"މެހްވިޝްވިލާ"ގެ ގޭގެ ފަހަތުގައި އޮންނަ ބައިގާ ފެންޑާހަދާފައިވަނީ ވަރަށް ހިތްގައިމުކޮށެވެ. ޕޮޓްތަކުގައި ކުލަކުލައިގެ މާ ފޮޅިފައިވާއިރު ދޫލައެއްހެން ފެތުރިފައިވާ ވިނަގަނޑުގެ ސަބަބުން އިނގިރޭސި ކޮޓެޖެއް ފެންނަ ފަދައެވެ. އެހިސާބުގައި ބޮޑު ގަހެއް ހުރިއިރު ގަހުގެ ހިޔަލުގައި ދިގު ގޮނޑިތައް ބަހައްޓާފައިވެއެވެ. އުޑުމަތީގައި ކަޅުވިލާތައް އުފެދި ވާރޭ ވެހިދާނެކަމުގެ އިއުލާން ކުރަމުންދިޔައެވެ. މިހިތްފަސޭހަ ގަޑީގައި ޖިބްރީންގެ ދެމަފިރިން އެތާގައި ރާޒުވާ ކުޅެންތިބިއިރު ޅަދުވަސް އައިސްގެން އުޅޭފަދައެވެ. ބައެއްފަހަރު ޖިބްރީން ކޮންމެވެސް މަކަރެއް ހަދާލާފައި ހިނިގަނޑު ޖަހާލުމުން މެހްވިޝް އޭނަގެ ގައިގާ ތަޅައިގަނެއެވެ. ދައްކަމުން ދިޔަ ވާހަކައިގެ ތެރޭގައި ލޫކަސްގެ ވާހަކަ ފެށުނެވެ.
"ދަރިފުޅު ބޭނުންވަނީ އަދި ކިޔަވަން ދާންކަމަށްވަނީ، މެރީކުރާކަށް ޚިޔާލެއް ނުކުރަމޯ، ޖިބްރީން ނިކަން ދަރިފުޅާއި ވާހަކަދައްކަބަލަ، އަހާ އަހާ ވެގެން އުޅޭގޮތެއް ނުބުނޭ، ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވޭ، ކުރިއަށްވުރެވެސް މަޑުމަޑުން އެއިންނަނީ، ލޫކް ރައްޓެހިވެގެން ގެއަށް ގެންނަ ކުދިންނަކީ ހަޔާތުގެ ބައިވެރިޔަކަށްވުމަށް ލާއިގު ބަޔެއްނޫން، ޖޭޑްގެ އަންހެނުން ކަހަލަ މަޑުމައިތިރި ލަދުރަކި ކުއްޖެއް ލޫކްއަށްވެސް ލިބޭނެނަމަ........" މެހްވިޝް ބުނެލައިފިއެވެ.
"އަހަރެންގެ ލޫކަސް ބޭނުންނުވާކަމެއް ކުރުވަން އެއްގޮތަކަށްވެސް މަޖްބޫރު ނުކުރާނަން، އެހެޔޮ އެކުވެރިޔާއާއި ގުޅުން ކަނޑާލާން ޖެހުނަސް، މަގޭ ފުރާނަފަދަ ދަރިފުޅުގެ އުފާތައް އެންމެ މުހިއްމުވާނީ، އަހަރެން ނެތުމަށްފަހު މި މުދަލުގެ ވާރިސަކީ އެއީ، ފައިސާއިން ބޭނުންހާ އެއްޗެއް ގަނެވޭނެ އިރާދަކުރެއްވިއްޔާ، ލޫކް ލޯބިވާކުއްޖެއް ހަޔާތަށް އަންނަން ދެން އޭނަ ހުރިޔަދީ، ލޫކް ޅަކަމުން އެހެން އުޅުނަސް އަދި ހަރުދަނާކުއްޖަކަށްވާނެކަން ޔަގީން............" ޖިބްރީންގެ ވާހަކައިން މެހްވިޝްގެ ތުންފަތުގައިވި ހިނިތުންވެގެން ފުންވިއެވެ. ޖިބްރީން އެހެން ބައްޕައިންނާއި ތަފާތެވެ. މުއްސަދިވެފައި ނުފޫޒުގަދަ މީހަކަށްވިޔަސް އޭނަ ލޫކަސްދެކެ ވާ ލޯބީގެ ސަބަބުން ލޫކަސްގެ އުފަލާއިމެދު ވަރަށް ވިސްނައެވެ. ދަރިފުޅުދެކެ އެހާ ލޯބިވުން ރަމްޒުކޮށްދެނީ ކުއްޖާގެ މައިމީހާދެކެވެސް ޖިބްރީންވާ ލޯތްބެވެ.
މީފާ ރުޅިގަދަވެގެންގޮސް ނުރޮވުނީ ކިރިޔާއެވެ. ޖައިދަން ހަދިޔާއެއް ގެނެސްދޭނަމޭ ކިޔާފައި ގެނައި ޑެއިރީ މިލްކް ޗޮކްލެޓަކީ އޭނަގެ މޫނުމަތީގައި ޖެހި އެތިފަހަރަށްވިއެވެ. ޖައިދަން އޭނައާއި ދޭތެރޭގައި ކަންތައް ކުރަނީ ކުޑަކުއްޖަކާއިމެދު ކަންތައްކުރާ އުސޫލުންނެވެ. ބޮޑު އަންހެންކުއްޖު ބޭނުންވާނީ ކޮންކަހަލަ ހަދިޔާއެއްކަން ޖައިދަންއަށް ނޭގުނީހެއްޔެވެ؟ ޖައިދަންގެ މިޒާޖު ހުންނަގޮތުން ޝަކުވާކުރާކަށް ނުކެރުނެވެ. ކަމަކު ކިޔަންވެގެން ނޫނީ މީފާއާއި ވާހަކަ ދައްކާކަށް އޭނަ ނޫޅޭނެއެވެ. ގޭތެރެއިން ދިމާވެއްޖެއްޔާ ނިތް އަރުވާލާފައި ހިނގައިދާއިރު މީފާ ކަޅިވިދިފައި ބަލަން ހުރެއެވެ. މީފާ އާއްމުކޮށް އުޅެނީ ފިލައިގެންނެވެ. ޖައިދަންއަށް ފެންނަން އޭނަ ބޭނުންވަނީ އެންމެ ފުރިހަމަ މޭކަޕްގައި ރީތިވެލައިގެން ހުރެއެވެ. ކައްކަން ހުރެފައިވެސް ދޭތެރެއަކުން ވަދެލާ މޫނު ދޮވެލާ ހަދައިލާނެއެވެ. އިސްކޮޅުން ދިގުވާންވެގެން ސްޓްރެޗްކުރުމުގެ ހައްދެއްނެތެވެ. މީފާގެ ހިތަށް ހާދަ ތަދުވެއެވެ. ޖައިދަންއާއި ދޭތެރޭގައި އޭނަ މިވަރަށް ވިސްނާއިރު ޖައިދަންގެ ހިތަށް އެއްޗެއް ނާރަނީހެއްޔެވެ؟ މީފާ ހިތްއެދޭގޮތަށް ކަންތައް ނުވާތީ ހިތުގައިވާ ހަސަދައިގެ އަލިފާންކޮޅު ރޯވެ އަނދަން ފެށިގޮތަށް މައިތިރި ނުކުރެވޭ ހިސާބަށް ދާން ފެށިއެވެ. ކަމީލާއަށް ބޮނޑިއެއް ދޭން ބޭނުންވާން ފެށީ އެހިސާބުންނެވެ. މިކުރެވެން އުޅެނީ ގޯސްކަމެއްކަން އެނގޭއިރުވެސް ހުއްޓައެއް ނުލެވުނެވެ. ކަމީލާ ކައްކާފައި އެއްފަރާތަކަށް ޖެހިލާއިރަށް އޭނަ ސިއްރުންވަދެ ކާއެއްޗިއްސަށް ގިނައިން ލޮނު އެޅުންފަދަ ކޮންމެވެސް ކަމެއްކޮށްލާނެއެވެ. ދެމީހުން އެއްކޮށް ކައްކާއިރުވެސް މީފާ ހަނި ދޭތެރެއަކުންވެސް ގޮތެއް ހަދާނުލާ ދުވަހެއް ނުދާނެއެވެ. މޭޒުމައްޗަށް އަރުވާ ގިނަ އެއްޗެހި ޖެހެނީ އުކާލާށެވެ. މީފާ ހައިރާންވަނީ އެކަކުވެސް ރަހަ ނުބައިވެގެން ޝަކުވާ ނުކުރާތީއެވެ. ޖައިދަން ކޮޓަރިއަށް ގޮސް ކަމީލާއަށް އެކަމުގެ ރޯޅިބާލާކަމެއް އޭރަކު މީފާއަކަށް ނޭގެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދާއިރު ގަޑީގެ ކަށި އެންމެ ސިކުންތުކޮޅަކަށްވެސް މަޑު ޖަހައިލުމެއް ނެތެވެ. ސައުވީސްގަޑިއިރުން ނުފުދި ދުވާލެއްގައި ހަތްދިހަ ދެގަޑިއިރު ހުންނާނެނަމައޭ ހިތަށް އަރާ މަދުބަޔަކުވެސް އުޅެއެވެ. އެއީ މުނިފޫހިފިލުވަން ކުރާނެ ގިނަކަންތައް ތިބެ ވަގުތު ނުވާމީހުންނެވެ. ކަމީލާ އޭގެ ދިމާ އިދިކޮޅެވެ. އެންމެ ދުވަހެއްވެފައިވަނީ ގަރުނަކަށެވެ. ކަމީލާގެ އާއިލާ މާލެ އައުމުންވެސް އުފަލެއް ނުވިއެވެ. ލިއަމް މާލެއައީ އަންހެނުންނާއި އެކު މަންމަ އަދި ކޮއްކޮވެސް ގޮވައިގެންނެވެ. ލިއަމްމެން ތިބެނީ ހުޅުމާލޭގައިކަމުން އެހާ ގިނައިން މާލެއަކަށް ނާދެވެއެވެ. ބައްޕަ އެހެން މީހަކާއި ކާވެނި ކުރުމަށްފަހު މަންމަ ވަރިކުރި ޚަބަރު އީކާގެ ފަރާތުން ލިބުމުން ބައްޕަދެކެ ފޫހިވާގޮތްވިއެވެ. ބައްޕަގެ އާއިލާއާއި ދުރަށް އާދެވުނީމަ އީކާ އުފާކުރިއެވެ. ކަމީލާގެ ހިތާމައަކީ ލޯބިވާ މާމަ ވަކިވުމެވެ. އެހެންވެ ދޭތެރެއަކުން މާމައަށް ގުޅާލައި ހާލު ބަލައިލުމަކީ ކަމީލާގެ ވާޖިބެއްކަމުގައި ދެކެއެވެ. އަތަރަފުޅިއެއް، ފޮތިގަނޑެއް ނޫނީ މީރު ކާއެއްޗެއްފަދަ ހަދިޔާއެއް ފޮނުވުމުން މާމަ އެކަމާއި ވަރަށް އުފާވާކަން ކަމީލާ ދަނެއެވެ. މާމަދަރިފުޅަށް އެމާމަ އަބަދުވެސް ހެޔޮ ދުޢާކުރާވާހަކަ ބުނެއެވެ.
ކަމީލާގެ ބަނޑަށް ތިންމަސްވީއިރުވެސް ބަނޑު ތުނިކަމުން ޖައިދަންއަށް ރޭކާލިކަމަކަށް ނުވިއެވެ. ހައިޝަމް ބުނެފައިވަނީ ފުރަތަމަ ތިންމަހު ގަވާއިދުން ފޯލިކް އެސިޑްގުޅަ ކެއުމަށެވެ. ބަލިވެ އިނުމުގެ ކުރިންނާއި، ބަލިވެ އިނދެގެން ފުރަތަމަ ތިންމަސް ދުވަހު ފޯލިކް އެސިޑް ކެއުމުން އުފެދުމުގައި އުނިކަން ހުންނަ ކުދިން ލިބުމުގެ ފުރުސަތުކުޑަވުން އަދި ބައިގެން ނުދިޔުން ފަދަ ކިތަންމެ ފައިދާއެއް ލިބިގެން ދާނެއެވެ. ކަމީލާ އެންމެ ދުވަހެއްވެސް ވައްޓާނުލައި އެ ގުޅަ ކާލައެވެ. ވަރުބަލިވެގެން ތެދުވާނެ ވަރެއް ނެތްއިރުވެސް ކަމީލާ ނިކަން ހިތްވަރުގަދައެވެ. އޭނަފަދަ ކަންނެތްކޮށް އުޅެ ބޮޑުވެފައިވާ ކުއްޖަކާއި ބަލާއިރު ކަމީލާ ކެތްތެރިއެވެ. ޖައިދަން ހީވަނީ ކަމީލާއާއި ޖައްސާލާފައި ހުންނަހެންނެވެ. ކަމީލާ އެ ހާލުގައި އުޅެމުންވެސް ޖައިދަންގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭއިރުވެސް ޖައިދަން ކަމީލާގެ ކުށެއް ދައްކާފައި އެއްޗެހި ކިޔާނެއެވެ. ކަމީލާއަށް އެންމެ އުނދަގޫ ބޮޑުވާނެހެން ހީވާ ގަޑި ބަލާލާފައި އުދަގޫކުރާނެއެވެ. ކަމީލާ ހުންނަނީ ވާނުވާ ނޭގިފައެވެ. އޭނަ ރަގަޅަށް ޚިދުމަތްކޮށްދޭއިރުވެސް ޖައިދަން އޭނަދެކެ ނަފްރަތުކުރާ ސަބަބަކީ ކޮބާހެއްޔެވެ؟ ވަޒީފާއަށް ދާ ފިރިހެނެއް ނޫނެވެ. ދުވާލު ހަތަރުދަމު ނިދާފައި ކޮންމެވެސް ކުޅިވަރެއްގައި އުޅެފައި ބައްޕަ ދިނީމަ ކައިގެން ހުންނަނީއެވެ. މިދުވަސްކޮޅު ޔާސިރުވެސް ފެންނަނީ އަބަދު ޚިޔާލެއްގައި އިންނަތަނެވެ. ހީވަނީ ބޮޑުކަމެއް ދިމާވެގެން އުޅޭހެނެވެ. ގޭގެ ޚަރަދުތައްވެސް މިހާރަކަށް އައިސް ތަންކޮޅެއް މަދުކުރަން ޔާސިރު ބޭނުންވާހެން ހީވެއެވެ. އޭސީތައް ގިނަފަހަރު ހުންނަނީ ކަނޑާލާފައެވެ. އެހެން އެޕާޓްމެންޓަކަށް ބަދަލުވެ މިގެ ކުއްޔަށް ދޫކުރާކަހަލަ ވާހަކައެއްވެސް ދެކެވުނެވެ. އެހާ މުއްސަދި މީހަކު އެހެން އުޅުނީމަ ދެން އަޖައިބެކެވެ. ގިނައިން ފައިސާ ލިބޭވަރަކަށް އިތުރަށް ބޭނުންވަނީ ނޫންކަމެއްވެސް ނޭގެއެވެ.
ކެއުމުގެ ގަޑީގައި ޔާސިރު ދެއްކި ވާހަކަތަކުން ޖައިދަން ގެ މޫނަށް އެތައް ކުލަތަކެއް ވެރިވެގެން ދިޔައެވެ. ޔާސިރު ދައްކާންފެށީ ވިޔަފާރި ބަގުރޫޓްވާ ވާހަކައާއި އެހެން އެޕާޓްމެންޓެއް ހޯދައިގެން ތަން ދޫކޮށްލާފައި ދާ ވާހަކައެވެ. ގެ ނީލަމުގައި ވިއްކާލަން ޖެހިދާނެއޭވެސް ކިޔަންފެށިއެވެ.
"ދެކޮޓަރީގެ އެޕާޓްމެންޓެއްގައި އުޅެން ފަސޭހައެއް ނުވާނެ...." ޖައިދަން ވަގުތުން ދެކޮޅުހެދިއެވެ.
"ވީއިރު ދަރިފުޅު މަންމަ ގާތަށް ދާންވީނު، އެގެ ބޮޑުވެފައި އުޅެން ފަސޭހަވާނެ......" ޔާސިރު އެވަރުގެ ބަހެއް ބުނެލާނީ ގޮތްހުސްވީމައެވެ. ޖައިދަން އެފަހުން އެއްޗެކޭ ނުބުނެ ހިމޭނުން އިނދެ ކައިގެން ކޮޓަރިއަށް އައިއިރު ކަމީލާވެސް އެތަނަށް ވަނީއެވެ. ޖައިދަން ރުޅިގަދަވެފައި ހުއްޓަސް ބައްޕަގެ ކުރިމަތީގައި އެކަން ފާޅުނުކޮށް ގޮށްމުށްކަވާފައި ފާރަށް އެތިފަހަރެއް ބޭލީ ކޮޓަރިއަށް ވަދެފައެވެ. ނަސީބަކުން ކަމީލާއަށް އުދަގުލެއްނުކޮށް ފާޚާނާއަށް ވަނެވެ. ރަގަޅެވެ. ބޮލަށް ފެންއެޅީމަ ބޮލަށް އަރާފައި އިންނަ ޝައިތާނާ ފައިބާނެއެވެ. ޖައިދަން ރުޅިއަންނަވަރުގެ ވާހަކައެއް ބުނީ ކާކުހެއްޔެވެ؟ ރުޅިއަންނަވަރުގެ ކަމެއް މީހަކު ކުރީއެއް ނޫނެވެ. މަންމަގެ ގެއަށް ދާށޭ ބުނީމަހެއްޔެވެ؟ މަންމަވެސް އެންމެ ދުވަހަކު އައިގޮތަށް ޚަބަރެއްނުވިއެވެ. އެއީ ކޮންކަހަލަ މަންމައެއް ހެއްޔެވެ؟ މާލޭގައި އުޅޭއިރުވެސް އަމިއްލަ ދަރިން ގާތަށް ނާންނަނީހެއްޔެވެ؟ މައިމީހާ ދަރިންދެކެ ވާ މަތިވެރި ލޯބީގެ ވާހަކަ އޭނަ އަޑުއަހައެވެ. ކަމީލާ ވިސްނުމެއްގެ ތެރޭގައި ހުރެ ކްލާހަށް ދާން ތައްޔާރުވާންފެށިއެވެ.
ކަމީލާ ލޮލުގައި އަނދުން އަޅާފައި ލިޕްގްލޮސްއިން ތުންފަތް ތެތްކޮށްލިއެވެ. ކުޑަގޮތަކަށް ޒީނަތްތެރިވެލުމުންވެސް އެދޮންމޫނުގެ ރީތިކަމާއި ފުރިހަމަކަމުން ވިދާލިއެވެ. ޖައިދަން ފާޚާނާއިން ނުކުތްއިރު އެމޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނެއެވެ. އައިބާރުމިނުގައި ރީތިވާ މޭޒުމަތީގައި ވާހާ އެއްޗެއްގައި އަތުން ޖަހާ ބުރުއްސާލިއެވެ. އަޑުފަށްގަނޑަކާއިއެކު ހުރިހާ އެއްޗެއް ތެޅުމުން ކަންފަތާއި ދިމާލަށް ކަމީލާ އަތް އުފުލައިލިއެވެ. އެތަން ފެނިފައި ޖައިދަން ކަންފަތުގައި ހިފާ ދަމައިގަތުމުން ތަދުވިވަރުން ޖައިދަންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.
"ކޮންމެ ރެއަކު ރީތިވެގެން ތިދަނީ ކޮންމެހެން ކިޔަވާކަށް ނޫނޭ، އަހަންނަކީ ގަމާރެއްނޫން، ނިކަން އެގެއަށް ދާހިތްވޭތަ؟" ޖައިދަން އެމާނަކުރީ ކޮން ގެއެއްކަން ކަމީލާއަކަށް ރޭކާނުލިއެވެ. ކިތަންމެވަރަށް ކެތްކުރަން ހުއްޓަސް އިންސާނަކަށް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ޖައިދަން މިހާ އަނިޔާވެރިކަމާއިއެކު ހިތަށް އެރިފަހަރެއްގައި ހިތަށް އެރިގޮތަށް ކަމީލާއާއި ބެހެން ވެއްޖެއްޔާ ފިރިމީހާއަށްވިޔަސް ކެތެއްނުކުރެވޭނެއެވެ. ކޮންމެ ފަހަރަކު ވޭން އަޅަނީ އެކަނި ހަށިގަނޑު ގައެއް ނޫނެވެ. ލިބޭ ވޭނާއި ކެކުޅުމުގައި ހިތްވެސް ހަލާކުވެގެން ދަނީއެވެ.
"މާ މައްޗަށް ތިދަނީ، އަހަރެން ދެން ބޭނުމެއްނޫން މިގޭގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނަން...." ކަމީލާގެ ލޮލުގައި ބޮޑެތިކަރުނަ ތިކިތައް ވިދަންފެށިއެވެ.
"ތިހާ ހިތްވަރެއް ހުރިއްޔާ ދާންވީނު، ވަންނާނެ ތަނެއް އެބަހުރިތަ؟ " ޖައިދަން ބާލީސް ބިމަށްޖެހިއެވެ.
"އަހަރެން ކޮންމެ ތާކަށް ދިޔަސް ބެހޭކަމެއް ނޫން..." ކަމީލާ ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.
"އަހަރެން ހަނދާންނެތުނީ، ރެސްކިއުއަށް އަންނާނެ މީހުން އެބަތިބި، ޔޫ ނޯ ވަޓް، ތިބުނާ ފެމިލީ މީހުން މާލޭގައި ތިއްބަސް މިގެއަށް ވަންނާކަށް ނުކެރޭނެ، އަހަރެން މައިދައިތައޭ ކިޔާ މީހާ އައީމަވެސް ބުނިން މިގެއަށް ވަދެގެން ނުވާނެއޭ........." ޖައިދަން ފާޑަކަށް ހީލައިފާ ބުނެލިއެވެ. ކަމީލާ ދެލޯ ބޮޑުކޮށްލަމުން މޭގައި އަތްއަޅާލިއެވެ. މަންމަ ފެރީގައި ދަތުރުކުރަން ބިރުގަންނަކަމުގެ ބަހަނާ ދައްކާ ސަބަބުއެނގުނީއެވެ. މި ނުލަފާ ހަންޑި އޭނަގެ މަންމަ މިގެއަށް ވަނުން މަނާކުރީއެވެ. މިއީ ކޮންކަހަލަ ލަދުކުޑަ އިންސާނެއްހެއްޔެވެ؟ ކަމީލާ ބޭނުންވީ ޖައިދަންގެ މޫނުމަތި ނޮޅައިގަތްގަތީނުން އެ ބޮޑާކަން ފިލުވައިލާށެވެ. ހާދަ ނުބައި ނުލަފާ ފިރިހެނެކެވެ. ކިބުރުވެރިކަމުގެ އިންތިހާއެވެ.
"މަންމައަށް ނުވަދެވޭތަނެއްގައި އަހަރެން ހުންނާނެހެން ހީވޭތަ؟ މަޖުބޫރުވެގެން ނޫންނަމަ ތި މީހާއާއިއެކީގައި އެންމެ ފަޅި ސިކުންތުކޮޅަކަށްވެސް ނުހުންނާނަން، ހީކުރަނީ މިގޭގައި މިއުޅެނީ ލިބޭ ފަސޭހަތަކެއްގެ ބޮޑުކަމުންތަ؟ އަހަރެން ތިހާ ފޫހިވާ މީހެއް މިދުނިޔެއަކުނެތް، ހިތަށް އަރާ އެކްސިޑެންޓެއްވެފައި މަރުވާނެނަމައޭވެސް، އަހަރެން ނޫޅޭނަން ތި މީހާގަނޑާއިއެކު، އަތްލިޔަސް އަހަންނަށް ވަނީ އުދަގޫ، އަހަރެން ދެން ނުހުންނާނަން މިގެއަކު............."ކަމީލާ ރުޅިގަދަވެގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގުނެވެ. މިހުރިހާ ދުވަހު ރީތިކޮށް ވާހަކަދައްކައިގެންވެސް ޖައިދަން އޭނައަށް ހަދަނީ ހިތުހުރިގޮތެކެވެ. ޖައިދަން ތެދުވެގެން އައިގޮތަށް ކަމީލާގެ މޫނުގައި ދެއަތުން ހިފަހައްޓާފައި ކާރިކޮށްލިއިރު ދެ ނޭފަތް ޖެހުނެވެ. ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ.
"އައި ޕްލީޑް ޔޫ، ނުދޭ ޕްލީސް ޕްލީސް އާދޭސްކޮށްފައި މިބުނަނީ، އަހަރެން މަރުވެދާނެ އަހަރެން އެކަނިކޮށްލާފައި ދިޔައީމަ، އޭރުން މަށަށް އަންހެނަކުވެސް ނުވާނެ، ފައިގާ ހިފާ އާދޭސް މިކުރަނީ....." ޖައިދަން ފިލްމީ ޑައިލޮގެއްހެން ކިޔާލުމުން ކަމީލާ ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. ބޮލަށް އުދަގޫވީވަރުން ކަމީލާ ދުރަށް ހިނގައިގަންނަން އުޅެނިކޮށް ފަހަތުން އައިސް ކޮނޑުގައި ހިފާލިގޮތަށް އަނބުރާލިއެވެ.
"އަހަންނަށް ތްރެޓްކުރާއިރު ތިމާގެ ހާލު ނޭގޭ؟ އަހަރެން ނަގާފައިވާ ވީޑިއޯތައް ލީކްވެއްޖެއްޔާ ލަދުންގޮސް ދުނިޔޭގައި އުޅެން ކެރޭނެތަ؟ ކަޅުހެދުންލައިގެން އުޅޭ މީހެއްގެ ވީމަ އަދި ވަރަށް ނަން ވާނެ......." ޖައިދަން ކަމީލާގެ އިސްތަށިގަނޑުގައި ހިފާފައި މޫނަށް ކުޅުޖެހިއެވެ. އެތައް ޒަމާނެއްވާންދެން އެއާދަ ދޫކޮށްލާފައި ހުރެފައި ޖައިދަންގެ ގާތުގައި ކަމީލާގެ އެއްވެސް އަގެއްނެތްކަމާއި ހިތުގައި ކުޑަނަމަވެސް މަގާމެއް ނުވާކަން ހާމަކޮށްދޭން ބޭނުންވީއެވެ. ޖައިދަން ހެއްކެއްގެ ގޮތުން އޭނަގެ ފޯނަށް ލާފައި ހުރި ވީޑިއޯއެއް ޖައްސައިލުމުން ކަމީލާ ގަނޑުވެފައި ހުރީއެވެ. އޭނަ ނިދާފައި އޮތްވާ ޖައިދަން އުދަގޫކުރާކަން އޭނަ ދަނެއެވެ. ނޭގުނީ ޖައިދަން މިހާ ނުބައިވެދާނެ ކަމުގައެވެ. ރީތި ސިފައެއްގައިހުރި ޝައިތާނެކެވެ.
"އަހަރެންދެކެ ތިހާ ރުޅިއަންނަ ސަބަބު ބުނެބަލަ، އަހަރެންގެ ކުށަކީ ކޮބާތަ؟ " ކަމީލާ ހިންދިރުވާލިއެވެ. ބަލި ގަބޫލުނުކޮށް ކުރާނެކަމެއް ނެތެވެ.
"ކޮންއިރަކު މަ އެހެން ބުނީ؟ ނުބުނަމެއްނު ރުޅިއާދެއޭ، ކަޅުހެދުން ލާ މީހުން ކުށެއްނުކުރާނެ، އިނޮސެންޓް ލައިކް އެ ބޭބީ، އެހެންވެގެން މަ މި ޗީކް ފިތާހިތްވަނީ....." ޖައިދަން ކަމީލާގެ ކޮލުގައި ހިފާ ފިތައިގަތެވެ. އެއީވެސް ޖައިދަންގެ އާދައެކެވެ.
"އިރާދަކުރެއްވިއްޔާ އަދި ތިދެލޮލުންވެސް ކަރުނަ އޮހޭނެ، އަހަރެން ރޮއްވާލިވަރަށް ރޯނެ..." ކަމީލާ ދުޢާކުރިއެވެ.
"ޔޫ އާރ ކިޑިން މީ ރައިޓް؟ މިވީހާތަނަށް މީހަކަށް ނުކުރެވިފައިވާކަމެއް ތިއީ، އަތްލާއިރަށްވެސް މަށަށްވިއްޔަ ރޮވެނީ........ކްރައިބޭބީ......" ޖައިދަން ކަމީލާ އެނދާއި ދިމާލަށް ގެންދަން ފެށުމުން ކަމީލާ ގަދަދެއްކިއެވެ. މިފަހަރުވެސް ޖައިދަންގެ ހިތަށް ކުޑަނަމަވެސް އަސަރެއް ނުކުރިއެވެ. ކަމީލާގެ ބާރެއްނެތްކަމާއި ވެރިއަކީ ކާކުކަން އެންގިއެވެ. ކަމީލާގެ ގައިގާ ތެދުވާނެވަރެއްވެސް ނެތެވެ. ވަރުބަލިވެގެންގޮސް ނޭވާލާނެ ވަރެއްނެތި ދެލޯ މަރާލައިގެން އޮތްއިރު ބާލީސް ތެމެމުން ދިޔައީ ވޭނީ ކަރުނަތަކުންނެވެ. ކަމީލާގެ ރުއިމުން ޖައިދަން ވަކިން ބޮޑަށް ފޫހިވެފައި ކޮށްޕާލާފައި ކަމީލާ ދޫލަމައްޗަށް ގަންނަވާލައިފިއެވެ. ކަމީލާ ޖެހުނުގޮތަށް ނުތެދުވެ އޮތްއިރު ގިސްލާފައި ރުޔެވެ. މިފަދަ ސަޒާއެއް ލިބުނީ އޭނަ ގޯސްކޮށް އުޅުނީމަހެއްޔެވެ؟ މިފަދަ އަނިޔާވެރި ފިރިޔަކު އެހެން އަންހެންކުއްޖަކަށް ނުލިބުނިއްޔާ ރަގަޅެވެ. ދޫލަމަތީގައި އޮތުމުން ގައިގާ އަޅާ ވޭންބޮޑުވިއެވެ. ކުރާނީ ކީއްހެއްޔެވެ؟ އޭނައަކީ އަނިޔާލިބެމުންދާ މަޖުބޫރީ އަންހެންކުއްޖެކެވެ.
ފެންނަ ކޮންމެ ފަހަރަކު ކަމީލާގެ ބޮލުގައި ޖައިދަން ފުއްޓަކި ޖަހާލާނެއެވެ. ނޫނީ ކަންފަތުގައި ހިފާ ތަދުކުރާނެއެވެ. މުށް ހުޅުވާލާފައި އިނގިލިތަކުން މޫނުމަތީގައި ޖަހާލާގޮތުންވެސް ކަމީލާއަށް ތަދުފަށެއްވެއެވެ. ކުދިކުދި އަނިޔާތަކަކީ ދުވާލަކު އެތައްފަހަރު ތަހައްމަލު ކުރަން ޖެހިފައިވާ ވޭނެކެވެ. އެހާލުގައި އުޅޭއިރު ކަމީލާ ދަރިފުޅަށްޓަކައި ވިސްނާލައެވެ. ހަގީގަތް އެނގިއްޖެއްޔާ ޖައިދަން ކިހާވަރެއް ވާނެބާވައެވެ. ކަމަކާއިނުލައި އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލި މީހަކަށް އަދި ބަހަނާއެއް ލިބުނީމަ ވާނީ ކިހާވަރެއްހެއްޔެވެ؟
ޖިބްރީންގެ ދެމަފިރިން ބޭރު ގައުމެއްގެ ވިޔަފާރިވެރިންތަކެއް ގޮވައިގެން ރިޒޯޓަށް ގޮސްފައިވާތީ ލޫކަސްއަށް ގެވަނީ ހިތަކަށް ލިބިފައެވެ. އެކަނި ހުރި ދަރިފުޅަށް ވުމުން ބޭނުންވަރަށް އެކުވެރިން ގެނައުމުގެ ހުއްދަ ޖިބްރީންވަނީ ދީފައެވެ. އެކަމަކު މިހުރިހާ އަހަރުތަކެއްވާން ދެން ލޫކަސް އުޅުނީ ސިއްރުވެރިކޮށެވެ. އޭނައަކީ މިހާ މުއްސަންޖެއްގެ ދަރިއެއްކަން އެކުވެރިންނަށްވެސް ރޭކާނުލާނެއެވެ. އެކަނިވުމުން ކޮންމެވެސް ކުޅިވަރެއް ކުޅެން ލިއަމްއާއި ހައިޝަމްއަށް ދައުވަތުދޭން އުޅެފައިވެސް އޭނަ ޚިޔާލު ބަދަލުކޮށްލާފައި ރެސްޓޯރެންޓަކަށް ދާން ނިންމިއެވެ. ތިން އެކުވެރިން ކޮފީއަށް އޯޑަރުކޮށްގެން މޭޒެއްގައި ޖައްސާލިއިރު އެތާތިބިހާ ބަޔެއްގެ ނަޒަރުވަނީ އެ ރީތި ޒުވާނުންނަށް ހުއްޓިފައެވެ.
"ކޮބާތަ ފެމިލީ ކުދިން؟ "ހައިޝަމް ސީދާ ކަމީލާގެ ނަން ނުކިޔަންވެގެން ދުރުދުރުން އަހާލައިފިއެވެ.
"ހޫމް ތި ވާހަކަ ފެށީމަ މިހަނދާންވީ، ކައްމި ކުރީ ދުވަހު ތިތަނަށް ދިޔައީ ކީއްކުރަންތަ؟ ކޮންމެވެސް މީހަކު ބުނި ކައްމި ތި ކްލިނިކަށް ވަންނަނިކޮށް ފެނުނު ވާހަކަ...." ލިއަމް ކަމީލާގެ ވާހަކަ ފަށާއިރަށް ލޫކަސްގެ މޫނުގެ ކުލަ ބަދަލުވެ އިސްޖަހާލައިފިއެވެ. ލިއަމްއަށް އެކަން ފާހަގަކުރެވުނެވެ. އެކުވެރިންނާއިއެކު އުޅޭއިރު އަބަދުވެސް ލޫކަސްގެ ސިއްރުވެރިގޮތެއް ހުރެއެވެ. އެއީ ލިއަމް އަބަދު ވިސްނާކަމެކެވެ. ލޫކަސްގެ މާޒީގައި ކަމެއް ހިނގާފައިވަނީހެއްޔެވެ؟ މިހާރު ލޫކަސް ނަމާދުކޮށް އުޅޭހެއްޔެވެ؟ އޭނައަކީ ދިވެއްސެއްހެއްޔެވެ؟ މުޅިންވެސް ސުވާލުތަކެވެ.
"އޯނޯ ކާކުބުނީ؟ ހީވަނީ ހުރިހާ ދިމާލެއްގައި ކެމެރާ ހަރުކޮށްފައިހެން ހުންނަނީ، ސިއްރުން ކަމެއް ނުކުރެވޭނެ، އޯކޭ، ކައްމި އައީ ސްކޭނެއް ހައްދަން، ނުބުނޭތަ؟ "ހައިޝަމް ހަމަޖެހިލާފައި ބުނެލި ވާހަކައަކުން ލިއަމްގެ އިތުރުން ލޫކަސްވެސް ސިހުނެވެ. ލޫކަސް ބަލައިލިގޮތުން ހީވީ ބިރެއްފެނުނުހެނެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ އެ ޖަޒުބާތުތައް ފޮރުވާލާފައި އެސްފިޔަތައް ތިރިކޮށްލައިފިއެވެ.
'ވަޓް؟" ލިއަމް ގެ މޫނުން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ.
"އަންކަލްއަކަށް ވާން އުޅޭތީ ދެން ފޮނިވާނެކަން އެނގޭ، އެކަމަކު ކައްމި ނުބުނަނީސް އެނގޭކަމަކަށް ނަހަދާތި، އަސްލު ދެން ސިއްރުކުރާކަހަލަ ވާހަކައެއްވެސް ނޫނެއްނު ދޯ، އެކަމަކު ކައްމި ބޭނުންވަނީކަން ނޭގޭ ސަރޕްރައިޒެއް ދޭން...." ހައިޝަމް ހިނިތުންވެލައިގެން އިނދެ ވާހަކަދެއްކިއެވެ.ލޫކަސްގެ ހިތަށް އެތައް ހާސްތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. މެޔަށް ވީ ތޫނު ތަދެއްގެ ސަބަބުން މޭގައި ފިރުމާލަން ބޭނުންވިއެވެ. އޭނަގެ ކަމީލާ އޭނަދޫކޮށްލާފައި އެހެން މީހެއްގެ އަތުތެރޭގައި އުފާކުރާކަން އެނގުމުން އެ ހިތަށް ކުރިއަސަރު ބަޔާންކޮށެއް ނުދެވޭނެއެވެ. މިހާރު އެމީހާގެ ދަރިއަކަށް ބަލިވެ އިނީއެވެ. ހިތް ހަމަ ހަލާކުވެއްޖެއެވެ. ހައިޝަމްއާއި ލިއަމްއަށް ލޫކަސްގެ ހިތުގެ ހާލަތު ރޭކާނުލައި އެދެމީހުން އުފާކުރަމުން ދިޔައެވެ. ހައިޝަމް އެދުނީ އެކަމުގެ އުފަލުގައި އެމީހުންނަށް ކާންދިނުމަށެވެ.
"ޓޫ މަންތްސް މިހާރު ވީ..." ހައިޝަމް ލިއަމްއަށްވެސް ސިއްރުކުރީ ކަމީލާގެ ބަނޑަށް ވީ ތިންމަސްކަމެވެ. ކަމީލާ ހަގީގަތުގައި ސިއްރުކުރަން ބޭނުންވާނީ އެކަމެވެ.
"ލޫކް ކޮބާ ނިންމާލީތަ؟ " ލޫކަސް ކޮފީތަށިން އެކަނި ފުއްދާލާފައި މާ މަޑުން އިނުމުން ހައިޝަމް އަހާލައިފިއެވެ.
ލޫކަސް ގޭގެ މައި ދޮރު ހުޅުވާލިއިރު އެ ރީތި މޫނުމަތިން ފެނުނީ ހިތްހަލާކުވާ ފަދަ އަސަރުތަކެވެ. މާޔޫސީވިވަރުން ކޮޓަރިއާއި ހަމަޔަށް ދާނެ ހިތްވަރުވެސް ނުލިބިފައި ހުރެ ސޯފާއަށް ތިރިވީއެވެ. ފިރިހެނުން ހިތްވަރުގަދަވާނެއޭ ބުނެއުޅެއެވެ. ބޭވަފާތެރި އަންހެންކުއްޖަކަށް ޓަކައި ރުއިމަކީ ހުރެގެންވާނެ ސިފައެއް ނޫނެވެ. ނަމަވެސް އެ ލޮލުގައި ގިނަވެގަތް ކަރުނަތައް ހުއްޓުވުމަކީ ލޫކަސްއަށް ކުރެވުނުކަމަކަށް ނުވިއެވެ. ބަންޑުންވެގެން އޮތްގޮތަށް ތެދުވާހިތް ނުވެފައި އޮތީ މުޅިން މާޔޫސްވެފައެވެ. ގޭގައި ނޯކަރުން ތިބުމުން ގަޑިއަށް ކާން ހަދާނެއެވެ. މަންމަ ހުންނާނީ އިރުއިރުކޮޅާ ލޫކަސްއަށް ގުޅައިގެން ޚަބަރު ބަލަ ބަލައެވެ. ލޫކަސް ފޯނު ނުނަގައިފިއްޔާ ގޭގައި އުޅޭ ނޯކަރުން ލައްވާވެސް ޚަބަރު އޮޅުން ފިލުވާނެއެވެ. މިރަށުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށްލާކަށް ލޫކަސް ބޭނުމެއްނުވިއެވެ. ކަމީލާ އެހާ އުފަލުގައި އުޅެނިކޮށް އެދޭތެރެއަށް ވަދެގެން އާއިލާއެއް ރޫޅާލާކަށް ނުވާނެއެވެ. އެކި ޚިޔާލުތަކުގެ ސަބަބުން އެންމެފަހުން ލޫކަސްގެ ބޮލުގައި ރިހެންފެށިއެވެ. ދެންވެސް އޮތްގޮތަށް އޮތީއެވެ.
"ދަރިފުޅާ، ކިހިނެއްވެފައި ތިއޮތީ، ބަލިވީތަ؟ " އަނދިރިކޮށްފައިވާ ސިޓިންރޫމްގެ ބޮކި ދިއްލައިލަމުން މެހްވިޝް އައިސް ލޫކަސްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.