"މާތްﷲގެ ކަލާމްފުޅު ކިޔަވާއިރު އާޔްތަތަކާއިމެދު ވިސްނާށެވެ. ގިނަގިނައިން ކިޔަވާ އަޑުއަހާ އުޅޭށެވެ. އަދި ހިތުން ދަސްކުރާށެވެ. ތަފްސީރު ކިޔަވާށެވެ. އަދި އެމީހަކަށް ނޭގުނަސް ގުރުއާނަށް ފައިދާ ކިތަންމެ ގޮތްގޮތުން ފެންނާނެއެވެ. މޮޅިވެރިކަން ލިބި މާޔޫސްވާހިނދު ﷲ ސުބުހާނަހޫ ވަތައާލާގެ ކަލާމްފުޅުން ހިތަށް ހަމަޖެހުން ހޯދާށެވެ. ގުރުއާނަކީ ހިތްތަކަށް ހަމަޖެހުން ގެނުވާ ޝިފާ ލިބޭ މާތްﷲގެ ވަހީ ބަސްފުޅުތަކެވެ. "

***

"މަންމަ ކައިރީ ބުނަންވީނު. މިހާރު މާ ބޮޑުވަރު މިވަނީ.." ރެއިނާއަށްވެސް ބިރުވެރި އިހުސާސްތަކެއް ކުރެވުނެވެ. ވާނީ އެހެން ނޫންހެއްޔެވެ؟ މުޅި އޯކްވިލްވެސް މިރޭ ރޫހާނީ އެއްޗެއްސަށް ދައުވަތުދޭފަދަ ގޮތަކަށް އަނދިރިކޮށްލާފައެވެ. އެ އެއްޗެހިވެސް މިކަހަލަ ކުޅިވަރުތަކުގައި ބައިވެރިވާން އަންނާނެތާއެވެ.

"ނޫން. މަންމަމެން ހާސްކުރުވާނެ ކަމެއްނެތް. އެކަމަކު ދޮރުތައް ތަޅުލާފައި ހުރިތޯ ބަލައިލަބަލަ..." ގަޒަލް ހާސްކަމާއެކު ވަށައިގެން ނަޒަރު ހިންގައިލިއެވެ. ބިއްލޫރި ދޮރުތަކުން ބޭރު ފެންނައިރު ހަނދުވަރުގެ ފަނޑު އަލިކަމުގެ ތެރެއިން ކުލަކުލައިގެ ގަސްތައްވެސް ފެންނަލެއް މިރޭ އޭނައަށް ބިރުވެރިވިއެވެ. ރެއިނާ ގާތު އެދުނީ ފަރުދާތައް ދަމާލުމަށެވެ. ރޫހާނީ ބާރު ލިބިފައިވާ ފަރާތްތަކަށް ފަރުދާގެ ތެރެއިންވެސް ފެނުމުގެ ބާރު ލިބިފައިވާނެ ކަން އެނގުނަސް ކުރެވުނުހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ.

އެރޭ ގަޒަލްގެ އެކުވެރި ކުދިންކޮޅެއް އޭނަ ޕާޓީއަށް ގެންދާންވެގެން އަގުބޮޑު ކޮސްޓިއުމްއަކާއިގެން އައެވެ. ހުރިހާކުދިންވެސް ހަލޮވީން ކޮސްޓިއުމްސްތަކުގައި ތިބިއިރު ބިރުވެރި ފުރޭތަކަކާއި ޒޮމްބީއިންނާއި ޝައިތާނުން ރަމްޒުކޮށްދެއެވެ. ފުރޮޅުލީ ގޮނޑީގައި އިނަސް އަދި މިފަދަ ދުވަސްތައް ފާހަގަކުރުމުގައި ބައިވެރިން ޖެހޭނެކަމަށް އެކުދިން ބުނީ ނިކަން ފޯރިއާއެކުގައެވެ. ގަޒަލް ބުނީ ބޮލުގައި ރިއްސަން ފަށައިފި ކަމަށާއި މިރޭ ޕާޓީއަށްދާން އުޒުރުވެރި ވާކަމުގައެވެ. އެކިގޮތްގޮތަށް ވާހަކަ ދައްކައިގެންވެސް ގަޒަލް އޭނަ ބުނި ބަހުގައި ސާބިތުކަމައެކު ހިފެހެއްޓިއެވެ.

އެކުވެރިން މާޔޫސްވެ ނުކުތުމުން ރެއިނާއާއި ގަޒަލް ވަގުތު ހޭދަކުރީ އެކި ވާހަކަދެއްކުމުގައެވެ. ދެކުދިން އެކަކު އަނެކަކަށް ރަގަަޅަށް ދެނެގަތުމަށެވެ. ރެއިނާ ގަޒަލްއަށް ހެލޮވީން ފާހަގަކުރުން ޝިރުކުތެރޭ ހިމެނޭނެ ކަމަށް ބުނެދިނުމުން އޭނައަށް އެކަން ގަބޫލުކުރެވުނެވެ. ދީނާއި ބެހޭގޮތުން ރެއިނާ ބުނެދިން ވާހަކަތަކާއިމެދު ވިސްނައިލިއެވެ. އޭނަ ނުކުޅެދޭ މީހަކަށްވީވެސް ރަހުމަތަކަށް ކަން ނޭގެއެވެ. އެހެންނޫންނަމަ މިރޭ އޭނަވެސް އެމީހުން އެކުރާ ބޭކާރު އަމަލުތަކުގައި ބައިވެރިވީހެވެ. ރެއިނާގެ އުމުރުގެ ހަނގުކަމާއި އެކުވެސް އޭނައަށް ދީން ފުދޭވަރަކަށް އެބަ އެނގެއޭ ގަޒަލްގެ ހިތަށް އެރިއެވެ.

***

ސިއެރާއާއި އަލީ ޚާންގެ ކައިވެނީގެ ތާރީޚު ކަނޑައަޅާފައި ވަނިކޮށް ކުރީގެ ފިރިމީހާ އުމަރުއާއި ދިމާވިއެވެ. އުމަރު ދިން ޚަބަރަކުން ސިއެރާގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެން ހީވިއެވެ. އަލީ ޚާންއަކީ އުމަރުގެ ބައްޕައެވެ. އޭނައަށް އެ ޚަބަރު ލިބުމާއެކު އެފަދަ ހުއްދަނޫން ގުޅުމަކަށް އެއްބަސްވާން ޟަމީރު ތަންނުދިނީއެވެ. ލިބުނު ހިތާމައާއި މޮޅިވެރިކަމާއެކު ލަދަކީ ދުނިޔޭގައި ލެއްވި އެއްޗެއްކަން އިހުސާސްކުރެވުނެވެ. އުމަރު ދެކެ ލޯބިވާ ކަމަށް ދައުވާކުރި މީހާ ފައިސާގެ ދަހިވެތިކަމުގައި ކައިވެނި ކުރަން މިއުޅެނީ ބައްޕަގެ އުމުރުގެ މީހަކާއެވެ. އުމަރުގެ ނަޒަރުގައި ސިއެރާއަށްޓަކާ ލޯތްބާއި ކުލުނެއް ނެތެވެ. އޭގެ ބަދަލުގައި ފޫހިކަމެވެ.

"ސިއެރާ. އަހަރެން ހީކުރީ އަހަންނަށްޓަކާ އިންތިޒާރު ކުރާނެކަމަށް އެކަމަކު ސިއެރާ އަބަދު ދުވީ މުއްސަދިކަމާއި މަގާމުގެ ފަހަތުން. އެހެންވެ ތިކަހަލަ ލަނޑެއް ލިބުނީ. ބައްޕަ ކައިވެނި ކުރަން އުޅެނީ ކާކާ ކަން އެގުމުން މިތަނަށް އަންނަން މަޖުބޫރުކުރީ. އެކަން އެނގުމުން ހިތަށް އެރި ސިއެރާ ހާދަ ކުޅަދާނައޭ..." އުމަރު މަލާމާތުގެ ގޮތަކަށް ހީލިއެވެ.

"ފިރިހެނުންގެ ވިސްނުމާއިމެދުވެސް ހައިރާންވޭ. ފިރިހެނެއް ވިއްޔާ ހާސް އަންހެނުންނާއެކު އުޅުނަސް އަބުރު ރީތިވާނެ...." އުމަރުގެ ހިތް ރުޔަސް ބޭރުފުށުން އެކަމެއް ނުދައްކައެވެ. މިލާންދެކެ އެހާ ނަފްރަތުވީވެސް މި އުމަރުއާއި މިލާން ވައްތަރުވީމައެވެ. އޭނަ އެއް އިރެއްގާ އުމަރުދެކެ ވީ ލޯބި ނަފްރަތަށް ބަދަލުކުރީ އުމަރުގެ ބޭވަފާތެރިކަމާއި ރަހުމް ކުޑަކަމުންނެވެ. މިލާން ފެނުމުން ބޭވަފާތެރިޔާގެ މަތިން ހަދާންވާތީއެވެ.

"އަންހެންކުދިންނަކީ ރައްކާތެރިކުރެވިފައިވާ މުތްތަކެއް. އަހަރެމެން ގޮތަކަށް ނޫން.."

"އުމަރުއެކޭ ތިގޭ އަންހެންކުދިންނަކީ ކޮން ތަފާތެއް ހުރީ. އެގޭ ސަޖަލްވެސް ކައިޔާންއާއި ރައްޓެހިވެގެން އުޅެނީ..ތިބުނާހެން ފޮރުވިފައިވާ މުތްތަކެއްހެން ތިމާގެ ކޮއްކޮމެނެއްވެސް ނޫޅޭ. އެހެންވީމަ ތި ދައުވާގެ އަގެއްނެތް. އަހަންނަކީވެސް އުމަރު ތިމާނަ ކުރިފަދަ ކަސްބީއެއް ނޫން......" ސިއެރާ ބޭނުންވީ އުމަރުގެ މޫނުމަތި ނޮޅައިލުމަށެވެ.

"އަހަރެން ދައްކާކަށް މާ ގިނަ ވާހަކައެއްނެތް. ބައްޕަ އަހަރެން އެއް އިރެއްގައި ކައިވެނި ކުރި އަންހެނަކާއި ކައިވެނި ކުރަން އުޅޭކަން އެގުމުން އެކަން ހުއްޓުވަން އައީ. އެކަމަކު އަހަންނާއި ސިއެރާގެ ގުޅުމެއް އޮތްކަން ބައްޕައަށް އެނގިގެން ނުވާނެ......"

"ދަރިއެއް ހުރިކަން އެނގިގެން އެކުއްޖާއާއި އަޅާނުލާ ބައްޕައެއްވެސް ތިނޫނީ ދުނިޔެއަކު ހުރިކަމެއް ނޭގޭ...." ސިއެރާ ހަޅޭއްލަވައިގަތެވެ."ގެޓް ލޮސްޓް....."

***

ސިއެރާ އޭނަގެ ދައްތަ ސަބީނާ ގާތު އަލީޚާންގެ ހަގީގަތް ކިޔައިދީފައި ރޮއިރޮއި ހަލާކުވާވަރުވިއެވެ. ސިއެރާ އެދުނީ ކައިޔާންއާއި ސަޖަލްގެ ކައިވެނިވެސް ހުއްޓުވުމަށެވެ. ދެ އާއިލާ ގުޅިއްޖެއްޔާ އޭނަ އުމުރު ދުވަހު އުޅެން ޖެހޭނީ އެ ހިތާމައާއި ލަދުވެތިކަމުގައެވެ. އުމަރުގެ ބައްޕަކަން އެނގުމުން އަލީ ޚާން ފެންނަ ހިސާބަށް ދާން އޭނައަށް ހިލާ ކުޅަދާނައެއް ނޫނެވެ. ފައިސާގެ ފަހަތުން ދުވަން ހަދައިގެން ކޮންމެފަދަ ލަދެއްގައި ބެދިދާނެކަން އެނގި ހިތުން ނުފިލާވަރުގެ ފިލާވަޅެއް ލިބިއްޖެއެވެ. ކޮންމެ ފަހަރަކު ހަޔާތަށް އަންނަ މުއްސަދި ފިރިހެނަކު އޭނައަށް ކެހިދީފައި ހިތް ހަލާކުކޮށްފައި ހަޔާތުން ދުރަށް ދަނީއެވެ. މިވަގުތަށް އެންމެ ރަގަޅު ހައްލަކީ ލިވާއީއާއެކު މިތަނުން ފުރައިގެން ދިޔުމެވެ. ބޭނުންވި ފަދަ ރީތި ދިރިއުޅުމެއް ހޯދިފައި ބީވެގެން އެދިޔައީ އެންމެ ހިތްދަތި ކުރުވާފަދަ ގޮތަކަށެވެ. ތަގުދީރުގެ އެފަދަ ކޮންމެ ކަމަކީ އިމްތިހާނެއްކަމާއި ހިކުމަތެއްކަން ސިއެރާއަކަށް ނޭގުނެވެ. އޭނަ ދެކުނީ އޭނަގެ ބަދުނަސީބު ކަމުގައެވެ.

***

އަލީޚާން ސިއެރާގެ ޚަބަރެއް ނުވެގެން ސަބީނާއަށް ގުޅިއެވެ. ސަބީނާއަށްވެސް ކުރެވުނު ހިތްދަތި އިހުސާސްތަކުގެ ތެރެއަށް ގެނބިގެން ދިޔުމާއެކު އަލީޚާންއަށްޓަކާ ހަމްދަރުދީވެވުނެވެ. އަލީ ޚާންވެސް ތިމާއަށްވުރެ މާ ހަނގު އަނބިން ހޯދުމުގެ ބަދަލުގައި ކުދިންގެ މަންމައާއެކު އުޅުނުނަމަ މާ ރީތިވީސް ނޫން ހެއްޔެވެ؟ އެންމެންވެސް ދުވަނީ މުދަލާއި މަގާމާއި ރީތިކަމާއި އަންހެނުންގެ ފަހަތުންނެވެ. އެ އުމުރުގައި ދީނާއި ގާތްވެ އަޅުކަމުގައި ހޭދަކުރީމަ ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެއެވެ. އަލީ ޚާން ދީނަށް ކުރާ ޚިދުމަތްތަކުގެ އަގުވެސް ވަޒަން ކުރެވެއެވެ. ނަމަވެސް މިއީ ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ؟ ސަބީނާ ބުނީ ލިވާއީއާއެކު ފުރައިގެން ދިޔަ ފަހުން ފޯނު ނިއްވާލާފައި އޮތްކަމުގައެވެ. ޚަބަރެއް ނުވާ ކަމުގައެވެ.

"މިސްޓަރ އަލީ. އައިމް ސޮރީ އެކަމަކު ސިއެރާއަކީ ކޮއްކޮ ވިޔަސް ހިތަކީ އެނބުރޭ ވަހުތާނެއްފަދަ. އެކަކަށް ތެދުވެރި ވެގެން ހުރުމަކީ އެކުއްޖާ ދަންނަ ކަމެއްނޫން.."

"އޯ....."އަލީ ޚާންއަށް އެވަރުން ވިސްނުނީ ކަން ނޭގެއެވެ.

"މާފުކުރައްވާ. އަޅުގަނޑު ވަރަށް ހިތާމަކުރަން......" ސަބީނާ ލަދުން ހުރެ އިތުރަށް ބުނަން އުޅުނެވެ.

"އިޓްސް އޯކޭ. ކޮންމެ ކަމެއް ވާނީ ރަގަޅަށް. ﷲ ސުބުހާނަހޫ ވަތައާލާ ލައުހުލް މަހުފޫޒުގައި މާ ކުރިއްސުރެ ލިޔުއްވާފައިވާ ކަންތައް އިންސާނުންނަކަށް ބަދަލެއް ނުކުރެވޭނެ. ސިއެރާއާއި އެކަށީގެންވަނީ އޭނަގެ އުމުރުގެ މީހެއް. އެހެންވީމަ ސިއެރާ އަމިއްލައަށް ދާން ނިންމީތީ ހަމަ އުފާކޮށްފިން..." އަލީޚާންގެ ވާހަކައިން ސަބީނާއަށް ހައިރާންކަމެއް ލިބުނެވެ. އަލީޚާންގެ އެ ވާހަކަތަކަކީ ހިތުގެ ފުންމިނުން ބުނާ އެއްޗެއްކަމެއް ނޭގެއެވެ. ނާކާމިޔާބުވުމުން ލަދުނުގަންނާން ވެގެން ތިމާ ދެރަނުވާކަމަށް ހެދޭނެ ނޫންހެއްޔެވެ؟ އަލީ ޚާން އެކަމާ ރުޅިއައިސް ބަދަލު ހިފަން ނޫޅުނީތީ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަލީޚާން އަށް އޭނަގެ ދަރިއަކު ސިއްރު ކައިވެންޏެއްކުރިކަމާއި އެ އަންހެނަކީ ސިއެރާކަން އެނގުމުން ވާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެއެވެ.

 

 

***

ކައިޔާން ރެއިނާ ފެންނަ ކޮންމެ ފަހަރަކު ކޮންމެވެސް މަލާމާތެއްކޮށްލައެވެ. އައިނު އަޅަން ފެށުމުން ވަކިން ފޫހިވެ އެކަމަށް ހަޖޫޖެހިއެވެ. ރެއިނާ ފެނުނަސް އޭނަގެ ލޭގެ ޕްރެޝާ މަތިވާ ކަމަށާއި އޭނައަށް ނުފެނި ވެނިޝިން ކްރީމް ކަހަލަ އެއްޗެއް އުނގުޅައިގެން ހުންނަން އަންގައެވެ. ކަޅުކަމުން ރޭގަނޑެއްފަދަ ކަމަށާއި އޭނަ ކަޅުކުދިންދެކެ ފޫހިވާ ކަމަށް ބުނެއެވެ. ކައިޔާން ސަޖަލް ގޮވައިގެން އެގެއަށް އައި ދުވަހު ނަސީބު ކަން ދިމާކުރި ގޮތުން ދޮރުހުޅުވުނީވެސް އޭނައަށެވެ. އެތެރެއިން ހުދު އެއްޗެއް ލާފައި ނޫ ޖިންސެއްގައި ހުރިއިރު ބޭރުން ލާފައިވާ އަގުބޮޑު ޖެކެޓްގެ ސަބަބުން އެކުއްޖާގެ ރީތިކަން އެތައް ގުނަ އިތުރުކޮށްދެއެވެ. ރެއިނާ ހީކުރިގޮތައި ޚިލާފަށް ސަޖަލް ބުރުގާ އަޅާފައެއް ނެތެވެ. ފުރަތަމަވެސް އަޅައިގަތީ ފެހި ދެލޮލުގައެވެ.

"ހައި....." ސަޖަލް ހީލިއެވެ.

"އަހަރެމެންގެ މެއިޑް.." ކައިޔާން ތައާރަފުކޮށްދިން ގޮތުން ރެއިނާގެ ހިތަށް ތަދުވިއެވެ.

"އެކްޗުއަލީ ގަޒަލްގެ.. މެއިޑް. އެހެނެއްވެސް ނުބުނެވޭނެ....ވީ އާ މޯ ލައިކް ފްރެންޑްސް.." ރެއިނާ ގަދަކޮށްލާހިތްވިއެވެ. ކައިޔާން އެވަރަށް ދެރަކުރާއިރު ކެތްކޮށްލައިގެން ހުރެ ހުރެ އޭނަ ވަރުބަލިވާން ފަށައިފިއެވެ. އިތުރަށް ގެއްލޭނެ އެއްޗެއް އޮތީއެއްވެސް ނޫނެވެ. ހަޔާތުގައި މޮޔަކަމެއް ކުރެވުނުނަމަ އެއީ އޭނަ ކެނެޑާއަށް އައުމެވެ.

އޭނަ ހާދަ ދުޢާކުރިއެވެ. ދުޢާ އިޖާބަވެސް ކުރެއްވިއެވެ. އެކަމަކު މިހާރު އެކަމާއި އޭނަ ދެރަވެއްޖެއެވެ.

އިސްތިޚާރާ ކުރެވުނުނަމައެވެ.

"ބްލެކް ކޮފީއަކާއި ހޫނު ޗޮކްލެޓެއް ތައްޔާރުކޮށްލައިގެން އާދޭ.." ކައިޔާން އެންގިއެވެ.

ރެއިނާ ކެއްކުމާއި އެހެން މަސައްކަތުގައި ސަބީނާއަށް އެހީތެރިވެދިނަސް ކޮފީއެއް މީރުކޮށް ހަދައިލުމުގެ ހުނަރެއްވެސް ނެތެވެ. ކައްކަން ދަސްކުރުމުގެ ޝައުގެއްވެސް ނެތެވެ. ކޮފީއާއި ޗޮކްލެޓްތަށި ހަދައިގެން ގެނެސްދިނުމަށްފަހު އެތާ މަޑުކޮށްލާނެ ހިތްވަރެއްވެސް ނުލިބުނެވެ. ޚަރީފު މޫސުމްފަދައިން އޭނަގެ ހިތަށްވެސް ވީރާނާކަން ވެރިވެއްޖެއެވެ. ހުރިހާ މަންޒަރެއް ދެކެން ހުރެ ހުރެ ހިތަށް އުދާސްވެ ހިތަށް ނުކުޅަދާނަވަނީއެވެ. ކައިޔާންއަށް ހަގީގަތް އެނގުމުންވެސް އެހިތަށް ހަމްދަރުދީއެއް ނުވަނެވެ. ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ ފެނުމުން ހިތަށް ހާސް ކަށިތަކެއް ހެރުނެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ ހުރިހާ ގޮތަކުންވެސް ކައިޔާންއާ އެކުއްޖާ އެކަށީގެންވަނީއެވެ. އެހެރަ ފެހި ކަޅި ރަވައަކުންވެސް ފިރިހެންކުއްޖެއްގެ ހިތް ދަމައިގަންނާނެއެވެ.

ކޮޓަރިއަށް ވަދެ ރެއިނާ ރުއިވަރުން ދެލޯ ދުޅަވިއެވެ. އެރޭ ހަތަރުދަން ދިޔައީ އެކަހަލަ ގޮތަކަށެވެ. ހެނދުނު ކާކޮޓަރީގައި ރެއިނާ އެކަނިމާ އެކަނި އިނެވެ. ސައިފަތް ޕެކެޓެއް ލޯމަތީ އަޅާލައިގެން އިންދާ ގަޒަލް ގޮނޑި ދުއްވަމުން އައެވެ. ސުވާލުކުރިއެވެ.

"މިކާގެ ބައްޕައާއިމެދު ވިސްނާލީމަ ރޮވުނީ..އަދި ދަރިފުޅާއިމެދު. މިކާ މޫދަށް ވެއްޓި މަރުވުމުގެ ކުރިން އަހަރެން ވަރަށް ލޯބިވި ތަނެއް މޫދަކީ. މިހާރު މޫދު ފެންނަ ހިސާބަށްދިޔަސް ޕެނިކް ވޭ. އެންމެ ފޫހިވާ އެއް ތަންކަމުގައި ވަނީ...."

"އެ ކެހިވެރި މީހާއާއިމެދު ނުވިސްނާށޭ ބުނެފީމެއްނު. ރެއިނާދެކެ ލޯބިނުވާ މީހަކަށްޓަކާ ކަރުނަ އޮއްސުމަކީ އަމިއްލަ ނަފުސަށް ދެވޭ އަނިޔައެއް. ރެއިނާގެ ދަފިރުޅު މިކާގެ ފުރާނައަށްވެސް ދެވޭ ދަތިކަމެއް. އެކުއްޖާއަށް ކުލުނެއް ނެތް މީހަކަށްޓަކާ އެންމެ ކަރުނަ ތިއްކެއްވެސް ލޮލުން ބޭލުމަކީ މޮޔަކަމެއް ރެއިނާ.

"ޔޫ އާ ރައިޓް..." ރެއިނާ ވަގުތުން ދެލޯ ފޮހެލުމަށްފަހު އަޒުމަކާއިއެކު ތެދުވުނެވެ." ދިރިއުޅުމަކީ ހަގުރާމައެއް. ހަގުރާމަ ކާމިޔާބުވާނީ ޖަޒުބާތުތަކަށް ވުރެ މީހާ ބާރުގަދަވެގެން. ހިތާމަތައް އެއްފަރާތްކޮށްފައި ކުރިމަގު އަލިކުރަން މަސައްކަތްކުރީމަ ހިތާމަތަކުން އަރައިގަނެވޭނެ. ދަރިފުޅަށްޓަކާ ކުލުނެއް ނުވާ މީހަކާއިހެދި އުޅުމަކީ ބޭކާރުކަމެއް..."

"ގުޑް. ރެއިނާއަށް އެނގޭތަ؟އަހަރެންވެސް ވިންޓާ ދެކެ ހޭޓްކުރަން. ގުޒް މަރުވީ ސްނޯ ތެރެއަށް. ކުރިން ސްނޯފޯލްދެކެ ލޯބިވޭ އެކަމަކު މިހާރު ސްނޯ ނުވެހުނިއްޔާ ރަގަޅީ. އެކަމަކު ވިންޓާ އޮން ދަ ވޭ............"

ގަޒަލް ހީލިއެވެ. ރެއިނާވެސް ސްނޯގެ ވާހަކަ ބުނުމުން ރޮވޭވަރުވިއެވެ. މިކާވެސް ސްނޯއާއިހެދި އެހާވަރަށް އުޅުނެވެ. އެހާ ކުޑަކުއްޖަކު ސްނޯ ބަލާހިތުން ރުއިމަކީ އަޖައިބުވި ކަމެކެވެ. މިކާގެ އެހުވަފެންވެސް އެ ދަރިފުޅާއެކު ވަޅުލެވުނީއެވެ. ވީއިރު އޭނަ އެކަނިމާ އެކަނި ސްނޯވެހޭތަން ބަލައިގެން އުފާ ހޯދުމަކީ އިންސާފެއް ނޫނެވެ.

"އަހަރެންވެސް މިހެން އިނދެ އިނދެ ފޫހިވާން ފަށައިފި. މަންމަމެން ބުނިހެން ކޮލެޖަށްދާން ފަށަންވީ. ރެއިނާވެސް އިސްލާމިކް ކޯހެއް ހަދަން ފަށާނީ."

ދެކުދިން ސީރީޒްއެއް ބަލަން ޖައްސައިލީ އައިސްކްރީމް ތަށިގަނޑެއް ކުރިމަތީ ބަހައްޓައިގެންނެވެ. ސީރީޒް ނިމުނުއިރު އެ ޓައްޕު އެއްކޮށް ހުސްވެއްޖެއެވެ. ރެއިނާއަށް ކެވުނީ ދެތިން ސަމުސަލެވެ. ގަޒަލް އައިސްކްރީމާއި ޗޮކްލެޓާއިިހެދި އުޅޭވަރުން ރެއިނާވެސް ހައިރާންވެއެވެ. ކިތަންމެ ފިނިގަދަ ވިޔަސް ގަޒަލްއަށް އައިސްކްރީމާއި ނުލާ ނޫޅެވޭނެއެވެ. ޗޮކްލެޓް ކެއުމުގެ ހައްދެއް ނުހުރެއެވެ. ކޮންމެވެސް ދުވަހަކުން ބޮޑު ވިޔަފާރިވެރިއަކަށްވެ ގަޒަލްއަށްޓަކާ އައިސްކްރީމް ޕާލާތައް ހުޅުވާ ޗޮކްލެޓް ކުންފުންޏެއްގެ ވެރިއަކަށް ވާނެކަމުގައި މިލާން ބުނި ހަދާން ވަގުތާއެކު ގަޒަލްގެ ހަދާނުން ފޮހެވުނީއެވެ. އެހެންނޫންނަމަ ގަޒަލް އައިސްކްރީމްއާއި ޗޮކްލެޓް އަނގަޔަށް ލާނެ ކަމެއްވެސް ނޭގެއެވެ. ނަފްރަތަކީވެސް ލޯބި ފަދައިން ވަރުގަދަ ޖަޒުބާތެކެވެ.

 

***

ސަބީނާ ސުފިޔާން ގާތުގައި ރެއިނާގެ ސިއްރުވެރި މާޒީ ކިޔައިދިނެވެ.

"ހަމަ ރީތިކޮށް އަޑުއިވުނޭ ދެއްކި ވާހަކަ. ރެއިނާގެ ފިރިމީހާ ކެހިވެރިވެފައި އޭނަ ދޫކޮށް ދިޔައީ ޔޯ. ދަރިފުޅު މިކާ މަރުވީ މޫދަށް ގެނބިގެންނޭ. އަނެއްކާ އުމުރުވެސް އޮޅުވާލައިގެން އުޅެނީތަ؟ ރާއްޖެތެރޭގައި އެމީހުން އައިޑީ ހައްދަފާނެތަ އެގޮތަށް އުމުރު އޮޅުވާލަފައި؟ އެކުއްޖާގެ ސިއްރުވެރި ކަމެއް ހުންނަކަން އުޅޭގޮތުން ހީވޭ. މިވަރުން އެކުއްޖާއަށް އިތުބާރު ކުރާނެ ގޮތެއްވެސް ނޭގޭ. އިތުބާރުކޮށްފައި ނުކުރާނެ މީހެއް ނޭގޭނެ. ރެއިނާ އުޅެނީ ހާދަ ސްވީޓްކޮށްނޭ. ކިހާ ލޯބި ކުއްޖެއް. އެހާ މަޑު ހިތެއް ދުވަހަކު ނުދެކެން. އެންމެނަށް އެހީވާހިތުން އުޅޭނީ................" ސަބީނާ ފުން ނޭވައެއް ދޫކޮށްލިއެވެ. "ނޭގޭ ހަދަންވީގޮތެއް..."

 

 

***

މިލާން އައިސްކްރީމް ޕާލާގެ މޭޒެއްގެ ދޮށުގައި އިންއިރު ކުރިމަތީގައި ހުރީ މިލްކް ޝޭކެކެވެ. ދެ އަންހެންކުދިން އެތަނަށް ވަދެފައި ނިކަން ހަމަޖެހިލާފައި މިލާންއަށް ތައާރަފުވެލިއެވެ. ސަޖަލްއާއި ޖޫންއެވެ. ޖޫންގެ ވަށް އާފަލެއްފަދަ މޫނާއި އެލްމަންޑް ދެލޯ އަދި އިސްތަށިގަނޑު ފަންކަމުން ސަޖަލްއާއި ތަފާތެވެ. އެއްބަނޑު އެއްބަފާ ދެކުދިން ހެނެއް ހިޔެއް ނުވެއެވެ. މިލާން އެކުދިންނަށް ބަލާވެސް ނުލާ ފޯނާ ކުޅެމުން ދިޔަގޮތުން އެކުދިންނަށް ހައިރާންކަމެއް ލިބުނެވެ.

"އަހަރެމެން މި ހިސާބަށް އާ ވާނެ. މިތަނުން އެންމެ މީރީ ކޮން އައިސްކްރީމެއް..." ޖޫން މިލާންއާއި ޖެހިގެން ހުރި ސީޓުގައި އިށީދެލިއެވެ. މިލާން އެއްޗެކޭ ބުނުމުގެ ކުރިން ދޮރު ހުޅުވާލާފައި ވަން ކައިޔާންގެ ދެލޯ ހަނިވިއެވެ.

"ސަޖަލް. ޖޫން. މިލާންއާއި ވާހަކަ ނުދައްކައްޗޭ. އޭނައަކީ އަހަރެންގެ ކޮއްކޮ ގުޒްލާންގެ ގާތިލް..އަހަރެމެންގެ ފެމިލީ އޭ ބުނަން ލަދުވެސް ގަނޭ. މަންމަގެ ބޮލަށް ސަވާރުވެގެން މިހާރު ވަންނާނެ ތަނެއް ނެތިގެން ގޭގެ އެޓިކަށް ލާފައި ހުރީ......." ކައިޔާން ސީދާ ނުކުތާއަށް ގެންދިޔައެވެ.

"އެޓިކް ވިޔަސް ކޮމްފޮޓަބްލް.." މިލާން ބުނެލީ ފަރުވާކުޑަގޮތަކަށެވެ. އާފިރުލަން އުޅުމުން އަނގަމަތީ އަތްއެޅިއެވެ.

"އިޑިއަޓް......." ކައިޔާން އިންޒާރުގެ ނަޒަރަކުން ބަލައިލިއެވެ. " ފިނި މޫސުމްގައި ގެއިން ނެރެލާނީ......"

މިލާން ލައްވާ ދެވަނަ ޖުމްލައެއް ބުނުވުމަކީ ވާނެކަމެއްހެން ހިޔެއްނުވެއެވެ. އޭނަ ފޯނަށް ސަމާލުކަން ދިނެވެ. ބްލޫޓޫތުން ކޮންމެވެސް މީހަކާއި ވާހަކަދައްކަން ފެށުމުން ކައިޔާން އަށް ހައިރާންކަމެއް ލިބި އިތުރަށް ރުޅިގަދަވިއެވެ. މިލާން ވާހަކަދައްކަނީ ކާކާހެއްޔެވެ؟ ކައިޔާން އެކުދިން ގާތިލަކާއި ވާހަކަދެއްކިޔަދޭކަށް އޭނަ ބޭނުމެއްނުވިއެވެ. މިލާންގެ އެކުވެރިއަކުވެސް ހުރެގެން ނުވާނެއެވެ. އޭނަގެ ކުށް މުޅި އޯކްވިލް ދަންނަން ޖެހޭނެއެވެ. ބާކީވެ ހިތްދަތިކަން މަތީ ނިމިގެން ދިޔަ ދިނުމަށް ކައިޔާން އަޒުމް ކަނޑައެޅިއެވެ. މިލާން އާފުރިލިއެވެ. ނިދީގެ އުދަގޫތައް ބޮޑުވިޔަސް އޭނަ ނުނިދަން މަސައްކަތްކުރަނީ ނެތް ހިތްވަރު ލާފައެވެ. ކައިޔާން އެކުދިން ގޮވައިގެން އެތަނުން ނުކުންނާން ދިޔައިރު ޖޫން އެނބުރި ބަލައިލީ ޝައުގުވެރިކަމުގެ ނަޒަރަކުންނެވެ.

***

"ދަރިފުޅާ. ސަޖަލްއާއި ކައިވެނި ކުރަން ތިއުޅެނީ މަންމަމެން ބުނީމަތަ؟ ނޫނީ ދަރިފުޅު އަމިއްލަ ނިންމުމެއްތަ؟ " ސަބީނާއާއި ކައިޔާން ކޯރު ކައިރީ ހިނގަމުން ދިޔައެވެ. ފިނިގަދަކަމުންގޮސް އެގަޑީގައިވެސް ދުންފިނި ހިފާފައެވެ. ވާހަކަދައްކާއިރު އަނގައިން ފިނި ނިކުމެ ނިކުމެ ހުއްޓެވެ. ކައިޔާން ބުނެފާނެ އެއްޗަކަށް ސަބީނާ ހުރީ ބިރުގެންފައެވެ.

ނުނިމޭ

ކޮމެންޓް 0