ކަމީލާ މިކާލް ގޮވައިގެން ކެމީލިއާއަށް ދިޔައީ ޖައިދަން ގޭގައި އުޅޭނެކަމުގެ ޔަގީންކަމާއި އެކުގައެވެ. މިކާލްއަށް ކާންދީފައި ކާޓޫނު ބަލަން ބައިންދާފައި ގެއަށް ވަނީ ޖައިދަންއާއި ވާހަކަ ދައްކާލުމަށެވެ. އޭނަގެ ޚިޔާލު ބަދަލުކޮށްފައިވާ ކަމަށާއި ޖައިދަންއަށް ދެވަނަ ފުރުސަތެއް ދޭން ނިންމާފައިވާކަމަށް ބުނަން ބޭނުންވިއެވެ. ހަވީރުވީއިރުވެސް ޖައިދަންގެ ޚަބަރެއް ނުވިއެވެ. ޖައިދަން ނެތި ބޮޑު ގެއެއްގައި އެދެމައިންނަށް އުޅޭކަށް ލާހިކެއް ނޫނެވެ. ކަމީލާ ޖައިދަންގެ ފޯނަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ. ޖައިދަން ދިޔައީ ކޮންތާކަށްބާވައެވެ. މިކާލް ނިދާގަޑިއަށް ޖައިދަން އަންނާނެކަމުގައި ކަމީލާ ހީކުރިއެވެ. މިކާލްވެސް ބައްޕަ ނެތިގެން އެވާހަކަ ދައްކާފައި ކުޑަކޮށް ރޯވައްތަރު ދައްކައިލިއެވެ. ނިދާގަޑީގައި ޖައިދަން މިކާލްއަށް ކިޔާދޭ ވާހަކަތައް ކަމީލާއަށްވެސް ކިޔާދޭކަށް ނޭގޭނެއެވެ. ގޮބްލިން، އެލްފް ފަދަ ޕަރީންގެ ދުނިޔޭގެ ވާހަކަތައް މިކާލް އަޑުއަހާހިތްވާފަދަ ގޮތަކަށް ކިޔާދޭތީ ބައްޕަ ނުލައި ނިދާކަށް މިހާރު ބޭނުމެއް ނުވެއެވެ. އެންމެފަހުން ކަމީލާ ބުނީ ވާރޭ ވެހޭތީ ބައްޕަ މާލޭގައި ތާށިވީކަމަށެވެ. ދެން މިކާލް ބޭނުންވީ ޖައިދަންއަށް ގުޅުމަށެވެ. އެކިގޮތްގޮތަށް އުޅެގެންވެސް މިކާލް ހައްލާލެވޭގޮތެއް ނުވެގެން އެންމެފަހުން ކަމީލާ އައްމާރުއަށްވެސް ގުޅިއެވެ. ޖައިދަން ގެއަށް ނައިސްގެން އެކަމާއި މިކާލް ރޮނީކަމުގައި ބުނެލިއެވެ.
ދަންވަރު ކަމީލާއަށް މެސެޖެއް ލިބުނެވެ. ޖައިދަން ބުނެފައިވަނީ އޭނަ މިހާރު ރާއްޖެއިން ފުރައިފިކަމަށާއި ވަގުތެއްވީމަ އޭނަ ފޮނުވާފައިވާ މެއިލް ކިޔާލުމަށެވެ. ކަމީލާ އުޅެއުޅެ ނުނިދުމުން ތެދުވެގެންގޮސް ލެޕް ހުޅުވާލައިގެން ޖައިދަން އިނގިރޭސިން ލިޔެފައިވާ މެއިލް ކިޔަންފެށިއެވެ. ޖައިދަންގެ ހިތުގެ ޝުއޫރުތައް ވަރަށް ރީއްޗަށް ހާމަކޮށްފައިވާ އަސަރުގަދަ އިބާރާތްތަކެކެވެ.
"ކަމީ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އެހެން އަންހެންކުއްޖެއްގެ ފަރާތުން ކުޑަވެސް ހިތްހަމަޖެހުމެއް ނުލިބޭ، އެހެން އަންހެންކުއްޖަކު ފެނުނަސް ބަލާލާހިތެއްވެސް ނުވޭ، ކަމީއަށް ގޯނާކޮށް އަނިޔާކުރެވުނީމަ ހިތަށް އުފާވާ ވާހަކަ ބުނީމެއްނު، އޭރުވެސް ހަގީގަތުގައި ނޭގި ކަމީދެކެ ލޯބިވެވިއްޖެ، އެކަން މާފަހުން ރިއަލައިޒްވީ، އޭރު ހުވަފެންތަކުގައި ކަމީ ފެނޭ، ކޮންމެތާކު އުޅުނަސް އެހާ ހަނދާންވޭ، ކަމީގެ އިސްތަށިގަނޑު ބުޅިކޮށް އޮތީމަ ރީތި، އެކަން އެނގޭއިރު ހިތާއި ސިކުނޑިން އެއްބަސްވާކަށް ބޭނުމެއްނުވޭ، އެތައް އަހަރުތަކެއް ވާންދެން ފިޒިކަލީ އަދި މެންޓަލީ އަނިޔާކުރުމަށްފަހު ކަމީއާއި ވަކިވެގެން ނޫޅެވޭނެކަން ޔަގީންވުމުން ކަމީއަށް ޗޮއިސްދިނީ، ކަމީ ދިޔުމުން މަންމަގާތަށް ގޮސްފައި ހުރިހާ ވާހަކައެއް ކިޔައިދިނިން، މަންމަބުނީ ކަމީއަށް ވިސްނައިދޭނެ ކަމަށާއި ހުރިހާކަމެއް ރަގަޅުވާނެކަމަށް، މަންމައާއި ވާހަކަ ދައްކާފައިގޮސް ފެންޑާގައި ހުންނަ ބިޔަ ގަސް ކާރީ ޖައްސައިލީ ކުޑައިރުވެސް އާއްމުކޮށް ލޫކްއަށް ޖެއްސުންކޮށްފައި އިންނަނީ އެތަނުގައި ކަމަށްވާތީ، އެގަސް އެތާ ނުހުންނަ ހަދާނެއްނެތް، ލޫކްއާއި ކަމީދެއްކި ވާހަކަ އަޑުއަހާފައި ވަރަށް އެހެން ކަހަލަ ގޮތެއްވި، ހާޓްކުރެވުނީ މިދުނިޔެއިން އެންމެ ލޯބިވާ މީހުންގެ ތެރެއިން ދެމީހުންނަށްކަން އެނގުނު، ލޯބިވާ މީހުންނާއި ދޭތެރޭގައި އަހަރެން ކަންތައް ކުރީ ރަހުމެއްނެތި އަނިޔާވެރިކޮށް، އެކަމަކު އެމީހުން އަހަންނަށްޓަކައި ލޯބި ގުރުބާން ކުރަން ތައްޔާރަށް ތިބުމުން އަހަންނަށް ވީގޮތް ބުނެދޭކަށްވެސް ނޭގޭ، ރިވައިންޑްކޮށްލާފައި މާޒީ ބަދަލުކުރެވެން އޮތްނަމަ، އެކަމަކު އިމްޕޮޒިބްލް ރައިޓް؟ ކަމީ، އައިމް ސޮރީ، އެނގިގެންނާއި ނޭގުމުގެ ތެރޭގައި ކުރެވުނު ކޮންމެ ކުށަކަށް ހިތުގެ ފުންމިނުން މާފަށް އެދެން، ކަމީގެ ގައިގާ ލެއްވި ކޮންމެ ލަކުނެއް އެއީ މަގޭ ހިތުގައި ލެވިފައިވާ ލަކުނެއް، އަމިއްލަ ނަފުސަށްވެސް މާފު ހައްގެއްނޫން، މިލިބުނީ އެކަމުގެ ސަޒާ، މިހިތަށް ދުވަހަކު އުފަލެއް ނުލިބޭނެ، މިދުނިޔެއިން އެންމެ ލޯބިވާ ދެމީހުންނަކީ ކަމީއާއި މިކާލް، މިކާލް ދަރިއަކަށް ނުވިކަމީ މަގޭ ބަދުނަސީބު، ނަމަވެސް ދުނިޔޭގައި ހުރިހާ ހިނދަކު މިކާލްއަށް އެހީވާނަން، ދުނިޔޭގައި ކުރާ ކޮންމެ މަސައްކަތަކީ މިކާލްއަށްޓަކައި ކުރާނެ މަސައްކަތް......" ޖައިދަންގެ މެއިލް ކިޔާފައި ކަމީލާގެ ލޮލުގައި ކަރުނަ ހިލުނެވެ. ޖައިދަން ބޭރުފުށުން އަނިޔާވެރިކަން ފާޅުކުރިޔަސް އެހިތުގައި އެދެމައިންނަށްޓަކައި ލޯބި ފޮރުވިފައިވެއެވެ.
ޖައިދަން ދެން އޮތީ ކަމީލާދެކެ ލޯބިވާވަރު ބަޔާންކޮށްފައެވެ. އޭނަ ކަމީލާދެކެ ކިތަންމެވަރަށް ލޯބިވިޔަސް ލޫކަސްއާއި ކަމީލާއާއި ދޭތެރެއަށް ދުވަހަކު ނުވަންނާނެކަމަށާއި މިއަދުން ފެށިގެން ކަމީލާއަށް ފެންނަން ބޭނުންނުވާކަމުގައިވެއެވެ. އަދި އޭނަ ކަމީލާ ވަރިކޮށްފައިވާ ކަމަށާއި ދެން ކަމީލާއަކީ އޭނަގެ އަންބެއް ނޫންކަމަށް ލިޔެފައިވެއެވެ. ވަރީގެ ފޯމު އަލަމާރިތެރޭގައި އޮންނާނެ ކަމަށާއި ތިންމަސް ވުމުން ލޫކަސްގެ ހަޔާތުގެ ބައިވެރިޔަކަށް ވެގެން ލޫކަސްއާއި ދެކުދިން އުފަލުގައި އުޅެން އޭނަ ބޭނުންވާކަމަށް އޮތެވެ. ކަމީލާއަކީ ޖައިދަންގެ ފުރާނަކަމަށާއި ފުރާނަވެސް ލޫކަސްއަށް ދޭން މިހާރު ތައްޔާރަށް ކަމަށާއި އަދި އޭނަ ދުނިޔެއިން އެންމެ ލޯބިވާ ކަމީލާއާއި މިކާލް ހަވާލު މިކުރަނީ ދުނިޔެއިން އެންމެ އިތުބާރުކުރެވޭ ފަރާތާއި ކަމަށް ލިޔެފައި އޮތެވެ. އޭނަ ކަމީލާދެކެ ވަނީ އަމިއްލަ އެދުމެއްނެތް ތެދުވެރި ލޯތްބެއްކަމާއި ކަމީލާގެ އުފަލަށްޓަކައި ދުރަށް ދިޔައީ ކަމުގައި ބުނެފައިވަނީ ވަރަށް އަސަރާއެކުގައެވެ. ކަމީލާ ތަކުރާރުކޮށް އެތައް ފަހަރު އެމެއިލް ކިޔައިލިއެވެ. އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއްޗެއް ބީވެދިޔައީމައެވެ. ކޮންމެ ހާލެއްގައިވެސް އެތައް އަހަރުތަކެއްވާންދެން ޖައިދަންއާއިއެކުގައި އުޅެވިފައި ހުރުމުން އެހިތުގައި ކުލުނާއި ހަމްދަރުދީވާކަން ކަމީލާއަށް ޔަގީންވިއެވެ. އެގަޑީގައި ލޫކަސްވެސް އޮތީ އޭނަގެ ކޮޓަރީގައި ލެޕް ހުޅުވާލައިގެން ޖައިދަން ފޮނުވި މެއިލް ކިޔާށެވެ.
"އަހަރެން ކުޑައިރު އެންމެ ރުޅިއައި މީހަކީ ލޫކް، ސަބަބަކީ މަންމަ ލޫކްދެކެ ބޮޑަށް ލޯބިވާކަމަށް ގަބޫލުކުރެވުނީމަ، ބަނޑުހައިވީމަ ބޭނުމެއްނުވޭ ނޯކަރެއްލައްވާ ކާކަށް، އެހެންމީހަކު ފެންވަރުވާ ދިނީމަ ހިތްހަމައެއް ނުޖެހޭ، ބަނޑުހައިވެގެން އެތައް ދުވަހަކު ހުރީ މަންމަ ނޫން މީހެއްގެ އަތުން ނުކާންވެގެން، މަންމަގާތު އެއްޗެއް ދޭން ބުނާއިރަށް ލޫކް އެހެން ކަމަކު އެދޭނެ، މަންމަ އަހަރެން ނޯކަރަކާއި ހަވާލުކޮށްފައި ލޫކްއަށް އެޓެންޑްކުރޭ، ކޮންމެފަހަރަކު މަދަރސްޑޭ ފަދަ އޮކޭޝަންތަކުގައި ކާޑު ތައްޔާރުކޮށްފައި މަންމައަށް ފޮނުވަން، އެކަމަކު މަންމަ އެނގޭކަމަކަށް ހަދާނުލާ، މަންމަމެން ޓްރިޕެއް ރޭވިފަހަރެއްގައި ލޫކް ބޭނުންވީ ސްވިޒަރލޭންޑަށް ސްކީކުރަން ދާން، އަހަރެން ހަވާއީއަށްދާން އުޅުނީމަ އެފަހަރުވެސް ލޫކް ބުނިގޮތަށް ވީ، އަހަރެން ދަތުރުގައި ބައިވެރިނުވީ، ކޮންމެ ފަހަރަކު އަހަންނަށް ވީ ނާކާމިޔާބު، އެހެން ހުއްޓާ ކޮލެޖްގައި އަހަރެން އެންމެ ލޯބިވި އަންހެންކުއްޖާއާއި ލޫކަސްއާއި ރައްޓެހިވި، އެނގޭ އިޓްސް ނޮޓް ޔޯރ ފޯލްޓްކަން، ލޫކްއަށް ނޭގިކަން އެކަން ކުރީ، އެދުވަހު އަހަރެން އަމިއްލަ ނަފުސަށް ވައުދުވިން ލޫކް މީހަކުދެކެ ލޯބިވާ ދުވަހަކުން އެކުއްޖާ ކޮންމެގޮތެއް ހަދާފައިވެސް އަހަރެންގެ މިލްކަކަށް ހަދަން، ބަދަލުހިފުމުގެ ރޫހުގައި އަހަންނަށް އެންމެ ގާތްމީހުންނަށްވެސް ދެވުނީ އަނިޔާ، އަހަންނަކަށް ތަގުދީރާއި ހަގުރާމައެއް ނުކުރެވޭނެ، ލޯތްބަކީ ގަދަކަމުން ފޭރެވޭނެ އެއްޗެއް ނޫން، އަހަންނަށް އެފުރުސަތު ލިބުނު، ކަމީގެ ހިތް އަތުލަން މުޅި ފަސްއަހަރު ދުވަސް ލިބުނު، އެކަމެއްނުވި، ލޫކްގެ ޓޯއިތައް ބްރޭކްކުރިފަދައިން އަހަރެން ބޭނުންވި ކަމީއަށްވެސް އެވަރުކޮށްލަން، އެކަމަކު އެއީ ވަރަށް ކެތްތެރި އަންހެންކުއްޖެއް، އެހެން މީހުންނަށްޓަކައި ސްކްރިފައިސް ވެފައިވާ އަންހެންކުއްޖަކަށް ދެރަގޮތެއްނުވާނެ، ލޫކް، ވެވޭނެނަމަ އަހަންނަށް މާފުކޮށްދީ، އެނގިގެން ހުރެ ލޫކްގެ ލޯބި ޖަހައިގަނެ އަނިޔާކުރިކަމީ އަހަރެން އަމިއްލަ ނަފުސަށްވެސް މާފުނުކުރާނެ ކުށެއް، ސޮރީ ބްރޯ، އަހަރެން އެހާވަރުކުރީމަވެސް ލޫކް ދުވަހަކު ރުޅިއައިސްގެން އެއްޗެކޭ ނުބުނޭ، ކޮއްކޮއެއްގެ ގޮތުގައި ހުރެ އަހަރެން އެހާ ދަށް ފެންވަރަކަށް ވެއްޓިގަތީމަ މިއަދު ލޫކްގެ ކުރިމައްޗަށް ދާކަށް ފަސޭހައެއްނޫން، ލޫކް އަހަރެންވަނީ ކަމީ ފްރީކޮށްދީފައި، އެއީ ލޫކްގެ ހައްގެއް، ކަމީއާއި މެރީކުރޭ، އަހަރެންގެ ނުބައިކަމުން ލޫކްގެ ހައްގަކަށް އަރައިގަނެވުނީ، ފޮގިވްމީ، ކަމީއަށް ގިފްޓަކަށްދިން ގެފަޅުނުކޮށް ލޫކްއާއި ކަމީ އެގޭގައި އުޅެދީފާނަންތަ؟ އޭރުން ގަބޫލުކުރާނަން ފޮގިވްކުރީކަމަށް، އަދި ޕްލީޒް ޓޭކްކެއަރ އޮފް ކަމީ.........." ޖައިދަންގެ އެ މެއިލް ކިޔާލާފައި ލޫކަސްގެ ހިތަށް ލިބުނު ހިތާމައާއި ބިރުވެރިކަމުގައި ޖައިދަންގެ ފޯނަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ލޫކަސްއަށް ކަމީލާ ގުޅީ ލޫކަސް ފޯނަށް ބަލަހައްޓައިގެން ދެރަވެފައި އިންދައެވެ. ލޫކަސް ފޯނު ހިފައިގެން ބެލްކަންޏަށް ނުކުތްއިރު ވަރަށް ރީތިކޮށް ހަނދުވަރުދީފައި އޮތެވެ. ކަމީލާ ކިޔާދިނީ އެމެއިލްގައި ހުރި ވާހަކަތަކެވެ. އޭނައަށް ޖައިދަން ކުރި އަނިޔާތައްވެސް ހިއްސާކުރިއެވެ.
"ޖޭޑް ސުއިސައިޑް ނުކުރާނެތަ؟ ވަރަށް ބިރުގަނޭ، ހީވަނީ ހަމަ ގުޑްބައި ލެޓަރއެއް ހެން........" ކަމީލާގެ އަޑުން އޭނަ ހާސްވެފައި ހުރިވަރު އަންގައިދެއެވެ.
"ނޭގޭ ބުނާނެ އެއްޗެއް....." ލޫކަސްގެ ލޮލުގައި ކަރުނަ ވިދައިލީ ކަމީލާއަށްޓަކައެވެ. އޭނަގެ ކޮއްކޮއަށްޓަކައެވެ. ކަމީލާއަށް ލިބުނު އަނިޔާތަކުންނެވެ. ޖައިދަން އެމީހުން ދޫކޮށްލާފައި ދިޔައީތީއެވެ. ކުށްވެރިޔާގެ ކުށް ސާބިތުވިއިރު އޭނަވަނީ ކަމީލާގެ ހިތުން ކޮންމެވެސް ކަހަލަ މަގާމެއް ހޯދާފައެވެ. އަނެއްކޮޅުން ބޭބެއެވެ. ލޫކަސް ޖައިދަންދެކެ ރުޅިއަންނާންވީ ދުވަހުވެސް އެކަމެއް ނުކުރެވުނެވެ. ޖައިދަން ދިޔައީ އެހެން މީހުންނަށް ނޭގުނަސް އެންމެންގެ ގާތުން މާފަށް އެދި ވަދާއުގެ ސަލާމްކޮށްފައެވެ. އޭނައާއި ދޭތެރޭގައި ކަންބޮޑުނުވުމަށާއި އޭނަ ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އެނބުރި އަންނާނެކަމަށް ބުނެފައިވެއެވެ. ކަމީލާ އެންމެ ހައިރާންވީ ބޭންކް އެކައުންޓް ބެލިއިރު ވިހި މިލިއަން ރުފިޔާ ލާފައި ހުރިތަން ފެނިފައެވެ. މެހްވިޝްގާތު ޖައިދަން ބުނެފައިވަނީ އޭނަ އެނބުރި މާލެއަންނާނީ ލޫކަސް ކައިވެނިކުރުމުން ކަމަށާއި، އަދި އޭނަ އެދިފައިވާކަމެއް ލޫކަސް ފުރިހަމަކޮށް ދިނުމުން ކަމުގައެވެ. ޖައިދަން އޭނަގެ މަންމަ ގާތު ބުނެގެން އާއިލާގެ އެންމެނަށް މިކާލްގެ ހަގީގަތްވެސް އަންގާދިނެވެ. ލިއަމްއަށްވެސް ޝޮކެއް ލިބުނެވެ. އެއީ ލޫކަސްގެ ދަރިއެއްކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ.
ލިއަމް އޭނަގެ ބައްޕަ ފައިސަލްގެ ގެއަށް ބަދަލުވުމަށްފަހު އެއްބަފާ ކޮއްކޮމެންނާއި ދޮންމަންމަގެ ފަރާތުންވެސް ލިބުނީ ހީނުކުރާފަދަ ގާތްކަމަކާއި ލޯތްބެވެ. ލިއަމްއާއިއެކު މާހާވެސް ބަލައިގަތެވެ. އެއީ އުފާވެރި ހަމަޖެހޭ އާއިލާއެކެވެ. ގިނަގިނައިން ދަތުރު ރޭވުމާއި ޕާޓީތައް ބާއްވައެވެ. އެންމެން ގުޅިގެން މަޖާކޮށް އެކީގައި ވަގުތު ހޭދަކުރެއެވެ. ފައިސަލްވެސް ޒުވާންކުއްޖެއް ފަދައިން ސަކައެވެ. ހުރިހާކަމެއްގައި ދަރިންނާއިއެކު ބައިވެރިވެއެވެ. އުފާވެރިކަމަކީ މުއްސަދިކަމަކުން ހޯދޭ އެއްޗެއް ނޫނެވެ. އެއީ އެކީގައި ގުޅިގެން ލޯބި ހިއްސާކޮށްގެން އުޅުމެވެ. އެކަކު އަނެކަކަށް އެހީތެރިވުމެވެ. ލިއަމްއާއި މާހާގެ ކައިވެނީގެ ކުރީކޮޅު ކިތަންމެ ދުރުން އުޅުނަސް ފަހުން އެދެމީހުންވަނީ ލޯބިން އެކީގައިއުޅެން ފަށާފައެވެ. އެދުވަސްކޮޅު މާހާ ކުއްޖަކަށް ބަލިވެއިނެވެ. އެކަން އެނގުމުން ދޮންމަންމަ ނާޒްނީ އެކަމުގެ އުފަލުގައި ހަފްލާއެއް ބޭއްވިއެވެ. ނާޒްނީ މެހްވިޝް އަދި އާތިކާވެސް ގުޅި އެކީގައި ބާޒާރުކުރަން ގޮސް އުޅޭއިރު ހީވަނީ އެތައް ދުވަހެއްވާންދެން ދަންނަ ގާތް ރަހުމަތްތެރިންހެނެވެ.
ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައި ހައިޝަމް ޑޮކްޓަރަކާއި ކާވެނިކުރިއެވެ. އަދި މީފާވެސް ކައިވެނިކޮށްގެން ފިރިމީހާއާއިއެކު އޮސްޓްރޭލިއާއަށް ބަދަލުވި ޚަބަރު ލިބުނެވެ. ކަމީލާ އެދެމީހުންނަށްޓަކައި އުފާވިއެވެ. އެއީވެސް ކޮންމެވެސް ދުވަސްވަރެއްގައި އޭނަގެ ހަޔާތަށް ކޮންމެވެސް ސިފައެއްގައި އައި ދެ މީހުންކަމުގައިވާތީއެވެ. ދުވަސްކޮޅެއްފަހުން ލޫކަސް އާއި ކަމީލާގެ ކާވެނީގެ ހަފްލާވެސް ކެމީލިއާގައި ބޭއްވުނެވެ. ހަމައެކަނި ދެފަރާތުގެ އާއިލާއަށާއި އެކުވެރިންނަށް ރަގަޅު ކެއުމެއް ދިނުމުގެ އިތުރުން އެހެން ކަމެއް ބާއްވަން ލޫކަސް ދެކޮޅުހެދިއެވެ. މެހުމާނުން ގޮސް ހުސްވުމުން މިކާލް ނިންދަވާފައި ކަމީލާވަނީ ކޮޓަރިއަށެވެ. އޮބިނޯވެ ތެޅެމުންދާ ހިތާއި ދިމާލުން މޭގައި ހިފަހައްޓައިލަމުން ކަމީލާ ކުޑަދޮރުތައް ހުޅުވާލައިފިއެވެ. ނޮވެމްބަރު މަހުގެ ފަހުކޮޅަށްވެފައި ފިނިވާރޭ ތިކިތަކުން ބިންގަނޑާއި ގަސްތައް ތެންމަމުންދާތަން ކަމީލާއަށް ފެނުނެވެ. އެއީ ކޮންފަދަ ހިތްގައިމު މަންޒަރެއްހެއްޔެވެ؟ ކަމީލާ ކުޑަދޮރުން ބޭރަށް ބަލަން ހުއްޓާ ފަހަތުން އައިގޮތަށް ލޫކަސް ބައްދައިލުމުން ކަމީލާގެ ހުރިހާ ނާރުތަކަށް އެނގުން ވެގެން ދިޔައެވެ.
"އެވެސް ހަމަ މިގޮތަށް ވާރޭވެހުނު ރެއެއްދޯ......." ލޫކަސް ކަމީލާ އޭނައާއި ދިމާލަށް އަނބުރުވާލިއިރު އެފަނޑު އަލިކަމުގެ ތެރޭގައިވެސް އެމޫނަށް ރަތްކުލަ ވެރިވަމުންދާތަން ފެނުނެވެ. ލޫކަސް ހުރީ މަޖާވެފައެވެ. އޭނަ އަންހެންކުދިންގެ ސިފަތަކުގެ ތެރެއިން އެންމެ ގަޔާވާ ސިފައަކީ ލަދުރަކިކަމެވެ. ޚާއްސަކޮށް ކަމީލާގެ ދޮން ދޮންމޫނު ރަތްވާތަން ބަލަން އުމުރަށްވެސް ހުރެވިދާނެއެވެ. ލޫކަސްއަށް ކަމީލާ ސިފަވީ ޝަބްނަމްތިކިތައް ފައިބާފައިވާ ރީތި މަލެއްގެ ސިފައިގައެވެ. ރޭގެ އިޝްގީކަމާއި ރީތިކަން އިތުރުވީ މެދުކެނޑުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުންނެވެ. ލޫކަސްގެ އަތުތެރޭގައި ކަމީލާ މުޅިރޭ އުފަލާއި ހިތްހަމަޖެހުމުގައި ވޭތުކުރިއެވެ. ފަތިހު ފިނީގައި ޖެކޫޒީގެ ހޫނުފެނުން ފެންވަރާލުމަށްފަހު ފަތިސް ނަމާދުކޮށްލައިގެން ލޫކަސް ނިދީއެވެ. ކަމީލާ ގުރުއާން ކިޔެވިއެވެ. ޝުކުރުގެ ސަޖިދައެއްކުރިއެވެ. އޭނަވަނީ ކުރެވުނު ކުށަށް ތައުބާވެ ދުވަހަކު އެފަދަ ކަމަކަށް އަރައިނުގަންނަން ނިޔަތް ކަނޑައަޅާފައެވެ. މިއަދު ހިތަށާއި ޖިސްމަށް ލިބިފައިވާ ފިނިކަމުގެ އަސްލަކީ އެއީއެވެ. އަޅުކަމުން ނިމިގެން ކަމީލާ އުޅެގަތީ މިކާލް ސްކޫލަށް ފޮނުވައިލާށެވެ. ކާރުގައި ދަރިފުޅު ސްކޫލަށް ގެންދިޔައީ ލޫކަސްއެވެ. ލޫކަސް އައިއިރު ކަމީލާ ހުރީ ހެދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ނޯކަރުން ތިބެފައި ފިޔާ މަސްކޮށުންފަދަ ކަންތައް ކޮށްދިނަސް ކަމީލާ ލޯބިވާ ފިރިމީހާއަށް ކާންދޭން ބޭނުންވަނީ އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ އެއްޗެއްސެވެ.
"ހޮޓް ކޮފީ ސްކްރެމްބްލްޑް އެގް އަދިވެސް........." ކަމީލާ ރަކިގޮތަކަށް ހިނިތުންވެލާފައި ލޫކަސްއަށް ބަލައިލިއެވެ. އެރީތި ދެލޮލުން ކަމީލާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. ލޫކަސް އެމޫނުގައި ބޮސްދިނެވެ. ދެމީހުން އެކީގައި ނާސްތާކުރަން ތިބިއިރު ކާކޮޓަރީގެ ދޮރުފަތްތަކުގައި ދަމާފައިވާ ފަރުދާތައް ކަހާލާފައިވުމުން ބޭރުގެ މަންޒަރުތައްވަނީ ހާމަޔަށެވެ. ގަސްތަކުގެ ފަތްތައް ދޮވި ތާޒާވެ އިރުގެ ރަން އަލި ދުނިޔެއަށް ފަތުރާލާފައިވެއެވެ. ކަމީލާގެ ހަޔާތާއި އެމަންޒަރު ގުޅޭކަމަށް އޭނަގަބޫލުކުރިއެވެ. މާޒީގެ ވާހަކަތައް ދެއްކއިރު ލޫކަސް ޖައިދަންގެ މަތިންވެސް ހަނދާންކުރިއެވެ.
"އެވެސް ވާރޭވެހުނު ރެއެއްގައި ދޯ، އަހަރެމެންނަށް އެ ފާފަ ނުކުރެވުނުނަމަ ލަވް ސްޓޯރީ ކިހާ ރީތިވާނެ، ހިތަށް އަރާ އަހަރެމެންފަދަ ލޯބިވެރިންނަށް އެޑްވައިސްއެއް ދެވޭނެނަމައޭ، ކިތަންމެ ލޯބިވިޔަސް ފާފައެއް ނުކުރާށޭ، އެހެންނޫނީ އަހަރެމެން ފަދައިން އެތައް ދުވަހަކަށް އެކަމުގެ ހިތާމަކުރަން ޖެހިދާނެއޭ ބުނާހިތްވޭ........" ލޫކަސް ކަމީލާ ގެނެސް އުނގުގައި ބޭންދިއެވެ. އެއަތުގެ ހިމާޔަތުގައި އަބަދަށްޓަކައިވާން ކަމީލާ ބޭނުމެވެ. އެ ފިރުމުންތަކުން އޭނަ ދީވާނާކުރުވައެވެ. އެރީތި ތުންފަތުގެ ހަދިޔާތަކުން ކަމީލާއަށް ކުރެވޭ ފޮނި ފޮނި އިހުސާސްތައް ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. ލޫކަސްގެ ރީތި ދެލޮލާއި ހިނިތުންވުމަށްޓަކައި ކަމީލާ ހާސްފުރާނައިން ގުރުބާން ވާން ތައްޔާރެވެ. ކަމީލާވަނީ ލޯބީގެ ދެފަރާތް ތަޖުރިބާކޮށްފައެވެ. ޖައިދަންއާއިއެކު އުޅުނުއިރު އޭގެ އަނދިރިފަރާތެވެ. ބައެއްކުދިންނަށް ޖައިދަންފަދަ ބޭޑް ބޯއި ޓައިޕް ރަގަޅުވެދާނެއެވެ. ކަމީލާ ތަފާތެވެ. އޭނަ ބޭނުމީ ލޫކަސްފަދަ އޯގާތެރި ރަގަޅު ޒުވާނެކެވެ. އޭނަގެ ދުޢާ އިޖާބަކުރައްވާ ދުނިޔެއިން ލިބޭނެ އެންމެ މަތިވެރި ނިއުމަތް ދެއްވައިފިއެވެ.
ޑިސެމްބަރުގައި ޖިބްރީންގެ ދެމަފިރިން އެމެރިކާއަށް ކުރި ދަތުރުގައި ތިން ދަރިންނާއި އާއިލާ ގެންދިޔައެވެ. އެއީ ފިނިމޫސުމްކަމުން ގަނޑުފެނުން ހުރިހާތަނެއްވަނީ ހުދުވެފައެވެ. ގަނޑުފެނުގެ ބޯ ފަށަލައިން ފުރާޅުތައް ފޮރުވިފައިވާއިރު ފޮރުވިފައިވާއިރު މަގުގެ ދެފަރާތުގައި ގަނޑުފެން ފުނިތަކެވެ. ގަސްގަހުގެ ގޮފިތައް ސްނޯގެ ބުރަދަނަށް ކުޅަދާނަނުވެގެން ލެނބިފައިވެއެވެ. އެންމެންގެ އަނގައިން އަރަނީ އާތްވެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މިހާ ރީތި މަންޒަރެއް ފެނުމުން ކަމީލާހުރީ އާޝޯޚުވެފައެވެ. ލޫކަސް ކަމީލާ ގަޔާއި ލައްކޮށްލައިގެން ހިނގާލާފައި ދާއިރު ކަމީލާ ހުރީ ފިނިވެގެން ކުޅަދާނަ ނުވެފައެވެ. ޖިބްރީންގެ ގެއަށް ވަނުމަށްފަހު ބޮޑުކޮޓަރީގައިވާ އަލިފާން އަންދާތަނުގެ ސަބަބުން ވަގުތުން އަރާމު ހޫނުކަމެއް އިހުސާސްވިއެވެ. އެންމެން ކޯޓުތައް ބާލާފައި އުޅެގަތީ ދިގު ދަތުރަކަށްފަހު ވަރުބަލިވެފައިވާތީ އަރާމުކުރާށެވެ. މިކާލްވެސް މާމަމެން ގާތު އެކޮޓަރީގައި އޮވެފައި ނިދުމުން ލޫކަސްއާއި ކަމީލާ ނުކުތީ ފެންޑާއަށެވެ. ގަނޑުފެން ވެހެންފެށިއިރު އެއްވެސް އަޑެއްނީވުމުން ކަމީލާއަށް އާ ކަމަކަށްވިއެވެ. ވައިގެތެރޭގައި ނަށަމުންދާ އެތައް ހާސް ކުދި ކުދި ޕަރީތަކެއްފަދައިން ސްނޯ ވެހެމުންދާ މަންޒަރު ބަލަން ލޯބިވާ ފިރިމީހާގެ އަތުތެރޭގައި ހުރިއިރު ކަމީލާގެ ހިތަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭން ދަތްޗެވެ. މިއީ ދުނިޔެމަތީގެ ސުވަރުގެއެވެ. ލޫކަސް ކަމީލާގެ ގައިގާ ބައްދާލައިގެން ހުރިއިރު ކަމީލާހުރީ ލޫކަސްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ފިނިގަދަވާންފެށުމުން ކަމީލާ އަދިވެސް ބޮޑަށް ލޫކަސްއާއި ގާތްވާން ބޭނުންވިއެވެ. އޭރު ދެހިތުގައި ޖަހަމުން ދިޔައީ އެއް ވިންދެކެވެ. ކަމީލާ މާބޮޑަށް ފިނިވާންހެދީމަ އަތުގައި ހިފައިގެންގޮސް އަލިފާން އަންދާތަނުގެ ކުރިމަތީގައިވާ ކައުޗްގައި އިށީނެވެ. އަލިފާނުގެ އޮރެންޖްއަލި އެޅިފައިވާއިރު އެމޫނާއި ދެލޮލަށް އަރާފައިވާ ރީތިކުލައަކުން ކަމީލާއިނީ އެސްފިޔަޖަހައިލަން ނޭގިފައެވެ. ދުރުބަލާލާކަށްވެސް ބޭނުމެއްނުވިއެވެ.
ލޫކަސް ޖައިދަންއާއި ބައްދަލުކުރަން އޭނަ އުޅޭ ގެއަށް ދިޔައެވެ. ޖައިދަން ލޫކަސްގެ ގައިގާ ބައްދާލާފައި ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. އޭނަ އުމުރު ހޭދަކޮށްލަން ބޭނުންވަނީ އެތަނުގައިކަމަށް ޖައިދަން ބުނެލިއެވެ. މިކާލް ފެނުމުން ޖައިދަން އުފާވެފައި މިކާލް އުރާލިގޮތަށް ވަރަށް ގިނައިރުވާންދެން އެކީގައި ކުޅެން އުޅުނެވެ. ސްނޯމޭން ހަދާ، ބޯޅަކުޅެ ވަރަކަށް މަޖާކުރިއެވެ. ކަމީލާ ޖައިދަންއާއި ބައްދަލުކުރަން ނުދިޔައީ ޖައިދަން ލޫކަސްގެ ގާތުގައި ސީދަލަށް ބުނެފައިވާތީއެވެ. ކަމީލާގެ މަތިން ހަނދާން ނައްތާލެވޭނެ އެކަނި ގޮތަކީ ދުވަހަކުވެސް ކަމީލާއާއި ބައްދަލުނުކުރުން ކަމުގައި އޭނަވަނީ ލޫކަސްގާތު ހާމަކޮށްފައެވެ.
ކަރުނައިގެ ތެރެއިން ކަމީލާގެ ހަޔާތަށް ހިނިތުންވުން ގެނެސްދީފައި ޖައިދަން އެމީހުންގެ ދިރިއުޅުމާއި ދުރަށް ދިޔަނަމަވެސް ދޭތެރެއަކުން ޖައިދަންގެ އާއިލާ އޭނައާއި ބައްދަލުކުރާން އެމެރިކާއަށް ދެއެވެ. މިކާލްވެސް ޖައިދަންދެކެ ޚާއްސަ ލޯތްބެއްވެއެވެ. އެއީ ދެވަނަ ބައްޕަކަމުގައި އޭނަ އަބަދު ގަބޫލުކުރާނެއެވެ. ދަރިއަކު ލިބުމުގެ އުއްމީދު ނެތުމުން ޖައިދަން މިކާލްއަށް ފައިސާ ޚަރަދުކުރަނީ ހިފެހެއްޓުމެއްނެތިއެވެ. ލޫކަސް މިކާލްގެ ފަހަތުގައިވާ ޖައިދަންގެ ނަން ބަދަލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނައާއި ކަމީލާއަށް ދަރިން ލިބުނަސް ޖައިދަންއަށް އެފަދަ ފުރުސަތެއް ނެތުމުން އެއުފަލުން ޖައިދަން މަހުރޫމް ކުރާކަށް ލޫކަސް ބޭނުމެއްނުވިއެވެ. ޖައިދަންގެ ގާތުގައި މިކާލް ބަހައްޓަން ބޭނުމިއްޔާ އެފުރުސަތުވެސް ދޭނެއެވެ. ޖައިދަން ބުނީ އަދި މިކާލް ކުޑަކަމުން އޭނަ މަންމައަށް ބޭނުންވާނެ ކަމުގައާއި އެހާ ދުރަށް ގެނައުމަށް ހިތްހަމަނުޖެހޭ ކަމުގައެވެ. ލޫކަސް އެދުނީ ޖައިދަން މާލެއައުމަށެވެ. ޖައިދަން ބުނީ އެކަމާއިމެދު ވިސްނާނެކަމުގައެވެ. ޖައިދަން މާޔޫސްވާވަރުން އެތައް ފަހަރަކު މަރުވާން ހިތަށް އެރިއެވެ. ނަމަވެސް ހެއްދެވިފަރާތްމަތިން ހަނދާންވެފައި އޭނަ އެކަން ހުއްޓާލަނީއެވެ. ނަފްސާނީ މީހަކަށް ދެއްކުމުގެ މާނައެއް ހަގީގަތުގައި ނެތެވެ. އެންމެ ފަރާތަކާއި ގުޅުން ވަރުގަދަކޮށްލަނިކޮށް ދިރިއުޅުމާއިގެން ކުރިއަށް ދެވިދާނެއެވެ. އަމިއްލައަށް ހަލާކުވެގެން ދިޔަސް އޭނަގެ ހެޔޮ ދުޢާތައްވަނީ ލޫކަސްއާއި ކަމީލާއާއެކުގައެވެ. މަންމައާއި އާއިލާ އެންމެންވެގެން އޭނަ މީހަކާއި ދެވަންވެގެން ނުކުރާކަށް މަސައްކަތެއްނެތެވެ. ޖައިދަން ބުނީ އޭނައަށް ވަގުތު ބޭނުންވާ ކަމުގައެވެ. ހަގީގަތުގައި އަންހެންކުއްޖަކަށް ދެވޭނެ އެއްވެސް އެއްޗެއް އޭނަގެ އަތަކުނެތެވެ. ދަރިންގެ ނިއުމަތުން މަހުރޫމްވުން އެކަންޏެއް ނޫނެވެ. އެހެން ކުއްޖެއްގެ ހިތް އުފާކޮށްދެވެންވެސް ނެތީއެވެ. މައިންބަފައިން މަޖުބޫރުކޮށްގެން އެފަދަ ކައިވެންޏެއްކުރުވަން ވެއްޖެއްޔާ އެއީ އެކުއްޖެއްގެ ބަދުނަސީބެވެ.
ކައިވެންޏަށް މިވީ ތިންމަހުގައި އެދެމަފިރިން ދެކެފައިވަނީ ހީވެސް ނުކުރާފަދަ އޮމާން އުފާވެރި ދުވަސްތަކެވެ. އެލޯބީގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. ކަމީލާ ފެންނަ ކޮންމެފަހަރަކު ލޫކަސް ބައްދާލާފައި އެމޫނުގައި ބޮސްދެއެވެ. ކޮންމެ ދުވަހަކު ލޯބިވާ ވާހަކަ ބުނެއެވެ. އެވަރަށް މަލާއި ޗޮކްލެޓް ގެނެސްދެއެވެ. ރޭގަނޑާއި ދުވާލުވެސް އެހާ އިޝްގީއެވެ. ކަމީލާ ރޭގަނޑު ނިދާގަޑިޖެހުމުން ކޮޓަރިއަށް ވަދެފައި އުއްބައްތިތައް ދިއްލަންފެށިއިރު ލޫކަސްއޮތީ ކަމީލާގެ ޑައިރީ ކިޔާށެވެ. އޭރުވެސް ބޯކޮށް ވާރޭވެހޭ އަޑުއިވެއެވެ. ރީތި ނާނާއެއް ފަދައިންނެވެ. އުއްބައްތީގެ ހިތްގައިމު އަލީގައި ލޫކަސްއާއިއެކު އިޝްގީ ދާނުގައި ހިތް އުފާކުރުމަށްވުރެ ކަމީލާ އެދޭ އެހެން ކަމެއްނެތެވެ. ދެހަށިގަނޑުވެސް އެއީ އެއްހިތެވެ. އެއްފުރާނައެވެ. ކަމީލާ ފެނުމުން ލޫކަސް އަތްދިއްކޮށްލާއިރަށް ކަމީލާގޮސް އެބާރުގަދަ އަތުގެ ހިމާޔަތް ހޯދިއެވެ. އަރާމު ނިންޖަކަށްފަހު ފަތިހު ހޭލައިގެން ދެމަފިރިން ކޮފީ ބޯންތިބީ ކާކޮޓަރީގައެވެ. "ގިލްޓީވެސް ވޭ ޖޭޑްގެ މަސައްކަތުން އަޅާފައި ހުރި ގެއެއްގައި އުޅެންވީމަ..." ކަމީލާ ލޫކަސްގެ ރީތި ދެލޮލަށް ބަލައިލާފައި ކުއްލިއަކަށް ބުނެލިއެވެ.
"ޑޯންޓްބީ، ޖޭޑް ބޭނުންވެގެން ދިނީމަ ނުހޯދަން އަހަރެމެންނަކީ ހިލޭބަޔެއް ނޫނެއްނު، އަހަންނަށް އެނގޭ، ޖޭޑް ކިހާ ޗޭންޖްވެއްޖެ، ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ އަދި ޖޭޑްގެ ބްރޯކެން ހާޓް ހީލްވާނެ، މިހާރު ބައްޕަ ރިޓަޔަރވެގެން އަހަންނާއި ބިޒިނަސް އެ ހަވާލުކުރީ، ތަނުގެ ސީއީއޯއަކަށްވުމަށްފަހު މިހިރީ ޖޭޑްއާއި ބައިވެގެން ދެމީހުންގެ ވިޔަފާރި އެއްކޮށްފައި އެކީގައި ވޯކްކުރަން ނިންމައިގެން، އަބަދު އެއްގޮތެއްނުވާނެދޯ، ކުޑައިރުގެ ދުޝްމަންކަމުން އަހަރެމެންނަށް ފިލާވަޅެއްލިބިއްޖެ، ބޭނުން އެދުވަސްތައް ހަނދާންނައްތައިލެވޭހާ ކާރިވާން، ބޭބީ ގާލް، ދެރަނުވޭ، ހުރިހާކަމެއް ދާނީ ރަގަޅަށް، ޓްރަސްޓްމީ، އަހަރެން އިރާދަކުރެއްވިއްޔާ ޖޭޑްއަށް އަލުން އުފާވެރި ދިރިއުޅުމެއް ހޯދަދޭނަން....." ލޫކަސްގެ ރީތި ދެލޮލުން ފެނުނީ ޔަގީންކަމެކެވެ. ކަމީލާއާއި ލޫކަސްވެސް ޖައިދަންގެ ސަބަބުން ކުށްވެރި އިހުސާސްތަކެއްކުރެއެވެ. ކޮންމެވެސް ދުވަހަކުން އެ އިހުސާސްވެސް ފިލައިދާނެއެވެ. ދުޢާއަކީ ބާރުގަދަ ހަތިޔާރެކެވެ. ކަމީލާގެ ހެޔޮދުއާތައް އަބަދުވެސް ޖައިދަންއާއި އެކުގައިވާނެއެވެ. ކަމީލާގެ ހިނިތުން އެރީތި ދެލޮލާއި ހަމަޔަށް ފޯރިއެވެ. ލޫކަސްގެ އުނގުގައި އިށީދެ ކަމީލާ ކިޔަންފެށި ރީތިލަވައަކީ އުއްމީދާއި އުފާވެރިކަމާއި ގުޅިފައިވާ ލަވައެކެވެ. ކަމީލާގެ ފުރާވަރު މިޒާޖާއި ލާނެތްކަން އަނެއްކާވެސް އަލުން ފާޅުވެ އަބަދު ހީހީ ހުންނަ ކުއްޖަކަށްވިއެވެ. ދިގު އިންތިޒާރަކަށްފަހު ދެލޯބިވެރިން ގުޅިއްޖެއެވެ.