މާތްﷲ ގުރުއާނުގެ މުލްކު ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ قُلۡ هُوَ ٱلَّذِيٓ أَنشَأَكُمۡ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ މާނައަކީ " ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ."

***

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ގޭގެ އެޓިކްގައި މީހަކު އުޅޭކަމުގެ ނިޝާނެއް ހިލަމެއްނުވެއެވެ. އޭނަ އެތާ އުޅޭ ބާވައޭވެސް ހިތަށް އަރައެވެ. ގަޒަލްގެ ހިތުގައި އޮތް ބިރުވެރިކަން ފިލައި ގޭގެ އެތެރޭގައި ފިލާ އިނުމަކީ ބޭކާރުކަމެއްކަމުގައި ދެކި ނިކުންނަހިތްވިއެވެ. ހީވާގޮތުން އިރުނާރަނީސް މިލާން ގެއިން ދާގޮތަށް ސިއްރުން ގެއަށް ވަންނަނީ އެންމެން ނިދައިފިކަން ޔަގީންކޮށްފައެވެ. އަޖައިބެއްފަދަ ތަފާތު ފިރިހެނެކެވެ. އޭނަވެސް އެހެން މީހުންނަށް ފެންނަން ބިރުގަންނަނީ ތިމާގެ ހުރި ނުބައިކަމުން ކަން ޔަގީނެވެ. އެންމެން އެކަހެރިކޮށް ދުރުކޮށްފައިވާ އެމީހާއަށް ހިމާޔަތްދޭނެ މީހަކު އާއިލާގެ ތެރެއިންވެސް ނުވިއެވެ. ކާފަ ވަސިއްޔަތް ނުކުރިނަމައެވެ. ގަޒަލް މާގަސްތައް ޖަހާފައި ހުރި މުށިތަކުގެ ކައިރީގައި ގޮނޑި ބަހައްޓައިގެން ފޯނުން ޗެޓްކުރަން އިންއިރު ސިކުނޑި ސަމާލުކަމަށް ގެނެސްފައިވެއެވެ. ކިރިޔާ އަޑެއް އިވިލިޔަސް ހުޝިޔާރުކަމާއެކު އެދިމާލަށް ބަލައިލެވެއެވެ. މަންމަ ފޯނުން ވާހަކަދައްކަން ފެށުމުން ކަންފަތް ދެވުނީ އެ ވާހަކަތަކަށެވެ.

ގަޒަލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވީ މަންމަގެ ޖުމްލައެއްގެ އަޑު އިވިފައެވެ.

"އެންމެ މުހިއްމީ މަގޭ ދަރި. ތިކަހަލަ އޮފާއެއް ލިބުނީމަ ދޫކޮށްލުމަކީ ކެރިއާ ހަލާކުކޮށްލުން. އެކަމަކު ތި އޮފާ އެކްސެޕްޓްކުރެވޭކަށް ނެތް ސަރ......."

މަންމަ ވާހަކަދައްކަމުން އަޑުނުފޯރާ ފަށަށް ދިޔުމުން ކަދުރާ އަރިކޮށްލައިގެން އަޑުއަހަން އޭނަ މަސައްކަތްކުރިއެވެ.

މަންމައަށް ޕްރޮމޯޝަނެއް ފަދަ އެއްޗެއް ލިބުމުން ދޫކޮށްލީއެވެ.އޭނަގެ ސަބަބުންނެވެ. ހިލާ އެހެން ވެގެން ނުވާނެއެވެ. އޭނަގެ ނުކުޅެދުންތެރިކަން މަންމަމެންގެ ކުރިމަގަށް އެޅޭ ހުރަހަކަށް ވާން އޭނަގެ ޟަމީރު ފަހަރެއްގައިވެސް ތަނެއް ނުދޭނެއެވެ. ބައްޕައާއި މަންމަ އިންސާނިއްޔަތަށްޓަކާ ކޮށްދޭ ޚިދުމަތެއް ބުރޫ އަރައިގެން ނުވާނެއެވެ. އޭނަ އެކަމަށް ހައްލު ހޯދާނެއެވެ. ދިރިއުޅުމުގެ ދެވަނަ ނަމަކީ ގުރުބާނީ ނޫންހެއްޔެވެ؟ މަންމައަކު ދަރިއަކަށްޓަކާ ގުރުބާންވާއިރު ދަރިއަކަށް މަންމައަކަށްޓަކާ އެވަރުކަމެއް ކޮށްނުދެވެންވީ ސަބަބެއް ނެތެވެ. ލޯބިވާ މީހުންނަށްޓަކާ ހިނިތުންވާން އޭނަ މާ ކުރީއްސުރެން ދަސްކޮށްފިއެވެ. އަމިއްލަ ހިތް ކުދިކުދިވިޔަސް މައިންބަފައިންގެ ހިނިތުންވުންތައް ދުށުމުން އޭނައަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތީއެވެ.

***

ގަޒަލް އެނދަށް ލާފައި ރަޖާ ގަނޑު ރީތިކޮށް އަޅާލަދިނުމަށްފަހު މަންމަ ވާހަކަދައްކާލަން އޮތެވެ.

"ޖީޖީ ނިންޖެއް ނާދޭތަ؟ "

"ކުޑަކޮށް.. މަންމާ ރެއިނާ ގެންނަން މިއުޅެނީ...." ގަޒަލް މަންމައާއި ދިމާލަށް އެނބުރުނެވެ. ރޭގަނޑު ނިދަން އެންމެ އެކަށީގެންވާ ފެހި އަލީގައި މަންމަގެ މޫނަށް ބަލަން އޮތީ އުއްމީދާއެކުގައެވެ.

"މަންމަ ހުއްޓާ ކޮން ރެއިނާއެއް؟ "

"ޕްލީޒް މަންމާ. އާއެކޭ ބުނެބަލަ."

"މެއިޑެއްގެ ގޮތުގައި ހުންނަން އެކުއްޖާ އޯކޭވާނެތަ؟ " ސަބީނާގެ ސުވާލުން ގަޒަލް އޭނައަށް އެނގި ހުރި ވާހަކަތައް ކިޔައިދިނެވެ. ބަލާބެލުމަށް ހިތްހެޔޮ ސާދާ އަންހެންކުއްޖެކެވެ. ފަގީރު ދިރިއުޅުމެއްގައި ހަޔާތުގެ ބޮޑުބައި ވޭތުކުރުމަށްފަހު ނަރުސްކަން ކިޔަވަން އުޅެނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން އެ ހުވަފެންތައް ފުރިހަމަ ނުކުރެވުނީއެވެ. ރެޑް ކްރެސެންޓްއަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދިނީވެސް އިންސާނިއްޔަތަށް ޚިދުމަތްކުރާހިތް ވާ ވަރުންނެވެ. އެކުއްޖާވެސް ފޮޓޯނެގުމުގެ އިތުރުން ވާހަކަވެސް ލިޔެހަދައެވެ. މެއިޑެއްގެ ގޮތުގައި ގެންނަން އެންމެ އެކަށީގެންވާ ކުއްޖާކަމުގައި ގަޒަލް ދެކުނެވެ. ދީނާއި ބެހޭގޮތުން އެކުއްޖާއަށް ގިނަ ކަންތައްތައް އެނގޭކަމުގައި ގަޒަލް ބުނެލިއިރު އެލޮލުން ފެނުނު ވިދުވަރުން ގަޒަލް އެ ރެއިނާއަކާއި ރުހޭވަރު ހާމަކޮށްދިނެވެ.

"އަމިއްލައަށް އާދެވޭނެވަރަށް މާލީ ތަނަވަސްކަން ހުންނާނެތަ؟"

"ނޫން މަންމާ. އެކުއްޖާއަށް ޓިކެޓާއި ވިސާ ހަމަޖައްސަދޭން އެދުނު."

"އެންމެ ރަގަޅު. ޖީޖީ ތިހާ ކުރާހިތުން އުޅޭކަމެއް މަންމަ ނުހުއްޓުވާނަން"

ވާހަކަދައްކަން އޮތްވާ މަންމަގެ އެސްފިޔަތައް ބަރުވަމުންގޮސް ނިދީގެ ހިމާޔަތުގައި އަރާމު ލިބިގަތްހިދު އޭނައަށް އެފަދަ ނަސީބެއް ނުލިބުނެވެ. ނިދުމުން އެ މަޚުލޫގު އަތުވެދާނެތީ ނިދަން ޖެހިލުންވެސް ވަނީއެވެ. ދެލޯ ތަންމިނަށް ހުޅުވާލައިގެން ވަށައިގެންވި ހިމޭންކަމުގެ ތެރެއަށް ނަފުސް ދޫކޮށްލިތަނާހެން ރީތިވާ މޭޒުމަތިން އެއްޗެއް ހަރަކާތްކޮށްލިތަން ލޮލުގެ ހިމަކޮޅުން ފެނުނެވެ. އެއާއެކު ހިޔަނިގަނޑެއްހެން ހީވާ އެއްޗެއް ތަޅުންމައްޗަށް ފުންމާލައިފިއެވެ. ހުދު މާބްލްމަތީ ފިރުކެމުންގޮސް އެނދުގެ ފައިލާކޮޅުން އެރިއެވެ. ގަޒަލްގެ ގަޔަށް އެ ހިޔަނި ވެއްޓިގަތެވެ. މޭގެ ކަށިގަނޑަށް ބާރުކޮށްލިވަރުން ނޭވާ އެތެރެހަށީގައި ތާށިވެއްޖެއެވެ. "ގަޒަލް" އެ މަޚުލޫގު ގަޒަލްގެ ނަމުން ގޮވަން ފެށިގޮތަށް އަޑު ބާރުވަމުންގޮސް އޭނަގެ ކަންފަތާއި ނުކުޅަދާނަވާ ވަރުވިއެވެ. ކަންފަތް ބުޑުގައި އޭތި ހަޅޭއްލަވަނީއެވެ. އޭނަގެ ނަމުންނެވެ.

އިރުކޮޅެއްފަހުން އަޑު ހިނދި ހަށިގަނޑަށް ލުއިވިއެވެ. ކޮންފަދަ ބިރުވެރިކަމުން ފުރިފައިވާ ރެއެއްހެއްޔެވެ؟

މިއީ ހަމަ ދެބަ ދޭތެރޭގައި ހިނގާ ކަމަކީހެއްޔެވެ. ނޫނީ ނުބައި ޝައިތާނެއް އޭނައާއި އަވަލައިގެން އުޅެނީހެއްޔެވެ؟ މިވާހަކަ ހިއްސާކުރަން ވެއްޖެއްޔާ މަންމައާއި ބައްޕަ ފިކުރު ބޮޑުވާނީއެވެ. މައިންބަފައިން އޭނައަށްޓަކާ ހިތާމަކޮށް ގުރުބާންވާވަރު ކުޑައެއްނޫނެވެ. މަތިމައްޗަށް ނުތަނަވަސްކަމާއި ފިކުރުތައް ޖެއްސުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އެހެންނޫނަސް އޭނަ ތެރަޕީ ސެޝަންތަކަށް ދާން ޖެހޭނެއެވެ. ދެވަނަފަހަރަށް ބޭސް ކާން ޖެހޭނެކަން ހަދާންވުމާއެކު ނިންމީ އިހަށް އޭނައަށް ދިމާވާ ހާދިސާތައް ސިއްރުކުރުމަށެވެ. އޭނައަށް އެކަނި މި ޝައިތާނުންނާއި ހަގުރާމަކުރަން ވިސްނިއިރު އެއީ އެންމެ ރަގަޅު ނިންމުމެއްކަމުގައި ޔަގީނެއް ނުވިއެވެ. ނަމަވެސް އިސްކުރީ އެހެން މީހުންގެ އުފާތަކެވެ.

***

ކޮންމެ ރެއަކު މަންމަ އޭނަ ގާތު ނިދަން އޮތުމަކީވެސް އެންމެ ރަގަޅު ހައްލެއްކަމަށް ގަޒަލް ނުދެކެއެވެ. އޭނަ ހިތްވަރާއެކު އޭނަގެ ބޮލުތެރޭގައިވާ ޝައިތާނުންނާއި ހަގުރާމަކުރުމުގައި ހިތްވަރުކޮށް ފަހުލަވާނަކަށްވާން ޖެހެއެވެ. ނަފްސާނީ މައްސަލައަކަށް ހުށަހެޅި އޭނަގެ މުސްތަގުބަލަށް އަސަރުކުރުވާވަރަށް މީހާ ބަލިކަށިވެ އެކަމުގެ އަސީރަކަށްވާތަން ދެކެން އޭނަ ނޭދެއެވެ. އޭނަގެ ހަށިގަނޑުގެ އެއްބައި ކަމުގައިވި ގުޒްލާންއަށް ކުރިމަތިވި ބިރުވެރި ނާމާން ދުވަސް ގާތުން ދެކެ އޭނަގެ ބުއްދި އުދުހިގެން ނުދިޔައީވެސް ހިތްވަރުގަދަކަމުންނެވެ. އެހެނެއް މުޅިން ނުބުނެވޭނެއެވެ. ކިތަންމެ ހިތްވަރުގަދަޔަސް ލޯބިވާ ފަރާތެއް އަމިއްލަ ލޮލުގެ ކުރިމަތީގައި ނެތިގެން ދިޔުމުން ހިތްވަރުގަދަ ހިލަހިތެއްގެ މީހަކުވެސް ބަލިކަށިވެދާނެއެވެ. އޭނައަށްވެސް ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވިއެވެ. އެވަރުންވެސް ރޭގަނޑު ހަމަ ނިދި ނުލިބުމާއި ބިރުވެރި ހުވަފެންތައް ފެނުމާއެކު ބޭސްކާން މަޖުބޫރުވިއެވެ. އެއަށްފަހު އަހަރެއްހާ ދުވަސްތެރޭގައި އޭނައަށް އެ ހާދިސާއާއި ގުޅިގެން ކުރި ނުބައި އަސަރުތަކާއި ކުރިމަތިލުމުގެ ބާރު ލިބުނެވެ. ކުރީކޮޅު ބައްޕަ އާއިލާއާއެކު އޯކްވިލް ދޫކޮށް އެހެން ތަނަކަށް ބަދަލުވިއެވެ. ފަހުން ޑޮކްޓަރުގެ އިރުޝާދާއެކު ހަމަ ހާދިސާ ހިނގި ގޭގައި ހުރެގެން އެހަދާންތަކާއި ދުރުވެ "ނޯމަލް" ދިރިއުޅުމެއް އޭނަ ހޯދިއެވެ. މިލާންގެ އެނބުރި އައުން އެންމެންގެ ހަމަޖެހުން ނަގައިލާ އަލުން ނަފްސާނީ މައްސަލަތައް ހިލުވައިގަތީއެވެ. އަމިއްލައަށް އެކަން ވިސްނި ނަފުސް ބަލިކަށި ވިޔަނުދީ މި ހަގުރާމައިގާ ކުރި ހޯދަން އޭނަ މަސައްކަތް ކުރަންކަމަށް ވައުދުވިއެވެ.

***

ބިންގަނޑުވެސް ގުޑުވާލާފާދަ ބާރު އަޑަކާއެކު އުދަރެހުން ތޫނު ވިދުވަރުގެ އަލި ރޮގުތައް އެކި ދިމާލަށް ފެތުރެންފެށިއެވެ. ފުލުފުލުގައެވެ. ހޮނު ގުގުރިއާއި ވިދުވަރުގެ އަލިން އެތައް ނަފުސްތަކަށް ބިރުވެރިކަން ލިބި ގޭގެ ހިމާޔަތުގައި ބޭރަށް ނިކުންނަން ޖެހިލުންވެފައި ތިބި ދުވަހެކެވެ. ދުވަސްވީ ބިޔަ ގަހަކަށް ހޮނު އެޅިއެވެ. ވައިގެ ހަމަލާތަކުން މެދުކެނޑުމެއް ނެތި އަމާޒުވަމުން ދިޔަ ޕާކުގެ ތެރެއިން ފެންނަ ހަމައެކަނި އަލިކަމަކީ އެ ގަހުގައި ރޯވެފައިވާ އަލިފާންގަނޑެވެ. ދެވަނަ ސިކުންތުކޮޅުގައި ވާރޭ އޮއްސައިގަތެވެ. ހިމާޔަތެއްނެތި ވަޔަށް ހުށަހެޅިފައިވާ ގަސްތަކުގެ ގޮފިތައް އެކިފަރާތް ފަރާތަށް ލެނބިގެންދާއިރު ގަހާއި ދެންމެ ދެންމެ އަލްވަދާއު ކިޔާފާނެ ފަދައެވެ. ޟައީފު ދޮންފަތްތައް ވަކިވެގެން ވައިގެ ތެރޭ އުދުހެނީއެވެ.

ކައިޔާން ނިދަންލާ ޕިޖާމާގައި ހުރިއިރު އެރީތި ލޯ ނިދީގެ ސަބަބުން ބަރުވެފައިވެއެވެ. ފިނިކަން ގަދަކަމުން ކޮފީތަށިން ހީފިލުވަން ކޮފީމަގުން އެތިފޮދުފޮދުން ބޮމުން ދިޔައެވެ. ގަޒަލް ސޯފާގައި ކުއިލްޓުން ފައި ނިވާކޮށްލައިގެން ކުޝަންތަކުގައި ބައްދާލައިގެން ބިއްލޫރި ދޮރުތަކުން ބޭރަށް ބަލަން އިނީ ބިރުގެންފައެވެ. ގުދުރަތީ ރީތިކަމުގެ ތެރެއިން އުފަންވާ މިފަދަ ބޮޑެތި ތޫފާންތަކުންވެސް ބައެއް މީހުންނަށް ފޯރިއާއި ޖޯޝެއް ލިބިދެއެވެ. ޓޯނޭޑޯ ހަރިކޭން އަދި ސައިކްލޯންފަދަ ތޫފާންތަކުގެ ފަހަތުންވެސް މީހުން ދުވެ އުޅޭ ނޫންހެއްޔެވެ؟ ހަގީގަތުގައިވެސް ބަލައިލަން މަންޒަރުތައް ރީއްޗެވެ. ތޫފާންތައް އުތުރި އަރައިގަންނަގޮތަށް ބޮޑެތި ގެއްލުންތައް ދީ ފުރާނަތައް ދުއްވާނުލާނަމަ ހިތްގައިމު އެއްޗެއްގެ ގޮތުގައި ބަލައިގަނެވިދާނެއެވެ.

"ފްލައިޓު ލޭންޑްކޮށްފާނެ ކަން ނޭގޭ....." ގަޒަލް ފޯނުން ގަޑި ބަލައިލިއެވެ.

"ދަރިފުޅު އެކަމާ ނުވިސްނަބަލަ. ޑްރައިވަރު ރެއިނާ ސަލާމަތުން ގެނެސްދޭނެ...."

މިގެއަށް ރެއިން އަންނަނީ ހަމަ ތޫފާނެއް ހިފައިގެން......އެހެންވެ ރެއިން އޭ އެކިޔަނީ؟ " ކައިޔާންގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

"ރެއިން ކިޔަސް އެއީ ވާރޭ ކޮޅެއް ނޫނޭ ..."

"އެކަމެއް ނޭގޭ. އޭނަގެ ނަން ފުރަތަމަ އިވުނު ދުވަހުވެސް ވާރޭ ވެހުނު. ކެނެޑާގައި އޭނަގެ ފައިތިލަ ބީހުނީ ތަންޑާސްޓޯމްއަކާ އެކު................."

"ކައި ތިހާ ކިއުރިއަސްވަނީ އެއީ އަމުދަކުން ކައި ޓައިޕް ކުއްޖެއްވެސް ނޫން.. ވަރަށް ސިމްޕަލް. ބުރުގާ އަޅާފައި. ދީނީ ކުއްޖެއް އައި މީން ޝީ ޓޯކްސް އެލޮޓް އެބައުޓް އިސްލާމް.............." ގަޒަލް ކިޔާދިންއިރު ކައިޔާންގެ މޫނަށް ވެރިވި ކުލަތައް ފަރުވާތެރިކަމާއެކު ބެލިއެވެ. އެއްވެސް ޝުއޫރެއް ދައްކާނުލައެވެ. ކައިޔާންގެ ދީނީ މައުލޫމާތު ހުންނަ ވަރާއި އޭނަގެ ވިސްނުން ހުންނަ ގޮތް ޚުދު ގަޒަލްއަކަށްވެސް ނޭގެއެވެ. އެގޭ ތެރޭގައި "ދީނީ" ވާހަކަތައް ދެއްކުން މަނާވެފައި އޮންނަނީ އޭ ހިތަށް އަރާހާ އެ ވާހަކަތައް މަދެވެ.

"މްމްމް. އޯކޭ ޖީޖީ. ތިހާ ފޫހި ކުއްޖެއް އަންނަންދެން މި ފިނީގައި އިނިއްޔާ ރިގްރެޓްކުރަން ޖެހިދާނެ." ކައިޔާން އޭނަގެ މަންމަގެ ގައިގާ ބައްދާލާފައި ރޭގަނޑުގެ ސަލާމްކޮށްލިއެވެ. "ޝެލް އައި ޓަކް ޔޫ އިން ބެޑް ޓޫ ؟ "

ގަޒަލް ބޯ ހޫރައިގަތެވެ.

"ހެހެހެ......ތޫފާން އަންނަދެން އިންތިޒާރުގައި..." ކައިޔާން ހިނިގަނޑެއް ޖަހާލާފައި ދަމުން ގަޒަލްގެ އިސްތަށިގަނޑަށް ދަމާލާ ކޮލުގައި ހިފައިލިއެވެ. ކުރިން އަރުވާ ވަރަށް ރުޅި ނޭރުވިޔަސް މިޒާޖުގައި އެފަދަ ތޮޅޭ ބަޔެއް ހުރުމުން އެ އާދަތައް ނުފިލަނީއެވެ.

ގަޑިއެއްހާއިރު ފަހުން ތޫފާން މަޑުވެ ދުނިޔެމަތި އަމާންކޮށްލައިފިއެވެ.

ބެލްޖެހުމުން ދޮރު ހުޅުވައިލުމުން ޑްރައިވަރު ރެއިނާގެ ދަބަސްތައް އެތެރެއަށް ވައްދާލަދީފައި ސަލާމްކޮށްލުމަށްފަހު ނުކުތީއެވެ. ސަބީނާ ރެއިނާ އެތެރެއަށް ވެއްދިއެވެ. ފޮޓޯއިން ފެންނަވަރަށް ވުރެ ހިކި ކުއްޖެކެވެ. ކާން ނުލިބި ބަނޑަށް ޖެހިފައިވާ ކުއްޖެއްހެން ކޯތާފަތާއި ލޯ ވަޅުވަދެ ތުންފަތް ހިކިފައެވެ. އެކަމަކު ތުންފަތުގެ ކުލަ ރަތެވެ. ޖިންސަކާއި އަތްދިގު ޓީޝާޓެއްލާފައި ބުރުގާ އަޅާފައި ހުރިއިރު މޫނު ވިދައެވެ. އެކުއްޖާ ލަދުން ހުރިވަރުންނާއެކު ފުރަތަމަ ނަޒަރުން ކޮންމެ މީހަކަށްވެސް އެކުއްޖާއާއިމެދު ދެކެވޭނީ ބަސްމަދު މާތް ކުއްޖެއްގެ ގޮތުގައެވެ. އަދަބުވެރިކަން އެކުއްޖާއަށް ދަސްކޮށްދިން މީހަކަށް ތައުރީފު ހައްގެވެ.

"ވެލްކަމް.." ސަބީނާ ގަޒަލް ކައިރިއަށް ރެއިނާ ގެންގޮސް ތައާރަފުކޮށްދިނެވެ. ރެއިނާއާއި ގަޒަލްއަށްވެސް އެކަކު އަނެކަކާއި ވާހަކަދެއްކުން ހީކުރިހާ ފަސޭހައެއްނުވިއެވެ. ނެޓުން އަނގަތެޅިޔަސް ކުރިމަތި ލުމުން ދޫ ބަންދުވެ ކިޔާނެ އެއްޗެއް ނޭގުނުފަދައެވެ. ގަޒަލް އެހީ ބިރުގަތްތޯއެވެ. ރެއިނާ ބުނީ ރޭގަނޑު ކަމުން ތޫފާނެއް އައިކަން ނޭގޭ ކަމަށާއި ޓާބިއުލެންސް ހުރި ކަމުގައެވެ. އަނދިރިކަމުން އޯކްވިލްގެ ރީތިކަން ނުފެނުނު ކަމުގައެވެ. ރެއިނާގެ އަޑު މަޑުކަމުން ކިޔާ އެއްޗެއް ކިރިޔާ އަޑު އިވެނީއެވެ. ތަފާތު ރާގެކެވެ. ސަބީނާ ސިޑިން އަރައިގެން ދިޔައީ ދެކުދިން ވާހަކަދައްކަން ފުރުސަތު ދީފައެވެ. ރެއިނާ އިންނަނީ މަޑުންނެވެ. ވާހަކަދައްކަން ނުކެރިފައި ހެންނެވެ. ނަމަވެސް އޭނަގެ ނަޒަރު ސިޓިންރޫމްގެ ހުރިހާ ތަނަކަށް ދަތުރުކުރިއިރު އެލޮލުން ވިދުމެއް ފައުޅުވިއެވެ. އަތުގައި އޮތް ފޯނާއި ދޭތެރެއިން ކުޅެލައެވެ.

"އެހާ ދިގު ދަތުރެއް ކޮށްފައި އައީމަ ވަރުބަލިވާނެއްނު. ނިދަން ބޭނުން؟ "

"ލޭޓާ. ގިބުލަ އެނގޭތަ؟ " ރެއިނާ އެހިއެވެ.

"ނޭގޭ..." ގަޒަލް ކަންބޮޑުވިއެވެ.

"އެކަމަކު ގޫގުލް ބުނެދޭނެ ދޯ ހެހެ..." ރެއިނާ ބަހެއް ނުބުނެ ފޯނަށް ނަޒަރު ހުއްޓައިލުމުން ގަޒަލް ލުއި ހުނުމަކާއެކު ބުނެލިއެވެ.

"ރެއިނާ ޕްރޭޔާ އަށް ފަރުވާ ބަހައްޓާވަރު މި އެނގުނީ. ކިހާ ނައިސް.." ގަޒަލް ހިތާހިތުން ކިޔައިލިއެވެ. ރެއިނާގެ އެ ހިމޭންކަމާއެކު އެ ބޮޑު ދެލޮލުގެ ތެރޭ ސިއްރުވެރިކަމުގެ ޚަޒާނާއެއް ފޮރުވައިގެން އިންފަދައެވެ. އޭގެ ތަޅުދަނޑި އަތުލެވި ހުޅުވުން ފަސޭހަނުވާނެކަން އެ ހިމޭންކަމުން ގަޒަލްއަށް ދެނެގަނެވުނެވެ. ޗެޓްކުރާއިރު އަނގަ ތެޅިޔަސް ބަސްމަދުކަމާއެކު އަނގައިން ނިކުންނަ ލަފުޒުތައް އަތުގެ އިނގިލިތަކުން ގުނައިލެވޭނެ ހާ މަދެވެ.

މަހައުލަށް ވެރިވެފައިވި ނުތަނަވަސްކަން ކަން ކަނޑުވައިލަދިނީ ސަބީނާއެވެ. ސަބީނާ އެދުނީ ރެއިނާ ކާކޮޓަރިއަށްގޮސް ރަގަޅަށް ކާލައިގެން އައުމަށެވެ. ކިޔަމަންތެރި ކުޑަކުއްޖެއްފަދައިން އޭނަ ތެދުވެގެން ސަބީނާގެ ފަހަތުން ހިނގައިގަތެވެ. ކެއުމަށްފަހު ރެއިނާ ދިރިއުޅެން ކޮޓަރިއެއް ހަމަޖައްސައިދިނެވެ. ރޭގަނޑު ނިދަންވުމުން ގަޒަލްގެ ކޮޓަރިއަށް ދިޔަސް ދެކުދިންނަށްވެސް އަމިއްލަވަންތަކަމާއި އެކަނި ދިރިއުޅެން ތަނެއް ބޭނުންވާނެތީ ދެކުދިންނަށް ދެކޮޓަރި ހަމަޖެއްސީއެވެ. ރެއިނާގެ ސާމާނުތައް ލާފައި ނިދަން ތައްޔާރުވެގެން ގަޒަލްގެ ކޮޓަރިއަށް އައުމަށް ސަބީނާ އެންގިއެވެ. ގަޒަލްގެ ދުވާލުގެ ތާވަލް ކިޔާދިނެވެ. ރެއިނާގެ ސިއްރުވެރިކަމުން ގަޒަލްގެ ހިތުގައި ނުތަނަވަސްކަމެއް ހިނގައިލިއިރު މަންމައަށް އެކަމުގެ ހިލަމެއް ނުވެއެވެ. ރެއިނާގެ ސަބަބުން މަންމައަށް ޔަގީނުންވެސް މިނިވަންކަމެއް ލިބި އަލުން ވަޒީފާއަށް ދެވޭނެތީ އުފާވެސް ވެފައި ހުރިފަދައެވެ. ޔަގީނުންވެސް އޭނައަށް ރެއިނާއާއި ގަޔާވެވިއްޖެއެވެ.

"ފޮތެއްގެ ބަޑޭރިގަނޑު ބަލާފައި ޖަޖްކުރާކަށް ނުވާނެ ޖީޖީ..ރެއިނާ އެހާ ސިއްރުވެރިއޭ ހިތަށް އަރަނީ ކީއްވެ. ބިހޭވިއާ ހުރިގޮތުން ބާ. ތަފާތު އަންހެންކުއްޖެއް. ކޮން ސިއްރެއް ފޮރުވައިގެން މިއުޅެނީ..........." ގަޒަލްގެ ސިކުނޑީގެ ކަނަކުން އިންޒާރު ދިނެވެ.

 

***

ދެކުދިން އެކަނިވުމުން ރެއިނާ ނިދަން ޚިޔާރުކުރީ ކައުޗްއެވެ. ގަޒަލްއާއި އަނގައިން ބުނުމުގެ ޝައުގެއް ނެތެވެ. އޭނަގެ ހުރިހާ ސަމާލުކަމެއް ހުރީ އަތުގައި އޮތް ފޯނަށެވެ. ކައުޗަށް އަރާ ކުއިލްޓް ތެރޭ ފޮރުވިގަތެވެ. ކުއިލްޓްތެރޭ އޮވެގެންވެސް އޭނަ ފޯނުން ދޫކޮށެއްލީއެއް ނޫނެވެ.

"ނިދަނީތަ؟ " ގަޒަލް އެހިއެވެ.

"އެހަ އަވަހަށް ނުނިދޭނެ....ހަދަ ފިނިގަދައޭ. އެބަ ރޫރޫ އަޅާ.."

"ޚަރީފު މޫސުމް ފެށުނީމަ ކަން ނޭގޭ. ރެއިނާ ބުނީމެއްނު އޯޓަމް ފެވެރިޓްއޭ. ޔޫ ވިލް ޑެފިނިޓްލީ ލަވް އިޓް ހިއަ އެކަމަކު ފިނިގަދަވާނެ. ފިންޏަށް ހޭނެން ޖެހޭނީ. ރެއިނާ ނުނިދާ ދެން ކީއްކުރާނީ...ފެމިލީ މީހުންނާ ޗެޓްކޮށްލަނީ ދޯ......" ގަޒަލް އެހިއެވެ.

"ފެމިލީއަށްޓަކާ މިއައީ މިއައީ. ރާއްޖެއަށް ގުޑްބައި ކިޔާފައި އާ ހަޔާތެއް ލިބުމަށް އެދި. މާޒީގައި ހިފަހައްޓައިގެން ރީތި ދިރިއުޅުމެއް ނުހޯދޭނެ. އޯކްވިލްއަށް އައުމަށްފަހު މިތަނުގެ ރީތިކަމާއި ތަފާތުކަމަށް ހިތް ދެވިއްޖެ.." ރެއިނާ ފުރަތަމަ ފަހަރަށް ތަންކޮޅެއް ގިނައިން ވާހަކަދެއްކިއެވެ.

ގަޒަލް އޭރު ތަބީއަތު ކޮންމެވެސް ވަރަކަށް ގޯސްވިއެވެ. ރެއިނާގެ ބަދަލުގައި އެ ކައުޗުން އޭނަގެ އަނެއް "ހާފް" ފެންނާނެނަމައޭ ހިތަށް އެރީ ހަމަ ކުއްލިއަކަށެވެ. ކުރީގެ ހަދާންތައް ސިކުނޑީގައި ޖެހިގަތުމުން ރެއިނާގެ ބަދަލުގައި ގުޒްލާން އެކައުޗުން ފެނުނެވެ. އެއާއެކު އެދުވަހުގެ މަންޒަރުތައް ނިއުޅެންފެށީ ލަސްލަހުންނެވެ. ރެއިނާ ދެއްކި ވާހަކަތައްވެސް އޭނައަކަށް ނީވުނެވެ. ފެންނަމުން ދިޔައީ އެހެން މަންޒަރެކެވެ. ގަޒަލްއަށް ލޯ މަރައިބާރު ކޮށްލެވުނެވެ. ކުޝަން މޫނުގައި ޖައްސާފައި އެ މަންޒަރު ގެއްލުވައިލަން އުޅުނަސް ސިކުނޑިން ފެންނަމުން ދިޔަ ފެނުން ބަދަލެއް ނުކުރެވުނެވެ. ދެލޮލުން ކަރުނައިގެ ސައިލެއް އޮހިގަތެވެ.

ރަން އަވި އޯކްވިލްގެ ގެތަކާއި ވަށައިގެންވާ ކޯރަށް އެޅި ވިދުން ގަދަކޮށްލިއިރު ރޭގެ ތޫފާންގެ އަސަރުތައް މުޅިންހެން ނެތިގެން ގޮސް ރީތި ދުވަހަކާއި ކުރިމަތިލައިފިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ގަސްތަކާއި މައްލަވަ ކުރަމުން ދާ މަންޒަރު ފެނެއެވެ. ރޭގެ ތޫފާނަށް ނުކުޅަދާނަވެގެން ވެރުނު ގޮފިތައް އެކި ދިމާލަށް އުކިފައެވެ. ފަތްތަކުގެ ސާލެކެވެ. ހެދުނު ނާސްތާއަށްފަހު ގަޒަލް ގޮނޑިއަށް އަރުވާފައި ދުއްވަމުންގޮސް ބަގީޗާތެރެއަށް ނެރެދިނީ މަންމައެވެ. އޭރު ރެއިނާ ނިކަން ފޯރިއައެކު ފޮޓޯ ނެގުމުގައި އަވަދިނެތި އުޅުނެވެ.

"މިގޭގެ ގާޑްން ވަރަށް ރީތި...." ރެއިނާ ހިންދެމިލަމުން ބުނެލީ ރަކިވެފައި ހުރެއެވެ. ވައްކަމެއް ކުރަން ހުއްޓާ ފަޅާއެރުމުން ލަދު ގަންނާނެ ފަދައިން އިސްޖެހިއްޖެއެވެ.

"އޯޓަމް ކަލާސްތައް ވަރަށް ސަޅި.."

"އަދި ކިރިޔާ އޯޓަމް ފެށެނީ." ގަޒަލް ބުނެލިއެވެ.

ސަބީނާއަށް ރެއިނާއަށް ބަލަހައްޓައިގެން ހުރެވުނީ ހިނިތުންވެވިފައެވެ. އަލަށް ކެންޑީއެއް ލިބިގެން އުޅޭ ކުޑަކުއްޖެކޭ ރެއިނާ ތަފާތެއް ނެތެވެ. އޭނައަށް ފެނުނު ކޮންމެ މަންޒަރެއް ވީ އާ ތަފާތު އެއްޗަކަށެވެ. ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ހަޔާތުގެ ހުރިހާ ދުވަސްތަކެއް ވޭތުކުރިކުއްޖަކަށް ބޭރު ގައުމެއް ފެންނާނީ އާ ދުނިޔެއެއްފަދައިންނެވެ. ޚާއްސަކޮށް ކެނެޑާފަދަ ރީތި ގުދުރަތީ މުއްސަދިކަމުން ފުރިފައިވާ ތަނެއްގެ ރީތިކަން އާޝޯޚު ކުރުވާނެއެވެ. ގަޒަލް ހައިރާންވީ ރެއިނާ އެންމެ ފަހަރަކުވެސް ހިނިތުންވެލިތަން ނުފެންނާތީއެވެ.ރެއިނާ އުފާ ފައުޅުކުރަނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ހުރިހާ ޖަޒުބާތުތައް ބޮޑު ދެލޮލަށް އަޅާ ފޮރުވައިގެން ހުރުމުން ގަޒަލްގެ ހިތުގެ ޝައުގު ބޮޑުވީއެވެ.

***

ހެނދުނު ޓީވީއިން ފެނުނު މަންޒަރަކުން ސަބީނާއަށް ލޯ ބޮޑުކޮށްލެވުނެވެ. ކާކޮޓަރިތެރޭގައި އެގަޑީގައި ތިބީ ސަބީނާގެ ދެމައިންނެވެ.

"ރޭ ހޮނު އަޅާފައި އެ ޕާކުން މީހަކު މަރުވީ. އަނެއްކާ މިލާން އެޓިކްގައި އެބައުޅޭތަ؟ އޭނަ ކުރީ ރޭވެސް އެޕާކަށް ވަން....." ކައިޔާން ބަގީޗާތެރެއަށް ނުކުމެފައި މަންމައާއި ކޮއްކޮ ގާތަށް އައެވެ. އޭރު ގަސްކައިރީ ހުރި އަންހެންކުއްޖާ އޭނަގެ ނަޒަރަކަށް ނާރައެވެ.

ނުނިމޭ

ކޮމެންޓް 0