ގަޒަލް ގެ ބިރު ހިތާމައާއި މޮޅިވެރިކަމަށްވެސް ބަދަލުވިއެވެ. ޝޮކްގައި އިން ސިކުންތުކޮޅަކަށްފަހު ލޯ ފުރެންފެށީ ކަރުނައިންނެވެ. އޭނައާއި މިލާންގެ ގުޅުން ރަގަޅުވާންފެށިއިރު މިއޮތީ އެ މިލާންގެ ޝައިތާނީ ފަޅި ދައްކާލާފައެވެ. ބައިޕޯލާ ކޭސްއެކެވެ.
"އެ ނަޓްޝެލްއަށް މާފުދޭންވީ އޭވެސް ހިތަށް އެރި. ޗާމިން މީހެކޭވެސް ހިތަށް އެރި. ލޯބިވެވުނީހެއްޔޭވެސް...އެކަމަކު....." ގަޒަލް ހިތާހިތުން ކިޔައިލިއެވެ. އޭނަގެ ހިތް ރޮނީއެވެ.
"ކައި ބުނީ ރަގަޅަށް. އަހަރެމެން މޮޔަކަމުން މިގެއަށް އާދެވުނީ" ގަޒަލް މަޑުމަޑުން ކިޔައިލިއެވެ.
"ދައުވަތު ލިބުނަސް ސިންގާ ކޮށްޓަކަށް ފުންމާލައިގެން އަހަރެމެންގެ ފުރާނަތައް............" ރެއިނާގެ ޖުމްލަތައް ހިނދިގެން ދިޔައީ ދޮރަށް އަމާޒުވި ބާރު އެތިފަހަރުގެ ގަދަ އަޑުންނެވެ. ޖަނަވާރަކު ރުޅިގަދަވެގެން ލައްވާ ކަހަލަ ބިރުވެރި އަޑެއްވެސް ހިމޭންކަމުގެ ތެރެއިން އިވި އެކުދިން އިތުރަށް ފިނިކޮށްލައިފިއެވެ. ރެއިނާއަށް އަތް އުފުލައިލެވުނީ ދުޢާއަށެވެ. "ޔާﷲ އެހީތެރިވާނެ އެއްވެސް އިންސާނަކުނެތް. މި ބިރުވެރިކަމުން އަޅަމެން ސަލާމަތްކޮށްދެއްވާދޭވެ. އޭނަގެ ރުޅިމަޑުކުރައްވާ ހެޔޮ ވިސްނުން ދެއްވާދޭވެ."
ރެއިނާގެ ދުޢާއާއެކު ބޭރުން އިވުނު އަޑުފަށްގަނޑު ހިމޭންވިއެވެ.
އިރުގަނޑެއްވާންދެން ރެއިނާއަށް ގަޒަލްގެ ގައިގާ އޮޅުލައިގެން އިނދެވުނެވެ.
ގޭތެރެއަށް ވެރިވި ހިމޭންކަމާއެކު މިލާން އަމިއްލަ ނަފުސް ބާރުގެ ދަށަށް ގެނެސް ހަމަޔަކަށް އެޅުނީ ބާވައޭ ހިތަށް އެރިއެވެ. ދެން އިވުނީ ފިރިހެނަކު އަޑު ވީއްލާ ރުއިމުގެ އަޑެވެ. އެތައް އަސަރެއް އެ ރުއިމުގާވިއެވެ. ގަޒަލްގެ އަތުން ހީބިހިނެގިއެވެ. ރެއިނާއަށް ބޭއިޙުތިޔާރުގައި ދޮރު ހުޅުވުމާއެކު ދުއްވައިގަނެވުނީ އެ އަޑުއައި ދިމާލަށެވެ. ގަޒަލްވެސް ގޮނޑި ދުއްވާލިއެވެ. ގޭގެ މައިދޮރު ހުރީ އަޑާއަށް ހުޅުވާފައެވެ. މިލާން ވިނަގަނޑުމަތީގައި އޭނަގެ ފުރާނަ ފަދަ ލޯބިވާ ބުޅާ މޭގައި ބޮނޑިކޮށްލައިގެން އިދެ ކަރުނަ އޮއްސަނީއެވެ. އެމޫނުމަތިން މިހާރު ޝައިތާނީކަމެއްނެތެވެ. މޮޅިވެރިކަމާއި ހިތާމައިގެ ތަސްވީރެއްފަދައެވެ. ބޮލަށް އެރުނު ޝައިތާނާގެ ބަހަށް ހެއްލި އޭނަ ރުޅިވެރިކަމުގެ ނުބައި ޖަޒުބާތުގައި އޮޔާގޮސް އެ ހެދި ގޯހުން ހިތަށް ނުކުޅަދާނަވާވަރުގެ ހިތާމައެއް ލިބިއްޖެއެވެ. މިލާން އެތައް ފަހަރު މާފަށް އެދުނެވެ. އޭނަ އަމިއްލައަށް ކުރިކަމެއް ނޫންކަމުގައި ބުނެލިއެވެ. ތިމާއާއި ފްރޮސްޓީގެ އެކަނިވެރި ވަގުތުކޮޅު އެހެން ބަޔެއްގެ ހިލަމާއެކު ނެތިގެން ދިޔައެވެ. އޭނަ އަވަހަށް ކޮޅަށް ތެދުވުނެވެ. އެކުދިންނާއި ދިމާލަށް ބަލައިލިއެވެ. މިލާން ތެދުވުމުން ރެއިނާ ލޯ ބޮޑުކޮށްލުމާއެކު ފަހަތަށް ޖެހުނެވެ. ގަޒަލްވެސް ގޮނޑީގެ އަތްގަނޑަށް ބާރުލީގޮތަށް އެލޮލުން ފެނުނު ސިހުމާއެކު ވީގޮތް އޮޅުން ފިލިއެވެ. އޭނަގެ ފަރާތުން ނުރައްކަލެއްނެތް ކަން އަންގައިދޭން ބިމަށް ތިރިވީ "އައިމް ސޮރީ" ބުނަމުންނެވެ. ވިނަގަނޑުމަތީ ދެއަތް ޖައްސާލިގޮތަށް ބިންމަތީ ބޯ އަޅައިލިއެވެ.
"ސޮރީ އެބައުޓް ޔޯ ކެޓް..." ރެއިނާގެ ލޯވެސް ތެމުނެވެ. މިލާންގެ ކޮނޑަށް އައި ކުދި ލޮޅުންތަކުން އޭނަ ރޮނީކަން ދެނެގަނެވި ހަމްދަރުދީއިން ހިތް ފުރުނެވެ.
ގަޒަލްއަށްވެސް ގޮނޑި އަނެއް ފަރާތަށް އަނބުރައިލެވުނެވެ. އަދި ލޮލަށް ގިނަވި ކަރުނަތައް އެހެންމީހަކަށް ފެނުމުގެ ކުރިން ގޮނޑި ދުއްވާލިއިރު ރަގަޅަށް ރޮވެނީއެވެ. ފްރޮސްޓީއަށްޓަކާ ކަމެއް މިލާންއަށް ޓަކާ ކަމެއް ނޫނީ ދެފަރާތުގެ ސަބަބުން ހިތާމަތައް އެކުވީކަމެއް ބުނާކަށް ނޭގުނެވެ. އެނގުނުހާ އެއްޗަކީ ގުޒްލާންގެ މަރަށްފަހު ހިތަށް މިވަރުގެ އަނިޔާއެއް ނުލިބޭކަމެވެ. ހިތް ފުނޑުފުނޑުވެގެން ފައިބަން ފެށިއެވެ. ރެއިނާއަށް ގަޒަލްގެ ވޭން އިހުސާސްވެގެން އައިގޮތަށް ގަޒަލްގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ. ގަޒަލްގެ ހިތުގައި ފްރޮސްޓީއަށްޓަކާ ވާ މަގާމު އޭނަ ދަނެއެވެ. ޖަނަވާރެއްދެކެ ނަފްރަތުކުރާ މީހަކަށްވެސް ފްރޮސްޓީގެ މަރުން ހިތްދަތިކަމެއް ލިބޭނެއެވެ. ކިރިޔާވެސް އިންސާނިއްޔަތުކަމެއް ހުރިނަމައެވެ.
"ރެއިން. ޑެލިބެރޭޓްކޮށެއް ނޫން މިލާން..ހީޒް ހާޓް ބްރޯކެން ޓޫ. އަދި އަދި މިހާރު ހިތަށް އަރަނީ.................." ގަޒަލްއަށް ކުރިއަކަށް ނުގެންދެވުނެވެ.
"އަހަންނަށްވެސް އެނގޭ ޖީޖީ. މިލާން ހަމަ ހޭގައި ހުރެ އެންމެ ލޯބިވާ ފަރާތަށް އަނިޔާ ނުދޭނެ. އެކަމަކު އެގޮތަށް މެންޓަލީ މައްސަލަ ހުރިއްޔާ ފިރިމީހާކަމުގައި ވިޔަސް މިވަގުތު މިތާ ތިބުން ރައްކަލެއްނޫން...." ރެއިނާ ގަޒަލްގެ މޫނު ޓިޝޫއަކުން ސާފުކޮށްދިނެވެ.
"ލިވާއީއަށް ގުޅަންވީ..ސައިކޭޓްރިސްޓެއް ވީމަ އެންމެ ރަގަޅުވާނީ ލިވާއީ މިވަގުތު ސަޕޯޓްދޭން ގާތުގައި ހުރުން....." ގަޒަލް ފޯނުނެގިއެވެ.
މިލާންއަށްޓަކާ އިހުސާސްތައް ހިތުގައި ހޭލައިގަތުމުން ގުޒްލާންއަށް ބޭވަފާތެރިވެވެނީހެއްޔޭ ސުވާލު ކުރެވުނެވެ.
***
ދެކުދިން ތިބީ މިލާންއާއި ކުރިމަތިލާން ނުކެރިފައެވެ. ރެއިނާ ސިއްރުން މިލާންގެ ހަރަކާތްތަކަށް ފާރަލިކަމެއް މިލާންއަކަށް ނޭގޭނެއެވެ. ލިވާއީ އައިއިރުވެސް އޭނަ ފަތްތަރުމަތީގައި ތަބައް ލެނގިލައިގެން ރޫހު ގެއްލިފައި އިނެވެ. ބުޅާ އުނގުގައި ލެޔާ ތަތްތެޅިފައެވެ. ލިވާއީ މިލާންގެ ގާތުގައި އިށީދެ ވާހަކަދެއްކިއިރުވެސް މިލާން ހަރަކާތެއް ނެތި އިނީމަ މަރުވެފައިބާވައޭވެސް ހިތަށް އަރާ އޭނަ ފިނިވިއެވެ. މިލާންއަށް އެންމެ ހެޔޮއެދޭ މީހަކަށް އޭނަވެސް ވާނެކަން ޔަގީނެވެ. އޭނަ ފަދައިން އެކަނިވެރިކަން ބަރުދާސްތުކުރާ ބާކީކޮށްލެވުނު ޒުވާނަކަށްވުމުން ފުރަތަމަ ދުވަހުން ފެށިގެން ހަމްދަރުދީ އުފެދި ހެޔޮއެދޭ މީހަކަށް ވެވުނެވެ. ގަޑިއެއްހާއިރު ފަހުން ދެން ފެނުނީ މިލާން ފޮށިގަނޑެއް ހިފައިގެން އައިސް ބުޅާ އެއަށް ލީ ތަނެވެ. ވަޅުގަނޑު ކޮނުނީ ލިވާއީއެވެ. ދެބެންވެގެން ފްރޮސްޓީ އަބަދަށްޓަކާ ވެލީގެ ދާނުގައި ފޮރުވާލައިފިއެވެ. މިލާން ގެއަށް ވަންނަން އައިތަން ފެނުމުން ރެއިނާގެ ދެފައި ހަރަކާތްކުރިއެވެ. ކޮޓަރިއަށްވަދެ އޭނައަށް ފެނުނުހާ ކަމެއް ގަޒަލްއަށް ކިޔާދިނެވެ. ގަޒަލް މޮޅިވެރިކަމާއެކު އަހަން އިނެވެ.
ކޮޓަރީގެ ދޮރުގައި ޓަކިންދިން ގޮތުން އެއީ މިލާން ނޫންކަން ރެއިނާއަށް އެނގުނެވެ. ދޮރުމަތީގައި ހުރީ ލިވާއީއެވެ. ލިވާއީ ބުނީ ކާރު ތައްޔާރަށް އޮތްކަމަށާއި އޭނަ ގެއަށް ގެންގޮސްދޭނެކަމުގައެވެ. ގެއަށް ގޮސްފައި ލިވާއީ ދާން އުޅުމުން ގަޒަލް ގޮވައިލިއެވެ.
"މިލާން ކިހިނެއްތަ "
"ފައިން.....މިހާރު ހަމަޔަކަށް އެޅިފައި ހުރީ." ލިވާއީ ބުނެލިއެވެ.
"އަޅުގަނޑުމެންނަށް ފެންނަން ބޭނުންނުވީ ކީއްވެތަ؟ "
"ނޭގޭ. މިލާން ބުނީ ޖީޖީމެން ގެއަށް ގެންގޮސްދޭށޭ. ދެން މިގެއަށް ނާންނަން ބުނާށޭ. ހީވާގޮތުން ފްރޮސްޓީއަށް ހެދުނުގޮތް އެހެން ފުރާނައަކަށް ހަދަން ބޭނުންނުވީ." ލިވާއީ ބުނެލިއެވެ.
"ބޭސްދީގެން ރަގަޅު ނުވާނީތަ؟ " ގަޒަލްގެ ހިތުގައި ފަހަރަކު ސުވާލެއް އުފެދުނެވެ.
"ބޭސްކަމޭ ބުނީ. ފުދޭވަރަކަށް މަތީ ޑޯޒެއް ދީފައި ހުންނައިރުވެސް އެހެންވާންވީ ސަބަބެއް ނޭގޭ. ސްލީޕް ވޯކް ކަންތައް ހުއްޓުނުއިރު ޓުރެޓްސިންޑްރޯމްއާއެކު އެހެން ކޮންމެވެސް ނުބަޔެއް އެބައުޅޭ. މުޅިން ޑައިގްނޯސް ނުވަނީބާވައޭ ހިތަށް އަރައިފި. ބޭސްކައިގެން ހުރެ އެހާ ވައިލެންޓްވީމަ އެހެން މީހުންނާއެކު އުޅުން ރައްކާތެރިއެއްނުވާނެ. ފަހުން ވަރަށް ކާމްވެފައި ހުރީ. ރިގްރެޓްކުރިކަން އެނގޭ. ދުވަހަކު އަމިއްލަ ނަފުސަށް މާފުނުދޭނެހެން ހީވަނީ. ބުނި ގުޒްގެ ކަންތަކުގައިވެސް ހިތަށް އަރައޭ އަމިއްލައަށް މަރުވާނީއޭ. ފުދޭވަރަކަށް އުދަގުލުން ގަނޑުފެންގަނޑު ވިރުވައިލެވުނީ. މިހުރިހާ ދުވަސްވާންދެން އެއްވެސް ފީލިންއެއް ހިއްސާނުކުރޭ. މިއަދު ކިރިޔާ ހިތަށް އަރާ އެއްޗެހި ކޮންމެވެސް ވަރަކަށް އެބުނީ. ޖީޖީއަށް އަނިޔާއެއްވާން ބޭނުމެއްނޫނޭ އޭނަ އަތުން ގޯހެއް ހެދިދާނެއޭ. ލޯބިވާ އެއްވެސް މީހަކު އެގޭގައި އުޅެން އޭނަ ބޭނުމެއް ނޫނޭ ބުނީ...." ލިވާއީގެ ފަހު ޖުމްލައިން ގަޒަލްގެ މޫނުމަތި ކުޑަކޮށް ރަތްވެލިއެވެ.
"ޑޯންޓްވޮރީ ސިސް. އަދި ހުރިހާކަމެއް ރަގަޅުވާނެ..."
"އިންޝާﷲ.." ގަޒަލްއަށް ބުނެވުނެވެ.
"އަހަރެމެންގެ ކުށްވެސް އެބައޮތް ކަމަށް ގަބޫލުކުރަން. ފާޑަކަށް ބުލީ ކުރެވުނީ. ކޮއްކޮއާއިމެދު އާއިލާއަށް ކަންތައް ކުރެވިފައިވާ އިހާނެތިގޮތާއި ބާކީކޮށްލިވަރު އިހުސާސްކުރެވުނުއިރު ވަރަށް ލަސްވެއްޖެ. މަންމައެއްގެ ލޯތްބާއި އަޅާލުން ނުލިބުނުނަމަވެސް މިހާވަރެއް ނުވީސް. މައްސަލައަކަށްވީ މަންމަ ކޮއްކޮދެކެ އެކުރި ނަފްރަތު. އެލޮލުން އޭނަގެ ބައްޕަގެ ސޫރަ ފެންނަކަމަށްބުނެ އެއްލައިލިކަން. ދެރަކުރިވަރު. މިލާންއަށް ލިބުނު ނަފްސާނީ ގެއްލުންތަކުން އަރައިގަންނަން ބޭނުންވަނީ އަޅާލާނެ ލޯބިވާ އާއިލާއެއް. އަދި އެންމެ ލޯބި ދެވޭނީ ޖީޖީއަށް ކަން ނޭގޭ. ޓްރައި ޔޯ ބެސްޓް...." ލިވާއީގެ ވާހަކަތަކުން ގަޒަލް ލަދުގަނެ ކަންބޮޑުވިއެވެ. މި ގުޅުމުގެ ހަގީގަތް އެނގިހުރެ ލިވާއީ އެހެން ބުނީ ކީއްވެހެއްޔެވެ؟ މިލާން އެއްޗެކޭ ބުނީ ބާވައެވެ. އަހާކަށް ނުކެރުނެވެ.
***
މިލާން ގަޒަލްއާއި ބައްދަލުކޮށް ކުޑަ ފިރިހެން ކުއްޖެއްގެ ފޮޓޯ ދެއްކިއެވެ. ގަޒަލްއަށް ވިސްނުންތެރިކަމާއެކު އެ ފޮޓޯ އެކިގޮތްގޮތަށް ބެލިއެވެ. ނަމަވެސް އެއީ މިކާހް ކަމަކަށް ހިތް އެއްބަހެއްނުވިއެވެ. ރެއިނާގެ ފޯނުން ފެނުނު ފޮޓޯތަކާއި އެއްވެސް ވައްތަރުގޮތެއް ނެތީއެވެ. ގަޒަލް ރެއިނާ އަށް އެކަން ސިއްރުކުރަން ބޭނުންވީ ދޮގު އުއްމީދެއްގައި ރެއިނާ ހުރެދާނެތީއެވެ. މިލާންވެސް ބުނީ އޭނައަށް ސަތޭކަ ޕަސެންޓް ޔަގީން ނުވާކަމުގައެވެ. އެކަމަކު ގެއްލުނު ތާރީޚާއި ބަލާއި އެންމެ ކައިރި މެޗަކަށް ފެނުނީ އެކުއްޖާ ކަމުގައި މިލާން ބުނެލިއެވެ.
"އަހަންނަށް އަދި އިތުރަށް ބެލިދާނެ އެކަމަކު ބްރޭކެއް ނަގަން ބޭނުން..." މިލާން ގަޒަލްއަށް ހިތާމަވެރި ނަޒަރަކުން ބަލައިލުމަށްފަހު އެނބުރި ދަމުން ފިޔަވަޅުތައް ހިނދުކޮޅަކަށް މަޑުކޮށްލީ ކީއްވެކަމެއް ނޭގުނެވެ. ގަޒަލް ގޮނޑި ދުއްވާލީ ކޮޓަރިއާއި ދިމާލަށެވެ.
ޖެހިގެން އައި ދުވަހު މިލާންގެ ޚަބަރު އެހުމުން ލިވާއީ ބުނީ އޭނަ ހުރީ ރާއްޖޭގައި ކަމުގައެވެ. ދުވަސްކޮޅަކަށް ސިކުނޑިއަށް އަރާމުދޭން އޭނަ ރިޒޯޓަކަށް ޖައްސައިލީއެވެ. ހޮސްޕިޓަލުން މިލާން ނުފެންނަ ސަބަބަކީ އެއީއެވެ. ބެލާވެސް ހީވަނީ މުޅިން ބަދަލުވެފައި ހެންނެވެ. އޭނަ ރެއިނާއަށް ޖެއްސުންކޮށް ހެދުމުގެ ބަދަލުގައި އެކުދިން ފެނުމުން ހީލާފައި ސަލާމްކޮށްލައެވެ. ބެލާއަށް އައި ބަދަލުގެ ހަގީގަތް ދެނެގަންނަންވެސް އޭނަގެ ހިތް ބޭގަރާރުވިއެވެ.
***
ރެއިނާއާއި ގަޒަލް އެހިސާބުގައިވާ އައިސްކްރީމް ރެސްޓޯރެންޓަކަށް ވަންތަނާ ލޮލުގައި އަޅައިގަތީ މޭޒެއްގެ ކައިރީ އިން ކުޑަ ފިރިހެންކުއްޖެކެވެ. އެކުއްޖާ ފެނުމާއެކު ރެއިނާގެ ހިތް އާދަޔާ ޚިލާފުބާރަށް ތެޅިގަނެ ލޯ ކަރުނުން ތެމިއްޖެއެވެ. އައިޕެޑާއި ކުޅެން އިސްޖަހައިގެން އިން އެ ފިރިހެންކުއްޖާގެ މޫނުމަތިން އޭނަގެ ދަރިފުޅު މިކާހްގެ ސޫރަ ފެނުނެވެ. ރެއިނާއަށް އެ ދިމާލަށް ހިނގައިގަނެވުނީ ދަގަނޑު ދަގަތްފާނަށް ދަމާހެންނެވެ. ގަޒަލްވެސް ހައިރާންކަމާއެކު ރެއިނާގެ ހަރަކާތްތައް ދެކެން އިނެވެ.
"ދަރިފުޅު.." ރެއިނާއަށް ބާރަށް ގޮވައިލެވުނެވެ. އެކުއްޖާ އިސްއުފުލައި ބަލާވެސް ނުލިއެވެ.
"ޑޮކްޓަރ ރެއިނާ. ކިހިނެއްވީ " ބެލާ އައީ އައިސްކްރީމް ދެތަށި ދެއަތުން ހިފައިގެންނެވެ. "މިއީ އަޅުގަނޑުމެންގެ ޖިބްރީލް. "
"ވަޓް؟ " ރެއިނާ ގަބޫލު ކުރަން ތައްޔާރެއްނޫނެވެ. އެއްފަހަރު ޖިބްރީލްގެ މޫނަށް އަދި ބެލާގެ މޫނަށް ބެލުނީ ޔަގީންކަމެއްނެތިއެވެ. އިތުބާރުކުރަން އޭނަގެ ހިތް ތައްޔާރެއްނޫނެވެ.
"ރެއިން..." ގަޒަލްވެސް ކަންބޮޑުވެފައި ގޮވައިލިއެވެ. މިލާންގެ ފަރާތުން އިވުނު ވާހަކަތައް ހަދާންވިއެވެ. "ހިނގާ ދާން. ތިއީ މިކާއެއް ނޫން....."
"ޖީޖީ. އެއީ ހަމަ އަހަރެންގެ ދަރިފުޅު. އަހަންނަށް ޔަގީނޭ. އެ ބޯ ދިގު އެސްފިޔަތައް....."
"ތިކުއްޖާ ކިހާ ދޮން. އަދި އިސްތަށިގަނޑުވެސް ބްރައުންކޮށް އެއޮތީ. ޔޫރަޕް ކުއްޖަކާ ވައްތަރީ. އަދި......އަދި ރެއިން. ބުނަންތަ. ކުޑަ ކުދިން އެއްގޮތް ސިފަތަކެއް ހުރެދާނެ. ރެއިން އަށް މިހާރު އެ އުމުރުގެ ހުރިހާ ކުދިން ފެންނާނީ މިކާގެ ސިފައިގާ. އާނ ވައްތަރުކަމެއް އެބަހުރި އެކަމަކު މިކާއެއް ނޫނެއްނު. ހިގާ ދަމާ..މިލާންއަށް އޮޅުނީ. އޭނަވެސް ޔަގީންކޮށްފައެއްނޫން އެބުނީ. އަހަރެމެން ދެއްކި ފޮޓޯއާއި ވައްތަރު ކުއްޖެއް ފެނުނީމަ އޭނައަށްވެސް ޝައްކުވީ. އަދި އިރާދަކުރެއްވިއްޔާ މިކާ ފެންނާނެ..........." ގަޒަލް ރެއިނާގެ އަތަށް ދަމައިލިއެވެ. އޭނައަށް މިލާން ދެއްކި ވާހަކަތައް ނުބުނެވުނުކަމީ ނަސީބެކެވެ.އަދި އަމިއްލަ ނަފުސަށް ބުނެލެވުނެވެ."އިޓްސް ޑެފިނިޓްލީ ނޮޓް ހާ ޗައިލްޑް..."
ރެއިނާ އުޅެގަތްގޮތް ފެނި ގަޒަލްގެ އިތުރުން ބެލާ ކަންބޮޑުވިއެވެ. ރެއިނާއަށް ބެލާގެ މޫނަށް ވެރިވި ކުލަވަރާއި ހާސްވިވަރު ފެނި ހާމަ ބިމަށް އާދެވުނެވެ. އޭނަ އަވަހަށް ނަފުސް ހަމަޔަކަށް އަޅުވައިލުމަށްފަހު އެތަނުން ނުކުތްއިރު އެހިތަށް ވަރުގަދަ ލޮޅުމެއް އަރާ ފަނޑުކޮށް ކަރުނައިގެ އަސަރުތައް ލޮލުގައި ހިނގާލައިފިއެވެ.
***
ކައިޔާންއާއި ސަޖަލް އަންނަންވާއިރަށް ސަބީނާ ކޮޓަރިއަށް އާ ފަރުނީޗަރުތައް ގެނައެވެ. ވެކިއުމްކޮށް އެތަން އޮފްއަރާވަރު ކުރުވިއެވެ. ދޮރުގައި ދަމާފައިވާ ފަރުދާތައްވެސް ބަދަލުކުރުވިއެވެ. އެކަންތައްތަކުގައި ރެއިނާ އަވަދިނެތި އުޅުނުއިރު މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ކައިޔާންގެ ދެމަފިރިން އަންނަންވާ އިރަށް ރޭގަނޑު ކެއުން ތައްޔާރުކުރުމުގައި ރެއިނާގެ އިތުރުން ގަޒަލްވެސް ބައިވެރިވިއެވެ. އެކަމުން ނިމިގެން މޭޒު ތައްޔާރުކުރެވުނުއިރު ހަޔެއްޖަހަނީއެވެ. ރެއިނާ ވަރުބަލިވެ ލޮޑުވެފައިވާތީ ފެންވަރާލައިގެން ނަމާދުކުރުމަށްފަހު ކައުޗްގައި ހަށިގަނޑު ދަމާލައިފިއެވެ.
"ރެއިން. ކީއްވެ ތިހާ ހަމަޖެހިގެން ތިހުންނަނީ؟ ސަޖަލްއައެކު އުޅެވޭނެތަ؟ " ގަޒަލް ފޯނު ޗެކްކޮށްލައިފިއެވެ. އޭނައާއި މިލާންގެ ގުޅުން އެ ހަފްތާތެރޭ އޮތްގޮތުން އޭނަގެ ހިތަށް މިލާން ވެރިވެގަތީކަން ޔަގީނެވެ. ނަފްރަތުގެ ތެރެއަށް އެެހެން އިހުސާސެއް ގަދަކުރަން މަސައްކަތްކުރަނީއެވެ.ގަޒަލް ތުން ފިތައިލިއެވެ. ދިގު ނޭވާއެއްލިއެވެ.
"އެހުރިހާ ލޯތްބެއް މާޒީގެ ތެރެއަށް ގެއްލިގެން ހިގައްޖެ. ހަޔާތަށް އައި ބަނަކަމާއި ބިރުވެރިކަމުގެ ތެރެއިން އަހަންނަށް ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް ގެންދިޔައީ. ތެދަށް ބުނަންޏާ މިހާރު ކައިޔާންއާއި ސަޖަލްއަށްޓަކާ ހިތުގައި ހެޔޮ ދުޢާ ނޫން އެއްޗެއްނެތް. ﷲގެ ޕްލޭން މާ ފުރިހަމަވާނެ. އިންސާނުންގެ ވިސްނުން އެހިސާބަށް ދާނީ ކިހިނެއް؟ ކިހާބަލިކަށި ބަޔެއް. އެނގޭހާ އެއްޗަކީ ހަޔާތުގައި ދިމާވި އިމްތިހާނުތަކުގެ ސަބަބުން ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވިކަން. ހުރިހާ ނިއުމަތެއް ލިބުނުނަމަ ދުރަށް ދެވި އާޚިރަތް ގެއްލިގެން ހިގައިދާނެ. ސަޖަލްގެ ފެމިލީ އަދިވެސް ޝީއަ އިންގެ ގޮތުގައި އެތިބީ. ސަޖަލް އަބަދުހެން އޭނަގެ ދިރިއުޅުން މީޑިއާގައި އިޝްތިހާރު އެކުރަނީ. އެކަމަކު އެއީ އެންމެ ރަގަޅުގޮތެއްނޫން...."
"މިހާރު ނުކުރޭ. ވިސްނުނީކަން ނޭގޭ.." ގަޒަލް އެތަންކޮޅު ރަގަޅުކޮށްލަދިނެވެ.
"އަހަރެން ބޭނުމީ އާ ފެށުމަކުން ފަށަން. ހަޔާތުގެ ބައިވެރިޔަކަށް ރީތި މީހަކު ހަދާ އެމީހަކާއިހެދި މޮޔަވެގެން އުޅުމަށްވުރެ ﷲއަށްޓަކާ ފިރިމީހާދެކެ ލޯބިވުން މާ ފައިދާ ހުރި. ސޯލިހު އަޅުވެރިޔަކާއި ކައިވެނި ކުރުމުގެ ޚިޔާލުގައި މިހިރީ. އިރާދަކުރެއްވިއްޔާ ކައިޔާންއާއި ސަޖަލްގެ ދޭތެރެއަކަށް ދެން ނުވަންނާނަން. އެއި ވަރަށް ގުޅޭ ރީތި ކަޕްލްއެއް. މާތް ﷲ އެ ކައިވެނީގައި ބަރަކާތް ލައްވާށި. ކޮންމެވެސް ދުވަހަކުން މިކާ ފެނި މިކާއަށް ބައްޕައާއި ބައްދަލުވެ ސަޖަލްއަށް އިހުތިރާމްކޮށް ކޮއްކޮމެންނާއެކު ރަގަޅު ގުޅުމެއް ބާއްވާތަން ދެކުމަކީ ހުވަފެނެއް. ސަޖަލްއަށްޓަކާ ހިތް ސާފުވެއްޖެ. ކުރިންވެސް ސަޖަލްއަކީ ގޯސްކުއްޖެއްނޫން. ހިތުގައި އޭރު ހަސަދަވެރިކަން އުފެދުނީ އިންސާނުންގެ ތަބީއަތުގައި ހުރި ސިފަތަކަށްވާތީ. އެކަމަކު އަމިއްލަ ނަފުސް ރީތިކުރަން މަސައްކަތްކުރާ ފަދައިން އެފަދަ ސިފަތަކުގެ މައްޗަށް ގަދަވެގަނެވޭނެ. ﷲއަށްޓަކާ ހުރިހާ ކަމެއް ކުރާނީ. ﷲ ސުބުހާނަހޫ ވަތައާލާ އެކަށީގެންވާ ވަރަށް ވުރެ ގިނައިން ނިއުމަތް ދެއްވައިފި. ދެން އިތުރު ކޮންކަމަކަށް އެދެންވީ؟ މިކާހް......އެންމެފަހުން މިކާވެސް ދުނިޔޭގައި އެހުރީ. ކޮންފަދަ ބޮޑު ނިއުމަތެއް. ވަޓް މޯ ކެން އައި އާސްކް ޖީޖީ....." ރެއިނާގެ ބޮޑު ދެލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.
"ރެއިން ތިބުނީ ހަމަ ތެދެއް. ސޯލިހު ރަގަޅު ފިރިޔަކު ވައިފް ގޮވައިގެން ޖަންނަތަށް ދާން އެހީތެރިވާނެ." ގަޒަލް ރެއިނާއަށް އަތުގެ ބޮޑުވާ އިނގިލި ދެއްކިއެވެ."އައިމް ސޯ ޕްރައުޑް އޮފް ޔޫ ގާލް..."
ހަގީގަތަކީ ރެއިނާއަށް ޖިބްރީލްއާއި ދުރަށް ނުދެވި އެކުއްޖާ އުޅޭހާ ގޮތް ބަލާ ފަހަތުން އުޅެވުމެވެ. އޭނައަށް އެހާ ބޮޑު އުފާވެރިކަމެއް ލިބި އެހެން ކަންތައްތަކާއި ހާސްވެ ހިތާމަބޮޑުވެގެން ނޫޅެވެނީ ހިތަށް ލިބިފައިވާ ހަމަޖެހުމަކުންނެވެ. އަމިއްލަ ދަރިފުޅަށް ނުވިޔަސް އެއީ އޭނަގެ ދަރިފުޅާއި އެންމެ ވައްތަރު ލޮލެއް ލިބިފައިވާ ކުއްޖާއެވެ. ދެރައީ އަތްތިލައިގާ ވާ ކަޅުތިލަ ނެތީމައެވެ. އެ މާކު ނެތުމުން މާޔޫސްވިޔަސް ޖިބްރީލްގެ މޫނުމަތިން މިކާހްގެ ސޫރަ ފެނި އެކުއްޖާއަށްޓަކާ އަޖައިބެއްފަދަ ލޯތްބަކާއި ކުލުނެއް ޖެހިއްޖެއެވެ. އެކަމަކު އަދިވެސް ޖިބްރީލްގެ ފަހަތުން އުޅެވުނު ވާހަކަ ގަޒަލްއަށް ސިއްރުކުރެވުނެވެ. އެނގިއްޖެއްޔާ ގަޒަލް މަނާކޮށްފާނެއެވެ.
ހަތެއްޖެހިއިރު ރެއިނާއާއި ގަޒަލްވެސް ސިޓިންރޫމަށް ނުކުމެލިއިރު ސުފިޔާންއާއި ސަބީނާ ޓީވީ ޚަބަރު ޗެނެލްއެއް ހުޅުވާލައިގެން ތިބިއިރު ދެމަފިރިންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފެނެއެވެ. ބިއްލޫރި ފާރުން ބޭރަށް ނަޒަރު ހުއްޓައިލުމުން ހޫރެމުންދާ ގަސްތަކުން ވައި ފުދޭވަރަކަށް ބާރަށް ޖެހެމުންދާކަން އެނގުނެވެ. ގޭގައި ގެންގުޅޭ ޚާދިމާ ގަސްތަކުގެ ތެރޭ ހުއްޓާ އޭނަގެ ހެދުން ހިއްލި ބޮލުގައި އެޅުނެވެ. އޭނަ އަވަހަށް ހެދުން ރަގަޅުކުރަން މަސައްކަތްކުރަނިކޮށް ވަޔާ ވިއްސައިގެން ގޮސް ތަންކޮޅެއް ދުރުގައި ގުޅައަކަށް ޖެހުނެވެ.
"ވައި ހާދަ ބާރޭ. ފްލައިޓް ލޭންޑްކޮށްފާނެތަ؟ " ގަޒަލް އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ.
"ކައިގެ ފޯނު ނިވާލާފައި. މިހާރު ފްލައިޓް ލޭންޑްކުރަން ބުނި ވަގުތު ފާއިތުވެއްޖެ. މިހާރު މަގުމަތީގައިކަން ނޭގޭ އިންޝާﷲ.." ސަބީނާވެސް ތެދުވެގެންގޮސް ދޮރު ހުޅުވާލުމުން ދައުވަތު ދެވުނީ ބާރު ވައިރޯޅިއަކަށެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ މީރުވަސް ކޮޓަރިތެރޭ ފަތުރައިލިއެވެ. ސަބީނާ ކައިޔާންއާއި ސަޖަލްއަށް ގުޅަން މަސައްކަތްކުރިއެވެ.
މާގިނައިރުތަކެއް ނުވަނީސް ލިބުނު ކޯލަކުން އެންމެން ޝޮކްޖެހި ސަބީނާ ވަގުތުން އަނބުރައިގަތެވެ.
"ކައިމެންގެ ފްލައިޓް އެއާޕޯޓަށް ޖައްސަން ކައިރިވިތަނާ ވެއްޓުނީ........" އެ ޚަބަރުދިނީ އުމަރުއެވެ.
ނުނިމޭ