"ނަމާދުއަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ. އެއްވެސް ހާލެއްގައި ނަމާދު ދޫކޮށްނުލާށެވެ. "

***

" ޑޫ އައި ހޭވް ޓު މެރީ އް ކްރިޕްލްޑް ގާލް؟" މިލާން މޮންޓްރިއަލް ސްޓައިލް ބޭގްލްސް އާއި ބަޓަރ ޓާޓްސް އަދި ޕަމްޕްކިން ޕައި ތަށްޓަކަށް ލައިގެން މޭޒުމަތީ ހަމަޖެހިލިއެވެ. އެވަގުތު ހާޒިލް އެތަނަށް ވަދެފައި އައިގޮތަށް އުފާވެރި ޚަބަރެއް އިއްވައިލިއެވެ. އޭރު މޭޒުކައިރީ ހަމަޖެހިލައިގެން އިށީދެގެން އިން މިލާން އޭނަގެ ނަޒަރުގައި އަޅައެއް ނުގަތެވެ.

"މަންމާ. ކޮބާ ކައި؟ ސަޖަލްއާއި މެރީ ކުރަން ނިންމައިފާ އަދި ނުވެސް ބުނެ އެއުޅެނީ...."

އެ ޚަބަރުން އެންމެ ފުން އަސަރެއްކުރީ ރެއިނާއަށެވެ. ރެއިނާ ކޮށި އަރައިގެން ކެއްސަން ފެށިގޮތަށް އޭނަ ދޮރު ހުޅުވާފައި ބޭރަށް ދެމިގަތެވެ. ހާޒިލްގެ ޖުމްލަ އަނގައިގެ ތެރޭ އޮތްވާ މިލާންއާއި ހަތަރުކަޅި ހަމަވިއެވެ. ފުރަގަހުން ފެނުމުން ފުޅާކަމާއި އިސްތަށިގަނޑު ފަންކަމުން އިއާން ކަމުގައި ހީކުރެވުނަސް މަންމައާއި ގަޒަލްގެ ބިރުވެރި ނަޒަރުން އޭނައަށް އެ ދިމާލަށް ބަލައިލެވުނީއެވެ. މިލާން އަވަހަށް ތެދުވުނެވެ.

"ރިލެކްސް ހާޒިލް. ކަމެއް ކުރާކަށް ނޫން. އެއްޗެއް ކައިލަން ވަދެލީ.....އައިމް ޑަން ނައު..." މިލާން އާ ފުރިލަމުން އަތް ދަމައިލިއެވެ. އެމޫނުމަތިން ފެންނަ ހަމަޖެހޭ ކަމާއި ބޮޑާކަމުން ހާޒިލްވެސް ހައިރާންވިއެވެ. ނަމަވެސް އޭނަ ކެތްތެރިވާން ދަނެއެވެ. ކައިޔާންފަދައިން ވިސްނުމާއި ނުލާ މީހުން ގަޔަށް އަތްލާ އުސޫލެއް އޭނަ ނުގެންގުޅެއެވެ. މުށްކަވައިލެވުނު އަތް ޖަހައިލީ ޖިންސްގެ ޖީބަށެވެ. މިލާންފަދަ "ސައިކޯޕާތް"އަކާއި ދިމާކުރަން ހަދައިގެން އަނިޔާވާނީ ހަމައެކަނި އަމިއްލަ ނަފުސަކަށް ނޫނެވެ.

"މިލާން ގާތު ޝަރުތުކުރީމެއްނު ގެއަށް ނުވަންނާށޭ. ގަޒަލްއަށް ނުފެންނާށޭ...." ސަބީނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓަސް އޭނަގެ ވާޖިބު އަދާކުރިއެވެ. "ސުފްޔާންއަށް އެނގިއްޖެއްޔާ ވާނެ ގޮތެއް ނޭގޭތަ؟ "

"އައިމް އައުޓް...ހާޒިލް ބައިޓް ޔޯ ޓަންގް..." މިލާން އެހެން ބުނީ ހާޒިލް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުންނެވެ. އަދި ގޮނޑީގައި އަޅުވާފައި އޮތް ސްކާފް ނަގާ ކަރުގައި އޮޅައިލީ މޫނުވެސް ނުފެންނާނެހެން މާސްކެއް އަޅާގޮތަށެވެ. ލޮލުގައި ކަޅު އަވިއައިނެއް ޖެހިއެވެ. ގިނަފަހަރު އެގޮތަށް ހޫޑީ އަޅައިގެން ނޫނީ އެހެން ގޮތަކަށް ނަމަވެސް އެމޫނު ފޮރުވަނީ އެހެން މީހުންނަށް އެ ކުށްވެރި މޫނު ނުދައްކަން ކަމަށް ވެދާނެއެވެ. މިލަން ފެނުމުން މީހުން ބިރުގަންނާނެ ނޫންހެއްޔެވެ؟

"ލަދެއްވެސް ނުގަންނަ މީހެއް. މަންމާ. އެކަމަކު މަންމަ އޭނަ ގެއަށް ވައްދާކަން އެނގިއްޖެއްޔާ ބައްޕަ ރުޅިދުރުވާނެ. ކާފަ ވަސިއްޔަތް ކުރިޔަސް އެކަކުވެސް އެދޭ ކަމެއްނޫން......"

"ދަރިފުޅާ. ބްރީތް.......އޭނައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ..." ސަބީނާ ގަޒަލްގެ ނިތުގައި ބޮސްދިނެވެ.

"ޔެސް ސްވީޓްހާޓް ޔޫ އާ ސޭފް..." ހާޒިލްވެސް ގަޒަލްގެ ގާތުގައި އިށީދެ އަތުގައި ހިފެހެއްޓީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ.

"ދަރިފުޅާ. މަންމަ ކިލަރއަކާއި ގަޒަލް ކައިވެނި ކުރުވަން ހިތަށްވެސް ނާރާނެ. އެކަމަކު ކާފަ ބުނުއްވީ މިލާން ނިދީގައި ހިނގާ ވާހަކަ. ނިދީގައި ހިނގާފައި އަމިއްލަ ނަފުސަށް ގެއްލުންވާ ކަންތައްވެސް ކުރެޔޯ. ދުނިޔޭގައި އަލަކަށް ނޫން މިކަހަލަ ކޭސްއެއް މިފެނުނީ. ކިތަންމެ މީހުންނެއް މީހުން މަރާފައި ތިމާގެ ނަފްސާނީ މައްސަލަތަކާއި ނޫނީ ނިދީގައި ހުރެ ކުރެވުނު ކަމަކަށް ހަދާ. ގިނަފަހަރު ސައިކޭޓްރިސްޓުން އެމީހުން އެނެލައިޒް ކުރީމަ ގިނަފަހަރު މިވާ ގޮތަކީ ކްރިމިނަލީ އިންސޭން މީހުންގެ މެންޓަލް މައްސަލައެއް ހުރޭ އެއީ ނިދީގެ މައްސަލައެއް ހުއްޓަސް ނެތަސް. މިލާންގެ އެފަދަ އެއްވެސް މެންޓަލް މައްސަލައެއް ހުރި ކަމަކަށް ނުފެނޭ އެހެންވީމަ އޭނަ ބުނާ އެއްޗެއް ކޯޓުގައިވެސް ގަބޫލު ކުރާނެހެން ހިޔެއްނުވޭ. މިލާން ދިފާއުވާން ވެގެން ނިދި ކުށްވެރި ކުރަނީ ކަމަށް ވާނީ..މިހާ ގިނަ އަހަރުވީއިރު މިލާންގެ ފަރާތުން ވައިލެންޓް އެހެން އަމަލެއް ނުފެނޭ އަދި އެހާ ބޮޑު ނުރައްކަލެއްވެސް............." ސަބީނާ ގޮނޑިއެއްގައި ނުގޮތަކަށް އިށީދެލިއެވެ. އަތުގެ އިނގިލިތައް އުގުޅައިލިއެވެ.

ހަގީގަތުގައި އޭނަ އަދިވެސް އެނގިފައިވާ އެހެން އެނގުމެއް ދަރިންނަށްވެސް ސިއްރު ކުރެއެވެ. ސަބަބަކީ އެއީ އޭނަވެސް ގަބޫލުކުރާ ކަންތައްތަކަށް ނުވާތީއެވެ.

"ދެވަނަ ފަހަރަށް ހިސްޓްރީ ރިޕިޓްވީމަ މަންމަމެން ހާސްވާނީ؟ ހީޒް އެ ތްރެޓް. ގެއެއްގައި ގެންގުޅޭވަރު އިންސާނެއް ނޫން. ސަޖަލްގެ ގައިގާ ތަޅައިގަތް ހަދާން އަދިވެސް އެބަހުރި. ރަގަޅު ސައިކޯއެއް. ހީ ޝުޑް ބީ ޗެއިންޑް. އަދި މަންމަ ތި ބުނުއްވާގޮތުން އޭނަ ނިދީގައި ހުރެ ކުރާ ކަމަކަށް ވަންޏާ ތަންދޮރު ނޭގިހުރެ އަތުޖެހުނުހާ މީހެއް ނައްތައިލާނެ. ބުއްދިނެތް މީހަކާއި ތަފާތެއް ނުހުންނާނެ........"

"ނޫން މަންމާ. ސްލީޕްވޯކް އެއްނޫން. ހީޒް.....ހީ ވޯޒް އެވޭކް....ސްނޯ ވެހެނިކޮށް އޭނަ........މެގްނޯލިއާ....އޭނަ ގުޒް ދެކެ ރުޅިއައިސްގެން ގަސްތުގައި..............." ގަޒަލް ހާސްވިވަރުން ވާހަކަ ނުދެއްކުނެވެ.

"ޖީޖި. ގުޒްގެ ވާހަކަ ނުދައްކަމާ. ނޫނީ އިތުރަށް ޖީޖީއަށްވެސް އުދަގޫވާނީ.....އެހެން ޚަބަރެއްދޭން އައިތަނުން މުޅިން އެހެން ކަމަކާއި ޖެހުނީ. ކައި މެރީ ކުރަނީޔޯ......"

"ކޮން އިރަކު؟ " ގަޒަލް އެސްފިޔަތައް އަވަސް އަވަހަށް ޖަހައިލިއެވެ. އެއާއެކު ގޮނޑު ދުއްވާފައިގޮސް މޭޒުމަތީ ހުރި އައިސްކްރީމް ޓައްޕު ގެންގޮސް ޑަސްބިނަށް ލުމުން ހާޒިލްއަށް ވީ ނުވީއެއް ނޭގުނެވެ. މިލާން އެއިން ކެއި ކަން އެނގެނީ ސަބީނާއަށެވެ.

ހާޒިލް ކައިޔާންއާއި ސަޖަލްގެ ވާހަކަދެއްކިއިރު އަމިއްލަ ކައިވެންޏާއިމެދުވެސް އެހާ އުފާވާނެހެނެއް ހިޔެއްނުވެއެވެ. އެހާވެސް ބޮޑު އުފާވެރިކަމެއް ލިބުނެވެ. ސަޖަލްފަދަ ކުއްޖަކު އެގޭގެ ޅީދަރިއަކަށް އައުމަކީ އެންމެންގެ އުއްމީދެއް ފުރިހަމަވުމެވެ. ސަބީނާއާއި ސުފިޔާންވެސް ބޭނުންވަނީ އެފަދަ ކުއްޖެކެވެ. ސަޖަލްގެ އުނި އެއްވެސް ކަމެއްނެތެވެ. ކައިޔާންއާއި ދެކުދިން އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާ ފަދައެވެ.

ސަބީނާގެ ފިކުރަކީ އަދި މިލާން ނިދީގައި ހިނގުމެއް ނޫނެވެ. ބައްޕަ އޭނަގެ ގާތުގައި ބުނި އެހެން ޚަބަރެކެވެ. އެހެން އެކަކުވެސް އެވާހަކަތައް ގަބޫލު ނުކުރާނެކަން ޔަގީންވީވަރުން ހިތުގެ ކަނުގައި ރައްކާކުރީއެވެ.

***

ރެއިނާ ފުރަތަމަ ފަހަރަށް ގަޒަލް މަނާކޮށްފައި އޮތް ކަމެއް ކުރީ ބޯ ގޮވާފައި ހުރިވަރުންނެވެ. ކައިޔަން އާއި ސަޖަލްގެ ކައިވެނީގެ ޚަބަރު އިވުމުން އޭނަގެ ހިތަށް ކެތް ނުވީއެވެ. ދުވެފައިގޮސް ނުކުމެވުނީ ގޭގެ ފަހަތަށެވެ. އެތާގައި ހުރި ބޮޑު ސިންގާ ގަހުގެ ހިޔާތައް ފެތުރިފައިވާއިރު މުޅި ގަސް ރަނާއި ރީދުލުން ޖަރީވެފައެވެ. ލުއި ވައިރޯޅީގެ ބީހިލުމާއެކު އެ ގަސްހުރި ދިމާލަށް ތަޅުމަށާއި ވިނަތަކުގެ މައްޗަށް އޮހިގަންނަ ފަތްތައް ބިންގަނޑުގައި ރަންކުލައިގެ ސާލެއް ލައިފިއެވެ. އެ ގަހުގެ ވަރުގަދަކަމާއި ހައިބަވަންތަކަމާއެކު ގަހުގައި އެލުވާފައިވާ ހެމޮކްއެއް ފެނި އޮށޯވެލާ ހިތްވިއެވެ. ގޭގެ އަނެއް ފަރާތުންވެސް ގަސްތަކާއި ކޮންމެވެސް ވަރަކަށް އަވަށްޓެރި ގެތަކާއި ލޭނެއް ފެންނާން އޮތެވެ. ރެއިނާ ފާރަށް ލެނގިލައިގެން ހުރެ ދެލޮލުން އަންނަ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރިއެވެ.

"ރެއިނާ......" ސަބީނާގެ އަޑު އިވުމުން ގަންނާ ކުރެއްވި ބިރުން ރެއިނާ ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ.

"ލައްބަ....." ރެއިނާ ދޮރުމައްޗަށް އެރިއެވެ.

"މި ޕައި އަވަނަށް ލާފައި ޖައްސަބަލަ. ފިހުނީމަ ނަގައްޗޭ އިނގޭ. އެބަ އަންނަން..." ސަބީނާ ފޯނު ހިފައިގެން އެއްފަރާތް ވުމުން ރެއިނާ ބަލައިލިއިރު ގަޒަލްގެ ގޮނޑި ދުއްވަމުން ހާޒިލްވެސް ބޭރަށް ދާން ހިނގައިގަތެވެ.

އިރުކޮޅެއްފަހުން ނުކުމެފައި ކެތްނުވެގެން އޭނަ ގަޒަލް ކައިރިން ކައިވެނި އޮތީ ކޮންދުވަހަކުން ހެއްޔޭ އަހައިލީ ބޭރުފުށުން ނިކަން ހަމަޖެހިލައިގެން ހުރެއެވެ.

"ޖެނުއަރީގައި. ނިއު ޔިއަރ ނައިޓަށްކަން ނޭގޭ. ނުހުރެވިގެން ކައިއަށް ގުޅައިގެން އެހީއޭ. ކާންޓް ވެއިޓް ދޯ. ސަޅިވާނެ.." ގަޒަލް ދެއަތް ފުޅާކޮށްފައި ފޯރިއާއި ޖޯޝާއެކު ކުޑަކޮށް ހަޅޭއްލަވައިގެންފާ ރެއިނާ އާއި އަތާ އަތް ޖަހައިލިއެވެ. ރެއިނާ ހުރީ ގަނޑުވެފައެވެ. އުފާވެރިކަމުގެ ބަދަލުގައި ހިތް ރޮނީއެވެ. ގަޒަލްއަށް ކައިޔާންއަކީ ކާކުކަން ބުނެދޭން އަނގަ ހުޅުވަލަފައިވެސް އަމިއްލަ ދަރަޖަ ހަދާންކޮށްދީ އަނގަ ލައްޕާލައިފިއެވެ.

***

އެންމެން ނިދާ ހިލަވަޅު އޮބުމުން ރެއިނާ ސިއްރުން ނުކުމެގެންގޮސް ގޭގެ ފަހަތުގައިވާ ބޮޑުގަހުގައިވާ ހެމޮކްގައި އޮށޯވެލިއެވެ. ފިނިގަދަކަމުން އެތައް ހެދުމުގެ މަތިން ރަޖާގަނޑު އޮޅާލައިގެން އޮތްއިރުވެސް ގަނޑުވަނީއެވެ. ލުއި ވައިރޯޅިތަކުގެ ނާނާއާއެކު ގޯނާކޮށްލާ ފަތްތައް ލުއިކޮށް އުދުހެމުންގޮސް އޭނަގެ ގައިމަތީވެސް ޖެހިލއެވެ. މިހާރު ގާތްގަނޑަކަށް ފަތްތައް ގަސްތަކުން ހުސްވެ މައިގަނޑާއި ގޮފިތައް ފާޅުކޮށްލައިފިއެވެ. މުރަނަ ފަތްތަކުގެ މަތީގައި ހިނގުމަކީވެސް ރެއިނާ ކުރާ ހިތްވާކަމެކެވެ. ޚަރީފު އަލްވަދާއު ކިޔާ ފިނި މޫސުމަށް މަރުހަބާ ކިޔަން ތައްޔާރުވަނީއެވެ. ރެއިނާ އޭނަގެ މޭގައި ޖައްސާލައިގެން އޮތް ފޮޓޯއަށް ބަލައިލިއެވެ.

"މަންމަގެ ދަރިފުޅު ހުރިނަމަ. ތިޔަ ފުރާނަ ނޫނީ މަންމަގެ ހުރީ ކާކު؟ މި ދުނިޔެއަށް މަންމަ އެކަނި ދޫކޮށްފައި ދިޔައީ ކީއްވެ؟ މަންމަދެކެ ލޯބިވާނެ އެހެން ކާކު ހުރީ؟ ދަރިފުޅު މަންމަ ދެކެ ހާދަ ލޯތްބެއްވިއޭ. ކަރުނަތައް ފޮހެލަދީ މަންމަގެ ގައިގާ ތި ކުޑަ އަތުން ބައްދާލަދީ. އެހާ ތުއްތުއިރުވެސް މަންމައަށް ހިމާޔަތް ދީ މަންމަގެ ހިތާމައިގެ ބައިވެރިޔަކަށް ވި. ދަރިފުޅު ދިރުވައިލި ކަނޑުދެކެ މަންމަގެ ހިތުގައިވަނީ ނަފްރަތު. ކޮންފަދަ އިމްތިހާނެއް. މަންމަ އަށް އެނގޭ ކެތްކުރަން ޖެހޭކަން. ދަރިފުޅަކީ މަންމައަށް ﷲ ސުބުހާނަހޫ ވަތައާލާ ދެއްވި ހަދިޔާ. އެ ނިއުމަތް އެ ކުޑަ ދުވަސްކޮޅެއްގެ އުފަލަކީ މި ދުނިޔޭގައި މަންމަ ނޭވާލާ ދިރިހުރުމަށް ލިބޭ ހަމަ އެކަނި ހިތްވަރު. ވަރަށް ލޯބިވޭ ދަރިފުޅާ..މަންމަގެ ފުރާނަ މިއަދު ތިވަނީ އެ ފުރާނައިގެ ވެރި ފަރާތުގެ ހަޟުރަތުގައި. ސުވަރުގޭގެ މަތިވެރި ނިއުމަތުގައި. މި ދުނިޔޭގެ ކުލަ ރީތިކަމަކީ ވަގުތީ އުފަލެއް. ޔޫ އާ އިން ﷲ ޕްރޮޓެކްޝަން........" ރެއިނާ މިކާހްގެ ފޮޓޯގައި ބޮސްދިނެވެ. ކަރުނަތަކުން ފުރިފައިވާ ބޮޑު ދެލޮލުން އެވަގުތު ފެނުނީ ހަލާކުވެފައިވާ ހިތެއްގެ އުދާސްތަކެވެ.

ރެއިނާގެ ގިސްލުންތައް އިވުނީ ކުޑަދޮރުން ބޭރަށް ބަލައިލި މިލާންއަށެވެ.

ގަޒަލްގެ ޚާދިމާ ރޮނީ ކޮންކަމަކާހެއްޔެވެ؟

 

 

***

ގަޒަލް ސިޓިން ރޫމްގައި ވާހަކަފޮތެއް ކިޔަން އިންތަން ފެނި އެއްޗެއް ގެނެސްދޭންކަމަށް ހިތަށް އަރާފައި ރެއިނާ އެތެރެއަށް ވަނެވެ. ކުއްލިއަކަށް ދޮރު ހުޅުވާފައި މިލާން ވަނުމުން ގަޒަލް ސިހި ހުއްޓުން އެރިއެވެ. ފޮތްވެސް ދޫވިއެވެ. މިލާން ގުދުވެ ފޮތް ނަގާފައި ގަޒަލްގެ އުނގުގައި ބޭއްވިއެވެ. ގަޒަލްގެ މޫނު އެއްކޮށް ހުދުވިއެވެ.

"ވަރަށް ދުވަސްވެއްޖެ މި ވާހަކަ އަހަން އުޅޭތާ..." މިލާންގެ ޖުމްލައާއެކު ގަޒަލް އަވަހަށް ގޮނޑީގެ އަތްގަނޑަށް ބާރު ލާފައި ދުއްވައިލަން އުޅުނެވެ. މިލާން ހުޝިޔާރުކަމާއެކު ދެއަތުން ގޮނޑީގައި ހިފެހެއްޓިގޮތުން ގޮނޑީގެ ދުވެލި ހުއްޓުނެވެ.

"ފަޔަށް ކިހިނެއްވީ؟ "މިލާން ފަޔަށް ނަޒަރު ހުއްޓައިލިއިރު ގަޒަލް އަތްމުށްކަވާހެން ފައިގެ އިނގިލިތަކަށް ބާރުލައިގެން އިންތަން ފެނުނެވެ.

އޭނައަށް މިލާން ފެންނަނީ މީހުން މަރާ ގާތިލެއްގެ ގޮތުގައެވެ. ވީއިރު ކިހާ ވަރެއް ވާނެހެއްޔެވެ؟ މިލާން ހަގީގަތުގައި ގަޒަލްގެ ހާލާއިމެދު ދެރަވެ އެކުއްޖާއަށް ހަމްދަރުދީވެގެން އެހިޔަސް ގަޒަލްއަށް މާނަ ކުރެވުނީ އެހެން ގޮތަކަށެވެ. ގަޒަލްގެ ފައިތިލަ ގޮނޑީގައި ފައި އަރުވަން އިންނަތަނުން ބޭރަށް ވެއްޓިފައި ވާތަން ފެނި މިލާން ފައި ރީތިކޮށް އަރުވާލަދިނެވެ. ގަޒަލް ރުޅިވެރިކަމާއެކު މިލާންގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. އެ މަންޒަރު ފެނުނީ ތަބައް ހިފައިގެން އައި ރެއިނާއަށެވެ. މިލާން ހާދަ ރަގަޅޭ ހިތަށް އެރިއެވެ. ރެއިނާ ކަންބޮޑުވެފައި އަވަހަށްގޮސް ގަޒަލްގެ އަތް ނައްޓުވައިފިއެވެ. މިލާން ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ.

"ފައިގަ ހުރި ހުރިހާ ބާރެއް ގަޒަލްގެ އަތަށް ލިބިފައި ތިހިރީ. ހާދަ ބާރުގަދައޭ. މާދަން އަހަންނަށް ހޭލެވޭއިރު ތަލަވެފައި ނެތިއްޔާ ރަގަޅު.........."މިލާން އެހެން ބުނުމުން ގަޒަލް ކަޅި އަޅައިލިއެވެ.

މިލާން ނުކުތްތަނާހެން ސަބީނާވެސް ސިޑިން އެރިގެން އައީއެވެ. ވަގުތުން ގަޒަލް ޝަކުވާކުރިއެވެ.

"މަންމާ މިލާން އައި. އޭނަ އުޅުނީ އަޅުގަނޑުގެ ފަޔަށް ހާޓްކުރަން..." ގަޒަލް ބުނެލީ ރޮވިފައެވެ.

"މިލާން ޖަސްޓް ޓްރައިޑް ޓު ހާޓް މައި ލެގްސް.....ރެއިނާވެސް ބަލަން ހުއްޓާ.ރެއިނާ ކިޔާދީބަލަ ވީގޮތް. ޑިޑްންޓް ހީ ޓްރައި ހާޓް މީ؟ " ގަޒަލް ރެއިނާއާއި ދިމާލަށް ބަލައިލިއެވެ. ރެއިނާއަށް އެއްޗެކޭ ބުނާކަށް ނުކެރި ހިމޭންކަން ޚިޔާރުކުރިއެވެ.

ގަޒަލްއަށް ލިބިފައިވާ ނަފްސާނީ އަނިޔާގެ ސަބަބުން އިތުރަށް ހަދަހަދައިގެން ދައްކާތީ ރެއިނާއަށް ޝައްކުވާން ފެށިއެވެ. ގަޒަލް މޮޔަވީކަން ނޭގެއެވެ. ގަޒަލް ދޮގު ހަދަނީއެވެ. ޔަގީނުންވެސް އޭނައަށް ފެނުނީ ގަޒަލްގެ ފައި ނަގާފައި ރީތިކޮށް ފާލުގަނޑު މަތީ ބަހައްޓާދިންތަނެވެ. ގަޒަލް އޭނަގެ މަންމަ ގާތުގައި ރޮމުން މިލާން ފަޔަށް ތަދުކޮށްލި ވަހަކަ ބުނުމުން ސަބީނާވެސް ފަޔަށް ގެއްލުމެއް ވެފައި ހުރިތޯ ބެލިއެވެ. ރަތް ތަންކޮޅެއްވެސް ނެތެވެ. ނަމަވެސް ދަރިފުޅަށް އަނިޔާ ކުރަންޏާ ބައްޕަ ވަސިއްޔަތް ކުރިޔަސް މިލާންއަށް މިގެއިން ހިމާޔަތް ދީގެން ނުހުރެވޭނެއެވެ. ސަބީނާ މިލާން އެގެއިން ނެރެލާށޭ ކިޔާފައި ހިނގައިގަތުމުން ރެއިނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިކަމުގައި މިލާންގެ ކުށެއްނެތެވެ. ގަޒަލް އަލުން ވާހަކަ ކިޔަން ފެށުމުން ރެއިނާ އަވަހަށް ދުއްވައިގަތީ ސަބީނާގެ ފަހަތުންނެވެ.

އޭނަ ކަން ހިނގިގޮތް ކިޔައިދިނެވެ.

ދަރިފުޅުގެ ނަފްސާނީ މައްސަލަ ހުރުމުން ފެންނަ ކަންތައް ބޮޑުކޮށްލައިގެން ކިޔަނީތާއެވެ. ސްލީޕްޕެރެލެސިސް ފަދައިންނެވެ. ރެއިނާގެ ފަރާތުން މިލާންގެ އޯގާތެރިކަމުގެ ސިފަ ފެނުމާއެކު ބައްޕަގެ ވާހަކަތަކަށް ބަރޯސާވެ ކައިވެނީގެ ކަންތައް ނިންމަން ސަބީނާގެ ޟަމީރު ބާރުއަޅަމުން ދިޔައެވެ. ގާޒީއަކައި ވާހަކަ ދައްކައިގެން އެކަންތައް ނިންމިދާނެއެވެ. ސުފްޔާންގެ ހުއްދައެއް ނުލިބޭނެކަން ޔަގީނެވެ. ފުރަތަމަ ގަޒަލްއާއި ވާހަކަދައްކާ ގަޒަލް ބުނާ އެއްޗެއް ބަލަން ބޭނުމެވެ.

 

 

***

ރެއިނާ އެންމެ ދެރަވަނީ މިހާރަކަށް އައިސް ކައިޔާން އޭނަ ކުރިއަށްވުރެ ދުރުކޮށްލި ގޮތުންނެވެ. ގައިގާ އަޅައިގެން ވެއްޓުނަސް ބަލައިނުލާތާގައި އޭނަގެ ވުޖޫދު ވާކަން ވެސް ކައިޔާން ހަދާން ނައްތާލައިފިއެވެ. ރެއިނާ އެގޭގައި އުޅޭކަން އޭނަ ނުވެސް ދަންނަ ކަހަލައެވެ. އަނގައިން ނުބުނާތާގައި ބަލައިލަނީއެއްވެސް ނޫނެވެ. ރެއިނާއަށް އެކަމުން ވަކިން ބޮޑަށް އަސަރުކުރިއެވެ. އެއްޗެހި ކިޔާ ޖެއްސުން ކުރިޔަސް މި ބީރައްޓެހިކަމަށްވުރެ ރަގަޅެވެ.

ސަބީނާ ބުނެގެން ރެއިނާ ގުރުއާން ކިޔަވަން ފެށުމުން އެ ރީތި ރާގާއި އަޑުން ސަބީނާގެ ގައިން ހީބިހި ނެގިއެވެ. ދުވަހަކުވެސް ގުރުއާނުގެ މޫރިތިކަމާއި އަސަރުން ސަބީނާއަށް މިފަދަ އިހުސާސްތަކެއް ކުރެވިފައެއް ނެތެވެ. އަތުގައި އަތް ހާކާލެވުނެވެ. ރެއިނާގެ ރީތި ބުލްބުލެއްފަދަ ރީތި އަޑު ކޮޓަރީތެރޭގައި ހިފާލާފައިވީއިރު އަޑު އިވުނު ކޮންމެ މީހެއްގެ ހިތްތަކަށް އަސަރުކުރާނެކަން ގައިމެވެ. އެއީ މުސްލިމަކަށް ނުވިޔަސް ހެވެވެ. ފުރުގާން ސޫރަތުގެ އެ ރީތި އާޔަތްތަކުގެ މާނަ އިވުނަސް އެފަދަ ގޮތެއް ވާނެއެވެ. ކައިޔާން ވަނުމާއެކު ރެއިނާގެ އަޑު ތުރުތުރުލާން ފެށިއެވެ. ކުޑަކޮށް ކެއްސައިލިއެވެ. ލަދުންގޮސް ހުރިތަނަށް ވިރިގެން ފޭބިފަދައެވެ. ކައިޔާން މިފަހަރުވެސް ފެނުނުކަމަށް ހަދާނުލާ އޭނަގެ މަންމައަށް ސަލާމް ކުރިއެވެ.

"ކޮންތާކުން ކައި.......ރެއިނާ ގުރުއާން ކިޔަވާ އަޑު އަހަން މަޑުކޮށްބަލަ..."

"މަންމާ ލަސްވެގެން މިއުޅެނީ. ހަދާންނެތިގެން ހާޑެއް ބާއްވާފައި ދެވުނީ.." ކައިޔާން ލޯމަތިން ގެއްލުނެވެ.

ރެއިނާ ކަރުކެހިލާފައި އަލުން ފެށީ ތަންކޮޅެއް މަޑުންނެވެ. ކުރިން ހުރި ޖޯރު ގެއްލި ބަލިކަށިވެ އަޑު ކެނޑިކެނޑިގެން ދާން ފެށިއެވެ. ނިތްމަތިން ދާ ހިއްލާލައިފިއެވެ.

"ވަރަށް ރީތި ރެއިނާ. މުބާރާތްތަކުގައިވެސް ބައިވެރިވެވޭ ފެންވަރު އެބަހުރި. އެ ސެންޓަރުން ބައިނަލް އަގުވާމީ މުބާރާތްތަކުގައިވެސް ދަރިވަރުން ތަމްސީލު ކުރުމުގެ ފުރުސަތު ދޭ. ރެއިނާއަށް ޗާންސް ލިބޭނެކަން ޔަގީން....." ސަބީނާ ހިތްވަރު ދިނެވެ. " މައިންބަފައިން ފަޚުރުވެރި ވާފަދަ ކުއްޖެއްނު......"

"ތެންކިއު މެޑަމް..." ރެއިނާ އުފާވިއެވެ.

"އަހަރެންގެ މައިންބަފައިންނަށް ރަގަޅީ ވިހޭތަނުން މަރުވިނަމަ. ކުލައާއިހެދި މަންމަ އަހަންނަށް ނަފްރަތުކުރީ. އެހެންކުދިން ދޮންވީމަ ލޯބިވެފައި. ބައްޕަ އަދި އެހެން ލެވެލްއެއް..." ރެއިނާގެ ހިތުގައިވި ޖުމްލަތައް އޭނަ ދިރުވާލައިފިއެވެ. ސަބީނާމެންނަށް އޭނަގެ އާއިލާގެ ކަޅު ސިއްރުތައް އެނގުމުން އޭނަދެކެ އިތުރަށް ފޫހިވާނީއެވެ. އިރުގަނޑެއްވަންދެން ރެއިނާގެ ކިޔެވުން އެހުމުގެ ހިތްހަމަޖެހުމަށްފަހު ސަބީނާ ދޮރު ހުޅުވައިލުމުން މޫނުގައި ބީހިލީ ގަނޑުފެނުގެ ފިނިކަން އެކުލެވޭ ވައިރޯޅިތަކެވެ.

"ސްނޯވެހެން ކަން ނޭގޭ މިހާ ފިނިގަދަވަނީ. ވިންޓާ އައީމަ މިތަންތާ ފިނިގަދަކަމުން ރެއިނާއަށް އަދި ވަކިން އުދަގޫވާނެ....." ސަބީނާ ދޮރު ލައްޕައިލިއެވެ. ސްނޯވެހޭ ވާހަކަ ބުނުމުގެ ހިތުގެ ކަނަކުން އުފާވެރިކަމުގެ ރާޅު ބާންޏެއް ޖަހަން އުޅެފައި ހިދުނެވެ. އޭނަގެ ދަރިފުޅަށް ނުފެންނަ މަންޒަރަކުން އޭނަ އުފާ ހޯދަންވީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. ތިވިސްނަނީ ނުބައިކޮށެވެ. މިކާވެސް ބޭނުންވާނީ މަންމަ އުފަލުގައި ހުރުމެވެ. އެއީ މިކާ އަބަދު ބުނާ އެއްޗެކެވެ. "މަންމާ ނުރޮއި. މަންމަ ހީލީމަ ރީތި. މިކާ ބޭނުމީ މަންމަ ސްމައިލްކުރުން..." އެ ޖުމްލަތައް ކަންފަތުގައި ގުގުމައިގަތުމުން މޫނުގައި އަތް އެޅުނެވެ. ރޮމުންވެސް އޭނަ ހީލިއެވެ. މިކާއަށްޓަކާ އޭނަ އުފަލުގައި އުޅެންވީއެވެ. އުފަލަށް ހުރަސް އަޅާ މީހާ ދުރުކޮށްލާނީއެވެ. އޭނަ ދުރުކޮށް އެއްލައިލި ފަދައިންނެވެ.

 

***

މަޑުމަޑުން ޚަރީފު މޫސުމްގެ ރީތި ކުލަތައްކެނޑެމުންގޮސް މިހާރު ގަސްތަކުގައި ބާކީ ހުރި މަދު ފަތްތައްވެސް ގަހާއި ވަކިވެލަން ހިތްވަރުކުރާފަދައެވެ. މުރަނަ ފަތްތައް ހިކި ގޭގެ ބަގީޗާތައް ފަޅުވެއްޖެއެވެ. ދިރުމެއްނެތް ގަސްތަކުން ދައްކުވަނީ އެހެން އިބުރަތެކެވެ. ދިރިއުޅުމުގެ އެހެން ފިލާވަޅެކެވެ. ގަސްތަކުގައި ހުދު ފޭރާން އަޅުވާ ހުރިހާ ތަނެއް ހަޑި މިލަތަކުން ސާފުކޮށް އިންތިހާ ދަރަޖައިގެ ސާފު އަދި ރީތިކަމަށް ހުރިހާ ދިރުމެއްވެސް ސްނޯއަށް އިންތިޒާރު ކުރާފަދައެވެ. ބޯ ހެދުމުގެ ތެރެއިންވެސް ފިނި ކަށިގަނޑަށްވަދެ އޭނަ ރޫރޫ އަޅާވަރުން އަމިއްލަ ހަށިގަނޑުގައި ބައްދައިލެވުނެވެ. އަދިވެސް ގަޒަލް ކޮލެޖުން ގެއަކަށް ނާދެއެވެ. އޭނަ އިންތިޒާރުކުރަނީ އެކުވެރިޔާއަށެވެ.

ރެއިނާއަށް ސްނޯ ފުރަތަމަ ފެނުނީ ފަތްތަރު މަތީގައި އޭނަ އުނގުގައި ބޯ އަޅާލައިގެން އިނދެ ބަލައިލި ވަގުތެވެ. ކައިޔާން އައި މަގުން ލޯމައްޗަށް ހުދުކަފަކޮޅުތައް ފެނުމުން ހީވިގޮތެއް ކަމަށް ނިންމިއެވެ. ނަމަވެސް ކައިޔާންގެ އިސްތަށިގަނޑާއި ދިގު ޖެކެޓްގައި ތަތްލާން ފެށި ކުދި ހުދު އެތިކޮޅުތަކުން ރެއިނާއަށް އެއީ ކޯނޗެއްކަން އެގުނެވެ.

"ކައިޔާން. އަހަރެން ވާހަކައެއް ބުނެލަން ބޭނުން..." ރެއިނާ ނެތް ހިތްވަރު ލާފައި ތެދުވުނެވެ. އަނގައިން އާވި އަރައިގަތް ގޮތުން އޭނަވެސް ހާސްވިއެވެ. ވާހަކަދެއްކިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ މިއީ އޭނަގެ ހަލާލު ލޯތްބެވެ. ހަލާލު ފިރިމީހާއެވެ. ރެއިނާއަށް އަތް ދިއްކޮށްލެވުނު ގޮތަށް ހިފުނީ ލައިގެން ހުރި ބޯ ޖެކެޓްގައެވެ.

"ޕްލީޒް....."

ކައިޔާން އަތް ފޮޅުވާލާފައި ދުރު ބާރު ހިގުމެއްގައިގޮސް ގެއަށް ވަނެވެ.

"ކީއްވެ ތި އިގްނޯ ކުރަނީ. އެވަރަށް ހޭޓްކުރަނީ ކީއްވެ؟" ރެއިނާއަށް ހިތާމައައެކު ދުރަށް ހުސްކަމުގެ ތެރެއަށް ނަޒަރު ހިންގައިލެވުނެވެ.

"އިޓްސް ސްނޯވިން...." ރެއިނާއަށް ބުނެވުނެވެ.

މިހާރު ކަފަކޮޅުތައް މުޅި ފަޒާ ފުރާލައިފިއެވެ. އެކިކަހަލަ ބައްޓަމަށް ހުރި އެކި ސައިޒްގެ ފްލޭކްސް ނަށަމުން ތިރިވަމުންގޮސް ބިންމަތީގައި ޖެހެމުންދާއިރު އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ރެއިނާއަށް ހައިރާންވެ އާޝޯޚުވެފައި މި ހުވަފެނީ މަންޒަރު ބަލަން ހުރެވުނެވެ. އަނގަ ހުޅުވިފައެވެ. މިވަރުގެ ރީތިކަމެއް ހަޔާތުގައި ނުދެކެއެވެ. އިރުގަނޑެއްގެ ތެރޭ ހުރިހާތަނެއް ހުދު ދޫލައަކުން ފޮރުވާލައިފިއެވެ. ކެތް ނުކުރެވިގެން އަވަހަށް ފޯނު ހިފައިގެން މަގަށް ނުކުމެވުނެވެ. މަގުމަތީގައި ޖަހާފައިވަ ބައްތިތަކާއި ގޮނޑިތަކާއި ފުރާޅުތަކަށް ދާންދެން ފަށަލަ ލެވެމުން ދިޔައީ ހުދު ސްނޯއިންނެވެ. ގަހުގެ ގޮފިތަކުގައި ސްނޯ ހަރުލާފައިވާއިރު ވިދައެވެ. އަވަށްޓެރި ގޭގެ ކުދިންތަކުގެ އުފާވެރި ހަޅޭކުގެ އަޑުން އެކުދިންވެސް ސްނޯއާއި ގަޔާވެ ކުޅެން ބޭނުންވާކަން އެނގުނެވެ ރެއިނާ އެކިގޮތްގޮތަށް ފޮޓޯއާއި ވީޑިއޯ ނަގަންފެށިތަނާހެން މެމަރީ ފުލްވިއެވެ. އޭނައަށް ސްނޯ ވެހެން ފެށުމުން ފިނި މަޑުވިކަން ފާހަގަވިއެވެ.

އާ މަންޒަރު ތަކެވެ. އާ ދުނިޔެއެކެވެ.

ރެއިނާ ހޫނު ޗޮކްލެޓް ތަށްޓެއް ހިފައިގެން އައިސް ފަތްތަރު މަތީގައި އިނދެގެން ފޫހިކަމެއް ނެތި ސްނޯ ވެހޭ މަންޒަރު ބަލަން އިނެވެ. މިކާއަށްޓަކާ އޭނަ އުފާކުރަން ނިންމިއެވެ. މިކާ މިތަނުގައި ނުވާކަމެއް އެނގެނީ ކިހިނެއްހެއްޔެވެ؟ އޭނަ ތެދުވެ އެކިގޮގްގޮތަށް ވަންނި ލައްވާފައި ނަށާ މަންޒަރު ބަލަން އެކަކު ބެލްކަނީގައި ހުރިކަމެއް ނުދެނެހުއްޓެވެ.

 

***

ގަޒަލް ބޭރަށް ނިކުންނަން އެއްބަސްވީ ރެއިނާ އާދޭސްކުރަން ފެށީމައެވެ. ގަޒަލް ރެއިނާ ބިރުގަންނަވަން ގޮނޑި ދުއްވަމުންގޮސް ބައިސްކަލް ލޭނަށް ނުކުތެވެ. އެހާ ދުރަށް ގަޒަލް ގެންދަން ރެއިނާ ފަސްޖެހުނަސް ގަޒަލް ފަހަތުން ދުއްވައިގަތުމުން ކައްސާލާފައި ސްނޯމައްޗަށް ވެއްޓުނެވެ. އިއްޔެ ސްނޯ ވެހިފައި މިއަދު ކޮންމެވެސް ވަރަކަށް ވިރެން ފެށުމުން އައިސް ހެދިފައި އޮތުމުން އެހާ ރައްކާތެރިއެއް ނޫނެވެ. ގަޒަލް ހީހީފައި ދެއަތަށް ބާރުލާފައި ގޮނޑި ދުއްވަނިކޮށް މީހެއްގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ. އޭނަގެ ގޮނޑި ހުއްޓުނީ ކުރިމަތިން އައި މިލާންއާއި ފޫޓެއްހާ ދުރު މިނުގައެވެ. އެތެރެއިން ހުދުކުލައިގެ ސްވެޓަރަކާއި ޖިންސެއްލައިގެން ބޭރުން ކަޅު ދިގު ކޯޓެއްލާފައި އަވި އައިނު އަޅައިގެން ހުރިއިރު ސްމާޓްކަމުން ބަޔާންކޮށްދިނުން ފަސޭހައެއް ނޫނެވެ. ގަޒަލް ހުއްޓުން އެރީ އަދި އެހެން ކަމަކާއެވެ. މިލާންގެ ކޯޓުގެ ޖީބަށް އެރި އިން ކުޑަ ފުށްގުޅައެއްފަދަ ޓީކަޕް ޕޮމެރޭނިއަން ފެނިފައެވެ. މިލާން އެފުށްގުޅަ ނަގާފައި މޫނުގައި ޖައްސައިލުމުން ކުއްލިއަކަށް ގަޒަލް އަތް ދިއްކޮށްލީ ބޭ އިޙުތިޔާރުގައެވެ.

"ތީތި ގެނޭ..." ގަޒަލްގެ އަޑު ކުރެހުނެވެ.

"ޑިމާންޑް ނުކޮށް ރީއްޗަށް ބުނިނަމަ. ހާދަ އަގުބޮޑުކޮށް ގަތް މަގޭ ކުޑަ ހިތް ދޭން ތި ޑިމާންޑް ކުރަނީ؟ " މިލާން ރުޅިއައިކަމަށް ހެދުނެވެ. އެކަމަކު އެސޮރު ގަޒަލްގެ އުނގުގައި ބޭންދުމުން ގަޒަލް އެ މޭގައި ޖައްސާ ބޮނޑިކޮށްލުމާއެކު ރޮވިއްޖެއެވެ. ކުޑަކުއްޖަކަށް އަލަށް ބޭނުންވާ އެއްޗެއް ލިބުމުން އުފަލުން ރޯފަދަ ގޮތަކަށެވެ.

"ކީއްވެ ރޮނީ؟ "މިލާން އެހިއެވެ.

"އަހަންނަށް އެނގޭ މީތި މަރާލާނެކަން. އައިމް ނޮޓް ގިވިން ހިމް ބެކް....." ގަޒަލް ގޮނޑި އަނބުރައިލިއިރަށް ރެއިނާއަށް އާދެވުނީއެވެ. ފުށްގުޅައެއްފަދަ ޕޮމެރޭނިއަންއަށް ރެއިނާ ފެނުމުން އަޑުލައްވަން ފެށުމުން ރެއިނާ ފަކީރު ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެންފާ އައިކޮޅަށް ނައްޓައިލިއެވެ. އެކޮޅުން އަދި ދެން ދިމާވީ އެއަށްވުރެ ބޮޑު މުސީބާތަކާއެވެ.

ނުނިމޭ

ކޮމެންޓް 0