ލޫކަސްއަށް ހުރިހާކަމެއް އެނގުމުން ލޫކަސްވެސް ހިތް އުފާކޮށްލަން އެ ނާސިކުއްޖާ ގެންދިޔައީހެއްޔެވެ؟ އެކަމަކު ލޫކަސް އެހެން ހަދައިގެން ނުވާނެ ނޫންހެއްޔެވެ؟ ކަމީލާއަކީ ލޫކަސްގެ ފަހަރިއެވެ. އެވަރު ލޫކަސް ދަންނަންވާނެ ނޫންހެއްޔެވެ؟ އައްމާރު ހީކުރީ ކަމީލާފަދަ އަންހެންކުދިން ތެދުވެރިވާނެކަމުގައެވެ. އޭގެ ދިމާ އިދިކޮޅެވެ.
"ވަޓް ރަބިޝް.....ތިކިޔޭ އެއްޗެއް އެނގޭތަ؟ " ލޫކަސް ހުރީ ކަމީލާބުނި އެއްޗެއް އިވިފައި ހައިރާންވިވަރުން ދެލޯބޮޑުވެފައެވެ. އޭނަގެ ކަންފަތަށް އިވުނުގޮތް ހެއްޔެވެ؟ ކަމީލާގެ އަތުން ދޫކޮށްލާފައި އޭނަ ހަށަން ބަނދެލިއެވެ.
"ލޫކް އަހަރެން ދައްކާ ވާހަކަ ގަބޫލުކުރަން ބޭނުންނުވާނެކަންވެސް އެނގޭ، އެކަމަކު ފަހުން ދުވަހަކުންވެސް ލޫކް ނުބުނާތި އަހަރެން ޓްރުތް ހައިޑްކުރީއޭ، ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގުމުގެ ހައްގު ދަރިފުޅަށްވެސް ލިބިގެންވާނެ، މިދަރިފުޅުގެ ބައްޕައަކީ ލޫކް، ހެއްދެވިފަރާތް ހެކިވާނެ........." ކަމީލާ ހައިޝަމްއާއި ބައްދަލުކޮށް ސްކޭންހެދިދުވަހު އޭނަ ބަލިވެއިންކަން އެގުމުން ހައިރާންވި ކަމުގައި ބުނުމުން ލޫކަސް ބާރަކަށް ތުންފަތުގައި ދަތްއަޅާލާފައި ގޮށްމުށުގެ އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ފާރާއިއެކު ކަމީލާގެ ހިތަށްވެސް ލޮޅުމެއް އެރިއެވެ.
ހައިޝަމްގެ ނަން އިވިފައިވެސް ލޫކަސް ވީ ފޫއްސެއް ބުނެދޭކަށް ނޭގުނެވެ. ހައިޝަމްއަކީ ހަގީގަތުގައި ލޫކަސްގެ އެހާ ގާތް ރައްޓެއްސެއް ނޫނެވެ. އޭނައަށް ހައިޝަމް ތައާރަފުވީ ލިއަމްގެ ސަބަބުންނެވެ. ހައިޝަމް އުޅޭގޮތުން ހީވީ މާތް ރަގަޅު އިންސާނެއްހެނެވެ. ކިތަންމެ މާތްވިޔަސް ރީތި އަންހެންކުއްޖަކާއި ޖެހޭއިރަށް މިފިރިހެންވެރިންގެ އީމާންތެރިކަން ފުނޑުފުނޑުވެގެންދަނީއެވެ. މީހަކު ބުނީއެއް ނޫނެވެ. ހައިޝަމް ކަމީލާގެ ގައިގާ ބައްދާލައިގެން ނިދާލާފައިވާތަން ދުށީ ލޫކަސްގެ ދެލޮލުންނެވެ. ހައިޝަމްއަކީ ލިއަމްގެ އެކުވެރިއަކަށްވިޔަސް އޭނަ ގާތަށް ސްކޭން ހަދަން ކަމީލާ ދާންވީ ސަބަބެއް ނޯންނާނެއެވެ. މާލޭގައި އަންހެން ރޭޑިއޮލޮޖިސްޓުން އެބަތިއްބެވެ. ކަޅުހެދުން ލައިގެން އުޅޭކުއްޖަކު ސްކޭނަކަށް ފިރިހެން އެކުވެރިއެއްގެ ކާރިއަށް ދާނީ އޮތް ގުޅުމެއްގެ ބޮޑުކަމުންނެވެ. ތަކުރާރުކޮށް ލޯމައްޗަށް އަދިވެސް ސިފަވަނީ ކަމީލާއާއި ހައިޝަމްގެ ގައިގޯޅިކަމެވެ. ޖައިދަން ބުނެލި ޖުމްލައެވެ. އޭނަ ދުވަހަކު ކަމީލާއަށް މާފެއް ނުކުރާނެއެވެ. އެހާ ދަށް ފެންވަރަކަށް ވެއްޓިފައި އަދި އޭނަގެ ކުރިމައްޗަށް އަންނަން ޖެހިލުމެއްވެސް ނުވިތާއެވެ. ލަދުކުޑަ އަންހެންކުއްޖެކެވެ.
"އަހަންނަށް ކޮން ޔަގީންކަމެއް އޮތީ މަގޭ ދަރިއަކަށް ވެދާނެކަން، ކިހިނެއް އެނގޭނީ ހައިޝަމްގެ ދަރިއެއް ނޫންކަން، އެކަން ސާބިތުކޮށްދެވިދާނެތަ؟ " ލޫކަސް ދުރަށް ބަލަން ހުރެފައި ސުވާލުކުރިއެވެ.
"އަހަރެން ހީކުރީ ލޫކް އަހަންނަށް އިތުބާރުކުރާނެކަމަށް، އަހަރެންގެ ވާހަކަ އަޑުއަހާނެ އިތުރުމީހަކު ތިނޫނީ ނެތްކަމަށް، އަހަރެންގެ އަތަކު ނެތް ހެއްކެއް، އެކަން ޔަގީންވާނީ އެދަރިފުޅު ލިބުނީމަ، ޓެސްޓްކުރީމަ..." ކަމީލާގެ ހިތް މާޔޫސްވިއެވެ. މިޝާލްގެ ވާހަކަތައް ހަނދާންވީ ދެނެވެ.
"ދަރިއަކު އަހަރެން ބޮލަށް ޖަހާލަން މިހާރު ތިއުޅެނީ އަހަރެންގެ މުއްސަދިކަން ފޭރިގަންނަންތަ؟ އަހަރެން ބަދުނާމުކުރަންތަ؟ ފޮގެޓް އިޓް ކަމީލާ، ތިދައްކާ ވާހަކަ އަހަރެންގެ ފެމިލީ އެއްވެސް މީހަކު ގަބޫލެއްނުކުރާނެ، އެންމެންގެ ލޮލަށޭ ފެނުނީ......." ލޫކަސްގެ ޖުމްލަތަކުން ކަމީލާގެ ހިތް ކުދިކުދިވެގެން ފައިބައިގަތެވެ. ކަމީލާގެ މޫނުމަތީގައި ޖެހި ބާރު އެތިފަހަރަކަށްވިއެވެ. ކަމީލާގެ ދެލޯ ފުރިގެން ދިޔައީ ވޭނީ ކަރުނުންނެވެ. ކަމީލާގެ އަތުން ލޫކަސްގެ މޫނަށް އަރައިގެން ދިޔަ ދިލަ އެތިފަހަރުގެ ސަބަބުން ލޫކަސްއަށް ތަދުވެ މޫނުގައި ފިރުމައިލެވުނެވެ.
"އެންމެ ރަގަޅު، އަހަރެން ދެން ދުވަހަކު އުދަގުލެއް ނުކުރާނަން، އަހަރެން ތި މުއްސަދިކަމުން ޒައްރެއްގެ މިންވަރުވެސް ބޭނުމެއްނޫން، އެދަރިފުޅު ބޮޑުކުރާނީ އަހަރެންގެ އަމިއްލަ އަތުން ކުރާ މަސައްކަތުން، ސޮރީ އުދަގޫކުރެވުނީމަ، ސޮރީ ހަގީގަތް ހާމަކުރެވުނީތީ، އަހަރެން އަދި ދަރިފުޅު މަރުވިޔަސް ދެން އަހަރެމެންގެ ހަޔާތަށް އައިސްގެން ނުވާނެ، ގުޑްބައި......" ކަމީލާ ހިތްކުދިކުދިވެގެންދާފަދަ އަސަރާއިއެކު އެބުނެލި ޖުމްލަތައް ގައިމުވެސް ލޫކަސް ކަށްވަޅާއި ހަމަޔަށްވެސް ހިތަށް އުދަގޫކުރާނެއެވެ. ލޫކަސް ބޭނުންވީ ކަމީލާ ހުއްޓުވާށެވެ. ދަރިފުޅުގެ ވާހަކަ ކިހާވަރެއްގެ ތެދެއްކަން ހޯދާށެވެ. ލޫކަސްގެ ދެލޯ ފެންކަޅިވެގެން ދިޔުމާއެކު އެއްޗެކޭ ބުނަން އުޅުނެވެ. ކަމީލާ ދުއްވައިގަތުމުން ހުއްޓުވަން އަތް އުފުލައިލެވުނެވެ. ކަމީލާގެ ހިތް ހަލާކުކޮށްލުމުން ޚުދު އޭނައަށް އަމިއްލަ ހިތަށް މާބޮޑު އަނިޔާއެއް ދެވިއްޖެއެވެ.
ކަމީލާ ކޮޓަރިއާއި ދިމާލަށް ދުވެފައި ދިޔައިރު ޖައިދަންއާއި މުޒާ ބީޗް ޗެއަރއެއްގައި ވަރަށް ކާރީގައި ތިބިތަން ފެނުނެވެ. ދެމީހުންގެ ބޯވަނީ ގާތްގަނޑަކަށް ޖެހިފައެވެ. ދެލޯބިވެރިންހާ ގައިގޯޅިވެގެން ތިބިއިރު ދެކޭމީހުންގެ ހިތުގައި ޝައްކު ނުއުފެދިއެއް ނުދާނެއެވެ. މުޒާ އޭނަގެ ފޯނުން ޖައިދަންއަށް ކޮންމެވެސް އެއްޗެއް ދައްކައިލުމުން ޖައިދަން ހޭންފެށިއެވެ. އެދެމީހުންގެ އެގާތްކަމުން އައްމާރުއަށް އުދަގުލެއް ނުވާނެހެއްޔެވެ؟ އެމަންޒަރު ފެނިފައި ކަމީލާގެ ސަމާލުކަން އިރުކޮޅަކަށްނަމަވެސް އެމީހުންނަށް ހުއްޓުނެވެ. މިނިޓެއްފަހުން ކަމީލާ ދުވެފައިގޮސް ކޮޓަރިއަށް ވަންގޮތަށް އެނދަށް ބަންޑުންވެއްޓިގަތް ގޮތަށް ވިއްސަކަށް މިނިޓްވާންދެން ރުޔެވެ. ހިތުގައިވާ އުދާސްތައް ކަރުނައިގެ ސިފައިގާ ބޭރުކޮށްލުމުން ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
"އަހަރެން ދެން ދުވަހަކު ލޫކަސްގެ ގާތަކަށް ނުދާނަން، ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބަޔެއް، ޖައިދަންއެކޭ ލޫކަސްއެކޭ ހުރީ ކޮންތަފާތެއްތަ؟ ޖައިދަންގެ ފަރާތުން އެވަރަށް ޖިސްމާނީ އަނިޔާތައް ލިބޭއިރު ލޫކަސްގެ އެންމެ ޖުމްލައަކުން ހިތަށް ލިބޭ ކެކުޅުމާއި ވޭން ކިހާބޮޑު، އަހަންނާއި ދޭތެރޭގައި ވިސްނާނީ ކާކުތަ؟ އެންމެ ކުޑަވެގެން އަހަރެންގެ މަންމަވެސް އަހަރެންގެ ހާލާއިމެދު ވިސްނައެއްނުލާ، މިކަރުނައިގެ ތެރޭގައި އަހަރެން ނިމިގެންދާނީ، އެހެން މީހަކު ކުށްވެރިކުރާނެ ޖާގައެއް ނެތް، މިއީ އަހަރެން އަމިއްލައަށް ބުއި ބޮޑިއެއް، ހަރާމްކަންތަކަށް އަރައިގަތީމަ އެކަމުގެ ސަޒާ މިދުނިޔެއިން މިލިބުނީ، މަރުވިޔަސް އަހަރެންނަށް އުފަލެއް ލިބޭނެކަމެއް ނޭގޭ، އަހަރެން ހަދާނެގޮތެއްވެސް ނޭގޭ، ކާކަށް ދެން އިތުބާރުކޮށްފައި މިދަރިފުޅުގެ ހަގީގަތް ކިޔައިދޭންވީ........" ކަމީލާ އެކިގޮތްގޮތަށް ޚިޔާލުކޮށްފައި ކަރުނައޮއްސިއެވެ. އޭނަގެ ކަރުނަތައްދެކޭނެ އިންސާނަކު ނުވާކަން އެނގެއެވެ. އެކަރުނަތައް ފޮހެދޭނެ ފަރާތެއްވެސް ނުވެއެވެ. ޖައިދަން ކޮޓަރިއަށް ވަދެފައި ފެންވަރަންއުޅޭ އަޑު އިވުމުންވެސް ކަމީލާގެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ.
"ކަމީލާ، ދެޓްސް އިނަފް، ވާވަރުވެއްޖެއެއްނު....." ކުއްލިއަކަށް ޖައިދަން ފަހަތުން އައިސް ވާހަކަދެއްކުމުން ކަމީލާ ސިހުނެވެ. ޖައިދަން ގަދަކަމުން ކަމީލާ ކޮޅަށް ނެގިއެވެ. އޭރު ކަމީލާގެ ދެލޯ ދުޅަވެގެންގޮސް ހީވަނީ އެހެންކަމެއް ހެންނެވެ. ޖައިދަން އެދުނީ ރަށަށް ދާން ތައްޔާރުވުމަށެވެ.
"އަހަރެން ނުދާނަން މާލެއަކަށް، އަހަންނަކަށް ނުކެރޭނެ އެއްވެސް މީހަކަށް ފެންނާކަށް....." ކަމީލާ ދެލޯ ހުޅުވަންވެސް އިންކާރުކުރިއެވެ. ހަގީގަތާއި ކުރިމަތިލާނެ ހިތްވަރެއް މިއަދަކު ކަމީލާގެ ނެތެވެ. މުޅި ދުނިޔެ އޭނައާއި ދެކޮޅުވުމުން އޭނަގެ ހިތްވަރު އެއްކޮށް ގެއްލިއްޖެއެވެ. ރޭ ހިނގި ހާދިސާގައި ލިބުނު ހިތްދަތިކަން ހާސްގުނަ އިތުރުވީ ލޫކަސްއާއި ބައްދަލުކުރަން ދެވުމުންނެވެ.
"ކަމީލާ މާލެ ދާން ބޭނުންނުވަނީއްޔާ ދަމުން ކަނޑަށް ފުންމާލާނީ، ނޫނީ ފަޅުރަށަކަށް ހިޖުރަކުރޭ، އެގޮތް ރަގަޅުވާނެތަ؟" ޖައިދަން ކަމީލާ އެ ތަނަވަސް މޭމަތީގައި ޖައްސާ ބާރުކޮށްލުމުން ކަމީލާއަކަށް ގުޑާނުލެވުނެވެ. ޖައިދަން ކަރުނަފޮހެދިނެވެ. މިވަރުގެ އޯގާތެރިކަމެއް ދުވަހަކު ޖައިދަންގެ ފަރާތުން ލިބިފައެއްނެތެވެ. ޖައިދަންގެ މޫނު ކަމީލާގެ މޫނުގައި ބީހިގެން ދިޔައިރު ދެތިންދުވަހު ތުނބުޅި ނުބާލާހުރުމުން ކުޑަކޮށް ހީލިކަރުވާގޮތްވިއެވެ. އެނޭވާގައި މިއަދުވަނީ މީރުވަހެކެވެ. ސިގްރެޓް ބުއިން ހުއްޓާލުމުން އައި ބަދަލެކެވެ.
"އަހަރެން ބުނެފާނަން ވާހަކައެއް، ތިހާ ހާސްވެގެން އުޅޭއިރު އެމަންޒަރު ފެނުނީ މަދުބަޔަކަށް، ކަމީލާއޮތީ އެފިރިހެނާގެ ގަމީސްލައިގެން، ފަޔާއި އަތް ފެނުމަކީ އަދި މީހާ ނޭކެޑްވުމެއް ނޫނެއްނު، އަހަރެންގެ ފެމިލީ ވަރަށް ކޫލްވާނެ، އެމީހުންނަށް އެކަން މާބޮޑުކަމަކަށް ނުވާނެ، އެހެނެއްނޫން، ލޫކަސްއަށް ފެނުނީމަތަ ތިހާ ހާސްވަނީ؟ އެއީ ވަކި މަލާއިކަތެއްތަ؟ އޭނަގެ ކުރިމަތީގައި ދުވަހަކު އަންޑްރެސްނުކުރަނީތަ؟ އަހަންނަށް ޝައްކު....." ޖައިދަންގެ ވާހަކަތަކުން ކަމީލާގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއްދުވެލިއެވެ. ޖައިދަންއަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ ލޫކަސް ޖައިދަންގާތު ހުރިހާ ވާހަކައެއް ކިޔައިދިނީހެއްޔެވެ؟ ކަމީލާ ހައްތަހާ ބޮޑަށް އެސްފިޔަތަކަށް ބާރުކޮށްލުމުން އަނެއްކާ ކަރުނަތައް އޮހިގަތެވެ. ޖައިދަން ކަމީލާގެ ލޮލުގައި ބޮސްދޭންފެށިއެވެ. އެހިސާބުން ކަމީލާ އުޅުނީ ޖައިދަން ދުރުކޮށްލާށެވެ.
"ތިއީ އޭ މައްސަލައަކީ؟ އަހަރެން އަތްލީމަ ކަމަކުނުދަނީ؟ ހިލޭ ފިރިހެނުންނަށް ހުރިހާކަމެއް ހުއްދަ، ނެވަރ މައިންޑް، މިހާރު މަގޭވެސް މޫޑެއްނެތް، އެކަމަކު ބޭނުންވެއްޖެ ވަގުތަކު އަހަރެން ބޭނުންވާ އުފަލެއް ގަދަކަމުންވެސް ހޯދާނަން، ޕުއަރ ލިޓްލް ތިންގް......" ޖައިދަން ހޭންފެށިއެވެ. އެކަމަކު ކަމީލާގެ ކަރުނުން ފުރިފައިވާ ރީތިދެލޮލުން ބަލައިލިގޮތަކުން ހިތަށް ކޮންމެވެސް ގޮތެއްވެ އިސްޖައިލެވުނެވެ. އަންހެންކުއްޖެއްގެ ސިހުރުގައި މިވީހާތަނަށް ޖެހިފައިނުވާކަމުން ޖައިދަން ހިތަށް ޔަގީންކަން ދިނީ ކަމީލާއަށްވެސް އެކަމުގައި ކާމިޔާބުނުވާނެ ކަމުގައެވެ.
ނަސީބަކުން ޖައިދަންއާއި ކަމީލާ ދިޔަ ލޯންޗުން އާއިލާގެ އެހެން މީހަކު މާލެއަކަށްނުދެއެވެ. އެކަމުން ކަމީލާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މާލެގޮސްފައި ގެއަށް ފޭބިތަނުން ކަމީލާއަށް ފެނުނީ ހިތަށް އުދަގޫވި މަންޒަރެކެވެ. މަންމައާއި ޔާސިރު ސިޓިންރޫމްގައި ޖެހިޖެހިގެންހުރި ސޯފާގައި ސިލްސިލާބަލަބަލާފައި ހޭން ތިބިތަނެވެ. މަންމައާއި ޔާސިރު އެހާގާތްކޮށް ވާހަކަދައްކަން ތިބޭނީ އެގުޅުން ވަރަށް ގާތްވީމައެވެ. ކުރިން ހުންނަ ދުރުކަން ކެނޑުނީމައެވެ. ނަމަވެސް މަންމައަކީ ކުޑަކުއްޖެއް ނޫނެވެ. ނުބައި ގޯޅިއެއް ނާޅާނެއެވެ. ކަމީލާއަށް އެނގުނު އެއްޗަކީ މަންމަ އިންނަނީ އަބަދު އުފަލުންކަމެވެ. އާއިލާ އެހެން މީހުންގެ އުފަލަށްޓަކައި ގުރުބާންވާން ޖެހިފައިވާ މީހަކީ އޭނައެވެ. މަންމަ ޕާޓީއާއި ބެހޭގޮތުން ސުވާލުކުރަން ފެށުމުން ކަމީލާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ވަރުބަލިވެފައިވާކަމުގެ ބަހަނާ ދައްކާފައި އަވަހަށް އެތަނުން ސަލާމަތްވެގެންގޮސް އޭނަ ލިފްޓަށް އަރާފައިދޮރު ލައްޕައިލިއެވެ.
ޖެހިގެން އައި ދުވަހު ކަމީލާއަށް އުފާވެރި ޚަބަރެއް ލިބުނެވެ. ލިއަމް ސްޕެޝަލައިޒްވާނެ ފުރުސަތު ނޭޕާލުން ލިބުނީއެވެ. އެވަރަށް ފަންޑުދިން މީހެއްވެސް ނޭގެއެވެ. ލިއަމް ނިންމާފައިވަނީ މާހާވެސް ގޮވައިގެން ދާށެވެ. ރޯޒްހިލްއަށް ލިއަމްގެ ދެމަފިރިން އައުމުން ކަމީލާ މާހާ ގޮވައިގެން ކޮޓަރިއަށް ގޮސް ވާހަކަދައްކަން ފަށާއިރަށް ރޮވުނެވެ. މާހާ ސުވާލުކުރަން ފެށުމުން ކަމީލާ ގިނަވާހަކަތައް ސިއްރުކުރިނަމަވެސް އޭނަ މުހިއްމު އެއް ވާހަކަ ބުނެދިނެވެ. އޭނަ ޖައިދަންއާއި ކައިވެނިކުރުމުގެ ކުރިން ބަލިވެއިން ކަމަށް ބުނުމުން މާހާއިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މާހާ ވަގުތުން ބުނީ ޖައިދަންއާއި ކަމީލާގެ ކައިވެނި ސައްހަނުވާނެ ކަމުގައެވެ.
"ދެން ހަދާނީ ކިހިނެއްތަ؟ މަންމައަށް އެނގިއްޖެއްޔާ މަންމަ ހިތް ހަލާކުވާނެ، އަހަރެންގެ ސަބަބުން އާއިލާވެސް ބަދުނާމުވެދާނެ، ދޮންބެވެސް ކިހާ ރުޅިއަންނާނެ، އަހަރެން ބޭނުމެއްނުވޭ ޖައިދަން ގާތު އެވާހަކަ ބުނަން، މާހާ ބުނެބަލަ، އަހަރެން ހަދަންވީ ކިހިނެއްތަ؟ އަހަރެން މަރުވެދާނެ، އަހަރެން ބިރުގަނޭ، ކޮންމެ ރެއަކު ނިދާއިރު ފާފަ ފުއްސެވުމަށް ދުއާކުރެވުނު އަދަދެއްވެސް ނޭގޭ، މިހާރު މިވިސްނުނީ ހަޔާތުގައި ކުރެވޭ އެންމެ ކުށެއްގެ ސަބަބުން އަބަދަށްޓަކައި ހިތާމަ ކުރަން ޖެހިދާނެކަން، މިފަދަ ލައިފެއް އެހެން ކުއްޖަކަށް ލިބޭކަށް ނޭދެން، ޖައިދަންއަކަށް ހަގީގަތެއް ނޭގޭނެ، ވީއިރު އޭނަ އެކުރާ ފާފަވެސް އަހަރެންގެ ބޮލުގައި އެޅޭނީ......" ކަމީލާ ރޯންފެށުމުން މާހާ ކަމީލާގެނެސް މޭގައި ޖައްސައިލިއެވެ.
"ނުރޮއި ކައްމި، އަހަރެން ބުނާގޮތަށް ހަދާ، މަންމަގާތުގައި ހަގީގަތް ކިޔާދީފައި އަހަރެމެންނާއިއެކު ދާން ހިނގާ، ވިހައިގެން އައިސް ޖައިދަންއާއި އަލުން މެރީކުރާނީ....." މާހާ ކަމީލާއަށް ވިސްނައިދިނެވެ. މާހާފަދަ ރަގަޅު ފަހަރިއަކު ހުރިކަމުން ކަމީލާގެ ހިތާމަތަކަށް ލިބުނު ފަރުވާއަކަށްވިއެވެ. ޖައިދަންގެ އަނިޔާތަކުން ސަލާމަތްވާން މިއީ ރަގަޅު ފުރުސަތެކެވެ. ރަގަޅު ދަނޑިވަޅެއް ބަލާލާފައި މަންމަގެ ގާތުގައި އެވާހަކަ ބުނެލާއިރަށް ކަމީލާގެ ގައިގާ މަންމަ ތަޅައިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ފަހުން އާތިކާ ރުޔެވެ. މާފަށްވެސް އެދުނެވެ. އެވާހަކަ ސިއްރުކުރުން ނޫންގޮތެއް މަންމައަކަށް ނެތެވެ. ކަމީލާ ލިއަމްމެންނާއިއެކު ފޮނުވާލަން ޖައިދަންގެ ހުއްދަލިބުނީ ޔާސިރު އެކަމަށް ބާރު އަޅައިގެންނެވެ. ކަމީލާގެ ދުޢާއަކީ އެހާދުވަސްވާއިރު ޖައިދަން އެހެން ބައިވެރިޔަކާއި ގުޅިގެން ކަމީލާގެ މަތިން ހަނދާން ނައްތައިލުމެވެ. އޭނަ އެނބުރި މާލެދާކަށް ބޭނުމެއްނޫނެވެ. މާޒީގެ ތެރެއަށް ފީނަން ދޭތެރެއަކުން ކަމީލާއަށް މަޖުބޫރުވެއެވެ. ލޫކަސްގެ ރީތި ހަނދާންތައް އަބަދަށްޓަކައި ކަމީލާގެ ހިތުގައި ރައްކާކުރެވިފައިވާނެއެވެ. ކަމީލާއަށް ފިލާވަޅެއް ދަސްވެއްޖެއެވެ. ލޯބިވާ ކޮންމެ އެއްޗެއް މިދުނިޔެއިން ނުލިބި ހިނގައިދާނެއެވެ. އުމުރުދުވަހަށްވެސް އުޅެންޖެހޭނީ ހުސްކަމެއްގައެވެ. މީހަކާއި އިނަސް އެ މަގާމު އެހެން މީހަކަށް ނުދެވޭނެއެވެ. އެކަމަކު އޭނަ ހާލުގައި ޖެހުނު ދުވަހު ނުލަފާމީހަކަށްވިޔަސް އެހީވެދިނީ ޖައިދަންއެވެ. އެހެންވެ ޖައިދަންގެ ގާތުގައި ވި ވައުދުވެސް ކަމީލާ ފުއްދާނެއެވެ. އެނބުރި މާލެއަށް އަންނާނެއެވެ. ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދާ ދިނުމުގެ އުއްމީދުގައެވެ. އަމިއްލައަށް ގުރުބާންވެގެންވެސް ދަރިފުޅަށް ރަގަޅުގޮތްވާން ކަމީލާ ބޭނުންވާތީއެވެ.
ހަތަރު އަހަރު ފަސް
ކަމީލާ ދަރިފުޅު ވިހެއުމަށްފަހު މާލެއައިގޮތަށް އަލުން ޖައިދަންއާއި ކާވެނިކުރިއެވެ. ދަރިފުޅަށް އަހަރެއް ވިތަނާ މަންމައާއި ޔާސިރު ކައިވެނިކުރުމުން އެންމެނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެއީ އެކަކުވެސް ވެދާނެކަމަށް ހީކުރިކަމެއް ނޫނެވެ. ޔާސިރުފަދަ މުއްސަދި މީހަކު ބޭނުމިއްޔާ ޒުވާން އަންހެންކުއްޖަކުވެސް އޭނައާއި ކައިވެނިކޮށްފާނެއެވެ. ނަމަވެސް ހީވާގޮތުން ޔާސިރު ބެލީ އުޅުމަށެވެ. އާތިކާފަދަ އުޅުންހުރި އަންހެނަކު އަބަދާއަބަދު ކުރިމަތިން ފެންނަން ފެށުމުން ޔާސިރުގެ ހިތްޖެހުނީއެވެ. ޖައިދަންވެސް ވަކި ކުންފުންޏެއް ހަދައިގެން އަމިއްލަ މަސައްތަކުން މާލޭގައި ހުރި އެންމެ ޒުވާން މިލިއަނަރަށްވިއެވެ. އުމުރުން އެންމެ ހަތާވީސްއަހަރުގައި އޭނައަކީ ހުރިހާ ވިޔަފާރިވެރިންނަށް ގޮންޖަހައިލާ ވަރުގެ މީހަކަށްވިއެވެ. ކަމީލާގެ ހަޔާތުގެ ބައިވެރިޔަކަށްވެފައިވަނީ އަންހެންކުދިންގެ ހިތުގެ ޕްރިންސެވެ. އެވަރުންވެސް ކަމީލާގެ ހިތުން އޭނައަކަށް މަގާމެއް ނުހޯދުނެވެ. އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އޭނަގެ އެކަނިވެރިކަމާއި ހިތާމަ ފިލައިގެނެއް ނުދެއެވެ. ލޫކަސްނޫން މީހަކަށް އެހިތުން ކުޑަނަމަވެސް ޖާގައެއް ނުދެވުނެވެ. ހަޔާތަށްއައި ތޫފާން ތަންކޮޅެއް މައިތިރިވެލާފައި އޮތަސް އޭނަގެ ހަޔާތުގެ ނައު އަދިވެސް ވަނީ މިސްރާބު ގެއްލިފައެވެ. ދާންވީ މަންޒިލަށް އަދިވެސް ނުފޯރައެވެ.
ފެބްރުއަރީމަހުގެ ކުރީކޮޅުގެ ދުވަހެކެވެ. އިރުވައި މޫސުމަށްވިޔަސް އުޑުމަތިވަނީ ބޯވިލާތަކުން ބަނަވެފައެވެ. ދުނިޔެއަށް ވެރިވެފައިވާ އަނދިރިކަމާއި ބަނަކަން ފެނިފައި ކުޑަދޮރު ހުޅުވާލައިގެން ހުރި ކަމީލާގެ ދެލޯވެސް ތެންމާލައިފިއެވެ. ވާރޭވެހުމުން މާބޮޑަށް ލޫކަސްގެ މަތިން ހަނދާންވެއެވެ. ހަތަރު އަހަރު ފާއިތުވެގެން ދިޔައީ އެންމެ ދެކެން ބޭނުންވާ ފަރާތް ލޮލުން ނުފެނިއެވެ.
ކަމީލާ ހައިރާންކޮށްލީ މީހަކު ގެނެސްދިން ބޮޑުބޮޑު ބުކޭއެއް ފެނިފައެވެ. އެމީހާ ކަމީލާ އަތަށް އެހަދިޔާ ދިނުމަށްފަހު ސުވާލުކުރުމުންވެސް އަޅާނުލައި ދިޔައީއެވެ. އެއީ ކާކުހެއްޔެވެ؟ ރަތްފިނިފެންމަލާއި ކާނޭޝަން ލިލީ ޑޭޒީފަދަ މާތަކުން ހަދާފައިވާ އެމާބޮނޑީގައި ވަސްގަނެލުމަށްފަހު ކަމީލާ އެމާތައް ވާސްއެއްގައި އަތުރާލައިފިއެވެ. އޭނަގެ އުފަންދުވަސް ހަނދާންހުރި މީހަކަށް ޝުކުރުހުއްޓެވެ. ޔަގީނުންވެސް ޖައިދަން ހަދާން ނުހުންނާނެއެވެ. ޖައިދަންއާއި އޭނަގެ އޮންނަ ގުޅުމަށް ދޭނެ ނަމެއް ކަމީލާއަކަށްވެސް ނޭގެއެވެ. ދެމީހުން އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭތާ އެތައް އަހަރެއްވީއިރުވެސް އެދެމެދުގައިވާ ބީރައްޓެހިކަމުގެ ފަރުދާ އުފުލައިލެވިފައެއް ނެތެވެ. ޖައިދަން ޒުވާންވެ ހަރުދަނާ މީހަކަށްވުމަށްފަހު އަދި ކަމީލާއަށް ޖިސްމާނީ އަނިޔާއެއްކޮށްފައެއް ނެތެވެ. ނަމަވެސް އެހެނޭ ކިޔާފައި ލޯބިވާކަން އަންގާދީފައެއް ނުވެއެވެ. ޖައިދަންގެ ފަރާތުން އެފަދަ ގާތްކަމާއި އަޅައިލުން ނުލިބުނަސް ކަމީލާ ފިރިމީހާއަށް ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތެއް ބަރާބަރަށްކޮށްދެއެވެ. އެއީވެސް މަޖުބޫރީއެވެ. ޖައިދަން ރަގަޅުވެގެންގޮސް މަލާއިކަތެއްހެން ވާން އުޅުނަސް ކަމީލާދެން އެއަނިޔާތައް ހަނދާންނައްތައެއް ނުލާނެއެވެ.
ޖައިދަން ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ފަޓުލޫނެއްލައިގެން ހުރިއިރު ވަރަށް ރަސްމީވެފައި ސްމާޓެވެ. ކާރުން ފޭބިއިރު އެހެން ދިޔަ އެންމެންގެ ލޯތައް އޭނައަށް ހުއްޓުނެވެ. ޖައިދަން ކޮޓަރިއަށް ވަންއިރު މިކާލް އިނީ ދޫލަމަތީގައި ކުޅޭށެވެ. ކަމީލާ ހުރީ ނަމާދަށެވެ.
"ޑެޑީ އައިމް އެ ކެޓް....." މިކާލް ތުއްތު އަޑަކުން ވާހަކަދައްކާލިއިރު ކޯތާފަތަށް އަޑިކޮޅު އެޅުނެވެ. ޖައިދަން ދަރިފުޅު މޮޑެލާހިތްވިޔަސް ކަމީލާ ހުރުމުން އެބައިނުދައްކާ ހިމޭނުން ހުރީއެވެ. ކަމީލާ ހުންނަތަންތާ އޭނަ މިކާލްއަށް ލޯބިކޮށެއްނަހަދައެވެ.
"ކެޓްގެ ފޯރ ލެގްސްހުރެއެއްނު....." ޖައިދަން ހިނިއައެވެ. މިކާލް އޭނަގެ ހަތަރެސްފައި ދައްކާލާފައި ބުޅަލެއްހެން އުޅެވިދާނެކަމުގައި ބުނެލުމުން ޖައިދަން ހެމުން ބުނީ ބުޅަލުގެ ނިގުލެއް އިންނަކަމަށާއި މިކާލްގެ ނެތްކަމަށެވެ. އެވަގުތު މިކާލް އޭނަގެ ނިގުލެއް އެބައޮތޭ ތަންކޮޅެއް ކުރީއޭ ކިޔާލާފައި ދައްކާލަމުން ނަމާދަށްހުރި ކަމީލާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ދަރިފުޅު ދައްކާވާހަކަތަކުން މީހަކު ހިނި ނާންނާނެހެއްޔެވެ؟ ޖައިދަން ފާޚާނާއަށްވަދެފައި ނުކުތްއިރު މިކާލް ހުރީ ޖައިދަންގެ އަލަމާރި ހުޅުވާލައިގެން މާވަރުގަދަ މަސައްކަތެއްކޮށް ލައިގެންނެވެ.
"ގަސްތުގައި އެކުއްޖާ ލައްވާ ތަންހަޑިކުރުވާ، މިކާލް ދިސް އިޒް ނޮޓް ފަނީ އިނގޭ......" ޖައިދަން ހިތްހަމަނުޖެހިފައި ހުރެ ކަމީލާއާއި އަމާޒުވާގޮތަށް އެއްޗެކޭ ބުނެފައި މިކާލްއަށް ބަލައިލީ ބުމަކާރިކޮށްލާފައެވެ. އެބާރުގަދަ އަތުން މިކާލް އުފުލައިލިގޮތަށް ފާޚާނާގައި ބެހެއްޓިތަން ފެނިފައި ކަމީލާގެ ހިތަށް ތަދުވިއެވެ. މިކާލް އެކުރީ ރަގަޅުކަމެއްނޫނެވެ. އެކަމަކު ދަރިފުޅާއިމެދު ޖައިދަން ހަރުކަށިވީމަ ތުންފިއްތާލައިގެން ރޮވިފައިހުރިތަން ފެނުމުން ކަމީލާގެ ހިތަށް އަސަރުކުރީއެވެ. ޖައިދަންގެ ދަރިއެއްނޫނޭ އެކުއްޖާއަށް އަނިޔާކުރުމުގެ ހައްގެއްނެތޭ ކިޔާފައި ހަޅޭއްލަވައިގަންނަން އުޅެފައިވެސް ކަމީލާ ދުލުގައި ދައިގަތެވެ. އެއީ އަދި މާހާއާއި ހައިޝަމް ފިޔަވާ އެހެން އިތުރުމީހަކަށް އެނގޭ ސިއްރެއްނޫނެވެ. އަމިއްލަ ދަރިނޫންކަން އެނގިއްޖެއްޔާ ޖައިދަންގެ ހިތުގައި ރަހުމެއްނުވާނެކަން ޔަގީނެވެ. ކަމީލާ ދަރިފުޅު ދޮއްވަންވެގެން ފާޚާނާއަށް ވަނެވެ.
"މަންމަ ބުނި ކާލް ގޮވައިގެން ހަވީރު ސަޔަށް އެގެއަށް އަންނާށޭ، އަހަރެން އެގެއަށް ދާކަށް ބޭނުމެއްނޫން، ކަމީލާ ޖެހޭނެދާން...." ޖައިދަން އަމުރުކޮށްލިއެވެ. އަދިވެސް އެނޫންގޮތަކަށް ކަމީލާއާއި ވާހަކަދައްކަން އޭނަ އާދަވެފައެއްނެތެވެ.
"ރޯޒްހިލްއަށް؟ " ކަމީލާ ހައިރާންވިއެވެ. އެގެއަށް އެމީހުންދާން ޖެހެނީ ދައުވަތުދީގެން ހެއްޔެވެ؟ ކަމީލާ ހިތަށް އަރާއިރަށް މިކާލް ގޮވައިގެން ދާންވީއެވެ.
"އަހަރެން މަންމަކިޔަނީ އެކަނި މެހްވިޝްއަށް، އެކަން ހަނދާންނައްތާލީތަ؟ "ޖައިދަންގެ ޖުމްލައިން ކަމީލާގެ ނާރުތަކުގައި ފިނިރާޅެއް ދުވެލައިފިއެވެ. މެހްވިޝްމެން މާލޭގައި ނޫޅޭތާ ކޮން ޒަމާނެއްހެއްޔެވެ؟ އެންމެކުޑަވެގެން މާމަދަރިފުޅު ދެކެލަން އައުމަކީ މެހްވިޝްއަށް މުހިއްމުކަމަކަށް ނުވިއެވެ. މިހާރު ދައުވަތު ދިނުމުގެ މާނައެއްނެތެވެ. މެހްވިޝް ކަމީލާދެކެ ނަފްރަތުކުރިޔަސް ދަރިފުޅު ދުރުކޮށްލާކަށް ނުޖެހޭނެއެވެ. ކަމީލާ ނުދާންވެގެން އެއްޗެކޭ ބުނެލިއެވެ. ނަމަވެސް ޖައިދަން މަޖުބޫރުކުރުމުން ޖެހުނީ ތައްޔާރުވާށެވެ. ގަޔަށް ދޫ ރަތްކުލައިގެ ގަމީހަކާއި ނޫޖިންސަކާއިއެކު ރަތްޝޯލްއެއް އަޅާތައްޔާރުވެލިއިރު މިކާލްވެސް ހުރީ ކަމީލާއާއި މެޗްކުރެވޭގޮތަށް ހެދުން އަޅުވާފައެވެ. ރީތިކަމުން އެސްފީނާޖެހޭހާވެއެވެ. ޖައިދަން ދެމައިން ގޮވައިގެން ކާރުގައިގޮސް މެހްވިޝްވިލާއަށް ބާލާފައި ދިޔުމުން ކަމީލާހުރީ ހިނގައިގަންނަން ނުކެރިފައެވެ. ޖައިދަން އެހާހަމަޖެހިލައިގެން އެދިޔައީ ލޫކަސް ރަށުގައި ނޫޅޭކަން ޔަގީންވާތީހެއްޔެވެ؟ ނޫނީ ލޫކަސް ދައްކާލަންހެއްޔެވެ؟ ދެޚިޔާލުގައި ހުރެފައި ކަމީލާ އެގޭގެ ގޭޓުން އެތެރެވީއިރު ހިތްތެޅޭވަރުން ހީވަނީ މޭފަޅާލާފައި ނުކުމެދާނެހެންނެވެ. ހަތަރެސްފައި ގަނޑުފެންކޮޅެއްހާ ފިނިވެ ދަރިފުޅުގެ އަތުގައި ބާރަކަށް ހިފަހައްޓާލެވުނެވެ.
"އިރާދަކުރެއްވިއްޔާ ލޫކަސް ނޫޅޭނެ، އޭނަ ހުރިއްޔާ ވަގުތުން ނުކުމެގެންދާނީ.." ކަމީލާ ހިތާހިތުން ކިޔާލިއެވެ.