މާތްﷲ ގުރުއާނުގެ ޒުޚުރުފު ސޫރަތުގެ ތިރީސްފަސް ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ)މާނައަކީ "އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައިނޫނީ ނުވެެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި تقوى ވެރިންނަށް آخرة ގެ نعمة ހުށްޓެވެ."

***

މަންމަ ވެއިޓިން އޭރިއާގައި އިންނާނަން....."

ސިއެރާ ދަމުން އެނބުރި ބަލައިލިއިރު މިލާން ގެ ތުންފަތްމަތީގައި ވި ޖެއްސުމުގެ ހިނިތުންވުން އޭނަގެ ގައިން ހީބިހި ހަލުވައިލިއެވެ. އޭނައަށް ލިބިގެން މިއުޅެނީ ވަރެއްގެ ފިރިހެންދަރިއެކޭ ހިތަށް އެރިއެވެ.

ލިވާއީ އޭނަގެ އަތުގައި ހުރި ޑޮލަރުތަކެއް މިލާންއާއި ދިމާލަށް އުކާލައިފިއެވެ.

"ރެއާ ދުވާލު ޖަންކް ފުޑް ނުކައި ތަންކޮޅެއް ރަގަޅު އެއްޗެއް ކެވޭތޯ ބަލާބަލަ......"

"ކޮންއިރަކުން ފެށިގެން އަހަރެން ކާ އެއްޗެހި ބަލާ އަޅާލާން ފެށީ؟ " މިލާން ހޭންފެށިއެވެ.

"އައިމް އެމްބެރޭސްޑް. މުޅި ދުނިޔެ ތިއީ އަހަރެންގެ ކޮއްކޮއެއްކަން ދަނޭ...މީހުން މިލާންއަށް ކާން ނުދެޔޭ ކިޔާފައި ވާހަކަ ދެއްކީމަ އަހަރެންގެ އާއިލާގެ އިމޭޖްވެސް ހަޑިވުން ނޫން ކަމެއް ނުވާނެ..."

"ހޫމް.. ދެޓްސް މޯ ލައިކް ޔޫ.." މިލާން ހީލިއެވެ. "ކަންބޮޑުނުވޭ. އަހަރެން މި ފައިސާގެ ބޭނުން ކުރާނީ ހެޔޮގޮތުގައި......"

"މިލާން އަމިއްލަސެލްފް ދެކެ އެމްބެރޭސްވާތީ މަރުވާން އުޅުނީ؟ ސިކުނޑީގައި ތެތްކަމެއް ހުރިނަމަ ތިކަހަލަ ކަމެއް ކާމިޔާބުވާނީ .އަމިއްލައަށް މަރުވާން އެޓިކްއަށްވުރެ އުސްތަނެއް މި އޯކްވިލްގައި ނެތީތަ؟ އުސްތަންތަނުން ފުންމާލައިގެން މަރުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. ގިނަފަހަރަށް ބޮޑެތި އަނިޔާތަކެއް ލިބި ނުކުޅެދޭ މީހަކަށްވުން ނޫންކަމެއް ނުވާނެ.. މިހާ ދުވަހު މަރުވާނެ ޗާންސް އޮތްވާ ސުފިޔާން އަންކަލްމެން ގެއަށް ގޮއްސަ ކުއްލިއަކަށް މަރުވާން ހިތަށް އެރީ ކީއްވެ....." ލިވާއީ ސުވާލުކުރިއެވެ.

"އަހަރެން ކޮންމެ ޖަވާބެއް ދިނަސް ގަބޫލުކުރާނީ އަމިއްލައަށް ބޭނުންވާ ގޮތަކަށް ނު. ދެން ސުވާލު ކުރަނީ ކީއްވެ؟ "މިލާން އެހިއެވެ.

"ވަޓް ޑޫ ޔޫ މީން؟ " ލިވާއީ ގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.

"މަރުވާކަށް ނޫނޭ ބުނެފިއްޔާ......."

ލިވާއީ ހޭންފެށިއެވެ.

"ތިހެން ބުނީމަ ގަބޫލުކުރާނީ ކާކުތަ؟ ތިއޮތީ ހޮސްޕިޓަލުގެ އެނދެއްގައި. ހިނގާފައި ދަނިކޮށް ކައްސާލާފައި ވެއްޓުނީއެއް ނޫން. ފުރާޅުމަތިން ވެއްޓުނީ. އަހަރެމެން މޮޔަ ހައްދަން ނޫޅޭ މިލާން. ޔޫ ޓްރައިޑް ޓު ކިލް ޔޯސެލްފް......"

"ބީ އޮނެސްޓް ބްރަދާ. މި މޫނަށް ބަލާފައި އަމިއްލައަށް މަރުވާން އުޅެދާނެހެން ހީވޭތަ؟ " މިލާންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހަމަޖެހޭކަމެވެ. މީހަކު "ރިލްކެސް"ވާނީ އެހާވަރަށެވެ. ލިވާއީ އައި ރުޅީގައި އެތަނުން ނުކުމެގެން ދާން ހިނގައިގަތެވެ. މިލާންއާ ވާހަކަ ދެއްކުމަކީވެސް އުދަގޫ ކަމެކޭ ހިތަށް އެރިއެވެ. މަންމަ ބުނާހެން އުދަގޫ ފިރިހެންކުއްޖެކެވެ.

 

***

މޭޕްލް އެސްޕެން ބާޗްފަދަ ޚަރީފު މޫސުމްގެ ގަސްތައް އެކި ކުލައިގެ ފޭރާންއަޅާފައިވާ އިރު ވައިރޯޅިތައް ގޯނާކޮށްލަނީ ލޯބިވެރިއެއް ފަދައިންނެވެ. ވައިރޯޅިތަކުގެ ސަމާސާތަކުން އުދުހިގަންނަ ފަތްތަކުން ބިންމަތީގައި ބޯ ދޫލަ އެޅެމުންދާއިރު އާޝޯޚުވާހާ ފުރިހަމައެވެ. ބައެއް ދިމާލުގައި ރީދޫފަތްތަކުގެ ދޫލައެވެ. އަނެއް ދިމާލުން ވިދާ ރަތްކުލައެވެ. އޮރެންޖުކުލައެވެ. ބައެއް ހިސާބުގައި އޮރެންޖް ރަތް ރީދޫ ފެހި އަދި ވައިލެޓް ކުލަ އެއްވެފައެވެ. އިރުގެ ދޯދިތައް އެކި ކުލައިގެ ފަތްތަކުގައި ބޮސްދޭއިރު ބަބުޅައިލާ ގޮތް އެހާ ޗާލެވެ. ކޮންމެ ދިމާލަކަށް ބެލިޔަސް ގުދުރަތުގެ އަޖައިބުކުރުވަނިވި ފުރިހަމަކަމުން ތަލިން ކުޅުހިކޭފަދައެވެ. ރެއިނާ މާޒީގެ ހަދާންތަކުން އެކަހެރިވަމުން އިރުގަނޑެއް ވާންދެން މި ޚަރީފުގެ ކުލަތަކުގެ ދުނިޔެއިން އުފާކޮޅެއް ހޯދިއެވެ. މިކާއާއި ނުލާ އުފާ ކުރުމަކީ ކުށެއްކަމަށް ސިކުނޑިއަށް ވިސްނައިދިނަސް ގަޒަލްއަށްޓަކާ ބޭރުފުށުން އޭނަ އެހެން ކުލައެއް ދައްކަންފެށިއެވެ. އަވަށްޓެރި ހިސާބުގައި ގަޒަލްގެ ގޮނޑި ދުއްވަމުން ދިޔައިރު އޯކްވިލްގެ ރީތިކަމަށް ތައުރީފުކުރިއެވެ.

ދެކުދިން އައިސްކްރީމް ގަނެލައިގެން އައިސް ކާންފެށިއެވެ. ރެއިނާ އިރުކޮޅެއްވާންދެން އެއަށް ބަލަން އިނދެފައި އަނގަ ޖެހިއެވެ.

"ވަރަށް ސިކްރެޓިވް. ކީއްވެ ނުކާން އުޅެނީ؟ ހިކިކޮށް ހުންނަން ބޭނުންވާތީތަ؟ ކުރިން ފަލަ ކުއްޖަކީކަމަށްވާނީ. ބުލީކުރީމަ ނުކައި ނުކައި ހުރެ ކުއްޖާ އިންސާނާގެ ކަށިގަނޑެކޭ ތަފާތެއްނެތް." ގަޒަލް އެހިއެވެ.

"ނޫން. އުފަންވީއްސުރެ މިގޮތަށް...ހިކިކޮށް.." ރެއިނާ ކުޑަކޮށް ކެއްސައިލިއެވެ. ފިނިގަދަކަމުން ފްލޫ ނުޖެހުނިއްޔާ ވެދާނެއެވެ.

"މާ ގިނައިރުވާންދެން މި ގަދަ ފިނީގައި އުޅެންޏާ ބަލިވެދާނެ...."

"އަހަރެން ކޮންމެ އަހަރަކު ފްލޫ ޝޮޓެއް ނަގަން. އަސްމާ ހުންނާތީ. ރެއިނާ ؟ "

"ނޫން ނުނަގަން...." ރެއިނާ ބައްޔަށްވުރެ ކަށިތަކަށް ބިރުގަނެއެވެ. "މޮންސްޓާގެ ހާލު ކިހިނެއްތަ؟ "

"އޭނަ މަރެއްނުވި."

މިލާންދެކެ ހިތުގައި އެހާވަރެއްގެ ނަފްރަތެއް އޮތް ސަބަބު އަހަން އަނގަ ހުޅުވާލާފައިވެސް އޭނަ އަނގަ ލައްޕާލައިފިއެވެ. ޒާތީ ސުވާލަކަށް ވެދާނެތީއެވެ. އޭނަވެސް މިހިރީ "މިކާ" ހިތުގެ ފުންމިނުގައި ފޮރުވައިގެންނެވެ. އެކުއްޖާ ޚިޔާލަށް އައުމާއެކު ރެއިނާގެ ލޮލުގައި ކަރުނަ ހިނގާލައިފިއެވެ. އިރުކޮޅަކަށް ލިބުނު އުފާތައް ވަގުތުން ފެނަށްވެގެން ދިޔުމާއެކު ކައިކައި ހުރި މެގްނަމް ޑަސްބިނަށްލިއެވެ.

"ފިނިއިރު ފިނިގަދަ އެއްޗެހި އެހާ ގިނައިން ކާކަށް ނުވާނެ..ވަރަށް ހީކަރުވައިގަނެއްޖެ...ގެއަށް ދާންވީ؟ "ރެއިނާ ގަޒަލްގެ ހުއްދަ ނުލިބެނީސް ގޮނޑި ދުއްވަންފެށިއެވެ. ވަކި ހިސާބަކުން ކުއްލިއަށް ރެއިނާ ރޭހެއް ޖަހައިލިގެން ދުއްވައިގަތެވެ. އެ އާދަޔާޚިލާފު ހަރަކާތުން ހައިރާންވެ އަންތަރީސްވެފައި އިންދާ ފެނުނީ ގޮސް އޭނަގެ ބޭބެ ކައިޔާންގެ ފަހަތުން ބުރަކަށްޓަށް އެރިތަނެވެ. ބާލަން އުޅެ އުޅެވެސް ބޭލުވޭނެ ގޮތެއް ނުވިއެވެ. ރެއިނާ ކައިޔާން ހިފެހެއްޓީ ވަގެއްކަމަށް ހީކޮށްގެން ކަމަށްވެދާނެއެވެ. ގަޒަލް ހީހީ ބަނޑަށް ތަދުވާވަރަށް ހުނެވެ.

 

 

***

ކައިޔާން ގަދަކަމުން ރެއިނާ ބުރަކަށިން ބާލުވާފައި ބަލައިލިއިރު ކުރިމަތީ މިހިރީ ފަސްފޫޓުވެސް ހަމަނުވާ ކުއްޖެކެވެ. އެ ބޮޑު ބޮޑު ދެލޯ ފެނުމާއެކު ކާކުކަން އެނގުނަސް ކައިޔާން ހައިރާންވިކަމަށް ހެދުނީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. މީގެ ފަސްއަހަރު ކުރީގެ މާޒީ މިގޮތަށް ކުރިމައްޗަށް ފުންމާލަފާނެކަމަކަށް އޭނަ ހީކޮށްފައެއް ނެތެވެ. އެއީ އޭނަގެ މޮޔަ ދުވަސްވަރު އެޅުނު ޅަ އެއްޗެކެވެ. އެކުވެރިއެއްގެ ބަހަށް ހެއްލި ކުށެއް ކުރެވުނީއެވެ. ހަޔާތުގެ ކޮންމެ ކަމެއް ދެފަހަރު ވިސްނާފައި ނޫނީ ނުކުރަން އޮންނަނީ ފަހުން އެކަމާ ހިތާމަކުރާނެތީއެވެ. ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗަކަށް ނުވާނެތީއެވެ. "ޓައިމް ޓްރެވެލް" ދުލަށް ފަސޭހަ ލަފުޒަކަށްވިޔަސް ހަޔާތުގެ ކަށި އަނބުރާ ފަހަތަކަށް ދަތުރެއް ނުކުރާނެއެވެ.

ކައިޔާންގެ މޫނަށް ބަލަން ހުރެފައި ރެއިނާގެ މޫނު އަލިވާވަރަށް ހިނިތުންވެލިއެވެ. ދެލޮލަށް ޖަމާވީ އުފަލުގެ ކަރުނައެވެ. އޭނަގެ ދުޢާ ﷲ ސުބުހާނަހޫ ވަތައާލާ އިޖާބަކުރެއްވިލެއް އަވަސްކަމުން ހައިރާންވެސްވިއެވެ. އެތައް ފަހަރު ހަމްދުކުރެވުނެވެ. ޝުކުރު ކުރެވުނެވެ. މި ފަސްއަހަރު ތެރޭ ކައިޔާންގެ އިސްކޮޅުން ދިގުވެ ރީތި ފިރިހެނަކަށްވެއްޖެއެވެ. ހިތް ތެޅޭ އަޑު މައިތިރިކުރަން އޭނަ މޭގައިއަތް އަޅާ ބާރުކޮށްލިއެވެ. ރަކި ހިންޏެއްވެސް ހީލެވިއްޖެއެވެ.

"އަލްހަމްދުލިﷲ......." ރެއިނާ ކައިޔާންގެ އަތުގައި ހިފަން އުޅުމުން ކޮށްޕައިލި ގޮތުން ވިއްސައިގެންގޮސް ހަށިގަނޑު ތަނެއްގައި ޖެހިމުގެ ކުރިން ސިކުނޑީގެ ބެލެންސް ބައި އޭނަ ހިފަހައްޓާލަދިނެވެ.

"ކައި. ކައި... މިއީ ރެއިނާ. އަންހެނުން.......ކައިގެ އަންހެނުން....ޔޯ ވައިފް..............."

"މޮޔަވީތަ؟އެއްޗެއް ބޮއިގެންތަ؟ ތިކިޔަ އެއްޗެއް އަހަރެންގެ އާއިލާ މީހަކަށް އިވިގެން ނުވާނެ މިހިރަ ކުޑަ ކުޑަ ސަފަރު ކައްދަ............" ކައިޔާން ގެ ނަޒަރުން ސިހުމާއި ހައިރާންކަން އަދި ބިރުވެރިކަން އެއްފަހަރާ ފެނުނެވެ. ފުރޭތައެއް ފެނުނަސް އެހާ ވަރުގަދަ ހާސްކަމެއް ފެންނާނެކަމެއް ނޭގެއެވެ. ހުއްޓިގެން ހުރި ގަހުން ފައިބާ އޮރެންޖް ފަތްތައް އެ ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑުގައި ބީހެނީ ނިކަން ލޯބިންނެވެ.

"ތިއީ ކައިކަން އަހަންނަށް ޔަގީން....."

"ކޮން ކައި އެއްތަ؟ މި ދުނިޔޭގައި މި ނޫނީ ކައި އެއް ނޫޅެނީތަ؟ ކައި ކައި... އަނގަ ނުޖަހާ ތަސްބީހައެއްހެން ނުކިޔަސް އަހަރެން ދަންނަ މީހަކަށް ހެދޭނެގޮތަކީ ނެތްގޮތެއް. ދުވަހެއްގެ ކޮޅުން ބައްދަލުވީ މީހެކޭވެސް ކިޔައިގެން ނުވާނެ......" ކައިޔާން ލޯ ހަނިކޮށްލިއެވެ.

"އަހަރެން އިސްކޮޅުން ދިގު ނުވީމަތަ؟ ކަޅުވީމަތަ؟ ނޫނީ ރީތި މީހަކަށް ނުވީމަތަ؟ " ރެއިނާގެ ހިތުގައި ވި ޝަކުވާ ފުންޏަކަށް އޮއްސާލައިފިއެވެ. ގަޒަލްގެ ހުނުމުގެ އަޑު ކައިރިވާހެން ހީވެފައި ބަލައިލިއިރު ގަޒަލް ގޮނޑި ދުއްވަމުން އެދިމާލަށް އަންނަނީއެވެ. ގަޒަލް ހީފައި ބުނީ އެއީ އޭނަގެ ބޭބެ ކައިޔާން ކަމުގައެވެ. ރެއިނާ ވަގެއްކަމަށް ހީކޮށް ވަގު ހިފައިގަންނަން އުޅުނުގޮތް މަޖާވިވަރުން ވީޑިއޯ ކުރިކަމުގައިވެސް ބުނިއިރު ގަޒަލް ހީހީ މޫނު އެއްކޮށް ރަތްވެއްޖެއެވެ. ރެއިނާގެ އަނގަ ލެއްޕުނެވެ. ކައިޔާންގެ ހަގީގަތް އެނގުމާއެކު ހިތަށް ބަރުވެ ނުކުޅަދާނަވެގެން ފައިދަށަށް ވެއްޓި ތެޅުނުކަމުގެ އިހުސާސްކުރެވުނެވެ. ކައިޔާންއަކީ ގަޒަލްގެ ބޭބެއެވެ. ސުފިޔަންއާއި ސަބީނާގެ ދަރިއެކެވެ. ކެނެޑާގެ ރަށްވެއްސެކެވެ. އޭނައާއި އަޅާކިޔޭނެ އެއްވެސް ސިފައެއް ނެތެވެ. ހުރިހާ ގޮތަކުން ބެލިޔަސް ކައިޔާންއަކީ އުޑުގައި ވިދާ ބަބުޅާ ތަރިއެކެވެ. އޭނަ ކައިޔާންގެ ފައިދަށިގެ ހިރަފުސްކޮޅެއްކަމުގައި ނޫނީ ނުވާނެއެވެ. ރެއިނާ ހިން ދިރުވައިލީ އުދަގޫގޮތަކަށެވެ.

"ވަގަކަށް ނުވިކަމީ ރެއިނާގެ ނަސީބެއް."

"ބާތުރޫމަށް ދާން ޖެހިއްޖެ.." ރެއިނާ ފިޔަވަޅުތައް އަވަސްކޮށްލިގޮތަށް ދުވަމުންގޮސް ގެއަށް ވަންތަން ބަލަން ހުރި ކައިޔާންގެ މޫނުމަތިން އަދިވެސް ފެންނަނީ ހާސްކަމެވެ. އެއޮތް ފިނިއިރުވެސް ނިތުގައި ދާތިކިތައް ވިދައެވެ. ނަމަވެސް އަމިއްލަ ނަފުސަށް ވިސްނާދޭންވެސް މަސައްކަތްކުރިއެވެ. ރެއިނާ އެހެން ބުންޏަސް އޭނަ ހާސްވާންވީ ސަބަބެއްނެތެވެ. ރެއިނާގެ އަނގަ ބަންދުކޮށްލީމަ އެނިމުނީއެވެ. އެންމެ ލަފުޒަކުން ރެއިނާ މައިތިރިވެއްޖެކަން ޔަގީނެވެ. އިތުރަށް ޒުވާބު ކުރުމެއް ޝަކުވާ އެއްނެތި ރެއިނާ އެހިސާބުން އެވާހަކަ ނިންމާލައިފިއެވެ. ވާނީ އެހެންތާއެވެ. ރެއިނާއަށްވެސް އޭނަގެ ގާތު ރެއިނާގެ މަގާމު އެނގޭނެއެވެ. އެ ހާދިސާ ހިނގިގޮތް އެންމެ ރަގަޅަށް ދޭހަވާނީވެސް ރެއިނާއަށެވެ. ޝަކުވާގެ ބަދަލުގައި ރެއިނާ ޖެހޭނީ އޭނައަށް ޝުކުރުވެރިވާން ނޫންހެއްޔެވެ؟ ހަތަރު އަހަރުފަހުން އެކުއްޖާ އެހާވަރުން ކެނެޑާއަށް އައީ އޭނަ ހޯދަންބާވައެވެ. ނޫނީ އިއްތިފާގެއް ބާވައެވެ. ގަޒަލްގެ މެއިޑަކަށް މިގެއަށް އައުމަކީ އިއްތިފާގަކަށް ނުވެ ހިގައިދާނެއެވެ. ރެއިނާއާއިމެދު ވިސްނަން ހޭދަކުރެވުނު މިނިޓަކީ ހަޔާތުން ބޭކާރުކޮށްލެވޭ ވަގުތުކޮޅެކޭ އޭނަގެ ޟަމީރު އެންގުމުން ސަމާލުކަން ހުއްޓައިލީ ގަޒަލްއަށެވެ.

***

ރެއިނާ ފާޚާނާއަށް ވަންގޮތަށް މާބްލް މައްޗަށް ތިރިވެވުނެވެ. ކަކުލުގައި ބޯ ޖައްސައިލެވުނެވެ. ހިތްކުދިކުދިވެގެންދާ ފަދަ ގޮތަކަށް އޭނަ ރޮމުންގޮސް ކަރުނަތަކުން ޖިންސްގެ ފައިވެސް ތެމުނެވެ. ކައިޔާން ފެނުމުން ލިބުނު ހިތްހަމަޖެހުން ލޮލުގެ ކުރިމަތިން ބަލަ ބަލާ ހުއްޓާ ސައިބޯނި ބޮތްކެއްފަދައިން ނެތިގެން ހިގައްޖެއެވެ. ހަމްދުކުރީ ހެއްދެވި ފަރާތަށެވެ. ޝަކުވާކޮށް ހިތުގެ އުދާސްތައް އަޑުއިއްވަން ހުރީވެސް އެފަރާތެވެ. އެތައް އިރެއްފަހުން ސިކުނޑިއަށް ލުޔެއް ލިބިއްޖެއެވެ. ތެދުވެ މޫނަށް ފެންޖެހިއެވެ. ދޮވުނު ދޮވުނުހެން ކަރުނަތައް ތާޒާކަމާއެކު އަންނަމުން ދާތީ އިތުރު ވަގުތަކަށް އެތާ މަޑުކުރަން ޖެހުނެވެ.

"ނުރޮއި ރެއިނާ. ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށް. މާތްﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ. އަދިވެސް އެއީ ހަމަ ރެއިނާގެ ފިރިމީހާ. ވަރިއެއް ނުކުރޭނު..." ރެއިނާ ހިތަށް ވިސްނާދިނެވެ.

ކައިޔާންއާއެކު އެއް ފުރާޅެއްގެ ދަށުގައި އުޅެންވުމަކީ ހީކުރިވަރަށްވުރެ އުދަގޫވެދާނެ ކަމެކެވެ.

އެއީ އޭނަގެ ސާހިބާއެކެވެ. އޭނައަކީ ގޭގައި ގެންގުޅޭ ނިކަމެތި ފަގީރު ކުއްޖެކެވެ. މުއްސަދިކަމާއި ފަގީރުކަމުގެ ތަފާތު ހުރިއިރު ކުލަވެސް ހާދަ ތަފާތެވެ. އަމިއްލަ ކަޅު އަތާއި ދިމާލަށް ބަލަން އިނދެފައި ދޮންކުރަން ކްރީމް ގަންނަންވީއޭވެސް ހިތަށް އެރިއެވެ. ދެއްވި ކުލައާއިމެދު މިހާ ބޮޑަށް ހިތްދަތިވި ދުވަހެއް ނާދެއެވެ. ކައިޔާންގެ ދުލުން ސަފަރު ކައްދައޭ ގޮވީތީއެވެ. އޭނަގެ ކުރުކަމާއިމެދުވެސް ދެރަވިއެވެ. ކައިޔާން ދިގުވީމަ ދޮންވީމަ ފޮނިވީއެވެ.

ރެއިނާ ގަސްތުކުރީ ހޫނު ފެނުން ފެންވަރައިލުމަށެވެ. ހެދުންތައް ހަށިގަނޑާއި ވަކިކޮށްލާފައި ޝަވަރަށް ދޫކޮށްލުމަށްފަހު ހޫނުކަމުން އަރާމު ލިބިގަންނަމުން ދިޔައެވެ. ފެންވަރާ ނިމުމުން ރެއިނާ ލޯގަނޑު ކުރިމަތީގައި ބަލަން ހުރެފައި ހިތާހިތުން ކިޔާލައިފިއެވެ.

"ހުތުރުކަން. ބޮޑު ދެލޮލާއި ބޮޑު ތުންފަތް..ނޫޑުލްސްކަހަލަ އިސްތަށިގަނޑެއް..ކައިޔާން އަށް މި ކެނެޑާއިން ނުލިބޭނީ ކޮން އަންހެންކުއްޖެއް. އޭނައާއި ދިމާލަށް ދެވަނަ ފަހަރަށް ކައި ބަލައިވެސް ލާނީއެއްނޫން. ކަޅުކަމުން ރޭގަނޑެއްފަދަ ހުތުރު މީހަކު ކައި އާއި އެކަށީގެނެއްނުވޭ. ދުރުން އުޅޭތި. ނުފެންނާތި. ހަދާން ކުރައްޗޭ. އެކަމަކު މިކާ......މިކާގެ ޚަބަރު އެނގެން ކައިޔާން ބޭނުންވާނެ. އަހަރެން އެ ވާހަކަ ކިޔައިދޭނަން. އޭރުން ކައިގެ ހިތުގައި ރަހުމް އުފެދިދާނެ..އޭރުން އަހަރެންގެ މަގުސަދު ހާސިލުވެ ހިތާމަތަކަށް ނިމުމެއް އައިސްދާނެ. ކައިއަށް ކިޔާދޭން ޖެހޭނެ............" ރެއިނާއަށް އަނެއްކާވެސް ގިސްލެވިއްޖެއެވެ. ދެފައި ތަޅައިގަނެވުނެވެ.

 

***

މިލާންގެ އެޓިކް ނިދާ ކޮޓަރި ފުދޭވަރަކަށް ހިތްގައިމެވެ. އަލަމާރިއާއި ކްލޯޒެޓް ބިތުގައި ހަރުކޮށްފައިވާއިރު ކަޅާއި ހުދުގެ ފަރުނިޗަރެވެ. ކުޑަދޮރުގެ ދާލަމަތިވެސް ކައުޗެއްހެން ހަދާފައި ކުޝަންތައް ޖަހާފައެވެ. އެތަނުގައި އިންނައިރު ވިއު ކިތަންމެހާވެސް ހިތްގައިމެވެ. ކޮޓަރިން ނިކުމެވެނީ ކުޑަ ކާކޮޓަރިއަކާއި ބަދިގެއެއްގެ ތެރެއަށެވެ. އަމިއްލައަށް ކައްކާލައިގެން ކައިގެން އުޅެ އުޅެ އަތުގައިވާ ފައިސާ ހުސްވާން ކައިރިވުމުން ވަޒީފާއެއް ހޯދަން ގަސްތުކުރިއެވެ. މިލާން ކަންނޭލުގައި ބައްދާލައިގެން އޮވެފައި އަތުގައި އޮތް ރިމޯޓް ފާރުގައި ޖެހިއެވެ.

"ކާފައާއި މާމަ މަތިން ހަދާންވާވަރު....."

"ތިހެން އޮވެ ކޮޓަރި އެފުށް މިފުށަށް ޖެހިޔަސް ކާ އެއްޗެއް ލިބޭނީ އެއްނޫން... ޑޭމް....." ބަނޑުހައިކަމުގެ އުދަގޫތައް އޭނަ ތަންމަތިން ތެދުވުން މަޖުބޫރުކޮށްފިއެވެ. ފިނި ހިފާފައިވާ ރަގްތައް މަތީ ފައިތިލަ އަޅަމުންގޮސް ކާބަޔަށް ވަނެވެ. ފްރިޖް ހުޅުވައިލިއެވެ. ގާތްގަނޑަކަށް ހުރިހާ އެއްޗެއް ހުސްވެފައެވެ. މޭޒުމަތީ އޮތް ވަޅި ފެނި އޭނައަށް މޮޅު ޚިޔާލެއް އައެވެ.

 

***

ގަޒަލްއާއި ރެއިނާ ބަގީޗާތެރޭ ތިބިއިރު ރެއިނާ ގެ ހިތާމައާއި ރިހުންތައް ފޮރުވައިގެން ހުރެ ހީހީފައި ކިޔާދެމުން ދިޔައީ އޭނަ ބެލި ޑްރާމާއެއްގެ ޚުލާސާއެވެ. ހިތް ރޮމުންދާއިރުވެސް ރެއިނާގެ ބޭނުމަކީ ގަޒަލް އުފާކޮށްދިނުމެވެ. ކައިޔާންއާއި އެއް ފުރާޅެއްގެ ދަށުގައި އުޅެން ވުމުން އޭނަގެ ހިތަށް ވާ އުދަގުލާއި ރޭ ރޮވުނުވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެތައް އަހަރެއްގެ ދިގު އިންތިޒާރަކަށްފަހު ފިރިމީހާއާއި ދިމާވުމުންވެސް ހިތަށް ލިބުނީ އިތުރު ހިތާމައެކެވެ. ކައިޔާން ހަޔާތުނ ނެރެ އެއްލައިލީ ހާދަ ނިކަމެތިކޮށެވެ.

"ރެއިނާ. އަހަންނަށް ފީލްވަނީ މޮންސްޓާ އަހަރެމެންނަށް ބަލަން އެބަހުރިހެން. އެކަހަލަ ބިރުވެރި ފީލިންއެއް ވަނީ. ރެއިނާ ބަލާލަބަލަ............" ގަޒަލް ކުއްލިއަކަށް ބުނެލިއެވެ. ރެއިނާ އެޓިކްއާއި ދިމާލަށް ނަޒަރު ހުއްޓައިލިއވެ. ގަޒަލް ބުނީ ހަމަ ތެދެކެވެ. ބިރުވެރިކަން ސާލެއްފަދައިން ރެއިނާގެ ގައިގާ އޮޅާލާ ކަނދުރާގެ ލޯލިތައްވެސް ކޮޅަށް ޖައްސުވައިލިއެވެ. މިލާން އެ ހުރީ ކުޑަދޮރު ކައިރީގައެވެ. ތުނި ބިއްލޫރިތަށްޓެއްގައި ހުރި ރަތް ކުލައިގެ ބުއިމެއް ބޮނީއެވެ. އަތާއި ލައިގެން ހުރި ޓީޝާޓުވެސް ލެއިން ފެވިފައެވެ. ރެއިނާ ސިހުނުވަރުން އަވަހަށް ކަކޫމައްޗަށް ތިރިވެ ފިލަން މަސައްކަތް ކުރިއެވެ.

"އޯމައިގޯޑް. އޭނަ ލޭ ބޮނީ..ގަޒަލް ބުނީ ހަމަ ތެދެއް. އެއީ އިންސާނެއް ނޫން..." ރެއިނާ ވައި އަޑަކުން ބުނެލިއެވެ. އަދި ފިނިވެ ގަނޑުފެންކޮޅެއްހެން ވެފައިވާ އަތުން ގަޒަލްގެ އަތުގައި ބާރަކަށް ހިފަހައްޓައިލިއެވެ.

"އަހަރެން ބުނީމެއްނު އެއީ ސުޕަނެޗުރަލް އެއްޗެކޭ. ޖިންނި އެއް ނޫނީ ފުރޭތައެއް. ޔަގީންވާ ކަމަކީ އިންސާނެއް ނޫންކަން. މަންމަމެން ގަބޫލުކުރާނެ ނަމަ..."

- ނުނިމޭ -

ކޮމެންޓް 0