އާތިކާގެ ސުވާލުގެ ނަޒަރުން އިޔާޝް ހަމަޖެހިލައިގެން އިނދެ ވެގެން އުޅޭގޮތް ކިޔާދީފިއެވެ. އޭނަ އީކާއާއި ސަމާސާއެއްކޮށްލީ އެކަނި ކޮއްކޮއެއްގެ ހައިސިއްޔަތުން ކަމަށާއި އެންމެން މިހާބޮޑުކޮށްލައިގެން ޝަރީއަތަށް ދާން ޖެހޭ ހިސާބަށް ހިނގައިދާނެކަމުގެ ޚިޔާލުވެސް ނުކުރާކަމަށެވެ. އިޔާޝް މާފަށް އެދުމުން އާތިކާގެ ހިތް ސާފުވިއެވެ. ކޮންމެކަމެއްގައި ކަމީލާ ކަންތައް ބޮޑުކޮށްލައިގެން އުޅެނީއެވެ. އާތިކާ ގާތުގައި ކުށްވެރިވީ ކަމީލާއެވެ. ކަމީލާގެ އަތުގައި ހިފައިގެން އާތިކާ އުޅޭ ކޮޓަރިއަށް ގެންގޮސްފައި ކަމީލާ ކުށްވެރިކޮށްފައި ދެއްކ ވާހަކަތަކުން ކަމީލާގެ ހިތަށް އަސަރުކުރިއެވެ.
"މަންމާ، ޖައިދަންއާއި ދިމާލަށް އެވަރުގެ ބަހެއް ބުނެލާއިރަށް އަހަރެން ކުށްވެރި މިވީ، މަންމާ އޭނައަކީ ރަގަޅުމީހެއް ނޫން، އަހަންނަށް ވަރަށް އަނިޔާކުރޭ، އަހަރެން ފިލައިގެން ގޮސްދާނެތީ ހުރިހާ ހެދުންތައްވެސް އަންދާލީ، މިހެދުމުގައި ފެނުނީމަ މަންމަ ރުޅިއައިސްގެން އުޅޭއިރު މިއީ އަހަރެން ބޭނުންވާގޮތެއް ނޫން، ކަޅުހެދުންވެސް އޭނަ ނައްތާލީ.." ކަމީލާ ވާހަކަދައްކަމުންގޮސް ލޮލުގައި ކަރުނަ ގިނަވިއެވެ. އޭނަގެ މަންމަ ގާތުގައި ޖައިދަން ކުރާހާ އަނިޔާތައް ކިޔާދޭކަށް ނުކެރޭނެއެވެ. އެހެން އިންސާނެއްގެ ގާތުގައިވެސް ނުބުނެވޭނެއެވެ. މަންމަ ހަނދާން ކޮށްދިނީ އޭނަ އުޅުނު ހާލެވެ. އޭނަ ބައްޕައަށް ވަފާތެރިވީވަރާއި އަނިޔާތަކަށް ކެތްކުރިގޮތެވެ. އެހުރިހާ ކަމަކަށް ކަތްކުރީ ދަރިންނަށްޓަކައި ކަމަށާއި ކަމީލާވެސް ކެތްތެރިވާން އެދުނެވެ. އާތިކާގެ އެކުވެރިންނާއި އާއިލާތެރޭގައި އަގު ވެއްޓިދާނެކަމަށާއި ކޮންމެ ހާލެއްގައިވެސް ކެތްކޮށްގެން އުޅެން އާތިކާ އާދޭސްކުރިއެވެ.
ކަމީލާ ބޭރަށް ނުކުތީ މަންމައަށް ނުވިސްނޭކަމާއިމެދު ހިތާމަކުރަމުންނެވެ. މަންމަ ގާތުގައި މިފަހަރުވެސް ކުށްވެރިވީ އޭނައެވެ. ޖައިދަން ބުނާގޮތަށް ނަހަދާތީ އެއުމުރުގެ ޒުވާނުން ރުޅި އަންނާނެ ކަމުގަޔާއި ހެޔޮކޮށް ހިތަން އެތައްވަރަށް ބުނެދިނެވެ. ކަމީލާ ރުޅިގަދަވެފައި ހުއްޓަސް މަންމަގެ ކުރިމަތީގައި އިނީ ހިމޭނުންނެވެ. މަންމަގެ ބަސްއަހާ ރަންދަރިފުޅުކަން ހާމަކޮށްދެމުންނެވެ. ނަމަވެސް އެކަނިވާއިރަށް ކޮރިޑޯއިން ދަމުން ޖައިދަންއާއި ދިމާލަށް އެއްޗެހި ކިޔެވެ.
"ކޯންޗަކާއި ތި ވާހަކަދައްކަނީ؟ ޖިންނިއަކާއިތަ؟ ހޮޓްކަމުން ޖިންނިންވެސް ފަހަތުން އަންނަނީކަން ނޭގޭ..... " ޖައިދަން ކޮޓަރީގެ ދޮރުމަތީގައި ބަލަހައްޓައިގެން ހުރެފައި މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.
"ކަލެއާއި ބެހޭކަމެއް ނުވެއެއްނު......" ކަމީލާ ޖެހިގެން ހުރި ކޮޓަރިއަށް ދެމިގެންފައި ތަންޑު އެޅުވީ އެތެރެހަށީގައި އަނދަމުންދާ އަލިފާން ނިވާލާނެގޮތެއް ނޭގިފައި ހުރެއެވެ. ޖައިދަންގެ މޫނު ފެނުނަސް އޭނަވަނީ ބުނަން ނޭގޭފަދަ ފޫއްސެކެވެ. އެހެން އަންހެންކުދިން މަރުދަންޖެހޭފަދަ ރީތި މޫނެކެވެ. އެކަމަކު އެމޫނުން ބޮޑާކަން ފެންނަނީ ހަމައެކަނި ކަމީލާއަށް ހެއްޔެވެ؟ ޖައިދަންއާއި ހެދި މިގޭގައި އުޅޭ މީފާވާވަރުވެސް އޭނަވަނީ ކިތަންމެ ފަހަރަކު ދެކެފައެވެ. ސޮނިބާލައިގެން ބަލަން ހުންނަތަން ފެންނަ ކޮންމެ ފަހަރަކު އެކުޑަކުއްޖާއަށް ނަސޭހަތްތެރިވާން ކަމީލާ ބޭނުންވިއެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއްނޫނެވެ.
ޖައިދަން ކަމީލާގެ ދިރިއުޅުމަށް މިހާ ދަތިކުރާއިރުވެސް ހަތަރުފަރާތުން މަޖުބޫރުވެފައެވެ. ލިބިފައިވާ ހިތްދަތިކަމުގެ ސަބަބުން ޖައިދަންއަށް ބަދު ދުޢާކުރުން ނޫންކަމެއް ނުކުރެވެއެވެ. އޭނަ މަރުވާނެނަމައޭ ހާސްފަހަރު ހިތަށް އެރިއެވެ. އެނޫންގޮތަކަށް އޭނަ ސަލާމަތްވެދާނެ ކަމަކަށް ނުފެނެއެވެ. އަމިއްލަ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭއިރު އޭނަގެ ހިތަށްވާނީ ކިހިނެއްހެއްޔެވެ؟ ހަތަރު އުދަރެސް ފެނުޖެހިފައިވާއިރު ސަލާމަތްވާނެކަމުގެ އެންމެ ފަހުގެ ދޯދިފަށްތައްވެސް ގެއްލިގެންދަނީއެވެ. ކަމީލާ ކާކޮޓަރިއަށް ވަދެ އެއްޗެއް ކާލައިގެން އެންމެފަހުން ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ. ޖައިދަންގެ ފަރާތުން ލިބޭނެ އަނިޔާއަކާއި ކުރިމަތިލާން ތައްޔާރުވެގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ފަނޑު ބޮކީގެ އަލީގައި އެނދުމަތީގައި ތިބި ދެމީހުން ފެނުނެވެ. އެތަނަށް ވަދެވުނުކަމުގެ މޮޔަ ކަމީލާ ހީވިއެވެ. ކަމީލާ ދޮރުއަތުކޮޅަށް ޖަހާލާފައި ނުކުމެގެން ދުއްވައިގަތީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ.
"ކަމީލާ އެދިޔައީ އަލިފާންވެގެން، އަހަރެން ދެން ދަނީ.." މީފާ ހެދުން ރީތިކޮށްލިއެވެ.
"އަހަރެމެން އަދި މާ ބޮޑުކަމެއް ކުރީއެއް ނޫން، ކަމީ ވަރަށް މޮޔަވާނެ، އަހަރެމެން ހަގްކޮށްގެން ތިބިތަން ފެނުނީމަވެސް ނުބައިކޮށް އެކުއްޖާ ވިސްނާނީ؟ މިފޫ، އަދި އިރުކޮޅަކަށް މަޑުކޮށްލަދީފާނަންތަ؟ އަދި ކިރިޔާނު މިފެށުނީ....." ޖައިދަން މީފާގެ މޫނަށް ފައިބަމުންދިޔަ ފަން އިސްތަށިކޮޅާއި ކުޅެލުމުން މީފާގެ ހިތް އުފަލުން އުދުއްސައިގަތެވެ. ކަމީލާ ދެރަކޮށްލާފައި ޖައިދަންގެ ހިތުން މަގާމެއް ހޯދިދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ޖައިދަންގެ ހިތާއި ހަމަޔަށް ވާސިލުވެވިއްޖެކަމުގައި ޔަގީންކޮށް ފޮނިވާގޮތްވިއެވެ. އޭނަ ޚިޔާލީ ވާފަށް މާދުރަށް އެއްލައިލިއިރު ތުންފަތުން އެއްފަހަރުވެސް ހިނިތުންވުން ފިލައިގެނެއް ނުދެއެވެ.
ކަމީލާ ފަހަރެއްގައިވެސް ޖައިދަން މިހާ ދަށްފެންވަރަކަށް ވެއްޓިގެންފާނެކަމަކަށް ހިޔެއްނުކުރެއެވެ. ކިތަންމެ ބޮޑު ޖިސްމާނީ އަނިޔާތަކެއް ލިބުނަސް މިއީ ކަމީލާ ކެތްކޮށްގެން ދެކެން ހުންނާނެ ކުޅިގަނޑެއްނޫނެވެ. އޭނަގެ ކުރިމަތީގައި އެހެން އަންހެނުންނާއި އެކީގައި އުޅެން ހުއްދަދީގެން ހުންނާނެކަމަށް ހީކުރަންޏާ އެއީ މޮޔަކަމެކެވެ. އޭނައަކީވެސް ޖައިދަން ހީކުރާހާ މަޖުބޫރީ އަންހެންކުއްޖެއް ނޫނެވެ. ކަމީލާ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފޮހެލާފައި އަވަހަށް ހައިޝަމްއަށް ގުޅާލައިފިއެވެ.
ކަމީލާ ބަލާ ހައިޝަމް އައިސް މަޑުކޮށްލީ ގޯޅިކަންމަތީގައެވެ. ކަމީލާ ސިއްރުސިއްރުން ގެއިން ނުކުމެގެންގޮސް ކާރަށް އެރިއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓަކާއި ލެގިންސްއެކެވެ. އެއީ ޖައިދަން ގެނެސްދިން ހެދުމެވެ. މިގޮތަށް މީހުންގެ ތެރެއަށް ނުކުމެ އުޅުން އޭނައަށް ފަސޭހައެއް ނޫނެވެ. ހައިޝަމް ބަލައިގޮތަކުން ކަމީލާ ހުރީ ލަދުން މަރުވާވަރުވެފައެވެ. ބުރުގާ ނާޅާ ހައިޝަމްއަށް ފެނުނީ އަލަށެވެ.
"ހަޒްބެންޑް ބުރުގާ އެޅުން މަނާކުރީމަ ގެއިން ފިލައިގެން ދާން ތިނިންމީ؟ އެހެން މީހުން ބޭނުންވާނީ އަނބިން ފޮރުވައިގެން ގެންގުޅެން....." ހައިޝަމް ހިނިތުންވެލާފައި އަހާލިއެވެ.
"މަންމަ އަހަރެން ބަހައްޓަން ހުއްދަދޭނެތަ؟" ކަމީލާ ނިޔަފަތީގައި ދަތްއެޅިއެވެ.
"އޮފްކޯސް އެކަމާއި ހާސްނުވޭ، މަންމަވީ އަހަރެންގެ ކޮއްކޮ ގާތު އޮސްޓްރޭލިއާގައި، އެހެންވީމަ އެކޮޓަރި ހުހަށް ހުންނާނެ، ޒިދޫގެ އިސްކޮޅާއި ރޫފަވެސް ކައްމިއާއި މާބޮޑު ތަފާތެއް ނުހުންނާނެ، ކޮންމެވެސް ވަރަކަށް ހެދުމާއި ޝޯލްތައް ހުންނާނެ، އެބޭނުން ކުރެވިދާނެއްނު...." ހައިޝަމް އިނީ ކަމީލާއާއި ދިމާލަށް ބަލައިލަންވެސް ޖެހިލުންވެފައެވެ. އެރީތި ލޮލުގެ އަސަރުގައި އޭނަ ޖެހިދާނެތީ އޭނަ ބިރުގަނެއެވެ. ބުރުގާ ނާޅާ ފެނުމުން ހައިޝަމްގެ ހިތުގެ ވިންދު އަވަސްވެ ފިނިވާގޮތްވިއެވެ. މިހާ ރީތި ރީތި އަންހެންކުއްޖަކު ފެނުމުން ކޮންމެ ފިރިހެނަކަށްވެސް އަސަރުނުކޮށެއް ނުދާނެއެވެ.
ފިލައިގެން އައުމަކީ ކިހާވަރުގަދަ ކަމެއްކަން ރޭކާލާން ފެށުމުން ކަމީލާގެ ހިތަށް ބިރުވެރިކަން ވަނެވެ. އާއިލާ މީހުންނަށްވެސް އަންގާނުލައި ފިލައިގެން އައުމަށްފަހު މަންމަމެން ކަންތައް ކުރާނެގޮތެއްވެސް ނޭގެއެވެ. އޭނަ ހައިޝަމް ގާތުގައި ބުނެފައިވަނީ އެގޭގައި އުޅޭ ވާހަކަ އޭނަގެ ބޭބެއަށްވެސް ސިއްރުކޮށްދިނުމަށެވެ. އޭނަގެ ހަޔާތަށް އައިސްފައިވާ ޒަލްޒަލާގައި އެންމެ އިސްރޯލެއް އަދާކުރި އެއްބަޔަކީ ހިތް އެކަމާއި ދެކޮޅަށް ވަކާލާތުކުރި ނަމަވެސް އޭނަގެ މައިންބަފައިން ކަމާއިމެދު ޝައްކެއްނެތެވެ. ދިރިހުއްޓާ ސިންގާ ކޮށްޓަކަށް ލިނަމަވެސް އޭނައަށް އެއްފަހަރުން މަރުވުމުގެ ފުރުސަތު ލިބިގެންދާނެތާއެވެ. އެގޭގެ ހަތަރުފާރުން އެތެރޭގައި އޭނައަށް ޖައިދަންގެ ފަރާތުން ލިބިފައިހުރި އަނިޔާތަކާއި ގޯނާތައް އެހެން މީހަކަށް ކިޔައިދީ ކޮޅުން ނުދާނެއެވެ. އެހެން މީހަކަށް އިހުސާސެއްވެސް ނުކުރެވޭނެއެވެ. ހަޔާތުގެ ހުރިހާ ދުވަސްތައް އެނަރަކައަށްފަދަ ތަނުގައި ބޭކާރުކޮށްލުމަކީ މޮޔަކަމެއްކަމުގައި ދެކެގެން އަމިއްލަ ދިފާޢުގައި އެންމެ ފަހުން މިނުކުތީއެވެ. އެއްވެސް މީހަކު ހުއްޓުވަން މަސައްކަތްކުރާނެކަމެއް ނެތެވެ. އޭނަ ބޭނުމީ އަނިޔާލިބޭ އެހެން އަންހެންކުދިންނަށް ނަމޫނާއަކަށްވުމަށެވެ.
ޒިދުނާގެ ކޮޓަރި ކުޑަވެފައި ސާފުތާހިރުވެފައި އަންހެންވަންތަކަމެއް އިހުސާސްކުރެވުނެވެ. ރަތްކުލައަކީ ޒިދުނާގެ ފެވެރިޓްކަން އެތާގައިވާހާ އެއްޗަކަށް ބަލާލާފައި ކަމީލާ ދެނެގަތެވެ. ލޯބި ތަނެކެވެ. ކޮޓަރީގެ ފްރޭމްތަކުން ޒިދުނާގެ ފޮޓޯތައް ފެނިފައި އެއީ ހައިޝަމްފަދައިން ރީތި އަންހެންކުއްޖެއްކަމަށް ކަމީލާ ގަބޫލުކުރިއެވެ. ޖައިދަންއަށްވުރެ ހައިޝަމް އުޅޭލެއް ވަކިން ދެރައެއް ނޫނެވެ. ހައިޝަމް އަދި ކަމީލާ އެކީގައި ކައިގެން ޒިދުނާގެ ކޮޓަރިއަށް ވަންގޮތަށް އޭނަގެ ދަބަހުގައި ހުރި އެއްޗެހި މޭޒުމަތީގައި ބެހެއްޓިއެވެ. އެހެން ކޮޓަރިއެއްގައި ޑައިރީ އެއްޗެހި ފޮރުވާފައި ބެހެއްޓުނުކަން ނަސީބެކެވެ. ލޫކަސްދިން އަނގޮޓީގައި ބޮސްދިންއިރު ކަމީލާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ.
"ލޫކް އަހަރެން ގާތުގައި އިންތިޒާރުކުރާށޭ ބުނެފައި އަހަރެން ދޫކޮށްލީ، އަހަރެންގެ މުޅި ހަޔާތް ބަރުބާދުވެއްޖެ، ލޫކް ފަދައިން އަހަރެންގެ ފެމިލީއާއިވެސް މިއަދު ވަކިވެގެން މިއައީ...." ކަމީލާ ކިތަންމެ ވަރަކަށް ކެތްކުރިޔަސް އެކަނިވާއިރަށް ލޫކަސްގެ މަތިން ހަނދާންކޮށްފައި ލޮލަށް ކަރުނަ އާދެއެވެ. މިވަގުތުވެސް ހިތަށް ކެތްނުވެގެން ކަރުނަ ފައިބައިގަތީ އެހެންވެއެވެ. ލޫކަސްއާއި ބައްދަލުކޮށްފައި އޭނަ އަދިވެސް ލޯބިވާ ވާހަކަ ބުނަންވީހެއްޔެވެ؟ އެވަގުތު ހަނދާންވީ މިޝާލްގެ ޖުމްލަތަކެވެ. އެ ވީޑިއޯއެވެ. ލޫކަސްގެ ރަހުމް ކުޑަ ބަސްތަކެވެ. އެހަނދާންތައް ކަމީލާގެ ހިތުގައިވާ ޒަޚަމްތަކަށް ލޮނު މިރުސްއެޅިއެވެ. އެނދުގެ ބާލީހުގައި މޫނު ފޮރުވާލިގޮތަށް އެހެން އޮތްވާ ނިދުނެވެ. ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިފައި ހަޅޭއްލަވައިގެންފައެވެ. ހުވަފެނުގައިވެސް ޖައިދަން އޭނަ ދޫކޮށްނުލާނީ ހެއްޔެވެ؟ ތެދުވެފައި ފޯނަށް ބަލައިލިއިރު ޖައިދަން ސަތޭކަވަރަކަށް މިސްކޯލުދީފައި ހުރިތަން ފެނިފައި ކަމީލާ ދޫނެރެލާފައި ވައްތަރެއް ޖައްސާލިއެވެ. ޅަގޮތަކަށް ހީގަތެވެ. ޖައިދަން އޭނަ ގެއްލިގެން އެކަމާއި ކަންބޮޑުވާނެ ހެއްޔެވެ؟ ނޫނީ އޭގެ ބަދަލުގައި އެކަން ފާހަގަކުރާނީކަން ނޭގެއެވެ. ކޮންމެގޮތެއް ވިޔަސް ކަމީލާގެ ހިތަށް ވަގުތީ އުފަލެއް ލިބިއްޖެއެވެ.
ޖައިދަން ރުޅިގަދަވެގެންގޮސް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ހުރިއިރު ކަމީލާ އަތުޖެހިއްޖެއްޔާ ހަދާނެގޮތަކާއިމެދު ވިސްނިއެވެ. މާގަދަކޮށްލާފައި ގެއިން ނުކުމެގެން ދިޔައީތީ ހިތުން ނުފިލާވަރުގެ އަދަބެއްދޭން އޭނަ ނިންމިއެވެ. އެއްގޮތަކަށްވެސް އެކުއްޖާ އެފަދަ ހިތްވަރެއްކޮށްލަފާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެ މަޑުމައިތިރި ރަގަޅު އަންހެންކުއްޖާ ކެރޭކަން އަނެއްކާވެސް ހާމަކޮށްދިނީއެވެ. އޭނަ ދުނިޔޭގައި އަތް ފުނާއަޅައިގެންވެސް ކަމީލާ އަތުލާނެއެވެ. ކަމީލާއަކީ އޭނަގެ ގައިދީއެވެ. އޭނަގެ ކުށްވެރިޔާއެވެ. އަބަދަށްޓަކައި އޭނަ ކަމީލާގެ ފައިގާ ހިލިހިލާ ޖަހާނެއެވެ. ޖައިދަން އެކުވެރިޔަކާއިއެކު މާލޭގެ މަގުތަކުގައި ބުރުޖެހީ ކަމީލާ ފެނިދާނެކަމުގެ އުއްމީދުގައެވެ. ދެތިންދުވަސް ފާއިތުވެގެން ދިޔައިރުވެސް ކަމީލާ ފޯނަށް ޖަވާބުނުދީ އެވަރުން ނުވެގެން ފޯނު ނިވާލީއެވެ. އާތިކާ އެކަމާއި ހިތާމަކުރަމުންގޮސް އެންމެފަހުން ހޮސްޕިޓަލުގައި އެޑްމިޓްކުރާހާ ހާލުދެރަވިއެވެ. ދަރިފުޅު ގެއްލުނުކަމުގެ ހިތާމައިގާ އާތިކާގެ ލޮލުން ކަރުނަހުސްވާ އެންމެ އިރެއްވެސް ނާދެއެވެ. ސިފައިންގެއަށް ގުޅާ ހިސާބަށް ކަންތައް ގޮސްފިކަމުގައި ލިއަމް ގަބޫލުކުރީ މަންމަގެ ހާލު ހައްތަހާ ދަށަށް ދާން ފެށީމައެވެ.
ކަމީލާ ހޮސްޕިޓަލަށް ދިޔައީ މާ ބޮޑަށް ބަނޑަށް ތަދުވެ ދަރިފުޅާއިމެދު ބިރު ހީވާން ފެށުމުންނެވެ. އަމިއްލަ ހާލަށްވުރެ ދަރިފުޅުގެ ދުޅަހެޔޮކަމާއިމެދު ވިސްނަން ޖެހުނެވެ. ކަމީލާ ވެއިޓިން އޭރިއާގައި އިނީ އިސްޖަހާލައިގެން ފޯނެއްގައެވެ. ކާރީގައި ހުރި ގޮނޑިއެއްގައި މީހަކު ޖައްސާލުމުން ފިރިހެންވަންތަ ސެންޓެއްގެ ހިތްގައިމު ވަސްޖެހި ކަމީލާއަށް ނޭވާ އެތެރެއަށް ދަމައިލެވުނެވެ. އެމީހެއްގެ ފަޔަށް ޖިންސް ހިފާލާފައިވާގޮތުންނާއި އިށީދެލައިގެން އިންގޮތަކުން ލޫކަސްގެ މަތިން ހަނދާންވާގޮތްވިއެވެ. އެވަރުންވެސް ކަމީލާ އިސްއުފުލައި ބަލާލާކަށް ނުކެރުނެވެ. ކަމީލާ ފޯނާއި ކުޅެނިކޮށް ފޯނު ވެއްޓުމުން ނަގަން ގުދުވެލާއިރަށް ކާރީގައި އިން މީހާވެސް އެހީތެރިވާންވެގެން ގުދުވެލަން އުޅުނުވަގުތު ދެމީހުންގެ ބޯ ޖެހުނެވެ. ކަމީލާ ބަލައިލުމާއިއެކު ސިހުނުވަރުން އިރުކޮޅެއްވާންދެން ބަލަން އޮވެވުނީ ލޫކަސްކަން ގަބޫލުކުރަން ދަތިވެފައެވެ.
"މިތާ ކީއް ތިކުރަނީ؟ "ލޫކަސް އަހާލައިފިއެވެ.
"ޑޮކްޓަރަށް ދައްކަން..." ކަމީލާގެ ހިތް އޭރު ތެޅިގަތީ އޮބިނޯންނަހާ ބާރަށެވެ. ހަށިގަނޑުވެސް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ދަރިފުޅު ތޮޅެންފެށީ ބައްޕަ ކާރީގައި އިންކަމުގެ އިހުސާސްކުރެވިފައިކަން ނޭގެއެވެ. ކަމީލާ ބަނޑުގައި ފިރުމާލަމުން ގޮނޑީގައި ބުރަކަށި ޖައްސާލައިގެން އިނދެ ފާރަށް ބަލަން އިނީ ފާރުން ރީތި މަންޒަރެއް ފެންނާތީ ބަލަން އިންހެނެވެ. މަޑުން އިނަސް އޭނަގެ ސިކުނޑި ނިކަން ހަލަބޮލިވެފައިވެއެވެ. ޖަޒުބާތުގައި ޖެހި ކަމީލާގެ ދެލޯ ތެމުނެވެ.
"އެހެންތަ؟ "ލޫކަސް އިތުރު ވާހަކައެއް ނުދައްކާ ފޯނު ހުޅުވާލައިގެން އިންދާ ކަމީލާ ނަމްބަރުޖެހިގެން ޑޮކްޓަރަށް ދައްކަން ވަނެވެ. ދިހަވަރަކަށް މިނިޓްފަހުން ކަމީލާ ނުކުތްއިރުވެސް ލޫކަސް އިންތަނުން ނުތެދުވެ އިނުމުން ހިތުގައި ސުވާލު އުފެދުނެވެ. ލޫކަސްއާއި ވާހަކަދައްކާހިތުން ކެތްނުކުރެވުނަސް އެފަދަ ހިތްވަރެއް ނުލިބުމުން ކަމީލާ ފިޔަވަޅުތައް ކުރިއަށް އަޅަން ފެށިއެވެ. ލޫކަސްގެ ނަޒަރު ހުއްޓިފައިވެދާނެކަމުގައި ހިތަށް އަރާފައި ފައި އޮޅޭގޮތްވިއެވެ. ހާސްވެފައި ހުރެ މަގަށް ނުކުތްތަނާހެން ފަހަތުން ލޫކަސް ގޮވާލުމުން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ހިތާއި ނޭވާވެސް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ލޫކަސް ބުނީ ލިއަމް ކަމީލާ ގެއްލިގެން ހޯދާކަމަށާއި މަންމަވެސް އެކަމުގެ ހިތާމައިގާ އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެޚަބަރުލިބުމުން ކަމީލާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އިތުރުވިއެވެ.
"ހަޒްބެންޑާއި އާދައިގެ އަރައިރުމެއް ވެފައޭ ގެއިން ނުކުމެގެން ދިޔައީ، އަހަރެން ހީކުރީ ބޮޑުވެގެންކަމަށް މީހަކާއި އިނީ، އެހާ އާދައިގެ ކަމަކާއި ރުޅިވާންޖެހޭތަ؟ އަހަރެން ދެކުނީމޭ ދެމީހުން އުފާކުރިތަން، އެހާ މަޖާކޮށް އުޅެފައި ފިލައިގެން ދިޔައީމަ އެހެން މީހުންނަށްވެސް އަސަރުކުރާނެ، ދެރަވެސް ވާނެ، ހިތްވަރު ހުއްޓަސް އެހެން މީހުންގެ ހިތާއި ތިގޮތަށް ކުޅޭކަށް ނުވާނެ، ދެންވެސް ތިފަދަ އަމަލެއް ނުކުރައްޗޭ......." ލޫކަސްގެ އަޑުގައި އެކުލެވިގެންވަނީ ކޮންކަހަލަ އަސަރުތަކެއްކަމެއް ކަމީލާއަކަށް ނޭގުނެވެ. އޭނަ ހުރީ ދެރަވެފައިހެއްޔެވެ؟ ރޭބަން އައިނުން އެރީތި ދެލޯފޮރުވާފައިވާ އިރު އެއް އަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު ލޫކަސްގެ އިހުސާސްތައް ދެންގަންނާކަށް އޭނައަކަށް ނޭގުނެވެ. އެހެންނޫނަސް އޭނައަކީ ސައިކޮލޮޖިސްޓެއް ނޫނެވެ. މީހުންގެ ސިކުނޑީގައިވާހާ އެއްޗެހި ކިޔާކަށްވެސް ނޭގޭނެއެވެ.
"މަންމަ އޮތް ރޫމެއް އެނގޭތަ؟ "ކަމީލާ އަނެއްފަރާތަށް އެނބުރެމުން ކޯތާފަތް ފޮހެލިއެވެ.
"ދޮންބެއަށް ގުޅާލަންވީނު......" ލޫކަސް އެދުނެވެ.
"ފޯނު ޗާޖްގޮސްފައި މިއޮތީ..." ކަމީލާ އިސްޖަހައިލިއެވެ. ކަމީލާގެ ހިތަށް ނުބައިގޮތެއްވިއެވެ. އޭނައާއި ލޫކަސްގެ ބައްދަލުވުން މިހާ ތާކުންތާކު ނުޖެހޭގޮތަކަށް ގޮސްދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެތައް ދުވަހެއްކޮށްލާފައި ދިމާވުމުން އާދައިގެ އެކުވެރިންވެސް މިއަށްވުރެ ފޯރިއާއި ޖޯޝާއިއެކު ވާހަކަދައްކާ ހާލު އަހުވާލު އޮޅުން ފިލުވާނެއެވެ. އެހާވަރުގެ ގާތްކަމެއްވެސް އެދެމީހުންގެ ނެތީހެއްޔެވެ؟ ނުދަންނަ މީހަކަށް އެހީތެރިވާފަދައިން ލޫކަސް އޭނަގެ ފޯނުން ލިއަމްއަށް ގުޅާފައި ކަމީލާގެ އަތަށް ދިނެވެ. ކަމީލާގެ ހިތްވަރާއި ގަދަފަދަކަން އެންމެ ފޯނުކޯލަކުން ނެތިގެން ހިނގައްޖެއެވެ. ވަގުތުން މާފުކޮށްދޭށޭ ކިޔާފައި ލިއަމްއަށް އާދޭސްކުރަންފެށިއެވެ. އޭނަގެ ސަބަބުން މަންމައަށް ގޮތެއްވެއްޖެއްޔާ އޭނަ ދުވަހަކުވެސް އަމިއްލަ ނަފުސަށް މާފެއް ނުދޭނެއެވެ. މަންމަ ބުނާގޮތަށް އޭނަ ހަދާނެއެވެ. ލޫކަސްވެސް އޭނަދެކެ ލޯތްބެއް ނުވެއެވެ. ވީއިރު ދިރިހުންނަންވީ ދެން ކޮން އުއްމީދެއްގައި ހެއްޔެވެ؟ ދިރިހުއްޓަސް އޭނަ މިވަނީ ރޫހު މަރުވެފައެވެ. އެއްވެސް އުފަލެއް ހިތްހަމަޖެހުމެއްނެތި އަނިޔާވެރި ފިރިޔަކާއިއެކު އަނެއްކާ ދިރިއުޅެން އެންމެން މަޖުބޫރުކުރަނީއެވެ. ކަމީލާ ލޫކަސްއާއި ދިމާލަށް ބަލައިލިއިރު އެ ރީތިދެލޯ ފުރެމުންދިޔައީ ކަރުނައިންނެވެ. އެ ހިތާމަވެރި ބަލައިލުން ދިރިހުރިހާ ހިނދަކު ލޫކަސްގެ ހިތުން ފިލައިގެން ނުދާނެއެވެ. ލޫކަސްވެސް ފެންކަޅިވާގޮތްވުމުން ދުރުގައި ފިޔަވަޅުއަޅަމުން ހިނގައިގަތީ ކާރާއި ދިމާލަށެވެ.
"ލޫކް، ވެއިޓް....." ކަމީލާ ނެތް ހިތްވަރުކޮށްލާފައި ދުވަމުންގޮސް ކާރާއި އަރާ ހަމަވިއެވެ. މީހުންގެ ނަޒަރުން ސަލާމަތްވާން ލޫކަސް ކާރަށް އެރިއެވެ. ސީޓުގައި އިށީނދެލާފައި ލޫކަސް ބިއްލޫރި ތިރިކޮށްލައިފިއެވެ.
"އެއްޗެކޭ ބުނަން ބޭނުންތަ؟ " ލޫކަސް މަޑުމައިތިރިކޮށް ސުވާލުކުރިއެވެ.
"އާނ އަހަރެން ބޭނުން ބައިވަރު ވާހަކަދައްކަން، ޓައިމެއް ވާނެތަ؟ ޕްލީޒް ޕްލީޒް ފައިވް މިނިޓްސް ވަރުނަމަވެސް ދީބަލަ، ބޭނުން ވަރަށް މުހިއްމު ވާހަކައެއް ބުނެލަން، ދެން ފެންނާނެކަމެއްވެސް ނޭގޭ، ލޫކްއަށް ކޮންމެހެން މިކަން އެނގެން ޖެހޭތީ މި ބުނަނީ، އެހެންނޫންނަމަ އަހަރެން މިހިރީ ކަށްވަޅާއި ހަމަޔަށް ދާންދެން މިވާހަކަ އެހެން މީހެއްގެ ގާތު ނުބުނަން ކަމަށް، އެކަމަކު މިއީ ވަރަށް އިމްޕޯޓެންޓް ވާހަކައެއް، ލޫކް، އަހަރެން މިވާހަކަ ބުނަން ފަށާނީ ކިހިނެއްކަމެއްވެސް ނޭގޭ، އަހަރެން ހިތަށް އަރަނީ ލޫކް ގަބޫލުކުރާނެ ބާވައޭ، އަހަރެންގެ ބަދުނަސީބުކަމުން ކަން ނޭގޭ މިހެން ދިމާވާން ޖެހުނީ، އަހަރެން............" ކަމީލާ ކޮންމެހެން ކަރުނަތައް ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. ރޮވޭވަރުން ވާހަކަ ނުދެއްކިގެން ހުއްޓާލަން ޖެހުމުން ލޫކަސް ޓިޝޫއެއް ނަގާފައި ކަމީލާގެ އަތަށް ދިއްކޮށްލިއެވެ.
"ތެންކިއު...." ކަމީލާ ކަރުނައިގެ ތެރެއިން ހިނިތުންވެލުމުން ކޯތާފަތަށް އަޑިކޮޅު އެޅުނުގޮތުން ލޫކަސްގެ ހިތް ފިދާވާވަރުވިއެވެ. ތެދުވެގެންގޮސް މޭގައި ޖައްސާލާފައި ދުނިޔޭގެ ލޯތަކަށް މިކުއްޖާ ފޮރުވާލަން ބޭނުންވިއެވެ. އެއިން ކޮންމެ ކަރުނަތިއްކަކީ ހާސް މުތީތަކަށްވުރެ އޭނަގާތުގައި އަގު ބޮޑު އެއްޗެއްކަމަށް ބުނެ އެލޮލުގައި ބޮސްދީފައި ނުރޯން އެދެންވީއެވެ. ނަމަވެސް އޭނައަކީ ކާކުކަން ހަނދާންވުމާއެކު އެޚިޔާލުތަކާއި ވަކިވާން މަޖުބޫރުވިއެވެ. ކަމީލާ މޫނުމަތި ފޮހެލިއެވެ.
އެހިސާބަށް ގަދަޔަށް އަވިދީފައިވާއިރުވެސް ކަމީލާގެ މޫނުމަތިން އެއްވެސް އައިބެއްނެތްކަން ލޫކަސް ފާހަގަކުރިއެވެ. ދޮންމޫނަށް ފިޔާތޮށިކަމެއް ވެރިވެފައިވާއިރު ލައިގެން ހުރި ފިޔާތޮށި އަދި ކަޅުގެ ސްޓްރައިޕް ހެދުމާއި ސްކާފްކޮޅާއި އެހާ ގުޅެއެވެ. އަވިއައިނުއަޅައިގެން އިންއިރުވެސް ލޫކަސްގެ އެ ތޫނު ބެލުމުން ކަމީލާގެ ހިތަށް ގޮތެއްވިއެވެ. މޫނުމައްޗަށް ރަތްކުލަ ފާއްދާލުމާއިއެކު އަވަސްއަވަހަށް އެސްފިޔަތައް ޖަހައިލެވުނެވެ. އެވަގުތު ކަމީލާއަށް ވަމުން ދިޔަގޮތްތަކުން ހީވީ ޖާދޫއެއްގައި ޖެހިފައި ވާކުއްޖެއްހެނެވެ. އެކަމުން އޭނަ ހޭއްލައްވާލީ ކާރުގެ އެއްފަރާތުން އައި މީހަކު އޭނަގެ އުނަގަނޑުގައި އަތްއަޅުވާލާފައި ކާރިކޮށްލުމުންނެވެ.
"ވަޓް ދަ ހެލް....." ކަމީލާ ރުޅިއައިސް ރަތްވެފައިހުރެ އެމީހެއްގެ އަތް އުނަގަނޑުން ނައްޓުވަން އުޅެމުން އެނބުރި ބަލާލައިފިއެވެ.