ކަމީލާ ސިހިފައި ލޫކަސްގެ މޫނަށް ބަލައިލިއެވެ. ލޫކަސް މިކާލް ގާތުގައި ހަގީގަތް ހާމަކުރީ ހެއްޔެވެ؟ ލޫކަސް އެފަދަ މޮޔަކަމެއް ކޮށްފާނެކަމަކަށް ކަމީލާ ހިޔެއްނުކުރެއެވެ. ޖައިދަން ޝައްކުތަކެއް ނުކުރާނެ ހެއްޔެވެ؟ އެހެނޭ ކިޔާފައި އޭނައާއި ސުވާލުކޮށްފައި ތަޅައިގަނެ މަރާލާކަށްވެސް ފަސްނުޖެހޭނެއެވެ.
"ޔެސް ސްވީޓްހާޓް؟ " ލޫކަސްވެސް އިނީ ކުޑަކޮށް ހައިރާންވެފައެވެ. ކަމީލާ އެހެން ކިޔަން މިކާލްއަށް ދަސްކޮށްދިނީ ހެއްޔެވެ؟ އެތައް ސުވާލުތަކެއް ހިތުގައި އުފެދުނެވެ. ޖައިދަން ލޫކަސްއާއި މިކާލްގެ ވާހަކަ އަޑުނީވޭކަމަށް ހަދާފައި އޭނަގެ މަންމައާއި އެކި ވާހަކަތައް ދައްކަމުން ދިޔަކަމުން އެހާ ލަދުވެތި ކަން ކަމީލާއަށްވެސް އިހުސާސެއްނުވިއެވެ. ޖައިދަން ކޮފީތަށި ހިފައިގެން އެތަނުން ދާން ހިނގައިގަންނަމުން ކަމީލާއަށް ލޮލުން އިޝާރާތްކޮށްލީ އައުމަށެވެ. ލޫކަސްގެ ކުރިމަތީގައި ކަމީލާ މާގިނައިރު ބައިންދާކަށް ޖައިދަންގެ ހިތެއް ނުރުހުނެވެ. ކަމީލާ ހުރީ އެހާ އަވަހަށް ދާހިތަކުންނޫނެވެ. މިގެއަށް ވަދެވުމުން އަމިއްލަވަންތަކަމެއް އިހުސާސްކުރެވި މިތަނަށް ލޯބިޖެހިފައިވެއެވެ. މިއީ ލޫކަސްގެ ގެއަށްވީތީއެވެ. ލޫކަސްއާއި ލޫކަސްގެ ކޮންމެއެއްޗެއް އޭނައަށް ޚާއްސައީއެވެ. މިގެއިން ނުކުމެގެންގޮސް ޖައިދަންގެ ގެއަށް ވަންނައިރަށް އެހުރިހާ އުފާތައް ފެނަށްވެއެވެ.
"އަހަރެން މިދަނީ ހުޅުމާލެއަށް، އަށެއްޖެހުމުގެ ކުރިން ކާލްގޮވައިގެން ގެއަށް ދޭ، ދެން ތުއިވާން ލޫކަސްގެ ކުރިމަތީގައި އިންނާނީއެއް ނޫން......." ޖައިދަން ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ. ޖައިދަން ކޮފީތަށި ނޯކަރެއްގެ އަތަށް ދިއްކޮށްލިތަން ފެނިފައި ކަމީލާ ނޭފަތް ގުރުޑުކޮށްލިއެވެ. އިއްޒަތްތެރިކަމާއި ފޮނިކަމެއް ދެއްވާފައިވާ ފިރިހެނެކޭ ހިތަށް އެރިއެވެ. ޖައިދަން އެނބުރި ލޯ ހަނިކޮށްލާފައި ބަލައިލުމާއިއެކު ކަމީލާ މޫނުމަތި ރީތިކޮށްލިއެވެ.
ރޭގަނޑު މިކާލް ނިންދަވާލާފައި ކަމީލާ ނުކުތްއިރު ޖައިދަންގެއަށް އައިސްވަނީއެވެ. ފަނޑު އަލީގެ ތެރެއިންވެސް އެލޮލުގައިވި ރުޅިވެރިކަން ކަމީލާއަށް ފެނުނެވެ. އޭނަ ރުޅިއަންނާންޖެހޭ ފަދަ ކަމެއް ކުރީއެއް ނޫނެވެ. ޖައިދަން އެޅި ފިޔަވަޅާއިއެކު ކަމީލާގެ އަތުގައި ހިފުމުން ކަމީލާ ގެންފައި ހުރި ބިރެއްގެ ސަބަބުން ދެކޮޅުހެދުމަކާއި ނުލައި ކުރިޔަށް ދިޔައެވެ.
"ކަލޭ ބޭނުންހާގޮތަށް އުޅުނަދޭނެކަމަށް ހީނުކުރާތި، މަގޭ ދަރިއަކު ލައްވާ ލޫކަސްއަށް ބައްޕަ ކިޔުއްވައިގެން ނުވާނެ، އަހަރެން އެއްޗެކޭ ނުބުނީމަ ހީކުރީ އަހަރެން އަޅާނުލާނެކަމަށްތަ؟ ޔޫ އާރ ރޯންގް، ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނަން........." ޖައިދަން ކަމީލާގެ ދެފައިގާ ހިފާ ވައްޓާލިގޮތަށް ދެފައި އެއްކޮށް އައްސާފައި ސްކިޕްކުރާ ރޯޕަކުން ތަޅައިގަތީ ތަނެއްތަނެއް ނުބަލައެވެ. ކަމީލާ ރޮއިފާ އާދޭސްކުރިއެވެ. ހަޅޭއްލެވިއެވެ. އެވަރުންވެސް އެހިލަ ހިތަށް އަސަރެއްނުކުރިއެވެ. ކަމީލާ ވަރުބަލިވެގެންގޮސް ޚަބަރުހުސްވާގޮތްވުމުން ޖައިދަން އޭތި އެއްލާލާފައި ނުކުތެވެ. ހަވީރު ކުޑަކޮށް ސައި ބޯލިގޮތަށް އެހެން އޮންނާންވުމުން ބަނޑުގައި ހިނިތައް ދުވާހެން ވެސް ހީވިއެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެން އަނގައިން ދަވަ ފައިބާފައިވާއިރު އެ ރީތިބޮޑުދެލޯ ވަނީ ކަރުނުން ފުރިފައެވެ. ކަމީލާ ކުރުގެޅިލައިގެން އެހެން އޮތްވާ ގިސްލެވެމުންގޮސް އަޑު ހިނދި ނިދުނީއެވެ. ހެދުނު ލޯ ހުޅުވައިލެވިގެން ބަލައިލިއިރު އިރުގެ ރަން ދަޅަތައް ކުޑަދޮރުގެ ބިއްލޫރިތައް ފުރާނާލާފައި ކޮޓަރިތެރެ އުޖާލާކޮށްލާފައިވެއެވެ. ކަމީލާ ތުރުތުރު އަޅާ އިނގިލިތަކުން ދެފައި މޮހާލާފައި ތެދުވާން އުޅުމުން މޫނަށް އަނދިރިވާގޮތްވިއެވެ.
"ޕްލީޒް ދޮރުހުޅުވަބަލަ....." ކަމީލާ އާދޭސްކުރިއެވެ.
އޭނައަށް މިއަނިޔާތައް ދީފައި ޖައިދަން މިގެއިން ދިޔައީހެއްޔެވެ؟ ކަމީލާ ފަހުން ވިސްނައިލުމުން އެނގުނީ ދޮރުހުރީ ތަޅުނުލާކަމެވެ. ކަމީލާ ކޮޓަރިއަށްވަދެ ގަޑި ބަލާލިއިރު ހެދުނު ނުވައެއްޖަހައިފިއެވެ. މޫނު ދޮވެލާހަދައިގެން އެންމެ ކުރިން އައިސްކްރީމް ތަށްޓެއް ކައިލެވުނެވެ. އެއަށްފަހު ރަގަޅަށް ނާސްތާކޮށްލައިގެން ކޮޓަރިއަށްވަދެ ހޫނުފެނުން ފެންވަރައިލިއެވެ. ހަށިގަނޑުގައިވާ ޒަޚަމްތަކުގައި ދިލަނަގާވަރުން ކެތްކުރެވެނީއެއްވެސް ނޫނެވެ. ލާންޖެހުނީ ތަންކޮޅެއް ދޫ ގަމީހަކާއި ހަރުވާޅެކެވެ. ކަމީލާ ރޯޒްހިލް އަށް ދާންކަމަށް ސްކާފްއަޅަން އުޅެނިކޮށް ބެލްޖެހިއަޑަށް ބިރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކަމީލާ އަވަހަށް ސްކާފް އެއްލާލާފައި ދުއްވައިގަތީ ދޮރު ހުޅުވާށެވެ. ނަސީބަކުން އެއީ ޖައިދަންއެއް ނޫނެވެ. ދޮރުމަތީގައި ހުރީ މެހްވިޝްއެވެ.
"ކާލްއަށް ދޭން ޕްރެޒެންޓެއް ހިފައިގެން މިއައީ...." މެހްވިޝް ކޮތަޅެއް ދިއްކޮށްލާފައި ކަމީލާގެ މޫނަށް ބަލައިލިއެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ ފެނުމުން މެހްވިޝްގެ ހިތުގައި ސުވާލު އުފެދުނެވެ.
"އިށީންނަވާ، އަޅުގަނޑު މިއަންނަނީ......." ކަމީލާ ބަދިގެއަށްވަދެފައި އައީ މޭވާ އާއި އައިސްކްރީމްތަށްޓެއް ތަބަކެއްގައި ބަހައްޓައިގެންނެވެ. މެހްވިޝް ޚިޔާރުކުރީ މޭވާއެވެ. ސިއްހަތަށް ބަލައިގެން ކާން އާދަކޮށްފައިވާތީ ހަކުރުއެޅި އެއްޗެއްސާއި މެހްވިޝް ނިކަން ދުރެވެ. ހަށިގަނޑު އެހާ ރީތިކޮށް ހުރުމުގެ ސިއްރަކީވެސް އެއީއެވެ. ކަމީލާ ކުރިމަތީގައި ހުރި ސޯފާގައި އިށީނުމާއިއެކު މެހްވިޝްއަށް ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ. ކޮންމެވެސް ވާހަކަތަކެއް ދައްކަން ބޭނުންވެފައިވާ ފާޑަކަށެވެ.
"މަންމާ، ޖައިދަން ކުޑައިރު ނަފްސާނީ މައްސަލައެއް ހުރިތަ؟ " ކަމީލާގެ ސުވާލާއިއެކު މެހްވިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ކޮޅަށް ތެދުވުނުތަން ފެނިފައި ކަމީލާ ކަންބޮޑުވިއެވެ.
"ހައު ޑެއަރ ޔޫ، މަގޭ ދަރިއަކާއި ދިމާލަށް މޮޔައެކޭ ބުނުމުގެ ހައްގެއް ކަލެއަކަށްނެތް، ކިހިނެއްވެގެން އުޅޭ މީހެއް ތިއީ؟ ތިކަހަލަ މީހަކާއިއެކު ދިރިއުޅޭއިރު ޖޭޑް ސައިކޯ ނުވެ ހުންނަކަން ނަސީބެއް، އެސުވާލުކުރަން ތިއީ ކާކުތަ؟ ނަފްސާނީ އިމްލުވެރިއެއްތަ؟" މެހްވިޝްގެ ދަރިއަކާއި ދިމާލަށް އެހެން މީހަކު އެއްޗެކޭ ބުނާއަޑުއަހާކަށް މެހްވިޝްގެ ހިތަކަށް ކެތްނުވާނެއެވެ. އަމުދުން އެމީހަކީ އޭނަގެ ދަރިންގެ މައްޗަށް އެއްވެސް ހައްގެއްނުވާ އަދި އޭނަ ދުޝްމަނުންކަމުގައި ދެކޭ މީހުންނަށެވެ. މެހްވިޝްގެ ލޭ އެހާ ހޫނުވި ސަބަބަކީ އެއީ ކަމީލާއަށް ވީމައެވެ. ޖައިދަންއާއި ދިމާލަށް ނުސީދާކޮށް މޮޔައެކޭ ބުނިކަމަށް މެހްވިޝް ދެކުނެވެ.
އޭރު ކަމީލާއަށްވެސް ކޮޅަށް ތެދުވެވިއްޖެއެވެ. ކަމީލާގެ ދެލޮލުގައި ކަރުނަތިކިތައް ވިދާތަން ފެނިފައި މެހްވިޝްގެ ހިތަށްވެސް އަސަރުކޮށްފިއެވެ. އަންހެންދަރިއެއްގެ މަގާމުގައިވާ އަންހެންކުއްޖަކު އެގޮތަށް ރޯތަން ފެނުމުން ހިތް މަޑުވާންފެށިއެވެ.
"ސޮރީ، އައިމް ސޮރީ މަންމާ، އެކަ...އެކަމަކު......." ކަމީލާގެ ހިތަށް ކެތްނުވެގެން ރޯންފަށަމުން ސޯފާއަށް ތިރިވިއެވެ. އުނގުގައި ބޯ ޖައްސައިލެވުނުގޮތަށް އެހިތް ހީވީ ކުދިކުދިވެގެން ފައިބައިގަތްހެންނެވެ. އޭނަ އުޅުނީ މެހްވިޝްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ. އަމިއްލަ ދަރިފުޅުގެ އަނިޔާވެރިކަން މަންމައަށް އެނގުނަސް އެމަންމަ އެކުއްޖާދެކެ ނަފްރަތުނުކުރާނެކަން އެނގޭތީއެވެ. އެކަމަކު އެއަނިޔާތައް ހުއްޓުވަން ކޮންމެވެސް ވަރަކަށް މަސައްކަތްކުރެވިދާނެކަމަށް ހީކުރެވިފައެވެ. ނަމަވެސް މެހްވިޝްގެ ރުޅިއާއި ކުރިމަތިލާން ޖެހުމުން ކަމީލާއަށް ވަރަކަށް އަސަރުކޮށްފިއެވެ.
"އޯ ޑިއަރ، ކިހިނެއްވީތަ؟ ސޮރީ ކުޑަކޮށް ރުޅިއާދެވުނީމަ، އައި ލަވް މައި ސަންސް ވެރީ މަޗް އެހެންވެ އެކުދިންނާއި ދިމާލަށް މީހަކު ކުޑަކުޑަ އެއްޗެކޭ ބުނެލިޔަސް އަމިއްލަ ނަފުސަށް ބާރެއް ނުހިންގޭ........" މެހްވިޝް ތެދުވެގެން އައިސް ކަމީލާ އިން ސޯފާގައި އިށީދެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. އަދި އެގޮތަށް ސުވާލުކުރަން ޖެހުނީ ކީއްވެކަން އޮޅުވަން ފިލުވަން އުޅެގަތެވެ. ކަމީލާ ވަރަށް މަސައްކަތުން ޖައިދަން އޭނަދެކެ ރުޅިއަންނަވަރު ބުނެދޭން މަސައްކަތްކުރިއެވެ. އެރޭ ރިޒޯޓްގައި އޭނަ ބަދުނާމްކުރަން މުޒާއާއި ދެމީހުންވެގެން ހިންގި ޖަރީމާގެ ތަފުސީލް ކިޔައިދިނެވެ. ޖައިދަން ހަނީމޫނަށޭ ކިޔާފައި އޭނަގެ އަތުގައިވާހާ ހެދުމެއް ފޭރިގަނެގެން އަނިޔާކުރި ވާހަކަ ކިޔާދިނެވެ. ރޭ ސްކިޕް ވާގަނޑަކުން ތަޅައިގަތީ މިކާލް ލޫކަސްއާއި ދިމާލަށް ޑެޑީއޭ ކިޔާފައި ގޮވުމުން އެކަމާއި ނުރުހިގެން ކަމަށާއި އޭނަ މިކާލް ގާތުގައި އެހެން ކިޔަން ނުބުނާކަމަށް ހުވާކުރިއެވެ. ކަމީލާ އެންމެ ކުރިން ރައްޓެހިވީ ލޫކަސްއާއި ކަމަށާއި ހިތުގެ މައްޗަށް ބާރެއް ނުފޯރުނީކަމަށްވެސް ކިޔައިދިނެވެ. ކަމީލާ ސިއްރުކުރީ މިކާލްގެ ބައްޕައަކީ ކާކުކަމެވެ.
މެހްވިޝް ކަމީލާގެ ހެދުން ހިއްލާލާފައި ކަމީލާގެ ހަށިގަނޑުގައިވާ ޒަޚަމްތައް އަމިއްލަ ލޮލުން ބެލިއެވެ. އަތާއި ފައި އަދި މުޅި ހަށިގަނޑުވަނީ ހަލާކުވެފައެވެ. ޖައިދަން މިކުއްޖާ ފަކީރަށް ހާދަވަރެއް ކޮށްލައިފިއެވެ. މިވަރުކުރަން ހެޔޮވާނެހެއްޔެވެ؟ މެހްވިޝްއަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން ދެލޮލުން ކަރުނަ އޮހިގެންފިއެވެ.
"ސުބުހާނަﷲ، މަގޭ ޖައިދަން މިހާ ރަހުމް ކުޑަމީހަކަށްވީ ކީއްވެކަމެއްވެސް ނޭގޭ، ކޮންފަދަ އަނިޔާތަކެއްކޮށްފައި މިއޮތީ، ޑޮކްޓަރަށްވެސް ދައްކަންވާނެއްނު، އައިމް ސޮރީ ދަރިފުޅާ...." މެހްވިޝް ކަމީލާ މޭގައި ޖައްސާލައިގެން އިނދެ ވާހަކަދެއްކިއިރު ކަމީލާ ހަމަ ރުއީއެވެ. ހައިރާންވެސްވިއެވެ. އޭނަގެ މަންމަވެސް އޭނަގެ އަނިޔާތަކުގެ ވާހަކަ އަޑުއަހާފައި މިހާވަރަށް ހަމްދަރުދީއެއްނުވިއެވެ. އެންމެ އަސަރުކުރީ ހަމްދަރުދީ ލިބުނީ ދުރުހިލޭމީހެއް ފަރާތުން ކަމަށްވީމައެވެ. އޭރު މެހްވިޝްއިނީ ޖައިދަންދެކެ ވަރަށް ރުޅިއައިސްފައެވެ. ޖައިދަން މިވަގުތު ކުރިމައްޗަށް އައިނަމަ ކަންކަށިމައްޗަށް އެތިފަހަރެއް ބޭލޭނެކަން ޔަގީނެވެ. މިފަދަ އަނިޔާއެއް ހަގީގީ ފިރިހެނަކު ނިކަމެތި އަންހެންކުއްޖަކަށް ނުކުރާނެ ވާހަކަ ބުނަން މެހްވިޝް ބޭނުންވިއެވެ. ޖައިދަން ޖެހޭނީ ކަމީލާ ވަރިކުރާށެވެ. މެހްވިޝް ރުޅި އިންތިހާއަށް ގަދަވެފައި ހުރެ ޖައިދަންއަށް ގުޅަން އުޅުމުން ކަމީލާ އެކަން ހުއްޓުވިއެވެ. އާދޭސްކޮށްފައި ބުނީ އެކަން ޖައިދަންއަށް ސިއްރުކޮށްދިނުމަށެވެ. އެހެންނޫނީ މިކާލް ނޫނީ ލޫކަސް މަރާލަންވެސް ޖައިދަން ފަހެއްނުޖެހޭނެއެވެ.
"މިވާހަކަ މަންމަ ގާތުގައި ބުނީމަ މަންމަ ގަބޫލުކުރީ، އެކަމަކު އެހެން މީހުން ސިމްޕަތީއެއްވެސް ނުވާނެ، މަންމައަޅުގަނޑުދެކެ ހިތްހަމަނުޖެހިފައިވާހެން ހީވެގެން ހަގީގަތް ހާމަކުރީ، އަޅުގަނޑަށް އެނގޭ އެރޭ ރިޒޯޓްގައި ހިނގި ކަންތައްތަކުގެ ސަބަބުން މަންމަވެސް އަޅުގަނޑާއި ދޭތެރޭ......" ކަމީލާ އެއްޗެކޭ ބުނަން އުޅުމުން މެހްވިޝް ހުއްޓުވިއެވެ.
"ޝްޝްޝް އެވާހަކަ ނުދައްކާ، މިއަދުން ފެށިގެން ތިއީ މި މަންމައަށް ނުލިބުނު އަންހެން ދަރިފުޅު، ތިހާކެތްތެރި ރަގަޅު އަންހެންކުއްޖެއް ކޮންމެ މަޔަކަށް ލިބޭނެނަމަ، ތިހާ އަނިޔާ ލިބުނުއިރުވެސް ބަރުދާސްތުކޮށްގެން ހުރީމަ އެނގިއްޖެ ކިހާ ހިތްވަރުގަދަ އަންހެންކުއްޖެއްކަން، ޖައިދަން ހުއްޓުވާނެގޮތް އެނގޭ...." މެހްވިޝް ދެރަވެފައި ހުރިވަރުން އައިސްކްރީމްތަށިވެސް އެއްކޮށް ކާލިއެވެ. މެހްވިޝް އެހާ ފޮނިކޮށް ކައި އުޅެނީ ކަމަކާއި ކަންބޮޑުވީމައެވެ. އޭނަގެ ދެދަރިންގެ ނަފްރަތާއި ރުޅިވެރިކަން ޒުވާން ފުރާއަށް އެރުމުން ހާދަ ނުބައި މަގެއް ޚިޔާރުކޮށްފިއެވެ. އެދެބެން ގުޅުވަން މެހްވިޝް ކުރާ މަސައްކަތް އިންތިހާ ދަރަޖައަށް އުދަގޫވެއްޖެކަން މިހާރު ރޭކާލައިފިއެވެ. މުޅިންހެން މުސްތަހީލުކަމެކެވެ. މެހްވިޝް ކަމީލާގެ ގައި ހޫނު ފެނުން ބޮނޑިތާންކޮށް ބޭސް އުގުޅާލަދީފައި ބޭހެއް ގަނެގެން ގެނެސްދިނެވެ. އަރާމުކުރަން އެދުނެވެ.
ޖައިދަން އޮފީހުގައި އިންއިރު އޭނަގެ ބޮލުގެ ރިހުން ހައްތަހާ ބޮޑަށް ގަދަވިއެވެ. ރޭ ނުވެސް ނިދުނެވެ. ކަމީލާއަށް އެހެން ހަދައިލެވުމުން ވީދެރައިންގޮސް އަމިއްލައަށް މަރުވާންވެސް ހިތަށްއެރިއެވެ. ޚިޔާލު ބޮޑުވެ ނުނިދާހުރެ ސިގްރެޓް ފޮށްޓެއް ހުސްކޮށްލިއެވެ. އެތައް އަހަރެއްފަހުން ސިގްރެޓެއްގައި އަތްލާން މިޖެހުނީ ކަމީލާއާއިހެދިއެވެ. އޭނަ ކިތަންމެ ރުޅިގަދަވިޔަސް އެހެން ކަންތައްކޮށްގެން ނުވާނެއެވެ. އަނިޔާކުރަންޏާ ކަމީލާ އޭނަދެކެ ހައްތަހާ ބޮޑަށް ފޫހިވުން ނޫންކަމެއް ނުވާނެއެވެ. އޭނަ ކެތްތެރިވާން ޖެހޭނެއެވެ. ކަމީލާގެ ލޯބި ލިބޭނީ އޭރުންނެވެ. ކަމީލާ އޭނަދެކެ ލޯބިވުމަކީ މިހާރު އޭނަގެ އެންމެ ބޮޑު އަމާޒެވެ. އޭރުން އެކުއްޖާ ގެއްލިދާނެތީ ވިސްނާކަށް ނުޖެހޭނެއެވެ.
އެންމެފަހުން އޮފީހުގައި ނީދެވިގެން ޖައިދަން ކާރުގައި ދަމުން މާ ފިހާރައަކަށް ވަދެ ނިކަން ރީތި ބުކޭއެއް ތައްޔާރުކުރުވިއެވެ. އޭނައަށް ކިރިޔާ އުފުއްލޭވަރުގެ ބޮޑު ބުކޭއެކެވެ. ދުވާމީރުވަހުން ބަނޑުފުރިދާހާވެއެވެ. އޭރު މޫސުމްވެސް ހައްތަހާ ގޯސްވާން އުޅޭކަމުގެ އަލާމާތްތައް ފެނެއެވެ. އުޑުމަތި ބަނަކަމުން ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެންނެވެ. ޖައިދަން މާބޮނޑި ހިފައިގެން ދުވެލާފައި އައިސް ފެންޑާއަށް ވަންއިރު ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. ގެއަށް ވަދެފައި އޭނަ ކަރުދާސްކޮޅެއްގައި މާފަށް އެދިފައި ކުރު ނޯޓްކޮޅެއް ލިޔެފައި މާބޮނޑީގައި ތަތްކޮށްލިއެވެ.
"މޯނިން ލަވް....." ޖައިދަން ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކަމީލާ ހުރީ އެކަނި ސޯޓްކޮޅަކާއި ތުނި ގަމީހެއް ލައިގެންނެވެ. ހީވަނީ އަނިޔާތައް އިޝްތިހާރުކޮށްގެން ހުރިހެންނެވެ. އެދޮން ފައިގާ ވަނީ ކޫރުން އެޅިފައެވެ. ޖައިދަންގެ ހިތަށް އުދަގޫތަކެއްވިއެވެ. ޖައިދަން އެމާބޮނޑި ގެންގޮސް ކަމީލާގެ އަތަށް ދިނެވެ. ކަމީލާ ބިރުންހުރެ މާބޮނޑި އަތުލާފައި ސޯފާގެ މަތީގައި ބޭއްވިއެވެ. ޖައިދަން ހާދަ ފަސޭހައިން އެކަން ހަނދާންނައްތާލައިފިއެވެ. އެކަމަކު އޭނަ ހަނދާނެއް ނުނެތޭނެއެވެ. މާފެއްވެސް ނުކުރާނެއެވެ. ދެރައީ މި ނުލަފާ އިންސާނާގެ މުށުތެރޭގައި އޭނަ ހައްޔަރުވެ ނިމިފައިވާތީއެވެ. ބިރުންގޮސް ޖައިދަންގެ އަޅަކަށްވެގެން ހުންނަން ޖެހިފައިވާތީއެވެ. ކޮށްޓަކަށް ލާފައިވާ ބަލިކަށި ދޫންޏެކޭ އޭނައެކޭ އެއްގޮތެވެ. ރުޅިއައުމުން ބާރެއްނެތް ނިކަމެތި ފުރާނަށް ހިތުހުރިގޮތަށް ހަދާލާ އަނިޔާވެރިންވެސް ތިބެއެވެ. ޖައިދަންވެސް އެފަދައެވެ. މެހްވިޝްގެ ޕްލޭނެއް އަދި ކަމީލާއަށް އެނގިފައެއް ނެތެވެ. ނަމަވެސް މެހްވިޝްގެ އެހީ ލިބިއްޖެއްޔާ ފަހަރެއްގައި މި ރަހުމްކުޑަ ފިރިހެނާގެ ފަރާތުން ސަލާމަތްވެވިދާނެއެވެ. ޖައިދަން ކަމީލާގެ ދަތްދޮޅީގައި ހިފާފައި އުފުލާލިއެވެ. އެރީތި ދެލޮލުން ޖައިދަންއަށް ފެނުނީ ބިރާއި ސިހުމެވެ.
"އަހަރެންދެކެ ބިރުންތަ؟ އަހަންނަށް އެނގޭ، ރޭގައި އެގޮތަށްވީ އަހަންނަށް އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވުނީމަ، ހިތަށް އަރާނެ ނުބައި މީހެކޭ، އޯކޭ އޯކޭ، ބޭނުން އަދަބެއް ދީ...... "ޖައިދަން ކަމީލާގެ ކޮލުގައި ހިފާލިއެވެ. އޭނަ ހަގީގަތުގައިވެސް ރޭގައި ރޮގު ހުރަސްކުރީއެވެ. އާރެއް ބާރެއްނެތް އަންހެންކުއްޖަކަށް އެހާ އަނިޔާކުރުމަކީ އިންސާނުންގެ ދަރަޖައިން ބޭރުވުމެވެ. ޖައިދަން އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ޖައިދަން ކަމީލާގެނެސް މޭގައި ޖައްސާލުމުން ކަމީލާއަށް "އޫއި" އޭ ބުނެލެވުނީ ތަދުވިވަރުންނެވެ. ޖައިދަން ދުރަށް ޖެހިލާފައިވެސް މާފަށް އެދޭކަށް ނޫޅުނެވެ. ކަމީލާވެސް ޚިޔާރުކުރީ ހިމޭންކަމެވެ.
"ކަމީ ތައްޔާރުވޭ، ބޭބީ ސްކޫލުން އައީމަ އަހަރެމެން މޫދަށް އެރިލަން ރިޒޯޓަކަށް ދާނީ......" ޖައިދަންގެ ޖުމްލައިން ކަމީލާ ހައްތަހާ ބޮޑަށް ދެރަވީއެވެ. ނުދާން އުޅުނަސް ގަދަކަމުން ގެންދާނެއެވެ. އިތުރު އަނިޔާ ލިބުން ނޫންކަމެއް ނުވާނެއެވެ. މިވަގުތަށް އޮތް އެންމެ ރަގަޅުގޮތަކީ ޖައިދަން ބުނާހާކަމެއް ކޮށްދިނުމެވެ. މެހްވިޝް ވިސްނައިދީފައިވާގޮތަކީ އެއީއެވެ. ކަމީލާ އަނގައިންވެސް ނުބުނެ ދަބަސް ތައްޔާރުކުރަން ފެށިއެވެ. ޖައިދަން ސިއްރު ނަޒަރަކުން އެ އޮމާން މޫނަށް ބަލާލާފައި ތުންފަތުގައި ދަތްއަޅައިލިއެވެ. އެ މާޔޫސްވެފައިވާ މޫނު ފެނިފައި ޖައިދަންގެ ހިތުގައި ރިއްސާލީ ކީއްވެކަމެއް ޖައިދަންއަކަށް ނޭގުނެވެ. ޖައިދަން ވެސް ބޭނުންވާ ސާމާނު ތައްޔާރުކުރަން ހުރެފައި މިކާލް ބަލާ ސްކޫލަށް ދާން ނުކުމެއްޖެއެވެ.
ރިޒޯޓްގެ ހުދު ދޮންވެލިގަނޑުމަތީގައި ޖައިދަން އާއި މިކާލް ބޯޅަކުޅެ ދުވެދުވެލާފައި އުޅުނެވެ. ސޭންޑްކާސަލް ހެދިއެވެ. ބޮލިހޮވިއެވެ. ޖައިދަން ބައްޕައެއްގެ ވާޖިބު އަދާކުރަންފެށީ ކީއްވެބާވައޭ ކަމީލާގެ ހިތަށް އެރިއެވެ. ކަމީލާ ބަލަނީ އެކަނި މިކާލް އުޅޭގޮތަށެވެ. އެދަރިފުޅުގެ ލޯބި ހަރަކާތްތައް ބަލަން އުމުރަށްވެސް އިނދެވިދާނެއެވެ. އަނދިރި ހަޔާތެއްގައި އަލިކޮށްދޭ އެކަނި ބައްތިއަކީ އެއީއެވެ. މިކާލް ނެތްނަމަ މިހާވަރަށްވެސް ކެތްކުރެވޭނެކަމެއް ނޭގެއެވެ. އެހާވެސް ދުނިޔެއާއިމެދު މާޔޫސްވެއްޖެއެވެ. އަޖައިބުވަނީ ކަމީލާ އެހާލުގައިވެސް ލޫކަސްއާއިމެދު ވިސްނޭތީއެވެ. ޖައިދަންގެ ބަދަލުގައި މިކާލްއާއިއެކު ލޫކަސް އުޅޭ މަންޒަރު ޚިޔާލަށް ގެނެވޭތީއެވެ. ދެރަވަނީ މިކާލްގެ އުމުރުން ހަތަރުއަހަރުވީ ބައްޕަ ލޮލަށް ނުފެނިކަމަށް ވެފައި އަދިވެސް އެމީހުންގެ ހަޔާތަށް ލޫކަސް ނެތީމައެވެ. ޖައިދަން މިކާލް ގޮވައިގެން ޖެޓްސްކީ ދުއްވާލަން ދިޔުމުން ކަމީލާ ހާސްވިވަރުން މެހްވިޝްއަށް ގުޅައިގެން އެކަމާއި ހެދި ރޯންފެށިއެވެ. އެވެސް ކަމީލާ ދެކުނީ ޖައިދަން ކޮށްލި ޖެއްސުމެއްގެ ގޮތުގައެވެ. ކަމީލާ މާތްﷲ އަށް ވަކީލުކޮށްފައި މިކާލް ސަލާމަތުން އެނބުރި އައުމަށް ދުޢާކުރިއެވެ. ޖައިދަންއަށް ކޮންމެ ގޮތެއްވިޔަސް އޭނަގެ ފަރުވާލެއްނެތެވެ. އެހިތުގައި ޖައިދަންގެ މައްޗަށް އެއްވެސް ކުލުނެއްނެތެވެ.
ޖައިދަން އެނބުރިއައުމަށްފަހު ކާންވެގެން ކުއިލްޓް ފަތުރާލައިގެން ކާއެއްޗެހި އަތުރަންފެށިއެވެ. މިކާލް ބޮޑުވާއިނގިލިން ވެލިގަނޑާއި ކުޅެން ހުރިއިރު އެދޮން މޫނަށް ވެރިވެފައިވާ ރަންކުލަ ހާދަ ނަލައެވެ. އިސްތަށިގަނޑު ތެމިފައި އޮތުމުން ތަންކޮޅެއް ކުލަގަދަވިޔަސް މުށިކުލަ ފާޅުވެއެވެ. ލޫކަސްގެ ބައްޕަ ފަރާތު މާމައަކީ ޔޫރަޕް މީހަކަށްވާތީ މިކާލްއަށްވެސް އެސިފަތައް ވާރުތަވެފައި ވަނީއެވެ. ދެބަފައިންވެސް ތިބީ ޓޭންވެލާފައެވެ. މިކާލް އެހެން ހުރެލާފައި ލޫކަސްމަތިން ހަނދާންވެފައި ލޫކަސް ޑެޑީ އަށް ގުޅަން އެދުނެވެ. ޖައިދަންގެ ހިތަށް އެވަގުތު ނުބައި ގޮތެއްވިއެވެ. މިކާލްގެ މައްޗަށް އޭނަގެ ހައްގެއް ނެތްކަން އެނގޭއިރުވެސް ދަރިފުޅު ލޫކަސްއަށް ބައްޕަ ކިޔުމުން އެވާގޮތެއް ބަޔާންކޮށްދޭކަށް ނޭގެއެވެ. ޖައިދަން އެހެން ކިޔަން ދަސްކޮށްދިން ފަރާތެއް އޮޅުންފިލުވަން ސުވާލުކުރިއިރު ނިތްކުރިއަށް ރޫތަކެއްއެރިއެވެ. މިކާލް ބުނީ ޖައިދަންއާއި ލޫކަސް ވައްތަރީކަމުގައެވެ. ކަމީލާ ނޭވާ ހިފަހައްޓާލައިގެން އިނދެލާފައި މިކާލްގެ އެ ޖަވާބުން ހިނިއައެވެ. މި ކުޑަ ކުޑަ ދަރިފުޅުގެ މައުސޫމްކަމާއިހުރެ ލޫކަސްގެ ވާހަކަތަކުން ޖައިދަން ރުޅިއަރުވައިލެވޭ ކަމެއްވެސް ނޭގެއެވެ.
"އެހެންނޫނަސް ޖައިދަން ރުޅިއަންނާކަށް ނުޖެހޭނެއްނު، ޖައިދަން ހީކުރާނީވެސް އޭނަގެ ދަރިއެއްކަމަށް، އަހަރެން ހަގީގަތް ބުނަންވީކަން ނޭގޭ، އޭރުން ޖައިދަން ނަގާނެ ޑިޒިޝަނެއް ނަގާފާނެ، ނޫން ފަހަރެއްގައި ހައްތަހާ އަނިޔާކުރާނީ، ކިހިނެއްބާ ހަދާނީ، މަންމަ ބުނޭ އިސްތިޚާރާ ނަމާދުކުރާށޭ، ޗޮއިސް އެއް އުދަގޫކަމަށް ވެއްޖެއްޔާ އެ ނަމާދުކުރީމަ ނަގަންވީ ޑިޒިޝަން އެމީހަކަށް އެންމެ ރަގަޅުގޮތުގައި ނެގޭނެއޭ...." ކަމީލާ ހިތާހިތުން ކިޔާލިއެވެ. ދަތުރުގެ އުފަލާއި މަޖާ ޖައިދަންއާއި މިކާލް ފުރިހަމަ ގޮތުގައި ހޯދިނަމަވެސް ކަމީލާގެ ހިތަށް ވެރިވެފައިވާ މާޔޫސްކަން ކުޑައެއްނުވިއެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަންތަނުގެ ތެރެއިން އެންމެންގެ ލޮލުގައި އަޅައިގަންނަފަދަ ރީތި ގެއެއް ބިނާކޮށް ނިމުނީ ދާދިފަހުންނެވެ. ގަނޑުވަރެއްފަދަ ގޭގެ ރީތިކަމުން ފެންނަ ކޮންމެ މީހަކު އާޝޯޚުވާނެއެވެ. ފަތާފެންގަނޑުން ފެށިގެން މުއްސަދިކަން ދައްކުވައިދޭ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ރީތި އިމާރާތެކެވެ. ހުދު މާބްލް ތަޅުންމަތި އެހާ އޮފްގަދައެވެ. ޑިޒައިނަރ ސިޑިތަކެވެ. ކުރިމަތީގައި ހައްދާފައިވާ ބަގީޗާއިން ތަނުގެ ޒީނަތްތެރިކަން އެތައްގުނަ އިތުރުކުރުވައެވެ. ބޮޑުގަހެއްގެ ހިޔަލުގައި ވާ ފެންގަނޑު އޮތީ ފެންފައްވާރާއެއް ފަދައިންނެވެ. ޖައިދަން ތަބަކަށް ލެނގިލައިގެން ހުރެ އަތުގައިވާ ނަން ބޯޑަށް ބަލާލީ ފަޚުރުވެރި ހިނިތުންވުމަކާ އެކުގައެވެ. އޭގައިވަނީ "ކެމީލިއާ" ރަންކުލައިން ފަވާލާފައެވެ.
"މިހާ ރީތިގެއެއް ފެނުނީމަ ކަމީއަކަށްވެސް ދެން އަހަންނާއި ދުރަކަށް ނުދެވޭނެ، ލޫކަސްގެ އަމިއްލަގެއެއް ނެތް، ލޫކަސް ބައްޕަގެ މުއްސަދިކަމުގެ ހިޔަނީގައި ހުއްޓަސް އަހަރެން މިއީ އަމިއްލައަށް ހޯދައިގަތް މުއްސަދިކަމެއް، ކަމީ ދެން އަހަންނަށްޓަކައި ގުރުބާންވާނެކަން ޔަގީން، އަދި ކަމީގެ ބޮޑެތި ތަސްވީރުތަކުން ފާރުތައް ފަޅުފިލުވައިލީމަ ވަކިން ސަޅިވާނެ......." ޖައިދަން ވިސްނާލިއެވެ. މިހާރު އޮތީ ގެއަށް ފެންވަރު ރަގަޅު ނޯކަރުން ގެނައުމެވެ. އޭގެތެރޭގައި ބަގީޗާ ބަލަހައްޓާމީހަކާއި ޑްރައިވަރެއްވެސް ހިމަނަން އޭނަވަނީ ނިންމާފައެވެ. ކަމީލާ މިގޭގެ ރާނީއަކަށްވެގެން އެހެން މީހުންނަށް އަމުރުކުރަން ހުންނައިރު އިނގިލިކުރި ހަލުވާލާކަށްވެސް ނުޖެހޭނެއެވެ. މިގެއަށް އެމީހުން ބަދަލުވުމުގެ ކުރިން އޭނަ ދޭން ނިންމާފައިވާ ޕާޓީއިން ކަމީލާގެ އިތުރުން މުޅި އާއިލާއަށްވެސް ކުއްލި ހައިރާންކަމެއް ލިބިގެންދާނެއެވެ. އޭނަގެ ގާބިލުކަމާއި ދޭތެރޭގައި ޝައްކުކުރާނެ މީހަކު ދެން ނުހުންނާނެއެވެ. ޒުވާން އުމުރުގައި އޭނަ މިވަނީ ހުރިހާ ކާމިޔާބެއް ހާސިލުކޮށްފައެވެ.
ކަމީލާ މިކާލްގެ ރަތްވެފައިވާ މޫނުގައި ފެންލާން އިންއިރު ލޮލުގައި ކަރުނަގިނަވިއެވެ. ހުންގަދަކަމުން މިކާލްއޮތީ ބުރާންތިވެފައެވެ. ޖައިދަންގެ ފޯނު ނިވާލާފައި އޮތުމުން ކަމީލާ ގުޅީ ލިއަމްއަށެވެ. ލިއަމްއަށް ގުޅާފައި ވާހަކަދެއްކިއިރު ކަމީލާ ރޮމުން ދިޔައެވެ. މިކާލްއަށް ކަމެއްވެއްޖެއްޔާ އޭނަގެ ފުރާނަހުސްވެދާނެއެވެ.
"މަންމަގެ ދަރިފުޅާ، ލޯ ހުޅުވަބަލަ، ކިހިނެއްވެފައި ތިއޮތީ، އެއްޗެކޭ ބުނެބަލަ ދޫނި......" ކަމީލާ އެ މަލެއްފަދަ މޫނުގައި ބޮސްދިނެވެ.
"މަންމީ..." މިކާލްގެ ބަރު އެސްފިޔަތައް ގަދަކަމުން ހުޅުވާލާފައި ހީލިއެވެ. އެހާ ހުންގަދައިރުވެސް ދަރިފުޅު މަންމައަށްޓަކައި ހިތްވަރުކުރަނީއެވެ. މިކާލްއަށް އެސްފީނާޖެހުނީ ކަން ނޭގެއެވެ. ކޮންމެވެސް މީހެއްގެ ވިހަ ލޮލުގެ އަސަރުކުރީއެވެ.