"އަހަރެމެން ބުދަށް އަޅުކަން ކުރާ މުޝްރިކުންގެ ހަލޮވީން އަދި ކްރިސްމަސް ފާހަގަކޮށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވާނަމަ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއަށް އަޅުކަން ކުރާ މުއުމިނުންގެ ތެރޭ ވާނެހެއްޔެވެ؟ ބުދުދީނާއި އެފަދަ ސަގާފަތް އުފަންވިގޮތް ނޭގި ވަރަށް ގިނަ މީހުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވަނީ އެމީހުންގެ އެކުވެރިން ނޫނީ އާއިލީ މީހުން އެކަން ކުރާތީ އެއީ ސަގާފަތަކަށްވެ ނޫނީ އުފާކުރުމަށް ކަމަށްވާތީއެވެ. އެހެން މީހުން އެފަދަ ދުވަސްތަކުގައި ހެދުންތައް އަޅާ ޕާޓީތަކަށްދާއިރު އަހަރެމެންގެ ދަރިންނަށް ވިސްނައިދޭނީ ކިހިނެއްހެއްޔެވެ؟ އެއީ ހިތް ޖައްސުވާ އަދި ބަލާބެލުމަށް "މައުސޫމް" ހަރަކާތްތަކެއް ކަމުގައި ވިޔަސް އަހަރެމެންގެ ދީނާއި ސަގާފަތާއި ނުގުޅޭ ކަންތައްތައް އަހަރެމެންގެ ތެރޭ އާލާވުމާއިމެދު ވިސްނަން ޖެހޭނެއެވެ. ނޫނީ ދަރިންގެ ސިކުނޑިތައް ކިލަބުވެދާނެއެވެ. މުޝްރިކުންގެ ކޮންމެ ކަމަކީ އިސްލަމް ދީނީ އަގީދާއާއި ފުށުން އަރާ ކަމެކެވެ. ހެލޮވީން ފާހަގަކޮށް އެމީހުން ހުރިހާ ޝައިތާނީ އަދި ޖާދޫގެ ކަންތައްތަކަށް ބާރުދީ ތަރުހީބު ދެއެވެ. އެފަދަ ކަންތައްތަކުން ދުރުވެ އިސްލާމްދީނަށް ލޯބި ޖެއްސުމުން ދުނިޔެއާއި އާޚިރަތް ބާއްޖަވެެރިވެ ނަސީބުވެރިންގެ ތެރޭ ހިމެނިގެންދާނެއެވެ. "
***
"ރެއިނާ......" ގަޒަލް ތޫލި އަޑަކުން ހަޅޭއްލަވައިގެންފާ ގޮނޑި ދުއްވާލިގޮތަށް ދާދި އަވަހަށް އެހިސާބާ އަރާ ހަމަކޮށްފިއެވެ. އަދި ދެއަތްތިލަ ބިންމަތީ ޖައްސާފައި ފިރުކެމުން ގޮސް ޕޫލްގެ އަރިމަތީގައި އޮވެ ރެއިނާއާއި ދިމާލަށް އަތް ދިއްކޮށްލައިފިއެވެ. ނޭވާނުލެވިގެން ތެޅިގަތް ރެއިނާއަށް ފުންމައިގަނެފައި ގައި ހުރި ބާރާއެކު ގަޒަލްގެ ދެއަތުގައި ހިފައިގަނެވިއްޖެއެވެ. ގަޒަލް ރެއިނާ ސަލާމަތްކުރަން އުޅުމުގެ ތެރޭ އޭނަވެސް ކަހާލައިގެންގޮސް ފެންގަނޑަށް ޖެހުނު މަންޒަރު ދެކެ ނުފެންނަކަމަށް ހަދާލާފައި ލޯ މަރާލައިގެން ދާކަށް މިލާންގެ ޟަމީރު ތަނެއް ނުދިނެވެ. އެހެން މީހަކަށް ގޮވާނީއެވެ. އޭނަގެ އަތާއި ފައި އަދި މޫނުގައި ހުރި ޒަޚަމްތަކުގައި ބޭސް ޖަހާފައި ހުރުމުން ތެމޭހިތެއް ނުވިއެވެ. އެހާ ފިނިގަދައެވެ. ފަތަން ނޭގޭ ކުދިންތައް އެކަނި ދޫކޮށްލާފައި ދިޔަ ބަޔެއްގެވެސް މޮޔަކަމާއެވެ. މިލާން ކުދި ކިޔަމުންގޮސް ފެންގަނޑާއި އަރާހަމަވިއެވެ.
ފުރަތަމަ ސަލާމަތްކުރެވުނީ ގަޒަލްއެވެ. ގަޒަލްގެ ތެމިފައިވާ އިސްތަށިގަނޑާއި މުށި ދެލޯ ގާތުން ފެނުމުން މާޒީގެ ދުވަސްތައް ހަދާނަށް އައެވެ. ކުޑައިރުގެ މައުސޫމް ލޯތްބާއި ހަދާންތަކެވެ. މި ޕޫލްގައި އެކުދިން ފަތާ އުޅުނު ދުވަސްތަކެވެ. ގަޒަލް ސަލާމަތްކޮށްދިނީ މިލާންކަން އެނގުމާއެކު ވަރުގަދަ ހަދިޔާއެއް ދިނެވެ. އަތުގައި ވަކިއަޅައިގަތް ގޮތަށް ލޭ އަރުވާލައިފިއެވެ. އަދި އެ އަތުގެ ތެރެއިން ފުންމައިލަންވެގެން ތެޅިފޮޅިގަތެވެ. ގެނބެމުން ދިޔައިރުވެސް އެކުއްޖާ މިހާ ބިރުގަނެ ހާސްވީކަމެއް ނޭގެއެވެ. އިފުރީތެއްގެ އަތްދަށުން ސަލާމަތްވާންވެސް މިވަރަށް ނޫޅޭނެކަން ޔަގީނެވެ. އެހާވެސް ވަރުގަދަ ޝުއޫރުތައް އެ މޫނުން ފައުޅު ވި ވަގުތެކެވެ. މިލާންދެކެ ކުރާ ނަފްރަތާއި ގަތް ބިރު އެ ހިދުކޮޅު މިލާންއަށް ސާބިތުކޮށްދީފިއެވެ. މިލާން ގަޒަލް ވިނަގަނޑުމައްޗަށް މަޑުމަޑުން ވައްޓާލީއެވެ. ކައިޔާންއަށް އެތަނަށް އާދެވުމާއެކު ގަޒަލްއަށް ބާރަށް ރޮއިގަނެވުނެވެ. މިލާން ރެއިނާވެސް ފެންގަނޑުން ނަގާފައި ވިނަގަނޑުމަތީ ބޭއްވުމަށްފަހު އިސްތަށިގަނޑުން ފެން ފޮޅާލީ ނިކަން ހަމަ ޖެހިފައެވެ. ތިކިތައް ކައިޔާންގެ މޫނުގައި ޖެހުމުން އޭނަ ލޯ އަޅައިލިގޮތް ފެނި މިލާން އަށް މަޖާވިއެވެ.
"ވަޓްސް ގޮއިން އޮން....."ކައިޔާން ގެ ނަޒަރު ގަޒަލްއަށް ހުއްޓުމާއެކު އޯގާތެރިކަން ފެނުނެވެ.
"އޭނަ އަހަންނަށް ހާޓްކުރަން އުޅުނީ..." ގަޒަލްގެ ޖުމްލައިން ކައިޔާން ގެ ގައިގާ ހުޅުހިފިފަދައެވެ. ރުޅީގެ ސަބަބުން އެމޫނަށް އަނގުރު ކުލަ ވެރިވިއެވެ. ލޮލުން އަލިފާނުގެ އާވި ނުކުންނަ ފަދައެވެ. މިލާންގެ ހެދުމުގެ ކަރުވަޅުގައި ހިފާ ވާންކޮށްލިއެވެ.
"ހައު ޑެއާ ޔޫ ޓަޗް މައި ސިސް......."
"ޑޯންޓް ބީ ސްޓުޕިޑް. އައިޖަސްޓް ސޭވްޑް ހާ...." މިލާން ބުނެދިނެވެ. ކައިޔާން އަތަށް ބާރުލާފައި މިލާންގެ ގަޔަށް ބާރުހުރި އެތިފަހަރެއް ވީއްލާލައިފިއެވެ. މިލާން ވިނަތަކުގެ މައްޗަށް ވެއްޓުނެވެ. ދެވަނަފަހަރަށް ބޫޓުން ވީއްލާލި އެތިފަހަރަށްވެސް އޭނަ ކެތްކުރިއެވެ. ހަރަކާތެއް ނުކޮށް އޮތްވާ ދެވަނަފަހަރަށްވެސް އެތިފަހަރެއް ވީއްލައިލުމުންވެސް މިލާން ރައްދު ނުދިނުމުން ކައިޔާންއަށް މަޖުބޫރުވީ ހުއްޓާލުމަށެވެ. ކައިޔާން ދެކުނު ގޮތުން މިލާން ކައިޔާން ނުބައި ކުރުވަން މާތް މީހަކަށް ހެދިގެން މަޑުން އޮތީއެވެ. ދެކޭ މީހަކަށް ހީވާނީ ނުބައި މީހަކީ އޭނަކަމަށް ނޫންހެއްޔެވެ؟ ނުލަފާ އިބުލީހެކެވެ. ކައިޔާން ލޯ އަޅާލުމަށްފަހު ގަޒަލް އަށް އެހީވާން އުޅުނެވެ.
މިލާން ކައިޔާން ލައްވާ އަނިޔާކުރުވަން ފުރުސަތުދީގެން އޮތީ އޭނައަށް ގުޒްލާންގެ މަރާއި ގުޅިގެން އަމިއްލަ ނަފުސް ކުށްވެރިކުރެވޭތީއެވެ.
"މިހިރަ ޖިންކްސްގެ ސަބަބުން ހުރިހާ ކަމެއްވީ. މާ މާތްވާންވެގެން އަދި ސަލާމަތްކޮށްދީފި....އެކަމަކު ރެއިނާ..ނޭވާ ނުލާހެން ހީވޭ. ހެލްޕް ހާ..............." ގަޒަލް ހާސްކަމާއެކު ބުނެލިއެވެ.
"ޑޭމިޓް..." ކައިޔާން އެތަނަށް އާދެވުނުކަމުގެ މޮޔަ ހީވިއެވެ. ނަމަވެސް އެފަދަ ވަގުތެއްގައި ކޮންމެފަދަ މީހަކަށްވިޔަސް އިންސާނިއްޔަތަށްޓަކާ އެހީވާން ޖެހޭނެނޫން ހެއްޔެވެ؟ ކައިޔާންއަށް މަޖުބޫރުވީ ރެއިނާއަށް ފަސްޓްއެއިޑް ދިނުމަށެވެ. އިރުކޮޅެއްނުވަނީސް ރެއިނާ ކެއްސަމުން ކޮށިއަރަމުން ތެދުވެއްޖެއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަދި ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ކައިޔާންގެ ގޮށްމުށުގެ ހަމަލާއެއް މިލާންގެ ބުރަކަށްޓަށް އެރީ ރެއިނާމެންގެ ކުރިމަތީގައެވެ. ފަސްއެނބުރި ބަލައިލުމެއްނެތި ދުރުގައި ފިޔަވަޅު އަޅަަމުންގޮސް ހަރުގަނޑުން އަރައިގެން ގޮސް ނިވާވިއެވެ. ކައިޔާން ގަޒަލް އަތްދަނޑިމައްޗަށް އުފުލައިލިއެވެ. ރެއިނާ ހީކަރުވައިގެން ރޫރޫއަޅަމުން ދިޔައިރުވެސް ކުރިއަށް ހިނގައި ނުގަނެވިފައި ހުއްޓެވެ. ކައިޔާންގެ އެ ގާތްކަމާއެކު އޭނަގެ ރުޅިވެރި އަދި އަނިޔާވެރިކަން ފެނުމުން އެތެރެހަށީގައި ބިރުވެރިކަން އުފެދުނެވެ. ކައިޔާންގެ ރީތިކަމުގެ ނިވަލުގައި މިހިރީ އިންސާނިއްޔަތުކަމެއް ނެތް ޒާލިމެކެވެ. އެކުދިން ސަލާމަތްކޮށްދިނީ މިލާންއެވެ. މިލާންގެ ކުށެއްނެތި އެކުއްޖާގެ ބުރަކަށީގައި ޖެހިގޮތަކުން ހާދަ ތަދެއްވާނެއެވެ. މިލާންއާއިމެދު ހަމްދަރުދީވިއެވެ. އޭނަފަދަ އަނިޔާލިބެމުންދާ ޒުވާނެކެވެ. ގަނާގެ ޝިކާރައެކެވެ. އެކަމަކު މިލާންގެ މާޒީ ހާދަ ކަޅެވެ. އެއީ ގާތިލެކެވެ. އޭނަގެ ކުށް އެބައޮތެވެ. ކައިޔާން ރުޅި އައުން ހައްގެވެ.
***
އޯކްވިލްގައި ސުފިޔާންގެ އާއިލާ ދިރިއުޅޭ ސަރަހައްދުގައި ގެތައް ހުންނަނީ ދާދި އެއްގޮތަކަށް ރާނާފައެވެ. އިންތައް ވަކިކޮށްފައި ހުންނަނީ ލޮލަށް ފަސޭހަވާފަދަ ގޮތަކަށް ފެހިކަން ގަދަ ރީތި ވިނަތަކުންނެވެ. ކޮންމެ ގެއެއްގައި އޮންނަ ހުސްތަނުގައި ކޮންމެވެސް ވަރަކަށް ބޮޑެތި ގަސްތަކާއި މާގަސްތައް އިންދާފައި ހުރެއެވެ. ޚަރީފު މޫސުމްގައި ހުރިޙާ ގެއެއްގެ މެދު ގޯތިތައް ނިކަން ޗާލެވެ. ވިނަތައް މައްޗަށް ފަތްތައް ފައިބަމުން ދާ މަންޒަރު ބަލަން ކިތަންމެ އިރެއްވާންދެންވެސް ހުރެވިދާނެއެވެ. ބައެއް ދިމާލުން ރަން ވިރުވާ އަޅާފައިވާހެން ހީވާއިރު އަނެއް ދިމާލުން ހުޅުދާންކޮށްފައިވާ ފަދައެވެ.
ރަންކުލައިގެ ސާލެއްހެން ފެތުރިފައި އޮތް މުރަނަފަތްތައް މަތީ ހިނގަމުން ދިޔައިރު ފަތްތަކުގެ މުރުމުރުގެ އަޑު ކަންފަތަށް އިވުނީ ލުއި މިއުޒިކެއް ފަދައިންނެވެ.
ރެއިނާ ތެތް އެއްޗެހި ބާލާފައި ހިކިގެން ދިގު ޖެކެޓެއްލައިގެން ސްކާފެއް އޮޅާލައިގެން އޭނަ ބޭރަށް ނުކުމެލިއެވެ.
ގޭގައި ޖަހާފައި ހުރި ހުދުކުލައިގެ ފެންސާއި ހަމަވީއިރު ކުރިމަތީގައި ހުރި ގޭގެ ލޯން ގައި މަންމައަކާއި ކުޑަ ފިރިހެން ކުއްޖަކު ފަތްތައް އުކާ މަޖާކުރަން ތިބި މަންޒަރުން ހިތަށް އުދަގޫތަކެއްވިއެވެ. ރޮވޭގޮތްވިއެވެ. މިކާ ހުރިނަމައެވެ. ފެންނަ ކޮންމެ މަންޒަރެއް މިކާ މަތިން ހަދާން ކުރުވާނެއެވެ.
ތަންކޮޅެއް އަވަހަށް ސަބީނާ ގެއަށް އައި ދުވަހެކެވެ. ސަބީނާ ހުން އައީއެވެ. ސަބީނާގެ ފިރިމީހާއާއި ކުދިންގެ އޯގާތެރިކަމާއި ވާ ލޯބި އެދުވަހު ރެއިނާއަށް ފެނުނެވެ. ކައިޔާން މަންމަގެ ބޯ މޮޑެދެމުން ދިޔައިރު އެކަކު ފެންފޮތިލާދެނީއެވެ. ޓެމްޕެރޭޗާ ބަލައެވެ. އެއްޗެއް ބޯންދޭން މަސައްކަތްކުރެއެވެ. ރެއިނާއަށް ސިއްރުން އެ މަންޒަރު ފެނުނީ ދޮރު ހުޅުވާފައި ހުރުމުންނެވެ. އެހެންނޫނަސް ގަޒަލް ގޮވައިގެން ދޭތެރެއަކުން އެކޮޓަރިއަށް ވަންނާންވެސް ޖެހުނެވެ. ސަބީނާއަށް އޮރެންޖްޖޫސްފަދަ އެއްޗެއް ހަދާދޭން ގަޒަލް ބުނުމުން ރެއިނާގެ ހިތަށް ބުނަން ނޭގޭފަދަ އުފާވެރިކަމެއް ލިބުނެވެ. މައިދައިތަށް ޚިދުމަތް ކޮށް އެ ހިތް އަތުލަން މިފަދަ ފުރުސަތެއް މަދުވާނެއެވެ. ވީ އެންމެ އަވަހަށް އޮރެންޖް ޖޫސްތަށްޓެއް ހަދައިގެން ގޮސް ދިނުމާއެކު ސަބީނާއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. ކައިޔާންގެ އަލިފާނުގެ ނަޒަރުން އެވަގުތު ރެއިނާގެ މޫނަށް ޔަގީނުންވެސް ހޫނުވިއެވެ. ކައިޔާން ހީކުރީ މަންމައަށް ވިހަ ގިރާފައި ދިނީކަމަށް ހެއްޔެވެ.
"ރެއިނާ މިއަށް ލޮނު އެޅީތަ؟ "
"ސޮރީ އަ...އިޒް އިޓް ސޯލްޓީ..." ރެއިނާ ބިރުން ހަލާކުވާވަރުވިއެވެ. ލޮނާއި ހަކުރު ފުޅި އޮޅުވައިލެވުނީއެވެ. ސަބީނާގެ ރުހުން ހޯދަން މަސައްކަތްކުރިޔަސް ތަގުދީރު އޭނައާއި އެއްކޮޅަކަށް ނެތެވެ.
"އިޓްސް އޯކޭ. އާއްމުކޮށް ޖޫހަށް ހަކުރު ނުވެސް އަޅަން.." ރެއިނާ ދެރަވީވަރު ފެނުމާއެކު ސަބީނާ ނިކަން ހިތްހެޔޮގޮތަކަށް ހީލައިފިއެވެ."އަދި އެއް ތަށި ހަދާލައިގެން ގެނޭ. މިފަހަރު ހަކުރު ނާޅާ އިނގޭ ޑިއަރ ގާލް..."
ރެއިނާ ނުކުމެ އިރުކޮޅެއްވާންދެން ފާރަށް ލެނގިލައިގެން މޭގައި އަތް ޖައްސާލައިގެން ހުއްޓެވެ. އޭރުވެސް އެ ހިތް ތެޅިފޮޅޭވަރުން މައިތިރިނުވެގެން ނިކުންނަން އުޅޭފަދައެވެ. ސަބީނާގެ އެ ހިތްހެޔޮކަމާއިމެދުވެސް ނޭގޭ ޖަޒުބާތުތަކެއް ހިލިގަތެވެ. ކައިޔާންއާއި އޭނަގެ މާޒީ އެނގިއްޖެއްޔާ އެހުރިހާ އޯގާތެރިކަމަށް ނަފްރަތުގެ ކޮޅިގަނޑަކަށް ވެ އޭނަގެ ހަޔާތަށް ތޫފާނެއް ގެނުވާނެކަން ގައިމެވެ.
ކޮންމެއަކަސް ލިބުނު ވަގުތެއްގައި ރެއިނާ ސަބީނާގެ ފައި މޮޑެދިނެވެ. ސަބީނާ ޝުކުރު އަދާކުރިއެވެ.
ސަބީނާ ހުން އައިތާ ތިންވަނައަށް ވީ ދުވަހު ހުމުގެ އުދަގޫތައް ކުޑަވެ ތެދުވެ އުޅެންފެށިއެވެ. ސިއެރާ އެގެއަށް ޒިޔާރަތްކުރުމުން ރެއިނާއަށް ބަލަން ހުރެވުނެވެ. މިލާންގެ މަންމަހެން ހިޔެއްނުވެއެވެ. ބޮޑަށް ވައްތަރީ ދައްތައަކާއެވެ. ހާދަ ޒުވާނެވެ. ޖިންސަކާއި މެގެންޓާކުލައިގެ ސްވެޓަރެއްގައި ހުރިއިރު އެ ދޮން ކުލައާއި ނިކަން ގުޅެއެވެ. ރެއިނާގެ ގާތުގައި ބުނުމުން ހޫނު ކޮކޯއާއި ޕިއްޒާ އަދި ކުކީޒް ގެނެސް ފެންޑާގައި ބެހެއްޓިއެވެ. ސިއެރާ ދެއްކީ ކައިޔާންއާއި ސަޖަލް އަވަހަށް އެންގޭޖްކުރުމުގެ ވާހަކައެވެ. ސަޖަލްފަދަ އަންހެންކުއްޖަކު ދުނިޔޭގައި އަތް ފުނާއަޅައިގެންވެސް ނުލިބޭނެކަމަށާއި ވީހާވެސް އަވަހަށް ކައިވެނީގެ ވަރުގަދަ ގޮށް ޖަހާ ދެ އާއިލާގެ ގުޅުންވެސް މިއަށްވުރެ ކައިރިކޮށްލަން ސިއެރާ ނަސޭހަތްތެރިވިއެވެ. އެއްޗެހިތައް އަތުރަން ހުރި ރެއިނާގެ ހިތް ފުޑުފުޑުވަމުން ދިޔައެވެ. އޭނަ ހުއްޓާ ކައިޔާން ދެވަނަ އަންބެއް ހޯދަނީއެވެ.
"އަލީ އަހަރެން ގާތު ބުނީ އޭނަ އޮނެސްޓްކޮށް ބުނަން ބޭނުމޭ. ތިމަންނަމެންނަކީ ޝިއައީ އާއިލާއެކޭ...."ސިއެރާގެ ޖުމްލައިން ރެއިނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ވީއިރު ސަޖަލްވެސް ވާނީ ޝިއައީއަކަށެވެ. ކައިޔާން ކައިވެނި ކުރަން އުޅެނީ ޝިއައީއަކާއެވެ.
"އެކަމުން ވާނީ ކޮންކަމެއް. އެމީހުންވެސް ހައްޖަށް ދޭ. އިރާންގެ މެޖޯރިޓީއަކީ އެ މީހުން ދޯ. ސީރިޔާގެ ވެރިކަން ކުރާ ޕާޓީވެސް..." ސަބީނާ ހަދާންކޮށްލާފައި ބުނެލިއެވެ.
"އަލީ އަދި ބުނި އޭނަ ކުރިން ކައިވެނި ކުރި ކުއްޖާގެ އާއިލާއަށްވެސް ހަގީގަތް އެނގިގެން ވަރިކުރުވީޔޯ. އެމީހުންނަކީ ކާފަރުންނޭ ކިޔާފައޯ ދިޔައީ. އެހެންވެ މިފަހަރު އެ ޕޮއިންޓް ހަދާންކޮށްފައި އަހަރެން ގާތު ބުނީޔޯ."
"ވާއު ހާދަ ސްވީޓޭ..." ސަބީނާ ތައުރީފުކުރިއެވެ.
"ހިނގާ ޑިސެމްބަރަށް ނިންމަން. ނިއު ޔިއާއަށް ކައިވެނި ކުރުވާނީ.....ވިންޓާ ވެޑިންއެއް ސަޅިވާނެ. އަހަރެމެންގެ ވެޑިން ޑިސެމްބަ ކުރީކޮޅަށް ސެޓްކޮށްލީ.........." ސިއެރާ އަތުގައި އޮތް އަނގޮޓީގައި ނިކަން ލޯބިން ފިރުމައިލިއެވެ. ރެއިނާ އެތަނުން ނުކުމެގެން ދިޔައީމަ އިތުރަށް އެތާ ހުންނަން ވެއްޖެއްޔާ އެމީހުންނަށް އޭނަގެ ހިތުގެ ޖަޒުބާތުތައް އެނގިދާނެކަމުގެ ބިރު ހީވެފައެވެ. ކައިޔާން އެހެން މީހެއްގެ ހަޔާތުގެ ބައިވެރިޔަކަށް ވާ ވާހަކަ އެހުމުން އޭނަގެ ހިތަށް ވީވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. "ދޮންތައާއި އަހަންނަށް އެއް އާއިލާއަކަށް ކުރިންވެސް ދެވުނު. ސުފިޔާންބެއާއި ލެވީގެ ބައްޕައަކީ ޝާހީ ޚާންދާނެއްގެ ގާތް ބަޔެއްކަމަށް ވީ އެކަމަކު ސުފިޔާންބެ އެ ހުރިހާ މުއްސަދިކަމާއި އަރާމެއް ދޫކޮށް ދޮންތައާއެކު ކެނެޑާއަށް ހިޖުރަކުރީ......"
ސަބީނާއަށް އެ ޖުމްލައިން ހިންދިރުވައިލެވުނެވެ. ހަގީގަތަކީ އަދި އެއީއެއް ނޫނެވެ. ސުފިޔާން އާއިލާއާއި ވަކިވެގެން ދިޔައީ ހިތަށް ނާރާވަރުގެ ޖަރީމާއެއް ހިންގާލާފައެވެ. ސުފިޔާންގެ އާއިލާއިންވެސް އެކަން ސިއްރުކުރިކަމީ އެމީހުންގެ ނަސީބެވެ. އެހެންނޫންނަމަ ކެނެޑާގައި އެމީހުންނަށް ދިރިއުޅުމެއް ފެށުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ސަބީނާވެސް ސުފިޔާންގެ އަނދިރިފަރާތް އާއިލާއަށް ސިއްރުކުރިއެވެ.
***
ގަޒަލް އޭނަގެ މައިންބަފައިންނަށްވުރެ ރެއިނާއަށް ބަރޯސާވެ "ޖިންނި"ގެ އުދަގޫތައް ހަމައެކަނި ރެއިނާއާއި ހިއްސާކުރަންފެށިއެވެ. ބައްޕައާއި މަންމަގެ ނިދި ހަލާކުކުރުވާ ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓައިލުމުގެ މާނައެއް ނެތެވެ. އޭނައާއިއެކު އެނދުގައި ރެއިނާ ނިދަން އޮތުމުން ބިރުވެރިކަން ކުޑަވެއެވެ. ކިރިޔާ ޖިންނީގެ ހިލަމެއްވިޔަސް އޭނަ ރެއިނާގެ އަތުގައި ވިކައިގަންނަގޮތަށް ފުންނިންޖެއްގައި އޮތަސް ރެއިނާ ފުންމައިގެން ތެދުވާވަރުކުރުވައެވެ. ގަޒަލްގެ ނިޔަފަތިތަކުން ވަކި އަޅާވަރުންވެސް ރެއިނާގެ އަތުގައި ލަކުނު ލާ ވަރުކޮށްލައިފިއެވެ. ރެއިނާ އެހުރިހާ ކަމަކާއި ކެތްކުރެއެވެ. ގަޒަލް އުފާކޮށްދޭން އޭނަ ނަފުސްވެސް ގުރުބާންކޮށްފާނެއެވެ. ދެކުދިންގެ މުއްސަދިކަމާއި ދަރަޖައިގައި ފަރަގުތަކެއް ހުއްޓަސް އެއްގޮތް ސިފައަކީ ދެކުދިންނަށް ކުރިމަތިވި ބޮޑު ހިތާމައިން އަދިވެސް އަރައި ނުގަނެވި ވާކަމެވެ. ލޯބިވާ ފަރާތެއް ގެއްލުމުން އެކަމުން އަރައިގަނެ ދިރިއުޅުމެއް ހޯދަން ކުރާ ހިތްވަރެވެ. ގަޒަލް އެދުނީ އޭނައާއިއެކު ސީރީޒްތައް ބަލަން ފެށުމަށެވެ. ރޭގަނޑު ކައިގެން އެނދަށް އަރާގޮތަށް ދެކުދިން ލެޕްޓޮޕުން ޑްރާމާ ބަލަން އެތައް ދަމެއްވާންދެން ތިބެއެވެ.
"ކުރިއްސުރެ ފެނުމުގައި ކޮންމެވެސް ކަހަލަ މައްސަލައެއް އުޅޭ. ކިހިނެއް އައިނެއް ހޯދާނީ؟ ޑްރާމާތައް ބަލަންޏާ ދުވަސްކޮޅަކުން އަނދިރިވެދާނެ........" ރެއިނާ ލޮލަށް ރަގަޅަށް ނުފެނި އުދަގޫވެ ބޮލުގައި ރިއްސަން ފެށުމުން ބުނެވުނެވެ.
"ބަހަނާއެއް ދައްކާފައި ސީރީޒް ނުބަލަން ތިއުޅެނީ.....ހަހަ.." ގަޒަލް ރެއިނާގެ އަތުގައި ބޮނޑިއެއް އެޅިއެވެ.
"ކުރިންވެސް އައިނެއް އެޅީމޭ ގަޒަލް. މުއްދަތު ހަމަވީމަ ނާޅަނީ. އެޅީމަ ވަކިން ގަދަޔަށް ބޮލުގައި ރިއްސާ....."
"ފައިން. މަންމަ ކައިރީ ބުނެގެން އައިނެއް ހައްދުވާނީ.. ރެއިނާ ބުނީމެއްނު ކުރަހަން އެނގެއޭ. ފޮޓޯގްރާފީވެސް. އެކަހަލަ ކަންތައްކޮށްގެން ކުރިއަށް ދެވޭނެއްނު. މިރަށުގައިވެސް އެކަހަލަ އޮޕޯޗުނިޓީސްތައް ހުންނާނެ. ލައިފް ވޭސްޓްނުކުރައްޗޭ. ކޮންމެވެސް ކޯހެއް ހަދާ." ގަޒަލް ކުއްލިއަކަށް ބުނެލިއެވެ.
"އެއީވެސް މުޅިއަކުން ތެދެއްނޫން. ތެދަށް ބުނަންޏާ އަހަންނަކީ އެއްވެސް ޓެލެންޓެއް ނެތް މީހެއް. ކޮންމެ ކުއްޖަކަށް ކޮންމެވެސް ހުނަރެއް ހުންނާނެއޭ ބުނެއުޅޭ. ހޯދަ ހޯދާ އަހަރެންގެ ފަރާތުން އެފަދަ ސިފައެއް ހުނަރެއްވެސް ނެތް. ރީތި މީހުންނަށް ދިރިއުޅުން ކާމިޔާބުވެ ހަރުފަތްތަކުގެ މަތިން އަރައިގެންދެވޭލެއް ފަސޭހަވާނެ. ކޮންމެ ޖޮބަކަށް އެޕްލައި ކުރިޔަސް ރީތި މީހުންނަށް ގިނަފަހަރު އިސްކަން ދޭނެ. ގިނަފަހަރު...އަހަންނަކީ ނިސްބަތުން ރީތި މީހެއްނޫން. އަދި ހުނަރެއް ހުރި މީހެއްނޫން. ނަސީބަކުން އޯލެވެލް އާއި ހަމަޔަށް ކިޔެވުނު. އެފަހުން ވެސް ނޮލެޖް ހޯދަން މަސައްކަތްކުރަން އިނގިރޭސިއަށް ދަށްކަމީވެސް މައިނަސް ޕޮއިންޓެއް. އެހާ ކުރު. ކަޅު. ދެން ކޮންކަމެއް އޮންނާނީ. މި އުމުރުގައި ލޯ ހަލާކުވެއްޖެ. ނަސީބާއި ތަގުދީރު އަހަންނާއެކު ނުވޭ..މިހުރިހާ ކަމަކާއެކުގައިވެސް މިކާ އަހަންނާއެކު ވި ނަމަ އެންމެ ނަސީބު ރަގަޅު އުފާވެރި މީހާކަމުގައި ވެދާނެ. އެ ނަސީބުވެސް ދިޔައީ............." ރެއިނާ ވާހަކަދެއްކިއިރު ލޮލުގައި ތެތްކަމެއްވިއެވެ.
ގަޒަލްގެ ލޮލުންވެސް ކަރުނަ ހިލުނެވެ.
"ރެއިނާ. އަމިއްލައަށް ތިމާގެ ސިފަ ރީއްޗެއް ނޫނޭ ކިޔާއިރު ރެއިނާވެސް ތިހެން ނުބުނާނެ އަހަރެންގެ ލޮލުން ރެއިނާއަށް ބަލައިފިއްޔާ. ނޫނީ އެހެން މީހުންގެ ނަޒަރުން ދެކުނަސް. ރެއިނާއާ ހެދި މިހާރު އަހަރެންވެސް ރެއިނާ ކަހަލަ ކުއްޖަކަށް ވާނެ ނަމައޭ ހިތަށް އަރާ. މެޓީރިއަލިސްޓިން ނުވެ ސޮފްޓެސްޓް ހާޓް. އިންސާނާގެ އެންމެ ރީތި އެއްޗަކީ އޭނަގެ ހިތް. އިސްކޮޅުން ކުރޭ ބުނާވަރެއްނުވޭ. ދިވެހިންނާއި ބަލާއިރު ތިއީ ހަމަ ރަގަޅު އިސްކޮޅެއް. ޓެލެންޓެއް ނެތޭ އެހާ އަވަހަށް ނުބުނޭ. ރެއިނާގެ އަޑު ވަރަށް ރީތި. ރިޗް ވޮއިސް އެއް ދެއްވާފައިވަނީ. ލަވަކިޔުން ތެރިއަކަށް ވެވިދާނެ...." ގަޒަލް ހިތްވަރުދިނެވެ." އަހަރެންފަދަ މީހަކު ބަދުނަސީބޭ ބުނިނަމަ މާ ރަގަޅުވާނެ. ދެފައި މައްޗަށް ކޮޅަށް ތެދުވެވޭ ކޮންމެ މީހަކީ ހާދަ ނަސީބު ރަގަޅުމީހެކޭ ހިތަށް އަރާ. މިހެން ގޮނޑިއެއްގައި އިންނަން ޖެހުނީމަ އެކަން އިހުސާސްވާނީ. ރެއިނާ. މިހުރިހާ ދުވަހު އަހަންނަށް ހިތްވަރު ދިނީ. އެހެންވެ މިއަދު ބުނާނީ އެންމެ އެއްޗެއް. ތިންކް ޕޮޒިޓިވް. ރެއިނާގެ އަޑަކީ ހުނަރުކަމުގައި ދެކެގެން އަޑުގެ ބޭނުން ކުރޭ....."
"ލަވަ......ހެހެ. ލަވަކިޔަންޏާ ރާގެއް ހުންނަން ވާނެ. މަ ލަވައެއް ކިޔައިފިއްޔާ ބޮކެއް އަޑު ގޮއްވުމެކޭ ތަފާތެއް ނުވާނެ. ސްކޫލް މުބާރާތެއްގައި ސްޓޭޖަށް އަރާފައި ފާޑަކަށް އަޑު ލައްވާފައި ފޭބީ. ދަރިވަރުން ކީއްކުރަން ޓީޗަރުންވެސް މޫނުމަތީ ހުނީ. އެ ހަދާންތައް އަދިވެސް ހިތުން ނުފިލާ...." ރެއިނާ ކުޝަންގައި ބައްދާލަމުން އެނދަށް ވެއްޓިގަތެވެ.
"ހެހެ....." ގަޒަލްއަށް މަޖާވިއެވެ.
"އެކަމަކު އަހަންނަށް ރީތިކޮށް ގުރުއާން ކިޔަވަން އެނގޭ..."
"ގްރޭޓް. އެހެންވިއްޔާ ތި ރޮގުން ކުރިއަށްދާންވީނު. އޯކްވިލްގައި އިސްލާމިކް ސެންޓަރެއް ހުރޭ. ކުޑަކުދިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދީ އެކަހަލަ ކަންތައް އޮންނާނެ. ސިއެރާ އާންޓް މެރީކުރަން އުޅޭ މިސްޓަރ އަލީޚާން އަކީ އެތަނަށް އިންވެސްޓްކުރާ ބިލިއަނަރެކޯ. އެހެންވީމަ ރިކޮމެންޑްކުރާނަން. އަދި އަހަރެމެންނަށް ޔޫޓިއުބުގައިވެސް ޗެނެލްއެއް ހުޅުވިދާނެ. ޔޭ........" ގަޒަލްއަށް އުފަލެއް ލިބުނެވެ. ރެއިނާގެ ހިތާމަވެރި ސަފުހާތަކުން ބަޔެއް ކިޔައިލެވުމުން އޭނަވެސް ރެއިނާގެ މާޔޫސްވެ ގޮތްހުސްވެފައިވާ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވަން ބޭނުންވިއެވެ. ދެކުދިންވެސް އެކަކު އަނެކަކަށްޓަކާ މަސައްކަތްކޮށްދެނީ ތިމާގެ ހިތާމަތައް އެއްފަރާތްކޮށްފައެވެ.
ދެތިން ދުވަސްތެރޭ ރެއިނާ އައިނެއް ހެއްދިއެވެ. އެބޮޑު ދެލޯ ޖެހި މުސްކުޅި ސްޓައިލުގެ އައިނު އަޅައިގެން ހުރިތަން ފެނި ގަޒަލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ސަބީނާވެސް ބުނީ އޭނަ ހޮވި ޑިޒައިންތައް ކަމުނުދިޔަކަމަށާއި ރެއިނާއަށް ރީތިވީ މި އައިނުކަމަށެވެ. ރެއިނާ ނުބުނީ އޭނަ އެ ހޮވީ އަގުހެޔޮ ވީމަ ކަމުގައެވެ. އަމިއްލައަށް ރީތި ކުއްޖެއްކަމުގައި ނުދެކެންޏާ ރީތިކަމާއި ބެހޭގޮތުން ނުވިސްނަނީއެވެ. ގަޒަލްއަށް އެތަންކޮޅު ވިސްނުނީ ފަހުންނެވެ. އެބުނާހެން ބޭރުފުށުގެ ރީތިކަމުން ހުރީ ކޮންކަމެއް ހެއްޔެވެ؟ ރެއިނާގެ އެންމެ ރީތި ސިފަތައް ނެތަސް ހިތް ހާދަ ރީއްޗެވެ. ހާދަ އޯގާތެރިއެވެ. އެވަރުގެ އަޅާލާ ކުއްޖަކު އައިނު އެޅިއޭ ކިޔާފައި ޖޯކު ޖަހައިގެންނުވެސް ވާނެއެވެ. އެމީހަކަށް ރީތިވީ އެއްޗެއް "ޓްރެންޑް" ކުރީމަ ވީ ނޫންހެއްޔެވެ؟ އޭނައަށް މޭކަޕްކޮށްދޭއިރު އެއްޗެހި ބޭނުންކުރަން އުޅުނަސް ރެއިނާ އެކަމާއި ދެކޮޅު ހަދާނެއެވެ. މޭކަޕް އެއްޗެހީގައި ކެމިކަލް ހުރީމަ ކެންސަރު ފަދަ ބަލިތައް ޖެހޭނެއޭ އެފަދަ ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަމުން ދުރުވެގަންނާނެއެވެ. ރެއިނާ އެންމެ ފޮރުވައިގެން ގެންގުޅެނީ އޭނަގެ އިސްތަށިގަނޑެވެ. ރެއިނާއަށް އެފަދަ ކަމަކަށް މަޖުބޫރު ކުރަން ބޭނުންނުވާތީ ގަޒަލް އެކަމާވެސް އެއްޗެކޭ ނުބުނެ ރެއިނާގެ އިހުސާސްތަކަށް ގަދަރުކުރިއެވެ.
***
ހެލޮވީންޑޭ ފާހަގަކުރަން ސުފިޔާންމެން ގޭގައިވެސް ބަރަބޯތައް ކަނޑާކޮށާފައި ދިއްލުމުން ރެއިނާ ހައިރާންވިއެވެ. ފިރިހެންކުދިންވެސް ބިރުވެރި ކޮސްޓިއުމްސްތައް އަޅައިގެން ޕާޓީއަށް ދާންނުކުތެވެ. އެހިސާބުގެ ހުރިހާ ގެއަކުން ބަރަބޯތަކާއި ބިރުވެރި ސިފަތަކުގެ ކްލައުންސްތައް ގަސްތަކުގައާއި ފެންޑާގައި ހުރިތަން ފެނުނެވެ. މުޅިރަށުގައިވެސް ބިރުވެރި ރޫހެއް އުފެދިފައިވިއެވެ. ރެއިނާ ގަޒަލް ގާތު ބުނީ މުސްލިމުން އެދުވަސް ފާހަގަކުރުން ހުއްދަނުވާނެ ކަމުގައެވެ. ގަޒަލްގެ ޚިޔާލު ތަފާތެވެ. ކުޑައިރުއްސުރެ އެފަދަ ދުވަސްތައް ގޭގައި ފާހަގަކުރާތީ އެއީ އެހާ ބޮޑުކަމަކަށްނުވާނެއޭ ބުނެ އެކި ހެކި ދެއްކިއެވެ. އެތަނެއްގައި އުޅޭއިރު އެބަޔެއްގެ އާދަކާދަތަކާއި ސަގާފަތް ތަކުގައި ބައިވެރިވިޔަސް އަގީދާއަށް ލޮޅުމެއް ނާރާނެއޭ ބުނެލިޔަސް ރެއިނާ އެކަމާއި ދިމާ އިދިކޮޅެވެ.
ރެއިނާ އާއި ގަޒަލް ސިޓިންރޫމްގައި ވާހަކަދައްކައިލަން ތިބިއިރު ސުފިޔާންއާއި ސަބީނާ ވީ އެތެރޭގައެވެ. ބަރަބޯ ލާޓޭ އާއި ޕައިގެ މީރުވަސް މުޅިގޭތެރޭ ހިފާލާފައިވިއެވެ. ފިނިގަދަކަމުން ރަޖާ ގައިގާ އޮޅާލައިގެން ހުރިއިރުވެސް ރެއިނާ ރޫރޫއަޅައެވެ. ކެނެޑާގެ ރީތިކަމާއެކުގައިވެސް އުނިކަމަކީ މި ގަދަ ފިންޏެވެ.
"ގަޒަލްވެސް ފައި ރަގަޅުނަމަ މިރޭ ހެލޯވީން ޕާޓީއަކަށް ދާނަން ދޯ..."
"ހޫމް...މި ފީލިންގްސް...އަހަރެން ހިތަށް އަރަނީ އަބަދަށް ހެލްޕްލެސްކޮށް މިހެން ބާވައޭ އިންނާނީ..." ގަޒަލް ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ. "އެބަ އަންނަން ހޫނު ކޮފީއެއް ހިފައިގެން. އޭރުން ހީފިލާނީ. މި ފިނި ރޭތައް ކޮފީއާއި ނުލާ ހޭދަކުރުން ކުޅަދާނައެއް ނުވާނެ......"
ރެއިނާ އެހާ އަވަސްކޮށްލާފައި އައިއިރު ގަޒަލްގެ މޫނު ހުދުކަމުން ކަފަކޮޅެއްފަދައެވެ.
"ރެއިނާ ދިޔަތަނާހެން ފާރުތެރެއިން މިލާން ނުކުތީ. މޫނު ހަމަ ޕަމްޕްކިންއަކާ ތަފާތެއްނެތް. ދެލޯ އަލިފާން ކުލައިގެން ދިއްލިފައި. އޭނަ ވަދެގެން އައިގޮތަށް އަނގައިގާ ހިފާ ފިތައިގަތީ....އަތްވެސް އަނބުރާލައިފި. ވަރަށް ތަދުކޮށް އަނިޔާކޮށްލައިފި. އަނގަ އެއްކޮށް ވާގި ގޮއްސަ ހުރީ.. ބިރުގަނޭ.. ވަރަށް ބިރު އެބަގަނޭ......" ގަޒަލްގެ އަނގަވެސް ހުރީ އެއްފަރާތަށް ދަމައިގެންފައެވެ. ކަންކަށިމަތި އެއްކޮށް ރަތްވެފައެވެ. ރެއިނާ ހާސްކަމާއެކު ގަޒަލްގެ ގާތަށް ތިރިވިއެވެ. ތުރުތުރުލާ އިނގިލިތަކުން ސަބީނާއަށް ގުޅަން މަސައްކަތްކުރުމުން ގަޒަލް ފޯނު ދަމައިގަތެވެ.
"މަންމަ ކައިރީ ބުނަންވީނު. މިހާރު މާ ބޮޑުވަރު މިވަނީ.." ރެއިނާއަށްވެސް ބިރުވެރި އިހުސާސްތަކެއް ކުރެވުނެވެ. ވާނީ އެހެން ނޫންހެއްޔެވެ؟ މުޅި އޯކްވިލްވެސް މިރޭ ރޫހާނީ އެއްޗެއްސަށް ދައުވަތުދޭފަދަ ގޮތަކަށް އަނދިރިކޮށްލާފައެވެ. އެ އެއްޗެހިވެސް މިކަހަލަ ކުޅިވަރުތަކުގައ ބައިވެރިވާން އަންނާނެތާއެވެ.
ނުނިމޭ