"ޝޭޚު އިބުނު ބާޒް ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. ގެއެއްގެ އަހުލުވެރިން ގިނަ ގިނައިން ގުރުއާން ކިޔަވާ ހަދީސްފުޅުތައް މުތާލިއާކޮށް ﷲއަށް ޒިކުރުކުރާ ކަމުގައި ވާނަމަ އެގެއާއި ގޭގެ އަހުލުވެރިން ޝައިތާނާގެ ކިބައިން ދުރުކުރައްވާ ސަލާމަތްތެރިކޮށް ދެއްވާނެއެވެ. އަދި އެގެއެއްގައި ޣަފްލާތަކާއި މިއުޒިކާއި ޔޯލަ ވާހަކަތައް ގިނަވެއްޖެ ކަމުގައިވާ ނަމަ އެގެއެއްގައި ޝައިތާނާ ވުޖޫދުވުން ބޮޑެވެ. "
***
އެވަގުތު ކައިޔާން ދޮރު ހުޅުވާލާފައި ވަދެ ރެއިނާއަށް ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ. މިރަށަށް އައިފަހުން އޭނަ ބުރުގާ ނާޅާ ހުއްޓާ ފުރަތަމަ ފަހަރަށް ފެނުނީއެވެ. ދުވެ ފިލުމުގެ މާނައެއް ނެތްތާއެވެ. ކައިޔާންއަކީ ދީނީ ނަޒަރަކުން ބަލައިލާއިރު އޭނަގެ ހަލާލު ފިރިމީހާއެވެ. ކައިޔާން ފޫހިގޮތަކަށް އަނގަޔަށް ހަދައިލިއެވެ. އެކަމަކު ވަރަށް އަވަހަށް މޫނުމަތި ރަގަޅުކޮށްލަމުން ޖިންސްގެ ޖީބަސް އަތް ޖަހާލައިފިއެވެ.
"ރެއިނާ. ވާހަކައެއް ބުނެލަން ބޭނުން....."
"ޝުއަ...." ރެއިނާގެ ހިތް ތެޅިގަތެވެ.
"ބެކްޔާޑްގައި މަޑުކުރާނަން........" ކައިޔާން ދާން ހިގައިގަތެވެ.
"ސުބުހާނަﷲ. މިއީ ޑޭޓެއްތަ؟ " ރެއިނާގެ ހިތް ތެޅިގަތެވެ. އުފަލުންގޮސް އޭނަގެ ހިތް އުދުއްސައިގެންފާނެހެން ހީވިއެވެ. "ޖީޖީ. ކީއްވެހެން ހީވޭތަ؟"
"އަހަންނަށް ލޯތްބާއި ބެހޭގޮތުން އެއްޗެއް ބުނާކަށް ނޭގޭ. އަދި ދުވަހަކުވެސް ބަނޑުގައި ކޮކާތައް އުދުހިގެން ކަކުލުން ވާގިދޫވެ އެކަހަލަ ކަމެއް ނުވޭ. އަހަންނަށް ފީލްވާ އެއްޗަކީ ބިރުވެރިކަން. މިލާން ފެނުނީމަ އެކަނި ހިތް ރޫރޫއަޅާ ފިނިވެ ގޫޒްބަމްޕްސް ހިލި ފިނިވޭ. ނޭވާ ނުލެވޭ. ބިރުގެ ސަބަބުން ޕެނިކް އެޓޭކް ޖައްސުވާ. މިލަންގެ ސަބަބުން ފިރިހެނުންދެކެ ލޯބިވުމުގެ ބަދަލުގައި ފޫހިވަނީކަން ނޭގޭ ހެހެ. ވާހަކައެއް ބުނެފާނަން. އަހަރެން ރެއިންއާއި ކައި ގުޅެން ބޭނުމެއްނުވޭ. ސަބަބަކީ ރެއިން އާއިމެދު ބެސްޓްފްރެންޑް ގޮތުގައި އެންމެ ކުރިން ދެކެވުނީމަ. ފަހަރިއަކަށް ވެއްޖެއްޔާ އެ ގުޅުމަށް އަސަރުކޮށްފާނެ. މިކާ ހުރިނަމަ ތަފާތުވީސް. އެކަމަކު މިކާގެ ފޮޓޯތައްވެސް ގެއްލުނީމަ އަސްލު އެބުނާ އެއްޗަކީ އެ ގުޅުން ހުއްޓާލާފައި މޫވް އޮން ކުރާށޭ. ލައިފް އިޒް ނޮޓް ޕަފެކްޓް. ފެއަރީ ޓޭލްސް އެންޑިން އަންނާނީ މަދު ބަޔެއްގެ. ކައި އާއި ސަޖަލް ލޯބިން އެކީ އެއުޅެނީ. އެދެމީހުންގެ ކެމިސްޓްރީ އެ ފޮޓޯތައް ބަލައިލީމަވެސް އެނގޭ..............."
ގަޒަލްގެ ވާހަކަތައް އަހަން ހުރިއިރު ރެއިނާ ބުރުގާ އަޅައިގެން ލުއިކޮށް މޭކަޕްކޮށްލާ ތައްޔާރުވަނީއެވެ. ކައިޔާން ބުނަން އުޅޭ ވާހަކައަކަށް އުއްމީދުން ފުރިފައި ހުރުމުން ގަޒަލް ދެއްކި ވާހަކައަކުން މާޔޫސްއެއްވެސް ނުވިއެވެ. އެއީ ގަޒަލް ގެ ޚިޔާލުތާއެވެ.
"ޖީޖީ ޔޫ އާ ރޯންގް. ތިއީ މިހާރުވެސް އަހަރެންގެ ފަހަރި. ދެމީހުން ދިމާވިއިރުވެސް ފަހަރި..." ރެއިނާ ހިނިތުންވެލިއެވެ.
"އޯ....ތިބުނީ ރަގަޅަށް. ކިހިނެއް ހަދާން ހުންނާނީ ބޭބެއާއި ފަހަރީގެ ގުޅުމެއް ނެތިއްޔާ...."
"ހޫމް. ޖީޖީއާ އަހަރެމެން ދެމީހުން ބެސްޓްފްރެންޑުންނަށް ވީވެސް ފަހަރީގެ ގޮތުގައި ހުރެ. ސޯ ކައިއާ އަހަރެން ގުޅުނަސް މި ފްރެންޑްޝިޕް ކުރިއަށް ވުރެ ވަރުގަދަވާނީ...." ރެއިނާ ގަޒަލްގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. "ދުޢާކޮށްދެއްޗޭ. އަދިވެސް ބޭނުން ދެއަންބަށް ވިޔަސް......................."
***
މެގްނޯލިއާ ގަސްތަކާއި ދިމާލުން ބަހާރުގެ ކުލަތައް ފެންނައިރު ނިކަން ޗާލެވެ. ސްނޯޑްރޮޕްއާއި ޕާޝިއަން ވައިލެޓާއި ޓިއުލިޕް އަދި ޑަންޑަލަޔަންތައް ސްނޯގެ ތެރެއަށް ގަދަކޮށްލިއިރު މިހާރު ސްނޯ އެއްކޮށް ވިރި އެކިކުލަ ކުލައިގެ މާތަކުން ލޯތަކަށް ފިނިކަން ގެނެސްދެއެވެ. ޚާއްސަކޮށް ފެހި ވިނަތަކުގެ ތެރޭގައި ތަރިތަކުގެ ދޫލައެއްހެން ޑަންޑަލަޔަން މާތައް ފޮޅިފައިވާއިރު ހުރިހާ މާތަކަށް ގަދަކޮށްލަން އުޅޭފަދައެވެ. މާބުރުތަކާއި ބަޅިދާއި ކޮކާތައް މާތަކުގައި ޖައްސަމުން ރަނިކަން ކުރަމުންދަނީ ފިކުރެއްނެތިއެވެ. މުގޮށި މީދާތައްވެސް ދޭތެރެއަކުން ފެނިލައެވެ. ރެއިނާއަށް ކައިޔާން ފެނުމުން އުއްމީދުގެ ހުޅުކޮޅު ވަކިން ގަދަވިއެވެ. އޭނަގެ ހަޔާތަށް ބަހާރު އަންނަނީކަން ނޭގެއެވެ. ރެއިނާ ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއެކީ ހިތުގެ ތެޅުން ވަރުގަދަވިއެވެ. މޭ ފަޅާލާފައި ނިކުންނަން ގަދަ ހަދަނީއެވެ. ރެއިނާ ކައިޔާން އިށީދެ އިން ބެންޗާއި ދެތިން ފޫޓު ދުރުގައި ހުއްޓުނެވެ.
"އިށީދޭ..." ކައިޔާންގެ މަޑު އަޑުން ހިތްވަރު ލިބުނެވެ. މިހުރިހާ ދުވަހު ދައްކަމުން އައި ރުޅިވެރިކަން ނެތި އެ ހިތަށް ރަހުމް ވަނީކަން ޔަގީނެވެ. ރެއިނާ ކުއްލިއަކަށް ލަދުގަންނަ ގޮތްވިއެވެ.
"އަހަރެން ގާތުގައި ބުނީމެއްނު އަހަރެމެންނަށް ދަރިއަކު ލިބުނޭ. އެއީ ހަގީގަތެއްތަ؟ "
"ވަޓް؟ " ރެއިނާ ސިހުނެވެ. "އަހަރެން ބުނީމަ ގަބޫލު ނުކުރީތަ؟ "
"އާނ ކޮންމެ މީހަކުވެސް ދޮގު ހަދާފާނެ. އެހާ ފަސޭހައިން އިތުބާރެއް ނުކުރެވޭނެ. މީހެއްގެ ދަރިއަކު ދައްކާފައިވެސް އަހަރެމެންގެ ދަރިއެކޭ ނުބުނާނެކަމެއް ނޭގޭނެ ދޯ. ލުކް ރެއިނާ. އަހަރެން ކުރިންވެސް ބުނިހެން އަހަރެމެން ދެމީހުންގެ ކައިވެންޏަކީ ރިއަލް ކައިވެންޏެކޭ ނުބުނެވޭނެ. އަހަރެން އެކަން ކުރީ ފްރެންޑަކު ބުނެގެން ނިކަމެތި ކުޑަކުއްޖަކު ސަލާމަތްކޮށްދޭން. އެކަމަކު އެހެން ބުންޏަސް އެ އޭޖްގައި އެއްކޮށް އުޅުމުން މިސްޓޭކްތައް ހެދޭނެ. ތެދަށް ބުނަންޏާ އެ ދުވަސްތައް ހަދާން ނެތިއްޖެ. އެކަމާ މާފަށް އެދެން. ސަޖަލް ގާތު ރެއިނާ އެ ވާހަކަތައް ކިޔާދިންކަމީ އަހަރެންގެ ނަސީބު. ކައިވެނި ކުރާއިރު އެގޮތަށް މާޒީގެ ސިއްރުތައް ހުރުމުން އިތުބާރުކުރަން އުދަގޫވެދާނެ. ސަޖަލް ވިސްނާނެ ގޮތެއް ނޭގޭތީއާއި ދެރަވާނެ ވަރު ހިތަށް އަރާފައި ބުނަން ފަސްޖެހުނީ. އެކަމަކު ރެއިނާ އަހަންނަށް އުދަގޫވި އެ މަސައްކަތް ކޮށްދީފި. ޝުކުރުވެރިވަން. ސަޖަލް ބުނީ ވަރި ނުކޮށް އޮތިއްޔާ ވަރި ކުރާށޭ. އޭރުންނޯ ރެއިނާއަށް މޫވް އޮން ކުރެވޭނީ. އެހެންވެ އެ ވާހަކަ ބުނަން މި ގެނައީ. ޔޫ އާ ފްރީ. އަހަރެންގެ އަންބެއްނޫން. ވީ އާ ނޯ ލޯންގާ ހަޒްބެންޑް އެންޑް ވައިފް............"
ރެއިނާއަށް ހީވީ މަރުގެ ހުކުމް އިއްވި ހެންނެވެ. ހިތް އޮތް ދިމާލުން ހުސްވެ ޔަގީނުންވެސް ކައިޔާންގެ ފައިބުޑަށް ވެއްޓިއްޖެއެވެ. ކައިޔާންގެ ބޫޓުން އަރާ ޗިސްކޮށްލުމުގެ ކުރިން އޭނަ ތެޅިގެންފައި ހިތް ނަގަން ގުދުވިއެވެ.
" ކީއް ތިކުރަނީ؟ " ކައިޔާން ފައި ދުރަށް ލިއެވެ.
"އޯ......އަހަރެން.." ރެއިނާ ހޭވެރިކަން ވިއެވެ. ހަގީގަތުގައިވެސް ހިނދުކޮޅަކަށް މޮޔަވީ ބާވައެވެ. އޭނައަށް އެ އުޅެވުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟
"ކައިޔާން. އަހަރެން ކަޅުވީމަތަ؟ނިކަމެތިވީމަތަ؟ " ރެއިނާގެ ހިތަށް އަބަދު އުދަގޫކުރާ ސުވާލު ހުށަހެޅިއެވެ.
"ހާދަ ހެއްވާ ވާހަކައެކޭ ތިބުނަނީ. ތެދަށް ބުނަންޏާ ކޮންމެ ގޮތަކަށް އުޅުން ހުއްޓަސް ތިއީ ރީތި ކުއްޖެއް. އަހަންނަށް ކަޅާއި ދޮނުގެ ތަފާތެއް ނުފެނޭ. އަހަރެންދެކެ ލޯބިވާ ކުއްޖަކު މުހިއްމުވީ. މުއްސަދިކަން ބޭނުމިއްޔާ އެހެން ގޮތްގޮތްވެސް ހުންނާނެ.........."
"ނޫން. އަހަރެން ދޮންވިނަމަ ތިހެނެއް ނޫން ކަން ކުރާނީ..." ރެއިނާ ލޮލަށް ގަދަވާން އުޅުނު ކަރުނައާއި ހަގުރާމަކުރިއެވެ.
"އަހަރެން ރައްޓެވިން އަންހެންކުއްޖަކާ. އެ ކުއްޖާވެސް ދޮނެކޭ ނުކިޔާނެ. ރެއިނާއާއި ތަފާތިއްޔާ ތަފާތީ ލޯ. އޭނަގެ ހުރީ އަޅިކުލައިގެ ލޮލެއް.............." ކައިޔާން ބުނެލިއެވެ. " އެ ގާލް ދުނިޔެއަކު ނެތް. ކެންސަރު ޖެހިފައި މަރުވީ....."
ރެއިނާ އިސްޖަހާލައިގެން އިންއިރު އެސްފިޔަތައް ތެމިއްޖެއެވެ.
"އެހެންވީމަ އަހަރެން ރެއިނާ ދޫކޮށްލީ ކަޅުވީމައޭ ނުބުނެވޭނެ. ރެއިނާ އަމިއްލަ ނަފުސަށް ޖަޖްކުރުން ހުއްޓާލާ. ތެދަށް ބުނަންޏާ އަހަންނަށް ރެއިނާ ކޮންމެހެން ރީތި ނުވީމައެއްނޫން. ފުރަތަމަ ދިމާވިއިރުން ފެށިގެން ދެމީހުންގެ ޚިޔާލާއި ވިސްނުން ނުގުޅޭ. ވަރަށް ތަފާތު. ދީނީ ކަންތައްތަކުގައިވެސް ދެމީހުން ވިސްނުން އެއްގޮތް ނުވާނެހެން ހީވޭ. ކުޑަ މިސާލެއްނު. ޑޯގް ގެންގުޅުމަކީ ރެއިނާ ބުނިގޮތުން ހަރާމްކަމެއް. މާ އެކްސްޓްރީމް ވީމަ މަށަށް ކަމުނުދޭ. ސަޖަލް ބުރުގާއެއްވެސް ނާޅާ. އަހަންނަށް އެއްވެސް ކަމަކަށް ފޯސް ނުކުރޭ. އެއްކޮށް އުޅެން ނުލާހިކު ފަސޭހަ. ރެއިނާގެ ފަރާތުން އެ ހަގީގަތް އެގުމުން އެހެން އަންހެންކުއްޖެއްނަމަ އަހަރެން ކާލީސް. ސަޖަލް ގެ އަމަލު ހުރީ މުޅިން ތަފާތުކޮށް.. އެހެންވެ މިބުނީ ސަޖަލް ވަރަށް ކޫލް އޭ..................." ކައިޔާންގެ ވާހަކަތަކުން ރެއިނާގެ ހިތް ކުދި ކުދިވަމުން ދިޔައެވެ.
އެންމެފަހުން އޭނަގެ ހަޔާތުގެ ހުރިހާ އުފާވެރިކަން ކައިޔާން ނިގުޅައިގެންފިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފަހައްޓައިގެން ހުއްޓާ ރަހުމްކުޑަކޮށް ނިވާލައިފިއެވެ.
އިންސާނަކަށް މިވަރުގެ ބޮޑު ދެރައެއް ދީފައި އަނެކާއަށް އުފަލެއް ލިބޭނެހެއްޔެވެ؟
"އެންމެ ރަގަޅު. އަހަރެން ދުވަހަކު މާފެއް ނުކުރާނަން..." ރެއިނާގެ އަޑު ތުރުތުރުލިއެވެ.
"އެއީ ކީއްވެ؟ "
"އަހަރެންގެ ދަރިފުޅާއިމެދު އެހާ ނިކަމެތިކޮށް ކަންތައް ކުރީތީ...."
"އަހަންނަށް ފޮޓޯ ދައްކާ....." ކައިޔާންގެ އަޑުގައި އޯގާތެރިކަމެއްވިއެވެ.
"ކައިޔާންގެ ސަބަބުން އެ ފޮޓޯތަކާއި ހުރިހާ ހަދާންތަކެއް ހުރި ފޯނާއި ދަބަސް މީހަކު ވަގަށް ނެގީ. ދެން ފޮޓޯ ދައްކައިގެން ކުރާނެ އެއްވެސް ކަމެއްނެތް. ބެލީމަ ތިމާގެ ދަރިއެއްކަން ޔަގީންވުން ނޫން ކަމެއް ނުވާނެ. މިކާ ދުނިޔެއަކު ނެތް. ކުޑަކުދިން މަންމަގެ އިންތިޒާރުގައި ސުވަރުގޭގެ ދޮރުމަތީގައި ތިބޭނެއޭ ބުނެއެއްނު. އެހެންވީމަ އިރާދަކުރެއްވިއްޔާ އެދުވަހަކުން ބައްދަލުވާނެ. ތިހާ އަނިޔާވެރި އަމިއްލަ އެދުން ބޮޑު ރަހުމްކުޑަ ހިތެއްނެތް މީހަކު ދުނިޔެއަކު ނުވާނެ. އެކަމަކު ކޮންމެހެން ދޮގުހަދާކަށް ނެތިން. އަހަންނަށް ލޯބިވެވުނީ ތި އަނިޔާވެރިޔާ ދެކެ. އަބަދަށްވެސް އެލޯބި ވާނެ. މިހުރިހާ ދުވަހުވެސް ނަފްރަތު ކުރަން މަސައްކަތް ކުރިން އެކަމަކު އެހެނެއް ނުވި. ދެމީހުންގެ ތަފާތު އެނގި ހުރުމާއެކުވެސް އަހަރެންގެ ނުކިޔަމަންތެރި ހިތް އެއްބަހެއްނުވި......" ރެއިނާ ތެދުވެއްޖެއެވެ.
"ރެއިނާ. އައިމް ސޮރީ..."
"މީހަކު މަރާފައިވެސް ސޮރީއޭ ބުނީމަ ފުދުނީ. އަހަންނަށް ޔަގީންވަނީ އެންމެ ކަމެއް. ތިހިތުގައި އަހަންނަށްޓަކާ ޖާގައެއް ނެތްކަން. އެކަމަކު އަހަރެންގެ ހިތް......................."
ރެއިނާއަށް ވާހަކަ ދައްކަން އުދަގޫވެގެން ފިޔަވަޅުތައް އަވަސްކުރިއެވެ.
ގަޒަލްއާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ ނުކުތީމަގަށެވެ. ވަކި މިސްރާބެއްނެތި އޭނަ ހިނގަމުން ދިޔައެވެ. ތަންކޮޅެއް މީހުން މަދު ޕާކެއްފެނި ބޮޑުގަހެއްގެ ހިޔަލުގައި އިށީދެ ހިތްފުރެންދެން ރޯލެވުނެވެ. އާފާގުއަށް އޭނަ ފެނި ހަމްދަރުދީވެގެން އެހުމުން އޭނަ ބުނީ އާއިލާ މަތިން ހަދާންވީ ކަމުގައެވެ. އާފާގުގެ އާއިލާގައި ބޭބެއެއް ހުންނަކަން ރެއިނާ ދަނެއެވެ. އާފާގުއަކީ ރާއްޖޭ މީހެއްކަން އެނގުމުން ހައިރާންވެ އިނގިރޭސިން ވާހަކަދައްކަނީ ކީއްވެތޯ އެހުނެވެ. އާފާގު ބުނީ ކެނެޑާ ކުއްޖަކާ ރައްޓެހިވެގެން އައިގޮތަށް މިކޮޅު އިސްލާމިކް ތަނަކުން ވަޒީފާ ލިބި ދީނަށް ޝައުގުވެރިވީ ކަމުގައެވެ. އޭނަގެ ބޭބެ އައްމާދުއަކީ ވެސް ރާގީއެއްކަމުގައި ބުނެލިއެވެ. ރެއިނާ އެވަގުތު އެއިންކަމަކަށް ޝައުގެއް ނެތެވެ. އެއަށްވުރެ ބޮޑަށް ހިތުގައި ޖެހި މާޔޫސްވެ ދިރިއުޅުމާއިމެދު ފޫހިވިއެވެ. ސަޖަލްއާއި ކައިވެނި ކުރިކަމުގައި ވިޔަސް އަދި އޭނަ ވަރި ނުކޮށްވެސް ކައިޔާންއަށް ހުރެވިދާނެ ނޫންހެއްޔެވެ؟ އެކަމަކު ކައިޔާން ޚިޔާރުކުރީ އޭނައަށް އިތުރު ހިތްދަތިކަން ދީ ރޮއްވާށެވެ. ސަޖަލް އަންހެނެއްގެ އިހުސާސްތަކަށް ގަދަރުނުކުރީ ކީއްވެބާވައެވެ. މި ހިތްދަތިކަން ފިލުވައިލާނެ އެއްވެސް މަގެއް ނުފެނުނެވެ.
އައިސްކްރީމް ޕާލާއަކަށް ވަދެ އޭނަ ހަމަޖެހިލިއެވެ.
"އައިސްކްރީމް ކެއީމަ ދެން ސްޓްރެސް ފިލާނީ....." ރެއިނާ ބޮޑުވާ އިނގިލިން ނިތްކުރިއަށް މަސާޖު ކުރިއެވެ.
ގަޒަލް އޭނަގެ ފޯނަށް ގުޅިއެވެ. އެދެމީހުން ދެއްކީ ކޮން ވާހަކައެއްތޯ އެހިއެވެ. ރެއިނާ ބުނީ ކައިވެނި ކުރާތީ މާފަށް އެދުނީ ކަމަށެވެ. މިކާގެ ފޮޓޯ ބަލަން އެދުނު ކަމަށެވެ. އެފޮޓޯތައް ނެތުމުން ކައިޔާންއަށް އެ ނަސީބެއް ނުލިބުނެވެ. ރެއިނާ އޭނައާއި ކައިޔާންގެ ގުޅުން ނިމުނުކަން ސިއްރުކުރިއެވެ. ހިތް އެކަން ގަބޫލުކުރަން ދެކޮޅު ހެދީއެވެ.
"ފައިނަލީ ކައި އެކަމާ ރިގްރެޓްކޮށް މާފަށްވެސް އެދުނީނު. ރެއިންއަށް ނޭގިވިޔަސް ހެދުނީ ރަގަޅަށޭ. އެ ފޮޓޯތައް ނެތުމަކީވެސް ހިކުމަތެއް. ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ ގޮތަކީ އެއީ. މިކާގެ ފޮޓޯ ފެނުނުނަމަ ކައި ވެސް ހިތާމަކުރާނީ. އެހެންވެ އޭނަ އަސްލު ޑިނައި އެކުރީ. ދަރިއަކު ލިބުނުކަމަށް ހަދަން ބޭނުންނުވަނީ ކުޑަކުދިންދެކެ ލޯބި ނުވާތީއެއްނޫން. ކައިގެ ފްރެންޑްސްގެ ކުދިންނާއިހެދިވެސް އުޅޭކަން ނޭގޭ.ޚާއްސަކޮށް ލިއަމް އަކާއި އެލީންއެއްގެ ވާހަކަ ދައްކާ"
"ވެދާނެ. ﷲ ސުބުހާނަހޫ ވަތައާލާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާނެ. ޔޫސުފް ސޫރަތުގެ ތަފްސީރު ކިޔައިލީމަ ދަރިފުޅާއި ބައްޕައެއްގެ ހުރި ލޯތްބާއި ކުލުނު އަދި ވަކިވުމުން ކުރާ އަސަރުތައް އެނގޭ. އަދި ޔޫސުފް އަލައިހިއްސަލާމްގެ ބޭބޭފުޅުމެންނާއި އޮތް ގުޅުމާއި އެގޮތަށް ވަކިވުމަށްފަހު ބައްޕާފުޅާއި ބައްދަލުވުން ލަސްވުމާއި ކެތްތެރިކަމުގެ އިތުރުން އެކަލޭގެފާނާއިހެދި އުޅުނު ޒުލޭޚާއަށް ކެތްތެރިކަމުގެ ފޮނި ކަން ލިބުނުގޮތް......ހާދަ ރީއްޗޭ....." ރެއިނާއަށް އެ ހަދާންތަކުގެ ސަބަބުން ކުޑަ ކުޑަ ހިތްވަރެއް ލިބިއްޖެއެވެ. ސަޖަލްއާއި ކައިވެނި ކުރުމަށްފަހު އަދި ކޮންމެވެސް ދުވަހަކުން ކައިޔާން އޭނަގެ ހަޔާތަށް ނާންނާނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ ދިރިއުޅުމުގެ ކުރިއަށް ހުރި އެންމެ ވަގުތުކޮޅެއް ބާބެއް އޭނަގެ ހިތަކަށްވެސް ނާރައެވެ.
***
އުމަރު އާއި މާކް ބައްދަލުކުރީ އޮފީހުންނެވެ.
"މިލާންގެ ހިސްޓްރީ ބަލައިލިއިރު އޭނަ ޖާމަނީގައި ފަސްއަހަރުވާންދެން ހުރި. މެޑިސިން ހެދިކަމަށްވަނީ. އަދި އޭގެ އިތުރުން ކޮމްޕިއުޓިން އެއްޗިއްސަށް މާ ކުޅަދާނަ ޖީނިއަސްއެއް ކަމަށްވަނީ. ލައިކް ހެކް ކުރުމާއި ސޮފްޓްވެއާފަދަ ތަކެތި އުފައްދަން. މިފަހުން އޭނަ އަގުބޮޑުކޮށް ސޮފްޓްވެއާއެއް ވިއްކައިލިކަމުގައިވީ. މަޑުން ހުއްޓަސް މަލްޓި ޓެލެންޓެޑް. އެމްބިޝަސް އިންޓެލިޖެންޓް އެކަމަކު އޭނަގެ ތަފާތު ބިހޭވިއާ ތަކެއްވެސް ހުރޭ. އަދި އޭނަ މިފަހުން އިސްލާމިކް މީހުންނާއި އެކު އުޅޭކަމަށްވޭ. އޭނަގް ފްރެންޑުންގެ ތެރޭ އުޅޭ ބަޔޯކެމިކަލް އިންޖިނޭރެއް ހުރޭ. ބޮން އުފެއްދުމުގެ މޭސްތިރިއަކީ އޭނަ. ދެން ރާއްޖޭ ދީނީ ބަޔަކާވެސް ގުޅުން އޮންނަ ކަމަށް ވޭ. ރާއްޖޭގައި އެކްޓްރީމިސްޓުން ގިނަ އެބަވެއެއްނު..." މާކް ކިޔައިދިނެވެ.
"އޯ....ޓެރަރިސްޓަކަށް ނުވާނެކަމަށް އުއްމީދުކުރަން...."
"ބިޒިނަސް މައިންޑެޑްކަން ނޭގޭ. އޭނަ އައިސްކްރީމް އަދި ޗޮކްލެޓް ކުންފުނިތަކަށް ވަރަށް ޝައުގު އެބަހުރި...." މާކް ބުނެލިއެވެ. އުމަރު ބުނީ މިލާންއަށް ހިމާޔަތްދީ އޭނަގެ ހަށިފާރަވެރިއެއްގެ ގޮތުގައި ހުރެދިނުމަށެވެ.
***
ކައިޔާންއާއި ސަޖަލްގެ ކައިވެންޏަށްޓަކާ އެގެ ތައްޔާރުކޮށްފައިވަނީ ނިކަން ފުރިހަމައަށެވެ. ދެ ޒުވާނުން އެދުވަހަށްޓަކާ ތައްޔާރުވެލައިގެން ތިބިއިރު ފުރިހަމަ ކަމުން ދެކޭ މީހުންގެ ހިތްތަކުގައި އެ ރީތިކަން ބިންވަޅު ނެގޭނެއެވެ. އެ ހަފްލާއަށް އައިސްފައި ތިބި އެންމެންނަށް އެކުދިންނަށް ބެލުނީ ތައުރީފާއި ހަސަދައިގެ ނަޒަރަކުންނެވެ. ރެއިނާވެސް އެ އާއިލާ މީހުންނާއެކު އެގެއަށް އައެވެ. އެގޭ އެންމެނަށް ދައުވަތު ލިބުނުއިރު އޭނައަށްވެސް އެއޮތީ ފާޑަކަށް ދައުވަތު ލިބިފައެވެ. ކައވެނީގެ ހަފްލާ އޮތީ އިސްލާމީ ގޮތަކަށެވެ. އެންމެން އިށީދެލައިގެން ތިބީ ބިންމަތީގައެވެ. ކެނެޑާގައި ދިރިއުޅުނަސް އަލީ ޚާންއާއި މަރިޔަމް އިސްލާމީ އާދަކާދަތަކާއި ސަގާފަތަށް ލޯބިކުރަނީކަން ނޭގެއެވެ. ރެއިނާގެ ލޮލަށް ފުސްވާންފެށިއެވެ. އޭނައަށް މި މަންޒަރު ބަލަން ކެތެއްނުކުރެވޭނެއެވެ. މި ކައިވެނި ހުއްޓުވަން ޖެހޭނެއެވެ. ކައިޔާންއާއި ސަޖަލްއަށް އޭނައަށް މިހާ ބޮޑު ހިތާމައެއް ދީފައި އުފަލުން އުޅެވިގެން ނުވާނެއެވެ.
"ސްޓޮޕް އިޓް...." ރެއިނާގެ ތޫނު އަޑުން އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓިއްޖެއެވެ.
"ރެއިނާ..." ގަޒަލް ލަދުގަތެވެ.
"ކައިޔާންއާއި ސަޖަލްގެ ކައިވެންޏެއް ނުކުރެވޭނެ. މިތާ ތިބި އެންމެނަށް ހަގީގަތް ފޮރުވާފައިވަނީ. މީގެ ހަތަރު އަހަރުކުރިން ޔަމަނުގައި އަހަންނާއި ކައިޔާންގެ ކައިވެނި ކުރެވިފައިވަނީ....."
"ސުބުހާނަﷲ..." މަރިޔަމް އާއި އަމާރާވެސް ލޯބޮޑުކޮށްލިއެވެ. ސަބީނާއަށް ކޮޅަށް ތެދުވެވިއްޖެއެވެ. "ރެއިނާ. ތި ކިޔަނީ ކީކޭތަ؟ "
"މިއީ ހަގީގަތް. ކައިޔާން އަހަންނަށް ކެހިދިނީ. ކައިޔާންއަކީ އަހަރެންގެ ހަލާލު ފިރިމީހާ. އަހަރެމެންގެ ފިރިހެން ދަރިއަކު ހުރި. ބުނަން. ކައިވެނީގެ ސެޓްފިކެޓްގައި ދޮގު މައުލޫމާތެއް ހުރެގެން ނުވާނެ. ތި ޖެހޭނީ ރަގަޅުކުރަން. ސަޖަލްއަކީ ކައިޔާންގެ ފުރަތަމަ އަނބިމީހާއެއްނޫން. ދެއަންބަށް ތި އިންނަނީ. އެގިއްޖެތަ؟ އަހަރެންގެ ހުއްދަނެތި މި ކައިވެންޏެއް ނުކުރެވޭނެ......" ރެއިނާ ހަޅޭއްލަވައިގަތެވެ.
އޭނަގެ ބާރު އަޑަށް އިއާންއާއި ހާޒިލްވެސް ހައިރާންކަމާއެކު ބަލަންފެށިއެވެ.
އެތާ ތިބި އެންމެނަށް ޝޮކެއް ލިބުނެވެ.
"ކައިޔާން. އެކުއްޖާ އެބުނަނީ ތެދެއްތަ؟ " އަލީ ޚާން ސުވާލުކުރިއެވެ.
ކައިޔާން ގެ ޝޮކް ފިލާ ދިޔުމުން އޭނަ ތެދުވެގެން ރެއިނާއާއި ދިމާލަށް ހިނގައިގަތެވެ.
"ކައިޔާން. މިސްޓަރ އަލީ ޚާންގެ ސުވާލަށް ޖަވާބުދީ........" ރެއިނާ ކުޑަކޮށް ހޭންފެށިއެވެ.
"ތިއީ ތެދުކަމަށް ވަންޏާ މި ކައިވެންޏެއް ނުކުރެވޭނެ.." އަލީ ޚާންގެ މޫނުމަތި ރަތްވެއްޖެއެވެ.
ކައިޔާން އެއައިގޮތަށް އޭނަގެ މޭމަތީގައި އަޅާ ކޮށްޕާލައިފިއެވެ. އޭނަގެ މެޔަށް ވީ ތަދުން މޫނަށް އަނދިރި ނުވީ ހަމަކިރިޔާއެވެ.
ނުނިމޭ