"އިބުނު ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. " ތަވްހީދު ފަދައިން މި ދުނިޔޭގެ ދަތި އުދަގޫތައް ދިފާއުކޮށްދޭނީ އިތުރު ކޮން ކަމެއް ހެއްޔެވެ؟ އަދި ހަމަ އެފަދައިން އެއީ ތަވްހީދާއެކު ހިތާމަތަކުން މިންޖު ވުމަށް ކުރެވޭ ދުޢާއެވެ. ޔޫނުސް އަލައިހިއްސަލާމް ގެ ދުޢާއަކީ މުސީބާތް ކުރިމަތިވެފައިވާ މީހަކު އެދުޢާއިން ދުޢާކޮށްފިނަމަ އެމީހެއްގެ ތަވްހީދާއެކު އެ މުސީބާތެއް ފިއްލަވާނެ ދުޢާއެކެވެ. "

***

"ކައިގެ ފޯނު ނިވާލާފައި. މިހާރު ފްލައިޓް ލޭންޑްކުރަން ބުނި ވަގުތު ފާއިތުވެއްޖެ. މިހާރު މަގުމަތީގައިކަން ނޭގޭ އިންޝާﷲ.." ސަބީނާވެސް ތެދުވެގެންގޮސް ދޮރު ހުޅުވާލުމުން ދައުވަތު ދެވުނީ ބާރު ވައިރޯޅިއަކަށެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ މީރުވަސް ކޮޓަރިތެރޭ ފަތުރައިލިއެވެ. ސަބީނާ ކައިޔާންއާއި ސަޖަލްއަށް ގުޅަން މަސައްކަތްކުރިއެވެ.

މާގިނައިރުތަކެއް ނުވަނީސް ލިބުނު ކޯލަކުން އެންމެން ޝޮކްޖެހި ސަބީނާ ވަގުތުން އަނބުރައިގަތެވެ.

"ކައިމެންގެ ފްލައިޓް އެއާޕޯޓަށް ޖައްސަން ކައިރިވިތަނާ ވެއްޓުނީ........" އެ ޚަބަރުދިނީ އުމަރުއެވެ. ދުރުދުރުން ބުނެދިނީ ސަބީނާ ނުސިހޭފަދަ ގޮތަކަށެވެ.

"މި ޚަބަރު އަހަން އުދަގޫވާނެ. އަދި ސީދާ އެކެއްގެ ފުރާނައަށް ގެއްލުމެއްވިކަމެއް ނޭގޭ. ސަލާމަތްވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެތަނުން އެންގި........"

ސުފިޔާން ސަބީނާ ހޭހަން ކުރަން އުޅެގަތްއިރުވެސް ފޯނުން އުމަރުއާއި ވާހަކަދައްކަމުން ދިޔައެވެ. އަދި ކަންބޮޑުވެ ހިތް ކުދިކުދިވާއިރުވެސް ދަރިފުޅު ގަޒަލްގެ ނިތްކުރީގައި ބޮސްދެމުން ކެތްތެރިވާން ނަސޭހަތްތެރިވިއެވެ. ދެރަގޮތެއް ނުވާނެކަމަށާއި ފްލައިޓަށް ހާދިސާއެއް ދިމާވިޔަސް އޭގެއިން ދަތުރުކުރި މީހުންނަށް އަދި ވީގޮތެއް ޔަގީންނުވާތީ ދުޢާކުރަން އެދުނެވެ. ރެއިނާއަށްވެސް ލިބުނީ ބިރުވެރި ޝޮކެކެވެ. ލޭވެސް ގަނޑުވިފަދައެވެ. ވަގުތުން ލޯ މަރާލާފައި ﷲގެ ހަޟުރަތުން އެދެވުނީ ކައިޔާން ސަލާމަތްކޮށް ދެއްވުމަށެވެ. އުދާސްވެ ހެޔޮ ވިސްނުމުން އެއް ފަރާތްވި ހިދުކޮޅަކަށްފަހު ސަޖލްގެ ރީތި ސޫރަ ލޯމަތިން ފެނުނުހެން ހީވިއެވެ. ހެޔޮ ދުޢާގައި އެންމެ މީހަކު ޝާމިލުކުރުން އިންސާފަކަށް ނުވާނެއެވެ. ވުޖޫދަށް ވެރިވި ހިމޭން ހިދުކޮޅަށްފަހު އޭނަ ސަޖަލްއަށް ހެޔޮ ދުޢާކުރިއެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވެދާނެއެވެ. ނަމަވެސް ލޯ ހުޅުވައިލެވުނުއިރުވެސް މަންޒަރު ބަދަލެއްނުވިއެވެ. އެންމެންގެ ލޯތަކުން ކަރުނަ އޮހެނީއެވެ. ދިރިއުޅުމުގެ ހަގީގަތަކީ އެއީއެވެ. ކުއްލިއަކަށް އަންނަ ލޮޅުމެއްގެ ތެރޭ ހަޔާތުގެ ހުރިހާ މަންޒަރެއް ބަދަލުވެދާނެއެވެ. އެމީހުން ކައިޔާންގެ ދެމަފިރިންނަށްޓަކާ މަރުހަބާ ކިޔަން ގެ ތައްޔާރުކުރީ މިފަދަ ބިރުވެރި ޚަބަރެއްގެ އުއްމީދުގައެއް ނޫނެވެ.

ބިއްލޫރި ވާސްގައި ފަރިވެ ފޮޅިފައިވާ މާތަކެވެ.

ކާމޭޒުމަތީގައި އެތައް ބާވަތެއްގެ އެއްޗެހި އަތްނުލާ އެހުރިގޮތަށެވެ.

އަނގަޔަށް ވިރޭފަދަ އެންޖެލް ކޭކުގެ އައިސިން ފަށަލައިގެ ތެރެއަށް ގެނބިފައިވާ ބެރީސްތައްފެނި ކުޅުދިޔާވިއިރު މިއީ ރެއިނާ ކައިޔާންއަށް ޚާއްސަކޮށް ތައްޔާރުކުރި ކޭކެކެވެ. އެކޭކުގެ ރަހަ ބަލައިލާންވެސް ތަގުދީރުގައި ނެތީއެވެ. ނަނައިމޯ ބާ އަށްވެސް ކައިޔާން މޮޔަވާނެއެވެ. އެހާވަރުން ތައްޔާރުކުރި ކެއުން ބޭކާރުވެގެން ދިޔުމުން ދެރަވިޔަސް އަދި މިއީ ހިތާމައެއް ނޫނެވެ. ހިތާމައާއި މުސީބާތުގެ ސިލްސިލާ އެގެއާއި ގުޅި ލާމެހިފައިވާފަދައެވެ. ޚިޔާލުތަކުގެ ތެރޭ ލާމެހިގެން ހުރެ ރެއިނާ ގޭގެ ފަހަތުން ނުކުތެވެ. އުޑާއި ދިމާލަށް ނަޒަރު ހިންގައިލުމަށްފަހު ދުޢާކުރަން ފެށިއެވެ.

***

ފްލައިޓް ވެއްޓުމުގެ ހާދިސާގައި ކައިޔާންގެ މޫނާއި ހަށިގަނޑު ފިހިފައި އޮތުމުން ކާކުކަން ވަކިކުރަންވެސް އެނގޭވަރެއް ނޫނެވެ. ޚަބަރު ހުސްވެފައި އޮތުމުން އެންމެ ކުރިންވެސް ގެންދެވުނީ ތިއޭޓަރަށެވެ. މިލާންގެ ޓީމު ފަޚުރުވެރިވުން ހައްގު އޮޕަރޭޝަނެއް ކުރެވުނެވެ.

"ކައި ސަލާމަތްވިކަމީ މިރެކްލްއެއް...." ސިއެރާ ގަޒަލްގެ އަތުގައި ހިފަހައްޓައިލަމުން ބުނެލިއެވެ.

"ސަޖަލް އަދި ބޭބީ. ދެރައީ ސަޖަލްގެ ހަށިގަނޑު ނުވެސް ފެނުނު..............ކައި ގާތު ބުނެފިއްޔާ ހިތް ހަލާކުވާނެ.." ގަޒަލްގެ ލޮލުގައި ކަރުނައިގެ މުތީތަކެވެ. ސިއެރާ އިށީދެލައިގެން އިން ގޮނޑީގެ ކުރިމަތީގައި ގަޒަލްގެ ގޮނޑި ކައިރިކޮށްލައިގެން އިނދެ ދައްތަގެ ދަރިފުޅަށް ވިސްނައިދީ ނަސޭހަތް ތެރިވިއެވެ.

ރެއިނާ އަނެއް ފަރާތުގައި ހުރި ސޯފާސެޓްގައި ބުދެއްހާ ހިމޭނުން އިނެވެ.

"ކޮމާޝަލް ފްލައިޓުން ޓިކެޓް ނަގާފައި އޮތީ. އެކަމަކު ސަޖަލް ފަހު ވަގުތު ޕްރައިވެޓް ޖެޓްގައި ދާން ނިންމީ. އަޖަލު ޖެހުމުން ސަބަބެއް މެދުވެރިކުރައްވާނެ.." ސިއެރާ ގަޒަލްގެ އަތުގައި ފިރުމަން އިދެފައި ނަޒަރު އުފުލައިލިއިރު ފެނުނީ މިލާން ކޮރިޑޯއަކުން ލަނބައިލިތަނެވެ. އެދަރިފުޅަށްޓަކާ ފަޚުރުވެރިވުން ހައްގެވެ. ނަމަވެސް ނަފްސާނީގޮތުން ކޮށްފައިވާ އަސަރަކުން ނޫނީ އެހެން ސަބަބަކާއިހެދި މިލާން އޭނައާއި އާއިލާ މީހުންނާއި ގުޅުމެއް ބާއްވަން ދެކޮޅެވެ. ޚާއްސަކޮށް މިހާރު ކުރިއަށްވުރެ ދުރެވެ. އާއިލާ މީހަކު ދަންނަ ކަމަށްވެސް ހަދާނުލައެވެ. ލިވާއީ އާއިމެދު ވެސް ދެކެނީ ހަމައެކަނި ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ.

***

ރެއިނާ އާއި ގަޒަލް ނިއުރޮލޮޖީ ޑިޕާޓްމެންޓްގެ ކެފޭގައި ތިބިއިރު ކުރިމަތީގައި ހުރި ޗޮކްލެޓްތަށިން އާވި އެރުން ހުއްޓުނެވެ.

"ކައިއަށް ދިމާވި ދެރަގޮތެއް" ގަޒަލް މޮޅިވެރިކަމާއެކު މާ ދުރަށް ބަލަން އިނެވެ.

"ކައި ފަޚުރުވެރިވި ރީތި ސިފަވެސް ގެއްލުނީ. އެކަމަކު ބޭރުފުށުގެ ރީތިކަމަށް ނޫނެއްނު ލޯބިވާ މީހަކު ފިދާވާނީ. މިބުނީ ލޯބިވާ މީހުން ކައިގެ ރީތި ސިފައެއް ނޫން މުހިއްމުވާނީ. ސަޖަލް މިދުނިޔޭގައި ހުރިނަމަވެސް މިއަދު ކައިއަށް ކެއާ ކުރާނެ. ލޯބިވާނެ..." ރެއިނާގެ ހިތަށް ކުރި އަސަރު ފޮރުވަމުން އޭނަ ޗޮކްލެޓްތަށިން އެތިފޮދެއް ދަމައިލިއެވެ. ސަޖަލް ނެތުމުން ކައިޔާންގެ ހަޔާތަށް އަންނާނެ ފަޅުކަން ތަސައްވަރު ކުރެވުނެވެ. އެ ފަޅުކަން ނައްތާލަދޭން އުއްމީދުކުރުމަކީ ސަޖަލްގެ ރޫހަށް ދެވޭނެ އަނިޔާއެކެވެ. މިފަދަ ވަގުތެއްގައި އެހެން ދިމާލަކަށް ހިތް ދީލާން ފެށުމުން ހާސްވިއެވެ.

"ރެއިން. ވަޓް އެބައުޓް ޔޫ...ރެއިން ހިތަށް އެރީ ކީކޭ؟"

"މާ ކުރީއްސުރެ ކައި އާއި ސަޖަލްގެ ދިރިއުޅުމުން ދުރަށް ގޮސްފިން. އެހެންވެ އެ އިހުސާސްތަކުގެ މާނައެއްނެތް...." ރެއިނާ ގަޒަލްއާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. " އެކަމަކު ބުނެފާނަން. ރީތިމީހުން ވަރަށް ގިނައިން ފެނޭ. އެކަމަކު ލޯތްބަކީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ގޮސް ހުސްވުމެއްނޫން. ތެދުވެރި ލޯތްބެއް ވެއްޖެއްޔާ ދުވަހަކު ހިތުން ނުފިލާނެ. ލޯބިވާ މީހަކަށްޓަކާ އަމިއްލަ އުފާތައްވެސް ގުރުބާން ކޮށްފާނެ...."

"ސުބުހާނަﷲ..." ރެއިނާއަށް ކުއްލިއަކަށް އަނގަމަތީގައި އަތް އެޅުނެވެ. "ކައިޔާން އަހަރެންދެކެ ނަފްރަތު ނުކުރާނެތަ؟ އެހާ އިންޓެންސް ރުޅިއަކާއި ކުރިމަތިލުމުގެ ހިތްވަރެއް ހޯދާނީ ކިހިނެއް؟ މި ދިރިއުޅުން މެލޯޑްރާމާއަކަށް ވެ ނިމެނީތަ؟ ސަޖަލްއަށް އެ ދިމާވިގޮތަކީ އަހަރެންގެ ބަދު ދުޢާތަކުގެ އަސަރުކަމަށް ކައިޔާން ގަބޫލުކުރާނެ. ހާދަ ދެރައޭ....."

"ރެއިން. ބީ ސްޓްރޯންގް.." ގަޒަލް ބުނާނެ އިތުރު އެއްޗެއް ނޭގުނެވެ.

އެވަގުތު ސަބީނާއަށް އެކުދިން ފެނި އެދިމާލަށް މިސްރާބުޖެހިއެވެ.

ސަބީނާ ރެއިނާގެ ގާތު ހުރި ގޮނޑިއަށް ހަށިގަނޑުގެ ބުރަދަން ދޫކޮށްލިއެވެ. އެ ލޮލުގައި ވަށައިގެން ވާ ކަޅު ދާއިރާ އޭނަގެ ހިތާމަތަކުގެ ހެއްކަކަށް ފުދެއެވެ. އޭނަ ކުރިއަށް ޖެހިލާފައި ގަޒަލްގެ އަތްތިލަ ގެނެސް އަތުތެރެއަށް ލައިފިއެވެ.

"ޖީޖީ. ސަޖަލްގެ ހަށިގަނޑު ނުފެނުނޭ ކިޔައިގެން ދެކެވުނީ ރަގަޅު ވާހަކައެއްނޫން. އެކޮޅުން ޚަބަރު ލިބުނުގޮތުން ފުރުމުގެ ކުރިން ހިނގި ދެބަސްވުމަކަށްފަހު ސަޖަލް އެކުވެރިއަކާއެކު ގޮސްފައި އެގޭގައި ފޯނު ނިއްވާލައިގެން އުޅުނީ. ކައިގެ ފްލައިޓް ކްރޭޝްވިކަން އެނގިގެން ސަޖަލް އަނބުރައިގަނެގެން ހޮސްޕިޓަލުގައި ބާއްވާފަޔޯ އޮތީ. ޕްރެގްއިރު ކިހާ ދެރަވާނެ." ސަބީނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"ކޮންކަމަކާ ދެބަސްވީ މަންމާ؟ " ގަޒަލް އެނގެން ބޭނުންވިއެވެ.

"ދެމަފިރިންގެ ދޭތެރޭ އެފަދަ ކޫސަނިކަންތައް ޖެހޭނެ. ސަޖަލް ހިތަކަށް ނާރާނެ ކައި ރުޅިގަދަވެގެން އެކަނިމާ އެކަނި ފްލައިޓްގައި ނައްޓާލާނެއޭ.. ސަޖަލް މިހާރުވެސް ބޭނުންވަނީ ކައި ގާތަށް އަންނަން. އެކަމަކު ވަރުނުޖެހޭތީ އަދި ދަތުރުކުރާނެ ވަރެއްނެތިފައި......................."

"ކައި އަމިއްލައަށް މަރުވާން އުޅުނީތަ؟ ކައިއަށް އެއީ ހަރާމް ކަމެއްކަން ނޭގުނީތަ މަންމާ.." ގަޒަލް ހިންދިރުވައިލިއެވެ."އެހެން އެވަނީ ސަޖަލްމެންގެ ޝީއަ މަޒުހަބުގައި ތަފާތުތަކެއް އޮތީމަ. ކައިއަށް އެމީހުންގެ ބިލީފްއާއި އެއްގޮތަށް އުޅެވެނީ. އެކަމަކު ކައިއަށް އެއީ ބާތިލް ކަންތައްކަން އެނގެންވާނެ..." ގަޒަލް މަޑުމަޑުން ބުނެލިއެވެ.

ރެއިނާ އިނީ އަނެއްކޮޅުން ހައިރާންކަމެއްގައެވެ. ޝޮކެއްގައެވެ. ހިތަށް ނަގައިގަންނަންވެސް އުދަގޫވިއެވެ. ސަޖަލް ދުނިޔެއާއި ވަކިވީކަމުގެ ކުށް ހީކުރެވިފައި އަނެއްކާވެސް ސަޖަލް އެނބުރި އައީއެވެ. ކައިޔާންގެ ހަޔާތަށް އެ ހަނދެއްފަދަ ހިނިތުންވުމުން އަލިކަން ގެނެސްދެމުންނެވެ. ޔަގީނެވެ. ސަޖަލް ކައިޔާން ކޮންމެ ސިފައެއްގައި ވިޔަސް ދޫކޮށްނުލާނެކަން ޔަގީނެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅު ކަނި ޖަހާފާއި ނިވިއްޖެއެވެ. އަޖައިބުވަނީ އެހާ އަމިއްލަ އެދުން ބޮޑުވެވުނީމައެވެ. ލަދުވެސް ގަތެވެ. އަމިއްލަ ނަފުސަށް އަޑުލިއެވެ. މިނިޓްކޮޅަކަށް ނަމަވެސް އޭނައަށް ނޭގިވެސް އެހިތް ސަޖަލްގެ ވަކިވުމާއި އުފާކޮށް އުއްމީދު އާކޮށްދިނެވެ. އެކަމަކު އެހާ އަވަހަށް އެ ރީތި ހުވަފެނުން ހޭލެވި ހަޔާތުގެ ހަނދު އޮއްސިއްޖެއެވެ. ނަމަވެސް އޭނަ ކައިޔާންއަށްޓަކާ ހިނިތުންވެލިއެވެ.

"ގުޑް ނިއުސް އަލްހަމްދުލިﷲ...." ރެއިނާ ހުދު ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. "އެބަ އަންނަން ވޮޝްރޫމަށް ވަދެލާފައި............................"

ގަޒަލްއަށް ރެއިނާއަށް ބަލަން އިނދެވުނެވެ. މަންމައަށް ކައިޔާންއަކީ ރެއިނާގެ ކިހާ ގާތް މީހެއްކަން އެނގޭނެނަމައެވެ.

ސަބީނާއަކީ މާމައެއް ކަން އެނގޭނެނަމައެވެ. ކައިޔާންއާއި ރެއިނާގެ ދަރިއަކު ދުނިޔެއަށް ގެއްލިފައި ހުރިކަން އެނގިއްޖެއްޔާ އެ ދަރިފުޅަށްޓަކާ އެހިތުގައި އެއްވެސްކަހަލަ ޖަޒުބާތެއް އުފެދޭނެހެއްޔެވެ؟ މާމަ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނެ ހެއްޔެވެ؟ ރެއިނާ ޅީ ދަރިފުޅުގެ ގޮތުގައި ބަލައިގަންނާނެ ބާވައެވެ.

***

މިލާންގޭގެ ގޭޓު ކައިރީ އާފާގުއާއި އައްމާދު ތިބިއިރު އައްމާދުގެ ލޯ ހުއްޓިފައިވަނީ މެގްނޯލިއާ ގަހަށެވެ. ރޯޑަޑެންޑްރޮން ޕްރިމްރޯޒް ލައިލަކް ޓިއުލިޕް އަދި ސަންފްލާވާފަދަ މާތަކުގެ ރަން ފިޔާތޮށި އަދި ވައިލެޓްފަދަ ކުލަތައް ފެހިކަން ގަދަ ވިނަގަނޑުގެ ތެރެއިން ފެންނައިރު ބަގީޗާ ހައްދާމީހުން މޮޔަކޮށްލާނެއެވެ. ވިނަގަނޑުމަތީގައި ހިޔަނިތައް ވަކި ޑިޒައިންއަކަށް ނަށަމުން ދާއިރު ފަތްތައް ހިރިލާ އަޑާއެކު ދޫނިތަކުގެ ލަވަޖެހުމުން ފަޒާގައި ރާގެއް ކުޅެވެމުން ދިޔައެވެ. މާބްލްތަކަށް ރަންކުލަ އަރާއިރު ދޮރުފޮތިތައް ވަޔާ ވިހުރެވެނީ ދޭތެރެއަކުންނެވެ. މިލާން ނުކުމެގެން އައިއިރު އޭނަ ހުރީ ފުރިހަމަ ސުއިޓެއްގައެވެ. "މޮޔަ"ކަމުގެ އެއްވެސް ނިޝާނެއް މޫނުމަތިން ނުފެނެއެވެ. ގަސްތަކުގެ ތެރޭ ބަނޑު ދަމާލައިގެން އޮތް އާދަޔާ ޚިލާފު ކަޅުކުލައިގެ ކުއްތާގެ ދެލޮލުން އަލިފާނުގެ ރަތްކުލަ ދިއްލުނެވެ. ދެވަނަ ސިކުންތުކޮޅުގައި ސިހިފައި ކަހަލަގޮތަކަށް ގަސްތަކުގެ ތެރެއަށް ވަދެ ލޯމަތިން ގެއްލުނެވެ. އައްމާދު މިލާންގެ މޫނަށް ވިސްނުންތެރިކަމާއެކު ނަޒަރު ހުއްޓައިލިއެވެ.

"އެއީ ކާކުގެ؟ "

"ނޭގޭ. އަވަށްޓެރިއެއްގެ ޕެޓެއް. މިގެއަށް މިދުވަސްކޮޅު މާގިނައިން ޒިޔާރަތްކޮށް އެކުވެރިވެވިއްޖެ. ނަމަވެސް ދެން އިންސާނަކު ކީއްކުރަން ޖަނަވާރަކާ އެޓޭޗްވާކަށް ހިތުގައި ނެތް..." މިލާންގެ ފަހު ޖުމްލަވީ ހިތުގައެވެ. ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެ ޖަވާހިރެއްފަދަ ލޮލުން މާ ގިނަ އިހުސާސްތަކެއް ނުފެނެއެވެ. ފުންކަނޑެއްފަދަ ލޮލުގައި އެތައް ސިއްރުތައް ރައްކާކޮށްފައިވާފަދައެވެ.

"މިލާން. މިގޭގައި ރޫހާނީ ކަމެއް އެބައުޅޭ...."

"ވަޓް؟ " މިލާން ބުމަ އަރުވައިލިއެވެ.

"މިލާންއަށް އެފަދަ އެއްވެސް އުދަގުލެއްނުވޭތަ؟ މިސާލަކަށް މިގަސްތަކުގައި އެހެން އަހުލުވެރިންތަކެއް އުޅޭކަމުގެ ހިލަމެއް ހަމަނުވޭ؟ ދުވަހަކު އެފަދަ އެންކައުންޓާއަކާއި ލައިނުގަންނަކަމަށް ވަންޏާ ހައިރާންވާން ޖެހޭ. އަހަންނަށް އިހުސާސްވަނީ މިގޭގައި ކޮންމެވެސް ކަންތައްގަނޑެއް އެބައުޅެއޭ............" އައްމާދު ކުޑަކޮށް ބޯ ހޫރައިލިއެވެ.

"މި ޒަމާނުގައި ތިކަހަލަ ކަންތައް ގަބޫލުކޮށް އުޅޭތަ؟ "

"ޣައިބަށް އީމާންވަންޏާ އަދި ގުރުއާން ގަބޫލުކުރަންޏާ އެއީވެސް އުޅޭ މަޚުލޫގުންނެއްކަން ދެނެ އެ ޝައިތާނުންގެ ކިބައިން އާއިލާއާއި ގެދޮރު ސަލާމަތްކުރަން މަސައްކަތްކުރާނެ. މިލާން ދުވަހަކުވެސް ގޭގައި ގުރުއާން ކިޔެވިންތަ؟ "އައްމާދު އެހިއެވެ.

"އޯ.......ދިމާވި ކަންތައްތަކާއި ހެދި ދީނާއި ކައިރިވެފައި މާ ދުރަށް ދެވުނީ..."

"ދޮންބެއަކީ ރާގީއެއް. ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތްވާން ރުގުޔާ ކިޔެވުމުން ގެ އަމާންވެ ތި ހުރިހާ އުދަގޫތަކުން ސަލާމަތްވާނެ. އަހަންނަކަށް ނޫން އިތުބާރުކުރަންވީ. ﷲ ސުބުހާނަހޫ ވަތައާލާއަށް. އެމީހަކު އަމިއްލައަށް ރުގުޔާ ކުރީމަ އެންމެ ރަގަޅީ. އެކަމަކު އެކުވެރިއަކަށްވީތީ އަދި ވަރުގަދަ ޖިންނިންތަކެއްގެ އުދަގޫތަކެއްހެން ހީވާތީ އެހީވާން މިހިރީ. ބޭނުންތ؟ " އައްމާދުގެ ސުވާލުން މިލާން ދޭނެ ޖަވާބެއް ނޭގިފައި އިރުކޮޅެއްވާންދެން ހުރެފައި ހީލިއެވެ.

"ދެންމެ އެތާ އޮވެފައި އަހަންނަށް އިންޒާރުގެ ބެލުމެއްދީފައި ދިޔައީ ޑޯގެއްނޫން......" އައްމާދުގެ ޖުމްލައިން މިލާންގެ ގައިން ހީބިހި ނަގައިފިއެވެ. ލޯ ބޮޑުކޮށްލަމުން ގަސްތަކާއި ދިމާލަށް ބަލައިލެވުނެވެ. އިރުކޮޅަކަށް އެތަނުގައި މަޑުކޮށްލަންވެސް ބިރުން އުޅުނު ފަދައަކުން އަވަސްވެގަތީ ގެއާއި ދުރަށް ދިޔުމަށެވެ. އޭނަ ގަރާޖުން ކާރު ނެރެގެން އައްމާދުއާއި އާފާގު އަރަން ދައުވަތު ދިނެވެ. ދެފަރާތުގައި އެއްވަރަކަށް ކޮށާލާފައިވާ ވިނަގަނޑާއިއެކު ބައެއް ދިމާލުގައި ބޮނޑިއަކަށް ހެދިފައިވާ ގަސްތަކުގެ ސަބަބުން މަގުތައްވެސް ލޮލަށް ފަސޭހަ ފެހިކަމެއް ވެރިވެފައިވިއެވެ.

"ސްލީޕް ޕެރެލެސިސް ޓުރެޓް އަދި ސްލީޕް ވޯކިންފަދަ ކޮންމެ މައްސަލައަކީ ޖިންނިންގެ އުދަގޫތަ؟" މިލާން އެހިއެވެ.

"ހީވޭ...."

"ތިކަހަލަ ކަމެއް ނޫޅެއެކޭ ނުބުނާނަން. މާދުއަށް ރޫހާނީ ކަމެއް އުޅޭހެން ހީވަންޏާ ގޮތް ބަލައިލަން ތިކަންވެސް ކުރަންވީ....." މިލާން އެއްބަސްވިއެވެ.

***

ސަޖަލް ލިފްޓުން ފައިބައިގެން ގޮސް ލައުންޖަށް ވަންނައިރަށް ނަޒަރުގައި އަޅައިގަތީ ޗާޓެއްގައި ލިޔަން ހުރި ރެއިނާއެވެ. ޑޮކްޓަރުގެ ގެ ސްކްރަބްގައި ހުރިއިރު އެ އޮމާން އޮމާން މޫނުގެ ވިދުން ގަދަކަމާއި ތުންފަތުގެ ރަތްކަން އަދި ދިގު އެސްފިޔަތައް އެހާ ދުރުން ސަޖަލްގެ ލޮލުގައި އަޅައިގަތެވެ. ކުރީގެ ބީރައްޓެހިކަން ކެނޑި ޝަޚުސްގައި ވަރުގަދަ އަޅައިގަންނަ ކަމެއް ހުއްޓެވެ. ސްކާފް އަޅާފައި ހުރިގޮތާއި ހެދުން އަޅާގޮތްވެސް ބަދަލުވީކަންނޭގެއެވެ. ގާތުގައި ހުރި ފުރޮޅުލީ ގޮނޑީގައި އިން ގަޒަލްވެސް ފައިލަކަށް ގެއްލިފައި އިނެވެ. ސަޖަލް އަވިއައިނު އަޅައިގެން ހުރުމުން އެ މޫނުގެ ޝުއޫރުތައް ފަރުދާކުރެވިފައިވިއެވެ. ފިޔާތޮށްޓާއި ވައިލެޓް އަދި ކަޅު އެކުލެވޭ ސްކާފެއް އަޅައިގެން ހުރިއިރު ފަރުދާވާން އޭނަ މަސައްކަތްކުރާކަން އެނގެއެވެ.

"އައްސަލާމް އަލައިކުމް......." ސަޖަލް ގޮވައިލުމުން ގަޒަލް އިސްއުފުލާލައިފިއެވެ.

"ހޭއި ސަޖަލް..."

ދެވަނަ ސިކުންތުކޮޅުގައި ސަޖަލް ކައިރިވެލާފައި ގަޒަލްގެ ގައިގާ ބައްދައިލިގޮތަށް އިރުކޮޅެއްވާންދެން ހުރިއިރު އޭނަ ރޮނީކަން ހަރަކާތުން އެނގުނެވެ. ސަޖަލް ރެއިނާއަށްވެސް ގޮވައިލިއެވެ.

"އައި ތޯޓް ދެމީހުން ފައިޓްކޮށްފައި ކަމަށް.. އެކަމަކު.." ގަޒަލް އެއްޗެކޭ ބުނަން އުޅުނެވެ.

"ޖީޖީ. ދެމަފިރިންވިއްޔާ ކޫސަނި މައްސަލަތައް ޖެހޭނެ އެކަމަކު އެއޮތް ވިއްސާރައިގާ ކައި ސުއިސައިޑް މިޝަންއެއްގައި އަހަންނަށް ގޮތް ދައްކަންވެގެން އަންނާނެކަމަށް ހީނުކުރަން. އެކަމަކު ކޮންފަދަ ހިތްދަތި ތަޖުރިބާއަކަށް މިވީ. ކައި ކިހިނެއްތަ؟" ސަޖަލް ނޭފަތް ދަމައިލިއެވެ.

"އަލްހަމްދުލިﷲ...." ގަޒަލް ހިނިތުންވެލިއެވެ.

ސަޖަލް ކައިޔާން ދެކެލަން ވަދެފައި ނުކުތީ ފަސްމިނިޓްވެސް ނުވަނީހެވެ. އެންމެން ހީކުރީ ކައިޔާން އެހާލުގައި އޮތްތަން ދެކެން ކުޅަދާނަނުވީ ކަމުގައެވެ.

"އެއީ ކައި އެއް ނޫން..................." ސަޖަލްގެ އަޑު ތަންކޮޅެއް ގަދައެވެ. "އެއީ ޕްރައިވެޓްޖެޓް ގެ ޕައިލެޓް......."

"ވަޓް؟ " ގަޒަލް ހައިރާންވެ އަންތަރީސްވިއެވެ. ރެއިނާވެސް ލޯ ބޮޑުކޮށްލި ގޮތާއި ސަޖަލްގެ އަތުގައި ބޭ އިޚުތިޔާރުގައި ހިފައިލެވުނުގޮތުން ހާސްވިކަން އެނގުނެވެ. "އެހެންވިއްޔާ ކައި ކޮބާތަ؟އެންމެ މީހެކޭ ދަތުރުކުރީ ކިޔައިގެން އޮޅުވާލި ސަބަބަކީ ކޮބާ. ކައިޔާން އެ ފްލައިޓް ދުއްވިކަމަށް ބުނީ ކީއްވެ؟ ވީއިރު ކައި ގެއްލުނީތަ؟ "

ނުނިމޭ

ކޮމެންޓް 0