ހައިޝަމް ކަމީލާއާއިއެކު ފިހާރައަކަށް ވަދެފައި ކަމީލާ ބޭނުންވާ އެއްޗެހި ގަނެގެން ކާރަށް އެރިގޮތަށް އެހެން މަގަކުން ދާން ފެށުމުން ކަމީލާ ހާސްވެގެން ސުވާލުކުރިއެވެ. ހައިޝަމް ހީލާފައި ބުނީ ކިޑްނެޕްކުރީކަމުގައާއި ދެން ސަލާމަތެއް ނުވާނެކަމުގައެވެ. ކަމީލާގެ ހިތް ތަޅުވާލާފައި ހައިޝަމް ކަމީލާ ގޮވައިގެން ދިޔައީ އޭނަގެ ގެއަށެވެ. އެގެއިން ލިއަމް ފެނުމުން ހައިޝަމް ކުރީ ސަމާސާއެއްކަން އެނގި ކަމީލާ ހުރީ މަޖާވެފައެވެ. ހައިޝަމްގެ މަންމަ ނިކަން ހިތްހެޔޮވެފައި ސާދާކަމުގެ މިސާލެކެވެ. އެންމެން އެކީގައި ސައިބޯންތިބިއިރު މުޅިންވެސް ދެކެވުނީ ހަންޑި ވާހަކަތަކެވެ. ކަމީލާގެ ހިތަށް ކުޑަ ބިރުވެރިކަމެއް ވަނެވެ. ކުޑައިރު އަނދިރިކަން ދެކެ އޭނަ ބިރުގަނެއެވެ. މަރުވެދާނެތީވެސް ބިރުގަނެއެވެ. މިފަހަކަށް އައިސް ދިމާވެފައިވަނީ އެއަށްވުރެ ބޮޑު ބިރަކާއިއެވެ. އެއީ ޖައިދަންއެވެ. އޭނަގެ މަންމަ ފަދައިން ނަފްސާނީ ބަލިމީހަކަށް ވެދާނެހެއްޔެވެ؟
"މާ ލަސްވެއްޖެ، އަވަހަށް ގެއަށްދާންވީ..." ކަމީލާ ކުއްލިއަކަށް ތެދުވެ ދަބަސް ކޮނޑުގައި އެޅުވިއެވެ.
"އާރ ޔޫ އޯލްރައިޓް؟ ކޮންކަމަކާ މާ ހާސްވީ؟ " ހައިޝަމް ކަމީލާއަށް އެކަނި އިވޭވަރަށް އަހާލައިފިއެވެ.
"އައިމް ފައިން، އިރުއޮއްސުމުގެ ކުރިން ގެއަށް ނުވަދެއްޖެއްޔާ ހަޒްބެންޑް ރުޅިއަންނާނެ، އެނގެއެއްނު ދެން ބޯއިސްގެ ފާޑު........" ކަމީލާ ހޭންފެށިނަމަވެސް އޭރު ހިތް ތެޅެން ފަށައިފިއެވެ. ޖައިދަން ވަރަށް ސުވާލުކުރާނެކަން ޔަގީނެވެ. އޭނަ ބުނާނީ ދޮންބެމެންނާއިއެކު ސައިބޯން ދިޔައީކަމަށެވެ. ހެއްކަކަށް މިހިރީ ފޮޓޯތައް ނޫންހެއްޔެވެ؟ ހައިޝަމްގެ ކާރުގައި ރޯޒްހިލްއާއި ހަމަޔަށް ލިއަމްވެސް ދިޔައެވެ. ކާރުތެރޭގައިވެސް ކޮންމެވެސް ސަކަރާތެއް ޖަހާފައި އުޅުނުގޮތަކުން ކަމީލާއިނީ މިއިން ދުވަހަކު އުފާނުވާވަރަށް އުފާވެފައެވެ. އެތައް ދުވަހަކަށްފަހު މިނިވަންކަމާއިއެކު އުޅެލެވިއްޖެއެވެ. ރޯޒްހިލްއަށް ވަންނަން އުޅެފައި މަޣުރިބުގަޑި ޖެހޭތީ ލިއަމް ދިޔައީ ކާރީގައި ހުރި މިސްކިތަކަށެވެ. ކަމީލާ ލިފްޓަށް އެރިއިރު އޭނަ ހުރި ކުޑަކޮށް ހާސްކަމެއްގެ މަތީގައެވެ. މިފަހަކަށް އައިސް އޭނަ ކޮންމެ ކަމަކާއި ހާސްވަނީ ކީއްވެހެއްޔެވެ؟ ލިފްޓް ވެއްޓިދާނެއޭ ހިތަށް އަރަނީއެވެ. ކަރަންޓްކެނޑި ތާށިވެދާނެއޭ ހިތަށް އަރާފައި ހިތަށް ފިނިވިއެވެ. ނަސީބަކުން ސަލާމަތުން ފަސްވަނަ ފްލޯރަށް އާދެވިއްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އޭނަ ގެނައި ކޮތަޅުތައް އެއްފަރާތުގައި ބެހެއްޓުމަށްފަހު ފެންވަރާލިއެވެ. ފިޔާތޮށިކުލައިގެ ޓޮޕްކޮޅަކާއި ހަރުވާޅެއްލައިގެން ނުކުމެވުނީ ޖައިދަންގެ ކުރިމައްޗަށެވެ.
"ކޮންތާކުން ތިއައީ؟ " ޖައިދަން ހަރުކަށިކަމާއިއެކު ސުވާލުކުރިއެވެ.
"ފިހާރައިން..." ކަމީލާ ކުޑަކޮށް ފޫހިވިއެވެ. ގެއަށް ވަދެވުމާއެކު ޖަލެއްގައި އުޅޭ ގައިދީއެއްފަދަވެއެވެ. އުފަލަކީ ހިނދުކޮޅެއްގެ އެއްޗެކެވެ. ޝަބްނަމްގެ ތިއްކެއްފަދައިން އިރުއަރާއިރަށް ގެއްލިގެންދާ ފަދައިންނެވެ.
"އަހަރެން ކުރާ ސުވާލަށް ރަގަޅަށް ޖަވާބު ނުދެވެންޏާ އަހަންނަށް އެނގެއޭ ޖަވާބު ހޯދާނެ އެހެން ގޮތްތައް..." ޖައިދަން ރުޅިއައިސް ރަތްވެފައި ހުރެ ކަމީލާގެ ދެއަތުގެ މުލައްދަނޑީގައި ހިފާލިގޮތަށް ބިމުން އުފުލާލާފައި އެނދުމައްޗަށް އެއްލާލައިފިއެވެ. ރުޅިއާއި ފޫހިކަން އެކުވެގެން ދަރިފުޅުގެ މަތިންވެސް ކަމީލާ ހަނދާނެއްނުވިއެވެ. އެނދުން ފުންމާލިގޮތަށް ގޮސް ރީތިވާ މޭޒުމަތިން ނެގި ސެންޓްފުޅިއެއް ޖައިދަންއާއި ދިމާލަށް ހޫރާލައިފިއެވެ. ޖައިދަން ބޯއަރިކޮށްލާފައި އެ ހަމަލާއިން ރެކުނެވެ.
"ވަޓްސް ރޯންގް ވިތް ޔޫ، ތިހާވަރަށް އަހަރެން ދެކެ ރުޅި އަންނަންޏާ އެއްފަހަރުން އަހަރެން މަރާލަންވީނު، ބޮޑު އުދަގުލަކަށްވެއްޖެ...." ކަމީލާ ބާލީސްތައްވެސް ޖައިދަންއާއި ދިމާލަށް އުކައިގަތެވެ. ޖައިދަން އުދުހިލާފައިކަހަލަ ގޮތަކަށްއައިސް ވީއްލާލި އެތިފަހަރުން ކަމީލާގެ މޫނަށް އަނދިރިވާގޮތްވިއެވެ.
"މަންމާ...." ކަމީލާ ހިތް ކުދިކުދިވާފަދަ ގޮތަކަށް ރޮއިގަތެވެ.
"ކޮން މަންމައެކޭ ކިޔާކަށްތަ؟ ކަލޭގެ މަންމަ އަތުން އެއްލައްކަ ރުފިޔާއަށް ގަނެފައި ހުރިމީހެއް ތިއީ، މިހާރު ކަލޭގެ މައްޗަށް ހިނގާނީ އަހަރެންގެ ބާރު އަހަރެންގެ ހުކުމް، ތުއިވަމުންގޮސް ފިރިހެނުންގެ ކާރަށް އަރާއިރު ބަލަ ހީކުރީ އަހަރެން ލޯ އަނދިރީކަމަށްތަ؟ "ޖައިދަން ރަހުމެއްނެތި ކަމީލާ ލައިގެން ހުރި ހެދުންތައް އިރާލީ ކަރުދާސްގަނޑެއް ވީދާލާހާ ފަސޭހައިންނެވެ. ޖައިދަން ކަމީލާގެ ހުރިހާ ހެދުންތައް ކޮތަޅަކަށް ލާންފެށިތަން ފެނިފައި ވިސްނަންވީ އެއްޗެއް ކަމީލާއަކަށް ނޭގުނެވެ.
"އަހަރެން އަމިއްލައަށް ޕެކްކޮށްފާނަން..." ކަމީލާ ތެދުވެގެންގޮސް ޖައިދަންގެ އަތުން ހެދުންތައް އަތުލަން އުޅުމުން ކަމީލާ ކޮށްޕާލިގޮތަކުން ވިއްސައިގެންގޮސް ދޫލަމައްޗަށް ގުޅައަކަށް ޖެހުނެވެ. ޖައިދަން ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.
"އާނ، ޕެކްކޮށްފައި ގެއަށް ފޮނުވާލަދޭނަން ނިކަން ރަގަޅަށް، ބަރުދަނުގައި ކިލޯއެއްނެތް މީހަކު މާ ގަދަކޮށްލާފައި އެބައުޅެއެއްނު........" ޖައިދަން އެކޮތަޅުތަކާއި ކަމީލާގެ ފޯނުވެސް ފޭރިގެން ބާރަކަށް ކޮޓަރިން ނުކުތުމުން ކަމީލާ ބާރަށް ރޯންފެށިއެވެ. ޖައިދަން އޭނަގެ ހުރިހާ ހެދުންތައް އެއްލާލަން ގެންދިޔައީހެއްޔެވެ؟ އޭނަ ބޭރަށް ދިޔުމުގެ ހުރިހާ މަގެއްބަންދުކޮށްލީއެވެ. ކަމީލާގެ ހުރިހާ ހެދުންތައް ދޮވެ އިސްތިރިކޮށްފައި އަލަމާރިއަށް ލީ އިއްޔެގައެވެ. އެހެންތަނަކަށް ހެދުމެއް ލެވިފައި އޮތްތޯ ބަލާލިއިރުވެސް ނެތެވެ. ނިދަން ލާ ޕިޖާމާއަށް ދާންދެން ޖައިދަން ގެންދިޔައީއެވެ. ކަމީލާ ދެރަވީވަރަށްވުރެ ބޮޑަށް ރުޅިއައެވެ. ކޮޓަރީގައިވާ ހާ އެއްޗެއް ތަޅާލަން އުޅެފައިވެސް ތިމާގެ ބާރެއްނެތްކަމާއި ނިކަމެތިކަން ހިތަށް އަރުވާފައި އެންމެފަހުން އެނދަށް އަރާ އޮށޯވެއްޖެއެވެ. ކަކޫ މޭގައި ޖައްސާ ބާރުކޮށްލައިގެން އޮތްއިރު އެ ބޮޑު ދެލޯ ކަރުނުން ފުރެމުންދިޔައެވެ. އެތައް އިރެއްވީފަހުން ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށް ކަމީލާ ސިހޭގޮތްވިއެވެ.
"ޖައިދަން، އަހަރެން ބަނޑުހައިވެއްޖެ....ވަރަށްބޮޑަށް...." ކަމީލާ ތުންފަތުގައި ދަތްއަޅާލިއެވެ.
"ސޯ، އަހަރެން ކީއްކުރަންވީ؟ ދޭ ކާން، މަށެއް ނާންނާނަން ކާން ހިފައިގެނެއް..." ޖައިދަން ފަރުވާކުޑަ ނަޒަރަކުން ބަލާލާފައި ޓީޝާޓްބާލަންފެށިއެވެ.
"ހެދުމެއް ނުލައިތަ އަހަރެން ދާންވީ؟ ކޮބާ އަހަރެން ގެ ހެދުންތައް؟ " ކަމީލާގެ ހިތުގައި އުފެދިފައިވާ ފޫހިކަން އިތުރުވިއެވެ. ޖައިދަންގެ ސޫރަދެކެވެސް އޭނަ އިންތިހާއަށް ފޫހިވެއެވެ. މި ނުބައިނުލަފާ މީހާއާއިއެކު އުޅުމަށްވުރެ މަރުވިޔަސް ހިތަށް ފަސޭހަވާނެއެވެ. ދުވާލަކު އެތައް ފަހަރު މަރުވާންޖެހެއެވެ.
"އަލިފާނަށްލާ އަންދާލާފައި މިއައީ...." ޖައިދަން އެނދުގައި އިށީދެ ބޫޓު ބާލަންފެށިއެވެ.
"އައި ހޭޓް ޔޫ، ތިހާ ރަހުމެއްނެތް މީހަކު މިދުނިޔެއަކު ނުވާނެ.." ކަމީލާ ދެލޯ އަޅައިލިއިރުވެސް މައުސޫމްގޮތެއް ހުއްޓެވެ.
"އަހަރެން ނުބުނަން ދޯ އަހަރެންދެކެ ލޯބިވާށޭ، ކަލޭގެ ބައްޕަ އާދޭސްކޮށްގެން އަހަރެން މި ކާވެނި ކުރީ، އެހެންވީމަ އަނގަ މަޑުން ލައިގެން އޮވޭ، ދެން އަހަރެން ލައްވާ އިތުރު ގޯހެއް ހައްދަން ނޫޅޭ......" ޖައިދަން ގޮސް އޭނަގެ އަލަމާރި ހުޅުވައިގެން ބޮކްސާލުމަށްފަހު އަލަމާރި ތަޅުލީ ކީކޭހިތަށް އަރައިގެންކަމެއްވެސް ނޭގެއެވެ. ކަމީލާގެ ހިތުގައި ބިރުވެރިކަން އިތުރުވެއްޖެއެވެ. ޖައިދަން އެއުޅެނީ އޭނައަށް ކާންނުދީ ނިދަންހެއްޔެވެ؟ މިއީ ތިމާގެ އަންހެނުންނާއި ދޭތެރޭގައި ކަންތައްކުރަން ޖެހޭގޮތް ހެއްޔެވެ؟ އޭނައަށްވެސް ހައްގުތަކެއް އޮންނާނެއެވެ. އަނިޔާވެރިކަމުގެ އިންތިހާއެވެ. އެންމެފަހުން ކެތްނުވެގެން ކަމީލާއަށް މަޖުބޫރުވީ ޖައިދަންގެ ގާތުގައި ހަވީރު ކަންތައް ހިނގިގޮތް ކިޔާދީފައި މާފަށް އެދޭށެވެ.
"އަހަންނަށް މިސްޓޭކެއް ހެދުނީ، އަހަރެން އެކަމާއި މާފަށް އެދެން، އެހެން ނޫޅޭނަން، އަހަންނަށް އެނގޭ ކުށްކުރީ އަހަރެންކަން، ޕްލީޒް އަހަރެން ވަރަށް ކަރުހިއްކައިގަނެއްޖެ، މީފާ ކާރީ ބުނެގެން ނަމަވެސް ހެދުމެއް ގެނެސްދީފާނަންތަ؟ ޕްލީޒް....." ޖައިދަންގެ އަތުގައި ގަނޑުފެންކޮޅެއްފަދަ ނާޒުކް އަތުން ހިފާލަމުން ކަމީލާ އާދޭސްކުރިއެވެ. ޖައިދަންގެ ބޮލަށް އުދަގޫވާވަރުވެގެން ތެދުވެގެންގޮސް އޭނަގެ އަލަމާރިން ގަމީހެއް ނަގާފައި ކަމީލާއާއި ދިމާލަށް އެއްލާލިއެވެ.
"މިގަމީސް ލައިގެން ގޮސް ކައިގެން އާދޭ...." ޖައިދަން ލޯ ހަނިކޮށްލިއެވެ.
"ނޫން ނޫން، ގަމީސްލައިގެން އެކަނި ނުދެވޭނެ، މިފޫ ގާތުން ހަރުވާޅެއް....." ކަމީލާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖައިދަން ކަމީލާގެ އަނގަޔަށް ފިތާލިއެވެ.
"އަހަރެން ބުނާގޮތަށް ހަދައިގެން މަޑުންހުރެބަލަ ނޫނީ އަހަރެން ޖަވާބުދޭނީ އަނގަޔަކުން ނޫން....." ޖައިދަންގެ ހަރުކަށި ޖުމްލައިން ކަމީލާގެ ހިތް ބިރުގަނެ ޖައިދަންގެ ގަމީސް ލާންފެށިއެވެ. މަޑު އޫ ފޮތިން ވާ އެގަމީހުގައި އަދިވެސް ސެންޓްވަސް ހިފާލާފައިވެއެވެ. އެ ހެދުން ގައިގާ ބީހިލުމުން ކަމީލާ ވީ ފޫއްސެވެ. މަޖުބޫރުވުމުން ނުލައި ކުރާނީ ކީއްހެއްޔެވެ؟ ދެރައީ އެންމެ ތިރީބަޔަށް ދާން ޖެހޭތީއެވެ. އެވެސް މިހާ ނިވާކަން ކުޑަކޮށް ހުރެއެވެ. ދެފައި މިއޮތީ ހާމަޔަށެވެ. އެންމެފަހުން ކަމީލާ ރަޖާގަނޑަކުން ހަށިގަނޑު ނިވާކުރުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ފަހަތުން ޖައިދަން އަންނަތަން ފެނުމުން ކަމީލާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ކިތަންމެ ގަދަކޮށްލާފައި އުޅުނަސް އެކަނި ދާން ބިރުގަންނަނީއެވެ. ލިފްޓަށް އެކަނި އަރާކަށް ފަސޭހައެއް ނޫނެވެ. މިހަރުކަށި ފިރިހެނާގެ ހިތުގައިވެސް ކޮންމެވެސް ކަހަލަ އޯގާތެރިކަމެއް ހުރީކަމުގައި ކަމީލާ ހީކުރިއެވެ.
"ފިލައިގެން ދާން ހިތަށް ނާރުވާތި........" ޖައިދަން ލިފްޓަށް ވަދެފައި ކަމީލާގެ ނޭފަތުގައި ފުއްޓަކެއްޖަހަލިއެވެ. ޖައިދަން ފަހަތުން އައީ އޭނަ ފިލައިގެން ގޮސްދާނެކަމުގެ ކުށް ހީކުރެވިގެންތާއެވެ. ކަމީލާ ޖަވާބެއް ނުދިނުމުން އަދި ކަމީލާ ގާތަށް ދަމައިގަތްގަތްގޮތަށް އަތުތެރޭގައި ފުނޑާލިއެވެ. ފިތިގެން ދިޔަލެއް ބާރުކަމުން މޭގެ ކަށިތައްވެސް ބިނދުނުހެން ހީވިއެވެ. ހަމަ ގައިމުވެސް ނޭވާ ތާށިވެ ލޮލުން ފެންއައެވެ. ކަމީލާ މޭޒުދޮށުގައި އިންއިރުވެސް ދެލޮލުގައި ހުސް ކަރުނައެވެ. ޖައިދަން އިނީ ހިތްހަމަޖެހިފައެވެ. ރެޑްބުލް ދަޅެއް ހިފައިގެން ގޮނޑީގައި ދެފައި ދަމާލައިގެން އިންއިރު އެ ތޫނު ނަޒަރު ވަނީ ކަމީލާގެ މޫނަށް ހުއްޓިފައެވެ.
"ބަލަ ރޮއިގެންވެސް އަހަރެންގެ ހިތް މަޑެއްނުވާނެ، ތިއީ ކާކުކަން އަހަންނަށް އެނގޭ، ތިކަހަލަ އަންހެނުން ގިނަކަމުންކަން ނޭގޭ އަހަރެމެން ފިރިހެނުން ގޮށްމުށުގެ ބާރު ދައްކަންޖެހެނީ، ދެން ގޮސް ކިޔާނެ ފިރިމީހާ އަނިޔާކުރަނީއޭ، ތިމާ ބޭނުންގޮތަކަށް އުޅޭއިރުވެސް އަހަރެމެން ވީ ލޯބިން ފިރުމާލަދޭންތަ؟ ދުވަހަކު އެކަމެއް ނުވާނެ، ދުވަހަކު އަހަރެންގެ ފަރާތުން ކަލެއަށް ހިތްހަމަޖެހުމެއް ނުލިބޭނެ، އަހަރެންނަކީ އިހުސާސްތަކާއި ޖަޒުބާތުތައް ދަންނަ މީހެއްނޫން، އަދި އަމުދުން ތިކަހަލަ ވަފާތެރިކަމެއްނެތް ވަގު ފިރިން ގެންގުޅޭ މީހެއްގެ.........." ޖައިދަންގެ ރަހުމްކުޑަ ބަސްތަކުން ކަމީލާގެ މޫނުމަތީގައި އެތިފަހަރެއްޖެހިހެން ހީވިއެވެ. ކަމީލާ ޖަވާބެއްނުދީ ކަރުނުން ފުރިފައިވާ ދެލޮލުން ޖައިދަންއާއި ދިމާލަށް ކަޅި އަޅާލިއެވެ. ކިޔަންވީ އެއްޗެހި ކިތަންމެ ގިނަވިޔަސް ކަމީލާ ޖަވާބެއް ނުދިނެވެ. މިފިރިހެނާއާއި ވާހަކަދައްކައިގެން ކުރި ނުލިބޭނެއެވެ.
"އަހަންނަކަށް ނުވިސްނޭ ދޮންބެގެ ފްރެންޑުންނޭ ކިޔާފައި އެމީހުންނާއި ކަލޭ ރައްޓެހިވާންވީ ސަބަބެއް، މިއަދުން ފެށިގެން ތިބުނާ އެއްވެސް މީހަކާއި އަނގައިން ބުނެގެން ނުވާނެ، ނޫނީ އަހަރެންގެ އަތުން ލިބޭ އަނިޔާ ހައްތަހާ ބޮޑުވާނީ....." ޖައިދަން އަމުރުވެރިކޮށް ވާހަކަދެއްކިއެވެ. ކަމީލާގެ ބުމަމަތި ފަޅައިގެންގޮސްފައިވާ ތަން ފެނިފައި ޖައިދަން ފަސްޓް އެއިޑްސް ބޮކްސް ގެނެސްފައި ކަމީލާގެ ބޮލުގައި ބޭސްއަޅާލަދިނެވެ. ކަމީލާ އިނީ ހިމޭނުންނެވެ. މިވޭން ތަހައްމަލު ކުރަން ޖެހޭނީ ކިހާދުވަހެއްވާންދެން ބާވައޭ ހިތަށް އެރިއެވެ. ކޮޓަރިއަށް ދިޔައިރު ކަމީލާހުރީ ވަރުބަލިވެ އަރާމުކުރަން ބޭނުންވެފައެވެ. ނަމަވެސް ޖައިދަންގެ ކަރުހިއްކުން ފިލާގޮތެއްނުވިއެވެ. ނޫނީ ގަސްތުގައި ކަމީލާއަށް ޖެއްސުންކުރަން އަނެއްކާ ފެށީއެވެ. ކަމީލާ ބޭނުން ނުވާއިރު އެގޮތަށް މަޖުބޫރުކުރާތީ ކަމީލާ މަރުވާވަރުވެއެވެ. ޖައިދަންވަނީ ފާޑެއްގެ އުފަލެކެވެ.
"ހަމަ މޮންސްޓަރއެއް، ދުވަހަކު ބަދަލެއްނުވާނެ..." ކަމީލާ ބާލީހުގައި ބައްދާލައިގެން އަނެއްފަރާތަށް އެނބުރިގެން އޮތްއިރު އެލޮލުން އޮހެމުން ދިޔަ ކަރުނަތައް ބާލީހަށް ވަންނަމުން ދިޔައެވެ. އެއީ ކަމީލާގެ ހަޔާތުން ދުވަހަކު ނުފިލާނެ ހިތި ހަނދާނެކެވެ. އޭނަގެ ހަށިގަނޑުގައި ޖައިދަން ލެއްވި ލަކުނުތައް ހުރިހާ ހިނދަކު މާފެއް ނުދޭނެއެވެ. ޖައިދަންގެ އަނިޔާވެރިކަމުގެ ހިތިރަހަ ދެކެމުންގޮސް ފުރާނަވެސް ނިމިގެން ގޮސްދާނެހެން ހީވެއެވެ. އެކަމަކު އޭނަވެސް ގަބޫލުކުރެއެވެ. ހުރިހާ އަނިޔާތަކާއި އެކުވެސް ޖައިދަން ބުނިހެން ޝުކުރުވެރިވާން ޖެހެއެވެ. ދަރިފުޅަށްޓަކައި ކެތްކުރާން ޖެހެއެވެ. ބައްޕައެއްނެތް ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އައިސްފިނަމަ އެކުއްޖާފުޅު ލަދުގަންނަން ޖެހިދާނެއެވެ. ކަމީލާ ކެތްކުރަނީ އެހެންވެއެވެ. ހުރިހާ ދިމާލަށް ވިސްނާފައެވެ.
ޖައިދަން ގެނެސްދިން ބާރު ހެދުމަކާއި ޓައިޓްލައިގެން ގެއިން ބޭރަށް ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ ކޮޓަރިން ބޭރަށްވެސް ނުކުންނަން ޖެހެނީ ފިލަފިލައިގެންނެވެ. ޔާސިރު ގޭގައި ނޫޅޭވަގުތު ގިނަކަމުން ނަސީބެކެވެ. ކަމީލާގެ މަންމަ އާތިކާ އެގެއަށް ޒިޔާރަތްކުރި ދުވަހު ކަމީލާ ލާފައި ހުރި ހެދުންތައް ކުރުވެގެން އަޑުލީ ކަމީލާއާއި ދިމާލަށެވެ. ބަލިވެއިންކަން އެނގުނީވެސް ލާފައި ހުރި ބާރު ހެދުމުންނެވެ. މަންމަ ގާތުގައި ނުބުނީތީ އެކަމާއިވެސް ޝަކުވާކުރިއެވެ. ކަމީލާ ދިފާޢުގައި އެންމެ އެއްޗެއްވެސް ނުބުނެ ހިމޭނުން ހުރީއެވެ. މައިންބަފައިން ހިތްނޭދޭމީހުންނާއި ކައިވެނިކުރުވިޔަސް އެންމެ ރަގަޅެވެ. ނަމަވެސް އެމީހަކީ ކާކުކަން ރަގަޅަށް ބަލާނެނަމައެވެ. އެކަނި ފައިސާއަށް ދަރިން ނުވިއްކާނެނަމައެވެ. އެވަރުންވެސް ކުށްވެރިވަނީ ހަމަ ކަމީލާއެވެ.
"ނިތްކުރިއަށް ކިހިނެއްވީތަ؟ " އާތިކާ ސައިތަށި ހިފައިގެން ގޮސް އިށީދެލީ ކުޑަދޮރު ކާރީގައި ހުރި ގޮނޑިއެއްގައެވެ. ކުޑަދޮރުތައް ހުޅުވާލާފައި ހުރިއިރު ވާރޭވެހޭތަން ފެނެއެވެ. ހޫނުކޮށް އޮތުމަށްފަހު ހީވާގޮތުން ހުޅަނގު މޫސުން ފެށުނީއެވެ. ހިރަފުސްތައް އޮބި ގަސްތަކުގެ ފަތްތަކުގެ ފެހިކަން ގަދަކަމުން ލޮލަށްފިނިކަން ލިބެއެވެ. މިހާ މުއްސަދި ގެއެއްގެ ޅީދަރިއަކަށް ކަމީލާ ވީތީ އާތިކާ އިންނަނީ އުފަލުންނެވެ. ފިރިމީހާ ތިމާ އެއްލާލާފައި އެހެން މީހަކާއި އިނުމުންވެސް ހިތާމަނުކުރީ ލިބިފައިވާ އުފާތަކެއްގެ ބޮޑުކަމުންނެވެ. ލިއަމް މީހުންގެ ތަރުހީބު ލިބޭ ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު އަންހެންދަރިފުޅު މިއިނީ މުއްސަންޖެއްގެ އަންބެއްގެ ގޮތުގައެވެ. އެއީ އާތިކާފަދަ އަންހެނަކަށްޓަކައި ވަރަށް ބޮޑު ނަސީބެކެވެ. ޝަރަފެކެވެ. އަދި މާމަ ދަރިއަކު ލިބޭކަން އެނގުނީމަ ލިބުނު އުފަލުގައި ބޮނޑިބަތް ކައްކާފައި އަވަށްޓެރިންނަށް ސަދަގާތްކުރަން އާތިކާވަނީ ނިންމާފައެވެ.
"ފާރުގައި ޖެހުނީ...." ކަމީލާގެ ރީތި ދެލޮލުގައި ހުރި ރަތްކަން އާތިކާއަކަށް ނުފެނުނެވެ. އޭނައަށް ޖައިދަން އަނިޔާކުރާއިރު މަންމައަށް ގޮވައިލެވުނީ ކިތައްފަހަރުހެއްޔެވެ؟ މަންމައަށް ކުޑަކޮށްވެސް ދަރިފުޅުގެ ހިތާމަތައް އިހުސާސެއްނުވެއެވެ. އޭނަގެ ދެލޮލުން މަންމައަށް އެކައްޗެއްވެސް ނޭގެނީހެއްޔެވެ؟
"ބަލައިގެން ދެން އުޅެންވާނީ، ދަރިއެއް ލިބުނީމަ މިގެފަޅުފިލާނެ...." އާތިކާ ޕައިކޮޅެއް ކާން ފެށިއެވެ. މަންމައާއިމެދު ހިތުގައި ޝަކުވާ އުފެދުނަސް މަންމަގެ މޫނަށް ބަލާލުމުން ހަމްދަރުދީއާއި ކުލުނު އުފެދި އަމިއްލަ ނަފުސް ކުށްވެރިކުރެވެއެވެ. މަންމައިން ދަރިންދެކެވާ ލޯބީގެ މަތިވެރިކަން އެހެން ލޯތްބާއި އަޅާނުކިޔޭނެއެވެ. ކަމީލާ ތަށިތައް ދޮންނަން ފެށިއެވެ. އާތިކާ އެކި ވާހަކަދެއްކިއެވެ. ކަމީލާ ބަލިވެއިންކަން އެނގުމާއިއެކު އާތިކާ ޔާސިރުގާތުގައި އެ ވާހަކަދައްކައިގެން އޭނަ ދުވަސްކޮޅަކަށް މިގެއަށް އަންނަން ބޭނުންވާކަމުގައި ބުނެލިއެވެ. ކަމީލާ އެކަނި މަސައްކަތްކުރާތީ އާތިކާ ހުރީ އުދަގޫވެފައެވެ. ޔާސިރު އުފަލާއިއެކު މަރުހަބާކިޔެވެ. މަންމަ އޭނައަށް ނާންގާ އެގޮތަށް ނިންމުމުން ކަމީލާގެ ހިތަށް ކުޑަ ކުޑަ އުފަލެއް ލިބުނެވެ. ޖައިދަން ބޭނުންގޮތަކަށް ދެން ކަންތަކެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ އޭނަ އެކަނިވެރިކަން ފިލުވައިދޭން ކޮއްކޮ އީކާވެސް ހުންނާނެއެވެ. މަންމަ ޔަގީނުންވެސް އޭނަގެ ހާލު ބަލައިލާނެއެވެ. ޖައިދަން ފަސްވަނަ ބައި ބަންދުކޮށްގެން އުޅެން ގަސްތުކުރިޔަސް އެކަމެއް ނުވާނެއެވެ.
ހެދުނު ފަތިހާ އީކާ ބަލާ ފެރީގައި ލިއަމް މާލެއަށް އާދެއެވެ. ސްކޫލް ނިމިގެން މާލެއަށްލާ ދޭންވެސް އާދެއެވެ. އަވިދޭ ދުވަސްތަކުގައި ކުޑައަޅައިގެން އުޅެން ޖެހުނީމަ އީކާ ވަރަށް ލަދުގަނެއެވެ. މީހުންނަށް އޭނަގެ ކޮންޑިޝަން ނުވިސްނޭތީ ބަލަނީކަމުގައި ލިއަމް ބުނެއެވެ. ނަސީބަކުން ވާރޭވެހެން ފެށުމުން އީކާ އުފާވިއެވެ. މަންމައާއިއެކު ރޯޒްހިލްގައި އުޅެންޖެހުނީމަ އަނެއްކާވެސް ހަނދާންވާންފެށީ މާޒީގެ ދުވަސްތަކެވެ. އީކާ ހުންނަލެއް ކުޑަކަމާއި ހުދުކަމުން އިޔާޝް އޭނައަށް އުދަގޫކުރަންފެށީއެވެ. އީކާއާއި އެކަނި ދިމާވެއްޖެއްޔާ "އެލްބިނޯ" ކިޔާފައި ގޮބާލަން އޭނަ ފަހެއްނުޖެހެއެވެ. ކޮންމެވެސް ޖެއްސުމެއްކޮށްލާނެއެވެ. އީކާ އިޔާޝް ފެނުނީމަ ބިރުން ކޮންމެވެސް ކަނަކަށް ވަދެ ފިލާނެއެވެ.
"ދޮންތީ، އިޔާޝް ކީއްވެ އަބަދު އީކް ދެރަވާގޮތަށް ކަންތައްކުރަނީ؟ ދެންމެ ފައިދަތި އަޅުވާލީމަ ނުވެއްޓުނީ ކިރިޔާ، އަދި މަލާމާތްކޮށްފައި ނިކަން ހީހެދި..." އީކާ ރޮވިފައިހުރެ ގޮސް ކަމީލާގާތުގައި ޝަކުވާކުރިއެވެ.
"އީކް ކުޑަކުއްޖެއްކަން އެ ފިރިހެނާއަށް ނޭގެނީތަ؟ "ކަމީލާ އައީ އަމަށަކު ރުޅިއެއްނޫނެވެ. ބޮޑެތި ފިރިހެނުން ކުޑަކުދިންނާއި އަޅައިގެން އުޅުން މާ ރީއްޗެއް ނޫނެވެ. މީފާ އެހެރީ ނޫންހެއްޔެވެ؟ އިޔާޝް ބެހޭނެ މީހަކު ނެތަސް ކޮންމެހެން އޭނަގެ ކޮއްކޮއަށް އުދަގޫކުރާނެކަމެއް ނެތެވެ. ކަމީލާކުރަން ހުރިކަމެއް ހުއްޓާލާފައި ވަގުތުން ބޮޑުކޮޓަރިއަށްގޮސް އިޔާޝްއާއި ދިމާލަށް އެއްޗެހި ކިޔައިގެންފާ ބަލާލިއިރު ޖައިދަން ދޮރުމަތީގައި ހުއްޓެވެ. އޮފީހުން އައިގޮތަށް ކަޅުފަޓްލޫނަކާއި އަތްދިގު މުށިކުލައިގެ ގަމީހެއްގައި އޭނަ ފެންނަނީ އަދިވެސް ތާޒާކޮށެވެ. މޫނުމަތިން ފެންނަ ހަރުދަނާގޮތްތައް އުމުރާއި އެކު އިތުރުވަމުންދެއެވެ. ދޮރުގައި އަތްވިއްދާލައިގެން ބަލަން ހުރެފައި ބުމަ އަރުވާލިއެވެ.
"ކިހިނެއްވެގެން މިއުޅެނީ ސްވީޓްހާޓް؟ ހާދަ ރުޅިގަދަވެފައޭ...." ޖައިދަންގެ ފުން އަޑުން މާ ލޯބިން ވާހަކަދެއްކުމުން ކަމީލާ ހުރީ ހައިރާންވެފައެވެ. އެންމެންގެ ކުރިމަތީގައި ދައްކަނީ އެހެން ސޫރައެކެވެ. އޭނަ ކަމީލާ ގެ އަތުގައި ހިފާކާރިކޮށްލިގޮތަށް އެތެރެއަށް ދާންވެގެން އުޅުމުން ކަމީލާ އަތްފޮޅުވާލިއިރު ނުކުމެ ނުކުމެހުރި އާތިކާއަށް އެ މަންޒަރު ފެނުނެވެ.
"ގައިގާ އަތްނުލާ ދުރުގައި ހުރޭ، ކޮންމެހެން މާ ސްވީޓްވާން އުޅޭނެކަމެއްނެތް، ކަލޭމެން އެންމެން ތިއީ އެއްކަހަލަ ދެފުށްކެހެރިން، އަހަރެން މިއީ ފައިފުއްސަކަށް ހެދިޔަސް މަގޭ ކޮއްކޮއަށް އެހެން ވިޔަކަ ނުދޭނަން..." ކަމީލާ އެހާ ބާރަށް ވާހަކަދެއްލީމަ އާތިކާ ލަދުންގޮސް ހަލާކުނުވީ ކިރިޔާއެވެ. އަތްއަޅައިލެވުނީ މޭގައެވެ. އޭނަގެ ދަރިފުޅަކީ މީހުންނާއި ދިމާލަށް ބަސްބުނެ ޖަދަލުކުރާ ޒާތުގެ ކުއްޖެއް ނޫނެވެ. އޭނަ ދަތިން ތަރުބިއްޔަތުކުރީ އެއަށްވުރެ މާ ރަގަޅަށެވެ. ކަމީލާ އެހާ ރުޅިދައްކާފައި އުޅޭއިރުވެސް ޖައިދަން އެހެރީ ހަމަޖެހިލައިގެންނެވެ. ކިހާ ހެޔޮހެއްޔެވެ؟ އިޔާޝްވެސް ރުޅި މޫނު ދައްކައެއްނުލައެވެ. އެކަމަކު ކަމީލާ ލޯ އަޅާލައިގެން ހުރިގޮތުން އާތިކާގެ ހިތަށް ނުބައިގޮތެއްވިއެވެ. އެތަނަށް އެވަގުތު ވެރިވެފައިވާ ހިމޭންކަން ގަރުނުތަކަކަށް ދެމިގެން ދިޔަހެން ހީވިއެވެ.