އެއީ އޭނަގެ މަންމައެއް ނޫނެވެ. މަންމަ އެހާ އަނަރޫފަވެފައި ހިއްކެއް ނުވާނެއެވެ. ނަމަވެސް އެމީހާ "މަންމަގެ ދަރިފުޅާ" އޭ ގޮވާލާފައި ކަމީލާގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
"މިއީ މަންމައޭ، ކައްމިއަށް މަންމަ ނޭގުނުތަ؟ " ލިއަމް އެހެން ބުނުމާއިއެކު ކަމީލާ މަންމަގެ ގައިގާ އޮޅުލައިގަތެވެ. އެންމެންހެން ބޭރަށް ނުކުތްގޮތަށް އާތިކާ ފެނިފައި އުފާވިހެން ހީވިއެވެ. މާމައާއި އާރިފާވެސް އުފަލުން އީދެއް އައިސްގެން އުޅޭހެން އުޅެގަތެވެ. މާމަ ބާރުބާރަށް އިރްފާން އަށް ގޮވަންފެށިއެވެ. އިރްފާންގެ ނަން އިވުނީމަވެސް ލިއަމް ވީ ފޫއްސެއްގެ ބޮޑުކަމުން މޫނުމަތީގައިވި ހިނިތުންވުން އެހާ އަވަހަށް ގެއްލި ނިތްކުރިއަށް ރޫއެރިއެވެ. އިރްފާން މަންމަ މޮޔައިންގެ ހޮސްޕިޓަލަކަށް ލާފައި މަރުވިކަމަށް ހަދާފައި ސެޓްފިކެޓް ހައްދައިގެން އައިއިރު އެކަން ބޭޒާރުވާނެ ދުވަހެއް އަންނާނެކަމަށް ހީނުކުރަނީ ހެއްޔެވެ؟ އެދުވަސްކޮޅު ރަގަޅަށްވެސް މަންމަ ހުރީ ބޯގޮވާފައެވެ. އިރްފާން ހިތަށް އައިގޮތެއް ހެދުނީ އެހެންވެއެވެ. އިރްފާން ގަވާއިދުން އެތަނަށް ފައިސާ ފޮނުވައެވެ. އާތިކާ އެތަނުން ފިލުވައިގެން ނަރުސްކުއްޖަކު ގެންދިޔައީ އާތިކާ ރަގަޅުވިޔަސް އެތަނުން ބޭރަށް ނުދެވިދާނެކަމަށް ހީވެފައެވެ. އެކުއްޖާގެ ވަޒީފާ ގެއްލުނަސް ހެޔޮކަމުގައި އޭނަ ސިއްރުސިއްރުން އާތިކާ އެތަނުން ނެރެދިނީއެވެ.
ލޫކަސް ފްލައިޓަށް އެރުމުގެ ކުރިން ކަމީލާއަށް ގުޅާފައި ފޯނު ނިވާލިގޮތަށް ފޯނު ޖައްސާނެ ގަޑިއަކަށް ކަމީލާ އިންތިޒާރުކުރިއެވެ. މިހާރު މާލެދެވޭނެހާ އިރުވެއްޖެއެވެ. އޭނަފޯނު ނިވާލައިގެން އުޅެނީ ކީއްވެބާވައެވެ. ތިންދުވަހަށް އިންތިޒާރުކުރަން ބުނިކަމުގައި ވިޔަސް ފޯނުން ވާހަކަދެއްކޭނެ ނޫންހެއްޔެވެ؟ ހަވީރުވީއިރުވެސް ކަމީލާ ފޯނު ނުޖައްސާތީ ކަމީލާ ކަންތައްބޮޑުވާން ފެށިއެވެ. ފާޑުފާޑުގެ ޝައްކުތަކުން ސިކުނޑި ފުރާލިއެވެ. މަންމަ އައުމުގެ އުފަލުގައި ކަމީލާވެސް އުފަލުން ފުމެފުމެފައި އުޅުނަސް ލޫކަސްގެ މަތިން ހިދުކޮޅަކަށްވެސް ހަނދާން ނައްތައެއްނުލައެވެ. އާތިކާ ފެނިފައި އުފަލެއް ނުލިބުނީ ހަމައެކަނި އިރްފާންއަށެވެ. އިރްފާން އަނބުރައިނުގަތީ ކިރިޔާއެވެ. އިރްފާން އެ ދަނޑިވަޅުގައިވެސް ރޯބުހުތާން ދޮގުހަދައިގެން ސަލާމަތްވާން އުޅުނެވެ. އެތާ މުވައްޒަފުން އާތިކާ މަރުވެއްޖެކަމުގައި ކިޔާފައި އޭނަ އޮޅުވާލީކަމަށާއި ދައުވާކުރާނެކަމުގައި އެންގީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. ލިއަމް ހުރީ ހިމޭނުންނެވެ. އޭނައަށް ނޭގޭ އެއްވެސް އެއްޗެއް މިހާރު ނެތެވެ. އިރްފާން ފުލުފުލުގައި ދޮގުހެދިޔަސް އޭނައަށް އޮޅުވައެއް ނުލެވޭނެއެވެ. އޭނަގެ އަތުގައި ހެކި އެބަހުއްޓެވެ. ލިއަމްގެ މަގުސަދަކީ ތަނެއް ލިބޭއިރަށް މަންމަ މެން ގޮވައިގެން މާލެއަށް ބަދަލުވުމެވެ. މިވަގުތު ހިމޭނުން ހުރީ އަދި ވަންނާނެ އެހެން ހިޔާވައްސެއް ނެތީމައެވެ.
ލޫކަސްގެ އިންތިޒާރުގައި ހުއްޓާ ކަމީލާގެ އުފަންދުވަސް ޖެހުނެވެ. ލޫކަސްގެ ޚަބަރެއްނުވުމުން ކަމީލާގެ ހިތް ކުނޑިކުނޑިވެގެން ފައިބާންފެށިއެވެ. އެ ފޯނު އަބަދުހެން އޮންނަނީ ނިވާލާފައެވެ. އޭނަ ދުނިޔޭގައި ހުރިކަމެއްވެސް ނޭގެއެވެ. އެންމެފަހުން ކެތްނުކުރެވިގެން ލޫކަސްގެ އެކުވެރިންގެ ތެރެއިން މިޝާލްއާއި ބައްދަލުކުރަން ދިޔައެވެ. ކަޅުހެދުން ލާފައި ހުރި ކަމީލާ ފެނުމުން މިޝާލްގެ ހިތަށްވެސް ގޮތެއްވިއެވެ. ފޮރުވިފައިވާ ރީތިކަން މާ ބޮޑަށް ދެކޭހިތްވިއެވެ. ލޫކަސް ޓިއުޝަނަށް ނުދާތީ އޭނަ ބަލިވީހެއްޔޭ ކިޔާފައި ސުވާލުކުރާން ފެށުމުން މިޝާލް ހަގީގަތް ކިޔާދިނެވެ.
"ކަމީލާ، އަހަރެން ބޭނުމެއްނޫން އޮޅުވާލަން، ތިއީ މާތް ރަގަޅުކުއްޖެއް، ތިހެދުމުގައި ފެނުނީމަ އަހަރެންގެ ހިތަށްވެސް އަސަރުކޮށްފި، މާތްކުދިން ގުޅެންވާނީ މާތް މީހުންނާއިކަން ޔަގީން، ލޫކަސްއަކީ ކަމީލާ ތިހީކުރާކަހަލަ ރަގަޅުމީހެއްނޫން، އަހަރެމެން އުޅުނީ ރާވައިގެން ކަމީލާއަށް ލަނޑެއްދޭން ވެގެން...." މިޝާލް އެމީހުން ރެސްޓޯރެންޓްގައި ދެއްކި ވާހަކަތައް ކިޔައިދިނުމުން ކަމީލާ ހުރީ ޝޮކެއްގައެވެ. މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އެވަރުންވެސް ކަމީލާ ހުރީ އެވާހަކަ ގަބޫލުކުރާގޮތަކަށް ނޫނެވެ.
"ބަލާބަލަ، އަހަރެމެން ވާހަކަދެއްކިއިރު އިނީ ވީޑިއޯ ޖައްސައިގެން، އެއީ ފަހުން ދުވަހަކުންވެސް ލޫކް އޭނަގެ ޚިޔާލު ބަދަލުކޮށްފައި ބުނެފާނެ މަ ބުނީ ތިހެނެއް ނޫނޭ، ނަސީބެއް ހެކިދެއްކެން ހުރިކަން، މި ޑިލީޓް ނުވީވެސް ކިރިޔާ..." މިޝާލް ވީޑިއޯ ޖައްސާލަދިނުމުން ކަމީލާއަށް ނުބައި އަސަރުތަކެއް ކުރިއެވެ. ބޮލަށް ގޮތެއްވީހެން ހީވެފައި ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގައެވެ. ދޮންބެއާއި މަންމަ އޭނަ ކާރީގައި މާޔޫސްވެފައި ތިބިއިރު އަތަށް އައިވީ ގުޅާފައިވެއެވެ. ކަމީލާގެ ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު މިޝާލްގެ ވާހަކަތައް ސިކުނޑީގައި ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަންފަދައިންނެވެ. ކަމީލާގެ ލޮލުން ކަރުނަ އަންނަން ފެށިގޮތަށް އޭނަ މޫނުގައި ދެއަތްތިލަ އެޅިއެވެ. މަންމަ އޭނައާއި ސުވާލުކުރަންފެށިއެވެ. ކަމީލާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ މަންމަ ބުނާގޮތަށް ނެހެދީމަ އޭނައަށް މިލިބުނީ ކޮންފަދަ ބޮޑު ކެއްސެއްހެއްޔެވެ؟ ލޫކަސްދެކެ ހިތާއި ފުރާނައިން ޤުރުބާން ވާން ތައްޔާރަށް ހުރިއިރު ލޫކަސްގެ ހިތުގައި އޭނަގެ މައްޗަށް އެއްވެސް ރަހުމެއްނެތެވެ. އެކުވެރިން ކާރީ ފޮނިކަނޑަންވެގެން ލޫކަސް އޭނަގެ އިއްފަތްތެރިކަމަށްވެސް އަރައިގަތީއެވެ. އެ ވީޑިއޯތައް ލޫކަސް އަދި އާއްމު ކުރާނެއެވެ.
ކަމީލާ ހުއްޓާނުލައި ރޯތަން ފެނިފައި އެކަމާއި ލިއަމް ހާސްވިއެވެ. މަންމަ އިތުރަށް ޑިޕްރެޝަންއަށް ދިޔުން ނޫންކަމެއް ނުވާނެއެވެ. ހުރިހާކަމެއް ގޯސްވީ އިރްފާން އެތަނަށް ވަދެފައެވެ. ކަމީލާގެ ދުޅަވެފައިވާ ދެލޯ ފެނިފައި ސުވާލުކުރުމުން އާތިކާ ބުނީ ދަރިފުޅު އަނބުރައިގަތީކަމަށާއި ސަބަބެއް ނޭގޭކަމުގައެވެ.
"ބަލަ އަހަރެން ނޫޅެމޭ ވެގެން އުޅޭގޮތެއް ނޭގިގެން، ކަމީލާ ފާޑެއްގެ ޕާޓޭއަކާއި ރައްޓެހިވެގެން މުޅި ރަށުގައި މިކުއްޖާގެ ވާހަކަ އޮތީ، ރަގަޅަށްވިއްޔާ މިއަދު ދަންޖެހިގެން މަރުވެގެން އުޅޭ ސޮރަކީ އެއީ، އޭނަ މަރުވީމަ ކަމީލާވެސް ދެން ރޮއި އަމިއްލަ ނަފުސް ހަލާކުގެ ތެރެއަށް އެއްލާލަނީނު......." އިރްފާންގެ ދެލޮލުން އަލިފާން ކަނިބުރާލިއެވެ. ކަމީލާ ގަތްބިރުން ކަރުނަތައްވެސް ގަނޑުވިއެވެ. ބައްޕަގެ ކުރިމަތީގައި އެގޮތަށް ރޮއިގެން ބޭޒާރުވާކަށް ބޭނުމެއް ނޫނެވެ.
"އަހަރެންވަނީ ކަމީލާއާއި ރޯޒްހިލް އާއިލާގެ ފިރިހެން ދަރިއަކާއި ހަމަޖައްސާފައި، ކަމީލާ ގޮވައިގެން ފުރަން މިއުޅެނީ...." އިރްފާން އެންމެނަށް އެންގިއެވެ. ރޯޒްހިލްގެ ނަން ލިއަމް ކިޔާލީ ބުމައަރުވާލަމުންނެވެ.
"އާން، މުޅިރާއްޖެ ދަންނަ ނަމެއް، އެމީހުންނަކީ ކުރިން މާލޭގައި އެންމެ މަޝްހޫރު މުއްސަދި އާއިލާ، އާތިކާ އަދި ލިއަމްވެސް މިކަމާއި އެއްޗެކޭ ބުނެގެން ނުވާނެ، އަހަންނާއިއެކު މާލެ ގޮސްފައި އެމީހުންނާއި ބައްދަލުކޮށްފައި ގޯސްކަމަށް ފެންނަންޏާ މަށަށް ހެޔޮ އެކަމާއި ކަލޭމެން ދެކޮޅުވިޔަސް، ކަމީލާގެ ބައްޕަގެ ހައިސިއްޔަތުން މިކަމެއް މި ނިންމަން ޖެހުނީ އަހަރެންގެ ލޮލުގެ ކުރިމަތީގައި ހިނގާދިޔަ ކިތަންމެ ކަމެއް ފެނިފައިވާތީ، ކަމީލާ ކާރިން އާތިކާ އަހާބަލަ ކިތައްދުވަހު ހެއްޔޭ އެހެރަ ފަޅުގެއަށް އެމީހަކާއި އެކުގައި ދިޔައީ، އެހެން ގޮސް ކިޔަވާދޭން ގެނައި ޓީޗަރާއި ދެމީހުން ރައްޓެހިވެގެން ކާވެނީގެ ފޯމު ދެމީހުން ފުރައިގެން އެ ފިރިހެނާ މަ ލައްވާ ސޮއިކުރުވަން އައީ، ކިހާ މޮޅު.........." އިރްފާން ރުޅިގަދަވެފައި ހުރެ ނުކުމެގެން ދިޔުމުން ކަމީލާ ގިސްލާފައި ރޯންފެށިއެވެ. ދަންޖެހިގެން މަރުވި ޒުވާނާއަކީ ކަމީލާއާއި ގުޅުން ހުރި ކުއްޖެއް ނޫންކަން ދޮންބެގާތުގައި ބުނެދޭން އުޅެފައިވެސް އޭނަ ހިމޭންވިއެވެ. ތެދު ބުނުމުގެ މާނައެއް ނެތެވެ. ލޫކަސްއެކޭ އެ ޒުވާނާއެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ލޫކަސްގެ ހަގީގަތް އެނގުމަށްފަހު އޭނައަށް ޖެހިފައި މިވަނީ ހުރިހާކަމެއް ސިއްރުކުރާށެވެ. ބައްޕަ އޭނަ މާލެ ގެންދަން އުޅޭކަން އެނގުމުން ދެކޮޅުހަދާހިތެއް ނުވިއެވެ. މިރަށުން އެހެން ތާކަށް ދިޔުމަކީ ކަމީލާގެ އެދުމެވެ. މާލެގޮސްފައި އެ ކައިވެންޏަށް ދެކޮޅުހެދިދާނެއެވެ. ލޫކަސް ދިޔައީ މާލެއަށް ކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. ލޯބިވެރިޔާހުރި ފަސްގަނޑުގައި ފައި ބީއްސާލުމުގެ ޝަރަފު ލިބިގަންނަން ކަމީލާ ބޭނުމެވެ. ކޮންމެވެސް ދުވަހަކުން ލޫކަސްއާއި ދިމާވެއްޖެއްޔާ އޭނައަށް މި ހާލު ޖެއްސި ސަބަބަކާއިމެދު ޝަކުވާކުރާނެއެވެ. އޭނަގެ ކުށަކީ ލޫކަސްދެކެ ލޯބިވުން ހެއްޔެވެ؟
އާތިކާ ނަމާދަށް ދިޔުމުން ކަމީލާގާތު އިނީ ލިއަމް އެކަނިއެވެ. ލިއަމްގެ ހިތުގައި ލޫކަސްއާއިމެދު އިންތިހާއަށް ރުޅިވެރިކަން އުފެދުނަސް އޭނަ ހުރީ ކަމީލާގާތުން އެ ވާހަކަ ނާހަން ނިންމައިގެންނެވެ. ކަމީލާއަކީ ލިއަމްގެ ކޮއްކޮކަން އެނގިހުރެ ލޫކަސްއެފަދަ ކަމެއްކުރަން ހިތަށް އެރިކަމާއިމެދުވެސް ލިއަމް ހައިރާންވިއެވެ. ލިއަމް އެތައް ވަރަށް ކިޔައިގެން ކަމީލާ ކުރުބާ ފަނިފޮދެއް ބޯލިއެވެ. ކަމީލާގެ އިސްތަށިގަނޑު ވިހުރުވިފައިވާތީ ލިއަމް އިސްތަށިގަނޑުގައި ފުނާއަޅުވާދިނެވެ.
"ދޮންބެ، އަހަރެން ބޭނުމެއްނޫން މާލެގޮސްފައި މެރީކުރާކަށް...." ކަމީލާ ކުއްލިއަކަށް ބުނެލިއެވެ.
"އެކަމަކު ބައްޕަ ބުނާގޮތަށް ހަދައިގެން މާލެއަށް ދޭ، ބައްޕަ އެހެރީ އަލިފާންވެފައެއްނު...." ލިއަމް ވޫލްކޮޅު އައްސާލަދިނެވެ.
"ބޭނުމީ އޭލެވެލް ނިންމާފައި މޮޅުކުއްޖަކަށްވާން........" ކަމީލާ އެވަގުތު އަޒުމް ކަނޑައެޅިއެވެ.
"އޮފްކޯސް ކައްމި ބޭނުންގޮތަކަށް ކައްމިގެ ދިރިއުޅުން ޕްލޭންކުރަންވާނީ، އެހެން މީހެއްގެ ޕްރެޝަރއަކަށް އެހާވަރަށް ބަލާކަށް ނުވާނެ، އިޓްސް ޔޯރ ލައިފް، ދޮންބެއަށްވެސް އަދި މާލެ ދެވޭކަށް ނެތް، ޖޮބްގައި ހުރެފައި ހިތަށް އަރާއިރަށް ފުރަފުރައިގެން ނުދެވޭނެ، އެކޮޅުން ވަޒީފާ ހަމަޖެހޭއިރަށް ކައްމިމެން ގޮވައިގެން ދޮންބެ މާލެއަށް ޝިފްޓްވާނަން، މިއީ އަދި ސިކްރެޓެއް އިނގޭ..." ލިއަމް ރާވާފައިވާގޮތް ކިޔައިދިނުމުން ކަމީލާ ހިނިތުންވެލައިފިއެވެ. ހިތްކުދިކުދިވެފައިވާ އިރުވެސް އެހެންމީހުންނަށް އެކަން ފޮރުވަން ހީލާން މަޖުބޫރެވެ. ބޭވަފާތެރި މަކަރުވެރިއަކަށްޓަކާ އޭނަ ހިތާމަކުރުމުގެ މާނައެއްވެސް ނެތެވެ. ލޫކަސް ބޭނުންވިކަންތައް ކޮށްލައިގެން އެދިޔައީ ކޮންތާކަށްކަމެއް ނޭގެއެވެ. ކަމީލާ ފޯނު ރިންގްވިޔަސް ބިރުގަނެއެވެ. އެފްބީ ހުޅުވާލަނީ އޭނަގެ ވީޑިއޯ އެއް އެއްޗެއް ހުރެދާނެކަމުގެ ބިރުން ތެޅިތެޅިވާ ހިތަކާއި އެކުގައެވެ. އަބަދު ހުރެވެނީ ހާސްކަމުގައެވެ. ފިކުރުކުރުމުގައެވެ. އެކުރެވުނު ކަންތައް ފޮނި ރިހުމެއް ފަދައިން ހިތުގައި ނުވާ އެންމެ އިރެއްވެސް ނުދެއެވެ. އަޖައިބުވަނީ އެހިތުގައި ލޫކަސްއަށްޓަކައި ނަފްރަތު ނުއުފެދުނީމައެވެ. ލޫކަސްދިން އަނިޔާއާއި އެކުގައިވެސް ދުވަހަކަށް ދުވަހަކަށް އެ ލޯބި އިތުރުވަމުންދާތީއެވެ.
ކަމީލާ ބައްޕަގެ ފަހަތުން ޓްރޯލީ ދަމަމުން އައިއިރު ކޮއްކޮ އީކާއާއި މަންމަ އޭނައާއި އެއްވަރަކަށް ހިނގާލާފައި އައެވެ. އީކާ އެންމެ ފަހަރަކުވެސް އަނގަތެޅުން ހުއްޓާނުލައި ފެންނަ ކޮންމެ އެއްޗަކާއިމެދު ސުވާލުކުރަމުން އައެވެ. އިރްފާން ދުވާލުގެ ގަޑިއަކަށް ޓިކެޓްނެގުމުން ލިއަމް ރޭގަނޑަށް ޓިކެޓް ބަދަލުކުރުވީ އީކާގެ ސަބަބުންނެވެ. އީކާގެ ހަމަށް އަވީގެ އެއްވެސް އަސަރެއް ކުރުވާކަށް ލިއަމް ނޭދެއެވެ. ކަމީލާ ކަޅުހެދުމުގައި ހުރުމުން ވަކިން ބޮޑަށް މާތްފާޑު ހުއްޓެވެ. ދެކޭ ކޮންމެމީހަކަށް މާތްކުއްޖެއްގެ ގޮތުގައި ސިފަކުރެވޭނެއެވެ. ޒުވާން ފިރިހެންކުދިންގެ ނަޒަރު ކަމީލާގެ މޫނަށް ހުއްޓޭގޮތަށް އެހެން ދިމާލަކަށް އަނބުރައިނުލެވެނީ އެހެންވެކަމަށް ވެދާނެއެވެ. އެއިން އެއްވެސް ކަމެއް ކަމީލާއަކަށް ރޭކާނުލައެވެ. ކަމީލާގެ ރީތި ބޮޑުދެލޯ ވަށައިގެން ހޯދަމުން ދިޔައިރު ކޮންމެ މީހެއްގެ މޫނަށްވެސް ބަލައިލެވެއެވެ. ލޫކަސް ފެނިދާނެކަމުގެ އުއްމީދުގައެވެ. އީކާ ކުރާ ސުވާލުތަކަށް ޖަވާބުދެމުން ކުޑަ ހިނިތުންވުމެއްގައި ހުރެ ކުރިއަށް ފިޔަވަޅު އަޅަމުންދިޔައިރު ހަޔާތަށް އަންނަން އުޅޭ އިންގިލާބެއްގެ ހިލަމެއްވެސް ނުވެއެވެ. ފެރީ ޓާމިނަލްއިން ފޭބިތަނާ މެދު އުމުރުގެ ސްމާޓްމީހަކު ހިނިތުންވެލާފައި ހުރެ އައިސް އިރްފާންއާއި ސަލާމްކޮށްލިއެވެ. އެމީހާ ހުރީ ޓީޝާޓަކާއި ޖިންސެއްލައިގެން ކަމުގައިވިޔަސް މޫނުމަތިން ހައިބަތުކަން ފެނެއެވެ.
"ހޫޒް ހީ..." އީކާ އަހާލިއެވެ.
"ބައްޕަގެ ފްރެންޑް، އެގެއަށް ކަން ނޭގޭ ދާންޖެހެނީ..." ކަމީލާ މަޑުމަޑުން ކިޔާލައިފިއެވެ. އޭރު އިރްފާންމެން ގެނައި ދަބަސްތައް އެތާއޮތް ކަޅުކުލައިގެ ކާރަކަށް އަރުވާން ފަށައިފިއެވެ. އިރްފާން އޭނަގެ އާއިލާ ޔާސިރުއަށް ތަޢާރަފުކޮށްދިނުމުން ޔާސިރު ކަމީލާއަށް ބަލާލީ ޚާއްސަ ނަޒަރަކުންނެވެ. އިރްފާން އޭނަގެ އަންހެނުންނަށް ދިމާވި ހާދިސާ ފަހުން ކިޔާދޭނެކަމަށް ބުނިއިރު މޫނުމަތިން ކުޑަކުޑަ ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. ޔާސިރުގެ ކާރަށް ތިން މައިން އެރުމުން އިރްފާން އެރީ ކުރީ ސީޓަށެވެ. ޔާސިރު ކާރުދުއްވާލުމުން އީކާވެސް އިނީ ހިމޭންވެފައެވެ. މަންމަ ތަރުބިއްޔަތުކޮށްފައިވާ ގޮތެއްގެ ސަބަބުން މީހުންގެ ތެރޭގައި އެކުދިން ހީވާނީ މަންމަނުންހެނެވެ. ގޭތެރޭގައި ކޮންމެގޮތަކަށް އުޅުނަސް ފުމިޔަސް ނެށިޔަސް މީހުންގެ ތެރޭގައި ރީތިކޮށް އުޅެން މަންމަވަނީ ދަސްކޮށްދީފައެވެ. އީކާ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ދެލޯ ބޮޑުކޮށްގެން އިނދެ ދިއްލާ އަޅާފައިވާ އުސް އިމާރާތްތަކަށް ބެލިއެވެ. އިރުއިރުކޮޅާ ކަމީލާގެ މޫނަށް ބަލާލާފައި ހިނިތުންވެލާއިރު އޭނަ ގަޔާވެފައިވާ މިންވަރު ހާމަވެއެވެ. ކަމީލާވެސް އިނީ ހައިރާންވެފައެވެ. އުސް އިމާރާތްތަކާއި ޓްރެފިކް ގިނަކަމުން ސިޓީއަކަށް ދެވިއްޖެކަމަށް ގަބޫލުކުރެވުނެވެ. މާލެއާއި ބަލާއިރު އެމީހުންގެ ރަށް ވިލެޖެއްފަދައެވެ.
"ރޯޒްހިލް"ގެ ދޮރާށިން އެތެރެވުމާއިއެކު ކުރިމަތިން ފެންނަން ހުރި ފަސްބުރިއަށް ނަގާފައިވާ ގޭގެ އާސާރީކަމާއި ހައިބަތުގެ ސަބަބުން ކަމީލާ އާޝޯޚުވިއެވެ. މާލެއިން ފެނުނު ޒަމާނީ އިމާރާތަށްވުރެ މިފަދަ ތަންތަނާއި ކަމީލާ ގަޔާވެއެވެ. ރަށްފަދައިން ގަސްތައް މަދުވިޔަސް ގޭގެ އެއްފަރާތުގައި އިންދާފައިވާ ބޮޑުގަހާއި ފެންގަނޑުގެ ސަބަބުން އިތުރު ޒީނަތްތެރިކަމެއް ގެނެސްދެއެވެ. ހުސްތަނުގައި ދޫލައެއްފަދައިން ފެހި ވިނަގަނޑު ހައްދާލާފައިވާއިރު ފިލްމެއްގެ މަންޒަރު ސިފަވާފަދައެވެ. އެހެން މީހުންނަށްވުރެ ފަހަތުގައި ހުރެގެން ގެއަށް ވަންނާން ގޮސްފައި ގަހާއި ދިމާލަށް ކަމީލާ ބަލާލީ އެގަހުގައި ކަޅުކުލައިގެ މޭވާތަކެއް ހުރިތަން ފެނިފައެވެ. އެމޭވާ ހުރީ ބޮޑެތި ތޫތުތައްފަދައިން އެލުވިފައެވެ. ދޮރުގެ ދެފަރާތުގައި ހުރި ބޮޑެތި ކްރިސްޓަލް ވަށިތަކުގައި ރަތްކުލައިގެ މާފޮޅޭ ގަސް އިންދާފައިވެއެވެ. ގޭތެރޭގެ ކޮންމެވެސް ދިމާލަކުން ޖަހާފައިވާ ލަވައެއްގެ އަޑު ފުރޭނިގެންއައިސް ކަންފަތްތަކަށް ވިރުވާއަޅަމުން ދިޔައެވެ. ގަސްތަކުގެ ތެރޭގައިވާ ބޮކިތަކުގެ އޮރެންޖްއަލީގައި އެގޭގެ މެދުގޯތި ފެންނަލެއް ހުވަފެނީކަމުން ކަމީލާ ހުރީ އެތެރެއަށް ވަންނަހިތް ނުވެފައެވެ. އަރާމުކޮށްލަން ޖައްސާލަން އެންމެ އެކަށީގެންވާ އެއްތަނެވެ.
"ވާއު، ހެވެންލީ...." ކަމީލާގެ ހިތް ތައުރީފުކުރިއެވެ. މިގޭ މީހުންގެ ނަސީބާއިމެދު ކަމީލާގެ ހިތުގައި ހަސަދަ ހިނގާލިއެވެ. މުއްސަދިން އުޅޭނީ އުފަލުގައިކަމުގައި ކަމީލާ ޔަގީންކުރިއެވެ. އުފަލަކީ ފައިސާއާއި މުދަލުން ގަނެވޭނެ އެއްޗެއް ނޫންކަމެއް އޭރަކު ކަމީލާއަށް ނޭގެއެވެ. މިހިތްގައިމު ގޭގެ ރީތިކަން އޭނަފަދަ ރާއްޖެތެރޭގެ ކުއްޖެއްގެ ހިތް ފަތަހަކޮށްފިއެވެ. ޔާސިރު އާއި އިރްފާންވެގެން ދަބަސްތައްވެސް ކޮޓަރިއާއި ހަމަޔަށް ގެންދިޔައެވެ. ކަމީލާއާއި އީކާއަށް ތިރިން ކޮޓަރިއެއް ލިބުނުއިރު އިރްފާންގެ ދެމަފިރިންނަށް ލިބުނީ މަތީބައިގެ ކޮޓަރިއެކެވެ. ކަމީލާއާއި އީކާވެސް ކޮޓަރިއަށް ވަދެފައި ކަމީލާ ހުރީ ދަބަސް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. އޭގައި ވަނީ ކަމީލާގެ އެންމެ ޚާއްސަ އެއްޗެއްސެވެ. ލޫކަސްދިން ނޯޓްކޮޅާއި ކާވެނީގެ ފޯމާއި އޭނަގެ ޑައިރީ އަދި ހިކިފައިވާ ފިނިފެންމާތަކެވެ. އެހަނދާންތައް އެންމެ ފަހަރަކުވެސް ހަށިގަނޑާއި ވަކިކުރާކަށްވެސް ކަމީލާ ނޭދެއެވެ. ލޫކަސްދިން އަނގޮޓި އަދިވެސް އޮތީ އަތުގައެވެ. އީކާ ދަބަސް ހުޅުވާލައިގެން އެއްޗެހި ނަގާފައި ތަންތަނުގައި ބަހައްޓަމުން އުޅުނުއިރު އުފަލުން އެކުއްޖާއަށް އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭގެއެވެ.
އިރްފާންއާއި ޔާސިރު ގޭގެ ފެންޑާގައި ވާހަކަދައްކާލަން ތިބިއިރު ދެމީހުންގެ އަތުގައި ހޫނު ކޮފީތަށްޓެއްވިއެވެ. އިރްފާން އާތިކާ ޑިޕްރެޝަންއަށް ބޭސްކުރުވަން އިންޑިއާއަށް ގެންގޮސްފައި ދިމާވި ހާދިސާތައް ކިޔާދިނުމުން އޭނައާއި ވަރަށް ގިނަ ސުވާލުތައް އަމާޒުވިއެވެ. އިރްފާން އަޅައަޅައިގެންފާ ވާހަކަދެއްކިގޮތުން ޔާސިރު ހުރީ ޝައްކެއްގެ މަތީގައެވެ. އެއާއިއެކު ޔާސިރުގެ ވިޔަފާރިދަށްވެ އޭނަ ބަނގުރޫޓުވަމުން ދާކަން ޔާސިރުވެސް ސިއްރުކުރިއެވެ.
"އަހަންނަށް ނޭގޭ މި އަންހެންވެރިން ވިސްނާގޮތެއް، ދަރިން ބޭނުންވާ ގޮތަށް މައިންބަފައިން ހަދަންޖެހޭ ކަމެއް އަހަރެން ނުދެނަހުރިން، އަހަރެންގެ އަންހެނުން މިރަށަށް އައިއިރު އެނގޭ އަހަރެން ކަމީލާ ގެނައީ މީހަކާއި ދެވަންކަން، ދެންމެ ކޮޓަރިއަށް ވަދެލިހާ އިރުން މިއަންގަނީ ކަމީލާ އޭލެވެލް ހަދާ ނިމުނީމައޭ މި ކައިވެނި ކުރެވޭނީ، ކަމީލާ ބޭނުންވަނީ ކިޔަވާށޭ، މިގޭގައި ބަހައްޓާ ދޭށޭ، މީހަކު ހައިރާނެއް ނުވާނެތަ؟ " އިރްފާން ހުރީ އެކަމާއި ހިތްހަމަނުޖެހިފައެވެ.
"މީހަކާއި އިނަސް ކިޔެވިދާނެ، މިދުވަސްކޮޅު މަގޭ ފިރިހެން ދަރިފުޅަށް އަތްބަކު ބޭނުން......." ޔާސިރު ދުރަށް ބަލަންހުރެ މަޑުމަޑުން ބުނެލިއިރު އިރްފާންއާއި ހަތަރުކަޅި ހަމަނުކުރާން މަސައްކަތްކުރާހެން ހީވިއެވެ. ކާވެނި ލަސްކުރާ ވާހަކަ އިވުމުން ޔާސިރު ކަންބޮޑުވީއެވެ. ކޮންމެގޮތެއް ހަދާފައިވެސް އޭނަގެ ދަރިފުޅަށްޓަކައި މި ފަތްމިންޏެއްފަދަ ޖަވާހިރު ހޯދަދޭނެއެވެ. މަޖުބޫރުން ނަމަވެސް ހެވެވެ. އެހެންނޫނީ އެކުއްޖާ ގެއްލިދާނެއެވެ.
"ތިއީ އަހަރެންވެސް ބޭނުންވާގޮތް...." އިރްފާން ހުރީ ފައިސާގެ ލައްޒަތާއި އަރާމުކަން ފެނި ހޭބުއްދި ފިލާވަރުވެފައެވެ. ފިރިހެނުންގެ ފަރާތުން އާއްމުކޮށް އެ ސިފަ ނުފެނުނަސް އިރްފާންގެ ސިކުނޑި މަސައްކަތްކުރަނީ އަދި އެހެން ގޮތަކަށެވެ. އަންހެންދަރީގެ ފަރާތުން އެފަދަ ޝަރަފަކާއި އިއްޒަތް އަދި ފައިދާ ހޯދުން ނޫންކަމެއް އެހިތަކު ނެތެވެ.
"އަންހެނުންނާއި ދަރިފުޅަށް ކޮންވިންސްކޮށްބަލަ، ކަމީލާ ހީވޭ ވަރަށް ރަގަޅުކުއްޖެއްހެން، އެހާ މާތްކުއްޖެއްވިއްޔާ ބައްޕަގެ ބަސް ގަބޫލުކުރާނެއްނު.........." ޔާސިރު ތަބަކުގައި ޖޯޑުބެހެއްޓިއެވެ. ދެމީހުން އެކި ވާހަކަތައް ދައްކަން ތިބީ ޒަމާންވީ ދުޝްމަންކަން ހަނދާން ނައްތާލާފައެވެ. އިރުކޮޅެއްފަހުން އާތިކާއާއި ކަމީލާ އަދި އީކާ ސިޓިންރޫމަށް ނުކުތުމުން އެންމެން އެކީގައި ކާކޮޓަރިއަށް ދިޔައެވެ. ދިގު ފުޅާ މޭޒުގެ ވަށައިގެން ގޮނޑިތައް އަތުރާލާފައިވެއެވެ. މުޅިންވެސް ހައިވަކަރު ފަރުނީޗަރުތަކެވެ. ކަޅާއި ރަތުންވާ ދޫލައަޅާފައިވާއިރު ސީލިންގްގައި އެލުވާފައިވާ ޗާންދަލިޔާގެ އަލިއޮތީ ފަނޑުކޮށްފައެވެ. މޭޒުމަތީގައި އުއްބައްތި ސްޓޭންޑްތައް ބަހައްޓާފައި އެއްފަރާތުގައި މޭވާ ވަށިގަނޑެއް ހުއްޓެވެ. މުއްސަދިކަމުގެ ކުލަވަރު ހުރިހާ ދިމާލަކުން އެބަފެނެއެވެ. އެވަގުތު އެތަނަށް އައީ ކަމީލާއާއި އެއް އުމުރެއްގެ އަންހެންކުއްޖެކެވެ. އެކުވެރިއެއްގެ ދަރިފުޅު މީފާ ކަމުގައި ބުނެ ޔާސިރު އެންމެނަށް އެކުއްޖާ ތައާރަފުކޮށްދިނެވެ. މީފާވެސް މާލެއައީ އިހަށް ދުވަހު މާލެއިން ކޯހެއް ލިބިގެންނެވެ.
ފަތިހު ފަތިހާ ހޭލައިގެން ނަމާދުކުރުމަށްފަހު ކަމީލާ ގަސްތުކުރީ ފެންޑާއަށް ނުކުމެލާށެވެ. ދުވާލުއަލީގައި އަދި ގޯތިތެރެ ފެނުމުގެ ނަސީބެއްނުލިބެއެވެ. ކަޅުހެދުން ވައްޓާލައިގެން ޝޯލް ގައިގާ އޮޅާލުމަށްފަހު ދޮރު ހުޅުވާލުމާއި އެކުގައި ދެފައިތިލައާއި މޫނަށް ނިކަން ފިނިވެގެން ދިޔައެވެ. މުޅިގެވެސް މިއޮތީ އޭސީކޮށްލާފައެވެ. ކަމީލާ ދޮރުހުޅުވަން މަސައްކަތްކުރިއިރު ދޮރު އުސްކަމުން މަތީގައި ހުރި ތަންޑުތަކާއި ހަމަޔަށް އަތް ފޯރާނެގޮތެއް ނުވިއެވެ.
"އަނހާ، އިޓްސް ޔޫ، ސީރިޔަސްކޮށް ފުރަތަމަ ރޫމުން ނުކުމެފައި ކަޅު ޝެޑޯއެއްހެން ހުރި އެއްޗެއް ފެނިފައި ހީކުރީ ގޯސްޓެއްކަމަށް، ފަހުން ވިސްނުނީ ގޯސްޓެއްވިއްޔާ ފުންމަ ފުންމާފައި ތަންޑު ނައްޓަން ނޫޅޭނެކަން، އެއެއްޗެހި ދުންކޮޅެއްގެ ސިފަޖެހިގެން ދޮރުގެ ހިންމިތަކުން ހިނގައިދާނެ، ވަން މޯރ ތިންގް، މިގޭގައި އުޅޭ ހެންޑްސަމް ބްރަދަރސްއިން ކަޅުހެދުންދެކެ ލައިކެއް ނުވާނެ، ތީ ހަމަ ދެއްކުންތެރިކަން، ތި ހެދުން ނުލާ އުޅޭ......." ފަހަތުގައި ހުރި މީފާ ވާހަކަދެއްކި ގޮތަކުން ކަމީލާ ރަކިވެފައި އެނބުރި ބަލާލިއެވެ. މީފާ ހުރީ ދެލިކޮޅެއްފަދަ ބުޅަލެއް ކިހިލީގައި ޖަހާލައިގެންނެވެ. އެސޮރުގެ ދެލޮލާއި ހަތަރުކަޅިހަމަވުމާއިއެކު ކަމީލާ ތޫނުކޮށް ހަޅޭއްލަވައިގެންފައި ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ކަމީލާ ގޮސް އެންމެ ކުރިންޖެހުނު ދޮރުގެ ތަޅުގައި ހިފާލިއިރަށް ހުޅުވުނެވެ. އޭނަ ހީކުރީ މިއީ މަންމަމެން ތިބެން ހަމަޖެއްސި ކޮޓަރިކަމުގައެވެ. ކޮޓަރީގެ ދޮރުފަތުގައި ދަމާފައިވާ ބޯ ފަރުދާގެ ސަބަބުން އިރުގެ ދޯދިތައް ނުވަންނާތީ ހީވަނީ ރޭގަނޑުހެންނެވެ. ކަމީލާ ހަޅޭއްލަވަމުންގޮސް އެނދަށް ޖެހިގަތުމާއިއެކު ކުއިލްޓް ދަށަށްވަދެ ހަމަޖެހިލިއެވެ. އެނދުގައި އޮތް މީހަކު ނިދިން ހޭލައްވާލީ ކަމީލާގެ ތޫލިއަޑެވެ. އެހާ ފޮނި އަރާމު ނިންޖެއްގައި އޮތްވާ ހޭލައްވާލުމުން ހިތްހަމަނުޖެހިފައި "ވަޓް ދަ ހެލް އިޒް ގޮއިން އޮން" އޭ ހަރުކަށިގޮތަކަށް ބުނެލަމުން އެމީހަކު އެނބުރިލައިފިއެވެ. ކަމީލާއަށް ރޭކާލީ އަދި ކިރިޔާއެވެ. މިވަދެވުނީ މަންމަގެ ކޮޓަރިއަކަށް ނޫނެވެ.
"ތިއީ ކާކުތަ؟ " ކަމީލާ ގަތް ބިރުން ތެދުވާން އުޅުނުއިރަށް އެމީހަކު އަތް އެއްލާލާފައި ހިފާލީ ބަދަލުހިފުމުގެ ރޫހުގައެވެ. އެކަތައިގެ ބާރުލިބިފައިވާ ވަރުގަދަ އަތްތިލައިގެ ބާރު އިހުސާސްކުރެވި ކަމީލާގެ ބޮޑުދެލޮލުން ފެންއައެވެ. ފަނޑު އަލިކަމުގެ ތެރޭގައި ދެލޯ ތަންމިނަށް ހުޅުވާފައި އެމީހަކާއި ދިމާލަށް ބަލަން ފެށުމުން މަޑުމަޑުންގޮސް އަނދިރިކަމަށް ލޯ ހޭނުނެވެ. އެ މޫނުގެ ބައްޓަން ވަކިކުރަން އެނގޭހާވިއެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި ކަޅުކުލަގަދަ ބުމައިގެ ސަބަބުން ކަމީލާއަށް އެކަން ޔަގީންވިއެވެ. ކަމީލާގެ މޭ ފަޅާލާފައި ހިތް ފުންމާލަފާނެހެން ހީވި ވަގުތުކޮޅެކެވެ. ނޭވާލާންވެސް ހަނދާންނެތިއްޖެއެވެ. އެތައް މަސްހުނި ޖަޒުބާތްތަކެއް އޭނަގެ އެތެރެހަށީގައި އުތުރިއަރައިގެން އެ ލޮލުން ކަރުނަ އޮހޮރުވާލައިފިއެވެ. ތެމެމުންދިޔަ އެސްފިޔަތައް ގަދަކަމުން ހުޅުވާލަމުން ދުލުން ނުކުތީ އެންމެ ލަފުޒެކެވެ.
"ލޫކް؟" ކަމީލާގެ ހިތުގެ ފުންމިނުން އެނަން ކިޔާލެވުނެވެ.