މާތްﷲ ގުރުއާނުގެ އަހުޒާބު ސޫރަތުގެ ސާޅީސް އެއް ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ (يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا)މާނައަކީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!"

***

މިލާން ބަލާކަށް ނުހުރެ ކުޑަދޮރުން ފުންމާލުމާއެކު ރެއިނާއަށް އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. ބިންމަތީގައި ބޯ ޖެހުނު އަޑުން ރެއިނާގެ ސިކުނޑިވެސް ގުޑާލިއެވެ. ޖެހުނުގޮތަށް މީހާގެ ހަރަކާތް ކެނޑި ހިމޭންވިއެވެ. ގަނޑުވެފައި ހުރި ރެއިނާގެ ދެފައި ހަރަކާތްކުރެވޭ ވަރުވީ އިރުގަނޑެއްފަހުންނެވެ. ތެޅިތެޅިވާ ހިތަކާއެކު އެދިމާލަށް ދުއްވައިގަންނަން އުޅުނުއިރު ގަޒަލް އިނީ އޭނަގެ ހެދުމުގައި ހިފާ އަތުތެރޭ ބޮނޑިކޮށްލައިގެންނެވެ.

"އަދިވެސް ކަޅި އަޅަނީ މަށަށް..." ގަޒަލް ރެއިނާގެ ގައިގާ ބައްދައިގަތެވެ.

"ކޯންޗެއްތަ؟ " ރެއިނާވެސް ބިރުގަނެއްޖެއެވެ.

"ހަންޑި........" ގަޒަލް ދެލޯ މަރާ ތަގުޅިކޮށްލައިގެން އިންއިރު އެކުއްޖާ ރޫރޫއަޅަނީއެވެ. ފިޓުޖެހެނީހެން ހީވެގެން ރެއިނާ ގަޒަލްގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ފަސްޓްއެއިޑްގެ ބޭސިކް އެއް އިރެއްގައި ދަސްކުރިޔަސް އެކައްޗެއްވެސް ހަދާނަކަށް ނައެވެ. އެއްފަރާތުގައި އުސް ތަނަކުން ވެއްޓި ޒަޚަމްވެފައިވާ ޒުވާނެކެވެ. އަނެއްކޮޅުގައި ދެންމެ ދެންމެ ޚަބަރުހުސްވާފަދަ ހާލަތުގައި އިން ބަލި ކުއްޖެކެވެ. ހާސްކަންމަތީ ހުރެފައިވެސް ފޯނުން އޭނަ ނައިންވަން ވަންއަށް ޑައިލްކުރިއެވެ. އިނގިރޭސިން ވާހަކަދައްކަން އެންމެ ރީތިކޮށް ނޭގުނަސް އެނގޭ ވަރަކުން އޭނަ ކިޔާދީފިއެވެ. އޭރު ގަޒަލް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅި އޭނަ މާ ބޮޑަށް ބިރުގަތީ ކަމުގައި ބުނެލިއެވެ. ބިރުގަތުމުން ލޯ މައްޗަށް ސޫރަވީއޭ ބުނެފައި ރެއިނާ ހަމަޖައްސާލަން އުޅުނެވެ. ހިކިކޮށް ހުއްޓަސް ރެއިނާގެ ހަރަކާތްތައް އަވަހެވެ. އޭނަ ދުއްވައިގަތީ ބިންމަތީގައި އޮތް މިލާންއަށް އެހީވުމަށެވެ. އޭނަ މިލާން ގެ މޫނުގައި ހިފަހައްޓާފައި ދެތިންފަހަރު ޖެހުމުން ލޯ ހުޅުވާލިއެވެ. ފެހި ކަޅިއެކެވެ. ފަންފަށުވި އިސްތަށިގަނޑު ބޯވެފައި ނިތުމައްޗަށް ފައިބާފައެވެ. ބުމަ މައްޗަށް އަރާފައި އެލްމަންޑް ލޮލެކެވެ. އެމެރިކަން އަދި ކޮރެއަންގެ ސިފަތައް އެއްވެ ތަފާތު ރީތިކަމެއް އެ ޒުވާނާގެ ވިއެވެ. ގަޒަލް "މޮންސްޓާ" ކިޔާންވީ ސަބަބެއް ރެއިނާއަކަށް ނުވިސްނުނެވެ. ބިރުވެރި ފުރޭތައަކާއި ގައިމު ވައްތަރެއް ނޫނެވެ. އެކަމަކު ދެވަނަ ފަހަރަށް އެ ލޮލަށް އަޅިކުލަ އެރިހެން ހީވުމުން ލޮލުގެ ކުލަ ބަދަލުވެއޭ ހިތަށް އަރާފައި ރެއިނާ ބިރުގަންނަ ގޮތްވިއެވެ. އޭރުވެސް ރެއިނާގެ ހިތުގެ ތެޅުން ބާރުކަމުން އަމިއްލަ ކަންފަތުގައި ގުގުމާލާފައިވާއިރު ހިތަށް ވަދެފައިވާ ބިރުވެރިކަން އޭނައަށް ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއް ނޫނެވެ. މިފަދަ މަންޒަރުތައް އޭނަ ދެކެފައިވަނީ ސީރީޒްތަކުންނެވެ.

"ރެއިނާ.....އަވަނުލަނީސް މިކޮޅަށް އާދޭ..ތި މީހާއާއި ގާތްނުވޭ. މަރާލަފާނެ. މި ބުނީނު އަންނާށޭ. ހަމަ މިހާރު......" ގަޒަލް އަވަސްކަން އެކުލެވޭގޮތަކަށް ހަޅޭއްލަވައިގަތުމުން ރެއިނާ ހިތާއި ދެކޮޅަށް ދުރަށް ޖެހުނެވެ. ގަޒަލް މޮޔަވީހެއްޔެވެ. ނަސީބަކުން އެވަގުތު އެމްބިއުލެންސް އައުމުން އޭނަ އާއި ކުރެވުނު ސުވާލުތަކަށް ޖަވާބުދީފައި ދުރަށް ދާން ހިނގައިގަތެވެ.

ގަޒަލްގެ އެ ނަފްރަތުގެ ފުންކަމުގެ ތެރެއަށް ފީނައިގެންނަން އެދި އެދި އެ ވިސްނުމުގައި ހުރެ އޭނަ ގަޒަލް ގޮނޑި ދުއްވަމުން ދިޔައެވެ. އޭނަގެ ޚިޔާލު ހުރީ މިލާންއާއި ދޭތެރޭގައެވެ. މިލާންގެ ހާލު ރަގަޅުވުމަށް އެދި ﷲއަށް ދުޢާ ދެންނެވުނެވެ.

 

***

ގޭތެރެއަށް ވެރިވެފައިވާ ފަޅުކަމާއި ހިމޭންކަން ރެއިނާގެ ތަބީއަތާއި ގުޅެއެވެ. އޭނަ ގަޒަލްގެ ފައިތިލަ ވައިލެޓާއި ފިޔާތޮށިން ޕެއިންޓްކޮށްލަދިނެވެ. ޒޯޔާ ޕިކްސީ ޑަސްޓް އަދި ސޭންޑް ނެއިލް ޕޮލިޝް ފަދަ އެއްޗެހިން ހެދުމާއި ގުޅޭގޮތުން ކޮންމެ ދުވަހަކު ނިޔަފަތިތައް ޕެއިންޓްކޮށްދިނުން ދުވާލުގެ ތާވަލުގެ ބަޔެއްކަމުގައި ހިމެނިއްޖެއެވެ. ދޭތެރެއަކުން ރެއިނާގެ ނަޒަރު ބިއްލޫރިދޮރުތަކުން ބޭރަށް ހުއްޓިލައެވެ. އޭނަގެ ސިއްރު ދުނިޔެއަށް ގެއްލިފައި އިރުކޮޅަކު އިންނައިރު ލޮލުން ކަރުނަ ފާއްދައިލައެވެ. ގަޒަލް ގޮނޑު ދުއްވާފައި ބޭރަށް ނުކުތީ އޭނަގެ ބޭބެއަކު ގޮވުމުންނެވެ. ރެއިނާ ޕެއިންޓްކުރާ ސާމާނު ބަހައްޓަން އަލަމާރީގެ ވައްގަނޑު ހުޅުވައިލިއެވެ. ފެނުނު ޖުމްލަތައް ރެއިނާގެ ހިތުގައި ވިކައިލިއެވެ. ގަޒަލްގެ ހިތާމައާއި މާޔޫސްކަން އިބާރާތްތަކުގެ އެހީގައި ރެއިނާގެ ހިތާއި ހަމަޔަށް ވާސިލުކޮށް ދީފިއެވެ.

"އަހަރެންގެ ވަށައިގެންވާ މީހުންނަށްވެސް އަހަންނާއި ހެދި ހިތާމަ ނޫން އެއްޗެއް ނުލިބޭ. ރެއިނާވެސް އަހަރެން ގާތަށް އައި ދުވަހުން ފެށިގެން އަބަދު ހިތާމައާއި ހިތްދަތިކަމުގައި އުޅޭތަން ނޫނީ ނުފެނޭ. އައި ވިޝް އައި ޑިޑްންޓް އެގްޒިސްޓް.." ގަޒަލް ލިޔެފައި އޮތެވެ.

"އަހަރެން ކިހާ އަމިއްލަ އެދުންބޮޑު. ނުކުޅެދޭ އަންހެންކުއްޖަކު ބަލަން ހުރި މީހާ އެކުއްޖާއަށްވުރެ ހާލު ބޮޑު. ހިތާމަތައް ހިތުގެ ފުންމިނުގައި ވަޅުލާފައި އަހަރެން ގަޒަލް އުފާކޮށްދޭނަން. ގަޒަލް ރިކަވާ ވުމުގައި އެހީތެރިއަކަށްވާނަން އިންޝާﷲ. ހަމައެކަނި ތިމާގެ އަމިއްލަ ނަފުސާއިމެދު ވިސްނުމަށްވުރެ އެހެންމީހުން އުފާކޮށް އެހެންމީހުންގެ މޫނުމަތިން ހިނިތުންވުން ފެނުމުން ހިތަށް ހަމަޖެހުމެއް ލިބޭނެ. ކީއްވެ ކުރިން ނުވިސްނުނީ..އަމިއްލަ ހިތާމަތަކާއި ކަރުނަތައް ހަދާން ނައްތާލާފައި ގަޒަލްއަށް ވަގުތު ހުސްކޮށްދީ. އޭރުން ﷲ ރަހުމަތް ލައްވާނެކަން ނޭގޭ. އެހެންމީހުންނަށް އެހީތެރިވުމަކީ ކިހާ ރީތި ސިފައެއް. ﷲއަށްޓަކާ މީހުންނަށް އެހީތެރިވުމުން ސަވާބުވެސް ލިބޭނެ. ހަލާލުގޮތުގައި ފައިސާ ހޯދޭނެ. އަދި އަހަރެން ކެނެޑާއަށް އައި މަގުސަދު ހާސިލުވާނެ. ކައި ފެނިގެން ކައިއަށް މިކާގެ ވާހަކަތައް ކިޔައިދެވޭނެ...............އޯ...މިކާ.......އަހަރެންގެ......" ރެއިނާއަށް މޫނުގައި އަތް އަޅައިލެވުނެވެ. ނުހިފެހެއްޓިގެން ކަރުނަތައް އެސްފިޔަތައް ފޫދުއްވާލައިފިއެވެ.

މިކާއަކީ އޭނަގެ ހިތެވެ. ފުރާނައެވެ. ހުރިހާވެސް އުފަލެކެވެ. މިކާ ދިޔައީ ރެއިނާގެ ދިރިއުޅުމުގެ ހުރިހާ އުއްމީދުތައް ހިފައިގެންނެވެ.

"ގަޒަލް. އަހަރެން ގެނެވުނީތީ ހިތާމަ ކުރާކަށް ނުޖެހޭނެ...." ރެއިނާ އެ ނޯޓްކޮޅު ފޮތުގެ ތެރެއަށް ލައިފިއެވެ.

ރެއިނާ ކޮނޑެއްގައި އަޅުވާފައި އޮތް ކޯޓު ނަގައިގެން ބޭރަށް ނުކުތީ ގަޒަލްއާއި ވާހަކަދައްކައިލުމަށެވެ. ކާކޮޓަރިއަށް ބޯ ދިއްކޮށްލިއިރު އިއާންއާއި ހާޒިލް ފެނުމުން ހާސްކަމާއެކު ފަހަތަށް ދެމިގަތްގޮތުން އިދިފުށަށް ވެއްޓުނުގޮތަށް އުނގަނޑަށް ތަދުވާގޮތްވިއެވެ. އަޑެއް ލައްވާފައި ކޮރެއް ޖަހަމުން ދެފައި ދަމަމުން ގޮސް ސިޓިންރޫމާއި އަރާ ހަމަވިއެވެ. އޭރު ވާހަކަފޮތެއް ކިޔައިލަން ކައުޗްގައި އަރާމުކޮށް ހަމަޖެހިލައިގެން ގަޒަލް އޮތެވެ. ރެއިނާ ހިނިތުންވެލިއެވެ. ފުރަތަމަ ފަހަރަށް ރެއިނާގެ ހިނިތުންވުން ފެނުމުން ގަޒަލްއަށްވެސް ހީލެވިއްޖެއެވެ.

"ކީއްވެ މާ ސްމައިލީވެފައި....."

"ގަޒަލްގެ ބޭބެމެން ސައިކޮޓަރީގައި ތިއްބާ ގޮސް އެތަނަށް ވަދެވުނީ. ގަތް ބިރުން ދުއްވައިގަތީމަ ތަނެއްގައި ބުރަކަށި ޖެހުނުގޮތަށް ތަދެއް އަރައިފި....މޮންސްޓާގެ ޚަބަރެއް ނުވޭތަ.." ރެއިނާ އެހިއެވެ.

"މަންމަ ބުނި އާންޓްއާއި ލިވާއީ ހޮސްޕިޓަލުގައޭ. ސުއިސައިޑްވާންށޭ އުޅުނީ......" ގަޒަލް ފޮތް މޭމަތީގައި ބޭއްވިއެވެ. އެ މުސި ދެ ލޯ ފެނުމުން މިކާ މަތިން ހަދާންވެ އެލޮލަށް ބަލަން ނުކުޅެދެއެވެ. ގަޒަލްގެ ލޮލަށް ބަލަން އުޒުރުވެރިވެ ވަގުތުން ދުރަށް ބަލަން ފެށިއެވެ.

"ލިވާއީ އަކީ ކާކުތަ؟ "

"މޮންސްޓާގެ ބޭބެ. އޭނަ އައިކަން އެނގިގެން ސުއިސައިޑްވާން އުޅުނީކަމަށް ވާނީ. އާންޓް ފިރިހެން ދަރިން ވަރަށް ތަފާތުކުރޭ. ދެން އެހެންތާ ވާނީ. މަންމައެއްގެ އެންޖެލްއަކާއި ޑެވިލްއެއް ހުރެއްޖެއްޔާ ހަމަ ލޯބިވާނީ އެންޖެލް ދެކެއެއް ނޫންތަ. މޮންސްޓާ ނިކަން ލިވާއީ ދެކެ ޖޭވޭ. ލިވާއީ ގެ ބައްޕައަކީ ރޯޔަލް ފެމިލީއެއްގެ ޕްރިންސެއް. މޮންސްޓާގެ ބައްޕައަކީ ހާފް ކޮރެއަންއެއް އަދި ޕްލޭބޯއިއެއް. އާންޓްއަށް ލަނޑުދީފައި އޭނަ ފިލައިގެން ދިޔައީ ކަމަށްވަނީ. އެހެންވެ ނެޗުރަލީ ހަމަ ރުޅި އާދެވޭނެއްނު. މޮންސްޓާ ވައްތަރީ ބޮޑަށް އޭނަގެ ބައްޕައާއި. އާންޓްވެސް ދެން އެކި މީހުންނާއި މެރީކުރަމުން ސެޓްލްނުވެ އުޅޭތީ ދިމާވާހާ ކަންތަކޭ...................." ގަޒަލް ފުރަތަމަ ފަހަރަށް މިލާންއާއި ބެހޭގޮތުން ތަފްސީލު ދިނެވެ.

 

***

 

މިލާން ހޭލެވުނުއިރު އޮވެވުނީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ބޮލުގައި ބެންޑޭޖްގަނޑެއް އޮޅާލާފައިވާއިރު އަތަށް އައިވީ ގުޅާފައެވެ. އޭނަގެ މަންމަ ސިއެރާއާއި ބޭބެ ލިވާއީ އެތަނަށް ވަންއިރު އޭނަ ޗިޕްސް ޕެކެޓެއް ކަނޑާލައިގެން ކާން ފެށީއެވެ. ސިއެރާ ރުޅިއައިސްގެން އެއްޗެހި ކިޔައިގަތެވެ.

"އަދިވެސް އަމިއްލައަށް މަރުވާނެ ގޮތެއް ނުފެނިގެން ތިއުޅެނީ؟ " ސިއެރާ މިލާންގެ އަތުގައި ޖެހިގޮތަކުން ޗިޕްސް ޕެކެޓް ވިއްސައިގެންގޮސް ތަންކޮޅެއް ދުރުގައި ޖެހުނެވެ. މިލާން އެއްޗެކޭ ނުބުނެ އައިވީ ސްޓޭންޑް ދަމަމުން ޕެކެޓާއި ދިމާލަށް ގުދުވެލިތަނާ ސިއެރާ ބޫޓު ދަށުލާ ހިމުންކޮށްލައިފިއެވެ. މިލާން އަޅާނުލާ އެހެން ޕެކެޓެއް ނެގުމުން ސިއެރާގެ ހޫނު އެތިފަހަރެއް ކަންކަށިމައްޗަށް އެރިއެވެ.

"ލަދެއްވެސް ނުގަނެއޭ......" ސިއެރާ ހަޅޭއްލަވައިގަތެވެ.

"މޭން ދެޓް ވޯޒް ދަ ލާސްޓް ޕެކެޓް އޭ. މަމް ތިއީ ޕޭޝަންޓުންނަށް ޓްރީޓްކުރަންވާ ގޮތެއް ނޫނޭ. ޚާއްސަކޮށް އަމިއްލައަށް މަރުވާން އުޅޭ މީހުންނަށް.........." މިލާން އެނދުގައި އިށީންގޮތަށް ފަރުވާކުޑަކަމާއެކު ފަހަރަކު ޗިޕްސްކޮޅެއް ކަމުން ދިޔައީ ދުނިޔޭގެ އެއްވެސް ޚިޔާލެއްނެތް ފަދައަކުންނެވެ. އެ ފަރުވާކުޑަކަމުން ސިއެރާގެ ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.

"އަނގަ ގަދަކުރާނެ ކަމެއް ނެތޭ މިލާން. ބޮޑުދައިތަ ކިހާ ރަގަޅު. އެހެންމީހެއްނަމަ އެގޭގައި ބަހައްޓާނެތަ؟ ޝުކުރުކުރަންވީމަ އަދިވެސް އެހެން މީހުން ގިލްޓީކުރުވަން ސުއިސައިޑްވާން އުޅުނީ؟ ދެން ގޮސް ކްލިފެއް ތަނަކުން ފުންމާލާ. މަރުނުވެގެން އުޅޭ މީހެއްވިއްޔަ. މަރުވިއްޔޭ ކިޔާފައި ހިތާމަ ކުރާނެ މީހެއް ހުރީއެއް ނޫން.........." ސިއެރާ ރުޅިންގޮސް މޫނު ރަތްކޮށްލައިގެން އިންއިރު ރަތް ޓޮމާޓޯއެއްފަދައެވެ.

"މިނިވަންކަން ގެއްލި ހިލިހިލާ ޖެހީމަ މިނިވަންކަމުގެ އަގު ވަޒަންކުރެވިއްޖެ ދޯ. ޖަލަށް ނުލަންޏާ ދެން އެސައިލަމްއަކަށް ގެންދަން މިޖެހެނީ. ނަފްސާނީ މީހުން ލާ ތަންތަން އެބަހުއްޓެއް ނު .ލެވީ. މީނަގެ ނަން ރެޖިސްޓާ ކުރުވާ. މިނޫން ގޮތަކަށް މި ކަންތައް ވާނެގޮތެއް ނެތް................"ސިއެރާ ބުނެލިއެވެ.

"އަހަރެން ސަލާމަތްކޮށްދިނީ އެ އަންހެންކުއްޖާ. ރުޅި ބާލަން ވެއްޖެއްޔާ އެކުއްޖާއަށް ބަވާލީމަ ރަގަޅުވާނީ. އަހަރެން ސަލާމަތްކޮށްދިނީތީ................."

މިލާންގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފައުޅެއްނުވިއެވެ. އޭނަގެ މަންމައާއި ބޭބެ އޭނަގެ ގާތަށް އަތުވެދާނެކަމަށްވެސް އުއްމީދުކޮށްފައެއް ނެތެވެ. އޭނަ ދުނިޔެއަށް އުފަންވީއްސުރެ އޭނަ ވަށާލާފައިވަނީ ސުންޕާކަމާއި ބަދުނަސީބުގެ ހިޔަންޏެވެ. އޭނަ ދާހާ ތަނަކުން ސުންޕާކަމުގެ ނަން ދެވެއެވެ. އުފަން މަންމަ އޭނައަށް ދިން ނަމަކީ "ޖިންކްސް"އެވެ. އެމަންމަ އޭނަދެކެ ނަފްރަތުކުރާކަން ތުއްތުއިރުއްސުރެން ފަހުމްވެ އޭނަގެ ހިތުގައިވެސް މަންމައަށްޓަކާ ނުރުހުމާއި ޝަކުވާ ނޫން އެއްޗެއް ނެތެވެ. މަންމަގެ ސޫރަ ދެކޭކަށް އޭނަވެސް ނޭދެއެވެ. އޭނަގެ އެކަނިވެރި ދުނިޔެއަށް އިތުރު އެހެން އެއްވެސް މީހަކު ވައްދަން އޭނަ ބޭނުމެއްނޫނެވެ. އެދުނިޔެއަށް ދައުވަތު ދިނީ ހަމައެކަނި މާމައާއި ކާފައެވެ. އޭނަދެކެ ލޯބިވެ ލޯބި ދިނީ ހަމައެކަނި އެ ދެ ފުރާނައެވެ. އެމީހުން ވަކިވެދިޔައީއެވެ. އެހެން މީހުންނަށްޓަކާ އޭނަގެ ހިތުން ޖާގައެއް ދެވޭނީ ކިހިނެއްހެއްޔެވެ؟ އެހިތް އޭނަވަނީ ތަޅުލާފައެވެ. އެއްވެސް ކަމަކަށް އޭނަގެ ފަރުވާލެއް ނެތެވެ. ހުރިހާ ކަމެއް ވަރިހަމައެވެ.

"ލެވީ. ހިގާ ދަމާ..." ސިއެރާ ނުކުމެގެން ދަމުން ލިވާއީގެ ބުރަކަށީގައި ފިރުމައިލަމުން އިސްތަށިގަނޑު ރަގަޅުކޮސްލަދިނެވެ. ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އެލިވާއީއަކީ ސިއެރާގެ ރަންދަރިއެވެ. ޕްރިންސްއެވެ. ސިއެރާ ލިއަމްގެ ނަން ދިނަސް ބައްޕަފަރާތު އާއިލާއިން ދިން ނަމަކީ ލިވާއީއެވެ. ޕާސްޕޯޓާއި ހުރިހާ ލިޔެކިޔުންތަކެއްގައި އޮންނަ ނަމެވެ. ލިވާއީ ހުރީ ކޯޓުފަޓުލޫނުގައެވެ. ރަސްމީކޮށެވެ. އެހާ ސްމާޓެވެ. މަންމަ ފަޚުރުވެރިވާހާ ފުރިހަމަ ޒުވާނެކެވެ.

"މަންމާ. އަޅުގަނޑު އެބައަންނަން..."

"މަންމަ ވެއިޓިން އޭރިއާގައި އިންނާނަން....."

ސިއެރާ ދަމުން އެނބުރި ބަލައިލިއިރު މިލާން ގެ ތުންފަތްމަތީގައި ވި ޖެއްސުމުގެ ހިނިތުންވުން އޭނަގެ ގައިން ހީބިހި ހަލުވައިލިއެވެ. އޭނައަށް ލިބިގެން މިއުޅެނީ ވަރެއްގެ ފިރިހެންދަރިއެކޭ ހިތަށް އެރިއެވެ.

ނުނިމޭ

ކޮމެންޓް 0