"ދޮންތައަށް ސަބަބު އެނގޭނެ. އެންމެ ރަގަޅު. މިހާރު ދެން ފެމިލީ މީހުންނާއި ދުރުން އުޅުމުގެ ބަދަލުގައި އެންމެނަށް ފޮގިވްކޮށް އަލުން ރީތިކޮށް ދިރިއުޅެންވީއޭ ހިތް ބުނޭ. މިލާން އަހަރެން ގާތަށް ފޮނުވާ......" ސިއެރާ އެދުނެވެ.

"ނޫން. ބައްޕައަށް ވައުދުވީފަދައިން މިލާން ހުންނާނީ އަހަރެން ގާތު.." ސަބީނާ ދެކޮޅު ހެދިއެވެ.

"އޭނަ ގުޒްލާން މަރައިލީމަވެސް ދޮންތަ ފޮގިވް ކުރީތަ؟ " ސިއެރާ ހައިރާންވެގެން ދެލޯ ބޮޑުކޮށްލައިފިއެވެ. ސިއެރާގެ ދަރިފުޅު މިލާންދެކެ އަމިއްލަ ހިތުގައި ލޯތްބެއް ނެތުމުން އެހެން މީހުން މިލާންއާއި ދޭތެރޭ ނިކަމެތިކޮށް ހިތިޔަސް ނަފްރަތުކުރިޔަސް އެކަމުން ސިއެރާއަށް އަސަރެއް ނުކުރެއެވެ. ދަރިން ތަފާތު ކުރުމުގައި ސިއެރާއަކީ މިސާލެއްކަމުގައި ބެލިދާނެއެވެ. ލިއަމް ހިތުގެ އެއްބައި ކަމުގައިވާއިރު ފައިދަށުގައިވާ ހިރަފުސްކޮޅެއްކަމުގައި ވެސް މިލާން ނުހިމެނެއެވެ.

"އަދި އަހަރެން މިހިރީ އެންމެން ރުޅި އަންނާނެކަން ޔަގީންވާތީ ބައްޕަގެ އެންމެ ފަހުގެ ވަސިއްޔަތް ހާމަ ކުރަން ނުކެރިފައި. ބައްޕަ ބުނި އެއްޗެއް އެނގޭތަ؟ މިލާންއާއި ގަޒަލް ކައިވެނި ކުރުވާށޯ......" ސަބީނާގެ ޖުމްލައިން ސިއެރާވެސް ލޯ ފުޅާކޮށްގެން އިނދެފައި ހަޅޭއްލަވައިގަތީ ފުރޭތައެއް ފެނުނު ފަދައަކުންނެވެ. ބައްޕަ އެފަދަ ވަސިއްޔަތެއް ކުރީ ކީއްވެގެންތޯ ދެމީހުން މަޝްވަރާކުރިއެވެ. ދެބެންގެ ދެދަރިން ކައިވެނި ކުރުމަކީ ސިއެރާ ދެކުނުގޮތުން ލަދުވެތި އަމަލެކެވެ. ސުފިޔާންގެ ހުއްދަ ނުލިބޭނެކަމާއި އަލިފާންފަދަ ރުޅިއެއް އަންނާނެކަން އެނގޭތީ ސަބީނާ އެ ސިއްރު އަދިވެސް ހިފަހައްޓައިގެން އުޅެނީއެވެ.

"ސިއެރާ. މަށަށް ފެންނަނީ ދެކުދިން ރަމްޒީ ކައިވެންޏެއް ކުރުވުން...."

"އެ ކިހިނެއް؟ "

"ދެކުދިން ކައިވެނި ކުރުވާނީ. އޭރުން ބައްޕަގެ ވަސިއްޔަތް ފުރިހަމަވީ. ނަމެއްގައި ކޮށްލާ ކައިވެންޏަކުން އަދި ޖީޖީއަށް ވާނެ ދެރައެއް ނެތް. މިލާންގެ ޝައިތާނީ ބައި ދޭތެރެއަކުން ދައްކައިލިޔަސް އޭނަ އަހަރެމެންދެކެ ބިރުގަނޭ. އަހަރެމެން ކުރިމަތީގައި ލަދު ގަހެކޭ އެއްވަރު. އެހާ ލަދުރަކިކޮށް އުޅޭނީ....." ސަބީނާ ދެއަތް ދެއަތާއި މޮޑެމުން ބުނެލިގޮތުން އޭނަ އެކަމާ ހާސްވާވަރު ސިއެރާއަށް އެނގުނެވެ.

"އެކަހަލަ މީހުން އެންމެ ނުބައިވާނީ. ދޮންތައަށް އަދި ނޭގެނީ..ހީޒް އެ ޑެވިލް......މަގޭ ބަނޑުން އެކަހަލަ ދަރިއެއް އުފަންވީމަ މަ ދެރަވެސްވޭ. އެކަމަކު ބައްޕަ ބުނީ މިލާން ޝައިތާނެއް ވެއްޖެއްޔާ މިލާންގެ މައިމީހާވެސް އެކަހަލަ މީހަކަށޭ ވާނީ. ބައްޕަމެން މަގޭ ދަރި އޮޅުވައިލީތަ؟ މިލާންއަކީ އެހެން މީހެއްގެ ދަރިއަކީތަ؟ އެހެންވެ ގަޒަލްއާއި ކައިވެނި ކުރުވަން އުޅޭނީ. އަހަރެމެންނަށް ނޭގޭ ސިއްރެއް ބައްޕައަށް އެނގެނީ. އެކަމަކު އެ ސިއްރު ބައްޕައާއެކު ވަޅުލެވިއްޖެ. ދޮންތާ. ބައްޕަގެ ވަސިއްޔަތެއް ވިއްޔާ ފުރިހަމަކޮށްދޭން ޖެހޭނެ. ނޫނީ ބައްޕަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ. ދެތިން ދުވަހަށް ނަމަވެސް ރަމްޒީ ކައިވެންޏެއް ކޮށްލާ....." ސިއެރާ މޫނު ކުނިކޮށްލައިގެން އިރުކޮޅަކު އިނެވެ. އޭނައަށް ބައްޕަގެ އެ ވިސްނުމާއިމެދު ބުނާނެ އެއްޗެއް ވިސްނާނެ އެއްޗެއް ނޭގުނެވެ.

***

ގަޒަލް ކުޑަދޮރުން ބޭރަށް ބަލަން އިންއިރު ދޭތެރެއަކުން ފައިގާ ފިރުމައިލެވެއެވެ. ދުވަހަކު ނުހިނގޭނެބާވައޭ ހިތަށް އަރާ މޮޅިވެރިވެ މާޔޫސްވާގޮތްވިއެވެ. ދިރިއުޅުމުގެ މަގުސަދަކީ ކޮބާބަވައެވެ. އަބަދަށް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ދުނިޔޭގައި ހުރުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އެހެން އެންމެން އެއުޅެނީ ކިހާ އުފަލުންހެއްޔެވެ؟ އެކުވެރި ކުދިންވެސް ހޫނު މޫސުމްގައި ކޭމްޕްތަކާއި އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެ ނޫނީ ދުނިޔޭގެ އެތަން މިތަން ބަލައިލަން ދަތުރުކުރީއެވެ. އޭނަގެ ނަސީބު އޭނައާއި މިކުރަނީ ކޮންފަދަ ސަމާސާއެއް ކަމެއްވެސް ނޭގެއެވެ. ހަޔާތުގެ މަގުސަދާއިމެދު ވިސްނަ ވިސްނާ ބޮލުގައި ރިހުން ނޫންކަމެއް ނުވެއެވެ. މުޅި އުމުރަށް "ނުކުޅެދޭ" ކުއްޖެއްގެ ގޮތުގައި އިނުމަށްވުރެ މަރުވުންވެސް މާރަގަޅެވެ. އެހީވާން ގެނައި އަންހެންކުއްޖާވެސް ކެނެޑާއަށް އައީ އެހެން މަގުސަދެއްގައެވެ. އެކަން އެނގިހުރުމާއެކުވެސް މަންމަމެން ގާތު ޝަކުވާ ކުރެވޭނީ ކޮން ދުލަކުން ކަމެއްވެސް ނޭގެއެވެ. އެކުއްޖާއަށް ބޮޑު ޚަރަދެއްކޮށް އެ ގައުމަށް ގެނައީ ގަޒަލް ކީ ވަރުންނެވެ. އެހެންނޫނަސް ރެއިނާގެ މާޒީގައި ފޮރުވިފައިވާ ސިއްރުތައް ނޭގި ފޮނުވައިލާކަށްވެސް އޭނަގެ ހިތް ނޭދުނެވެ. ޚިޔާލު އެކި ގޮތްގޮތަށް ފުރޮޅެމުންގޮސް ރެއިނާއިން ނެއްޓި މިލާންއަށް ހުއްޓިއްޖެއެވެ. އޭނަ އެޓިކްގައި އޮވެ ކީއްކުރަނީބާވައެވެ. ބޮޑުދައިތަ މިރަށަށް ބަދަލުވުމަށްފަހުވެސް މަންމަ އޭނަ ބަލަން ޖެހެނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

ގަޒަލް ގޮނޑި ދުއްވަމުންގޮސް ގޭގެ މައިދޮރުން ނުކުތެވެ.

ރެއިނާ ފަތްތަރު މަތީގައި ނިދިފައި ކަހަލަ ގޮތަކަށް އިނެވެ. ލައިގެން ހުރި އޯވާސައިޒް ޓީޝާޓުމަތިން އޭނަދިން ޗޮކްލެޓްކުލައިގެ ޖެކެޓެއް ލައިގެން އަތަށް ކެހެރި އަންގިއެއް ލައްވައިގެންނެވެ. ގަޒަލް ގޮވައިލުމުން ސިހިފައި ކަހަލަ ގޮތަކަށް ބަލައިލުމަށްފަހު އޭނަ ގާތަށް އަންނަން އަވަސްވެގަތް ގޮތުން ފައި އަރިއަޅާނުލީވެސް ކިރިޔާއެވެ. ބޯ ހެދުންތަކުން ފޮރުވިގެން ހުރެވެސް ތޫފާނަކަށް ހުށަހެޅިފައިވާ ފަތެއްހެން ރޫރޫ އަޅައެވެ. އެ ދެލޮލުން ކަރުނަ ހިލިފައިވިއެވެ.

"އާ ޔޫ އޯކޭ؟ " ގަޒަލް ކަންބޮޑުވިއެވެ.

ގަޒަލް ފެނުމުން ކޯތާފަތް ފޮހެލަމުން ހުރިހާ ޝުއޫރުތަކެއް ފޮރުވައިލިނަމަވެސް ހިނިތުންވެ ނުލާ ހުރެ ބުނެލީ އުފާވެރިކަމުގެ ކަރުނަ ކަމުގައެވެ. އޭނަ ބުނީ ފޮޓޯ ނަގަނަގާފައި އިންސްޓަގްރާމް ކުރަން އުޅެނީކަމުގައެވެ. އޭނަދެކެ ހަސަދަލައިގެން "ބުލީ"ކޮށް އުޅުނު ކުދިން އައިލާ އާ ސްކޫލްގައި އުޅުނުކަމަށާއި އޭނަ ކެނެޑާއަށް އައުމުން ނިކަން ހަސަދަވެރިވާނެ ކަމުގައެވެ. އެހެންވެ އޭނަ މެއިޑެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި ކެނެޑާގައި ކިޔަވަން އުޅޭކަމުގައި ބުނެ އިންސްޓަކުރާނެ ކަމުގައި ބުނެލިއެވެ. އޭނަގެ ގެ ކަމުގައި ބުނެ އެގޭގެ ފޮޓޯއެއްވެސް ލާނެ ކަމަށްވެސް ބުނެލައިފިއެވެ. ގަޒަލް ކަންބޮޑުވިނަމަވެސް ވަކި އެއްޗެކޭ ނުބުނެއެވެ. މިއީ ފޮނިކަނޑަންވެސް އޭނަ ކުރާ ޒާތުގެ ކަމެއް ނޫނިއްޔާއެވެ. ރެއިނާ ކަން ދައްކަން އުޅުމަކީ ގަޒަލް އެހާ ރުހޭކަހަލަ ކަމަކަށްނުވީއެވެ. އެވަރުންވެސް މި ނިކަމެތި ކުއްޖާ ދެރަވެ ހިތުގައި ޖެހިދާނެތީ ގަޒަލް ހިންދިރުވާލައިފިއެވެ.

"އެކަމުން ހިތަށް ހަމަޖެހުމެއް ލިބޭކަމެއް ވިއްޔާ ކުރަންވީ...."

"ހިތަށް ހަމަޖެހުމެއް ލިބޭނީ މަރުވީމަ.." ރެއިނާ ދޫކޮށްލި ނޭވާގެ އަޑު ހިމޭންކަމުގެ ތެރެއިން އިވުނެވެ.

"ގަޒަލް ކިހާ ނަސީބު ރަގަޅު. ހުރިހާ ބްލެސިންއެއް ދެއްވާފައި ހުރީމަ. އެހާ ރީތި. ދޮން. ފެމިލީ އެންމެން ލޯބިން މޮޔަވެފައި. ގޮނޑިއެއްގައި އިންނަންވިޔަސް ގަޒަލްއަށް ލޯތްބާއި އަޅާލުން އެބަލިބޭ. އަހަރެން އެހެނެއްނޫން. އާއިލާ މީހުންވެސް ބާކީކޮށްލީ ހަމުގެ ކުލަ އަނދިރިވީމަ.........." ރެއިނާގެ ހިތަށް އެރި އެއްޗެހި ގިނަޔަސް އޭނަގެ ބަސްމަދުކަމުން ލަފުޒުތައް ދުލަށް ގެންނަން ނުކުޅެދެއެވެ. ގަޒަލް ރުޅި އަތުވެދާނެކަމުގެ ބިރުވެސް ހީވަނީއެވެ. ގަޒަލްގެ ހަމުގެ ކުލަ ރީތިކަމާއި ވިދާގޮތުން އެފަދަ ރީތިކަމެއް ދެއްވާނެނަމައޭ އެތައް ފަހަރު ހިތަށް އަރައިފިއެވެ. އެފަދަ ފަންފަން އިސްތަށިގަނޑަކާއި ލޮލެއް ލިބޭނެނަމައެވެ. މުށި އަދި ފެހިކުލަ އަރާ ރީތި ދެލޮލަށް ބަލާ ބަލާ މީހަކު ފޫއްސެއް ނުވާނެއެވެ. މި ސިފަތައް ލިބުނުނަމަ އޭނައަށް އިންސާނުންގެ ގަނާކުރުމާއި ކުރިމަތިލާން ނުޖެހުނީސްކަން ގައިމެވެ.

ގަޒަލްއާއި ރެއިނާ އެކީގައި ފިލްމެއް ބަލައިލިއެވެ. ޕޮޕްކޯނާއި ކުކީޒް އަދި ހޮޓް ޗޮކްލެޓްގައި ރެއިނާ އަތެއްނުލައެވެ. ގިނަފަހަރު އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ބިއްލޫރި ދޮރުތަކުން ބޭރަށެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. ނިދީގައި އޮވެ "މިކާ"އަކަށް ގޮވިފަހުން ގަޒަލްއަށް ރެއިނާގެ ސިއްރުގެ ބަޔެއް އެނގޭއިރު ގަޒަލް އެކަން އެނގޭ ކަމަކަށް ނަހަދައެވެ. ނަމެއްގެ މިންވަރު އެގި އޭނައަށް ރެއިނާގެ ސިއްރު ދުނިޔޭގެ ތެރެއަށް ވަގުވަގަށް ވަދެވިއްޖެކަމަށް ގަބޫލުކުރެވުނެވެ. ރެއިނާގެ އިޒުނަ ނެތިއެވެ. އެ ސިއްރު ދުނިޔެއަށް އޭނައަށް ދައުވަތު ދޭނެނަމައެވެ. ގަޒަލް އަނގަތަޅާ ވާޅުވާއިރުވެސް ރެއިނާގެ ލަފުޒުތައް އިނގިލިތަކުން ގުނައިލެވޭހާ މަދެވެ. މިވަރު ކުއްޖެއް ގެނައުމުން އޭނަ ފޫހިފިލާނެ ގޮތެއް ނެތެވެ. ނަމަވެސް ރެއިނާ އޭނައަށް ކުދި ކަންތައްތަކުގައި އެހީތެރިވެދީ ހަދައެވެ. މަންމަ ފެންވަރުވާފައި ހެދުންލެއްވުމުން އޭނަ ރީތިކޮށް މޭކަޕް ކޮށްދިނުމަކީ ރެއިނާގެ ޒިންމާއެކެވެ. ރެއިނާ މޭކަޕްކުރަން ނިކަން ފޯރިހުރެއެވެ. އެކަމަކު ރެއިނާ އެއިން ބޭނުންކުރަން ގަޒަލް ތަކުރާރުކޮށް ބުނުމުންވެސް ގަބޫލެއްނުވިއެވެ. ފިނިގަދަވާން ފެށުމުން ހަމަށް މޮއިސްޗަރައިޒާ ބޭނުންވާނެ ކަމަށާއި ތުންފަތުގައި ލިޕް ބާމް ނުލަންޏާ ތުންފަތް ފެޅި ލޭވެސް އަތުވެދާނެކަމަށް ބުނެދިނެވެ. ރެއިނާ ވަކި ޖަވާބެއް ނުދިނެވެ. ރެއިނާ ބޭނުން ނުވާކަމެއް ކުރުވަން މަޖުބޫރު ނުކުރެވޭނެ ނޫންހެއްޔެވެ؟

 

***

ރެއިނާއަށް ގަޒަލްގެ ކްލޯޒެޓުން މޭކަޕް ސާމާނު ނެގުމުގެ ތެރޭގައި ލޮލުގައި އަޅައިގަތީ ފޮތެކެވެ. ފޮތުގެ ތެރެއިން އެއް ބައި ނުކުމެފައި އޮތް ފޮޓޯއެއް ފެނި ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ވަށައިގެން ހޯދާލުމަށްފަހު އޭނަ އެ ފޮޓޯގަނޑު ލަސްލަހުން ދަމައިގަތެވެ. އެއީ ރީތި ފޮޓޯއެކެވެ. ކުޑަ ދެއަންހެންކުދިން ބިޔަގަހެއްގެ ދަށުގައި ކުޅެން ތިބިއިރު ވިނަގަނޑުމަތީ މާތަކުގެ ދޫލައެކެވެ. އެ ގަހުގައި ފަތްތަކުގެ ބަދަލުގައި މާތަކެވެ. ދެ އަންހެންކުދިން މާތަކުގެ ކުލައިން ހެދުން އަޅައިގެން ތިބިއިރު އެއީ އެއް މާބަނޑު ދެކުދިންކަން އެނގުނެވެ.

"ޔަގީން. މިއީ ގަޒަލް. ދެން މީނީ ހަމަ އެ އުމުރުގެ އެ ވައްތަރު ޖަހާ ކުއްޖެއް. ގަޒަލްގެ ޓްވިންއެއްކަން ޔަގީން. ޓްވިންއަށް ކިހިނެއްވީ ބާ..." ރެއިނާ އިރުގަނޑެއްވާންދެން އެސްފިޔަ ޖަހާނުލާ ބަލަން ހުރެފައި ފޮޓޯ އޮތްގޮތަށް ފޮތުގެ ތެރެއަށް ލައިފިއެވެ. ގަޒަލް އެކުއްޖާގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ އެކުއްޖާ މަރުވީ ކިހިނެއްބާވައެވެ. ގަޒަލް އެވަރަށް އެކި ވާހަކަތައް ދައްކާއިރު އެކުއްޖާގެ ވާހަކަ ނުދައްކަނީ ކޮން ކަމެއް ވެގެން ހެއްޔެވެ؟ އޭނަ ގަޒަލް ބަލަން ގެނެސްފައި ހުރި ޚާދިމާއެއްކަހަލަ ކުއްޖަކަށްވާ ހިނދު ހަޔާތުގެ އެފަދަ ޚާއްސަ ސަފުހާއެއް ހުޅުވައިލާން ބޭނުން ނުވަނީއެވެ. އޭނައާއި އެހާ ގާތް ގުޅުމެއް އަދި އެކުވެރިކަމެއް ބާއްވަން ގަޒަލް ބޭނުންވާންވީ ސަބަބެއްވެސް ކޮންމެހެން ނެތެވެ. އޭނަ ކެނެޑާއަށް އައީ ގަޒަލްއަށް އޮޅުވާލާފައި އެހެން މަގުސަދެއްގައެވެ. އެކަން އެނގުމުން ގަޒަލް ފޫހިވާނެއެވެ. ހިތްހެޔޮ ކުއްޖެއްވީމަ އެކަން ނުދައްކަނީއެވެ. ނޫނީ ހިތްހެޔޮކަމުގެ މޫނުމަތި ގަނޑެއް އަޅައިގެން ހުންނަނީ ކަމަށް ވެދާނެއެވެ. އޭނަގެ ހަޔާތަށް އައި އެންމެ ފަރާތެއް ފިޔަވާ އެހެން އެކަކަށްވެސް އިތުބާރެއް ނުކުރެވެއެވެ.

***

ސަބީނާ ސުފިޔާންއާއި ބައްޕަގެ ވަސިއްޔަތް ހިއްސާކުރީ ކޮޓަރިއަށް ވަދެފައެވެ. ސުފިޔާންގެ އެވަރުގެ ނުލަފާ ރުޅިއެއް ސަބީނާ ދެކުނީ އަލަށެވެ. އޭނައަށް ފިރިމީހާ ރަގަޅަށް ދަސްނުވާކަމުގައި ހީކުރެވުނެވެ. ދެމީހުން ލޯބިން ކުރި ކައިވެންޏެއްފަހު އެއްވެސް ކުންޏެއް ނުޖެހި އެކީ އުޅޭތާ އެތައް އަހަރުތަކެއް ވީއިރުވެސް އެވަރުގެ ރުޅިއެއް އެ ލޮލަކުން ނުފެނުމުން ސަބީނާގެ ހިތްވެސް ފިނިވިއެވެ. ފަހަތަށް ޖެހެމުންގޮސް ފާރަށް ލެނގިލެވުނެވެ. ސުފިޔާން ބުރުއްސައިލި މާ ޓުކުރި މާބްލްމަތީ ތެޅި ކުނޑި ކުނޑިއަށް ވިތަން ފެނި ސަބީނާގެ ހިތްވެސް ކުދިކުދިވެއްޖެއެވެ.

"ދެވަނަ ފަހަރަށް ތި ވާހަކަ ދައްކައިގެން ނުވާނެ. މިތަނުން ދޭ. މިބުނީނު މަށަށް ނުފެންނާށޭ. ކީކޭ ހިތަށް އަރާފައި ފެށި ވާހަކައެއް. ލަދެއްވެސް ނުގަތޭ އަދި....."

ސަބީނާ ވަގުތުން ކޮޓަރިން ނުކުތެވެ. އޭރު ދެލޮލުން ކަރުނަތިކިތައް ހުއްޓުމެއްނެތި ދަތުރުކުރަމުން ދިޔައެވެ. ހިތަށް ތަދުކުރުވީ ސުފިޔާންގެ ބަހުރުވައެވެ. އެގޮތަށް އެދެމީހުން މުއާމަލާތު ކުރުމަކީ ކުރިން ވީކަމެއް ނޫނެވެ. ލަދުކުޑައޭ އެ ގޮވީ އަލަށެވެ. އެކަމާ ހިތަށް ކުރި އަސަރު ހިތާމައިގެ ބޮޅަށް އިތުރުވިއެވެ. ދެގޭގެ ދޭތެރޭ އިން ވަކި ކުރަން ހުރި ގަހެއްގެ ދަށުގައި ވި ބެންޗެއްގައި އިށީންގޮތަށް ހިތާމައިގެ މުޖައްސިމާއެއްހެން އެކަނިމާ އެކަނި އިނީއެވެ. ދޮށީ ދެ ފިރިހެންދަރިންނަށް އާދެވި ސުވާލު ކުރަން ފެށުމުން ކަން ހިނގިގޮތް ކިޔައިދެވުނެވެ. އިއާން އާއި ހާޒިލް މަންމަ މަސަލަސްކުރަން އެކަކު އެއްފަރާތުގައި އިންއިރު އަނެކަކު މަންމަގެ ކުރިމަތީ ވިނަގަނޑު މަތީ ކުޑަކަކޫ ޖައްސާލައިގެންނެވެ.

"މަމް. ބައްޕައަށް ކެތް ނުކުރެވުނީ. ގުޒްގެ ގާތިލްއާއި ގަޒަލްގެ ކައިވެނި.....އަސްލު އަޅުގަނޑުމެންނަށްވެސް އެކަން ބަލައިގަނެވޭނެ ގޮތެއްނެތް. އެޓްލީސްޓް ކާފަގެ ވަސިއްޔަތަށް ގަދަރުކުރަން މިގެއިން ހިމާޔަތް ދެވިއްޖެ. މަންމަ ނުބެހެއްޓިނަމަ މަގުމަތީގައި ސަލާމް ޖަހަން އުޅޭނީ. ކިޔަވައިގެން ހުރީކީއެއް ނޫން. ބައްޕަ ދުވަހަކު އެކަމަށް ހުއްދަ ނުދެއްވާނެ"

"ހީޒް ރިއަލީ ޕިސްޑް އޮފް. އެކަމަކު މަންމަވެސް ކާފައަށްޓަކާ ނަމެއްގައި ކުރުވަން އުޅުނުކަމެއް. ބައްޕަ އެހެން ޕަރސްޕެކްޓިވްއަކުން ވިސްނިނަމަ...."ސަބީނާ ނޭފަތް ދަމައިލިއެވެ.

"ބައްޕަގެ ފެމިލީއާއި ގުޅުން ކަނޑައިލިތާ ކޮން ދުވަހެއް. އަޅުގަނޑުމެންނަށްވެސް އެމީހުން ނޭގޭ. ވީއިރު ބައްޕައަށް ކާފައެއްގެ ލޯތްބާއި ވަސިއްޔަތަށް ގަދަރުކުރަން މަންމަ ވިސްނާވަރެއް އަންޑަސްޓޭންޑެއް ނުވާނެ. މަންމައަށް ފެމިލީ މުހިއްމުވަރެއް ބައްޕައަށް ނޭގުނީ. އެކަމަކު ކާފަ ކީއްވެ އެހެން ބުނަންވީ؟ މިލާން ގުޒް މެރިކަމުގެ ހެކިވެރިއަކީ ކައިޔާން. ކައި މެންޓަލް ނުވީ ކިރިޔާ..ދެން. ކީއްވެ؟......" އިއާން މަންމަގެ ކޯތާފަތް ފޮހެދިނެވެ. " މަމް. އައި ނޯ. މިއީ އުދަގޫ ސިޗުއޭޝަނެއް. ޖީޖީއާއި މަންމަ އެ ވާހަކަ ދެއްކިންތަ؟"

"އެ ސައިކޯ......ގޯޑް. ކީއްވެ ކާފަ...." ހާޒިލް މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"ކައިޔާން އަށް އަދި މި ޚަބަރު އެގިއްޖެއްޔާ އަންނަ ރުޅީގައި މިލާން ދަމާ ކޫއްތާފައި ގެއިން ނެރެލާނެ....." ސަބީނާއަށް ބުނެވުނެވެ.

"އައި ތިންކް އެކްސިޑެންޓްވީއިރު ކާފަ ޑިސްއޮރިއެންޓް ވެފައި އޮތީމަ އެހެން ބުނެވުނީ......" ހާޒިލް ލޯ ހަނިކޮށްލިއެވެ.

"ނޫން. ދަރިފުޅާ. ކާފަ ހޭހުރެގެން އެހެން ބުނީ....."

އެތަނަށް ކައިޔާންއަށް އާދެވި ދޫނުކޮށްގެން އެންމެފަހުން ހާޒިލް އެ ވާހަކަ ބުނުމުން ކައިޔާން ހައިރާންވެގެން އަނބުރައިގަންނަ ގޮތްވިއެވެ. ގުޒްލާން އާއި ގަޒަލްއަށް އެ ގާތިލް ހެދިގޮތްތައް ފެނުނީ އޭނައަށެވެ. މީހަކު ބުނީއެއް ނޫނެވެ. އޭނަ މަތީބައިގާ ހުއްޓާ އެ މަންޒަރު ފެނިގެން ހުރެވުނު ތަނެއް ނޭގި ފުންމައިލީ މަތީ ބައިންނެވެ. މިލާން އެ އަނިޔާވެރި އަމަލު ހިންގިއިރު ހުއްޓުވަން އުޅުމުން އޭނައަށްވެސް ބޮޑެތި އަނިޔާތައް ވިއެވެ.

"މަންމަ ކަންބޮޑުނުވޭ. އެ މީހާ ދުނިޔޭގައި ހުރިއްޔާ ނަމަކަށްވެސް ކައިވެނި ކުރެވޭނީ..." ކައިޔާން ލޯ ހަނިކޮށްލަމުން އެގޭގެ އެޓިކްއާއި ދިމާލަށް ކަޅި އަޅައިގަތެވެ.

އަޖައިބުވަނީ މަންމަގެ ދަރިއަކު އެހާ ނުބައިކޮށް މަރައިލި ގާތިލެއްގެ ނަން މަންމަ ކިޔާއިރު އަދި ރަހުމް ހުންނަފަދަ ގޮތަކަށް ބުނެލާ ޖުމްލަތަކުންނެވެ. އެ ހިނގި ހުރިހާ ކަމަކަށްފަހު މަންމަގެ ހިތުގައި ރަހުމްގެ ކުނޑިފަށެއްވެސް އެފަދަ ހައިވާނަކަށް އޮތުމަކީ އިއާން އަދި ހާޒިލްވެސް ގަބޫލުކުރާނެ ކަމެއް ނޫނެވެ. ގަޒަލްއަށްވެސް އެ ހައިވާން ކޮށްލި އަނިޔާތައް އަދި އަދަށްދާންދެން ވެސް އެ ޖިސްމުގައި ކެނޑިފައެވެ. އެފަދަ އިންސާނިއްޔަތުކަމެއް ނެތް މީހަކާއި ނަމަކަށްވެސް ކޮއްކޮ ހަވާލުކޮށްފިއްޔާ ދެން ފެންނާނީ އެކުއްޖާގެ ފުރާނަނެތް މަސްގަނޑެވެ. ގަޒަލްދެކެ ލޯބިވާ ބައްޕައަކާއި ދޮށީ ބޭބެމެން ތިބެގެން ދެން އެފަދަ ޖަރީމާއެއް ހިންގިޔަ ދިނުމަކީ އެމީހުން ލަދުވެތިވާން ޖެހޭނެކަމެކެވެ. މަންމަ "މިލާން" ގެއަށް އޮޅުކޮށްފިއެވެ. މަތީގައި ހުރެގެން އެ ފިރިހެނާ ކުރާ ކަމަކާއި އުޅޭގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

 

 

***

ކެނެޑާގެ އޯކްވިލްއަކީ ޓޮރޮންޓޯ އަދި ނަޔާގްރާ ފޯލްސް ކައިރީގައި އޮންނަ ހިތްގައިމު ޓައުންއެކެވެ. އޯކްވިލްގައި ސުފިޔާންމެން ދިރިއުޅޭ ހިސާބުގެ ގެތައް ވަކިކުރަން ފެންސް ޖަހާފައެއް ނުހުރެއެވެ. ގިނައިން ހުންނަނީ ވިނަތަކެވެ. ގަސްތަކެވެ. ކައިރި ކައިރީގައި ރީތިކޮށް ޑިޒައިންކޮށްފައިވާ ގެތަކާއި ގަސްތައް ގިނަކަމުން އެ ސަރަހައްދު ނިކަން ހިތްގައިމެވެ. ދިރިއުޅެން އަމާން ސަރަހައްދެކެވެ. އަވަށްޓެރިންނާއި ސަބީނާމެންގެ ގުޅުން އެހާ ރަގަޅެވެ. އެހިސާބުގައި ކެނެޑާ މުސްލިމުންނާއި ރިވާޓުން ގިނަވީމަ މުސްލިމުންނަށް ދިރިއުޅެން އެންމެ ކަމުދާތަން ކަމުގައިވެސް ވިއެވެ.

ރެއިނާ ފުރަތަމަފަހަރަށް އެގެއިން ނުކުމެ ހިނގާލަން ގަސްތުކުޅައެވެ.

ޚަރީފުގެ މުއްސަދި ކުލަތަކުން ޖަރީވެފައިވާ ކެނެޑާގެ ރީތިކަން ހިތްތައް އާޝޯޚުކުރުވައެވެ. މަގުގައި ނިކަން ރީތިކޮށް ގަސް އިންދާފައެވެ. މެދުގައި އެއްވަރަކަށް ކޮށާލާފައިވާ ވިނަތަކެވެ. ގަސްތަކުން ފައިބަމުން އުދުހެމުން ދިޔަ ކުލަކުލައިގެ ފަތްތަކަށް ވިނަގަނޑު މަރުހަބާ ކިޔަމުންދަނީ ފޫހިކަމެއް ނެތިއެވެ. ފެހި ވިނަތަކާއި އެހެން ކުލަތައް ލާމެހުމުން އެ ފެންނަ ރީތި ކުލަތަކުން އިންސާނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެއެވެ. ދޫނިތައް ލަވަޖަހާ އަޑު ނޫނީ ކުއްތާއެއްގެ އަޑު ދޭތެރެއަކުން މާހައުލުގެ ހިމޭންކަން ނިމުމަކަށް ގެނުވައެވެ. ބައިސްކަލް ލޭނުގައި ކުދިންތަކެއް ބައިސްކަލް ދުއްވާފައި ދިޔައިރު ދެތިން ކުދިން ކަފަގަނޑެއްހެން ހީވާ ޅަ ކުއްތާއެއް ގޮވައިގެން ހިނގަމުން ސަކަރާތް ޖަހަމުން ދިޔައިރު އެއްފަރާތުގައި ބަލަން ހުރެވުނީ ހިތްދަތިވެފައެވެ. ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ ޚިޔާލެއްނެތި އުފާ ކުރާ މީހުންނެވެ. އޭނަ ފިޔަވައެވެ. އޭނައަށް މި ރީތިކަމުން ލިބުނު އުފާވެރިކަމެއް ނެތެވެ. އިހުސާސްވަނީ ހިތްދަތިކަމެވެ. ފިނިކަމެވެ. ފޭރާން ތޮރުފާލާފައި ކަށިގަނޑަށް ވަންނަ ފިނިކަން މުޅި ޖިސްމުގައި ހިނގައިގަތުމުން ހިނގައިގަނެވުނެވެ.

"ގޭގައި އިނދެގެން ކިހިނެއް މި ތަނަށް އައި ބޭނުން ފުރިހަމަވާނީ. އޭނައަށް ހަގީގަތް ކިޔާދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. ވީހާވެސް އަވަހަށް. އެހެންވީމަ ގިނަ ގިނައިން ބޭރަށްދާން ވީ......." ރެއިނާ ފޯނު މޭގައި ޖައްސާ ބާރުކޮށްލަމުން ފިޔަވަޅުތައް ނެގިއެވެ.

ގްރޯސަރީ ޝޮޕަކަށްވަދެ ހުއްޓާ ފެނުނު މީހަކުން އޭނަގެ ހިތް އުދުއްސައިގަތެވެ. ރެއިނާގެ ހިތް މޭކަށިގަނޑު ފަޅާލާފައި ފުންމާ ނުލީ ހަމަ ކިރިޔާއެވެ. ދުއިސައްތައަށް ނާރާކަމެއްވެސް ނޭގެއެވެ. އެހާ ފަސޭހައިން ތަގުދީރު އޭނަގެ ކުރިމައްޗަށް ގެނެސްފާނެކަމަށް ހިޔެއްނުކުރެއެވެ. ތަންކޮޅެއް ދުރުން ފެނުނަސް ދެނެގަނެވުނެވެ. އެ މޫނެވެ. އެ މަޑު ފެހިކުލައިގެ ރީތި ލޮލެވެ. އަވިން ރަންކުލަ އަރާފައިވާ ހަމެވެ. އެ ހިނގުމެވެ. ހަތަރު އަހަރު ފާއިތުވިޔަސް އެ މޫނު އޮޅުވައެއް ނުލެވޭނެއެވެ. އޭނަ އެއްޗެއް ގަނެގެން ހިނގައިގަތުމުން އަނގަ ހޭވިފައި އިރުކޮޅެއްވާންދެން ހުރެވުނެވެ. ނަފުސް ހަމަޔަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. ދެން އެ ޒުވާނާގެ ފަހަތުން ދުއްވައިގަތެވެ. އެއާއެކު ކައްސާލައިގެން އަނގަވަތަށް ވެއްޓުނުގޮތަށް ކަކުލާއި އަތްތިލަ މެށި ލޯ ކަރުނުން ބަރާވިއެވެ.

"ކައި.......ކައި..." ރެއިނާގެ މަޑު މަޑު އަޑު އެހާ ދުރަށް ފޯރިކަމެއް ނޭގެއެވެ. ވަކި ހިސާބަކުން ކުއްތާއެއް އަންނަތަން ފެނި ރެއިނާ ގަތްބިރުން އައިކޮޅަށް އަނބުރާލާފައި ދުވެގޮސް ގްރޯސަރީ ގެ ހިމާޔަތް ހޯދިއެވެ. ކޮންމެވެސް މީހަކު ހަމްދަރުދީވެފައި ރެއިނާއާއި ވާހަކަދެއްކިއެވެ. ބިރުން އުޅެނީ ކީއްވެތޯ ސުވާލުކުރިއެވެ. އަލުން ނުކުމެވޭވަރު ވީއިރު ރެއިނާއަށް އެ ޒުވާނާ ގެއްލިއްޖެއެވެ. ކުއްތާވެސް ރެއިނާ ބިރުގަންނަނާވާލަފައި އެސޮރުގެ މަންޒިލެއްނެތް ދަތުރުފެށުމުން ރެއިނާ މުޅި އެހިސާބުގައި އަތްފުނާއެޅިއެވެ. މަގުމަތީގައި ލާހޫރެމުން ހިނގިއެވެ. ގަޑިއެއްހާއިރު ފަހުން އަމިއްލަ ނަފުސަށް ވިސްނާދިނެވެ.

"މާތްﷲ މިވަރުގެ ރަހުމަތެއް ލެއްވިކަމާމެދު ޝުކުރުކޮށްބަލަ. އެއްފަސްގަނޑެއްގައި އެބައުޅޭކަން ޔަގީންކުރެވިއްޖެ. އެއީ ހަމަ ކަރާމާތެއް. އެހެންނޫންނަމަ އަދި ކެނެޑާއަށް އަޔަސް އޭނަ ހޯދާނީ ކިހިނެއްތަ؟ ގިނައިން ދުޢާކުރަންވީ. އުއްމީދު ކަނޑާލާކަށް ނުވާނެ. އޭނައާއި ކުރަންވީ ހާދަ ގިނަ ސުވާލުތައް އެބަހުއްޓޭ. އަހަރެން މި ވާހަކަ ގަޒަލްއާއި ހިއްސާކުރަންވީތަ؟ ގަޒަލްއަށް އެހާވަރު އިތުބާރެއް ކުރަން ނުކެރޭނެ. އޭނަ ސަބީނާ ގާތު ބުނެފިއްޔާ. އަހަރެން އައީ ފިރިހެނުން ހޯދަންށޭ ކިޔާފައި ރަށަށް އަނބުރާ ފޮނުވާލަފާނެ. މިހާރު އުއްމީދު އާވެ ހަގީގަތް ހާމަކޮށްދިނުމުގެ ގަޑި ކުޑަތަން ވެއްޖެ. ﷲއަށް ހަމްދުކުރަން......." ރެއިނާ އެ ސިއްރު ހިއްސާކުރުމުގެ މަތިން އެއްކޮށް ހަދާން ނައްތާލައިފިއެވެ. ގޭގެ އިމުން ވަދެފައި ގޮސް އިށީނީ ފަތުން ބަރާވެފައިވާ ފެހި ވިނަގަނޑު މަތީގައެވެ. ގަހެއްގެ ބުޑުމަތީ އިށީދެ އޭނަ ފޯނު ހުޅުވާލައިގެން ވީޑިއޯތަކެއް ބަލަން އިންއިރު ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުއްޓުވަން އޭނަ މަސައްކަތެއް ނުކުރެއެވެ.

 

***

ޚަރީފު މޫސުމްގެ ވައިރޯޅިތައް ދޭތެރެއަކުން ޖެހިލާއިރު ފަތްތަކާއި ސަމާސާކޮށްލާ އެކި ދިމާލަށް ފަތްތައް ބުރުއްސާލައެވެ. ފަނޑުކޮށް އަވިދީފައިވާއިރު ރަންކުލައާއި ރީދޫ އަދި ރަތާއި ފެހިކަން އެކުލެވޭ ފަތްތަކުގެ ތެރެއިން އަވި ދިއްލާލާފައިވާއިރު ފަތްތައް ވިދާލެއް އެހާ ހިތްގައިމެވެ. ވާރެއިން ތެމިފައިވާ ފަތްތަކުގައި ކުދި ޖަވާހިރުފަދައިން ޝަބްނަމް ބަބުޅައެވެ. ފިނި ފިނި ވައިރޯޅިތައް ހެދުމުގައި ބީހިލުމުންވެސް ރެއިނާ ރޫރޫ އަޅައިގަތެވެ.

"ވަރަށް ފިނި..." ރެއިނާ ދެފައި ވަށްކޮށްލައިގެން އިނދެ ގަޒަލްގެ ފައިތިލައިގެ އިނގިލިތައް ޕެއިންޓްކުރަމުން ދިޔައީ ފާޑުވެރިކަމާއެކުގައެވެ. ކުރާ ހިތުންނެވެ. ދޮން ފައިތިލައިގެ އިނގިލިކުރީގެ ރީތިކަމަށް ރެއިނާގެ ހިތް ތައުރީފުކުރިއެވެ. ގަޒަލްގެ ފައިތިލައާއި އަމިއްލަ ފައި އަޅުވާ ކިޔުނެވެ. އޭނަވެސް ދޮންވިނަމައެވެ.

"އަދި ވިންޓާގައި މި ފިނިކަން އެއްޗަކަށް ނުވާނެ..."

"ކަމަކާއި ދިމާވީމަ އެނގޭނީ....."

"ހޫމް ވީޑިއޯއެއް ފެނުނަސް އިހުސާސެއް ނުވާނެ. ރެއިނާ ކީއްވެ އަބަދު ދެރަވެ ފޫހިވެފައި. ކޮންމެވެސް ކަމަކާ ވިސްނާކަހަލަ. ވިސްނައިގެން ސިޗުއޭޝަނެއް ބަދަލެއް ނުކުރެވޭނެ. އަހަރެން މިއީ ފްރެންޑެއްކަމަށް ބަލަންވީނު. މަންމައާއި ބައްޕަމެން އަދި ބޭބެމެންވެސް އަބަދުހެން ޖޮބްގައި ނޫނީ ގެއިން ބޭރުގައި އުޅޭއިރު ދެމީހުން އެކީ އުޅޭ ވަގުތު ގިނަވެފައި މިއޮތީ. ރެއިނާގެ މަންމަމެން ކޮބާ؟ ކޮންބަޔަކާއެކު އުޅުނީ؟ ކާކު މި......................" މިކާގެ ނަން ކިޔަން އުޅެފައި ގަޒަލް ދުލުގައި ދަތްއެޅިއެވެ. ބޭއިޚުތިޔާރުގައި އެނަން ނުކިޔުނީ ހަމަ ކިރިޔާއެވެ. ރެއިނާގެ އަތުގެ ހަރަކާތް މަޑުޖެހުނެވެ. ކުއްލިއަކަށް އިސް އުފުލާލާފައި ދެލިކޮޅެއްހެން ހީވާ ބޮޑު ދެލޮލުން ބަލާލައިފިއެވެ. ދެމީހުންގެ ކަޅި ބައްދަލުވިއެވެ. އެއާއެކު ކުއްލިއަކަށް ދެމީހުންނަށް ބަލައިލެވުނީ އަޑެއް އިވިގެން އެޓިކް ހުންނަ ބަޔާ ދިމާލަށެވެ. އިވުނު ބާރު އަޑަކީ އެޓިކަށް އަރަން ލައްގާފައި ހުންނަ ހަރުގަނޑު ވެއްޓި ކޮންކްރީޓް ތަނެއްގައި ޖެހުނު އަޑުފަށްގަނޑެވެ. ކުޑަދޮރު ކައިރީ ހުރީ މިލާންއެވެ. "މޮންސްޓާ" އެވެ. ކުރިމަތިން ފެނުނު މަންޒަރަކީ އެކުދިން އުއްމީދުކުރި ކަހަލަ ކަމެއް ނޫނެވެ. ގަޒަލްއަށް މިލާން ފެނުނީ ރެއިނާއަށް ފެނުނުފަދައިން އިންސާނީ ސޫރައެއްގައެއް ނޫނެވެ. އޭނައާއި ދިމާލަށް ކަޅި އަޅައިގެން ހުރި ބިރުވެރި އެއްޗެކެވެ. ގަޒަލްގެ މެޔަށް ފިނިވިގޮތަށް ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އެއްލުނު އަތުން ރެއިނާގެ ހެދުމުގައި ހިފުމުން ބާރުލާފައި ދަމައިގަނެވުނެވެ.

"ރެއިނާ.....އޭތި....އެހެރީ ބަލަން...."

މިލާން ބަލާކަށް ނުހުރެ ކުޑަދޮރުން ފުންމާލުމާއެކު ރެއިނާއަށް އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. ބިންމަތީގައި ބޯ ޖެހުނު އަޑުން ރެއިނާގެ ސިކުނޑިވެސް ގުޑާލިއެވެ. ޖެހުނުގޮތަށް މީހާގެ ހަރަކާތް ކެނޑި ހިމޭންވިއެވެ. ގަނޑުވެފައި ހުރި ރެއިނާގެ ދެފައި ހަރަކާތްކުރެވޭ ވަރުވީ އިރުގަނޑެއްފަހުންނެވެ. ތެޅިތެޅިވާ ހިތަކާއެކު އެދިމާލަށް ދުއްވައިގަންނަން އުޅުނުއިރު ގަޒަލް އިނީ އޭނަގެ ހެދުމުގައި ހިފާ އަތުތެރޭ ބޮނޑިކޮށްލައިގެންނެވެ.

"އަދިވެސް ކަޅި އަޅަނީ މަށަށް..." ގަޒަލް ރެއިނާގެ ގައިގާ ބައްދައިގަތެވެ.

"ކޯންޗެއްތަ؟ " ރެއިނާވެސް ބިރުގަނެއްޖެއެވެ.

ނުނިމޭ

ކޮމެންޓް 0