ﷲ ސުބުހާނަހޫ ވަތައާލާ ގުރުއާނުގެ ޒުމަރު ސޫރަތުގެ ސާޅީސް ނުވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ) މާނައަކީ "ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاء ކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އޭނާޔަށް نعمة އެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمة ލިބިފައިވާކަން ކަށަވަރީ، ތިމަންގެ علم ވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحان އެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ."

***

މީހަކު ހިތް ހަރުވާނީ އެވަރަށް ނޫންހެއްޔެވެ؟ އޭނައަކީވެސް އަންހެންކުއްޖެކެވެ. އޮތީ މަހާއި ލެއިން ހައްދަވާފައިވާ ހިތެކެވެ. އެހިތުގައި ވިންދުޖަހައެވެ. އޭނަ ނިކަމެތި ކުއްޖަކަށްވީމަ އެންމެން އެހާ ނަފްރަތުކުރުމަކީ އިންސާފެއް ހެއްޔެވެ؟ ކައިޔާންގެ އަތް ޖެހުމުން ހީކަރުވައިލިގޮތަށް ހީބިހިވެސް ނެގިއެވެ. އެހާ ގާތުން ލޯ ފެނުމުން އަދި ހުއްޓުން އަރާފައި ހުރެވުނީއެވެ. ކުއްލިއަކަށް ރެއިނާގެ ހިތާމަތައް އެއްފަރަތްކޮށްލާފައި އޭނަވެސް ކައިޔާންއާއި ދިމާލަށް އެއްޗެކޭ ބުނެލަން ބޭނުންވިއެވެ. އޭނަ އަތުން ދެން ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތެވެ. ލިބުނު އަގުބޮޑު ހަދިޔާ އަތުން ބީވެއްޖެއެވެ.

"ލޯ ހުރެއްޖެއްޔާ ފެންނާނެ. އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ނުބަލާ ދެން ކާކަށްތަ ބަލަންވީ؟ " ރެއިނާ ހިތާމައިން ފުރިގެންވާ ހިނިތުންވުމަކާއެކު ސުވާލުކުރިއެވެ. ލޮލާއި ހަމަޔަށް އެ ހިނިތުންވުން ނުފޯރިއެވެ.

"ދަރިފުޅޭ؟ " ކައިޔާން އަނގަޔަށް ހަދައިލިގޮތުން ނުބައި އެއްޗެއް ކެވުނު ކަހަލައެވެ.

"އާނ. މިކާގެ މަތިން ހަދާން ނެތުނީތަ؟ އަހަންނަށް ސިޓީވެސް ފޮނުވި. ކުރީކޮޅު ހަދިޔާތަކާއި ހެދުންތައްވެސް ފޮނުވީމެއްނު. އެފަހުން ޚަބަރެއްނުވީ...." އެވާހަކަ ދައްކަން ފެށުމުން ކައިޔާން ޝޮކެއްގައި ކަހަލަ ގޮތަކަށް ހުރީއެވެ.

"މިކާ ކޮންމެ ދުވަހަކު އެތައް ފަހަރު ބުނާނެ ބައްޕަ ކޮބާހެއްޔޭ. ބައްޕަގެ ގާތަށް ދާންށޭ ބޭނުމީ." ރެއިނާ އިތުރަށް ބުނެދިނެވެ.

"މިހާރު ދެން މަގޭ ބޮލުގައި ދަރިއަކު އަޅުވަން ތިއުޅެނީ؟ އަހަރެން ބަދުނާމްކުރަންތަ؟ ތި ވާހަކަތައް ގަބޫލުކުރާނެ މީހެއް މިގެއަކު ނެތް. ތިގޮތަށް އަހަރެންނޭ ކިޔައިގެން އަނގަ ތަޅަންޏާ މިގެއަކު ނުބަހައްޓާނަން. ޑިޕޯޓްކުރުވާނީ....." ކައިޔާން އިންޒާރު ދިނެވެ.

"މިކާ މަރުވެއްޖެ. އަހަރެންގެ ލޯބިވާ ދަރިފުޅު މި ދުނިޔެއަކު ނެތް. އެ ބަދުނަސީބު ކުޑަ ކުޑަ ދަރިފުޅު ބައްޕަ ދެކޭހިތުން ކުރި އުއްމީދުތައް އެ ދަރިފުޅާއިއެކު ކަނޑުވެއްޖެ. މިކާ މަރުވީ ގެނބިގެން ކަނޑަށް. އަހަންނަށްޓަކާ ތި ހިތުގައި ލޯތްބެއް ކުލުނެއް ނެތަސް އަމިއްލަ ދަރިފުޅަށްޓަކާ އިހުސާސެއް ވާނެކަން ޔަގީން. އެންމެ ފަހަރަކުވެސް މި ދަރިފުޅަށް ބަލާލަބަލަ. އެޓްލީސްޓް ފޮޓޯއަކުން ނަމަވެސް ބައްދަލުކޮށްބަލަ. އޭރުން އެ މައުސޫމް ފުރާނައަށް ހަމަޖެހުމެއް ލިބިދާނެ...." ރެއިނާގެ ލޮލުން ކަރުނަ ތިކިތައް ތިރިއަށް ދެމެން ފެށިއެވެ.

"ލުކް. މިއީ މިކާ.." ރެއިނާ ފޯނުން ފޮޓޯ އަލްބަމް ހުޅުވިއެވެ. މިކާގެ ނަން ޖަހާފައި އިން ފޯލްޑާ ހުޅުވިއެވެ. ކަރުނައިގެ ތެރެއިން ހީލެވުނެވެ. "މިހިރީނު..."

"ތިބުނާ ކުއްޖާގެ މަރުން އެއްޗެއް ނުވިސްނުނީމަ ހައިރާންވެއްޖެ. އޭގެ މާނައަކީ އަހަރެމެން ދެމީހުންގެ އޮތްހާ ގުޅުމެއް ނިމުނީއޭ. އެކުއްޖާ ހުރިނަމަ ކޮންމެވެސް ރިލޭޝަނެއް އޮވެދާނެ. އެނގޭތަ؟ ގޯޑްގެ ޕްލޭން ޕަފެކްޓްވާނެ. އަހަރެމެން އިންސާނުންނަކަށް ނުކުޅެވޭނެ. ދިރިއުޅުމުގެ ކޮންމެ ވަގުތެއް ކޮންމެ ސަފުހާގައި ހިކުމަތެއްވޭ. އަހަރެމެން ދެމީހުން ގުޅެން ނެތީމަ ތިކުއްޖާ މަރުވީ.ތިކުޑަ ސިކުނޑިންވެސް އެވަރު ވިސްނޭނެ ކަން ޔަގީން. ސޮރީ ފޯ ޔޯ ލޮސް.. އަހަންނަށް ރަގަޅީ ފޮޓޯ ނުދެއްކިއްޔާ. ނޮޓް އިމްޕޯޓެންޓް. މަރުވިކަމީ ކާކުގެ ނަސީބެއްކަން ނޭގޭ.........." ކައިޔާން ފޯނު އަތުން ދުރަށް ޖައްސާލުމަށްފަހު ބާރު ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރާފައި ދޮރު ލައްޕައިލިއެވެ. ރެއިނާ ފަހަތުން ދުވަމުންގޮސް ކާރާއި އަރާ ހަމަވީވަގުތު ކާރު ނައްޓައިލުމުން ކަކޫމައްޗަށް ތިރިވިގޮތަށް ބިންމަތީ ދެއަތް ޖައްސަލައިގެން އިނދެ ރޮމުން ދިޔައީ ހިތްހަލާކުވެފައި ފަދަ ގޮތަކަށެވެ. ކައިޔާންގެ ހިތް ހަރުކަމުން ކުރި އަސަރަށް ވުރެ ބޮޑަށް އޭނަ ރުއީ ދަރިފުޅަށްޓަކައެވެ. ފުރިހަމަ ނުވި އުއްމީދެއްގައި ހުރެ ނިޔާވީތީއެވެ. ބައްޕަގެ ހިތުގައި މިކާއަށްޓަކާ ޒައްރެއްގެ މިންވަރަށްވެސް ލޯބި ނެތްކަން އެނގުމުންނެވެ.

މަރަކީ އެފަދަ ހިތި އެއްޗެކެވެ. އަޖަލު ޖެހުމުން ހިނދުކޮޅަކަށްވެސް އަވަސްވުމެއް ނޫނީ ލަސްވުމެއް ނެތެވެ.

"ގޯޑް. އިމޯޝަނަލްވެގެން އަހަރެން ބްލެކްމެއިލް އެކުރަނީ. ބޯގޯސްވީކަން ނޭގެ. ސްކިޒޮފްރީނިއާ ނޫންތަ. އަހަރެން ދުވަހަކު ސިޓީއެއް ފޮނުވީއެއްނޫން. ސިޓީގަނޑެއް ކީއްކުރަން މެސެޖެއްހާ މިންވަރުވެސް ކޮށްލިނަމަ ތާ. އެކުވެރިއަކު ބުނެގެން އަދި މަޖަލަށް ކުރި ކަމެއް. މިކާ އެކޯ. ރަގަޅަށްވިއްޔާ ހަދަހަދައިގެން އެ ވާހަކަ ދެއްކީ. ނަހައްދަވާ ސިޓީއެއްގެ ވާހަކަ ދެއްކީމަ އެކަން ޔަގީންކުރެވިއްޖެ. އަހަރެންގެ އެކުވެރިއެއްގެ އެކުވެރިއަކަށް މިކާލް ކިޔާ. މިކާލްގެ އެޑްމަޔަރާއެއްކަމަށް ވާނީ..ކޮންމެވެސް ކުއްޖެއްގެ ފޮޓޯއެއް ދައްކާފައި އަހަރެންގެ ދަރިއެކޭ ބުނެފާނެ..ކޮންފަދަ ބޯ ގޯސް އަންހެނެއް..........." ކައިޔާން އެކުވެރިޔާގެ ނަމްބަރު ފެނޭތޯ ފޯނު ހާވަންފެށިއެވެ. އަމިއްލަ ނަފުސަށް ހާސްފަހަރު މަލާމާތްކުރިއެވެ. މިވަރުގެ މޮޔަކަމެއް އެ އުމުރުގެ އެހެން ފިރިހެނަކު ކުރާނެ ކަމެއް ނޭގެއެވެ.

"އާ..........." ކައިޔާން ކާރުގެ ހުންގާނަށް ބޭލި އެތިފަހަރުގެ ދިލަކަން އިހުސާސްކުރަން ޖެހުނީ ޚުދު އޭނައެވެ. އޭނަ އަދި ރެއިނާއަށް އިންޒާރު ދޭނެއެވެ. މާޒީގައި ކުރެވުނު މޮޔަ ކަމެއްގެ ސަބަބުން އޭނަގެ ކުރިމަގަށް ހުރަސް އެޅިގެންނުވާނެއެވެ. އޭނަގެ އާއިލާއަށް އެ މާޒީގެ ބިރުވެރި ހިޔަނި އެޅިޔަދީގެން ނުވާނެއެވެ.

***

ރެއިނާގެ ފޯނު ހުޅުވާފައި އެނދުމަތީ ބޭއްވުނީ އޮޅުމަކުންނެވެ. ގަޒަލްގެ ސަމާލުކަން ދެވުނީ މިކާ ޖަހާފައި އޮތް ފޯލްޑަރަށެވެ. ސިއްރު ކޮނުމަކީ ރަގަޅުކަމެއް ނޫންކަން އެނގިހުރެވެސް އަމިއްލަ ހިތުގެ ގޮވުމަށް އިޖާބަ ދެވުނެވެ. އެ ފޯލްޑަރު ހުޅުވާލުމުން ހީކުރިފަދައިން ފެނުނީ ޒުވާން ފިރިހެނެއް ނޫނެވެ. ދެއަހަރުގެ ފިރިހެންކުއްޖެކެވެ. އިރުގައި ގިނައިރުވުމުން އެހުންނަ ބްރޯންޒްކުލައިގެ ހަމަކާއި ފަން އިސްތަށިގަނޑެކެވެ. ކޮނޑާއި ހަމަޔަށް ދިގުކޮށް އޮތްއިރު ލޯބިކަމުން އަތްލާ ހިތްވާނެއެވެ. ކޮންމެ ފޮޓޯއެއްގައިވެސް އެކުއްޖާ އެހާ ރީއްޗެވެ. ރެއިނާ އެކުއްޖާގެ މޫނާއި މޫނު ޖައްސާލައިގެން ނޫނީ ބީޗްގައި އުރާލައިގެން ނުވަތަ އަތުގައި ހިފަހައްޓާލައިގެން ހުރި ފޮޓޯތައްވެސް ޕީޕީއަށް ލާން ހިތްގައިމެވެ. ކައިރިން ނަގާފައިވާ ޝޮޓްތަކުގައި ރެއިނާ އެކުއްޖާއަށް ބަލަން ހުރި ކޮންމެ ފޮޓޯއަކުން ފެނުނީ އާދަޔާ ޚިލާފު ލޯތްބެކެވެ. ދުނިޔޭގެ ހުރިހާ އުފަތަކެއް އެލޮލަށް އެޅި ވިދާހެންނެވެ. އެހާވެސް ލޯބިން ފުރިފައިވާ ނަޒަރުތަކެވެ. މިއީ ރެއިނާގެ ކާކުހެއްޔެވެ؟ ބޮޑަށް ލަފާކުރެވުނީ ކޮއްކޮއަކާއެވެ. އޭނައަށް ރެއިނާ ހުވަފެނުގައި މިކާލް ކީހެން ހީވިޔަސް ލާމު އަކުރުގެ ބަދަލުގައި އިނގިރޭސިން އޮތީ ހާ އަކުރެކެވެ. މިކާހްއެވެ. އެކުއްޖާ އާއި އެނަން ކިތަންމެހާވެސް ގުޅެއެވެ.

ރެއިނާގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަވަހަށް ފޯނު އޮތްތަނުގައި ބާއްވާފައި ގަޒަލް އޭނަގެ ފޯނުނެގިއެވެ.

"ރެއިނާ. އަހަރެންގެ ފައި ރަގަޅުނުވާނީތަ؟ނުހިނގޭނީތަ؟ "ކުއްލިއަކަށް ގަޒަލް އެހިއެވެ.

"ސުބުހާނަﷲ.ގަޒަލް އަހަރެން ފާލު ބަލާ މީހަކަށް ހަދައިފި. ހެހެ...އަހަރެން ބުނާނީ މިރެކްލްސް މިހާރުވެސް ފެނެއޭ. ﷲ ސުބުހާނަހޫ ވަތައާލާ ބަލި ޖައްސުވަނީ އެފަރާތުން ޝިފާވެސް ދެއްވާނެ. ޕޮޒިޓިވްކޮށް ވިސްނަންވީ. ޖަސްޓް ޕްރޭ....." އޭނަ ގަޒަލްއަށް ހިތްވަރުދިނުމުގެ ގޮތުން ބުނި ކަމުގައިވިޔަސް އޭނަވެސް ނާ އުއްމީދުވެ ދުނިޔެ ނިމޭނެނަމައޭ ހިތަށް އެރި އަދަދެއް ވެސް ނޭގެއެވެ.

"ކޮން ދުވަހެއް؟ މިހާރު ބައްޕަމެން އެހާވަރުން އަޅާނުލާ. އެކަނި އޮލީވިއާ ގެނެސް ތެރަޕީ ދެނީ..."

"އޮލީވިއާއަށް އެކަމެއް ނުވިއެއްނު. ރާގީއެއް ގެންނައިރަށް ގަޒަލް ގެ ދެފައި ހަރަކާތްކުރާނެ. އެނގޭތަ؟ އަހަރެމެންގެ އަވަށްޓެރިއަކު ކުއްލިއަކަށް މޮޔަވީ. އެކުއްޖާ ހެދުމެއްނުލާ މަގުމައްޗަށް ނުކުމެ އަތުނުވެ ދުވެގޮސް ކަށިކެޔޮގަހެއްގެ ކުރިއަށްވެސް އަރާނެ. އެހެން އުޅެނިކޮށް މާލެއިން އައި ރާގީއަކު ކިޔަވަން ފެށުމުން ހަމަޔަކަށް އެޅި ފަހުން މީހަކާއި އިނދެ ދަރިއެއްވެސް ލިބުނު. ސިހުރާއި އެސްފީނާ އޮންނަކަން ގުރުއާނުން ސާބިތުވޭ. ކީއްވެ ގަޒަލްގެ ޕޭރެންޓުން ޖިންނިތައް އުޅޭކަމަށް ގަބޫލުނުކުރަނީ. އެމީހުންނަކީ މުސްލިމުންތަ؟ އަސްލު މިހެން މިއެހީ ކޮންމެހެން ގަޒަލްގެ ޕޭރެންޓުންގެ ގަދަރު ކުޑަކުރާކަށް ނޫން. އެކަމަކު..." ރެއިނާ އެހިއެވެ.

"އެއީ މުސްލިމުން. އެކަމަކު ޖިންނިން އަހަރެމެންނާއެކު އުޅެދާނެކަމަށް ގަބޫލެއް ނުކުރޭ..."

"ރެއިނާ. މިކާއަކީ ކާކު؟"

"ކީއްވެ ތިހެން އެހީ؟ " ކުއްލިއަކަށް ރެއިނާ ސިހި ލޯ ބޮޑުކޮށްލީ ފާފައެއް ކޮށްފައި ބިރުން އުޅުނުފަދައިންނެވެ. އޭނަ ހީކުރީ ކައިޔާން އެވާހަކަ ދައްކާފައި އޭނަ ކެނެޑާއިން ފޮނުވައިލަން އުޅެނީކަމުގައެވެ.

"ރެއިނާ ނިދަން އޮވެ މިކާ އޭ ކިޔާފައި ހަޅޭއްލަވާތީ....." ގަޒަލް ރެއިނާގެ މޫނަށް ބަލަން އުދަގޫވުމުން ކުޑަދޮރުތަކުން ބޭރަށް ބަލަންފެށިއެވެ. ފޯނުން އެ ފޮޓޯ ފޯލްޑަރު ބެލި ވާހަކަ ބުނެފިއްޔާ ރެއިނާ ނުރުހިދާނެއެވެ. ޕްރައިވެސީއަކީވެސް އޮންނަ އެއްޗެކެވެ. އޭނަ މީހެއްގެ ހައްގަކަށް އަރައިގަތީއެވެ.

"މިކާ......އެއީ އަހަރެންގެ ދަރިފުޅު..." ރެއިނާގެ ލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ވަގުތުކޮޅެކެވެ. ސާފު ބޮޑު ދެލޮލުގައި ހުދު ޖަވާހިރުތައް ފަދައިން ކަރުނަތިކިތައް ވިދައިގަތެވެ.

"އޯ އެކަމަކު....އާ ޔޫ މެރީޑް؟." ގަޒަލް ލޯ ބޮޑުކޮށްލިއެވެ.

ރެއިނާވެސް ކުޑަ އަންހެންކުއްޖެއްފަދައެވެ. އެހާ ހިކިވެފައި އިސްކޮޅުން ކުޑައެވެ. އެވަރުކުއްޖަކުވެސް ދަރިއަކު ވިހާފާނެއެވެ. ނަމަވެސް ރެއިނާއާއި ބެހޭގޮތުން އެނގުނު ހަގީގަތް ގަޒަލް އަޖައިބު ކުރުވައިފިއެވެ. އަޖައިބުވާންވީ ވަރުކަމެއްވެސް ނޫނެވެ. ފަނަރައަހަރުގައި މީހަކާއި އިނދެގެން ދަރިއަކު ލިބުމަކީ ނިސްބަތުން މަދު ނަމަވެސް ހަގީގަތެކެވެ.

"މިކާ ގެނބިގެން މަރުވީ........" ރެއިނާ އެހެން ބުނުމާއެކު މޫނުގައި ދެއަތް އަޅައިގެން ބާރު ބާރަށް ރޮއިގަތެވެ. ގަޒަލްގެ ހިތަށްވެސް އަސަރުކުރުވިއެވެ. އެ ރީތި ފިރިހެންކުއްޖާ ހަމަ މަރުވީހެއްޔެވެ؟ އެވެސް ގެނބިގެން ހެއްޔެވެ؟ ހިތާމަހުއްޓެވެ. މަންމައަކު އެފަދަ ހާލަތެއްގައި ކެތްކުރާނެ ގޮތެއް އޭނަގެ ވިސްނުމަށްވެސް ނައެވެ. އޭނަ ރެއިނާގެ އަތުގައި ހިފަހައްޓައިލިއެވެ. ހިތްހެޔޮކަމުގެ ގޮތުން އަބަދު ނަންވެފައިވާ ގަޒަލްއަށް މިފަދަ ހިތާމައަކަށް ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ ރެއިނާއަށްޓަކާ އޭނަގެ ހިތް ހަމްދަރުދީއިން ބަންޑުންވިއެވެ. ރެއިނާ އެނދުގެ މަގަތުގައި ބޯ އަޅާލައިގެން އެތައް އިރެއްވާންދެން ރުއިއިރު ގަޒަލް އެކުއްޖާގެ ބޮލުގައި ފިރުމިއެވެ. އެވަގުތު ދައްކާނެ ވާހަކައެއް ގަޒަލްގެ ދުލަކަށްވެސް ނައެވެ.

ހިތްފުރެންދެން ރޯލުމަށްފަހު އިސްއުފުލައިލިއިރު އަނދުނެއްނެތް އެ ލޮލުގެ ކަޅު އެސްފިޔަތައް ތެމިފައިވާއިރު އެ ލޮލުގެ ރީތިކަން ގަޒަލްއަށްވެސް ފާހަގަކުރެވުނެވެ.

"ގަޒަލް. މިކާގެ ބައްޕައާއިހެދި ވަރަށް އުޅުނު. އެކަމަކު ދިމަލެއްނުވި. އެ ބޭވަފާތެރި ބައްޕަގެ ގާތުގައި މިކާ މަރުވީ ވާހަކަ ބުނުމުންވެސް އެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރި..." ރެއިނާ ބުނެދިނެވެ.

"އިންހިއުމަން. ހާދަ ހިތް ނުބައި މީހެކޭ. އެމީހެއްގެ ނަން ބުނޭ. އައި ވިކް ކިލް ހިމް..." ގަޒަލް ދަތްތަކަށް ބާރުލިއެވެ.

ރެއިނާ ކަންބޮޑުވިއެވެ. އެ ކެހިވެރި ފިރިހެނާއަކީ ގަޒަލްގެ ލޯބިވާ ބޭބެއެކޭ ބުނަންވީހެއްޔެވެ؟ އެ ހަގީގަތް ޚަންޖަރަކަށްވެ ގަޒަލްގެ ހިތް ކަތިލައިފާނެއެވެ. ކައިޔާން ހިތްހެޔޮކަމުގެ ނަމޫނާއަކަށްވެގެން ހުރެ ނިކަމެތި އަންހެންކުއްޖެއްގެ ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ. ހިލަހިތެއްގެ ވެރި ރަހުމެއްނެތް އިންސާނެކެވެ. ބައްޕައާއި ބައްދަލުނުވެ އެ ކުޑަ ކުޑަ މިކާހް ދުނިޔެއާއި ވަކިވެގެން އެދިޔައީ ކޮންފަދަ ހިތްދަތިގޮތަކަށް ހެއްޔެވެ؟ އެހެންވުމުގެ ހިކުމަތް ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. މި ފަނާވެދަނިވި ބޭކާރު ދުނިޔެއެއްގައި އުޅޭވަރަށްވުރެ އެ ކުޑަ ފުރާނަ މާ ރީތީއެވެ. މިތަނާއި އެކަށީގެން ނުވަނީއެވެ. އެ ކުޑަ ފުރާނައަކީ ސުވަރުގޭގެ ދޫންޏެކެވެ. އޭނަގެ މަންމައަށްޓަކާ ގިޔާމަތާއި ހަމަޔަށް އިންތިޒާރުކުރާނެއެވެ. ހިތްދަތިވެ ރޮވެމުން ދިޔައިރުވެސް ރެއިނާ ގަޒަލްއާއި ވާހަކަދެއްކީ މިކާއަށް މިދުނިޔެއަށްވުރެ ޖަންނަތުގައި އުޅުން އުފާވެރިވާނެކަމުގައި ބުނަމުންނެވެ. މިކާގެ ކުރު ހަޔާތުގެ އެކި ދުވަސްތައް އޭނަ ގަޒަލްއާއި ހިއްސާކުރިއެވެ.

އެރޭ ވަރަށް ގިނައިރުވާންދެން ރެއިނާ ގަޒަލް ގާތު އެނދުގައި ވާހަކަދައްކާލަން އޮތެވެ. ގިނައިން ދެއްކީ މިކާގެ ވާހަކަތަކެވެ. ދޭތެރެއަކުން ރެއިނާ ރޮއިލައެވެ. ބައެއްފަހަރު މިކާ ކޮށްފައިވާ މަޖާ ކަމެއްގެ ވާހަކަ ދައްކާފައި ހެމުންގޮސް ރޯން ފަށާފާނެއެވެ. ފަހަރަކު ޓިޝޫއެއް ނަގާ އޭނަ ޑަސްބިނަށް ލިއެވެ. ދެކުދިންގެ އެކުވެރިކަމުގެ ގުޅުން ކުރިއަށްވުރެ ވަރުގަދަވިއެވެ. ގަޒަލްގެ މައިންބަފައިންނާއި ބޭބެމެންނާއި ދިމާވަނީ ހަމައެކަނި ހަފްތާ ނިމޭ ދުވަސްތަކުގައާ ރޭގަނޑުއެވެ. ގިނަވަގުތު ރެއިނާއާއެކު އުޅެ އުޅެ އެދެކުދިންގެ ދޭތެރޭ އޮތް ދުރުކަމުގެ ފަރުދާ ނެގި ގާތް ވަމުން އައީއެވެ.

***

މިލާން މިފަހަރު އެކްސިޑެންޓްވީ ކާރެއްގައި ޖެހިފައެވެ. ޖެހުނުލެއް ބާރުކަމުން ބުރާންތި ވާ ގޮތްވިއެވެ. ނަސީބަކުން ބޮޑު އަނިޔާއެއްނުވެ ހަމައެކަނި ހަން މަށައިގެން ދިޔުމުގެ އިތުރުން ފައިތިލައަށް އަނިޔާވީއެވެ. މިފަހަރުވެސް ސިއެރާއާއި ލިވާއީގެ ފަރާތުން "ލެކްޗާ" އަޑުއަހަން ޖެހުނެވެ. މިލާން އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އަމިއްލައަށް އޭނަ މަރުނުވެގެން އެންމެން އިންތިޒާރުކުރާނެކަން އެނގޭތީ އެމީހުންގެ ފަރާތުން މާފަށް އެދުނެވެ. "ސޮރީ މިފަހަރުވެސް އަހަރެން މަރުނުވީމަ.." އެކަމާ ރުޅިއައިސްގެން ސިއެރާ އަނދައިގަތްގޮތަށް މިލާންގެ ކަންކަށިމައްޗަށް ވީއްލައިލި ބާރު އެތިފަހަރުން ލޯމަތިން ކުދިކޮކާ ބުރައިލިއެވެ. އައިސްޕެކެއް މޫނުމަތީ ޖައްސާލައިގެން އިރުކޮޅަކު ހުރުމުން ދުޅަ މަޑުވިއެވެ.

މިލާން ހަރުގަނޑުން ތިރިއަށް ފޭބިއިރު ގަޒަލްއާއި ރެއިނާ ޕޫލްކައިރީ ތިބިތަން ފެނުނެވެ. ރެއިނާ ދާގަނޑަކުން ޕޫލްގައިވާ ފަތްތައް ނަގަނީއެވެ.

"ބަލައިގެން އުޅެބަލަ. ރެއިނާ ބުނީމެއްނު ފަތަން ނޭގެއޭ...." ގަޒަލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ރުންކުރުވެފައިވާ ގޮތަކަށެވެ.

"ހޫމް ނޭގޭ. އެކަމަކު މިއީ މަޖާކަމެއް....ކެޗިން ގޯލްޑެން ލީވްސް.........."

"ރެއިނާ...ޑީމަން އެބައާދޭ...އޯނޯ....އޯނޯ..." ގަޒަލް އަވަސް އަރުވާލާފައި ބުނި ޖުމްލަތަކުން ރެއިނާ ސިހިފައި ތެދުވާން އުޅެގަތުމުން ކައްސާލައިގެން ގޮސް އޭނަ ޖެހުނީ ފިނި ފިނި ފެންގަނޑުގައެވެ. ފުންދިމާލުގައެވެ.

"ރެއިނާ......" ގަޒަލް ތޫލި އަޑަކުން ހަޅޭއްލަވައިގެންފާ ގޮނޑި ދުއްވާލިގޮތަށް ދާދި އަވަހަށް އެހިސާބާ އަރާ ހަމަކޮށްފިއެވެ. އަދި ދެއަތްތިލަ ބިންމަތީ ޖައްސާފައި ފިރުކެމުން ގޮސް ޕޫލްގެ އަރިމަތީގައި އޮވެ ރެއިނާއާއި ދިމާލަށް އަތް ދިއްކޮށްލައިފިއެވެ. ނޭވާނުލެވިގެން ތެޅިގަތް ރެއިނާއަށް ފުންމައިގަނެފައި ގައި ހުރި ބާރާއެކު ގަޒަލްގެ ދެއަތުގައި ހިފައިގަނެވިއްޖެއެވެ. ގަޒަލް ރެއިނާ ސަލާމަތްކުރަން އުޅުމުގެ ތެރޭ އޭނަވެސް ކަހާލައިގެންގޮސް ފެންގަނޑަށް ޖެހުނު މަންޒަރު ދެކެ ނުފެންނަކަމަށް ހަދާލާފައި ލޯ މަރާލައިގެން ދާކަށް މިލާންގެ ޟަމީރު ތަނެއް ނުދިނެވެ. އެހެން މީހަކަށް ގޮވާނީއެވެ. އޭނަގެ އަތާއި ފައި އަދި މޫނުގައި ހުރި ޒަޚަމްތަކުގައި ބޭސް ޖަހާފައި ހުރުމުން ތެމޭހިތެއް ނުވިއެވެ. އެހާ ފިނިގަދައެވެ. ފަތަން ނޭގޭ ކުދިންތައް އެކަނި ދޫކޮށްލާފައި ދިޔަ ބަޔެއްގެވެސް މޮޔަކަމާއެވެ. އެއްވެސް މީހަކު ފެންނާން ނެތުމުން މިލާން ފޫހިވެފައި ހުރެ އެކުދިންގެ ހާލު ބަލައިލަން ނިންމިއެވެ.

ނުނިމޭ

ކޮމެންޓް 0