ކަމީލާ ދުވާލު ހަތަރުދަން ވޭތުކުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހާ ސަކަކޮށް އުޅޭކުއްޖާ އިންނަނީ ނެގި މަޑުވެފައެވެ. ކޮންމެވެސް ދިމާލަކަށް ބަލަހައްޓައިގެން އިންނައިރު އޭނަ އެގެއްލިފައިވަނީ ކޮންފަދަ ޚިޔާލަކަށްކަމެއްވެސް ނޭގެއެވެ. އިރްފާން ކިތަންމެ ފަހަރެއްގެ މަތިން ކަމީލާ އުޅޭގޮތް ދެކެފައި އެންމެފަހުން އޭނަގެ ޒަމާންވީ އެކުވެރިޔާ ޔާސިރުގެ ނަމްބަރު ހޯދަން އުޅެގަތެވެ. ޔާސިރުއާއި ދިމާނުވާތާ ކިތަންމެ އަހަރެއްވެދާނެއެވެ. އަމިއްލަ ދަރިފުޅު ބޮޑުވެއްޖެކަން އެނގުމުން އިރްފާން ބޭނުންވަނީ އަވަހަށް ކަމީލާއަށް ބައިވެރިޔަކު ހޯދަދިނުމަށެވެ. އެމީހުންގެ ފެންވަރު މީހެއް ނޫނީ ކަމުނުދާނެއެވެ.
ޔާސިރުގެ ބައްޕަ ރޯޒްހިލް އާދަމްއަކީ މުޅި ރާއްޖެ ދަންނަ މަޝްހޫރު ނަމެކެވެ. ރޯޒްހިލް ނަމްބަރު ދިރާގުން ހޯދައިގެން ގުޅިއިރު އިރްފާންގެ ހިތް އަވަސްވެފައިވެއެވެ. އޭނަ ހީކުރި ވަރަށް ވުރެ ނަސީބު ރަގަޅެވެ. ފޯނުނެގީ ޚުދު ޔާސިރެވެ. އިރްފާން އަމިއްލައަށް ތަޢާރަފުވެފައި ވާހަކަދައްކަން ފަށާފައި އޭނަ މާލެ ދާން ގަސްތުކުރާ ވާހަކަ ބުނެލިއެވެ. ދެކުދިންގެ މަންމަ މަރުވެ ކުދިންކޮޅު އެކަނިވުމުން ހަދާނެގޮތް ހުސްވެފައިވާކަމަށާއި ކަމީލާގެ ފަހަތުން ރަށުގެ ހުރިހާ ޒުވާނުން އުޅޭތީ ހާސްވެފައިވާކަމުގައި އިރްފާން ބުނެލިއެވެ.
"އަހަރެންގެ ގޭގައި ގެސްޓްރޫމް ހުންނާނެ، އިރްފާންއަށް ވަޒީފާ ހަމަޖެހިދާނެ މަގޭ ކޮމްޕެނީއަކުން، އަވަހަށް މާލެ އަންނަންވީނު..." ޔާސިރު ދައުވަތު ދިނެވެ. ޔާސިރު ކުރިން އޭނަގެ ބައްޕަގެ ކުންފުނިން އިރްފާންއަށް ވަޒީފާ ހަމަޖައްސާދޭން އުޅުނެވެ. އިރްފާންގެ ޚަސީލަތް ހުންނަގޮތުން އެއްވެސް މީހެއްގެ އަޅުވެތިކަމުގައި މަސައްކަތްކުރާކަށް ބޭނުމެއްނުވެއެވެ. އެހެންނޫނަސް ދެމީހުން އެއް އަންހެނަކު ދެކެ ހިތާވެގެން އުޅެގަތީމަ ޔާސިރު އޭރު އޭނަދެކެ ހިތްހަމަނުޖެހި ދުރުވުމުން ފަހަތުން ދުވާކަށްވެސް އޭނަގެ ޒަމީރުތަން ނުދިނީއެވެ. އޭނަގެ ކެތްތެރިކަމެއް ނެތުމުގެ ސަބަބުން ހިނގި ހާދިސާއެއްގެ ހަނދާންތައް އަދިވެސް އޭނަގެ ސިކުނޑި ހާސްކުރުވަން ތޫނު ކަށްޓެއްގެ ސިފައިގާ ހެރެއެވެ. އެ ހާދިސާގެ ޚަބަރު ޔާސިރުގެ ކަންފަތަށް ފޯރައިފިއްޔާ ވާނެގޮތް ލަފާކޮށްލަން އަދި ދަތްޗެވެ.
"ކޮބާތަ ޔާސިރުގެ އާއިލާ ކިހިނެއް؟" އިރްފާން އަހާލައިފިއެވެ.
"އިރްފާންއަށް އެންމެ ރަގަޅަށް އެނގޭނީ ލާރިހުއްޓަސް ހުރިހާ އެއްޗެއް އޭރު މަށަށް ނުލިބުނުކަން، އަހަރެންގެ ފުރާނަ އެއީ، އަހަންނަށް މި ފައިސާއާއި ނިއުމަތް އެހާ މުހިއްމެއްނޫން، އެކަމަކު މިހާރު ހުރިހާ ކަމެއް ތަފާތު، އިރްފާން އަމިއްލަ ލޮލުން ދެކެން އާދޭ......." ޔާސިރުގެ ވާހަކައިގާ ފޮރުވިފައިވާ ހަގީގަތެއް އިރްފާންއަކަށް ނޭގުނެވެ. ހުރިހާކަމެއް ދެކެން އަންނާށޭ އެބުނީ ކޮން މަގުސަދެއްގައިކަމެއްވެސް ނުވިސްނުނެވެ. ކޮންމެގޮތެއްވިޔަސް އިރްފާންގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. ޔާސިރު މަތިން ހަނދާން ނައްތާލާފައި މިހުރިހާ ދުވަހު އޭނަ ހުރީ އޭނަގެ މޮޔަކަމުންނެވެ. ފައިސާވެރި ރައްޓެއްސަކު ހުއްޓާ އޭނަ އެއްފަރާތްކޮށްލެވުނީއެވެ.
އިރްފާން އަވަސްވެގަތީ އަވަހަށް ކަމީލާ މާލެ ގެންދިއުމަށެވެ. ޔާސިރުގެ ފިރިހެންދަރިއަކީ ކޮންކަހަލަ މީހެއްކަން ބެލުން އިރްފާންއަކަށް މުހިއްމެއްނުވެއެވެ. ކަމީލާ މީހަކާއި ރައްޓެހިވެގެން އުޅޭކަން އެނގިހުރެ ބީރައްޓެއްސަކާއި ގުޅުވަން މަސައްކަތްކުރާއިރު ކަމީލާގެ ހިތަށް ވެދާނެގޮތެއް ބަލާލުން އިރްފާންއަށް މުހިއްމެއް ނުވިއެވެ. ލާރީގެ ދަހިވެތިކަން އޭނަގެ ސިކުނޑީގައި ވަކި ހިއްޕާލީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އާރިފާ މަންމަގާތުގައި ބަހައްޓާފައި ދުވަސްކޮޅަކަށް ކަމީލާއާއި އީކާ ގޮވައިގެން މާލެދާން ނިންމާފައި އަވަހަށް ޓިކެޓް ނަގަން މީހަކާއި ހަވާލުކުރިއެވެ. ކަމީލާ އަތުން އައިޑީ ކާޑުވެސް އަތުލިއެވެ. އޭރުވެސް އިރްފާން ކުރަން އުޅޭކަމެއް އެހެން މީހަކަށް ރޭކާނުލައެވެ.
އާދައިގެމަތިން ހަވީރުގަޑީގައި ލޫކަސް ޓިއުޝަންދޭން އައެވެ. އޭރު ކަމީލާ އިނީ މޭޒުކާރީގައި އިންތިޒާރުގައެވެ. މިއަދު ކަމީލާލައިގެން ހުރީ ހަރުވާޅު ހެދުމެއްނޫނެވެ. ޖިލްބާބު ލައިގެން ކަޅުސްކާފެއް އަޅައިގެން އިންއިރު ކަޅުވިލާގަނޑެއްގެ ތެރެއިން ހަނދު ފާއްދާލާފައިވާފަދައެވެ. ލޫކަސްގެ އަތްފައިވެސް ފިނިވެލިއެވެ.
"ހާދަ ރީއްޗޭ މަގޭ ފުރާނަޔާ....." ލޫކަސް ރޭބަން އައިނު ނަގާލާފައ އެ ރީތި ދެލޮލުން ބަލާލި ގޮތަކުން ކަމީލާގެ މޫނު އެކީގައި ރަތްވެއްޖެއެވެ. އެއްޗެއް ބުނަން ކަމީލާގެ ރޫ ހަރަކާތެއް ނުކުރި ހިނދުކޮޅެއްވެސް އައެވެ.
"ބައްޕަ ކޮބާތަ؟ ބައްޕަގެ ވަލީ ބޭނުންވާނެއްނު..." ލޫކަސް ގޮނޑީގައި އިށީދެ ދެއަތްތިލަ ގުޅުވާލިއެވެ.
"ބައްޕަ ނަމާދަށް ދިޔަގޮތަށް އަދި ނާދޭ...." ލޫކަސް ދިއްކޮށްލި ފޯމުގައި ހިފާލިއިރު ކަމީލާގެ އަތްތިލަވަނީ ތެމިފައެވެ. ކަމީލާ ބަލާލިއިރު ލޫކަސް ސޮއިކޮށްފައޮތެވެ.ދެމީހުން އާ ހަޔާތެއް ފެށުމުގެ ގޮތުން ގާނޫނީގޮތުން އެޅޭ ފުރަތަމަ ފިޔަވަޅެވެ. ކަމީލާގެ ހިތް އުފަލުން ނަށާލިއެވެ. އޭރު ލޫކަސް އިނީ ކަމީލާގެ ދިގު ދިގު އެސްފިޔަތަކަށް ބަލާށެވެ. ހިތަށް ކެތްވަނީއެއް ނޫނެވެ. ކަމީލާ އުނގުގައި ބާއްވައިގެން އޮތް ވޮލެޓް ނަގާފައި ލޫކަސްގެ އަތަށް ދިއްކޮށްލަމުން އޭގައި ހުރީ ކާކުގެ ތަސްވީރެއްހެއްޔޭ އަހާލިއެވެ. ކަމީލާ ހީކުރިގޮތަށް އެއީ ލޫކަސްގެ މަންމައެވެ. ލޫކަސް މަންމަދެކެ ލޯބިވާވަރު އެވަގުތު ދެއްކި ވާހަކަތަކުން ކަމީލާއަށް ހާމަވިއެވެ.
"އައިމް ކްރޭޒީ، އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ ލޫކަސް އަހަރެންގެ މީހަކަށްވިކަން، އެތައް މިލިއަން އަންހެންކުދިންނެއްގެ ތެރެއިން އަހަންނަށް ލޫކަސް މި ލިބުނީ، ދުނިޔޭގައި ހުރި އެންމެ ލަކީ ގާލް...." ކަމީލާ ހިތާހިތުން ކިޔާލިއެވެ.
"މިރޭ މީޓްކޮށްލަން ބޭނުން، އޭގެ ފަހުން ސީދާ ހަޒްބެންޑްގެ ހައިސިއްޔަތުން އަހަރެން އަންނާނީ....." ލޫކަސް ކަމީލާގެ އަތަށް ފިތާލިއެވެ. އެވަގުތު ފަހަތުން މީހަކު ކަރުކެހިލިއަޑަށް ލޫކަސް ސިހިފައި ކަމީލާގެ އަތުން ދޫކޮށްލައިފިއެވެ. އޭނަ އަތްދަމައިގަތަސް ކިތަންމެ ރަގަޅަށްވެސް އެ މަންޒަރު ފެނި އިރްފާންގެ ލޭ ކައްކުވާލައިފިއެވެ. އޭނަގެ ދަރިފުޅު ކަމީލާ ފެންނަ ކޮންމެ ފިރިހެނަކާއި ރައްޓެހިވެގެން އުޅެނީ ހެއްޔެވެ؟ ޕާޓޭއަކާއިއެކު ވަލުތެރެއަށް ވަންނަކަމުގެ ޚަބަރު ފެތުރުނުއިރު ކިޔަވާދޭމީހާއާއިވެސް މިއޮތީ ކޮންފަދަ ގުޅުމެއްހެއްޔެވެ؟ ލޫކަސްއަކީ ރަގަޅުމީހެއް ނޫނެވެ. އޭނަ ޕާޓޭއިންނާއިއެކު އުޅޭތަން ފެންނަ ކަމަށާއި މިސްކިތަށް އަރާ އުޅެނީ މީހުންގެ ލޮލުގައި އަނދުން އަޅުވަންކަމުގައި އިރްފާންގެ އެކުވެރިއަކުވަނީ ބުނެފައެވެ. މިއަދުން ފެށިގެން ލޫކަސްގެ ވަޒީފާ އަދާކޮށް ނިމުނީއެވެ. ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އިރްފާން ރުޅި މައިތިރިކުރުން އުދަގޫކަމަކަށް ނުވިއެވެ. މޭޒުމަތީގައި ހުރި ޖަގުން ފިނިފެންތަށްޓެއް އަޅާލައިގެން ކަރުތެރެއަށް އޮއްސާލިތަނާހެން ލޫކަސް ގޮވާލުމުން އިރްފާން ސިހިފައި ބަލާލިއެވެ. އޭރު ކަމީލާ އެތަނުންގޮސް ނިމިއްޖެއެވެ.
ލޫކަސް އިރްފާން ގާތުން ކަމީލާގެ ކައިވެންޏަށް އެހީ ވަރަށް ހަމަޖެހިލާފައެވެ. އިރްފާންއަށް ޝޮކެއް ލިބުނެވެ. މި ޒުވާނާގެ ލަދުކުޑަކަމާއިމެދު އަނގަ ހުޅުވުނެވެ. އެވަރުންވެސް އިރްފާން އިނީ ހިނިތުންވެލައިގެންނެވެ. އެކަމަށް ހުއްދަ ދޭނެކަމަށާއި ސޮއިކޮށްދޭނެ ކަމަށް ބުނެ އެ ފޯމުގައި ހިފިއެވެ. އިރްފާން ބުނީ އެވަރުގެ ކަމެއްކޮށްލާއިރު ކަމީލާގެ ބޭބެގާތުން ލަފާ ހޯދަން ޖެހޭނެ ކަމުގައެވެ. މިރޭ ލިއަމްއަށް ގުޅާފައި ވާހަކަދައްކާނެ ކަމުގައެވެ. ކަމީލާއަށް ގުޅާފައި ލޫކަސް އެ ވާހަކަތައް ކިޔާދިނުމުން ކަމީލާ އުފަލުން ބިމުގައި ދެފައި ހަރުނުލައެވެ. މާހާއަށް ގުޅައިގެން އެރޭ ކަމީލާ ދިޔައީ ބާޒާރުކޮށްލާށެވެ. ކަމީލާ ޖިލްބަބު ލައިގެން ހުރިތަން ފެނިފައި މާހާ ސުވާލުކުރިއެވެ.
"ޖިލްބާބު ލާން ފެށީމަ އެތެރެއިން ކުރު ހެދުންލިޔަސް އޯކޭވާނެއްނު، ހަރުވާޅު ހެދުންތައްލީމަ ދެން އަހަންނަށް އެހާ ރީއްޗެއްނޫން، ގޯންޏެއްގެ ތެރެއަށް އެރެވިގެން އުޅޭހެން ހީވަނީ، ދައްތައަކު މި ކަޅުހެދުން ގެނެސްދިނީ، އޭރުން ގޭގައި އުޅޭއިރު ޓައިޓް އެއްޗެހިވެސް ލެވޭނެއްނު، ޓޮޕްކޮޅާއި ޖިންސްލާންވެސް ހުއްދަލިބޭނެ، ތަންތަނަށް ދާންވީމަ ކަޅުހެދުން ލާނީ......" ކަމީލާ ރަތްކުލައިގެ ސްވެޓަރެއް ގައިގާ ޖައްސާލިއެވެ.
"އަދި ސިކްރެޓެއް ބުނެފާނަން، އަހަރެންގެ ބާތްޑޭގައި މެރީކުރަން މިއުޅެނީ، އެ ބޯއި ބުނެގެންނޭ ކަޅުހެދުން ލާން މިނިންމީ......." ކަމީލާ ހީލުމުން ދެކޯތާފަތަށް އަޑިކޮޅު އެޅުނެވެ. މިރޭ އެދެލޮލުގެ ވިދުން ވަކިން ގަދަވެފައިވާހެން ހީވެއެވެ. ހަޔާތަށް ލޫކަސް އައުމާއިއެކު އޭނަ ލައި އުޅުނު ހެދުންތަކަށްވެސް އިންގިލާބެއް އައީއެވެ.
"ވާއު، ހަމަ ތެދެއްތަ؟ " މާހާ ކަމީލާގެ އަތުގައި ހިފާލިއެވެ.
"ޔަޕް..." ކަމީލާ ކުޑަކޮށް ފޮނިވެލިއެވެ.
"ހޫޒް ދަ ލަކީ ވަން؟ " އެނގޭއިރުވެސް ޔަގީންކުރުވަން މާހާ ބޭނުންވިއެވެ.
ދެކުދިން ބާޒާރުކޮށްލައިގެން އައި މަގުމަތީގައި މާހާ ދެއްކީ ލޫކަސްގެ ވާހަކައެވެ. އެހާ ޒަމާނީކޮށް އުޅޭ ފެޝަނަބްލް ފިރިހެންކުއްޖަކަށް ކަމީލާ ކަޅުހެދުން ލީމަ ގަބޫލުކުރީމަ ހައިރާންވެގެން އެ ވާހަކަދެއްކިއެވެ. ކަމީލާ ބުނީ ލޫކަސް ބޭނުންވަނީ ކަމީލާ މިގޮތަށް ހެދުން އެޅުންކަމުގައެވެ. ލޫކަސްގެ ހަޔާތުގެ ބައިވެރިޔާގެ ރީތިކަން އެހެން މީހުންނަށް ދައްކަން ލޫކަސް ބޭނުންނުވާކަމުގައެވެ. ކަމީލާ ހީހީފައި ވާހަކަދައްކާއިރު އެއްވެސް ފިކުރެއް ޚިޔާލެއް ނެތްފަދައެވެ. އުފާވެރިކަމުގެ ފުރިހަމަ ތަސްވީރެކެވެ. ދެކުދިން ފިޔަވަޅުތައް އަވަސްކޮށްލީ ތުނިކޮށް ވާރޭވެހެން ފެށީމައެވެ.
ބާރަ ޖަހަންވާއިރަށް ކަމީލާ އިނީ ދޮރު ހުޅުވާލައިގެން ލޫކަސްގެ އިންތިޒާރުގައެވެ. ވާރޭ ވެހޭތީ ލޫކަސް ނާންނާނެކަމުގައި ކަމީލާ ހީކުރިއެވެ. ގުޅާލިއިރު ލޫކަސްގެ ފޯނު އޮތީ ނިވާލާފައެވެ. ކާވެނި ނުކުރެވެނީސް ކަމީލާގެ ހިތަށް ހަމަޖެހުމެއްވެސް ނުލިބޭނެއެވެ. ޚިޔާލުގައި އެނޫންކަމެއް ނުވެއެވެ. ކަމީލާ އެނދުގެ ބާލީސްތަކުގެ ތެރޭގައި މޫނު ފޮރުވާލިއިރު އަދިވެސް ހީވަނީ ލޫކަސްގެ މީރުވަސް ދުވާހެނެވެ. އެހެން އޮތްއިރުވެސް އިރުއިރުކޮޅާ ފާރުގައި ހުރި ގަޑިއަށް ބަލާލެވެއެވެ. ގަޑި މާލަހުން ހިނގާހެން ހީވިއެވެ. ލޫކަސް ގެ ރީތި މޫނު އަބަދާ އަބަދު ދެކެން ބޭނުންވަނީއެވެ. ފުރަތަމަ ލޫކަސް ފެނުނު ދުވަހުން ފެށިގެން ހިތުގެ މައްޗަށް އޭނައަށް ބާރު ފޯރުވެނީއެއް ނޫނެވެ. ލޫކަސްގެ އަޅަކަށްވާން ޖެހުނަސް ހެވެވެ.
"ބޭބީ، ނިދީތަ؟ " ކަމީލާ ބާލީހުގައި މޫނު ފޮރުވާލިތަނުން ފިނިއަތަކުން ހިފަހައްޓާލުމުން ކަނދުރާގައިވާ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ. ލޫކަސް އަތްލުމުން ކުރެވެނީ ބުނަން ނޭގޭފަދަ އިހުސާސްތަކެވެ. ހީވަނީ ހަށިގަނޑުގައި ކަރަންޓްގެ ރާޅުބާނިތަކެއް ދަތުރުކުރާހެންނެވެ. ކަމީލާ އެނބުރި ބަލާލިއިރު ދާދިގާތުން ލޫކަސްގެ ރީތި މޫނު ފެނިފައި މުޅި ދުނިޔެމަތިންވެސް ކަމީލާ ހަނދާން ނެތުނެވެ. ލޫކަސް ހުރީ ތެމިފޯވެފައެވެ. ކަމީލާ އެދުނީ ހިކިގެން އައުމަށެވެ. ކަމީލާ ދިއްކޮށްލީވެސް އޭނަގެ ފިޔާތޮށިކުލައިގެ ތުވާއްޔެވެ. ލޫކަސް ޓީޝާޓް ބޭލުމުން އެ ކަސްރަތީ ރީތި ހަށިގަނޑު ހާމަވެގެން ދިޔުމުން ކަމީލާ ލަދުގެންފައި އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ލޫކަސް ކޮނޑަށް ތުވާލި އެއްލާލައިގެން އައިސް އެނދުގެ މަގަތުގައި އިށީދެއްޖެއެވެ.
"ބޭބީ، މިރޭ ވާރޭވެހެން ހެދީމަ ނާންނަން ކަމަށް އަހަރެން ހުރީ، އެކަމަކު މަންމަ ގުޅާފައި ބޮޑުކަމެއް ދިމާވެގެން އަހަރެން މާދަން ހެނދުނު ފުރަން ޖެހުނީ، ކިހިނެއް އެހާ ދުރަށް ދާނީ ދިމާނުވެ..." ލޫކަސް މަޑުމަޑުން ވާހަކަދެއްކިއެވެ.
"މާދަމާއޭ، ހާދަ ދެރައޭ...." ކަމީލާގެ އަޑުން މާޔޫސްކަން ފާޅުވިއެވެ.
"އަހަރެން އަންނާނަމޭ....." ލޫކަސް ކަމީލާގެ އަތަށް ފިތާލިއެވެ. ކަމީލާގެ ނާޒުކް އަތް ލޫކަސްގެ އަތުތެރޭގައި ހައްޔަރުކޮށްލިގޮތަށް ދޫކޮށްލާކަށް ނޫޅުނެވެ. ކަމީލާ އެވަރުންވެސް އަނެއްފަރާތަށް އެނބުރުނީ ކަރުނަތައް ނުފިހެއްޓުމުންނެވެ.
"ބޭބީ؟ ރޮނީތަ؟ " ލޫކަސް ކަމީލާ ރޯހެން ހީވެގެން ގަދަކަމުން އޭނައާއި ވީފަރާތަށް ކަމީލާ އަނބުރާލައިފިއެވެ. ބޮޑެތި ކަރުނަ ތިކިތަކުން އެ ލޯ ފުރިފައިވާތަން ފެނުމުން ލޫކަސްގެ ހިތް ހަލާކުވާވަރުވިއެވެ.
" ޔޫ އާރ ކްރައިން، ތިހެން ނަހަދާ ބޭބީ، އަހަރެން ބޮޑު ކަމެއް ދިމާވެގެން މިދަނީ، ބޭބީ އާއި ވަކިވެގެން ދަނީކީއެއް ނޫން، ދެރަނުވޭ...." ލޫކަސް އަނެއްއަތުން ކަމީލާގެ ކޯތާފަތް ފޮހެލަދިނެވެ.
"އަހަރެންވެސް ގެންދޭ....ޕްލީޒް.." ކަމީލާގެ ހިތް ފަޅިފަޅިވެގެން ދިޔައެވެ.
'އެއިޓީން ނުވަނީސް މެރީނުކުރެވޭނެއްނު، ކޯޓަށްގޮސް ވަކި ގަވާއިދަކުން މިކަންތައް ކުރަން ޖެހެނީ، އެހެންނޫންނަމަ މާދަން ހެދުނުވެސް މެރީކޮށްގެން އެކީގައި ގެންދަން ބޭނުމީ، އަހަރެން ބޭބީ ދޫކޮށްލާފައި ދުރަށް އަބަދަށްޓަކާ ދަނީކަމަށް ހީކުރީތަ؟ އަހަރެން ހާދަ ލޯބިވެއޭ، އަހަރެންގެ އެންމެ ފަހުގެ ނޭވައާއި ހަމަޔަށް ބޭބީދެކެ ލޯބިވާނަން، އެކީގައި ދެމީހުން ނިމިގެންދާނީ، އައި ޕްރޮމިސް، ވީ ވިލް ބީ ޓުގެދަރ.......ފޯރއެވަރ......." ލޫކަސް ހިތްވަރުދޭން އެކި ވާހަކަދައްކަމުންގޮސް ކަމީލާގެ ކަރުނަތައް ހުއްޓުވައިފިއެވެ. ވާރޭ ހުއްޓާލާކަށް ނޫޅުނެވެ. ތުނިކޮށްލާނެހެން ހީވިއިރެއްވެފައި އަނެއްކާ މާބޯކޮށްލީއެވެ. ލޫކަސްވެސް ކަމީލާގާތު އޮށޯވެ ވާހަކަދައްކަންފެށީ ނުބައި ނިޔަތެއްގައެއް ނޫނެވެ. ކަމީލާ އެދުނީވެސް ވާރޭ ހުއްޓާލަންދެން ލޫކަސް އެތާ އޮތުމަށެވެ. ކުޑައެއް ފެނޭތޯ ބޭރަށް ނުކުމެ އުޅެނިކޮށް ބައްޕައަށް ޝައްކެއްވިއްޔާ މާ ދެރަގޮތެއް ވެދާނެއެވެ. އެރޭ ލިބުނު ފިލާވަޅުންވެސް ކަމީލާއަށް އިބުރަތެއް ނުލިބުނެވެ. އެކީގައި އެގޮތަށް ތަޅުލެވިގެން ތިބެންޏާ ތިންވަނައަށް އިބްލީސް ހުރެދާނެކަން ވިސްނައެއްނުލެވުނެވެ. ލޫކަސްގެ ރީތި މޫނަށް ބަލާލާފައި އާޝޯޚުވެގެން ދުނިޔެމަތިންވެސް ކަމީލާ ހަނދާނެއްނެތެވެ. އެ ލޮލުގެ ފުންކަމުގެ ތެރެއަށް ގެނބުނީ އަލުން ބޯ ހިއްލާލެވޭކަހަލަ ގޮތަކަށް ނޫނެވެ. ކުދިކުދި ސަމާސާތައް އެރޭވެސް މާ ދުރަށް ދެވުނީއެވެ. ހުއްޓާލަން އުދަގޫވާ ހިސާބަށް ދިޔައީއެވެ. ކަމީލާއަށް ވިސްނުނުއިރު މިރޭވެސް ގޯސް ހެދިއްޖެއެވެ.
ލަދުގަނެ ދެރަވަނީ ވަގުތު ފާއިތުވީމައެވެ. ފާފައެއް ނުކުރަން ހިތުގައި ކަނޑައަޅައިގެން ހުއްޓާ ދެވަނަފަހަރަށްވެސް ތަކުރާރުކުރެވުނީއެވެ. ފަތިހު ލޫކަސް ހޭލައިގެން ކަމީލާއާއި ވަދާއުގެ ސަލާމްކޮށްލިއެވެ.
"އަވަހަށް އަންނައްޗޭ، އަހަރެން ވަރަށް ހަނދާންވާނެ...." ކަމީލާ ކަރުނުން ފުރިފައިވާ ދެލޮލުން ބަލާލަމުން ލޫކަސްގެ މޫނުގައި އަތް ޖައްސާލުމުން ލޫކަސް އެއަތުގައި ހިފަހައްޓާފައި ބޮސްދިނެވެ. ކިތަންމެ ހިތްވަރުކޮށްލައިގެން ހުއްޓަސް ކަމީލާ އެގޮތަށް ރޯތަން ފެނިފައި ލޫކަސްގެ ހިތަށް ކުޅަދާނަވަނީއެއް ނޫނެވެ. އޭނަވެސް ހުރީ ފެންކަޅިވެފައެވެ. ނުރޯށޭ ބުނަމުން ކަމީލާގެ ލޮލުގައި ބޮސްދިނެވެ.
"ވަރަށް ހަނދާންވާނެ، ވަރަށް ވަރަށް ލޯބިވޭ، އަހަންނަށް އިންތިޒާރުކުރާނަންތަ؟ " ލޫކަސް އަހާލުމުން ކަމީލާ ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ލޫކަސްގެ ރީތި ހިނިތުންވުމުން ކަމީލާގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނެވެ. ލޫކަސް ހުރީ ދާހިތަކުން ނޫނެވެ. ކަމީލާގެ ރީތިކަން އެހިތަށް ތަދުކުރުވާވަރު ކުޑައެއް ނޫނެވެ. ފަޅި ސިކުންތުކޮޅަކަށްވެސް ކަމީލާއާއި ވަކިވާކަށް ހިތަކަށް ކެތްނުވާނެއެވެ. ލޫކަސް އެންމެ ފަހު ފަހަރަށް ކަމީލާގެ ރަތްލޭކޮޅެއްކަހަލަ ތުންފަތުގައި އިނގިލި ޖައްސާލަމުން އެންމެ ފަހު ފަހަރަށް އަތުތެރެއަށް ގެނެއެވެ. އެއަށްފަހު ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އާދައިގެމަތިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ލޫކަސް ކުޑަދޮރުން ފުންމާލާފައި ހިނގައިގަތްތަނުން ގޭގެ މައިދޮރު ހުޅުވާލިއިރު ލޫކަސް ނަސީބަކުން ދޮރާށިން ނުކުތީއެވެ. އިރްފާން ޝައްކުވީލެއް ބޮޑުކަމުން ކަމީލާގެ ކޮޓަރީގެ ކުޑަދޮރުގައި ހިފާ ޗެކްކޮށްލިއިރު ތަންޑުތައް ހުރީ އަޅުވާފައެވެ.
"ވީހާވެސް އަވަހަށް ކަމީލާ ގޮވައިގެން ފުރަންވީ، ނޫނީ އަހަރެމެންގެ މުޅި އާއިލާވެސް ބަދުނާމުވެދާނެ..." އިރްފާން ހިތާހިތުން ކިޔާލައިފިއެވެ.
ކަމީލާ ފަތިސް ނަމާދުކޮށްލައިގެން މުސައްލަމަތީގައި ދުޢާކުރަން އިނެވެ. ކުރެވުނީ ފާފައެއްކަން ވިސްނި އެލޮލުން ކަރުނަ އޮހުނެވެ. މިކަންތަކުން ސަލާމަތްވެވޭނީ އަވަހަށް ކާވެނިކުރީމައެވެ. ކަމީލާ ހިތާމަކުރާ ސަބަބަކީ އެއީއެއް ނޫނެވެ. ދުޢާކުރިއިރު ބޮޑަށް ރޮވުނީވެސް ލޫކަސްއާއި ވަކިވާންޖެހޭކަންވެސް ހިތަށް އަރާފައެވެ. ލޫކަސް އަވަހަށް ނުފެންނާނެކަން އެނގިފައި ކަމީލާގެ ހިތަށް ތަދުވާވަރުން އެއްގޮތަކަށްވެސް ރުއިން ހުއްޓައެއް ނުލެވުނެވެ.
"އަހަންނަށް ނޭގޭ މިވަރަށް ލޫކަސްދެކެ ލޯބިވެވެނީ ކީއްވެކަމެއް، އޭނަ ފެނުމުން އެވާގޮތްތައްވެސް ބުނެދޭކަށް ނޭގޭ، އެއީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާކަމުގައި ވާން އުޅޭ ފިރިހެންކުއްޖާ، އަހަރެން މިވަރަށް ރޯންވީ ސަބަބެއްވެސް ނެތް، ބައްޕަވެސް ހުއްދަދީފި، ދެން ބާކީ އޮތީ ފަސްދުވަސް، ލޫކަސް މާލެގޮސްފައި އަންނާނެއްނު، އެކަމަކު އަބަދާއަބަދު އަހަންނާއި ގާތުގައި ލޫކަސް ވާން ބޭނުންވަނީ ކީއްވެތަ؟ ލޫކަސް ގެއްލިދާނެތީ މިހާ ބިރުގަންނަނީ ކީއްވެތަ؟ ލޫކަސް ޕްރޮމިސްކުރި، އަންނާނެކަމުގެ ޔަގީންކަން ދިން، އަބަދަށްޓަކާ ލޯބިވާނެކަމަށް ބުނި، ވީއިރު އަހަރެން ކެތްކުރަން ނުޖެހޭތަ؟ އަހަރެންގެ ލޫކަސް ދުރަށް އެދިޔައީ ކޮންމެވެސް ބޮޑުކަމެއް ނިންމަން، ތިންދުވަސް ތެރޭގައި އަންނާނެކަމަށް ބުނި...." ކަމީލާ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.
ކަމީލާ ރޭ އެންމެ ފަހަރަކު ލޮލު ފިޔަޖަހާނުލިކަމުގައި ވިޔަސް އޭނަ ކޮޓަރިން ނުކުތްއިރު މޫނު ނިކަން ތާޒާވެފައި ރީއްޗެވެ. ނަމަވެސް ކޮންމެވެސް ކަމަކާއި ދެރަވެފައި ހުރިކަމަށް ތެތްވެފައިވާ ދެލޯ ހެކިދެއެވެ. ދޮރު ހުޅުވާލާފައި ބޭރަށް ބަލާލާއިރަށް ނުކިޔަމަންތެރި އިސްތަށިގަނޑު އެގޮތް މިގޮތަށް އުދުހިގަތުމުން ރަތްކުލައިގެ ވޫލްކޮޅަކުން އައްސާލައިފިއެވެ. އޭނަ ބޭރަށް ނުކުތީ އެތެރެއިން ލާފައި ހުރި ކުރު ހެދުމުގެ މަތިން ކަޅުކުލައިގެ ދިގު ޖެކެޓެއްލައިގެން ފޮރުވިގެންނެވެ.
"ދޮންބެ ޚަބަރެއްނުވޭތަ؟ " އާރިފާދައްތަގެ އަޑު އިވުމުން ކަމީލާ ސިހުނެވެ.
"ނުވޭ..." ކަމީލާ ލޭކޮޅެއްފަދަ ރަތް ތުންފަތުގައި ދޫ ހާކާލަމުން ކޮނޑަށް އެއްލާލައިގެން އުޅުނު ޝޯލް ބޮލާއިއެކު އޮޅާލައިފިއެވެ. ކޮންމެވެސް ކަމެއް ފޮރުވަން އުޅޭފަދަ ގޮތެއް އޭނަގެ ހަރަކާތްތަކުން އާރިފާއަށް ފާޅުވިއެވެ.
"އާދޭ ސައިބޯން، ބައްޕަ އެބަކިޔާ ކަމީލާ މީހަކާ އިންނަން އުޅެނީއޭ، މީހަކާއި އިންނަން އުޅޭއިރު ކަމީލާއަކަށް ރޮށްޓެއް ދަމާލާކަށް ނޭގޭ، އަހަންނަށް ނޭގޭ ބޭބެ މާ އަވަސްއަރުވާލައިގެން ކަމީލާ އޭލެވެލް ނަހަދަނީސް މީހަކާއި ދެވަން އެއުޅެނީ ކީކޭ ހިތަށްއަރައިގެން ކަމެއްވެސް، އަހަންނަށް ނުފެނޭ ތިހާ އަވަސްކުރަން...." އާރިފާ ކިޔާ އެއްޗެއްސަށް އަޅާނުލާ ކަމީލާ އިސްޖަހާލައިގެން ހުރެ ކުރިއަށް ފިޔަވަޅުއެޅިއެވެ. އީކާވެސް އޭރު ފިޔާތޮށިކުލައިގެ ޓޮޕްކޮޅަކާއި ރީދޫ ޖިންސެއްލައިގެން ކޮޓަރިން ނުކުމެއްޖެއެވެ. އޭނަ ކުޑަކަމުން އެފާޑުގެ ހެދުންތައް ލައިގެން ބޭރަށްދާންވެސް މަންމަމެންގެ ހުއްދައޮވެއެވެ. އީކާ ހީވަނީ ބާބީ ބުދެއްހެންނެވެ. އިސްތަށިގަނޑު ކަފަކޮޅެއްހެން އޮތުމުން ވަކިން ލޯތްބެވެ.
"އެއްކަލަ ކުއްޖާ އެބަހުރި ފުނާ ނާޅާ ނުކުމެފައި....." އާރިފާ އީކާއާއި ދިމާލަށް ކަޅި އަޅާލިއެވެ. އެވަގުތު އިރްފާން އާއި އާރިފާގެ މަންމަ ކޮޓަރިން ނުކުތްގޮތަށް އީކާ ގެނެސް މޭގައި ޖައްސާލިތަން ފެނިފައި އާރިފާގެ މޫނު އިތުރަށް ކުނިކޮށްލިއެވެ. މަންމައަށް އެއްވެސް އެއްޗެއް ނުވިސްނެނީބާވައޭ އޭނަގެ ހިތަށް އެރިއެވެ. އެކުއްޖާއަށް ބަލާލިޔަސް އެއީ އިރްފާންގެ ދަރިއެއް ނޫންކަން އެނގޭނެއެވެ. ޔޫރަޕްގައި އެއުޅޭ ދޮންމީހުންނެކޭ ތަފާތެއް ނެތެވެ. އެންމެން އެކީގައި ސައިބޮއިގެން ބޭރަށް ނުކުމެ ވާހަކަދައްކާލަން ތިބިއިރު ކަމީލާ ނުކުތީ ގަސްތަކުގެ ތެރެއަށެވެ. ވާރޭ ހުއްޓާލާފައިވާއިރު ގަސްތައް ފެންނަނީ ނިކަން ޝާއްބަކޮށެވެ. ފެހިފަތްތަކުގެ މަތީގައި މުތީތަކެއް ފަދައިން ވާރޭގެ ތިކިތައް ހަރުލާފައިވާއިރު އެހާ ރީއްޗެވެ. ކަމީލާ ހުރީ އުފާވެފައެވެ. ކޮންމެވެސް ސަބަބަކާއިހުރެ ފޯނު ނުޖެއްސުނޭ ކިޔާފައި އޭނަ ހިތާމަކުރަން ފަށާކަށް ނުވެއެވެ. ލޫކަސްވަނީ އެވަރު ބުނެދީފައެވެ. ފަހުން ކަމެއް ވެދާނެކަމަށް ހިތާ އެކަމާއި ނުވިސްނަން އެދިފައެވެ. އޭނައަށް އިތުބާރު ކުރަން ލޫކަސް ތަކުރާރުކޮށް އެދިފައިވެއެވެ.
ކޮންމެވެސް ބަޔަކު ދޮރާށި ހުޅުވާލިހެން ހީވެފައި ކަމީލާ އެނބުރި ބަލާލިއެވެ. ދޮންބެ ހިނިތުންވެލާފައި ހުރިތަން ފެނުމުން ހިތަށް ކުޑަ އުފަލެއް ލިބުނެވެ. އަނެއްފަރާތަށް އެނބުރިގެން އެހެރީ މަންމަހެއްޔެވެ؟ ހުރިހާ އުފަލެއް އެކީގައި ލިބެން ވެއްޖެއްޔާ އޭނަގެ ހިތް ހުއްޓިދާނެހެން ހީވިއެވެ. މަންމަ ކަމުގައި ހީކުރި މީހާ އެނބުރިބަލާލުމުން ކަމީލާގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ.