އޭނަގެ ބަލީގެ ވާހަކަ ދައްކަން ފެށުމުން ގަޒަލް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ކުރިން މިފަދަ އުދަގޫ އިހުސާސްތަކެއް ނުކުރެވެއެވެ. މާމަ ބުނިގޮތުން ކުއްލިއަކަށް އަމިއްލަ ހާލާއިމެދު ވިސްނައިލަން ޖެހުނެވެ. އެންމެ ކުރިން ހީކުރެވުނީ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. ނަމަވެސް ވަގުތުތައް ދުވަސްތަކަށް ދުވަސްތައް ހަފްތާތަކަށް ބަދަލުވެ މިހާރު މަސްތަކެއް ވެގެން ދަނީ ކުރިއެރުމެއް ނުލިބިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ މާޔޫސްކަމުގައި ގެނބި ނޭވާއަށް ބާރުވާ ގޮތްވެފައެވެ. އަބަދުގެ އަބަދަށްޓަކާ ފުރޮޅިލީ ގޮނޑިއެއްގައި އިންނަން ޖެހުމުގެ ބިރު އޭނަގެ ހިތަށް ކުއްލިއަކަށް ވެރިވެއްޖެއެވެ.

"ތިވެސް ޑޮކްޓަރުން ވީއިރު ދަރިފުޅުމެންގެ ޚިޔާލަކީ ކޮބާ؟ ކުއްލިއަކަށް ވާގި ނެތެން ދިމާވާ ސަބަބެއް ހޯދުމުގެ ކިހާ ވަރެއްގެ އުއްމީދެއް އޮތީ........" ކާފަ ކޮށްލި ސުވާލުން ގަޒަލް ހިނި އައެވެ. މަންމަ ބައްޕަގެ އަތުގައި ހިފާ ބާރުކޮށްލިތަން އޭނަ ދެކުނެވެ.

"މިހެން ދިމާވާން ޖެހުނު އެކްޒެކްޓް ސަބަބެއް އަދި ނޭގޭ. "

"ރާއްޖެ ގޮސްފައި މޫދަށް އެރި ހަދައިލަން ކާފައަށް ފެންނަނީ..."

"ކުރީފަހަރު ރާއްޖެ ގޮއްސަ ޖީޖީ އެންމެ ފަހަރަކުވެސް މޫދުން ނާރައޭ. މަރުވެއްޖެއްޔާ ވަޅުލާނީ މޫދުގައޭ ބުނެ ވަސިއްޔަތް ކުރި. ގެއެއް އަޅަންޏާ އަޅާނީވެސް މޫދުގަޔޯ..އެވަރަށް މޫދާއި ހެދި އުޅުނު ކުއްޖެއް އަހަރެމެންގެ ދަރިންގެ ތެރެއަކު ނެތް......." ސަބީނާ ބޮލުގައި އަޅައިގެން އިން ތޮފި ނަގާފައި މޭޒުމަތީ ބޭއްވިއެވެ. ހޫނު މޫސުމް ކަމުން އޭނަވެސް ލައިގެން ހުރީ ކޮޓްން ގަމީހަކާއި ޖިންސެކެވެ. ގިނަ ދަރިންތަކެއް ވިހާފައި ހުއްޓަސް އަދިވެސް ޒުވާންކަމާއި ރީތިކަމުން ބަޔެއް އުނިވިހެނެއް ހިޔެއްނުވެއެވެ. އެ ލޫޅާފަތިކަމެވެ.

"ނޫން މަންމާ. މިހާރު މޫދަށް އެރޭ ހިތެއް ނުވޭ" ގަޒަލް ގެ އަޑުގައި ރުންކުރު ކަމެއްވިއެވެ.

"އެއީ ކީއްވެތަ ލަވް..." ސަބީނާ ސިހޭގޮތްވިއެވެ.

"ފައި ނެތި މޫދަކަށް ނޭރެވޭނެ..." ގަޒަލް ބޭކާރު ފައިގާ އަތް ޖެއްސިއެވެ.

"ދުވަސްކޮޅަކަށް އަދި އިންތިޒާރުކޮށްލާ ދަރިފުޅާ. ދުވަސްކޮޅަކަށް..ގޯޑް އިޒް އަޕް ދެއާ. ވީމަ އުއްމީދު ކަނޑާލާކަށް ނުވާނެ........." ސޯފިޔާން ދަރިފުޅުގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

މަންމަ އުޅެގަތީ މޭވާއާއި ތަރުކާރީ ބިނުމަށެވެ. ދޮންވެ ފައްކާވަމުންދާ ޕީޗް ޕްލަމް އާފަލު ޕެއާސް އަދި ޗެރީސްތައް ބިންނަން ދައުވަތުދޭ ފަދައެވެ. ބްލޫބެރީއިން ވެޔޮތައް ބަރާވެފައެވެ. ރާސްބެރީ ކްރޭންބެރީ އަދި ސްޓްރޯބެރީވެސް މެއެވެ. ކާންވާނީ އޯގޭނިކް މޭވާއާއި ތަރުކާރީތަކެވެ. ކެމިކަލްތައް ކެއުމުން ކެންސަރުފަދަ ބަލިތަކަށް ހަށިގަނޑު ހުށަހެޅޭނެކަމަށް ކާފަ ބުނެއެވެ. އެކަމަކު ޖެނެޓިކްވެސް ދައުރެއް ކުޅޭ ނޫންހެއްޔޭ އަހަން އުޅެފައިވެސް ގަޒަލް ބަސްއަހާވަރުން އެބަސްތައް ދިރުވާލައިފިއެވެ. ކާފައާއި މާމަގެ ސިއްހަތު އެހާ ރަގަޅީ ދެމީހުންގެ ހިތްވަރުންކަމާއިމެދު ޝައްކެއް ނެތެވެ. އެ އުމުރުގައި ވެސް ހެލިފެލިވެ އުޅުމުގައި ނޫކަށިފުރައިގެ ޒުވާނުންނެކޭ ތަފާތެއް ނެތެވެ.

"ޓުކުރިއެއް ހިފައިގެން ފުރުޓް ބިންނަމުން ފޮޓޯތައް ޕޭޖަށް ލީ ދުވަސްތައް ދެން ނާންނާނެތަ؟ " ގަޒަލްގެ ޟަމީރު އޭނައާ ސުވާލުކުރިފަދައެވެ. "މިހެންވާންވީ ސަބަބެއް ނޭގޭ. ދުވަހެއްގެ ކޮޅުންވެސް ނުހިނގޭނެތަ؟ ރަގަޅުވާނެކަމަށް ހީކުރީ އެކަމަކު މިހާރު މިހެން އިނދެ ވަރުބަލިވެއްޖެ. ކެތްކުރެވޭނީ މިހާކަށްހާ ވަރަށް. މިއަށްވުރެ މަރުވިޔަސް މާ ރަގަޅުވީސްކަން ނޭގޭ"

***

ކާފަމެންނާ ބައްދަލުވެލުމުން ބޯމަތިން ދުރަށް ނުގޮސް އިން ކޮޅިގަނޑު ކޮންމެވެސް ގޮތަކުން ނެގޭނެކަމުގައި އުއްމީދުކުރެވުނެވެ. ނަމަވެސް މިއަދު ދެކެވުނު ވާހަކަތަކުން މާޔޫސްވީލެއް ވަކިން ބޮޑުވެ އަމިއްލަ ނަފުސްދެކެ ވީ ފޫހި އިތުރުވިއެވެ. ބައްޕަމެން ވިސްނާދިނީ ހޫނު މޫސުމްގެ ޗުއްޓީ ނިމުމުން ކޮލެޖަށް ދާން ފެށުމަށެވެ. ފުރޮޅުލީ ގޮނޑީގައި ތިބެގެންވެސް ސޯޝަލައިޒް ވުމާއި ތައުލީމް ހާސިލުކޮށް މީހުންނާއި ގުޅިގެން އުޅުން މުހިއްމުކަމުގައެވެ. އޭނައަށް ކޮލެޖަށް ދާން ބޭނުން ވާންވީ ކީއްވެހެއްޔެވެ؟ އޭނައަކީ ކޮލެޖްގެ ދިރިހުރުން ކަމުގައިވިއެވެ. ކޮލެޖް ކޮންމެ ހަރަކާތެއް އޭނަ ނެތި ފުރިހަމަ ނުކުރެވޭނެއެވެ. ކޮންމެ ކުލަބެއްގައި ކޮންމެ ހަރަކާތެއްގައި ކޮންމެ ކުޅިވަރެއްގައި ހުންނަ އެކަކު ކަމުގައި އޭނަ ވިއެވެ. އެކަމަކު މިހާރު އެކަންތައް އެކޮޅު ކޮޅުން ޖެހިއްޖެއެވެ. މުޅި އުމުރަށް އޭނަ އިންނާނީ ކުޅި ބަލާ މީހެއްގެ ގޮތުގައި ބާވައެވެ. އޭނަގެ ހުވަފެންތައް ފުރިހަމަ ނުކުރެވޭނީ ބާވައެވެ. ހުރަހަކަށް މިއަދު މިވަނީ ދެފަޔެވެ. މަޑުމަޑުންގޮސް ނުކުޅެދުންތެރިކަމާއިމެދު ހިތުގައި ޝަކުވާތައް އުފެދެންފެށިއެވެ. ކުރީކޮޅު އެހެން މީހުން ނުކުރާފަދަ ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. އުފާވެސްވިއެވެ. މަންމައާއި ބައްޕަ އަދި ޑޮކްޓަރުންގެ ވާހަކަތަކުން މިއީ ދުވަސްކޮޅެއްގެ ކަމެކޭ ހީވެ އުއްމީދުގެ ހުޅުކޮޅު ދިއްލިފައި ހުއްޓާ ހުޅުކޮޅު ނިވެން ފަށައިފިއެވެ. ދުވަހެއްގެ ކޮޅުންވެސް ނުހިގޭނެބާވައޭ ހިތަށް އަރައިފިއެވެ.

ކާފަމެންނާއެކު ކޯރު ކައިރިއަށް ގޮސް ކުޑަ ޕިކްނިކް ހަދާލާފައި ތާސްކުޅުމުގެ ފޯރީގައި ތިއްބާ ކާފަ ބުނި ޖުމްލައަކުން ގަޒަލްގެ މޫނު ހުދުވެ ހިނިތުންވުން ނެތިގެން ދިޔައީ ކުއްލިއަކަށެވެ.

"މިލާން އެނބުރި އަހަރެމެން ގާތަށް އަތުވެއްޖެ....."

"ވަޓް؟ " ސަބީނާ އަނގަ ހުޅުވުނެވެ.

"އާނ މިލާން ބޭނުމީ ކާފަމެން ގާތު އުޅޭށޭ. އެކުއްޖާ ހުންނަ ދުވަސްކޮޅު ކިތަންމެހާވެސް ކަންކަން ފަސޭހަ. ސަބާމެން ދެން އެކަންތައް ހަދާން ނައްތާލަން ވެއްޖެހެން ބައްޕައަށް ހީވަނީ. އޭރު އޭނައަކީ ކުޑަކުއްޖެއް. ދަރިފުޅުމެން އޭރު ތެރަޕީ އެއްޗިއްސަށް ގެންގޮސްގެން މިލާންއަށް މާފުދީފައި އޮތީ. ..." ކާފަ އެއްޗެކޭ ބުނަން އުޅުނެވެ.

"ބައްޕާ. އެއީވެސް ނުވިސްނޭ އޭޖެއްނޫން. އޭނަގެ ހުރި ނުބައި ނުލަފާކަމުން ހިންގި ނުބައި އަމަލެއް. ދުލުން މާފުކުރިޔަސް މިހިތް ދުވަހަކު ހެވެއްނުވާނެ. އޭނަގެ އެ ޓެރިބަލް ކްރައިމް.............." ޖަޒުބާތުގައި ޖެހި ސަބީނާގެ އަޑު ބަރުވިއެވެ. ގަޒަލް ކަރުނަތައް ދިރުވާލައިގެން އިންއިރު މަންމައަށް ހިތުގެ އަޑިން ތާއީދުކުރިއެވެ. މިލާންގެ ނަން އިވުމުންވެސް އޭނަގެ ކަނދުރާގައި ލޯލިތައް ކޮޅަށް ޖެހުނެވެ. އެ " ޝައިތާނާ" ގެ ނަން އެ އިވުނީ ހާދަ ދުވަހެއްކޮށްލާފައެވެ. އަލުން އެމީހުންގެ ހަޔާތަށް އެއައީ ދެން ކޯނޗެއް ފޭރިގަންނަން ހެއްޔެވެ؟

"ކުރީރޭ އޯކްވިލްއަށް ގޮސްފަވެސް ތިގެއަށް ދާން ޖެހިލުންވީޔޯ. ދަރިފުޅުމެން އަންނަކަން އެނގުނީމަ މިލާން ހޮޓަލަކަށް ދިޔައީ........" މާމަ ބުނެލިއެވެ.

"ނަސީބެއް. އަހަރެން އޭނަގެ ސޫރަ ދެކޭކަށްވެސް ނޭދެން. މާފުކޮށްފިން އެކަމަކު މިލާން ދުރުގައި ހުންނަން ދަސްކުރަން ޖެހޭނެ......."ސަބީނާގެ އަޑުގައި މިލާންއަށްޓަކާ ހަމްދަރުދީއެއް ނެތެވެ.

***

އެރޭ އެންމެން ނިދީ ކޮޓެޖްގައެވެ. އޭނަ ގާތުގައި މަންމަ އޮތުމުންވެސް ރައްކާތެރިކަން އިހުސާސް ނުކުރެވުނީ މިލާން އެ ޝަހަރުގައި އުޅޭކަމަށް ސިކުނޑި ހަދާންކޮށް ދޭވަރުންނެވެ. ފަސްއަޅާ ފޮރުވި މާޒީގެ ބިރުވެރިކަން އޭނައާއި އަލުން އަރާ ހަމަކުރަން އުޅޭފަދައެވެ. އޭނައަށް ލިބިފައިވާ ޖިސްމާނީ ނުކުޅެދުމަށްވުރެ މިލާން އޭ ކިޔާ ތޫފާންގެ ބިރުވެރިކަން މާ ބޮޑެވެ. ހިތުގައި ބާކީ އޮތް ހަމަޖެހުންކޮޅުވެސް ނަގާލައިފިއެވެ. އެރޭ ތަންމަތި އަނގުރު އަލިފާންގަނޑެއް ފަދައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތީ އަރާމެއް ނެތް ގޮތަކަށެވެ. އެހެން އޮވެ ދެބަދޭތެރެ ވެފައި އެސްފިޔަތައް ހުޅުވާލުމާއެކު ނަޒަރު ހުއްޓުނީ ކޮޓަރީގެ ކަނަށެވެ. ކުރީ ރޭ އޭނައަށް މައްލަވަ ކުރި މަޚުލޫގު އޭނައާއި ދިމާލަށް ފުންމައިގަންނަން ތައްޔާރުވެގެން ކަހަލަ ގޮތަކަށް އުޑަފައިން އިނެވެ. ޝައިތާނީ ނުބައި ވައްތަރެއް ޖަހަނީއެވެ. އެހެރަ ހިންޏަކުންވެސް ގައިން ހީބިހި ނަގާނެއެވެ.

"މަންމާ...." ގަޒަލް މަންމަގެ އަތުގައި ހިފަން އަތް އުފުލުލައިން އުޅުނެވެ. އަތާއި އަނގަ އައްސިވެފައި ވުމުން ހިތުގައި ބިރުވެރިކަން ހިނގައިގަތެވެ.

ސުފިޔާން ކޮޓަރިއަށް ވަނީ ޚަބަރު ބަލައިލަން ކަން ނޭގެއެވެ.

ސުފިޔާންއަށް ގަޒަލް ލޯބޮޑުކޮށްގެން ވަކި ދިމާލަކަށް ނަޒަރު ހުއްޓިފައިވާކަން ފާހަގަވިއެވެ.

"ދަރިފުޅު އާ ޔޫ އޯކޭ؟ "

"އޭތި ހިގައްޖެ...ބައްޕަ ދުރުވިކަން ނަސީބެއް. ބައްޕާ. އާ ޔޫ ޝުއާ މިއީ ސްލީޕް ޕެރެލެސިސްކަން. ހާދަ ރިއަލްއޭ........" ގަޒަލް އޭނަގެ ބައްޕައާ ޝަކުވާ ކުރިއެވެ.

"ބޯދާ ޒަމާނުގައި އީވިލް ސްޕިރިޓޭ ޖިންނި އޭ ކިޔައިގެން އުޅުނަސް ސައިންޓިފިކަލީ އެކަން ޕްރޫވެއް ނުކުރެވޭ. ގިނަފަހަރު ސައިކޭޓްރިކް މައްސަލައެއްގައި ނޫނީ ހެލުސިނޭޝަންތަކުގައި ލޯމައްޗަށް އެކަހަލަ ސޫރަތައް އެފެންނަނީ. ދަރިފުޅު. އެއެއްޗަކު އަޔަސް ގޯނާ ނުކުރެއެއްނު. ބަލަހައްޓައިގެން ހުރެލާފައި އެދަނީނު.." ސުފިޔާން ދަރިފުޅުގެ ހިތް ހަމަޖައްސައިދޭން ނަފްސާނީ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ހެލުސިނޭޝަންގެ ތަފާތު ވައްތަރުތައް ބުނެދިނެވެ. އެހުރިހާ އެއްޗެއް އަހަން ހިމޭނުން އޮތަސް ގަޒަލްގެ ބިރު އެއްކޮށް ފިލައިގެން ދިޔައީއެއް ނޫނެވެ. ނަމަވެސް ތެދަށް ބުނަންޏާ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވިއްޖެއެވެ.

ސުފިޔާން ފުން ވިސްނުމަކަށް ގެއްލިފައި އިންއިރު ނިތްކުރީގައި ފިރުމައިލައެވެ. ކޮންމެ ރެއަކު ގަޒަލްއާއި މިކަންތަކާއި ލައިގަންނަނީ ހެއްޔެވެ. ގަޒަލް ނަފްސާނީ ޑޮކްޓަރަކަށް ދައްކައިލަން ގެންދަންވީއެވެ. ޑޮކްޓަރެއްގެ ފަރުވާ ނުހޯދައިފިއްޔާ ގަޒަލްއަށް ދެރަގޮތެއް ވެދާނެއެވެ. ގަޒަލްއަށް ދިމާވެފައި މިވާ ކަންތައްތަކުން އަރައިގަންނަން ރަގަޅު ޑޮކްޓަރެއްގެ އެހީތެރިކަން އިންތިހާއަށް ބޭނުމެވެ. ދަރިފުޅުދެކެ ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުން އެދަރިފުޅަށްޓަކާ ނިދި ގުރުބާން ކުރުމަކީ އަދި ކުރެވޭ ކުޑަ ކުޑަ ކަމެކެވެ. ޖާނާއި ފުރާނައާއި ހުރިހާ މުދާތައްވެސް އޭނަ ދީފާނެއެވެ.

 

***

ފްރޯޒެން ބޭސިލް ޕީޗް މޮކްޓެއިލްއާއެކު ބޭއިގަލްސްތަކެއް މޭޒުމަތީގައި ހުރުމުން ފަހަރަކު އެއްޗެއް އަނގަޔަށް ލަމުން އޭނަ ފޯނުން ވާހަކަދެއްކީ ރެއިނާއާއެވެ.

"ގަޒަލް ބުނީ ކީކޭތަ؟" ރެއިނާ އެހިއެވެ.

"ގަޒަލް ޗޫޒްކުރާނެ ކުއްޖެއް ހޯދާނީ ކިހިނެއް؟ ދެހާހެއްހާ ކުދިން އެބައޮތް ޖޮބަށް އެދިފައި. އަހަރެން އަހަން ބޭނުން. ތިހާވަރުން ރެއިނާ ގަޒަލްއަށް އެހީވާން ބޭނުންވަނީ ކީއްވެތަ؟ "

"އެހީތެރިކަން ބޭނުންވެފައިވާ ކުއްޖަކަށް ވީމަ. އިންސާނިއްޔަތުކަމަށްޓަކާ...."

"އާއިލާ ދޫކޮށްފައި އަށްހާސް ފައްސަތޭކަ ވަރަކަށް މޭލު ދުރަށް އަންނައިރު ބިރެއްނުގަނޭތަ؟ ގަޒަލްގެ މީހުންނަށް އިތުބާރު ކުރެވޭނެތަ؟ އެގޭގައި ބޯއިސް އިންނޭ އުޅެނީ؟ އެގޭގައި ހުރި ހަމައެކަނި ގާލްއަކީ ގަޒަލް...." ގަޒަލް ކިޔާދިނެވެ.

"އަހަރެން ހަގީގަތް ކިޔާދޭނީ ގަޒަލްގެ ނަމްބަރު ދިނީމަ ޖީޖީ.. ޕްލީޒް އެގާލްގެ ނަމްބަރު ދީފާނަންތަ؟ "ރެއިނާ އާދޭސްކުރާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ރެއިނާގެ ވާހަކަތަކުން އޭނަގެ ދިރިއުޅުމުގައި ފޮރުވިފައިވާ ސިއްރުތައް ދެނެގަންނަން ގަޒަލްގެ ޝައުގު އިތުރުވިއެވެ. މަންމަ ބުނާފަދައިން ދިވެހި އަންހެންކުއްޖަކު މިހާ ދުރަށް "މެއިޑް"އެއްގެ ގޮތުގައި އަންނަން އެހާ ޝައުގެއް ނުހުރެދާނެއެވެ. ޚާއްސަކޮށް މާތް އަންހެންކުއްޖެއްގެ މައިންބަފައިން އެއްވެސް ހާލެއްގައި އަންހެންދަރިއަކު ގޮތް ނޭގޭ ތަނަކަށް ދޫކޮށްލާފައި ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ދޫކޮށެއްނުލާނެއެވެ. ރެއިނާ އެހެރީ މާޒީއަށް ފިލަން ބޭނުންވެފައެވެ. ކޮޮންމެވެސް ސަބަބަކާހެދި އެހެން މަންޒިލެއް މަގުސޫދަކަށް ފެންބޮވައިގެންފައިވާ އަންހެންކުއްޖެކެވެ. އެކުއްޖާއަށް އެހީތެރިވާން ގަޒަލްގެ ހިތުގެ ކަނަކުން އެދެމުން ދިޔައެވެ.

***

ކާފަމެންނާއެކު އެ ދެތިން ދުވަސް ހޭދަކުރެވުނުއިރު މިއީ އެންމެންގެ ހަޔާތަށް އަންނަން އުޅޭ ކުޑަ ވަރެއްގެ ގިޔާމަތެކޭ ހިތަށް އަރާނީ ކާކުހެއްޔެވެ؟ އުފާވެރިކަމާއި މަޖަލަށް ޣަރަގުވެފައި ތިއްބާ ދެ ފުރާނައެއްގެ އަޖަލު ޖެހުނީއެވެ. އެމީހުން ދުއްވާފައި އައި ކާރުގައި ލޮރީއެއް ޖެހުނީއެވެ. އެހެން އެކަކަށްވެސް ބޮޑު އަނިޔާތަކެއްނުވެ ކުދި ޒަޚަމްތަކެއް ލިބުނުއިރު ސަބީނާގެ މަންމަ އޮތީ ލެއިން ކަޅިވެފައެވެ. ހަމަ އެވަގުތު ނިޔާވިއެވެ. ސުފިޔާން ވަގުތު ނަގާނުލާ ނައިން ވަންވަންއަށް ގުޅައިގެން އެހީއަށް އެދުނެވެ. ސަބީނާއަށް ބައްޕައާއި ހަމަޔަށް ދެވުމުން ހަޔާތުގެ ހުޅުކޮޅު ނިވެމުން ދިޔައިރު ކެނޑި ކެނޑިގެން ދިޔަ އަޑަކުން ކުރި ވަސިއްޔަތުން ސަބީނާގެ ވުޖޫދު ހިމޭންވިއެވެ. ނަމަވެސް އޭނަ ރޮމުން ގިސްލަމުން ބައްޕައަށް ވައުދުވިއެވެ.

"ވައުދުވަން. ބައްޕަގެ ތި ވައުދު ފުރިހަމަކޮށްދޭނަން. އެކަމަކު އިރާދަކުރެއްވިއްޔާ ބައްޕަ އަދި އަހަރެމެންނާއެކު ވާނެ. އޭނަ އެކަންޏެއް ނުވާނެ. ސްޓޭ ވިތް މީ ޑޭޑް.............."

ބައްޕަގެ ލޯ މެރި ހަރަކާތްތައް ކެނޑިއްޖެއެވެ.

ސަބީނާގެ ރުއިމުގެ އަޑު ގަދަވިއެވެ. ގަޒަލް އޮތީ ޝޮކެއްގައެވެ. ބިންމަތީގައި ދެމެމުންގޮސް އޭނައަށް މާމަގެ އަތުގައި ހިފައިލެވުނެވެ. މާމަގެ ނަމުން ގޮވަންފެށިއެވެ. ބައްޕަ މަސައްކަތްކުރަމުން ދިޔައީ ސަބީނާއާއި ގަޒަލް މަސަލަސްކުރުމަށެވެ. ތޫފާނަކަށްފަހު ތޫފާނެއް އެމީހުންގެ ހަޔާތަށް އަންނަނީއެވެ. ގަޒަލް ޝޮކެއްގައި އިންއިރުވެސް އެހުރިހާކަމެއް މިލާންއާއި ގުޅުނެވެ. މިލާން ހަމަ ސުންޕައީ ނޫންހެއްޔެވެ؟ މިލާން ދުނިޔެއަށް އައިތަނުން ފެށިގެން އޭނަގެ މަންމަ އާއިލާއާއި ވަކިވެއްޖެއެވެ. އޭނަ ވެންކޫވާއަށް ދިޔަކަމީ ބޮޑުދައިތަމެންގެ އާއިލާއަށް ދިމާވި މުސީބާތެކެވެ. އޭނަ އެމީހުން ގާތަށް އައުމާއެކު ގުޒްލާން ކާލައިފިއެވެ. މިލާން އެނބުރި އޯކްވިލްއަށް އައުމުން އޭނަ ޕެރެލައިޒްވީއެވެ. މިހާރު ކާފައާއި މާމަ ދުނިޔެއާއި ވަކިވީ ހަމަ އިއްތިފާގަކުން ނޫންކަން ގައިމެވެ. ދެން އެ ސުންޕާ ފިރިހެނާގެ ބިރުވެރިކަން ލައިގަންނާނީ ކާކާ ކަމެއްވެސް ނޭގެއެވެ. ހިތުގައި ވި ނަފްރަތުގެ ހުޅުގަނޑު އަނދައިގަތީ ނުނިވޭނެހާ ގަދަޔަށެވެ.ހިތާމައާއި މޮޅިވެރިކަމުގެ ސަބަބުން ގިސްލުމާއި ރުއިމުގައި ހޭދަކުރިއިރު ނަފްރަތު އޭ އެ ކިޔާ ޖަޒުބާތުވެސް ހިތުގައި ނިކަން ރަގަޅަށް މޫ ހަރުލައިފިއެވެ. ނަފްރަތަކީވެސް ލޯބި ފަދައިން ނިކަން ވަރުގަދަ ޖަޒުބާތެކެވެ.

 

***

ދެހަފްތާ ވޭތުވެގެން ދިޔައިރުވެސް ސަބީނާގެ އާއިލާއަށް ކުރިމަތިވި ހިތާމައިގެ ކޮޅިގަނޑު ނަގައިލެވޭނެ ގޮތެއްނުވިއެވެ. އެންމެން ހިތާމައިގައެވެ. އެކުއްލި ވަކިވުމަކީ އެކަކަށްވެސް ބަރުދާސްތު ކުރެވުނުކަމެއް ނޫނެވެ. ޚާއްސަކޮށް ގަޒަލްއަށެވެ. ސުފިޔާންގެ މައިންބަފައިންނާއި ގުޅުން ނޯންނާތީ ކާފައާއި މާމައެއްގެ ލޯބި ލިބުނު ހަމައެކަނި ދެމީހުންގެ ލޯބީގެ ފިރުމުންތަކުން އަބަދަށްޓަކާ ވަކިވެ ދިޔައީއެވެ. އެކަމާއި ކެތްކުރާނީ ކިހިނެއްކަމެއް ގަޒަލްއަކަށް ނޭގުނެވެ. އެ ހުރިހާ ހިތާމައެއްގެ އަސްލުކަމުގައި ވި މިލާންގެ ސޫރަ އޭނަ ނުދެކެއެވެ. މަންމަމެންގެ ފަރާތުން އަޑުއެހިގޮތުން މިލާން ޖަނާޒާއަށް އައެވެ. އޭނަ ހުރީ ހޫޑީ އަޅައިގެންނެވެ. ކަޅު އަވިއައިނަކުން ލޯ ފޮރުވައިގެންނެވެ. ބަލާބޮޑުކުރި ކާފަމެންނަށްޓަކާ ލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓައިލިކަމެއް ވެސް ނޭގުނެވެ. އެފަހުން މިލާން ގެއްލުނީއެވެ.

 

***

ސަބީނާ އޯކްވިލް ސުޕަމާކެޓަކަށް ކައިޔާންއާއެކު ގޮސްފައި ގެނައި ކޮތަޅުތައް ފްރިޖުގައި އަތުރަންފެށިއެވެ. ތާޒާ މޭވާތަކާއި ތަރުކާރީތަކާއި ކެއުމަށް ބޭނުންވާ ޗީޒް ބަޓަރުފަދަ ތަކެއްޗެވެ. ގަޒަލް ގޮނޑި ދުއްވަމުން އައިސް ކާކޮޓަރިއަށް ވަނެވެ. ތެރަޕިސްޓު ގާތުން ފަރުވާ ހޯދާތާ ހަފްތާއެއް ވީއިރު ގަޒަލްގެ ލޮލުން ކޮންމެވެސް ވަރެއްގެ ވިދުމެއް ފައުޅުވެ މާޔޫސްކަމުގެ ކުލަ ކެނޑިއްޖެއެވެ.

"މަންމާ ވަރަށް ބަޑުހައި...." ގަޒަލް ކާ އެއްޗަކަށް އެދިގެން ބުނެލި ފުރަތަމަ ފަހަރެވެ. ގަދަކަމުން އަނގައިގާ ލައްވައިގެން ނޫނީ ގަޒަލްގެ އަރުތެރެއިން އެއްޗެއް ދިރުވާ ކަމުގައި ނުވެއެވެ.

"ހޫމް ދަރިފުޅަށް މީރު އެއްޗެހި ހޯދާފައި އެބަހުއްޓޭ " ސަބީނާ އެންމެ ކުރިން އަތުޖެހުނު ކެޗްއަޕް ޗިޕްސް ޕެކެޓާއިއެކު ބެރީޕައިއެއް ތަބަކަށް ލާފައި ގާތްކޮށްލަދިނެވެ. "އިރުގަނޑެއްފަހުން ލަންޗް ތައްޔާރުކޮށްލާނީ......."

"ތެންކިއު މަންމާ.." ގަޒަލް ގެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

އެ ހިނިތުންވުން އަލުން ގެއްލެން ސަބީނާ ނޭދެއެވެ. ނަމަވެސް އޭނަގެ ބައްޕަގެ ފަހުގެ ވަސިއްޔަތް ބޮލާ ލާޖަހާކަށްވެސް ނުކެރޭނެއެވެ. އެތައް އަހަރެއްވާންދެން ދުނިޔޭގައި ލައްވާފައިވީއިރު ހިކުމަތާއި އިލްމު އަދި ތަޖުރިބާ ހުންނާނެއެވެ. ބައެއް ވައުދުތައް ފުއްދަން ވަގުތު ނަގާފާނެއެވެ. އަނެއް ބައި ވައުދުތަކަކީ ތަންކޮޅެއް ފަސޭހައިން ފުއްދައިލެވޭނެފަދަ ކަންތައްތަކެވެ. ބައްޕަގެ އެންމެ ފަހުގެ ވައުދަކީ އޭނައަށް އެ ލަފުޒު ދޫ މައްޗަށް ގެނެވޭނެވަރުގެ ވައުދެއް ނޫނެވެ.

"ދަރިފުޅާ. މަންމަ ބޭނުން ވާހަކައެއް ބުނަން..."

"ޓެލް މީ މަމް.." ގަޒަލް ކޮންމެވެސް ވަރަކަށް ހާސްވިއެވެ. މަންމަ އިއްވަން އުޅެނީ އުފާވެރި ޚަބަރެއް ނޫނެވެ. އެވަރު ޔަގީންވެ ފިނިވާ ކަހަލަ ގޮތެއްވިއެވެ.

"ތެރަޕީއިން ދަރިފުޅަށް ރަގަޅު އަސަރުތައް ކޮށްފިހެން ހީވޭ އެކަމަކު ދަރިފުޅު ނުތަނަވަސްވެ އުދަގޫވާނެ ފަދަ ވާހަކައެއް ބުނަން މިއަދު މަޖުބޫރު. ކީއްވެކަން ކާފަ އެފަދަ ވައުދެއް ކުރަންވީ އޮންލީ ގޯޑް ނޯސް. އެ ސުވާލު ކުރާނެ ފުރުސަތެއް ނުލިބުނު. ދަރިފުޅު ހިތްވަރުކުރާތި. މަންމައަށް އެނގޭ މިލާންދެކެ އެންމެ ނަފްރަތުކުރާނީ ހަމަ ޖީޖީކަން. މަންމަވެސް ފޫހިނުވަނީއެއް ނޫން. ރުޅި ނާންނަނީއެއް ނޫން. އެކަމަކު ކާފަ އެންމެ ފަހުގެ ނޭވާގައި އެދުނީ މަންމަ ގާތު މިލާން ބަހައްޓަން. ހިމާޔަތްދޭން.............." ސަބީނާ ގަޒަލް ގާތު ހާޑްފްލޯ މަތީ ކުޑަކަކޫ ޖައްސަމުން ލަސްލަހުން ވާހަކަދެއްކިއެވެ.

ގަޒަލް އަނގަ ހެފުން ހުއްޓައިލިއެވެ. ހޮޑުލައިފާނެހެން ހީވިއެވެ. ވަގުތުން ތަށިތައް ދުރަށް ޖައްސާލެވިއްޖެއެވެ.

"އައިމް ސޮރީ ހަނީ....." ސަބީނާގެ ލޮލުން ކަރުނަ ހިލުނެވެ.

"ކާފަ ހަމަ އެހެން ބުނިތަ؟ " ގަޒަލް ހިންދިރުވައިލިއެވެ.

"އާނ ދަރިފުޅާ. އެންމެ ފަހަށް ކާފަގެ ދުލުން ނުކުތް ލަފުޒަކީ އެއީ. ކާފަ އެންމެ ފަހު ވަގުތުވެސް ވިސްނީ މިލާންއާއިމެދު......"

"އަޅުގަނޑުގެ އެންމެ ފަހުގެ ނިންމުން ނިންމުމާމެދު އެއްވެސް އިޚުތިޔާރެއް މަންމަ ދޭނަންތަ؟ " ގަޒަލް އުއްމީދާއެކު އަހައިލިއެވެ.

"ނޫން. މަންމަ ކާފަގެ ވަސިއްޔަތް ފުރިހަމަ ކުރާނަން. މަންމަ ބާލިންޓަންގައި ކާފަމެން ގޭގައި ދިރިއުޅެފާނަން. އެއީ ޖީޖީ މިލާން މަންމަ ގާތު މިގޭގައި ބަހައްޓަން ހިތް ނޭދެންޏާ..." ސަބީނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"މަންމާ..........." ގަޒަލްގެ ހިތް ރޮއިގަތެވެ.

"ދަރިފުޅު އެކަންޏެއްނޫން މިކަމުގައި އަންކޮމްފޮޓަބްލް ވާނީ...މަންމަގެ ހިތަށް ވާ އުދަގޫ ބަޔާން ކޮށެއް ނުދެވޭނެ. މަންމަގެ ދަރިއެކޭ މަރުވެގެން ދިޔައީ. މަންމަ ހާދަ ވަރަކަށް ރުއީމޭ. އެކަމަކު ވަސިއްޔަތް ކުރީ ކާފަ. ކާފަ ދުނިޔެއަށް އެންމެ ފަހުގެ ނޭޥާ ދޫކުރުމުގެ ކުރިން މަންމަގެ އަތުތެރޭ އޮވެ އެދުނު ކަމެއް ކޮށްދިނުމަށްޓަކާ މަންމަގެ އުފާތައް ގުރުބާންކޮށްފާނަން. ޖީޖީއަށްވެސް އެނގޭނެ. މަންމަމެން މިހިސާބަށް އައީ ބައްޕަމެންގެ ބުރަ މަސައްކަތުން. އެހެންވީމަ މަންމަ ވިސްނައިފިން. ޖީޖީއަށް އުދަގޫނުވާ ގޮތަކަށް ޝަރުތާއެކު މިލާން މިގޭގައި ބަހައްޓާނީ. އެޓިކް އެެހެރީ ވަކިން އުޅެން ބޭނުންވާ މީހަކަށް ގެސްޓްރޫމެއްފަދައިން ތައްޔާރުކޮށްފައި. އެތާ އޭނައަށް ހުރެވިދާނެ. ކާންވެސް އެހެން ކަމަކުވެސް ތިރިއަށް އައިސްގެން ނުވާނެ. ހައުސް އެރެސްޓްގައި ހުރެދާނެއްނު. ހުރިހާކަމަކަށް މަނާކޮށްފައި މަންމަ ބަހައްޓާނީ......." ސަބީނާ ގަޒަލް އުފާކޮށްލަން ދެއްކި ވާހަކަތައް ޔަގީނުންވެސް އެހީއަކަށްވިއެވެ. ލޯ ހިނިތުންވެލި ފަދައެވެ.

"ރިވެންޖް ނަގާނީ. އެޓިކްގައި ބަންދުކޮށްފައި ބަހައްޓާލީމަ އެއްޗެއް ވިސްނޭނެ..." ގަޒަލް ހިތާހިތުން ކިޔައިލިއެވެ.

"އޯލްރައިޓް މަމް. އެމީހާ މިގެއަށް އަޔަސް އޭނަގެ ޕްރެޒެންސް ފީލް ނުވަންޏާ ރަގަޅުވާނެ. އެމީހާގެ ސޫރަ ދެކެން ބޭނުމެއްނޫން................" ގަޒަލްގެ ކޮންމެ ޖުމްލައެއް ނަފްރަތުން ބަރާވެފައެވެ.

ސަބީނާ ގަޒަލްގެ ނިތްކުރީގައި ތުންފަތް ޖައްސައިލިއެވެ.

މީހުންނަށްޓަކާ ތިމާގެ އިހުސާސްތައް ގުރުބާންކޮށްލަން ފަސްނުޖެހޭ ދަރިއެކެވެ.

***

ގަޒަލް ކައުޗްގައި އޮށޯވެލައިގެން އޮވެފައި ފޯނުނެގިއެވެ. ރެއިނާ ވައިބާއަށް ކޮށްފައިވާ މެސެޖްތައް ގިނަކަމުން ކިޔައިލެވޭ ވަރު ނުވިޔަސް މަތިމަތިން ކިޔާލެވުނެވެ. ރެއިނާ ކެނެޑާއަށް އަންނަ ހިތުން ކެތްނުލަވާފައެވެ. ޖީޖީ އެކުއްޖާއަށް "ގަޒަލް" ނަމްބަރު ދިނީއެވެ.

"މި ދުވަސްކޮޅު މިގެއަށް އައުން ރައްކާތެރިއެއްނޫން...."

"އޯ....." ރެއިނާގެ ހަލާކުވެފައިވާ ހިތަކުން މިފަހަރު ގަޒަލްގެ ހިތަކަށް އެއްޗެއް ނޭރިއެވެ.

"އަހަރެން މިހެން މިބުނީ ހަމަ ރެއިނާއަށް ރަގަޅަށޭ. ދިމާވެދާނެ ދެރައެއްގެ ޒިންމާއެއް ނަގަން ނުކެރޭނެ..." ގަޒަލް ތުންފަތުގައި ދަތްއެޅިއެވެ.

"ބުނެބަލަ ޕްލީޒް....."

"އެޓިކްގައި މޮންސްޓާއެއް އުޅޭ......"

(ނުނިމޭ)

ކޮމެންޓް 0