އަހަރެން މިހެން މިބުނީ ހަމަ ރެއިނާއަށް ރަގަޅަށޭ. ދިމާވެދާނެ ދެރައެއްގެ ޒިންމާއެއް ނަގަން ނުކެރޭނެ..." ގަޒަލް ތުންފަތުގައި ދަތްއެޅިއެވެ.

"ބުނެބަލަ ޕްލީޒް....."

"އެޓިކްގައި މޮންސްޓާއެއް އުޅޭ......"ގަޒަލް "މޮންސްޓާގެ ނަން މިލާންއަށް ނިސްބަތްކުރިޔަސް ހައިވާނަކަށްވުރެވެސް ނުބައޭ ހިތަށް އެރިއެވެ

"ކުރުސިއާއި އިސްމުފުޅުހުންނަ ފްރޭމް އެއްޗެހި ކޮޓަރީގައި ބަހައްޓާ. ނިދާއިރު ޒިކުރުކުރަންތަ؟ " ރެއިނާ އެހިއެވެ.

"ނޫން....." ގަޒަލް ބުނެލިއެވެ.

"ދެ ނަމާދު ދޭތެރޭ ބަގަރާ ސޫރަތް ކިޔެވީމަ ޖިންނި ޝައިތާނުންގެ ފަރާތުން ގެ އަމާންވާނެ. ގެއަށް ވަދެ ދޮރުލައްޕާލަމުން އަދި ގެއިން ނިކުންނަމުން ބިސްމި ކިޔާފައި ދުޢާކުރަންވާނެ. ﷲއާއި ވަކީލުކޮށްފައި ދާން ވާނީ. ޔޫ ނޯ ވަޓް. އޭރުން ގޭގެ އަހުލުވެރިންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ލިބޭނެ...." ރެއިނާއަށް އެނގިހުރި މައުލޫމާތު ބުނެދިނެވެ.

"ރިއަލީ؟ " ގަޒަލް ހައިރާންވިއެވެ.

"ކީއްވެ ގަބޫލު ނުކުރެވެނީ....."

"ޒިކުރުކުރީމަ ދެން ގެއާއި މީހުންނަށް ރައްކާތެރިކަން ލިބެއޭ ބުނީމަ. ހިތަށް އަރާ ކުރިން ރެއިނާ އާއި ދިމާވި ނަމައޭ. ކުރިން ތި ވާހަކަތައް ބުނެދޭނެ މީހަކު ވިނަމައޭ. އޭރުން ފަހަރެއްގައި ގުޒްލާން....." ގަޒަލް ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ. ރެއިނާ އެހުމުންވެސް އެ ވާހަކަ އޮޅުވައިލީއެވެ.

"މުސްލިމް ކުއްޖެއް ވީމަ މިފަދަ ކަންތައް އޮޅުން ފިލާފައެއްނު އޮންނާނީ..........." ރެއިނާ އެހިއެވެ.

"މަންމަމެންގެ އާއިލާއަކީ ކްރިސްޓިއަން އާއިލާއެއް. އެއީ ރިވާޓް ފެމިލީއެއް ވީމަ ދެން ޕްރެކްޓިސިން މުސްލިމުންނެއް ނޫން. މާމަ ރާއްޖޭ މީހަކަށްވިޔަސް ދީނީ މީހެއްހެން ހިޔެއްނުވޭ. ޒަމާނީކޮށް މާމަ އުޅުނީ. ސޯ ދީނީ ވާހަކަތަކެއް އަޑު ނާހަން. ރެއިނާ ދީން ދަސްކުރީ ކިހިނެއްތަ؟ ކިއުރިއަސްވެއްޖެ. ޒިކުރުކުރާނީ ކިހިނެއްތަ؟ " ގަޒަލް އެހިއެވެ.

"ވައިބާ ކުރާނަން...." ރެއިނާގެ ވާހަކަ ހުރިގޮތުން ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނަގެ ދީނާއިމެދު ޚިޔާލު ކުރަން މަޖުބޫރުވިއެވެ. އޭނަ ރެއިނާ ގާތުން ޖިންނި ޝައިތާނުން އަދި ރޫހާނީ ތަކެތީގެ މައުލޫމާތު އޮޅުން ފިލުވިއެވެ. ރެއިނާ ޔަގީންކޮށްދިނީ ސްލީޕް ޕެރެލެސިސްއަކީ ހަގީގަތުގައި "ޑެވިލް" އެއްގެ ގޯނާ ކަމަށެވެ. ރެއިނާއަށް އަޑުއިވިފައިވާ ވާހަކަތައް ކިޔާދިނުމުން ގަޒަލްގެ ހިތުގައި ބިރުވެރިކަން ހިނގާލިއެވެ.

ބައްޕަމެން މުސްލިމުންނަށްވީ ނަމެއްގައެވެ. ނަމާދުކުރުންފަދަ އަޅުކަމެއް ކުރިތަނެއް ގަޒަލް ދެކެފައިނުވެއެވެ. އެގޭގައި އީދު ދުވަސްފާހަގަ ކުރާހެން ކްރިސްމަސް އަދި ހެލޮވީންފަދަ ދުވަސްތައް ފާހަގަކުރެއެވެ. ދީންވެސް އޮތީ އެކުއްޖަކު ޚިޔާރުކުރާނެ ގޮތަކަށް ޚިޔާރުކުރަން ދޫކޮށްފައެވެ. ގަޒަލްއަށް އޭނަގެ ބޭބެމެން ދީނާއިމެދު ދެކޭގޮތެއްވެސް އެނގެނީއެއް ނޫނެވެ. އެހާ މުހިއްމުކަމެއްގެ ގޮތުގައި އޭނަ ދެކެފައެއްނުވެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ރޫހާނީކަމެއް ދިމާވުމުންވެސް ބައްޕަ ބުނީ ސްލީޕް ޕެރެލައިސިސްކަމަށެވެ. ރޫހާނީ ތަކެއްޗަށް ބައްޕަ އީމާން ނުވަނީ ކަން ނޭގެއެވެ.

***

ގަޒަލް ފުރޮޅު ލީ ގޮނޑު ދުއްވަމުންގޮސް ބިއްލޫރި ދޮރުފަތްތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. ގަސްތަކުގެ ފަތްތައް ދޮންވެ އޮރެންޖާއި ރީދޫކުލައަށް ބަދަލުވެ ފިނިކަން ގަދަވާން ފެށީ ޚަރީފު މޫސުމް އަންނަކަން އިއުލާން ކުރަމުންނެވެ. އެއް ގަހުން އަނެއް ގަހަށް ޖައްސަމުން ފިކުރެއް ޚިޔާލެއް ނެތް ދޫނިތައް ލަވަ ކިޔަނީއެވެ. ދޮންފަތެއް ވަޔާ ހޫރެމުން އެނބުރެމުން ގޮސް ވިނަތަކުގެ އުނގުގައި ހިމާޔަތް ހޯދުމަށްފަހު ހިމޭންވެލިއެވެ. ފަތުގެ ނިމުން އައީއެވެ. ދެން ބިމުގެ ކާނާއެއް ކަމުގައި ވެދާނެއެވެ. އިންސާނާގެ ނިމުން އަންނާނެގޮތުގެ މިސާލު ކުރިމަތީގައި ފެނުމުން ދުނިޔެއަށް އައުމުގެ މަގުސަދާއިމެދު ވިސްނާލެވުނެވެ. އެކި ހަދާންތައް އޭނަގެ ހަނދާނުގެ މަޑި ކިލަބުގައި ކޮށްޓަންފެށިއެވެ.

ގުޒްލާން އާއެކު ޕީކަބޫ ކުޅޭ ތަނެވެ. ދެކުދިން ޚަރީފުގެ ކުލަކުލައިގެ ފަތްތަކުގެ ދޫލައިގެ ތެރޭ ފޮރުވިގެން ފަތްތައް އުކާފައި ހޭ މަންޒަރެވެ. ބޯކޮށް ވެހި ފުނިޖެހިފައިވާ ސްނޯތެރޭގައި ކުޅޭތަނެވެ. ދެން ކުއްލިއަކަށް މަންޒަރު ބަދަލުވެގެންދަނީ ލޭގެ ކޯރަކަށެވެ. އެހަދާންތައް ފްލޭޝްވުމާއެކު ހަށިގަނޑަށް ހަރުކަށިކަމެއްވެރިވެ ހިތް އަވަސްވެގަނެއެވެ. ހުރިހާ ހިނިތުންވުމަކާއި އުފާތައް ވަޔަށް ބުރައިގެންދަނީ ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އޭނަ އައުމަށްފަހު އަހަންނަށް މިގޭގެ ދޮރުން ބޭރަށް ނިކުންނާން ކެރޭނެތަ؟ ހަށިގަނޑުގައި މިހިރަ ޒަޚަމްތައް ހުރިހާ ހިނދަކު އެ އަނިޔާގެ މަތިން ހަދާން ނެތޭނެތަ؟ ކިލަރ.......ޑެވިލް..އެކަމަކު ކާފަގެ އެއޮތް ވަސިއްޔަތެއްގެ ސަބަބެއް ބުނާކަށް ނޭގޭ. ކާފަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެއޭ ކިޔާފައި މަންމަ ވެއްޖެ އެ ވަސިއްޔަތް ފުރިހަމަކުރަން. ކާފައަށް މިލާންގެ ކުށް ނުފެނުނީ ކީއްވެ؟ ކާފަ އަހަރެން ދެކެ ލޯބިވާކަމަށް ހީކުރީ. ގުޒްލާންއަށް އިންސާފު ހޯދަދޭން ކާފަ ބޭނުންނުވީ ކީއްވެ. އެ ޝައިތާނާއަށް މިގެއިން ހިމާޔަތް ދޭން ޖެހުނީ ކީއްވެ. އިންސާނަކަށް އެމްޕަތީވެސް ވެވޭނީ. އެއީ ހިއުމަން އެއްނޫން. ޑީމަން......މިލާންއަށް ވުރެ ޑީމަން ކިޔަން އެންމެ އެކަށީގެންވަނީ........." ގަޒަލް ފިޔާތޮށިކުލައިގެ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިގޮތުން ލޭ އަންނަހާ ރަތްވިއެވެ.

ކާފަގެ ވަސިއްޔަތެއް ފުރިހަމަކުރަންވެސް އެ ފިރިހެނާއާއި އެއް ފުރާޅެއްގެ ދަށުގައި އޭނައަށް ކެތްކުރެވޭނެ ބާވައޭ ހިތާ ސުވާލު ކުރެވުނެވެ. އަމިއްލަ ޖިސްމުގައި ހުރި ނުކުޅެދުންތެރިކަމާމެދު ޚިޔާލު ކުރަނިކޮށް އެއަށްވުރެ ބޮޑު ބިރުވެރިކަމެއް ލައިގަތީއެވެ.

***

ގަޒަލްއަށް ފިޒިއޯތެރަޕީ ދޭން އަންނަ އޮލީވިއާއަށްވެސް ގަޒަލްގެ ތަބީއަތަށް ވެރިވެފައިވާ ހިމޭންކަން ދެނެގަނެވުނެވެ. އޭނަ އެކަމާއި ސުވާލެއްނުކުރެއެވެ. ގަޒަލް އޭނަ ގާތުން އެއްވެސް ކުރިއެރުމެއް ލިބުނުހެއްޔޭ އެހިއެވެ.

"އޮނެސްޓްކޮށް ބުނަންޏާ ތަފާތެއް އަދި ނުފެނޭ..."

"ވަގުތު ބޭކާރުވަނީ ދޯ. މިއީ މެޑިކަލް ކަމެއްނޫން..." ގަޒަލް މާޔޫސްގޮތަކަށް ބުނެލިއެވެ.

"ކޮން ކަހަލަ ކަމެއްހެން ހީވަނީ؟ " އޮލީވިއާ ސުވާލުކުރިއެވެ.

"ރޫހާނީ.........." ގަޒަލްގެ ޖަވާބުން އޮލީވިއާ ހިނި އައެވެ.

"ސުޕަނެޗުރަލް ބަލާފައި ޑީންއާއި ސޭމްއަށް ތާއީދުކުރާތީ ގަޒަލް އަށް އެކަހަލަ ކަންތައްތައް ގަބޫލު ކުރެވެނީ ދޯ. ސުޕަނެޗުރަލް ކަންތައްތަކަކީ މީހުން އެންޓަޓެއިން ކުރަން ބަޔަކު ދައްކާ ފުލޯކު ވާހަކަތައް. އަހަރެމެން ދުވަހަކުވެސް އެކަހަލަ އެއްޗެއް ނުދެކެން. ހަމައެކަނި ޚިޔާލީ ވާހަކަތަކުގައި އެފަދަ މޮންސްޓާއިންނާ އެންޖެލްތަކާއި ގޯސްޓްތައް ކްރިއޭޓްކޮށްފައިވަނީ. އެއީ އަހަރެން ގަބޫލުކުރާގޮތް. އަދި ގަޒަލްއަށް މިހެން ދިމާވި ސަބަބު ނުހޯދެނީ. ކުޑްބީ ހަމަ އޮޓޯ އިމިއުން ޑިޒީޒް. ވައިރަސްއަކުންވެސް ބައެއްކުދިން ވަގުތީގޮތުން ޕެރެލައިޒްވޭ. ބީ ސްޓްރޯންގް. އަދި ރިކަވާ ވާނެ......." އޮލީވިއާ ހިތްވަރު ދިނެވެ.

ގަޒަލް އަމިއްލަ ދެފަޔަށް ބަލައިލީ އުއްމީދެއްނެތް ގޮތަކަށެވެ.

***

މިލާން އެގެއަށް އައީ އެރޭ އެންމެން ނިދަން ކޮޓަރިތަކަށް ވަންފަހުންނެވެ. މިލާން އެގޭގެ ހަތަރުފާރުން އެތެރެވުމަކީ އެކެއްގެ ހިތްވެސް ރުހޭކަމެއްނޫނެވެ. ކާފަގެ ވަސިއްޔަތާއިމެދު ހިތްތަކުގައި ޝަކުވާ އުފެދިފައިވިޔަސް އެ ވަސިއްޔަތަށް އެންމެން އިހުތިރާމް ކުރިއެވެ. މިލާންފަދަ ދުޝްމިނަކަށް އެގޭގެ ހިޔާވަހިކަން ދިނެވެ. ހިތާއި ދެކޮޅަށް ކަމެއްކުރުމަށް ބައެއްފަހަރު ހާލަތު މަޖުބޫރުކުރުވައެވެ. މިލާންއަކީ އެންމެންގެ ދިރިއުޅުމަށް އައި ސުންޕާއެކެވެ. ރޭގަނޑު ދިހައެއް ޖަހަމުން ދިޔައިރު އިރުއޮއްސި އަނދިރިކަން ވެރިވިއެވެ. ދޮރުމަތީގައި މިލާން ހުރީ ކަޅުކުލައިގެ އެއްޗެހީގައެވެ. ބެކްޕެކްއާއެކު ދަބަހެއް ގެނެސްފަ ހުއްޓެވެ. އަނދިރީގައި ހުއްޓިލައިގެން ހުރިގޮތުން މޫނު ރަގަޅަށް ނުފެނުނުކަމަށްޓަކާ ސަބީނާ ޝުކުރުކުރިއެވެ. ގާތިލެއްގެ ލޮލާއި ލޯ ގުޅުވަން އޭނަގެ ޟަމީރު އެއްބަހެއް ނުވާނެއެވެ.

"ހައި ސަބީނާ އާންޓް......."

"ކަލެއަކާއި ވާހަކަދައްކާކަށް ނޫނޭ މިއުޅެނީ. މިގޭ އެހެން މީހުންނަށް ތި އަޑު އިވޭކަށް އެކުދިން ބޭނުމެއް ނުވޭ. ކަލޭ ބުނިފަދައިން ގޭގެ ބޭރުން އެޓިކަށް އަރަން ހަރުގަނޑެއް ބަހައްޓާފައި ހުންނާނެ. އެތަނުން އަރާ...." ސަބީނާ ހަރުކަށިގޮތަކަށް ވާހަކަދެއްކިއިރު މިލާން ހުރީ ރަކިވެފައެވެ. އޭނައަށް ދައުވަތު ދީގެން ގެނައުމަށްފަހު ބަވަނީއެވެ.

"އެހެން މީހުންނަށް މިގޭގައި އުޅޭކަމުގެ އިހުސާސް ވިޔަދޭކަށް އަޅުގަނޑުވެސް ބޭނުމެއްނޫން."

ސަބީނާ މިލާންއާއި ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ތުންފިތާލައިގެން ހުރިގޮތުން މިލާންއަށް ބޮޑުދައިތަގެ ނަފްރަތު އިހުސާސްކުރެވުނެވެ. ނަފްރަތަކީ މިލާންއަށްޓަކާ ބާވެފައިވާ ޖަޒުބާތެކެވެ. ލޯތްބަކީ އޭނައަށް ހިލޭ އެއްޗެކެވެ. އޭނަ އެފަދަ ލޯތްބަކަށް އުއްމީދެއްވެސް ނުކުރެއެވެ.މަންމަ އެއްލާލާ ދުރުކޮށްލި ކުއްޖަކަށްޓަކާ އެހެން އިންސާނެއްގެ ހިތުގައި ރަހުމްވާނެހެއްޔެވެ؟ އޭނައަށް ރަހުމްކުރި މުސްކުޅި ދެމަފިރިންވެސް ވަކިވެގެން އެދިޔައީއެވެ.

"ބުނެފީމެއްނު ވާހަކަ ނުދައްކާށޭ. ދޭ...." ސަބީނާ އަތުން ގަސްތަކާއި ދިމާލަށް އިޝާރަތްކުރުމަށްފަހު މިލާންގެ މޫނުމަތީ ދޮރު ލައްޕާލައިފިއެވެ. އަދި އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން ފުންފުންކޮށް ނޭވާލާންފެށިއެވެ. އޭނަގެ ކޮއްކޮ ސިއެރާ އޭނަގެ އާއިލާއަށް ޖައްސުވައިގެން މިއުޅެނީ ކޮންފަދަ ބޮޑު އުދަގުލެއްހެއްޔެވެ؟ ހިތުގެ ކަނަކުން ބައެއްފަހަރު މިލާންއާއިމެދު ހަމްދަރުދީވެވެން އުޅެފައިވެސް އެ ހަމްދަރުދީ ހިތުން ނެރެ އެއްލައިލަނީ މާޒީގެ ހަދާނެވެ. އޭނަގެ ލޯ މައްޗަށް ސިފަވީ ދަރިފުޅު ގުޒްލާންގެ ލެއިން ކަޅިވެފައިވާ ހަށިގަނޑެވެ. ގަޒަލްގެ ޒަޚަމްތަކެވެ. ގަޒަލްގެ ތޫނު ހަޅޭކުގެ އަޑު ކަންފަތުގައި އަދި އަދަށް ދާންވެސް ގުގުމާފައިވާހެން ހީވެއެވެ. އެފަދަ ހަލާކުވެ ވޭން ދެނިވި ހަޅޭކެއްގެ އަޑު އޭނަ އެއްވެސް ތަނަކުން އަހާފައެއް ނުވެއެވެ. ސަބީނާގެ ދެލޯ ފެންކަޅިވެ ކަރުނަތިކިތައް ތިރިއަށް ދެމިގެންފިއެވެ.

***

މިލާން ގެނައިކަން އެނގި މަންމައާއި ބައްޕަގެ ހޫނު ޒުވާބެއް ހިނގިކަން ގަޒަލްއަށް އެނގުނެވެ. ދަރިންނަށް އަޑު އިވޭ ހިސާބެއްގައި އަރައިރުންވުމަކީ އެދެމަފިރިންގެ އާދައެއް ނޫނެވެ. ހިތްހަމަނުޖެހޭ ކަމެއްވިޔަސް ވާހަކަދައްކައިގެން ހައްލުކުރެވެއެވެ. ނަމަވެސް އެރޭގެ ހިމޭންކަމުގެ ތެރޭ ދޮރުން ބޭރަށް ބައްޕަގެ އަޑު ފޭދިގެން އައިގޮތުން ބައްޕަގެ ހިތްހަމަނުޖެހުން އަމާޒުވީ މިލާން އާއިކަން ޔަގީންވިއެވެ. ގަޒަލްގެ ހިތަށް އަސަރުކުރީ މަންމައާއި ބައްޕަގެ ލޯތްބާއި ހަމަޖެހުންވެސް އެ މިލާން ގެއްލުވައިލީތީއެވެ. މިލާންދެކެ ނަފްރަތުކުރާނެ ސަބަބުތައް ގުނާ އަދަދު ނުކުރެވޭނެއެވެ. ނަފްރަތުކުރަން ހާސް ސަބަބު އެބައޮތެވެ.

"އާ ޔޫ ކްރޭޒީ ސަބާ....."

"ބައްޕަގެ އެންމެ ފަހުގެ ވަސިއްޔަތޭ. ކީއްކުރާނީ. މަޖުބޫރުވީ...." ސަބީނާގެ އަޑުގައި ރިހުމެވެ.

"އެހެނޭ ކިޔާފައި ގަޒަލްގެ ހިތް ހަލާކުކޮށްލަންވީ؟ އެ ގާތިލަށް މިގޭގެ ހަތަރުފާރުން އެތެރޭގައި ހުރުމުން އޭނަ ދެން ކޮށްލާނެ ނުބައި އަމަލެއް ޕްރެޑިކްޓް ކުރެވޭތަ؟ އޭނަގެ މަންމައާއި އާއިލާއިން ދުރުކޮށްލާނީ އޭނަގެ ހުރި ސައިކޯކަމުން. ސައިކޯޕާތު މިގޭގައި ހުރެގެން ޖީޖީ ކީއްކުރަން ފިރިހެންކުދިންނާއި އަހަރެމެންނަށްވެސް ރައްކާތެރިކަމެއްނެތް...." ސުފިޔާން ވާހަކަދެއްކީ ބާރަށެވެ.

"އޭނައަށް މިގެއަކު ނުހުރެވޭނެ..." ސުފިޔާން ނިންމިއެވެ.

"ޕްލީޒް ޕްލީޒް. ހެޔޮނުވާނެ. އޭނަގެ މަންމައަށް ގުޅާފައި އެބަ ބުނަން. އޭނަގެ ފަރާތުން ޚަބަރެއްވަންދެން އެޓިކްގައި ބަހައްޓަދީ...."

" އޭނަގެ ޚަބަރެއްވަންދެން ކީއްކުރަން އެންމެ މިނިޓަކަށްވެސް އިތުބާރު ނުކުރެވޭނެ. ސަބާ. ގުޒްލާންގެ ކުދިކުދިކޮށްލާފައިވާ ހަށިގަނޑު މަތިން ހަދާންނެތުނީތަ؟ " ސުފިޔާންގެ ޖުމްލައާއެކު ސަބީނާގެ ހުރިހާ އުޒުރެއް ނިމުމަކަށް އައިސް ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުވިއެވެ. ދެންއިވުނީ ސަބީނާގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ސިޓިން ރޫމްގެ ކައުޗްގައި އޮށޯވެލައިގެން އޮތް ގަޒަލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

"މަންމައާއި ބައްޕަ އަރައިރުންވުމުގެ ސަބަބަކަށްވެސް އޭނަވެއްޖެ. ކިހާ ދެރަކަމެއް. ފުރޭތައަށް ރީތި ނަމެއް ކިޔާނެ ކަމެއްނެތް. މޮންސްޓާ. މޮންސްޓާ...." އެންމެ ފަހުން ލަފުޒުތައް ތުންފަތް ފޫދުއްވާފައި ބޭރަށް ނުކުތެވެ. ކެތްނުކުރެވިގެން ގޮސް އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަތުޖެހުނުހާ ބާލީސްތަކެއް އުކައިލެވިއްޖެއެވެ. ފޯނުވެސް ހޫރާލެވިއްޖެއެވެ. ވަކިހިސާބަކުން އަމިއްލަ ނަފުސްގެ ލަގަން އަތުން ދޫވެ އޭނައަތުން ގޯސްހެދިއްޖެއެވެ. އޭނައަކީ މިހާ ރުޅިގަދަ ނުލަފާ ކުއްޖެއްނޫނެވެ. ނަމަވެސް ބަސްނާހާ ކުދިން ރުޅި މަތަނުވެ ކުރާފަދަ އަމަލުތައް ކޮޓަރިތެރެއިން މިހިރީ ފެންނާށެވެ. ތަރުތީބުކުރެވޭނީވެސް އޭނަގެ ދެފައި ސަލާމަތުން ހުރެގެން ނޫންހެއްޔެވެ؟

"މަންމަ ހާސްކުރުވުންނޫން ކަމެއް ނުވާނެ. ކްރޭޒީވަނީއޭ ކިޔާފައި މަންމަމެން އަހަރެން ގެންގޮސް އެސައިލަމްއަކަށް ނު ލާނީ. ހޭޖެހިބަލަ ގަޒަލްވެސް...."

އަމިއްލަ ނަފުސަށް އެއްޗެހި ގޮވާފައި އޭނަ ދެއަތްތިލަ ބިންމަތީ ޖައްސާލައިގެން ކައުޗުން ފައިބަން މަސައްކަތްކުރިއެވެ.

ހޫރައިލެވުނު ކުޝަންތަކާއި ރަޖާގަނޑު އަދި ފޯނުވެސް އޭނަ ނެގިއެވެ. އެކަމަކު ކައުޗަކަށް ނޭރުނެވެ.

އޭނަ ކައިޔާންއަށް ގުޅިއެވެ.

"ކައި. ހެލްޕް މީ....."

ކައިޔާން ސިޑިން ފައިބައިގެން އައިސް ސުވާލުކުރުމުން ގަޒަލް ހަގީގަތް ކިޔައިދިނެވެ. މަންމައާއި ބައްޕަގެ ޒުވާބު އަހާފައި ހިތަށް ކެތްނުކުރެވިގެން އެ އިހުސާސްތަކުގައި އެހެން ކުލައެއް ޖެހުނީއެވެ. މިލާންގެ ހިލަމެއްނުވިޔަސް އޭނަގެ ރޫހަށް އެކަމުން ބިރުވެރިކަން ލިބެނީއެވެ. ރުޅި އާދެވެނީއެވެ. ގުޒްލާންގެ ރޫހަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ ގާތިލަކަށް މިގެއިން ހިމާޔަތް ދެވިގެން ނުވާނެއެވެ. އެކަމަކު ކާފަގެ ވަސިއްޔަތު ބޮލާ ލާ ޖެހޭކަށްވެސް ނެތެވެ. ކޮންފަދަ ބޮޑު އިމްތިހާންތަކެއް ބާވައޭ ހިތަށް އެރިއެވެ.

"ޖީޖީ ކަންބޮޑުނުވޭ. ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލާނަން........."

ގަޒަލް އޭނަ ކޮޓަރިއަށް ގެންގޮސްދޭން އެދުނެވެ. އަމިއްލަ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން މިފަދަ ކޮންމެ ވަގުތަކު އޭނަގެ ހިތަށް އުދަގޫކުރުވާން ފެށިއެވެ. ކައިޔާން ގަޒަަލް އަތްދަނޑިމައްޗަށް ނެގީ ލުއި ބާލީހެއްވެސް އުފުލައިލާނެފަދައިންނެވެ. އެހާ އޯގާތެރިކޮށެވެ. ތަންމަތީގައި ބާއްވާފައި ރީތިކޮށް ރަޖާ އަޅާލަދީފައި ބާލީސްތައް ވަށައިގެން ޖައްސާލަދިނެވެ.

"ކައި. ކޮންޓްރޯލް ޔޯ އެންގާ...."

"ޝުއާ.."

ކައިޔާން ބޮކި ނިވާލަން އުޅުމުން ގަޒަލް އަޑުކޮޅަށް ހަޅޭއްލަވައިގަތުމުން ފަހަތަށް ދެތިން ފިޔަވަޅުއެޅިއެވެ.

"ސޮރީ ސްވީޓްހާޓް. ހަދާންނެތުނީ.."

"މަންމަ އަންނަންދެން ހުރެފާނަން؟" ގަޒަލް އެދުނެވެ. ކައިޔާން އެނދަށް އަރާ އޮށޯތެވެ. ނިދީގެ އަސަރުތަކުން ލޯހުޅުވާލެވެނީއެއްވެސް ނޫނެވެ. އޭނަ އެކޮޓަރީގައި އޮތުމެކޭ ނެތުމެކޭ އޮތީ ކޮންތަފާތެއް ހެއްޔޭ ގަޒަލް ހިތަށް އެރިއެވެ. ތަފާތެއް ފެނިއްޖެއެވެ. މިރޭ އެ ޝައިތާނީ މަޚުލޫގަށް އޭނަގެ ބޭބެ ހުރި ކޮޓަރިއަށް ވައިއެޅެން ނުކެރި އެހެން ދިމާލަކަށް އެހެންމީހަކަށް މައްލަވަ ކުރަން ފަރާތަކަށް ޖެހިލިކަން ޔަގީނެވެ. ދެލޯ ތަންމިނަށް ހުޅުވާލައިގެން އޮތްވާ ގަޒަލްގެ އެސްފިޔަތައްވެސް ބަރުވާންފެށިއެވެ. ހުވަފެނުން ދެވުނީ ރީތި މަންޒިލްއަކަށެވެ. އެ މަންޒިލްގައި އޭނަ އުފާކުރާއިރު މޫނު ފޮރުވައިގެން ހުރި ރީތި މީހަކުގެ އަތްތިލަ އޭނަގެ އަތްތިލައާއި ގުޅި ލާމެހިފައިވިއެވެ. ނިދަން އޮވެފައިވެސް ގަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

***

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ގޭގެ އެޓިކްގައި މީހަކު އުޅޭކަމުގެ ނިޝާނެއް ހިލަމެއްނުވެއެވެ. އޭނަ އެތާ އުޅޭ ބާވައޭވެސް ހިތަށް އަރައެވެ. ގަޒަލްގެ ހިތުގައި އޮތް ބިރުވެރިކަން ފިލައި ގޭގެ އެތެރޭގައި ފިލާ އިނުމަކީ ބޭކާރުކަމެއްކަމުގައި ދެކި ނިކުންނަހިތްވިއެވެ. ހީވާގޮތުން އިރުނާރަނީސް މިލާން ގެއިން ދާގޮތަށް ސިއްރުން ގެއަށް ވަންނަނީ އެންމެން ނިދައިފިކަން ޔަގީންކޮށްފައެވެ. އަޖައިބެއްފަދަ ތަފާތު ފިރިހެނެކެވެ. އޭނަވެސް އެހެން މީހުންނަށް ފެންނަން ބިރުގަންނަނީ ތިމާގެ ހުރި ނުބައިކަމުން ކަން ޔަގީނެވެ. އެންމެން އެކަހެރިކޮށް ދުރުކޮށްފައިވާ އެމީހާއަށް ހިމާޔަތްދޭނެ މީހަކު އާއިލާގެ ތެރެއިންވެސް ނުވިއެވެ. ކާފަ ވަސިއްޔަތް ނުކުރިނަމައެވެ. ގަޒަލް މާގަސްތައް ޖަހާފައި ހުރި މުށިތަކުގެ ކައިރީގައި ގޮނޑި ބަހައްޓައިގެން ފޯނުން ޗެޓްކުރަން އިންއިރު ސިކުނޑި ސަމާލުކަމަށް ގެނެސްފައިވެއެވެ. ކިރިޔާ އަޑެއް އިވިލިޔަސް ހުޝިޔާރުކަމާއެކު އެދިމާލަށް ބަލައިލެވެއެވެ. މަންމަ ފޯނުން ވާހަކަދައްކަން ފެށުމުން ކަންފަތް ދެވުނީ އެ ވާހަކަތަކަށެވެ.

ގަޒަލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވީ މަންމަގެ ޖުމްލައެއްގެ އަޑު އިވިފައެވެ.

ނުނިމޭ

 

ކޮމެންޓް 0