އޭނަގެ ހުއްދަނެތި ކަމީލާ މެހްވިޝްވިލާއަށް ބަދަލުވުމަކީ އޭނަ ދެކޭގޮތުގައި ކަނޑައެޅިގެން ކުރި ކުށެކެވެ. އެވަގުތު ކަމީލާ ކުރިމަތީގައި ހުރިނަމަ އަތުން ގޯހެއް ހެދުނީހެވެ. ޖައިދަން މެހްވިޝްވިލާއަށް ދާއިރަށް އެންމެކުރިން މަންމައާއި ދިމާވެ ދެއްކި ވާހަކަތަކުން މީހާ ކުޑަކޮށް ހަމަޔަކަށް އެޅުނެވެ. މިކާލް ބަލިކަމުން އެގެއަށް ގެނައީ ކަމުގަޔާއި މާމަ ދަރިފުޅު އަބަދު ފެންނަން ހުރުމުން ހިތްހަމަޖެހުން ލިބޭތީ މަންމަ އާދޭސްކޮށްގެން ކަމީލާ ނުދާން އުޅެފައިވެސް އައީކަމުގައެވެ. ޖައިދަން މަންމަގާތުގައި ބުނީ އޭނައަކީ ވަންނާނެ ތަނެއް ނެތް ރެފިއުޖީއެއްކަމަށް މަންމައަށްވެސް ހީވީކަމުގަޔާއި މިއަށްވުރެ ބޮޑުގެއެއް އަޅާފައި ދައްކާލާނެ ކަމުގައެވެ. ޖައިދަން ސަމާސާއަކަށް ދައްކާފައި ބުނީހަގީގަތެއްކަމެއް އޭރު މެހްވިޝްއަކަށް ރޭކާނުލައެވެ.
ޖައިދަން މާލެ އައިކަން އެނގުމުން ކަމީލާގެ ހިތް ބިރުގަތެވެ. މިފަހަރުވެސް ކުށްވެރިކުރާނީ އޭނައެވެ. މިކާލް ސްކޫލްގައި ވުމުން ކަމީލާ ކާކޮޓަރީގައި ހޫނު ޗޮކްލެޓް ތަށްޓެއް ބޯން އެކަނިއިނެވެ. ކުޑަދޮރުން ބޭރަށް ބަލަންއިންއިރު އެމޫނުގެ ދޮންކަން އިންތިހާއެވެ. އަދި އެއްޗެއް ވިސްނަން އިނދެ ތުންފަތުގައި ދަތްއަޅައިލުމުން ރަތްކުލަގަދަވިއެވެ.
"މޯނިންލަވް، އަހަރެން މަތިން ހަނދާންވީ ކިހާވަރަކަށްތަ؟ "ޖައިދަން ކަމީލާގެ ގާތަށް ހުއްޓިލާފައި އަތުގައިވާ ލެވެންޑަރ މާބޮނޑި ދިއްކޮށްލައިފިއެވެ. މަލުގެ މީރުވަހުން ކަމީލާގެ ހިއްސުތައްވެސް ވިހުރުވާލައިފިއެވެ. މިއީ އޭނަ އެހާ ލޯބިކުރާ މަލެއްކަން ޖައިދަންއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ އެހާ ރީތި ހަދިޔާއެއްވީމަ ހިތާދެކޮޅަށްވެސް ހިފަން ޖެހުނެވެ.
"ނުވޭ....."ކަމީލާ ބިރުގަތް ނަމަވެސް ގަދަކޮށްލާފައި ބުނެލިއެވެ.
"ދެން މާ ގޮތްނުދައްކަބަލަ ކުއްޖާ، އެޓްލީސްޓް މިގޭގައި އުޅެންޏާ މަންމަމެންނަށް އެހެން ސައިޑެއް ދޯ ދައްކަން ޖެހޭނީ، މަވެސް ދެން ކޮންމެހެން މާ ލޯބިވާތީއެއް ނޫނޭ ހިތާވެގެންކަމަށް ހެދިގެން އުޅެނީ، މަންމަމެން އޮޅުވާލަން، އަހަރެން ކަމީލާގެ ފަރާތުން ބޭނުންވަނީ އެންމެކަމެއް، އަހަރެންގެ ބޭނުން ފުދެނިކޮށް އަހަންނަށް ފަރުވާލެއްނެތް، ވަރަށް ދުވަސްވެއްޖެ މިހާރު، އާދޭ..........." ޖައިދަން ކަމީލާގެ އަތުގައި ހިފިގޮތަށް ޗާބީދީފައިވާ ބުދެއްހެން ކަމީލާ ކުރިއަށް ދިޔައެވެ. އަމިއްލަ ބާރެއްނެތްކަން ވިސްނިފައި ގަދަދައްކާކަށްވެސް ނޫޅުނެވެ. ޖައިދަންއާއި އެކު މަޖުބޫރުވެގެން ކޮޓަރިއަށް ވަނުމަށްފަހު ކަމީލާ ލެވެންޑަރ މާތައް ވާސްގައި އަތުރަންފެށިއެވެ. ޖައިދަންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ފޮތެވެ.
"އާވ، މިފޮތް ކިޔަންފެށީތަ؟ " ޖައިދަން ހިނިގަނޑެއްޖަހައިލިއެވެ.
ކަމީލާ ސިހޭގޮތްވެފައި އެނބުރިބަލައިލިއެވެ. ޖައިދަންގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހިފައިހުރިކަމުގެ ކުލަވަރެވެ. އޭނަ ފަހަތުންއައިގޮތަށް ބައްދައިލުމުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތްކަން ވިސްނުނެވެ. ދެރަވެގެންގޮސް ލޮލުން ކަރުނަ ހިލުނެވެ. ޖައިދަންގެ އަތްވެސް އޭނަގެ ގައިގާއޮޅައިލެވުނު ހަރުފައެއްހާ ބިރުވެރިއެވެ. އެހާ ރަހުމްކުޑަ ދެއަތެވެ. ނަފުސްގެ ބަނޑުހައިކަން ފިލުވައިލަން އެގެންގުޅޭ ނުބައިގޮތްތަކުން ޖައިދަންގެ ނުލަފާކަން ހައްތަހާބޮޑަށް ހާމަވަނީއެވެ. ދަތްއަޅާފައި ލައްވާ ލަކުނުތަކުންވެސް ހަށިގަނޑުވަނީ ފުރިފައެވެ. ދުނިޔޭގެ ކުރިމަތީގައި އޭނައަކީ ނަން މަޝްހޫރު ޒުވާން ވިޔަފާވެރިވެރިއެކެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ބަދަލުވަނީ ޝައިތާނަކަށެވެ. ޖައިދަން ފެންވަރާލައިގެން ތާޒާވެލައިގެން ނުކުތްއިރު ކަމީލާ އިނީ އިސްތަށިގަނޑުގައި ފުނާއަޅާށެވެ. ކުޑަކޮށް ރާޅުވެފައި އޮތުމުން ޖައިދަންއަށް ކަމަކުނުދިޔައެވެ. އޭނަ އިސްތަށިގަނޑުގައި އަތްލާފައި އެންގީ އަލުން ފަންކުރުވުމަށެވެ.
"އަދި ބުނަން؟ މިގޭތެރޭގައި އުޅެންވާނީ ސްކާފް ނާޅާ...." ޖައިދަން ކަމީލާގެ ސްކާފް ދަމައިގަތެވެ. ކަމީލާގެ ނިތްކުރީގައި ދާތިކިތައް ވިދަންފެށިއެވެ. ޖެހިލުންވީ މާ ވަރަކަށެވެ. މިހެން ހުރެ ލޫކަސްގެ ކުރިމައްޗަށްދާކަށް އޭނަ ބޭނުމެއްނޫނެވެ. އެހެންނޫނަސް ގޭގައި ނޯކަރުންވެސް އެއުޅެނީ ނޫންހެއްޔެވެ؟ ޖައިދަންއަށް އެވަރު ނުވިސްނެނީހެއްޔެވެ؟ އެންމެފަހުން އޭނަ ގެއިން ބޭރަށްދާންޖެހޭނީވެސް މިގޮތަށް ހުރެކަން ނޭގެއެވެ. ޖައިދަން ކުޑަ މަޚުމާފޮށްޓެއް ހުޅުވާލާފައި ނެގި ފަށެއް ގެނެސް ކަމީލާގެ ދޮން ކަނދުރާގައި އަޅުވައިދިނެވެ. އޭގެ ބުޅިކޮޅު އެޅުވުން ކުޑަކޮށް އުދަގޫވިޔަސް އޭނަ އެކަންކުރިއެވެ. ކަމީލާގެ ދޮން ކަނދުރާގެ ޒީނަތްތެރިކަން އެތައްގުނަ އިތުރުވިއެވެ. ކަމީލާ ޝުކުރު އަދާނުކުރުމުން ޖައިދަން ހިނިއައެވެ.
"ހިނގާއެއްޗެއް ކާލަން......" ޖައިދަން ޓީޝާޓު ބޮލުން ވައްޓައިލަމުން ބުނެލިއެވެ. ފެންނުހިކި އޮތުމުން އިސްތަށިގަނޑު ވިދައެވެ. ކަމީލާ ހުރީ ގުޑިވެސް ނުލައެވެ.
"މި މާކްތައް ހުރީމަ ހާސްވަނީތަ؟ "ޖައިދަން ކަމީލާގެ ކަނދުރާގައި އަތްޖައްސާލާފައި ފާޑަކަށް ހޭންފެށިއެވެ.
"ދާންވީނު މެންޓަލް ތަނަކަށް..." ކަމީލާ ކެތްނުކުރެވިފައި ކަޅިއަޅާލުމުން ޖައިދަން ހައިރާންވިއެވެ. އޭނަގެ ކުރިމަތީގައި އަންހެންކުއްޖަކު ކީއްކުރަން ފިރިހެނަކަށްވެސް އެފަދަ ގޮތަކަށް ވާހަކަދައްކަން ނުކެރެއެވެ. އެންމެން އޭނަދެކެ ބިރުގަނެއެވެ. އިހުތިރާމް ކުރެއެވެ. އޭނަ ފެނުނީމަ އަދަބުވެރިވެއެވެ. ނަމަވެސް މިކުޑަ ބަލިކަށި އަންހެންކުއްޖާ ހެދިގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ މާސްޓަރކަން އަންގައިދޭން ހަދަންވީ ކޮންކަމެއް ހެއްޔެވެ؟ ކޮށްޓަކަށް ލާފައި ބަންދުކޮށްފައި އަދަބުވެރި ކުރުވަންވީއެވެ. އެހާ އަގުބޮޑު ހަދިޔާތައް ގެނައީމަވެސް ލިބުނު އިނާމަކީ އެހާ ދަށް ބަސްތަކެކެވެ. ސިންގާއެއްގެ މުށުތެރޭގައިވާ ކުޑަ މީދަލެކޭ ތަފާތެއްނެތްއިރުވެސް އެނގެނީ ގަދަކުރާށެވެ. މިގޮތަށް އެއްވެސް މީހަކަށް އޭނައާއި ޗެލެންޖްކުރެވިގެން ނުވާނެއެވެ.
"ވަޓް ޑިޑް ޔޫ ޖަސްޓް ސޭ. ލިޓްލް ބިޗް...." ޖައިދަން ބުމަކާރިކޮށްލަމުން އަހައިލިގޮތަކުން ކަމީލާގެ ހަތަރެސްފައި ފިނިވެ ގައިން ހީބިހިނެގިއެވެ. ނަމަވެސް މިގޭތެރޭގައި ހުރެގެން އަނިޔާކުރާކަށް ނުކެރޭނެއޭ ހީކޮށްފައި ކަމީލާ ދެވަނަފަހަރަށްވެސް އޭނަގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. ހަގީގަތުގައިވެސް މެންޓަލް ތަނަކަށް ނޫނީ އެންގަރ މެނޭޖްމެންޓް ކްލާހަކަށްނުގޮސް ޖައިދަން ރަގަޅެއް ނުވާނެއެވެ. ޖައިދަން ކަމީލާގެ އަތުގެ އިނގިލިތަކަށް ފިތާލާފައި ސިޑިއާއި ދިމާލަށް ގެންދިޔައީ އަދި ފަހުން އަދަބުދޭން ނިންމާފައެވެ. ކާމޭޒުކާރީގައި އެންމެން ތިބެފައި ބަލައިލިގޮތަކުން ކަމީލާ ލަދުން މަރުވާވަރުވިއެވެ. ކަމީލާގެ މަޖުބޫރީ އިހުސާސްކުރެވުނީ މެހްވިޝްއަށެވެ. ސްކާފް ނާޅާ ނުކުންނާނީ ޖައިދަންގެ ސަބަބުންކަން ވިސްނުނެވެ. ލޫކަސްގެ ހިތަށް ތަދުވީ ކަމީލާގެ ރީތި އިސްތަށިގަނޑު ފަންކޮށްލާފައި އޮތްތަން ފެނިފައެވެ. ނަމަވެސް އޭނަ ވަގުތުން ކުރިމަތީގައި ހުރި ޖޯޑަށް ބަލަންފެށިއެވެ. ގިނައިން ވާހަކަދެއްކީ ޖިބްރީން މެހްވިޝް އަދި ޖައިދަންއެވެ. ލޫކަސް ކޮންމެހެން މަޖުބޫރުވެގެން ނޫނީ އެއްޗެއް ބުނާކަށް ނޫޅުނެވެ. ކަމީލާވެސް އެފަދައެވެ.
ޖައިދަން އައިފަހުން ކަމީލާގެ މޫނުމަތިން އަބަދުހެން ފެންނަ މާޔޫސްކަމާއި ލޮލުގައިވާ ކަރުނައިން އޭނަގެ ހިތާމަ ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެއެވެ. ޖައިދަން ގޭގައި ނޫޅޭ ވަގުތުގައިވެސް ކަމީލާ ކޮޓަރިން ނުކުންނަ ހިތެއް ނުވިއެވެ. އެއްދުވަހު އެއްޗެއް ބޯލަން ކާކޮޓަރިއަށް ވަންތަނުން ލޫކަސްއާއި ދިމާވެލުމުން ކޮންމެވެސް އެއްޗެކޭ އަހައިލުމުން ކަމީލާ ޖަވާބުދިނެވެ. ފަހަތުން ޖައިދަންއައިކަން ފެނިފައި ކަމީލާ ގަތީ އަމަށަކު ބިރެއްނޫނެވެ. ޖައިދަން ދޭނެ އަދަބެއް އެނގެނީއެއް ނޫނެވެ. ކޮޓަރިއަށް ވަނުމުން ލޫކަސްއާއި އެއްވެސް މުޢާމަލާތެއް ކޮށްގެން ނުވާނެކަމަށް އަމުރުކުރިއެވެ. ނޫނީ ކަމީލާއަށް ފެންނާނީ ލޫކަސްގެ ފުރާނަނެތް މަސްގަނޑުކަމުގައި ބުނެލިއެވެ. އެއީ ކަމީލާއަށް ކެތްކުރެވޭވަރުގެ އަނިޔާއަކަށްނުވިއެވެ. ޖިސްމާނީ އަނިޔާތަކަށްވެސް އޭނަ ކެތްކުރިއެވެ. ކަމީލާ އެނދަށް ވެއްޓިގަތްގޮތަށް ކަމީލާ ރޮއި ޚަބަރުހުސްވާވަރުވިއެވެ.
"ލަދެއްވެސް ނުގަނޭތަ؟ ނޭގޭތަ އެއީ އަހަރެންގެ ބޭބެކަން، އޭނައާއި ހިތާވެގެން އުޅޭކަށް ނުޖެހޭނެ، މީހެއްގެ އަޅި ލޮލަކަށްޓަކައި މޮޔަވެފައި ތިހިރީ، ނުލިބޭނެ އޭނަ، ރޮއިރޮއި ތިހެން އޮންނާން ޖެހޭނީ...." ކަމީލާ އެގޮތަށް ރުއިމުން އާދެވުނު ރުޅީގައި މޭޒުމަތީގައި ހުރި ވާސްއެއް ތަޅާލެވުމުން ހިތަށް ފިނިކަމެއް ނުލިބުނެވެ. ލޫކަސްދެކެ ހިތުގައިވާ ނަފްރަތާއި ހަސަދަވެރިކަން މުޅި ހަށިގަނޑަށްވެސް އަސަރުކުރުވިއެވެ. ލޫކަސްއުޅެނީ އޭނަގެ ހުރިހާ އެއްޗެއް ފޭރިގަންނާށެވެ. މަންމަގެ އިތުރުން އޭނަގެ އަނބިމީހާގެ ލޯބިވެސް ލިބެންވީ ލޫކަސްއަށް ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ޖައިދަން ބެލްކަންޏަށް ނުކުމެ ސިގްރެޓް ބޯން ހުއްޓާ ކޮންމެވެސް މީހަކު ދެތިންފަހަރު ދޮރުގައި ޓަކިދިނެވެ. ޖައިދަންގެ ފޯނަށް މެހްވިޝްގުޅިއެވެ. އެވަރުންވެސް ޖައިދަން ދޮރުހުޅުވާކަށް ނޫޅުނެވެ. މެހްވިޝްހުރީ ހާސްވެފައެވެ. ޖައިދަން ދޮރުތަޅުލައިގެން ކީއްކުރަނީ ހެއްޔެވެ؟ ކޮޓަރިތެރެއިން އެއްޗެއް ތަޅާލި އަޑުއިވިފައިވުމާއެކު ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭކަން އެނގިފައި އޭނަ ޖައިދަންއާއި ގުޅަން ވަރަކަށް މަސައްކަތްކުރިއެވެ. އެތައް އިރެއްފަހުން ޖައިދަން ދޮރުހުޅުވާލާފައި ބެލްކަންޏަށް ނުކުތެވެ.
"ދަރިފުޅާ، ކައްމިއަށް އަނިޔާކުރީތަ؟ " މެހްވިޝް ހިތްހަމަނުޖެހުނަސް އެކަން މޫނުމަތިން ނުދައްކައެވެ. މަންމަގެ އެ ސުވާލުން ޖައިދަންގެ ރުޅިއިތުރުވިއެވެ. ޖަވާބެއްވެސް ނުދީ ބާރަކަށްގޮސް ސިޑިންފައިބައިގެން ދިޔައީއެވެ. މެހްވިޝް ކޮޓަރިއަށް ވަންއިރު އެތަނުގައި ހިފާލާފައި އޮތީ ސިގްރެޓްވަހެވެ. ދޫލަމަތީގައި ޖަވާހިރުހެން ވިދާތަން ފެނުނީ ތެޅިފައިވާ ވާސްގެ ބިއްލޫރިކޮޅުތަކެވެ. ކަމީލާ އޮތީ އެނދުގައި ބަންޑުންނެވެ. މެހްވިޝް ސުވާލުކުރަން ފެށުމުން ކަމީލާ ވަރަށް ލަދުގަތެވެ. ހަގީގަތުގައި މިއަދު އޭނަ އެވާހަކަ ކިޔާދީފިއްޔާ ކުށްވެރިވާނީ ޖައިދަންއެއް ނޫނެވެ. ލޫކަސްއާއި ވާހަކަދެއްކުން މަނާކުރުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވެނީކަމަށް މެހްވިޝްކާރީ ބުނުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ވާގޮތެއް ވެދާނެތާއެވެ. މެހްވިޝް ބުނެފައިވަނީ އޭނައަކީ މަންމައަށް ނުލިބުނު އަންހެން ދަރިފުޅުކަމުގައެވެ. ކަމީލާ ކަންހިނގިގޮތް ކިޔާދިނެވެ. މިފަދަ މަޖުބޫރީ ދިރިއުޅުމަކަށް ކެތްކުރާނީ ކިހިނެއްހެއްޔޭ އަހާލިއެވެ. މެހްވިޝްގެ ސިކުނޑި ސުމަކަށްދާވަރުވިއެވެ. ޖައިދަންވެސް ފަސޭހައިން ކަމީލާ ދޫކޮށްލާނެހެނެއް ހިޔެއްނުވެއެވެ. ދަރިއަކު ހުއްޓާ ދެމަފިރިން ވަކިވުމަކީ އެހާ ރަގަޅުކަމެއްވެސް ނޫނެވެ. ކަމީލާއަށްވުރެ ރީތި ރަގަޅު އަންހެންކުއްޖަކު ލޫކަސްގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަންވީއެވެ. އޭރުން ފަހަރެއްގައި ޖައިދަންއާއި ކަމީލާ ހަމަޔަކަށް އެޅި އެކީގައި އުޅެން ފަށާފާނެއެވެ. ޖައިދަން އަނިޔާކުރިޔަސް ކަމީލާދެކެ ލޯބިނުވާނަމަ އެގޮތަށް ހިފަހައްޓާކަށް ނޫޅޭނެއެވެ. ހަދިޔާވެސް ގެނެސްދޭނީ ލޯބިވާތީ ނޫންހެއްޔެވެ؟ ކަރުގައި އޮތް ފަށަކީވެސް ފިޔާތޮށިކުލައިގެ ރަނުގައި އަލިމަހާއި ޖަވާހިރު ޖަހާފައިވާ އެހާ އަގުބޮޑު ފަށެކެވެ.
"ދަރިފުޅާ، މަންމަބުނީމެއްނު ޖައިދަން ބުނާގޮތަށް ހަދައިގެން އިހަށް ހުންނާށޭ، އަނިޔާއެއްކޮށްފިއްޔާ މަންމަ ގާތުގައި ބުނޭ....." މެހްވިޝްގެ ޖުމްލައިން ކަމީލާގެ ކަރުނަތައް ހިކޭގޮތްވިއެވެ. އަނިޔާއޭ މަންމަ އެބުނީ ތަޅައިގަތުމަށްހެއްޔެވެ؟ ކޮންމެ ރެއަކު ކޮޓަރީގައި އޭނައަށް ކުރާ ގޯނާތައް އޭނަ ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ ޖައިދަންގެ ހިތް ހަމަޖައްސަން ގެންގުޅޭ ކުޅޭ އެއްޗެކޭ އޭނައެކޭ ތަފާތެއް ނެތެވެ. އޭނަ ވަރުބަލިވެގެން މަރުވިޔަސް ހެވެވެ. އެއީ އަނިޔާނޫންހެއްޔެވެ؟ އޭނަ ކެތްކުރަންވީ ކިހާދުވަހަކަށް ހެއްޔެވެ؟ ދުވަހަކަށްވުރެ ދުވަހެއް މަޖުބޫރުކުރުވަމުންގޮސް އޭނަގެ ދިރިއުޅުމުގެ ކޮންމެ ކަމެއް ޖައިދަން ބޭނުންވާގޮތަށް ހަދާ ހިސާބަށް ހިނގައްޖެއެވެ. ލާންގެންގުޅޭ އަންޑަރވެއަރ އިން ފެށިގެން އޭނަ ބަލަންޖެހޭ ފިލްމެއްވެސް އެނގެނީ ޖައިދަންއަށެވެ. ބޭނުންކުރާ ސެންޓާއި ލޯޝަނަށް ދާންދެންވެސް ބުނާނީ ޖައިދަންއެވެ. އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެންމެފަހުން ކަމީލާއަށް ކެތްނުވެގެން މާހާއަށް ގުޅިއެވެ. މާހާ ގާތުގައި ކަމީލާ އެހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ހަދަންވީގޮތެއް ނޭގިގެން ސުވާލުކުރިއެވެ.
"ދޮންބެއަށް ކިޔާދެންތަ؟ " މާހާ ސުވާލުކުރިއެވެ.
"ނޫން، އޭނަ ދޮންބެއަށް އެޓޭކްކޮށްފާނެ، އަހަރެން ބޭނުމެއްނޫން ފެމިލީ އެއްވެސް މީހަކު މިކަމުގެ ތެރެއަށް ވައްދަން....." ކަމީލާ ރޮމުން ވާހަކަދެއްކިއެވެ.
"ވީއިރު ކައްމިއަށް ދެން އޮތީ އެންމެގޮތެއް، ނަމާދުކޮށްގެން ދުޢާކުރޭ، ވަކީލުކުރޭ، އޭރުން ދެރަގޮތެއްނުވާނެ، ވާނެގޮތަކީ ކޮންމެވެސް ދުވަހަކުން ކައްމި ސަލާމަތްވާނެ، ނޫނީ ޖައިދަންގެ ހިތުގައި ކައްމިގެ ލޯބި ލައްވަންވެސް އެފަރާތް ކުޅަދުންވަންތަ، ކޮންމެކަމަކީވެސް އިމްތިހާނެކޭ ބުނެވެއެއްނު، އަހަރެމެންނަށް ފިއުޗަރ ނޭގޭނެ، ވާންހުރިގޮތެއް ނޭގޭނެ، އެކަމަކު ދެނެވޮޑިގެންވާފަރާތެއް ވޭ، ޖައިދަން ކައްމިދެކެ ލޯބިގެން މާފަށް އެދޭނެ ދުވަހެއްވެސް އައިސްދާނެ، ކެތްކުރޭ...." މާހާ ވިސްނައިދިނެވެ.
"އެމީހާގަނޑު އަހަރެންދެކެ ދުވަހަކުވެސް ލޯބިނުވިއްޔާ ރަގަޅީ، ލޯބިނުވާ މީހަކާއެކީ އުޅެވިދާނެ، ހޭޓްކުރާ މީހަކާއިއެކު އުޅުމަކީ ނަރަކައިގަ އުޅުންފަދަ ކަމެއް....." ކަމީލާއަށް ހައްތަހާ ރޮވުނެވެ. ނަމަވެސް މާހާ އެދެއްކީ ރަގަޅުވާހަކައެއްކަމަށް ހިތް ގަބޫލުކުރިއެވެ. ވަގުތުން ތައްޔާރުވެލައިގެން އައިސް ނަމާދުކޮށްގެން ސަޖިދައިގާ އޮވެ އޭނަ ދުޢާކުރިއެވެ. އޭނައަށް އެހެން އިންސާނެއްގެ އެހީ ބޭނުމެއްނޫނެވެ. އޭނަ އެހީއެދޭނީ އެކަނި ހެއްދެވިފަރާތުންނެވެ. ހުރިހާ ހިތާމައެއް ބަންޑުންޖަހާނީ އެންމެ ފަރާތެއްގެ ހަޟުރަތުގައެވެ. ހުރިހާ އާދޭހެއްކުރީ އެފަރާތަށެވެ. މާތް ﷲއަކީ އަނިޔާލބިގެންވާ ފަރާތްތަކުގެ ދުޢާ އިޖާބަކުރައްވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
ލޫކަސްއަށް ކަމީލާ ފޮނުވާ މެސެޖްތަކުގެ ޖަވާބު ނުލިބޭތާގައި ދިމާވެގެން ސުވާލެއްކުރިޔަސް ކަމީލާ ހުންނަނީ ބުދެއްހާ ހިމޭނުންނެވެ. ލޫކަސްއަށް ވިސްނުނެވެ. ޖައިދަން މަޖުބޫރުކުރާނީއެވެ. ލޫކަސްއާއި އަނގައިން ނުބުނަން އިންޒާރުކުރާނީއެވެ. އެކަމާއި ދެރަވެ ހިތާމަކުރިޔަސް އެއީ ހަގީގަތުގައި ކަމީލާގެ ރަގަޅުކަމެވެ. ބަސްއަހާ ކިޔަމަންތެރި އަންބަކަށްވީކަމެވެ. ބައެއްފަހަރު ލޫކަސް ޖައިދަންއާއިމެދު ހަމްދަރުދީވެއެވެ. މިކާލްދެކެ ވާ ލޯބި ކުރިމަތިން ފެނުނީމަ އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރެވެއެވެ. ލޫކަސްގެ ދަރިއެއްކަން އެނގޭނެނަމަ އެކުއްޖާފުޅާއިމެދު ޖައިދަން ކަންތައް ކުރާނެގޮތެއް އެނގެނީއެއް ނޫނެވެ. އެކަމަކު އަބަދަށްޓަކައި އެކަން ފޮރުވުމަކީވެސް ދީނީގޮތުން ރަގަޅުކަމެއް ނޫނެވެ. ނަސްލު އޮޅުވައިލުމަކީ ފާފައެކެވެ. ލޫކަސްގެ ސިކުނޑިއަށް ލިބިފައިވާ ވާންކަމާއި ކޮށްފައިވާ އަސަރު ކުޑަވާނެ ގޮތެއްވެސް ނޭގެއެވެ. ގެއަށް ވަނުމަށްވުރެ ބޭރުގައި އުޅުން ލޫކަސްއަށް ފަސޭހަވާންފެށިއެވެ.
ލޫކަސް ގަމީހުގެ އަތުކުރި އޮޅަމުން ސިޑިން ތިރިއަށް ދުވެލާފައި އައިއިރު ޖައިދަންގެ ގައިގާ އަޅައިގަނެ ދެމީހުންގެ ބޯ ބާރަކަށް ޖެހުނެވެ. ޖައިދަން އަނގަޔަށްއައިހާ ނުބައި އެއްޗެއް ކިޔަމުން ބަލައިލިއިރު ލޫކަސްކަން އެނގިގެން ފާޑަކަށް ހީލައިފިއެވެ.
"މައިންޑް ޔޯރ ލެންގުއޭޖް ބްރަދަރ..." ލޫކަސް ގެ އިސްތަށިގަނޑު ހޭވިފައޮތުމުން އަތުން ރީތިކޮށްލަމުން ޖައިދަންއާއި ހަތަރުކަޅިހަމަކޮށްލިއެވެ. ޖައިދަންގެ ފަހަތުން ކަހަލަގޮތަކަށް އައި އެކުދިންގެ މަންމަ މެހްވިޝް ހޭންފެށިއެވެ. ދެބެން އެކްސިޑެންޓަކުން ނަމަވެސް ވާހަކަދައްކަން ވުމަކީ ރަގަޅު ފާލެކެވެ. އެ ބީރައްޓެހިކަމުގެ ފާރު ކުނޑިކޮށްލަން މެހްވިޝްވެސް ބޭނުމެވެ. އެއީ ހިތަށް ހެރޭ ކަށްޓެކެވެ. ޖައިދަން ބުމައަރުވާލިއެވެ.
"އަހަރެންގެ ޑިސިޕްލިން ރަގަޅުކުރަން އެއްޗެކޭ ބުނެލާއިރު ލޫކަސް ކޮށްފައިވާ ކަންތައްތަކުގެ ހެކިވެސް އެބަހުރި، ވީއިރު މާ މާތްވާން ނޫޅުނިއްޔާ ރަގަޅީ، ތިއީ ވަލީވެރިއެއްނޫންކަން ދަންނަމޭ..." ޖައިދަން ބޮލަށް ތަދުވާތީ ފިރުމާލިއެވެ. ލޫކަސް ގެ ސިކުނޑީގައި އެޖުމްލަ ޖެހިގަތީ އެތައް ޓަނުގެ ބުރަދަނާއިއެކުގައެވެ. އެހާވެސް ބޮޑަށް ސިހި ސިކުނޑިއަށް ލޮޅުން އެރިއެވެ.
"ތިބުނީ ކީކޭ......" ލޫކަސް ބުމަކާރިކޮށްލިއެވެ. ދެބެންގެ އެ އަރައިރުން ފިނިކުރަން ނޫޅެ މެހްވިޝް މަޖާވެލާފައި ބަލަންހުރީއެވެ.
"ސްޓޭ އެވޭ ފްރޮމް މައި ވައިފް..." ޖައިދަން އިންޒާރެއް ދީފައި ސިޑިން އަރައިގެން ދިޔުމުން މެހްވިޝްވެސް ދެލޯ ބޮޑުވިއެވެ. ޖައިދަން އެހާ އަދަބުކުޑަކޮށްލާފައި ތިމާގެ ބޭބެއަކާއި އެހެން ވާހަކަދައްކައިގެން ނުވާނެއެވެ. ލޫކަސްއާއި ކަމީލާ ކުރާކަންތައް ރަގަޅެއްވެސް ނޫނެވެ. އެކަމުގެ ޒިންމާ ނަގަންވީ ފަރާތެއް އަދި މެހްވިޝްއަކަށް ނޭގެއެވެ. ލޫކަސްގެ ޓޭންވެފައިވާ މޫނަށްވެސް އެތައް ކުލަވަރެއް އެރިއެވެ. މަންމައާއި ދިމާލަށް އިސްއުފުލައިލަންވެސް ނުކެރިފައި ހުރެފައި ލޫކަސް އަވަސް ފިޔަވަޅުތަކެއްގައި ދިޔައީއެވެ. މެހްވިޝް ޖައިދަންއަށް ގޮވަމުން ފަހަތުން ދިޔައެވެ. އެހެން ބުނީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކުރަން ފެށިއެވެ. ޖައިދަން ލައްވާ ކޮންމެވެސް ވަރަކަށް ވާހަކަދައްކުވަން މެހްވިޝް އުޅުނެވެ. ޖައިދަން އެތާހުރި ސޯފާއަކަށް ތިރިވިގޮތަށް ދެލޯމަރައިލިއެވެ.
"މަންމާ، އެހެން އަހަރެން ބުނީ ވަކި ކަމެއްވެގެނެއް ނޫން، ލޫކަސްއާއި ކަމީލާ ވާހަކަދައްކާތީ އުދަގޫވީ، ޅިޔަނުންނާއި ވާހަކަދައްކަން ވެއްޖެއްޔާ ވަރަށް އަވަހަށް އެހެން ދިމާލަކަށް ގޮސްދާނެ...." ޖައިދަން މަންމަ ކާރީގައި ހަގީގަތް ހާމަކުރާކަށް ބޭނުމެއްނުވިއެވެ. މެހްވިޝް ހައްތަހާ ބޮޑަށް ފިކުރުބޮޑުވިއެވެ. އޭނަ ބޮޑަށް ހަމްދަރުދީވާންފެށީ ވެސް ޖައިދަންއާއި މެދުގައެވެ. ޖައިދަންދެކެ ކަމީލާ ލޯބިވެ ލޫކަސްއަށް އެހެން އަންހެންކުއްޖަކު ހޯދިއްޖެއްޔާ މިކަންތަކަށް ހައްލެއް ލިބިދާނެއެވެ. މެހްވިޝްގެ އުއްމީދަކީ އެގޮތަށް އެކަން މެދުވެރި ކުރެއްވުމެވެ.
ޖައިދަން އޮފީހުން ނުކުމެގެންއައިއިރު އެތައް ބަޔެއްގެ ނަޒަރު އޭނަގެ މައްޗަށް ހުއްޓިފައިވެއެވެ. ކަޅުސޫޓެއްލައިގެން ރޭބަން އައިނެއް އަޅައިގެންހުރިއިރު އެރީތިދެލޯވަނީ ފޮރުވިފައެވެ. އެކަމަކުވެސް އެންމެންވަނީ އޭނަގެ ޖާދޫގައިޖެހިފައެވެ. ކޮންމެ މީހަކުވެސް އެދިއެދިވަނި ޖައިދަންއާއި ގާތްމީހަކަށްވުމަށެވެ. ފައިސާއިން ނުވާނީ ކޮންކަމެއްހެއްޔެވެ؟ އަދި ފައިސާލިބިފައި މިފަދަ ރީތިމީހަކަށް ވެއްޖެއްޔާ ދުނިޔެވެސް މުށުތެރޭގައި ލެވިދާނެއެވެ. ބައެއް އަންހެންކުދިން ސިއްރުން ކިޔާގޮތުންނަމަ އޭނައަކީ ރާއްޖޭގެ ކްރިސްޓިންއަން ގްރޭއެވެ. އެފަދަ ސިއްރުވެރި ފޮނިގޮތެއް އޭނަގެވެސް ހުރެއެވެ. ޖައިދަން ކާރަށް އެރުމުން ޔުނިފޯމްގައި އިން ޑްރައިވަރު ކާރުދުއްވާލައިފިއެވެ. ގެއާއި ހަމަޔަށް ދެވެންދެންވެސް އޭނަ އިނީ ފޯނެއްގައެވެ. ސިޓިންރޫމަށްވަދެލާފައި ލޯ ހިންގާލިއިރު އެތާތިބި ލޫކަސްއާއި ކަމީލާ ފެނިފައި ޖައިދަންގެ އަތްމުށްކެވުނެވެ. ނަމަވެސް ބަހެއްވެސް ނުބުނެ އޭނަ ސިޑިންއެރިގޮތަށް ދިޔައީ މަތީބަޔަށެވެ. ކަމީލާގެ ފޯނަށް އައި މެސެޖަކުން ބިރުން ހުރެފައި އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.
"ބިޗް......މަށަށް ދައްކަންތަ ގޮސް އަބަދު ކުރިމަތީގައި އިންނަނީ؟ އަދި އުނގުގައި އިށީންނަވީނު...." ޖައިދަން ހަޅޭއްލަވައިގަތެވެ. އައި ރުޅީގައި އެތާހުރި ބިއްލޫރި މޭޒެއްގައި ފައިން ޖެހީނުން އަޑުފަށްގަނޑަކާއިއެކު މޭޒުތެޅި ބިއްލޫރިތައް އެތަންމިތަނަށް އުކިގެން ދިޔަތަން ފެނިފައި ކަމީލާ ކަންފަތުގައި އަތްއަޅަމުން ދެލޯ މަރައިލިއެވެ. ދެން އިވުނު އަޑަކުން ލޯ ހުޅުވައިލިއިރު ޖައިދަން ބިއްލޫރިތަކުގެ މައްޗަށް ވެއްޓިފައި އޮތްތަން ފެނިފައި ކަމީލާގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ގޭތެރޭގައިވި ހިމޭންކަން މުގުރާލައިފިއެވެ. ޖައިދަން ތެދުވުނީ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ. ބަނޑަށްވެސް ބިއްލޫރިގަނޑެއް ހެރިފައިވާހެން ހީވިއެވެ. ކަމީލާގެ ހަޅޭކުގެ އަޑަށް މެހްވިޝްއާއި ލޫކަސް އެތަނަށް އައީ ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަގީންވެފައި ތިބެއެވެ.
ލޫކަސް ތަޅުދަނޑިހިފައިގެން ގޮސް ޖައިދަންމެން އުޅޭގެއަށް ވަނީ އެހެން އެއްވެސް މީހަކަށް އަންގާނުލައެވެ. ޖައިދަންގެ އެގަދަ ރުޅީގެ ސަބަބެއް ދެނެގަންނަން ބޭނުންވެފައިހުރެއެވެ. ޖައިދަން ގެންގުޅޭ އެއްޗެހިން ކޮންމެވެސް ވަރެއްގެ ހެއްކެއްފެނިދާނެކަން ނޭގެއެވެ. އޭނަ ގޮސް އެކުޑަގޭގެ ކޮޓަރިތައް ހުޅުވާލައިގެން އެއްޗެހި ހާވަންފެށިއެވެ. ޖައިދަންގެންގުޅޭ ފޮޓޯތަކުގައި ލޫކަސްގެ މޫނުމަތީގައި ކުރަހާފައި ނޫނީ އޭނަ ހުންނަ ބައި ކަފާލާފައި ހުންނަތަން ފެނުނެވެ. އެހާވަރަށް ޖައިދަން އޭނަދެކެ ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ މަންމަ ލޫކަސްދެކެ މާބޮޑަށް ލޯބިވާކަމަށް ހީކޮށްގެންބާވައެވެ. އެހެންނޫންނަމަ އޭނަގެ ކުޑައިރުގެ ފޮޓޯތަކަށް އެހާ އިހާނެތިކޮށް ހަދަންޖެހޭ ސަބަބެއް ނޯންނާނެއެވެ. ޖައިދަން ތަޅުލާފައި ހުރިތަންތަންވެސް ހާވަމުންދަނިކޮށް ފެނުނު އެއްޗަކުން ލޫކަސް ގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"އޯމައިގޯޑް......" ލޫކަސް ބޮލުގައި ދެއަތުން ހިފެހެއްޓިގޮތަށް އެނދުގައި އިށީންނައިރަށް އެރީތި ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. މިއީ ހާދަ އެހެންކަހަލަ ސިއްރެކެވެ. މިކަން އެނގުމަށްފަހު އޭނަ ޖައިދަންއާއި ދޭތެރޭގައި ދެކެންވީ ކިހިނެއްހެއްޔެވެ؟