"ދުނިޔޭގެ އެދުމާއި ޒީނަތްތެރިކަމުގައި ޣާފިލުވެފައި ތިއްބާ އެތައް ފުރާނައެއް މި ދުނިޔެއާއި ވަކިވެގެން ދާހިނދު ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަވަސްވެގަތުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނަސީބެވެ. ރަހުމަތެވެ. މިއީ ހަޔާތުގެ އެންމެ ފަހު ރަމަޟާންކަމުގައި ވެދާނެއެވެ. ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަން މަސައްކަތްކުރާނީ ރަހުމަތް ލެއްވިގެންވާ ފަރާތްތަކެވެ. ހިޔަނިފަދައިން މަރުވަނީ ގާތުގައެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް ފުރާނަ ދިޔުމުގެ ކުރިން އެ ފަރާތަށް ކުރިމަތިލާނީ ދެދުނިޔޭގެ ބާއްޖަވެރިންކަން ޔަގީނެވެ."

***

އެންމެން ނިދަން ކޮޓަރިތަކަށް ވަންތަނާ މެގްނޯލިއާ ގަސްތައް ހުންނަ ދިމާލުން ތޫފާނެއް އައިހެން ހީވިއެވެ. ގަސްތަކާއި އެކު ފުރާޅުމައްޗަށް ވައްޓާލެވުނުހެން ހީވިއެވެ. ދޮރުތައް ތަޅާ ފުރާޅަށް އެއްޗެހި އުކިއެވެ. އަނދިރިކަމުގެ ތެރެއަށް ގެ ގެނބުނެވެ. ރެއިނާއާއި ގަޒަލްވެސް ކޮޓަރިން ބޭރަށް ނުކުތްއިރު އެހެން އެންމެންވެސް ކަންބޮޑުވެގެން ނުކުތީއެވެ.

"ކުއްލިއަކަށް މިއައީ ތޫފާނެއްތަ؟ " ކައިޔާން ދޮރު ހުޅުވަން ދާން ހިނގައިގަތުމުން ރެއިނާއަށް ގޮވައިލެވުނެވެ.

"ނުދޭ. ތިއީ ތޫފާނެއްނޫން......"

"އޯ...." ކައިޔާން ޖެއްސުމަށް އެއްޗެއް ބުނަން އުޅެފައިވެސް އޭނަގެ މަންމައާއި ބައްޕަ ވެސް ނުކުތްތަން ފެނި ހިމޭންވިއެވެ. ޕިޖާމާތަކުގައި އެންމެން ސިޓިންރޫމަށް އެއްވެގަތް ގޮތަށް އިއާން މަސައްކަތްކުރީ އައްމާދުއަށް ގުޅާށެވެ. ނަމަވެސް ފޯނުލައިންތައްވެސް ކެނޑިފައެވެ. ޖިންނީން މިފަދަ ކަންތައް ތަކަށް މޮޅުވާނެކަމަކަށް އެމީހުން ހިޔެއްނުކުރެއެވެ.

އައްމާދު ހުރީ ޖިންނިންގެ އެފަދަ "ހަމަލާ" އެއް އަތުވެދާނެކަމަށް ވިސްނައިގެންނެވެ. އޭނައަށްވުރެ ރުގުޔާ ކުރަން ކުޅަދާނަ ދެތިން މީހުން ގޮވައިގެން އެގެއަށް އާދެވުނީވެސް އެހެންވެއެވެ.

އެރޭ ގިނައިރުތަކެއްވާންދެން ރުގުޔާ ކުރުމަށްފަހު އެމީހުން ދިޔައީ ފަތިސްވީފަހުންނެވެ. އެރޭ މިލާންއަށް ޖިންނީގެ އުދަގޫ ބޮޑުވި ސަބަބުވެސް އެނގުނެވެ. ޖިނާސްމެންގެ އަންހެންކޮއްކޮ މިލާންއާއި ހިތާވިއެވެ. އެކަމަކު މިލާންގެ ހިތުގައި އޭރުންފެށިގެން ގަޒަލްއަށްޓަކާ އޮތް ލޯތްބެއްގެ ސަބަބުންނާއި ޖިންނީގެ ހުށަހެޅުން މިލާން ގަބޫލުނުކޮށް ހުއްޓާ ޖިންނި މަރުވުމުން ބަދަލުވެސް ހިފީއެވެ.

ޖެހިގެން އައި ދުވަހުވެސް އެގެއަށް ޖިބްރީލް ގެނެސްގެން ރެއިނާއާއިއެކު ވަގުތު ހޭދަކޮށް ކުޅުނެވެ.

އެރޭ މިލާންއާއިއެކު ގަޒަލްއަށްވެސް ރުގުޔާ ކުރިއެވެ. ދެތިން ރޭވަންދެން ކިޔަވާ އެގޭގައި ބަގަރާ ސޫރަތް ޖަހާ ހަދާފައި އެންމެފަހުން ޖިންނިން މައިތިރިވެ ރަގަޅަށްވެސް އިސްލާމްވިއެވެ. އަދި އިންސާނުންނަށް އުދަގޫނުކުރަން ވައުދުވިއެވެ. އައްމާދު ބުނީ ދެވަނަފަހަރަށް ތަކުރާރު ވެއްޖެއްޔާ އިންޒާރަކާއި ނުލާ އަންދާލާނެކަމަށެވެ.

ގަޒަލް ޚަބަރުހުސްވެފައި އޮތުމަށްފަހު ހޭލެވުނެވެ. ބިރުވެރިކަމާއެކު ވަށައިގެން ހޯދައިލިއިރު އެންމެ ގާތުގައި މަންމައާއި ރެއިނާ ކަންބޮޑުވެފައި ބަލަން ތިއްބެވެ.

"ދަރިފުޅާ ކިހިނެއްތަ؟ މަންމަ ހާދަ ބިރެއްގަތޭ...."

"ކޮބާ އެމީހުންތައް؟ "

"ހިގައްޖެ. ދެން ނާންނާނެ."

"ކަރުހިއްކައިގަނެއްޖެ. ރެއިނާ ޖޫސްތަށްޓެއް ގެނެސްދީފާނަންތަ؟ " ގަޒަލް ބުނެލިއެވެ. އެންމެން އޭނަ ވަށާލައިގެން ތިބެ ސުވާލުކުރަމުން ދިޔައެވެ.

"ފައި ހަރަކާތް އެބަ ކުރެވޭތަ؟ " ސަބީނާ ގަޒަލްގެ ފައިގާ އަތްޖައްސައިލިއެވެ. ގަޒަލް މަޑުމަޑުން ފައިތިލަ ހިއްލައިލަން އުޅުނެވެ. އަލްހަމްދުލިﷲއެވެ. ކޮންފަދަ އުފާވެރިކަމެއް ހެއްޔެވެ؟ އޭނަގެ ފައި ބަރާބަރެވެ. އެއްވެސް މައްސަލައެއް ނެތެވެ. ގަޒަލްގެ ލޮލުން ކަރުނަ އަންނާންފެށިއެވެ. މިފަހަރު އުފާވެރިކަމުގެ ކަރުނައެވެ. ގަޒަލް އޭނަގެ މަންމަގެ އަތުގައި ހިފަހައްޓާފައި އެނދުން ތެދުވުނެވެ. މަޑުމަޑުން ދެފައި އެނދުން ތިރިއަށް އެލުވާލައިފިއެވެ. އެންމެން ދެލޯބޮޑުވެ އެކަކު އަނެކަކަށް ބަލާލައިފިއެވެ. އޭނަގެ ބޭބެމެންނަށްވެސް ލިބުނު އުފަލާއެކު ގަޒަލް އުރާލެވުނެވެ. އެންމެންގެ އަތްމަތީގައި އޭނަ ގެންގުޅުނުއިރު ގަޒަލް އުފަލުން ހެމުންދިޔައެވެ. ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް އޭނަގެ އާއިލާއާ އެންމެ ގާތް އެކުވެރިޔާ ރެއިނާއާއި ހިއްސާކުރަމުން ދިޔައިރު ﷲސުބުހާނަހޫ ވަތައާލާއަށް އެތައް ފަހަރު ހަމްދުކުރިއެވެ.

ޖިންނިންގެ ސަބަބުން ހުރިހާ ބައްޔެއް ނުޖެހުނަސް މެޑިކަލީގޮތުން ސަބަބެއް ނުހޯދުމަކީ ޖިންނީގެ ސަބަބުން ދިމާވާ ބައްޔެއްކަން ކަނޑައެޅިގެން އެނގޭނެ ސަބަބެކެވެ. މިލާންއާއި ގަޒަލްގެ ކޭސް ތަކަކީ ޖިންނިންގެ ފަރާތުން ކުރިމަތިކުރުވި ގޯނާތަކެވެ.

***

ރެއިނާ ހައިރާންވީ އަންގާލުމެއްނެތި އައްމާދު ޖިބްރީލް ގޮވައިގެން ވެންކޫވާއަށް ފުރީމައެވެ. އައްމާދު ބުނީ ކޮންމެވެސް މީހަކަށް ރުގުޔާ ކުރަން ކަމަށެވެ. ޖިބްރީލް ރަގަޅަށް ދަސްނުވަނީސް އައްމާދު އެހެދީ ކިހިނެއްހެއްޔެވެ؟ ކައިޔާންވެސް އެކަމާއި އިންތިހާއަށް ރުޅިގަދަވިއެވެ. އެ ވާހަކަ އެންމެ ގަދަޔަށް ދެކެވުނީވެސް ބަގީޗާގައި ހަވީރު ކޮފީ ބޯން ތިބި ގަޑީގައެވެ.

"އައްމާދު މިކާ ދޫކޮށްނުލާނެހެން ހީވަނީ....." ސުފިޔާން ބުނެލިއެވެ.

"އެކަމަކު އޭނަގެ ދަރިއެއްވެސް ނޫނެއްނު. ހަގީގަތް އެނގުނީމަ އެކަން ގަބޫލުކުރާކަށް ނުޖެހޭތަ؟ ކުއްޖާ ހުންނަންވާނީ ޕޭރެންޓުންގާތު. މިގޭގައި......" ކައިޔާން ބުމަ ގޮށްޖަހައިލިއެވެ.

"މިކާ އައްމާދުއާއި ހެދި އުޅޭއިރު އެހެން ނުވާނެތާ.. ހީޒް ސޯ އެޓޭޗްޑް ޓު ހިމް..ނޫންތަ އެރޭވެސް ކިހާވަރަކުން އުޅުނީ.........." އިއާން ހަދާންކޮށްލަދިނެވެ.

"އައި ޑިސައިޑެޑް... އައްމާދުއާއި މެރީކުރަން ބޭނުމީ. އެނޫންގޮތެއްނެތް..." ރެއިނާގެ ޖުމްލައިން އެންމެންގެ ސަމާލުކަން އޭނައަށް ދަތުރުކުރިއެވެ. އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އައްމާދުގެ އަމަލު ހުރިގޮތުން އޭނައަށް މިކާއާއެކު އެނޫންގޮތަކަށް އުޅޭނެ ފުރުސަތެއް ނެތީއެވެ.

ކައިޔާންގެ ލޮލުން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ.

"ސީރިޔަސްކޮށް؟ ކީއްވެ ރެއިން.....ދޮގެކޭ ބުނެބަލަ. ޔޫ ކާންޓް މެރީ ހިމް. ކީއްވެ؟" ގަޒަލް ސިހޭގޮތްވިއެވެ.

"މިކާއަކީ އަހަރެންގެ ފުރާނަ. އެކުއްޖާއާއި ވަކިން ވަރަށް ދުވަސްވާންދެން ކެތްކޮށްފިން. ދުނިޔޭގައި ހުރިކަން އެނގުމަށްފަހު އައްމާދު ބޭނުންގޮތަކަށް ދުރުކުރުމުގެ ފުރުސަތު ދޭހިތެއްނެތް. އެހެންވެ ވަރަށް ވިސްނާފައި ހިތަށް އެރީ......" ރެއިނާ ނިކަން ހަމަޖެހިލައިގެން އިނދެ ކޮފީތަށީގައި ތުނބުޖެހިއެވެ.

"އައްމަދު އާއި ބެލާ އާއި ދޭތެރެއަށް ވަންނަން ތިއުޅެނީ؟ " ގަޒަލް ހައިރާންވިއެވެ.

"އައްމާދުވެސް މިކާއަށް ފައިދާ ހުރިގޮތަކަށް ވިސްނާނީ. ބެލާ އަދި މުސްލިމަކަށް ވީއެއްވެސް ނޫން. ވީމަ ހީވަނީ..........................................." ރެއިނާ އެއްޗެކޭ ބުނަން އުޅުނެވެ.

"ރެއިން. ތީ ހަމަ ރެއިންތަ؟ ގަބޫލެއްވެސް ނުކުރެވޭ..."

"ޖީޖީ. އެހެން ގޮތެއް ނެތީމަ.."

"ކައިއާއި މެރީކޮށްގެން ގާނޫނު މެދުވެރިކޮށް މިކާ ގެނެވިދާނެ.." ގަޒަލް ލަފާ ދިނެވެ.

"ސޮރީ ޖީޖީ ޑާލިން. ތިކަމެއް ނުވެވޭނެ.." ކައިޔާން ލޯ އަޅައިލީ ރެއިނާއަށެވެ.

ސުފިޔާންއާއި ސަބީނާ ބޭނުންވަނީ ހުރިހާ ފަރާތެއް ވާހަކަދައްކައިގެން ހައްލު ހޯދުމަށެވެ. އެހެން އަންހެންކުއްޖަކު އައްމާދުގެ ކައިވެނި ކުރެވިއްޖެއްޔާ ޖިބްރީލް އެމީހުން ގާތަށް އަނބުރާ ގެނައުން ފަސޭހައެއްނުވާނެއެވެ. ހުރިހާ ކަމެއްގެ ހައްލަކީ ދުޢާއެވެ. އިސްތިޚާރާއެވެ. މާތްﷲ ތަގުދީރުގައި ލިޔުއްވާފައިވާ ކަމެއް ބަދަލުކުރެވޭނީ ދުޢާއަށެވެ. ވީއިރު ދުޢާއަށްވުރެ ބާރުގަދަ ހަތިޔާރެއް ނެތެވެ. ރެއިނާ ދުޢާކުރާވަރު ދެނެވޮޑިގެންވަނީ ހަމަ އެކަނި ހެއްދެވި ފަރާތެވެ. ކޮންމެވެސް ދުވަހަކުން އޭނަގެ ދުޢާ އިޖާބަކުރައްވާނެކަމުގެ އުއްމީދު ގެއްލުވާނުލައެވެ.

***

ޑިއުޓީއަށް ދިޔުމުން ގަޒަލްއަށް ސަޕްރައިޒެއް ލިބުނެވެ. އޭނަ ބަލިން ސަލާމަތްވިކަމަށްޓަކާ ކުޑަ ޕާޓީއެއް ބޭއްވުނީއެވެ. އެތައް ޒަމާނެއްވާންދެން ފުރޮޅުލީ ގޮނޑީގެ އެހީތެރިކަމުގައި ބަދެވިފައި އިނުމަށްފަހު މާތްﷲ އޭނައަށް ޝިފާ ދެއްވީއެވެ. ނިންމާލާފައި ގަޒަލްވެސް މިލާންއާއެކު ކާރަށް އެރިއެވެ. ކުރީއްސުރެ ހޮސްޕިޓަލް އެންމެނަށް މިލާންއާއި ގަޒަލްއަކީ ދެމަފިރިންކަން އެނގިފައި އޮތުމާއެކު ޑިއުޓީ ނިމިގެން އެކީ ގެއަށް އައުން މާ ކުރިއްސުރެ އާދައަކަށް ވެފައިވިއެވެ. މިއަދު ތަފާތަކީ ރެއިނާ އަވަދިނެތި އުޅޭތީ އެމީހުންނާއެކު ނާދެވުނުކަމެވެ. ގަޒަލްއާއި މިލާން ގެއާއި ހަމަޔަށް ދެވެންދެން ތިބީ ހިމޭނުންނެވެ. ސުފިޔަންމެން ކުރިން ދިރިއުޅުނުގެ ގެ ސޭލް އެޅުވިފަހުން ޖިންނި އަވަލާފައޭ ކިޔާވަރުން ގަންނާނެ މީހެއް ނެތިފައި ހުއްޓާ ނިކަން އަގުބޮޑުކޮށް އެގެ ގަތްކަން ގަޒަލްއަށްވެސް އެނގުނެވެ.

"މިގެއަށް ތިއައީ ކީއްކުރަން؟ " ގަޒަލް ކާރުން ފޭބިއެވެ.

"އަހަރެން މިގެ ގަތީ...." މިލާންގެ ޖުމްލައިން ގަޒަލް ލޯ ބޮޑުކޮށްލުމުން މިލާން އަތް އުފުލައިލިއެވެ. "ހާސްނުވޭ. މިގެއިން ޖިންނިންތައް ގޮސްފި. ދެން އުދަގޫކުރާކަށް ނާންނާނެ. ކުޑައިރު އުޅުނު ގެއާއި ހުރިހާ ހަދާންތަކާއި މެގްނޯލިއާ ގަސްތަކާއި ޓްރީހައުސްއާއި ވަކިވާހިތް ނުވީ. އެހެންވެ.... ގަޒަލް މިގެއަށް މޫވް ކޮށްފާނަންތަ؟ ޓު ލިވް ވިތް މީ............"

މިލާން ފަހު ޖުމްލަ ބުނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

"އަހަރެން......" ގަޒަލް ގެ ހާސްކަން އިތުރުވިއެވެ.

"ޕެނިކް މޯޑަކަށް ނުދޭ. ޖީޖީ ބޭނުންނުވަންޏާ އަންނާނެކަމެއްނެތޭ. އެކަމަކު އަހަރެން މިހާރު ދިރިއުޅެނީ މިގޭގައި..." މިލާން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ގަޒަލްވެސް ފަހަތުން ހިނގައިގަތެވެ. ޕޮޕީ މެރިގޯލްޑް ޑަންޑުލިއަން ކޯންފްލާވާ ބްލޫބެލް ފަދަ އަމިއްލައަށް ހެދޭ ވަލުތެރޭގެ މާތަކާއި ވިނަގަސްތަކުގެ ކުޑަ ޖަންގައްޔެއްހެން މެދުގޯތިއޮތްއިރު އަދިވެސް ޖިންނީގެ ދުނިޔެއެއްފަދައެވެ. ނަމަވެސް މިއީ އަމިއްލަ ތަނެއްކަމުގެ އިހުސާސްކުރެވުނެވެ. ގުދުރަތީ ރީތިކަމާއި އެކަނިވެރިކަމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެން ތަނެއް ކިތަންމެ ރީތިވިޔަސް ހުރިހާ ހަދާންތަކާއި ގުޅި އަމިއްލަވަންތަކަމެއް ކަމުގައި ނުދެކެވުނީ އެހެންވެއެވެ. ބޭރުތެރެ ޖަންގައްޔެއްފަދަ ވިޔަސް އަދި ގޭގެ ބޭރުގެ ޑިޒައިންއަށް ބަދަލެއް ގެނެވިފައި ނެތަސް އެތެރެއަށް ވަނުމުން ފަރުނީޗަރުތައް ބަދަލުކޮށްލާފައިވިކަން އެނގުނެވެ. ނަމަވެސް ވަރަށް ޗާލެވެ.

ގަޒަލް ސޯފާސެޓްގެ އަރާމުކަން ޗެކްކޮށްލުމަށާއި ވާޅުވެފައިވާ ދެފަޔަށް އަރާމެއް ދިނުމުގެ ގޮތުން ކައުޗްގައި ޖައްސައިލިއެވެ.

"ވަން މިނިޓް އިނގޭ..."

މިލާން ގޭތެރެއަށް ވަދެފައި އިރުކޮޅެއްނުވެ އޭނަގެ އަމިއްލަ ބްރޭންޑް ޖީމިން އައިސްކްރީމް ޓައްޕެއް ގެނެސް އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ. އަދި ވައިލެޓްކުލައިގެ ކުޑަ ޑައިރީއެއްވެސް ގަޒަލްގެ އަތަށް ދިއްކޮށްލިއެވެ. "ގުޒްގެ ޑައިރީ. ކިޔާލައްޗޭ."

އައިސްކްރީމް ތަށި ހުސްކޮށްލުމަށްފަހުވެސް އާލާކެނޑުނުކަމަކަށް ނުވިއެވެ.

"އައި ތިންކް އައިމް އެޑިކްޓެޑް..އެކަމަކު ވަކިވަރަކަށް ނު ކާން ޖެހޭނީ.." ގަޒަލް ގެ ސަމާލުކަން ހުއްޓުނީ ގުޒްލާންގެ ޑައިރީއަށެވެ. ކިޔަން ނުކިޔަން އޮވެފައިވެސް ހުޅުވާލުމާއެކު ހިތް ތެޅިގަތީވަކި ގޮތެއް ބަލާފައެއް ނޫނެވެ. ގުޒްލާންގެ އަތު ލިޔުމާ މި ފޮތަކީ އޭނައަށް އާ އެއްޗެއް ނޫނެވެ. މިއީ އޭނަ ގުޒްލާންގެ އުފަން ދުވަހު ދިން ހަދިޔާއެކެވެ. އެ ޑައިރީ ކިޔާ ނިމުނުއިރު ގަޒަލްއަށް ރަގަޅަށް ރޮވިއްޖެއެވެ. ގުޒްލާންގެ ޑައިރީ ކިޔާލި ކޮންމެ މީހަކަށް ޖިނާސްއައި މިޒެފްއާއި ބެހޭގޮތުން އޭނައަށް ތަޖުރިބާ ކުރެވުނު ކަންތައް ގަބޫލުކުރެވޭނީ ނަފްސާނީ މައްސަލައެއްކަމުގައެވެ. ގުޒްލާންގެ ޚިޔާލީ އުފެއްދުންތައް ކަމުގައެވެ. ކުޑަކުއްޖެއްގެ އެ ޑައިރީގައި އެވާ ޖިނަސް އަދި މިޒެފްމެންނަކީ އެހެން މީހުންގެ ލޮލަށް ވަންހަނާވެފައިވާ ބަޔެކެވެ. ނަމަވެސް އެމީހުން ގުޒްލާންއަށްވެސް ހާދަ ގޯނާކޮށްފިއެވެ. އެންމެފަހުން މަރުވީވެސް އެމީހުންގެ ޝިކާރައެއްގެ ގޮތުގައެވެ. ނަންވީ މިލާންއެވެ. މިލާންގެ ހަށިގަނޑުގެ ތެރެއަށްވަދެ އެމީހުން ލައްކަ ކުޅިގަނޑެއްކުޅެފިއެވެ. ކޮންމެ ގޮތެއްވިޔަސް އެ ކުޑަ ގުޒްލާންގެ ހިތުގައި ގަޒަލްއަށްޓަކާ އަދި މިލާންއަށް އޮތް ލޯބިވެސް ހާމަވިއެވެ. މިއިން އެއްވެސް ކަމެއް އޭނަ ގަޒަލްއާއި ހިއްސާނުކުރީ ގަޒަލް ބިރުގެންފާނެތީއެވެ. ގަޒަލްއަށް އަނިޔާނުކުރަން ދެރަނުކުރަން އޭނަ ޖިނާސްމެން ގާތު އާދޭސްކުރާ ވަރު ލިޔެފައިވިއެވެ. އޭނައަށް މިލާންއާއި ގަޒަލްގެ އޮންނަ ގާތް ގުޅުން ކޮންމެވެސް ދުވަހަކުން ކައިވެންޏަކަށް ބަދަލުވާނެކަމުގެ އުއްމީދު ކުރެވޭ ކަމަށާއި މިލާންއަކީ ޅިޔަނެއްގެ ގޮތުގައި ބަލައިގެންފައިވާނެ ކަމުގައިވެސް އޮތެވެ. ގުޒްލާންގެ ހުރިހާ ސިއްރުތައް އެ ޑައިރީ މިހުރިހާ ދުވަހު ހިމާޔަތްކޮށްދިނެވެ. ގަޒަލް އެ ޑައިރީ މޭގައި ޖައްސާ ބާރުކޮށްލިއެވެ.

ބޯކޮށް ވާރޭވެހޭ މަންޒަރު ބިއްލޫރި ދޮރުތަކުން ފެނުނެވެ.

ގަޒަލް ގެ ނޭފަތުގައި ޖެހުނު މީރުވަހަކުން ކުޅުދިޔާވިއެވެ. ޕަމްޕްކިން ޕައިއެއްފަދަ އެއްޗެއް ފިހޭވަހެވެ. މަޑުމަޑުން ހިނގާލާފައިގޮސް ބަދިގެއާއި އަރާ ހަމަވީއިރު މިލާން އިތުރު ފޮނި އެއްޗެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. ތަފާތުވައްތަރުގެ ކްރީމާއި ބަޓަރ ޗީޒް ބިހާއި އެއްޗެހި އަތުރާލާފައި ހުއްޓެވެ.

"ޑައިރީ ކިޔާ ނިންމާލައިފިން. މިހުރިހާ ދުވަހު ނުވެސް ބުނީމެއްނު..."

"ތީގައި ހުރި ޖިންނިންގެ ވާހަކަތައް ގަބޫލު ނުކުރެވުނީ. ހީކުރެވުނީ ގުޒްގެ އިމެޖިނޭޝަންކަމަށް. ހެލުސިނޭޝަންއާއި އެކަހަލަ ކަންތައް.................."

"އެކަމަކު ޔޯ ފީލިންގްސް.. ހަމައެކަނި ގުޒްއާ ޝެއާކުރީ..." ގަޒަލްގެ މޫނަށް ރަތްވެގެން ދިޔައީ މިލާންގެ ތޫނު ނަޒަރު ހުއްޓުނުގޮތުންނެވެ. އެ ލޮލުގެ ރީތިކަމާއި ފުންކަން ގަޒަލްގެ ހިތުގެ ފުންމިނަށް ލޯބީގެ ތީރުތައް ހަރައިލާ މުޅި ހަށިގަނޑަށް ފަތުރުވާލި ލޯބީގެ ލައްޒަތުން ބަޔާން ނުކުރެވޭފަދަ ފޮނި އިހުސާސްތަކެއް ލިއްބާދިނެވެ. ފުރަތަމަ ފަހަރަށް މިލާން ދެކެ ލޯބިވެވިއްޖެކަމަށް ގަޒަލްއަށް ގަބޫލުކުރެވުނެވެ. މިލާންއާއި ދިމާވި އުދަގޫ ހާލަތްތަކާއިމެދު އޭނަގެ ހިތް ހަމްދަރުދީއިން ފުރުނުއިރު އޭނަވެސް މުސީބާތެއްގައި އުޅުނެވެ. މުޅިންވެސް ޖިންނިންނާއިހެދިއެވެ. މިލާންގެ ކުށެއްނެތި އެންމެން ކަންތައްކުރި އިހާނެތިގޮތަށްފަހުވެސް މިލާންގެ ވަނީ ބޮޑު ހިތެކެވެ.

ގަޒަލް ދެވަނަ ސިކުންތުކޮޅުގައި ގޮސް މިލާންގެ ހަށިގަނޑުގައި އަތް ވަށާ ބާރުކޮށްލައިފިއެވެ.

"ވަރަށް ގިނަ އަހަރުތައް ވޭސްޓްކޮށްލެވިއްޖެ. ހަގީގަތް އެނގުމަށްފަހު އެންމެ ސިކުންތުކޮޅެއް ގެއްލުވައިލުން މޮޔަކަމަކަށްވާނީ. ކޮންފެސް ނުކޮށް ހުއްޓާ މަރުވެސް ވެދާނެ. ޔޫ އާ ﷲގެ ބްލެސިންއެއް....." ގަޒަލް ލޯބިވާ ވާހަކަ ބުނެލިގޮތަށްވުރެ އެ ލޮލުގެ ވިދުމާއި ބަސްމޮށުން މިލާންއަށް މާ ގިނަ އެއްޗެހި ބުނެދީފިއެވެ. ބެލްއަޅައިލި އަޑަށް މިލާންއަށް ކޮން ބަޔެއްކަން އެނގުނީފަދައެވެ.

"މަންމައާއި ބައްޕަ އަދި ދޮންބެއަށްވެސް އިންވައިޓްކޮށްގެން މިއުޅެނީ..އެހެންވެ ހުރިހާ ކުދިންނަށް އެއްޗެއް ކައްކައިލަނީ. އެކަމަކު ޝެފް ކައިރީ ބައިވަރު އެއްޗެހި ގެންނަން ބުނެގެން މިހިރީ....." މިލާން ހީލިއެވެ.

"ބައްޕައޭ؟ "

"ޖީޖީއަށްވެސް ބައްޕަގެ އެހެން ވައިފްއަކާއި ކުދިން ތިބޭކަން އެނގެއެއްނު. ބައްޕަ ޝީއަ މަޒުހަބާއި ދެކޮޅުވުމުން އޭނަ ބައްޕައާއި ވަކިވީ. އެންމެފަހުން މަންމައާއި ގުޅުނީ. ޕާސްޓްގައިވީ ހާ ކަމަކަށް މާފުކޮށްފައި އަލުން އާއިލާއާއެކު އުޅެން ބޭނުންވީ. މާޒީގައި ހިފަހައްޓައިގެން އަބަދަކު ނޫޅެވޭނެދޯ....ލެޓްސް މޫވް އޮން ދޯ.." މިލާން ގަޒަލްގެ ނިތުގައި ބޮސްދިނެވެ.

ސިއެރާއާއި އުމަރު އަދި ލިވާއީއަށް އެދެކުދިން އެކީގައި ފެނުމުން ގޮސް ބައްދައިލެވުނެވެ.

"ވަޓް އެ ސަޕްރައިޒް....." ލިވާއީވެސް ލޯ ބޮޑުކޮށްލިއެވެ.

"އަޅުގަނޑުވެސް މިހިރީ ހަމަ އެހާ ހައިރާންވެފައި...." ގަޒަލްވެސް ހިނިތުންވެލިއެވެ. އެންމެން އެންމެނަށް ބައްދާލާ ސަލަމްކުރުމަށްފަހު އެކުވެރިކަމާއެކު ވާހަކަދައްކަން ތިބެފައި ސިއެރާއާއި ގަޒަލް އެކަނިވެރިވިއެވެ.

"ކުއްލިއަކަށް މިލާންއާއިމެދު އާންޓް ހިތް ބަދަލުވީ ކީއްވެތަ؟ ކުރިން އެހާ ހޭޓްކޮށްފައި..." ގަޒަލް ސުވާލުކުރިއެވެ.

"އެހެންވާނެއްނު. މިލާން ފެނުމުން ހަމަ އުމަރު ހަދާންވީ. އުމަރު ދިން ކެހީގެ ބަދަލުގައި ކުށެއްނެތް ކުއްޖަކު ދެކެ ރުޅި އާދެވި ނަފްރަތު އުފެދި އަމިއްލަ ދަރީގެ މައްޗަށް ކުލުނެއްނެތް މީހަކަށް ވެވުނީ. އާންޓްއަށް އުޅެވުނުލެއް ގޯސްވީ. ހެޔޮ ހިތަކުން ތައުބާވެ މާތްﷲއަށް ދުޢާ ދެންނެވީ. ދެން ޖީޖީ ބަލާލަބަލަ. އަލްހަމްދުލިﷲ. އުމަރުވެސް ޝީއާއިން އެ ގަބޫލުކުރާ ފާސިދު ކަންތައްތަކާއި އެއްޗެހިން ދުރުވެ އެންމެ ފަހުން އާންޓްގާތަށް އައީ. އާންޓް ފައިސާއާއި މުދަލާހެދި ވަރަށް އުޅުނިން. ހަގީގަތުގައި އާންޓްއަށް ވިސްނިއްޖެ. މުދަލާއި ފައިސާއަށްވުރެ މުހިއްމު އެއްޗަކީ ދީން. އަދި އާއިލާއާއި ލޯބި. އެކުވެރިކަމާއި ގުޅުން. ދުނިޔަވީ ކުރު ހަޔާތުގައި އެމީހެއްގެ އަޖަލު ޖެހެންދެން ލޯބިވާ މީހުންނާއެކު ލޯބިން އުޅުން. ވަގުތު ދިނުން. މަންމައަށް މިލާންއާއިމެދު ވަރަށް އިހާނެތިކޮށް ހިތިއްޖެ. ލިވާއީއާއި ދެކުދިން ވަރަށް ތަފާތު ކުރެވިއްޖެ. އެކަމާ ވަރަށް ހިތާމަކޮށްފިން. މިލާން ނެގްލެކްޓް ކުރެވުނީ ވަރަށް ބޮޑަށް އެކަމުގެ ބަދަލު މާމައާއި ކާފައަށް ދޭން އޮތްގޮތަކީ ސަދަގާތްކޮށް ގިނައިން ހެޔޮ ދުޢާކުރުން. ހެޔޮ ދުޢާކުރާނެ ސޯލިހު ދަރިއެއް ހުރުމަކީ މައިންބަފައިންގެ ނަސީބެއް..." ސިއެރާ ވާހަކަދައްކަމުންގޮސް ލޮލުން އައި ކަރުނަ ތިކި ފޮހެލައިފިއެވެ.

"ޑޯންޓް ކްރައި ޕްލީޒް. މިލާންގެ ހިތް ހެޔޮވާނެކަން ޔަގީން..." ގަޒަލް އޭނަގެ ބޮޑުދައިތަގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

***

ޖިބްރީލް ރެއިނާއާއިއެކު ކުޅެން ބަގީޗާތެރޭ އުޅެނިކޮށް އައްމާދު ބަލާ އައެވެ. ޖިބްރީލް ދުވެފައިގޮސް އައްމާދުގެ އުރަށް އެރިއެވެ. އެހާ ބޮޑު ކުއްޖަކު އެގޮތަށް އުރާލާފައި ދޮންދޭތަން ފެނުމުން އައްމާދުގެ ހިތުގައި ޖިބްރީލްއަށް އޮތް ލޯބީގެ ބޮޑުކަން ހާމަވެއެވެ. ރެއިނާ އައްމާދުގެ ކުރިމަތީގައި ހުއްޓުނެވެ.

"އައްމާދު. އަހަރެން ބޭނުން މިކާ. އެކަން ވާން އޮތީ އައްމާދުއާއި މެރީކޮށްގެން ވިޔަސް ހެޔޮ...."

"ސޮރީ ރެއިނާ. އެހެންކުއްޖެއްގެ ގާތު ކައިވެނި ކުރާނެކަމުގައި ބުނެ ވައުދުވެފައި އޭނަގެ ރުހުން ނެތި ދެ އަންބަކަށް ނީދެވޭނެއްނު ދޯ. ޖިބްރީލްއަކީ ކައިޔާންގެ ދަރިއެއްކަން އެނގުނުއިރުން ފެށިގެން އެންމެ ރަގަޅުގޮތަކާއިމެދު ވަރަށް ވިސްނިން. ޖިބްރީލްއަށް އެންމެ ރަގަޅުވާނީ ހަގީގީ ޕޭރެންޓުންނާއެކު އުޅުނީމަ. އެހެންވެ ކައިވެންޏަށްފަހު އަހަރެމެން އަވަށްޓެރިންގެ ގޮތުގައި އުޅެމާ. ދީނީ ނަޒަރަކުން ބަލައިލިޔަސް ޖިބްރީލްގެ ހަގީގީ މައިންބަފައިންނަށް އޭނަގެ ހައްގު އޮންނާނީ...." އައްމާދު ކިތަންމެ ދެރަވެފައި ހުއްޓަސް މަސްލަހަތަށް ބެލިއެވެ. " ހީޒް މައި އެވްރީތިން އެކަމަކު....ފަހަރެއްގައި އަހަރެމެންނަށް އަންހެންދަރިއަކު ލިބިއްޖެއްޔާ ޖިބްރީލް ކޮންމެވެސް ދުވަހަކުން ދަރިއަކަށް ވެވިދާނެ..."

އައްމާދު ކުޑަކޮށް ހެމުން ބުނެލިއެވެ.

***

ކައިޔާން ބެލްކަނީގައި އެ މަންޒަރު ބަލަން ހުރެފައި ގައިން ހުޅު ރޯވިއެވެ. އައްމާދުއެއް ކަމަކު އޭނަގެ ދަރިފުޅުގެ މައްޗަށް ވެރިވެގަނެ އަދި ރެއިނާގެ ހިތުގައި މިހާ ދުވަހު ރައްކާކޮށްފައިވާ ލޯބި ފޭރިގެން ދިޔަކަ ނުދޭނެއެވެ. އައްމާދު ޖެހޭނީ ދުރަށް ދާށެވެ. އޭނަ ރެއިނާއާއި ކައިވެނި ކުރާނެއެވެ. ކޮންމެ އަގެއް ދީގެންވިޔަސް ހެވެވެ.

ރެއިނާ މާގަސްތަކަށް ފެންދޭން ހުއްޓާ ކައިޔާން ކައިރިއަށް އައެވެ. އައްމާދުއޭ ކިޔައިގެން ޒުވާބެއް ކުރަން އުޅެފައިވެސް ކައިޔާންގެ ހިތުގައިވާ ހަސަދައިގެ ހުޅު ނިވަން މަސައްކަތްކުރިއެވެ.

"މެރީ މީ ރެއިނާ..." ކައިޔާން ބުނެލިއެވެ.

"ވަޓް؟ " ރެއިނާގެ އަތުގެ ހަރަކާތަށް ހުއްޓުން އެރިއެވެ. އެނބުރި ބަލައިލެވުނީ ލަސްލަހުންނެވެ.

"އަހަންނަށް އެނގޭ ކޮންމެހެން ރެއިނާއާއިހެދި މޮޔަވެގެން ނޫނީ ލޯބިވެގެން ނޫންކަން މި ކަމެއްކުރަން ބޭނުންވީ. ދަރިފުޅުގެ ހައްގުގައި. މިކާއަކީ އަހަރެންގެ ލޭ. އަހަރެންގެ ހަށިގަނޑުގެ ބަޔެއް. ހަގީގަތަކީ އަހަރެންގެ ހިތުގައި އަބަދުވެސް ކުދިންނަށްޓަކާ ލޯބި އުފެދިފައިވާކަން. ކުދިންނާއިހެދި ވަރަށް އުޅެވޭ. ރެއިނާ އެދުވަހު ބުނީމަ އަހަންނަށް އަސްލު ގަބޫލެއްވެސް ނުކުރެވުނު.އެނީވޭސް ރެއިނާ އަހަންނާއިހެދި އުޅޭކަން އެނގޭ. އެހެންވެ ހިތަށް އެރީ ފުރުސަތެއް ދޭނީއޭ. އެކީ އުޅުނީމަ އަހަރެންގެ ހިތްވެސް ބަދަލުވެދާނެ. ކޮންމެވެސް ދުވަހަކުން. މިވަގުތު ބޭނުމީ މަންމައާއި ބައްޕައެއްގެ ލޯބި ދީގެން މިކާ ބޮޑުކުރުން. އަހަންނަށް ހުރިހާ ކަމަކަށްވުރެ މިކާ މުހިއްމުވެއްޖެ. ބައްޕައަކަށް ވުމަކީ ކޮންފަދަ އުފާވެރި އިހުސާސްތަކެއްކަން އެނގުނީ މިކާ ފެނުނީމަ...ރެއިނާ ބުނެބަލަ. މެރީކުރާނަންތަ؟ "

"އަލްހަމްދުލިﷲ.............." ރެއިނާ ހިތާހިތުން ކިޔައިލިއެވެ. އުޑާއި ދިމާލަށް ބަލައިލަމުން ލޯ މަރައިލިއިރު އެސްފިޔަތަކުން ތިރިއަށް ކަރުނަ ތިއްކެއް ދެމިގަތެވެ. އޭނަގެ ހިތް އުފަލުން އާސްމާނުގައި އުދުހިގަތެވެ. އޭނަ އުފަލުން އަނބުރައި ނުގަތީ ކިރިޔާއެވެ. ނޫނީ ފައިވެސް ކަކުލު ހުޅުން ވާގިދޫވީއެވެ. ބަނޑުގައި ކޮކާތައް އުދުއްސައިގަތެވެ. އޭނަގެ ދުޢާ އެތައް އަހަރުތަކަށްފަހު އިޖާބަކުރައްވައިފިއެވެ. ދެވަނަފަހަރަށް އެންމެ ލޯބިވާ އިންސާނާއާއެކު ހަޔާތެއް ފެށުމުގެ ނަސީބު ލައްވައިފިއެވެ. ނަމަވެސް އެހާ އަަވަހަށް ކައިޔާންއަށް އާއެކޭ ބުނާވަރަށްވުރެ އޭނަ ދެރަކޮށް ހިތުގައި ޖައްސައިފި ނޫންހެއްޔެވެ؟ އޭނަވެސް ކައިޔާން ތަޅުވާލާފައި ނޫނީ އެއްބަސްނުވާނީއެވެ.

***

ކައިޔާންއާއި ރެއިނާ އަދި އައްމާދުއާއި ބެލާގެ ކައިވެނި ކުރެވުނީ އެކީގައި ކަހަލަ ގޮތަކަށެވެ. ކައިޔާންއާއި އައްމާދުވެސް ދިރިއުޅެން ޚިޔާރުކުރީ މިލާންގެ ގޭގެ ކައިރީގައެވެ. އަވަށްޓެރިންގެ ގޮތުގައި އުޅެން ޚިޔާރުކުރީ ޖިބްރީލް އުފާކޮށްދިނުމަށެވެ. ރެއިނާއާއި ގަޒަލްވެސް އެކީ އުޅެން ބޭނުންވާތީއެވެ. ޖިބްރީލް ރެއިނާއާއިމެދު މަންމަ ކަމުގައި ދެކުނަސް އޭނަ ކައިޔާންއާއި އަދިވެސް އެހާ ދުރެވެ. ކައިޔާންއަށް ވިސްނުނީ ދަރިފުޅުގެ ހިތް އަތުލަން މަސައްކަތް ކުރަން ޖެހޭނެ ވަރެވެ.

***

ގަޒަލް އާއި މިލާން ފެންޑާގައި ތިބިއިރު އެތައް ހާސް ދޫނިތައް ޖައްވު ފުރާލާފައިވަނިކޮށް ފެނުނެވެ. މިލާން ބުނީ ފިނި މޫސުމް އަންނާތީ ހިޖުރަކުރަނީ ކަމުގައެވެ.

"ކޮބާ ސަޖަލް؟ އަންކަލް އުމަރު ސަޖަލްއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާތަ؟ "

"ސަޖަލް މެރީކުރަން އުޅެނީ...."

"އައުޗް...." ގަޒަލްގެ ހިތަށް ކުޑަ ތަދެއްވިއެވެ. އޭނަގެ ބޭބެ ކައިޔާން މިކާއަށްޓަކާ އެ ދަރިފުޅުގެ މަންމައާއި ކައިވެނި ކުރަން ނިންމިޔަސް އެހިތުގައި އަދިވެސް ވަނީ ސަޖަލްއެވެ. ކައިޔާންގެ ސިފަ ގެއްލުމުން ހުރިހާ އަންހެންކުދިން ފޫހިވީ ބާވައެވެ. ބޭރުފުށުގެ ރީތިކަމުން ހުންނާނީ ކޮން އުފަލެއްހެއްޔެވެ؟ހާދަ ދެރައެވެ. ސަޖަލް ކައިވެނި ކުރަން އުޅޭކަން އަދި ކައިޔާންއަށް ނުވެސް އެނގޭނެއެވެ.

"ސަޖަލް އަދިވެސް ހަމަ ކުއްފާރެއްގެ ގޮތުގައި އެހެރީ ދޯ...."

"އެމީހުން ގަބޫލުކުރާގޮތުގައި މުސްލިމުން. ސަޖަލް އެ ފެމިލީއާއިވެސް ވަކިން ކޮރެއާގަޔޯ ދިރިއުޅެނީ.... ތަފާތު ވައްތަރު ކުދިން އުޅޭނެ.......އަޅާނުލާ. ކައިއަށް އެލިބުނީ މާ ރަގަޅު ކުއްޖެއް މާޝާﷲ. އެހެންނޫނަސް ދަރިފުޅުގެ މަންމަ ވީމަ އެންމެ ރަގަޅަށް އެވީ..ހުރިހާ އެންމެނެއް ޕާފެކްޓްނުވެ ހިނގައިދާނެ.." މިލާން ގަޒަލްގެ އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔައެވެ.

"ކައި ލޭޒަ ސާޖަރީ ހެދީމަ ކުރިއެކޭ އެއްވަރަށް ރީތިވާނެ. ކުޑަކޮށް ތުނބުޅި ބެހެއްޓީމަ ކުރިއަށްވުރެ މާ ހެންޑްސަމްވާނެކަން ޔަގީން. ސަޖަލް އަދި ފަހުން ހިތާމަ ކުރާނެ...ވަރަށް ހަޑިކޮށް ވާހަކަ ދެއްކީ. ކިހާ ފޫހި....ރިމެމްބާ؟ މިލާންވެސް ހުރީމެއްނު.........އޯ.....ބެކްބައިޓް ކުރާކަށް ނުވާނެ. ގޯސްކަމެއް މިކުރެވުނީ. އެހެން މީހުންގެ ވާހަކަ ނުދައްކަން ހުންނަނީ.......ސަޖަލްގެ ނެފިއު އެއް އެކަމަކު މަގޭ ލަވް ކިހާ ސްވީޓް........" ގަޒަލް މިލާންގެ މޭގައި ބޯ އަޅައިލިއެވެ. " އަލްހަމްދުލިﷲ. ފޯ އެވްރީ ސިންގަލް ބްލެސިން....."

***

ފިނިމޫސުމްގެ ފުރަތަމަ ސްނޯ ފައިބައިގަތް ދުވަހު ޖިބްރީލްއަށް ނިކަން މަޖާވިއެވެ. އަލަށް ސްނޯ ފެނުމުން ޖިބްރީލް ގެއަށް ވަންނަ ހިތެއްވެސް ނުވިއެވެ. ރެއިނާ ޗޮކްލެޓް ތަށްޓެއް ހިފައިގެން ނުކުތްއިރު ޖިބްރީލްއާއި ކައިޔާން އަދި އައްމާދު އުޅުނީ ޖިބްރީލާއެކު ސްނޯމޭނެއް ހެދުމުގެ މަސައްކަތުގައެވެ. ސްނޯގެ ދޫލައިން ދުރުދުރަށްދާންދެން ހުދުކޮށްލާފައިވުމުން ޖިސްމާއި އެއްވަރަށް ހިތްތަކަށް ފިނިކަން ގެނެސްދެއެވެ.

"ރެއިނާ. އަހަރެމެންނަށް ކޮފީއެއް ނުދޭނީތަ؟" ކައިޔާން އެހިއެވެ.

"ތައްޔާރުކުރަނީ....." ރެއިނާ ހީލިއިރު ހުދު ދަތްތައް ސްނޯކޮޅެއްފަދައެވެ.

ކައިޔާންގެ އެ ތޫނު ނަޒަރުން ރެއިނާގެ ފައި އޮޅޭގޮތްވިއެވެ. ކައިޔާންގެ ލޭޒާ ސާޖަރީތަކަށްފަހު އޭނަގެ ބުމަ ކުރިން ހުރިވަރަށް ގަދަވެ އިސްތަށިގަނޑުވެސް ވަރުގަދަވެ ރީތިކަން އިތުރުވިއެވެ. ތުނިކޮށް ކޮށާލާފައިވީ ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން ދެގުނަ އިތުރެވެ. ސަޖަލް އޭނަގެ އަމަލާއިމެދު ހިތާމަ ކުރާނެކަން ޔަގީނެވެ.

ކައިޔާންއާއި ރެއިނާ އެހެން މީހުންގެ ކުރިމަތީގައި ރީތިކޮށް ވާހަކަދެއްކިޔަސް އަދިވެސް ދެމަފިރިން އެކަނިވެއްޖެއްޔާ "ޓޮމް އެންޑް ޖެރީ" އެކޭ ތަފާތެއް ނުހުރެއެވެ. ކައިޔާން ގެ މިޒާޖު އެއްވެސް ވަރަކަށް ބަދަލެއްނުވިއެވެ. ހަމަ އެ ޖެއްސުމާއި ގޯނާތަކެވެ. ކައިވެންޏަށްފަހު ކައިޔާން ބަދަލުވެދާނެކަމަށް ރެއިނާ އުއްމީދުކުރިއެވެ. އޭނައަށް ވެވުނު ވަރަކުން ޚިދުމަތްކޮށް ދިނަސް ކައިޔާން ގަބޫލުކުރާހެނެއް ހިޔެއް ނުވެއެވެ. ދުވަހަކު އެހިތުން ސަޖަލް ނޫން މީހަކަށް ޖާގަ ނުދޭނީކަން ނޭގެއެވެ. ރެއިނާ ދާން ހިނގައިގަތުމުން ކައިޔާންއަށް އެސްފިޔަ ޖަހާނުލާ ބަލަން އިނދެވުނެވެ.

"ކައި. ސާބަހޭ...."

"އެސްފީނާ ޖެހިދާނެ ދޯ. ހިތަށް އަރާ ކޮންފަދަ ރަގަޅުކަމެއް ކުރެވިގެން ބާވައޭ އަހަންނަށް އެފަދަ ރަގަޅު ކުއްޖެއް ލިބުނީ. އަހަރެންހާ ނަސީބު ރަގަޅު މީހެއް މި އުޑު ހިޔާދަށަކު ހުރިކަމެއް ނޭގޭ. ފިރިހެނަކަށް ލިބޭނެ އެންމެ ރަގަޅު ކެތްތެރި ވައިފްކަން ނޭގޭ. އައްމާދުފަދަ ސާލިހު ޝޭޚަކަށް ރުގުޔާ ކޮށްގެން ވެސް މިހާ ރަގަޅު ބައިވެރިޔެއް ނުލިބުނެއްނު. އެކަމަކު އައްމާދު ކިހިނެއް މިކާގެ ހިތް އަތުލީ؟ ކޮންކަހަލަ ދުޢާއެއް ކުރަންވީ؟ އަހަންނަށްވެސް ދަސްކޮށްދީބަލަ. މިކާއާއި އަދިވެސް ބޭނުންވާ ފަަދަ ގުޅުމެއްނެތް. އަމިއްލަ ދަރިފުޅު އެހާ ދުރުން އުޅޭތީ ވަރަށް އުދަގޫވޭ....." ކައިޔާން ގަހުގައި ބުރަކަށި ޖައްސާލައިގެން އިންއިރު ލޮލުން ތަފާތު އަސަރެއް ފެނުނެވެ.

"ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބެލުމުން މާތްﷲ ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގަންނަވާކަމުގައި ބުޚާރީ ހަދީސްގައިވޭ. ވީމަ އެސްފީނާއެއް ނުޖެހޭނެ ކައި. ރުގުޔާ ކުރިޔަސް އަދި މާތްﷲ ގެ ހަޟުރަތުގައި އެންމެ ތަގުވާވެރިކަން ބޮޑު މާތް މީހާއަކީ ކާކުކަން ނޭގި ހިގައިދާނެ. ކައި އަދި ތަގުވާވެރިވާނެ ވަރު އަހަރެމެންނަށް އެނގޭނީ ކިހިނެއް؟އެހެންވީމަ ކައިއަށް ސޯލިހު އަންބަކު ލިބުމަކީ އަޖައިބުވާވަރު ކަމެއްނޫން. ބެލާއާއި ރެއިނާ އަދި ތަފާތު ހުރެދާނެ. ބެލާ އިސްލާމް ދީނަށް ވަނީ ދީން ރަގަޅަށް ދަސްކޮށްގެން ގުރުއާންވެސް އެއްކޮށް ތަރުޖަމާ ކިޔާފައި. އަލަށް ދީނަށް ވަންނަ ކުދިން ބައެއްފަހަރު މާ އަޅުވެރިވާ ފަހަރުވެސް އާދޭ. ބެލާވެސް އަދި ސޯލިހު އަންބަކަށްވާނެ އިންޝާﷲ. އެބައުޓް މިކާ. ކައި ތިއީ ބައްޕަ. އަދި މިކާގެ ހިތުގައި ބައްޕައަށްޓަކާ ލޯބި އުފެދޭނެ. ސަބުރާއި ބެހޭގޮތުން ވަރަށް ދިގުކޮށްވާހަކަ ދެއްކިދާނެ. އަދި ހަމްދުކުރުމަކީ ރީތި ސިފައެއް. ކައި ދުޢާކުރޭ. މިކާގެ ހިތުގައި އަހަންނަށްޓަކާ އޮތް މަގާމާއި ލޯބި އަދި ކޮންމެވެސް ދުވަހަކުން އިންތިޒާރާއި ކެތްތެރިކަމުގެ މޭވާ ފޮނިވާނެ. އަހަންނަށް އެހެން ދަރިން ލިބުނަސް މިކާއަށް ވުރެ ބޮޑަށް ލޯބިވެވޭނެކަމެއް ނޭގޭ. އެޑޮޕްޓްކުރުމުން ދަރި ކުލުނު ޖެހޭދޯ......." އައްމާދު ވެސް ޖިބްރީލަށް ބަލައިލިއެވެ.

"ބައްޕާ...ލުކް.........ސްނޯފޯލިން...." ވެހެމުން ދިޔަ ސްނޯ އަށް އަތްދިއްކޮށްލަމުން ޖިބްރީލް ޖޯޝާއެކު ހަޅޭއްލަވައިގަތެވެ. އަދި ދުވަމުން އައިސް އައްމާދުގެ އަތުތެރެއަށް ވެއްޓިގަތެވެ.

"މިކާ.ޑޭޑް ހީކަރުވަނީ. ހަގް އެއް ނުދޭނަންތަ؟ " ކައިޔާން އެހިއެވެ.

"އޯކޭ....." ޖިބްރީލް ކުޑަކޮށް ލަދުން ހުރެ ކައިޔާންގެ ކަނދުރާގައި އަތް އަޅުވާލިއެވެ.

"ޑެޑީ އާއި ދުވަހަކު ފްރެންޑް ނުވާނީތަ؟ އޭނ...."ކައިޔާން ޖިބްރީލްގެ މޫނުގެ އެތަން މިތާ ބޮސްދެމުން ބައްދާލިއެވެ. އަދި ގިލިގިލި ކޮށްޓައިލިއެވެ. ޖިބްރީލްގެ ހުނުމުގެ އަޑު މިއުޒިކެއްހެން މާހައުލުގައި ހިފައިލިއިރު އައްމާދުވެސް ހިތްހަމަޖެހިފައި ބަލަން އިނެވެ. ކައިޔާންގެ ކުށުގެ ކައްފާރާއަކީ އިންތިޒާރުކުރުމެވެ. ކެތްކުރުމެވެ. ޖިބްރީލްގެ އެންމެ ގާތް އެކުވެރިޔަކަށް ވާން އަދި އެތައް ފިޔަވަޅެއް އަޅަން ޖެހެއެވެ.

ރެއިނާމެން ސްނޯގެ ދޫލަމަތީ ވަކަރު މޭޒެއް ފަތުރާލައިގެން ކުޑަ ޕިކްނިކެއް ހަދައިލިއެވެ. އެންމެން އެކީ ކޮފީއާއި ކޮކޯ އަދި ހޫނު ޗޮކްލެޓާ ލާޓޭ ބެނޮކް ބީވާޓެއިލް ބަޓަރ ޓާޓް އަދި ޓޫޓިއާފަދަ އެއްޗެހިން ސުފުރާ ފަޅުފިލުވާލާފައިވިއެވެ.

ހަތަރެއްޖެހިއިރު އިރުއޮއްސިއްޖެއެވެ. ގޭގޭގެ ކުޑަދޮރުތަކުން އޮރެންޖް އަލި ފެންނަނީ ހުޅުދާންކޮށްފައިވާ ހެންނެވެ. މަގުތަކުގައި ޖަހާފައިވާ ބައްތި ތަކުން ދެފަރާތުގައި އޮތް ހުދު ބޯ ސްނޯ ފުނިވަރުތަކުގެ މައްޗަށް އަލި އެޅިފައިވާއިރު އެ ހަނި މަގުން ހިނގާފައި ދާ ކޮންމެ މީހެއްގެ ހިތް އާޝޯޚު ކުރުވާހާ ފުރިހަމައެވެ. މިލާންއާއި ގަޒަލް އަދި ރެއިނާއާއި ކައިޔާން ދަރިފުޅުގެ އަތުގައި ހިފާލައިގެން އެމަގުން ހިގާފައި ދިޔައީ ބެލާއާއި އައްމާދުގެ ދައުވަތަކަށް އެގެއަށެވެ. މިލާން ގަޒަލް ގަޔާއި ކައިރިކޮށްލައިގެން ހުރެ ހިގަމުން ދިޔައިރު ނިކަން ސިއްރުވެރި ވާހަކަތަކެއް ދައްކާފައި ހެމުން ދިޔައެވެ. ކައިޔާންއާއި ރެއިނާ ޖިބްރީލްގެ އަތުގައި ހިފައިގެން ދިޔައިރު ޖިބްރީލްވެސް ހުރީ އުފާވެފައެވެ. ބައްޕައާއި މަންމަގެ ގާތްކަން އޭނަގެ ހުރިހާ ހުވަފެންތައް ހަގީގަތަކަށް ހަދާދީފިއެވެ.

***

ރެއިނާ އޭނަގެ މަންމައާއި ކޮއްކޮ ކެނެޑާއަށް ގެންނަން ޓިކެޓް ފޮނުވިއެވެ. މައިމީހާ ކޮންމެ ފަދަ ގޮތަކަށް ދަރިޔާއިމެދު އަމަލުކުރިޔަސް އޭނަގެ ވާޖިބު އަދާކުރަން ރެއިނާ ނިންމިއެވެ. އޭނަގެ ދަރިފުޅު މިކާއަށް ނަމޫނާއަކަށް ވެވޭނީ ދަރިފުޅުގެ މާމައަށް ހެޔޮކޮށް ހިތައިގެންނެވެ. ރެއިނާއާއި ގަޒަލް ޑޮކްޓަރަކަށް ވުމުން ނިންމައިލީއެއް ނޫނެވެ. އެހެން މީހުންނަށް ދީން އުގަންނައިދޭ އިލްމުވެރިންނަށް ވާންވެގެން ކިޔަވާ އަރަބިބަސް ދަސްކުރިއެވެ. ދެކުދިންގެ ހިއްސާ އޮވެގެން އުފެއްދި ޗެނެލް މަޝްހޫރުވެ ކުރިއަރާ ދީނީ ޗެނެލްއެއްގެ ގޮތުގައި ހިންގަން ފެށިއެވެ. މަޝްހޫރު އިލްމުވެރިންގެ ދަރުސްތަކާއި ގާރީންގެ ކިޔެވުންވެސް ގެނެސްދީ ހަދައެވެ. ދިރިއުޅުން ބިނާކުރަމުން ދިޔައީ ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ނަސީބު ހޯދުމަށް ރާވައިގެންނެވެ. ހަޔާތުގައި ދިމާވި ހިތްދަތިކަމާއި މާޔޫސްކަން އަދި ނާއުއްމީދުގެ ވިލާގަނޑު ނަގައި ހިތްވަރާއި މަދަދު ހޯދީ ހެއްދެވި ފަރާތަށް ކުރިމަތިލައިގެންނެވެ. ގަޒަލްއާއި ރެއިނާގެ ހަޔާތުގެ ބައިވެރިން ވީ ހީކުރިވަރަށްވުރެ އެކުދިންނަށް ހިތްވަރު ދީ ކުރިއަށް ދާން އެހީތެރިވި ވަފާތެރި ފިރިން ކަމުގައެވެ.

ނިމުނީ

 

ކޮމެންޓް 0