"ކޮންމެހެން އަހަރެންގެ މަތިން ހަނދާންކުރާނެކަމެއް ނެތް، މި މާތަކުގެ ވިހަކަން ހަރުފައަށް ވުރެ ބޮޑު، ހީކުރީތަ މަލެއް ގެނެސްދިނީމަ އަހަންނަށް ހެދިގޮތް އެހާ ފަސޭހައިން ހަނދާން ނައްތާލާނެ ކަމަށްތަ؟ ހައިޝަމްގެ އެއްވެސް ކުށެއްނެތި ދެފަހަރުމަތިން އެޓޭކް ކުރީވެސް މި ނުލަފާ ފިރިހެނާ، ތިމާގެ ބޭބެ އައިސީޔޫގައި ބާއްވާނަމޭ ބުނާނީ ކިހާ ނުބައިމީހެއްވީމަ، ހާދަ ފޫއްސެއްވެއޭ، އަހަރެންގެ ވީކްނެސް އެއްފަރާތްކޮށްލާފައި މީނައާއި ޗެލެންޖްކުރާ ޓައިމް މިއޮތީ ޖެހިފައި....... "ކަމީލާ ބާރަކަށް ކުޑަދޮރު ލައްޕާލާފައި ތަންޑުތައް އަޅުވައިފިއެވެ.
ލޫކަސް ހޫނު ކޮފީއެއް ހިފައިގެންގޮސް ބެލްކަނީގައި ހުރިއިރު އެތައް ހަނދާންތަކެއް އެހިތަށް އުދަގޫކުރިއެވެ. ކިތަންމެވަރަކަށް މާޒީ ހަނދާންނައްތާލަން އުޅުނަސް އެއީ ނުވާނެކަމެކެވެ. މަންމަ ގޮވައިލުމުން ހިނިތުންވެލަމުން އެނބުރުނުއިރު މަންމަ ހުރީ ކުޑަފިރިހެންކުއްޖެއްގެ އަތުގައި ހިފާލައިގެންނެވެ. ލޫކަސްގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. އެކުއްޖާގެ ލޮލަށް ބަލައިލުމާއިއެކު ލޫކަސް ހުރީ ދުރުބަލައިލަން ނޭގިފައެވެ.
"މިއީ ޖޭޑްގެ ދަރިފުޅު މިކާލް، މަންމަ އެބައަންނަން ނަމާދުކޮށްލައިގެން، ދަރިފުޅު ބޭބީސިޓް ކޮށްލަދޭންވީނު....." މެހްވިޝް އަވަސްއަރުވާލާފައި އެތަނުން ދިޔުމުން ލޫކަސް އަތްދިއްކޮށްލައިފިއެވެ. އެކުޑަ އަތްތިލަ ލޫކަސްގެ އަތުތެރެއަށް ލެވުނުވަގުތު ގާތްކަމެއް އިހުސާސްކުރެވުނެވެ. މިއީއެކަނި އޭނަގެ ކޮއްކޮގެ ދަރިއެއް ނޫނެވެ. ކަމީލާގެވެސް ދަރިފުޅެވެ. ލޫކަސް މިކާލް އުނގުގައި ބައިންދައިގެން އެކި ސުވާލުތައް ކުރަންފެށިއެވެ. މިކާލް ފުރަތަމަ އިނީ ރަކިވެފައެވެ. ނަމަވެސް ފަސްމިނިޓް ނުވަނީސް ވަރަށް އެކުވެރިކަމާއިއެކު ހީހީފައި ވާހަކަދައްކަން ފެށިއެވެ. ލޫކަސްގެ ކޮފީތަށިވެސް ބޯންއުޅުނެވެ. ލޫކަސްބުނީ ކުޑަކުދިން ކޮފީބޯކަށް ނުވާނެކަމުގައެވެ. މިކާލް ބުނީ ލޫކަސް ވާހަކަދައްކަނީ "މަންމީ" ފަދައިން ކަމުގައެވެ. އެއީ މަންމަވެސް މިކާލްއަށް މަނާކޮށްފައިވާ އެއްޗެއްކަމުގައެވެ. ވާރޭވެހެން ފެށުމުން މިކާލް ވާރޭގެ ތެރެއަށް ނުކުންނަން ބޭނުންވެގެން ހުއްދައަށް އެދުނެވެ.
"އޮފްކޯސް ޔޫ ކޭން ސްވީޓްހާޓް..." ލޫކަސްހުރީ މިކާލް ބޭނުން ކޮންމެކަމެއް ކޮށްދޭހިތްވެފައެވެ. ލޫކަސް މިކާލް އުރާލުމުން މޫނަށް ބަލަން ހުރީ ވަރަށް ލޯބިކޮށް ހެވިލާފައެވެ. ކޯތާފަތަށް އެޅުނު އަޑިކޮޅުން ހަނދާންވީ ކަމީލާގެ މަތިންނެވެ. ލޫކަސްގެ ހިތްފުރި ބަންޑުންވެ، ދެލޯ ފެންކަޅިވެގެން ދިޔައީ ކުރި އަސަރަކުންނެވެ. މިކާލްގެ ސަބަބުން ހިތަށް ގޮތްގޮތްވަނީ ކީއްވެހެއްޔެވެ؟ ޖައިދަންގެ މަގާމުގައި ހުންނަން ޖެހެނީ އޭނަކަމަށް ގަބޫލުކުރެވޭތީހެއްޔެވެ؟ އަމިއްލަ ކޮއްކޮގެ އަންހެނުންނާއި އަޅައިގެން އުޅުމަކީ ލޫކަސްދެކޭގޮތުގައި މާ ރީތިކަމެއްނޫނެވެ.
ލޫކަސް ލިފްޓުން ތިރިއަށް ފޭބިތަނާހެން މަންމައައީ މިކާލްއަށް ދޭން ހޫނު ޗޮކްލެޓެއް ހިފައިގެންނެވެ. ވާރޭތެރެއަށް ނުކުމެވޭނީ ތަށި ހުސްކޮށްލީމަކަމަށް ބުނުމުން މިކާލް އަވަހަށް ތަށިބޯލިއިރު ލޫކަސްހުރީ އެސްފިޔަޖަހައިލަން ނޭގިފައި އެތުއްތުކުއްޖާއަށް ބަލާށެވެ. އެންމެފަހުން ފުންނޭވަޔެއް ދޫކޮށްލާފައި ފެންޑާގެ ތަބަށް ލެނގިލައިގެން ހުއްޓުނެވެ. ތަށިހުސްކޮށްލާފައި މިކާލް ވަގުތުން ދުއްވައިގަތީ ގަސްތަކާއި ދިމާލަށެވެ. ލޫކަސްވެސް މިކާލް އަތުލާން ފަހަތުން ދުވުނީ މަޖާވެލާފައިހުރެއެވެ.
"ތޫތުބަގް...." އިރުކޮޅަކުން މިކާލް ރޮވޭ ވައްތަރުވެލާފައި އައިސް ލޫކަސްގެ އަތުގައި ހިފެހެއްޓުމުން މިކާލް އުފުލައިލީ ލުއިފަތްކޮޅެއްހެންނެވެ.
"ކިހިނެއްވީތަ ޑާލިން......" ލޫކަސްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުފާޅުވިއެވެ. މިކާލް ބުނީ "ތޫތްބަގް" ކަރުތެރެއަށް އެރުނީކަމުގައެވެ. މިކާލްގެ ތުއްތު ބަހުރުވައިން އެއިޝާރާތްކުރަނީ ކަރުތެރެއަށް ތަދުވެގެންކަން ވިސްނިގެން ލޫކަސް މިކާލް ގޮވައިގެން ގެއަށް ވަންނަން އުޅުނެވެ.
ކަމީލާ ކޮޓަރީގައި ހުރެފައި ބޭރަށް ނުކުތްއިރު މިކާލް ފެންނާން ނެތުމުން ހާސްވެފައި އަވަހަށް ޖައިދަންއަށް ގުޅާލިއެވެ. ޖައިދަން ބުނީ ދިޔައީ އޭނަގެ މަންމައާއިއެކުގައި ކަމަށާއި އޭނަ މިކާލް ބަލާ ދާނެކަމަށެވެ. ކަމީލާ ހިތްހަމަނުޖެހޭގޮތްވިއެވެ. ޖައިދަން އެހުއްދަދިނީ ކީއްވެހެއްޔެވެ؟ މެހްވިޝް އެގެއަށް އެކުއްޖާ ގެންދަންވީ ކީއްކުރަންހެއްޔެވެ؟ މިހުރިހާދުވަހު މާމަދަރިއެއް ހުރިކަން ނޭގިހުރެ އެކުއްޖާ ބޮޑުވީމަ ފެންނަންވީހެއްޔެވެ؟ އޭނަގެ ދަރިފުޅުގެ މައްޗަށް އެހެން މީހަކު ހުކުމް އިއްވާކަށް ނުޖެހޭނެއެވެ. ކަމީލާ ރުޅިގަދަވިވަރުން ކާރަކަށް ގުޅައިގެން މެހްވިޝްވިލާއަށް ދާން މިސްރާބު ޖެހިއެވެ.
ބޯވާރޭތެރޭގައި މެހްވިޝްވިލާ ފެނުނުއިރު ގަނޑުވަރެއްފަދައެވެ. ހީވީ ބޭރުތަނަކަށް އާދެވުނުހެންނެވެ. ކަމީލާ ދުވެލާފައިގޮސް ފެންޑާއަށް އަރާފައި ސަލާމްގޮވާލުމުން ސަލާމް ބަލައިގަނެ އޭނަ އެތެރެއަށް ވެއްދީ ނޯކަރެކެވެ. ހާސްވެފައި ހުރެ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކުގައިވެސް ނަޒަރުގައި އަޅައިގަތީ ލޫކަސްއެވެ. ސިޓިންރޫމްގައިވާ ކައުޗެއްގައި ލޫކަސް އަރާމުކޮށް ނިދާލާފައިވާއިރު އޭނަގެ ކޮނޑުގައި ބޯއަޅާލައިގެން ކުޑަގޮތަކަށް ބައްދާލައިގެން މިކާލްވެސް ނިދާލާފައި އޮތެވެ. ދެބަފައިން އެގޮތަށް ނިދާފައި ތިބި މަންޒަރަކީ ކަމީލާގެ ހަޔާތުގައި ދުށް އެންމެ ފުރިހަމަ މަންޒަރެވެ. ކަމީލާގެ ދެލޯތެމޭގޮތްވިއެވެ.
"މިގޮތަށް ލޫކްއާއި ދަރިފުޅު އެކީގައި ފެނިދާނެއޭ ދުވަހަކު ހިތަށް ނާރާ، ކިއުޓްކަން....." ކަމީލާ ނިކަން ސިއްރުން އެތައް ފޮޓޯތަކެއް ފޯނުގައި ރައްކާކުރިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވެފައި ފޯނު ޖިންސްގެ ޖީބަށް ޖަހަން އުޅުނު ވަގުތު ތުރުތުރުއަޅާ ދެއަތުގެ ތެރެއިން ފޯނުދޫވެގެން ދޫލަމައްޗަށް ވެއްޓުނެވެ. ގޭތެރެއިން ނުކުމެގެން އައީ މެހްވިޝް ފިޔަވާ ދެވަނަމީހެއްނޫނެވެ. ސްވެޓަރަކާއި ޖިންސެއްލައިގެން ހުރިއިރު ޒުވާން އަންހެންކުއްޖެއްފަދައެވެ.
"ކާލްވާރޭގައި ތެމިލައިގެން އުޅުނީމަ ޓަޔަޑްވީ، ލޫކްވެސް ރޭ ދިގު ދަތުރެއްކޮށްލާފައި އައީމަ އެހާ ގަދަޔަށް ނިދިފައި އެއޮތީ، ކަމީލާ އަންނަވީނު ސައިބޯން......" މެހްވިޝް ދައުވަތު ދިނެވެ. ކަމީލާގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔުމާއިއެކު ގުދުވެ ފޯނުނެގިއެވެ. ދެވަނަފަހަރަށް މެހްވިޝްދިން ދައުވަތުގައި ކޮޅުފައިން ޖެހުމަކީ ރީތިކަމެއް ނޫނެވެ. އަވަސްކޮށްލައިގެން ސައިބޮއިގެން މިތަނުން ދާންވީއެވެ. މިގެއަށް އާދެވުނުކަމުގެ މޮޔަވެސްހީވިއެވެ. މިކާލް ގެއަށް ގެންނާންދެން ކެތްކޮށްލައިގެން ހުރެވުނުނަމަ އިތުރު އަނިޔާތަކެއް ހިތަށް ނުލިބުނީސްކަން ނޭގެއެވެ. މިވީގޮތުން ހިތުގެ ހަމަނުޖެހުން އިތުރުވެ ޒަޚަމްތައް ފުންވުން ނޫންކަމެއް ނުވިއެވެ. އޭރުވެސް ހިތް އޮބިނޯވެ ތެޅެމުންދިޔައެވެ. ގެއޭސީކޮށްލާފައި ވާތީކަމެއް ނޫނީ ލޫކަސް ފެނުމުން ކަމެއްނޭގެއެވެ. މެހްވިޝްގެ ފަހަތުން ދަމުން އެނބުރިފައިވެސް ކަމީލާ ފަހަތަށް ބެލިއެވެ.
ސަޔަށްފަހު މެހްވިޝް ފެންވަރަންވެގެން ކޮޓަރިއަށް ވަނުމުން ކަމީލާ ފެންޑާއަށް ނުކުތްއިރު ލޫކަސްއާއި މިކާލް ފެންނާކަށް ނެތެވެ. ލޫކަސް މިކާލް ގޮވައިގެން އަނެއްކާ ދުއްވާލަން ނަމަވެސް ދިޔައީހެއްޔެވެ؟ ކަމީލާގެ ހިތް ތެޅިލިއެވެ. ކަންބޮޑުވެގެން ހަދާނެގޮތް ހުސްވެފައި އެތެރެއަށްވަދެ މަޑު ސޯފާއެއްގައި ޖައްސާލިގޮތަށް އިނގިލީގައި ދައިގަނެވުނެވެ. މިކޮޓަރި ހާދަ އަރާމެވެ. ވާރޭވެހޭއިރު މިތާގައި އިނދެގެން ޓީވީބަލަން ހާދަ ހިތްފަސޭހަވާނެއެވެ. ކަމީލާ ފޯނުހުޅުވާލައިގެން ތަކުރާރުކޮށް ލޫކަސްގެ ފޮޓޯތަކަށް ބަލަނިކޮށް މީހެއްގެ ފިޔަވަޅުގެ އަޑުއިވިފައި ބަލައިލިއެވެ. ފެނުނީ ލޫކަސް ހޫނު ކޮފީއެއް ބޮމުން ނުކުމެގެން އައިތަނެވެ. ލޫކަސް ބަލައިލީ ބީރައްޓެހިކަމުގެ ނަޒަރަކުންނެވެ. ނުދަންނަ ދެމީހަކު ބައްދަލުވިޔަސް ވާނީ އެކަހަލަ ގޮތެކެވެ.
"ކާ....ކާލް ކޮބާތަ؟ " ކަމީލާ ހިތްވަރުކޮށްލާފައި ސުވާލުކުރިއެވެ. ލޫކަސް ކޮފީމަގު ހިފައިގެންގޮސް ކުރިމަތީގައި ހުރި ސޯފާގައި އިށީދެ މޭޒުމަތީގައި ކޮފީތަށި ބެހެއްޓިއެވެ. ދިގު ސޯޓަކާއި ކަޅުކުލައިގެ ޓީޝާޓެއްލައިގެން އިންއިރު ކުރިއަށްވުރެ ފިރިހެންވަންތަކަން އިތުރުވެ ހިތްތައް ގުރުބާންވާފަދަ ގޮތެއް ހުއްޓެވެ. ކަމީލާގެ ހިތަށް އެންމެ ތަދުކުރުވީ ބަލައިލުމުގައި ހުރި އަސަރަކުންނެވެ.
"ޖައިދަން ކާލް ގޮވައިގެން ދިޔައީ، ކިހިނެއްމިވީ؟ އަހަރެން ހިތަކަށްނާރާ ގުޑްބައި ކިޔާފައި ދިޔަމީހާ އަލުން މިގެއަށް އައިސްދާނެއޭ، ކޮން ޕްލޭނެއް މިހާރުއޮތީ، އަހަރެން އައިކަން އެނގުނީމަ ކާލް އަހަންނަށް ދައްކަން ތިފޮނުވީ، ގުޑް......" ލޫކަސްގެ ބަރުއަޑުން އެކަނިވެސް ކަމީލާގެ ގައިން ހީބިހިހަލުވާލައިފިއެވެ. އެއާއިއެކު ލޫކަސްގެ ވާހަކައިން ހިތަށް އަސަރުކުރިއެވެ.
"ކަން ހިނގިގޮތް ނޭގި ލޫކް ކީއްވެ އަހަރެންގެ ބޮލުގައި އިލްޒާމް ތިއަޅުވަނީ؟ އަހަރެން މިގެއަށް އަންނަން ބޭނުންވެގެނެއް ނޫން އައީ، ކާލް މިގެއަށް ގެނައިކަން އެނގުނީމަ އޭނަ ބަލާ އައީ، އެއީ ލޫކްގެ ދަރިފުޅުކަން ހެއްދެވިފަރާތް ހެކިވާނެ، އަހަރެން ބޭނުމެއްނޫން ކޮންމެހެން އިތުރަށް އެކަން ސާބިތުކޮށްދޭކަށް......" ކަމީލާގެ ލޮލަށް ކަރުނަ ގިނަވާންފެށިއެވެ. ކަމީލާ އަމިއްލަ ހާލާއިމެދު ހަމްދަރުދީވިއެވެ. ކޮންމެދުވަހަކީ ކަރުނަ އަޅާ ދުވަހެކެވެ. މިނޫން ދުވަހެއް އަންނާނެބާވައޭ ހިތަށް އަރާ ދުވަހެއްނޫނީ ދިރިއުޅުމުގައި ނާދެއެވެ.
"އަދިވެސް ތިބުނަނީ މަގޭ ދަރިއެކޭތަ؟" ލޫކަސްގެ ހިތް އަވަސްވިއެވެ.
"އަހަރެން އެންމެ އިތުބާރުކުރި މީހަކީ ތިއީ، އެކަމަކު ލޫކް އަހަރެންގެ އިތުބާރު ގެއްލުވައިލީ، އަހަރެން ހީކުރީ އަހަރެމެންގެ ދޭތެރޭ އޮތީ ވަރަށް ވަރުގަދަ ލޯތްބެއްކަމަށް، އެއީ ކުށްހީއެއް، ހަތަރު އަހަރުކުރިން އަހަރެން ދެއްކި ވާހަކަ ގަބޫލުކުރިނަމަ މިހެނެއް ނުވީސް، އެދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން އެންމެ ހައްގު މީހާއަށް ނުފެނި ހަތަރު އަހަރުމިވީ، ހައު ކުޑް ޔޫ ޑިނައި؟ އަމިއްލަ ލެޔޭ އެއީ..." ކަމީލާގެ ވާހަކަތަކުން ލޫކަސް އިސްޖަހައިލަން މަޖުބޫރުކުރިވިއެވެ.
ކަމީލާ އުނގުގައި އޮތް ކުޝަން އެއްލާލާފައި ތެދުވެގެން ދާން އުޅުނީ ރޮވޭގޮތްވީމައެވެ. ލޫކަސްގެ ކުރިމަތީގައި ކަރުނަ އޮއްސަން އޭނަ ބޭނުމެއްނުވިއެވެ. ކަމީލާ އަވަސްއަރުވާލާފައި ހުރިވަރުން އެތާ ހުރި ބިއްލޫރި މޭޒުގައި އަޅައިގެންފައި ވެއްޓިގެން ދިޔަ ބޮނޑީގައި ލޫކަސް ތެދުވެ އެއަތުގެ ހިމާޔަތްދިނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބެވުނުގޮތަށް ގެއްލިފައި ތިބެވުނީ އެވެ. ދުރުން އުޅުނަސް އެތައް ޒަމާނެއް ފާއިތުވެގެން ދިޔަސް އެލޯބިވަނީ ތާޒާކަން މަތީގައެވެ. އެއްވެސް ބަދަލެއްނާދެއެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުމުން ދުރުވާން ނޭގުނީ އެލޯބީގެ ގަދަބާރުންނެވެ. މެހްވިޝް ނުކުމެފައި ކަރުކަހާލިއިރު މޫނުމަތިން ނުރުހުމުގެ އަސަރުފާޅުވިއެވެ. އޭނަގެ ދަރިފުޅާއިވެސް އަޅައިގަތީހެއްޔެވެ؟ ވަރެއްގެ އަންހެނެކެވެ. ނާސިއެކެވެ. ފެންނަހާ ފިރިހެނެއްގެ ފަހަތުން ދުވާމީހެކެވެ. ކަމީލާ ކޮންޓްރޯލް ކުރަން ޖައިދަންއަށް ނޭގޭކަމާއިމެދުވެސް މެހްވިޝް ހައިރާން ހީވިއެވެ. މެހްވިޝް ސިޑިން މައްޗަށް އަރައިގެން ދަމުން ޖައިދަންގެ ފޯނަށް ގުޅާލައިފިއެވެ.
"ސޮރީ...." ލޫކަސް ކަމީލާގެ ގައިން ދޫކޮށްލުމާއިއެކު ކަމީލާ ބާރުބާރަށް ހިނގާލާފައިގޮސް ވާރޭގެތެރެއަށް ނުކުތެވެ. އޭނަގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮރުވުމުގައި ބޯވާރޭ އެހީތެރިއަކަށްވެދިނެވެ.
ކަމީލާ މެހްވިޝްވިލާގައި ހުރިއިރު ޖައިދަން އެތައްފަހަރު ގުޅިއެވެ. ގުޅާވަރުން ކަމީލާ ފަހުން ފޯނު ނިވާލާފައި ޖީބަށް ލީއެވެ. ޖައިދަންއާއި މިގޮތަށް ޗެލެންޖްކޮށްގެން ވަކި މޮޅެއްވެދާނެ ހެއްޔޭވެސް ހިތާއި ސުވާލުކުރިއެވެ. ނަމަވެސް ޖައިދަންދެކެ ކަމީލާ ދުވަހަކު ފޫހިނުވާވަރަށް މިހާރު ފޫހިވެއްޖެއެވެ. އެންމެންގެ ތެރޭގައި ގަސްތުގައި އޭނަ ބަދުނާމްކޮށްލި މީހަކަށް ދުވަހަކު މާފު ދެވޭނެހެއްޔެވެ؟ ލޫކަސް އޭނަގެ ވާހަކަ ގަބޫލުނުކުރީވެސް ޖައިދަންގެ ސަބަބުންނެވެ. އޭނަ ކުރިން ހީކުރީ ދޭތެރެޖައްސާއުޅެނީ އަންހެންކުދިން ކަމުގައެވެ. އެންމެ ދުވަހަކަށް ނަމަވެސް އޭނަގެ ހަޔާތުން ޖައިދަން ބޭރުކޮށްލާފައި އުފާކުރަން ނިންމުން އެއީ ކުށެއްނޫނެވެ. އޭނަ ޖައިދަންގެ އަނިޔާތަކަށް ކެތްކޮށްގެން ހާދަ ދުވަހަކު ކެތްކުރިއެވެ. މަޖުބޫރީ ކައިވެންޏެއްގެ ސަބަބުން ހުރިހާ އުފާތައް މިވަނީ ނިގުޅައިގަނެވިފައެވެ. މިއީ އިންސާފެއްނޫނެވެ.
ގެއާއި ހަމަޔަށް ދެވުނުއިރު ކަމީލާ ތެމިފޯވެއްޖެއެވެ. ޖައިދަންގެ ފަރާތުން އަންނާނެ ރޯޅިއެއް އެނގެނީއެއް ނޫނެވެ. ޖައިދަންފަދަ ބާރުގަދަ މީހަކު އޭނަގެ ހިތަށް ތަދުކުރަން ކޮންމެފަދަ ނުލަފާކަމެއްވެސް ކޮށްފާނެއެވެ. މުޒާ ބުނިފަދައިން އޭނައަކީ މިހާރު ނުފޫޒުގަދަ މުއްސަދިމީހެކެވެ. އަދި ދީފައިވާ އިންޒާރު ވަކި ކުޑަހެއްޔެވެ؟ ދަރިފުޅު ލޮލަށް ނުދައްކާ ގެންގޮސްދާނެކަމުގައި ބުނެފައިވާ ހަނދާންވެފައި ކަމީލާގެ ހިތް ރޫރޫއަޅައިގަތެވެ. ގުގުރީގެ ބާރުއަޑާއިއެކު ވިދުވަރުގެ ތޫނު އަލިން ހީވީ ފަޒާވެސް ދިއްލިގެން ދިޔަހެންނެވެ. ކަމީލާ ދުވެލާފައިގޮސް ފެންޑާއަށް އަރާ ބެލްޖެހިއެވެ. ދޮރުހުޅުވައިލީ ޖައިދަންއެވެ. ޖައިދަން ހުރީ ބުމަގޮށްޖަހާލައިގެންނެވެ.
"ކޮބާ ހިތްހަމަޖެހޭ ވަރުވެއްޖެތަ؟ "ޖައިދަން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
"ތިބުނީ ކީކޭތަ؟ "ކަމީލާ ރުޅިއަންނަގޮތްވިއެވެ.
"ފޯނުވެސް ނަގާކަށް ނޭގުނު، ތިވަރު ތަންކޮޅެއް ބޮޑު، އަހަރެން ގުޅީމާ ޖަވާބު ދިނުމަކީ ބޭނުންކަމަކަށް ނުވޭ، ލޫކަސްއާއި ދެމީހުން ވަރަށް ގަނޑުގަނެލާފައި ތިތިބީ ދޯ، އެގެއަށް ގޮސް އުޅުނީ ސްކާފްވެސް ނަގައިގެންކަން ޔަގީން، އެކަމަކު މާ ދީންވެރި މީހެކޯ...... " ޖައިދަންގެ ލޮލުން ފެނުނު ރުޅިވެރިކަން ކަމީލާގެ ހިތް ބިރުގަންނަވާލައިފިއެވެ. ދޮރުގައި އަތްވިއްދާލައިގެން އެކަނި ޖިންސްލައިގެން ހުރިއިރު ޓޭންވެފައިވާ ރީތި ހަށިގަނޑުވަނީ ހާމަޔަށެވެ. އަންހެންކުދިން ފިދާވާފަދަ ފުރިހަމަ ހަށިގަނޑެކެވެ. އެކަމަކު އޭނަގެ ހިތް ހާދަ ކަޅެވެ. އަންހެންކުދިންނަށް އެވަރު ނުވިސްނޭނެއެވެ. އަޅުކަންކުރާނީ ބޭރުފުށުގެ ރީތިކަމަށެވެ. ކަމީލާގެ މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. ތުންފަތުގައި ދަތްއަޅާލަ އަޅާލާހުރެވުނީ އެސުވާލަށް ދޭނެ ޖަވާބެއް ނުވިސްނިފައެވެ.
"އަހަރެން ލޫކަސްއާއި ގުޅުމެއް ނުބާއްވަން ވަޢުދުކުރުވާފައެއްނު ތިހިރީ....." ޖައިދަންގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން ކަމީލާ ބަލިކަށިއަޑަކުން ބުނެލިއެވެ.
"އަހަންނާއި ހަތަރުކަޅިހަމަކޮށްފައި ބުނޭ، ލޫކަސްއާއި އަނގައިން ބުނިންތަ؟ "ޖައިދަން ވިދާލި ވިދުވަރެއްހެން އައިސް ކަމީލާގެ ދަތްދޮޅިދަށަށް އަތްލައްވާފައި ގަދަކަމުން އޭނައާއި ދިމާލަށް މޫނު އަނބުރުވާލިއެވެ. އޭރު ކަމީލާގެ ހިތް ފިނިވެ ހާސްވާން ފެށިއެވެ. ކުރީދުވަހު ޖައިދަން ވައުދުކުރުވީ ގުޅުމެއް ނުބާއްވާށެވެ. އަނގައިން ބުނުން އެމާނައިގައި ހިމެނެން ޖެހޭނެކަމަކަށް ކަމީލާ ގަބޫލެއްނުކުރެއެވެ. އެހެންނޫނަސް ޖައިދަން ބޭނުންވާގޮތަކަށް އެވައުދު އަނބުރުވާލަން އުޅޭނެއެވެ. ވަރެއްގެ ފިރިހެނެކެވެ. ލޫކަސްއާއި ބައްދަލުވުމުން ހައްތަހާބޮޑަށް ޖައިދަންދެކެ ފޫހިވުން ނޫންކަމެއް ނުވިއެވެ. ޖައިދަން އަތްލުމުންވެސް ވަނީ ފާޑެއްގެ ފޫއްސެކެވެ.
"ނޫން..." ކަމީލާގެ ލޮލުން ޖައިދަންއަށް ފެނުނީ ދޮގުވެރިކަމުގެ ކުލަވަރެވެ.
"ލައިޑިޓެކްޓަރއެއް ގެންނަންވީ...." ކުއްލިއަކަށް ޖައިދަން ބާރަށް ހޭންފެށިއެވެ. މިހާ އަވަހަށް ކަމީލާއަށް އެނގިގެން ނުވާނެއެވެ. އޭނަ ކަމީލާއަށް ފިލާވަޅެއްދޭނީ ލޫކަސްއާއިއެކު ހުއްޓާ ލޮލުން ފެނުނީމައެވެ. ލޫކަސްއާއި ދުރުން އުޅެން އޭނަ އެތައްފަހަރު އަންގާފައިވެއެވެ. ފާއިތުވެގެން ދިޔަ އަހަރުތެރޭގައި ކަމީލާ ގެއްލިދާނެތީ އޭނަ ވިސްނާކަށް ނުޖެހެއެވެ. ލޫކަސް ރާއްޖޭގައި ނޫޅޭތީއެވެ. މިހާރު ކަމީލާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލާން މިއޮތި ޖެހިފައެވެ. ޖައިދަން އެނދަށް އެރިގޮތަށް ކަމީލާއަށް ގޯނާކުރާކަށް ނޫޅުނެވެ. އޭނަ ވިސްނަން އޮތީ ކަމީލާ އަމިއްލަ ކުރާނެގޮތަކާއި މެދުގައެވެ. އޭނަ ދެކޭގޮތުން ލޫކަސްއާއި ހައިޝަމްއަކީ އެކަމަށް ހުރަސްއަޅާ ދެމީހުންނެވެ. މަގުން އެއްފަރާތްކޮށް ނުލައިފިއްޔާ އޭނަގެ އަތުން ކަމީލާ ފޭރިގެންފާނެއެވެ.
ޖެހިގެން އައިދުވަހު ޖައިދަން ކަމީލާ ގޮވައިގެން ބިއުޓީ ސެލޫންއަކަށްގޮސް ކަމީލާގެ އިސްތަށިގަނޑު ފަންކުރުވިއެވެ. ކަމީލާގެ ޑައިރީއިން އޭނައަށްވަނީ ލޫކަސް ކަމީލާގެ ބުޅިއިސްތަށިގަނޑުދެކެ މާވަރެއްގެ ލޯތްބެއްވެގެން ތައުރީފުކުރާކަން އެނގިފައެވެ. ކަމީލާގެ އިސްތަށިގަނޑު ފަންކުރުވާ ވާހަކަ ބުނީމަ އެރޭ ކަމީލާ ވަރަށް ދެރަވެގެން ރޮއިފާ ޖައިދަންއަށް އާދޭސްކުރިއެވެ. ޖައިދަންގެ ހިތަށް ރަހުމެއް ނުވަނެވެ. ކަމީލާ ދެރަކޮށްލުމުން ލިބުނީ އުފަލެކެވެ. ކަމީލާ ހީކުރަނީ ލޫކަސްއާއިއެކުގައި އުޅެފައި އައިސް އޭނަގެ ހިތަށް ސިހުރު ހަދާލެވޭނެކަމަށް ހެއްޔެވެ؟ ކޮންމެފަހަރަކު އޭނަ ކަމީލާއަށް ބިރުދައްކާގޮތަށް މިފަހަރުވެސް އެއްޗެކޭ ކިޔައިގެން ބިރުގެންނެވިއެވެ. ޖައިދަން ބުނާހާގޮތަށް ހަދަން މަޖުބޫރުވަނީވެސް އޭނަގެ ފިނޑިކަމުންނެވެ. ކަމީލާ ސެލޫންއިން ގެއަށްވަންގޮތަށް ލޯގަނޑުން އޭނަގެ ސޫރަދެކެފައި ރޮވުނެވެ. އޭނަ އަމިއްލަ ސިފައާއި ކުޅޭކަށް ބޭނުމެއްނޫނެވެ. މިއީ ހުއްދަވާނެކަމެއްވެސް ނޫނެވެ.
"ވަރަށް ސިލްކީ......" ޖައިދަން ފަހަތުން އައިސް ބައްދާލަމުން ކަންފަތުގައި ދަތްއަޅާލިއެވެ. ކަމީލާ ހީލިކަރުވާގޮތްވެފައި ހަޅޭއްލަވައިގަތުމުން ޖައިދަން ހުރީ ހިނިއައިސްފައެވެ.
"މަންމަ ބުނި މިއަދުވެސް ކާލް އެގެއަށް ގެންނައްޗޭ، ކަމީލާދާންވީނު...." ޖައިދަން އެހާ ފަސޭހައިން ހުއްދަދިނުމުން ކަމީލާ ހައިރާންވިއެވެ.
"އަހަންނަކަށް ނުދެވޭނެ..." ކަމީލާ ދާން އެއްބަސްނުވުމުން ޖައިދަން ވަކިން ރުޅިގަދަވިއެވެ. ޖައިދަން ވިސްނީ އޭގެ އެންމެ ނުބައި ގޮތަށެވެ. ކަމީލާ ނުދާން އުޅުނީ އަމިއްލަ ނަފުސަށް އިތުބާރުނެތީމައެވެ. ލޫކަސް ފެނިގެން ހިތަށް ގޮތްވާނެތީއެވެ. ކުރިވައުދުގައި ދެމިހުންނަން އުދަގޫވާނެތީއެވެ. ޖައިދަން ކަމީލާގެ ތެދުވެރިކަން އިމްތިހާނު ކުރާނެއެވެ. އެގެއަށް ގަދަކަމުން ފޮނުވައިގެން ނަމަވެސް ހެވެވެ. މާ މާތްވެގެން އުޅޭއިރު ތިމާގެ ފިރިމީހާއަށް ވަފާތެރިވާކަށް ނޭގުނު އަންހެނެކެވެ.
ޖައިދަންގެ ހުއްދަ ލިބިގެން ކަމީލާ ކޮންމެދުވަހަކު ހަވީރު މިކާލް ގޮވައިގެން "މެހްވިޝްވިލާ"އަށް ދާންފެށިއެވެ. ލޫކަސް އާއި ދިމާވިޔަސް ކަމީލާހުންނަނީ ވާހަކަނުދައްކަން ނިންމައިގެންނެވެ. ޖައިދަންދެކެ ގަންނަ ބިރަކުން އެކަމަށް ހުރަސްއަޅަނީއެވެ. ގެއަށް ދާއިރަށް ސުވާލުކުރާނެކަން އެނގޭތީއެވެ. ހީވަނީ ޖައިދަން ގަސްތުގައި އޭނަލައްވާ ގޯހެއް ހައްދަން އުޅެނީހެންނެވެ. އެހެންނޫންނަމަ ލޫކަސްގެ ގެއަށް އޭނަ ފޮނުވަން ބާރެއް ނާޅާނެއެވެ. ހަފްތާއެއް ވޭތުވެގެން ދިޔައިރު މިކާލްއާއި ލޫކަސް ވަރަށް ގާތްވިއެވެ. ކަމީލާވެސް ލޫކަސް ފެންނައިރަށް ސިއްރު ނަޒަރަކުން ބަލައިލާނެއެވެ. އެހެންއުޅޭއިރު ދެމީހުން ކުޑަކުޑަކޮށް ވާހަކަދައްކަން މަޖުބޫރުވާފަހަރުވެސް އާދެއެވެ. ކަމީލާ ހުންނަނީ ވިސްނައިގެންނެވެ.
"އަހަންނާއި ވާހަކަ ނުދައްކަން ހުވާކޮށްގެންތަ؟ "ލޫކަސް މެސެޖްކޮށްލިއެވެ.
"ކިހިނެއް އަހަރެންގެ ނަމްބަރުހޯދީ..." ލޫކަސްގެ މެސެޖްލިބުމުން ކަމީލާގެ ހިތް އުފަލުން ނުހުއްޓުނީ ކިރިޔާއެވެ.
"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއްނޫނެއްނު....." ލޫކަސް އާއި ކަމީލާގެ ދޭތެރޭގައި އެކުވެރިކަން ފެށުނީ އެކަހަލަގޮތަކަށެވެ. ކަމީލާހުންނަނީ ލޫކަސްގެ މެސެޖެއް ނުލިބިގެން އިންތިޒާރުގައެވެ. އެދުވަހު ދެމީހުން އެއްގެއެއްގައި ތިބެގެން ކުރިކަމަކީ އެއީއެވެ. އިރުއޮއްސުމުން އެގޭގެ ޑްރައިވަރާއި އެކީގައި ގެއަށް ދިޔަމަގުމަތީގައި ކަމީލާ ހުރިހާ މެސެޖްތައް ފޮހެލިއެވެ. އެތުންފަތްމަތީގައި މިއަދުވަނީ ފަނޑު ހިނިތުންވުމެކެވެ. އެތައް ދުވަހަކަށްފަހު ހީވީ ޒަޚަމްވެފައިވާ ހިތުގައި މީހަކު ގަނޑުފެނުން ފިރުމާލަދިންހެންނެވެ.
ލޫކަސް ގޭޓަށް ލެނގިލައިގެން ފޯނުގެ ސްކްރީނަށް ބަލަންހުރިއިރު އެމޫނުންވެސް ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. ހަތަރުއަހަރަށްފަހު ކަމީލާ ފެނުމުން އެކުއްޖާގެ ބޭވަފާތެރިކަމާއިއެކުގައިވެސް ވާ ލޯބި ޔަގީންކުރެވި އެކަމަށް ހިތްބޭނުންވީ އިންތިހާއަށެވެ. އޭނަ އަންހެންކުދިންނާއި ދުރުން އުޅުނުވަރުން އެކުވެރިންވެސް ދިމާކުރިއެވެ. އޭނައާއިމެދު ނުބައިގޮތަކަށް ދެކުނުމީހުން މަދެއްނޫނެވެ. އަންހެންކުދިންނާއި އެހާވެސް ދުރީއެވެ. މީހަކާއި ނީދެ އުމުރު ދުވަސް ދުއްވާލަން ނިންމައިގެން ހުއްޓާ ކަމީލާ ފެނުމުން ހިތުގައި މިހުރިހާ ދުވަހު ވަޅުޖެހިފައިވާ އިހުސާސްތައް ހޭލައިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އެހެންލާފައި ދިޔަހާ އަންހެންކުދިން ތުއިވަމުން ލޫކަސްގެ ސަމާލުކަން ހޯދަން އުޅުނެވެ.
"ލޫކް....." ކުއްލިއަކަށް ދަންނަ އަޑަކުން ގޮވާލުމުން ލޫކަސް ގެ ރީތި ތުންފަތުގައިވި އުފާވެރި ހިނިތުންވުން ފަނޑުވެގެން ހިނގައްޖެއެވެ.