ކަމީލާ ބެލްކަނީގައި ހުއްޓާ ބަނޑުގައި ރިއްސަންފެށިހެން ހީވިއެވެ. ރޭއްސުރެން މޫޑުގޯސްވެ ރުޅިގަދަވެފައި ހުއްޓާ އަދި ޖައިދަން އެތަނަށް އައިސް އެއްޗެކޭ ކިޔައިލުމުން ފާޑަކަށް މޫނު ހަދައިލެވުނެވެ. ޖައިދަން ކަމީލާގެ ކޮލުގައި ވިކާލާފައި ދިޔައީއެވެ.
ގޭގެ ތަންތަން ހަދާފައިވާ ގޮތާއިމެދު ކަމީލާ ވިސްނަން ހުރެލާފައި އޭނަގެ ޑައިރީގައި ލިޔެފައިވާ ހުރިހާކަމެއް ފުރިހަމަކޮށް މިގެ އިމާރާތްކޮށްފައިވާކަން އެނގުމުން ކުއްލިއަކަށް ހިތުގައި ބިރުވެރިކަމެއް ހިނގާލައިފިއެވެ. ޖައިދަން ކޮންމެވެސް ގޮތަކުން އޭނަގެ ޑައިރީ ކިޔާލާފައިވަނީ ހެއްޔެވެ؟ އެހެންނޫންނަމަ ގޭގެ ފަރުނިޗަރު ކުލަތަކުން ފެށިގެން ޕޫލާއި ޕިޔާނޯއަށް ދާންދެން ހަމަނުކުރީހެވެ. ނަމާދުގެއާއި ލައިބްރަރީވެސް ހުރީ އޭނަ ބޭނުންވާގޮތަށެވެ. އަދި މިގެއަށް "ކެމީލިއާ" އެނަން ދިނީ ހަމަ ރަގަޅަށް އެނގިގެންނެވެ. ހުރިހާކަމެއް އިއްތިފާގަކަށް ވެދާނެކަމަށް އޭނަވެސް ގަބޫލެއްނުކުރެއެވެ.
"އޯމައިގޯޑް، ހީ ނޯސް، ހީ ނޯސް، ހުރިހާކަމެއް އެނގޭ...." ކަމީލާގެ އަތާއި ފައި ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ފިނިކަމާއިއެކުގައިވެސް ނިތްކުރީގައި ހިއްލައިލި ދާތިކިތައް ފޮހެލާފައި ގޮސް މާސްޓަރ ބެޑްރޫމަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. އެނދުގައި ދަމާފައިވާ ސަދުވާތަކުންވެސް މިވަގުތު ލިބުނީ ހާސްކަމެވެ. ތަކުރާރުކޮށް ކަމީލާގެ ސިކުނޑިއަށް އަރަމުން ދިޔައީ އެކައްޗެކެވެ. ޖައިދަންއަށް ހުރިހާކަމެއް އެނގެއެވެ. ޖައިދަން ކޮޓަރިއަށްވަންއިރު ކަމީލާ އޮތީ ބަންޑުންކަހަލަ ގޮތަކަށް އޮށޯވެލައިގެންނެވެ. ޖައިދަން ސުވާލުކުރުމުންވެސް އަޅައެއްނުލިއެވެ. ހައްތަހާ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން ސަބަބު އެނގުމުން ޖައިދަން ހަމްދަރުދީވިއެވެ.
"ޕީއެމްއެސް ވީމަ ދޯ މިދެތިން ދުވަހު މޫޑީވެގެން ތިއުޅެނީ؟ ވަރަށް ތަދުވޭތަ؟ "ޖައިދަން އަހާލުމުން ކަމީލާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ޖައިދަން ބާމު ލާފައި މަސާޖްކޮށްލަދިނެވެ. ހޫނުފެން އަޅާލަދިނެވެ. މެންދުރު ކަމީލާ ހުންއައިގޮތަށް ރޭގަނޑަށް ހުން ބުރާންތިވާ ގޮތްވިއެވެ. ޖައިދަން ހޭލާއިނދެގެން ކަމީލާގެ ގައިގާ ފެންފޮތިލާދިނެވެ. އިރުއިރުކޮޅާ އެއްޗެއް ބޯންދިނެވެ. ބަލިވުމުން ޖައިދަން އަޅާލާ ރަގަޅު ފިރިޔަކަށްވީތަން ފެނިފައި ކަމީލާ ވަކިން ބޮޑަށް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އޭނަ އެހެން މީހަކުދެކެ ލޯބިވާކަން އެނގިހުރެވެސް އޭނައަށް ޚިދުމަތްކޮށް ދޭނީ ކިހާ ރަގަޅުވީމަ ހެއްޔެވެ؟
ކަމީލާ ވައިރަލް ހުންގަނޑު ޖެހުނުފަހުން ޖައިދަން މުޅިން ބަދަލުވިއެވެ. ކުރީގައި އެހުންނަ ހަރުކަށިކަން ދިޔަ ތަނެއްވެސް ނޭގެއެވެ. ކަމީލާއަށް މީރުއެއްޗެހިން އަލަމާރި ހުންނަނީ ފުރިފައެވެ. ކުރުނބާފަދަ އެއްޗެހި ގެއިން ހުހެއްނުވެއެވެ. ބޭނުންވަރަކަށް ކައި ބޯންވީއެވެ. އޭނަ އޮފީހުން ޗުއްޓީ ނަގައިގެން އަބަދުހެން އުޅުނީ ކަމީލާގެ ގާތުގައެވެ. ރޭގަނޑު ކައިގެން ނިދަން ވަދެފައި ކަމީލާ އިށީނީ ޑްރެސިންޓޭބަލް ކާރީގައެވެ. ޖައިދަން ނިދަން ތައްޔާރުވެލައިގެން އައިސް ކާރިވެލުމުން ދުވި މީރުވަހުން ކަމީލާގެ ހިއްސުތަކާއިވެސް ކުޅެލިއެވެ.
"ނިދި ނާންނަނީތަ؟ ހޮޓް ބާތެއް ނަގަން ހިނގާ، ބޮޑީ މަސާޖެއް ދިނީމަ ވަރަށް އަރާމްކޮށް ނިދާލެވޭނެ...... "ޖައިދަން ކަމީލާގެ ކޯތާފަތުގައި އެފިނި އަތްތިލަޖައްސައިލިއެވެ. ކަމީލާ ފުންނޭވަޔެއް ދޫކޮށްލިއެވެ. އެތައް އިރެއްވާންދެން ވިސްނުމަށްފަހު އޭނަ ގަސްތުކުރީ ޖައިދަންގެ ގާތުގައި ހަގީގަތް ހާމަކުރާށެވެ. ޖައިދަން އަށް އެނގޭކަން އެނގޭއިރު ކޮންމެހެން ފޮރުވައިގެން ހުރުމުގެ މާނައަކީ ކޮބާހެއްޔެވެ؟
"ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް، ވަރަށް ދުވަސްވެއްޖެ މިހެން ބުނަން ހުންނަތާ އެކަމަކު....." ކަމީލާގެ ހިތުގެ ތެޅުން ބާރުވިއެވެ. ކިތަންމެ ހިތްވަރުކުރިޔަސް މިއީ އެހާ ފަސޭހައިން ބުނެލެވޭފަދަ ވާހަކައެއް ނޫނެވެ. ޖައިދަންގެ ހިތުގެ ހިނގުންވެސް ހުއްޓުނެވެ. ކަމީލާ ބުނަން އެއުޅެނީ އޭނަ ލޫކަސްދެކެ ލޯބިވާ ވާހަކައާއި ވަރިވާން ބޭނުންކަމުގައި ހެއްޔެވެ؟ މިހާރު ކަމީލާ އޭނަގެ ދިރިއުޅުމުން ގޮސްފިއްޔާ އޭނަ މުޅިން އެކަނިވެރިވެދާނެއެވެ. އޭނަގެ ހަޔާތަށް އެންމެ މުހިއްމު މީހަކީ ކަމީލާއެވެ.
"ޓެލް މީ...." ޖައިދަން ނުތަނަވަސްވެފައި ކުޑަކޮށް ދުރަށް ޖެހިލިއެވެ.
"ކާލް، ކާލްގެ ބައްޕަ......" ކަމީލާ ހިންދިރުވާލާފައި ތެދުވެގެންގޮސް ބެލްކަނީގެ ދޮރު ހުޅުވާލާފައި ނުކުތެވެ. ފިނި ވައިރޯޅިއެއްގެ ބީހިލުމުން މުޅި ހަށިގަނޑު އިތުރަށް ފިނިކޮށްލާ ދެއަތް ބޮނޑިކޮށްލެވުނެވެ. ޖައިދަންވެސް ހުއްޓުނީ ރެއިލިންގައި އަތްއަޅުވައިލަމުންނެވެ.
"ކާލްގެ ބައްޕައަކީ އެހެން މީހެއް، އައިމް ސޮރީ..." ކަމީލާ އަވަސްއަވަހަށް ބުނެލިއެވެ. ޖައިދަންގެ ފަރާތުން ހޫނު ބޮނޑިއެއް ލިބޭނެކަން ޔަގީންވެފައި ކަމީލާދެލޯވެސް މަރައިލިއެވެ.
"އަހަންނަށް ނޭގޭކަމުގައިތަ ހީކުރީ؟ ތިބުނަން އުޅެނީ އެއީ ލޫކްގެ ދަރިއެކޭ ދޯ، އަހަންނަށް ހުރިހާކަމެއް އެނގިހުރެ ކަމީ އަހަރެންގެ ހަޔަތާށް ގެނައީ، ނަމަވެސް އެހެންމީހުންނަށް އެކަން ކޮންމެހެން އަންގަން ޖެހޭތަ؟ ދުނިޔޭގެ ނަޒަރުގައި އެއީ މަގޭދަރިއެއް، އަހަރެންގެ ބޭބެގެ ކުއްޖަކަށްވީމަ ކަން ނޭގޭ، އައި ލަވް ހިމް މޯރ ދޭން އެނީތިންގް....." ޖައިދަން މަޑުމައިތިރިގޮތަކަށް ވާހަކަދެއްކުމުން ކަމީލާ ހައިރާންވެ އަންތަރީސްވިއެވެ.
"ދެން ކީއްވެގެންނޯ މެރީ ކުރީ...." ކަމީލާ ސުވާލުކުރިއެވެ. ޖައިދަން ޖަވާބެއް ނުދީ ޚިޔާރުކުރީ ހިމޭންކަމެވެ.
"ކިހިނެއް އެނގުނީ....." ދެވަނަ ސުވާލު ކަމީލާ ކުރިއެވެ.
"ސޮރީ، އަހަންނަށް ކަމީގެ ހުއްދަނެތި ޑައިރީ ކިޔައިލެވުނީ...." ޖައިދަން ކުޑަދޮރު ކާރީގައި ހުރެފައި ކަމީލާމެން ގެއިން ބޭރަށް ދިޔަދުވަހެއްގައި އެތަނަށް ވަދެ ޑައިރީ ކިޔާލި ވާހަކަ ބުނުމުން ކަމީލާ ވަރަށް ސަކަރާތްވިއެވެ. އެއީ އޭނަގެ މޮޔަކަމެވެ. ކުޑަދޮރުގެ ތަންޑުތައް ނެއްޓީވެސް އޭނައެވެ. ހަނދާންނެތިގެން ޑައިރީ އެނދުގެ ބާލީހުގެ ދަށުގައި ބޭއްވުނީ ޖައިދަންއާއި އޭނަ ގުޅުމަށް ތަގުދީރުގައި ލިޔުއްވާފައިވާތީއެވެ. އަލުން މާޒީ އޮޅާލައިގެން އެޑިޓްކުރެވޭނެނަމަ ކިތަންމެ ކުށްތަކެއް ރަގަޅުކުރެވުނީހެވެ.
ޖައިދަން ކަމީލާ ގާތުގައި އޭނަގެ އެންމެ ބޮޑު ސިއްރުކިޔައިދިނެވެ. އޭނަވަނީ ދަރިން ލިބުމުން މަހުރޫމްވެފައިކަމަށާއި މިކާލް އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލަން ބޭނުންވަނީ ކީއްވެކަން ޖައިދަން ބުނެދިނެވެ. ދެމީހުން އިރުކޮޅެއްވާންދެން ވާހަކަދައްކަން ތިބެލާފައި ކޮޓަރިއަށް ވަންގޮތަށް އެރޭ ޖައިދަންއަކަށް ނުނިދުނެވެ. އެކި ޚިޔާލުތަކުން ސިކުނޑިއަށް ވާންވެ ދެއަތަކަށް ފުރޮޅި ފުރޮޅިއޮތީއެވެ. އޭނައެހާ މަސައްކަތްކޮށްގެންވެސް ކަމީލާގެ ހިތާއި ހަމަޔަށް ހާސިލުނުވާކަމަށް ޖައިދަންގެ ހަވަނަ ހިއްސު އަންގައިދެއެވެ. ކަމީލާވެސް ޖައިދަންގެ ހާލަތާއިމެދު ދެރަވެ ހަމްދަރުދީވިއެވެ.
އިރްފާންގެ އަންހެނުންނާއިއެކު ނޫޅެވިގެން އޭނަ ވަރިކޮށްލާފައި މާލެއައުމުން އާތިކާ އިރުފާންގެ މޫނު ދެކޭކަށްވެސް ބޭނުމެއްނުވިއެވެ. އޭނަ ދޫކޮށްނުލުމަށް އެދި ރުއިމުން އެ އާދޭސްތަކުގައި އިރްފާން ކޮޅުފައިން ޖެހީއެވެ. އާތިކާ އިރްފާންއާއި އެކީގައި އުޅުނީ އެހާ ހާލުގައެވެ. އިރްފާން އެދުވަސްތައް ހަނދާން ނައްތާލީ ހެއްޔެވެ؟ މިއަދު އޭނަ މިއުޅެނީ އޯގާތެރި ފިރިޔެއްގެ ހިޔާވަހިކަމުގައެވެ. ޔާސިރު ދޫކޮށްނުލާހާ ހިނދަކު އޭނަ ދުރަކަށް ނުދާނެއެވެ.
"އިރްފާނު އީކާއަކީ ދަރިއެއްކަމަށް ގަބޫލުނުކުރޭ، އެއާއިލާ މީހުންވެސް އެކުއްޖާދެކެ ރުޅިއާދޭ، އެކުއްޖާގެ ކުށަކީ ކޮބާތަ؟ މިއަދު އިރްފާންގެ ވާހަކަތަކުން އަހަންނަށް އަސަރެއްނުކުރާނެ...." އާތިކާ އީކާގެ ވާހަކަ ފެށުމުން އިރްފާން ކުޑަކޮށް ހިތްހަމަނުޖެހޭގޮތްވިއެވެ.
"އާނ، އަދިވެސް އަހަރެން އީކާއާއިމެދު ޝައްކު، އޭރު ރަށުގައި ބިދޭސީއެއް އުޅުނު، އާތިކާ އޮޅުވާލަން އުޅޭނެކަމެއްނެތް....." އިރްފާން ހުރީ ނާކާމިޔާބުވުމުން މުޅިން މާޔޫސްވެފައެވެ. ދެވަނަ ފުރުސަތެއް ލިބޭނެނަމައެވެ.
"އަހަރެން ބޭނުން މިއަދު ކޮންމެގޮތެއް ހަދާފައިވެސް ޑީއެންއޭ ޓެސްޓްކުރުވަން، އޭރުން އަހަރެންގެ ބޮލުން ތި ބަދުނާމް ނެއްޓޭނީ...." އާތިކާ ގަދަކޮށްލިއެވެ.
"އެންމެ ރަގަޅު، އެއީ އަހަރެންގެ ދަރިއަކަށް ނުވެއްޖެއްޔާ އަހަންނާއި އިންނާނަންތަ؟ "އިރްފާން އެހިއެވެ.
"ޔަގީން...." އާތިކާ އެއްބަސްވިއެވެ.
ޑީއެންއޭ ޓެސްޓުން އީކާއަކީ އިރްފާންގެ ދަރިއެއްކަން ޔަގީންވުމުން އިރްފާން އާތިކާގެ ފަރާތުން މާފަށް އެދުނެވެ. އޭނައަށް އެކަމުގެ މައުލޫމާތު ނެތުމުން އެރި އޮޅުމެއްކަމުގައި ބުނިއިރު އިރްފާންގެ ލޮލުން ކަރުނަ އައެވެ.
އިޔާޝް އެމްބީބީއެސް ހަދާ ނިމިގެން ރަށަށް އައިތާ އަދި ވީ ކުޑަ ދުވަސްކޮޅެކެވެ. އިޔާޝްއާއި އީކާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ކުރިން ޖެއްސުންކޮށް އުދަގޫކުރިޔަސް އިޔާޝް މިހާރު ވަނީ އީކާ ކޮއްކޮއެއްގެ ގޮތުން ބަލައިގެންފައެވެ. ޑޮކްޓަރަކަށްވުމުން އީކާގެ ކޭސްއަށް އޭނަ ޚާއްސަ ސަމާލުކަމެއް ދެއެވެ. އީކާގެ އުމުރުން ސޯޅައަހަރު ފުރުނަސް އޭނަ ހުންނަނީ ތަންކޮޅެއް ހިކިކޮށް ކުޑަކޮށެވެ. އެހާ ލޯތްބެވެ. ބުދެއްފަދައެވެ. އިޔާޝްއާއި އީކާ ފެންޑާގެ ސޯފާއެއްގައި ރާޒުވާ ކުޅެންތިއްބާ އިރްފާން އައިސް އީކާއާއި ވާހަކަދައްކަން ފެށިއެވެ. އޭނައަށް ނޭގިހުރެ އެހާ ބޮޑު ކުށެއްކުރެވުނުކަމަށްޓަކައި އިރުއިރުކޮޅާ އިރްފާން އެވާހަކަ ދައްކާފައި މާފަށް އެދެއެވެ.
"އެލްބިނިޒަމްއަކީ ޖެނެޓިކް ކޮންޑިޝަނެއް، ލޮލާއި ހަން އަދި އިސްތަށިގަނޑުގައި ކުލަ ޖައްސާ މެލަނިން ނުއުފައްދާތީ މުޅިން ހުދުވަނީ، އިރްފާންބެ ބައްލަވާ، އެފްރިކަން ކަޅުދެމަފިރިއެއްގެ ތިންކުދިން މިތިބީ، މަންމަމެން ކަޅުމީހުންނަށް ވެފައި ބައެއްކުދިން ކަޅުކޮށް ތިބިއިރު މިކުދިން މިތިބީ ހަމަ އީކް ހެން...." އިޔާޝް ގޫގުލް ކޮށްފައި އިރްފާންއަށް އެލްބިނިޒަމް ކުދިންގެ ފޮޓޯތައް ދައްކަންފެށިއެވެ. ޓެންޒޭނިއާގައި އެކަހަލަ ކުދިން ގިނަކަމަށާއި އެކުދިންގެ ގުނަވަންތައް ނަގަންވެގެން ވަގަށް ނަގާ މަރާލާކަމުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އިރްފާންގެ ލޯ ހުޅުވުނުއިރު މިވަނީ މާލަސްވެފައެވެ. އޭނަގެ ބަލި ދަރިފުޅާއިމެދު މިހުރިހާ ދުވަހު ޝައްކުކޮށް އެކުޑަ ކުއްޖާ ބައްޕަގެ ލޯބިން މަހުރޫމްކުރިއެވެ.
"ތިކަހަލަ ކަންތައް ނޭގުނީމަ އަހަންނަށްވެސް އަމިއްލަ ދަރިފުޅު ދުރުކޮށްލެވުނީ، އެކަމާއި އިންތިހާއަށް ހިތާމަކުރަން...." އިރްފާން ބޮލުގައި އަތް ކާއްތާލަމުން ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ. އޭނައާއިއެކު ރަށަށް ދާން އީކާއަށް ދައުވަތު ދިނެވެ. އީކާގެ މައުސޫމް މޫނުމަތި އުޖާލާވިއެވެ.
"ސްކޫލް ޗުއްޓީ ލިބުނީމަ އަޅުގަނޑު ދާނަން އިރާދަކުރެއްވިއްޔާ، އައި މިސް މާމާ އެލޮޓް...." އީކާ ވާހަކަދެއްކިއިރު އިރްފާން މިއަދު ބަލަން އިނީ ލޯބިންފުރިގެންވާ ނަޒަރަކުންނެވެ. ފެންކަޅިވެފައި އިނދެއެވެ. އެގެއިން ނުކުމެގެން އިރްފާން ސީދާ ދިޔައީ މިސްކިތަށެވެ. އޭނަ ތައުބާވެގެން ރަހުމަތްލެއްވުމަށް އެދި ދުޢާކުރިއެވެ. މާޒީގައި އެތައް ކުށަކާއި ފާފައެއް ކުރެވިއްޖެއެވެ. އެގޮތަށް ކަންތައް ނުކުރެވުނުނަމަ މިއަދު އޭނަވެސް ވާނީ ނަސީބުވެރިޔަކަށެވެ. ނަމަވެސް މިއަދު އޭނަމިވަނީ އެކަނިވެރިވެފައެވެ. އާތިކާފަދަ ރަގަޅު އަންބަކު ދުނިޔޭގައި އަތްފުނާ އަޅައިގެންވެސް ނުހޯދޭނެކަން އޭނައަށް ޔަގީނެވެ.
"ކެމީލިއާ" އަށް މެހްވިޝްއާއި އާއިލާގެ އެންމެން ކާން އައުމުން ކަމީލާ ހުރީ ހިތް އަވަސްވެފައެވެ. ސިއްރުސިއްރުން ލޫކަސްއާއި ދިމާލަށް ބަލާފައި ދުރު ބަލަނީ ފާފައެއްކަން ހަނދާންވެފައެވެ. ލޫކަސް ފެނުމުން ހިތަށް މިވާގޮތުން ދެރަވެސް ވެއެވެ. ޖައިދަންގެ ހިތަށް އަނިޔާއެއް ދޭން ކަމީލާ މިހާރު ބޭނުމެއްވެސް ނޫނެވެ. ހުރިހާކަމެއް އެނގިހުރެ ޖައިދަން އޭނައަށް އެވެދިނީ ކޮންފަދަ ބޮޑު އިހުސާންތެރިކަމެއް ހެއްޔެވެ؟ ބޭބެގެ ދަރިއެއްކަން އެނގުނީމަ ރަށްމެދު ނުކުރަން ކަމުގައިވިޔަސް އެކަން ކަމީލާ ބަލައިގަތީ މީހަކު ވެދޭނެ އެންމެ ބޮޑު އިހުސާންތެރިކަން ކަމުގައެވެ. ދަރިފުޅަށް ބައްޕައެއްގެ ނަން ދިނީ ޖައިދަންއެވެ. ތަނަވަސް ކާކޮޓަރީގައި އެންމެން ތިބެގެން ކައި ނިމުނީ އުފާވެރި މާހައުލެއްގައެވެ. ބައެއްފަހަރު ޖައިދަން ބުނެލާ އެއްޗަކުން ލޫކަސް ވާހަކައިގާ ބައިވެރިވާތަން ކަމީލާއަށް ފެނުނެވެ. މިކާލް ހުރިހާ ބޭބެމެންގެ ލޯބީގެ އަމާޒަކަށްވެފައިވެއެވެ. ކޮންމެވެސް އެކަކު އޭނައާއި ތޮޅިލައި ލޯބިކޮށްލާ ހަދާތަން އަބަދުހެން ފެނެއެވެ.
"އިޔާ ދެން ޖޭޑް ކާރީގައިވެސް އެއުފާވެރި ޚަބަރު ބުނެބަލަ...." މެހްވިޝް ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ބުނެލިއެވެ. އޭރު މޭޒުމަތީގައި ހުރި އެޕްލް ސައިޑަރ ފުޅި ކަނޑާލާފައި ކަމީލާ ތަށިތަކަށް އަޅަންފެށިއެވެ.
"އައިމް ގެޓިން މެރިޑް...." އިޔާޝް ހިނިތުންވުމަކާއިއެކު ބުނެލުމުން ކަމީލާ ގެ ހިތްތެޅިލިއެވެ. އިޔާޝްއާއި އީކާ ވަރަށް ކާރިކޮށް އުޅޭތަން އޭނަވަނީ ފެނިފައެވެ. އިޔާޝް ކޮއްކޮއަށް ވަރަށް އަޅާލާކަންވެސް އެނގެއެވެ. އަނެއްކާ އޭނައަށް ނޭގި ކަމެއް ހިނގީހެއްޔެވެ؟ އެންމެން "ސަރޕްރައިޒް"ވެފައި ތިބެ ސުވާލުކުރަން ފެށުމުން މެހްވިޝްބުނީ މަޝްހޫރު ޑޮކްޓަރެއްކަމަށްވާ އަހުމަދު ފައިސަލްގެ ދަރިފުޅު އަނަމްއާއި ކަމުގައެވެ. އެގެއަށް ކިޔާނަންވެސް މެހްވިޝް ބުނެދިނުމުން އެންމެނަށް އެނގުނުކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ. ކަމީލާގެ ހިތަށް މާޔޫސްކަން ވެރިވީ ކީއްވެކަމެއް ނޭގުނެވެ. އީކާ ދެރަވާނެކަން ނޭގެއެވެ. އީކާ އިޔާޝްދެކެ ރުހޭކަން އިޔާޝްއަށް ނޭގުނީހެއްޔެވެ؟ ކަމީލާގެ ތަބީއަތު މުޅިން ޚަރާބުވެ ލޮލުން ކަރުނަ ހިލުނެވެ. މެހްވިޝްގެ ރީތި ޒުވާން ފިރިހެން ދަރިންނަކީ އަންހެންކުދިންގެ ހިތްތައް ހަލާކުކުރާ އަނިޔާވެރި ބަޔެކެވެ.
ކަމީލާއަށް ކެތްނުކުރެވިގެން ދުރަށް ގޮސް ވަގުތުން އީކާއަށް ގުޅާފައި އިޔާޝްގެ ޚަބަރެއް އެނގޭހެއްޔޭ އަހާލައިފިއެވެ. އީކާ ވަރަށް ހީހީފައި ބުނީ ތިއްތިބެ ބުނެގެން ނުބުނެވުނީ ކަމުގައެވެ. އިޔާޝްއަށް އީކާ ކިޔާއުޅެނީވެސް ތިއްތިބެކަން އެނގުނީ އަދި ކިރިޔާއެވެ.
ތިއްތިބެއޭ؟ " ކަމީލާ ހައިރާންވިއެވެ.
"އެންމެނަށް ސަރްޕްރައިޒެއް ދޭން ތިއްތި އުޅުނީ، އެއްރޭ އެމީހުންނާއިއެކު ޑިނަރއަށް ދިޔައިން، ކުރިން އަނަމްމެން އުޅުނީ އޮސްޓްރޭލިއާގައި، މަންމައަކީ އޮސްޓްރޭލިއަން އެއް، އަނަމް ވަރަށް ރީތި، މިކްސްޑް ލުކްސް ހުރީމަކަން ނޭގޭ، އެގޭގައި ތިބެނީ އެންމެ ބޯއިއަކާއި ހަތަރު ގާލްސްއިން......." އީކާ ކިޔައިދިނެވެ.
"ވަޓް؟ "ކަމީލާ ހަނދާންވީ ރޫބީއާއި ޚުޝީ އެއާއިލާއާއި ބެހޭގޮތުން ކިޔައިދިން ވާހަކަތަކެވެ. ތަގުދީރުގެ ސަމާސާ ދެކެބަލާށެވެ. އެންމެފަހުން ނޭގިތިއްބާ އެއާއިލާއާއި މިއޮތީ ގުޅިފައެވެ. އީކާއާއި ވާހަކަ ދައްކައިލެވުމުން ބޮލުން ބުރައެއް ލުއިވެގެން ދިޔަހެން ހީވިއެވެ. ސަމާސާއަކަށް ހަދައިގެން އިޔާޝްއާއި އީކާއާއި ހަމަޖައްސަން ނިންމި ވާހަކަ ކަމީލާ ބުނުމުން އީކާ ހަޅޭއްލަވައިގަތެވެ. އެއީ އޭނަގެ ބޭބެއެއް ކަމަށާއި މާ ބޮޑުވެސް ވާނެކަމަށް ބުނެ އީކާ މަޖާވެގެން އުޅުނެވެ. ތެދެކެވެ. އޭނައަށް ނުވިސްނުނީއެވެ. އީކާގެ އުމުރުން ސޯޅައަހަރުވިޔަސް އެއީ ހަމަކުޑަކުއްޖެކެވެ.
"ކައްމި......" ލޫކަސްގެ އަޑުއިވުމުން ކަމީލާ ސިހިފައި އެނބުރި ބަލައިލިއެވެ.
"ލޫކް، އަހަރެން ބޭނުން ވާހަކައެއް ބުނެލަން، ޖޭޑްއަށް އެނގިއްޖެ ކާލްއަކީ ލޫކްގެ ކަން، އަހަރެންހުރީ ނުބުނަން ކަމަށް......" ކަމީލާ އަވަސް އަވަހަށް ބުނެލިއެވެ. ލޫކަސް އިސްޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ. ކަމީލާއަށް ހުރެވުނީ ބަލާށެވެ. ބަލާ ބަލާ ފޫހިވާވަރެއް ނުވެއެވެ. މުށިކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ހެދުން އިޝްތިހާރެއްފަދައެވެ. ދެލޮލުގެ ރީތިކަމުން ހިތްތަކަށް އަސަރުކުރުވާނެއެވެ.
"ކީކޭތަ ޖޭޑް ބުނީ....ހުރިހާކަމެއް އެނގިހުރެ ކީއްވެ ދެން މެރީކުރީ..." ލޫކަސް ކުޑަކޮށް ހިނިތުންވެލުމުން ކަމީލާގެ ކަކުލުން ވާގިދޫވިއެވެ. އެހިނިތުންވުމަށްޓަކައި ހިތް ހާސްފަހަރު ފިދާވިއެވެ. ވަގުތުން އެމޫނުގައި ހިފަހައްޓާފައި އެތައްފަހަރު ބޮސްދޭން ހިތްއެދުނެވެ. ކުރެވުނު ޚިޔާލުތަކުން އަމިއްލައަށް ލައުނަތް ދީފައި ރަކިވެ މޫނު އަލިފާންކޮޅެއް ހާ ރަތްވިއެވެ.
"ޖޭޑް އެސުވާލަކަށް ޖަވާބެއްނުދިން، ނޭގޭ، އެކަމަކު އެކޮށްދިނީ ވަރަށް ބޮޑު އިހުސާންތެރިކަމެއް، ބަޓް ހިތަށް އަރާ ނަސްލު އޮޅުވާލާކަށް ނުވާނެޔޭ....." ކަމީލާ ހިތްހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ލޫކަސްގެ ހިތަށްވެސް އެހާ ބޮޑަށް އަސަރުކުރިއެވެ. އެއްކޮޅުން ތިމާގެ ލޯތްބެވެ. އަނެއްކޮޅުން ކޮއްކޮއެވެ. ކޮންމެވެސް އެއްގޮތެއް ނިންމަން ހިތަށް ވިސްނައިދީދީ އޭނަގެ ބޯ ހަލާކުވާވަރުވެއްޖެއެވެ.
"ދެން ކިހިނެއް ތި ނިންމީ....." ލޫކަސް އާއި ކަމީލާގެ ހަތަރުކަޅި ހަމަވިއެވެ.
"އަދިވެސް ގޮތެއް ނުނިންމިފައިތަ؟ "ކުއްލިއަކަށް ޖައިދަން އެތަނަށް ނުކުތުމުން ދެމީހުންވެސް ރަކިވިއެވެ. ޖައިދަން ލޫކަސްގެ ކޮނޑަށް އަތް ވައްޓާލީ ވަރަށް ގާތްކޮށެވެ.
"ބްރޯ، އަހަންނަށް އަންޑަސްޓޭންޑްވޭ، ކަމީލާގެ ފަސްޓް ލަވް ތިއީ، އެކަން ހިތުން ފިލުވައިލަން ފަސޭހައެއް ނުވާނެ، އެހެންވީމަ އަހަރެން މިފަހަރުވެސް މާފުކޮށްފިން، ކޮންމެ ކަމަކަށްވެސް ޓައިމް ދޭންވާނެ ވިއްޔަ...." ޖައިދަން ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ކުރިމަތީގައި ލަދުން މޯޅިވެފައި ހުރި ކަމީލާ އެދެބެންނާއި ދިމާލަށް ބަލާލީ ދަސްކުރާފަދަ ގޮތަކަށެވެ. ދެމީހުންގެ އިސްކޮޅު ދާދި އެއްވަރުވެފައި ރީތިކަމުގައި ތަފާތެއްނުވެއެވެ. ތަފާތަކަށް ފާހަގަކުރެވެނީ ލޮލެވެ. ލޫކަސްއަށް އަޅި ކުލައިގެ ކަޅިއެއް ލިބިފައިވާއިރު ޖައިދަންގެ ލޮލުގައި އެހުންނަ ފުންކަމާއި ތޫނުކަމުން ހަމަ ވާދަކުރެވޭވަރުވެއެވެ. ކަމީލާ އަވަހަށް މޫނު އަނބުރާލާފައި އެތަނުން ދާން ހިނގައިގަތެވެ.
"ޖޭޑް، ހުރިހާ ކަމެއް އެނގިހުރެ މެރީ ކުރީ ކީއްވެތަ؟" ލޫކަސް ޖެހިލުމެއްނެތި ކޮށްލި ސުވާލުން ޖައިދަންވެސް ސިހުނެވެ. އެނަ ދޭ ޖަވާބެއް އެވަގުތު ލޫކަސްއަށް މުހިއްމުވިއެވެ. ޖައިދަން ހަށަން ބަދެލަމުން ތަބަށް ލެނގިލާފައި ހިމޭންވިގޮތުން ޖަވާބު ނުދޭނެކަން ލޫކަސްއަށް އެނގުނެވެ.
"އަހަންނަށް އެނގޭ، އަހަރެންގެ ފަރާތުން ރިވެންޖް ނަގަން ޖޭޑް އުޅުނީ، ކުޑައިރުއްސުރެން އަހަރެން ދެކެ ހޭޓްކުރަމެއްނު، ކޮބާ މައްސަލައަކީ؟ ކަމެއް އޮތިއްޔާ ބުނީމައެއްނު އަހަންނަށް އެނގޭނީވެސް....." ލޫކަސް ބޭނުންވީ ހުރިހާ ވާހަކައެއް ޖައިދަންގެ ގާތުގައި ދެއްކުމަށެވެ. ނަމަވެސް އެވަގުތު މެހްވިޝް އައުމުން އެވާހަކަ މެދުކަނޑައިލަން މަޖުބޫރުވިއެވެ.
އެދުވަހު ޖައިދަން ގެއަށް އައީ ތަންކޮޅެއް ލަސްވި ފަހުންނެވެ. ކަމީލާ ދަރިފުޅު ނިންދަވާލުމަށްފަހު ނިދަން ތައްޔާރުވިއިރު އޭނަ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ޖައިދަންގެގާތުގައި މިއަދު ބޭޒާރުވީ މާ ރީއްޗަށެވެ. މޫނުމަތިން ރުޅިވެރިކަން ނުދައްކާ ހުއްޓަސް ކަމީލާވަނީ ޖައިދަން ދަސްކޮށްފައެވެ. ސަމާސާއަކަށް ހަދައިގެންވެސް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެއެވެ. އެންމެރަގަޅެވެ. ޖައިދަން އައީމަ ވަގުތުން މާފަށް އެދޭނީއެވެ. ވާހަކަ ނުދައްކާނެކަމަށް ބުނާނީއެވެ. މަޖުބޫރުކޮށްގެން ކުރާ ހުވައެއް ހުވަޔަކަށް ނުވާނެކަން ޖައިދަންއަށްވެސް އެނގެންވާނެއެވެ.
ޖައިދަން ގެ ފިޔަވަޅުތަކުގެ އަޑުއިވިފައިވެސް ކަމީލާގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އަވަހަށް ކުއިލްޓްދަށަށް ވަދެ ނިދާކަމަށް ހެދުނެވެ. އޭރު ކަމީލާގެ ހިތުގެ ވިންދުވަނީ އަވަސްވެފައެވެ. މިފަހަކަށް އައިސް މިފަދަ އިމްތިހާނެއް އަލަށް ކުރިމަތިވުމުން ޖައިދަން އެކަމާއި އަޅާނެ ފިޔަވަޅެއް އޭނައަށް އެހާ ބޮޑަކަށް ނޭގުނީއެވެ. ޖައިދަންގެ ފިޔަވަޅުތައް މަޑުމަޑުން ކާރިވަމުން އައިސް އެނދާއި ހަމައިންހުއްޓުނެވެ. ކަމީލާ ނޭވާ ހިފެހެއްޓިއެވެ.