މާތްﷲ ގުރުއާނުގެ ހުޖުރާތު ސޫރަތުގެ ބާރަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ) މާނައަކީ " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

***

ހެނދުނު ޓީވީއިން ފެނުނު މަންޒަރަކުން ސަބީނާއަށް ލޯ ބޮޑުކޮށްލެވުނެވެ. ކާކޮޓަރިތެރޭގައި އެގަޑީގައި ތިބީ ސަބީނާގެ ދެމައިންނެވެ.

"ރޭ ހޮނު އަޅާފައި އެ ޕާކުން މީހަކު މަރުވީ. އަނެއްކާ މިލާން އެޓިކްގައި އެބައުޅޭތަ؟ އޭނަ ކުރީ ރޭވެސް އެޕާކަށް ވަން....." ކައިޔާން ބަގީޗާތެރެއަށް ނުކުމެފައި މަންމައާއި ކޮއްކޮ ގާތަށް އައެވެ. އޭރު ގަސްކައިރީ ހުރި އަންހެންކުއްޖާ އޭނަގެ ނަޒަރަކަށް ނާރައެވެ. ފަތެއް އެކި ގޮތްގޮތަށް ހިފަހައްޓާލައިގެން ހުރެ ފޮޓޯ ނަގަން ރެއިނާ ކުރާ މަސައްކަތް ފެނި ގަޒަލް މޮޅިވެރިވިއެވެ. އޭނަވެސް އެއްއިރެއްގައި އެންމެ ޝައުގުވެރިވީ ކަމަކީ އެގޮތަށް ފޮޓޯތައް ނަގާފައި ޕޭޖަށް ލުމެވެ. ކައިޔާން އިށީނީ ކުޑަދޮރަށް ފުރަގަސްދީގެންނެވެ. އަނެއް ފަޅިއަށް ހުރި ގޮނޑި ބަރީގައެވެ.

"މިލާންދެކެ ނަފްރަތުކުރިޔަސް އެފަދަ ނުބައި މަރަކުން އެހާ ނިކަމެތިކޮށް މަރުވާން އެދުމަކީ ރަގަޅުކަމެއްހެން މަންމައަކަށް ހިޔެއްނުވޭ. އެވާނީ ހޯމްލެސް ޕާސަންއެއްކަމަށް. އެފަދަ ގޮތަކަށް ނިމިގެން ދިޔުމަކީ ހިތާމަހުރިކަމެއް. އެކަމަކު މަރުވާނީ އެމީހަކު ބޭނުންވާ ގޮތަކަށްވެސް ނޫން. އެކަން އޯލްރެޑީ އޯލްމައިޓީ ލިޔުއްވާފައިވޭ..." ސަބީނާ ކައިޔާންއަށް ކޮފީތަށްޓެއް އަޅާފައި ނާސްތާ ކުރަން އެދުނެވެ.

"އެންމެ ނުބައިގޮތަކަށް ސަފާ ކޮށްފައި މަރަން ބޭނުމީ. މި ޑެތް ހީވަނީ ކުއްލިއަކަށްހެން. ސަފާ ކުރާނެހެނެއް ހިޔެއްނުވޭ. މަމް ގާތިލަކަށް އެމްޕަތީ ހުރުމަކީ ދެރަކަމެއް....." ކައިޔާން އެހިއެވެ.

"ކައި. އެކަމަކު އެކިމީހުންގެ އެ އިހުސާސްތަކުގެ މިންވަރު ތަފާތުވެދާނެ. ހޭޓްއަކީވެސް ލަވް އެންޑް ފިއާ ފަދައިން އިންޓެންސް ފީލިންގް އެކޭ ދޯ ދަރިފުޅާ. ކައި. މަންމަ އަލުން ޖޮބަށް ދާން ފަށަން މިއުޅެނީ. މަންމަގެ ބޯއިސްމެންގެ ހެލްޕްވެސް ބޭނުންވޭ. ކޮއްކޮއަށް ހިމާޔަތްދޭން ތިބީ ތި ކުދިން. އޮލީވިއާ ތެރަޕީދޭން އަންނާނެ. އެހެން ޚިދުމަތްތަކަށް މެއިޑެއް ގެނެސްފައި އެބަހުރި. ....."ސަބީނާ ބުނެލިއެވެ.

"މަންމައަށް ޕްރޮމޯޝަންވެސް ލިބިއްޖެ..." ގަޒަލް ހީލިއެވެ.

"ހޫމް. އަލީ ޚާން ސީއީއޯއަކަށް ހުރީމަ އާއިލީ އެކުވެރިކަމުން ފައިދާކޮށްފި. މުއްސަދިކަމުގެ ބޭނުން ހިފާ އޭނަވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރަން އެތައް ހޮސްޕިޓަލްތައް އަޅާ ދަރިވަރުންނަށް ސްކޯލާޝިޕް ދީފައި. އެމީހުން އޯކްވިލްއަށް ބަދަލުވިކަމީ މިތަނަށް ލިބޭނެ ކުރިއެރުމެއްނު"

"މުއްސަދިންވީމަ ބޮޑެތި ސިޓީތަކުގައި އުޅެން ފޫހިވެގެން އެކަނިވެރި ތަންކޮޅެއް އާބާދީމަދު ތަނަކަށް ހިޖުރަކޮށްލަނީ ދޯ...ނޮޓް ބޭޑް...." ކައިޔާން ބުނެލިއެވެ.

"ސީރިޔާ ތަންތާ ހާލުގައި ޖެހޭ ރެފިއުޖީންނަށް ކެނެޑާއިން ހިމާޔަތްދިނުމުން އުފާވޭ. އަޅުގަނޑުމެންނަށް އިހުސާސްވެސް ނުކުރެވޭނެ ބޮމާއި ހަތިޔާރުތަކުގެ އަޑު މެދު ނުކެނޑި އިވި ނުރައްކަލުގައި ހަޔާތް ހޭދަކުރުން. ކަނޑުމަގުން ޔޫރަޕަށް އަންނައިރު އައިލާންފަދަ ކިތައް ކުދިންނެއް މަރުވެގެންދޭ. އައިލާންގެ ފޮޓޯތައް ވައިރަލް ވީމަވެސް އެއްޗެއް ވިސްނުނު ބަޔަކު ނެތް. ހާޓްބްރޭކް ވި......." ގަޒަލްގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އެފަދަ ހިތާމަވެރި ވާހަކަތައް ފެށުމުން ގަޒަލްއަށް ލިބިދާނެ ނަފްސާނީ އުދަގޫތަކާއިމެދު ކަންބޮޑުވުމާއެކު ވަގުތުން ސަބީނާ އެ މައުޟޫ ބަދަކުކޮށްލިއެވެ.

"ސިއެރާ އެބައޮތް އެގެއަށް ޑިނާއަކަށް ދައުވަތުދީފައި....."

"އަނެއްކާ އެންގޭޖްމެންޓް ކަހަލަ ކަމެއް އޮތީތަ؟ " ގަޒަލް އެއްލޯ މަރައިލީ ކައިޔާންއަށެވެ.

"ސަޖަލްއާއި ތިހެން އަޅުވާ ކިޔާކަން އެނގިއްޖެއްޔާ އެކުއްޖާ އަނގައިންވެސް ނުބުނާނެ. ބިގް މައުތް ފޯ ޔޯ އިންފޮމޭޝަން ދެން އަހަރެމެން ތިބުނާކަހަލަ ރިލޭޝަނެއް ނެތް. ވީ އާ ޖަސްޓް ފްރެންޑްސް........" ކައިޔާން ލޯ އަޅައިލިލެއް ސީރިޔަސްކަމުން ސަބީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ކައިޔާން އެކުރީ ސަމާސާއަކަށް ވާނެނަމައެވެ. ސިއެރާގެ ފަރާތުންވެސް އެފަދަ އިޝާރާތްތަކެއް ލިބޭތީއާއި ޕްރޮމޯޝަނުގެ ސަބަބުން ދެ އާއިލާގެ ގުޅުން މިއަށްވުރެ ގާތްކޮށް ބަދަހިކުރަން ދެކުދިން ގުޅުވައިލުމުގެ ހުވަފެން ސަބީނާ ދެކެން ފަށައިފިއެވެ. އަންހެންކުއްޖަކު މެއިޑެއްގެ ގޮތުގައިވެސް އެގެއަށް ގެންނަން އޭނަ ޖެހިލުންވާ ސަބަބަކީ ކައިޔަންއެވެ. ހަނގު ފިރިހެން ދަރިއެވެ. އެކުއްޖާ ބަސްނޭހުމާއި ރުޅިގަދަކަން އަދި ބޮޑާކަމަކީ ކޮންތާކުން ހޯދައިގަތް ސިފަތަކެއް ކަން ދެނެވޮޑިގެންވަނީ މާތްﷲއެވެ.

ކައިޔާން ނާސްތާކޮށް ނިމިގެން ފޯނަށް ބަލަން ހުރެ ކާބައިން ނިކުތްވަގުތު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ. ވިސްނާނުލާ ހުރުމުން އަތުން ފޯނު ދޫވިގޮތަށް ހުދު މާބްލްމަތީގައި ރަގް ނާޅާ ހުރި ހިސާބުގައި ޖެހުނެވެ. ކައިޔާން ހުތުރު އެއްޗެއް ކިޔައިލާފައި އެނބުރި ބަލައިލިއިރު އެކުއްޖާ އެހާ އަވަހަށްގޮސް ލޯމަތިން ގެއްލިއްޖެއެވެ.

"ހަމަ ތޫފާނެއްހެން އައިގޮތަށް ފޯނުވެސް ވައްޓާލައިފި. ފޫހި ކުއްޖާގަނޑެއް. މޮންސްޓާއާއި އެކު އެޓިކަށް ލާންށޭ ޖެހެނީ..." ކައިޔާން ދުވެފައިކަހަލަ ގޮތަކަށް ސިޑި ހުރަސްކުރިއެވެ.

 

***

ޕާކުގައި މަރުވި މީހަކީ މިލާންއަށް ވުމަށް ގަޒަލްގެ ހިތާ ހިތުން އެދެވުނެވެ. އެއްވެސް ކުށްވެރިކަމުގެ އިހުސާސެއް ނުކުރެވި އެހެން މީހަކަށްޓަކާ ނުބައިގޮތް މެދުވެރިވުމަށް އެދެވުނެވެ. މިލާންދެކެ ހިތުގައި އޮންނަ ވަރުގަދަ ނަފްރަތުން އަމިއްލަ ނަފުސްވެސް ހައިރާންވާވަރުވެއެވެ. މިލާންގެ ނަން އިވުނަސް ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވެ ރޫ ރޫ އަޅައިގަނެއެވެ. ތުން ފިތައިގަނެވެއެވެ. އެއީ ބިންމަތީގައި ހިނގާ އުޅުމުގެ ހައްގު ދެވެން ވީ މީހެއް ނޫނެވެ. ދަންޖައްސާ މަޅިގަނޑު ކަރަށް މަހާލަންވެފައި ހުރި ގާތިލެކެވެ. ގަޒަލް އާއި ރެއިނާ ފަތާ ފެންގަނޑުކައިރީގައި ވާހަކަދައްކައިލަން ތިބިއިރު ފެންގަނޑަށް އެޅިފައިވާ ފަތްތައް ނަގަން ރެއިނާ މަސައްކަތްކުރިއެވެ.

"ފަތަން އެނގޭތަ؟ " ގަޒަލް އެހިއެވެ.

"ވަށައިގެން ކަނޑު އޮންނައިރުވެސް އެކަމެއް ދަސްނުވި. މިތަން ފުންތަ؟ "

"އިޓްސް ކުއައިޓް ޑީޕް. ބަލައިގެން އުޅޭ. ވެއްޓިއްޔާ ސަލާމަތްކޮށްދޭން އަންނާނެ މީހެއް މިވަގުތަކު ނެތް.........." ގަޒަލް އޭނަގެ ފައިގާ އަތް ޖައްސައިލިއެވެ. އޭނަގެ ނުކުޅެދޭވަރު އިހުސާސްވީ ވަގުތެކެވެ.

"ގަޒަލް ބުނީމެއްނު އެޓިކްގައި މޮންސްޓާ އެއް އުޅެއޭ....." ކުއްލިއަކަށް ރެއިނާގެ ނަޒަރު ހުއްޓުނީ ގޭގެ ފުރާޅާއި ދިމާލަށް ހުރި ބަޔަށެވެ. ކެނެޑާގެ ގެތައް ހަދާފައިވާލެއް ވަރަށް ހިތްގައިމެވެ. މިގޭގެ ދޮރުތައް ފުޅާވެފައި ބޭރުގެ މަންޒަރުތައް ފެންނާން ހުރުމުން ވިއު ހައިރާންވާހާ ނަލައެވެ. ކިތަންމެ ރީއްޗަސް އޭނަގެ ހިތަކަށް މާ ބޮޑު އުފަލެއް ނުލިބުނެވެ. ހިތްވަނީ މަރުވެފައެވެ. އަޖައިބުން ފުރިގެންވާ ގުދުރަތީ ރީތި މަންޒަރުތަކަށްވެސް މަރުވެފައިވާ ހިތެއް ނުދިރުވޭނެނޫން ހެއްޔެވެ؟

"ހޫމް އުޅޭ. އެންމެ ރަގަޅުވާނީ ނޭހިއްޔާ. މޮންސްޓާސް ތަކަށް އެމީހުންގެ ވާހަކަ ދައްކަންޏާ އެނގޭނެ....."

"އެހެންތަ؟ " ރެއިނާ ވިނަގަނޑުމަތީ އިށީދެ ލޯ ހަނިކޮށްލައިގެން ދުރަށް ބަލަން އިނީ ޚިޔާލެއްގައި އިންފަދައިންނެވެ. ގަޒަލް ގޮނޑީގައި އިނދެ އިނދެ ފޫހިވެގެން ޚިޔާލީ ވާހަކައެއް ހަދައިލީ ނޫންބާވައޭ އޭނަގެ ހިތަށް އެރިއެވެ. އެހެން އިނދެފައި ދެކަކުލުގައި ބޯ އަޅައިިލިއެވެ.

"ކޮންކަމަކާ ތި ވިސްނަނީ....ރެއިނާ ޝެއާ ކުރަން ބޭނުންތަ؟ އަޑުއަހަން މިހިރީ......." ގަޒަލްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

"އައިމް...ފައިން. އަޅުގަނޑު މެއިޑަކަށް ހުރެ ޚިދުމަތް ކުރަންވީމަ ގަޒަލްގެ ފަރާތުން ހަމްދަރުދީ ހޯދާކަށް ނުޖެހޭނެ. މިހާ ދުރަށް ކެނެޑާއަށް މިއައީ އަސްލު އެންމެ މަގުސަދެއްގައި. އެކަމަށް އިންތިހާއަށް ފައިސާ ބޭނުންވޭ. މިހާވަރަށް ހިންމަވާދެއްވި ކަމަށްޓަކާ ވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވަން......" ރެއިނާއަށް ބުނެވުނެވެ.

"ވީއިރު އެހެން މިޝަނެއްގައި. ބުނެބަލަ އޭރުން ފައިސާގެ ގޮތުން ކުރެވެން އޮތް ކޮންމެ ކަމަކަށް އެހީވެދީފާނަން. ހިތުގައި ފޮރުވައިގެން ހުރެގެން އެއްވެސް ކަމެއް ހާސިލެއްނުވާނެ. ބައެއްފަހަރަށް ޝެއާކުރީމަ ހިތުން ބަރެއް ލުއިވެގެންދާހެން ވެސް ހީވާނެ. އަހަންނަށް އެނގޭހާވެސް ކަމަކީ ރެއިނާ ސްމައިލް ނުކުރާކަން. ލޮލުގައި އަބަދު ކަރުނަ ހުންނަކަން. އަބަދު ހިތާމަކުރާކަން........" ގަޒަލް ވާހަކަދައްކަން ފެށުމުން ރެއިނާގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ހިގައްޖެއެވެ. ރެއިނާ އެއްޗެކޭ ބުނަން އުޅެނިކޮށް ކުއްލިއަކަށް ގަޒަލްގެ ސަމާލުކަން އަތުލައިގަތީ ލޮލު ކޮޅުން ފެނުނު ހަރަކާތެކެވެ. އޭނައަށް ރޭގަނޑު އުދަގޫކުރާ މަޚުލޫގު ދުވާލު ލޯމައްޗަށް ފެނިގަންނަނީ ކަމަށް ހީކުރެވި ފިނި ދަލެއް ހިއްލާލައިފިއެވެ. އިންގޮތަށް އިނދެ ކަދުރާ އަނބުރައިލިއިރު އެމީހަކު ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނީއެވެ. އެނގުނީ އެންމެ ކަމެކެވެ. ދިގު އިސްކޮޅެއްގެ ވެރިއެއްކަމެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްލާގައި ކަދުރާގައި ފިނިން ސަލާމަތްވާން ކެހެރި ސްކާފެއް އޮޅާލައިގެންނެވެ. އެއީ މިލާންއެވެ. އެހެން މީހަކު ގެއާއި ދިމާލުންގޮސް ގަސްތަކުގެ ތެރެއަކަށް ނުވަންނާނެއެވެ.

"އެއީ ކާކުތަ؟"ރެއިނާ އަހައިލިއެވެ.

"ހީޒް ދަ މޮންސްޓާ އިން ދަ އެޓިކް........"

"އޯ....."

ގަޒަލްއަށް ލިބުނު ބިރުވެރިކަން ރުޅިވެރިކަން ޚިޔާރުކޮށް ތުން ފިތައިލެވިއްޖެއެވެ. ފުރޮޅުލީ ގޮނޑީގެ އަތްގަނޑަށް ބާރުކޮށްލެވިއްޖެއެވެ. މޭމައްޗަށް ބާރުވެ ނޭވާ ނުލެވި ހުރިހާ ތަނެއް އައްސިވާން ފެށިއެވެ. ގަޒަލް ކަރުގައި ވާ ސްކާފު ނައްޓަން މަސައްކަތްކުރިއެވެ.

"ނޭވާ ނުލެވޭ...މަރުވަނީހެން ހީވޭ. މިތަނަށް ގޮތެއް އެބަވޭ........."

"ސުބުހާނަﷲ..." ރެއިނާއަށް ހަދަންވީ ގޮތެއް ނޭގި ހުއްޓުން އަރާފައި ހުރެވުނީއެވެ. ގަނޑުވެފައި ހުރި ކުއްޖާއަށް ދެތިން މިނިޓުން ހަމަޔަކަށް އެޅި އޭނަ އުޅުނީ ގެއާއި ދިމާލަށް ދުއްވައިގަންނާށެވެ. "އެބަ ގޮވަން ކޮންމެވެސް މީހަކަށް."

"ރެއިނާ ނުދޭ. އޭރުވެސް ބުނީމެއްނު ގެއަކު އެކަކުވެސް ނޫޅެއޭ.." ގަޒަލް އަށް ބުނެވުނެވެ. "މިހާރު އޯކޭވާން ފަށައިފި..."

ގަޒަލް ފުންކޮށް ނޭވާލާފައި އޭނަގެ ހަށިގަނޑު ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ހިނިތުންވެލިއެވެ. "ރެއިނާ ބުނީމެއްނު ޅަ ފާޑުޖެހިޔަސް އުމުރުން ފަންސަވީސް އަހަރޭ. ތަޖުރިބާ ހުރި ވައްތަރެއްނުޖަހާ. ޔޫ ލުކް ނައީވް....."

"އަސްލު ނައިންޓީން...."

"އެކަމަކު ރެއިނާ ބުނިން ޓްވެންޓީ ފައިވްއޭ. ސޯ ޔޫ ލައިޑް؟."ގަޒަލް ހައިރާންވެފައި އެހިއެވެ.

"އައިމް ސޮރީ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އަދި ވަޒީފާ ބޭނުންވިވަރުން. މިހާރު ހާލު ކިހިނެއް؟ ހާދަ ބިރުގަތޭ. ކިހިނެއް އެވީ.................."

"ޕެރެލައިޒްވީމަ ނުވާނެ އެހެން ބައްޔެއް ނުހުންނާނެ ދޯ. މާ ބޮޑަށް ފިނިވީކަމަށް ވާނީ. ހިނގާ އެތެރެއަށް ދަމާ. އެއްޗެއް ކާލާ ހިތްވެއްޖެ.އެކަމަކު ދެރައީ ރެއިނާ ނުކާން އުޅޭތީ. ޑައިޓްގަތަ؟ނޫނީ ކެނެޑާ ކާ އެއްޗެހި ނުބައީތަ؟ " ގަޒަލް ގޮނޑި ދުއްވާލިއެވެ. ރެއިނާ އިސްޖަހައިލަމުން ތުންފަތުގައި ދަތްއެޅިއެވެ. ރެއިނާ އަށް ގަދަކަމުން ދިނަސް ކަނީ ނިކަން ކުޑަކޮށެވެ. އެއީވެސް ގަޒަލް ހައިރާންކުރުވަނިވި ކަމެކެވެ. ރެއިނާ ނުކާން ދެކޮޅުހަދަންވީ ސަބަބެއްވެސް ބުނެދެނީއެއް ނޫނެވެ. ހުސް ސުވާލުތައް ކޮށްކޮށް އޭނަ ވަރުބަލިވެ ރުންކުރުވާން ފެށިއެވެ. އެވަރުންވެސް ރެއިނާގެ މާ ބޮޑު މައުލޫމާތެއް ނުލިބުނެވެ.

 

 

***

އެރޭ ގަޒަލް އޮތީ ނިދަން ބިރުންނެވެ. ވާރޭ ވެހެންފެށުމުން ނުފެންނަ އެއްޗެހިތައް ހޭލަމޭލަވެ އުޅޭނެއޭ ހީވަނީއެވެ. ދޮރުތަކުގެ ފަރުދާތައް ދަމާލާފައި ހުރުމަކުން އަދި އަނދިރި މަޚުލޫގުންގެ ފަރާތުން ހިމާޔަތް ލިބުނީއެއް ނޫނެވެ. ދެލޯ ތަންމިނަށް ހުޅުވާލައިގެން އޮތްވާ މީހަކު އެއްޗެކޭ ބުނެލިހެން ހީވެ ސިހުމާއެކު ވަށައިގެން ހޯދާލެވިއްޖެއެވެ.

"ރެއިނާ. އެއްޗެކޭ ބުނިންތަ؟ "

ރެއިނާ ތުން ތަޅުވައިލުމުން އަދި ގަޒަލް ވަކިންބޮޑަށް ބިރުގަނެ ކުއިލްޓްގައި އަތްބޮނޑިކޮށްލެވިއްޖެއެވެ. ރެއިނާއާއިވެސް އަވަލީތާއެވެ.

ރެއިނާ ނިދީގައި އޮވެ ކޮންމެވެސް ވާހަކަތަކެއް ދެއްކިއިރު އެކައްޗެއްވެސް ސާފެއް ނުވިއެވެ. ފަހުން އޮޅުން ފިލިއިރު އެކިޔަނީ މީހެއްގެ ނަމެވެ.

"މި........މިކާލް.....މިކާ.....މިކާ..........." މިކާލްއަކީ ކާކުބާވައެވެ. ރެއިނާގެ ލޯބިވެރިޔާ ހެއްޔެވެ؟ ނޫނީ ތިމާގެ މީހަކީ ހެއްޔެވެ؟ މިކާލް ކޮބާހެއްޔެވެ؟ އެތައް ސުވާލުތަކެއް ފުނި ޖެހުނެވެ. ރެއިނާގެ ހިތާމަތައް ގުޅިފައިވާ ފަރާތަކީ މިކާލްބާވައެވެ. ރެއިނާ ކުއްލިއަކަށް ހަޅޭއްލަވައިގެންފާ ކައުޗުމަތީ އިށީދެ އިންތަން ފެނި ގަޒަލްއަށްވެސް އަދި ހަޅޭއްލަވައިގަނެވުނީއެވެ. އެކަމަކު އެ އަޑުތައް ކޮޓަރީގެ ފާރުތައް ފޭދިގެން ދިޔަސް ވާރޭގެ ތެރެއަށް ހިނދުނީއެވެ. ގަޒަލް އަތުޖެހޭ ހިސާބުގައި ރިމޯޓް އޮތްކަމީ ނަސީބެކެވެ. އޭނަ ބޮކިތައް ދިއްލާލުމުން ކޮޓަރިތެރެ ދުވާލުފަދައިން ދިއްލާ އަޅާލައިފިއެވެ. ރެއިނާ ކައުޗުން ފުންމާލައިގެން ގަޒަލް ގާތަށް އައިސް އަތުގައި ފިރުމައިލިއެވެ.

"ކިހިނެއްވީ؟ "

ރެއިނާ ހަޅޭއްލެވީމަ ނު......"

"ބިރުވެރި ހުވަފެނެއް ފެނުނީ. އައިމް ސޮރީ." ރެއިނާގެ ޖަވާބުން ގަޒަލް އަހަން ބޭނުންވީ އެންމެ ސުވާލެކެވެ. މިކާލްއަކީ ރެއިނާގެ ކާކުކަމެވެ. އެކަމަކު ރެއިނާ އަމިއްލައަށް ނުބުނަނީސް ކިތަންމެ ޝައުގުވެރިވިޔަސް ޒާތީ ސުވާލުކުރުމަށް އޭނަގެ ޟަމީރު ތަނެއް ނުދިނެވެ. ރެއިނާއަށް ވަގުތު ދިނުމުން އެ ހިތް ހުޅުވާލާވަރެއް އެނގޭނެއެވެ. ގަދަކަމުން އަހަން ހަދައިގެން މިއަށްވުރެ ބޮޑު ތޮށްޓެއް ވަށާލައިގެން އެތޮށިތެރޭ އެކުއްޖާ ފިލާ އިނދެފާނެއެވެ.

***

އަލީ ޚާންއަކީ އިނގިރޭސި ރައްޔިތެކެވެ. އެމީހުންގެ ދަރިކޮޅު ތުރުކީ އަދި އަރަބި ނަސްލާއި ގުޅިފައިވެއެވެ. މުއްސަދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ އިންސާނީ ޚިދުމަތުގައި އަލީ ޚާން ދެމިހުރިއިރު ދީނަށްވެސް ޚިދުމަތްކުރެއެވެ. އެހެން މަހުޖަނުންނާއި ގުޅިގެން ބޮޑު މިސްކިތެއް ބިނާކުރުމުގެ ޕްރޮޖެކްޓް ފެށިއިރު އެތަނުގައި ސްކޫލަކާއި ކޮމިއިނިޓީ ސެންޓަރަކާއި ސިއްހީ އަދި ގާނޫނީ ލަފާދޭ އޮފީހަކާއި ދުވަސްވީ މީހުން ބަލަހައްޓާ ތަނަކާއި ޔަތީމު ޚާނާއެއް އަދި ދާރުލް އުލޫމެއް ހިމެނެއެވެ. އަލީޚާންއާއި އާއިލާ އެރަށަށް ހިޖުރަކުރީ ދާދި ފަހުންނެވެ. އެމީހުން ގެއެއް ގަތީވެސް ސުފިޔާންމެންގެއާއި ދާދި ގާތުގައެވެ. އެގޭ ދެ އަންހެންކުދިންގެ ތެރެއިން ސަޖަލްއާއި ކައިޔާންގެ ޚާއްސަ އެކުވެރިކަމެއް އޮތުމުން ދެ އާއިލާއިން އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން އެ ގުޅުން ކައިވެންޏާއި ހަމަޔަށް ދާނެކަމުގައެވެ. ސަބީނާވެސް ސަޖަލް އާއިމެދު ޚާއްސަކަމެއް ބަހައްޓަނީ އެކުއްޖާގެ ރީތިކަމާއި އަޚުލާގުގެ ސަބަބުން ހިތަށް އަސަރުކޮށްގެންނެވެ. ކައިޔާންގެ ރީތިކަން އޭނައަށް ވިހައަކަށްވެ އަންހެންކުދިންނާއި އޮންނަ ގުޅުން އިމުން ބޭރުނުކޮށްފިއްޔާ ރަގަޅޭ ސަބީނާގެ ހިތަށް އަރައެވެ. ކައިޔާން ގެއަށް އައުން ލަސްވިޔަސް ސަބީނާ ހާސްވެއެވެ. އަނެއް ދެ ފިރިހެންކުދިން ތަންކޮޅެއް ހަރުވެފައި ބޮޑަށް އުޅެނީ ވަޒީފާއާއިގެންނެވެ. ޒިންމާދާރު ވަޒީފާއެއްގައި ތިބުމުން ތަފާތަކީ އެއީއެވެ. ކައިޔާން ކިޔަވާ ކުއްޖަކަށްވާތީ އަދި އޭނަގެ އެފަދަ ޒިންމާއެއް ނޯވެ މަޖަލާއި އުފަލުގައި ދުވަސްތައް ހޭދަކުރަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އޭނަވެސް ކޮލެޖް ނިމުމުން ބޭބެމެންނާއި އެއް ހަމައެއްގައި ދިރިއުޅުމުގެ މައިދާނަށް ނުކުމެ މައިންބަފައިން ފަޚުރުވެރިކޮށްލާނެ ކަމާމެދު ޝައްކެއް ނެތެވެ.

ސިއެރާ އަލީ ޚާންގެ ހިތް އަތުލައިގަތީ އޯކްވިލްއަށް އެދުވަސްކޮޅު ކުރި ދަތުރެއްގައެވެ. މުއްސަދިކަން އަބަދު ބޭނުންވެ އެކަމަށް ދަހިވެތިވެފައި ހުރި ސިއެރާ އޭނަގެ އުމުރާ ބަލާފައި މާ ދުވަސްވީ މީހަކާއި ކައިވެނި ކުރަން ނިންމީ މުދަލާއި ފައިސާގެ ބޭނުމުގައެވެ. އަލީޚާންގެ ސަބަބުން އޭނަގެ ލިއަމް ކެނެޑާއަށް ގެންނަން ފަސޭހަވާނެކަން އެނގުނެވެ.

ސިއެރާގެ އުޅުން ހުންނަގޮތުން ދެ ކައިވެނި ނާކާމިޔާބު ވުމަށްފަހު މިފަހަރު ލިބުނު ރަނުގެ ފުރުސަތު ދޫކޮށްނުލަން އޭނަވެސް ހުރީ ނިންމައިގެންނެވެ. ސަބީނާ ކޮއްކޮއާއި ނުރުހިފައި ހުރިކަމުގައި ވިޔަސް ހަރުދަނާ މީހަކާއި ޖެހި ބަދަލުވެދާނެކަމުގެ އުއްމީދުގައި ހުރެ އެ ކައިވެންޏަށް ރުހި ގަބޫލުވިއެވެ.

އަލީޚާންގެ ގަނޑުވަރެއްފަދަ ރީތި ގޭގެ މަތީބައިގެ ޓެރެސްގެ ގޮނޑިތަކެއްގައި ތިބިއިރު ކުރިމަތީގައި ހުރި މޭޒުމަތީގައި ހޫނު ބުއިންތަކާއި މީރު ކާއެއްޗިއްސެވެ. ޚާދިމާއަކު ތަބައް ބަހައްޓާފައި ދިޔުމުން ދެމީހުން އެކަނިވެރިވިއެވެ. ސިއެރާ އޭނަގެ ކަށި އިނގިލީގައި ވިދަވިދާއޮތް އަލިމަހުގެ ހުދުރަނުގެ އަނގޮޓި ދައްކައިލިއެވެ.

"ދޮންތާ އަދި ކިރިޔާ އަހަރެންދެކެ ހަގީގީ ލޯތްބެއްވާ މީހަކާއި ދިމާވީ. އަލީ ހާދަ ރަގަޅޭ. ޕަފެކްޓް ޖެންޓްލްމޭންއެއް..."ސިއެރާ ތައުރީފުކުރިއެވެ.

"ތިކައިވެނީގައި ބަރަކާތް ލައްވައިފިއްޔާ ކިތަންމެހާވެސް ރަގަޅު. މިސްޓަރ އަލީއަކީ މި ރަށުގައި މަޝްހޫރު ގަދަރު އުފުލިގެންވާ މީހެއް. ސިއެރާ ތަންކޮޅެއް މައިތިރިވެގެން ހަރުދަނާވާން ވީ ދުވަސް ޖެހިއްޖެކަން ނޭގޭ....ކޮބާ ލިއަމް ނުގެންނަންތަ މިކޮޅަށް؟"

"ލިއަމްގެ ބައްޕަ އެންމަފަހުން ބުނި ދުވަސްގަނޑަކަށް ފޮނުވަފާނަމޭ. ދުރުގައި ހުއްޓަސް ލިއަމް މަށާއި މާ ކްލޯޒް."

ސިއެރާ އެކި ވާހަކަތައް ދައްކަމުންގޮސް އޭނަގެ މައިންބަފައިން މަތިން ހަދާންކުރިއެވެ. އޭނަގެ މައިންބަފައިންނަށް މިދުވަސް ފެންނާނެ ނަމަ ރަގަޅޭ ބުނިއިރު ލޯ ކަރުނުން ފުރިއްޖެއެވެ.

"އައެމް ސޮރީ ދޮންތީ. އަހަންނަށް މަންމަމެންގެ ޖަނާޒާއަށްވެސް ނާދެވުނީ އޭރު ރާއްޖެގޮސް އެހެން ރަށެއްގައި ހުރެވުނީމަ. ނުވީތާކަށް ފޯނުގަނޑުވެސް ހަލާކުވީ. މަންމައާއި ބައްޕަ ނިޔާވުމުން ހިތް ހަލާކުވި. ދުވަހަކު ކަމަކާއި ރިގްރެޓްނުވާ ވަރަށް ރިގްރެޓްކުރިން. އައި ހޯޕް ގިޔާމަތް ދުވަހުން އެންމެން ޖަންނަތުން ބައްދަލުވެ އުފާވެރިކަން ލިބޭނެކަމަށް..."

"ސިއެރާ ދުވަހަކު އުޒުރު ހުހެއްނުވާނެ. އެނގޭތަ ބައްޕަގެ އެންމެ ފަހު ވަސިއްޔަތްކަމުގައިވީ މިލާންއަށް ހިމާޔަތްދޭން."

"އެހެންވެ ދޮންތަ ތިގޭގައި ބެހެއްޓީތަ؟ ދެޓް ލިލް ޖިންކްސް...." ސިއެރާ ނޭފަތް ގުރުޑުކޮށްލިއެވެ.

"އަމިއްލަ ބަނޑުން ވިހޭދަރިއަކުދެކެ މަޔަކު ތިހާ ރުޅިއަންނަ ތަނެއް މަށެއް ނުދެކެން. ހަމަ އަޖައިބުވޭ......"

"ދޮންތައަށް ސަބަބު އެނގޭނެ. އެންމެ ރަގަޅު. މިހާރު ދެން ފެމިލީ މީހުންނާއި ދުރުން އުޅުމުގެ ބަދަލުގައި އެންމެނަށް ފޮގިވްކޮށް އަލުން ރީތިކޮށް ދިރިއުޅެންވީއޭ ހިތް ބުނޭ. މިލާން އަހަރެން ގާތަށް ފޮނުވާ......" ސިއެރާ އެދުނެވެ.

"ނޫން. ބައްޕައަށް ވައުދުވީފަދައިން މިލާން ހުންނާނީ އަހަރެން ގާތު.." ސަބީނާ ދެކޮޅު ހެދިއެވެ.

"އޭނަ ގުޒްލާން މަރައިލީމަވެސް ދޮންތަ ފޮގިވް ކުރީތަ؟ " ސިއެރާ ހައިރާންވެގެން ދެލޯ ބޮޑުކޮށްލައިފިއެވެ.

ނުނިމޭ

ކޮމެންޓް 0