"އަލް ޚަލީލި ބިން އަހުމަދު ރަހިމަހުﷲ ވިދާޅުވިއެވެ. މީހުންގެ ވާހަކަ ހިފައިގެން ތިބާގެ ގާތަށް އަންނަ މީހަކު ތިބާގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ގާތަށްވެސް ދާނެއެވެ. " ދެބައޮޑުވާ މީހަކު ސުވަރުގެ ނުވަންނާނެ ކަމުގައި ރަސޫލް ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ.

***

"ތިބުނީ މިކާއަކީ ކައިގެ ދަރިފުޅޭ. އަހަރެންގެ ނެފިއުއޭތަ؟ ނޯ ވޭ. ތިއީ ސަމާސާއެއް ދޯ ރެއިނާ. ހަގީގަތެއްނޫން. ކޮންވައްތަރެއްގެ ސަމާސާއެއް ތިކުރީ؟" ގަޒަލް ފަޔާ ޕްލޭސްކުރިމަތީގައި ގޮނޑި މަޑުކޮށްލައިގެން އިނެވެ.

"މާތްﷲ ގަންދީ ހުވާކުރަން......"

"މިކާގެ ފޮޓޯ ބަލަން ބޭނުން. ޓެލް މީ ރެއިނާ ކިހިނެއް މިކާއަށް ވީ؟ މިކާގެ ހުރިހާ ވާހަކައެއް ކިޔައިދީބަލަ އެވްރީތިން. މިކާއަށް ކިތައް އަހަރު؟ " ގަޒަލްގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

"އެ ހުރިހާ އެއްޗެއް ވަގު ކަލޭގެ ގެންގޮއްސި....."

"ކޮންމެ ގޮތެއް ހަދާފައިވެސް ތި މީހަކު ހޯދަން އެބަޖެހޭ. ރެއިންއަށް ނޭގުނަސް ކައިއަށް އެއީ ކޮން ސަރަހައްދެއްކަން އެނގޭނެއްނު. މިކާގެ ހުރިހާ މެމޮރީސް އެއް.......އޯ ނޯ.." ގަޒަލް މޫނުގައި އަތްއެޅިއެވެ. "ކުރިން ބުނިނަމަ. ހާދަ ދެރައޭ. ކައިގެ ވެސް ފޯލްޓް. ފެމިލީއަށް ސިއްރުން މެރީކޮށް ކުއްޖަކު ލިބި އެވެސް ސިއްރުކޮށްފަ؟ އެންމެ އޮޕެންކޮށް މަޖާކޮށް އުޅުނު ބްރަދާ މިވީ އެންމެ ސިކްރެޓިވް މީހާއަށް. ކައި ފެނުމުން އަހަންނަށް ދެން ކަމެއް ނުދެނެހުރި ކަމަށް ހަދައިގެން އެކްޓް ކުރެވޭނެތަ؟ ވަރަށް ނާވަސް ވާނެ....."

"ހޫމް. މިކާގެ ހުރިހާ ހަދާންތަކެއް އެ ދިޔައީ. މިކާ އިނގިލި ޖަހާއިރު ގެންގުޅޭނެ ފޮތިކޮޅެއް. އެ ދޮންނަން ނެގިޔަސް ރޮއިރޮއި މިކާ ހަލާކުވޭ......އެ ފޮތިކޮޅުވެސް މިކާގެ ހަދާނުގައި..ޖީޖީ. އަހަރެން ނިދާލާނަން. ވަރަށް ޓަޔަޑް..." ރެއިނާ ބިންމަތީގައި ގޮދަޑި އަޅައިގެން ބޯ ރަޖާގެ ދަށަށް ވަދެފައި ނިދީ ނޫންކަން ގަޒަލްއަށް އެނގުނެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު އެތައް އިރެއްވާންދެން ކޮޓަރީގެ ހިމޭންކަން ގެއްލުވިއެވެ. ގަޒަލްގެ ހިތް ރަހުމާއި ހަމްދަރުދީއިން ފުރުނެވެ. ރެއިނާ ހާދަ ދެރަވާނެއެވެ. ހާދަ އަސަރުކުރާނެއެވެ. އެހާ ޅައިރު މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބި ލޯބިވާ ދަރިފުޅު މަރުވީއެވެ. ރައްކާކުރި ހަދާންތައްވެސް އަތުން ބީވީއެވެ. އެވެސް ކައިޔާންގެ ސަބަބުންނެވެ. ނުވީތާކަށް ކައިޔާން ދެ އަންބަށް މީހަކާ އިންނަނީއެވެ. ރެއިނާ ބުނާ ގޮތުން ކައިޔާން ވަރިއެއް ނުކުރެއެވެ. ވީއިރު އަދިވެސް ރެއިނާގެ ހައްގެކެވެ. ރެއިނާގެ ފުރަތަމަ ލޯތްބެވެ. ގަޒަލް އެ މަގާމުގައި ހުރިނަމަ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ އެކި ޚިޔާލުތަކުގައި އޮތްވާ ނިދުނީކަން ނޭގެއެވެ. އޭނައަށް މިކާ ދުވަހަކު ނުފެނުނަސް އެހިތްވެސް ރޮނީއެވެ. މިކާގެ ފޮޓޯތައް ހަނދާނަށް ގެނެސްގެން މިކާ ދަސްކުރަން މަސައްކަތް ކުރެވެނީއެވެ. ރެއިނާ ލައްވާ ވާހަކަތައް އަހަން ބޭނުންވިޔަސް އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެއެވެ. ރެއިނާ އެކަނިވެލާން ފުރުސަތު ދޭން ޖެހޭނެއެވެ.

ރެއިނާ ކުޑަދޮރުގެ ތަންޑުތައް އެޅުވި ހަދާނެއް ނެތެވެ. ހިމޭންކަމުގެ ތެރެއިން މީހަކު ތަންޑު ނައްޓަން މަސައްކަތް ކުރާ އަޑު ގަޒަލްއަށް އިވެންފެށިއެވެ. ތަންޑުތައް ނެއްޓުނެވެ. ދެން ފެނުނީ ކުޑަދޮރު ފުރާނާލާފައި ހިޔަންޏެއް ވަންތަނެވެ. އަދަމުންދާ އަލިފާނާއި ނިދާ ބޮކީގެ އަލީގައި އެހިޔަނިން މިލާގެ ސިފަ ފެނުނެވެ. އެލޮލަށް އެކި ކުލަ އަރާތަން ފެނުނެވެ. އަނދަމުން ދިޔަ އަލިފާންގަނޑު ނިއްވާލައިފިއެވެ. ބޮކިތައްވެސް ނިވާލީއެވެ. ދެން އެ ހިޔަނި އޭނަގެ އެނދުގެ ބޯލާކޮޅުން އެރިގޮތަށް ފެނުނީ ގައިމަތިންނެވެ. އޭނަގެ ހިތް ބިރުވެރިކަމުން ފުރުމާއެކު ނޭވާވެސް ހިދިއްޖެއެވެ. އެހީތެރިކަމަށް އެދި ބަލައިލެވުނީ ރެއިނާ އޮތް ދިމާލަށެވެ. ރެއިނާއަށް ގޮވަން އަނގަ ހުޅުވައިލިޔަސް އަޑު ބޭރެއްނުވިއެވެ.

"ޖީޖީ. ތިއީ ސްލީޕް ޕެރެލެސިސް ބިރު ނުގަނޭ. ބްރީތް. ހަމަޖެހޭ. މިލާންއަކަށް މިތަނަށް ނުވަދެވޭނެ..މިއީ ހަމަ ލޮލަށް ފެންނަގޮތް........" ގަޒަލް އަމިއްލަ ނަފުސަށް ބުނެދިނެވެ.

"އައިމް ހިއަ...." މިލާން ވައި އަޑަކުން ބުނެލިއެވެ.

މިލާން އޭނަގެ މޫނާއި އިސްތަށިގަނޑުގައިވެސް އަތްލަނީއެވެ.

އެވަރުންވެސް އޭނައަކަށް ގުޑިއެއް ނުލެވުނެވެ.

ކުއްލިއަކަށް ރެއިނާ ފުންމައިގެން ތެދުވުމާއެކު ބޮކިތައް ދިއްލައިލުމުން ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ގަޒަލްގެ އަތުގައި ހިފާ ތަޅުވައިގަތުމުން ހަށިގަނޑަށް ލުއިވެ ނޭވާ ހިގަންފެށިއެވެ. އޭރު ގަޒަލްގެ ލޮލުން ކަރުނަ އޮހި ކުއްޖާއޮތީ ފިނި ދަލެއް ހިއްލާލާފައެވެ.

"އާ ޔޫ އޯކޭ؟ " ރެއިނާ އެހިއެވެ.

"އައި ސްވިއާ. މިލާން. އޭނަ އައީ. އޭނަ..........." ގަޒަލް ރޯންފެށިއެވެ.

ރެއިނާ އަޖައިބުވީ ބޮކިތައް ނިވާލާފައި އަލިފާންގަނޑުވެސް ނިވިފައި ހުރުމުންނެވެ. ކުޑަދޮރުގެ ތަންޑުތައް އަޅުވާފައި ހުރުމުން އެހެން މީހަކަށް ވަދެވޭނެ ގޮތެއް ނުވާނެކަން ޔަގީނެވެ. އޭނަ ހައިރާންވީ ގަޒަލްގެ އަތުގައި ތަންތަން ރަތްވެފައި ހުރުމުންނެވެ. މޫނުމަތީގައިވެސް މެއެވެ. ބާރަށް ހިފެހެއްޓިކަމުގެ ނިޝާންތަކެވެ. މިލާންއަކީ އިންސާނެއް ހެއްޔެވެ؟ ރޫހާނީ ބާރުތަކެއް ލިބި ފާރުތަކުގެ ތެރެއިން ވަދެގެނެއް ނާދެވޭނެއެވެ. ގަޒަލްއަށް ހޫނު ޗޮކްލެޓް ތަށްޓެއް ގެނެސްދީފައި އޭނަވެސް ކޮފީއެއް ބޯލިއެވެ. ރެއިނާ ދަސްކޮށްދިނީ ދުޢާތައް ކުރުމަށެވެ. އޭނަ ދަމު ނަމާދުކުރިއެވެ. ދުޢާތައް ކުރިއެވެ. އެއަށްފަހު މަޑުމަޑުން ގުރުއާން ކިޔަވަންފެށީ ހިތްގައިމު މަޑުމައިތިރި ރާގަކަށެވެ. އެ އަޑު ޖެހުމުން ގަޒަލްގެ ސްޓްރެސް ފިލާ ސިކުނޑިއަށް ލުއިކަމެއް ލިބި ނިދޭގޮތްވިއެވެ. ރެއިނާ އެތައް އިރެއްވާންދެން ގުރުއާން ކިޔަވަން އިނެވެ. ކައިޔާން މުޅިން ވަކިވެދިޔުމުގެ ބިރާއެކު މިކާގެ ހަދާންތައް އެއްކޮށް އަތުން ގެއްލުމުން ހިތަށް ކުރި އަސަރުން ސަލާމަތްވާން އޭނަ ކުރިމަތިލީ ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށެވެ. އަމިއްލަ ޖިސްމާއި ރޫހަށް ފިނިކަމެއް ލިބި ހިތްވަރު ހޯދީ އެފަރާތުންނެވެ. ހުރިހާ އެއްޗެއް ގެއްލުމުންވެސް މާޔޫސްވިޔަ ނުދީ އަމިއްލަ ސިކުނޑި ހަމަޔަކަށް އެޅުވުމުގައި އޭނަ ކާމިޔާބު ހޯދިއެވެ.

އޯލެވެލް ހެދުމަށްފަހު އޭނަގެ އެކުވެރިން އަތުން ފޮތްތައް ހޯދާ ޓިއުޝަން ހޯދުމުގެ ސަބަބުން އޭލެވެލްގައި އިށީދެ ފާސްވާނެކަމުގެ ޔަގީންކަން ލިބިފައި އޮތުމުން އޭނަ މިރަށަށް އައި ފަހުން އޭލެވެލް ހެދިއެވެ. އޮންލައިންކޮށް ދީން ކިޔެވުމުގެ އިތުރުން އެހެން ކޮންމެވެސް ގޮތަކުން ކުރިއަށް ދާން އެރޭ އޭނަ އަޒުމް ކަނޑައެޅިއެވެ.

"ޑޮކްޓަރަކަށްވާންވީނު. އެކަމަކު ހާދަ ޚަރަދުބޮޑުވާނެއޭ...ކާކު ފަންޑުކުރާނީ. ސްކޯލާޝިޕެއް ލިބޭތޯ ބަލަންވީ..."

"ސުބުހާނަﷲ. ހިތް މޮޅުވިޔަސް ބޮޑުވަރު، އެހާ މައްޗަށް ނުކިޔެވިޔަސް އާދައިގެ ޑިގްރީއެއް ހަދައިލިޔަސް ރާއްޖެއިން ރަގަޅު ވަޒީފާއެއް ލިބިދާނެ. ސަޖަލްއާއި ވާދަކުރަން އުޅުނަސް އެހިސާބަށް ދުވަހަކު ނޭރޭނެ..އެކަމަކު ކާކަށް އެނގޭނީ؟ ހަޔާތުގައި މާދަމާ ލިބެން ހުރި ނިއުމަތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ."ރެއިނާ ކުޑަކޮށް ހީލިއެވެ.

***

މިލާން އެޓިކާއި ދިމާލަށް ހިނގައިގަތެވެ. ގޭގެ ފަހަތުގައި ހުންނަ ބޮޑު މެގްނޯލިއާ ގަސްތަކުގެ ގޮފިތައް ސްނޯގެ ބުރަދަނަށް ނުކުޅަދާނަވެގެން ލެނބިފައިވާއިރު އެގަހުގައި ވަކަރުން އަޅާފައިވާ "ޓްރީ ހައުސް" އެޓިކްގެ ބަޔެއްހެން ހީވެއެވެ. ގުޒްލާންގެ މަރަށްފަހު އެތަން ފަޅުވިގޮތަށް އެއްވެސް މީހަކު އެތަނަށް ޒިޔާރަތްކުރިކަމެއް ނޭގެއެވެ. އެހިސާބުން އެ ކުޑަގެވެސް ފަޅު ނާމާންތަނަކަށް ވީކަން ނޭގެއެވެ. އެއީ ގުޒްލާން އާއި ގަޒަލް ބޭނުންވެގެން އޭނަގެ ބައްޕައާއި އެކުވެރިންތަކެއް އެޅި ރީތި ގެއެކެވެ. އުފަންދުވަހުގެ ހަދިޔާއަކަށް އެތަން ފުރިހަމަކޮށްދިނީއެވެ. މުޅިންވެސް ވަކަރުން ހަދާފައިވާ އެ ތަނުގެ ބެލްކަނީކޮޅުގެ ތެރެއިންވެސް ގަހެއްގެ ގޮތްޕެކެވެ. އެތަނުގައި ކުޑަ މޭޒަކާއި ގޮނޑިތަކެއް ކިރިޔާ ބެހެއްޓޭކަމެވެ. ހުރިހާ ތަނެއް ވަކަރުން ހަދާފައިވާއިރު އެތެރެވެސް ނިކަން އަރާމެވެ. ނިދާކޮޓަރީގައި ހުންނަ ވަކަރު އެނދު ހަނިވިޔަސް ދެކުއްޖަކަށް ނިދާލެވޭނެއެވެ. އެނދުގެ ކުރިމަތީގައި ގަހުގެ ގޮފިގަނޑެއް ހުންނައިރު އަނެއް ފަރާތުގައި ވަށް މޭޒެކެވެ. އެތާގައި އެކުދިން ޑައިރީ ލިޔުމަށާއި އެހެނިހެން ކަންތައްތަކުގައި އިށީދެ އިނދެއެވެ.ތިރީގައި ބޯ ރަގެއް އަޅާފައެވެ. އޭނައާއި ގަޒަލް އަދި ގުޒްލާން އެތަނުގައި ވަގުތުތައް ހޭދަކޮށް މަޖާކުރިއެވެ. ބައެއްފަހަރު ސްނޯވެހޭތަން ބަލަން ރަޖާއަޅައިގެން ތިބެ ހަންޑިވާހަކަތައް ކިޔައެވެ. ގަޒަލް ބިރުން އުޅޭވަރު ފެނި ގުޒްލާން ނިކަން ދިމާކުރެއެވެ. އެއްމާބަނޑުވިޔަސް ދެކުދިންގެ މިޒާޖު ހައިރާންވާހާ ތަފާތެވެ. ގުޒްލާން ނިކަން ގޮތިކްއެވެ. ގިނައިން އުޅޭނީ ކަޅު މޭކަޕްކޮށްލައިގެންނެވެ. ބިރުވެރި ވާހަކަތަކާއި ފިލްމުތަކަށް ނިކަން ގަޔާވާނެއެވެ. މިލާންއާއި އެކަނި ވެއްޖެއްޔާ އޭނަ އަބަދު ދައްކާނީ ޖިންނި އެއް މި މެގްނޯލިއާ ގަހުގައި ވަޒަންވެރިވެގެން ދިރިއުޅޭ ވާހަކައެވެ. ގަޒަލް މި ބެލްކަނިން ވެއްޓި ޒަޚަމްވީ ދުވަހު މިލާން ހީކުރީ އެކުއްޖާ މަރުވާނެކަމުގައެވެ. ލެއިން ތަތްތެޅިފައި އޮތްވާ ފެނިގެން މިލާން ހަޅޭއްލަވައިގަތް ގޮތަށް އެންމެން އެއްވިއެވެ. އެދުވަހު ގުޒްލާން ނުފެނިގެން އައިއިރު އޭނަ އިނީ މި ކުޑަ ގޭގައެވެ. ރޮއިރޮއި ނޭފަތްކޮޅު ރަތް އަރާފައެވެ. އެ ދޮން ދޮން މޫނުގައި ކަރުނައެވެ.

"ޝްޝްޝް..ނުރޮއި ގުޒް........." މިލާން ގުޒްލާން ގެނެސް ކައިރިކޮށްލިއެވެ.

"އައިމް ސްކެއާޑް. މާން. އެނގޭތަ؟ "

"ކޮންކަމެއް؟ "

"މިގަހުގައި އުޅޭ ޖިނާސް ބުނި އެއްޗެއް އެނގޭތަ؟ އޭނަ އަހަންނަށް އަމުރު ކުރަނީ ޖީޖީ މިތަނުން ވައްޓާލަން..........."

"ގުޒްތަ އޭނަ ވައްޓާލީ؟ " މިލާން ސިއްސައިގެން ގޮސް ގުޒްލާން ދުރުކޮށްލިއެވެ.

"ނޫން. މަށެއްނޫން. ޖިނާސް ކުރިކަމެއް އެއީ. ހީޒް ޓޯޓަލީ އީވިލް. ޖިނާސްގެ ބްރަދާ މިޒެފްވެސް ދޭތެރެއަކުން އައިސް ބިރުދައްކާ. އެމީހުން ބުނާކަމެއް ނުކޮށްފިއްޔާ ގުޒް މަރާލާނެކަމަށް ބުނެ ތްރެޓް ކުރޭ...މާން ގަބޫލުކުރަންތަ؟ ޖިންނިން އުޅޭ.. އެއެއްޗެހި އަހަރެމެންގެ ތެރޭ އެބައުޅޭ. ޖިނާސް ރުޅިއައީމަ އޭނަ ގައިގާ ހުޅު ހިފާ..." ގުޒްލާން ކުޑަކޮށް ފޯރި ހިފާލާފައި ދޮރުގައި އިނގިލި ޖެއްސިއެވެ. "މާން ބޭނުންތަ އެމީހުންނާއި ބައްދަލުވާން؟ މިރޭ ދަންވަރު އަންނާނީ ދޯ..."

"އޯކޭ...." މިލާން ކޮންމެވެސް ވަރަކަށް އެ ވާހަކަތައް ގަބޫލުކުރިއެވެ.

އެރޭ ދަންވަރު ގުޒްލާން އެގެއަށް އައިސް ބުނީ ޖިނާސް މިލާންއާއި ބައްދަލުކުރަން ބޭނުން ނުވާކަމުގައެވެ. މިލާން އޭރު އެވާހަކަ ގަބޫލުކުރިއެވެ. އެދުވަސްކޮޅު އޭނައަށްވެސް އެފަދަ "ރޫހާނީ" ކަންތައްތައް މެދުވެރިވާން ފެށިއެވެ. ފުރަތަމަ އެހެން ވީ އެ ކުޑަ ޓްރީހައުސްގައި އެކަނި ނިދިފައި އޮތް ރެއެއްގައެވެ. ހޭލެވުނުއިރު އޭނަ އޮތީ ބިންމަތީގައެވެ. ގުޒްލާން ބުނީ ޖިނާސްގެ ޖަރީމާއެއް ކަމުގައެވެ. އެފަހުން "ލުސިޑް" ހުވަފެންތައް އޭނަ ދެކެންފެށިއެވެ. އޭނައަށް ހުވަފެންތައް ކޮންޓްރޯލްކޮށްގެން އޭނަ ބޭނުންވާ ގޮތަށް އަނބުރައިލުމުގެ ބާރު ލިބުނެވެ. ޔަގީނެވެ. އެބުނާ ޖިންނި އޭނައަށް ބާރު ހިންގަނީއެވެ. އެއީ މިލާންއަށް މަޖާ ކަންތައްތަކަށްވިއެވެ. އޭނަ ބޭނުން ކޮންމެ ކަމެއް އޭނައަށް ލުސިޑް ހުވަފެންތަކުގެ އެހީގައި ކުރެވެންފެށިއެވެ. ޚާއްސަކޮށް އުދުހުމެވެ. ހުވަފެނުގައި އޭނަ ހަށިގަނޑު އޮންނަތާ އޮވެގެން އެހެން ތަންތަނަށް ދަތުރު ކުރާން ފެށުނެވެ. ތަފާތު ތަޖުރިބާތަކެވެ. "އައުޓް އޮފް ބޮޑީ އެކްސްޕީރިއެންސް" ކުރެވުމުން އޭނަ ކުރީކޮޅު ބިރުގަތަސް އެކަމަށް ހޭނުނެވެ. އެހުރިހާ ސިއްރެއް އޭނަ ގުޒްލާންއަށް ކިޔައިދިނެވެ. ގަޒަލް ބިރުގެންފާނެތީ އޭނަ އަބަދުވެސް ގަޒަލްއަށް ޚާއްސަގޮތެއް ބަހައްޓާ ހިމާޔަތް ދިނެވެ.

ވަކި އުމުރަކަށް ގޮސްފައި އޭނަ އެ ހުވަފެންތަކާއި ދުރަށް ދާން މަސައްކަތްކުރިއެވެ. ނަމަވެސް މިހާރު އެ ހުވަފެންތައް އޭނަގެ ހަޔާތައި ގުޅިފައިވާ ކަމަކަށް ވެއްޖެއެވެ.

ކުރީގައި ރޫހާނީ ކަންތައްތައް ކަމަށް ގަބޫލުކުރެވުނަސް މިހާރު މިލާން އަށް ޔަގީނާއި ގާތަށް އެނގެނީ ގުޒްލާން ގެ ސްކިޒޮފްރީނިއާ ހުރިކަމެވެ. އޭނައަށްވެސް މި ދިމާވަނީ އެފަދަ ހާލަތަކެވެ. ނަފްސާނީ މައްސަލަތެކެވެ.

ގޭގެ ފަހަތުގައި މިހިރަ ދެ މެގްނޯލިއާ ގަހުން އެއް ގަހުގައި ޖޯއްޔެއް އެލުވާފައިވާއިރު އަނެއް ގަހުގައި ޓްރީ ހައުސްއެކެވެ.

މި ގަސްދަށުގައި ގުޒްލާންއާއި ގަޒަލް މާތައް ހޮވަން އިށީދެގެން ތިއްބާ އޭނަ ނެގި ފޮޓޯއެއް އަދިވެސް އޭނަގެ އަތުގައި އޮވެއެވެ. އެއީ އުފާވެރި ހަދާންތަކެވެ.

ތިންކުދިން އެކީސްނޯއާއި ކުޅެ ބައިސްކަލް ދުއްވާ ލޮލީ ކައި އަދި ހެލޮވީންފަދަ ދުވަސްތައް ފާހަގަކުރިއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތެވެ.

މިލާން އެޓިކަށް ވަދެފައި އަތުގައި ހުރި ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ. ގްރޯސަރީއަށް ވަދެ އެއްޗެއް ގަނެލައިގެން އައީ ބަޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި ދެފައި ދަމާލައިގެން އިނދެ ކާންފެށިއެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ. މިވަގުތު އެކަކާވެސް ބައްދަލުކުރުމުގެ މޫޑެއް ނެތެވެ. އޭނަގެ މަންމަ ނޫނީ ބޭބެ ކޮންމެވެސް ކަހަލަ ދަރުސެއް ދޭން އަންނަނީކަން ޔަގީނެވެ.

"މިގަޑިއަކު ނޫން..." މިލާން އަޑު އިވުނުކަމަކަށް ނެހެދިއެވެ.

ކައިގެން ޓީވީ ބަލަން އޮތްވާ ނިދޭކަހަލަ ގޮތެއްވިއެވެ. ހަށިގަނޑަށް ކޮންމެވެސް ކަހަލަ ބަދަލެއް އައެވެ. ސޯފާއިން މައްޗަށް ހަށިގަނޑު އުފުލޭހެން ހީވިއެވެ. އެއާއެކު ހަގީގަތުގައިވެސް އޭނަ މައްޗަށް އަރަމުންގޮސް އެޓިކް ދޮރާއިއަރާ ހަމަވެއްޖެއެވެ. އެނބުރި ބަލައިލިއިރު އޭނަގެ ހަށިގަނޑު އޮތީ ސޯފާގައެވެ. އަތުގައި ރިމޯޓެވެ. އޭނަގެ "ރޫހު" އޭނަގެ ޖިސްމު ދޫކޮށް ދުރަށް ދަނީއެވެ. އެޓިކުން ނުކުތްގޮތަށް ފާރުތައް ފޫއަޅުވާލާފައިގޮސް ވަދެވުނީ އެހެން ކޮޓަރިއަކަށެވެ. އެކޮޓަރިއަށް ވަނުމާއެކު ސިހުނެވެ. ރެއިނާ އޮތީ ބިންމަތީގައި ރަޖާ އަޅައިގެން ނިދާފައެވެ. ގަޒަލް އޭނަގެ އެނދުގައެވެ. ގަޒަލްއަށް ގޯނާކޮށްލާހިތްވިއެވެ.

އޭނަ އެތަނުން ދާން މަޖުބޫރުވީ ރެއިނާގެ ސަބަބުންނެވެ.

ގަޒަލް އޭނަދެކެ ބިރުގަންނަނީ އޭނަގެ ލުސިޑް ޑްރީމްގެ ޝިކާރައަކަށް ގަޒަލް ވެފައިވާތިއެވެ. އެކަމަކު އެހެން ވާން ޖެހޭ ސަބަބެއް ނޭގެއެވެ. އެފަދަ ހުވަފެންތަކުގައި ނޫނީ އެގޮތަށް ހަށިގަނޑުން ބޭރަށް ދަތުރުކުރިޔަސް ދެން ހުންނަ މީހާއަށް އެކަން އެނގިގެން ނުވާނެ ނޫންހެއްޔެވެ؟ ގަޒަލްއަށް އޭނަ ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ގަޒަލްއަށް އެކަން އެނގެނީއެވެ. އޭނަ ފެނުމުން ގަޒަލް ޕެނިކް އެޓޭކް ޖެހޭ ސަބަބަކީ އެއީއެވެ.

މިލާން ކޮޓަރިއަށް ވަންއިރު "އޭނަ " އޮތީ އޮތްގޮތަށް ނިދީގައެވެ. މިލާން މަޑުމަޑުންގޮސް އަމިއްލަ ހަށިގަނޑު ތެރެއަށް ވަނެވެ.

***

"ތިއީ ހަމަ ސްލީޕް ޕެރެލެސިސް...މިހިރަ ވާހަކަތައް އިވުނީމަވެސް ގައިން ގޫޒްބަމްޕްސް ނަގައިފި. އަހަންނަސް ދުވަހަކު ތަޖުރިބާ ކުރެވުނުކަމެއް ނޫން. މަންމަމެން ޔަގީނަށް ބުނާނީ ޖިންނި ކަމެކޭ. ރަށުތެރޭ އަބަދު އެ ޒާތުގެ ވާހަކަދެކެވޭ......" ރެއިނާ ފޯނު ހުޅުވާފައި އެކި ވާހަކަތައް ކިޔާދިނެވެ.

"އެކަމަކު މިލާން ގެ ސިފައިގަ އަންނަނީ ކީއްވެތަ؟ އަދި..ނޭގޭ މިހާރު އަދި ފާޑަކަށޭ އުޅެނީ....އެހެންވެ ބުނަނީ ހަމަ ޑީމަން އެކޭ. ސޯ ސްކެއަރީ. ދެން ބެކްޔާޑަށް ނުދައްޗޭ. އެޓޭކްކޮށްފާނެ. ހީޒް އިންސޭން. އެ ތާ ހުންނަ ގަސްތައް ހޯންޓެޑްހެން ހީވޭ........"ގަޒަލް ލެޕްޓޮޕް ހުޅުވާލައިގެން ޕޭޖެއް ހެދުމުގެ މަސައްކަތުގައި އިނދެ ވާހަކަދެއްކިއެވެ. ރެއިނާގެ އެދުމުގެ މަތިން އޭނަވަނީ ޔޫޓިއުބު ޗެނެލްއެއް ހުޅުވާދޭންވެސް ނިންމާފައެވެ. އޭރުން ރެއިނާގެ ގުރުއާނުގެ ސޫރަތްތައް އަހަން ކިތަންމެ ބަޔަކު ވަންނާނެކަމާމެދު ގަޒަލް ޝައްކެއް ނުކުރެއެވެ.

ރޫހާނީ ވާހަކަތައް އިވުމުން ބިރުގެންފައި އިން ގަޒަލް ބޭނުންވީ އެހެން މައުޟޫއަކަށް ވާހަކަ ގެންދާށެވެ.

"ރެއިނާ ކިޔަވަބަލަ. ރިކޯޑް ކޮށްލަން..." ގަޒަލް ފޯނު ހުޅުވައިލިއެވެ.

"ހޫމް.އަޑު ތުރުތުރު ނުލާ ކިޔެވިއްޖެއްޔާ ރަގަޅު..."

ރެއިނާ އައޫޒު ބިސްމި ކިޔަވާފައި ފެށިއެވެ. ރީތިކޮށް ދެތިން އާޔަތް ކިޔެވުނެވެ.

"ގްރޭޓް..އަދި ޔޫޓިއުބަށް ލާން ރިކޯޑްކުރާނީ މަންޒަރުވެސް ރީތި ތަނެއްގައި. އޭރުން ވިއުތައް ގިނަވާނެ ދޯ..ސްނޯފޯލް ގަޑީގައި ގާޑަން ތެރޭ ވީޑިއޯ ކޮށްލާނީ. ޔޫ ނޯ ވަޓް. އަދި ރެއިނާއަށް މަދަހަވެސް ކީދާނެ. ރިލިޖަސް ކުއްޖެއް ނޫންނަމަ އެމެރިކަން އައިޑަލް ކަހަލަ ތަނަކަށް އަރާ ލަވަ ކިޔައިގެން ޓޭލާ ސްވިފްޓްމެން ވައްޓާލެވިދާނެ.. އެކަމަކު ކޮންމެހެން ލަވަ ކިޔާކަށް ނުޖެހޭނެތާ. މަދަހަ ކިޔަން ވާނީ...."

"ހެހެ. މިއުޒިކް ހުއްދައެއްނޫންވިއްޔަ ދޯ. ބައިދަވޭ ވަޓް އެބައުޓް ޑޯގްސް؟ ކުއްލިއަކަށް ހަދާންމިވީ އިސްލާމް ފޮތުގައި އޮވެއޭ ޑޯގްއާއި ޕިގްގައި އަތްލައިގެން ނުވާނެއޭ. އެ ނަޖިސް ތަކެތީގެ ތެރޭ ހިމެނެނީ...ސޯ ގޭގައި ޑޯގް ގެންގުޅުން ރަގަޅުކަމަކަށް ވާނެތަ؟ " ރެއިނާ އެހިއެވެ.

"ގޫގުލްކޮށްލަން ޖެހޭނީ. އެކަމަކު މޮންސްޓާ ގެންގުޅޭ ކުޑަ ފްލަފް ބޭނުން. އޭތި ހާދަ ލޯތްބޭ..."

"އެއަށްވުރެ ލޯބި ޓީކަޕް ކެޓްތައް ހުރެއެއްނު. ބުޅަލެއް ގެނުވާނީ....." ރެއިނާ ދުރުން ފެށިއެވެ.

***

އިރުއޮއްސި އަނިދިރިވީފަހުން ރެއިނާ މެދުގޯއްޗަށް ނުކުތެވެ. އެހިސާބުގެ ގެތަކުގެ އޮރެންޖް އަލި ކުޑަދޮރުތަކުން ބޭރަށް ފާއްދާލާފައިވާއިރު ބައެއް ދިމާލުން ސްނޯއަށް އޮރެންޖް ކުލަ ނޫނީ މަޑު ފިޔާތޮށިކުލަ އަދި ހުދުން ފެންނައިރު ބަލާ ބަލާ ފޫހިވުމެއް ނެތެވެ. އިރުކޮޅެއްނުވަނީސް ފިނިގަދަކަމުން ގަނޑުވިހެން ހީވިއެވެ. ކެހެރީގެ ތެރޭ މުޅިން ފޮރުވިގެން ހުރިއިރުވެސް ރޫ ރޫ އަޅައިގަތެވެ. ރެއިނާ ވައިސޫރިއެއްހެން ވަންއިރު ގޮސް ޖެހުނީ ކައިޔާންގެ ގައިގައެވެ.

"ހަމަ ޕަޕީއެއްހެން ފަހަތުން ނައްޓައިނުލެވޭ ދޯ.." ކައިޔާންގެ ގަދަ ބުމަ ކައިރިކޮށްލައިފިއެވެ.

"ޑޯންޓް ވޮރީ. ގަޒަލްއަށް ރަގަޅުވީހާ އަވަހަކަށް ދުރަށް ގޮސްދާނަން. އަބަދަށް އުދަގޫ ކުރާކަށް ނާންނާނަން.." ރެއިނާގެ އަޑަށް މޮޅިވެރިކަމެއް ވެރިވިއެވެ.

"ކަލޭ އުޅެން ޖެހެނީ މިގޭގައި އެހުންނަ ޓްރީހައުސްގައި. މިގެއިން ދާންދެންވެސް މަގޭ ކުރިމައްޗަށް ނައިސް އުޅެންވީނު....."

"ޓްރީހައުސްއޭ؟ " ރެއިނާ ޝައުގުވެރިވިއެވެ.

އެވަގުތު ގަޒަލްވެސް ގޮނޑިދުއްވަމުން ނުކުތީއެވެ. ގަޒަލް އަށް އެތަނަށް ނުކުމެވުނީތީ ކަންބޮޑުވިއެވެ. ހަގީގަތް އެގުމަށްފަހު ކައިޔާންއާއި ހަތަރުކަޅި ހަމަކުރުން އުދަގޫކަމަކަށް ވެއެވެ.

"ރެއިން. ކީކޭ؟ ސްނޯ ފޯލިންތަ؟ "

"ނޫން......ފިނިކަމުން ހަމަ ފްރީޒިން..." ރެއިނާ އަމިއްލަ ހަށިގަނޑުގައި ބައްދައިލިއެވެ." މިދަނީ މައިކްރޯވޭވް އަވަނަށް ލައިގެން ރޯސްޓްވާން......."

"ކޮބާތަ އޮލިވާ؟ " ގަޒަލް އެހިއެވެ.

"ނިދަން ލާފައި މިއައީ. ކިހިނެއްވީ ސްވީޓްހާޓް. ސަޖަލް ބުންޏޭ ޓީކަޕް ޕޮޕެރޭނިއަން އަށް ގަނެދޭނަމޭ. އެކަމަކު މިލާންގެ އެއްޗެއް ހޯދާނެކަމެއްނެތް އިނގޭ.." ކައިޔާން ގޮނޑި ދުއްވަމުންގޮސް ފަޔާ ޕްލޭސްކައިރީ ބޭންދިއެވެ. އަދި ކުރިމަތީގައި ހުރި ސޯފާގައި އިށީދެ ހަމަޖެހިލިއެވެ.

"ވަރަށް ބޭނުން. އެކަމަކު ދެންމެ ގޫގުލްކުރިއިރު ފެނުނު ޑޯގްމެން ތިބިތަނަކަށް ރަހުމަތުގެ މަލާއިކަތުން ނުވަންނަވާނެއޭ..އެހެންވީމަ މުސްލިމުން ގެންގުޅުން ހުއްދަ ނުވާނެއްނު. ސްޓިލް ބޭނުން ގޭގެ ބޭރުގައި ނަމަވެސް ޑޯގެއް ގެންގުޅުން..." ގަޒަލް އަށް ކައިޔާންގެ ލޮލަށް ބަލާކަށް ނުކެރުނެވެ. އޭނަގެ ޝުއޫރުތައް ފޮރުވަން އެހާ ކުޅަދާނައެއް ނުވާނެއެވެ. ކައިޔާންގެ އެންމެ ބޮޑު ސިއްރު އެނގުމާއެކު އޭނަގެ ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހިއްޖެއެވެ. އެހެންވެ އިންނަނީ ތިރިއަށް ބަލާލައިގެން އަތުގެ އިނގިލިތަކާ ކުޅޭށެވެ. އަމިއްލަ ބޭބެއާއިމެދު މިހާ ޖެހިލުންވެ ނުތަނަވަސްވާގޮތް ވުމަކީ ރަގަޅުގޮތެއް ނޫނެވެ.

"ޖީޖީގެ ބޮލަށް ވަދެ ބްރައިންވޮޝްކުރަން މީހަކު އެބައުޅޭ ދޯ. އެކްސްޓްރީމް ނުވައްޗޭ ސިސް. މިހާރު ތިކަން ބިރުވެރި ވަބާއަކަށްވެއްޖެ. އޮފްކޯޒް އަހަރެމެންނަކީ ޕްރައުޑް މުސްލިމުން އެކަމަކު ދެން އެހާ ކުޑަ ކަންތައް ބޮޑުކޮށްލައިގެން ދުނިޔެއަކު ނޫޅެވޭނެ. ޕްލަސް ގޫގުލްގައި ކޮންމެފަދަ ޚަބަރެއްވެސް ޖަހާފާނެ. ގުރުއާނުގައި އެހެން އޮތްތަ؟ " ކައިޔާން ހިތްހަމަނުޖެހުނީ ރެއިނާދެކެއެވެ. އޭނަ އަދި އެކަމާއި ބެހޭގޮތުން ރެއިނާއަށް އިންޒާޜު ދޭނެއެވެ. މިގޭތެރޭގައި ދީނީ ކަންތައް ފަތުރަން އުޅޭނެކަމެއް ނެތެވެ. ރެއިނާ އައީ ގަޒަލްގެ މެއިޑެއްގެ ގޮތުގައެވެ. ކައިޔާންގެ މޫނަށް ވެރިވި ކުލަވަރާއި ނުތަނަވަސްކަން ފެނުމުން ގަޒަލްއަށް އޭނަގެ ބޭބެގެ ވިސްނުން ދެނެގަނެވުނެވެ. ނަމަވެސް ރެއިނާއޭ ކިޔައިގެން އެއްޗެކޭ ބުނަން ފަސްޖެހުނެވެ. ހަގީގަތް ނޭގި އަނދިރީގައި ހުރިއިރާއި މިހާރު ވަރަށް ތަފާތެވެ.

***

ކައިޔާން ކޮޓަރިއަށް ވަންއިރު އޮލިވާ ބަނޑު ޖަހައިގެން ރަގްމަތީ އޮށޯވެލައިގެން އޮތެވެ. ކައިޔާން ވެސް އެސޮރު ކައިރީ އޮށޯވެލިއެވެ.

"އޮލިވާ. ކިހާ ފޫހިވާނެ ދޯ. އެކުއްޖާ އަބަދުހެން ކުރިމަތީގައި. ދެން އަހަރެން ގިލްޓީވާކަށް ނުވެސް ޖެހޭނެއްނު. ފްރެންޑަކަށް ހެޔޮކަމެއް ކޮށްދޭންވެގެން ކަމެއްކޮށްދިނީމަ އެ އަދި މީހަކު ފަހަތު އަޅުވަންވީ ކަމެއްވެސް ނޫނެއްނު. އޭނަގެ ކަންތަކޭ. ގުޅިޔަސް ދިމާވަނީއެއްނޫން.. ކީކޭ އޮލިވާ ބުނަނީ؟ އަދި މިހާރު އޭނަ ޖީޖީއަށް ކިޔައިދީގެން އޮލިވާ މިގެއިން ނެރެން. އޯގޯޑް. ބޯ ހަލާކު..އަވަހަށް ސަޖަލްއާއި މެރީކުރަންވީ ދޯ.........................." ކައިޔާން އޮލިވާގެ ބޮލުގައި ފިރުމައިލިއެވެ.

***

ރެއިނާއާއި ގަޒަލް އެނދުގައި އޮށޯވެލައިގެން ތިބިއިރު ދެކެވުނީ ނިއުޔޯކަށް ޑޮކްޓަރަކަށް ދައްކަން ދާ ވާހަކައެވެ. އެފަދަ ފުރުސަތެއް ނަގައިލަން ބައްޕަ ބޭނުމެއްނުވީއެވެ. ބައްޕަ ޖެހިލުންވީ ޚައިރިއްޔާގެ ފަންޑުން ހަމަޖެހުނު ދަތުރަކަށް ވީމައެވެ. ޚައިރިއްޔާއަކީ ސުފިޔާންގެ ބޮޑުދައިތައެވެ. ގަޒަލް ބުނިގޮތުން އެއީ ބޮޑު ޚާންދާނެކެވެ. އެމީހުންގެ ކުންފުނިތަކާއި ދަނޑުތަކާއި އޮފީސްތައް އަދި ބިންތައް ދުނިޔޭގެ އެތަން މިތަނުގައެވެ. ޚައިރިއްޔާއަކީ އޭނަގެ މާމަ އުއްމު ކުލްސޫމްއާއި އެއްބަނޑު އެއްބަފާ އަންހެނެކެވެ. ޚައިރިއްޔާގެ ދަރިފުޅު ހަދީދުގެ އަސްލަންއާއި ޚަލީސީގެ ވާހަކަވެސް ގަޒަލް ދެއްކިއެވެ. އަސްލަންގެ ލޮލުގެ ރީތިކަމުން އެންމެން ހައިރާންވެ އެ ވާހަކަ ދައްކާކަމުގައި ބުނެލީ ހީލަމުންނެވެ.

"ރެއިންގެ ލޯ ވެސް ރީއްޗޭ. ތި އައިނު ނޭޅިޔަސް ރަގަޅުވާނެ. މަޔޯޕިއާއޭ ބުނީމެއްނު. ދުރު އެހާ ނުފެނުނަސް އޯކޭއެއްނު......"

"ތެންކިއު..." ރެއިނާ އުފާވިއެވެ. "ގަބުޅިއެއްނު މިއީ...އަހަންނަށް މިހާ ލޯ ބޮޑުވީމަ ރީއްޗެއްނޫން.."

"ކުޑަޔަސް ބޮޑަސް ރީތިވެދާނެ..."

"ޖީޖީ. މިގޭގައި ޓްރީހައުސް އެއް ހުރޭތަ؟ " ކުއްލިއަކަށް ރެއިނާ ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.

ނުނިމޭ

ކޮމެންޓް 0