ނަސީބަކުން އެހެންރޭ އެކުރާފަދަ ގޯނާއެއް ނުކޮށް ކަމީލާގެ ނިތްކުރީގައި ބޮސްދީފައި ޖައިދަން ގާތުގައި އޮށޯވެލީއެވެ. އެރެއިން ފެށިގެން ޖައިދަން ކަމީލާއާއި ދޭތެރޭގައި ކަންތައްކުރަން ފެށީ ހީނުކުރާހާ ރަގަޅަށެވެ. އޭނަ ބޭނުންވާކަމެއް ކުރާކަށް ހުރަހެއް ނާޅައެވެ. ވަކި ހެދުމެއް ލާކަށް މަޖުބޫރެއް ނުކުރުވައެވެ. މިނިވަންކަންވެސް ދިނެވެ. އެހާ އަޅާލާ ފިރިޔަކަށްވިއެވެ.
"އެ ކޮންޓްރޯލް ފްރީކް ކުއްލިއަކަށް ރަގަޅުވީ ކީއްވެބާވައޭ ހިތަށް އަރާ، އަނެއްކާ މިއަށްވުރެ ބޮޑު ލަނޑެއްދޭން ރާވަނީބާ...." ކަމީލާގެ ހިތުގައި ބައެއްފަހަރު ބިރުވެރިކަންވެސް އުފެދެއެވެ. ވަރުގަދަ ތޫފާނެއް އައިސް ސުންނާފަތިކޮށްލުމުގެ ކުރިން ހިމޭންވާ އުސޫލުން އޭނައަށް އެފަދަ ގޮތެއް ދިމާވާން އުޅެނީހެއްޔެވެ؟ ހަފްތާއެއް ވޭތުވެގެން ދިޔައީ ވަރަށް އޮމާންކޮށެވެ. ޖައިދަން އައްމާރު އަދި އިޔާޝްއާއިއެކީގައި ޕޫލް ރާޒުވާފަދަ ކުޅިވަރުކުޅޭއިރު ލޫކަސް ބައިވެރިވުން އާއްމުވާން ފެށިއެވެ. ލޫކަސްއާއި ޖައިދަންގެ ދޭތެރޭގައިވާ ބީރައްޓެހިކަމާއި ނަފްރަތުގެ ފާރު މަޑުމަޑުންގޮސް ތިރިވިއެވެ. އެންމެ އުފާވީ ކަމީލާއާއި މެހްވިޝްއެވެ. މެހްވިޝް ދެކޭގޮތުން ކުޑައިރުއްސުރެން ލޫކަސްވަނީ ބާކީކޮށްލެވިފައެވެ. ލޫކަސްގެ ބައްޕަ އެހެން މީހަކަށްވީމަ އެތަފާތު އޮތީއެވެ.
އިޔާޝްގެ ކާވެނީގެ ޕާޓީއަށް ކަމީލާ ދިޔައީ މަންމަމެންނާއި އެކުގައެވެ. އެޕާޓީ އޮތީ ހޮޓަލެއްގައެވެ. އެތަން ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަމާއި ތަނުގެ ރީތިކަންވެސް ފަނޑުކޮށްލާފައިވަނީ އިޔާޝްއާއި އަނަމްގެ ރީތިކަމުންނެވެ. ކަމީލާގެ މަންމަ އާތިކާއަށް އަނަމްގެ ބައްޕަ ފެނުމާއިއެކު ލިބުނު ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނެވެ. ފައިސަލްވެސް ނުތަނަވަސްކަމާއި އެކުގައި ބަލަން ހުރިގޮތުން ކޮންމެވެސް ކަމެއްވެއްޖެކަން ކަމީލާ ދެނެގަތެވެ. ލިއަމްއާއި މާހާ އައީ އެމީހުންގެ ފަހަތުންނެވެ. ކަމީލާ މިކާލް ގޮވައިގެންގޮސް ކާންއެޅިއެވެ. އަދި މަންމައާއިއެކު ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ޖައްސައިލިއެވެ. އިރުކޮޅެއްނުވަނީސް ފައިސަލް އެދިމާލަށް އަންނަތަން ފެނުނެވެ.
"އެކްސްކިއުޒްމީ، އާތިކާ ތަ؟ "ފައިސަލް ގާތުގައި ހުއްޓިލާފައި ސުވާލުކުރިއެވެ.
"މިހާރު އެކަން ޔަގީންކުރުމުގެ މާނައެއްނެތެއްނު، ހިތަކަށް ނާރާ އަހަންނަށް އެހާވަރުގެ ކެއްސެއް ދީފައި ފައިސަލް ގޮސްދާނެކަމަކަށް، އަހަންނާއި ކާވެނިކޮށްފައި ފުރައިގެން ދިޔަފަހުން އެނގުނީ މަޖަލަކަށް ކުރިކަމެއްކަން، އަހަންނަށް އޭރު ކާންދޭން އުޅުނީ ދޭތެރެދުރުކުރާ ބޭސްކަން އެނގުނީވެސް މާފަހުން، އަހަރެން ކޮންމެދުވަހަކު ބޭސްގުޅަ އަނަގަޔަށް ލާފައި ވައްޓާލީ، ވިޓަމިންއެކޭ ކިޔާފައި ދިނަސް ކާން ބިރުގަތީ....." އާތިކާ އެއް ނޭވައިން ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ކަމީލާއިނީ ދެލޯ ބޮޑުވެފައެވެ.
"މައުސޫމް އަންހެންކުއްޖަކަށް ލަނޑެއް ދެވުނީމަ އަހަރެން އެކަމާއި ވަރަށް ގިލްޓީވި، އަސްލު މަޖަލަކަށް ކުރިކަމެއް އެއީ......" ފައިސަލްގެ މޫނުމަތިން ފެނުނީ އަމިއްލަ ކުށް ގަބޫލުކުރާފަދަ ގޮތެކެވެ.
"އެފަހުން އަހަރެން ދޮންބައްޕައާއިއެކުގައި އެހެން ރަށަކަށް ބަދަލުވީ، ފައިސަލްއަށް އެނގޭތަ؟ އެކައިވެންޏަށް އެބަހުރި ދަރިއަކު ލިބިފައި......" އާތިކާގެ ޖަވާބު އިވިފައި ފައިސަލް ދެލޯ ބޮޑުކޮށްލާފައި ހަށަން މޮހެލިއެވެ.
"ކީކޭ؟ "ފައިސަލް ހުރީ ގަބޫލުނުކުރެވިފައެވެ.
"އެކުއްޖަކީ ލިއަމް، އެހެރީ، ފައިސަލްއާއި މާބޮޑު ތަފާތެއް އެބަހުރިތަ؟ " ތަންކޮޅެއް ދުރުގައި ލޫކަސްއާއި ވާހަކަދައްކަން ހުރި ލިއަމްއަށް އިޝާރާތް ކޮށްލުމުން ފައިސަލް ހުރީ ޝޮކެއްގައެވެ. ގަބޫލުކުރަން ބޭނުން ނުވެފައެވެ.
ލިއަމްގެ ބައްޕައާއި އަލަށް ބައްދަލުވުމުން ލިއަމް ހައިރާންވެ ރަކިވާގޮތްވިއެވެ. އޭނަގެ ބައްޕައަކީ މަސައްކަތްކުރާ ތަނުގެ ސީއީއޯއަށްވެފައި ނުފޫޒުގަދަ މީހެކެވެ. މާލޭގެ މުއްސަންޖެކެވެ. މަންމަ މިހާ ދުވަސްވާންދެން ބައްޕަގެ ހަގީގަތް ފޮރުވީ ސަބަބެއް ނެތިއެއް ނޫނެވެ. މަންމައަށް ބައްޕަގެ އަސްލެއް ނޭގުނީއެވެ. ބައްޕަ އޭރު އުޅުނީ މަސްވެރިޔަކަށް ހެދިގެންނެވެ. އާތިކާއަށް ރަގަޅަށް އޮޅުވާލާފައި އާތިކާގެ ދިރިއުޅުމާއި ކުޅެލީއެވެ. އާތިކާއަކީ އޭރު އެރަށުގައި ހުރި އެންމެ ރީތި ކުއްޖާއަށްވެފައި އެތައް ޒުވާނުންނެއްގެ ހުވަފެނެވެ.
ލިއަމްއާއި ބެހޭގޮތުން ފައިސަލް އަޑުއަހާފައިވަނީ މުޅިންވެސް ރަގަޅު ވާހަކަތަކެވެ. ލިއަމް ބަލިމީހުންނާއި އަޅާލާވަރާއި ތަނުގެ ކުރިއެރުމަށް މަސައްކަތް ކުރާވަރާއި ވަޒީފާއަށް ކުރާ ގަދަރަކީ ތަނުގައި މަޝްހޫރުވާހަކަތަކެވެ. ލިއަމްއަކީ އަމިއްލަ ދަރިއެއްކަން އެނގުމުން ފައިސަލް ފަޚުރުވެރިވިއެވެ. ދަރިފުޅުގެނެސް ފުރަތަމަ ފަހަރަށް މޭގައި ޖައްސާލިއިރު އޭނަގެ ލޮލުން ކަރުނަ އައެވެ. ލިއަމްއަށް ނޭގިވެސް މިއާދެވުނީ އަމިއްލަ ކޮއްކޮއެއްގެ ޕާޓީއަށެވެ. އެރޭގެ އުފާވެރިކަން ދެގުނަވެގެން ދިޔައީ ފައިސަލް ލިއަމްއަކީ އޭނަގެ ދަރިފުޅުކަން އިއުލާން ކުރުމުންނެވެ. ލިއަމްއަށްޓަކައި ކަމީލާގެ ހިތް އުފަލުން ފުރުނެވެ. މިފަހަރު ދެލޮލަށް އައީ އުފާވެރިކަމުގެ ކަރުނައެވެ.
ވެހެމުންދާ ވާރޭ މިއިން ޒަމާނެއްގައި ހުއްޓާލަފާނެހެން ހިޔެއްނުވެއެވެ. މިކާލް ސްކޫލްގައި ހުރުމުން ކަމީލާއިނީ އެކަނިވެފައެވެ. ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު އޭނަގެ ވިސްނުންވަނީ އެހެން ދިމާލެއްގައެވެ. ލޫކަސްއާއި އެކުގައެވެ. ވާރޭވެހެން ފަށައިފިއްޔާ މާޒީގެ ހަނދާންތައް އަބަދުވެސް އޭނައަށް އުދަގޫކުރުވައެވެ. ކަމީލާ އެހެން ހުއްޓާ ޖައިދަން ގޭޓުން ވަނެވެ. ފެންޑާއަށް އަރާފައި ވާރޭކޯޓު ބޭލިއިރު އެރީތި އިސްތަށިގަނޑުގެ ތަރުތީބުއޮތީ ގެއްލިފައެވެ.
"ބޭބީ، ތިހާވަރަށް ވިސްނަނީ ކޮންކަމަކާއިތަ؟ އަހަންނަށްވެސް އަންގައިގެން އުޅެބަލަ..." ޖައިދަން އެތާހުރި ސޯފާއެއްގައި އިށީދެ ދެފައިދަމާލިއެވެ. މިހާވަރަށް އޭނަ އަގުބޮޑު އެއްޗެހި ގެނެސްދޭއިރުވެސް ކަމީލާގެ ދެލޮލުން އޭނައަށްޓަކައި ލޯބީގެ އަސަރެއް ނުފެނެއެވެ. އެކަމާއި މާޔޫސްވާހިސާބަށް މިހާރު ހިގައްޖެއެވެ.
"ދޮންބެގެ ބައްޕަ އެނގުނީމަ އަދިވެސް މިހިރީ ހައިރާންވެފައި، އަހަރެން ހިތަށް އަރަނީ ކާލްއަށްވެސް ކޮންމެވެސް ދުވަހަކުން އޭނަގެ އަސްލު ބައްޕަ އެނގިއްޖެއްޔާ ވާނީ ކިހިނެއްބާވައޭ..." ކަމީލާ ޖައިދަންއާއި ހަތަރުކަޅިހަމަކޮށްލިއެވެ.
"އެކަހަލަ ދުވަހެއް އަތުވެދާނެ، މިސާލަކަށް ލޫކް އެހެން މީހަކާއި މެރީކޮށްގެން ގާލްއެއް ލިބުނީ، ކާލްއާއި އެކުއްޖާ ރައްޓެހިވެއްޖެއްޔާ މަޖުބޫރުވާނެ ދޯ ހަމަ އެވާހަކަ ބުނަން، ކަމީ ބޭނުންވަނީ ކާލްއަށް ހަގީގަތް ފޮރުވަންތަ؟ "ޖައިދަންގެ ތުންފަތްމަތީގައި މާނަވީ ހިނިތުންވުމެއްވިއެވެ.
"ނޭގޭ..." ކަމީލާ ތުންފަތުގައި ދަތްއަޅައިލިއެވެ.
"ލުކް ކަމީ، އަހަރެން މިހާރު ބޭނުމެއްނޫން މަޖުބޫރުކުރާކަށް، ބޭނުން ޑިޒިޝަނެއްނަގާ، ބޭނުމީވިއްޔާ ކާލް ގާތު ބުނޭ ބައްޕައަކީ ލޫކްއޭ، ހީ ހޭޒް އެރައިޓް ޓު ނޯ، އަދި ކަމީ ބޭނުންވަނީ ލޫކް ގާތަށް ދިޔުން ކަމަށްވާނަމަ އަހަންނަށް ހަމަ އޯކޭ، ދެންއަބަދަކު ހިފަހައްޓައިގެން މަށެއްވެސް ނޫޅޭނަން ދޯ، ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫން...." ޖައިދަން ތެދުވެފައި ކަމީލާގެ ގާތަށް ހުއްޓުނެވެ. އެދޭތެރޭގައިވާ ދުރުމިން ކާރިކޮށްލަން ޖައިދަން ބޭނުމެވެ. އެ ނާޒުކް އަންހެންކުއްޖާ އަބަދަށްޓަކައި މޭގައި ފޮރުވާލާފައި އަމިއްލަ ކުރަން ބޭނުންވިއެވެ.
"ރިއަލީ؟ "ކަމީލާގެ ބޮޑު ދެލޯ އަދިވެސް ބޮޑުކޮށްލިއެވެ.
"ޔަޕް، އަހަރެން ކަމީއާއި މެރީކުރީ އެކަނި ރިވެންޖްނަގަން ވެގެން، ލޫކްގެ ހިތް ހަލާކުކުރަން، އެނުބައި އަމަލުން މިއަދު އަހަންނަށް ލިބުނު އުފަލެއްނެތް، އަހަރެން ދެން އިތުރަށް ބޭނުމެއްނޫން ކަމީގެ ހިތުގައި ޖައްސާ ދެރަކޮށްލާކަށް، ވަރަށް ދުވަސްވަންދެން ރޮއްވާލެވިއްޖެ، އެކަމުން ހިތަށް އުފަލެއް ލިބުނު ޒަމާނެއްވެސް އައި...." ޖައިދަން ހުރީ ހިތްވަރުކޮށްލައިގެންނެވެ. ލޯބިވާ ވާހަކަ ދުލުން ނުބުނިކަމުގައި ވިޔަސް ކަމީލާއަށް އެނގޭނެކަމަށް އޭނަ ހީކުރިއެވެ. ޖައިދަން މިވީހާތަނަށް އެއްވެސް މީހެއްގެ ގާތު ލޯބިވާ ވާހަކަ ބުނެފައެއް ނުވެއެވެ.
"ކީއްވެ ދެން ޗޭންޖްވީ؟ "ކަމީލާގެ ހިތަށް އުދަގޫވިއެވެ. އޭނައަށް ބޭނުންގޮތެއް ނިންމުމުގެ އިޚުތިޔާރުދިން އިރު އެކަން މިއަދުވަނީ ބަލައިގަންނަން އުދަގޫވެފައެވެ.
"ހިތް ބަދަލުވެއޭ ބުނެއެއްނު، ލައިކް އައި ސެޑް އަހަރެން އޭރު ކަމީ ރޮއްވާލައިގެން ހިތްހަމަޖެހުން ހޯދިން، ކުރެވުނު އަނިޔާތަކާއި ގޯނާތައް ގުނާ އަދަދު ނުކުރެވޭނެ، ރޭޕްކުރެވުނު އަދަދެއްވެސް ނޭގޭ، އޭރު އިސްކަންދިނީ އެކަނި އަހަރެންގެ އުފާތަކަށް، ބޭނުންނުވާއިރު އަނިޔާވެރި ފިލްމުތައް އަހަންނާއިއެކު ބަލަން މަޖުބޫރުކުރުވިން، ފަސްއަހަރު ވީއިރުވެސް ކަމީ ރޮއްވުން ފިޔަވާ އިތުރު ކަމެއް އަހަންނަށް ނުކުރެވުނު، އެހެންވީމަ ބޭނުމިއްޔާ މިހިރީ ދޫކޮށްލަން ތައްޔާރަށް، ކަމީ ބޭނުންވާ ގޮތެއް ބުނޭ...." ޖައިދަން އެދުނެވެ. ކަމީލާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ.
ޖައިދަންގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއިއެކުގައެވެ. ފަސްއަހަރު ކުރިން އޭނަގެ ހަޔާތަށް އައި އެއަނިޔާވެރި ޒުވާނާމިވަނީ ހީނުކުރާހާ ބަދަލުވެފައެވެ. ހަރުދަނާ މުއްސަދި ޒުވާނަކަށްވީއިރު ރީތިކަމާއި ފިރިހެންވަންތަކަމުގެ ރޭހުގައިވެސް ކުރި ހޯދާނެއެވެ. ނޫކުލައި ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ކަސްރަތީ ރީތި ހަށިގަނޑުގެ ފުރިހަމަކަން ހާމަޔަށްވެއެވެ. ނަމަވެސް ބަދަލުވީއިރު ވަގުތު ފާއިތުނުވޭހެއްޔެވެ؟
"ކޯންޗެއް ތިވިސްނަނީ؟ "ޖައިދަން އަހައިލިއެވެ.
"ނޭގޭ ބުނަންވީ އެއްޗެއް..." ކަމީލާ އިސްޖަހައިލިއެވެ.
"ހިތަށް ނާރާ އަހަރެން އެންމެ ބޭނުންވާފަދަ ހަޔާތުގެ ބައިވެރިޔަކަށް ކަމީ ވެދާނެކަމަކަށް، އަހަންނަށް އެންޖެލްއެއް ލިބިދާނެކަމަކަށް ހުވަފެނެއްގައިވެސް ނުދެކެން، ގޯޑް ގޭވް މީ އެވްރީތިންގް، އަހަންނަށް އެނިއުމަތަށް ޝުކުރުވެރިވާކަށް ނޭގުނު، ޕާފެކްޓް އަންހެންކުއްޖެއް ލިބުމަށްފަހުގައިވެސް އަހަންނަށް ހެދުނީ ގޯސް، އެންމެ ކަމެއްވެސް ރަގަޅަކަށް ނުކުރެވުނު، އެހެންވެ މިބުނީ ބޭބީ ބޭނުންގޮތަކަށް ހަދާށޭ....." ޖައިދަން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. ކަމީލާ ވިސްނާނަމޭ ކިޔާފައި ކޮޓަރިއަށް ވަންގޮތަށް އިރުކޮޅަކުން ނުކުމެގެން އައީ ކޮނޑުގައި ދަބަސް އަޅުވާލައިގެންނެވެ. ޖައިދަން އޭރު ކޮފީއެއް ހިފައިގެން އައިސް ޓީވީ ހުޅުވާލައިގެން ބަލަން އޮވެފައި ކަމީލާ ފެނުމުން ފުރިހަމަ އިސްކޮޅަށް ތެދުވިއެވެ. އޭނަ ހީކުރީ ކަމީލާ ޚިޔާރުކުރާނީ އޭނަ ކަމުގައެވެ.
"އަހަރެން ނިންމައިފިން، އަހަރެން ބޭނުމީ މިގެއިން ދާން...." ކަމީލާ ދުރަށް ބަލައިލަމުން ބުނެލިއެވެ. އެއާއިއެކު ޖައިދަންގެ އަތުން ކޮފީތަށިދޫވިއެވެ. މޫނުމަތިން ފެނުނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ.
"ނޫން ނުދޭ..." ޖައިދަން ބުނެލިއެވެ. ކަމީލާ ބަލައިލިއިރު އެރީތި ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. އެއީ ދުވަހަކުވެސް ކަމީލާގެ ކުރިމަތީގައި ނުރޯން ބުނިމީހާއެވެ. އާދޭސްނުކުރާނެކަމަށް ބުނި މީހާއެވެ. ކަމީލާގެ ދުޢާތައް މިއަދު އިޖާބަކުރައްވައިފިއެވެ. އޭނައަށްޓަކައި ޖައިދަންގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެދެލޮލުން ފެނުނު މާޔޫސްކަމާއި އަސަރަކުން ކަމީލާގެ ހިތަށްވެސް ހަމްދަރުދީވަނެވެ.
"އެންމެ ރަގަޅުވާނީ މިގޮތްކަން ނޭގޭ....." ކަމީލާ އަނެއްފަރާތަށް އެނބުރުނެވެ.
"އަހަންނާއި ވަކިވެގެން ނުދޭ، ޕްލީޒް....." ޖައިދަން ކަމީލާގެ ގައިގާ ބައްދައިލަން އުޅުމުން ކަމީލާ ފަހަތަށް ޖެހުނެވެ.
"ނޫން،ނޫން އަހަރެން ކޮންމެހެން ބޮޑު ގެއަކާއި މުއްސަދިކަމެއް ބޭނުމެއްނޫން، އަހަރެން މިގެ އަނބުރާ ޖައިދަންއަށް ދީފިން، އަހަރެން ބޭނުންވަނީ އަހަރެންދެކެ ލޯބިވާ މީހަކާއިއެކު އުމުރު ހޭދަކުރަން، އަޅާލުމާއި އޯގާތެރިކަން ނޫން އެހެންއެއްޗެއް އަހަންނަކަށް ބޭނުމެއްނުވޭ، ޖިފުޓިގަނޑެއްގައި ނަމަވެސް ހެޔޮ، އަހަރެން ވަރަށް ދުވަސްވާންދެން ހިތާމަކޮށްފިން، ވަރަށް ދުވަހު ކެތްކޮށްފިން، ފަސްއަހަރުވާންދެން ޖައިދަންއާއިއެކުގައި އުޅުނުއިރު ލިބުނީ އަނިޔާއާއި ވޭން، މިއަދު ބަދަލުވެގެން އަހަންނަށް މުޅި ދުނިޔެ ހޯދަދިނަސް އެދުވަސް ހަނދާންނައްތާލުން ފަސޭހައެއް ނުވާނެ، އަހަންނަށް މާފުދެވިދާނެ، އެކަމަކު ހަދާން ނައްތައެއްނުލެވޭނެ، އެއަށްވުރެ ބޮޑަށް މިހިތަށް އަނިޔާ ލިބުނު، ސޮރީ، އަހަންނަށް ދެން ނުހުރެވޭނެ، ވަރަށް ދުވަސްވެއްޖެ މިނިވަންވާން ބޭނުންވެފައި ހުންނަތާ، އަހަންނަށް ޗޮއިސްއެއް ދޭނަމޭ ބުނީ ތެދަކަށްވާނަމަ އަހަރެން ނުހުއްޓުވާ......" ކަމީލާ އެންމެފަހުގެ ނިންމުން ޖައިދަންގެ ހުރިހާ އުއްމީދުތައް ފުނޑުފުނޑުކޮށްލިހެން ހީވިއެވެ. އޭނަ ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާއި ހަމަވެއްޖެއެވެ. ޖައިދަންގެ ލޮލުން ކަރުނަތައް އޮހިގަތުމުން ހުއްޓުވާކަށް ނޫޅުނެވެ. އެދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަކުން ކަމީލާގެ ނާޒުކް ހިތްވިރޭގޮތްވިއެވެ. ޖައިދަންދިން އަނިޔާގެ ބަދަލުހިފާކަށް އޭނަ މިއަދަކު ބޭނުމެއްނޫނެވެ. އެހެން އިންސާނަކަށް ދެރަގޮތެއްވާކަށްވެސް މިހާރު ކަމީލާ ބޭނުމެއްނޫނެވެ. އޭނަ ޖައިދަންގެ ހުރިހާ ކުށަކަށް މާފުދީފިއެވެ.
"ގުޑްބައި ޖައިދަން....." ކަމީލާ ދޮރާއި ހަމަވެފައި ބަލައިލިއިރު ޖައިދަން ސޯފާގައި އިށީދެ ދެއަތުން މޫނު ފޮރުވާލައިފިއެވެ. ކަމީލާ ގޭޓާއި ހަމަޔަށް އައިއިރުވެސް ޖައިދަން އޭނަ ހުއްޓުވާނެކަމަށް ހީކުރިއެވެ. ނަމަވެސް ޖައިދަންއެއް ނައެވެ. އޭނަ ހަގީގަތުގައިވެސް ކަމީލާދެކެ ލޯބިވާން ފެށީހެއްޔެވެ؟ އޭނަ ބޭނުންގޮތަކަށް ކަންތައްކުރަން ފުރުސަތު ދިނުމުން ދޭހަވަނީ އެންމެ އެއްޗެކެވެ.
ކަމީލާ "މެހްވިޝްވިލާ"އަށް ވަންއިރު ގެ ހީވަނީ ފަޅުތަނެއްހެންނެވެ. ދިރިހުރި ފުރާނައެއްގެ ހިލަމެއްނުވެއެވެ. މިގެއަށް ވަދެވުމުން އަމިއްލަ ވަންތަކަމެއް އިހުސާސްކުރެވި ހިތަށް ލިބެނީ ފިނިކަމެކެވެ. ތުންފަތް މައްޗަށް ވެރިވެގެންދިޔަ ފަނޑު ހިނިތުންވުންވެސް އޭނަގެ އުފާވެރިކަން ހާމަކޮށްދެއެވެ. ކަމީލާ ލޫކަސްއަށް ގުޅާލިއިރު އޭނަ ހުރިކަމަށްވަނީ ގެއިން ބޭރުގައެވެ. ކަމީލާ މިކާލް އޭނަގެ މަންމަމެންގެއަށް ލާފައި ދެވަނަފަހަރަށް ލޫކަސްގެ ގެއަށް އައިގޮތަށް މެސެޖްކުރިއެވެ. ގޭގެ ފަހަތު ފެންޑާގައި ލޫކަސްގެ އިންތިޒާރުގައި ޖައްސާލިއިރު ހިތް ތެޅޭވަރުން ހަތަރެސްފައި ގަނޑުފެންކޮޅަކަށްވިއެވެ. އިސްޖަހާލައިގެން ފޯނާއި ކުޅެން އިންދާ ލޫކަސް ދޮރުމައްޗަށް އެރިތަން ފެނުނެވެ.
"ހައި...." ކަމީލާ ކުދިދަތްތައް ފެންނަވަރަށް ހީލައިފިއެވެ.
"ޔޫ ލުކް ޕްރިޓީ ކެމީލިއާ...." ލޫކަސް އެތާ ހުރި ގޮނޑިއެއް ދަމާލައިގެން އިށީދެ ބަލައިލި ނަޒަރަކުން ކަމީލާގެ ހިތް ހުއްޓުނެވެ. އެއަޅިދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު އެލޮލުގެ ތެރެއަށް ކަމީލާ ގެނބިގެންދަނީ އިޚުތިޔާރަކާއި ނުލައެވެ. ހިތުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވެއެވެ.
"ލޫކް، އަހަންނަށް ދުވަހަކު ކަމެއްކޮށްދޭނެނަމަ ރިވެންޖް ނަގަން އުޅުނު ސަބަބު ކިޔާދީ......" ކަމީލާ ދެއަތް ދެއަތާއި ކުޅެމުން ދިޔައިރު ލޫކަސްގެ ނަޒަރު ހުއްޓިފައިވަނީ އެނާޒުކް އިނގިލިތަކަށެވެ. އެއިނގިލިތަކާއި އަތްތިލަ ލާމެހިގެން ދާއިރު އެކުރެވޭ އިހުސާސްތައް ހިތަށް އަރުވާލާފައިވެސް ލޫކަސްގެ ގައިން ހީބިހި ހަލުވައިލިއެވެ. އެނާޒުކް އަންހެންކުއްޖާ އޭނަގެ މިލްކަކަށް ހަދާފައި ފުރައިގެން ދެވުނުނަމަ މިހިތާމަ ކުރާކަށް ނުޖެހުނީހެވެ.
"މިވީހާތަނަށް އަހަރެން އެއްވެސް މީހަކަށް މިވާހަކަ ނާންގަން، ބަޓް އަހަރެން ކައްމިއަށް ކިޔައިދޭނަން، ކައްމިއަށް އަޑުއަހަން އުދަގޫވާނެކަން އެނގޭތީ ސިއްރުކުރީ........" ލޫކަސް ދެއްކި ވާހަކަތަކުން ކަމީލާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. މޫނަށް ރަތްކުލަވެރި ވެގެން ދިޔައީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. ލޫކަސް ބުނީ އޭރު އޭނަގެ އުމުރުން އެންމެ ހަތްއަހަރުކަމުގައެވެ. އިރްފާން މަންމައަށް އެއްޗެއް ބޯންދީގެން މަންމަ ރޭޕްކުރީއެވެ. ލޫކަސްއަށް އެތަނަށް ވަދެވިފައި ރުޅިގަދަވެގެން މޮޔަވާވަރުވިއެވެ. އެދިޔަ ބާރުމިނުގައިގޮސް އިރްފާންގެ ކުޑަވާއިނގިލީގައި ދަތްއަޅާލިގޮތަށް އިނގިލި ވަކިކޮށްނުލީ ހަމަކިރިޔާއެވެ. އަދިވެސް އިރްފާންގެ އިނގިލީގެ އެއްބައި ހުންނަނީ އައިބުކޮށެވެ. ލޫކަސް ކިޔާދިންގޮތުގައި އޭރު އިރްފާންއަކީ ޖިބްރީން އަދި ޔާސިރުގެވެސް އެކުވެރިއެކެވެ. ޖިބްރީން ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައި ހުއްޓާ އެނުބައި އަމަލު ހިންގީއެވެ. އޭނަގެ މަންމައަށް އިރްފާނުގެ ނިޔަތާއިމެދު ޝައްކުވާގޮތެއް ނުވިތާގައި މަންމައާއި ބެހުނުކަމެއްވެސް ނޭގެއެވެ. މަންމައޮތީ ނިދިފައެވެ. ލޫކަސް އެހެން މީހަކަށް ކިޔާނުދިނީ ލަދުންނެވެ. ނަމަވެސް އޭނަގެ ހިތުގައި އިރްފާންގެ ސޫރަ ކުރެހުނެވެ. އޭނަ ހުރީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި އިރްފާންގެ ފަރާތުން ބަދަލުހިފާށެވެ. އިރްފާންގެ ނަން އިވުނަސް ލޫކަސްގެ ގައިގާ ހުޅުހިފައެވެ.
"ކައްމި، އަހަންނަށް ކައްމިދެކެ ލޯބިނުވެވުނު ނަމަ އަހަރެންވީހީ ދެވަނަ އިރްފާންކަމުގައި، ހެއްދެވިފަރާތުން އަހަރެން އެފަދަ ނުބައިކަމަކުން ސަލާމަތްކޮށްދެއްވީ، އަހަންނަށް ކައްމިދެކެ އިންތިހާއަށް ލޯބިވެވުނީ އެކަމަކު މިއަދު ކަމީ ތިވަނީ އަހަރެންގެ ފަހަރިއެއްގެ މަގާމުގައި......." ލޫކަސްއިނީ ވަރަށް އަސަރުކޮށްފައެވެ.
"ލޫކް، އަހަރެން ބައްޕަގެ ފަރާތުން މާފަށް އެދެން، ލޫކް ކޮންމެގޮތަކަށް ކަންތައްކުރި ކަމުގައިވިޔަސް އަހަރެންގެ ހިތުގައި އެކައްޗެއްވެސް ނެތް.. ވަން މޯރ ތިންގް، މިއަދު ޖައިދަން އަހަންނަށް ޗޮއިސްއެއް ދީފި، އަހަރެން ބޭނުންނަމަ ޖައިދަންއާއި ވަކިވެގެން ދާންވީ، ޖައިދަން ވަރަށް އަޕްސެޓްވެފައި ހުރީ، ހީ ކްރައިޑް، އެހެން އިންސާނެއްގެ ހިތް ހަލާކުކޮށްލާފައި އަހަރެމެންނަށް ވަކި އުފަލެއް ލިބޭނެތަ؟ އެހެންވެ ހަދާނެގޮތް ހުސްވެފައި މިހިރީ، އެކަމަކު އަހަރެންގެ ހަމައެކަނި ލޯތްބަކީ ތިއީ، އެހެން މީހަކަށް މިހިތުން ޖާގައެއް ނުދެވޭނެ، އެކަމަކު ލޫކް، އަހަރެން........" ކަމީލާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.
"އަހަންނަށްވެސް އަންޑަސްޓޭންޑްވޭ، ލައިކް އައި ސެޑް ޖޭޑްއަކީ އަހަރެންގެ ކޮއްކޮ، އޭނައަށް ދެރައެއްދޭކަށް އަހަރެންވެސް ބޭނުމެއްނޫން، ކޮންމެވެސް ދުވަހަކު ޖޭޑް ފޫހިވެއްޖެއްޔާ އަހަރެން ހުންނާނަން، އޭރުން ދެމީހުން ދުރުކުރެވޭނެ ބާރެއް ދުނިޔެއަކު ނުވާނެ، ދެމީހުން ގުޅެން އިރާދައިގާ ވަންޏާ ކޮންމެވެސް ދުވަހަކުން އެކަން ވާނެ، ހެޔޮ ގިޔާމަތްދުވަހު ވިޔަސް، އައި ވިލް ވެއިޓް، މިހާރު އަހަންނަށް ފެންނަނީ ކައްމި ޖޭޑް ކާރިއަށް ދިޔުން، ހީ ނީޑްސް ޔޫ....އަހަރެން ކިތަންމެ ވަރަށް ކައްމިދެކެ ލޯބިވިޔަސް ކޮއްކޮގެ ހިތް ހަލާކުކޮށެއް ނުލެވޭނެ، ކައްމި ނުބުންޏަސް ތިބުނަން އުޅެނީ ކީކޭކަން އަހަންނަށް އެނގޭ، ކައްމިވެސް ބޭނުމެއްނުވޭ ޖޭޑްއާއި ވަކިވާން، ނޫންތަ؟" ލޫކަސް ކަމީލާއާއި ދިމާލަށް ބަލަން ހުރިއިރު ލޮލުގައި ކަރުނަތިކިތައް ގިނަވިއެވެ.
"ކައްމި، ނުރޮއި، އަހަރެންވެސް ލޯބިނުވާތީއެއް ނޫން ދުރަށް މިދަނީ، އަހަރެމެންގެ މަޖުބޫރީ ހާލަތު، ގުރުބާންވާން ޖެހުނީ........" ލޫކަސް ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލިއެވެ.
"ލޫކް، އަހަންނަށް ހިތްވަރުދެއްވުމަށް އެދި ދުޢާކޮށްދޭތި....." ކަމީލާ މޫނުގައި އަތްއެޅިއެވެ. ލޫކަސް ކަމީލާ ނުރޯން ވައުދުކުރުވިއެވެ.
"ޝުއަރ ދެން ނުރޮއި ގެއަށް ދޭ، ޖޭޑް ރަގަޅުމީހަކަށް ވީވެސް ކައްމީގެ ސަބަބުން، އަހަރެން ބޭނުމެއްނޫން މިއަދު ކައްމި ދުރަށްގޮސްގެން ޖޭޑްގެ ދިރިއުޅުން ހަލާކުވެގެން ދާތަން ދެކެން، ޓޭކް ކެއަރ އެންޖެލް...." ލޫކަސް އަސަރާއިއެކު ބުނެލާފައި ދާން ހިނގައިގަތެވެ.
"އިރާދަކުރެއްވިއްޔާ ގިޔާމަތްދުވަހުން ވިޔަސް ދިމާވާނެ، ޓިލް ދެން... ގުޑްބައި ލޫކް......."ކަމީލާ ކަރުނަ ފޮހެލިއެވެ. ކަމީލާގެ ހިތަށް ކިތަންމެ ވަރަކަށްވެސް ތަދުވިއެވެ. މިއަދު އޭނަ ގަބޫލުކުރާގޮތުން އޭނައަށް ޖައިދަން ދޫކޮށްލާފައި ދެވޭކަށް ނެތެވެ. ކަމީލާ މަޑުމަޑުން ހިނގާލާފައިގޮސް ގޭޓާއި އަރާހަމަވީއިރު ތުނިކޮށް ވާރޭވެހެން ފެށިއެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް ވާރެޔާއި އެކުވާންފެށިއެވެ. އޭނަ ދެން ހުންނާނީ ޖައިދަންއަށް ވަފާތެރި ބައިވެރިޔެއްގެ ގޮތުގައެވެ. ރަގަޅު އަންބެއްގެ ގޮތުގައެވެ. ދުނިޔޭގައި ބޭނުންވާހާ އެއްޗެއް ލިބިދާނެކަމަށް ދެކިގެން ނުވާނެއެވެ. މިއީ އިމްތިހާނުގެ ގޮވަތްޗެވެ. އިރާދަކުރެއްވިއްޔާ އޭނަ ކެތްކުރާނެއެވެ. އިންތިޒާރުކުރާނެއެވެ. ދިގު އިންތިޒާރުގެ ނިމުން އަބަދުވެސް ފޮނިވާނެއެވެ. ލޫކަސް ބުނިހެން ގިޔާމަތް ދުވަހުން ނަމަވެސް އެދެލޯބިވެރިން ގުޅެން ހުރިއްޔާ އެކަމަށް މަގުފަހިކޮށްދެއްވާނެއެވެ.