"އަހަރެމެން މިތިބީ ތައްޔާރުވެގެން ހެއްޔެވެ؟ ހަޔާތުގެ އެންމެ މުހިއްމު ބައްދަލުވުމާއިމެދު ވިސްނާ ނުލާ އަހަރެމެންނަށް ކިތައް ދުވަސް ހޭދަވެގެން ދޭ ހެއްޔެވެ؟ އެއީ އަހަރެމެންގެ ރައްބު ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް ކުއްތަންވެ ބައްދަލުވާ ވަގުތެވެ. އަހަރެމެންނަށް އެހާ ހެޔޮ އަމަލު ކުރެވިއްޖެހެއްޔެވެ؟ ހަޔާތަކީ ކުރު ދަތުރެކެވެ. މަންޒިލަށް ވާސިލުވުމުގެ ކުރިން މި ދުނިޔޭގެ ވަގުތީ އުފަލާއި އަރާމަށް ހެއްލި ނުގަންނާށެވެ. "

***

"ދަރިފުޅާ. ސަޖަލްއާއި ކައިވެނި ކުރަން ތިއުޅެނީ މަންމަމެން ބުނީމަތަ؟ ނޫނީ ދަރިފުޅު އަމިއްލަ ނިންމުމެއްތަ؟ " ސަބީނާއާއި ކައިޔާން ކޯރު ކައިރީ ހިނގަމުން ދިޔައެވެ. ފިނިގަދަކަމުންގޮސް އެގަޑީގައިވެސް ދުންފިނި ހިފާފައެވެ. ވާހަކަދައްކާއިރު އަނގައިން ފިނި ނިކުމެ ނިކުމެ ހުއްޓެވެ. ކައިޔާން ބުނެފާނެ އެއްޗަކަށް ސަބީނާ ހުރީ ބިރުގެންފައެވެ. ސަބީނާ ސިއެރާގެ އެދުމަށް އިހުތިރާމް ކޮށް ކައިޔާން އާއި ސަޖަލްގެ އެންގޭޖްމެންޓް ރޫޅާލަން ނިންމިއެވެ. ނަމަވެސް ކައިޔާންގެ ޚިޔާލު ހުރި ގޮތެއް އެނގުން މުހިއްމުވިއެވެ.

"މަމް.. އައި ލައިކް ހާރ....." ކައިޔާން ބުނެލިއެވެ.

"އަލީ ޚާންއާއި އާންޓްގެ ކައިވެނި ހުއްޓިއްޖެ. ވީމަ ކައި އާއި ސަޖަލްގެ ކައިވެނި ކުރަން އެއްބަސްވާނެ ހެން ހިޔެއް ނުވޭ..."

"އެހާ ނެރޯ މައިންޑެޑް ބަޔަކަށް އެމީހުން ނުވާނެއެއް ނު. " ކައިޔާން ހައިރާންވިއެވެ.

"އެމީހުންގެ ޚިޔާލެއް އަދި މަންމައަކަށް ނޭގޭ އެކަމަކު އާންޓް މަންމަ ގާތު އެދުނީ ކައި އާއި ސަޖަލްގެ ގުޅުން ނިމުމަކަށް ގެންނަން....."

"އޯ........" ކައިޔާންގެ މޫނުމަތިން އިތުރު އަސަރެއް ނުފެނުނެވެ. ސަބީނާ ކައިޔާންގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.

"ދަރިފުޅާ. ދަރިފުޅުގެ ހިތުގައި ސަޖަލްއަށްޓަކާ އިހުސާސެއް ނުވަންޏާ މިހާރުން މިހާރަށް ދޫކޮށްލަން މަންމައަށް ފެނޭ. ވަކިނުވާ ހިސާބަށް ގޮއްސަ އެ އާއިލާއިން ނޫނެކޭ ބުނެފިއްޔާ އުދަގޫވެދާނެ..." ސަބީނާ ވިސްނައިދިނެވެ.

"މަންމާ ކީއްވެ ތިހާ ސީރިޔަސްވީ؟ އަދި އިއާންއާއި ހާޒިލްވެސް މެރީ ނުކުރޭ. އަޅުގަނޑު އަމިއްލަ ޗޮއިސް އެއް އޮތިއްޔާ ޖޮބަށް ދާން ފަށައިގެން މީހަކާއި އިންނާނީ..."

ސަބީނާ ހިނި އަތުވެއްޖެއެވެ. ކައިޔާންގެ ވިސްނުމާއި އުޅުމުގެ މަތިން ހަދާން ނައްތައިލެވުނީއެވެ. ކައިޔާން އަދި ހަރުދަނާ ޒިންމާދާރު ފިރިހެނަކަށްވާން އަހަރުތަކެއް ނަގާނެއެވެ.

 

***

ގަޒަލް ކޮލެޖަށް ދާން ފެށީ ހިތްވަރާއިއެކުގައެވެ. ރެއިނާއަށްވެސް އަލީ ޚާންގެ އިސްލާމިކް ސެންޓަރުން ގާރީ ކޯހެއް ހެދުމުގެ ފުރުސަތު ލިބުނެވެ. އަދި އޮންލައިންކޮށް އިސްލާމިކް ސްޓަޑީޒް ކޯހެއް ހަދަން ލިބުމުން ދެކުދިންވެސް ކިޔެވުމާއިގެން އަވަދިނެތި އުޅެންފެށިއެވެ. ރެއިނާވެސް ހިތާމަތައް އެއް ފަރާތްކޮށްފައި ދީން އުނގެނެން މަސައްކަތްކުރީ ނެތް ހިތްވަރު ލާފައެވެ. ސަބީނާމެން އެ ކޯހަށް ކުރާ ޚަރަދު އަނބުރާދޭން އޭނަ ހިތާހިތުން ވައުދުވިއެވެ. ރޭގަނޑު ހަމަޔަށް ނިދި ނުލިބޭތީ ހެނދުނު ހޭލުން ބުރަކަމަކަށްވެއެވެ. މައްސަލައަކީ ގަޒަލްއަށް ރޭގަނޑު ގޯނާ ކުރަން އަންނަ "މިލާން"އެވެ. ރެއިނާ އެމީހަކު ނުދެކެއެވެ. ގަޒަލް ބިރުވެރިގޮތަކަށް ތެޅިފައި އަޑުލައްވަން މަސައްކަތްކޮށް ހޭލާފައި ކިޔައިދެނީ މިލާން ފެންނަ ވާހަކައެވެ. އޭނަގެ މޭމައްޗަށް އަރާ ނޭވާއަށް ދަތިކުރާ ވާހަކައާއި ހަރަކާތެއް ނުކުރެވޭ ވާހަކައެވެ. ކޮންމެ އެއްޗަކަށްވިޔަސް ހަގީގީ މިލާން އެތަނަށް ނުވަންނަކަން އޭނައަށް ޔަގީނެވެ. އޭނަ މިއޮންނަނީ ގަޒަލް ގާތުގައި ނޫންހެއްޔެވެ؟

***

އަލީ ޚާން ސިއްހީ ދާއިރާ އަދި ދީން ކުރިއަރުވަން އޭނަގެ ވިޔަފާރި އަމާޒުކޮށްފައިވާއިރު ދަރިފުޅު އުމަރު އަލީ ޚާން އަކީ ފުޑް އެންޑް ރެސްޓޯރެންޓް ކުންފުންޏެއްގެ ޗެއާމަންއެވެ. އެކުންފުނިން ތައްޔާރުކުރާ ތަކެތީގެ ތެރޭ ގްލޫޓެން ފްރީ ބާވަތްތަކާއި ތަފާތު ވައްތަރުގެ ބުއިންތަކާއި ޗޮކްލެޓާއި އައިސްކްރީމް ބިސްކޯދު ކެންޑީ ފްރޯޒެން ފުޑް ފަދަ ތަކެތިވެސް ހިމެނެއެވެ. އަދި އޭނަގެ ރެސްޓޯރެންޓްތައްވެސް އެތަންމިތާ ހުރެއެވެ. އުމަރުއަށް އޭނަގެ ބައްޕަގެ ފަރާތުން ދަސްވީ އަމިއްލަ ފައި މައްޗަށް ތެދުވުމަށެވެ. ބައްޕައެކޭ އެއްފަދައިން އޭނަގެ ވިޔަފާރި ކުރިއަރުވާ އެހާ ޒުވާން އުމުރުގައި ޒުވާން މަހުޖަނުންގެ ލިސްޓަށް ނަން އެރުވިއެވެ. ބައްޕަ ފަޚުރުވެރިވާން ޖެހޭފަދަ ދަރިއަކަށް އޭނަ ވިއެވެ.

ބައްޕައާއި ބޭބެގެ މުއްސަދިކަމުން ލިބިފައިވާ ނިއުމަތްތަކުގައި އުދުހޭ ކުދިންގެ ތެރޭ ސަޖަލްއާއި ޖޫން ހިމެނެއެވެ. އެކުދިންގެ އެކުވެރިންނަށްވެސް އެކަމުގެ ފައިދާ އެކިގޮތްގޮތަށް ކުރެއެވެ.

ސަޖަލްއާއި ކައިޔާންގެ އެކުވެރިކަން ބަދަހި ވީވަރަކަށް ކައިޔާންގެ ހެދުމާއި ބޭނުންކުރާ އެއްޗެހި ބްރޭންޑެޑްވިއެވެ. ސަޖަލް ދިން އަގުބޮޑު ފޯނާއި އަތުކުރީ އަޅާ ގަޑި އަދި އަވިއައިނާއެކު ލާ ސޫޓްތަކުން ކައިޔާން ޒުވާން ވިޔަފާވެރިއެއްފަދައެވެ. އެހެދުންތަކުގައި އެހާވެސް ޝަޚުސިއްޔަތު ވަރުގަދަކަމަށް ފެނެއެވެ. ސަޖަލް އަތުގައި އެހުންނަ ގޯލްޑް ކާޑުފަދަ ކާޑުތަކުން މޯލްތަކަށް ގޮސް ކައިޔާންއަށްޓަކާ ފެންފަދައިން ފައިސާ ހޭދަކުރަނީ އެއްވެސް ޖެހިލުމެއްނެތިއެވެ. ސަޖަލް ސޯޝަލް މީޑިއާގައިވެސް އެހާ މަޝްހޫރު ކުއްޖެކެވެ. އޭނަގެ އެކައުންޓުތަކުގައި ހުންނަނީ އަގުބޮޑު ޕްރައިވެޓް ޖެޓާއި ޔޮޓްތަކުގެ ފޮޓޯތަކެވެ. ދަތުރުކުރާ ރީތި މަންޒިލްތަކެވެ. ފަހަށް އައިސް އެކައުންޓް މުއްސަދިވާން ފެށީ އޭނަގެ ރީތި ލޯބިވެރިޔާ ކައިޔާންއާއެކު ލާންފެށި ފޮޓޯތަކުންނެވެ. އެންމެ ގާތް އެކުވެރިޔާކަމުގައި ބުނެފައި އޮތަސް އެދޭތެރޭ ޚާއްސަ ގުޅުމެއްވާކަން ނުދަންނަ މީހެއް ނެތެވެ. އެންމެނަށްވެސް ގަބޫލުކުރެވެނީ އެއީ އެންމެ ގުޅޭ ޖޯޑުގެ ގޮތުގައެވެ. ދެކުދިންގެ ފެހި ދެލޮލަށް ތައުރީފު އޮއްސާފައި އެކުރާ ވަރު ފެނި ކައިޔާން ކުރިއަށްވުރެ ބޮޑާވިއެވެ. އޭނައާއި ގުޅޭނީ ސަޖަލްފަދަ ކުއްޖަކާއި ކަމުގައި ގަބޫލުކުރެވުނެވެ.

ރެއިނާއަށް ކައިޔާންއާއި ސަޖަލްގެ ފޮޓޯތައް ފުރަތަމަ ދެއްކީ ގަޒަލްއެވެ. އެއްގޮތަކަށްވެސް ރެއިނާއާއި ކައިޔާންގެ އޮތް ގުޅުމެއްގެ ހިލަމެއްވެސް ނުވެ ހުރެއެވެ. ރެއިނާގެ ފިރިމީހާކަން ނޭގިއެވެ. ރެއިނާގެ ހިތަށް ކުރާނެ އަސަރު އެއްގޮތަކަށްވެސް ނޭގި ހުރެއެވެ.

"ކައި އާއި ސަޖަލް އަސްލު ވަރަށް ގުޅޭ ދޯ..." ގަޒަލް ދެއްކި ފޮޓޯގެ މަންޒަރާއި އެދެމީހުންގެ ރީތިކަމަށް ހިތްތައް ތައުރީފުކޮށް ކޮޅުން ނުލާނެކަން ޔަގީނެވެ. ނަޔާގްރާ ފޯލްސް އަށް ދިޔަ މަގުމަތީގައި ޚަރީފު ފަތްތައް އެ ކާރަށް ވެހިފައިވާއިރު ސަޖަލް ހުރީ ކައިޔާންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެންނެވެ.

ރެއިނާގެ ލޮލުން ކަރުނަ ނިރައިލިއެވެ.

"މިއީ ހާދަ ރީތި މަންޒަރެކޭ......"ރެއިނާ ފޯނު ތިރިކޮށްލައިގެން ބަލަހައްޓައިގެން އިނެވެ.

"ނަޔާގްރާ އޮން ދަ ލޭކް ކިޔާ ތަނެއްގައި މި ޕިކް ނަގާފައި މިހިރީ. އަހަރެމެން އޯޓަމްއެއްގައި ދިޔައިން. ފިނިމޫސުމްގައި ނަޔާގްރާ ފޯލްސް ތަފާތު އެކްސްޕީރިއެންސަކަށް ވާނެ. ކޮންމެ މޫސުމެއްގައި ތަފާތުކޮށް ފެންނާނީ. ވިންޓާ އިޒް ކަމިން އެހެންވެ ވަރަށް ހާސްވޭ. ރެއިނާ. ރެއިނާ ދާ ހިތެއް ނުވޭތަ؟ " ގަޒަލް އެހިއެވެ. ރެއިނާ ޖަވާބެއްނުދީ އިންގޮތަށް އިނެވެ. ދާހިތްވިޔަސް މިކާއާއި ނުލާ އުފާކުރުމުގެ ހައްގެއް އޭނައަކަށް ނެތެވެ. ލިބެންވާ ހިތްހަމަޖެހުމާއި އުފާތައް މިފަދަ ހިތްގައިމު ތަނަކުން ނުލިބޭ ސަބަބަކީ އެއީއެވެ. ދުނިޔޭގެ ހުރިހާ ނިއުމަތްތައް ލިބުމުންވެސް ބައެއް އިންސާނުންގެ ހިތް ނުފުރޭ ނޫން ހެއްޔެވެ؟ އޭނަގެ ހިތާމައަކީ ދަރިފުޅެވެ. ދަރިފުޅުގެ ހުވަފެންތަކެވެ. ކުޑަ ކުޑަ މިކާއަށް ބައްޕަވެސް ހޯދަ ނުދެވުނީތީއެވެ. ރެއިނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަ ފޮހެލިތަން ގަޒަލްއަށް ފެނުނެވެ.

"ދުވަހަކު ކައިޔާންއަށް މާފެއް ނުދޭނަން. މިކާގެ ވާހަކަ ބުނުމުން އެޓްލީސްޓް އެކުއްޖާގެ ފޮޓޯ އަށް ބަލައިލިނަމަ. ދުވަހެއްގެ ކޮޅުންވެސް ދެން ކައިޔާންއަކަށް މާފު ނުދޭނަން.." އަމިއްލަ ޟަމީރާއި ވާހަކަދައްކަމުން އޭނަ ތުންފަތުގައި ދަތް އަޅައިގަތެވެ. ޅައިރު ކުރެވުނު މޮޔަކަމަކަށް ވިޔަސް މަރުވެފައިވާ ދަރިފުޅާއިމެދު އެއަށްވުރެ ރަގަޅަށް އެ ފިރިހެނާއަށް ކަންތައް ކުރެވޭނެއެވެ. އެ ހަނދާނުގައި އެ ފޮޓޯއަކަށް ބަލައިލިނަމަވެސް އޭނަގެ ލޮލުގެ ފެނުމަށް މައްސަލަ ޖެހޭނީއެއް ނޫނެވެ.

ރެއިނާއަށް ގޯހެއް ހެދުނެވެ. އޭނަ ސިއްރު އެކައުންޓެއް ހުޅުވައިގެން ސަޖަލް ފޮލޯ ކުރިއެވެ. ފޮޓޯތައް ބަލަން ފެށުނެވެ. އެންމެ ކުރިން އަޅައިގަތީ ޚަރީފު މޫސުމްގެ ހިތްގައިމު މަންޒަރެކެވެ. ޚަރީފު މޫސުމްގައި ސްނޯ ފައިބަނީ ހެއްޔެވެ؟ ނޫނީ އެޑިޓްކޮށްފައިވާ ފޮޓޯއަކީ ބާވައެވެ. ގަސްތަކުގައި ރީދުލާއި ރަތްތަކުގެ ފަތްތަކުން ބަރާވެފައިވާއިރު ބިންމަތީގައި ސްނޯގެ ދޫލައެކެވެ. އަދި ރީދޫކުލައިގެ ފަތްތަކުން ފުރިފައިވާ ގަހުގެ ދަށުގައިވާ ސްނޯގަނޑުގެ މައްޗަށް ފަތްތައް ވެރިފައެވެ. ސަޖަލް ހުރީ އެގަހުގެ ގޮފިގަނޑެއްގައި އަތް އަޅުވާލައިގެންނެވެ. ފަރިކަމުގެ އިންތިހާއެވެ. ފޮޓޯތަކަށް ބަލަމުން ދިޔައިރު ކައިޔާންއާއި ސަޖަލް ފެނުމުން ހިތުގައި ވިކައިގަންނަ ފަދަ އިހުސާސްތައް ކުރެވުނެވެ. ދެރަވިޔަސް އިރުއިރުކޮޅާ އެ އެކައުންޓްތައް ހޭވެނީއެވެ.

"އައި ހޭޓް ޔޫ ބޯތް....." ރެއިނާ ލޯ މަރައިލިއެވެ. "ނުވެސް ބަލާނަން ދެން މި ފޮޓޯތައް. ބްލޮކް ކޮށްލާނީ....."

ދެތިން މިނިޓް ވާންދެންވެސް ވައުދުގައި ސާބިތުވެގެން ނުހުރެވުނެވެ. އިރުކޮޅެއްފަހުން އޭނަ އިނީ ރެއިނާ އިނީ ސަޖަލް އާ ފޮޓޯއެއް ލާތޯ އިންސްޓްގަރާމް ހުޅުވާލައިގެންނެވެ. އެފޮޓޯތައް ބަލަން ފަށާފައި ބަހަނާއަކަށް ދެއްކީ އަދި އެ ފޮޓޯތައް ނުބެލިޔަސް އެދެމީހުން އެގެއަށް އައިސް އޭނަގެ ކުރިމަތީގައި އެނބުރޭނެ ކަމެވެ. ވީއިރު އަދި ފޮޓޯތަކަށް ބެލުމުން އިތުރަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނޫނެވެ. އޭނަ ބަލަނީ ގުދުރަތީ ރީތި މަންޒަރުތަކަށެވެ. ނަމަވެސް ހަގީގަތުގައި ރެއިނާގެ ހިތުގައި ހަސަދައިގެ ކަށިތައް އެހާ ގިނަވަނީ ފޮޓޯތަކުން ސަޖަލް އޭނަގެ މުއްސަދި ދިރިއުޅުން ހިއްސާކުރާ ވަރުންނެވެ. ކުޅުދިރުވާލައިގެން އިނުން ފިޔަވާ އެހެން ކަމެއް އޭނައަކަށް ނުކުރެވެއެވެ. ބައެއްފަހަރު ހިތްހަމަޖައްސައިދޭން އަމިއްލަ ނަފުސަށް ބުނެވެއެވެ. ކިތަންމެ ފޮޓޯއެއް ލިޔަސް ކައިޔާންއަކީ ގާނޫނީ އަދި ދީނީގޮތުން އޭނަގެ ހައްގެކެވެ. ސަޖަލް އެ ހައްގަށް އަރައިގަންނަނީއެވެ. ކައިޔާންއަކީ އޭނަގެ އެވެ.ދަރިފުޅުގެ ބައްޕައެވެ. ކިތަންމެ ފޮހެލަން ބޭނުންވިޔަސް ކައިޔާންއަށް އެ ސަފުހާ ފޮހެލުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.

***

ސަބީނާ އެޓިކް ބަޔަށް ވަނެވެ. މިލާންގެ ނުބައިކަމާއެކުގައިވެސް ރަގަޅު ސިފައެއް އެބަހުއްޓެވެ. ކޮންމެ އެއްޗެއް ތަރުތީބުން ބަހައްޓާފައިވާއިރު ބަދިގެވެސް ސާފުތާހިރެވެ. އޯސީޑީވެސް ހުރީކަމަށް ވެދާނެއެވެ. މިލާން އެނދުގައި އޮތްއިރު ކައިރީގައި ލެޕްޓޮޕް ހުޅުވާފައެވެ. ނިދާފައި ކަމަށް ހީކުރެވުނަސް އޭނަ އޮތީ ހޭލައެވެ. މޫނުން ރަޖާ ނަގާފައި ސުވާލުގެ ނަޒަރަކުން ބޮޑުދައިތައަށް ބަލަން އޮތްވާ ސަބީނާ އެނދު ކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ.

"މިލާން. އަހަރެން ބައްޕަގެ ވަސިއްޔަތް ފުރިހަމަ ކުރަން މިގެއިން ހިޔާވަހިކަން ދިނީ ހިތް ހެޔޮވެގެނެއް ނޫން. އަމިއްލަ ދަރިފުޅު މަރައިލި މީހަކަށް ހިތް ސާފެއްނުވެސް ވާނެ ދޯ. އެކަމަކު މިއަދު މިއައީ އަދި އެހެން ވާހަކައެއްވެސް އޮތީމަ. މިއީވެސް ބައްޕަ އެންމެ ފަހު ނޭވާގައި ކުރި ވަސިއްޔަތް. ބައްޕަ އެހެން ހިތަށް އަރަންވީ ސަބަބެއް ނޭގޭ. އެ ސުވާލުކުރަން ބައްޕަ ދުނިޔެއަކު ނެތް. އެހެނެއްވެސް ނޫން. ބައްޕަގެ މަހާނަ ކައިރިއަށް ގޮސް އެ ސުވާލު އެތައް ފަހަރަކު ކޮށްފިން ޖަވާބެއް ނުލިބޭނެ. މިލާން ގަޒަލްއާއި ކައިވެނި ކުރުވާށޭ. އެހެން ބުނަން ޖެހުނު ސަބަބެއް މިލާންއަށް އެނގޭތަ؟ " ސަބީނާގެ އެ ޖުމްލައިން ޝޮކެއް ލިބުނު ކަމެއް ނޫންކަމެއް ނޭގެއެވެ. އެ މޫނުމަތިން އިތުރު ޝުއޫރެއް ނުދެއްކިއެވެ.

"ނޭގޭ..." މިލާން ކުރު ޖަވާބެއް ދިނެވެ.

"ގަޒަލް އާއި ކައިވެނި ކުރާނަންތަ؟ " ސަބީނާ އެހިއެވެ.

މިލާން އެއްގޮތަކަށްވެސް އޭނަގެ ބޮޑުދައިތައާއި ނަޒަރު ގުޅުވައެއް ނުލިއެވެ.

"އަހަންނަށްވެސް އެގޭ. މިލާންއަށްވެސް ފަސޭހައެއްނުވާނެ. ގަޒަލް އިންސާނަކު އަނެއް އިންސާނަކަށް ނަފްރަތުކުރާނެ އެންމެ ބޮޑަށް ނަފްރަތުކުރޭ. އަދި ގަޒަލްގެ ނައިޓްމެއާރސްތައްވެސް މިލާންއާއި ގުޅިފައިވާތީ ނަން އިވުނަސް ބިރުވެސް ގަނޭ. މިލާން ރަހުމެއްނެތި މަރައިލީ ގަޒަލްގެ ހަށިގަނޑުގެ އެއްބައި ފަދަ ކުއްޖެއް. އަދި އެވަރުން ފުއްދާލީއެއް ނޫން. އަދިވެސް ގަޒަލްގެ ގައިގާ އެހެރީ ލަކުނުތައް. މިލާން ދިން އަނިޔާ ދުވަހަކު އެ ހަށިގަނޑުން ނުފޮހެވޭނެ. ކައިޔާންއަށްވެސް އަނިޔާވި. ވީއިރު އެފަދަ ދެފަރާތެއް ގުޅުމަކީ އެކަށީގެންވާ ކަމެއްނޫން. އެކަމަކު ބައެއްފަހަރު ނުވާނެކަން ޔަގީންވާ ކަންތައް ވެފައި އެބަހުރި. އަހަރެން ބޭނުން ބައްޕަގެ ވަސިއްޔަތް ފުރިހަމަ ކުރަން. ގަޒަލްގެ ބައްޕައާއި ބޭބެމެން ދިމާ އިދިކޮޅު. މިކަން ކުރަން ޖެހެނީ އެހެން މީހުންނަށް ސިއްރުން. ހަމަ އެކަނި ނަމެއްގައި............" ސަބީނާ އޭނަގެ ރޭވުންތައް ކިޔައިދިނެވެ.

މިލާން ޖަވާބެއް ނުދީ ހިމޭނުން އަހަން އޮތެވެ.

"އަހަރެންގެ ޝަރުތުތައްވެސް އެބަހުރި. ދުވަސްކޮޅަކުން މި ކައިވެނި ރޫޅާލާނީ. ގަޒަލްއަށް ކޮންވިންސް ކުރުވާނެ ގޮތެއް އަދި ނޭގޭ......." އެވަގުތު ސަބީނާއަށް ފޯނެއް އައުމުން ފޯނުގައި ހުރެ ދާން ހިނގައިގަތެވެ. އެކަނިވުމުން މިލާން ހޭންފެށި ގޮތަށް އިރުކޮޅެއްވާންދެން ހުނެވެ. ބޮޑުދައިތަ މޮޔަވީބާވައޭ ހިތަށް އެރިއެވެ.

"ކާފަ އެހެން ބުނީމަ ހަމަ ހައިރާންވެއްޖެ. އަހަންނަށް ޓްރަސްޓް ކުރާ ހަމަ އެކަނި މީހަކީ ކާފަ ދޯ. ކާފައަށް ރިއަލައިޒް ނުވީތަ އައި ކިލްޑް ދެއާ ގްރޭންޑްޑޯޓާ އިން ކޯލްޑް ބްލަޑް ކަން. ދެން މިހާރު އެކުއްޖާގެ ކޮއްކޮއާއި ކައިވެނި ކުރާށޭ އެބުނަނީ. " މިލާންގެ ނަޒަރު ސީލިންގަށް ހުއްޓާލައިގެން އޮތެވެ." މޮޔައީ އަހަރެންތަ ނޫނީ އެހެން އެންމެންތަ؟އަހަންނަކީ ސައިކޯ އެއްކަމަށް އެންމެން ހަދައިފި. އާންޓް ދޭ މޯ ސްޓުޕިޑް އެމީހުންގެ އަންހެން ދަރިއަކާއި މެރީ ކުރުވަން."

***

ސުފިޔާންއާއި ސަބީނާގެ ވަޒީފާ ގެއްލުނީ ހީނުކުރާފަދަ ގޮތަކަށެވެ. ސުފިޔަން ނުކުރާ ކުށެއް ބޮލުގައި އަޅުވާފައި ހޮސްޕިޓަލުން ކަނޑައިލުމުން ސަބީނާވެސް ވަޒީފާގައި ހުންނަން ބޭނުންނުވެ އިސްތިއުފާގެ ސިޓީ ހުށަހެޅިއެވެ. އެއީ އަލީ ޚާން އަޑީގައި ހުރެގެން ކުރުވާނެ ކަމެއްކަމާއިމެދު ޝައްކު ކުރަން ސަބީނާ އަދި ސުފިޔާންވެސް ބޭނުމެއްނުވިއެވެ. އެއަށްވުރެ އަލީ ޚާނަކީ މާތް މީހެކެވެ. ދީނީ ޚިދުމަތުގައި ހުންނަ އަޅުވެރިއެކެވެ. އެ މައްސަލައިގާ ކޯޓަށް ދާން ސުފިޔާން ނިންމިއެވެ. މުޅި އުމުރު ކިޔަވާ އިންސާނީ ޚިދުމަތުގައި ހުންނަން ބޭނުންވި ޑޮކްޓަރަކަށް މިފަދަ ޖަރީމާއަކަށް ކެތެއް ނުކުރެވޭނެއެވެ.

"ވަޒީފާ ގެއްލުމުން ދެރަވަނީ އަހަރެން ދަރަންޏަށް ހުރި އެތައް މިލިއަން ޑޮލަރު ދެއްކޭނެ ގޮތެއް ނެތީމަ.." ސުފިޔާން ސިގްރެޓެއް ރޯކޮށްލިއެވެ. އާއްމުކޮށް އެހެން މީހުންނަށް ސިއްރުން ކުރާ ކަމެއް ނަމަވެސް ސަބީނާއަށް ނުހުއްޓުވުނުކަމަކަށް ވިއެވެ.

"ކަންބޮޑު ނުވޭ. މާތްﷲ މަގެއް ދައްކަވާނެ. އަހަރެމެންނަށް އަދި އެހެން ތާކުން ޖޮބް ލިބޭނެ. ޓޮރޮންޓޯއިން ނޫނަސް އެހެން ތަނެއް ޓްރައި ކުރެވިދާނެ..." ސަބީނާ ހިތްވަރު ދިނެވެ.

ބޮޑު މުސީބާތަކާއި ކުރިމަތިވުމުން ހެއްދެވި ފަރާތް މަތިން ހަދާންވެއެވެ. ގަޒަލްއަށް ދިމާވި ހާދިސާއަށްފަހު ސުފިޔާން ދުޢާކުރިއެވެ. ދުޢާ އިޖާބަނުވުމުން އޭނަގެ އީމާންތެރިކަން ދަށަށްގޮސް ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ ހިސާބަށް ދިޔައެވެ. ހެއްދެވި ފަރާތެއްވާނަމަ މިފަދަ ހިތާމަތަކާއި މުސީބާތްތައް ޖައްސުޥާނެހެއްޔޭ ކިޔާފައި ކުފުރުގެ ސުވާލުތައް ކުރެވުނެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. އަޑިގުޑަންތައް ހަޔާތުގައި ވެއޭ ބުންޏަސް މިފަހަކަށް އައިސް އަޑިގަނޑުން އަރައިގަންނަން މަސައްކަތްކޮށް ތުންފަތާއި ހަމަޔަށް ވާސިލު ވާއިރަށް އެހެން އަޑިގަނޑަކަށް ވެއްޓެނީއެވެ. ދިރިއުޅުމުގެ މާނައަކީ ކޮބާހެއްޔެވެ؟ މިހާވަރަށް މަސައްކަތްކޮށްފައި އުމުރުން މާ ގިނަ ދުވަސްތަކެއްނުވެ މަރުވެގެން ދާއިރު މިހާވަރުން ދިރިއުޅުމާއިހެދި ތެޅެން ޖެހޭހެއްޔެވެ؟ ސުފިޔާންގެ ސުވާލުތައް އަމާޒުވީ އަމިއްލަ ނަފުސާއެވެ. އޭނަގެ އާއިލާއިންވެސް އޭނަ ބާކީވީއެވެ. މައިންބަފައިން ނާއި އާއިލާ ދޫކޮށް އޭނަ ހިޖުރަކުރި ފަހުން ހަގީގީ ހިތްހަމަޖެހުމެއް އޭނައަކަށް ނުލިބުނެވެ. މައިންބަފައިންގެ މަތިން ހަދާންކޮށް ހިތް ނުރޯ އެންމެ ދުވަހެއްވެސް ނާދެއެވެ. މަންމަމެންގެ ރުހުން ނެތި ދިރިއުޅުމުގައި ރަހުމަތް ނުލައްވަނީކަން ނޭގެއެވެ.

 

***

ރެއިނާ ބެކްޕެކް އަޅުވާލައިގެން ހަނި މަގުން ހިނގާލާފައި ދިޔައިރު ވަށައިގެން ފެންނަ މަންޒަރުން ހިތަށް އުފާ ހޯދަން މަސައްކަތް ކުރިއެވެ. ގަނޑުފެން ފަދަ ފިނި ވައިރޯޅިތައް އޭނައާއި ސަމާސާކޮށް ބީހިލަނީ ހުއްދަ ހޯދުމެއް ނެތިއެވެ. ލޯ ތަކަށް ރާހަތު ލިބޭފަދަ ހުރިހާ ކުލަތަކުން ޖަރީވެފައިވާ މާހައުލެކެވެ. މަގުމަތި ހާދަ އަމާނެވެ. އެހެން ހިތަށް އެރިތަނާ ކުއްލިއަކަށް ކުއްތާއެއް ފުންމައިލި ތަނެއްވެސް ނޭގެއެވެ. ފެނުނީ ދިމާ ކުރިމަތިންނެވެ. ރެއިނާ ހަމަ ހޭވެރިކަން ގެއްލުނު ހިދުކޮޅެކެވެ. ފުންމައިގެން ގޮސް އެރުނީ އެހެން ލާފައި އައި މަތިނެތް ކާރަކަށެވެ. ކާރު ކުއްލިއަކަށް ބްރަކި ޖައްސާލިގޮތުން މީހެއްގެ އުނގުގައި ޖެހި އޭނަ މަތަވިއެވެ.

"މޮޔަވީތަ ކްރޭޒީ.............." ކައިޔާން ކުއްލިއަކަށް ރެއިނާ ގައިން ފޮޅުވައިލީ މެއްސެއް ފޮޅުވައިލާނެހެންނެވެ. ރެއިނާ ވިއްސައިގެން ގޮސް ތަންކޮޅެއް ދުރުގައި ޖެހުނެވެ. ކައިޔާންގެ އެ އަމަލުން ކުރީ ސީޓުގައި އިން ސަޖަލް ކަންބޮޑުވެފައި ކައިއޭ ކިޔާ ގޮވައިލިއެވެ. އަދި ފުންމާލާފައި ދުވެގޮސް ރެއިނާގެ އަތުގައި ހިފާ ތެދުކުރަން އުޅުމުން އޭނަ އަތް ފޮޅުވައިލިއެވެ. ދެލޯ ތަންމިނަށް ހުޅުވައިލާފައި ކައިޔާންގެ މޫނަށް ބަލައިލުމާއެކު އެތައް އިހުސާސްތަކުން ހިތް ގެނބި ދެލޯ ފުރުނީ ކަރުނައިގެ މުތީތަކުންނެވެ. ހިތާމައާއި ލަދުވެތިކަން އަދި ނިކަމެތިކަން އޭނަގެ ވުޖޫދު ހަފުސްކޮށްލި ހިދުކޮޅެކެވެ. ކައިޔާންގެ ހިތުގައި އޭނައަށްޓަކާ ޒައްރެއްގެ ކުލުނު ހުރި ނަމަވެސް އެހާ ނިކަމެތިކޮށް އެއްލާ ނުލީހެވެ. ޖިސްމަށްވުރެ އަނިޔާ ލިބުނީ އޭނަގެ ބަލިކަށި ހިތަށެވެ.

"ތަދުވެއްޖެތަ؟ އަނިޔާއެއްވިތަ؟ " ސަޖަލް އެހިއެވެ.

ނުނިމޭ

ކޮމެންޓް 0