ލިއަމް ފަޓްލޫނުގެ ޖީބަށް އަތް ޖަހާލައިގެން އިސްއޮބާލައިގެން ހުރެގޮސް އޭނަގެ ވަންއިރު އެ ރީތި ޒުވާނާ ފެންނަ ކޮންމެ މީހަކަށް އޭނައަކީ އެހާ އުފާވެރި އިންސާނެއް ނޫންކަން ދެނެގަނެވިދާނެއެވެ. ލިއަމް މަދު ފަހަރެއްގައި މި ސިފަ ދެއްކިޔަސް އޭނަ ގިނަވަގުތު ހުންނަނީ ހިނިތުންވެލާފައެވެ. ހިތްމަތީގައި ހިލަ ބަހައްޓައިގެން ދުނިޔޭގެ ލޯތަކަށް އެހެން ކުލައެއް ދައްކައިގެން ހުއްޓަސް ހިތަށް ކުރާ އަސަރާއި އޭނަ ކުރާ ހިތާމަ އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އެހިތް އޭނަ ދުވަހަކު އެހެން މީހަކަށް ދައްކާކަށް ބޭނުމެއް ނޫނެވެ. އެހެން މީހަކަށް ނޭގުނަސް އޭނައަކީ ކުށްވެރިޔެކެވެ. 

ލިއަމްގެ ދޮން ބައްޕަ އިރްފާންއަކީ ރަށުގެ ގަދަރުވެރިއެކެވެ. ކުރިން ރަށު ކަތީބުކަންވެސް ކުރި މީހެއްގެ ދަރިއެއްމެއެވެ. ރަގަޅު އާއިލާއަކުން އައިސްފައިވާ މީހަކަށްވާތީ މީހުން އިރްފާންއަށް އިހުތިރާމްކުރެއެވެ. އިރްފާން އެހެން މީހުންނަށްޓަކައި ހިނިތުންވެ އުޅޭއިރު އަނބިމީހާއާއި ދަރިންނަށް ފެންނަނީ އެހެން ސިފައެއްގައެވެ. ގެއަށް ވަދެއްޖެއްޔާ އިރްފާން ހުންނަނީ ރުޅިގަދަވެފައެވެ. އަނބިމީހާގެ ގައިގާ ތަޅާ އަނިޔާފަށެއް ކޮށްލާނެއެވެ. އެކަން ދަންނަ އެހެން މީހަކު ނެތެވެ. މާމަ އާއި މަންމަ ލިއަމްގެ ސިކުނޑިއަށް ވައްދާދީފައިވާ ގޮތުން އިރްފާން އެހާ ރުޅިގަދަ މީހަކަށް ވެފައިވަނީ ގެއަށް ހަދާފައިވާ ސިހުރު ޖެހިފައިވާތީއެވެ. މާމަގެ އެންމެ ހަނގު ދަރިއަށްވީމަ މާމަ އިރްފާންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އޭނަ ކުރާ ކަމަކާއި އެހާ އެއްޗެކޭ ބުނެއެއް ނަހަދައެވެ. މާމަ އިރްފާންގެ ގާތުގައި އެހެން އުޅެމުންގޮސް މުސްކުޅިވެ ލޯ ބޯކޮށިވެ މީހުން ވަކިކުރަން ނޭގޭ ހިސާބަށް ދިޔުމުން މިހާރު އެކަނިވެފައި އެހެން އިނދެދާނެއެވެ. ދަރިން ގިނަވިޔަސް އެންމެންހެން މާލެއަށް ހިޖުރަކޮށްފައިވާތީ މާމަ އެކަނި ފިލުވައިދޭނެ ދަރިއެއް މާމަ ދަރިއެއް ގާތަކު ނެތެވެ. މަންމަ ނިޔާވުމަށްފަހު އެކަނިވެރިވެފައިވާ ދެ ކޮއްކޮ ކަމީލާއާއި އީކާ އަށްޓަކައި ލިއަމް ހުރިހާ ވަގުތެއްހެން ހުސްކުރިއެވެ. ކޮއްކޮމެންނަށް ހިތްވަރުދޭން ހުރި އެކަނި މީހަކީ އޭނައެވެ. އެހެން ނޫނަސް މަންމަ ތަރުބިއްޔަތުކޮށްފައިވާ ގޮތުގެ ސަބަބުން އެކުދިންނަށް އަމިއްލަ ކަންތައް ކުރަން އުދަގޫވެފައިވާތީ ލިއަމް އެކަންތަކާއިމެދުވެސް ވިސްނިއެވެ. މަންމަ ފަދައިން އަމިއްލައަތުން ކާންދީ އިސްތަށިގަނޑުގައި ފުނާވެސް އަޅުވައެވެ. މަންމަގެ ވަކިވުމުން ހިތަށް ކެތް ނުކުރެވުނަސް އޭނަ ކެތްކުރީ ކޮއްކޮމެންނަށް ޓަކައެވެ.

ލިއަމް އޭނަގެ ކޮއްކޮމެން އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އާދައިގެ މަތިން ކޮޓަރިތެރެ ހީވަނީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައިވާ ތަނެއްހެނެވެ. ކަމީލާ އެނދުގެ މެދަށް ވާގޮތަށް އެނދުން ބޭރަށް ބޯ އެލުވާލައިގެން ނިދާލާފައި އޮތްއިރު އެ ބުޅި ބުޅި އިސްތަށިގަނޑު އޮތީ ބިންމަތީގައި ފެތުރިފައެވެ. އެނދުމަތީގައި ފޮތްތައް އުކާލާފައި ހުއްޓެވެ. ކިތަންމެ ދުވަހަކު ލިއަމްވަނީ ކަމީލާގެ އިސްތަށިގަނޑު އެހެން ނުބާއްވަން އެދިފައެވެ. ބިޗުލެއް އެއްޗެއް އަރާފާނެކަމަށް އޭނަ ބުނެއެވެ. ކަމީލާ އެ ވާހަކަ ހަނދާން ނުހުންނަނީއެވެ. ފާޚާނާތެރެއިން ބިޗުލެއް ފެނިލިޔަސް އެންމެ ބޮޑުވަރުވާނީވެސް ކަމީލާއަށެވެ.

"ކައްމި، ތި ވައްތަރަށް އުޅޭކަށް ނުވާނެ، ދޮންބެ ބުނާ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވޭ، ކައްމި ތިހެން އުޅެން ހަދައިގެން ލަނޑެއް ލިބިދާނެ.... " ލިއަމް މަޑުމަޑުން ކިޔާލާފައި ގުދުވެ ކަމީލާގެ އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަދިނެވެ. މަންމަ ނިޔާވުމަށްފަހު މިވީ ތިންމަސް ދުވަސްތެރޭގައި ކަމީލާ ހީވީ ޑައިޓްގައި އުޅޭކުއްޖެއްހެނެވެ. ފަސްވަރަކަށް ކިލޯ ލުއިވެ ކަމީލާގެ މޫނު މިލާ މޯޅިވެއްޖެއެވެ. ވައިރޯޅިއެއް އަޔަސް ކުއްޖާ އުދުހިގެން ހިނގައިދާނެހާ ހިއްކެވެ.

ކަމީލާ އެހާ ނިދި ގަދަކުއްޖަކަށް ނުވީމަ އެހާ މަޑުމަޑުން ލިއަމް އުޅުނީމަވެސް ހޭލައިގެން ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ.
"ކައިފިންތަ؟ "ލިއަމް ކަމީލާގެ ހިސާބު ފޮތް ހުޅުވާލަމުން އަހާލައިފިއެވެ.
"ހޫމް...." ކަމީލާ ކުރު ޖަވާބެއް ދިނެވެ.
"ކޯންޗެއް ތަ ކެއީ؟ " ލިއަމް ގޭގައި ނޫޅެންޏާ ކޮއްކޮމެން ކައިގެން ތިބޭކަމާއިމެދު ޝައްކެވެ.
"ހޫމް..." ކަމީލާ ވާހަކަދައްކަންވެސް ކަންނެތްވިއެވެ. އެނދުމަތީގައި އޮތް ކޭކު ހުސްކުރި ޕެކެޓްދައްކާލިއެވެ. އެވަގުތު ދޮރު މަތިން މީހެއްގެ ހިލަންވިހެން ހީވެގެން ލިއަމް އެނބުރި ބަލާލިއިރު ދޮރުމަތީގައި ހުރީ އިރްފާންއެވެ. އިރްފާންގެ މޫނު ހީވަނީ ރަތްކަމުން އަނގުރު އަލިފާންކޮޅެއް ހެނެވެ. 

"އަދިވެސް ލިއަމް ތިކުއްޖާ ޅަކުރެވޭތޯ ބަލާ، ބެލެނިވެރިއަކަށް ދާން މިޖެހެނީ ބަލަ މި ބައްޕައޭ، ހުރިހާ ލަދެއް ގަންނަނީ ދެވަނަ މީހެއް ނޫން، ކަމީލާއަށް ހިސާބު ޓެސްޓުން ލިބުނީ އެންމެ އަށް މާކްސް، އަޑުއިވިއްޖެތަ؟ އެންމެ އަށް މާކްސް، ދެންވެސް ފޯނެއް ގަނެދީފައި ހަތަރުދަމު ޗެޓްކުރުވަން ބައިންދާ، ލިއަމް ވަޒީފާއަށް ދިޔުން ހުއްޓާލާފައި ކަމީލާއަށް ޓިއުޝަންދޭން ފަށާ، ނޫނީ މީހަކު ގެނެސްގެން އޭނަ ދެވަނަ އަހަރު ކްލާހުގައި ރިޕީޓްނުކޮށް ސަލާމަތް ކުރަން އުޅޭ، އަހަރެންގެ އަތަކު ނެތް ޓިއުޝަން ފީ ދެއްކޭނެހާ އެއްޗެއް، ޓީޗަރުންވެސް އަހަރެމެން ފޭރިގެން ދުނިޔޭގައި އުޅެން ތިބި ބަޔެއް...." އިރްފާންގެ ހިތުގައި އެހެން މީހުން ކުރާ މަސައްކަތަކަށް ގަދަރެއް ނެތެވެ. އޭނަގެ ކުރިމަތީގައި ލިއަމްއަކީވެސް މީހެއް ނޫނެވެ.

ލިއަމް ދޮންބައްޕައާއި ދިމާލަށް އެއްޗެކޭ ނުބުނެ އަދި މި ހުންނަނީ ކޮއްކޮމެން ގޮވައިގެން ދާނެ ހިޔާވައްސެއް ނެތީމައެވެ. މަންމަގެ ހައްގުގައެވެ. ދޮންބައްޕަގެ ލާ އިންސާނީ ގެވެށި އަނިޔާތައް ފެނުނު ކޮންމެ ދުވަހެއްގައި ލިއަމްގެ ކެތްތެރިކަން ކޮޅުން ލާ ހިސާބަށް ދިޔައެވެ. އަތް އިސްކުރަން މަޖުބޫރުކުރާ ހާލަތަށް ދިޔައެވެ. ނަމަވެސް މަންމަ ރޮއި އާދޭސްކޮށްގެން އޭނަ ކެތްކުރީއެވެ. މިއަދު މަންމަ މި ދުނިޔޭގައި ނެތަސް މަންމަގެ ރޫހު އަބަދުވެސް އޭނައާއިއެކުގައި ވާނެއެވެ. މަންމަގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރާކަށް ލިއަމް ނޭދެއެވެ. ނަމަވެސް ދޮންބައްޕަ އީކާއަށް އަނިޔާކުރާތަން ފެނިއްޖެއްޔާ އޭނައަށް ހިމޭނުން ހުރެވިދާނެ ހެއްޔެވެ؟ ދޮންބައްޕަ އީކާ ދެކެ ރުޅިއަންނަނީ މާ ވަރަށެވެ. އީކާއަކީ ދޮންބައްޕަގެ ދަރިއެއްކަމަށް ގަބޫލުކުރަން އަދިވެސް އިރްފާން ތައްޔާރެއް ނޫނެވެ. އީކާ ދުނިޔެއަށް ނޭވާލީ ވަގުތުން ފެށިގެން އެކުއްޖާގެ ބަދުނަސީބަކަށްވީ އިސްތަށިގަނޑާއި ހަމުގެ ކުލަ ހުދުވުމެވެ. އިރްފާން ދެކޭގޮތުގައި އަންހެނުން އޭނައަށް ބޭވަފާތެރިވީއެވެ. ޑޮކްޓަރުން ވިސްނާދިނަސް އިރްފާން ހުރީ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. މީހުން ދައްކާ ވާހަކަ ނެގޭނީވެސް ސިކުނޑި ހަމައިގާ ތިބޭ މީހުންނަށެވެ.

އޭރު ކަމީލާ ބިތަށް ލެނގިލައިގެން ބުދެއްހެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިނެވެ. ބައްޕަ ކިޔާ އެއްޗަކާއިމެދު ވިސްނަން އިނީއެވެ. ބައްޕަގެ ފަރާތުން އެފަދަ ރުޅިވެރި ބަސްތައް އަޑު އަހާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ކަމީލާގެ ގައިގާ ބައްޕަ މިވީހާތަނަށް ޖަހާފައެއް ނުވެއެވެ. ކަމީލާ އިން ގޮތުން އޭނައަށް އިހުތިރާމް ނުކުރިކަމަށް ނިންމާފައި އިރްފާން ކުރިއަށް ޖެހިލިގޮތަށް މޫނުގައި ބޮނޑިއެއް އެޅިއެވެ. ކަމީލާ ސިހުނެވެ.

"ވަޓް....." ކަމީލާ ދެލޯ ބޮޑުކޮށްލަމުން ކިޔާލެވުނީ ބޭ އިޚުތިޔާރުގައެވެ. އެއީ އިރްފާންގެ މޫނުމަތީގައި ޖެހި އެތިފަހަރަކަށް ވިއެވެ.
"އަދި ލަދު ކުޑަކޮށްފައި ސުވާލު އެބަކުރަމެއްނު، ވެގެން އުޅޭގޮތެއް ކަމީލާއަށް ނޭގޭތަ؟ ކިޔަވާށޭ ކިޔާފައި އަހަރެމެންނަށް މަކަރު ހަދަނީއެއް ނޫންތަ؟" އިރްފާން އަނދައިގަތެވެ. ކަމީލާގެ މޫނު ރަތްވިއެވެ. ލިއަމްވެސް ހުއްޓާ ބައްޕަ އެގޮތަށް ޖެހީމަ ކަމީލާ ވަރަށް ދެރަވެ ލަދުގަނެއްޖެއެވެ. ދޮންބެ މޫނަށް ބަލާލެވުނީ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ. އޭރު ލިއަމް ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. ލިއަމްގެ ހިތުގައި ހިނގަމުންދާ ކަންތައްތަކެއް ކަމީލާއަކަށް ނޭގެއެވެ. ކޮއްކޮމެން މި އަނިޔާތަކުން ސަލާމަތްކޮށް ނުދެވިގެން އޭނަ ހިތާ ކުރާ ހަގުރާމަ ދެނެވޮޑިގެންވަނީ މާތް ﷲއެވެ. 

އިރްފާންވެސް ކަމީލާގެ ގައިގާ ބޮނޑިއެއް އަޅާފައި ދެރަވީކަން ނޭގެއެވެ. އިތުރު ވާހަކައެއް ދެއްކުމެއްނެތި އޭނަ ނުކުމެގެން ދާން ހިނގައިގަތެވެ.

ލިއަމް ވަރަށް ވިސްނިއެވެ. އޭނަ މީހަކާއި ކައިވެނިކޮށްގެން ގެއަށް ގެނެސްފިއްޔާ ކޮއްކޮމެންނަށް އެކަމުގެ ރަގަޅު އަސަރުކުރާނެ ބާވައެވެ. މަންމަ އެދުނުފަދައިން އަވަށްޓެރިކުއްޖެއް ކަމަށްވާ މާހާ އާއި ކާވެނިކުރަންވީއެވެ. އެއީ މަންމަ ބުނިގޮތުން ވިއްޔާ ގެވެހި ރަގަޅު އަންހެންކުއްޖެކެވެ. ހިންދީ ސީރީޒްތައް ބަލާފައި މަންމަ އަބަދު ބުނެފައިވަނީ މާހާ އަކީ އެފަދަ ކުއްޖެއް ކަމުގައެވެ. ކިޔަމަންތެރިވާނެ ކަމުގައެވެ. ހަގީގަތުގައިވެސް ކަމީލާމެންނަށް އެއްޗެއް ދަސްވާނީ ރަގަޅު އަންހެނެއްގެ ނުފޫޒު ގޭގައި އޮތީމައެވެ. މަންމަ ނެތުމުގެ އުނިކަން ދުވަހަކު ފޫނުބެދުނަސް އޭނައަށް ވެވޭވަރަކުން ކޮއްކޮމެން ރަގަޅުކުރަން ހާދަ ބޭނުމެވެ. ލިއަމް އެކި ގޮތްގޮތަށް ވިސްނާފައި ދޮންބައްޕަ ގާތުގައި މީހަކާއި އިންނަ ވާހަކަ ދައްކާއިރަށް ބުނީ ލިއަމް އަމިއްލަ ތަނެއް ހޯދައިގެން ދިޔުމަށެވެ. މިގޭގައި ހުރެވޭނީ ކުއްޔަށް ކަމުގައެވެ. ލިއަމް ގޮތް ހުސްވިއެވެ. ދޮންބައްޕަގެ ހަރުކަށިކަމާއިމެދު އިންތިހާއަށް އަސަރުކުރިއެވެ. އޭނަ ވަޒީފާއަށް ދާން ފެށިފަހުންވެސް މިގޭގެ ހުރިހާ ޚަރަދެއްހެން ބަލަނީ އޭނައެވެ. އެވަރުންވެސް ލިބުނު ރަގަޅު ނަމެއް ނެތެވެ. މީހަކާއި އިނުމަށްފަހު އަދި އުޅޭ ކޮޓަރިއަށް ހަތަރުހާސް ރުފިޔާ ދައްކަން ޖެހުމަކީ ލިއަމްއަށް ބޮޑު ޚަރަދެކެވެ. ނަމަވެސް އޭނަ މިހިރީ އެކަންވެސް ކުރާށެވެ. އެހެން ނޫންނަމަ މާހާގެ ގޭގައި އުޅެން ދިޔައިމަ އަތުން ހިނގާ ފައިސާ މާ ބޮޑުތަން ކުޑަވާނެއެވެ.

ލިއަމް އާއި މާހާގެ ކައިވެންޏަށްފަހު މާހާ އެގޭގައި ދިރިއުޅެން ފެށުމުން މޭޒުމަތީގެ ފަޅުކަން ފިލާ ގޭތެރެއަށް ދިރުމެއް ލިބުނެވެ. މާހާ ތައްޔާރުކުރާ މީރު ކެއުމަށް އިރްފާންވެސް ތައުރީފުކުރެއެވެ. މާހާއަށް ގޮވާފައި އިރުއިރުކޮޅާ ކޮފީ ހަދަން ބުނާއިރު މިއިން ޒަމާނެއްގައި އިރްފާންގެ މޫނުމަތި އަލިނުވާވަރަށް އަލިވެއެވެ. "ދަރިފުޅާ" އޭ ކިޔާފައި މާހާއާއި ވާހަކަދައްކާއިރު އަމިއްލަ ދަރިންނަށްވުރެ މާހާ ޚާއްސައެވެ. މާހާ ހުންނަނީ ބައްޕައެއްގެ ލޯބި ލިބޭތީ އެކަމާއި އުފަލުންނެވެ. ލިއަމް ކައިވެނިކުރީ ކޮންމެހެން ލޯބިންނޫނެވެ. މަޖުބޫރީ ހާލަތެއްގައެވެ. މާހާއަށް އެކަން އެނގުނީ ކައިވެންޏަށްފަހުގައެވެ. މާހާއާއި ދޭތެރޭގައި އޭނަ ކަންތައް ކުރާގޮތް ފަރުވާކުޑަކަމުންނެވެ. ނަމަވެސް މާހާގެ ހިތުގައި ލިއަމްއަށްޓަކައިވާ ލޯތްބެއްގެ ބޮޑުކަމުން އޭނަގެ ވާޖިބު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެއެވެ. 

އެންމެން އެކީގައި ކެއުމުގެ އާދަ ނެތް ގެއަކަށްވިޔަސް މާހާ އައިފަހުން އެތައް ކަމެއް ބަދަލުވެއްޖެއެވެ. އިރްފާން އެންމެންނަށް އަންގާފައިވަނީ ގަޑިއަށް މޭޒުކާރިއަށް އައުމަށެވެ. ނޫނީ މާހާއަށް އުދަގޫވާނީ ކަމުގައެވެ. އެގޮތަށް ހަދަން ފެށުމުން ކަމީލާމެންނަށް އެގަޑިއަށް ކާން އަންނަން މަޖުބޫރުވިއެވެ. އިރްފާން އަލި މޫނާއިއެކު ވާހަކަދައްކާއިރު ހަގު ދަރިފުޅުގެ ސިހުން އެކުލެވިފައިވާ ދެލޮލަށް ބަލާލި މީހަކަށް އެކުއްޖާ އިންނަނީ ބިރުންކަން އެނގޭނެއެވެ. ކިރިޔާ އަޑެއް ކިޔާލިޔަސް އީކާ ސިއްސައިގެން ދެއެވެ. ކަމީލާ އިނީ އާދައިގެ މަތިން ލޯ ހުޅުވާލަން އުދަގޫވެފައެވެ. ރަތްކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ހަރުވާޅެއް ލައިގެން ހުރިއިރު އެ ދޮންމޫނަށްވެސް ރަތްކުލަ ވެރިވެފައިވާހެން ހީވެއެވެ. މުށި ދެލޮލުން މީހަކާއި ހަތަރުކަޅި ހަމަނުކުރަން އޭނަ މަސައްކަތްކުރެއެވެ.

"ލިއަމްއަށް އަހަރެން ބުނީމަ އެކަމެއް ނުވިއެއްނު....." އިރްފާން ވާހަކަދެއްކީ ރީތިކޮށެވެ.
"ކޮންކަމެއްތަ؟ "ލިއަމް ހައިރާންވިއެވެ.
"ކަމީލާގެ ޓިއުޝަނަށް މީހަކު ހޯދަން އަހަރެން ބުނިތާ ހަފްތާއެއްވެއްޖެ، އެންމެފަހުން ލިއަމްއަށް ނުވިކަން އަހަރެން ކޮށްލައިފިން، ތިހާ ރަގަޅު ވަޒީފާއެއްގައި ހުރިއިރުވެސް ލިއަމްއަށް ޒިންމާދާރުކޮށް އެއްވެސް ކަމެއްކުރާކަށް ނޭގޭ......" އިރްފާން އެވަރުންވެސް ހިނިތުންވެލިއެވެ.

"ޓީޗަރުންގެ ތެރޭގައި ދަންނަ މީހަކު ނޫޅޭ، އެހެންވެ ފްރެންޑެއްގެ ގާތު ވާހަކަ ދައްކައިގެން މީހަކު ހަމަޖައްސާދޭނަމޭ ބުނި...." ލިއަމްވެސް ހިނިތުންވެލިއެވެ. ކޮންމެވެސް ސަބަބަކާއިހެދި ދޮންބައްޕަގެ ތަބީއަތު މުޅިން ރަގަޅުވެ މިޒާޖަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. ގެއިން ބޭރުގައި އެކުވެރިންނާއިއެކު އުޅޭ އުޅުން މަދުކޮށްލައިފިއެވެ. ގުޑުގުޑާ ބޮއިގެން ރައްޓެހިންނާއި އެކީގައި އަނގަ ތަޅަން އިންނަތަން މިހާރު ފެންނަނީ ހާލަކުން ފަހަރަކުއެވެ. އެންމެ ފާހަގަކުރެވެނީ ރުޅި މައިތިރިވެފައިވާ ވަރެވެ. ބޮލަށް އެރިފައިވާ ޝައިތާނާ ދިޔައީ ކޮންފަދަ ކަމެއްކޮށްގެން ބާވައެވެ. މިގެއަށް ހަދާފައިވާ ސިހުރު ނެތިގެން ދިޔައީހެއްޔެވެ؟ ލިއަމް އަށް ސަބަބެއް ނުވިސްނުނެވެ.

"އެމީހަކު ކެންސަލް ކުރުވާ، އަހަންނަށް މާރަގަޅު ޓީޗަރެއް ލިބިއްޖެ، ހިސާބަށް މާ މޮޅު މީހެއްކަމަށްވަނީ، ޖީނިއަސްއެކޭ އިސްމާއީލް މަގޭގާތު ބުނީ، އަހަރެން އިސްމާއީލްއަށް އިތުބާރުކުރަން، އަނެއްކާ މި ބުނާ މީހަކު އަންނަނީ އަގަކަށް ނޫން، ހިލޭ ސާބަހަށްކޮށްދޭ މަސައްކަތެއްގެ ގޮތުގައި ކޮށްދޭން އެމީހާ ބޭނުމީ، ކަމީލާ ބޭނުން ކުދިންނެއް ގެނަޔަސް ރަގަޅުވާނެކަމަށް މަށަށް ފެނޭ، އެހާ ރަގަޅުކަމެއް މީހަކު ކޮށްދޭއިރު ގިނަކުދިންނަށް އެއްޗެއް ބުނެދެވުނީމަ އެމީހާއަށް ލިބޭ ހިތްހަމަޖެހުންވެސް ބޮޑުވާނެ، ދަރިފުޅާ މާހާ، ކަޅު ސައިތަށްޓެއް ހަދާދީފާނަންތަ؟ " އިރްފާން މާހާއަށް ބަލައިލީ ހިނިތުންވެލަމުންނެވެ. އޭރު ލިއަމް އިނީ ފޯނާއި ކުޅެންކަމުން ދޮންބައްޕަގެ އެ އޯގާތެރި ހިނިތުންވުމެއް ނުފެނުނެވެ.

މާހާ ތެދުވެގެން ހިނގައިގަތެވެ. އަދާ ފަހަރަކު ރޮށިކޮޅެއް އަނގަޔަށް ލައިގެން އިނދެ ބާރުލާފައި ހަފަމުން ދެއެވެ. ލިއަމް ކަމީލާގެ ރޮށި ކުދިކުދިކޮށް ކޮށާލަދިނުމުން ކާންފެށިއެވެ.
"ދެން ބައްޕަ އުޅޭގޮތުން ހާދަ ފޫއްސެއްވޭ، މިރަށުން ރަގަޅަށް ކިޔެވެނީއެއް ނޫން، މިހާ ބޯރިން ތަނެއްގައި ކިޔަވާހިތްވާނީވެސް ކާކުތަ؟ އަހަރެން ބޭނުމީ މާލެ ދާން، މި ނަރަކައިން ސަލާމަތްވާން، މިހާރު މިއީ ލައިކް ހެލް، އެއްގޮތަކަށްވެސް އުޅެން ބޭނުމެއްނޫން، ދޮންބެއާއި އަދާ އަދި މާމަ ގޮވައިގެން މާލެއަށް ބަދަލުވާން މިހާރު ބޭނުމީ، ބައްޕަ ތިއީ އަންޑަސްޓިން މީހެއްނޫން، މިރަށުން ދުވަހަކު ބޭރަށް ގެންދަނީއެއްނޫން، ޗުއްޓީގައި މަންމަ އަހަރެމެން ގެންދަން އުޅުނަސް އަބަދު ބަހަނާދައްކާފައި ނުގެންދާނެ، ދުވަހަކު އަހަރެމެންގެ ހެޕިނެސް އަކަށް ނުބަލާ......" ކަމީލާ ހިތާހިތުން އެކި ވާހަކަދައްކަން އިންއިރު ބައްޕަގެ ވާހަކައަށް ޖަވާބު ދިނުމަކީ ބޭނުން ކަމަކަށް ނުވިއެވެ. އިރްފާން ލިއަމް ގާތުން ވަޒީފާގެ ޚަބަރު އޮޅުން ފިލުވަންފެށިއެވެ. ކަމީލާ އިނީ މޭ ނުބައިކުރާގޮތްވެފައެވެ. ކާންތިބެގެން ބައްޕަ ކޮންމެފަދަ ވާހަކައެއްވެސް ފަށާފާނެއެވެ. 

އެރޭ ނިދަން އޮވެފައި ކަމީލާ ތޫލިކޮށް ހަޅޭއްލަވައިގެންފާ އެނދުގައި އިށީނުމުން އީކާ ހައިރާންކަމާއިއެކު ސުވާލުކުރިއެވެ. ކަމީލާ ބުނީ ހުވަފެނުގައި ޓިއުޝަން ދޭން ހަންޑިއެއް އައިސްގެން އުޅެނިކޮށް ފެނުނީކަމުގައެވެ.

"ޓިއުޝަން، ޓިއުޝަން، ޓިއުޝަން، އަބަދު ބައްޕަ އެހެން ކިޔާތީ ބޮލަށް އެނޫން އެއްޗެއް ނުވަދޭ، ހާދަހާ މަ ރުޅިއެއް އާދެއޭ....." ކަމީލާ ބާލީހުން އެނދުމަތީގައި ތަޅަންފެށިއެވެ. އީކާއަށް މަޖާވިވަރުން ހެވިއްޖެއެވެ.
ކަމީލާ ހަވީރު މާމަގެ ގެއަށް ދިޔައީ ދެބެންގެ ދެދަރިކުދިން ތަކެއް މާލެއިން އައިސްގެން އުޅޭތީ ބައްދަލުކޮށްލާށެވެ. އެގޭތެރެއަށް ވަދެފައި ކަމީލާހުރީ ހުއްޓުން އަރާފައެވެ. ރޫބީއާއި ޚުޝީ ރީތިކަމުގެ ކޮޅެއްނެތެވެ. ހުރަސްރޮގުދެމި ޓީޝާޓާއި ސްކިނީލައިގެން ތިބިއިރު އިސްތަށިގަނޑުވެސް އޮތީ ލެޔަރސްކޮށް ކޮށާލާފައެވެ. އަތާއި ފައި ފަޅުފިލުވާފައިވަނީ ރަނުގެ ގަހަނާއިންނެވެ. ކަމީލާ ލައިގެން ހުރި ހަރުވާޅު ހެދުމުގެ ސަބަބުން ކަމީލާ ލަދުގަންނަގޮތްވިއެވެ. ސްކާފްއެޅީވެސް މަންމަ މަޖުބޫރުކޮށްގެންނެވެ. ކަމީލާގެ ހުވަފެނީ ދުނިޔޭގައި އޭނަވެސް އުޅެނީ ޚުޝީމެން ފަދައިން އެހާ ސްޓައިލިޝްކޮށެވެ. އޭނަ މާލެދާން ބޭނުންވާ ސަބަބަކީ މިއީއެވެ. ކަމީލާގެ ހިތް އެކުދިންގެ ހެދުމުގެ ވައްޓަފާޅިއަށް ތައުރީފުކުރިއެވެ. އެންމެން އެކީގައި ކޮޓަރިއަށްވަދެ ލެޕުން އިނގިރޭސި ސީރީޒްއެއްބަލަން ތިބިއިރު ޚުޝީމެން ދައްކަނީ އެކުދިންގެ ބޯއިފްރެންޑުންގެ ރީތިކަމުގެ ވާހަކައެވެ. 

"ކައްމިގެ ނުހުރޭތަ ބިޓެއް ؟ " ރޫބީ އަހާލައިފިއެވެ.
"ބޭޑް ލަކް، އަދި ތި ނަސީބެއް ނުލައްވާ....." ކަމީލާ ބޯ ހޫރާލިއެވެ.
"ލިއަމް މެރީކޮށްފި ދޯ، މަންމަ ބުނި ވަރަށް ސިމްޕަލްކޮށް ޑްރެސްކުރާ ކުއްޖަކާއި ލިއަމް މެރީކޮށްފިއޭ، ނުވެސް ގުޅެއޭ، އައި މީން ލިއަމް އެހާ ހެންސަމް މީހަކަށްވީއިރު އޭނަ ބޭނުން ކޮންމެ ކުއްޖެއް ވާން ހުއްޓާ ދެން އެހާ ކަޓުކޮށް އުޅޭކުއްޖެއް ޗޫޒްކުރީމަ ވަރަށް ވިއަޑް، ކައްމިވެސް އަހަރެމެންނާއިއެކު މާލެއަށް ހިނގާ...." ރޫބީ މާލޭގެ އެކި ވާހަކަތައް ދައްކާފައި ކަމީލާ އިތުރަށް ދަހިކުރުވިއެވެ. ކަމީލާ އެއްބަސްވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެއީ ކަމީލާގެވެސް ހުވަފެނެވެ. އޭނަގެ ގެއިން ފެންނަ މަންޒަރުތަކުން ފޫހިވާވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. މަންމައާއި ބައްޕަ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ކުރާ ހަނގުރާމަ ކުޑައިރުއްސުރެ އޭނަގެ ސިކުނޑީގައި އުދަގޫކުރާ އެއްޗަކަށްވެފައިވެއެވެ. ދޮންބެ މީހަކާއި އިނުމަށްފަހު އޮންނަ ގުޅުމަށް ދޭނެ ނަމެއް ކަމީލާއަކަށް ނޭގެއެވެ. އޭނަގެ އުމުރުން ޅަކަމުގައި ވިޔަސް ލޯތްބަކީ ކިހާވަރެއްގެ ޖަޒުބާތެއްކަން ފިލްމުތަކުން އެނގިފައިވެއެވެ. އޭނަ ބޭނުމީ ޖޫލިއަޓް ފަދައިން ލޯބިވާށެވެ.

"އޭލެވެލް ނިންމާލާފައި ދާނަން އިރާދަކުރެއްވިއްޔާ...." ކަމީލާ އޮތީ ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ.
ކަމީލާއަށް މަންމަ ދަސްކޮށްދީފައިވަނީ ބައްޕަގެ ގަދަރު ހިފެހެއްޓުމަށެވެ. ގަދަރުވެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމަށެވެ. މަންމަ އެކުދިން ދޫކޮށްލާފައި މާ އަވަހަށް ދިޔަ ކަމުގައި ވިޔަސް އެ ނަސޭހަތުގައި ކަމީލާ ހިފަހައްޓާނެއެވެ.
"ބޯރޑް ނުވޭތަ؟ މިރަށުގައި ނޫޅޭ ރީތި މީހެއް....." ޚުޝީ ބުނެލިއެވެ.
"މާލެއިން ރީތި މީހުން ފެނޭތަ ؟ އަހަންނަށް ހިޔެއް ނުވޭ، މިބުނީ ވާހަކަތަކުގައި ސިފަކުރާހާ ރީތި މީހުންގެ ވާހަކަ........" ކަމީލާ ލާނެތްގޮތަކަށް ހިނިތުންވެލިއެވެ.
"އޮފްކޯޒް ޑާލިން، އެހެންވެގެންނޭ މިބުނަނީ އަހަރެމެންގެ ގޭގައި ސްޕޭސް އެބައޮތޭ، ހިގާބަލާށޭ، ވިލެޖް މައުސްގެ ގޮތުގައި އަބަދު ހުއްޓަސް ދުނިޔެއެއް ނުފެންނާނެ، މިތާގައި ހުރެގެން އެންމެފަހުން ކޮންމެވެސް ކަތީބެއްގެ ދަރިއަކާއި ދެވާފައި ދަރިން ބަލަން ގޭގައި އިންނަން ޖެހިދާނެ، ބޮޑުބޭބެގެ ހުއްދަ ނެތަސް ފިލައިގެން ހިނގާ...." ރޫބީ ޚިޔާލެއް ދިނެވެ. ކަމީލާ އަށް އެ ޚިޔާލު ކަމުދިޔައެވެ. ނަމަވެސް ބައްޕަ އެކަނިކޮށްލާފައި ދުރަށް ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ މާމަވެސް އެކަނިވާނެއެވެ. ކޮއްކޮ އަށް ވާނެގޮތެއްވެސް ނޭގެއެވެ. ސްކޫލްގައި ކޮއްކޮއާއިމެދު ދެރަގޮތެއް ވިޔަސް ހިމާޔަތް ދޭން އަބަދު ހުންނަ މީހަކީ ކަމީލާއެވެ. އަނގައިން ބުނެލަން ފަސޭހަވިޔަސް އަމަލުކުރަން އުދަގޫވާނެއެވެ. އެހެންނޫނަސް ބައްޕައާއިމެދު ހެޔޮކޮށް ހިތަން މަންމަ ފަށްފަށުން ވަސިއްޔަތްކޮށްފައިވެއެވެ. ބައްޕަ ދަރިންނަށް ނުބައި ވިޔަސް ދަރިން ޖެހޭނީ އެކަން ހަނދާން ނައްތާލާފައި ހެޔޮކޮށް ހިތަންކަމުގައި މަންމަ ވަނީ ބުނެދީފައެވެ.

"ޔޫ ލުކް ޕްރިޓީ، ތިހާ ކަޓު ހެދުމުގައި ހުންނައިރުވެސް ކިހާ ރީތި، ފެޝަންވެލީމަ ހުރިހާ ބޯއިސްތައް ފަހަތުން އަންނާނެ، ހުވާ މަ މިހާރުވެސް ޖޭވާން ފަށައިފި...." ރޫބީމެން ދައްކަން ފެށި ވާހަކައަކުން ކަމީލާ ކުޑަކޮށް އުފާވިއެވެ. އޭނަ ރީތިވެގެން އަންހެންކުދިން އުޅުނީމަ އަޖައިބެއް ނޫންހެއްޔެވެ؟ ސްކޫލްގައި އުޅޭ ފިރިހެންކުދިންތައް އޭނަދެކެ ބިރު ގަނެއެވެ. ބަލާލަންވެސް ޖެހިލުންވާނެއެވެ. 

ކަމީލާ ގެއަށް އައިއިރު ލިބުނީ ދެރަވާފަދަ ޚަބަރެކެވެ. އަވަށްޓެރިއެއްގެ ކުއްޖަކު މާ ބޮޑަށް ބަލިވެގެން އޭނަ ގޮވައިގެން ދޮންބެ މާލެ ފުރަންޖެހުނީއެވެ. ކަމީލާއަށް ނުރޮވުނީކިރިޔާއެވެ. އޭނަވެސް ތަނަކުން ވެއްޓި ތަނެއް ބިންދައިގެން ދާނެނަމައެވެ. ވަރުގަދަ ބައްޔެއް ޖެހިގެން މާލެ ފޮނުވާލާނެނަމައެވެ. ގިފިއްޔަށްވަދެ ފޭރުގަހަށްވެސް އެރިއެވެ. ފާރުމައްޗަށް އެރިއެވެ. ގަސްތުގައި ފުންމާލާކަށް ނުކެރުނެވެ. އެހާލެއްގައި އުޅެފައި ކޮޓަރިއަށް ވަންއިރު އީކާއޮތީ މާ މަޑުން އެނދުގައި އޮށޯވެލައިގެންނެވެ.

"ކިހިނެއްވީ ސްނޯވައިޓް...." ކަމީލާ އީކާއަށް ލޯބިން ކިޔާއުޅޭ ނަމުން ގޮވާލައިފިއެވެ.
"ހުންއައީ...." އީކާ އޮތީ ދެލޯ ބޮޑުކޮށްގެންނެވެ.
"ދޮންބެ ދިޔައިމަ އީކް ބަލިވާން ތިއެނގުނީ، އައިމް ނޮޓް އެ ޑޮކްޓަރ، ނޭގޭ ތިކަމާ ކުރާނެ ބޭހެއްވެސް، ތަނަކަށް ތަދުވޭތަ؟ " ކަމީލާ އީކާގެ ގާތުގައި އިށީދެ ބޮލުގައި ފިރުމާލިއެވެ.
"ބޮލުގައި ރިއްސާތީ މިއުޅެނީ...." އީކާ ދެލޯ މަރާލިއެވެ.
"ޑޯންޓް ވޮރީ، ދޮންބެއަށް ގުޅީމަ ބުނާނެ ހަދަންވީގޮތް...." ކަމީލާ ވާހަކަދައްކަން ފެށިތަނުން އިރްފާން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. 
"ކަމީލާ، ޓިއުޝަން ޓީޗަރ އަންނާނެ އަށެއް ޖަހަންވާއިރަށް، ތައްޔާރުވާތި، ކޮބާ މާހާ ދައްތަ...." އިރްފާން އަހާލީ ހުރިހާ ތަނަކަށް ނަޒަރު ހިންގާލަމުންނެވެ. ކަމީލާ ފޫހިގޮތަކަށް ނޭގެއޭ ބުނެލާފައި ކޮއްކޮ ބަލިވެ އުޅޭ ވާހަކަ ބުނެލީ ބައްޕަ އަޅާނުލާނެކަން އެނގިހުރެއެވެ. ބައްޕަ އެހާވަރަށް އީކާދެކެ ރުޅިއަންނަ ސަބަބު ކަމީލާއަށް އެނގުނީ ވަރަށް ފަހުންނެވެ.

ކޮމެންޓް 0