"ﷲ ސުބުހާނަހޫ ވަތައާލާ އިންސާނާގެ ހަޔާތަށް ފޮނުއްވާ ކޮންމެ މީހަކީ ވަކި މަގުސަދެއްގައި ފޮނުއްވާ ބަޔެކެވެ. ބައެއް މީހުން އަންނަނީ އިމްތިހާނަކަށެވެ. އަނެއް ބަޔަކު އަންނަނީ ކޮންމެވެސް އެއްޗެއް ދަސްކޮށްދިނުމަށެވެ. އަނެއް ބަޔަކު ތިމާގެ ފަރާތުން ކަންތައް ހާސިލުކުރުމަށެވެ. އަދި އަނެއް ބަޔަކު އަންނަނީ ތިމާގެ ހުރި މޮޅުކަމާއި ހުރިހާ ރަގަޅު ސިފަތަކާއެކު ދިރިއުޅުމާއި ކުރިމަތިލާން ދަސްކޮށްދިނުމަށެވެ. ދިމާވާ ކޮންމެ މީހެއްގެ ފަރާތުން ފިލާވަޅުތަކެއް ހޯދާށެވެ. އިބުރަތް ހާސިލުކުރެވޭނީ ވިސްނާ ފިކުރުކުރާ މީހުންނަށެވެ."
***
"މޮޔަވީތަ ކްރޭޒީ.........." ކައިޔާން ކުއްލިއަކަށް ފަތެއްހެން ރެއިނާ އުފުލާލާފައި ކާރުން ބޭރަށް ވައްޓާލައިފިއެވެ. ކައިޔާންގެ އެ އަމަލުން ކުރީ ސީޓުގައި އިން ސަޖަލް ކަންބޮޑުވެފައި ކައިއޭ ކިޔާ ގޮވައިލިއެވެ. އަދި ފުންމާލާފައި ދުވެގޮސް ރެއިނާގެ އަތުގައި ހިފާ ތެދުކުރަން އުޅުމުން އެނަ އަތް ފޮޅުވައިލިއެވެ. ކަޅި އަޅައިލެވުނީ ބޭ އިޚުތިޔާރުގައެވެ. "ތަދުވެއްޖެތަ؟ އަނިޔާއެއްވިތަ؟ " ސަޖަލް އެހިއެވެ.
"އަލްހަމްދުލިﷲ...."
ކޮންކްރީޓް ތަޅުންމަތީ ޖެހުނުލެއް ބާރުކަމުން ފަޔަށް ތަދުވެސް ވިއެވެ. ނަމަވެސް ކަށީގައި ނެތް ހިތްވަރެއް ލާފައި ފުންމައިގެން ތެދުވުނެވެ. ސަޖަލް ކޮންމެހެން މާ ހިތްހެޔޮވާން އުޅޭނެކަމެއް ނެތެވެ. ސަޖަލްގެ އެހީތެރިކަމަކަށް އޭނަ ބޭނުމެއް ނުވެއެވެ. ނަމަވެސް އެކަން ނުދައްކާ ޝުކުރު އަދާކުރިއެވެ. ކައިޔާންއާއި ދިމާލަށްވެސް އެއްޗެކޭ ބުނުމުގެ ހިތްވަރު ލިބުނަސް އެ އަޑުގައި ވަރެއް ނެތެވެ. ސަޖަލްފަދަ ކުއްޖަކާއި އަޅުވާ ކިޔާލެވޭނެ އެންމެ ސިފައެއްވެސް ނެތެވެ.
"އައިމް ސޮރީ. ކޮންމެހެން ތި ކާރަށް އަރާކަށް ނޫން. ޑޯގް ފެނުނީމަ ޕެނިކް ވީ..." ރެއިނާ ސަޖަލް ދިއްކޮށްލި ބެކްޕެކް ދަމައިގަނެފައި ކޮނޑުގައި އަޅުވައިލިއެވެ. ގެއަށް ގެންގޮސްދީފާނެ ކަމުގެ ދައުވަތު ދިނުމުން ދެކޮޅުހެދިއެވެ. އެ ކާރަށް އެރުމަށްވުރެ ކުއްތާ އޭނަ މަރާލިޔަސް މާ ހެވެވެ. ހިނގާލާފައި ދެވިދާނެކަމަށް ބުނެލާފައި ބާރުބާރަށް ހިނގައިގަތެވެ. އެދެމީހުން ކުރިމަތީގައި އެންމެ ހިދުކޮޅަކު ހުންނަންވެސް ހިތަށް ކެތް ނުވީއެވެ. ކަންތަކާއި ކެރިގެން ކުރިމަތިލުމުން ބިރު ކެނޑޭނެއެވެ. ކަނޑުގައި ވުމުންވެސް ބިރުކެނޑެއޭ ބުނެ އުޅެއެވެ. ކަނޑުމަތިން ހަދާންވުމާއެކު މިކާގެ ހަދާންތައް ހިތަށް ދަތިކުރަން ފެށިއެވެ. އޭނަ މަރަށް ފިލަން އުޅެނީ ކިހާ ދުވަހަކު ދުނިޔޭގައި އުޅޭނެކަމަށް ހެއްޔެވެ؟ މަރުވުމުން ދަރިފުޅާއި ބައްދަލުވެދާނެއެވެ. ރެއިނާގެ ޚިޔާލުތައް އެކި ދިމާލަށް ދަތުރު ކުރަމުން އުއްމީދާއި ހިތްވަރު ލިބުމުގެ އިތުރުން މޮޅިވެރިކަންވެސް ސާލެއް ފަދައިން އޮޅައިލިއެވެ.
ގެއަށް ވަދެ ކޮފީއެއް ހަދާލައިގެން ގޮސް ގަޒަލްގެ ގާތު އިށީނެވެ. ގަޒަލް ގޮނޑި ދުއްވަމުންގޮސް މޭޒުކައިރީ އިނދެ ވަޅިއަކުން މޭވާ ކޮށަންފެށިއެވެ. އަމިއްލައަށް ހުރިހާ ކަމެއް ކުރަން ދަސްކުރަން ގަޒަލް ބޭނުމެވެ. ދުނިޔޭގައި އޭނައަށްވުރެ މާ ހާލުގައި އުޅޭ މީހުންގެ ފަރާތުން ހިތްވަރު ލިބިގަންނަން ޖެހޭނެއެވެ. ދެފައި ބޭކާރުވިޔަސް އެހެން ހިއްސުތައް ސަލާމަތުން އެބަހުއްޓެވެ.
"މިއަދު ސަޖަލްއާއި ދިމާވި. އޭނ ރީތިވެފައި ޗާމިން ކަމުންގޮސް........ރީތިވުމަކީ އެހާ މުހިއްމު ކަމެއްތަ؟ "
"ކައިންޑް އޮފް. ޚާއްސަކޮށް އަންހެންކުދިންނަށް ބިއުޓީ މުހިއްމުވަނީ ގިނަ ވަޒީފާތަކަށްވެސް ރީތި އަންހެންކުދިން ހޮވާތީ. ކެބިން ކުރޫއިންނާއި ބައެއް ތަންތާ ރިސެޕްޝަންތަކަށް ހޮވާއިރު ރީތިކަމަށް ބަލާ، އެކަމަކު ޗާމިންވުމަކީ ކޮންމެހެން ރީތި މީހުންނަށް އޮތްކަމެއް ނޫން..."
"ޗާމިންއަކީވެސް މީހާ އުފަންވާއިރު ޕާސެނެލިޓީގައި ހުންނަ ބަޔެއްނު. ޗާމިން އާއި ކެރިޒްމާ.."
"ނޫނޭ. މީހާގެ ލުކްސްވެސް މޭކަޕާއި އެއްޗެހިން ކޮންމެވެސް ޕަސެންޓެއް ރީތިކުރެވޭއިރު ޕާސެނެލިޓީވެސް އެމީހަކު ބޭނުންވާގޮތަކަށް މޯލްޑްކުރެވޭނެ. އޮނެސްޓްކޮށް ބުނަންޏާ ރެއިނާއަށް އެކަހަލަ މީހަކަށް ވެވިދާނެ..ޕޮޒިޓިވް ވެ ރީތިކޮށް ޑްރެސް ކޮށް ކުޑަކޮށް މޭކަޕްކޮށްލުމުން އެމީހާގެ ކޮންފިޑެންސް ފެނިގެންދާނެ. ޑިމްޕަލް ހުރުމަކީ ޗާމިން ކަމުގެ އެއް ސިފަ. އުފަންވާއިރު ގުދުރަތީގޮތުން އެކަން ދެއްވަނީ. ރެއިނާއަށް އެބައި ލިބިފައި ތިހިރީ. ދެން ޖެހެނީ އެހެން ބައިތައް އަމިއްލައަށް ހޯދަން. ނެގެޓިވިޓީ ދޫކޮށްލުން. ނެގެޓިވް އަދި ޓޮކްސިކް މީހުންނާއި ދުރަށް ދުވަން ޖެހޭނީ. އަމިއްލަ ނަފުސަށް އިތުބާރު ކުރަން ފަށަންވީ. ރެއިނާ އަމިއްލަ ނަފުސާއި ދޭތެރޭ ގަބޫލުކުރާ ގޮތް ހުއްޓާލާފައި ތި ޝެލްގެ ތެރެއިން ނުކުތީމަ އެންމެންވެސް ފަހަތުން ދުވާނެ. ހަޒްބެންޑްވެސް. އޭނަ އަދިވެސް ވާނީ ހަމަ ރެއިނާގެ ފިރިމީހާއަށް ތާ. ދުރުގައި ހުއްޓަސް ވަރި ނުކުރަންޏާ އޭނައަކީ ރެއިނާގެ މީހެއް......." ގަޒަލްގެ ވާހަކަތައް ރެއިނާ ކަނުލާ އެހިއެވެ. ފަހަތުން ޖުމްލަތަކުން އޭނަގެ ގައިން ހީލިގަނޑެއް އެރިއެވެ.
"ޖީޖީ. އަޅުވެރި ކުއްޖަކަށް ވެފައި ޗާމިން ވާނެ ގޮތެއް ބުނެބަލަ........ " ރެއިނާ އެހެން ދިމާލަކަށް ވާހަކަ އަނބުރައިލިއެވެ.
"ސަޖަލްގެ ފެމިލީ އަކީ އަޅުވެރި އާއިލާއެއް..."
"އެތަންކޮޅު މުޅިއަކުން ގަބޫލެއް ނުކުރެވޭ. އެއީ މުސްލިމުންނަށްވެ އަޅުވެރި ވާނެ ގޮތެއް ވިސްނުމަކަށް ނާދޭ. އެމީހުންނަކީ ޝީއަ މުސްލިމުން. އެމީހުން ގަބޫލުކުރާގޮތް ތަފާތު. ވީމަ ކައިޔާންއާއި ސަޖަލްގެ ކައިވެނި ހުއްދައެއް ނުވާނެ. ރިއަލީ. އެކަން ހުއްޓުވަން ޖީޖީއަށް ކެރޭނެތަ؟ ކައިޔާން ގާތު ބުނޭ ޝީއަ އިން މުސްލިމުންނަށް ނުވާނެއޭ. އެމީހުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ޚަލީފާއިންނަށް ނަފްރަތުކުރޭ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ އަނބިކަބަލުން އާއިޝާ ރަޟިޔަﷲ އަންހާއަށް ބަދު ބަސްތައް ބުނޭ. އަލީގެ ފާނަށް ރަސޫލުކަން ދެއްވަންވީމަ ޖިބްރީލްގެފާނަށް އޮޅިވަޑައިގެން އެހެން ބޭކަލަކަށް ދެވުނީޔޯ. އެމީހުންގެ ފާޑުފާޑު ސެކްޓްސްތައް އޮވޭ. ތާކުން ތާކު ނުޖެހޭ ވާހަކަތަކަށް ހެއްލި ދީނުން ބޭރުވެފައި ތިބި ބަޔެއް. އެހެންވީމަ ސުންނީ މުސްލިމުންނަށް އެ މީހުންނާއި ކައިވެނި ކުރުން ހުއްދައެއްނުވާނެ............" ރެއިނާ އެވާހަކަ ދެއްކިއިރު ގަޒަލްއާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ.
"ކައި ގަބޫލެއްނުކުރާނެ. އެކަމަކު ބުނެދޭނަން..."
ހަދާންކޮށް ބުނެދެއްޗޭ........." ރެއިނާއަށް ގަޒަލްގެ އަތުގައި ހިފަހައްޓާލެވުނެވެ. ސަޖަލް ދެ އަންބަށް އެ ކައިވެނި ކޮށްފާނެހެއްޔެވެ؟ އޭނަ ސަޖަލް ގާތު ހަގީގަތް ކިޔައިދޭންވީ ހެއްޔެވެ؟ގަޒަލް ބުނެދިންހެން ތޮށިގަނޑުން ބޭރަށް ނުކުމެ ކައިޔާންގެ މޫނުގައި ތަފާލެއް ޖަހަންވީއެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައެވެ. ޚިޔާލުގައި އެކަންތައް ކޮށްފައިވެސް ރެއިނާ ހަމަ ބިމަށް އައީ އޭނަގެ އަމިއްލަ ސޫރަ ދެކެ ވެވުނު ފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނަގެ އަތްތިލަ ގަޒަލްގެ އަތާއި ގުޅުނުއިރު ކުލައިގެ ތަފާތު ފެނި އަތް ދަމައިގަނެވުނެވެ.
ރެއިނާ ޝީއަ މުސްލިމުންގެ ނުބައި ސަގާފަތާއި އަމަލުތައް ކިޔާދޭންފެށުމުން ގަޒަލްއަށް ގިނަ ކަންތައްތަކެއް އޮޅުން ފިލިއެވެ.
ކައިޔާންއާއި ސަޖަލް ގުޅުނަ ނުދޭން އޭނަ ބޭނުންވަނީ ހަމައެކަނި ސަޖަލް ޝީއަ މުސްލިމަކަށްވާތީ ހެއްޔެވެ؟ ކްރިސްޓިއަނުންނާއިވެސް މިހާރު ގިނަ ފިރިހެނުން ކައިވެނި ކުރެއެޗެ. ސަޖަލް ސުންނީ މުސްލިމަކަށް ވިނަމަ އޭނަގެ ބަހަނާގެ ލިސްޓަށް އިތުރުވާނެ އެއްޗެއްވެސް ނޭގެއެވެ. އޭނަ އަމިއްލަ އެދުން ބޮޑީއެވެ. އޭނަގެ ހައްގެއް އެހެން މީހަކަށް ދޭން ނުރުހެނީއެވެ. ސިކުނޑިން ނެރެ އެއްލައިލަން ހަގުރާމަ ކުރިޔަސް ކައިޔާންއާއި ސަޖަލް އޭނަގެ ޚިޔާލުތަކަށް ވެރިވެގަނެ އޭނަގެ ސިކުނޑި ކައި ހުސްކުރަނީއެވެ. ކައިޔާން ރުޅިވެރިކަމާއެކު އަނގައިން ބުނެ އެއްޗެހި ކިޔާ ނަމަވެސް އެންމެ ރަގަޅުވީހެވެ. އެހިމޭންކަން އޭނަގެ ޚިޔާލަށް ހާދަ އުދަގޫ އެބަކުރެއެވެ.
***
ސަޖަލް ކައިޔާންއާއެކު ކޮޓަރީގައި ވަގުތުތަކެއް ހޭދަކޮށްލާފައި ބޭރަށް ނުކުތެވެ. ނަޒަރުގައި އަޅައިގަތީ ބެންޗުގައި ނިދާފައި އޮތް މިލާންއެވެ. އަޅިކުލައިގެ އޫ ޕިޖާމާއެއް ލައިގެން ކުރުގެޅިލައިގެން އޮތްގޮތުން ފިނިވެ ހީކަރުވައިގެންފާ ކަން އިހުސާސްކުރެވުނެވެ. އެ މަންޒަރުން ސަޖަލްއަށް އުދަގޫވިއެވެ. އޭނަ އަވަހަށް ގޭތެރެއިން ބޯ ކެހެރި ރަޖާގަނޑެއް ގެނެސްފައި މިލާންގެ ގައިމަތީ އަޅާލަދިނެވެ. ކޮޓަރީގައި ނޯވެ މިއޮތް ފިނީގައި މިތާ ނިދަން އޮންނާނީ ބޯ ހަމަނުޖެހޭ މީހެއް ނޫންހެއްޔެވެ.
ގަޒަލްގެ ގޮނޑި ދުއްވަމުން ނުކުތް ރެއިނާއާއި ގަޒަލްއަށް އެ މަންޒަރު ފެނުނެވެ.
"ސަޖަލް ދެކެ ފޫހިވެއްޖެ...ހުރިހާ އެންމެނާއިހެދި އުޅޭ އަންހެނަކީތަ؟ " ގަޒަލް ހިތްހަމަ ނުޖެހޭގޮތްވިއެވެ.
"މުއްސަންޖަސް ހިތްހެޔޮކުއްޖަކަށް ވާނީ..." ރެއިނާގެ ހިތަށް އެ ލަފުޒު އެރިނަމަވެސް އޭނަ ސަޖަލްއަށް ތައުރީފު ކުރާކަށް ބޭނުމެއް ނުވިއެވެ. އެކުރީ ކުށެކެވެ.
"ސަޖަލްގާތު ކައިޔާން ގުޒްލާންގެ ވާހަކަ ކިޔާދީފައި އޮންނާނެކަން ޔަގީން. މިލާން މަރުވިޔަސް ސަޖަލްއާއި ކޮންކަމެއް. އަސްލުވެސް ފޫހިމީހެކޭ......" ރެއިނާވެސް ވަގުތުން ގަޒަލްއާއި އެއްކޮޅަކަށް ވާހަކަދެއްކިއެވެ.
"ކައި ގާތު ބުނާނަން ސަޖަލްއާއި ވާހަކަ ނުދައްކާށޭ. ހިނގާ އެތެރެއަށް ވަންނަން. އެ މޮންސްޓާ ދެން އަހަރެމެންގެ ބަގީޗާ ތެރެއަށްވެސް ވަނަ ނުދޭން އެތާ ނިދާ ޖަގަހަ ކަމުގައި ހެދީ. ގަޑިއެއް ގަޑިއެއްވެސް ނެތީތަ؟ ގްރްރރް...." ގަޒަލް އަވަހަށް ގޮނޑި އަބުރާލާފައި އަތްގަނޑަށް ބާރުލާފައި ދުއްވާލައިފިއެވެ. ސަޖަލް ދުވަމުން ދުވަމުން އައިސް އެކުދިންނާއި އަރާ ހަމަކުރިއެވެ. އެކުދިންގެ އިހުސާސްތައް ދެނެގަތީކަން ނޭގެއެވެ.
"ރުޅިއައީތަ ޖީޖީ......." ސަޖަލް ކުރިމައްޗަށް އަރަމުން އަތްގަނޑުގައި ހިފަހައްޓައިލިއެވެ. މިއީ "ސައިކިކް" މީހެކޭ ހިތަށް އަރާ ގަޒަލް ބިރުވެސް ގަތެވެ. އެ ފެހި ލޮލާ ދިމާލަށް ބަލަން އިންއިރު ގަޒަލްގެ ލޮލުގައި ހިނިތުންވުމެއް އަދި ހޫނުކަމެއް ވެސް ނެތެވެ. އެލޮލުން ބީރައްޓެހިކަމެއް ފެނުނެވެ. ގުޒްލާންގެ ގާތިލަށް އެހީތެރިވުމަކީ އޭނަގެ ހިތް އެކަމާއި ދެކޮޅު ހަދާ ނަފްރަތުކުރާ ކަމެކެވެ.
"ސަޖަލް ޑިޑް ޔޫ ޑޫ ދެޓް އޮން ޕާޕޯސް؟ އޭނައަކީ މީހުން މަރާމީހެއް ކަން އެނގިހުރެވެސް އޭނައަށް ރަޖާއެއް ތިދިނީ. ހީ ޑިޒާވްސް ޓު ފްރީޒް ޓު ޑެތް. ނޫނީ އެއަށްވުރެ ނުބައިކޮށް މަރުވެއްޖެއްޔާ ރަގަޅީ....."ގަޒަލްގެ ޖަވާބުން ހިތް ހަމަނުޖެހިފައިވާ ވަރު އަންގާދިނެވެ.
"ފިނިވެފައި އޮތްވަރުން ރަޖާއަޅާ ދެވުނީ. އަހަންނަށް އޭރު ހަދާން ނައްތައިލެވުނީ އެއީ ގުޒްގެ ކިލަރކަން. އެކަމަކު.....ސޮރީ ޖީޖީ ދެން އެހެނެއްނުވާނެ." ސަޖަލް ކަންބޮޑުވެފައިވާ ގޮތަކަށް ބުނެލިއެވެ.
"އިޓްސް އޯކޭ. އެ މަންޒަރު ފެނުނީމަ ޝޮކަކަށް ދިޔަ. އަސްލު އަހަރެން ދަންނަ އެއްވެސް މީހަކު އޭނައަށް ހެލްޕްވާތަން ދެކެން ބޭނުމެއްނޫން. އޭނަ ހުންނަން ޖެހެނީ ގެއަކު ނޫން. ޖަލުގައި...."ގަޒަލް ކުޑަކޮށް ހިނިތުންވިއެވެ.
"ތި ކޭސް އަލުން ނަގަން ފެންނަނީ. އައި ނޯ އެ ލޯޔާ.....ކިލަރ އެއް ދޫކޮށްފައި ބަހައްޓައިފިއްޔާ މި ޕީސްފުލް ޓައުން އިން އަދި ކިތައް ކުދިން މަރުވާނެ. އޭނައަކީ ޕެޑޮފިލް އެއްތަ؟ " ސަޖަލް އެހިއެވެ.
"ނޮޓް ރިއަލީ.......ސައިކޯޕާތެއް...." ގަޒަލް ބުނެލިއެވެ.
"އަހަރެން ގޮސް އަންގާނަން މިތަނުން ދާން...." ސަޖަލް މިލާން އޮތް ދިމާލަށް ހިނގައިގަތެވެ. ރެއިނާ ހުރީ ސަޖަލްގެ ފަރާތުން އުނި ސިފައެއް ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރީތީ ހަމައެކަނި ސިފައެއް ނޫނެވެ. އަދަބުވެރިކަމާއި ހިތްހެޔޮކަންފަދަ ރީތި އަޚުލާގުތަކުންވެސް ގަހަނާ އަޅާފައިވާ އަންހެންކުއްޖެކެވެ. ރެއިނާއަށް އިސް ޖަހައިލެވުނެވެ. ސްނީކާސްއަށް ބަލަން ހުރިގޮތުން އެ ބޮޑު ދެލޮލުން އެވެސް ފޫ އަޅުވާނެފަދައެވެ. އެހާ ތޫނު ބެލުމެކެވެ. ރެއިނާ ބޭނުނުނުވިޔަސް ހިތުގައި އެ ހިގަނީ ހަސަދައިގެ އޮއިވަރެކެވެ. ރެއިނާ އަމިއްލަ ނަފުސަށް ވިސްނައިދޭން އުޅުނީ ސަޖަލްއާއި ހަސަދަވެރިނުވުމަށެވެ. ހަސަދަވެރިވިޔަސް ސަޖަލްގެ ގައިން އެންމެ ރީތިސިފައެއްވެސް އުނިވާނީ އެއް ނޫނެވެ. އޭނައަށް ކިޔެވެނީވެސް އެމީހުންގެ ރަގަޅުކަމުންނެވެ.
މިލާން ހޭލައްވަން ކައިރިވުމާއެކު ސަޖަލްގެ ކަންކަށި މައްޗަށް ވީއްލާލި އެތިފަހަރުން ވިއްސައިގެންގޮސް މާ ދުރުގައި ޖެހުނެވެ. މިލާން އޭނަގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ސަޖަލް އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ގަޒަލްއަށް ޝޮކެއް ލިބުނެވެ. ވަގުތުން ނޭވާ ނުލެވި އޮކްސިޖަން ހުސްވިހެން ހީވިއެވެ. މުޅި ކުއްޖާ ދާހިއްލާ ފޯވިއެވެ.
ރެއިނާ ބަލާކަށް ނުހުރެ ފުލުހުންނަށް ގުޅިއެވެ. އޭރު ގޭތެރޭގައި ތިބި އެންމެންވެސް ނުކުމެގެން އެ ދިމާލަށް ދުއްވައިގެންފިއެވެ.
ކައިޔާންގެ ނަފްރަތު އޭނަގެ ސިކުނޑި ބަލިކަށި އެއްޗަކަށް ހަދައިފިއެވެ. މާ ކުރީގެ ހަދާންތައް އޭނަގެ ލޮލުގެ ސްކްރީންގައި ލަސްލަހުން ދައުރުވާން ފެށިއެވެ. އަމިއްލަ ނަފުސް މައްޗަށް ބާރު ނުފޯރުވި ސަޖަލްގެ ދިފާއުގައި ތެދުވުނުގޮތަށް މިލާންގެ މޫނުމައްޗަށް ދިން ގޮށްމުށުގެ ހަމަލާއިން އޭނަ ރެކުނަސް ބަލާކަށް ނުހުރެ އެތިފަހަރުތައް ދޫކުރަން ފެށިއެވެ. މިލާން ބިންމައްޗަށް ވެއްޓުނުގޮތަށް އޭނަ ހަރަކާތެއް ނެތި އޮތްގޮތުން ޚަބަރު ހުސްވެފައިވިފަދައެވެ. އިއާންއާއި ހާޒިލް ދެފަރާތުންގޮސް ކައިޔާން ހިފަހައްޓަން އުޅުމުން ގަދަ ދައްކާފައިވެސް އެމީހުން ކުރިމަތީގައި މާ ބޮޑު ބާރެއް ނުދެއްކުނެވެ. ފުލުހުންގެ ވެހިކަލް އައުމާއެކު ކޮންމެވެސް ވަރަކަށް ތަފްސީލު އަހާފައި ކުށްވެރިޔާގެ ކައިރިއަށް ގޮސް އޭނައަށް ވެފައި އޮތްގޮތެއް ބަލަން މަސައްކަތްކުރިއެވެ. އިރުކޮޅެއްފަހުން މިލާން ހޭ އަރާ ދެފަރާތް ހޯދައިލިއިރު ލޮލުގައި ވީ ހުސްކަމެވެ. މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރެއް ނުފެނުނެވެ. އަތުގައި ބިޑި އެޅުވުމުން ނިކަން ހަމަޖެހިލާފައިގޮސް ފުލުސް ވޭނަށް އަރައިފިއެވެ. އެއްފަރާތުގައި ރެއިނާ ނޭވާ ހިފަހައްޓާލައިގެން ހުރިއިރު މިލާންއާއިމެދު ހަމްދަރުދީވިއެވެ. ކުށްވެރިޔަކާއިމެދު ހަމްދަރުދީ ވިޔަސް އޭނަގެ ދުޝްމިނުން ކައިރީ އެކަން ފައުޅުކުރަން ހިތް ނޭދުނެވެ. ސަޖަލްގެ އަތުގައި ހިފާ ތެދުކުރިގޮތަށް ކައިޔާންގެ މޭގައި ލައްވެލައިގެން މަޑުމަޑުން ރޯލަ ރޯލާ ހުއްޓެވެ. ރެއިނާ އަނެއް ފަރާތަށް އެނބުރުނެވެ. މިލާންގެ ގައިގާ ތެޅިއިރުވެސް އެހާ އުދަގޫވީކަމެއް ނޭގުނެވެ. ހިފަހައްޓައިގެން ހުއްޓާ ލޮލަށް ޖަމާވި ކަރުނަތައް ތިރިއަށް ދެމިގަތެވެ.
މިލާން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓިކަން އެނގި ގަޒަލް އުފާވީ އިންތިހާއަށެވެ.
***
އިރުއޮއްސި އަނދިރިވުމުން ބަގީޗާގެ ބައްތި ތައް ދިއްލާލައިފިއެވެ. އޮރެންޖް އަލި އެޅުމުން ފެންޑާގެ ހަރުފަތްތަކަށާއި ތަޅުންމައްޗަށް އެޅިފައިވާ ފަތްތައް ރަނުން ދިއްލި އުޖާލާވެފައިވިއެވެ. ރެއިނާ މުސްހަފު ހިފައިގެން ފަތްތަރުމަތީގައި އިށީންތަނާ ލޯ މައްޗަށް ތަސައްވަރުވީ ސަޖަލްގެ އެކައުންޓުގައިވި މިފަދަ މަންޒަރެއް ސިފަވާ ތަސްވީރެކެވެ. މުށިކުލައާއި ގަދަ ދަނބުކުލައިގެ ފޮތް ބޮނޑިއެއްގެ މަތީ އުއްބައްތި އެއް ބަހައްޓާފައިވާއިރު ވަށައިގެން ކުލަ ކުލައިގެ ފަތްތައް ބިންމައްޗަށް ވެރިފައެވެ. އޭނަ ސަޖަލްއަށްވުރެ މާ ރީތި ފޮޓޯއެއް ނަގާނެއެވެ. ރެއިނާ މުސްހަފު ހިފަހައްޓައިގެން އިނދެ ސެލްފީއެއް ނެގިއެވެ. މުސްހަފު ކައިރީ އުއްބައްތިއެއް ބަހައްޓާފައި ފެންޑާގެ ބައްތި ދިއްލާލާފައި ހުއްޓާ ނެގުނު ފޮޓޯ ހަގީގަތުގައިވެސް އޭނައަށް ކަމުދިޔައެވެ. ބަގީޗާގެ ބައްތީގެ ދަޅަތައް އެކި ދިމާލަށް ފެތުރިފައިވުމުން ޖާދުވީ ކަމުން ތަލިން ކުޅު ހިކޭނެއެވެ. އޭނަ ވެސް ބޭނުންވީ ސަޖަލް ވައްޓާލެވޭވަރުގެ ރީތި ފޮޓޯތައް ނަގާށެވެ. ކެނެޑާގައި ހުރުމުން އެފަދަ ފުރުސަތުތައް މިއޮތީ ހުޅުވިފައެވެ. އޭނަވެސް ސިއްރު އެކައުންޓެއް ހުޅުވާނީއެވެ.
***
އަލީ ޚާން އޭނަގެ ދަރިންގެ މަންމައާއި އަލުން ކައިވެނީގެ ގޮތުން ގުޅުން ނިންމުމަކީ އެ އާއިލާގެ ގުޅުން ވަރުގަދަވެ އެންމެނަށް ލިބުނު ސަޕްރައިޒަކަށްވިއެވެ. އެތައް އަހަރެއްވާންދެން އެކުދިން ދެކުނު ހުވަފެން ހަގީގަތަކަށްވީއެވެ. މަންމަ މަރިޔަމް ވަރިކޮށްލި މައްސަލައިގާ ބައްޕައާއި ދުރުން އުޅުނު އުމަރުއަށް ބައްޕައާއި އޮތް ގުޅުން އަލުން އާލާކުރުމުގެ ފުރުސަތުވެސް ލިބުނެވެ. އަލީ ޚާންގެ ގޭގެ ބަގީޗާތެރޭގައި ކުޑަ ޕިކްނިކެއް ހަދައިލަން އެ އާއިލާގެ މެމްބަރުން ތިއްބެވެ. އުމަރުއާއި އަންހެނުން އަމާރާ އަދި ފިރިހެންދަރިފުޅު ނޯއާއާއި އަންހެންދަރިންކަމަށް ވާ ހެނާ ސާރާ އަދި އެލީންއެވެ. އެ މީހުން އޯކްވިލްއަށް އައީ ދެގަޑިއެއްހާއިރު ކުރިން ޕްރައިވެޓް ޖެޓެއްގައެވެ. ސަޖަލްއާއި ޖޫން ބޭބެގެ ދަރިންނަށް ހޫނު މަރުހަބާއެއް ކިއެވެ. ސަޖަލް އޭނަގެ އެކުވެރިޔާ ކައިޔާންވެސް ބޭބެގެ އާއިލާއަށް ތައާރަފުކޮށްދިނެވެ.
އުމަރުގެ އެއްވެސް ޝައުގެއް ނެތެވެ. އެ އާއިލާއާއި ގުޅުން ބަހައްޓަން ވެއްޖެއްޔާ އޭނަ މާޒީ އަލުން ކޮންނަން ޖެހިދާނެއެވެ. އުމަރުއަށް ނޭގުނީ އޭނައާއި ކައިޔާންގެ މާޒީ ދާދި އެއްގޮތް ކަމެވެ. ދެމީހުންވެސް މަޖަލަކަށް ކައިވެނިކޮށްފައި އަންހެނުންނާއި ދަރިފުޅު ހަޔާތުން ބާކީކޮށްލިކަމެވެ. އެފަދަ މީހުންގެ ބަދު ދުޢާ ޖެހި ދިރިއުޅުމަށް އަސަރު ކޮށްފާނެކަމަކަށް ހިޔެއް ނުކުރެއެވެ.
"ސަޖަލް ހާލު ކިހިނެއް މިހާރު؟ އެގެއިން ކާކު ތަޅައިގަތީ؟ އެގޭގައި މެންޓަލް މީހެއް އުޅެނީތަ؟ " ހެނާ ސުވާލުކުރިއެވެ.
"އެގެއަށް ނުދާތި......." އުމަރުގެ ނަޒަރުގައި ސީރިޔަސް ކަމެއްވިއެވެ.
"ދޮންބެ......"
"އަނިޔާ ލިބުނީމަވެސް ކޮއްކޮ އެގެއަށް ދާން ތިއުޅެނީ ކީއްވެތަ؟ އެއީ ކާކުތަ؟ "
"ސަބީނާ އާންޓްމެން އެގޭ އެޓިކްގައި ގެންގުޅޭ ސައިކޯ ކުއްޖެއްނު. މެންޓަލް ވީމަ ކަން ނޭގޭ އެގޭ ކުއްޖަކު މަރައިލާނީ..." ސަޖަލް އަށް ބުނެވުނެވެ.
ކައިޔާން ކޮންމެވެސް ވަރަކަށް އެދުވަހުގެ ތަފްސީލު ކިޔާދިނެވެ. މިލާންއާއި ބެހޭގޮތުން ދެއްކި ވާހަކަތަކުގައި ސިއެރާގެ ދަރިފުޅޭ ބުނުމުން ސިހުނުވަރުން އުމަރުގެ އަތުން ދޫވެ ތަށިތެރޭ ޖެހުނު އަޑު އެތަނުގައި ގުގުމައިލިއެވެ. އަލީޚާންއާއި އަމާރާގެ ނަޒަރުވެސް ދޮށީ ފިރިހެންދަރިފުޅަށް ހުއްޓުނެވެ. އުމަރު މާފަށް އެދިފައި ހަމަޖެހިގެން ކާންފެށިއިރު އެމޫނުމަތިން ހާސްކަމުގެ ކުލަވަރެއް އެއްވެސްވަރަކަށް ނުފެނުނެވެ. ކައިޔާން މިލާންގެ ވާހަކަ ދައްކާ ނިމިގެން ނިކަން ހަމަޖެހިލާފައި ސަޖަލްއާއި ކައިވެނި ކުރަން ހުށަހެޅުމުން އެންމެންނަށް ހައިރާންކަމެއް ލިބުނެވެ. ކައިޔާންގެ ޖެހިލުންކުޑަކަމާއި ސާބިތުކަމަށް އަލީޚާންގެ ހިތް ތައުރީފުކުރިއެވެ.
"ދަރިފުޅު ކީކޭ ބުނަނީ؟ "އަލީ ޚާން ހިނިތުންވެލަމުން ސަޖަލްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"އަޅުގަނޑު އެއްބަސް..."ސަޖަލްގެ މޫނު ރަތްމަލެއްހެން ފަރިވިއެވެ.
"އެކަމަކު......" އުމަރު އެއްޗެކޭ ބުނަން އުޅުނެވެ. "އަހަރެމެން މިއީ ޝިއައީ މުސްލިމުންކަން ކައިޔާންއަށް އެނގޭތަ؟ ތިހާ އަވަސް އަރުވާލައިގެން ކުރާ ކަމެއްގެ ނަތީޖާ ރަގަޅުނުވެ ހިގައިދާނެ...."
"ދަރިފުޅާ އުމަރު. ހަޔާތަކީ ކުރު އެއްޗެއް. ދަރިންގެ އުފަލާމެދު ބައްޕަ އަބަދުވެސް ވިސްނަން. ހަލާލު ގުޅުމަކަށް ވާނީ ކައިވެނި ކުރީމަ ކަމުގައި ބައްޕަވެސް ގަބޫލުކުރަނީ. ދެކުދިން އެކީގައި ވަގުތު ހޭދަކޮށް އުޅެންޏާ ހަލާލުގޮތުގައި އެކަން ނުކުރެވެންވީ ސަބަބެއްނެތް. ކައިޔާންގެ އާއިލާއަކީ ރަގަޅު އާއިލާއެއް ވީމަ ބައްޕަ އަށް ހަމަ ފެންނަކަމެއް." އަލީގެ އެ ޖަވާބުން އުމަރު އިނީ ކިޔާނެ އެއްޗެއް ނޭގިފައެވެ. އޭނަ ބޭރުފުށުން ނުދެއްކިޔަސް ހާސްކަމާ ބިރުވެރިކަން އޭނަ ވަށާލާފައިވަނީ މި އާއިލާއާއި ގުޅިގެން އޭނަގެ ސިއްރު ފަޅާ އަރާފާނެތީއެވެ. އަމާރާއާއި ދަރިންނަށް އެ މާޒީ ފޮރުވަން އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ސިއެރާއަށް މިލިއަނުން ފައިސާދޭންވެސް އޭނަ ތައްޔާރެވެ. ސިއެރާ މުދަލާއި ފައިސާއާއި ހެދި އުޅޭވަރު އެންމެ ރަގަޅަށް ދެނެހުރި މީހަކީ އޭނައެވެ.
"މަންމަވެސް މިއަދު ވަރަށް އުފާވެއްޖެ..." މަރިޔަމް ހިނިތުންވެލިއެވެ.
އުފާވެރިކަން އެ މާހައުލުގައި ހިފައިލި ނަމަވެސް ހިނިތުންވުމެއް ނުފެނުނީ ހަމައެކަނި އުމަރުގެ މޫނުމަތިންނެވެ. ސިއެރާގެ ދަރިފުޅު މިލާންގެ ޚަބަރުތައް އޮޅުން ފިލީއްސުރެން އޭނަގެ ހިތުގައި ނުތަނަވަސްކަން ވަކި ހިއްޕާލައިފިއެވެ. ސިއެރާއާއި މިލާންއަކީ އޭނަގެ ހަޔާތުގައި ކިހާ ވަރެއްގެ ބަޔެއްކަން އެނގިއްޖެއްޔާ އެ އާއިލާތެރެއަށް ވައްޓައިލެވޭ ބޮމަކަށް ނޫނީ ނުވާނެއެވެ.
***
ސަބީނާ އާއި ރެއިނާ އަދި ގަޒަލް ބަދިގޭގައި މެންދުރަށް ކެއްކުމުގެ މަސައްކަތުގައި އުޅެއެވެ. ގަޒަލް ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުނަސް އޭނައަށް ވެވޭވަރަކުން މަންމައަށް އަތްގާތްކޮށްލަ ދެއެވެ. ރެއިނާ ކައްކަން ދަސްކުރަންވެގެން އެކި ވައްތަރުގެ ރެސިޕީތައް ދަސްކުރާއިރުވެސް ރަހަތައް ރަގަޅަށް ހެޔޮވަރު ކުރާކަށް ނޭގެއެވެ. މިވަރުގެ ހުނަރެއްވެސް އޭނަގެ ނެތީ ބާވައޭ ހީވެ ބައެއްފަހަރު މާޔޫސްވެއެވެ. މީރުކޮށް ކައްކަން އެނގުމަކީވެސް ފިރިހެނުންގެ ހިތް އަތުލައިގަންނަން ކަމެކޭ ބުނެއުޅެއެވެ. ސަބީނާ ސްވެޓަރަކާއި ގަޔަށް ފަސޭހަ ހަރުވާޅަކާއިއެކު ހުޅިއެއް ޖަހާލާފައި ހުރިއިރުވެސް ނިކަން ހިތްގައިމެވެ. ދޮން ދޮން ދެއަތްތިލައިގެ ބައްޓަންވެސް ރީތިކަމުން ރެއިނާއަށް އަމިއްލަ ނަފުސާއި އަޅުވާ ކިޔުނެވެ.
"އަހަރެންގެ ބަދުނަސީބަކީ ކަޅު ކުއްޖަކަށް ވުންތަ؟ " ރެއިނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ގަޒަލް އެވަރަށް ބުނެދޭއިރުވެސް އޭނައަށް އެ ކަންތަކުން އަރައިގަނެވޭގޮތެއް ނުވިއެވެ.
ކުއްލިއަކަށް އެންމެނަށް ސިހުމެއް ލިބުނީ މިލާން އެތަނަށް ވަނުމުންނެވެ. މިލާން އައިގޮތަށް މޭޒުމަތީގައި ހުރި އައިސްކްރީމް ތަށިގަނޑަށް ސަމުސާ ލާފައި ކާންފެށިއެވެ.
"ޖަލުގައި ދިން އެއްޗެހި ނުބައިކަމުން އަނގަޔަށް ނުލެވުނު. އައިމް ސްޓާވިން..." މިލާން އެއިން އެއްބައި ކާލާފައި މޭވާއެއް ނެގިއެވެ. ގަޒަލް އަތުގައި އޮތް ފިޔޮހި އަތުލިއެވެ. ގަޒަލް ވަގުތުން "ޕެނިކް މޯޑް"އަކަށް ދިޔައެވެ. ސަބީނާވެސް ހާސްކަމާއެކު ބަލަން ފެށީ މިލާން އަތުގައި އޮތް ވަޅިއަށެވެ. އޭނައަށްވެސް ނޭވާ ހިފަހައްޓައިލެވުނެވެ.
"އަހަރެންގެ ފެމިލީ އެންމެންވެސް އަހަރެން ދެކެ ބިރުއެބަގަނޭ. އަމިއްލަ ނެފިއު ދެކެ ބިރުން އުޅޭ އާންޓެއް މިނޫނީ ހުންނާނެކަމެއް ނޭގޭ....." މިލާން އަމިއްލަ ޟަމީރަށް ބުނެލިއެވެ. ސަބީނާގެ އިނގިލިތައްވެސް ތުރުތުރުލާތަން ފެނުމުން ބިރުން ހުރިވަރު އެނގި މިލާން ފާޑަކަށް ބަލަން ހުއްޓެވެ.
"ކީއްކުރަން މިލާން މިތަނަށް ތިއައީ؟ " ސަބީނާގެ އަޑު ނުކުތީ އުދަގުލުންނެވެ.
" ޑޫ އައި ހޭވް ޓު މެރީ އް ކްރިޕްލްޑް ގާލް؟" މިލާން މޮންޓްރިއަލް ސްޓައިލް ބޭގްލްސް އާއި ބަޓަރ ޓާޓްސް އަދި ޕަމްޕްކިން ޕައި ތަށްޓަކަށް ލައިގެން މޭޒުމަތީ ހަމަޖެހިލިއެވެ. އެވަގުތު ހާޒިލް އެތަނަށް ވަދެފައި އައިގޮތަށް އުފާވެރި ޚަބަރެއް އިއްވައިލިއެވެ. އޭރު މޭޒުކައިރީ ހަމަޖެހިލައިގެން އިށީދެގެން އިން މިލާން އޭނަގެ ނަޒަރުގައި އަޅައެއް ނުގަތެވެ.
"މަންމާ. ކޮބާ ކައި؟ ސަޖަލްއާއި މެރީ ކުރަން ނިންމައިފާ އަދި ނުވެސް ބުނެ އެއުޅެނީ...."
އެ ޚަބަރުން އެންމެ ފުން އަސަރެއްކުރީ ރެއިނާއަށެވެ. ރެއިނާ ކޮށި އަރައިގެން ކެއްސަން ފެށިގޮތަށް އޭނަ ދޮރު ހުޅުވާފައި ބޭރަށް ދެމިގަތެވެ.
ނުނިމޭ