ރެއިނާ އެތަނަށް ވަނުމުން އޭނައަށް އުދަގޫވިއެވެ. ރެއިނާ މިތަނަށް އައީ އޭނަގެ ނުކުޅެދުންތެރިކަމަށް މަލާމާތްކުރާށެވެ. މާސްކު އަޅައިގެން ހުރިއިރު އެ ބޮޑު ދެލޮލުގެ ތޫނުކަމުން އޭނަގެ ހިތްވެސް އަވަސްކުރުވިއެވެ.

"ކީއްކުރަން ތިއައީ؟ " ކައިޔާން ދުރަށް ބެލިއެވެ. އޭނަ މިހާލުގައި އޮތްވާ ރެއިނާއަށް ފެންނާކަށް ނޭދެއެވެ. ރެއިނާއަށް ކައިޔާންގެ ރީތި ދެލޮލުން އަސަރުކުރުވިއެވެ. މީހާގެ ޝުއޫރުތަކާއި އިހުސާސްތައް ފޮރުވާފައިވާ އެ ފުން ކަނޑަކީ އެންމެ އަސަރުގަދަ ހިތް ކަތިލައިލާ ހަތިޔާރެވެ. ލޮލަކީ "ވިންޑޯސް ޓު ދަ ސޯލް" އޭ ބުނެވެނީ އެހެންވެއެވެ. ފުރާނައިގެ ކުޑަ ނަމަވެސް ފެނިލުމެއް ވާނެނަމަ އެ ފެނިލުން ލޮލުގެ ތެރެއިން ހޯދޭނެއެވެ. ހުރިހާ އެއްޗަކީ މީހާގެ ލޮލެވެ. ﷲގެ ރަހުމަތުން ކައިޔަންގެ ރީތި ލޮލަށް ގެއްލުމެއްވެފައެއް ނެތެވެ. އެލޮލުގެ އެންމެ ބަލައިލުމަކުން އޭނަގެ ހިތަށް ހާސް ތީރު ހަރާލައިފިއެވެ.

"ކައި.....ދެ ޚަބަރެއް އެބައޮތް. އުފާވެރި އަދި ހިތާމަވެރި..ކޮން ވާހަކައެއް ފުރަތަމަ ބުނަންވީ............"ގަޒަލްގެ އަޑު އިވުނެވެ. އޭނަ ގޮނޑި ދުއްވަމުންގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ.

"ހިތާމަވެރި؟ " ކައިޔާން އަށް އަޅާ ވޭން ފޮރުވާފައި ހީލިއެވެ. ބޭސް ހާކައިލާ މޫނުމަތި އެއްކޮށް ކަހަލަ ގޮތަކަށް ފޮރުވިފައެވެ.

"ކައި ދެރަވެދާނެތީ މި ވާހަކަ ނުބުނަން ތިބީ. އަޑުއަހަން އުދަގޫވާނެ. އެކަމަކު ވަރަށް ހިންޓު ދެވިއްޖެ. ކައިގެ ސިފަ ގެއްލުމުން ބައެއް މީހުން ފޫހިވެގެން ދޫކޮށްލައިފިއޭ ބުނީމަ ކައިއަށް ވިސްނޭނެކަން ޔަގީން. އެންމެ ލޯބިވީކަމަށް ހެދުނު މީހާއަށް ފްލައިޓް ކްރޭޝްވިކަން އެނގުމުން ފެއިންޓްވިޔޯ. ތެދެއްކަމެއް ނޭގޭ. އެކޮޅުން ބުނި އެއްޗެއް ގަބޫލުކުރަންތާ ޖެހޭނީ. އެކަމަކު މިތަނަށް އައިސް ކައި ފެނުނީމަ އޭނަގެ ހިތް ބަދަލުވީ. މިއަދު އެހެރީ އެހެން ފިރިހެންކުއްޖަކާއެކު އިންސްޓާއަށް ފޮޓޯލާފައި. ފްރެންޑެކޯ. އެއީ ކައިވެސް އިޝްތިހާރުކުރިގޮތް . އައިމް ސޮރީ ކައި. އެކަމަކު އަޑުއަހަން އުދަގޫވިޔަސް ހަގީގަތް. ކައިއަށް އެ ފޮޓޯ ފެނުމުގެ ކުރިން ހިތަށް އެރީ ބުނާނީއޭ......" ގަޒަލް ހިންދިރުވައިލިއެވެ. ދޭތެރެއަކުން ފުންކޮށްނޭވާއެއް ލައެވެ. އަތުގައި ފިރުމައިލައެވެ.

ގަޒަލް ސަޖަލް ދެއްކިވާހަކަތަކުގެ ރިކޯޑިން އެއް އިއްވައިލިއެވެ.

"ކައިއަށް ޔަގީންވާނީ މިހެން...."

ރެއިނާވެސް ލޯ ބޮޑުކޮށްފައި ގަޒަލްއަށް ނަޒަރު ހުއްޓައިލިއެވެ. އޭނަ އެ މަންޒަރުތައް ރިކޯޑްކުރިކަމެއް ރެއިނާ ވެސް ނުދެނެހުއްޓާ ކުއްލިއަކަށް އަޑު އިވުމުން ލަދުވެސް ގަތެވެ. އޭނަ ކިޔައިލި އެއްޗެހިވެސް އެހެރީ ހާމައަށެވެ. ރެއިނާއަށް ފަހަތަށް ޖެހެވުނެވެ. ބިންގަނޑު އޭނަ ދިރުވައިލާނެ ނަމައެވެ. ކައިޔާންއަށް އޭނަ އަދިވެސް ދީވާނާވެގެން އުޅޭ ފުރާވަރުގެ ކުއްޖަކާ ތަފާތެއް ނުހުންނާނެއެވެ. ކައިޔާން އޮތީ ހިމޭނުންނެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ.

"ކައި. އެހާވަރު އަންހެނަކަށްޓަކާ ދެރަނުވޭ. މިއީ އިމްތިހާނެއް. ލޯބިވާ މީހުން ވަކިކުރަން އެނގޭނެ."

"ކޮބާ އުފާވެރި ޚަބަރަކީ؟ " ކައިޔާން ބުމަ ގޮށްޖަހައިލިއެވެ.

"މިފަހަރު ސަޖަލްގެ ވާހަކައެއްނޫން. ސަޖަލް އެހެން ބުނެފައި އެނބުރި އައި ވާހަކަ ކަމަށް ކައި ހީނުކުރައްޗޭ. ރެއިން ނޫން މީހަކަށް މި ޚަބަރު އަދި ނޭގޭނެ...."

ރެއިނާ ކައިޔާންގެ މޫނަށް ނުބަލާ އެތަނުން ދާން ހިނގައިގަތެވެ.

"ކައި. ރެއިން ބޭނުމެއްނުވާނެ މިކަން އެނގެން. ކައި ގާތު ބުނަން. އެކަމަކު ކައި...މިކާ މަރެއްނުވޭ. ހީޒް އެލައިވް.... އަލްހަމްދުލިﷲ. މިހާރު ދެކޭ އެންމެ ރީތި ހުވަފެނަކީ ކައިއާއި ރެއިން އަދި މިކާ އެކީ ދިރިއުޅޭނެ ދުވަހެއް ފެނުން....." ގަޒަލް ހީލިއެވެ. އަދި ކޯތާފަތްމަތިން ދެމިގަތް ކަރުނަތައް ފޮހެލިއެވެ. "ޕްލީޒް ސަޖަލްގެ ހުރިހާ އެއްޗެއް ބްލޮކްކޮށްލާ. ޝީ ޑަޒްންޓް ޑިޒާވް ޔޫ........."

"ސަޖަލް ނަޔަސް މައްސަލައެއް ނޫން އެކަމަކު އޭގެ މާނައެއް ނޫން އަހަންނާއި ރެއިނާ ވޯކް އައުޓް ކުރާނެއޭ." ކައިޔާން އެ ހާލުގައި އޮތް އިރުވެސް އަމިއްލަ ނަފުސަށް ކުރި އިތުބާރު ފުނޑުވާގޮތެއް ނުވިއެވެ. ސަޖަލް ހެދިގޮތުން އޭނައަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ.

"އަދިވެސް ކައި ޝޮކެއްގައި ކަމަށްވާނީ. ފަހުން ރަގަޅުވާނެ." ގަޒަލް ހިތާހިތުން ކިޔައިލުމަށްފަހު ސިބްލިން ގްރޫޕްގައި ދީނީ ލިންކުތަކެއް ބަލަން ފެށިއެވެ. އަދި އޭނައަށް ލިބުނު މާ ބޮނޑިތަކާއި ކޭކު އަދި އައިސްކްރީމްގެ ފޮޓޯތައް ހިއްސާކުރިއެވެ. "އެޑްމަޔާ"އަކީ ކާކުކަން އެނގެން ބޭނުންވާ ކަމުގައި ބުނެ ކޮންމެވެސް ވަރަކަށް އެ ބަހުސް މަޖާގޮތަކަށް ކުރިއަށް ދިޔައެވެ.

އޭނަ ނުކުތީ ކައިޔާންއަށް އަލްބަމެއް ދީފައެވެ. މިކާގެ ފޮޓޯތައް ހުރި އަލްބަމެވެ. ގަޒަލްގެ ބޭނުމަކީ ސަޖަލް އެހާ ބޮޑު އަނިޔާއެއް ކައިޔާންއަށް ދީފައި ދުރަށް ދިޔުމުން ރެއިނާއާއި ގުޅުވުމެވެ. ސަޖަލް އެނބުރި އަތުވެދާނެކަމުގެ ބިރުވެސް ހީވަނީއެވެ.

ކައިޔާން އަލްބަމް ހުޅުވާލައިފިއެވެ.

ފުރަތަމަ ނަޒަރުންވެސް ހިތަށް ކުރި އަސަރާއިއެކު ލޯ ތެމިގެން ދިޔައީ އަޖައިބުވާފަދަ ގޮތަކަށެވެ. ހިތުގައި ރަހުމާއި ލޯބި އުފެދުނެވެ. އެންމެ ކުޑައިރުގެ ތަސްވީރުގައި ހަމަ ބުދެއްފަދައެވެ. މަޑުމަޑުން އިނގިލިން ފިރުމައިލެވުނީ މިކާހް ކައިރީގައި ހުރިނަމަވެސް ފިރުމައިލާނެ ފަދައިންނެވެ. އެމޫނުގައި އެހާވެސް ލަސްލަހުން އިނގިލި ހިންގައިލެވުނެވެ. މިއީ ހަމަ އޭނަ ނުބަލަން އިންކާރުކުރި އޭނަގެ ހަށިގަނޑުގެ ބަޔެއް ހެއްޔެވެ؟ މިހުރިހާ ދުވަހު އެކުއްޖާ އުޅުނީ ކޮންތާކު ކޮން ހާލެއްގައި ކަމެއްވެސް ނޭގެއެވެ. ފަސް އަހަރު ކުރިން ދަރިފުޅު ހޯދަން ނޫޅެވުނީތީ އޭނަ އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. އޭނަގެ ހިތުގައި އުތުރި އަރައިގަތް ޖަޒުބާތުތައް މިއީ ދަރިފުޅުކަން ސާބިތުކޮށްދީފިއެވެ. ޑީއެންއޭއަކަށް އެހެން ޓެކްނޮލޮޖީއެއްގެ އެހީތެރިކަމަކަށް ބޭނުމެއްނުވިއެވެ. މިހުރިހާ ދުވަހު އޭނަ ކެތްކުރިއެވެ. ފްލައިޓް ވެއްޓުމަށްފަހު އޭނަ ފިހި ހަށިގަނޑުގައި އެޅި ވޭންތަކާއި ސިކުނޑިއަށް ލިބުނު ގެއްލުމަށްފަހު ކުރި އޮޕަރޭޝަން އަދިވެސް ހަށިގަނޑަށް ލިބުނު ޒަޚަމްތަކާއި އޭނަ ހަގުރާމަކުރިއިރު އޭނަ ހިތްވަރުކުރިއެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ސަޖަލް އޭނައާއި ވަކިވުމުންވެސް އޭނަ ހިމޭންވިއެވެ. އެ ހާލުގައިއޮވެ ސަޖަލްގެ ފަހަތުން އާދޭސްކުރަމުން ދުވޭނެ ހެއްޔެވެ؟ އެހެން ހުއްޓާ ރެއިނާ އޭނަ އަށް އެހީތެރިވާން އައެވެ. އެއީ އޭނަ އަބަދުވެސް މަލާމާތްކޮށް ދުރުކޮށް ނިކަމެތިކޮށް ހިތާމަތައް ޖެއްސި އަންހެންކުއްޖާއެވެ.

އެހެން ހުއްޓާ ދަރިފުޅުގެ ފޮޓޯ ފެނުމުން މިހުރިހާ ދުވަހު ހިތުގައި އެއްވަމުން އައި ހިތާމަތައް ފުރި ބަންޑުންވެގެން އޮހިގަތީ ކަރުނައިގެ ސިފައިގައެވެ. ދެއަތުގެ ތެރޭ މޫނު ފޮރުވިގޮތަށް އޭނަ ހިމޭންކަމާއެކު ކަރުނަ އޮއްސިއެވެ.

އިރުގަނޑެއްފަހުން ކައިޔާން ހަމަޔަކަށް އެޅުނެވެ.

"އައި ޕްރޮމިސް. އަހަރެން މިކާ ހޯދާނަން"

***

ކައިޔާން ސަޖަލްއަށް ގުޅަން އޭނަ ކިތަންމެ ވަރަކަށް މަސައްކަތްކުރިއެވެ. ސަޖަލްވަނީ އޭނަ ބްލޮކްކޮށްލާފައެވެ. ފުރުމުގެ ކުރިން އެދޭތެރޭގައި މައްސަލަ ޖެހުނީވެސް އެ ބުނާ ފިރިހެނެއްގެ މައްސަލައިގައެވެ. ސަޖަލް އާއިއެކު އެ ފިރިހެނަކު ދުއްވާލަންގޮސް އެކީގައި ވަގުތު ހޭދަކުރަން ފެށީއެވެ. ސަޖަލް ބުނީ ދެބެންގެ ދެދަރި ކަމުގައެވެ. އެކަމަކު އެއީ މަހުރަމަކަށް ވާނެހެއްޔެވެ؟ ބުރުގާ އަޅާ ކިތަންމެ ލޯބިން އުޅުނަސް ސަޖަލް ބަދަލު ހިފަން ވިސްނީކަން ނޭގެއެވެ. ރެއިނާ އާއި އޭނަގެ އޮތް ގުޅުމާއި ދަރިއަކު ހުރިކަން އެނގުމުންވެސް ސަޖަލް ނިކަން "ކޫލް"އެވެ. އާއްމުކޮށް އަންހެންކުދިންގެ ހުންނަ ހަސަދައާއި ރުޅިވެރިކަމެއްވެސް ނެތެވެ. އުޅުނީ ހަމަ ލޯބިންނެވެ. އޭނަގެ ހިތް އަތުލާފައި އެންމެފަހުން ދެރަކޮށްލީއެވެ.

ޚިޔާލުތަކެއްގައި އޮތްވާ މީހެއްގެ ހިލަންވިއެވެ.

"އައްސަލާމް އަލައިކުމް...." ރެއިނާ އައީ ނާސްތާއާއެކު ބޭސްތައް ހިފައިގެންނެވެ. ބިއްލޫރި ކުޑަދޮރުން ވާރޭ ވެހޭ މަންޒަރު ފެނުނެވެ.

"ސްޓުޕިޑް. ސީދާ ނުބުންޏަސް ރެއިނާ މިތަނަށް އަންނަން އަހަރެން ފޫހިވާނެކަމެއް ނުވިސްނޭތަ؟ "

"ބޭސް ދޭން............ " ރެއިނާއަށް ބުނެވުނެވެ. ކައިޔާން އޭނަދެކެ މިހާރު ކުރިއަށް ވުރެ ނަފްރަތު ކުރާނެކަމަށް ހީކުރެވުނެވެ. ހީކުރެވުނީ އެއް ނޫނެވެ. ޔަގީނާއި ގާތަށް އެނގުނެވެ. ފުރަތަމަ ޝޮކެއްގައި ހުރެފައި ސިކުނޑި ބޭނުންކުރަން ފެށުމުން ވިސްނޭނެއެވެ. ސަޖަލްއާއި ކައިޔާންއާއި ދޭތެރެއަށް ވަދެ އެ ކައިވެނި ރޫޅައިލި މީހަކީ އޭނައެވެ. ނަމަވެސް އޭނަ މިތަނަށް އައީ އޭނަ ފެށުނީއްސުރެ ކައިޔާންއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ހަމައެކަނި ދަރިފުޅުގެ ބައްޕައަށް ވީމައެއް ނޫނެވެ.

"ތިއީ ނަރސްއެއްތަ؟ " ކައިޔާން ނިތްއަރުވައިލިއެވެ. އެ ގަދަ ބުމަ އިންނަތާ އެންމެ އިސްތަށްޓެއްވެސް ނެތެވެ.

"ނަރސްއަކަށް ނުވިޔަސް ބަލިމީހުންނަށް ޚިދުމަތްކޮށްދެވިދާނެ. އަހަންނަކީ އިންޓާންއެއް." ރެއިނާ ކައިޔާންއާއި ނާސްތާ ޓްރޭ ކައިރިކޮށްލައިފިއެވެ.

"ވެރީ ފަނީ. ރެއިނާ ތިކުރަނީ ބޭކާރުކަމެއް. އަހަރެންގެ ޑޮކްޓަރުންނާއި ނަރުހުން ޗޫޒްކުރާނީ މަ. ރެއިނާ ނަރސް އެއްގެ ގޮތުގައިވެސް ޑޮކްޓަރެއްގެ ގޮތުގައި މިތަނަށް ވަދެ ކޮންމެހެން ވަކި މަގުސަދެއްގައި ތިކަން ކުރާނެ ކަމެއްނެތް. ރީއްޗަށް މިބުނީ. ޓައިމް ވޭސްޓްނުކޮށް ކުރިމަތިން ދުރަށް ދޭ.." ކައިޔާންގެ އެ ޖުމްލަތައް ރެއިނާ ލަދުގަންނަވައިލިއެވެ. މަސްހުނި ޖަޒުބާތުތަކާއެކު އެ ޖުމްލަތަކުގައި ހުރި މާނަ ނަގައިގަންނަން އެވަގުތު ނުކުޅެދުނެވެ. އޭނަގެ ސިކުނޑި އެވަގުތު މިނިޓެއްގެ ތެރޭ އެއްހާސް މޭލަށް ދުވެލައިފިއެވެ. ކައިޔާން ލޯ މަރައިލުމުން ގާތުގައި މިކާހްގެ އަލްބަމް ބާއްވާފައި އޭނަ އަވަހަށް އެތަނުން ދިޔައީ މާޔޫސްކަމާއެކުގައެވެ. ނޫނެކެވެ. ރެއިނާއެވެ. މާޔޫސްވާނެކަމެއް ނެތެވެ. ކޮންމެ އިމްތިހާނަކުން އިބުރަތެއް ހާސިލުކުރާށެވެ. މިވެސް އަދި މާޒީވެ ހިގައިދާނެ ވަގުތުކޮޅެކެވެ.

***

ގަޒަލްއާއި ރެއިނާ މެގްނޯލިއާ ގަހުގައި ތިއްބާ މިލާން ގެނެސްދިން ޚަބަރަކުން ރެއިނާއަށް ފުންމައިގެން ތެދުވެ އިށީދެވިއްޖެއެވެ. ދެކުދިން ބެލްކަންޏަށް ނުކުމެ ތިބިއިރު މިލާން ހުރީ ގަސްދޮށުގައެވެ. ކަޅުކުލައިގެ ޖިންސަކާއި އަޅިކުލައިގެ ޓީޝާޓު އަދި އިރުގެ އަވީގެ ސަބަބުން އެލޮލުގެ ރީތިކަން އެތައް ގުނަ އިތުރުކޮށްދެއެވެ. ރެއިނާ ދުވަމުން ތިރިއަށް އައެވެ.

"ޔަގީންތަ؟ ޖިބްރީލްއަކީ ހަމަ މިކާތަ؟ "

"އާފާގު ބުނި އެޑޮޕްޓްކޮށްފައިވާ ކުއްޖެކޭ. އަހަންނަށް ނުވަދިހަ ނުވަ ޕަސެންޓް ޔަގީން އެކުއްޖާއަކީ ރެއިނާގެ ގެއްލުނު ދަރިފުޅަށް ވެދާނެކަން......." މިލާން އެއްބުމަ އަރުވައިލިއެވެ.

"އަލްހަމްދުލިﷲ..." ރޮއިގަންނަންވީ ކަން ހޭންވީކަން ނޭގި ދެ ޖަޒުބާތެއްގެ ދޭތެރޭ އޭނަ ތާށިވެ ހިންދިރުވައިލަންވެސް ދަތިވިއެވެ.

"ޖިބްރީލްގެ ވިސާ މައްސަލައެއް ޖެހިގެން ރާއްޖޭގައި ވީ. އަދި އަންނާނެ. މާދު އެކުއްޖާދެކެ ވަރަށް ލޯބިވޭ. އެހާ ފަސޭހައިން އެއްވެސް މީހަކަށް އަދި އެދަރިފުޅު ދޭނެހެން ހީނުވާކަމުގައި ބުނި...." މިލާން އިތުރަށް ބުނެދިނެވެ. ހައްލަކީ ރެއިނާ އައްމާދުއާއި ކައިވެނި ކުރުމެވެ. އޭރުން ޖިބްރީލްއާއެކު ދިރިއުޅުމުގެ މަގު ފަހިވެގެންދާނެއެވެ. ނަމަވެސް މިލާންގެ މިޒާޖު ހުންނަގޮތުން އެފަދަ ހުށަހެޅުމެއް ހުށަހަޅަން ބޭނުމެއްނުވީއެވެ. އެއީ ރެއިނާގެ އަމިއްލަ ކަމެކެވެ. ނަމަވެސް ޖިބްރީލް އައްމާދުއާއި އެހާ ވަރުގަދަ ގުޅުމެއް އޮވެ ބައްޕަ ކަމުގައި ދެކެފައިވާއިރު ދަރިފުޅަށް ރަގަޅުވާނީ އެގޮތް ނޫންހެއްޔެވެ؟

ނުނިމޭ

 

ކޮމެންޓް 0