުވަހެއް ދުވާއިރުވެސް ގަސްތުގައި ކަމީލާ ރުޅިއަރުވާލަން ވެގެން ޖައިދަން ނުލަފާ ގޮތަކަށް ހީލާފައި ކިޔާލިއެވެ. އަދި ކަމީލާގެ ގައިން ދޫކޮށްލާފައި ތެދުވެ އޭނައާއި ދިމާލަށް ކަމީލާ އަނބުރާލައިފިއެވެ. ޖައިދަންގެ މޫނުމަތިން ފެނުނީ ބޮޑާކަމާއި ފޮނިކަމެވެ.
"ވީއިރު ދުރުން އުޅޭ، ތިފިރިހެނާ ވިސްނާގޮތެއް އަހަންނަކަށް މުހިއްމެއްނޫން، ބޭނުންވިޔަސް ނުވިޔަސް މިހެދުން ލާނީ، ބަދަލެއް ނުކުރެވޭނެ........." ކަމީލާ ރުޅިގަދަވެގެން ކަޅިއަޅާލުމުން ޖައިދަން ހަށަން ބަނދެލިއެވެ. މިއަންހެންކުއްޖާއާއި އޭނަ އިންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މިގޭތެރޭގައި ހުރިއްޔާ ކުޅިދައްކާލާނެއެވެ. މިއީ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ގެންނަން ބޭނުންވާފަދަ ސިފަތަކެއް ހުރި ކުއްޖެއްނޫނެވެ. ކަޅުހެދުން ފެނުނީމަ އޭނަ ވަނީ އަމަށަކު ފޫއްސެއްނޫނެވެ. މަންމަވެސް ކަޅުހެދުމަށް ނަފްރަތުކުރެއެވެ.
ޖައިދަން ވަގުތުން އޭނަގެ ބައްޕަގެ ކޮޓަރިއަށް ގޮސްފައި އަދި މީހަކާއި އިންނަން ބޭނުން ނުވާކަން ސާފުކޮށްދިނެވެ. އެކުއްޖާ އިންތިޒާރުގައި ހުރެއްޖެއްޔާ ތަންކޮޅެއްފަހުން އޭނަ އެކަމާއި ވިސްނާނެއެވެ. ޖައިދަންއަށް މަޖުބޫރުކުރާކަށް ޔާސިރު ބޭނުމެއްނުވިއެވެ. ނަމަވެސް ޔާސިރުގެ މޫނުމަތިން އެވަގުތު ފެނުނު މާޔޫސްކަމުން އެނގުނީ އޭނަ އެކަމަށް އެދިފައިވާ މިންވަރެވެ.
"ދަރިފުޅަށް ހަމަ ފެންނަގޮތެއް، ކަމީލާވެސް ބޭނުމެއްނުވޭ އަދި އެހާ އަވަސްކުރަން، އެކުއްޖާ ބޭނުންވަނީ ކިޔަވަންކަމުގައިވަނީ، އެހެންވީމަ ދެކުދިން ތި ނިންމިގޮތަށް ހަމަ ބައްޕަމެންގެ ތާއީދު..." ޔާސިރު ހިނިތުންވެލިއެވެ.
ކަމީލާ ފުން ނޭވަޔެއް ދޫކޮށްލިއެވެ. އަޖައިބެއްފަދަ ހުސްކަމެއް އެތެރެހަށީގައިވިއެވެ. އަބަދާއަބަދުހެން އޭނައަށް ރޮވެން އުޅެނީއެވެ. މިހާވަރަށް ކެތްތެރިވާއިރުވެސް ހިތަށް ހަމަޖެހުމެއް ލިބޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އިންނަން ހަމަޖެހިފައިވާ މީހާ އެނގުނީއްސުރެން އެ އިހުސާސްތައް ހިތުގައި ބޮޑުވެ ލިބޭ ކެކުޅުން އެތައް ގުނަ އިތުރުވެއްޖެއެވެ. ޖައިދަން ދެކެ ރުޅިއަންނަ ވަރަށް ބިރުގަންނަންވެސް ފަށައިފިއެވެ. ކުޑަކޮށްވެސް ލޯބިނުވާ މީހަކާއި އިނދެގެން އޭނަ އެ ކޮޓަރީގައި އެންމެ ސިކުންތުކޮޅެއްވެސް ހޭދަކޮށްލާނީ ކިހިނެއްހެއްޔެވެ؟ އެ ޚިޔާލު އަޔަސް ހަތަރެސްފައި ފިނިވެ ނުބައިގޮތެއް ވެއެވެ. އޭނަކުރި ފާފައިގެ ބަދަލު ލިބެން މިއުޅެނީ ހާދަ ނުބައިގޮތަކަށެވެ. އާތިކާގާތު އެންމެ ފަހު ފަހަރަށް އާދޭސްކޮށްފައި ކަމީލާ ރުއިއިރު ކުޑަދޮރުކާރީގައި މީހަކު ހުރިކަމެއް ނޭގުނެވެ. އާތިކާ ކަމީލާގެ މޫނުމަތީގައި ބޮނޑިއެއް އެޅުމުން ކަމީލާ ހިމޭންވިއެވެ. އާތިކާ އެވަރުކޮށްލާފައި އަދި ކަމީލާ އާއި އީކާ ގޮވައިގެން ބާޒާރުކުރަންދާން ވެގެން ނުކުތެވެ. އެމީހުން ކޮޓަރިން ނުކުންނަމުން ކަމީލާ ދޮރުތަޅުލިއެވެ. ކުޑަދޮރު ތަންޑުނާޅާ ކުޑަކޮށް ހުޅުވިފައިވާކަމެއް ނުދެނެހުރި ހާލުގައެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައިގެން އެތާހުރި މީހަކު އެތެރެއަށް ދެމިގަތެވެ.
އަނދިރިކޮށްފައިވާ ޓެރެސްގައި އެކަނިމާ އެކަނި އިށީނދެލައިގެން އިންއިރު ޔާސިރުގެ ދެލޮލުން ކަރުނައިގެ އަސަރުފާޅުވެއެވެ. ލޯބިވާ އަނބިމީހާ ގެއިން ދިޔުމަށްފަހު ޔާސިރު އެކަނިވެރިވެފައިވާތާ ކިތަންމެ ދުވަހެކެވެ. މެހްވިޝް އެފަދަ އަނިޔާއެއް ހިތަށް ދިނުމުން ކުރާނެ ޝަކުވާއެއް ނެތެވެ. ކުށްވެރިޔަކީ އޭނައެވެ. ޓެރެސްގައި ފަޅުވެފައިވާ މާވަށިތައްވެސް ޔާސިރުއަށް މަލާމާތްކުރާ ފަދައެވެ. ރޯޒްހިލްގައި މެހްވިޝް ނެތުމުން އެގޭގެ ދިރުންވަނީ ގެއްލިފައެވެ. އެގަސްތައް ފަދައިން ރޫހެއް ނެތެވެ. އެތައް ދުވަހެއްވާންދެން ހޫނުކޮށް އޮތުމަށްފަހު މިރޭ ފަޒާ ފިނިވެލާފައިވެއެވެ. ޔާސިރު އިސްއުފުލާ ބަލާލީ ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑުއިވިފައެވެ. އޭރު ދާދިކާރީގައި ހުރީ ފުރާނަފަދަ ލޯބިވާ ދަރިފުޅު ޖައިދަންއެވެ.
"ބައްޕާ، އަޅުގަނޑު ނިންމައިފިން ކަމީލާއާއި އިންނަން....." އެތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އެ ޖުމްލަ އަޑުއިވިފައި ޔާސިރުގެ ހުރިހާ ހިތާމަތައް އެއްފަހަރާ ފިލައިގެން ދިޔަހެން ހީވިއެވެ. ޖައިދަން ޖަވާބުދިން އިރު އޭނަގެ މޫނުމަތިން އެއްވެސް ޝުޢޫރެއް ނުފެނެއެވެ. ޖަޒުބާތުތައް ފޮރުވައިލަން ވަރަށް ކުޅަދާނައެވެ. ޖައިދަންގެ ނިޔަތާއިމެދު އެހެން މީހަކަށް ޝައްކެއްވެސް ނުވާނެއެވެ. ހިތުގައިވާ އެއްޗެއް އޭނަގެ ބޭބެމެންނަށް އަންގާކަށްވެސް ޖައިދަން ދެން ބޭނުމެއް ނޫނެވެ. ޔާސިރު ތެދުވެގެން އައިގޮތަށް ޖައިދަން ގެނެސް މޭގައި ޖައްސައިލީ ދަރިފުޅު ހާދަ ރަގަޅޭ ބުނަމުންނެވެ. އަދި ޖައިދަންގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޖައިދަންގެ ޚިޔާލު ބަދަލުވާންޖެހުނު ސަބަބެއް ޔާސިރުއަކަށް ނުވިސްނުނެވެ. އޮޅުންފިލުވުންވެސް މުހިއްމެއް ނުވިއެވެ. ޔާސިރުހުރީ އެ ކައިވެނި ކުރުވާ ހިތުން ކެތްމަދުވެފައެވެ.
ކައިވެންޏަށްފަހު ޖައިދަން ދިރިއުޅެން ފަސްވަނަ ބައި އެކީގައި ހަދިޔާކުރަން ޔާސިރު ނިންމިއެވެ. ޔާސިރު އެކުވެރިއެއްގެ އަތުން ދަރަންޏަށް ނަގައިގެން އާ ފަރުނީޗަރުތަކުން އެބައި ޒީނަތްތެރި ކުރުވިއެވެ. އާ ދޫލައަޅާ ޕެއިންޓްކުރުވިއެވެ. ޕޫލްމޭޒުވެސް އެންމެފަހުން ގެންދެވުނީ ޓެރެހަށެވެ. ޓެރެސް ތަނަވަސްކަމުން އެތަނުގައި ކުޅެން މާ ހިތްފަސޭހަވާނެއެވެ. ރޯޒްހިލްގައި ކައިވެންޏެއްކުރަން އުޅޭކަން ދެނެހުރި މާގިނަ ބަޔަކު ނެތެވެ. ޔާސިރުގެ އާއިލާ މީހުންނަށް އެނގުނަސް އެމީހުންގާތު ޔާސިރުވަނީ އެކަން ސިއްރުކުރަން އެދިފައެވެ. ކައިވެނީގެ ކުރިން މެހްވިޝްގެ ކަންފަތާއި ހަމަޔަށް އެޚަބަރު ފޯރައިގެން އެކައިވެނި ހުއްޓުވަން އޭނަ އަންނާކަށް ޔާސިރު ބޭނުމެއްނޫނެވެ. ޖައިދަންއަށް ބޭނުންވަނީ ސޯލިހު ރަގަޅު އަތްބެކެވެ. ސިގްރެޓް ބުއިން ހުއްޓާލާ ދީނީކުއްޖަކަށް ޖައިދަންވާނީ އެފަދަ ރަގަޅު ބައިވެރިޔަކު ހަޔާތަށް އައީމައެވެ. ޖައިދަންއަށްޓަކައި ޔާސިރު ހޮވީ އެންމެ ރަގަޅު ބައިވެރިޔާއެވެ. ޔާސިރުގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެންދާ އެންމެ އިރެއްވެސް ނާދެއެވެ. ކުޑަ ހަފްލާއެއް ބާއްވަދޭން އެދުނީ ޖައިދަންއެވެ. އައްމާރު ބޮޑު ޕާޓީއެއް ދިންއިރުވެސް ޖައިދަން ބުނެފައިވަނީ ކައިވެނި ޕާޓީއެއް ބާއްވަން ފޫހިވާކަމުގައެވެ. އޭނަ މީހަކާއި އިނަސް ކޯޓަށްގޮސް ނިންމާލާނީ ކަމުގައެވެ. ޕާޓީތައްދެކެ ޖައިދަން ފޫހިވެއެވެ. އެފަދަ އުފާވެރި މުނާސަބާތަކަށް ނަފްރަތުކުރެއެވެ.
ލިއަމް ބަލިވެގެން ކަމީލާގެ ކައިވެންޏަށް ނާދެވޭނެކަން އެނގުމުން ކަމީލާގެ ހިތާމަ އިތުރުވިއެވެ. އޭނައަށް ކުޑަކުޑަ އުފަލެއްވެސް ނުލިބޭނީހެއްޔެވެ؟ ހިތާމައަކަށްފަހު ހިތާމައެކެވެ.
"މަންމާ، ދޮންބެ ބަލިވެގެން ނާދެވޭކަމަށްވަންޏާ ވެޑިން ފަސްކުރެވިދާނެއްނު...." ކަމީލާ މާޔޫސީކަމާއިއެކުގައި ބުނެލިއެވެ.
"ނޫން، މަންމަމެންނަކަށްވެސް މިރަށަކު އަބަދާއަބަދަކު ނުތިބެވޭނެ، ކަމީލާގެ ކާވެނި ކުރެވޭ ރެއަށް އަހަރެމެންނަށް ޓިކެޓްނަގާފައި ބައްޕަ އޮތީ، ދޮންބެ ފާނަބަސަންދު ޖެހުނީމަ ރަގަޅުވާން އެތައް ދުވަހެއް ނަގާފާނެ، މާހާވެސް ހުންވައްތަރުވެލާފައޭ، ދެން ދޮންބެ ހުރިކަމަށް ހަދާލާފައި މިކަން ނިންމާލާނީ، އެހެންނޫނަސް މިއީ ކުޑަ ކުޑަ ވަލީމާއެއްނު، މާ ބޮޑުކަމެއް ނުބާއްވާގޮތަށް ޔާސިރުވަނީ ނިންމާފައި....." އާތިކާ އީކާގެ އިސްތަށިގަނޑުގައި ތެޔޮލާން ހުރެފައި ވާހަކަދެއްކިއެވެ.
"އެއްކަމެއްވެސް ރަގަޅަކަށްނުދޭ...." ކަމީލާގެ ލޮލުން ކަރުނަހިލުނެވެ.
"ދަރިފުޅާ، ކެތްތެރިވާންވާނެ، ބައްޔަކީ އަމިއްލައަށް ޖައްސާ އެއްޗެއް ނޫން، ދިރިއުޅުމުގައި ދިމާވާ އިމްތިހާނުތަކާއިމެދު ޝަކުވާނުކުރާތި، މަންމަމެންނަށް ކުރިއަށް އޮތްތާގައި ވާނެގޮތެއް ނޭގުނަސް ހެއްދެވިފަރާތް ދެނެވޮޑިގަންނަވާނެ، ކަމީލާއަކީ ރަގަޅުކުއްޖެއް، ރަގަޅުކުދިންނަށް ދެރަގޮތެއް ނުވާނެ...." އާތިކާ ބުނެލިއެވެ. ކަމީލާ ގެ ހިތަށް އަސަރުކުރިއެވެ. އޭނަ މަންމަގެ ނަސޭހަތަށް ބީރުކަންފަތެއް ދީފައި މިވަނީ ބޮޑު ފާފަތަކެއް ކޮށްފައެވެ. މިފަދަ ސަޒާއެއް ލިބެނީވެސް އެހެންވެ ކަމަށް ވެދާނެއެވެ. މަންމައަށް ހަގީގަތް އެނގޭނަމަ ރަގަޅުކުއްޖެކޭ ނުކިޔާނެއެވެ.
ކަމީލާ ނަސޭހަތްތެރިވީ އަދަދެއް ކަމީލާއަކަށް ނޭގެއެވެ. ތަކުރާރުކޮށް މަންމަ އެވާހަކަތައް ދެއްކިޔަސް ކަމީލާގެ ހިތަށް ލުޔެއްނުލިބެއެވެ. އޭނަ ހުންނަނީ ސިހިފައެވެ. ބިރުގެންފައެވެ. މަންމަމެން ޖައިދަން މާތްކުރިޔަސް އޭނައަށް ޖައިދަންއަކީ ރަގަޅުމީހެއް ނޫންކަން ވިސްނެނީއެވެ. އެރީތިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކާކުކަމެއް އަދި ކަމީލާއަށް މުޅިން ޔަގީނެއްނޫނެވެ. ޖައިދަންއާއި ދިމާވި ދެފަހަރުވެސް އޭނަ ބިރުގަންނަވާލީއެވެ. ދެރަވިޔަސް ބިރުގަތަސް މިއަދު މިނޫންގޮތެއް އޭނައަކަށް ނެތެވެ. ލޫކަސްގެ ފަރާތުން އެ ވީޑިއޯ ލީކްވާންވާއިރަށް އޭނަ މީހަކާއި އިނދެގެން ހުރެއްޖެއްޔާ އެއީ ފިރިމީހާއާއިއެކު ނަގާފައިވާ އެއްޗެއްކަމަށްވެސް މީހުން ހީކޮށްފާނެއެވެ. ލޫކަސްގެ ބޭވަފާތެރިކަން ހިތަށް އަރާ ކޮންމެފަހަރަކުވެސް ހިތްވިރިގެން ގޮސްދާނެހެން ހީވިއެވެ. އެކަނިވާއިރަށް އެލޮލުން ކަރުނަ އޮހިގަނެއެވެ. ދުޢާތަކުން ބައެއްފަހަރު ތަގުދީރުވެސް ބަދަލުވާނެކަމުގައި އޮވޭ ނޫންހެއްޔެވެ؟ ރޮއިރޮއިހުރެ ދުޢާކުރިޔަސް މިފަހަރު ކަމީލާގެ ނަސީބުގައި ލިޔުއްވާފައިވާ ގޮތް ބަދަލެއްނުވިއެވެ.
މެހްވިޝް ބެލްކަނީގައި ހުރިއިރު އެ ހިސާބުގައި ދިއްލާފައިވާ ބޮކީގެ އަލި އެދޮންމޫނަށް އެޅި ރަތްކުލައެއް ވެރިވެފައިވެއެވެ. ދުރުން ފެންނަ އިމާރާތްތަކުން ފެންނަ އަލިތައް ކުދި ތަރިތައްފަދައިން ވިދާތަން ފެނެއެވެ. ފެބްރުއަރީގެ މެދުތެރެކަމުން ގަނޑުފެން ފޭބުން ތަންކޮޅެއް މަދުނަމަވެސް މިރޭ ސްނޯވެހިފައިވާތީ ފެންނަލެއް ރީތިކަމުން އާޝޯޚުކުރުވާފަދައެވެ. ގަދަފިނިން ސަލާމަތްވާން މެހްވިޝް ހުރީ ރަތްކުލައިގެ ސްވެޓަރުމަތިން ކެހެރި ދިގުކޯޓެއް ލާފައެވެ.
"ޔާސިރު ކަންތައް ތިކުރިގޮތުން ދުވަހަކު މާފެއް ނުދޭނަން، އަހަރެން ކިތަންމެ ދުރުގައި ހުއްޓަސް ބަލަ މަގޭ ދަރިއެކޭ މީހަކާއި ތި އިންނަން އުޅެނީ، އަހަންނަށް އަންގާކަށް ނުޖެހޭތަ؟ ރަގަޅަށް އެނގޭނެ އަހަރެން މިހިރީ މިހާރު އެމެރިކާގައިކަމާއި ތިހެން އަންގާލާއިރަށް އަހަރެމެންނަށް މިރެއަށް ރާއްޖެ ނުދެވޭނެކަން، ޔާސިރު ތިއުޅެނީ ހައްތަހާ ބޮޑަށް މަގޭ ދަރިންނާއި އަހަރެން ދުރުކުރުވަން...." މެހްވިޝް ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. ޔާސިރު އެކަންޏެއް ނޫނެވެ. އޭނަގެ ދަރިންވެސް އެކަން ސިއްރުކުރީއެވެ. އެކަމުގެ ފަހަތުގައި ޔާސިރުގެ އަތެއް ވާނެއެވެ. ނަމަވެސް އެކާވެނީގެ ޚަބަރު ސިއްރުކުރީ ކީއްވެހެއްޔެވެ؟ އައްމާރު ކާވެނިކުރިއިރު މެހްވިޝްއަށް ހަފްތާއެއްކުރިން އަންގައިގެން އޭނަ އެރަސްމިއްޔާތުގައި ބައިވެރިވާން ދިޔައެވެ. މެހްވިޝް ބުމަ ކާރިކޮށްލައިގެން ވިސްނުމެއްގެ ތެރޭގައި ހުރެފައި ގެއަށް ވަންނާން ހިނގައިގަތެވެ. އަވަހަށް މާލެ ދާންވީއެވެ.
ކަމީލާ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އުއްމީދު ދޫކޮށްނުލާ ހުއްޓާ އެންމެފަހުން ކާވެނީގެ ދުވަހަށް އިރުއެރިއެވެ. އުއްމީދުގެ ހުޅުކޮޅު ވަޔަށް ހުށަހެޅިފަވާއިރު ދެން ކޮންމެފަހަރަކުވެސް ދާއިމަށް ނިވިގެން ހިނގައިދާނެކަން އެނގި ކަމީލާގެ ހިތް މާޔޫސްވީ އިންތިހާއަށެވެ. ކަމީލާ ތައްޔާރުކުރާން އައީ ޔާސިރުގެ އާއިލާގެ އަންހެންކުދިންނެވެ. އެކުދިން މޭކަޕްކޮށްލާފައިވާލެއް ރީތިކަމުން ކަމީލާގެ ސޫރަ ފެނިފައި އަމިއްލައަށްވެސް ލަދުގަތެވެ. ހުދުކުލައިގެ ހެދުމުގައި އޭނަ ފެންނަނީ ހޫރެއްފަދައިންނެވެ. އެންމެން އޭނަ ވަށާލައިގެން ތިބެ ދިމާކުރިއިރު ލަދުންގޮސް ކަމީލާގެ މޫނު ރަތްވެ ނުރޮވި އިނީ ހަމަކިރިޔާއެވެ. ކާވެނިކުރަން ތައްޔާރުކޮށްފައިވާ މޭޒުދޮށުގައި ކަމީލާ އިށީންއިރު އަތުގެ އިނގިލިތައްވެސް ތުރުތުރުއަޅައެވެ. ނޭވާ ހާސްވެފައިވެ ހަތަރެސްފައި ގަނޑުފެންކޮޅަކަށްވިއެވެ. ކިތަންމެ ހިތާމަކުރިޔަސް މީހުންގެ ތެރޭގައި އުޅޭއިރު އެހިތާމަތައް ފޮރުވައިގެން ހުރެވިދާނެއެވެ. ނުރޮއި ކެތްކުރެވިދާނެއެވެ. ކަމީލާ އިސްޖަހައިލަމުން ކަރުނަތައް އަޔަނުދީ ހިފެހެއްޓިއެވެ.
ކައިވެނީގެ ރަސްމިއްޔާތު ނިމުމުން އާއިލާ މީހުން މަރުހަބާކިޔަމުން ދިޔައިރު ޖައިދަން ހުރީ ކަމީލާގެ އަތުގައި ހިފާލައިގެންނެވެ. ކަމީލާ ބޭނުންވީ އެއަތްތިލަ ފޮޅުވާލާށެވެ. އެފަދަ ގޮތެއް ހީވެފައިކަން ނޭގެއެވެ. ޖައިދަން ހިފެހެއްޓިލެއް ބާރުކަމުން ހީވީ އޭނަގެ ނާޒުކް އިނގިލިތައް ބިންދައިލަން ގަސްތުގައި ކުރިކަމެއްހެނެވެ. ޖައިދަންގެ ފަރާތުން މިފަދަ ހަރުކަށިކަމެއް ފެންނަންވީ ކީއްވެހެއްޔެވެ؟ އޭނަ ޖައިދަންއަށް ކީއްކުރީހެއްޔެވެ؟ ކަމީލާ ހިންދިރުވާލިއެވެ. އެންމެން ކާންތިބިއިރު ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މަންމަވެސް އުފަލުން ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރިއިރު އީކާ އުޅުނީ ފިލައިގެންނެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން އީކާއަށް ނުކެރުނީއެވެ. އެންމެ ފަހަރަކަށް ނުކުމެލާއިރަށް މީހުން ތަކުގެ ނަޒަރު އޭނަގެ މައްޗަށް ހުއްޓެން ފެށުމުން ލޯތައް މަތިން ގެއްލެން މާ ގިނަވަގުތެއް ނުނެގިއެވެ. ބައެއްމީހުން ސިއްރުސިއްރުން އޭނަގެ ވާހަކަދެއްކިކަން ވެސް އީކާއަށް އެނގުނެވެ. މީފާ ހުރީ އަދިވެސް ޝޮކެއްގައެވެ. ކަމީލާ އައިގޮތަށް އޭނަ ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާހަމަކޮށްލައިފިއެވެ. އޭގެ ބަދަލުގައި ކަމީލާގެ ދިރިއުޅުން ބަރުބާދުކޮށް ނުލައިފިއްޔާ އޭނަގެ ނަމަކަށް މީފާ ނުކިޔާނެއެވެ.ކަމީލާ ކިތަންމެވަރަކަށް ހިތާމަ ފޮރުވަން މަސައްކަތްކުރިޔަސް އެދެލޯ ހުރީ ތެމިފައެވެ. ކަމީލާ ކެއުމަށްވެސް އިންކާރުކުރިއެވެ. އޭނަ ކާހިތެއް ނެތެވެ. ލިއަމް ގުޅާފައި ކަމީލާއަށް މަރުހަބާކިޔެވެ. ވަރަށް އަވަހަށް ވަޒީފާ މާލެއިން ހަމަޖެހޭނެކަމަށާއި ދެތިން ހަފްތާ ތެރޭގައި ފަހަރެއްގައި މާލެ އާދެވޭނެ ކަމުގައި ލިއަމް ބުނެލީ ވަރަށް އުފާވެފައި ހުރެއެވެ. އިރުކޮޅެއް ނުވަނީސް މަންމަމެން ފުރަންދާކަން އެނގުމުން ކަމީލާގެ ހިތަށް އިތުރަށް އުދަގޫވިއެވެ. އަދި ނުފުރާ މަޑުކުރުމަށް އެދި ކަމީލާ އާދޭސްކުރިއެވެ. މަންމަ ބުނީ ދޭތެރެއަކުން އަންނާނެކަމުގައެވެ. ބޮޑުކުއްޖަކަށްވެގެން ފިރިމީހާގެ ބަސްއަހައިގެން ކަމީލާ އުޅެން މަންމަ އެދުނެވެ. އިރްފާންވެސް ހުރީ ވަރަށް ހެވިލާފައެވެ. އޭނަ ހުރީ މި ޚަބަރު އެކުވެރިންނަށް ކިޔާދޭހިތުން ރަށަށް ނުދެވިފައެވެ. ރޯޒްހިލްއަކީ މިހާރު އިރްފާންމެންގެވެސް އާއިލާއެވެ. ކަމީލާއަކީ އެމީހުންގެ ފަޚުރެވެ. މައިންބަފައިން ދެފަރާތުގައި ތިބެގެން ވާހަކަދައްކާ ދިން ނަސޭހަތުން ކަމީލާގެ ކަރުނަތައް ހުއްޓުމުގެ ބަދަލުގައި ރުއިން އިތުރުވިއެވެ. އާއިލާގެ އެންމެން އޭނަ ދޫކޮށްލާފައި ދުރަށް ދިޔައީމާ އޭނައަށް ވާނެ ގޮތެއް އެނގެނީއެއް ނޫނެވެ. ބީރައްޓެއްސަކާއިއެކު އެއްކޮޓަރި ހިއްސާކުރާނެ ގޮތެއް ނޭގެއެވެ. ޖައިދަން އަތުގައި ހިފާލުމުން އެހާ ފޫހިވީއިރު ދެން މިރޭވާނީ ކިހިނެއްހެއްޔެވެ؟ މަންމަ ބުނެދިނީ ފިރިމީހާގެ މާތްކަމުގެ ވާހަކައެވެ. އެކަން ވިސްނިފައި ކަމީލާގެ ހިތަށް އަސަރުކުރިލެއް ބޮޑުވިއެވެ.
ކޮޓަރީގެ ތެރެ އުއްބައްތީގެ އަލިން ވިރުވާއަޅާފައިވާއިރު ފެންނަނީ ނިކަން ހުވަފެނީކޮށެވެ. އަލަތު ދެމަފިރިންނަށްޓަކައި ތައްޔާރުކޮށްފައިވާ އެކޮޓަރީގެ ތެރެވަނީ އަޖައިބުވާހާ ވަރަށް ޒީނަތްތެރިކޮށްފައެވެ. އެނދުގައިވާ ރަތްކުލައިގެ މާ ފިޔަތަކާއިއެކު ކޮޓަރީގެ ބިންގަނޑުވެސް ވަނީ މަލުގެ ފިޔަތަކުން ފުރާލާފައެވެ. ކަމީލާ ކޮޓަރިއަށް ވަންގޮތަށް އަވަސްވެލާފައި ހެދުން ބަދަލުކޮށްގެން ކަޅުހެދުން ލިއެވެ. މިތަނުން ނުކުމެގެން ފިލައިގެން ދާން ހިތް އެދެމުންދިޔައެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއި ނިކަމެތިކަން ހައްތަހާ އިތުރުވަނީއެވެ. އެތަނުން ނުކުމެގެން ދާން އުޅެފައިވެސް މަންމަގެ ނަސޭހަތް ހަނދާންވެފައި ކަމީލާގެ ޚިޔާލު ބަދަލުވިއެވެ. މަންމަގެ ބަސް ނާހަން ހަދައިގެން އެހެން ލަނޑެއް ލިބިއްޖެއްޔާ މާ ދެރަވެދާނެއެވެ. ކަމީލާ ބާލީހުގައި މޫނު ފޮރުވާލައިގެން އެހެން އޮތްވާ ނަސީބަކުން ލޮލަށް ނިދި އަންނަގޮތްވިއެވެ. ދެބަ ދޭތެރޭގައި އޮތްވާ ކުއްލިއަކަށް ބާލީސް ދަމައިގަތުމުން ލިބުނު ސިހުމާއިއެކުގައި އެނބުރި ބަލާލިއިރު ޖައިދަން އިނީ އެނދުގެ މަގަތުގައި އިށީދެލައިގެން ސިގްރެޓެއް ބޯށެވެ. ޖައިދަން ދުންތައް ދުއްވާލީ ކަމީލާގެ މޫނަށެވެ.
"މިރޭ އެހެން ކަމެއް ކުރަންވީމަ ނިދަންތަ އެނގުނީ؟ ޔޫ ނޯ ވަޓް، އަހަންނަކީ ރޭގަނޑު ނިދާމީހެއް ނޫން، އަހަރެން ކުރާ ކޮންމެކަމެއް ކަލޭވެސް ކުރަން ޖެހޭނެ، އަހަންނަށް ޖެއްސުމަށް ދޯ ތި ގޯންޏަށް އެރެވިގެން ތިއޮތީ، ހަމަ މިހާރު ތިހެދުންގަނޑު ބާލާ........." ޖައިދަން އަމުރުވެރިގޮތަކަށް ބުނަމުން ކަމީލާގެ އަތަށް ފިތާލިއެވެ. ކަމީލާގެ ސޫރަ ފެނުނަސް ޖައިދަން ރުޅިއާދެއެވެ. އެކުއްޖާގެ ރީތިކަންވެސް ޖައިދަންގެ ހިތުގައިވާ ނަފްރަތު އިތުރުކުރުވި ކަމަކަށްވިއެވެ.
"އަޑެއް ނީވޭތަ؟" ޖައިދަން ހަޅޭއްލަވައިގަތްގޮތަށް ޝޯލްގައި ހިފާ ދަމައިގަތެވެ. ޝޯލް އޭނަގެ އަތަށް ދިޔައިރު އަތަށް ޕިނެއް ހެރުމުން ރުޅިގަނޑު ވަކިން ގަދަވިއެވެ. ޝޯލްއިން އަތުގައިވާ ލޭ ފޮހެލާފައި ކަމީލާއާއި ދިމާކޮށްލިގޮތުން ހީވީ ސިންގާއެއް ޝިކާރަމައްޗަށް ޖެހިގަތްހެނެވެ. ކަމީލާ ޖައިދަންގެ މޭގައި އަތް އަޅާފައި ދުރުކޮށްލަން އުޅުމުން ގުޑުވައެއް ނުލެވުނެވެ. އަމިއްލަ ބާރެއްނެތްކަން އިހުސާސްކުރެވިފައި ކަމީލާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނަ ފަހަރެއްގައިވެސް ޖައިދަން މިހާ ނުލަފާވެގެން ރުޅިވެރިކަމާއިއެކު ދިމާކޮށްލާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ކަމީލާއަކަށް ޖައިދަންގެ އެއަމަލުތަކުގެ މަގުސަދެއް ނުވިސްނުނެވެ. އޭނަދެކެ އެހާ ނަފްރަތު ކުރާންވީ ސަބަބެއް ނުވިސްނުނެވެ. ޖައިދަންގެ އަނިޔާވެރިކަމާއި ރަހުމް ކުޑަކަމުން އަނގުރު އަލިފާނުގެ ތަންމައްޗަކަށް ކާވެނިވެގެންދިޔައެވެ. އަނިޔާއާއި ވޭން ނޫން އެހެން އެއްޗެއް ކަމީލާއަކަށް ނުލިބުނެވެ. ޖައިދަން ގަސްތުގައި އޭނައަށް އަނިޔާކުރީއެވެ. އެލޮލުން އޮހުނު ކަރުނަތައް ދެކެފައި ޖައިދަންގެ ހިތަށް ލިބުނީ ހަމަޖެހުމެވެ. އިރުއެރިއިރުވެސް ނިދިވަނީ ކަމީލާގެ ލޮލާއި ރުޅިވެފައެވެ. ރޮމުންގޮސް ބާލީސް ކަރުނައިން ތެމިފޯވެފައިވާއިރު އެކަރުނަތައް ދެކޭނެ މީހަކު ހުރީއެއް ނޫނެވެ. ރޮއްވާލިމީހާ އޮތީ އަރާމު ނިންޖެއްގައެވެ. ކޮޓަރީގައި ދިއްލާފައިވާ އުއްބައްތިތައް ވިރެމުންގޮސް އެންމެފަހު އުއްބައްތިތައް ނިވި ކޮޓަރި އަނދިރިކަމުގެ ތެރެއަށް ގަންބާލައިފިއެވެ. ކަމީލާ ތެދުވެގެންގޮސް ފާޚާނާތެރެއަށް ވަންއިރު އެތަން ބޮޑުކަމުން ކޮޓަރިއެއްހާ ވަރުވެއެވެ. ބިލިގާގެ ވަށައިގެން ޖަހާފައިވާ އުއްބައްތިތަކުން ދުވާ ޖޭސްމިން ވަހުން ތަނުގައި ހުވަނދުލެވިފައިވެއެވެ. ރަގްމަތީގައި ފައިއެޅުމުން ހީކަރުވާލިއެވެ. އެއާއިއެކު ކަމީލާގެ މޫނަށް އަނދިރިވާގޮތްވިއެވެ. ރޭ އެއްވެސް އެއްޗެއް ނުކެއީމަކަން ނޭގެއެވެ. އެވަރަށް އޯކަށް ދެމިއިރުވެސް ހޮޑެއްނައެވެ. އަދި ގައިގެ ކޮންމެ ކަށިކޮޅެއްގައި ރިއްސާހެން ހީވިއެވެ. ހިފެހެއްޓިތަނެއްވިއްޔާ ރަތްވެ ދިލަނަގައެވެ. ކޮންފަދަ އަނިޔާވެރި ފިރިއެއްހެއްޔެވެ؟ ކަމީލާ މޫނުދޮވެލާ ހަދައިގެން ކާކޮޓަރިއަށް ގޮސް ވަންއިރު މީފާ އުޅެއެވެ.
"މީފާ ނެތްތަ ކަރަންފުލެއް؟ " ކަމީލާ ނޭފަތްދަމާލިއެވެ. އެ ދޮންމޫނަށް އިރުގެ އަލި އެޅުމުން ވިދާތަން ފެނެއެވެ. ހާދަ އޮމާނެވެ. މީފާ ހަސަދަވެރިވެގެން މޮޔަވާގޮތްވިނަމަވެސް ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.
"އެންމެ ރެއަކުން ނޯޒިއޭޓްވާން ފެށީތަ؟ ވަރަށް ރޮއިފަހެން ހީވޭ، ޖައިދަން ކީއްކުރީތަ؟ "މީފާ ކަބަޑްމަތިން ދަޅެއް ނަގާފައި ދިއްކޮށްލިއެވެ. ކަމީލާ ކަރަންފުލެއް ހަފަންފެށުމުން އުދަގޫތައް ކުޑަވިއެވެ. އޭރު ކަމީލާ ބޭނުންވަނީ ހުތް އެއްޗެއް ކާލާށެވެ. ކާން ބޭނުންވި އެއްޗެއް ނުލިބުނީމަ ސައިބޯހިތެއްވެސް ނުވިއެވެ. އެވަގުތު ކަމީލާގެ ބަނޑުގައިވާ ރިހުން އިތުރުވުމުން އަތުން ފިރުމައިލެވުނެވެ.