"ހަޔާތަކީ ހިކުމަތުން ފުރިފައިވާ ކުރު އެއްޗެކެވެ. ވަގުތު ބޭކާރުނުުކޮށް ހެޔޮ ގޮތުގައި ހޭދަކުރައްވާށެވެ. "

***

"ހޫމް........" ގަޒަލް އެ ހަދާންތައް އާކުރާކަށް ބޭނުމެއް ނޫނެވެ. ކެނެޑާގެ ގިނަ ހަނދާންތައް ގުޅިފައިވަނީ އޭނަގެ ހަޔާތް ބަރުބާދުކޮށްލި މިލާންއާއެވެ. ގުޒްލާންއާއި ޅައިރުގެ ރީތި ފޮނި ހަދާންތައް ދެނެއް އަނބުރާ ނާންނާނެއެވެ. ދެރައީ އެހަދާންތައްވެސް މިލާން ފޭރިގެންފައިވާކަމެވެ. މިލާން އެއިން ކޮންމެ ބާބެއްގައި އެކި ކުލަ ޖައްސައިދިނުމުގައި އިސް ދައުރެއް އަދާކުރިއެވެ. ކުޑައިރުން ފެށިގެން މިއަދާއި ހަމަޔަށް އައިއިރުވެސް މިލާން އެހެރީ އޭނަގެ ހިޔަނިފަދައިން ފަހަތުގައެވެ. ގުޒްލާންގެ މަރަށްފަހު އެ ސަފުހާތަކަށް އައި ކަޅުކަން ދުވަހަކު ފިލައިގެން ނުދާނެއެވެ.

"ޖީޖީ.އަހަރެން ކަހަލަ ޖެލީފިޝްއަކަށް ޑޮކްޓަރަކަށް ނުވެވޭނެ. ހުރިހާ ކުދިންގެ ތެރެއިން ހޭނެތެން އެނގުނީ އަދި މަށަށް. ހުރެލާފައި ކަނޑާ ވައްޓައިލި ރުއްގުޅިއެއްހެން ބިންމައްޗަށް ދެމުނީ. ކިހާ ރަކިވާނެ. އަދި ހޭއެރީމަވެސް މަރުވިކަމަށް ހެދިގެން އެތައް އިރަކު އޮންނަން ޖެހުނު.........."

"ހޫމް ފައިގައި އަތްލީމަ ދޯ ފުންމައިގެން ތެދުވާން އެނގުނީ...ޖެލީފިޝްއަކަށް ވިޔަސް ކޮންމެ އެއްޗަކަށްވިޔަސް ތިހާ ފަސޭހައިން ދިޔަކަ ނުދޭނަން. އަލަށް މެޑިސިން ހަދާ ކުދިން ބިރުން ފެއިންޓްވުމަކީ އާކަމެއްނޫނޭ....."

"ހޫމް..އަދި އެއްކަލަ ބެލާ ފޮޓޯވެސް ނަގާފައި ވައިބާ ގްރޫޕަށް ލާފައި އިނީ. އެންމެން ކިހާ ޖޯކު ޖެހި. ފުނޑާލާފައި ބާޒުތަކަށް ކާންދޭ ހިތްވީ .ރޭސިސްޓް އަންހެނަކަށް ވީމަ ވަކިން ފޫހިވި.."

"އެކަހަލަ މީހުން ބުލީކޮށްކޮށްފައި ހުއްޓާލާނެ. ރެއިން ގައިނީއަކަށް ވީ ދުވަހަކުން އޭނަ ވިއްސަން ޖެހޭނީ ރެއިން ނޫންކަމެއް ނޭގެއެއްނު. ޑޯންޓް ގިވް އަޕް އިގޭ." ގަޒަލް ހިތްވަރު ދިނެވެ. ގަޒަލް އެ ހާލުގައިވެސް ހިތްވަރުގަދަކަމާއި އެރީތި ދެލޮލުން ފެނުނު ވިދުން އެހެން މީހެއްގެ މަތިން ހަދާންކުރުވަން މަޖުބޫރުކުރިއެވެ.

"އައި ކެން އިމޭޖިން. އެގަޑީގައިވެސް ޓެރަރިސްޓް ނިގާ އޭ ކިޔާފައި ދުވެ ނުފިލިއްޔާ ރަގަޅު."

"ބެލާ އެގޮތަށް ބޯ ކޮށާލާފައި ހުރީމަ ކުއްޖަކު ހީވަނީ ހޯނުގެ ނިގޫ ކަނޑާލާފަހެނޭ ބުނީމަ ބުންޏެއްނު ޕޯނީ ޓެއިލް ހެޑޭކް ވާތީ ޔޯ. އޭނަގެ އޮތީ ރަޕުންޒެލް ކަހަލަ އިސްތަށިގަނޑެކޯ. ދެން އަދި ފޮނިކަނޑަން ކިޔައިފިއެއްނު ކެންސަރު ޕޭޝަންޓުންނަށް އެ ޕްރެޝަސް އިސްތަށިފުޅު ހަދިޔާ ކުރީޔޯ. އަސްލު ބޮލުގައި ރިއްސިޔަސް އޭނަ އެހާ މޮޔައެއް ނޫނޭ އެކަމަކު ހަމަ އިންސާނިއްޔަތަށްޓަކާ ވީ ގުރުބާނީ އެކޯ. ބައެއްކަހަލަ ބަލިތަކާއި ޖަމްއިއްޔާތަކަށް ފަންޑުވެސް ކުރަމޭ. ފޮނިކަމުން ހަކުރު އެއްވެސް އެއްޗަކަށް ނުވާނެ. އެނގޭތަ. އެހާ ބޮޑަށް އަހަރެމެންނާއި ޖައްސައިލީ އެ ގްރޫޕް އެންމެން މުސްލިމުން ދެކެ ނަފްރަތުކުރާތީ. ޓެރަރިސްޓުންގެ ގޮތުގައި ރެއިންއާއިމެދު ދެކެނީ. ޚާއްސަކޮށް ސްކާފް އެޅީމަ...." ގަޒަލް ސަބަބު ކިޔައިދިނެވެ.

"ހޫމް. ސްކާފަކީ މުސްލިމް ކުދިންގެ އައިކަން. ޕޯނީޓެއިލް ހުރީމަ ބައެއް މީހުން ބޮލުގައި ރިއްސާކަން އަލަށް އެނގުނީ. ކަޒިންއެއް އަބަދު ކިޔާނެ ގެއަށް އައިސް އިސްތަށިގަނޑު ދޫކޮށްލީމަ ރިހުން ކެނޑޭ ވާހަކަ. ބެލާ ބުންޏެއްކަމަކު ތެދެއް ވާނީ ތެދަކަށް. ފޮނިބޮކި...އެއާރހެޑް........" ރެއިނާ ޗުއިންގަމުން ބޮޑު ބޮތްކެއް އެރުވިއެވެ. ގަޒަލް ހީލިގޮތުން ހުދު ހުދު ދަތްތައް ފައުޅުވިއެވެ. ވަގުތުން އޭނަގެ ޚިޔާލަށް ކައިޔާން ވަދެ ސިކުނޑި ފުރާލައިފިއެވެ. ހިނދުކޮޅެއްވާންދެން އެ ޚިޔާލަށް ފީނައިގަނެވުނުގޮތަށް އެތާ ގަޒަލް އިންކަން ހަދާން ނެތުނެވެ.

"އެ ފޮނި ފިރިހެނާގެ މަތިން ވަރަށް ހަދާންވޭ. ނުވީތާކަށް ދެރަކޮށް އަހަރެން އަންބެއް ނޫނޭ ބުނީ. ޖީޖީ ގާތު ބުނަން ވީތަ؟ " ރެއިނާ އަށް ޗުއިންގަމްގަނޑުވެސް ދިރުވައިލެވިއްޖެއެވެ. "ކޮންމެވެސް ދުވަހަކުން އަދި އަންނާނެބާ. ޑްރާމާތަކުން އަންނަފަދަ ފެއަރީ ޓޭލް ނިމުމެއް ގެންނަން ޖެހޭނެއްނު. އެކަމަކު މި ދިރިއުޅުމަކީ ހުވަފެނެއްނު. ރެއިނާ. ޝައިތާނާއަށް ނުހެއްލި ﷲއަށްޓަކާ ލޯބިވާން ދަސްކުރޭ. އޭރުން ދުނިޔޭގައި ދިމާވާ މުސީބާތްތަކާއި ކުރިމަތިލެވޭނެ. އެހާ ބޮޑަށް އެޓޭޗް ވީމަ ދުރަށް ދާން އުދަގޫވެދާނެ. ލިމިޓެއް ބާއްވާ. ހޫމް އަމިއްލަ ނަފުސަށް ކިޔަވާ ދީފައި އަނެއް މިނިޓްގައި އެ ވާހަކަތައް ވަޔަށް އަރައިގެންދާނީ. ކައިޔާން އޭނަގެ ބޮލަށް އެރި ވަސްވާސްދޭނެ....އޭނަ ހިތުން ފޮހެލައިގެން ނޫނީ އުފާވެރިކަން ހޯދާކަށް ނޭގޭނެ. އެ ޕޭޖް ދެން ނުހުޅުވާ..އެއީ ޕާސްޓް. "

"ކޮން ޕޭޖެއްތަ؟ " ގަޒަލް އެހުމުން އޭނައަށް އެންމެ ފަހު ޖުމްލަތައް ބުނެވުނީ ބާރަށް ކަން އެނގި ރަކިވެސް ވިއެވެ.

"ލައިފްގައި ޑިލީޓްކުރަން ޖެހޭ ބައިތައް ހުންނާނެއް ނު."

"އެޑިޓް އަދި ޑިލީޓް ބަޓްން އިންނަނަމަ...." ގަޒަލް ދެއަތްތިލަ އުނގުޅައިލިއެވެ. މިލާންގެ ސޫރަ ލޯމަތިން ފެނުނެވެ.

"އަހަންނަށް އެނގޭ. މިލާންގެ ބައި އޭރުން ފޮހެލާނީ...އަހަރެމެން ދެމީހުންގެ ދިރިއުޅުން ހާދަ އެއްގޮތޭ......" ރެއިނާ ބެންޗުގައި ދެފައި އަރުވާލައިގެން އިށީނެވެ.

"ދެމީހުން ނަމެއްގައި މެރީކޮށްގެން ތިބީމަ އަޖައިބެއްނު." ގަޒަލް ލޯ ކުޑަކޮށްލީ ވިސްނާފަދަ ގޮތަކަށެވެ. ފަތްތަކުގެ ދޭތެރެއިން ކޮކާ އަވިއެޅިފައިވާ ގޮތުން އެ ދޮންމޫނުގެ ކުލަ ވަކިން އަލިވެ ވިދާފަދައެވެ. އެ ލޮލުންވެސް ތަރިތައް ފިޔަޖަހާފަދައެވެ. ގަޒަލްއަށް ބަލައިލާ ކޮންމެ ފަހަރަކު އަމިއްލަ ނަފުސާއި އަޅުވާކިޔޭތީ މިކަން ހުއްޓުވާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ.

"އެވެސް ދުނިޔޭގައި ލެއްވި އެންމެ ފޮނި ބޮޑާ ފިރިހެނުންނާ . ބެލާގެ ފިރިހެން ވައްތަރު............." ރެއިނާ އުދަގޫވެގެން ގޮތަކަށް ބޯ ހޫރައިގަތެވެ.

"ރެއިން އާ އަހަރެންގެ ހުރި ތަފާތަކީ ރެއިން ހަޒްބެންޑް ދެކެ ލޯބިވޭ. އަހަރެން ހަޒްބެންޑްކިޔާ ޝައިތާނާ ގެ ނަން ހިތަށް އެރިޔަސް ގޫޒްބަމްޕްސް ހިލިގަނޭ. ލުކް....." ގަޒަލް އަތް ދައްކައިލިއެވެ. އެއޮމާން އަތުގައި ކުޑަކޮށް ހީބިހި ނަގާފައި ހުރިތަން ފެނި ރެއިނާ މަޑުމަޑުން ފިރުމައިލީ ހަމްދަރުދީވެފައެވެ. މި އަންހެންކުއްޖާގެ ހިތަށް ކުރާނެ އަސަރު އިހުސާސްވެއްޖެއެވެ. ނަފްރަތަކީ ބިރުވެރި ޖަޒުބާތެކެވެ.

"އަދި އެންމެ ބިރުވެރި ތަންކޮޅަކީ އޭނަ މަންމަގެ ބޮލަށް އެރުނުކަން...."

"އެއީ ކިހިނެއްތަ؟ "

"މަންމައަށް ވަސްވާސްދީގެން މަންމަ އޭނަގެ ކޮޅަށް ހުންނަކަން އެނގޭ. އޭނަ ނިދީގައި ހުރެޔޯ ގުޒް މަރައިލީ. ގަސްތުގައެއް ނޫނޭ."

"މަގޭ މަންމަ ނަމަ ބުނާނެ ބޮލަށް ބެރިއެއް ވެއްޓިފައި ހުރެއޭ އެހާ ނުބައި ކަންތައް ކުރާނީ. ޖީޖީއާއިއެކު އުޅެން ގެންނަންވީނު. އަހަރެމެން އޭނައަށް ހަދާން ނުނެތޭނެވަރުގެ ފިލާވަޅެއް ދޭނީ...." ރެއިނާ ޚިޔާލެއް ދިނެވެ،

"އާހް. މަގޭ ދެފައި...މި ސަލާމަތުން ހުރިނަމަ ކިކެއް ޖެހީނުން ދުނިޔެއިން ބޭރަށް ފޮނުވައިލާނީ. ދެވަނަފަހަރަށް ބަލައިލަން ނުކެރޭވަރު ކޮށްލާނަން..އެނގޭތަ؟ އަހަރެން ސްކޫލްގައި އުޅުނުއިރު ކަރާޓޭ އެއްޗެހިވެސް ދަސްކުރިން. އިޓް ވޯޒް ފަން..ދެރައީ މިހާރު އަމިއްލަ ނަފުސް ދިފާއު ނުކުރެވި ޑިސްއޭބްލްޑް ކުއްޖެއްގެ ގޮތުގައި އިންނަން ޖެހުނީމަ. ވީއިރު ކިހިނެއް އެކަހަލަ މޮންސްޓާއަކާއި އެކު ރިވެންޖް ނަގަންށޭ ކިޔާފައި އުޅެން ކެރޭނީ. މިބުނީ އޭނަ ފެނުނަސް ހޭނެތޭވަރުވޭ. ފުރޭތައަކު ވެސް މާ ރަގަޅުވާނެ........" ގަޒަލް ދަތްތައް ކާރުވައިގަތެވެ.

މިލާންގެ ވާހަކަ ދެއްކުމުން އެރޭ ސްލީޕް ޕެރެލެސިސް ވާނެކަމުގެ ޝައްކުވެސް ހިތުގައި އުފެދުނެވެ. އެހެންވެ ކަންބޮޑުވިވަރުން އަސުރު ނަމާދަށްފަހު ޒިކުރުކުރިއެވެ. މަޣުރިބަށްފަހު ގުރުއާން އަޑުއެހުމުން ހިތުގައިވި ބިރުވެރިކަން ފިލިއެވެ.

ކެއުމަށްފަހު ދެކުދިން ފޮތްބޮނޑިތައް ހިފައިގެން ފިލާވަޅުތައް މުތާލިއާ ކުރަން ކޮޓަރީގައި ތިއްބެވެ.

"ބޮޑު ގޮހޮރުގައި ފަސް ފޫޓު އަދި ކުޑަ ގޮހޮރުގައި ވިހިފޫޓް ހުރެޔޯ......" ގަޒަލް އޭނަގެ ހެދުން ހިއްލާލާފައި ތުނި ބަނޑުގައި އަތް ކާއްތާލައިފިއެވެ." ސުބުހާނަﷲ. ހާދަ ދިގޭ އެކަމަކު މިތާ ތެރޭ އެއްވެސް އެއްޗެއް އޮތްހެން ހިޔެއްނުވޭ........"

"ހަށިގަނޑުގެ ހުރިހާ ނާރެއް އެއްކޮށްފައި ވާފަށެއް ގަތާލައިފިއްޔާ ސާޅީސް ފަސް މޭލު ދިގުމިން އެބަހުރި. ވޯ......އިންކްރެޑިބަލް. އަދި އަހަރެމެންގެ ހަށިގަނޑުގައި އެބަހުރޭ ދިހަ ޕައިންޓް ލޭ..........."

"އަހަރެމެންގެ ސިކުނޑި ކޮށާލިޔަސް ތަދު އިހުސާސްނުވޭ..."

"މައިދާގައި ހުންނަ އެސިޑުން ރޭޒަރުވެސް ވިރުވައިލާނެ..."

"އިންސާނާގެ ހަޔާތުގައި އަނގައިގާ އުފައްދާ ކުޅުން ދެ ސްވިމިން ޕޫލް ފުރައިލެވޭނެ. ވިއާޑް އެކަމަކު ރިއަލް...." ރެއިނާއާއި ގަޒަލް އެނެޓޮމީގެ މަޖާ ކަންތައްތައް ހިއްސާކުރުމުގައި ތިބެފައި ފޫހިފިލުވައިލަން ޑްރާމާއެއްގެ ތަންކޮޅެއްވެސް ބަލައިލިއެވެ.

"ހަދާން ކުރަންވާނެ. ތާޓީ މިނިޓްސް ޑްރާމާއަށް. ނޫނީ އެޑިކްޓްވާނެ.." ރެއިނާ އަވަހަށް ލެޕް ލައްޕާލައިފިއެވެ. މެއިޑްއަކުން ބެސްޓްފްރެންޑްގެ މަގާމަށް އެރުނީތީ އޭނަ ކިތަންމެ ފަހަރު ހަމްދު ކޮށްފިއެވެ. ކައިޔާން އަދި ފޮނިވިޔަސް ކޮއްކޮގެ ހަށިގަނޑުގައި ފޮނި ޖީން ނެތީއެވެ.

ފަސް އަހަރު ފަސް

***

މިލާން އޭނަ ދިރިއުޅޭ ގެއަށް ވަދެ ރިމޯޓުން ހުޅުވުނު ގޭޓު ލައްޕާލައިފިއެވެ. ދެފަރާތުގައި އޮތް ފެހިކަން ގަދަ ވިނަގަނޑާއި އެކު ދޮރުމަތީގައި ހުރި ބިޔަ ގަހުގެ ގޮފިތަކުން މުޅި ހިސާބަށް ހިޔާ ފަތުރާލާފައިވެއެވެ. ޕޮޓްތަކުގައި ކޮންމެވެސް ވަރަކަށް މާ ގަސްތައް އިންދާލާފައެވެ. އެމާތަކުގެ މީރުވަހުން ފަޒާގައި ސެންޓުލެވިފައެވެ. އިނގިލީގެ ނިޝާނުން ހުޅުވައިލެވުނު ދޮރުން ވަދެވުނީ ހަވޭލީއެއްފަދަ ބޮޑު ގެއަކަށެވެ. ދެ ބުރިއަށް ނަގާފައިވާ ތަނަވަސް ޒަމާނީ ގެއެކެވެ. ސިޓިންރޫމްގެ މަޑު ރަގްމަތީ ގައި ފައި އެޅުމުން ފަޔަށް އަރާމުވިއިރު ފިނިކަމާއެކު އޭސީގައި ހަރުލާފައިވާ މީރުވަސް ސިކުނޑީގައި ބީހިލިއެވެ. މުޅިތަނުގައި ރަސްކަން ކުރަނީ ހިމޭންކަމެވެ. ފާރުގައި ކުރެހުންތައް ހަރުކޮށްފައިވާއިރު ފަތި ޓީވީއަކާއި ކެބިނެޓެއް އަދި ސޯފާސެޓެއް ބަހައްޓާފައިވެއެވެ. މާސްޓާ ބެޑްރޫމަށް ވަދެ ޓައީއަށް ދޫކޮށްލުމަށްފަހު މޫނު ބަލާ ބޮޑު ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ހަފޫޓު ހަތަރު އިންޗީގެ އިސްކޮޅެކެވެ. ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑެކެވެ. މޫނުމަތީގައިވާ ހިތްގައިމު ރީތިކަމުން ދެކޭ ކޮންމެ މީހަކު ދެވަނަ ފަހަރަށް ބަލަން މަޖުބޫރުކުރުވާނެއެވެ. ޚާއްސަކޮށް އެ ލޮލަކީ އަޅައިގަންނަ ޖާދުވީ ލޮލެކެވެ. ރަސްމީ ހެދުމުގައި ހުރިއިރު ޝަޚުސިއްޔަތުގެ ވަރުގަދަކަން ދައްކުވާދިނެވެ.

ހުރިހާ ނިއުމަތަކާއި ދެއްވި ރީތި ސިފަތަކާއެކުގައިވެސް މިލާންއަކީ އޭނަ މަސައްކަތްކުރާ ހޮސްޕިޓަލުގައި ހުރި އެންމެ އެކަނިވެރި ޑޮކްޓަރުކަމަށް އެންމެން ކިޔައެވެ. އަންހެންކުދިން ދެކޭގޮތުން ފޮނި ބޮޑީއެވެ. ރީތި ސްމާޓް މީހަކަށް ވުމުން ތިމާއަށް ތިމާ ފެނިފައި ހުރީއެވެ. އެހެން މީހުން ދެކޭ ގޮތާއިމެދު މިލާންއަށް އަސަރު ކުރާހެނެއް ހިޔެއްނުވެއެވެ. އޭނަ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަމިއްލަ ކުންފުނިތައް ހިންގައެވެ. އެހާ ޒުވާން އުމުރުގައި ކުޅަދާނަ ވިޔަފާރިވެރިންގެ ލިސްޓްގައި އޭނަގެ ނަން ހިމެނިއްޖެއެވެ. އޭނަ އަކީ މިހާރު ނިއުރޮލޮޖީ ޑިޕާޓްމެންޓްގެ އިސް މަގާމެއް ފުރާ ޒުވާނެކެވެ.

އެއްޗެއް ކާލައިގެން އައިސް ބޮޑު ސޯފާގައި ހަމަޖެހިލުމާއެކު ފައިމައްޗަށް އޭނަގެ ޕާޝިއަން ބުޅާ އަރާ މޮޑެވިގަތެވެ. އެއީ އޭނަ ގެންގުޅުނު ކުޑަ ޕޮމެރޭނިއަން އެކްސިޑެންޓެއްގައި ވަކިވުމުން މީހަކު ކުރި ހަދިޔާއެކެވެ. އޭނަގެ ބައިވެރިޔާއެވެ. އެކުވެރިން އައުމުން ދޮރު ނުހުޅުވާން އޮވެފައިވެސް ރިމޯޓް ނެގިއެވެ.

ޖައިޝްއާއި ލޭކެން މިސްރާބުޖެހީ ބަދިގެއަށެވެ. ހޫނު ކޮފީއާއެކު ވޭޕްކުރަން ތިބެ ސެލްފީ ނަގަ ނަގާފައި އުޅެމުން ދެއްކި ވާހަކައަކުން މިލާންގެ ހިތް ތެޅިލައިފިއެވެ.

"މިލާން އާ އިންޓާންއިންނާ ދިމާވިތަ؟ "

"ނޮޕް..."

"މިފަހަރު އައީ ހާދަ ރީތި ކުދިންކޮޅެކޭ..." ޖައިޝް ބުނެލިއެވެ.

"ޖައިޝް ހާދަ އަންޕްރޮފެޝަނަލްކޮށް ތި އުޅެނީ. މަސައްކަތުގައި ތިކަހަލަ ވާހަކަ ނުދައްކާ. އެކަމަކު އައި ހޭވް ޓު އެޑްމިޓް ޖައިޝް ތިބުނީ ރަގަޅަށް. ވަރަށް ގޯޖަސް ކުދިންތަކެއް މި ބެޗްގައި......." ލޭކެންވެސް ޖައިޝްއާއި އެއްބައިވިއެވެ.

"މިތިބީ މަސައްކަތުގައި ކަމަށް ހީކުރީތަ؟" ޖައިޝްއެހިއެވެ.

"އެކަމެއް ނޭގޭ. އަދިވެސް ސްކްރަބްގައި ތިހިރީ. ކްރޭޒީ އަބަަދަށް އަންހެންކުދިންގެ ވާހަކަ ނުދައްކަފާނަންތަ؟ " މިލާން އޮތްގޮތަށް އޮވެ ކަތި ނަޒަރަކުން ބަލައިލިއެވެ.

" އެކަހަލަ އަންހެންކުދިން ފެންނަނީ ހާދަ މަދުންނޭ. ވީމަ އެ ވާހަކަ ދައްކާނެއްނު..." ޖައިޝް ގެ ޖަވާބު އައެވެ.

"އެއް މަސް ކުރިން ރެސްޓޯރެންޓެއްގައި ތިބި ވޭޓަރުންތަކެއް ރީތިވެގެން އުޅުނު. އެހެން ދުވަހަކު ހޮސްޕިޓަލަށް އަލަށް އައި ސާފުކުރާ ލޭޑީއަކު ހިތުގައި އަޅައިގެން އުޅުނު. ޝުޑް އައި ކޮންޓިނިއު؟ "

"ނޫން އެހެން ފަހަރަކުން."ޖައިޝް ހިނިގަނޑެއް ޖަހައިލިއެވެ." އެކަމަކު އަދި އިންޓާންއިންނާ ބެހޭގޮތުން މިލާންއަށް ނޭގޭ އެއްޗެއް ބުނެފާނަން. އެކުދިން ފުރަތަމަ ވޯކް ކުރަން ބޭނުންވަނީ ނިއުރޮލޮޖީ ޑިޕާޓްމެންޓްގައި އެހެންވެ މިލާން ގާތު މިބުނީ..."

"އަހަރެން އުއްމީދުކުރަނީ އަހަރެން ކިޔެވި ދާއިރާއިގެ ކުދިންކޮޅަކަށް ވާނެކަމަށް. މި ފީލްޑުން ސްޕެޝަލައިޒްވެގެން އައި ބަޔެއްވިއްޔާ އަހަންނަށް ފައިދާ......................" މިލާން ބުޅަލުގެ ކެހެރިގަނޑުގައި އަތުން ފިރުމަމުން ދިޔައެވެ.

"މިލާން ތި އޭޖުގައި ސުޕަ ސްޕެޝަލިސްޓަކަށް ވިޔަސް އެހެން މީހުންނަށް ތިހާ މޮޅު ޔުނީކް ސިކުނޑިއެއް ދެއްވާފައެއް ނުވެއޭ. އެކުދިން އަދި ކިރިޔާ ޑިގްރީ ހެދީ. ބުނެބަލަ. އައިކިއު ކިހާވަރެއް އިންނަނީ.. ވަން ސެވެންޓީހެން ހީވޭ......" ޖައިޝްގެ ހުދު އިސްތަށިގަނޑަށް އޮރެންޖްއަލި އެޅުމުން ޖާދޫއެއްފަދައެވެ.

"މްމްމްމް....ފަ****."މިލާންގެ އެ ޖުމްލައިން ޖައިޝްއާއި ލޭކެން އަށް ސިހުމެއްލިބުނެވެ.

އެމީހުންނަށް މިލާން ދަންނަން ފެށުނީއްސުރެ ތަފާތުކަން ދަނެއެވެ. ސްލީޕް ޕެރެލެސިސްއާއި ލުސިޑް ޑްރީމްތައް އަދި ސްލީޕް ވޯކިންގެ ސަބަބުން ދިރިއުޅުން މުސީބާތަކަށްވެފައި ވާކަމުގައި ބުނެފައިވިއެވެ. ނަމަވެސް މިލާންއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކާއެކު ގައިވެސް އޭނަގެ އެހުންނަ ސިކުނޑިއަކީ ﷲ ސުބުހާނާ ވަތައާލާ ދެއްވި ނިއުމަތެކެވެ. ރާޒުވާ ނޫނީ އެހެން ކުޅިވަރަކުންވެސް އޭނަ ބަލިކޮށްލުމަކީ އެހެން އިންސާނަކަށް ކުރެވޭވަރު ކަމެއް ނޫނެވެ. އެހާ ޒުވާން އުމުރުގައި ސައިކެޓްރިކް ނިއުރޯސާޖަންއަކަށް ވުމަކީ އެހެން މީހަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ.

"މިލާން. ތި ބުޅާގަނޑާއި ދިމާލަށްތަ ނޫނީ އަހަރެމެންނާތަ؟ " ޖައިޝް ރުޅި އަންނަގޮތްވެފައި މިލާންގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

"ފަ***" އެއް ނޭވާގައި އެތައް ފަހަރު އެހެން ކިޔާފައި މިލާން އިސްއުފުލައިލިއެވެ. "ޝަޓަޕް ޝަޓަޕް. ފ*........"

"ޑޮކްޓަރ މިލާން. ކާކު ކޮޕީކޮށްގެން އުޅޭ ދުވަހެއްތަ؟ " ލޭކެން ހިނިގަނޑެއް ޖަހައިލިއެވެ.

މިލާން މޭޒުމައްޗަށް ފޯނު އެއްލާލާފައި އައިގޮތަށް ލޭކެންއާއި ޖައިޝްގެ ދޭތެރޭ ހުސްކޮށް އިން ކުޑަތަންކޮޅަށް ޖެހިގަތުމުން ދެ ޒުވާނުން ކުޑަކޮށް ދުރަށް ޖެހުނެވެ. މިލާންގެ މިހިރަ ބީރައްޓެހި އާދަޔާ ޚިލާފު އަދާ ތަކުގެ ފަހަތުގައިވަނީ އޭނަގެ ނަފްސާނީ މައްސަލަތައް ކަމާއިމެދު ޝައްކެއް ނެތެވެ.

"މިލާން........ކިހިނެއްވެފަ؟ " ލޭކެން ލޯ އަޅައިލިއެވެ. މިލާން ބުމަ އަރުވައިލިއެވެ. ފަހަރަކު ބުމައެއް އަރުވާފައި އޭނަ ގޮސް ދޮރު ހުޅުވައިލިއެވެ.

"ކަލޭމެން ގެއަށް ދާ ގަޑި ޖެހުނީ. ފަ* އޯފް....................." މިލާން ލޭކެންގެ ކަންފަތުގައި ހިފައިލުމުން ކަންފަތް އިރައިގެން ދިޔަހެން ހީވެ ހަޅޭއްލަވައިގަނެވުނެވެ. މިލާންގެ މި އަނިދިރި ފަރާތް ފެންނަންފެށީ ކިރިޔާއެވެ. އެމީހުންގެ ހޮސްޕިޓަލެއްގައި މިހާ އަޚުލާގު ދަށްވެގެނެއް ނޫޅެވޭނެއެވެ. މިލާން މޫނުމަތީ ދޮރު ލައްޕައިލުމުން ދެ އެކުވެރިން ތިބީ އެ އަމަލާއިމެދު ވިސްނަންވީ އެއްޗެއް ނޭގިފައެވެ. ޖައިޝް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"މަގޭ ކަންފަތް އެބައިންތަ؟ "

"ރަތްކަމުން ޓޮމާޓޯއެއްހެން ވެފައި..." ޖައިޝް ކައިރިވެލާފައި ފޮޓޯއެއްނެގިއެވެ. ވައިބާ ގްރޫޕަށް ލުމަށްފަހު ޑެވިލް އަކު ލޭކެންގެ ކަންފަތް އިރާލައިގެން ނުގެންދިޔައީ ކިރިޔާކަމަށް ބުނެ ޖޯކުޖެހިއެވެ.

***

ހަށިގަނޑަށް ވަމުންދާ އުދަގުލާއި ހޫނުކަން އަދި އަރާ ބާރަކުން މިވަނީ ކީއްކަމާއިމެދު ވިސްނަން މަޖުބޫރުވިއެވެ. އަމިއްލަ އިޚުތިޔާރަކާއި ނުލާ އޭނައަށް ވައްތަރު ޖެއްސުމާއި ބޭނުން ނުވާ ވާހަކަތައް ދެއްކެން ފެށުނީ ކީއްވެހެއްޔެވެ؟ މިއީ ނަފްސާނީ ކަމެއްބާވައެވެ. އިރުއިރުކޮޅާ އެސްފިޔަ ތަޅުވައިލެވެއެވެ. އެއްބުމަ ހިއްލައިލެވެއެވެ. އެއްލޯ މަރައިލެވެއެވެ. ތުމުން ފުމެލެވެއެވެ. އަތުން ފާރުގައި ތެޅެންފެށިއެވެ. މޫނުގައި ދެތިން ބޮނޑި އެޅުނެވެ. އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ތަސްބީހައެއް ފަދައިން ވަކި ލަފުޒުތަކެއް ތަކުރާރުކޮށް ކިޔެނީއެވެ. މިގަންނަ ސަކަރާތާއެކު ޚިޔާލަށް އައީ ހަމަ އެންމެ ބައްޔެކެވެ.

ދެން ފެނުނީ އޭނަ ތަރުތީބުން ފޮތްހަރުގައި ޖަހާފައި ހުރި މެޑިކަލް ފޮތްތައް އުކާލައިގެން އެނދުމަތީގައި ބަލަން އިންދައެވެ.

"ޓުރެޓްސް ސިންޑްރޯމް އާއްމުގޮތެއްގައި މި ދިމާވަނީ ދެ އަހަރާއި އަށާރަ އަހަރާއި ދެމެދު ކުދިންނަށް. އަހަންނަށް ކުރިއަކުން ވީ ގޮތެއް ނޫން. މިހެން ވާންވީ ކީއްވެތަ؟ ބޮޑެތި މީހުންނަށް މި މައްސަލަ ދިމާވުމަކީ ނާދިރު ހާލަތެއް. ކުޑައިރު އެކުދިންނަށް މިފަދަ ގޮތެއް ދިމާވެފައި ހުރެއްޖެއްޔާ ރިކަރ ވެދާނެ. އަހަންނަށް ނޭގި މިކަހަލަ ކަމެއް ދިމާވެފައި ހުރީތަ؟ " މިލާން ޓުރެޓްސް ސިންޑްރޯމްއާއި ބެހޭގޮތުން މައުލޫމާތު މުތާލައާކުރަން އިންދާ ވަގުތު ވޭތުވެގެން ދިޔަގޮތެއްވެސް ނޭގުނެވެ.

"ހާ ހާ...."

"ފަ****** ޝަޓަޕް....." އަމިއްލަ އަތުން މޫނުގައި ތަޅައިގަނެވުނެވެ.

ނިދަން ތައްޔާރުވުމަށްފަހު އޭނަ އަތުގައި ޗޭނުގަނޑެއް ޖެހުމަށްފަހު އެނދަށް ވެއްޓިގަތެވެ. އޭސީ އެންމެ ފިނިކޮށްލައިގެން އޮތްއިރުވެސް އޭނައަށް ހޫނުވެ ދާހިއްލާގޮތްވެ ގައިމަތިން ރަޖާވެސް ނަގައިފިއެވެ. ނިދުމަކީ ހަގުރާމައެކެވެ. ނިދީގައި ހިނގާފައި އަމިއްލަ ނަފުސަށް އަނިޔާ ދިނުމަށްވުރެ އެހެން މީހެއްގެ ހައްގަކަށް އަރައިގަނެވިދާނެތީ އޭނަ ކަންބޮޑުވެއެވެ. މި ކުޑަ މުޖުތަމައުގައި އެފަދަ ނުބައި ކަމެއް ކުރެވެން ފަށައިފިއްޔާ އޭނަ ލޭބަލް ކުރެވޭނީ ޒާލިމެއްގެ ގޮތުގައެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް އުދަގޫކޮށް ދެއަތަށް ފުރޮޅި ފުރޮޅި އޮތްވާ އެތައް ދަމެއްވީފަހުން ނިދީގެ އުނގުން ހިމާޔަތް ލިބުނެވެ.

***

މިލާން ފެނުމުން ރިސެޕްޝަނުގައި ތިބި ކުދިން ނިކަން ފޮނިވެލިއެވެ.

"އޯ މައިގޯޑް. ހީ ވިންކްޑް އެޓް މީ..."އެއްކުއްޖަކު ފުންމައި ގަތީ ކަރަންޓުގައި ޖެހުނު ފަދައިންނެވެ.

"އަހަރެން ހީކުރީ އަހަންނަށް ކަމަށް. ސީރިޔަސްކޮށް އެހެނެއް ނޫންތަ އެވީ؟ "އަނެއްކުއްޖާ ކަޅިއަޅައިގަތެވެ.

***

ޓޮރޮންޓޯގެ ސްކައިމޯ ހޮސްޕިޓަލުގެ ނަންބޯޑު މާ ދުރުންވެސް ދިއްލޭތަން ފެނެއެވެ. މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއްކަމުން އެތައް ބަލިތަކަށް އެ އިމާރާތުން ފަރުވާ ދެވެއެވެ. ކުރިމަތީގައި ޕާކެއް އޮވެފައި މީހުންނަށް އިށީދެލައިގެން ތިބެވޭނެހެން ގަސްތަކުގެ ހިޔަލުގައި ބެންޗުތައް ހުރެއެވެ. ފެހިކަން ގަދަ ވިނަތަކުން ލޮލަށް އަރާމުވާހާވެއެވެ. އިމާރާތުގެ ކުރިމަތީގައި އޮންނަ ފެންގަނޑަށް އެކި ބާވަތް ބާވަތުގެ މަސްތައް ލާފައި ހުންނައިރު އެތެރޭގެ ބައެއް ތަންތަނުގައި މަސް ޓޭންކުތައް ބަހައްޓާފައި ހުރެއެވެ. މަސްތައް ފަތާ އުޅޭތަން ބެލުމުން ލޭގެ ޕްރެޝާ ދަށްކޮށް ދިނުމުގެ އިތުރުން ސްޓްރެސް ފިލުވާ ނިދުމަށް އެހީތެރިއަކަށްވެސް ވެއެވެ. ޑޮކްޓަރުންގެ ކްލިނިކްތަކުގައި މަސް ޓޭންކުތައް ބަހައްޓާ މައިގަނޑު އެއް ސަބަބަކީ އެއީއެވެ. ފެންގަނޑަށް މެދުކެނޑުމެއްނެތި ފެން އޮހެމުންދާ މަސްނޫއީ ފެންފައްވާރާގެ އަޑުންވެސް ހިތްތަކަށް ދިރުން ގެނެސްދެއެވެ. ނިއުރޮލޮޖީ ޑިޕާޓްމެންޓްގައި ޑޮކްޓަރުންނަށް ޚާއްސަކޮށް ހަދާފައިވާ ލައުންޖްގައި ބޮޑެތި ލެދަ ސޯފާސެޓްތަކެވެ. ބޭރުގެ ހިތްގައިމު މަންޒަރުތައް ބިއްލޫރި ފާރުތަކުން ފެނެއެވެ.

މިލާން ބުމަ ކައިރިކޮށްލައިގެން ހުރިއިރު ސީރިޔަސްކަމުގެ ހައްދެއްނެތެވެ. އެންމެން ޖެހިލުންވާފަދަ ގޮތެއް ހުއްޓެވެ. އޭނަގެ ޑިޕާޓްމެންޓަށް ވަދެގެން ދިޔައިރު އެންމެން މަޑުމައިތިރިކަމާއެކު ސަލާމްކުރީ ރީތިކޮށެވެ.

އޭނަގެ ބޮޑު ކެބިންއަށް ވަދެ ބިއްލޫރި ދޮރުކައިރީ މަޑުކޮށްލީ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެންނެވެ.

"މޯނިން މިލާން. ހާލު ރަގަޅުތަ.." ޖައިޝްއާއި ލޭކެން އެކުވެރިޔާގެ ޚަބަރު ބަލަން އައެވެ.

"ކަމެއްވެއްޖެތަ؟ އޭރު ބުނީ އިންޓާންއިން ޖޮއިން ކުރި ވާހަކަ ދޯ. ރެއިނާއާއި ގަޒަލް. އަހަރެންގެ ކަޒިން ގަޒަލްއާއި އޭނަގެ މެއިޑް...ކޮފީއެއް އަޅާ............" މިލާން ޖައިޝްއަށް އެންގިއެވެ.

"އަމުރުކުރަން އެބަ ދަނޭ. ރެއިނާ ކިހިނެއް މެއިޑްއަކަށްވީ؟ ޑޮކްޓަރެއްނު..."

"ގަޒަލް ޕެރެލައިޒްވެގެން އެހެންވެ..........." މިލާން އަމިއްލައަށް އަޖައިބުވިއެވެ. އޭނަގެ ކޮންޓްރޯލް އޭނަގެ ޖިސްމާއި ސިކުނޑިއަށް ނެތް ފަދައަކުން ވާހަކަދެއްކި އެކި ހަރަކާތްތައް އެބަ ކުރެވެއެވެ. މިއީ އޭނަ އަމިއްލަ ގޮތުގައި ހުރެ ދައްކާނެ ޒާތުގެ ވާހަކައެއް ނޫނެވެ. އަމިއްލަ އަތުން މޫނުގައި ދެތިން ބޮނޑި އަޅައިފިއެވެ. "ފ****** "

ޖައިޝް މިލާންއަށް ކޮފީއެއް އަޅާދިނުމުން ހިނިގަނޑެއް ޖަހައިލިއެވެ.

"ތިބުނީ ތެދެއް. ގަޒަލް އައީ ފުރޮޅު ލީ ގޮނޑިއެއްގައި. މިލާން ދުވަހަކު އަމިއްލަ ފެމިލީގެ ވާހަކަ ނުބުނަމެއްނު..."

"އަނގަ ފަހާލަންވީ؟ އަހަރެން ބުނަން ވީމަ މި ބުނީނު. ފްރީކް....އަލްބިނޯ..................." ޖައިޝްއާއި ދިމާލަށް ފާޑަކަށް ބަލައިލަމުން އެހެން ބުނެލިގޮތުން ލޭކަން ލަދުވެސް ގަތެވެ. މިލާން ކުރިއަކުން އޭނަގެ ހިތުގައިވާ އެއްޗެއްސެއް މިހެން ދިމާކުރަން އަދި ސަމާސާއަކަށްވެސް ކީ މީހެއް ނޫނެވެ. ސީރިޔަސް މިޒާޖުގެ މަޑުމައިތިރި ޒުވާނެކެވެ. ޖައިޝް އަލްބިނޯއަކަށްވުމުން އެގޮތަށް ދިމާކުރުމުން ބޭރުފުށުން ނުދެއްކިޔަސް އަސަރު ނުކުރާނެ ގޮތަކީ ނެތްގޮތެކެވެ.

***

ކޮންފެރެންސް ހޯލަށް އަންނަން ބައެއް ޑޮކްޓަރުންނަށް ވައިބާ މެދުވެރިކޮށް އެންގުނެވެ. މިލާން އަވިއައިނު އަޅާލުމަށްފަހު ލިފްޓަށް އެރިއެވެ. އެވަރުން އޭނައަށް އެއްލޯ މަރާލުމާއި އެސްފިޔަ އަވަހަށް ޖެހުން ފޮރުވުނެވެ. ނަމަވެސް ދޭތެރެއަކުން ކިޔައިލެވޭ އެއްޗެއް ހުއްޓުމަކަށް ނައެވެ. އެހާވަރުންގޮސް ކޮންފެރެންސް ހޯލު ދޮރުމައްޗަށް އަރާ ހުއްޓުމާއެކު އެންމެންގެ ސަމާލުކަން އޭނަ އަތުލިއެވެ. އަދި ވަދެ ސަލާމް ގޮވުމުގެ ބަދަލުގައި އެންމެނަށް އިވޭވަރަށް ބުނެވުނީ "ފ* ޔޫ އޯލް " އެވެ.

އެތަނުގައި އެވަގުތު ސީއީއޯ އާއި ޑިރެކްޓަރުންނާއި އިސް މަގާމުގައި ތިބި ބޭފުޅުންނާއި ސީނިއާ ސްޓާފުންވެސް ތިއްބެވެ. މިލާންގެ އެ ޖުމްލަ އިވިފައި އެންމެން އާގަމަވެ އަނގަ ހުޅުވުނެވެ. މިލާންއަށް ވަގުތުން އެކަން ދެނެގަނެވި ކަރުކެހިލިއެވެ. ވަގުތުން އޭނަގެ އަތުގައި ހުރި ސްޓާބަކްސް ކޮފީތަށި ގަޔަށް ބަންޑުންކޮށްލިއެވެ. ކުޑަކޮށެވެ. އެ މަންޒަރު ދެކެން ކައިރީގައި ތިބި ލޭކެންއާއި ޖައިޝްއަށް ކޮފީތަށި ބަންޑުންކޮށްލީ އެ ޖުމްލަ ބުނެލިތާ ސިކުންތުކޮޅަކުން ކަން އެނގުނެވެ. އެކަމަކު އިއްޒަތްތެރިންނަށް ހީކުރެވުނީ ކޮފީތަށި ބަންޑުންވީމަ މިލާން އެހެން ކީ ކަމަށެވެ.

"ސޮރީ. އަޅުގަނޑު ކޮފީތަށި ބަންޑުންވީމަ......" މިލާން ލައިގެން ހުރި ސޫޓަށް ބަލައިލަމުން އަޑިކޮޅު ފެންނަވަރަށް ހިނިތުންވެލިއެވެ. އެ ޖަވާބުން އެހެން މީހުންވެސް އެ ލަދުވެތި ހާލަތުން އަރައިގެންނަން ބޭނުންވުމުން ހިނިގަނޑެއް ޖަހައިލިއެވެ. މިލާންއަކީ ޒުވާން ނަމަވެސް އެންމެން ގަދަރުކުރާ ސްމާޓް ޑޮކްޓަރެކެވެ. ދުވަހަކުވެސް އެފަދަ އަދަބުކުޑަގޮތަކަށް އޭނަ އެހެން މީހުންނާއި ވާހަކަދައްކާ ނޫޅެއެވެ.

ފަހަތުން ގޮނޑި ދަމަމުން އައި ރެއިނާ އަދި ގޮނޑީގައި އިން ގަޒަލްއަށްވެސް ރީއްޗަށް އިވުނެވެ. ހިމޭންކަން ވެރިވެފައިވާ އެ ހޯލް ތެރޭ އެގޮތަށް މިލާން އެގޮތަށް ބުނެފައި އަދި ސޮރީއޭވެސް ބުނެލަމުން މޫނުގައި އަތުން ޖެހިއެވެ.

މިލާން އެނބުރި ބަލާލިގޮތަށް ރެއިނާ އެއްފަރާތްކޮށްފައި ގޮނޑީގެ އަތްގަނޑުގައި ހިފެހެއްޓިއެވެ.

"ހޭއި އެވްރީވަން. މީޓް މައި ބިއުޓިފުލް ވައިފް ޑޮކްޓަރ ގަޒަލް...................." މިލާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަމިއްލަ ހައްގެއްހެން ހީވާފަދަ ގޮތަކަށެވެ. އޭނަ ނިކަން ހަމަޖެހިލާފައި ގަޒަލް އަތްދަނޑި މައްޗަށް ނެގިގޮތަށް ގޮނޑިއެއްގައި ބޭންދިއެވެ. އަދި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ގަޒަލް އަށް ދެކޮޅު ހަދާނެ ވަގުތެއްވެސް ނުލިބުނެވެ. އެންމެން މިލާންއަށް ހައިރާންކަމާއެކު ބަލަމުން ދިޔައީ އޭނަ މޮޔަވީކަމަށް ހީކޮށެވެ.

"ޑޮކްޓަރ މިލާން. މޮޔަވީތަ؟ " ކެތްނުވެގެން ޖައިޝް އެހިއެވެ.

"އެއީ ތެދެއް. ޑޮކްޓަރ މިލާންއަކީ ގަޒަލް ގެ ހަޒްބެންޑް..." ރެއިނާ ލަދުން ހުރެފައިވެސް އަވަހަށް މިލާންގެ ދިފާއުގައި ބުނެލިއެވެ.

އޭރު އެތައް ލޯތަކެއް އެދިމާލަށް ހުއްޓިއްޖެއެވެ.

ނުނިމޭ

ކޮމެންޓް 0