ބުނަން އުޅުނު ޖުމްލަ ކަރުތެރޭ ތާށިވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުރިމަތީގައި ހުއްޓިލައިގެން ހުރީ ރަށުން އާއްމުކޮށް ދެކެ ނޫޅޭފަދަ ރީތި ފިރިހެންވަންތަ ޒުވާނެކެވެ. އަންހެންކުދިން ފިދާވާހާ ރީތި ހަށިގަނޑެކެވެ. އެތަނަށް އެޅިފައިވާ އަލީގައި އެ އަޅިދެލޮލުގެ ކުލަ ފެންނަލެއް ރީތިކަމުގެ އިންތިހާއެވެ. ކަމީލާ އިނީ ނޭވާލާންވެސް ހަނދާންނެތިފައެވެ.
"ލޫކަސް....." ކަމީލާގެ ފިނިވެފައިވާ ހިތުގެ ފުންމިނުން އެ ނަން ކިޔާލެވުނެވެ. ނަމަވެސް އެ އަޑު އެހެން މީހަކަށް ނީވޭނެއެވެ. އެންމެ ހައިރާންވަނީ އެ އަޅި ދެލޮލާއިމެދުގައެވެ. މިއީ ހަގީގަތެއް ބާވައެވެ. ނޫނީ ހޭލާ އިނދެ ފެންނަ ހުވަފެނަކަށްވެސް ވެދާނެއެވެ. އަބަދާއަބަދު ޚިޔާލީ ރީތި މީހެއްގެ ތަސްވީރު ހިތުގައި ލާފައިވަނިކޮށް އެ ޚިޔާލީ ތަސްވީރު ފުންމާލައިގެން އޭނަގެ ކުރިމައްޗަށް އައީއެވެ.
"އަނހަ، ތިހާ ވަރަށް ބަލަންޏާ އަހަރެން ފިރިހެނެއްކަމަކު ލަދުގަންނާނެއްނު....." ލޫކަސް ހަމަޖެހިލާފައި ބުނެލި އެއްޗަކުން ކަމީލާގެ މޫނު ރަތް މަލެއްހާ ރަތްވެއްޖެއެވެ. ބިމުގެ އަޑިޔަށް ވަންނާނެނަމައެވެ. ބޯމައްޗަށް ފުރާޅު ވެއްޓޭނެނަމައެވެ. އެހެންނޫނަސް މި ފިރިހެނާ ހާދަ ފޮންޏެވެ. އޭނަ ބަލާކަން ފާހަގަކުރެވިގެން އަދި ބުނެލި އެއްޗެއް އެހެރީއެވެ.
"އެހެ... އެހެނެއް ނޫން ސަރ، ދަންނަ މީހެއް ފާޑު ޖެހީ..." ކަމީލާ ރަކިވެގެންގޮސް އިނގިލީގައި ދައިގަތެވެ. ލޫކަސް ބަލާލިގޮތަކުން ކަމީލާ އަމިއްލަ ނަފުސާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. އީކާ ބުނެލީ އޭނަ އަގްލީބެޓީއާއި ވައްތަރު ކަމަށެވެ. އޭނަ މިއައީ ހިތުން މިގެއަށް އަންނަ ފޫހި ޓީޗަރު އިތުރަށް ފޫހިކުރުވާށެވެ. މިއޮތް ލިބުނު ލަނޑެކެވެ.
"ކެމީލިއާ ފެނުނީމަ އަހަންނަށްވެސް އެކަހަލަ ގޮތެއްވި، އައި މީން ޔޫ ލުކް ލައިކް...." ލޫކަސްގެ މުށިކުލައިން ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭނަ ވާހަކަދައްކާއިރު އަނގަޔަށް ހަދާލާގޮތަކުންވެސް ދެކޮލަށް އަޑިކޮޅު އެޅޭކަން ކަމީލާއަށް ފާހަގަވިއެވެ. ކަމީލާގެ ހިތް ނަށާލިއެވެ. އޭނައާއި ލޫކަސްގެ އެއްގޮތް ސިފައެއް ވާތީ ފޮނިވެލިއެވެ. އިސްތަށިގަނޑު ކުޑަކޮށް ކޮށާލާފައިވާއިރު މާތްގޮތެއް މޫނުމަތީގައި ހުއްޓެވެ. ކަޅުކުލައިގެ އަތްދިގު ގަމީހާއި ހާދަ ގުޅެއެވެ.
"ލައިކް...." ކަމީލާ ދެލޯ ބޮޑުވިއެވެ. އޭރުވެސް އޭނަގެ ހިތް ހީވަނީ އޮބިނޯވެގެން ފުންމާލަން އުޅޭހެނެވެ. އަތްފައި ގަނޑުފެންކޮޅެއްފަދައެވެ. ދުވަހަކު ނުވާފަދަ ގޮތްތަކެއް ވަނީއެވެ. ހިތް ތެޅެނީއެވެ. ފިނިވަނީއެވެ. ނޭވާވެސް ނުލެވެނީއެވެ. ދޫހެދުމެއް ލައިގެން ހުރިއިރުވެސް ހެދުން ގަޔަށް ބާރުވާހެން ހީވަނީއެވެ.
"ލައިކް އެ ކާޓޫން މޭ ބީ...." ލޫކަސް ކުޑަކޮށް ލާނެތް ހިނިތުންވުމަކަށްފަހު ކުއްލިއަކަށް ސީރިޔަސްކަމެއް މޫނުމައްޗަށް ގެނައެވެ. އޭރު ކަމީލާގެ ހިތް ބިއްލޫރިކޮޅެއްފަދައިން އެތިކޮޅުތަކަށް ބުރައިގެން ދިޔަކަމެއް ލޫކަސްއަކަށް ނޭގުނެވެ. ގަސްތުގައި އެބުނެލި ޖުމްލައިން އޭނަ ކަމީލާގެ ހިތް ހަލާކުކޮށްލައިފިއެވެ. ލޫކަސް ފެނުމުން ކަމީލާގެ ހިތް އެކީ ދީވާނާވި ސިކުންތުކޮޅަކަށްފަހު އެހާ ހަލުވިކޮށް ލޫކަސް އެ ހިތް އަތުތެރޭގައި ލާ ޗިސްކޮށްލައިފިއެވެ.
"ފޮނި ފޮނި ފިރިހެނާ...." ކަމީލާގެ ހިތް ރޮއިގަތެވެ.
"އަޑުއެހިން އެންމެ ދެ މާކްސް ލިބުނުވާހަކަ، ރިކޯޑެއް ބިންދާލަންތަ އުޅުނީ؟ ބުނެބަލަ، ތްރީ އިން ޓު ތްރީ ކިހާވަރެއްތަ؟ " ލޫކަސް އިށީނދެލާފައި ފޮތް ހުޅުވާލިއެވެ. ކަމީލާ އުޅުނީ ކަލްކިއުލޭޓަރ ނަގާށެވެ. ކަމީލާއަށްވުރެ ލޫކަސް މާ ހުޝިޔާރެވެ. ކަމީލާއަށްވުރެ ކުރިން ލޫކަސް ކަލްކިއުލޭޓަރގައި ހިފާލިއިރު ކަމީލާއަށް އެ ފިރިހެންވަންތަ އަތުގައި ހިފާލެވުނީ ނޭގުމުގެ ތެރޭގައެވެ. އެ ކުޑަ ބީހިލުމާއިއެކު ކަމީލާ އަތްދަމައިގަތްގޮތުން ހީވީ ބިޗުލެއް ކަށިޖެހިހެނެވެ. ފަޅި ސިކުންތުކޮޅުގެ ބީހިލިމުން ކަމީލާގެ ގައިގާ ދުވެލި ކަރަންޓުގެ ރާޅުގެ ސަބަބުން ކަމީލާއިނީ ބިރުގެންފައެވެ. މިއީ ކާކު ހެއްޔެވެ؟ މިހާ މޮޅަށް ޖާދޫ ހަދާ ފިރިހެނުން އުޅޭހެއްޔެވެ؟
"ނޫނޭ، ބައެއްފަހަރު މައިންޑް ބޭނުންކުރަންވެސް ޖެހޭނެ، ކަލްކިއުލޭޓަރ ބޭނުންކޮށްގެނެއް ނޫން އަހަރެން ކިޔަވާދޭނީކީ، ޖަވާބު ބުނޭ....." ލޫކަސްގެ އަޅި ދެލޮލުގައި ނަށަނަށާހުރީ ލާނެތް ވިދުވަރެކެވެ.
"ޓެން....." ކަމީލާ ބުނެލިއެވެ.
"ތްރީ ޕްލަސް ތްރީ؟ " ލޫކަސް އެއް ބުމަ އަރުވާލިއެވެ.
"ނައިން..." ކަމީލާ ތުންތަޅުވާލިއެވެ.
"ގުޑް...." ލޫކަސް ހީކުރީ ކަމީލާ ގަސްތުގައި ޖެއްސުމަށް ނުބައިކޮށް ޖަވާބުދިނީ ކަމަށެވެ. އޭނަގެ ލޮލުގެ ރީތިކަމުގެ އަސަރުގައި ޖެހިގެން ކަމީލާގެ ސިކުނޑީގައި އެވަރުގެ ހިސާބު އަކުރެއް ހަދާލާނެ ބާރު ނެތުނީކަމެއް ލޫކަސްއަކަށް ނޭގުނެވެ. އެހެންނޫނަސް ލޫކަސް އަކީ ޓީޗަރެއް ނޫނެވެ. އޭނަ މިގެއަށް އައީ އެކުވެރިޔާއަށް ވަގުތެއް ނެތިގެން އެހީއެއް ވެދޭން އެދުމުންނެވެ. ކަމީލާގެ ބައްޕައާއި އައުޒަމްގެ ބައްޕަ ފުދޭވަރަކަށް ރައްޓެހިވާނެއެވެ. ކަމީލާ ހިސާބުން ފާސްނުވެގެން ޓިއުޝަންދޭން އާދޭސްކުރަން ފެށުމުން ބައްޕަ އައުޒަމްއާއި ވާހަކަދެއްކީއެވެ. އަވްސަމްއަކީ ލޫކަސްގެ ކޮލެޖްގެ އެކުވެރިއެކެވެ. ލޫކަސްގެ ހަޔާތުގެ ބޮޑުބައި ރާއްޖެއިން ބޭރުގައި އުޅެފައިވާތީ މާލެއަށް އައުމަށްފަހު ލޫކަސް ހުރީ ރާއްޖެތެރެއަށް އަންނަހިތްވެފައެވެ. އައުޒަމްގެ މަތިން ހަނދާންވެ އޭނަގެ ފޯނަށް ގުޅައިގެން މިރަށަށް އައީ ދުވަސްކޮޅެއްވާންދެން އައުޒަމްއާއި އެކުގައި މަޖާކޮށްލުމަށެވެ. ލޫކަސްއަކީ ކުޑައިރުއްސުރެން ހިސާބަށް އާދަޔާ ޚިލާފު މޮޅުކުއްޖެކެވެ. ޓީޗަރަކަށް ނުވިޔަސް ކުދިންނަށް ބުނެދިނުމަކީ ލޫކަސްއަށް އުދަގޫ ކަމަކަށްނުވާނެއެވެ. އެހެންނޫނަސް އައުޒަމް ބުނިގޮތުން ކަމީލާއަކީ ރީތިކަން ހުސްކުރި އަންހެންކުއްޖެކެވެ.
"މިރޭ އަހަރެން މި ދޭ ޓޭބަލް ދަސްކުރަން ޖެހޭނެ....." ލޫކަސް ތަންކޮޅެއް ހަރުކަށިވެލިއެވެ.
"ލައްބަ ސަރ......." ކަމީލާ އިނީ އެ ރީތި ދެލޮލުން ބެލުމުން ވާގޮތް ގޮތާއިމެދު ހައިރާންވެފައެވެ.
އެވަގުތު މާހާވެސް ނުކުމެ ސިޓިންރޫމްގެ އެއްފަރާތުގައި ހުރި ސޯފާއެއްގައި އިށީދެއްޖެއެވެ. ކަމީލާއަށް ކުޑަކޮށް ކަޅިއަޅާލެވުނެވެ. މާހާ ހީވަނީ ހަށިފާރަވެރިއެއްހެނެވެ. އޭނައާއި ލޫކަސްގެ ދޭތެރެއަށް މާހާ ވަނީ ކީއްކުރަން ހެއްޔެވެ؟ މާހާ އުޅޭގޮތުން ހީވަނީ ފިރިހެނުން ފެންނަ ހިސާބަށް ދާން ލަދުން އުޅޭހެންނެވެ. އެހެނެއްނުވިއެވެ. ނޫނީ ލޫކަސް ރީތިކަމުން މާހާއަށްވެސް އަސަރުކުރީއެވެ. ލޫކަސްވެސް އެހެން މީހަކު އައުމުން ތަންކޮޅެއް ސީރިޔަސްވެ ފިލާވަޅު ބުނެދޭންފެށިއެވެ. ގަޑިއެއްވީއިރުވެސް މާހާ ގާވެފައިވާ ބުދެއްހެން އިންތާ އިނެވެ. ކަމީލާ ވައްކަޅިން ބަލާލިއިރު މާހާގެ އަތުގައި ފޮތެއް އޮތެވެ.
"ފޭކް އަންހެންކުއްޖެއް، އެންމެ އަކުރެއްވެސް ކިޔަނީއެއް ނޫން، ދެން ލޫކަސް ހިތަށް އަރާނީ ކީކޭތަ؟ ދޮންބެ ގާތު ކުޓުވަންވެގެން މާހާ އަހަރެންގެ ކުށެއް ފެނޭތޯ ބަލަނީކަން ނޭގޭ، އަޅެ ހާދަ ގޯހޭ، ހިތަށް ނާރާ މާހާ އަކީ މިކަހަލަ އަންހެންކުއްޖެކޭ، އަހަރެންވެސް ބަލާނަން، އެކަމަކު މަ އެއްޗެކޭ ނުވެސް ކިޔާނަން......." ކަމީލާ މޫނުމަތި ރީތިކޮށްލިއެވެ.
ލޫކަސް ބުނެދިނީ ނިކަން މަޑުމައިތިރިކޮށެވެ. އެ އަޑުގެ ރީތިކަމުން މިވީހާތަނަށް ކަންފަތަށް އިވުނު އެންމެ ރީތި އަޑުކަމާއިމެދު ކަމީލާ ޝައްކެއް ނުކުރެއެވެ. ލޫކަސްގެ އަޑު އުމުރަށްވެސް އަހަން އިނދެވިދާނެއެވެ. އެ ރީތި އަޅި ދެލޮލުގެ ތެރެއަށް ގެނބިގެންދާންވެސް ހިތް އެދުނެވެ. ކަމީލާއަށް ލޫކަސް ބުނެދިން އެއްޗެއް ނޭގުނަސް އެއަޑުގެ ރީތިކަމަށް ފިދާވެފައި ފާޑަކަށް ބަލަން އިނެވެ. ލޫކަސް އެންމެފަހުން ދާންވެގެން ތެދުވެފައި ޓޭބަލް ދީފައި މާދަން ރެއަށް ދަސްކުރަން އެދުނެވެ. އޭރުވެސް ހީލުމެއް ނެތިއެވެ. ދުނިޔޭގައިވާ އެންމެ ސީރިޔަސް ޒުވާނާފަދައެވެ.
"މާ ޕްރޮފެޝަނަލް ވެފައި ތިހިރީ މާހާ އިނީމަކަން އަހަންނަށް އެނގޭ، ހީލިއްޔާ ކީއްތަވާނީ...." ކަމީލާ އެދެލޮލަށް ބަލަން ހުރެ ހިތާހިތުން ކިޔާލިއެވެ.
"ގުޑްނައިޓް..." ލޫކަސް ދާން ތެދުވެއްޖެއެވެ.
ކަމީލާ އިނީ ހިލަބުދެއްހެން ހަރަކާތެއްނެތިފައެވެ. ލޫކަސް ދޮރުލައްޕާލުމުން ކަމީލާ މާހާއާއި އަނގައިން ނުބުނެ އަވަހަށް ކޮޓަރިއަށްވަން އިރު އީކާ އޮތީ ނިދާލާފައެވެ. ކަމީލާ ފުރަތަމަވެސް ލޯގަނޑު ކާރީގައި ހުއްޓިހުރެ އަމިއްލަ ސޫރައަށް ބަލާލާފައި ހަޅޭއްލަވައިގަތީ ތޫލިކޮށެވެ. މެދުކެނޑުމެއްނެތި ކަމީލާ ހަޅޭއްލަވާއަޑަށް އީކާވެސް ފުންމައިގެން ތެދުވެ ދެލޯބޮޑުކޮށްގެން ހޯދަންފެށިއެވެ. މާހާ ދުވަމުން އައިސްވަނީ ކިހިނެއްހެއްޔޭ އަހާލިއެވެ.
"ކު....ކުރަފި....." ކަމީލާ ހިތަށް އެރި އެއްޗެއްގެ ނަން ކިޔާލިއެވެ.
"ވެއަރ..." މާހާވެސް ބިރުން ވަށައިގެން ހޯދަންފެށިއެވެ. ތިން އަންހެންކުދިން ތިބި ގެއެއްގައި ކުރަތްޕެއް ފެނުނަސް "މޮންސްޓަރ" އެއްހާ ވަރުވާނެއެވެ. އެތަނުގައި ތިބި ތިންކުދިންވެސް ކުރަފިދެކެ ބިރުގަނެއެވެ. ކުރަތްޕެއް މަރާލަން ކެރޭނެ ކުއްޖެއް ހުރީއެއްނޫނެވެ. މާހާވެސް ގެއިން ކުރަތްޕެއް ފެނިލިޔަސް އޭތި މަރާނުލަނީސް އެރެއަކު ނުނިދާނެއެވެ. އީކާވެސް އެހާ ފަކުރުގަނެއެވެ.
"ނޭގޭ، އެނދު ތަންދޮށަށްވަނީ...." ކަމީލާގެ އެ ޖުމްލައިން އީކާވެސް އެނދުން ފުންމާލަން މަޖުބޫރުކުރިއެވެ.
"އީކް ނިދާނީ ދޮންބެ ރޫމްގައި..." އީކާ ހުރީ ލޯ ކުޑަކޮށްލައިގެންނެވެ. ލޮލުގެ ފެނުން ސަކަރާތްކަމުން އީކާ ގިނަފަހަރު ހުންނަނީ ލޮލަށް ގޮތެއް ހަދާލައިގެންނެވެ. އީކާގެ ޖެނެޓިކް ކޮންޑިޝަންގެ ސަބަބުން އެންމެ އުދަގޫވާ އެއް މައްސަލައަކީ ރަގަޅަށް ނުފެނުމެވެ.
"ހޫމް އީކް ދޭ....." ކަމީލާ ބުނެލިއެވެ.
އީކާ ބާލީހުގައި ބައްދާލައިގެން ހުރެ މާހާއަށް ބަލާލީ ރުހުން ހޯދާފަދަ ނަޒަރަކުންނެވެ. މާހާގެ ހުއްދަނެތި އެ ކޮޓަރިއަށް ވަންނާކަށް އީކާއަށް ނުކެރޭނެއޭ އެ ދެލޯ ބުނާކަހަލައެވެ. އެކަން ވިސްނިފައި މާހާ އީކާގެ އަތުގައި ހިފާލަމުން ކަމީލާގެ ގާތުގައިވެސް އަންނާން އެދުނެވެ.
"އަހަންނަކީ ދެން ކުޑަކުއްޖެއްތަ؟ ކުރަފިދެކެ ބިރުގަނޭ އެކަމަކު ދެން މިކޮޓަރީގައި އުޅުނަސް ކުރަފި ކާލާނީއެއް ނޫން، އީކް ގޮވައިގެން މާހާ ދޭބަލަ...." ކަމީލާ އެނދުގައި އިށީދެ ބާލީސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އަދިވެސް އޭނަގެ ހިތުގެ ތެޅުން މުޅިން ހަމަޔަކަށް ނޭޅެއެވެ. އެ ރީތި ރީތި ލޫކަސް އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ފިނި ރެއަކަށްވީމަ އޭނަ ހުރީ ޓިއުޝަން ނިމިގެން އަންނަގޮތަށް ހިތް ފުރެންދެން ނިދާލާށެވެ. ނަމަވެސް މިހާރު ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އެލޮލުގައިވަނީ އެކަނި ލޫކަސްގެ ތަސްވީރެވެ. އަތް ދޮންނަހިތެއްވެސް ނުވިއެވެ. މާހާމެން ނުކުމެގެން ދިޔުމުން އެނދުގައި އިށީންގޮތަށް އަތުގައި ފިރުމާލެވުނީ ކުޑަކޮށް ހިނިއައިސްފައި އިނދެއެވެ. އެކްސިޑެންޓަކުންވެސް އެ އަތުގައި ޖެހުމުގެ ނަސީބު ލިބިއްޖެއެވެ. ކަމީލާ ހެދުމުގައި ވަސްގަނެލިއެވެ. ރަގަޅަށްވެސް ކޮންމެވެސް ވަރަކަށް އެ ހެދުމުގައި ލޫކަސް ޖަހައިގެން ހުރި ސެންޓްގެ ވަސް ހަރުލާފައި އެބަހުއްޓެވެ.
"ހީޒް ރިއަލީ ގޯޖަސް، އެއޮތް ރީތި ދެލޯ، ދުވަހަކު ކޮޅެއްގައިވެސް އެހާ ރީތި ދެލޯ ފެންނާނެކަމެއް ނޭގޭ، އަހަރެންގެ ހިތް މޮޔަވެއްޖެ، އެއީ އަހަރެން އަބަދު ހޯދަމުން އަންނަ މަގޭ ޕްރިންސް، ނަސީބު ރަގަޅުކަމުން އަހަންނަށް ޓިއުޝަން ދޭން އަންނަން ފެށީ، އަހަރެންހާ ލަކީ އަންހެންކުއްޖެއް މި ދުނިޔޭގައި ވާނެތަ؟ " ކަމީލާ ގެ ތުންފަތުން ހިނިތުންވުން ފިލައިގެނެއް ނުދިޔައެވެ. އެއޮތްގޮތަށް އެނދުގެ ބާލީސްތަކުގެ ތެރެއަށް ތިރިވިގޮތަށް ދެލޯ މަރާލުމުން އެސްފިޔަތަކުގެ ތެރެއިންވެސް ފެނުނީ ލޫކަސްއެވެ. ކަންފަތަށް އިވެނީ ލޫކަސް ދައްކާ ވާހަކައެވެ. ގުގުމައިގެން ދާފަދަ ގޮތަކަށެވެ. ތަކުރާރުކޮށް ލޫކަސް އޭނަގެ ކަންފަތަށް މާމުއި ވިރުވާއަޅަމުންދަނީއެވެ.
ކަމީލާ ރޫބީ އާއި ޚުޝީގާތުގައި އެ ވާހަކަދައްކަން އުޅުނެވެ. ނަމަވެސް ޚިޔާލު ބަދަލުވިއެވެ. ރޫބީމެން އެގެއަށް އައިސް ލޫކަސް އާއި ބައްދަލުކުރަން އުޅެގެންފާނެއެވެ. އެހެން އެއްވެސް އަންހެންކުއްޖަކު ލޫކަސްއާއި ދިމާލަށް ބަލާލުމަކީވެސް ހިތަށް ކުޅަދާނަވާނެކަމެއް ނޫނެވެ. ލޫކަސް އަކީ އެކަނި އޭނަގެ މީހެކެވެ. އެކަނި އޭނަގެއެވެ.
އެރޭ ކަމީލާގެ ލޮލަށް ނިންޖެއް ނައެވެ. ލޫކަސްގެ ހަނދާންތަކުގެ ތެރެއަށް ގެނބިފައި އޮވެ ދޭތެރެއަކުން މަންމަގެ ހަދާންވެސް ކަމީލާ ކުރިއެވެ. މަންމަ ނިޔާވުމަށްފަހު މިގޮތަށް ހިތަށް އުފާވެރިކަމެއް ލިބުނީ އަލަށެވެ. މިވީހާތަނަށް މީހަކު ދައްކާ ވާހަކައަކުން އަދި ނަސޭހަތަކުންވެސް މަންމަގެ ހަނދާންތައް ހިތަކުން ނުފިލައެވެ. އެކަނިވެލާއިރަށް އޭނަ ރޮއެވެ. ކޮންމެ ރެއަކު އެނދަށް އަރާއޮވެ އެކަނިވީމަ ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ ކަމީލާ ކަރުނަ އޮއްސިއެވެ. މިރޭވެސް އެންމެފަހުން ލޫކަސްގެ ހަނދާންތަކުގެ ތެރެއިން މަންމަގެ މޫނު ފެނިލިއެވެ.
"މަންމާ، ލޫކަސްއަކީ މަންމައަށްވެސް ކަމުދާނެ ކުއްޖެއްކަމަށް ފެނޭ، މަންމަގެ ރުހުން މިއަދު ހޯދޭނެގޮތެއް ނެތް، ނަމަވެސް އަހަންނަށް އެނގޭ މަންމަ އަހަރެންދެކެ ލޯބިވާވަރު، އަހަރެން އުފަލުގައި ހުންނަން މަންމަ އެދޭނެ މިންވަރު، މަންމަގެ ބްލެސިން ނޫން އެއްޗެއް ބޭނުމެއްނޫން، މަންމާ އަބަދު އަހަންނާއިއެކު ވައްޗޭ....." ކަމީލާ ހިތާހިތުން މަންމައާއި ވާހަކަދެއްކިއެވެ.
ކަމީލާ އެންމެފަހުން ލޫކަސް ދިން ކަރުދާސްކޮޅަށް ބަލާލިއެވެ. އެކަރުދާސްގަނޑުގައި ބޮސްދިނެވެ.
"ލޫކަސްވެސް ދެން އަހަރެންގެ ހިތަށް ގޮތްގޮތް ހަދަނީ ކީއްވެތަ؟ ލޫކަސްގެ ސަބަބުން މެތްސް ދެކެ ލޯބިވެވިއްޖެ، އެކަމަކު އަހަންނަށް ދަސްކުރާނެ ގޮތެއް ބުނެދީބަލަ، ސިހުރެއް ހަދައިފީމެއްނު، ލޫކަސް ރުއްސަން ބޭނުން، އެކަމަކު އިތުރު އެއްޗެއް ދަސްކުރާނީ ކިހިނެއްތަ؟ ހިތުގައި ލޫކަސް ނޫން އެހެން އެއްޗެއް ނުވޭ، އަހަންނަށް ނޭގޭ މިވާގޮތެއް ބުނެދޭން، ލޫކަސް މާ ރީތިވީމަކަން ނޭގޭ އަހަރެން ގުރުބާން މިވީ، ހިތްތައް ހަމަ ގުރުބާން ވާވަރުވޭ، ހާދަހާ ވާ ރީއްޗޭ، ހާދަހާ ސްމާޓޭ......." ކަމީލާ ދަތްދޮޅީގައި އަތް ވިއްދާލައިގެން ހުވަފެނީގޮތަކަށް ދުރަށް ބަލަން އެތައް އިރެއް ވާންދެން އިނެވެ. އެންމެފަހުން ލޫކަސް ބުނިކަމަށްޓަކާ އޭނަދިން ޓޭބަލް ދަސްކުރަންފެށިއެވެ. މާދަމާ ރޭ އަވަހަށް ވާނެނަމައެވެ. ކޮންމެ ރެއަކުވެސް އިންތިޒާރުކުރެވޭނީ ދެން ޓިއުޝަން ގަޑިއަށެވެ.
އެރެއިން ފެށިގެން ކަމީލާ ޓިއުޝަނަށް ގަޑިއަށް ދާންފެށިއެވެ. ފުރަތަމަ ރޭ އިރްފާން ގޭގައި ނެތަސް އެހެން ކޮންމެ ރެއަކު ލޫކަސް އަންނަންވާ ގަޑިއަށް ބޭރުގައި އިންނާން ފެށުމުން ކަމީލާ މާޔޫސްވިއެވެ. މާހާވެސް ދޭތެރެއަކުން ކޮޓަރި ހުރަސްކޮށްލާނެއެވެ. ބައްޕަ ދޭތެރެއަކުން ލޫކަސްއަށް ގޮވާލާފައި ކޮންމެވެސް ބޭކާރު ވާހަކައެއްވެސް ދައްކާލަފާނެއެވެ. ލޫކަސް ވަރަށް ޕްރޮފެޝަނަލް މީހެކެވެ. ކޮންމެ ރެއަކު އަންނަނީ ފެންވަރާ ސްމާޓްވެލައިގެންނެވެ. މުޅިތަނުގައި ހިފާލަނީ ރޫހުތައް ދިރުވާފަދަ މީރުވަހެކެވެ. ވާހަކަދެއްކުމުގައި ހުންނަނީ އެހާ މަޑުމައިތިރި ގޮތެކެވެ. އިރްފާންގެ ހިތްވެސް އަތުލައިފިއެވެ. ލޫކަސްއަކީ މާލެއަށް ނިސްބަތްވާ ރަގަޅު އާއިލާއެއްގެ ޒުވާނެއްކަމަށް އޭނަގެ އެކުވެރިޔާ ބުނެދިން ފަހުން އިރްފާންގެ ހިތުގައި ކަންތައްގަނޑެއް ރާވާލައިފިއެވެ. ލޫކަސްއާއި ވާހަކަދައްކާލެއް ގިނަވާންފެށިއެވެ. އެކަމަކުން ކަމީލާ އިންނަނީ ބޮލަށް އުދަގޫވާވަރުވެފައެވެ.
މިރޭ އިރްފާން ނަމާދަށް ދިޔަގޮތަށް ޚަބަރެއްނުވިއެވެ. މާހާވެސް ދިޔައީ އޭނަގެ ގެއަށެވެ. ގެ ކާރިކަމުން ދެމިނިޓުން ހިނގާލާފައި ދެވެއެވެ. މާހާ ހީކުރީ އިރްފާން ކޮންމެ ރެއަކު އެގަޑީގައި ގޭގައި މަޑުކުރާގޮތަށް އިންނާނެ ކަމަށެވެ. މިފަހުން މާހާ ހުންނަނީ އިރްފާންގެ އަމަލު ހުންނަގޮތުން ބިރުގެންފައެވެ. އޭނަ ބަދިގޭގައި އުޅޭއިރު އޭނަ ކުރާ މަސައްކަތަށް ބަލަން ހުރެ ތައުރީފުކުރާލެއް ގިނަވެއްޖެއެވެ. އޭނަ ލައްވާ ކަންތަކު ބުނުން އެހާ ގިނައެވެ. ކުރީރޭވެސް ބުނީ ފައިގާ ރިއްސާތީ މޫވް ލައި ދޭށެވެ. ނަސީބަކުން އެވަގުތު އިރްފާންގެ އެކުވެރިއަކު އައުމުން މާހާއަށް އެކަންނުކޮށް ފަރުޖެހުނެވެ.
އެކަނިވުމުން މިރޭ ލޫކަސްގެ މިޒާޖުވެސް ބަދަލުވެ ރުންކުރުވެފައިވާހެން ހީވިއެވެ. އެންމެ ފަހަރަކު ބުނެދީފައި ކަމީލާއަށް ނޭގުނީމަ ރުޅިގަދަވެގެން މޭޒުމަތީގައި އަތުން ޖެހިއެވެ. ކަމީލާ ސިއްސައިގެންގޮސްފައި މޭގައި އަތްއަޅާފައި ބިރުވެރިގޮތަކަށް ބަލަން ފެށުމުން ލޫކަސް ހިނިއައެވެ.
"ސޮރީ، ޕާސަނަލް ކަމަކާއި ނައްޓާފައި ހުރީމަ ކެމީލިއާއަށްވެސް ރުޅި ބޭލުނީ....." ލޫކަސްގެ ކޯތާފަތުން ފާޅުވި އަޑިކޮޅަށް ކަމީލާ ބަލަން އިނީ ކަޅިޖަހާނުލައެވެ.
"ޕާސަނަލް؟ ލައިކް ވައިފް...." ކަމީލާ އިތުރަށް ސިހުނެވެ.
"ވެދާނެ...." ލޫކަސް ފަރުވާތެރިކަމާއި އެކު ކަމީލާގެ މޫނަށް ބަލާލިއެވެ. ކަމީލާއަށް އެވަގުތު ވީގޮތެއްވެސް ނޭގުނެވެ. ލޫކަސްފަދަ ރީތި ހިތްކިޔާ ބައިވެރިޔަކަށްޓަކާ އޭނަ އެދި އެދި ހުއްޓާ ލިބިފައި ގެއްލުނީއެވެ. މިދުވަސްކޮޅު އޭނަ ނުނިދާ ރެއާއި ދުވާލު ހަތަރުދަމު ލޫކަސްއާއިމެދު ޚިޔާލުކުރެވުނީ ކިހާވަރަކަށް ކަން އެނގޭނެނަމައެވެ. އޭނަ ހާދަ ފޮނި އުއްމީދުތަކެއްކުރިއެވެ. ނަމަވެސް ލޫކަސްއަށް އެކަމެއް ރޭކާނުލައެވެ. އޭނަގެ ހިތް ލޫކަސްއަށް އެދޭވަރެއް ނޭގެއެވެ. ކަމީލާ އިރުކޮޅަކަށް ހަމައިން ނެއްޓިއެވެ. ވިސްނުމަކާއި ނުލައި ފައިކުރުކޮށްލާފައި މޭޒުދަށުން ލޫކަސްގެ ފަޔަށް އެތިފަހަރެއް ވީއްލާލައިފިއެވެ. ލޫކަސް ކުއްލިއަކަށް ތެދުވެ މޭޒުގައި އަތް ވިއްދާލިގޮތުން ކަމީލާގެ ރުޅިވެރިކަން އިންތިހާ ބިރުވެރިކަމަށް ބަދަލުވިއެވެ. އޭނައަށް ކުރެވުނު ކުށް ރޭކާލީ އަދި ކިރިޔާއެވެ. އޭނަގެ އަޚުލާގުގެ ކަންފުޅެއްވެސް ނެތެވެ. ތިމާގެ މުދައްރިސްގައިގާ އެގޮތަށް ޖަހަން ވެދާނެހެއްޔެވެ؟ އެވެސް ފައިންނެވެ.
"ސޮ.. ސޮރީ....ފައި ދަމާލީމަ....." ކަމީލާ އަޅައަޅައިގެންފައި މާފަށް އެދުނެވެ.
"ކެމީލިއާގެ ތި ޗައިލްޑިޝް ބިހޭވިއަރ އަހަރެން ޓޮލެރޭޓް ކުރަންވީ ކިހާ ދުވަހެއްވާންދެންތަ؟ ޓެލް މީ، ބޭނުން ނުވަނީތަ އަހަރެން ކިޔަވާދޭން އަންނަން، ބުނެބަލަ، އޭރުން އަހަރެން ނާންނާނަން....." ލޫކަސްގެ އަޑު އެއްވަރަކަށް ހިފަހައްޓާލައިގެން ހުރިއިރު ކަމީލާ ބިރުގަންނަވަންވެގެން އޭނަ ސަމާސާކުރަނީ ބާވައޭވެސް ކަމީލާގެ ހިތަށް އެރިއެވެ. ލޫކަސްގެ ދެލޮލުގެ ތެރެއަށް ފީނައިގެންވެސް އެ ސިކުނޑީގައިވާ އެއްޗެއް ކިޔައިގަންނާކަށް ނޭގުނެވެ. ހިމޭންކަމުގެ ހިދުކޮޅެއް ވޭތުވެގެން ދިޔައެވެ.
"ޕަނިޝް މީ...." ކަމީލާއަށް ދެންވެސް ބުނެވުނީ ދެމާނަ ހުރި ޖުމްލައެކެވެ.
"ވަޓް...." ލޫކަސް ކޮޅަށް ތެދުވެ ހަށަން ބަދެލިއެވެ. މިރޭ އޭނަ ހުރީ އެހާ ރަސްމީކޮށެއް ނޫނެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ކަމީލާގެ ހިތް ހާސްފަހަރު ތައުރީފުކުރިއެވެ. ރީތި ފިރިހެނެކެވެ. އެކަމަކު ހާދަ ފޮންޏެވެ. ފޮނިކަމުގެ އިންތިހާއެވެ.
"ސަރ ކޮންމެ އަދަބެއް ދިނަސް ހެވޭ، ވަރަށް ބޮޑަށް ސޮރީ.... އެގޮތަށް އަޅުގަނޑު ކަންތައްކޮށްގެން ނުވާނެ، އައިމް ސޯ ސޮރީ، ޑެވިލް ބޮލަށް އެރުނީ......" ކަމީލާ ހީވީ ރޮއިގެންފާނެހެންނެވެ.
"ތިވަރު ނުވިޔަސް އޯކޭ...." ލޫކަސް އަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެފައި އެނބުރި ބަލާލައިފިއެވެ.
"ސަރ ފޯނު ނަމްބަރު ލިބިދާނެތަ؟ " ކަމީލާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"ކީއްކުރަންތަ؟ " ލޫކަސް ކޮށްލީ ސުވާލެކެވެ.