މަންމަ އެހާ ހާސްވެފައިހުރެ ވާހަކަދެއްކި އަޑުއިވުމުން ލޫކަސް އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. މައިންބަފައިން އޭނަދެކެ ވާ ލޯތްބާއިވާ ގުރުބާނީ އޭނަ ރަގަޅަށް ދަނެއެވެ. އެވަރުގެ ބަޔަކަށްޓަކައި އޭނަ ކެތްކުރަންޖެހޭނެއެވެ. އެމީހުންގެ ކުރިމަތީގައި ނާއުއްމީދުވެ ކަރުނަ އޮއްސަން ހަދައިގެން މުޅި އާއިލާ ހިތާމައިގެ ތެރެއަށް ގެނބިގެން ހިނގައިދާނެއެވެ. ފިރިހެނަކަށްވެހުރެ އޭނަ މިގޮތަށް މާޔޫސީކަމުގައި ނިމިގެންދާކަށް ނޭދެއެވެ.
އައްމާރުގެ ފަރާތުން އިޔާޝް ބަލިވެއުޅޭ ޚަބަރު ލިބުމުން މެހްވިޝް ދަރިފުޅު ދެކެލަން އެގެއަށް އައެވެ. ޔާސިރު ހުއްޓާ އެގެއަށް ވަނުމުގެ ހުއްދަ ޖިބްރީނު ނުދޭނެއެވެ. ނަސީބަކުން ދިވާމީ ރަގަޅަށެވެ. ޔާސިރުހުރީ އޮފީސްދަތުރެއްގައި ބޭރު ގައުމެއްގައެވެ. އިޔާޝް ހުން އަންނަތާ ތިންދުވަސްވެފައިވާކަން އެނގުމުން މެހްވިޝް އެކަމާއި ޝަކުވާކުރިއެވެ. އެހާ ބަލިވިއިރު މަންމައަށް ނޭންގީ ކީއްވެހޭ އަހާލިއެވެ. މެހްވިޝް ކަމީލާ ފެނިފައި ވަރަށް އުފާވިއެވެ. ޅީދަރިފުޅާއިމެދު ހިތުގައި ތައުރީފު އުފެދުނީ ވަކިގޮތަކަށް ނޫނެވެ. އެތައް ދުވަހެއްފަހުން ކަމީލާ ފެނުނުއިރު މޫނު މާ އޮމާންވެފައި ރީތިކަމަށް ދެއްކިއެވެ. އިސްތަށިގަނޑުވެސް އެހާ ވަރުގަދައެވެ. ރީދޫކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު އެ ލޫޅާފަތި ހަށިގަނޑުގެ ރީތިކަންވަނީ ހާމަޔަށެވެ. އިސްތަށިގަނޑު މައްޗަށް ކަހާ އައްސާލައިފާ އޮތްއިރުވެސް އިސްތަށގަނޑު ބުޅިކަން ފާޅުވާން ހުއްޓެވެ. ކަމީލާ ހީލާއިރު ކޯތާފަތަށް އަޑިކޮޅު އެޅޭތީ އަދި ވަކިން ލޯތްބެވެ. ރީތިކަން ހުސްކޮށްލާފައިވާ އަންހެންކުއްޖެކެވެ.
ކަމީލާ އިޔާޝްގެ ކޮޓަރީގައި މެހްވިޝްއާއި ވާހަކަދައްކާލަން އިނދެލާފައި ތިރިއަށް އައީ އައްމާރުގެ ދެމަފިރިން އެތަނަށް އައީމައެވެ. އޭނަ ބަލާހިތްވާ ސީރީޒްއެއް ނެތުމުން ޗެނެލްތައް ހާވަނިކޮށް ހެއްވާ ޑްރާމާއެއް ދައްކާތަން ފެނުމުން ކަމީލާ ބަލަންފެށިއެވެ. މޫޑު ޚަރާބުވީ ޖައިދަން ހުރިތާކު ހުރެފައި އައިގޮތަށް ކަމީލާއަށް ޖެއްސުމެއްކުރާހިތުން ފައިތިލަ މަސާޖްކޮށްލަދޭށޭ ކިޔާފައި އުނގަށް ދެފައިލީމައެވެ. ކޮންތާކު އުޅެފައިކަމެއްވެސް ނޭގެއެވެ. ދެފައިތިލަ އޮތީ ޗަކަވެފައެވެ. އޭނަ ފެންވަރާލައިގެން ހުރިއްޔާ މިފަދަ ކޮންމެވެސް އުދަގުލެއް ކުރާނެއެވެ. ހަރުދަނާ އެއްވެސް ސިފައެއްނެތެވެ.
"ނެތްތަ ކާ އެއްޗެއް؟ "ޖައިދަން އާދައިގެ ރާގަކަށް އަހާލީވެސް ކަމީލާ ރުޅިއަރުވާށެވެ. ކަމީލާ ޖައިދަންއާއި ވާހަކަދައްކަން ބޭނުންނުވާކަން އެނގިހުރެ ގިނަގިނައިން ސުވާލުކުރާނެއެވެ. ދަތްތައް ބިނދޭވަރުވިޔަސް އޭނަގެ ސުވާލުތަކަށް ޖަވާބުނުދީ އިންނާކަށް ނުކެރޭނެކަން ޖައިދަން ދަނެއެވެ. ކަމީލާ އޭނަ ފެނުނަސް ސިހެއެވެ.
"ނުހުންނާންވީ ކީއްވެތަ؟" ކަމީލާގެ ދެލޯ އަމާޒުވެފައިވަނީ ޓީވީގެ ސްކްރީނަށެވެ. އަމިއްލަ ނިކަމެތިކަމާއި މަޖުބޫރީއިން ހިތުގައި ޖެހިފައެވެ. އެވަގުތު ޓީވީއިން ފެނުނު މަންޒަރަކުން ކަމީލާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން ބަލައިލެވުނުއިރުވެސް ކަމީލާއަށް ހަމަ ހެވެނީއެވެ. ހުނުމުގައި ބްރޭކް ޖެހުނީ ދޮރުމަތީގައި ހުރީ ލޫކަސް ފެނިފައެވެ. މެރޫންކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ވަރަށް ފިރިހެންވަންތައެވެ. އޭލިއަންއެއް ފެނުނުނަމަވެސް ކަމީލާ އެގޮތަށް ދެލޯ ބޮޑުކޮށްގެން ގަނޑުވެފައި ނީންނާނެއެވެ. ކަމީލާގެ މޫނު ހުދުވެ ކަފަކޮޅެއްހެން ވިއެވެ. ލޫކަސްގެ މޫނަށް ވެރިވީ އަޖައިބުވިކަމުގެ ކުލަވަރެވެ. މޫނަށް އެރި ކުލަވަރު ކަމީލާއަށްވެސް ފެނުނެވެ. ލޫކަސްއާއި ހަތަރުކަޅިހަމަވިގޮތަށް ދެމީހުންނަށްވެސް ނަޒަރު އެއްފަރާތްކޮށް ނުލެވުނެވެ. ފަޅިސިކުންތުކޮޅެއް ގަރުނަކަށްވެގެން ދިޔައެވެ.
"މަންމަ ކޮބާތަ؟ " ލޫކަސް އަޑުއެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރަމުން އަހާލީ ދުރަށް ބަލައިލަމުންނެވެ. ޖައިދަން ދޮރާއި ދިމާލަށް ފުރަގަސްދީގެން އޮތްމީހާވެސް އެނބުރި ބަލައިލީ ސިހިފައެވެ. ޖައިދަން އަނގައިން ބުނާކަށް ނޫޅުނެވެ. ކަމީލާ ސުވާލުގެ ނަޒަރަކުން ބަލައިލީ ޖައިދަންގެ މޫނަށެވެ. ވާނުވާ ނޭގުނީއެވެ. ލޫކަސް މަންމައޭ ކިޔައިގެން އިޝާރާތްކުރީކާކަށް ހެއްޔެވެ؟ ނަސީބަކުން އެވަގުތު މެހުވިޝް ލިފްޓުން ފޭބިގޮތަށް ލޫކަސް ފެނިގެން ގޮވާލައިފިއެވެ. މެހްވިޝްއައީ ފްލަފީ އުރާލައިގެންނެވެ. އެންމެން އެ ބުޅާގަނޑުދެކެ އެހާ ލޯބިވާއިރުވެސް ކަމީލާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ކުރިން އެސޮރުފެންނައިރަށް ބިރުން ދެފައި ތުރުތުރުއެޅިޔަސް މިހާރު ހޭނިއްޖެއެވެ.
"ދަރިފުޅާ، ކޮއްކޮ ހުންގަދަކަމުން ހަމަ ބުރާންތިވެފައި އެއޮތީ، ނޭގޭ ކުރަންވީކަމެއް، ބޭހަކުން ހުން މަޑުވާގޮތެއްނުވި، ނުލަފާ ހުންގަނޑަކަށް ނުވެއްޖެއްޔާ ރަގަޅު، އެހެންވެގެންނޭ މަންމަ ލޫކް ގާތު އަންނަން ބުނީ، ކޮއްކޮ އެހާ ބަލިއިރު ވިޒިޓްނުކޮށް ހުންނާކަށް ނުވާނެ......." މެހްވިޝް ހާސްވެފައި ހުރިވަރު މޫނުމަތިން ފެނުނެވެ. ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ޒުވާންކަމުން ލޫކަސްމެންގެ މަންމައަކަށްވުރެ ދައްތައަކާއި ވައްތަރެވެ. ޖައިދަން ތެދުވިގޮތަށް ކަމީލާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން އެނބުރިފައި ލޫކަސް އާއި ދިމާލަށް ބަލައިލެވުނުއިރު އެ ރީތި ދެލޯ ދިޔައީ ކަރުނުން ފުރެމުންނެވެ. އެލޮލުން ފެނުނީ ޝަކުވާއެވެ. އެސިކުންތުކޮޅުވެސް އެލޮލުން ކިތަންމެ ވާހަކައެއް ބުނެދީފިއެވެ. އޭނަ ސަލާމަތްކޮށްދޭން އަންނާށޭ ބުނާފަދައެވެ. ލޫކަސްއަކީ ޖައިދަންގެ ބޭބެއެއްކަން އެނގުމުން ހިތަށް ކުރީ އެހާވެސް ނުބައި އަސަރެކެވެ. ދެމީހުން ވާހަކަ ނުދައްކާ ތިބީ ކީއްވެގެންކަމެއް ކަމީލާއަކަށް ނޭގުނެވެ. އެއީ ރާވައިގެން ކުރާކަމަކަށް ވެދާނެއެވެ. ދެމީހުން ބްލެކްމެއިލް ކުރަން އުޅުމާއި މިހުރިހާ ދުވަހު ލޫކަސް މިގެއަށް ނައުމުގައި ކޮންމެވެސް ސިއްރުތަކެއް ވާނެކަން ޔަގީނެވެ.
"އެއީ ޖޭޑްގެ ވައިފް، ޖޭޑް އިންޓްރޮޑިއުސް ކޮށެއްވެސް ނުދޭދޯ، މަންމަގެ ދެކުދިންގެ މިއޮތް ދުރުކަން ކަނޑުވާލަން ކުރަންވީކަމެއް ހަދަންވީ ފަންޑިތައެއް ނޭގޭ، އެދިޔައީނު އަޅާނުލާ...." މެހްވިޝް ބޯ ހޫރާލިއެވެ. ލޫކަސް ހިންދިރުވާލާފައި ފިނިވެފައިވާ އަތް ޖިންސްގެ ޖީބަށް ޖަހައިލިއެވެ. ވީއިރު އެކުޑަކުއްޖާ އޭނަ ގާތު ދޮގުހެދީ ކީއްވެހެއްޔެވެ؟ ތިމަންނައަކީ ޖައިދަންގެ އަންހެނުންނޭ ކިޔާފައި އޭނަގާތުގައި ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
ލޫކަސްގެއަށް ވަންއިރު ފެނުނު މަންޒަރުން ޔަގީން ނުވެފައި ހުއްޓާ މަންމަ ބުނެދިނުމުން ހިތް ހިނދުކޮޅަކަށް ނަމަވެސް މަސައްކަތްކުރުން ހުއްޓާލިއެވެ. ހިތަށް ތޫނު ޚަންޖަރެއް ހަރާލިޔަސް ތަދުވާނީ އެހާވަރަކަށެވެ. ދިރިހުއްޓާ ވަޅުލެވުނަސް ކުރެވޭނީ އެފަދަ އިހުސާސެކެވެ. ނޭވާ ނުހިނގާނެހެން ހީވެ އުދަގޫތަކެއްވިއެވެ. ކަމީލާ އިންތިޒާރުގައި ހުންނާނެކަމަށް ބުނި މީހާއަށް ދުވަސްކޮޅަކަށްވެސް ކެތްނުކުރެވުނީއެވެ. އެހެން މީހަކާއި އިންކަމުގައި ވިޔަސް އެންމެ ރަގަޅެވެ. ނަމަވެސް ކަމީލާ މިވީ އޭނަގެ ފަހަރިއަކަށެވެ. ކޮއްކޮގެ އަންހެނުންނަށެވެ. ވީއިރު ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟
"ޖިބްރީން، ޒުހޭބު އަތަށް ދީފައި ކުރުނބާ އިހައްޔެއް ފޮނުވަދީފާނަންތަ؟ މިގޭގައި ނޯކަރަކު ނެތީމަ ދެން ވަރަށް އުދަގޫވޭ..." މެހްވިޝް ފޯނެއްގައި ހުރުމުން ލޫކަސް ގެ ލޮލުން ފޭބި ކަރުނަތިއްކެއް ނުފެނުނެވެ. ލޫކަސް އަނބުރާލާފައި ދާން އުޅެފައިވެސް މަންމަ ސުވާލުކުރާނެތީ ކަންބޮޑުވެފައި ހުރެފައި ދާން ހިނގައިގަތީ ތިރީބައިގެ ކާކޮޓަރިއާއި ދިމާލަށެވެ. މޫނުދޮވެލަން އޭނަ ބޭނުމެވެ. އެތަނަށްވަދެފައި މޫނަށް ފެން އަތްގޮށްޓެއް ވިއްސާލުމުން ކަރުނަތައް ފެނާއިއެކުވެގެން ހިނގައްޖެއެވެ. ކިތަންމެ ވަރަކަށް އެރޭތަކުގެ މަތިން ހަނދާންނައްތާލަން އުޅުނަސް އެކަމެއް ނުވާނެއެވެ. ލޯބިވާމީހާ މަތިން ހަނދާންނައްތާލުމަކީ އެއްވެސް އިންސާނަކަށް ފަސޭހަވެގެންވާނެ ކަމެއް ނޫނެވެ. ކަމީލާއާއި ވަކިވެގެން އޭރު ދިޔުމަށްފަހު ހިނގި އެކްސިޑެންޓަކީ އޭނަގެ ބަދުނަސީބުގެ ފެށުމެވެ.
ޖައިދަން ކަމީލާ ގޮވައިގެން އެންމެ މަތީބަޔަށް ދިޔަގޮތަށް ދަމަމުންގޮސް ކޮޓަރިތެރެއަށް ހޫރުވާލުމުން ކަމީލާ ގުޅައަކަށް ދޫލަމައްޗަށް ޖެހުނެވެ. ބޭއިޚުތިޔާރުގައި ކަމީލާގެ އަތްދިޔައީ ބަނޑާއި ދިމާލަށެވެ. މިހާރުއްސުރެން މައިވަންތަކަން ހިތުގައި އުތުރިއަރަންފެށީއެވެ. އަމިއްލަ ނަފުސް ހަލާކުވެގެން ދިޔަސް ދަރިފުޅު ސަލާމަތްކުރަން ކަމީލާ މަސައްކަތްކުރެވެނީއެވެ. ކަމީލާ ތެދުވާން އުޅެގަތުމުން ޖައިދަން ކޮޅުފައިން ޖެހި އެތިފަހަރު ބަނޑަށް އެރުމުން ކަމީލާ ރޮއިގަތެވެ.
"ހެޔޮނުވާނެ ޖައިދަން، އަހަންނަށް ތިހާ އަނިޔާނުކޮށްބަލަ، އަހަރެން ޕްރެގްއޭ...." ކަމީލާ އެހިސާބަށް ބުނެވުނުއިރު ޖައިދަން ހުރީ ޝޮކެއްގައިހެން ހީވިއެވެ. ދެބުމަކާރިކޮށްލިގޮތުން ހީވީ ޔަގީންނުވެގެން ބަލަން ހުރިހެނެވެ.
"ވަޓް؟ " ޖައިދަން ސުވާލުކުރިއެވެ.
"އާން އަހަރެން ޕްރެގް، ޖައިދަން އަހަރެންގެ ކަމަކަށް ސަމާލުކަން ނުދެންޏާ އަހަރެން އެވާހަކަ ބުނާނީ ކިހިނެއްތަ؟ އަހަންނަށް އަނިޔާކުރިޔަސް މިމައުސޫމް ދަރިފުޅާއިމެދު ރަހުމްކުރޭ، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ވާނަމަ ތިހެން ނަހަދާ، އަހަންނަށް އެނގޭ އަހަރެންދެކެ ނަފްރަތުކުރާވަރު، އެކަމަކު މި ދަރިފުޅުގެ ކުށަކީ ކޮބާތަ؟ އަހަންނަށް ތިކުރާ އަނިޔާގެ އަސަރު އެކުއްޖާއަށް ނުކުރާނެތަ؟ އާދޭސްކޮށްފައި މިބުނަނީ، ޕްލީޒް...." ކަމީލާ ރޮއިރޮއިފަ ޖައިދަންގެ ފައިމައްޗަށް ވެއްޓިގަތެވެ. ޖައިދަން ފައި ދަމައިގެންފާ ބާރުބާރަށް އެތަނުން ނުކުމެގެން ދިޔުމުން ކަމީލާ ހީކުރީ ރަގަޅަށްވެސް ޖައިދަންގެ ހިލަހިތަށް އަސަރުކުރީ ކަމުގައެވެ. އެތަނުން ތެދުވެގެންގޮސް އެނދުގައި އިށީނދެ ހައިޝަމްއަށް ގުޅިއެވެ. އޭނަ ތަނަކުން ވެއްޓިފައި ބަނޑަށް އަނިޔާއެއްވެއްޖެ ކަމަށް ބުނިއިރުވެސް ދެލޮލުން ކަރުނަ އޮހުނެވެ. ހައިޝަމް ދެއްކިވާހަކަތަކުން ކަމީލާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނަސް ދަރިފުޅަށްޓަކައި ހިތް ބިރުގަންނަނީއެވެ. ޖައިދަންގެ ގާތުގައި ބަލިވެއިން ވާހަކަ ބުނެވުނުކަމުގެ މޮޔަހީވިއެވެ. ޖައިދަން ނުބައި ނުލަފާކަމާއިގެން ދިމާނުކުރާނެ ހެއްޔެވެ؟ ޝައްކު ނުކުރާނެބާވައެވެ. އަދި އަންނަގޮތަށް ދަރިފުޅު ނައްތާލަން ނުބުނާނެހެއްޔެވެ؟ ކުއްލިއަކަށް ޖައިދަން ނުކުމެގެން ދިޔަގޮތުން ރަގަޅު ކަމެއްނޫންކަން ކަމީލާ ދެނެގަތެވެ. އުމުރުން ހަނގުވިނަމަވެސް އޭނަގެ ސިކުނޑިއަށް ބައެއްފަހަރު އަރާ އެއްޗެހި ހަގީގަތަކަށްވެއެވެ. ހިތްދަތިކަމާއިއެކު ތުންފަތުގައި ދައިގަތްގަތީނުން ތުންފަތް ލޭކޮޅަކަށްވިއެވެ. މީހަކު ދޮރުފަތުގައި ހިފާލިހެން ހީވެފައި ހިތް ތެޅިގަތްގޮތަށް ބާލީސް މެޔާއި ލާ ފިތާލިއެވެ.
ޖައިދަން ބޭރަށް ނުކުތްގޮތަށް ރެއިލިންމަތީގައި އަތުން ދެތިން އެތިފަހަރު ވީއްލާލިއެވެ. ހީވަނީ ރުޅިމަޑުކުރަން ހަދަންވާގޮތެއް ނޭގިގެން އުޅޭހެންނެވެ. އޭނަ މިވަގުތު ކަމީލާއާއި ގާތްވާންވެއްޖެއްޔާ އަނިޔާފަށެއް ކުރެވިދާނެކަމާއި ދުރުން އުޅުމަށް އަމިއްލަ ޟަމީރު ވިސްނައިދިނެވެ. އެތަނުން އަވަހަށް ދުރަށް ދާންވެގެން ޖައިދަން ހިނގައިގަތީ އަމިއްލައަތުން ކުރެވިދާނެ ބޮޑު ފާފައެއްގެ ބިރުހީވެފައެވެ.
"އެކުއްޖާ ހީކުރީ އަހަންނަށް ދޮގުހަދާފައި އެކަމުން ސަލާމަތްވެވޭނެ ކަމަށްތަ؟ އެމޮޔަގަނޑަށް ނޭގުނު އަހަރެން އެއްވެސް ޕްރޮޓެކްޝަނެއް ބޭނުން ނުކުރަނީ އަހަންނަކީ ދަރިން ނުލިބޭމީހެއްކަމުގެ ސަތޭކަ ޕަސެންޓް ގެރެންޓީ އޮތީމަކަން، ހިތަށް އެރި ޓެސްޓްތަކާއި ރިޕޯޓު އޭނަގެ މޫނުމަތީގައި ޖަހާލެވުނުނަމައޭ، ޔަގީންކުރަން އަހަރެން ދެތިންތަނުން ޓެސްޓް ހަދައިގެން މިހިރީ، އޭނަގެ އާއިލާއިން ބާރުއަޅައިގެން ކާވެނި އަވަސްކުރުވި ސަބަބު މިއެނގުނީ، ފުރަތަމަ ރޭވެސް އަހަންނަށް އެނގުނޭ އެއީ މާތްކުއްޖެއްނޫންކަން، ކަޅުހެދުމުގެ ނިވަލުގައި ފާހިޝްކަންތައް ކޮށްފައި އުޅޭއިރު އެހެން ކާކަށް އެނގޭނީ؟ މަންމަވެސް އަހަންނަކީ ނަސީބުވެރިޔެކޭ އެކިޔަނީ އެހެން ހީކޮށްފައިކަން ނޭގޭ، އެކަމަކު އަދި ލަދެއްނުގަތް ނަހަލާލު ދަރިއެއް މަގޭ ބޮލުގައި އަޅުވަން، ޗީ ޗީ ހަޔާތްކުޑަ އަންހެނެއް، އޭނަމަރާލިޔަސް ފާފަވެރިއެއް ނުވާނެ، ރަޖަމްކުރަންވެފައި އެހެރީ، ވެދާނެ އަދިވެސް ސިއްރުން ބިޓުކާރިއަށް ދަނީކަމަށް، ބަނޑު އެހާ ކުޑަކޮށް ހުރީމަ ކިހިނެއް ޝައްކުކުރާނީވެސް، އަންހެނުންނަކީ ހަމަ މަކަރުވެރި ބަޔެއް، ކޮންމެ ރެއަކު ޓިއުޝަން ނަގާށޭ ކިޔާފައި ދާތަނެއްވެސް މިއެނގުނީ، ނޫނީ އޭނަ އަހަރެން އޮޅުވާލަން ދޮގުހެދީތަ؟ އަހަރެން ފޯލްވާނެކަމަށް ހީކޮށް، އެކަމަކު އޭނައަށް ނޭގި އެއޮތީ ބޭޒާރުވެފައި........." ޖައިދަން ކޮރިޑޯގައި ދެކޮޅަށް ހިގަމުން ދިޔައިރު ދެން ކަންތައްކުރަންވީ ގޮތާއިމެދު ވިސްނިއެވެ. ކަމީލާގެ ބަނޑުގައި އެވަނީ އޭނަގެ ދަރިއެއްކަމަށް ކަމީލާ ހީކުރުވަން އުޅުނުގޮތުން އޭނަ މިހިރީ ރުޅިއަންނަންވެސް ނޭގިފައެވެ. އަސްލުވެސް އޭނައަށް ލިބުނު ޝޮކް އެހާ ވަރުގަދަވީހެއްޔެވެ؟ ކަމީލާގެ ދުލުން އިވުނު ބަސްތަކަކަށްފަހު އޭނަ ރަގަޅަށްވެސް ހުރިތަނަށް ގާވިއެވެ.
ޖައިދަން ބޭރަށް ނުކުމެފައި ދާންވީ ދިމާލެއް ނޭގުނެވެ. ބައްޕަގެ ކާރު އޮތީ ހަދަން ގަރާޖަށްދީފައެވެ. އަމިއްލަކާރެއް ނެތްކަމާއި އަތުގައި އެއްޗެއް ނުވާކަން އިހުސާސްކުރެވި ޖައިދަންގެ ހިތަށް ނުބައިގޮތެއްވިއެވެ. ބޭނުންގޮތަކަށް އުޅެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެވިގެންނެވެ. މަގަށް ނުކުތްގޮތަށް ހިނގަމުންގޮސް ސުނާމީބިނާއާއި ހަމަޔަށް ދިޔައެވެ. ސިގްރެޓެއް ރޯކޮށްލައިގެން އަމިއްލަ ޚިޔާލުތަކަކަށް ޣަރަގުވެފައިހުއްޓާ އެހެންލާފައި ދިޔަ ޒުވާން ފިރިހެނަކު ލޮލުގައި އަޅައިގަތެވެ. ކޯޓެއްގައިހުރިއިރު ޝަޚުސިއްޔަތު ވަރުގަދަވެފައި އެހެން މީހުން އިހުތިރާމްކުރާފަދަ ގޮތެއް ހުއްޓެވެ. ފޯނެއް ކަންފަތުގައި ޖަހާލައިގެން ހުރެގޮސް އެރި ކާރުގައި އިނީ ޔުނިފޯމްގައި ހުރި ޑްރައިވަރެކެވެ. އާރާއި ބާރު ލިބޭނީ ކިޔަވައިގެން މޮޅު ވަޒީފާއެއްގައި ހުރެވުނީމައެވެ. ނޫނެކެވެ. އަމިއްލަ ކުންފުންޏެއްގެ ވެރިޔަކަށް ހުރުމުން މާ ބާރުތައް އޮންނާނެއެވެ. އެހެންނޫނީ އަބަދުވެސް އުޅެންޖެހޭނީ އެހެން ވެރިޔެއްގެ ދަށުގައި ހުންނާށެވެ. ޖައިދަންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އަމިއްލަފައި މައްޗަށް ތެދުވެ ފިރިހެނަކަށްވެގެން އޭނަގެ ހުވަފެންތައް ފުރިހަމަކުރާނެއެވެ. ޖައިދަން ސިގްރެޓް އެއްލައިލީ ކަމަކަށް އަޒުމް ކަނޑައަޅަމުންނެވެ. މިއަދަށްފަހު އޭނަ އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ބޭނުމެއްނުކުރާނެއެވެ. އަދި އެހެން މީހުން އޭނައަށް އަމުރުނުކުރާނެ ފަދަ މަގާމެއް ހޯދާނެއެވެ.
ޖައިދަން އޭނަގެ ބައްޕަ މާލެއައުމާއިއެކު އެދުނީ ލޯނަކަށެވެ. ޔާސިރު ހައިރާންވިއެވެ. ޖައިދަން ލޯނެއް ނެގުމަށްވުރެ ވިޔަފާރިތެރެއަށް ވަދެގެން ބޭނުންކަމެއް ކޮށްލެވިދާނެނޫން ހެއްޔޭ ސުވާލުކުރިއެވެ.
"އަޅުގަނޑު ބޭނުންވަނީ ވަކި ބިޒިނަސްއެއް ފަށަން، ކޮންމެހެން ބައްޕަމެންނާއި ވަކިވާކަށްނޫން، އެކީގައި މިކަންތައްކުރިއަށް ގެންދާނީ، އަމިއްލައަށް އުޅެގެން ކުރިއަށްދާނީ ކިހާވަރަކަށްކަން ދެނެގަންނަން ބޭނުން، ބައްޕަ އަޅުގަނޑަށް ކުޑަ އެހީތެރިކަމެއް ދެއްވާ، ލޯނުވެސް ފަހުން އަދާކުރާނަން..." ޖައިދަންގެ ވާހަކަތަކުގައި ހަރުދަނާކަން ހުރިތަން ފެނިފައި ޔާސިރުގެ ހިތް އުފަލުން ނަށާލިއެވެ. ދުޝްމިނުން ކިތަންމެ ވަރަކަށް އޭނަ ނިކަމެތިކޮށްލަން މަސައްކަތްކުރިޔަސް އިރާދަކުރެއްވިއްޔާ ދެން ދާނީ ކުރިއަށެވެ. އައްމާރުވަނީ އޭނަގެ މުއްސަދި އަންހެނުންގެ ބައްޕައާއިއެކު ވިޔަފާރީގެތެރެއަށް ވަދެފައެވެ. ފިރިހެންދަރިއަކު ނެތުމުން އައްމާރުއަކީ އަމިއްލަދަރިއަކަށް ހަދާފައި ތަނުގެ ހިއްސާދާރަކަށްވެސް ހެދީއެވެ.
"ގުޑް ޑިސިޝަނެއް ދަރިފުޅު ތިނެގީ، އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން..." ޔާސިރު ވަގުތުން އުޅެގަތީ ލޯނުގެ ކަންތަކާއިގެންނެވެ.
ބައެއްފަހަރު ޚިޔާލުނުކޮށްހުއްޓާ ދިރިއުޅުން ހިތަށް ނާރާ މަގެއް ޚިޔާރުކޮށްފާނެއެވެ. އިންސާނާ ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. ކަންނެތްކޮށް އުޅެބޮޑުވެފައިވާ ޒުވާނުންވެސް ވަކި އުމުރަކުން ވިސްނި ހަރުދަނާވެދާނެއެވެ. ޖައިދަން ޑިގްރީ ހަދާލާފައި މާލެއަންނަން އުޅެނިކޮށް އެކުވެރިއަކު ބުނެގެން ހޮސްޕިޓަލަށް ޓެސްޓެއް ހަދަން ދިޔައެވެ. އެދުވަހު އެކުވެރި ޑޮކްޓަރަކު ސަމާސާއަކަށް އޭނަގެ ޓެސްޓްހައްދަންވެސް ބުނެލިއެވެ. މީހަކާއި އިންނަންވާއިރަށް އެކަންތައް ބަލަން ޖެހޭނެކަމުގައި ބުނެލިއެވެ. ޖައިދަން ބުނީ އޭނައަކީ ފުރިހަމަ ފިރިހެނެއްކަމަށާއި އެބައިގާ މައްސަލައެއްނެތް ކަމުގައެވެ. މުޅިން ބަރާބަރުކަމުގައެވެ. އެކަން ޔަގީންކޮށްދޭންވެގެން ހެދި ޓެސްޓްގެ ނަތީޖާ ލިބުމުން ޖައިދަން ހީކުރީ އެކުވެރިޔާ ގަސްތުގައި ކޮށްލި ޖެއްސުމެއް ކަމުގައެވެ. ޒީރޯސްޕާމް ކައުންޓަކީ ކޮންމެހެން މީހާގެ ފިރިހެންވަންތަކަމަށް ބުރޫ އަރާނެކަމެއް ނޫންކަން އެކުވެރިޔާ ބުނެދިނެވެ. ޖައިދަންވެސް ހީލުމަކުން ފުއްދާލީއެވެ. ދަރިން ނުލިބުމަކީ އޭރު ޖައިދަންއަށް މައްސަލައަކަށްނުވިއެވެ. ފަހުން ދިމާވެދާނެކަމަކާއިމެދު ޚިޔާލުކޮށްގެން އަމިއްލަ ހިތަށް އިތުރު ހިތާމައެއް ދިނުމުގެ މާނައެއްވެސް ނެތީއެވެ.
އެކުވެރިޔާއަށް އަދި ޖައިދަން މީހަކާއި އިންކަމެއް ނޭގޭނެއެވެ. އަންހެނުން ބަނޑުބޮޑުކަން އެނގިއްޖެއްޔާ އޭނައަށް ވަގުތުން އެއީ ޖައިދަންގެ ދަރިއެއް ނޫންކަން އެނގޭނެތާއެވެ. ހުރިހާ ލަދެއްގަންނާނީ ޖައިދަންއެވެ. ޖައިދަން ކަންބޮޑުވީ މިހާރު އެ އެކުވެރިޔާ މާލެ އައިސްގެން އުޅޭތީއެވެ. ދާދި އަވަހަށް ޖައިދަން މީހަކާއި ކައިވެނިކުރިކަން އެނގި ބޭޒާރުވާނެކަން އެނގޭތީ ޖައިދަން އެކަމާއި ފިކުރުކުރިއެވެ.
"ހަނދާންކުރާތި، ދެން މިގެއިން ބޭރަށް ފިޔަވަޅެއް އަޅައިގެން ނުވާނެ، ނޫނީ އަހަރެންގެ ނުބައިކަން ފެންނާނީ، އާއިލާ މީހުން ވެސް ގެންނަން ވާނީ އަހަރެން ގޭގައި އުޅޭ ގަޑިއެއްގައި، އަހަރެން އަތްބެއްގެ ގޮތުގައި ބައިންދާފައި އިންކަމަށްޓަކައި ޝުކުރުކުރޭ...." ޖައިދަން ކަމީލާއާއި ދިމާލަށް އެއްޗެހި ކިޔާލާފައި ދިޔުމުން ކަމީލާ އިނީ އިސްޖެހިފައެވެ. އޭނަ ޖައިދަންއާއި ކާވެނިކުރިއިރު ބަނޑު ބޮޑުކަމެއް ނޭގެއެވެ. އެހެންނޫންނަމަ އޭނަ ޖައިދަންއަކަށް މިފަދަ ބޮނޑިއެއް ނުދޭނެއެވެ. ޖައިދަންގާތުގައި އަދިވެސް މިޖެހެނީ ޖައިދަންގެ ދަރިއެއް ނޫންކަން ފޮރުވާށެވެ. އެނގިއްޖެއްޔާ އަދި ވަކިން އަނިޔާވެރިވާނެއެވެ. ކަމީލާއަށް ނޭގުނު ތަންކޮޅަކީ ޖައިދަންއަށް ހަގީގަތް އެނގިފައިވާކަމެވެ.
ކަމީލާ ބަލިވެއިންކަން އެނގުނުދުވަހުން ފެށިގެން ޖައިދަން އޭނައާއި ކާރިވާންވެސް ބޭނުންވާހެނެއް ހިޔެއްނުވެއެވެ. އެކަމާއި ކަމީލާ ހުރީ އުފަލުންނެވެ. ޖައިދަންގެ ފަރާތުން ސަލާމަތް ވެވުނީކަމުގައި ޔަގީންކުރިއެވެ. އެނގޭހާވެސް އެއްޗަކީ އެއަނިޔާވެރިޔާ ވަޒީފާއަށް ދާންފެށިގޮތަށް އުޅުން މުޅިން ބަދަލުވެއްޖެކަމެވެ. ރޭގަނޑު ކައިގެން އެނދަށް އަރާގޮތަށް ވަގުތުން ނިދާނީއެވެ. ހެނދުނު ތެދުވާން އާދަކޮށްފިއެވެ. ސައިބޮއިގެން ފެންވަރާ ތާޒާވެލާއިރަށް ގަމީސް އިސްތިރިކޮށްދޭން ބުނާނެއެވެ. ގަމީހާއި ފަޓްލޫނުގައި ޓައީއަޅާލާފައި ހުންނައިރު ޖައިދަން ވަރަށް ސްމާޓެވެ. އަންހެންކުދިންގެ ހިތްކިޔާނެކަން ޔަގީނެވެ. ކޮންމެވެސް އަންހެންކުއްޖެއްދެކެ ލޯބިވެގެން ޖައިދަން ދުރަށް ދާނެނަމައެވެ. އެއީ ކަމީލާގެ ދުޢާއެވެ.
ޖައިދަން އޮފީހަށް ދިޔުމުން ކަމީލާ ނުކުތީ ކުޑަކޮށް ބާޒާރުކޮށްލާށެވެ. ކަޅުހެދުމުގައި ހުރުމުން އޭނަގެ ކުޑަ ބަނޑުން އަދިވެސް މީހަކަށް ނޭގޭނެއެވެ. އެކަނިމާއެކަނި ހިނގާލާފައި ދަނިކޮށް ކާރެއް މަޑުކޮށްލާފައި ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ.
"އެކަނި އުޅޭ ދުވަހެއްތަ؟ ބަލިކުއްޖަކު ތިހެން އުޅެންޏާ މަށަކަށް ކެތެއްނުވާނެ، ކޮބާ ހަޒްބެންޑް؟ ހާދަ ކެއަރނުކުރާ މީހަކާއި އިނދެގެން ތިއުޅެނީ..." ހައިޝަމް ލާނެތް ހިނިތުންވުމަކާއިއެކު ބަލަން އިނެވެ. ހޫނުގަދަކަމުން ކަމީލާގެ ނިތްކުރީގައި ދާތިކިތައް ވިދާ ބަބުޅައެވެ. އިރު ހީވަނީ ފިއްސާލަން އުޅޭހެންނެވެ. ބިންގަނޑު ދޮންވެފައިވާވަރުން އާވިއަރާކަހަލައެވެ. ކަމީލާގެ ދޮންމޫނަށްވަނީ ޖަންބުކުލަ އަރާފައެވެ.
"މިތާ ކާރީގައި ހުރި ފިހާރައަކަށް މިދަނީ..." ކަމީލާ އަރާކަށް ގަސްތެއް ނުކުރުމުން ހައިޝަމް ކާރުން ފޭބިއެވެ.
"ލިއަމްއަށް އެނގިއްޖެއްޔާ މަ ކުށްވެރިވާނެ އިނގޭ، މީހަކާއި އިނީމަ އަހަރެމެންނާއި އަނގައިން ބުނެގެން ނުވަނީތަ؟ ހަނދާން އެބަހުރި އަހަރެން އެންމެ ދެދުވަހަށް ތިރަށަށް ގޮސްފައި ތިގެއަށް ދިޔައިމަ މެހުމާންދާރީ އަދާކުރިވަރު، މިއީ އޭގެ ބަދަލުކަމުގައި ހީކޮށްލާ...." ހައިޝަމް ކަމީލާގެ ކުރި ބެއްދިއެވެ. ކަމީލާ ހީގަނެފައި ހައިޝަމްގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލަން އުޅުމުން ހައިޝަމް ކަމީލާގެ އަތުގައި ހިފާ ގެންގޮސް ކާރަށް އަރުވައިފިއެވެ. އޭރު ކާރިންލާފައި ދިޔަ ކަޅުކާރުގައި ތިބި ބަޔަކަށް އެ މަންޒަރު ރީއްޗަށް ފެނުނެވެ. އެއަމަލުގައި މައުސޫމްކަން އެކުލެވުނަސް ބަލަން ތިބި ބަޔަކަށް ނޭގޭނެއެވެ. އެދެއްކި ވާހަކައެއްވެސް ނޭގޭނެއެވެ. ހީވީހަމަ ދެލޯބިވެރިންހެނެވެ. ކަމީލާގެ ދޮންމޫނުކޮޅު ރަތްވެފައިވުމާއި ރަކިވެފައި ހުރުމުން ވަކިން އެގޮތަށް ހީވިއެވެ. ކަމީލާ ބަސްއަހައިގެން ކާރަށް އެރުމުން އޭސީގެ ފިނިކަމުން ނިކަން އަރާމުވިއެވެ.