އިބުނު މަސްއޫދު ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. " ފެނުގެ ސަބަބުން ވިނަ ހެދޭފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާގުކަން އުފެދެއެވެ. އަދި ލަވަޔާއި މިުޒިކް ހަރާމްވުމުގެ އެންމެ ބޮޑު އެއް ހިކުމަތަކީ ﷲ ތައާލާގެ މަތިން ޣާފިލު ވުމެވެ. "

***

"ވަޓް؟ " ގަޒަލް ހައިރާންވެ އަންތަރީސްވިއެވެ. ރެއިނާވެސް ލޯ ބޮޑުކޮށްލި ގޮތާއި ސަޖަލްގެ އަތުގައި ބޭ އިޚުތިޔާރުގައި ހިފައިލެވުނުގޮތުން ހާސްވިކަން އެނގުނެވެ. "އެހެންވިއްޔާ ކައި ކޮބާތަ؟އެންމެ މީހެކޭ ދަތުރުކުރީ ކިޔައިގެން އޮޅުވާލި ސަބަބަކީ ކޮބާ. ކައިޔާން އެ ފްލައިޓް ދުއްވިކަމަށް ބުނީ ކީއްވެ؟ ވީއިރު ކައި ގެއްލުނީތަ؟ "

ރެއިނާގެ ސުވާލުތަކާއެކުވެސް އޭނަގެ ޚިޔާލު ކައިޔާންއާއި ހަމަޔަށް ދިޔައެވެ. ކައިޔާންގެ މޫނާއެކު އެރީތި އިސްތަށިގަނޑު އެއްކޮށް ނެތިގެން ދިޔަސް އެއީ ކައިޔާން ކަން އޭނައަށް ޔަގީންވިއެވެ. ސަބަބަކަށް ވީ ކައިޔާން ދެކެން ދިޔަ ވަގުތު އޭނައަށް ކައިޔާންގެ މީރުވަސް ނޭފަތުގައި ޖެހުމެވެ. އަދި އޭނަގެ ހިތް ރުއިވަރެވެ. ކައިޔާން އެހިތަށް އަނިޔާ ދީފައި ވިޔަސް އޭނަގެ ހިތުގެ އެންމެ ކަނުގައި ފޮރުވިފައިވާ ހަދާންތަކަށް ފަނޑުކަމެއް ނެތް ކަމެވެ. ސަޖަލްއަށް ކުރި އަސަރުން ކެތްނުވެގެން ދުނިޔެއިން މޮޔަވީކަން ޔަގީނެވެ. ރެއިނާ ކުއްލިއަކަށް ސަޖަލްގެ އަތުން ދޫކޮށްލައިފިއެވެ. ސަޖަލް އިތުރު އެއްޗެކޭ ނުބުނެ އަނެއް ފަރާތަށް އެނބުރުމުން ގަޒަލްއަށްވެސް ބާރަށް ގޮވައިލެވުނެވެ.

"ސަޖަލް. ސަޖަލް....." އެވަގުތު މިލާން އެތަނަށް ލިފްޓުން ނުކުމެގެން އައިސް އެހިސާބާ އަރާ ހަމަވީއެވެ. އެންމެންގެ ނަޒަރުހެން އޭނައަށް ހުއްޓުނެވެ.

"ވޯއާ ކާމް ޑައުން ޑޫޑް. ޓޭކް އެ ޗިލް ޕިލް............." މިލާން ކައުންޓަރުގައި އަތް އަޅުވައިލަމުން ހީލިއެވެ. ދުވާލު އަލީގައި އަވި އައިނު ބޭނުންކުރަނީ މޮޔައިންކަމުގައި ގަޒަލް ދެކުނަސް މިލާންއާއިމެދު ހަމްދަރުދީވިއެވެ. "ބަނާނާ މަފިންސް....ބަނޭނާ މަފިންސް. ފ* އޯފް....................."

"މިލާން. އާ ޔޫ އޯކޭ؟ " ސަޖަލް ކުއްލިއަކަށް މިލާންގެ މޫނުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ.

"ފ* އޮފް............"

ސަޖަލްގެ ދޮން މޫނަށް ރަތްކުލަ ވެރިގެން ދިޔުމާއެކު އަނގަ ހުޅުވުނުގޮތަށް ހުރީއެވެ. މިލާންއަކީ އުމަރުގެ ދަރިއެއްކަން އާއިލާ މީހުންނަށް ހާމަވުމުން އުމަރުގެ ފަރާތުން އޭނަގެ އަންހެނުން ވަރިވެ ބޮޑު ޒަލްޒަލާއެއް އައިކަމުގައިވިޔަސް އެންމެންވެސް މިލާން އާއިލާގެ ގޮތުގައި ބަލައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް މިލާންގެ މިޒާޖާއި ނަފްސާނީ މައްސަލަތައް އޭނަ އާއިލާއާއި ގާތްވިޔަ ނުދިނެވެ. އޭނަގެ ބައްޕައަށް މާފުދީ ގުޅުން ބާއްވަން ކީއްކުރަން ފެނުނަސް އެތަނުން ދުރަށް ދާނެއެވެ. އަލީ ޚާންއާއި މަރިޔަމް ކިތަންމެ ފަހަރު މިލާންއަށް ޒިޔާރަތްކޮށް ގުޅުން ރަގަޅުކުރަން އެކިގޮތްގޮތުން ކުރި މަސައްކަތްވީ ފޫނެތް ފަޔަކަށް ފެން ފުރުންފަދަ ކަމަކަށެވެ. މިލާން އަލިފާން ވެގެން އެމީހުންނާއި ދިމާލަށް ބުނާ ބަސް ބަހުން ބުއްދި ވެސް ލުހިގެންދާ ވަރުކޮށްލައެވެ. ފާޅުގައި ކާފަރުންނަށް ގޮވާ އެމީހުންނަކީ ނަރަކަވެރިން ކަމުގައިވެސް އެންގިއެވެ. އެވަރުންވެސް އެ އާއިލާގެ ނުރުހުމެއް މިލާންއަކަށް ނުލިބުނެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި މިލާންއަށް ލޯބި ދޭން މަސައްކަތްކުރިއެވެ. ނަމަވެސް މިލާންއަކީ ހިލައިގެ ބުދެއްފަދައެވެ. ކިތަންމެ ލޯބިން ގެންގުޅުނަސް އިހުސާސް ލައްވާފައި ނުވަންޏާ ކުރާނެ ކަމެއްނެތެވެ.

"ހީ ހޭޒް ޓޫރެޓްސް......" ރެއިނާއަށް އެ މަންޒަރު ބަލަން ކެތެއްނުވިއެވެ.

"އެއީ ކޯންޗެއްތަ؟ " ސަޖަލް ސުވާލުކުރިއެވެ. ގަޒަލް ގެ ޚިޔާލާއި ކަންބޮޑުވުން މިލާންއާއި އެއްވަރަށް ކައިޔާންއާއިމެދުވެސް ވިއެވެ.

"މިވަގުތު ތި ކަމެއް ނޫން މުހިއްމީ. ސަޖަލް ބުނެބަލަ. ކައިއަށް ކިހިނެއްވީ؟ ފިހިފައި އޮތީ ކައި ނޫންކަން ޔަގީން ވީ ކިހިނެއް؟ " ގަޒަލްގެ ސުވާލުތަކުން ސަޖަލް ސިހުނެވެ. ނޭވާ ހިފަހައްޓައިގެން ހުރެފައި ދޫކޮށްލިއެވެ. އަދި ހަށަން ބަދެލިގޮތުން ހީވީ ޗެލެންޖަކަށް ތައްޔާރުވީހެންނެވެ.

"ބުނެފާނަން ވާހަކައެއް. އަހަރެން އެހެން ބުނީ ކައިޔާންއަށް ނުވީމައެއް ނޫން. އެއްކޮށް ފިހި ސިފަ ގެއްލުނީމަ. އާނ. އެ ފްލައިޓްގައި ކައިޔާން ނޫން މީހެއް ދަތުރުނުކުރޭ. އޭނަ އެކަނި ގޮސް މަރުގެ އުނގަށް އަމިއްލައަށް ވެއްޓިގަތީ. މަރުވިނަމަވެސް މާ ރަގަޅު. އެކަމަކު އެ ސިފައިގާ ދުނިޔޭގައި ހުރެގެން އަހަންނަށް ކައިޔާންކަމުގައި ގަބޫލެއް ނުކުރެވޭނެ. އެއީ އެހެން މީހެއް. އަހަރެން ކައިޔާންގެ އެ ސިފަ ދެކެން ބޭނުމެއްނޫން. އެ ރީތި ސިފައިގެ ވެރިޔާ ދެކެ ލޯބިވެވުނީ. އެނދުގައި އޮތް ފިހިފައި އޮތް މީހާދެކެ އެއްނޫން. ކައިޔާން ގަދަވެ ސަލާމަތުން ހުރެ ލޭޒާ ސަޖަރީތައް ހަދައިގެން އަލުން އެރީތިކަން ލިބިއްޖެއްޔާ ގަބޫލުކޮށްފާނަން. ނޫނީ ސޯޝަލް މީޑިއާއަށް ސިފަ ހުތުރު ފިރިއެއްގެ ފޮޓޯއެއް ލައިގެން މީހުން ލައްވާ ޖޯކުޖަހުވަން. ނުކެރޭނެ..ނޮޓް މައި ފޯލްޓް..................................." ސަޖަލްގެ ވާހަކަތަކުން ދެކުދިން ޝޮކެއްގައި ތިބިއިރު މިލާންގެ ތުންފަތްމަތީގައި ލާނެތް ހިންޏެކެވެ. ސަޖަލްއާއި ދިމާލަށް ދޭތެރެއަކުން ބުމަ ހިއްލާލާ ލޯވެސް މަރައިލައެވެ. ޝޮކްގައި އިން ގަޒަލްއަށްވެސް ބުނާނެ އެއްޗެއް ނޭގުނެވެ. ސަޖަލްގެ ރަހުމެއްނެތް ވާހަކަތަކުން ހިތަށް ލިބުނު ގަނޑުކަން ފިލަން އިރުގަނޑެއް ނެގިއެވެ. ބާރުލެވުނީ ގޮނޑިއަށެވެ. ދިރުމެއްވާ އެއްޗެއްނަމަ އެއަތުގެ ތެރޭ ކުނޑިވާހާ ބާރަށެވެ. ގަޒަލްގެ ހިތަށް ވި އަނިޔާތައް އެލޮލުން ހާމަވާން ހުރީ ފޮރުވުމެއް ނެތިއެވެ.

"ވޮޗް ޔޯ މައުތް.." މިލާން އެހެން ބުނީ ހީލާފައެވެ.

"ކްރުއެލް ސެލްފް ސެންޓާޑް ބްރޫޓަލް އިންހިއުމަން ޝީ ޑެވިލް......." ގަޒަލްގެ އަތް އުފުލާނުލިކަމުގައި ވިޔަސް އޭނައަށް ބުނެވުނީ އެވަގުތު ހިތަށް އައިހާ ލަފުޒުތަކެކެވެ.

ރެއިނާގެ ޝޮކް އިސާހިތަކު އެންމެ ނުލަފާ ރުޅިވެރިކަމަށް ބަދަލުވިއެވެ. ގަޒަލް ސިފަކުރިފަދަ "ޝީޑެވިލް"އަކަށް ވެގެން އޭނަ ސަޖަލްގެ ނާށިގަނޑު ފަޅާލާފައިވަދެ ވަކިތައްލީ ޝައިތާނީ ކުރަކި އަތުން ސަޖަލްގެ ސިކުނޑިއަށް އަތް ބާނާ ހަލުވާލައިފިއެވެ. ޚިޔާލުގައި ނޫންގޮތަކަށް އޭނައަށް ސަޖަލްގެ ގައިގާ އަތްލާކަށް ނުކެރޭނެވިއްޔާއެވެ. ފިނޑިކަމުން ނޫނީ އާދަވެފައި ނެތީމައެވެ. ރެއިނާ ދެލޯ ބޮޑުކޮށްލައިގެން އެސްފިޔަ ޖަހާނުލާ ހުރެ ސަޖަލްގެ ކުރިމަތީގައި ހުއްޓުނެވެ. ރެއިނާ މިހާ ރީތިވެފައި ބަދަލުވުމުގެ ސިއްރު ނޭގިފައި ހުއްޓާ ސަޖަލްއަށް ރޭކާލިއެވެ. ރެއިނާ ލޮލުގައި ޖަހައިގެން އުޅުނު ލޯބޮޑު އައިނު ވަކިކުރި ޒަމާނެއް ނޭގެއެވެ. ބޮޑު ދެލޯ ފެނުމުން "ބޭމްބީ" ހަދާންވާފަދަ ގޮތެއް އެބަހުއްޓެވެ. އެހާ ރީތިވީ އައިނު ނެތީމައެވެ.

"ސަޖަލް ތީ އަހަރެން ވަރަށް ރެސްޕެކްޓްކުރި ރަގަޅު ކުއްޖެއް. މާތް ނުފޫޒުގަދަ ޚާންދާނެއްގެ ލޭޑީއެއް. އެކަމަކު ދެންމެ މީހާގެ އަމަލު ހުރިގޮތުން އަދި ވިސްނިގޮތުން ހިތް ބަދަލު ވެއްޖެ. ސަޖަލްގެ ސިކުނޑީގެ ބަދަލުގައި އޮތީ މަދޮށްޓެއް. މީހާގެ އެންމެ އަމަލަކުން އެމީހާގެ ޝަޚުސް ފައިތިލައިގެ ދަށުގައި އަޅާފައި އޮތް ފައި ފުއްސަށް ވުރެ ގަދަރުކުޑަވޭ. އާނ. ކުރިންވެސް އަހަންނާއި ކައިޔާން ގުޅޭތީ ކަން ނޭގޭ ގުޅުނީ. ކައިވެނި ކުރީ. އެހެން ހެވަންގައި ލިޔުއްވާފައިވާތީ. ތެދަށް ބުނެފާނަން. މިހުރިހާ ދުވަހު އަހަރެން ތި ދެމަފިރިންނަށް ދުޢާކުރިން. ސަޖަލްއަށްވެސް. އަހަރެން ހުރީ ވީހާ އަވަހަށް ސޯލިހު ފިރިއެއް ހޯދައިގެން އިންނަން ތައްޔާރަށް. އެކަމަކު ތި ދެއްކި ވާހަކައަށްފަހު އަހަރެން ގެ ހިތުގައި ތި އަންހެނާއަށް އޮތް ގަދަރު ވެއްޔާ މޮޑެވިއްޖެ. އަދި ކައިޔާން ގެ ޚިދުމަތުގައި މުޅި އުމުރު ހޭދަކޮށްލަން ބޭނުންވެއްޖެ. ސަބަބަކީ ސަހަލްއާއި އަހަންނާއި ހުރި ތަފަތަކީ އެއީ. އަހަރެން ލޯބިކުރީ ހަމައެކަނި ކައިޔާންގެ ރީތި ސިފައަކަށް ނޫން. މުއްސަދިކަމަކަށްވެސް ނޫން. އޭރު ނޭގޭ ކޮން ޚާންދާނެއްގެ ކާކު ކަމެއް. ހަމަ އެކަނި ދަރިފުޅުގެ ބައްޕަގެ ގޮތުގައި ދެކުނީ. ތިއީ އަންހެނުންނަށް ހުރި ހުތުރެއް. ޖެހުނު ލައްގަނޑެއް. ތިމާގެ ފިރިމީހާ ބަލިވުމުން ތިގޮތަށް ފިލާ ދުވާނީ ހިތެއްގެ ބަދަލުގައި ގަލެއް އޮތް ޑައިނެއް. އަހަރެން ތި ފުޅިމަދުގަނޑެއް ކަހަލަ ސިކުނޑިއަށް އެރި ސިކުނޑި ދަމާ ނުނެރެނީސް ކުރިމަތިން ދުރަށް ދޭ............" ރެއިނާ ގެ ޖުމްލަތައް ސާފުވެފައި ބާރެވެ. ސަޖަލް ފިނިވެފައިވާ ދެއަތް އުގުޅަމުން ދިޔައެވެ.

ސަޖަލް ގެ މޫނުގެ ޝުއޫރުތައް ފޮރުވިފައިވަނީ އައިނުގެ ސަބަބުންނެވެ.

"އެންމެ ރަގަޅު. އަހަރެން ގޮސްދާނަން. ކައިޔާންއާއި އަޅާލާ. ވަން މޯ ތިންގް. އަމިއްލައަށް ތިމާއަކީ ހުތުރު މީހެއް ކަމުގައި ކަޅު މީހެއްގެ ގޮތުގައި ނުވިސްނާ. ތިއީ ރީތި ކުއްޖެއް....." ސަޖަލް ހީލިއެވެ.

"ގޭއި އެއްތަ؟ " މިލާން ސަޖަލްގެ ނޭފަތުގައި އިނގިލި ޖައްސާފައި ކޮށްޕާލަން އުޅުނެވެ.

"މިލާން..." ސަޖަލް ހިތް ހަމަ ނުޖެހުނެވެ.

"ރުޅިއައީތަ ބޮޑުދައިތަ ކޮއްކޯ...." މިލާން ތުންފަތް ވަށްކޮށްލަމުން ސަޖަލްއާއި ދިމާލަށް ގުދުވިގޮތަށް ސަޖަލް މޫނު އަނބުރާލުމުން ތުންފަތް ޖެހުނީ ކޯތާފަތުގައެވެ.

ސަޖަލް މާޗުކޮށްފައި ކަހަލަގޮތަކަށް ލޯމަތިން ގެއްލުނެވެ. ގަޒަލް ހިފަހައްޓައިގެން އިނަސް ކަރުނަތައް އޮހިގަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ. މިލާން ގޮނޑިކައިރިއަށް ތިރިވިގޮތަށް ކޯތާފަތް ފޮހެލަދިނެވެ. އަދި ގަޒަލް ގެނެސް މޭގައި ޖައްސާލަމުން ބުރަކަށީގައި ފިރުމައިލަދިނެވެ. އެފަދަ ހަމްދަރުދީއަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި މިލާންގެ ހިމާޔަތް ލިބުމުން އިރުގަނޑެއްވާންދެން ގަޒަލް ކަރުނަ އޮއްސިއެވެ. ރެއިނާ ކައުންޓަރަށް ލެނގިލައިގެން އެއް ދިމާލަކަށް ބަލަން ހުރިއިރު އެލޮލުގައިވެސް ކަރުނައެވެ. އެކުދިން ކަރުނަ އޮއްސީ ކައިޔާންގެ ހައްގުގައެވެ. ކައިޔާން ހޭއަރާފައި ކުރާނެ ހިތާމަތައް އިހުސާސްކުރެވުނީއެވެ. އެހާ ލޯބިން އުޅެފައި ވަކިވެ ދިޔުމުން ހާދަ އަސަރެއްކުރާނެއެވެ. އެއަށްވުރެ ސަޖަލް މަރުވެއްޖެއޭ ބުންޏަސް މާ ރަގަޅުވާނެއެވެ.

***

ރެއިނާއާއި ގަޒަލް ގެއަށް އައުމަށްފަހު އިރުކޮޅެއްވާންދެން އެކަމުގެ މަޝްވަރާގައި ތިއްބެވެ. ސަޖަލް މަރުވެއްޖެ ކަމަށް ބުނެ އޮޅުވައިލެވިދާނެއެވެ. އޭރުން ނަފްރަތުކުރާނީ ރެއިނާދެކެއެވެ. ދޮގުހެދުމުގެ މާނައެއްނެތެވެ. ކައިޔާންއަށް ސަޖަލްގެ ހަގީގަތް އެނގެން ޖެހޭނެއެވެ. ބޭރުފުށުގެ ރީތިކަމަށް ހެއްލި ކައިޔާން ހޮވި ބައިވެރިޔާއަކީ ޖަވާހިރެއް ނޫންކަން ޔަގީންވެ އެހިތް ބަދަލުނުވާނެކަމެއް ނޭގެއެވެ. ސަޖަލްދެކެ ފޫހިވިވަރަށް ރުޅިވެސް އައެވެ. ގަޒަލް ދޭތެރެއަކުން އެހެން ޚިޔާލަކަށް ގެއްލި ހިތުގެ ތެޅުން އަވަސްވެއެވެ. އޭނަ މިލާންގެ މޭގައި ލައްގަނެގެން ހާދަ ރޮއިފިއެވެ. އަދިވެސް ހެދުމުގައި ހިފާފައިވަނީ މިލާން ޖަހާފައި ހުރި ސެންޓުގެ ވަހެވެ. ހިތާއި ރޫހުވެސް ތާޒާކޮށްދިނެވެ. ކޮންފަދަ އަރާމު ވަހެއްހެއްޔެވެ؟ ކޮން ސެންޓެއްކަމެއްވެސް ނޭގުނެވެ، ގަޒަލްއަށް ހެދުމުގައި އަތް ޖައްސައިލެވުނެވެ.

"ހޫމް ސެންޓްވަސް އެބަދުވާ ދޯ ޖީޖީ. އެކަމަކު މާވަރުގަދަކަމެއްނު ޖީޖީ. އަހަރެން ސައިކޯސުމެޓިކް ޑިސްއޯޑާއެއް އެބައުޅޭ. ކުރިން އެހެންވީ ކައިގެ ފޮޓޯތައް ބެލީމަ. ހަމަ ކައިގެ ސްމެލް އެވަގުތުން ދުވާނެ. ހިތަށް އެރި ވަސްދުވުމުގެ ބާރުވެސް ގަދައީއޭ. މިފަހަރު އައިސީޔޫއަށް ވަންނަ ކޮންމެ ފަހަރަކު ކައިގެ އެ ސްމެލް. އަދި މިކާގެ ފޮޓޯތަކަށް ބަލައިލީމަވެސް އެހެން އެބަވޭ. ނޭނޯ ސިކުންތުކޮޅަކަށްފަހު އެ ވަސް ކެނޑޭ. ގޫގުލްކޮށްލިއިރު އެހެން ދިމާވާ ސަބަބު އެބަހުރި. މިގޮތަށް އޯލްފެކްޓްރީ ހެލުސިނޭޝަން ނޫނީ ފެންޓޮސްމިއާ ވާ ސަބަބުތަކުގެ ތެރޭގައި ޓިއުމަރއެއް ހުރުން ފިޓްޖެހުން މައިގްރެއިން އަދި ޑިޕްރެޝަންފަދަ ސަބަބުތައް އެބަހުރި......" ރެއިނާ ކިޔާދިނެވެ.

"ވަރަށް ތަފާތު. ރެއިނާ ލޯބިވާ މީހުން ނެތަސް ފޮޓޯއަށް ބަލާފައި އެމީހުންގެ ސްމެލް....."

"ހޫމް. ޖީޖީ. އަހަރެންގެ އެބުނާފަދަ ބައްޔެއްނެތް. މިއީ އަދި ދިރާސާ ނުކުރެވޭ ކަމެއްހެން ހީވަނީ. ލޯބިވާ މީހުންގެ ފޮޓޯތަކަށް ބަލާފައި އެމީހެއްގެ ވަސް ދުވަން ފެށުން...." ރެއިނާ ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"ރެއިން. ތިއީ ހަމަ ލޯބި. ތެދުވެރި ލޯބި. އެ ނުލަފާ އަންހެނާ އެދިޔައީނު ދެން ރެއިން ކައިއަށް ޚިދުމަތް ކޮށްދޭނަމޭ ބުނީމެއްނު. މިހާރު އެންމެ ދެކެން ބޭނުންވަނީ އެދުވަސް. ކައިއާއި ރެއިން އަދި މިކާ އެކީގައި އުޅޭނެ ދުވަހެއް އަދި އަންނާނެ އިންޝާﷲ....." ގަޒަލް ކުއްލިއަކަށް ހޭންފެށިއެވެ." ރެއިން ސަޖަލްއަށް ބަވާލި ގަޑީގައި ވަރަށް މަޖާވިއޭ. ދެރަވެފައި ނެތްނަމަ ހަމަ ކޮންޓްރޯލްވެސް ނުވާ ވަރަށް ހިނި އަންނާނެ. ސަޖަލްއަށް ހައްގު އެއްޗެހި ރެއިން ކިޔައިލީ...."

"ހޫމް ކިޔުނުވަރު މަދު..." ރެއިނާ ވެސް ހިނި އައެވެ.

"އެވގުތު ރެއިންއާ ހަގްކޮށްލަން ބޭނުންވި. ޔޫ ޑިޑް ވެލް.."

***

ގަޒަލް އެތައް އަހަރެއްގެ މެދުކެނޑުމަށްފަހު ސްލީޕް ޕެރެލެސިސްގެ ހަމަލާއެއް އައެވެ. ދުވަހަކު ނުދެކޭފަދަ ބިރުވެރި ގޮތަކަށެވެ. އެހާ ސިފަ ހުތުރެވެ. އެރޭ ގަޒަލްގެ އަތާއި ފައިގާ ވަކި އަޅާ އަނިޔާވެސް ކުރިއެވެ. ނުވީތާކަށް ދަމާ އެނދުންވެސް ވައްޓައިލިއެވެ. އެކަމަކު އެވަގުތު ދެފައި ހަރަކާތް ކޮށްލެވުނީ ކިހިނެއްކަމެއް ނޭގެއެއެވެ. ފުންމައިގެން ތެދުވިގޮތަށް ގޮސް ހިފައިގަނެވުނީ ރެއިނާގެ ގައިގައެވެ. ގަދަ ނިދީގައި އޮތަސް އޭނަ ވަކި އަޅައިގަތުމުން ހޭލެވެން ޖެހޭނެކަމުގައި އޭނަ ޔަގީންކުރިއެވެ. ނަމަވެސް ރެއިނާ ހޭ ނައްތާފައިއޮތް ފަދައެވެ. އޭނަވެސް ފާޑަކަށް ކުކުރަމުން ދިޔައެވެ. ކުއްލިއަކަށް ދެން ފެނުނީ ފާރު ފަޅާލާފައި ފުންމައިލި ކަޅުކުލައިގެ ބޮޑު ކުއްތާއެވެ. އެ ފެހި ދެލޮލުން އަލިފާނުގެ ހުޅުތައް ނިކުންނަމުން ދިޔައެވެ. ގަޒަލް ހަޅޭއްލަވަން އަނގަ ހުޅުވައިލިއިރު އައްސިވެއްޖެއެވެ. އޭތި އޭނަގެ ގައިމައްޗަށް ޖެހިގަތުމާއެކު ކުއްލިއަކަށް ތަން އަމާންވިއެވެ. އަނގައިގެ އައްސިކަން ކެނޑި ތެދުވެވޭވަރުވިއެވެ.

ގަޒަލްގެ ހިތް އެގޮތްމިގޮތަށް ތެޅެމުން ދިޔައެވެ. ފިނިދަލެއް ހިއްލާލާފައިވާއިރު އޭނަގެ ފައިގާވެސް ރިއްސަމުން ދިޔައެވެ.

"ރެއިން. ރެއިން. ތެދުވެބަލަ..."

"ކިހިނެއްވީ؟ " ރެއިނާ ކުއްލިއަކަށް ތެދުވެފައި ލޯ ބޮޑުކޮށްލިއެވެ. "ކިހިނެއް މިތަނަށް އައީ........"

"އެނދުން ވެއްޓުނީމަ ހަމަ ހިނގުނީ. މިހާރުވެސް.....އޯ......އަލްހަމްދުލިﷲ. އަހަންނަށް ދެފައި.. އެބަ މޫވް ކުރެވޭ..." ގަޒަލް ފައި ހަލުވައިލިއެވެ.

"ﷲ އަކްބަރު..." ރެއިނާއަށް ހަޅޭއްލަވައިގަނެވުނެވެ."ސުބުހާނަﷲ. ކޮންފަދަ ބޮޑު އުފަލެއް."

ގަޒަލް ކޮޓަރި ތެރޭ ފުންމަ ފުންމާފައި އެނދަށް އަރާވެސް އެވަރުވިއެވެ. ކުޑަކުއްޖެއްހެންނެވެ. ސަކަރާތް ޖަހަނިކޮށް ރެއިނާ ސަކަރާތް ނުޖަހާ ތަހައްޖަދު ނަމާދުކުރަން ވުޟޫކުރާށޭ ބުނުމުން އެނދުން ފައިބާން އުޅުނެވެ. އޭރު އޮވެވުނީ ރަޖާގަނޑުގެ ތެރޭ ފޮރުވިގެންނެވެ. ތެދުވާން އުޅުމުން ފައި ހަރަކާތެއް ނުކުރުމުން ކަރު އެލުނެވެ. ހުރިހާކަމެއް އެހިނގީ ހުވަފެނުގައެވެ.

ތަހައްޖުދަށްފަހު ނިދީގެ ފޮނި އާލަމުގައި އަޖައިބެއްފަދަ ހުވަފެނެއް ފެނުނެވެ. އޭނަ ކުރިމަތީގައި ހުރީ އޭނަގެ ސޫރައިގައި ހުރި ކުއްޖެކެވެ. އޭނަ އެދުނީ މިލާންއަށް މާފު ދިނުމަށެވެ. " ފޮގިވް ހިމް. ގިވް ހިމް އެ ޗާންސް. ކުށްވެރިއަކީ އެއީއެއް ނޫން.." ހޭލެވުނުއިރު އޭނަގެ ދެއަތުން ހީބިހި ނަގާފައެވެ. އޭނަގެ ސިފައިގާ އެފެނުނީ ގުޒްލާން ހެއްޔެވެ؟ އެހެނެއް ރޫހު ކޮންމެހެން ނާންނާނެއެވެ. އެކަން ގަބޫލުކުރާކަށް ނުޖެހެއެވެ. ބަރުޒަޚު އާލަމާއި ދުނިޔެއާއި ދޭތެރޭ ހުރަހެއްވެއެވެ. ނަމަވެސް އޭނަގެ ހިތުގައި ޔަގީނުންވެސް މިލާންގެ އުނިސިފަތަކާއެކުގައިވެސް އެހެން އިހުސާސްތަކެއް އުފަންވެ ހިތުގައި މިލާންގެ ސޫރަ ހަރުލާފައިވިއެވެ. ގިނަގިނައިން އޭނަގެ މަތިން ހަދާންކުރެވެއެވެ. އަމިއްލަ ހަށިގަނޑުގެ އެއްބައި ކަމުގައި ހިމެނުނު ގުޒްލާން މަރައިލި މީހާއަށް މާފުދީ އެކީގައި ހަޔާތް ވޭތުކުރަން ހިތް ބާރު އެޅިއެވެ. ކުށްވެރިއަކީ އޭނައެއް ނޫން ހެއްޔެވެ؟ދެން ކާކުބާވައެވެ.

***

މިލާން އާއި އާފާގު ޖައްސައިލީ އައިސްކްރީމް ޕާލާއެއްގައެވެ. ޓޮރޮންޓޯގައި ހުރި އެންމެ އަރާމު ތަނެވެ. ޖީމިން އައިސްކްރީމްގެ އެކި ވައްތަރުތަކުގެ ރަހަ ބަލައިލާހިތުން އެތަނަށް އަންނަ ކަސްޓަމަރުން ފުނިޖެހެން ފެށިއެެވެ. އެހާވެސް އެ އައިސްކްރީމް މަޝްހޫރުވެއްޖެއެވެ. އެކި ރަހަތަކުގެ އައިސްކްރީމް ޓައްޕުތަކާއި ކޯންތަކާއި ކުދި ތަށިތަކުގެ އިތުރުން އައިސްކްރީމް އެޅި ބުއިންތައްވެސް އެތަނުން ލިބެން ހުރެއެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުންގޮސް ކުއްލިއަކަށް އައްމާދުގެ ޚަބަރެއްނުވެގެން އަހާލައިފިއެވެ.

"ވިސާ މައްސަލައެއް ޖެހިގެން އެކޮޅަށް ގޮއްސަ ތިބީ. އައީމަ ރުގުޔާ ކުރާނީ.."

"މާދުގެ ދަރިފުޅު ޖިބްރީލްވެސް ގޮވައިގެން ދިޔައީ ދޯ. އެއީހަމަ މާދުގެ ދަރިއެއްތަ؟ "މިލާން ބުމަ އަރުވައިލިއެވެ.

"ނުވާންވީ ކީއްވެ؟ "

"އެހެން ގަބޫލުކުރަން ދަތި ސަބަބުތަކެއް ހުރީމަ. އެކުއްޖާ މާދުއަކާއި ވައްތަރެއްނޫން. އަނެއްކާ އެދުވަހު ފުރި މީހުންގެ ތެރޭ ކުޑަކުއްޖަކަށް ހުރީ ހަމައެކަނި ޖިބްރީލް. އަހަރެން ދަންނަ އަންހެންކުއްޖެއްގެ ދަރިއަކު ޖިބްރީލްއާއި ވައްތަރުވެ އެއީ އެކުއްޖާކަމުގައި ދެކެންވީ ބައިވަރު ސަބަބު އެބަހުރި. ޖިބްރީލްގެ މާމައަށް އެކުއްޖާ ފެނިގެން ފަހަތުން ދަނިކޮށް ސިކިއުރިޓީއިން ހުއްޓުވީ. ތެދަށް ބުނެބަލަ. އެއީ މާދު އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ދޯ......" މިލާންގެ ސުވާލުތަކުން އާފާގުގެ މޫނަށް ހާސްކަން ވެރިވިއެވެ. އިސްޖެހުނެވެ. އެހާ ވަރަށް ހެކި ހުރެގެން ނޫނީ މިލާން އެހާ ފާޅުކޮށް އެފަދަ ސުވާލެއް ނުކުރާނެއެވެ.

"ހޫމް......"

"ސޯ......" މިލާން ދެއަތްތިލަ ގުޅުވައިލަމުން ދަތްދޮޅީގައި ޖެއްސިއެވެ.

"މާދުއާއި މާޔާއަށް ދަރިއަކު ނުލިބިގެން ޖިބްރީލް އެޑޮޕްޓްކުރީ. މާޔާ ނިޔާވުމަށްފަހުވެސް ރާއްޖޭގައި ދޮންބެ އުޅުނީ. ޑޭޓިން ސައިޓަކުން ބެލާއާއި ދިމާވެގެން ބެލާ މާ ދީނީކުއްޖަކަށް ހެދިގެން އުޅެފައި މިކޮޅަށް ދޮންބެ އައުމުން ހަގީގީ ބެލާ ފެނުނީ. އެކަމަކު ބެލާ ހުރީ މުސްލިމްވެގެން ދޮންބެއާއި ކައިވެނި ކުރަން ތައްޔާރަށް ކަމުގައިވަނީ. މިލާން. މިއީ ދެމީހުން ދޭތެރޭ އޮތް ސިއްރަކަށް ހަދަމާ ނޫނީ ދޮންބެ ދުވަހަކު އަހަންނަށް މާފެއް ނުދޭނެ." އާފާގު އެދުނެވެ.

"އަހަރެން ރަގަޅު ޚިޔާލެއް ދީފާނަން. މާދު ކައިވެނި ކުރަންވީ ބެލާއަކާއި ނޫން. ޖިބްރީލްގެ ހަގީގީ މަންމައާއި." މިލާން ބުނެލިއެވެ.

"އޯ......އެކަމަކު ތިބުނާ އަންހެންކުއްޖާ ދޮންބެއާއި ކައިވެނިކުރާނެތަ.."

"ޖިބްރީލް ހާސިލުކުރަން އެކުއްޖާގެ މަންމަ އެހެން ޕްލެނެޓަކަށްވެސް ހިޖުރަކޮށްފާނެ. ހީޒް އެވްރީތިންގް ޓު ހާރ..އެކުއްޖާގެ މާމަ މަންމައަށް ސިއްރުން ވިއްކައިލީޔޯ....." މިލާން އައިސްކްރީމް ފަހަރަކު ސަމުސަލެއް ކަމުން ދިޔައިރު ދޭތެރެއަކުން ގަޒަލްގެ ހަދާންތައް އޭނަގެ ލޮލުގެ ވިދުން އިތުރުކުރުވައެވެ. "ޖީމިން"އައިސްކްރީމް އަކީ އޭނަގެ އައިސްކްރީމް ބްރޭންޑެވެ. އޭނައާއި ގަޒަލްގެ ނަންވެސް ގުޅުވައިގެން އެ ނަން އުފެއްދިއިރު އަދިވެސް ގަޒަލްއަށް އެކަން ރޭކާނުލާނެއެވެ. އައިސްކްރީމްއާއި ޗޮކްލެޓާއި ހެދި މޮޔަވާ ކުއްޖެއްކަމުން ކުޑައިރުއްސުރެ އޭނަގެ ހުވަފެނަކަށްވީ ގަޒަލްއަށްޓަކާ އެފަދަ ވިޔަފާރިއެއްކުރުމެވެ. މިއަދު އެކަން ކާމިޔާބުވެ މިލިއަނުން ފައިދާވާއިރު އަދިވެސް އެ ވިޔަފާރި ޚާއްސަވި ކުއްޖާއަށް އެކަން ރޭކާ ލިކަމެއް ނޭގެއެވެ.

***

ހޮސްޕިޓަލުގެ ކެފޭތެރޭގައި ހުރި މޭޒެއްގައި ގަޒަލްއާއި ރެއިނާ އިށީންތަނާ ވޭޓަރު އައިސްކްރީމް ތަބަކެއް ގެނެސް ކުރިމަތީ ބެހެއްޓިއެވެ. އައިސްކްރީމް އާއި ޗޮކްލެޓް ފްލޭވާ ހުރި ޖީމިން ކޭކަކާއެކުގައެވެ. އަދި ފިނިފެންމަލުގެ ބުކޭއެއް ގަޒަލް އަތަށް ލެއްވިއެވެ. އޭގައި ތަތްކޮށްފައިވާ ރަތްކުލައިގެ ހިތުގެ ބައްޓަމަށްވާ ނޯޓުކޮޅުގައި ލިޔެފައިވާ ލަފުޒުތަކުން ގަޒަލްގެ ހިތް އުދުހިގެން ހިގައްޖެއެވެ. " ހީ ލަވްސް ބަޓް ލިޓްލް ހޫ ކެން ސޭ އެންޑް ކައުންޓް އިން ވޯޑްސް ހައު މަޗް ހީ ލަވްސް" ގަޒަލްއަށް އެ މާ ބުކޭއަށް ބަލަން އިދެލާފައި ހިނިތުންވެލެވުނެވެ. މިއީ ކާކު ފޮނުވިއެއްޗެއްތޯ އަހަން ބަލައިލިއިރު ވޭޓަރު ރެސްޓޯރެންޓުން ނިކުމެ ލޯމަތިން ގެއްލިއްޖެއެވެ.

"ފައިނަލީ....ކޮންމެވެސް މީހަކަށް ލޯބިވެވިއްޖެ..." ރެއިނާއަށް ބުނެވުނެވެ.

"އެއީ ކާކުބާ....." ގަޒަލްއަށް ވަށައިގެން ހޯދައިލެވުނެވެ.

"މިލާންއަށް ނުވާނެތަ؟ " ރެއިނާ ކުއްލިއަކަށް ދެލޯ ތަންމިނަށް ހުޅުވައިލިއެވެ. މާ ދުރަށް ވިސްނަން ފޯރުވަން ހަދައިގެން ބައެއްފަހަރު ނިކަން އާދައިގެ އަރަތެއް ހައްލުކުރަން ނޭގި ހިނގައިދާނެއެވެ.

"ހިމް.......ތިހެން ބުނީމަ ހީވެއްޖެ." ގަޒަލްއަށް އެންމެ ކުރިންވެސް ވިސްނުނީ މިލާން ކަމަށެވެ. ނޭގިނަމަވެސް އޭނަގެ ހިތް އެދުނީ މިލާންގެ ހިތުގައި އޭނައަށްޓަކާ އެފަދަ ޖަޒުބާތެއް އުފެދުމަށެވެ. ކުޑައިރު އޮތް ގުޅުން އަލުން އެނބުރި ވުޖޫދަށް އައުމެވެ. ގަޒަލް އައިސްކްރީމް ތަށީގައި ރަހަ ބަލައިލިއެވެ. ތަފާތު މީރު ރަހައެއް އޭގައި ދިނެވެ. އައިސްކްރީމްތައް އަނގައިގެ ތެރެއަށް ވިރެމުން ދިޔައިރު ކުޑައިރުގެ ހަދާނެއް ސިކުނޑީގެ މަޑިކިލަބުގައި ފިޔަ ޖަހައިލިއެވެ.

***

އާއިލާގެ އެންމެންގެ ހިތްތަކަށް އަނިޔާ ލިބުނަސް ކައިޔާންއަށްޓަކާ އެންމެން ހިތްވަރުކުރިއެވެ. ކައިޔާން ހޭ އެރުމަށްފަހު އަޅާ ގަދަ ވޭނަށް ކެތްނުކުރެވުނުއިރުވެސް އޭނަ އޮތީ ހިތްވަރުކޮށްލައިގެންނެވެ. އެހާލުގައިވެސް ހިނިތުންވެލައިގެންނެވެ. ސަޖަލްގެ ޚަބަރު އެހުމުން ބުނީ ސަޖަލް އެކަމާ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިކަމަށެވެ. އެއީ މުޅިން ދޮގެއްނޫނެވެ. ސަޖަލް ބަދަލުވީ ކައިޔާންގެ ސޫރަ ފެނުމުންނެވެ. އެރީތިކަން ގެއްލުމުންނެވެ. ކައިޔާންވެސް އެހާ މޮޔައެއްނޫނެވެ. ސަޖަލްއަކީ އެހާ ބަލިކަށި ކުއްޖެއްނޫނެވެ. އެހެންނޫނަސް ފޯނުން ވާހަަކަދެއްކިދާނެ ނޫންހެއްޔެވެ؟ ފޯނު ނިވާފައި އޮންނަންވީ ކީއްވެހެއްޔެވެ؟ ހިތުގައި ފުނިޖެހުނު ސުވާލުތައް ބަހައްޓާފައި އޭނަ ހަގީގަތައި ކުރިމަތިލިއެވެ. އޭނަގެ ހަށިގަނޑުފިހި އަޅާ ވޭނުން ކެތްނުކުރެވުނުއިރު މަންމައައި ބައްޕަ ހަދާންކޮށްދިނީ ދުޢާކުރުމަށެވެ. ކައިޔާން އޮންނަނީ ވަކިން ބާއްވާފައެވެ. އެތަނަށް ވަދެވެނީ މުޅިން ސްޓެރެއިލްވެގެން ވަކި ހެދުމެއް ލައިގެންނެވެ.

ރެއިނާ އެތަނަށް ވަނުމުން އޭނައަށް އުދަގޫވިއެވެ. ރެއިނާ މިތަނަށް އައީ އޭނަގެ ނުކުޅެދުންތެރިކަމަށް މަލާމާތްކުރާށެވެ. މާސްކު އަޅައިގެން ހުރިއިރު އެ ބޮޑު ދެލޮލުގެ ތޫނުކަމުން އޭނަގެ ހިތްވެސް އަވަސްކުރުވިއެވެ.

"ކީއްކުރަން ތިއައީ؟ " ކައިޔާން ދުރަށް ބެލިއެވެ. އޭނަ މިހާލުގައި އޮތްވާ ރެއިނާއަށް ފެންނާކަށް ނޭދެއެވެ.

ނުނިމޭ

 

ކޮމެންޓް 0