ނަމަވެސް ލޫކަސްއާއި އެންމެފަހުން ބައްދަލުވީ ދުވަހު ދެކެވުނު ވާހަކަތައް ހަނދާންވެފައި ކަމީލާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ލޫކަސް ރަށުގައި ނެތަސް އޭނަ މިގެއަށް ވަންނާކަށް ބޭނުމެއްނޫނެވެ. ކަމީލާ ވަގުތުން އަނބުރާލާފައި ގޮސް އަތްނަގާ ކާރެއް ހުއްޓުވިއެވެ. ކާރަށް އަރާފައި ރޯޒްހިލްއަށް ދާން ބުނެލިއިރުވެސް ޖަޒުބާތީވެވި ދެލޯ ފެންކަޅިވިއެވެ.
ކަމީލާ މިކާލް ނިންދަވާލާފައި ސިޓިންރޫމަށް އައީ އާދައިގެ މަތިން ބަލާ ސިލްސިލާއެއް ބެލުމަށެވެ. މިއަދު ލިބުނު މާތައް މޭޒުމަތީގައި ހުރި ކްރިސްޓަލްވާސްއެއްގައި އަތުރާލާފައިވާއިރު ރީދޫ އަލީގައި ފެންނަލެއް ވަރަށް ހިތްގައިމެވެ. ވާރޭވެހޭތީ އެހާ ފިނިގަދައެވެ. ކަމީލާ ބޯ ރަޖާއެއް ގައިގާ އޮޅާލައިގެން ސޯފާގައި ހަމަޖެހިލިތަނާ ޖައިދަން ގެއަށް ވަނެވެ. މިރޭ މާއަވަހަށް ގެއަށް އައީ ކީއްވެކަމެއް ނޭގެއެވެ. އާއްމުކޮށް ގެއަށް ވަދެލާނީ ރޭގަނޑު އެގާރަޖަހާފަހުންނެވެ. ޖައިދަން އުޅެނީ އަންހެންކުދިންނާއި އެކުގައިކަން ކަމީލާ ދަނެއެވެ. އެކަމާއި ކަމީލާގެ ފަރުވާލެއް މިހާރަކު ނެތެވެ. އެހެން އުޅެއުޅެފައި ޖައިދަން އޭނަގެ ގާތަށް އައިސްގެން ނުވާނެއެވެ. ޖައިދަން އޭނައާއި އެފަދަ ގުޅުމެއް ނުބާއްވާތާ މިވަނީ ހަތަރުވަރަކަށް މަހެވެ. ޖައިދަން އައިސް އިށީދެލީ ކަމީލާއާއި ޖެހި ފިތިގެންކަހަލަ ގޮތަކަށެވެ. އޭރު ޓީވީއިން ފެނުނު މަންޒަރަކުން ކަމީލާއަށް އުދަގޫވިއެވެ. ލޯބީގެ މަންޒަރެއް ދައްކަން އެނގުނީވެސް ޖައިދަން އައީމަ ހެއްޔެވެ؟ ޖައިދަން ކަމީލާގެ މޫނަށް ބަލައިލީ ދުވަހަކު ބަލައިނުލާފަދަ ނަޒަރަކުންނެވެ. އޭނަގެ ހިތަށް ގޮތެއްވިއެވެ. ކަމީލާގެ ރީތިކަމާއި މައުސޫމްކަން މިހުރިހާ ދުވަހު އޭނައަށް ފާހަގަނުކުރެވުނީ ކީއްވެހެއްޔެވެ؟ އެހެން އަންހެނުން ފަހާ ދުވަން އޭނަގެ ލޯ އަނދިރީހެއްޔެވެ؟ މީފާ ފިޔަވާ އެތައް އަންހެންކުދިންނެއްގެ ފަރާތުން އޭނަ އުފާހޯދިއެވެ. އެކި ގޮތްގޮތަށެވެ. ވަގުތީ އަރާމެއް ލިބުނަސް ހިތަކަށް އުފަލެއް ނުލިބުނެވެ. ޖައިދަން ރިމޯޓު އަތުލާފައި ޓީވީ ނިވާލިއެވެ.
"އޮފީހުގައި އިނދެލާފައި ހަނދާންވިވަރުން މިއާދެވުނީ، ވާރޭވެހުނީމަ ކިހާ ރޮމެންޓިކް...... "ޖައިދަން ކަމީލާގެ މޫނުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ. ކަމީލާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން އުޅެގަތުމުން ކަމީލާ އެއަތްދުރުކޮށްލާފައި ތެދުވަން އުޅުނެވެ.
"އަހަރެންގެ ގައިގާ އަތްނުލާތި......"ކަމީލާ ކުއްލިއަކަށް ތެދުވެގެން ދާން އުޅުމުން ޖައިދަން އަތުތެރޭގައި ލާ ބޮނޑިކޮށްލީ ދޫކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ. ކަމީލާގެ ވަށާލެވިފައިވާ އަތުގެ ތެރެއިން ސަލާމަތްވާނެގޮތެއް ނުފެނުނެވެ.
"މަގޭ ވައިފްވީމަ އަހަރެން ބޭނުންވަރަކަށް ހަމަ އަތްލާނަން، އެކަން މަނައެއްނުކުރެވޭނެ، އެހެންނޫނަސް ތިހާދީނީ ކުއްޖަކު ތިހާ އަދަބުކުޑަކޮށް ހަޒްބެންޑާއި ވާހަކަނުދައްކަބަލަ... " ޖައިދަން ކަމީލާގެ ކަންފަތްކާރީގައި ބުނެލުމުން ހީލިކަރުވައިގެން މަރުވާވަރުވިއެވެ.
"ތިއީ ކުށްހީއެއް، އަހަރެން މީ ދީންވެރި މީހެއްނޫން، އަހަންނާއި ކަޅުހެދުން އެކަށީގެނެއް ނުވެއޭ ބުނި މީހަކީވެސް ތިއީ، އެދުވަހު އަހަންނަށްވެސް ރިއަލައިޒްވި، ދީނީ ކުއްޖަކަށްވި ނަމަ އަހަންނަށް މި ހާލު ޖެހޭނެކަމެއް ނޭގޭ، ކޮބާތަ އެހެން ރޭ ޖައިދަން ހިތްއުފާކޮށްދޭން އަންނަމީހުން، އަހަރެން ދޫކޮށްފައި ބަހައްޓާފައި ޖައިދަން ބޭނުންގޮތަކަސް އުޅެން ދިޔަސް އަހަންނަށް ހެޔޮ، އެކަމަކު އައިމް ނޮޓް އެވެއިލަބްލް...." ކަމީލާ ތުންފިތާލަމުން ބުނެލިއެވެ.
"އަހަރެންނަށް ޝުކުރު އަދާކުރަންވީމަ އަދިވެސް ތި ޗެލެންޖްކުރަނީ ކިހާ ރަގަޅު، މުއްސަދި ކާމިޔާބުމީހުންގެ ފަހަތުގައި އަންހެނަކު ވާނެއޭ ބުނާއަޑުއަހަންތަ؟ މަންމަ ނޫނީ ވައިފްވިޔަސް ހެޔޮ، އިންމައި ކޭސް އިޓް ވޯޒް ޔޫ، ދެން ކާމިޔާބުވީމަ އަންހެންކުދިންވެސް ވާނެ، އެމީހުން އައިސް ފައި ބުޑަށް ވެއްޓިގަތީމަ އަހަރެން ނޫނެކޭ ބުނަންވީ ކީއްވެތަ؟ އެކަމަކު އެނގެންވާނެނު، ތިއީކަން އެންމެ ސްޕެޝަލް މީހަކީ، އެމަގާމަށް އެހެން މީހަކު ނާންނާނެކަން...." ޖައިދަން ކަމީލާގެ މޫނަށް ބަލަން އިންއިރު އެއޮމާންކަމާއި ރީތިކަމާއިމެދު ވިސްނިއެވެ. އޭނަގެ ހަޔާތަށް އައިސްފައިވާ ހުރިހާ ކުދިންނަށްވުރެ ކަމީލާ މާ ރީއްޗެވެ.
"ތިއީ މުސްލިމެއްތަ؟ " ކަމީލާ ބޭނުންވީ ޖައިދަންގެ މޫނުމަތީގައި އެތިފަހަރެއް ޖަހާށެވެ.
"ކީއްވެ ތިހެން އެހީ......" ޖައިދަން ހީލަމުން ކަމީލާގެ ކޯތާފަތުގައި ހިފާލިއެވެ.
"ހިލޭ އަންހެނުންނާއި ގުޅުން ބާއްވާއިރު ހެއްދެވިފަރާތް ހަނދާން ނުކުރާ މީހަކަށްވާތީ، އަންހެނުންނާއިހެދި އުޅެންޏާ ހަތަރު އަނބިން ގެންގުޅެންވީނު، އެފެންވަރުވެސް އެބަހުރިވިއްޔަ، ކޮންމެހެން ފާފަކުރާކަށް އުޅޭނެކަމެއްނެތް، އަހަރެން ނޫޅެން ޖައިދަންގެ ވައިފްގެ ގޮތުގައި ދެން ހުންނާކަށް، އަހަރެން ދޫކޮށްލާ..." ކަމީލާ އަތްވީއްލުވަން އުޅެއުޅެ އެކަތަފަދަ އަތް ނައްޓުވައެއްނުލެވުނެވެ.
"ތިހާ ރުޅިއަންނައިރު ކަމީލާގެ ހައްގު އަދާކޮށްބަލަ، ބޭނުންވެގެން އަހަރެން އުޅުނީމަ ދުރަށް ދާތީ އަހަރެން އެހެން މީހުންގެ ކާރިއަށްދަނީ..." ޖައިދަން ހަނދާންކޮށްލަދިނެވެ.
"މުޅިންވެސް އަހަރެންގެ ކުށް ފެންނާނީ..." ކަމީލާ ތުންފަތުގައި ދަތްއަޅައިލިއެވެ.
"ޑޫ ޔޫ ރިމެމްބަރ، ކަމީލާ ދޫނުކޮށް ވަރިކުރާށޭ ކިޔާވަރުން އައި ރުޅީގައި ވަރިކޮށްފައޭ ތިހިރީ ބުނެވުނީ، އެވެސް މީންކޮށްފައެއްނޫން، އެހެން ހުއްޓާ ކާލްއަށް ހަތަރުމަހުގައި ކަމީލާ އަމިއްލައަށް އަހަރެންގެ ގާތަށް އައިސް ބުނީ އަލުން މެރީކުރާށޭ ބޭނުމީ، އައި ތޯޓް ކަމީލާ ހެޔޮވިސްނިގެން އަހަންނާއިއެކު ރީތިކޮށް ދިރިއުޅެންވެގެން ނިންމި ނިންމުމެއްކަމުގައި، މެރީނުކުރަންޏާ ދެން ހަޒްބެންޑްގެ ގޮތުގައި ނުބެލޭނެޔޭ ބުނީތީ މެރީކުރީ، އެކަމަކު ކައިވެންޏަށްފަހުވެސް ކަމީލާ ބޭނުމެއްނުވޭ ގުޅުމެއް ބާއްވަން، އަބަދު މަޖުބޫރުކުރާކަށް އަހަރެންވެސް ނޫޅޭނެ ދޯ، އެހެން އަންހެންކުދިން ކާރިއަށް ދާންފެށީ އެމީހުން ބެގްކުރާވަރުން، މިހާރު އަހަރެންވެސް ނެތިން ކަމީލާ ވަރިކުރަން، ނުކުރާނަން، ކައިވެންޏަކީ ކުޅިވަރެއްނޫން، ތަންކޮޅެއްކުރިން އަހަރެންވެސް ގޭމް ކުޅުނީ، ނައު އެވްރީތިންގް ހޭޒް ޗޭންޖްޑް........." ޖައިދަން ކަމީލާގެ ދޮންމޫނަށް އުދަގޫކުރަމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލިއެވެ. އެތޫނު ދެލޮލުން އެހާ ކާރިން ބަލާތީ ކަމީލާއަށް އުދަގޫވިއެވެ.
"ވިހައިގެން ވަގުތުން މާލެ އަންނާނެކަމަށް ވައުދުކުރުވީތީ އެނބުރި އައީ، އަދި މެރީކުރީ މަންމަ މަޖުބޫރުކުރިވަރުން، ކާލްއަށް ބައްޕަގެ ލޯބި ބޭނުންވާނެތީ..." ކަމީލާ އިސްޖަހައިލިއެވެ. ދެވަނަފަހަރަށް ޖައިދަންއާއި ކައިވެނިކުރިފަހުން މިހާރު މިވީ ހަތަރުވަރަކަށް އަހަރެވެ. އެކަމަކު އަދިވެސް މިކާލްގެ ބައްޕައަކީ ލޫކަސްކަން ޖައިދަންއަށް ސިއްރުކުރަން މިވަނީ މަޖުބޫރުވެފައެވެ. ދަރިފުޅު ނޭޕާލަށް އުފަންވީ ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައެވެ. އެޚަބަރުއިވިފައި މާލޭގައި ތިބި އެންމެން ހީކުރީ ދުވަސްނުފުރާ ކަމީލާ ވިހެއީކަމުގައެވެ. އެހަގީގަތް އެނގުނީ މާހާ އަދި ދޮންބެއަށެވެ. ދޮންބެވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ.
"ތޭންކްސް ކަމީލާ، އެހާވެސް ގަމާރުމީހެއްކަމަށް ވިއްޔަ ހީކުރަނީ....." ޖައިދަންގެ ހިތަށް އެވަގުތު ވަރަށް ތަދުވިއެވެ. ޖައިދަން އެބުނި ޖުމްލައިގައިވި ފުން މާނަ ކަމީލާއަކަށް ރޭކާނުލިއެވެ. އޭނަ އިޝާރާތް އެކުރީ މިކާލްއަކީ އޭނަގެ ދަރިއެއްނޫންކަން ކަމީލާއަށް ރަގަޅަށް އެނގިހުރެ އަދިވެސް އެކަން ފޮރުވާތީއެވެ.
"ގައިން ދޫކޮށްބަލަ. އަހަރެން ބުނެފީމެއްނު އެހެން އަންހެނުންނާއިއެކު އުޅެލާފައި އަހަންނާއި ގާތްވާނެކަމެއް ނެތޭ، އަޑެއްނީވޭތަ؟ އަހަރެންގެ ހިތުން ރުހުމުން އެއްވެސް ކަމެއްކުރާކަށް ނުކެރޭނެ...." ކަމީލާ ރުޅިގަދަވިއެވެ.
"އޯކޭ، ކަމީލާ ބޭނުންނުވާނަމަ އަހަރެން ނެތިން ގާތްވާކަށް، ހިތްހަމަޖެހިއްޖެތަ؟ "ޖައިދަން ކުއްލިއަކަށް ރުޅިއައީކަން ނޭގެއެވެ. އެހާވަރުން އޭނަ ބޭނުންވެގެން އުޅުނީމަވެސް ކަމީލާ އޭނަގެ އިހުސާސްތަކުގައި ކޮޅުފައިން ޖެހީއެވެ. ޖައިދަން އެދިޔަ ބާރުމިނުގައިގޮސް ކޮޓަރިއަށްވަދެ ބަންލާފައި ދޮރުޖެހިއަޑުއިވުމުން ކަމީލާ ސޯފާއަށް ތިރިވިއެވެ. އެހާއަވަހަށް ކޮޓަރިއަށް ދިޔުން ރަގަޅުވާނެހެން ހިޔެއްނުވެއެވެ. ޖައިދަންގެ ރުޅި ފިނިވެ ނިދާލާހާއިރުކޮށްފައި ދާންކަމަށް ގަސްތުކޮށް ކަމީލާ އަނެއްކާ ޓީވީ ބަލަންފެށިއެވެ.
ޖައިދަން ނިދަންވެގެން ޓީޝާޓު އެއްޗެހި ބާލާފައި އެނދުގައި އިށީންގޮތަށް މައުސޫމްކޮށް ނިދާލާފައި އޮތް މިކާލްއަށް ނަޒަރު ހުއްޓައިލިއެވެ. އެހެން މީހަކަށް ނޭގުނަސް އެމޫނުމަތިން ޖައިދަންއަށް ފެނުނީ ލޫކަސްގެ ސިފަތަކެވެ. ގަދަ ބުމައާއި އެފަން މުށިއިސްތަށިގަނޑެވެ. ލޮލުގެ ކުލަ އަޅިކުލައަށް ނުވީ ލޫކަސްގެ ނަސީބެވެ. އެހެންނޫންނަމަ ބަލާލާ ކޮންމެ މީހަކަށް އެއީ ލޫކަސްގެ ކާބަން ކޮޕީއެއްކަން ފާޅުގައި އެނގޭނެއެވެ.
"ކަމީލާ ކިހާ މަކަރުވެރި، އަދިވެސް އަހަންނަށް އޮޅުވާލަން އެއުޅެނީ، ކަމީލާއަށް ނޭގޭތަ؟ އަހަރެން އެކަނިތަ ހިލޭ އަންހެނުން ކާރިއަށް ދަނީ، މިއޮތީ ކަމީލާގެ ފާފައިގެ ދިރިހުރި ނިޝާން، ޑައިރީ ނުފެނުނުނަމަ އަހަންނަށް ނޭގޭނެ ކާލްގެ ބައްޕައަކީ ކާކުކަން، ދުވަސްނުފުރާ ދަރިފުޅު ވިހެއީމަވެސް އަހަރެންގެ އާއިލާއަށް އެކައްޗެއްވެސް ނުވިސްނުނު، އެކަކުވެސް އެސުވާލެއްނުކުރޭ، އަހަރެން ލޫކަސްއާއި ކަމީލާދެކެ ކިތަންމެ ވަރަކަށް ނަފްރަތުކުރިޔަސް މި ކުޑަ ބޭބީގެ އެއްވެސް ކުށެއްނެތް، އަހަންނަށް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަމިއްލަ ދަރިއެއްފަދައިން ލޯބިވެވުނު، ދެވަނަފަހަރަށް ކަމީލާއާއި އިނީވެސް އަހަރެންގެ ނަން ދީފައިވާ ބޭބީއަށްޓަކައި، ލަވް ޔޫ ސްވީޓްހާޓް........" ޖައިދަން ގުދުވެލާފައި އެ ކުޑަމޫނުގައި ބޮސްދިނެވެ. ޖައިދަންގެ ހިތުގައި މިކާލްއަށްޓަކައި އުފެދިފައިވާ ލޯބި ބަޔާންކޮށްދޭން ފަސޭހައެއްނުވާނެއެވެ.
ކަމީލާ ސޯފާއަށް އަރާފައި ކަކުލުގައި މޫނު ޖައްސާލައިގެން ވިސްނުމެއްގައި އިނެވެ. އޭނަ ނޭޕާލުގައި ހުރިއިރު މާހާ އުޅުނުލެއް ދީންވެރިކަމުން މާހާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވިއެވެ. ފިރިމީހާދެކެ ރުޅިއައިސްގެން އެކީގައި ނިދަން ދެކޮޅުހެދުމުން ހެނދުނު ވާންދެން މަލާއިކަތުން އެމީހަކަށް ލައުނަތް ދޭނެކަމަށް ހަދީސްގައިވާ ހަނދާންވެފައި ކަމީލާގެ ގައިން ހީބިހިނެގިއެވެ. ބޭނުންވިޔަސް ނުވިޔަސް މިހާރު އެއީ އޭނަގެ ފިރިމީހާއެވެ. ފާފަތަކުގެ މައްޗަށް ފާފައިތުރު ކުރާކަށް އޭނަ ބޭނުމެއްނޫނެވެ. ލޫކަސްގެ މަތިން ކިތަންމެވަރަށް ހަނދާންކުރިޔަސް ލޫކަސް އޭނަގެ ހަޔާތަށް އަލުން އަންނާނީއެއް ނޫނެވެ. އޭނައާއި ލޫކަސްގެ އެންމެފަހުގެ ބައްދަލުވުންވެސް ނިމިގެންދިޔައީ "ގުޑްބައި" އަކުންނެވެ. ކަމީލާ ތެދުވެގެންގޮސް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ދެތިންފަހަރު ޓަކިޖެހިފަހުން ޖައިދަން ދޮރުހުޅުވާލިއެވެ. ޖައިދަންގެ މޫނުމަތިން މިގޮތަށް މާޔޫސްކަން ކަމީލާ ދެކެފައެއްނުވެއެވެ. އާއްމުކޮށް އުފާވެރި ނޫނީ ރުޅިގަދަކަން ނޫން އެހެން ޝުއޫރެއް ފެނިފައި ނުވާ މޫނެކެވެ.
"އޯކޭ ޖައިދަން، އަހަރެންގެ ވާހަކަތައް އަނބުރާ ގެނެސްފިން، އަހަރެން ހިތްހަމަނުޖެހުނީ ޖައިދަން އެހެން އަންހެންކުދިން ކާރިއަށް ދާތީ، އެހެން ދާންޖެހުނީ އަހަރެންގެ ކުށުންކަމަށްވާނަމަ އައިމް ސޮރީ، ދެން އެހެނެއް ނުވާނެ، ޖައިދަން ބޭނުމިއްޔާ ......." ކަމީލާ އިސްޖަހައިލިއެވެ.
"އޭރު އަހަރެން އެކްޓްކުރީމަ ހީކުރީ ވަރަށް ބޭނުންވެގެންކަމަށްތަ؟ ވަޓް އެ ޖޯކް ކަމީލާ، އަތްލާކަށްވެސް ނޫޅެން، ފޫހި ފޫހިކުއްޖާގަނޑެއް....."ޖައިދަން ކަމީލާ ތަޅުވާލަންވެގެން އޭނަ ބޭނުމެއްނޫނޭ ކިޔާފައި ޖެއްސުންކުރިއެވެ. ހިތާހިތުން އުފާކުރަމުން ކަމީލާ ނިދަން ތައްޔާރުވެގެން އަނެއްފަރާތަށް އެނބުރުނެވެ. އެވަގުތު ޖައިދަން ކަމީލާގެނެސް އެބާރުގަދަ އަތުތެރޭގައި ބޮނޑިކޮށްލީ ދުވަހަކު ދޫކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ. އެފަދަ ފިރުމުންތަކާއި ލޯތްބެއް މިވީހާތަނަށް ދުވަހަކު ޖައިދަންގެ ފަރާތުން ލިބިފައެއް ނުވެއެވެ. މީގެ ކުރިން އަބަދުވެސް ލިބުނީ އަނިޔާއާއި ވޭނެވެ. މިރޭ މުޅިން ތަފާތެވެ.
ހެނދުނު ތެދުވެގެން ކަމީލާ ނާސްތާ ތައްޔާރުކުރުމަށްފަހު މިކާލް ސްކޫލަށް ގެންދާން ތައްޔާރުކުރަން އުޅެގަތެވެ. މިކާލް ބޮޑުވާވަރަކަށް ކަމީލާއަށް ކުރާ އުދަގޫތައް ދެގުނަ އިތުރުވެފައިވެއެވެ. ފެންވެރުވުން، ކާންދިނުންފަދަ ކޮންމެ ކަމެއްވެފައިވަނީ ބޮޑު މަސައްކަތަކަށެވެ. ކަމީލާ ހީކުރީ ހުރިހާ ފިރިހެންކުދިންވެސް ތުއްތުއިރު މިހާ އުދަގޫކުރަނީކަމުގައެވެ. މިއަދުވެސް މިކާލް ފެންވަރުވާލައިގެން ގެނެސް ކިރުތަށިދޭން ގޮނޑީގައި ބައިންދާފައި އޮމްލެޓްކޮޅެއް ކާންދޭން އުޅެގަތެވެ. މިކާލް ނުކާނަމޭ ކިޔާފައި ބޮޑާހާކަން ފެށުމުން ކަމީލާ ރުޅިގަދަވިއެވެ.
"ކާލް، ތިހެން އުޅެންޏާ މިއަދު މާމަގެ ގެއަށް ނުދެވޭނެ އިނގޭ...." ކަމީލާގެ އެޖުމްލައާއިއެކު މިކާލް އަތުންޖަހާ ތަށިތަޅައިލުމުން ކަމީލާގެ އިތުރުން ޖައިދަންވެސް ސިހިފައި ބަލާލިއެވެ. ކަމީލާ މިކާލްގެ ގައިގާ ބޮނޑިއެއް އަޅާލީ ކިތަންމެ މަޑުންކަމުގައި ވިޔަސް އެ ތުއްތު ހިތަށް އަސަރުކުރީ މާވަރަކަށެވެ. މިކާލް ބާރަކަށް ރޯން ފެށީ "ޑެޑީ" އޭ ކިޔާފައެވެ. ކަމީލާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ޖައިދަން ކަމީލާއާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލާލާފައި މިކާލް ކޮނޑުގައި ބާއްވަމުން އެތަނުން ނުކުތެވެ. ކަމީލާގެ ކުރިމަތީގައި ލޯބި ނުދެއްކިޔަސް އެކަނިވާވަގުތު އޭނަ މިކާލްގެ ހިތް ލޯބިން ފުރުވާލަދެއެވެ. އެކަމެއް ކަމީލާ ނުދަނެއެވެ. މިކާލްއާއި ޖައިދަން އަޅާނުލާކަމަށް ހީކުރެވި ރުޅިވެސް އާދެއެވެ. ބައްޕައެއްގެ ލޯބި މިކާލްއަށް ލިބޭނެކަމަށް ހީކުރެވުނީ މޮޔަކަމުންނެވެ. ނަމަވެސް މަންމަގެ ސަބަބުން މިކައިވެނި ރޫޅާލެވޭކަށްވެސް ނެތެވެ. މީޑިއާއިން އަބަދު ހާމަކުރާ ވާހަކަތަކުން މިކާލްއަށް ދޮންބައްޕައެއް ހޯދަދޭކަށް ނުކެރޭނެއެވެ. ޖައިދަންއަކީ ހަގީގީ ބައްޕަ ކަމުގައި ނުވިޔަސް ބޮޑުބޭބެކަމުން ގައިމު އެކުލުނު އޮންނާނެތާއެވެ. ފުރަތަމަ ފަހަރަށް ކަމީލާއަށް އެއްޗެއް ވިސްނުނެވެ. މިކާލްގެ މިޒާޖަށް އަސަރުކުރަނީ ޖައިދަން އުޅޭ ވައްތަރަކުންނެވެ. އޭނައަށްވެސް ކޮންޓްރޯލް ނުވެ މިކާލްގެ ކުރިމަތީގައި ޒުވާބުކުރެވޭތީއެވެ. މައިންބަފައިންގެ ހަގުރާމަތަކުން ދަރިންނަށް ކުރާ ނަފްސާނީ އަސަރާއި އެކަމުން މިޒާޖަށް އަންނާނެ ބަދަލު މިއެނގެނީ މާފަހުންނެވެ. ޖައިދަން މިވީހަތަރު އަހަރުތެރޭގައި ކަމީލާއަށް ޖިސްމާނީގޮތުން ހާނިއެއްކައެއް ނުކުރެއެވެ. ނަމަވެސް ރުޅިގަދަވާއިރަށް ވާސް، ރިމޯޓްފަދަ ތަކެތީގެ އިތުރުން އަމިއްލަ ފޯނުވެސް ބިމަށް ޖަހާލާހަދައެވެ. އެވެސް މިކާލްގެ ކުރިމަތީގައެވެ. އެކަމުން ދަރިފުޅަށް އަސަރުކޮށްފާނެކަމަކަށް ކަމީލާ ހީކޮށްފައެއްނެތެވެ.
ކަމީލާގެ ކަރުނަތަކަށް ނިމުމެއްނައެވެ. މިކާލްގެ ގައިގާ ބޮނޑިއެއް އެޅުނީތީ ހަމަ ދެރަވަނީއެވެ. ދަރިފުޅު ސްކޫލުން އައީމަ މާފަށް އެދެން އޭނަ ބޭނުމެވެ. އެއީ ކަމީލާގެ ފުރާނައެވެ. ހިތެވެ. ކަމީލާ ޛުހާ ނަމާދުކުރަންވެގެން މުސައްލަމަތީގައި އިންދާ ޖައިދަންގެ ފިޔަވަޅުގެ އަޑުއިވިފައި ކަމީލާ އިސްއުފުލައިބަލައިލިއެވެ. ޖައިދަން ހުރީ ހިތްހަމަނުޖެހިފައެވެ. އޭނަދެކެ އަންނަ ރުޅި މިކާލްއަށް ބާލައިގެން ނުވާނެކަމަށާއި މިކާލްގެ ގައިގާ އެގޮތަށް ޖަހައިގެން ނުވާނެކަމުގައި އަމުރުކުރިއެވެ. ކަމީލާ ހައިރާންވެ އަންތަރީސްވިއެވެ. މިކާލްދެކެ މާ ލޯބިވާ އަޅާލާ ބައްޕައަކަށް ޖައިދަންވީ ކޮންއިރަކު ހެއްޔެވެ؟ އެވީގޮތް އެނގިއްޖެއެވެ. ޖައިދަންދެކެ ރުޅިއަންނަކަން އެނގިފައި މާ ހިތުގައި ޖެހުނީއެވެ.
"ވަން މޯރ ތިންގް، އަހަރެން ބޭނުން ކަމީލާ މިއަދު ގުރުއާންގައި އަތްލާފައި އަހަންނަށް ކަމަކަށް ވައުދުވާން، ލައިކް ނޭޕާލަށް ވިހަން ދިޔައިރު އަހަރެންގެ ގާތަށް އެނބުރި އަންނާނަމޭ ކިޔާފައި ގުރުއާނުގައި އަތްލާ ހުވާކުރީމެއްނު....." ޖައިދަން ޚަތިމު ހިފައިގެން އައިސް މޭޒުމަތީގައި ބޭއްވިއެވެ.
"ލޫކަސްއާއި އެއްވެސް ގުޅުމެއް ނުބާއްވަން ވައުދުކުރަންވީ...." ޖައިދަން ހުރީ ސީރިޔަސްވެފައެވެ.
"އޭނަ މާލެއައީތަ؟ "ކަމީލާގެ ހިތް ތެޅިލިއެވެ. އެހާ ދުވަސްކޮށްލާފައިވެސް އެނަން އަޑުއިވުމުން ހިތަށް އެވީގޮތެއް ބުނާކަށްވެސް ނޭގުނެވެ. ޖައިދަން ލޫކަސްދެކެ މިހާ ނަފްރަތުކުރަނީ ކީއްވެހެއްޔެވެ؟ ނޫނީ ހަމަހަސަދަވެރިކަން ބޮޑީހެއްޔެވެ؟
"ޕްރޮމިސް މީ...." ޖައިދަން އެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއްނުވިއެވެ.
"އަހަރެން ލޫކަސްއާއި ގުޅުމެއްނެތީސް ކީއްކުރަން ވާންވީ ވައުދެއް...." ކަމީލާގެ ހިތަށް އުދަގޫވިއެވެ.
"ކަމީލާ، އަހަންނަށް ގޯހެއް ހަދަން މަޖުބޫރުނުކުރޭ، ރީތިގޮތުގައި މިއެދެނީ، އެހެންނޫނީ ކާލް ގޮވައިގެން ކަމީލާ ދުވަހަކު ނުފެންނަ ހިސާބަށް ގެންގޮސްދާނަން، އައި މީންއިޓް...." ޖައިދަން ޚަތިމުގައި އަތްލައިގެން ހުރެ ދެއްކި ވާހަކައިން ކަމީލާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. ފިނިވެ ހަށިގަނޑު ގަނޑުފެންގަނޑަކަށް ވިއެވެ. މިކާލްއާއި ވަކިވާންވެއްޖެއްޔާ އޭނަ މަރުވެދާނެއެވެ. އެހެންހިތަށް އަރުވާލުމުންވެސް ކަމީލާގެ ލޮލަށް ހޫނު ކަރުނަތައް ޖަމާވާންފެށިއެވެ. ޖައިދަން ހާދަ ގޯހެވެ. އޭނައަށް ކުޑަކުޑަ އުފަލެއް ލިބެންވެސް މި ފިރިހެނާ ނޭދެނީހެއްޔެވެ؟ މަޖުބޫރުވީވަރުން ކަމީލާ ރޮއިރޮއިހުރެ އެކަމަށް ވައުދުވުމުން ޖައިދަންގެ ތުންފަތަށް ވެރިވީ ކާމކިޔާބު ހިނިތުންވުމެކެވެ. ޖައިދަން އޮފީހަށް ދިޔައީ މިކާލް ސްކޫލަށް ލާފައެވެ. ކަމީލާވެސް ގެ ތަޅުލާފައި ރޯޒްހިލްއަށް ދިޔައީ އީކާ ކުޑަކޮށް ބަލިވެއުޅޭތީ ޑޮކްޓަރަށް ދައްކަން ގެންދާންވެގެން އޭނަ ބަލައެވެ. އުޑުމަތި ބަނަކަމުން ދުވާލު އޮތީ ރޭގަނޑަކަށް ހަދާލާފައެވެ. އެހެންވިޔަސް ރައްކާތެރިކަމުގެ ގޮތުން އީކާގެ ގައިގާ ސަންސްކްރީންލައިދިނެވެ. އީކާ މިހާރުވަނީ ފުރާވަރުގެ ރީތި އަންހެންކުއްޖަކަށް ބަދަލުވެފައެވެ. ނަމަވެސް އީކާ އެހާ ކާމިޔާބުކުއްޖަކަށް ނުވިއެވެ. ގިނަ ފިރިހެންކުދިން ބަލަނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އީކާ ޑޮކްޓަރަށް ދައްކައި ނިމިގެން ބޭސްގަންނަންވެގެން ކަމީލާ ފާމަސީއާއި ދިމާލަށް ދިޔައެވެ. އޭރުވެސް ވާރޭކަނިޖަހައެވެ. ދަންނަ އަޑަކުން މާބާރަކަށް އޭނަގެ ނަމުން ގޮވާލިހެން ހީވެފައި ކަމީލާ އެނބުރި ބަލާލައިފިއެވެ. އެއީ މުޒާއެވެ. އައްމާރު މުޒާ ވަރިކޮށްލާފައި މިހާރު އެހެން ކުއްޖަކާއި އިނދެގެން އުޅޭތާ ދެއަހަރުވެއްޖެއެވެ. ކަމީލާ ހީކުރީ މުޒާ މާލޭގައިވެސް ނޫޅޭކަމުގައެވެ.
"ކައްމި، އަހަރެން މިހުންނަނީ އަހަންނަށް ކުރެވުނު ކުށެއްގެ ސަބަބުން ވަރަށް ދެރަވެފައި، އެހެންވެ ހިތަށް އެރީ އަހަންނަށް ކިރިޔާވެސް ރަގަޅުގޮތެއްވާނީ ކައްމިއާއި މީޓްކޮށްލާފައި މާފަށް އެދެވުނީމައޭ، އެކުރެވުނު ކުށަށްފަހު އަހަންނަށް ދުވަހަކު އުފަލެއް ނުލިބޭ......" މުޒާ ކަމީލާގެ އަތުގައި ހިފާލިއިރު އެއަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. މުޒާ އެދައްކަން އުޅޭ ވާހަކައެއް ނުވިސްނިފައި ހުރި ކަމީލާ ގެ ދެލޮލުން ފެނުނީ ހިތްހެޔޮކަމެވެ. ދަރިފުޅު ގެއަށް އަންނަންވާއިރަށް ގޭގައި ހުންނަންވެސް ކަމީލާ ބޭނުމެވެ. ނަމަވެސް މުޒާދައްކަން އެއުޅޭ ވާހަކަވެސް މުހިއްމުވިއެވެ. މުޒާ ބޭނުންވީ އެކަނިވެރި ހުސް ވަގުތުކޮޅެކެވެ. މީހުންގެ ތެރޭގައި އެފަދަ ވާހަކައެއް ދައްކާކަށް މުޒާ ބޭނުމެއްނުވިއެވެ. ކަމީލާ އީކާ ގާތުގައި މަޑުކޮށްލަން ބުނެ ބޭސްކޮތަޅުދީފައި އެތާ ކެފޭއަށްވަދެ ކަނުގައި ހުރި ހުސްމޭޒެއްގައި ޖައްސާލިއެވެ. މުޒާފެށި ވާހަކައަކުން ކަމީލާގެ ހަނދާންތައް މާޒީގެ ރެއަކަށް ދަތުރުކޮށްލިއެވެ. ކަމީލާގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރެއްކުރިއެވެ. އެރޭ ރިޒޯޓްގައި އޭނައާއި ހައިޝަމްއާއި ދޭތެރޭގައި ހިނގި ކަންތައްތަކަކީ މުޒާއާއި ޖައިދަންގެ ރޭވުމެކެވެ. އެކަންތައް ކުރަންވީގޮތް ދަސްކޮށްދީ ރޭވިމީހަކީ ޖައިދަންއެވެ. މަސްތުވާއެއްޗެހި އަޅާފައި ހުރި މޮކްޓެއިލްއެއް ދިނީ ހައިޝަމްއަށް ދިނީ ވޭޓަރަކަށް ފައިސާދީގެންނެވެ. ކަމީލާއަށް ދިން ޖޫސްފުޅިއަށްވެސްވަނީ މަސްތުވާއެއްޗެހި އަޅާފައެވެ. ހަގީގަތް ހާމަކުރަމުން ދިޔައިރު ކަމީލާ އިނީ ގަނޑުވެފައިވާ ބުދެއްހެންނެވެ.
"އައިމް ސޯ ސޮރީ، އަސްލު ހައިޝަމްއަކީ މަގޭ އެކްސް، ހާޝްހާ ފެއިތްފުލް މީހެއް ދޫކޮށްލެވުނީ މޮޔަކަމުން، އޭނައާއި ރައްޓެހިވެގެން އުޅެމުން އަހަރެން އެހެން މީހަކާއިއެކުގައި ހުއްޓާ ހާޝްއަށް ފެނުނީ، ދެން ފަހުން ހާޝް ކައްމިދެކެ ލޯބިވާހެން ހީވެފައި އަހަރެން ޖޭވީ، މިކަންތައް ކައްމިއަށް އެނގުނުކަން ޖޭޑްއަށް ސިއްރުކޮށްދޭތި، ނޫނީ އަހަރެންގެ ދިރިއުޅުން ނަރަކަށް ހަދާލާނެ، އެނގެއެއްނު އޭނަ ރިޗްކަމުން ނުފޫޒުގަދަވަރު، އަހަންނަށް މާފުކޮށްދީ........." މުޒާގެ ވާހަކައިން ކަމީލާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. މުޒާގެ ކުށަށް މާފުދެވިދާނެއެވެ. ނަމަވެސް ހަނދާންނައްތައެއް ނުލެވޭނެއެވެ.
ކަމީލާ އީކާ ރޯޒްހިލްއަށްލާފައި ގެއަށްވަންއިރު ކަރުނައާއި ހިތާމަ އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. ރުޅިގަދަވެގެންގޮސް އެދޮންމޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. ބޮޑުކޮޓަރީގައި ދެކޮޅަށް ހިނގަން ހުއްޓާ ޖައިދަން މިކާލް ގޮވައިގެން ގެއަށް އައެވެ. ޖައިދަން އޮފީސްސޫޓުގައި ހުރިއިރު ވަރަށް ހިތްގައިމެވެ.
"މި މާފެނުނީމަ ހަމަ ހަނދާންވީ......."ޖައިދަން ދިއްކޮށްލި މަލުގައި ކަމީލާ ހިފިއިރު ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. އޭރު މިކާލް އިނީ ޖައިދަން ގަނެދިން ރޮބޮޓްއަކާއި ކުޅެން ދޫލަމަތީގައި އިށީދެލައިގެންނެވެ. ޖައިދަން ހުރީ ލަސްވެފައިކަމުން މަޑުކޮށްނުލާ ދާން ހިނގައިގަތީ ހީލާފައެވެ. ކަމީލާ ކުޑަދޮރު ހުޅުވާލާފައި އެމާއަތުކޮޅަށް އެއްލައިލިއިރު ދެލޮލުގައި މުތީތަކެއްފަދައިން ވިދައެވެ.