"މައިންބަފައިންނަކީ ﷲ ސުބހާނަހޫ ވަތައާލާގެ އެންމެ އަގުބޮޑު ހަދިޔާއެވެ. "

***

ޖިބްރީލްގެ ވިސާ މައްސަލައެއް ޖެހިގެން ރާއްޖޭގައި ވީ. އަދި އަންނާނެ. މާދު އެކުއްޖާދެކެ ވަރަށް ލޯބިވޭ. އެހާ ފަސޭހައިން އެއްވެސް މީހަކަށް އަދި އެދަރިފުޅު ދޭނެހެން ހީނުވާކަމުގައި ބުނި...." މިލާން އިތުރަށް ބުނެދިނެވެ. ހައްލަކީ ރެއިނާ އައްމާދުއާއި ކައިވެނި ކުރުމެވެ. އޭރުން ޖިބްރީލްއާއެކު ދިރިއުޅުމުގެ މަގު ފަހިވެގެންދާނެއެވެ. ނަމަވެސް މިލާންގެ މިޒާޖު ހުންނަގޮތުން އެފަދަ ހުށަހެޅުމެއް ހުށަހަޅަން ބޭނުމެއްނުވީއެވެ. އެއީ ރެއިނާގެ އަމިއްލަ ކަމެކެވެ. ނަމަވެސް ޖިބްރީލް އައްމާދުއާއި އެހާ ވަރުގަދަ ގުޅުމެއް އޮވެ ބައްޕަ ކަމުގައި ދެކެފައިވާއިރު ދަރިފުޅަށް ރަގަޅުވާނީ އެގޮތް ނޫންހެއްޔެވެ؟

"ތެންކިއު ޑޮކްޓަރ މިލާން....." ރެއިނާގެ ލޮލުން ޝުކުރުވެރިކަން ފެންނާން ހުއްޓެވެ.

"އެއީ އެވަރުކަމެއްނޫން..."

"އެހާ ބޮޑު އިހުސާންތެރިކަމެއް އެހެން އިންސާނަކަށް ކޮށްދެވޭނެ ކަމެއް ނޭގޭ. ދުނިޔެއިން އެންމެ މުހިއްމު ފަރާތްވީ ތަން ނޭގިގެން ހާދަ ދެރައެއްވިއޭ. އެކަމަކު ކޮންމެ ކަމެއްގައި ބްރައިޓް ސައިޑެއްވާނެ. ދަރިފުޅު ނުގެއްލުނުނަމަ ފަހަރެއްގައި ﷲ ސުބުނާހޫ ވަތައާލާ މަތިން ހަދާން ނައްތައިލެވި ހަމަ އެކަނި ދުނިޔެއާއިހެދި އުޅެވުނީސް...." ރެއިނާ ހިނިތުންވެލިއެވެ.

ގަޒަލްއާއި ދިމާލަށް މިލާން ނަޒަރު ހުއްޓާލުމާއެކު އޭނަ ދޫ ނެރެލިއެވެ. ޑޮކްޓަރަކަށްވިޔަސް އެ ޅަގޮތެއް ނުކެނޑުނެވެ.

"މިލާން. މިލާންތަ ޖީމިން އައިސްކްރީމާއި ޗޮކްލެޓާއި ފްލާވާސްއާއި ނޯޓް ފޮނުވަނީ؟" ގަޒަލް ތަންކޮޅެއް ބާރަށް އެހީ ރުންކުރުވެފައިވާ ގޮތަކަށެވެ. "އައި ނީޑް ޓު ނޯ. އޭރުންތާ ޖަވާބެއް ދެވޭނީ. އެހާ ފިނޑިވެގެން ލޯބިވެވޭތަ؟ ސީދަލަށް

ބުނެބަލަ.........................................."

ގަޒަލްގެ އެ ސީދާ ސުވާލުން މިލާން ހުއްޓުންއެރި ހިނދުކޮޅެއް އައެވެ. ދެން ހޭންފެށިއެވެ.

"އަހަރެން މިތަނުން ތިރިއަށް ބާލަދީފާނަންތަ؟ އާފްޓާ އޯލް ތިއީ ހަޒްބެންޑެއްނު. އިރުވެސް އޮއްސެނީ..." ގަޒަލްގެ ތަބީއަތު ނިކަން ރަގަޅެވެ. އެހެންނޫނަސް މިލާންއަށްޓަކާ އޮތް ނަފްރަތު މަޑުމަޑުން ފިލާ "ހަމްދަރުދީ" ނޫނީ އެނަން ކިޔާ އެހެން ޖަޒުބާތެއް ސިކުނޑީގެ ފުންކަމުގެ ތެރެއިން މަޑުމަޑުން ވުޖޫދަށް ނިކުތީއެވެ. ރެއިނާއަށް ދަނޑިވަޅު ލިބުމާއެކު އަތުން އިޝާރަތްކޮށްލީ އޭނަ ފާޚާނައަށް ދާން ޖެހިއްޖެކަމުގައެވެ. ގަޒަލް އަށް ޔަގީންވިއެވެ. އެއީ ފާޚާނާއަކަށް ދާކަށް ނޫނެވެ. އޭނަ ރެއިނާ އަތު ޖެހުނުއިރަކުން ހަދާލާނެގޮތް އެނގިދާނެތާއެވެ. ނަމަވެސް ދެފައި ނެތް ބޭކާރުމީހަކަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ މިތަނުން ތިރިއަށް އެރެވޭނެ ގޮތެއްވެސް ނޭގުނެވެ. އިމަޖެންސީ ހާލަތެއް އަޔަސް މަރުވާންދެން ހުންނަން ޖެހޭނީއެވެ.

"ހާދަ ހިތް މައްޗަކަށް އަރައިގެން ތިއުޅެނީ؟ދެފައިނެތް ނުކުޅެދޭ މީހަކާއިހެދި މަ އުޅެންޏާ މަ ކަހަލަ މުއްސަދި މިލިއަނަރެއްގެ ސިކުނޑިއެކޭ ކިޔާފައި އޮންނާނީ ގަބުޅިއެއް. ސޮރީ ގަޒަލް. އަހަރެން ނަށް ތިކަހަލަ ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ. ތިއީ މަށެއްނޫން. ޔަގީނެއްނޫންތަ. އަހަރެން ގެންގުޅޭ އަޅު ކަލޭގެ ކުރާ ކަމެއް ނޫންކަން؟ ."މިލާންގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ." ތިތާ އޮވެ މަރުވިޔަސް މަށެއް އަތްނުލާނަން. ހަޒްބެންޑޭ؟ ލަދުން މަރުވާނެ. އިވޭ ހިސާބުގައި މީހަކު ނެތްކަމުން ލަދުން ސަލާމަތްވެއްޖެ......ބި****"

ގަޒަލްގެ ހިތަށް ތަދުވާކަހަލަ ކިތަންމެ އެއްޗެއް ބުނެފައި މިލާން އެތަނުން ދާން ހިނގައިގަތެވެ.

ރެއިނާއާއި މިލާން އެގޮތަށް އޭނަފަދަ ބަލި ކުއްޖަކު އެހީތެރިކަމެއް ނެތި އެގޮތަށް ދޫކޮށްފައި ދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

އިރުއޮއްސި އަނދިރިކަން ވަށައިލިއެވެ. އަނދިރިކަމާ އެއްވަރަށް ފިނިކަންވެސް އިތުރުވަމުން އައީ އެކީގައެވެ. ވައިރޯޅިއެއްގެ އެއްވެސް އަސަރެއްނެތެވެ. ހިރިލާ އެންމެ ފަތެއްވެސް ނެތެވެ. އެކަމަކު އޭނަގެ އަތުގައި ފިނި ވައިރޯޅިއެއް ބީހިލައިފިއެވެ. އަތުން ހީބިހި ނަގައިގަތެވެ. ކުއްލިއަކަށް އިތުރު މީހެއް އުޅޭކަމުގެ އިހުސާސެއް ކުރެވި ބިރުގަންނަގޮތްވެސް ވިއެވެ. ކޮންމެވެސް ވަރަކަށް ނޭވާ ހާސްވިއެވެ. މަޑު ފިޔަވަޅުތަކެއްގެ އަޑު އިވިގެން ފަހަތަށް ބަލައިލެވުނެވެ. އަނެއްކާ ގުޒްލާން ހެއްޔެވެ؟ ގުޒްލާންގެ ރޫހުހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. ބަރުޒަޚު އާލަމާއި މި ދުނިޔެއާއި ދެމެދު ވާ ފާރަކީ އެގޮތަށް ރޫހުތަކަށްވެސް ފޫ އަޅުވާލާފައި އާދެވޭނެ ތަނެއްނޫނެވެ. ފާރެއްނޫނެވެ. ނަމަވެސް އެ ދުނިޔެއާއި މި ދުނިޔޭގެ ވަގުތާއި ހުރިހާ ކަމެއް ތަފާތެވެ. ވީއިރު މަރުވެއްޖެ މީހަކު އަނބުރާ އައުމަކީ މުސްލިމުން ގެ ގަބޫލުކުރުންތަކާއި އަރައިރުންވާ ކަމެކެވެ. ވީއިރު ދެން ކާކުހެއްޔެވެ؟ ގަޒަލް ޕެނިކް އެޓޭކް އަތުވެދާނެތީ އޭގެ ކުރިން އެހީއަކަށް އެދި ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލެވިއެވެ. އޭނަ މަންމައާއި ބައްޕައަށް ގޮވިއެވެ. ބޭބެމެންނަށްވެސް ގޮވިއެވެ.

"ރެއިނާ....ރެއިން. ރެއިނާ................." ގަޒަލްގެކަރުން ދިލަ ނަގައިގަތެވެ. އަޑު ކުރެހޭގޮތްވިއެވެ.

"މިލާން..............." އެމީހެއްގެ ނަން ނުކިޔަން ހުއްޓަސް އެންމެފަހުން އެ ނަމުން ގޮވަން މަޖުބޫރުވިއެވެ. ކިތަންމެ އަނދިރިޔަސް އެކުޑަ ގޭގައި ބޮކިތައް ދިއްލަން ސްވިޗާއި ހަމަޔަށް ދާނެ ގޮތެއްވެސް ނެތެވެ.

ކުއްލިއަކަށް އަނދިރީގެ ތެރެއިން ހިޔަންޏެއްފަދައިން ފެނުނީ މިލާންއެވެ. މިލާންގެ ހިޔަނިވެސް އޭނަ ހިތު ދަހެވެ.

"މަގޭ ނަމުން ހަޅޭއްލަވަނީ ކީއްވެ؟ " މިލާންގެ އަޑު ބަރެވެ.

ގަޒަލް ޖަވާބެއް ނުދީ އިނީ ގުޑައިލަންވެސް ނުކެރިފައެވެ. މިލާންއަކީ އިންސާނެއް ނޫނެވެ. ޖިންނިއެކެވެ. ޔަގީންވީ މިހާރުއެވެ.

"ފިރިމީހާ ވީމަކަން އެނގޭ......." މިލާން ގެ ލޯ ދިއްލުނެވެ. ފެހިކުލައިގެ ތެރެއިން ނުކުތް އަލިފާންކޮޅު ސިފަވީ ނިކަން ބިރުވެރިކޮށެވެ. މިއީ "ސްލީޕް ޕެރެލެސިސް" ކަމާއި ލޮލަށް ފެންނަ މަންޒަރެއް ނޫންކަމަށް ބުނެދޭން އުޅުނަސް ހިތުގައި ބިރުވެރިކަން ހިފައިގަތީ އޭނަގެ ސިކުނޑި ގަނޑުކޮށްލަމުންނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަގެ މޫނަށް އަނދިރިވިއެވެ. ހޭލެވުނުއިރުވެސް އޮވެވުނީ އެ ކުޑަ ގޭގެ އެނދުގައެވެ. މިލާންގެ އުނގުގައި ބޯ އަޅައިގެން އޮތްއިރު މިލާން އޭނަގެ މޫނުގައި ފެން ހާކަނީއެވެ. އެލޮލާއި ލޯ ގުޅުމާއެކު ގަޒަލްގެ ހިތް އަވަސްވެގަތެވެ. ރެއިނާގެ އަޑުވެސް އިވުނެވެ.

"ޖީޖީ. އޯކޭތަ؟ގެއަށް ވަންތަނާ ފާޑަކަށް ގަދަ ނިންޖެއް އައީ. އައިމް ސޯ ސޮރީ. " ރެއިނާ މާފަށް އެދުނެވެ.

"އަހަރެންވެސް އައިސްކްރީމް ގަނެގެން އައިއިރު ގަޒަލް ވެއްޓިފައި އޮތީ.." މިލާންގެ އަޑުގައި މިފަހަރު އޯގާތެރިކަމެވެ.

"އަވަހަށް ގެއަށް ގެންދޭ. ޕްލީޒް. ޕްލީޒް.." ގަޒަލް ތެދުވާން މަސައްކަތްކުރިއެވެ.

"މިލާން ހެލްޕް. ޖީޖީ ކޮންމެވެސް ކަމަކާ ބިރުގަނެފައި ތިހިރީ..." ރެއިނާ މިލާންއަށް ބުނެލިއެވެ.

އޭނައަށް ފެނުނު މަންޒަރު ކިޔައިދިނީ މަންމަމެން އައުމުން ކޮފީއެއްގައި ތިބެއެވެ. މެގްނޯލިއާ ގަހުގައި ކޮންމެވެސް ރޫހާނީކަމެއް އުޅޭކަމަށް ބުނިއިރު މިލާންއައިމެދު ޝައްކުވާކަމުގައި ބުނުމުން އިއާންއާއި ހާޒިލްއަށް މަޖާ ކަމަކަށްވިއެވެ. ސުފިޔާންއަށް އެ ވާހަކަ ގަބޫލުކުރުން ދަތިވިޔަސް އޭނަގެ ބައްޕަގެ ޖުމްލަތައް ކަންފަތުގައި ގުގުމައިލިއެވެ. ޖިންނިންނަށް އީމާންވިޔަސް ޖިންނިން މިހާ ފައުޅުގައި އިންސާނުންނަށް ހަމަލާދީ ގޯނާކޮށް ދިރިއުޅުމަށް ދަތިކޮށްފާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ބައްޕަގެ ވާހަކަ ގަބޫލުކުރަން އާއިލާ މީހުން ތައްޔާރަށް ނެތަސް އޭނަ އެ ވާހަކަ ސިއްރުކޮށްގެން ހުރުމުގެ މާނައެއް ނެތެވެ.

"ބައްޕަ ނިޔާވީ އަތްމައްޗަށް. ހަމަޔަގީނުންވެސް ބައްޕަގެ ބުއްދިއަށް އުނިކަމެއް އައިސްފައެއް ނުވޭ. އެންމެ ކުރިންވެސް ވަސިއްޔަތްކުރީ މިލާންއާއި ގަޒަލްގެ ކައިވެނިކޮށްދޭން. މިލާންފަދަ ރަގަޅު ފިރިޔަކު އަންހެންކުއްޖަކަށް ނުލިބޭނެއޭ ބުނި. އެކަމަކު މިލާންއާއި އަވަލައިގެން އުޅެނީ މިގޭ މެގްނޯލިއާ ގަހުގައި ދިރިއުޅޭ ޖިންނި އާއިލާއަކުން ކަމަށާއި މިލާންއަށް ބާރު ފޯރުވައިގެން ގުޒްލާން މަރައިލީ ކަމަށާއި ކުރާ ކޮންމެ އެފަދަ ކަމަކީ އަސްލު މިލާންގެ ހަށިގަނޑުގެ ތެރެއަށް އެ ޖިންނި ވަދެގެން ކުރުވާ ކަމެކޯ. އަދި ގަޒަލްއަށް ނުހިގެނީވެސް ޖިންނީގެ ސަބަބުންނޭ ބުނީ. މި އާއިލާގެ ކޮންމެ މަރެއް ކޮންމެ ހިތާމައެއް އެ ޖިންނިންނާއި ގުޅުން އެބަހުއްޓޭ. މިގޭގައި ދިރިއުޅޭހާ ހިނދަކު ރައްކާތެރިކަމެއް ނެތްކަމާއި އެހެން ތަނަކަށް ހިޖުރަކުރުން ނޫނީ ރުގުޔާ ކުރުވަން ބައްޕަ އެދުނީ........." ސަބީނާ ކިޔާދިންއިރު އެކަކުވެސް ނޭވަވެސް ނުލާފަދައެވެ. އަޖައިބެއްފަދަ ހިމޭންކަމެއް ވެރިވިއެވެ. ކަނުލާ އަހަން އެންމެން ސަބީނާގެ މޫނަށް ބަލަން ތިބިއިރު ސަބީނާ މޮޔަވީހެއްޔޭ އެ ލޯތައް ބުނާފަދައެވެ. މި ޒަމާނުގެ ސައިންސް އަލީގައި އެ ޖިންނިން އިންސާނުންނާއި ކައިރިވާކަމުގެ އެއްވެސް އިލްމެއް ހޯދިފައެއް ނެތެވެ.

"ކާފަ އެހުރިހާ އަހަރުތަކެއްވާންދެން އެ ހާ ބޮޑު ޖިންނި ސިއްރެއް ނުބުނެ ހުރީ ކީއްވެގެންނޯ...." ހާޒިލް އެހިއެވެ.

"މަންމައަކަށްވެސް ތިކަމެއް ނޭގޭ...."ސަބީނާ ގަޒަލްގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. އެ ނަޒަރުގައި ވަނީ އުއްމީދު ދޭފަދަ ގޮތެކެވެ.

"މަންމާ. ތިއީ ހަގީގަތެއްނޫން. ސްލީޕްވޯކިން ޑިފެންޑްކޮށްދޭން ނަފްސާނީގޮތުން އަސަރުކޮށްގެން ހުރެ ގުޒް މަރައިލީ ކަމަށް ކާފަ ހަދަން އުޅުނު ނަމަވެސް ގަބޫލު ކުރެވުނީސް. އެކަމަކު ޖިންނިންގެ ބޮލުގައި ކާފަ އެޅުވީ. އެވެސް އެތައް ޒަމާނެއްވީ ފަހުން. އެކަން ކާފައަކަށް ޕްރޫވްވެސް ކޮށެއް ނުދެވުނު..." ހާޒިލް ދެކޮޅު ހެދިއެވެ.

"ހާޒިލް ލޯޔަރަކަށްވުރެ ދެރައެއްނޫން. މަންމާ. ޖިންނިން އެހާ ވަރުގެ ޕްލޭންތައް ރާވާ ރިވެންޖް ނަގަން އުޅެފާނެތަ؟ ދެން އެ ގަހުގައި އެމީހުން އުޅެންޏާ އުޅެންވީނު. ކާކު އެ މީހުންގެ ގެއިން ބޭރަށް ލީ. ޖިންނިން ދިރިއުޅެން ވަކި ގެއެއް ބޭނުންވަނީތަ؟ އެމީހުން އިންސާނުންފަދައިން ހަށިތަކެއް ނުހުރެއެއްނު. އެނީވޭސް ދެން ތާކު އުޅުނަސް އެމީހުން ގަހެއް ގެއެއްކަމަށް ހަދާ އެއީ ގެކަމަށް ދައުވާކުރިޔަސް އަދި މެގްނޯލިއާ ގަސް ކަނޑައިލިވެސް ނަމަތާ. ގަބޫލެއް ނުކުރެވޭ ދޯ..ވަޓް އެބައުޓް ޔޫ ޑޭޑް؟ "އިއާންވެސް ހާޒިލްއާއި އެއްކޮޅަށް އެރިއެވެ. "ސޮރީ ސްވީޓްހާޓް. ދޮންބެ ކޮއްކޮ ދެރަކުރާކަށް ނޫން އެކަމަކު ޖިންނި ކަމަކަށްވުރެ ހެލުސިނޭޝަންއަކާ ވައްތަރީ. ވެމްޕަޔަރުން އޭލިއަންސް ޒޯމްބީސް މިއީ މުޅިންވެސް ފިކްޝަނަލް.................."

" ޖިންނިން އުޅޭ އެކަމަކު މި ލެވެލްއަކަށް ނު އެއް ދާނެ....." ސުފިޔާންވެސް އެއްބައިވިއެވެ.

"ނޫން. ބައްޕައާއި ބޭބެމެންނަށް އެ މަންޒަރުތައް ނުފެންނާތީ. އަޅުގަނޑުވެސް އުޅުނިން ސްލީޕް ޕެރެލެސިސްކަމަށް ހަދަން. އެކަމަކު އެހެނެއްނޫންކަން ޔަގީންވެއްޖެ. އެއެއްޗެހިތައް އެބައުޅޭ. އެކަނި ސައިންޓިފިކް ނަޒަރަކުން ނޫން ވިސްނަންވީ. ރޫހާނީ ކަންތައްތައްވެސް އުޅޭ އަދި ޖިންނިންވެސް އިންސާނުންނަށް އުދަގޫކުރާކަން އެނގެން އޮވޭ. ކިތަންމެ ދުވަހަކު އެ ޖިންނި އެކި ގޮތްގޮތަށް ފެނިއްޖެ. ހަމަ ކޮންޝަސްކޮށް އިންދާ މިލާންގެ ސިފައިގާ އަނދިރީގެ ތެރެއިން ނިކުތްގޮތަށް ލޮލުން އަލިފާން ފޮނުވައިލީ. އަދި އެކަން އެކަނިއެއްނޫން. ރުޅިވެރި ނަޒަރަކުން ބަލަން ހުރީ. ދެން އެންމެ ރަގަޅު. ކިއްވެގެންތޯ އަޅުގަނޑަށް ނުހިގެނީ؟ ނަހަދާ ޓެސްޓެއްނެތް އެކަމަކު ނަތީޖާއެއް ނުފެނުނު. ސޯ ކީއްވެގެންތޯ މިހާ ދުވަސްވީއިރު އަޅުގަނޑު ޕެރެލައިޒްވެފައި މިއިނީ؟ " ގަޒަލް ގެ އަޑު ކުޑަކޮށް ބާރުވިއެވެ.

"އަދި އެނގޭނެ......." ހާޒިލް ބުނެލިއެވެ.

"އަޅުގަނޑު ދެން ބޭނުމެއްނޫން މެޑިކަލް އެއްވެސް ކަމެއް ކުރުވަން. ކާފަގެ ވަސިއްޔަތުގައިވާ ގޮތަށް ރުގުޔާ ކުރުން ބޭނުމީ............................" ގަޒަލް ފަހު ނިންމުންފަދަ ގޮތަކަށް ބުނެލިއެވެ. ކުޑަކޮށް މޫނު ހަދައިގެން އިނދެއެވެ.

"ނޯ ވޭ.....އެއީ ފޭކް ބަޔެއް.." ހާޒިލް ދެކޮޅު ހެދިއެވެ.

"ޑޮކްޓަރުންނަށްވުރެ ފޭކްކަން ކުޑަވާނެ. ސަބަބަކީ އެޓްލީސްޓް އެމީހުން ގުރުއާން މެދުވެރިކޮށް ޝިފާ ހޯދަނީ. ގުރުއާނަކީ މުއުމިނުންނަށް ޝިފާއެއް.. އައި ލޮސްޓް ޓްރަސްޓް އިން ޑޮކްޓާސް.....ފޭކްކަން އެނގުނީމަ. " ގަޒަލް ރުޅި އައިސްފަ އިނުމުން ވަހަކަދެއްކީވެސް އަދަބުކުޑަކޮށެވެ.

"ހެހެ..ސްވީޓްހާޓް ދޮންބެމެންދެކެވެސް ރުޅި އައީތަ؟ "

"ރުޅިއެއްނޫން. އެކަމަކު....ސުބުހާނަﷲ. އެނގިއްޖެ. ސޯ ކައިގެ ފްލައިޓް ވައްޓައިލީ ޖިންނި......" ގަޒަލް އަނގަމަތީ އަތްއެޅިއެވެ. އިއާންއާއި ހާޒިލްއަށް ހުނުން ހިފަހައްޓައެއް ނުލެވުނެވެ. ގަޒަލްއަށް އިހުސާސް ކުރެވުނީ މަލާމާތެއް ކަމުގައެވެ. އެހެންވެ ރޮވުނެވެ. ސުފިޔާން ތެދުވެގެން އައިސް ގަޒަލް ގެނެސް މޭގައި ޖެއްސިއެވެ. ގަޒަލްއަށްޓަކާ ކޮންމެފަދަ ކަމެއް ކުރަން ތައްޔާރަށް ހުރިކަން ހާމަކޮށްދިނެވެ. ގަޒަލް ޕެރެލައިޒްވީ ދުވަހު ދަރިފުޅުގެ ކުރިމަތީގައި ހިތްވަރުކުރިޔަސް އެހިތަށް ކުރި އަސަރާއި ރުއިވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެއަށްވުރެ ދެރަވި ދުވަހަކަށް ދެން ހަޔާތުގައި އައީ ގުޒްލާންގެ ވަކިވުމެވެ. އެކުދިންނަކީ ސުފިޔާންގެ ލޮލުގެ ނޫރެވެ.

ހާޒިލްއާއި އިއާން ކޮއްކޮ ރުޅިއަރުވާލާ ދިމާކޮށްފައިވެސް ރޯތަން ފެނުމުން ދެރަވިއެވެ.

އެޒުވާނުން ދެކުނު ގޮތުން ގަޒަލްއަށް ބޭނުންވަނީ ނަފްސާނީ ޑޮކްޓަރެކެވެ.

އެވާހަކަތައް އަހަން އިން ރެއިނާއަށް ގަބޫލުކުރެވުނީ ކާފަގެ ވަސިއްޔަތަވެ. މިގޭ ތެރޭގައި ރޫހާނީ ބިރުވެރި ކަންތައްގަނޑެއް އެބައުޅެއެވެ. ޖިންނިން "ރިވެންޖް" ނުނަގައޭ ބުންޏަސް އެއީ ތެދު ވާހަކައެއް ނޫނެވެ. މީހަކު އެއްލައިލާ އޮށަކުން ޖެހި އޭގެ ދަރިއެއް މަރުވިޔަސް އެ އިންސާނަކަށް ކުރާ ދުއްތުރާތަކުގެ ވާހަކަ ލިޔެފައި ހުރޭ ނޫންހެއްޔެވެ؟ ކޮންމެ ކަމެއް ސައިންސްގެ އިލްމުގައި ނުހޯދޭނެއެވެ. ޣައިބުގައިވާ ކަންތައްތަކުގެ އިލްމު އެ މީހުންނަކަށް ނޭގޭނެއެވެ.

***

ރެއިނާ އޭނަގެ ލަންޗް ތަބައް ހިފައިގެން ދިޔައީ ބެލާމެން ތިބި މޭޒަށެވެ. ބެލާ ހީލާފައި ސަލާމް ބަލައިގަތުމުން ރެއިނާ ހައިރާންވިއެވެ. އޭނައާއި މައިރީން ގަޒަލްއާއި ބެހޭގޮތުން ސުވާލުކުރިއެވެ. ރެއިނާ ބުނީ ކުޑަކޮށް ބަލިވެގެން ނާދެވުނީ ކަމަށެވެ. ބެލާއަށް އައި ބަދަލާއި އޭނަ ހެދުން އަޅާ ގޮތް ތަފާތުވުމާއި އަދި ކުރިން ހުންނަ ނުލަފާ ކަމާއި ފޮނިކަން ދޫކޮށްލީ ކީއްވެ ބާވައޭ ރެއިނާގެ ހިތަށް އެރިއެވެ.

"ކުރީ ދުވަހު ބެލާއާއެކު ހުރި ކުޑަ ބޯއި...އެ ކުއްޖާ..............." ރެއިނާ ހިންދިރުވައިލިއެވެ. އެހެން ނަމެއް ކިޔަން އޭނައަށް ފަސޭހައެއް ނޫނެވެ. އެއީ އޭނަގެ މިކާއެވެ.

"ޖިބްރީލް...ހޫމް.." ބެލާގެ ލޮލުން ޝައުގުވެރިކަން ފެނުނެވެ.

"އެއީ ފެމިލީ ކުއްޖެކޭ ބުނީމެއްނު...." ރެއިނާ އެހިއެވެ.

"ފިއާންސޭގެ ދަރިފުޅު....." ބެލާ ރަގަޅުކޮށްލަދިނެވެ. ރެއިނާ ޖޫސްތަށި ފޮދެއް ބޯލި ވަގުތު އެ ޖުމްލަ އިވި ކޮށި ނޭރީ ހަަމަ ކިރިޔާއެވެ.

"ބުނެބަލަ. ރެއިނާ ޖިބްރީލްއަށް އެހާ ޝައުގުވެރިވީ ދަންނަ ކުއްޖަކާ ވައްތަރީތަ؟ "

"ހީ ރިސެމްބްލްސް މައި ސަން އެލޮޓް...." ހަގީގަތް ފޮރުވައިގެން އެތައް އަހަރެއްވާންދެން ހުރެވިއްޖެއެވެ. މިކާގެ މަންމައަކަށް ވުމަކީ ދުނިޔެއަށް ސިއްރު ކުރަންވީ ކަމެއް ނޫނެވެ. ސިއްރު ނުކޮށް އެހެން މީހުން ހަދާ ފަދައިން މިކާހްގެ ފޮޓޯތައް ލާ އިޝްތިހާރު ކުރިނަމަ މާ ކުރިންވެސް ފެނުނީހެވެ. ނޫނެވެ. ކުރިން އޭނައަށް ހުރެވުނީ އަނދިރީގައެވެ. މަންމަމެން ބުނި ކޮންމެ އެއްޗެއް ގަބޫލުކުރެވުނީ އޭނަގެ ޅަ ކަމުންނެވެ.

"ވާޓް..............." ބެލާމެންނަށް ހައިރާންކަން ލިބުނު ފަހަރު ކަމުގައިވިއެވެ.

ރެއިނާ ކައިޔާންގެ ނަން ނުބުނެ އޭނަ ޅަ އިރު ކުރި ކައިވެނީގެ ނަތީޖާކަމުގައި ބުނެ ކޮންމެވެސް ވަރަކަށް އެވާހަކަ ހިއްސާކުރިއެވެ.

"ޕުއާ ތިންގް. ޗައިލްޑް ބްރައިޑެއް. ސީ އެން އެން ތަނަކަށް ތި ޚަބަރު އެނގިއްޖެއްޔާ އެމީހުންގެ ޓޯކް ޓައިމްއަށްވެސް އަރުވާނެ. ކިޔާދީބަލަ ތަޖުރިބާ........" ބެލާ ޝައުގުވެރިކަމާއެކު ވާހަކަދައްކަމުން ރެއިނާގެ އަތްމަތީގައި އަތްތިލަ ބޭއްވިއެވެ. "ވަރަށް ދެރަވެއްޖެ. ޖިބްރީލް އަކީ ރެއިނާގެ ގެއްލިފައިވާ ދަރިފުޅަށް ވެދާނެ އެއްވެސް ނިޝާނެއް ބުނެބަލަ...."

"އަތުގައި ހުރި ކަޅުތިލަ މިހާރަކު ނެތް...."

"އަހަންނަށްވެސް އެކަމެއް ނޭގޭ. ކުރިއަކުން ނުދަންނަން ވިއްޔާ. އެހެން މައްސަލައެއް ހުރޭތަ؟ މިބުނީ................" ބެލާ ބޭނުންވީ ރެއިނާ ލައްވާ ބުނުވާށެވެ.

"ދެން ދިގު ދިގު އެސްފިޔަތައް. މިކާގެ އެންމެ ރީތި އެއް ސިފަ..." ރެއިނާ ހިނިތުންވެލިއެވެ.

"ރެއިނާ ކީއްވެ މިކާ މިއުޓްއޭ ނުބުނީ؟ " ބެލާ ބުމަ އަރުވައިލިއެވެ.

"މިކާ މިއުޓްއެއް ނޫން............." ރެއިނާ އަވަސް އަވަހަށް އެހެން ބުނެލިއިރު ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ.

"ޖިބްރީލް މިއުޓް......."

"އޯ....." ރެއިނާގެ އުއްމީދުގެ ބައްތި ކަނި ކަނި ޖަހާލާފައި ނިވެން އުޅުނެވެ. ނަމަވެސް އަދި ނިވިޔަނުދީ ހިފަހައްޓަންޖެހޭނެއެވެ. އޭނަ ﷲ ސުބުހަނަހޫ ވަތައާލާއަށް ދުޢާ ދަންނަވާއިރު އިތުބާރުކުރެއެވެ. އޭނަގެ ޟަމީރު ބުނަނީ ދަރިފުޅާއި ދިމާވާނެ ކަމަށެވެ.

"ވީއިރު ޖިބްރީލެއްނޫންތާ. އެކަމަކު ކަންބޮޑުނވޭ. އޯލްމައިޓީ ހެލްޕްވާނެ އިންޝާﷲ......ރެއިނާ ހިތަށް އަރާނެ އަހަރެން އައްމާދުއާއި އިންނަން ދީން ބަދަލުކުރީ ބާވައޭ. އަދި ނުކުރަން އެކަމަކު ދީން ދަސްކުރަމުން މިދަނީ. ދީން އެނގި ހިދާޔަތް ލިބިއްޖެނަމަ އަހަރެން މެރީކުރާނީ............." ބެލާ ބުނެލިއެވެ.

ރެއިނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

"ވަން މޯ ތިންގް. ޖިބްރީލް ވިސާގައި ކޮން މައްސަލަ އެއް ޖެހުނީ؟ އަންނާނީ ކޮންއިރަކުން" މަގޭ ދަރިއަކަށް ނުވިޔަސް މިކާގެ ހަދާން އާކުރުވާ ގޮތެއް ހުރީމަ ބައްދަލު ވެވިދާނެތަ؟ " ރެއިނާ އެހިއެވެ.

"އޮފްކޯސް. ނުވާންވީ އެއްވެސް ސަބަބެއް ނެތް. ޖިބްރީލް އަކީ ވަރަށް ލޯބި ކުއްޖެއް. އެކަމަކު ވާހަކަ ނުދައްކާތީ އެހާ ފްރެންޑްލީ ނުވެ ހިގައިދާނެ. ކުރީ ދުވަހު ރެއިނާ ގޮވައިލީމަ ބަލާ ނުލާ އިނީ ހެޑްސެޓް އަޅައިގެން އިނީމަ....އޭނަ ވާހަކަ ނުދެއްކިޔަސް އަޑު އިވޭ................."ބެލާ އިތުރަށް ބުނެދިނެވެ.

***

ރެއިނާ ކައިޔާން އޮތް ޕްރައިވެޓް ކޮޓަރިއަށް ވަނެވެ. ކޮޓަރިއެކޭ ބުންޏަސް ސުއިޓެއްހާ އަރާމު ތަނެކެވެ. ކައިޔާންއަށް ރެއިނާ ފެނުމާއެކު ވަގުތުން ހީހީ އިނދެފައިވެސް އަނގަ ޗޭކޮށްލީ ހުތް އެއްޗެއް ކެވުނު ފަދައަކުންނެވެ. އެހާ ވަރަށް ހެވިފައި ވާހަކަ އެދައްކަނީ ކާކާބާވައޭ ހިތަށް އަރާފައި ރެއިނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލަން އުޅުނަސް އޭނަ ވަގުތުން ﷲ މަތިން ހަދާންކޮށް އެ ކޫސަނި ޚިޔާލު ނެރެލައިފިއެވެ.

"މި ވަހަށް ކެތްކުރެވޭތަ؟އަދި އަހަރެންގެ ސޫރަ ފެނުމުން ފޫއްސެއްނުވޭތަ" ކައިޔާން އެހިއެވެ.

"ކެތްނުވާނަމަ މިތަނަށް ނުވެސް އަންނާނެއްނު. ބޭރުފުށުގެ ރީތިކަމަކީ ބަލާ އެއްޗެއް ނޫން. ވަރަށް ރީތި މީހުންގެ ވެސް ހިތެއް ނޯވޭ. އެފަދަ ރީތިކަމަކުން ކޮން ފައިދާއެއް ކުރާނީ...." ރެއިނާ ހިނިތުންވެލިއެވެ. އެބޮޑު ދެލޮލުން އޭނައަށް ފެނުނީ ހިތްހެޔޮކަމެވެ.

 

ނުނިމޭ

 

ކޮމެންޓް 0