ކަމީލާ ޖަވާބެއްނުދީ ގޮސް ކުޑަދޮރުތައް ހުޅުވާލީ ތާޒާވައިކޮޅެއް ހޯދާލުމަށެވެ. މީފާ ރުޅިއަންނަގޮތްވިއެވެ. މަންމަނެއްހެން ވާހަކަނުދައްކާ ބަލިކަމަށް ހެދިގެން އެއުޅެނީ މަސައްކަތެއް ނުކުރާންވެގެންކަން ޔަގީނެވެ. ޔާސިރު ކަމީލާ "އެންޖެލް" އަކަށް ހަދައިގެން އެންމެން ގާތުގައި ޅީދަރިފުޅުގެ ރަގަޅުކަމުގެ ވާހަކަދައްކާ އަޑުއިވެއެވެ. ވީއިރު ކަމީލާ ދެއަތްއުރާލައިގެން ހުރެ އޭނަ ވީ މަސައްކަތްކޮށްފައި އެންމެނަށް ކާންދޭންހެއްޔެވެ؟ ޔާސިރުއަށްވެސް އޭނަ މިގޭގައި ހުރެ އެވަރަށް މަސައްކަތްކުރިއިރު އޭނަ ޅީދަރިއަކަށް ހަދަން ބޭނުމެއްނުވިއެވެ. އޭނަ ކިޔަވަން މިގެއަށް ގެނައިގޮތަށް ލިބުނީ ގޭގައި ގެންގުޅޭކުއްޖެއްގެ މަގާމެވެ.
"ކަމީލާ، އަހަރެން ކޮލެޖް އެސައިންމެންޓެއް ހަދަން ޖެހޭތީ ފުދޭވަރަކަށް ބިޒީ، ކަމީލާ މިގޭ ޅީދަރިއަކަށްވީމަ ދެން ކަމީލާ ކައްކާ އެއްޗެހިތާ އެމީހުންނަށް މީރުވާނީވެސް، އަހަރެން މިހިރީ ހެދުނަށް ނާސްތާ ހަދާފައި، ދެން ލަންޗް ތައްޔާރުކުރަންވީނު........." މީފާ އަތްދޮވެލައިގެން ދާން ހިނގައިގަތެވެ. އިސްކޮޅުން ކުރުކަމާއި ލާފައި ހުންނަ ހެދުންތަކުން ކަމީލާއަށް ވުރެ އުމުރުން ހަނގު ވައްތަރު މީފާގެ މޫނުމަތީގައި ޖަހައެވެ. އިރުކޮޅެއްނުވަނީސް ޔާސިރު ނާސްތާ ކުރަން އައިގޮތަށް ކަމީލާ ފެނުމުން މޫނުވަކިން އަލިވެގެން ދިޔައެވެ. ކަމީލާއާއި ވާހަކަދެއްކީ ދަރިފުޅާއޭ ކިޔައިގެންނެވެ. ކަމީލާގެ ހިތަށް އަސަރުކުރިއެވެ. ބައްޕައަށްވުރެވެސް ޔާސިރު އޭނައަށް މާ ހެޔޮކަން ނޭގެއެވެ. އެމީހުން އެހާވަރުން ކައިވެނިކުރުވީމަ އެކައިވެނި ރޫޅާލާ މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ޖައިދަންގެ ނުބައިކަމުން މިގޭގައި އެންމެ ދުވަހަކަށްވެސް ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދޮންބެއަށް ގުޅާފައި އޭނަ މި ނަރަކައިން ސަލާމަތްކޮށްދޭން އަންނަން ބުނާނީއެވެ.
ކަމީލާ ވަރުބަލިވެފައިވާ ވަރުން ކައްކާހިތެއް ނުވިއެވެ. އާދައިގެ ގޮތަކަށް ނޫޑުލްސް ހަދާލާނީއެވެ. ނޫނީ އޯޑަރުދީގެން އެއްޗެއް ގެނުވާނީއެވެ. މިއޮތް ބޮޑު ގޭތެރެ ފަޅުވެފައިވާއިރު އައްމާރު އަދި އިޔާޝްވީ ތަނެއްވެސް ނޭގެއެވެ. ގަބުރުސްތާނެކޭ އެއްފަދަ ތަނެކެވެ. އަޑުގަދަކޮށް ލަވަ ޖަހަން އެނގެނީވެސް ރޭގަނޑު މީހުން ނިދާގަޑީގައެވެ. ކަމީލާ ސިޓިން ރޫމްގެ ސޯފާއެއްގައި އިށީންގޮތަށް އަނެއްކާވެސް ނިދޭގޮތްވިއެވެ. ހޭލެވުނީ ފޯނު ވައިބްރޭޓްވާން ފެށީމައެވެ.
"ބްރެކްފާސްޓް ގެނޭ...." ޖައިދަން އަމުރުކުރިއެވެ. ކަމީލާ ފޯނު އަތުކޮޅަށް އެއްލާލަން ހިތަށް އެރިއެވެ. ހެނދުނު ނާސްތާ ކުރަންވީ ބާރަޖެހީމަހެއްޔެވެ؟ ކަމީލާ ތުންއޫކޮށްލައިގެން ހުރެ ބަދިގެއަށް ވަންގޮތަށް ޕާން ޓޯސްޓްކުރަން ލީ ތަވާއަށެވެ. ބިސްގަނޑު އަނދާހެން ހީވެފައި ކަމީލާ އަވަހަށް އުނދުން ނިވާލިއެވެ. ކޮފީހެދިއިރުވެސް ހަކުރު އެޅީ ހުވަފެނެއްގެ ތެރޭގައި ހުރެއެވެ. އެއްވެސް ކަމެއް އެންމެ ރަގަޅަށް ކުރާކަށް ނޭގުނެވެ. ކަމީލާ ތަބައް ހިފައިގެން ގޮސް ލިފްޓަށް އެރިއިރު ލިފްޓް ތާށިވެދާނެތީ އޭނަ ހުރީ ބިރުގެންފައެވެ. ލިފްޓް ޖައްސާލާއިރަށް ބޮލަށްގޮތެއް ވެއްޓިދާނެހެން ހީވިއެވެ.
"ވަޓްސް ރޯންގް ވިތް މީ، ކުރިއަކުން އަހަންނަށް މިއިން އެއްވެސް އުނދަގުލެއްނުވޭ، އެމީހާގަނޑުދެކެ ހާދަ ރުޅިއާދޭ، މަރުވާނެނަމަ......" ކަމީލާ ބޭނުންނުވިޔަސް ކުރެވެނީ ބަދު ދުޢާއެވެ. ކޮޓަރިއަށް ވަންއިރު ޖައިދަން ހުރީ ފެންވަރާލައިގެން ނުކުމެއެވެ. ކަޅާއި ފެހި އެކުލެވޭ ޓީޝާޓް ގަޔަށް ހިފާފައިވާ ގޮތުން އަތުގެ މުލައްދަނޑީގެ ރީތިކަން ވަނީ ހާމަޔަށެވެ. ޖައިދަން ލޯ ހަނިކޮށްލާފައި ބަލައިލިގޮތަކުން ކަމީލާގެ ފިޔަވަޅުތައް ގަނޑުވާގޮތްވިއެވެ.
"ކިތައްފަހަރު ބުނާނީ ތިހެދުން ލައިގެން ނުވާނެއޭ، ބޭނުން ހެދުމެއް ލެވޭނެއޭ ކިޔަކިޔާފައި އުޅެނިކޮށް ތިހިރީ މަގޭ ހައްގަކަށްވެފައޭ، މަ ބޭނުންވާ ގޮތަށް ޑްރެސްކުރަން ޖެހޭނެ، އަދި ތި ނޫޑުލްސްގަނޑެއްކަހަލަ އިސްތަށިގަނޑު ފަންކުރުވަން ސެލޫނަށްވެސް ގެންދާނަން، އަސްލުވެސް ލޮލަށް އުދަގޫވޭ، އާން ދެން ދަމައިނުގަންނަނީސް ތި ހެދުން ބާލަން އުޅޭ......" ޖައިދަން އަމުރުކުރުމުން ބިރުން ހުރި ކަމީލާ އަވަހަށް ކަޅުހެދުން ބާލަން ފެށުމުން ޖައިދަން ކާން އިށީނެވެ. ޖައިދަން ޕާންފޮތިކާން ފަށާފައި ބަލާލިއިރު ޕާންހުރީ ކަޅުކުލަ އަރާފައެވެ. އެވަރުންވެސް ކެތްކޮށްލާފައި ކޮފީތަށި ތުނބުގައިޖަހާފައި ޖައިދަންގެ ނިތްކުރިއަށް އެރި ރޫތައް ގިނަވިއެވެ. އަތުންޖެހިޖެހީނުން ސައިތަބައް ހޫރާލުމުން ކަމީލާ ބިރުން ދެލޯބޮޑުކޮށްލާފައި ބަލައިލިއެވެ. ޖައިދަން އޭނަ ކޮށްޕަމުންގޮސް ފާރަށް ލައްކޮށްލިއިރު އެލޮލުން އަލިފާން ކަނި ބުރާހެން ހީވިއެވެ.
"ކަލޭ އަހަންނަށް ޖެއްސުންކުރަން އުޅެންޏާ ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނަން......" ޖައިދަން ކަމީލާގެ ކޮލަށް ފިތައިގަތްގަތީނުން ދެލޮލުން ފެންއައެވެ.
"ތަ..ތަދުވަނީ...." ކަމީލާ ރޮއިގަތެވެ.
"އަބަދު ތިގޮތަށް މަގޭ ކާރީ ރޯން ޖެހޭނީ، އާދޭސްކުރަން ޖެހޭނީ........" ޖައިދަން މަލާމާތުގެ ހީލާފައި ކަމީލާ އެނދާއިދިމާލަށް ހޫރުވާލިއެވެ. އިނގިލި ދިއްކޮށްލާފައި އިންޒާރުތަކެއް ދިނުމުން ކަމީލާ އޮތީ އެސްފިޔަވެސް ޖަހައިލަން ނުކެރިފައެވެ. ޖައިދަންގެ ރިމޯޓް އޮންނަނީ ކަމީލާގެ އަތުގައެވެ. އޮޅިގެންވެސް ނުބައި ބަޓްން އަކަށް ފިތިއްޖެއްޔާ ޖައިދަން ކޮންޓްރޯލް ނުވެ ކޮށްފާނެ ކަމެއްދެކެ ކަމީލާ ބިރުގަނެއެވެ. ތެދެކެވެ. ޖައިދަން ގާތުގައި އަދި އޭނަގެ ބާރެއްނެތެވެ. އަންހެންކުދިންގެ ބަލިކަށިކަމާއި ނިކަމެތިކަމުން މިފަދަ ފިރިހެނުންނަށް ބޮޑާކަމެއް ލިބޭނެއެވެ. ކަމީލާދެކެ ޖައިދަން ނަފްރަތުކުރާހާ ހިނދަކު ކަމީލާ މޮޅު ނުވާނެކަން ކަމީލާއަށް ޔަގީންވިއެވެ. އެނަފްރަތުގެ ސަބަބުވެސް ކަމީލާގެ ޅަ ސިކުނޑިއަކަށް ރޭކާނުލިއެވެ. ޖައިދަން މަލާމާތުގެ ފާޑަކަށް ހީލާފައި ނުކުމެގެން ދަމުން ފާރު ގުގުމައިގެންދާހާ ބާރަށް ދޮރު ލައްޕާލިއެވެ. އެކަމުންވެސް ތިމާގެ ބާރާއި ވަރުގަދަކަން އިޝްތިހާރުކުރީއެވެ. ކަމީލާ ވަރަށް ބޮޑަށް ފޫހިވިއެވެ. މިހާ އަނިޔާވެރި ރުޅިގަދަ މީހަކާއިއެކު އެންމެ ދުވަހަކަށް ކެތްނުކުރެވުނުއިރު ހަޔާތުގެ ބާކީ އޮތްބައި ވޭތުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނަ އަބަދުވެސް ބޭނުންވީ ފެއަރީ ޓޭލް ދިރިއުޅުމެކެވެ. ނަމަވެސް މި ލިބުނީ ކޮންފަދަ ދިރިއުޅުމެއްހެއްޔެވެ؟ ލޯބިވާ މީހާ ލިބުނުނަމަ އަނިޔާތަކަށްވެސް ކެތްކުރެވިދާނެއެވެ. ނަމަވެސް ލޯތްބާއިނުލައި މިފަދަ ހަޔާތެއް ވޭތުކުރުމަށްވުރެ މަރުވިޔަސް ހެވެވެ.
ޖައިދަން ނުކުމެގެން ދިޔުމުން ކަމީލާ ކޮޓަރި ސާފުކުރަންފެށިއެވެ. އެމަސައްކަތްކޮށް ނިންމާލެވުނުއިރު އޭނަ ލޮނޑުވެ އަރާމުކޮށްލަން ބޭނުންވެފައިވެއެވެ. ނަމަވެސް ބައްޕަމެން ނަމާދުކޮށްގެން ގެއަށް އަންނަންވާއިރަށް ކާން ތައްޔާރުކުރަން ޖެހޭނެތީ ކަމީލާ އުޅެގަތީ އެކަމާއެވެ. މީފާ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއްވީއެއް ނޫނެވެ. ކަމީލާގެ ރީތި ތުންފަތްމަތިން އަބަދު ފެންނަ ހިނިތުންވުން ފަނޑުވެ ދެލޮލުން ހިތާމައިގެ ކުލަވަރު ފެނެއެވެ. ހީވަނީ އަބަދާއަބަދު ކޮންމެވެސް ކަހަލަ ޚިޔާލެއްގައި ހުންނަހެންނެވެ. މެންދުރު ކާން މޭޒުދޮށަށް އައީ ޔާސިރުއާއި ހަނގު ދެކުދިންނެވެ. އައްމާރު މީހަކާއި އިންފަހުން އުޅެނީ އަންހެނުންގެ ގޭގައެވެ. ކަމީލާ އިނީ ކަޅުހެދުން ނުލައި ބައްޕަމެންގެ ކުރިމައްޗަށް އަންނަން ވުމުން ލަދުންނެވެ. އެވަރުންވެސް އޭނަ ހުރީ ޝޯލުން އިސްތަށިގަނޑު ނިވާކޮށްގެންނެވެ. މޭޒުދޮށުގައި އެކި ވާހަކަތައް ދެކެވުނުއިރު ކަމީލާ އިނީ ނުކެވިފައެވެ. އަނގަޔަށް ލީ އެތިކޮޅުވެސް ހޮޑަށް އައިސްދާނެހެން ހީވިއެވެ. މޭނުބައިކޮށްފައި އިނަސް އޭނަ ގަދަކަމުން ކުޑަކޮށް ކެޔެވެ.
ކައި ނިމިގެން އަރާމުކޮށްލަން ކޮޓަރިއަށް ދާން ކަމީލާ ޚިޔާލުކުރިއެވެ. ހައިރާންވަނީ ފަސްބުރިއަށް ނަގާފައިވާ މިބޮޑު އިމާރާތް ހުރިގޮތަށް ފަޅަށް ހުންނާތީއެވެ. ކަމީލާ ހީކުރީ ޖައިދަން ތެދުވެގެން އުޅޭނީ ކޮންމެވެސް ކުޅިވަރެއްގައި ކަމަށެވެ. ކުޑަކުއްޖެއްހެން މަސައްކަތެއްނުކޮށް އުޅޭ ފިރިހެނެއްގެ އެނޫން ކަމެއް އޮންނާނެ ހެއްޔެވެ؟ ކަމީލާ ކޮޓަރިއަށްވަންއިރު ފިރިހެން ސެންޓްވަސް ދުވުމުން އުދަގޫގޮތެއްވިއެވެ. އޭނަ އޭސީ ނިވާލާފައި ބެލްކަނީގެ ދޮރުތައް ހުޅުވައިލުމުން ހުރަހެއްނެތި ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ވަންނަން ފެށިއެވެ. ދޮރުގެ ފޮތިތައް ވަޔާއި ހެލެމުންދާއިރު ބޭރުފެނިލައެވެ. ގެ ހަދާފައިވާގޮތުން ގެއަށް ވައިވަދެ އަބަދުހެން އަލިކޮށް އޮތީމަ ވަރަށް އަރާމެވެ. ކަމީލާގެ ލޮލުގައި އެވަގުތު އަޅައިގަތީ ޓީވީ ރެކްމަތީގައި ހުރި ފޮޓޯ ފްރޭމެކެވެ. ޒުވާން ރީތި އަންހެންމީހާ ފެނުމުން ކޮންމެވެސް ތަނަކުން ދެކެފައިވާ މީހަކާއި ވައްތަރުވިއެވެ. ސިކުނޑިއަށް ބާރުލީމަވެސް ހަނދާނެއް ނުވިއެވެ. އަންހެންމީހާގެ އުނގުގައި ކުޑަ ފިރިހެންކުއްޖަކު އޮތްއިރު އަނެއް ފަޅީގައި ހުރީ ހިނިތުންވެލައިގެން ހުރި ފިރިހެންކުއްޖެކެވެ. އެކަމަކު ފޮޓޯގެ އެއްފަޅިވަނީ ކަފާލާފައެވެ. އަލަމާރި ހުޅުވާލިއިރު ފެނުނު ތަސްވީރުން އިތުރު ހައިރާންކަމެއް ލިބުނެވެ. މިފަހަރު ހުރީ އެއް ކުއްޖެއްގެ މޫނުގައި ކަޅުމާކަރަކުން ކުރަހާލާފައެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ މޫނު ފެންނަން ނެތުމުން ލަފާކޮށްލާކަށް ނޭގިހުރެވެސް ކަމީލާ ވިސްނާލިއެވެ. އެ ވާނީ ޖައިދަން ކަމަށެވެ. މަންމަގެ އުނގުގައި ތުއްތުކޮށް އޮތީ އިޔާޝްއެވެ. ޖައިދަން އަމިއްލަ ނަފުސްދެކެ ފޫހިވެގެން ފޮޓޯތަކުގައި ކުރަހަނީކަމަށް ވެދާނެއެވެ. ހަގީގަތް ނޭނގިހުރެ ކަމީލާ އެކިގޮތްގޮތަށް ވިސްނިއެވެ. ކަމީލާ ޖައިދަންގެ އަލަމާރި ހާވަން ހުއްޓާ ކުއްލިއަކަށް ފަހަތުން އައިސް އަލަމާރި ބަންލާފައި ޖެހިގޮތުން އަލަމާރި ގުޑައިގެން ދިޔައެވެ.
"އަނހަ އެޖެންޓް؟ އެނީ ކްލޫ؟ އަހަރެން ކާކުކަން ބަލަން ހާދަ ވަރެކޭ ތިވަނީ، ގަޓް ހުރި މީހެއްވެއްޖެއްޔާ ނިކަން ސީދަލަށް އަހާބަލަ.............. " ޖައިދަން ކަމީލާގެ އަތުގައި އޭނައާއި ދިމާލަށް ހަރުކަށިގޮތަކަށް އަނބުރާލާފައި ދަތްދޮޅީގައި ހިފާލިއެވެ. ކަމީލާ އެއަތްފޮޅުވާލާފައި ދުރަށް ދާން އުޅެގަތީމަ ޖައިދަން ކަމީލާގެ އަތްވެސް އަނބުރާލިއެވެ. ކޮންމެ އަދާއެއްގައި ވަނީ ހަރުކަށިކަމެވެ. ބިރުގަންނަވާލާފަދަ ގޮތެކެވެ. ކަމީލާ އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވިއެވެ. އަމިއްލަ ނިކަމެތިކަމާއިމެދު ކަރުނަ އޮއްސިއެވެ. އޭނައަށް މިނޫންގޮތެއް ނުފެންނާނީ ހެއްޔެވެ؟ އެހެން މީހެއްގެ ގާތުގައި މި އަނިޔާތަކުގެ ވާހަކަދެއްކެންވެސް ނެތީއެވެ. ޖައިދަން ވިސްނަނީ އެކަނި އޭނަގެ އުފަލަށެވެ. އެއިން ކޮންމެ ފަހަރެއްގައި ލޫކަސްގެ މަތިން ހަނދާންވެއެވެ. އެ އޯގާތެރި ފިރުމުންތަކަށްޓަކައި ހިތް އެދެއެވެ. ދުވަހަކު ދެން އެ އުފާ ލިބުން ނެތީހެއްޔެވެ؟
ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު ކަމީލާ ވަރުބަލިކަން އިންތިހާއަށް ދިޔައެވެ. އޭނަ ލިއަމްއަށް ގުޅައިގެން ހޮޑުނުލެވޭކަހަލަ ބޭހެއްގެ ނަން ހޯދިއެވެ. އެކުވެރިކުއްޖަކު ބަލިވެގެންނޭ ކިޔާފައި ލިއަމްއަށް އޮޅުވާލިއެވެ. ކަމީލާ އަމިއްލައަށް ފާމަސީއަށް ގޮސް އެމްސެޓް ގަނެގެން ކޮންމެ ރެއަކު ބޭސްގުޅައެއް ކާލައެވެ. އެކެއީމަ ހެނދުނު ވާ އުނދަގޫތައް ކުޑަނަމަވެސް ވަރުބަލިކަން ހައްތަހާ އިތުރުވިއެވެ. ކަމީލާ ނިންމީ ޖައިދަންގެ އަނިޔާތަކާއި އުނދަގޫތައް ބޮޑުކަމުން ކަމަށެވެ. އޭނަ ނުރުހޭކަން އެނގުނީމަ ގަސްތުގައި ޖެއްސުމަށް އޭނައަށް އުދަގޫކުރުމަކީ ޖައިދަންގެ އުފަލެވެ. އެކަމާއި ކަމީލާ އެއްޗެކޭ ބުނެފިއްޔާ މާ ބޮޑަށް ގޯނާކުރާނެކަން އެނގޭތީ ކަމީލާ ހުންނަނީ ހިމޭންވެފައެވެ. ކަމީލާ އެންމެފަހުން ފޫހިވާވަރުން ޔާސިރު ކާރީގައި ބުނެގެން އޭލެވެލް ކްލާހަކުން ޖާގަ ހޯދިއެވެ. ކިތަންމެ ވަރުބަލިވީނަމަވެސް ކިޔެވުން ދޫކޮށްލައިފިއްޔާ އޭނަގެ މުސްތަގުބަލް އެއްކޮށް ހަލާނުވެދާނެއެވެ. ކިރިޔާވެސް އުއްމީދެއް އޮތީ ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވިގެންނެވެ. އޭރުން ފަހަރެއްގައި ބޭރު ގައުމަކަށް ހިޖުރަ ކުރެވިދާނެއެވެ. ޖައިދަންއަށް ފިލައިގެން އެހެން ދިރިއުޅުމެއް ހޯދިދާނެއެވެ. މަންމަ ދޭތެރެއަކުން ގުޅާލާފައި އަވަށްޓެރިންނާއި އެކުވެރިން ހަސަދަލައިގެން އުޅޭވަރާއި އެމީހުން ދައްކާ ވާހަކަތައް ކިޔާދެނީ ހީހީފައެވެ. މަންމަ އޭނަ ޤުރުބާންކޮށްލާފައި އުފަލުން އުދުހެނީއެވެ.
އެދުވަސްކޮޅު ޔާސިރު އޮފީސް ސެމިނާރެއްގައި ބޭރު ގައުމަކަށް ފުރިއިރު އިޔާޝް ގެންދިޔައެވެ. އައްމާރުގެ އަންހެނުންވެސް ކުޑަކޮށް ބަލިވެގެން އެމީހުންވީ ސިންގަޕޫރުގައެވެ. ގޭގައި ޖައިދަންއާއި މީފާއާއިއެކު އުޅެންވުމުން ކަމީލާގެ ފޫހިކަމާއި ހާސްކަން ދެގުނައިތުރުވިއެވެ.
ކަމީލާ ބޮޑުކޮޓަރިއަށް ނުކުތްއިރު އެތާގައި އޮތީ ފަނޑު ބޮއްކެއްގެ އައްޔެވެ. ހުތްއަނބު ތަށްޓެއް ހިފައިގެންގޮސް އަނބުކާން އިށީދެ ޗެނެލްތައް ބަދަލުކުރަން ފެށުމާއިއެކު އިނގިރޭސި ފިލްމެއްގެ މަންޒަރު ފެނިފައި ކަމީލާގެ ހިތުގެ ވިންދު އަވަސްވިއެވެ. އެއިން ދައްކަނީ ކޮޓަރީގެ ތެރޭގައި ދެމަފިރިއަކު މާ އިޝްގީވެގެން އުޅޭ މަންޒަރެވެ. ވަގުތުން ހަނދާންވީ ލޫކަސްގެ މަތިންނެވެ. ކަމީލާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ލޫކަސް ވީ ކޮންތާކު ހެއްޔެވެ؟ އެހާ އުފާވެރި ރީތި ހަނދާންތަކެއް ހިއްސާކޮށްފައި އޭނައާއި ވަކިވީ ކީއްވެހެއްޔެވެ؟ ހުރިހާ އަނިޔާތަކާއިއެކުގައި އަދިވެސް އޭނަ ލޯބިވާ މީހަކީ އެކަނި ލޫކަސްއެވެ. އެ ހިތުގެ ވެރިޔަކީ އެއީއެވެ.
"ކާކުމަތިން ހަނދާންކޮށްފައި ތި ރޮނީ؟ ފޮގެޓް އިޓް، ދުވަހަކު ތިކަހަލަ އުފަލެއް ނުލިބޭނެ، ދުވަހަކު ތި ހަށިގަނޑުގައި އަހަރެން ލައްވާލާ ލަކުނު ނުފިލާނެ، ބާވެ އެއްލާލާ ފަހުން ދެން އެހެން މީހަކަށް އަތްލެވޭނީ...... " ޖައިދަން ފަހަތުގައި އެ މަންޒަރު ބަލަން ހުރެފައި އައިގޮތަށް ކަމީލާގެ މޫނުގައިވާ ޝުޢޫރުތައް ދެކެފައި މަލާމާތްކުރިއެވެ. އެ ފަނޑުއަލީގެ ތެރޭގައި އެ ކަޅުދެލޮލުގެ ވިދުން ގަދަކަމާއިއެކު ނުރައްކާތެރިގޮތެއްވެސް ހުއްޓެވެ. އެކަތައިގެ ބާރު ލިބިފައިވާ އަތުގެ ތެރޭގައި ގައިދުކޮށްލިގޮތަށް އޭނައަށް ހިރިނުލެވުނެވެ. ގޭގައި މީހަކު ނޫޅޭކަން އެނގުނީމަ ޖައިދަންގެ އުދަގޫތައް ކުރިއަށް ވުރެ ދެގުނަ ބޮޑެވެ. ތަނެއް ތަނެއްވެސް ނޯންނަނީއެވެ. ކަމީލާ ފޫހިވެފައިހުރެ ހިތުގައިވާހާ އެއްޗެއް ބޭރުކޮށްލަން ބޭނުންވިއެވެ. ކޮންމެދުވަހަކު ހާސްމަރުން މަރުވުމަށްވުރެ އެގޮތް އޭނައަށް މާ ރަގަޅެވެ. ވަރުބަލިވެގެންގޮސް ކޮޅަށް ނުހުރެވޭއިރުވެސް އޭނައަށް މި ދުއްތުރާ ޖައްސަނީވިއްޔައެވެ.
"ހިތަށް އެރިގޮތެއް ހަދާލެވިދާނެއޭ ހީނުކުރާތި، އަހަންނަކީ ޖައިދަންގެ ސާވެންޓެއް ނޫން، އަހަރެންގެ ހަށިގަނޑަށް ބޭނުންގޮތެއް ހެދިދާނެ، އެކަމަކު ދުވަހަކު މަގޭ ހިތަކުން ޖާގައެއް ނުލިބޭނެ، އެންމެ މީހަކަށް އެހިތް ދެވުނީ، އެނގިއްޖެތަ؟ އަހަރެންގެ ހިތާއި ފުރާނައަކީ އެހެން މީހެއްގެ ހައްގެއް، ތިއީ އިންސާނެއްވެސް ނޫން، ސަން އޮފް......." ކަމީލާ ނުރުހުމާއިއެކު ޖައިދަންއާއި ހަތަރުކަޅިހަމަކޮށްފައި ބުނަން އުޅުނު ޖުމްލަ ފުރިހަމަވާގޮތެއް ނުވިއެވެ. ކަމީލާ ވާހަކަދައްކަ ދައްކާ ހުއްޓާ ޖައިދަން ކަމީލާގެ އަނގައިގެ ތެރެއަށް ކުޅުޖެހިއެވެ. ކަމީލާއަށް ލިބުނީ ޝޮކެކެވެ. އަނގަ ސަކަރާތްވެފައި ހުއްޓާ ޖައިދަން އެކުރިކަމަކުން ހޮޑު އަންނަން އުޅުނަސް ބޭސްކައިގެން ހުރީމަ ކޮންޓްރޯލް ކުރެވުނެވެ. ކަމީލާ ދުއްވައިގަންނަން އުޅުނީ އަނގަ ދޮންނާށެވެ.
ކަމީލާ ބޭރަށް ނުކުމެފައި އެތާހުރި އިސްކުރަކުން އަނގަ ދޮންނަމުން ދިޔައިރު ދެލޯވަނީ ކަރުނުން ފުރިފައެވެ. ޖައިދަންގެ ގޮތްކުޑަކަމާއި ނުލަފާކަން ހައްދުން ނެއްޓީއެވެ. މޮޔައެއްކަން ނޭގެއެވެ. ހަމަހޭގައި ހުރިނަމަ އެކަހަލަ ކަމެއް ނުކުރާނެއެވެ. ކަމީލާ އަމިއްލަ ނަފުސްވެސް ކުށްވެރިކުރިއެވެ. އޭނަވެސް އެގޮތަށް އެ ނުލަފާ މީހާއާއި ވާހަކަދައްކައިގެން ނުވާނެއެވެ. ކަމީލާ މޫނަށް ފެން ވިއްސިވަރަކަށް ކަރުނަ އިތުރުވުން ނޫންކަމެއް ނުވިއެވެ.
"އަހަރެން ހަދާނެގޮތެއްވެސް ނޭގޭ، މިއީ އަހަރެން އަމިއްލައަށް ހޯދައިގަތް ދެރައެއް، އަހަރެން ބަސްއަހައިގެން ރަގަޅަށް ކިޔެވިނަމަ މި ދުވަސްދެކޭކަށް ނުޖެހޭނެކަން ޔަގީން، ފިރިހެނުންނަކީ ވަރަށް ނުބައިބަޔެއް، އެމީހުން ބޭނުންވާނީ އެންމެކަމެއް، ޖައިދަންއަކީ ނުލަފާ ކަމުން ޝައިތާނެކޭ އެއްފަދަ މީހެއް، އިންސާނުންގެ ދާއިރާއިން ބޭރުވެފައިވާ މީހަކާއިއެކު އުޅެން ޖެހޭ ކޮންމެ އަންހެންކުއްޖަކީ ބަދުނަސީބު އަންހެންކުއްޖެއް، އަހަރެން ސަފަރކުރާވަރު ދެނެވޮޑިގެންވަނީ އެކަނި ހެއްދެވިފަރާތް، އެންމެފަހަރަކުވެސް މި ހަށިގަނޑުން ރިހުން ނުފިލާ، އޭނަގެ ފިޔަވަޅުގެ އަޑު އިވުނަސް އަހަރެން ސިހޭ، ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި ދެން ވާނެގޮތަކާއިމެދު އަބަދު މިވިސްނެނީ، ދުވަހެއްގެ ކޮޅުންވެސް އެމީހާ ގަނޑަށް މާފެއް ނުކުރާނަން......" ކަމީލާ އެތައްފަހަރަކު މޫނާއި އަނގަ ދޮވެދޮވެފައި ތެދުވުނުއިރު ޖައިދަން ހުރީ ތަނބަށް ލެނގިލައިގެން އޭނަގެ ހަރަކާތްތަކަށް ބަލާށެވެ. އެ ތޫނު ނަޒަރުން ބަލަން ހުރިގޮތުންވެސް ކަމީލާގެ ގައިން ހީބިހި ހަލުވާލައިފިއެވެ. ޖައިދަން ދެން ކުރާނެކަމެއް އެނގެނީއެއް ނޫނެވެ. އެ ސިކުނޑީގައި އޭނައާއި ދެކޮޅަށް ރާވަމުންދަނީ ކޮންފަދަ ކަންތައްގަނޑެއްކަންވެސް ނޭގެއެވެ. ކަމީލާ ކިތަންމެ ކެތްކުރިޔަސް ހޫނު ކަރުނަތަކުން އެލޯ ތެންމާލައިފިއެވެ. އަނދިރީގެ ތެރޭގައި އޭނައާއި ދިމާލަށް ޖައިދަން ހިނގާފައި އައީ ވެމްޕަޔަރެއް ޝިކާރައާއި ދިމާލަށް އަންނަ ފަދައިން ލަސްލަހުންނެވެ. ނުފިލޭނެކަމުގެ ޔަގީންކަން އޮތީމައެވެ. ކަމީލާ ހުރީ ހިރިލާން ނުކެރި ފާރަށް ލެނގިލިގޮތަށް ދެލޯ މަރާލައިގެންނެވެ.
ކަމީލާ އުއްބައްތިތައް ދިއްލަމުން އުޅުނުއިރު މީފާ ކާކޮޓަރީގައި ފޮތެއް ހިފައިގެން އިނެވެ. މިދުވަސްކޮޅު ކަމީލާ ބަލިކަން އެނގޭއިރު މީފާ އެހީނުވާތީ ކަމީލާ ނިކަން ދެރަވެއެވެ. ނަމަވެސް ކޮލެޖްގައި ކިޔަވާ ކުއްޖެއްގެ ގާތުގައި ކަމަކު ކިޔާކަށް ނުކެރޭނެއެވެ. އެކުއްޖާއަށް ނުކިޔެވުނީ ކަމީލާއާއި ހެދިއޭ ބުނެފާނެއެވެ. ޖައިދަން އަދި ގެއަކަށް ނާދެއެވެ. އެކުވެރިންނާއިއެކީގައި ބޭރަށް ދިޔުމުން ކަމީލާއަށް ހަމަޖެހިލައިގެން ނޭވާލާނެ ފުރުސަތުލިބުނެވެ. ކަރަންޓް އައުމުންވެސް ކަމީލާ އިނީ ބޮކިތައް ނިވާލައިގެން އުއްބައްތީގެ ރީތި އަލިން ހިތް އުފާކުރާށެވެ. އުއްބައްތިއަކީ ކަމީލާ ކުޑައިރުއްސުރެން ގަޔާވާ ބައިވެރިއެކެވެ. އުއްބައްތިއާއި ކުޅެން ގެއްލިފައި އިންއިރު ކަމީލާގެ ތުންފަތްމަތީގައި ކުޑަ ކުޑަ ހިނިތުންވުމެއްވިއެވެ. ކުއްލިއަކަށް ބެލްޖެހާލި އަޑަށް ކަމީލާ ހީކުރީ ޖައިދަންކަމަށެވެ. ކަމީލާގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ސީރިޔަސްކަން ވެރިވިއެވެ. ބުމަ ކާރިކޮށްލެވިއްޖެއެވެ.
"ނުލަފާ ޑެވިލްގަނޑު އައީ، ނިދަން އޮތަސް އެމީހާގަނޑުގެ އުނދަގޫ ނުފޯރާނެގޮތެއް ނެތް، އިންސާނަކުދެކެ އަނެއް އިންސާނަކަށް ރުޅިއާދެވޭނީ މިހާވަރަށް، އެކަމަކު އަހަރެން މިދާގޮތަށްގޮސް ނިދާކަމަށް ހެދިގެން އެނދަށް އަރާ އޮންނާނީ........" ކަމީލާ ހިތާހިތުން އެއްޗެހި ކިޔަމުން ގޮސް ދޮރުގެ ތަންޑުތައް ނައްޓާލާފައި އަވަހަށް ދުއްވައިގަތީ ލިފްޓާއި ދިމާލަށެވެ. ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ކަމީލާ ހީކުރިގޮތަށް ޖައިދަންއެއް ނޫނެވެ. އެއީ ޖައިދަންގެ މަންމަ މެހްވިޝްއެވެ. މެހްވިޝްގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ދޮރުމައްޗަށް އެރި ލޫކަސްއަށް އޮޅިގެން ނަމަވެސް ނަޒަރު ހުއްޓައިލެވުނީ ސީދާ ލިފްޓާއި ދިމާލަށެވެ. ސިކުންތުކޮޅެއް އަވަސްވިނަމަ ލިފްޓަށް ވަން މީހަކު ރީއްޗަށް ފެންނާނެއެވެ.
"އެކަކުވެސް ނޫޅެނީތަ؟ ސިހުރު ހަދާ ހަދާ މިގެ ފަޅުވީކަން ނޭގޭ ދޯ ދަރިފުޅާ......" މެހްވިޝް އެތަން މިތަނަށް ނަޒަރު ހިންގައިލިއެވެ.
"މިބައިގާ ކަރަންޓްނެތަސް ލިފްޓް މަސައްކަތް އެބަކުރޭ، ކޮންމެވެސް މީހަކު ފިލަންވެގެން ދުވެގޮސް ލިފްޓަށް އެރީކަން ޔަގީން، މި އުއްބައްތިވެސް ވައްޓާލާފައިވިއްޔާ އެމީހަކު ދުއްވައިގަތީ، މަންމާ ދޮންބެއަށް ގުޅަންތަ؟ މަންމަ މާލެ އައި ވާހަކައެއް ނުބުނާނަން، ސަޕްރައިޒެއް ދޭންވާނެ ދޯ މަންމާ......." ލޫކަސް އުއްބައްތިތައް ބިންމަތިން ނެގިއެވެ. ލޫކަސް އައްމާރުއަށް ގުޅައިގެން ހުރެ ވާހަކަދައްކަމުންގޮސް ދޮރު ހުޅުވާލިތަނާ ބާރުބާރަށް އައިސް ގެއަށް ވަން މީހެއްގެ ގައިގާ އަޅައިގަތެވެ.
"ސޮރީ......" އެއީ ކޮއްކޮ ޖައިދަންކަން އެނގުމާއިއެކު އެޒުވާނާގެ ގައިން ދޫކޮށްލާފައި އެއްފަރާތަކަށް ޖެހިލިއިރު ލޫކަސްގެ ދެލޮލުންވެސް ފެނުނީ ބީރައްޓެހިކަމެވެ. ޖައިދަންއާއި ލޫކަސްގެ ދޭތެރޭގައި އޮންނަނީ މެހްވިޝްވެސް ހައިރާންވާފަދަ ގުޅުމެކެވެ. އެދެކުދިން ވާހަކަދެއްކުން ހުއްޓާލި ސަބަބެއް ނޭގެއެވެ. ބީރައްޓެހިންވެސް އެހާ ދުރުން ނޫޅޭނެއެވެ. އެކަކު އަނެކަކު ގައިގާ އަޅައިގެންފާ ވެއްޓުނަސް އެގޭކަމަކަށްވެސް ހަދާނުލާނެއެވެ. އެދެކުދިންގެ ދޭތެރޭގައި އެހާ ދުރުކަމެއް އޮތީ ލޫކަސްގެ ދޮންބައްޕަ ޔާސިރުގެ ސަބަބުންކަމަށް މެހްވިޝް ހީކުރެއެވެ. އެންމެ ބޮޑަށް އުދަގޫވަނީ މެހްވިޝްއަށެވެ. މެހްވިޝްގެ އެންމެ ބޮޑު ހިތާމައަކީ ދެބެންގެ އެ ކޯޅުންގަނޑެވެ. ދެކުދިންގެ ގުޅުން ރަގަޅުކުރަން މަސައްކަތްނުކުރެވެނީ އޭނައާއި ޔާސިރު ވަކިވުމުންނެވެ.
"ޖޭޑް، ކިހިނެއްތަ؟ މަންމަމެން ހާދަ ދުރުކޮށްލީ..." މެހްވިޝް ހިނިތުންވެލާފައި ޖައިދަންގެ މޫނަށް ބަލާލައިފިއެވެ.