މާތްﷲ ގުރުއާނުގެ ރަހުމާނު ސޫރަތުގައި ވަހީކުރައްވާފައިވަނީ "فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ" މާނައަކީ (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް إنكار ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

 

މުގައްދިމާ

***

"މަންމާ. ބައްޕާ........" އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއި ހާސްކަން އެކުލެވިފައިވާ އަންހެންކުއްޖެއްގެ އަޑު ގޭގެ ހިމޭންކަން މުގުރާލައިފިއެވެ. ގޭތެރޭގައި އަރާމު ނިންޖަށް ގެނބިފައިވާ އާއިލާގެ މެމްބަރުން ހޭކަނޑާލާފައި ދުއްވައިގަތީ އެ އަޑު އައި ދިމާލަށެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި ނެތުމުން ތަޅުގައި ހިފާލުމާއެކު ހުޅުވުނެވެ. ފިޔާތޮށްޓާއި ހުދުކުލައިން ޖަރީކޮށްފައިވާ އެ ތަނަވަސް ކޮޓަރީގެ ބޮޑު އެނދުގައި އޮތް ޒުވާން އަންހެންކުއްޖާ ހަޅޭއްލަވަނީއެވެ.

"ފްރީޒް ވެފައި މިއޮތީ. ފައި މޫވް އެއް ނުކުރެވޭ އައިމް ޑައިން......" އެކުއްޖާ ރޮއިގަތެވެ.

"ދަރިފުޅު މާ ބޮޑަށް ފިނިވީތަ؟ " ސުފިޔާން ހާސްކަމާއެކު ގައިމަތީ އޮތް ބޯ ކުއިލްޓު ނެގިއެވެ. އިލެކްޓްރިކް ފަޔާ ޕްލޭސް ޖައްސާފައި ހުރުމުން ލިއްބާދޭ މަޑު ހޫނުކަމުން ފިނިވާކަށް ނުޖެހޭނެއެވެ.

"ޖީޖީ ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟ " ބޭބެމެންވެސް އެކި ސުވާލުކުރިއެވެ.

"ނޫން ނޫން. މައި ލެގް.....އިޓްސް ފްރޯޒެން. ފީލް ނުވޭ...." އެ ކުއްޖާގެ ދެލޮލުގައި ބަބުޅާ ކަރުނައިގެ މުތީތަކުން އެންމެންގެ ހިތްތަކަށް ލޮޅުން އަރުވައިފިއެވެ. ނިތްކުރީގައި ދާ ތިކިތަކެވެ. ސުފިޔާން ދަރިފުޅުގެ ފައި ހާމަކޮށްފައި އަތް ޖައްސަައިލިއެވެ. "ދަރިފުޅު މި ފައިތިލަ ހިއްލަން ޓްރައި ކޮށްބަލަ............"

ބައްޕަ ސުފިޔާން އާއި މަންމަ ސަބީނާ އަށްވެސް ދަރިފުޅުގެ އުނަގަނޑުން ތިރީގައި ވާގި ނެތްކަން ދެނެގަނެވުނެވެ. އެންމެނަށް ލިބުނީ ޝޮކެކެވެ. ވަގުތު ނަގާނުލާ އަވަހަށް އެކުއްޖާ ގޮވައިގެން ސިއްހީ ޚިދުމަތް ހޯދަން އަވަސްވެގަތެވެ. ވަގުތުން އެމް އާރު އައި އާއި ނާރުގެ ޓެސްޓް އަދި ލޭގެ ޓެސްޓްތައް ކުރެވުނެވެ. ދަރިފުޅަށް ޖެހުނީ ކޮންފަދަ ބައްޔެއްތޯ ބަލަން އެދެމަފިރިން ހުރިހާ ވަސީލަތެއް ބޭނުންކުރިއެވެ. ނަމަވެސް ހުރިހާ ޓެސްޓްތައް ދައްކާގޮތުން އެއްވެސް މައްސަލައެއް ނެތެވެ. "ނޯމަލް" އެވެ. އެތައް ހޮސްޕިޓަލަށް ގެންގޮސް އެތައް ޑޮކްޓަރުންނަކަށް ދައްކާ އެމީހުންގެ ޚިޔާލު ހޯދުނެވެ. ނަތީޖާ ސުމެކެވެ. އެ ބަލި ދެނެގަނެވޭނެ ގޮތެއް ނުވިއެވެ. އޭ އެލް ސީ ފަދަ ކަމަކަށްވެސް ނުވިއެވެ. ކެވުނު އެއްޗަކުން ޕީރިއޯޑިކް ޕެރެލިސިސްއަށް ވެދާނެކަމުގެ އުއްމީދުވެސް ކުރެވުނެވެ. ނަމަވެސް ދުވަސްތައް ވޭތުވެ އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބުމުން އެ އުއްމީދުގެ ހުޅުކޮޅުވެސް ނިވި އަނދިރިކަމުގެ ތެރެއަށް އެންމެންގެ ދިރިއުޅުން ގެނބިއްޖެއެވެ. ނޭގޭ ސަބަބަކާ ހުރެ ދަރިފުޅުގެ އުނަގަނޑުން ތިރީގެ ވާގި އެއްކޮށް ދިޔައީއެވެ. ދުނިޔޭގެ ހުރިހާ ނިއުމަތެއް ލިބިފައި ހުއްޓާ މަރު އައިސް ބައްދަލުކުރާ ފަދައިން ނުކުޅެދުންތެރިކަމެއް ނޫނީ ބަލިކަމެއް އެފަދަ ގޮތަކަށް ދިމާވާނީ އިންޒާރަކާ ނުލައެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއަށް ވުމުން ހިތާމަ އެތައް ގުނަ އިތުރުވިއެވެ.

***

ހަތަރުމަސް ފަހުން

ހޫނު މޫސުމުގެ ފެހިކުލަތަކުން ޖަރީވެފައިވާ ދުނިޔެއަށް އިރުގެ ރަން ދޯދިތައް ފަތުރާލާ މަޑު އަތްވެއް ގެނެސްދީފިއެވެ.

މުއްސަދި ހުރިހާ ކުލަތައް އެގޭގެ ބަގީޗާއަށް ޖަމާވެ މުޅި ސަރަހައްދުގައި ހުވަދުލާފައިވިއެވެ. ޖެހެމުންދާ ތާޒާ ފިނިކަން އެކުލެވޭ ވައިރޯޅިތައް ދިޔައީ މަލުގެ މީރުވަސް ގޭތެރެއަށް ފޯރުކޮށްދެމުންނެވެ. ކޮށާލާފައިވާ ފެހިކަން ގަދަ ވިނަތަކުން މަރުވަމުންދާ ރޫހަކަށް ދިރުން ގެނުވާނެއެވެ. ފަތްތަކުގެ ފެހިކަމުގައި އާ ރޯކަމާއި ތާޒާކަން އެކުލެވެއެވެ. ކުލަކުލައިގެ މާގަސްތައް މުށިތަކާއި ބަގީޗާތެރޭގައި ވާދަވެރި ރޭހެއް ޖަހާފައިވާ ފަދައިން ވާދަކުރަނީއެވެ. މަލަކަށް ދޫކުރާނެ މަލެއް ނެތެވެ. ލޮރެލްއާއި ފިއުޝާތަކެވެ. ބެގޯނިއާ އާއި ޖުރޭނިއަމްއެވެ. ކްރުސަންތަމަމް އާއި ބަޓަރކަޕްތަކެވެ. ޑެއިލިއާ އާއި ޑޭޒީތަކެވެ. ނެތް ކުލައެއް ނެތެވެ. މީރުވަސް ދުވާ މާތަކާއި ވަހެއްނެތް މާތައްވެސް އެކަތި އަނެކައްޗާއި ވާދައަށް ހިފާލާފައެވެ. މާތަކުގެ ރާނީކަމުގައިވާ ފިނިފެންމާތަކުގެ ކުލަވެސް ހުސްކޮށް އެ ބަގީޗާގައި ރަނިކަން ކުރަމުންދާއިރު ބަޅިދުތަކާއި ކޮކާތައް މަލުން ފޮނިބޮމުން ގަސްތަކުގެ ރީތިކަމަށް ސަނާ ކިޔަނީއެވެ. މުގޮށިމީދާތައް ތަންކޮޅެއް ބޮޑެތި ގަސްތަކުގެ ގޮފިތަކުން ފުންމަމުން ފީކޯއް ކުޅެމުން ދިޔައީ އެސޮރުމެންގެ އާދައިގެ މަތިންނެވެ. ލަވަ ކިޔާ ދޫނިތައް މާހައުލުގެ ރީތިކަން އެތައް ގުނަ އިތުރުކުރުވައިފިއެވެ. އެހެން ދުނިޔެއެއްގެ ހުވަފެނީ ތަނެއްފަދައިން ސިފަކުރެވޭނެ ހުރިހާ ރީތި މަންޒަރުތައް އެ ބަގީޗާތެރެއަށް އެ ގަޑީގައި ޖަމާވެފައިވާގޮތުން އިންސާނުންގެ ހިތްތަކަށް ބަޔާން ނުކުރެވޭފަދަ ހަމަޖެހުން ލިއްބާދޭނެއެވެ.

ފޮރުޅުލީ ގޮނޑިއެއްގެ ހިމާޔަތުގައި އިން ގަޒަލް އަށް އެ މަންޒަރުތަކުން ހިތްހަމަޖެހުމެއް ލިބުނެވެ. އެކިކުލައިގެ ރޮގުތައް ދެމި ޓީޝާޓަކާއި ކަކުލަށްވުރެ ތިރިއަށް އޮތް ހަރުވާޅެއްލައިގެން އިންއިރު އިސްތަށިގަނޑު މައްޗަށް ކަހާލާ ދަތްޗަކުން ހައްޔަރުކޮށްފައެވެ. މަޑު އަވި އެ ދޮން ކޯތާފަތުގައި ބޮސްދިނުމުން އޮމާންކަމާއި ވިދުން ގަދަވިއެވެ. ކިރިޔާ ވައިރޯޅިއެއް ބީހިލިޔަސް ފަންގަނޑެއްފަދަ އިސްތަށިގަނޑުން މިނިވަންވެ ނިތްކުރިއަށް ފައިބައިގަންނަ އިސްތަށިތައް މަދެއް ނޫނެވެ. ތަނަވަސް ނިތްކުރިއަކާއި ކުރިއަށް ކުޑަކޮށް އުފުލިފައިވާ ރީތި ނޭފަތަކާއި އެލްމަންޑް ބައްޓަމުގެ ލޮލާއިއެކު ފިޔާތޮށިކުލައިގެ ތުންފަތެއްގެ ވެރި ރީތި އަންހެންކުއްޖެކެވެ. ރީތި ސިފަތަކެއް ދެއްވާފައިވިޔަސް އޭނައަށް ހިނގުމުގެ ނިއުމަތުން މަހުރޫމްވެ ނުކުޅެދޭ ބަލި ކުއްޖެއް ކަމުގައި ވުމުން ރީތިކަމުގެ ބޭނުންތެރިކަމެއް މިއަދު ގަޒަލްއަށް އިހުސާސެއް ނުވެއެވެ.

"ވަޓް އެ ބިއުޓިފުލް ޑޭ މަމް..." ގަޒަލް ގެ އަތުގައި އޮތް ފިނިފެންމާ ނޭފަތުގައި ޖައްސާފައި ވަސްގަނެލިއެވެ.

"އާނ މަންމަގެ ޕްރިންސެސް. އެކަމަކު ދަރިފުޅަށްވުރެ ރީތި އެއްޗެއް މިދުނިޔޭގައި ކޮބާ؟ހިނގާ ކަސްރަތުކޮށްލަން.... " ސަބީނާ ގުދުވެ ނިތްކުރީގައި ބޮސްދިނެވެ. ގަޒަލްގެ ލޯ އިތުރަށް ވިދާލިގޮތުން އުފާވިވަރު ހާމަކޮށްދިނެވެ. ބަލިވުމުން ކުރިއަށް ވުރެ ލޯތްބާއި އަޅާލުން ލިބޭތީ ބަލިވުންވެސް ނިއުމަތެކޭ ހިތަށް އެރިއެވެ.

"ޕޫލަށް އެރިލާ ފިޒިއޯ ހެދުމަކީ ރަގަޅު ފަރުވާއެކޭ ފިޒިއޯތެރަޕިސްޓް ބުންޏެއްނު ދަރިފުޅާ. ހަވީރު އޭނަ ގެންނަންވާނެ ދޯ...."

"އެމީހުން އެހެން ކިޔާތާ ކޮން ދުވަހެއް؟" ގަޒަލް ކަންނެތް ކަމުން ޕޫލަށް އެރޭހިތެއް ނުވިއެވެ.

"އެއްވެސް ކަމަކާ އުއްމީދު ކަނޑާލާކަށް ނުވާނެ. މަންމަ ގަބޫލުކުރަން. ވަރުބަލިވާވަރަށް ޓެސްޓް ހެދިއްޖެ. ކަމަކާ ނުލާ ޕެރެލައިޒްވާން ޖެހޭ ސަބަބެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް." ގަޒަލްގެ މަންމަ ސަބީނާ ދަރިފުޅުގެ ފައިގާ ތެޔޮލާ މަސާޖު ކުރަންފެށިއެވެ.

"މަންމައަށް އަޅުގަނޑާއިހެދި ޖޮބަށް ނުދެވިފައި. މަންމަ މެއިޑަކު ހަޔާކޮށް ދިނީމަ އޯކޭވާނެ. މަންމަ ނެތީމަ ކެންސަރު ޕޭޝަންޓުންނަށް ލިބޭ ދެރައަކަށްވާނީ. މަންމައާއި ބައްޕައަކީ މި ހިސާބުގެ އެންމެ ބެސްޓް އޮންކޮލޮޖިސްޓުން. އައިމް ސޯ ޕްރައުޑް އޮފް ޔޫ.." ގަޒަލް ސަބީނާގެ ކަނދުރާގައި އަތް އަޅުވައިލިއެވެ.

"ތެންކިއު ޑާލިން. ޖޮބަށް ވުރެ މަންމަަގެ ޕްރަޔޯރިޓީ އޮތީ މަންމަގެ ހުރި އެންމެ އަންހެންދަރިއަށް......" ސަބީން ފިޒިއޯތެރަޕިސްޓް ދަސްކޮށްދިންގޮތަށް ވަކި ޕޮއިންޓްތަކަށް ފިތާ ހެދިއެވެ.

"އަޅުގަނޑުގެ އޭޖު ކުއްޖެއް ގެނައިމަ މާ ރަގަޅުވާނެ. މަންމަ ޖޮބަށް ކޮންމެހެންވެސް ދާންޖެހޭނެ ޕްލީޒް މަންމާ...."ގަޒަލް އެއްގޮތަކަށްވެސް އޭނަގެ މައިންބަފައިންނަށް ބުރައަކަށް ވާކަށް ބޭނުމެއް ނޫނެވެ.

" ކިހިނެއް އިތުބާރުކުރާނީ؟ "

"ކެމެރާ ބަހައްޓާނީ ހެހެ.." ގަޒަލް ހީލިއެވެ.

"ޖީޖީ. މަންމަ ވަރަށް ދުވަހު ބަލިމީހުންނަށް ޚިދުމަތްކޮށް ދީފިން.."

"ސްޓިލް ޔޫ އާ ޔަންގް އޭ މަންމާ. އަދި ރިޓަޔާ ކުރާ އޭޖަކަށް ނުދެއެއްނު..." ގަޒަލް ފޯނު ހުޅުވައިގެން އިނދެ ކޮންމެވެސް އެއްޗެއް ބަލަމުން ދިޔައެވެ. "މިއުޅެނީ އެޑެއް ޖަހާލަން ކަމަށޭ މަންމާ. ޕެރެލައިޒް ވެފައިވާ އަންހެންކުއްޖަކު ބަލަހައްޓާ ދޭނެ އަންހެންކުއްޖަކު ބޭނުމޭ. ޝަރުތަކީ ހިތްހެޔޮ މަޖާ ކުއްޖަކަށްވުން. ދިވެހި ކުއްޖަކަށް ވާން ޖެހޭނެ. ސައިކޮލޮޖީ ހަދާ ކުއްޖެއް ބޮޑަށް ބޭނުންވާނީ އޭރުން ވީކްވާ އިރު އޭނަގެ ސަބަބުން ވެސް ސްޓްރެންތް ލިބޭނެ. ރީތިކޮށް މޭކަޕްކޮށްދީ ފޮޓޯ ނަގާ އަދި ކުރަހާ ކުއްޖަކަށްވާން ޖެހޭނެ..."

"ހާދަ ގިނަ ޝަރުތެކޭ ދަރިފުޅާ. ދިވެހި އަންހެންދަރިއަކު އެތައް މޭލު ދުރަށް ކެނެޑާއަށް އަތުވެދާނެހެން މަންމައަށް ހިޔެއްނުވޭ..." ސަބީނާ ފަތްތަރުމަތީ އިށީދެ މުށިތަކުގައި ހުރި މާތަކާއި ކުޅުނެވެ.

"މަންމަ ދެންމެ ބުނީމެއްނު ޕޮޒިޓިވްކޮށް ވިސްނަންވާނެއޭ.." ގަޒަލްގެ ވިދުންގަދަ ރީތި މުށި ދެލޮލުން އޭނަގެ މަންމައަށް ނަޒަރު ހުއްޓައިލިގޮތުން ސަބީނާ ފެންކަޅިވިއެވެ.

ގަޒަލްގެ ބޭބެ ކައިޔާން ގޭތެރެއިން ނުކުމެގެން އައީ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން ބެކްޕެކް އަޅުވާލައިގެންނެވެ. ވީކެންޑްގައި ހައިކިންއަށް އެކުވެރިންނާއެކު ދާންވެގެން ކައިޔާން ރޭ އެވާހަކަދެއްކިއެވެ.

"ކައި ޖީޖީ އެބައުޅޭ މިގެއަށް ރާއްޖޭ މެއިޑެއް ގެނުވަން. ކޮބާ ކައިގެ އޮޕީނިއަން....." ސަބީނާ ހިނި އައިސްފާ އަހާލިއެވެ.

"ދިވެހި އަންހެންކުދިން ރީތިވާނެ...." ކައިޔާން ބުމަ އަރުވައިލިއެވެ.

"ހޫމް ކައި ހުއްޓާ މަންމައަކަށް އަންހެންކުދިން މިގެއަށް ވައްދާކަށް ހިލާ ނުކެރޭނެ. އަންހެންކުދިންގެ ފަރާތުން ކައި ހިމާޔަތް ކުރަން މަންމަ ޖެހޭނީ.." ސަބީނާ ހިނިގަނޑެއް ޖަހާލައިފިއެވެ.

"ނޯ ވޮރީސް . އެކަމާ އަޅުގަނޑު ވިސްނައިފީމޭ. ހުރިހާ ހޮޓް ބްރަދާސް އިންގެ ތެރެއަށް ރީތި ގާލްއެއް ގެނެއްސަ އެންމެން އޭނައާއިހެދި ފައިޓްކުރަން ވެއްޖެއްޔާ އަޅުގަނޑު ބޯ ހަލާކުވާނީ. އެހެންވެ އައިޑީކާޑު ފޮޓޯގެ އިތުރުން އެހެން ފޮޓޯތައް ފޮނުވަން އަންގާނަން. އަދި އެކުދިންގެ ތެރެއިން އެންމެ ސިމްޕަލް ކުއްޖެއް ނަގާނީ. " ގަޒަލްގެ ޖުމްލައިން ކައިޔާން ރުޅިއައިކަމަށް ހެދުނެވެ. "ޖީޖީ ސެލްފިޝްވާކަށް ނުވާނެ..."

"ހަަހަ ބްރަދާ. އެއީ މެއިޑެއްކަން އަބަދު ހަދާން ކުރަންވާނީ. ގާލްފްރެންޑެއްނޫން. ހުރިހާ ބްރަދާސް ގާތު މަންމަ ބުނައްޗޭ އެކުއްޖާއަކީ އެންމެންގެ ސިސްޓާގެ ގޮތުގައި ދެކޭށޭ.." ގަޒަލް ދޫ ނެރެލިއެވެ. "ބައިދަވޭ ހައިކިންއަށް ހަމަ ފެމިލީ ވެސް ގޮވައިގެން ދެވޭނެއްނު. ކީއްވެ ޖީޖީ ނުގެންދަނީ؟އަބަދު މި ގޮނޑީގައި އިންނަން ފޫހިވޭ."

"ފްރެންޑުންނާއެކު ދާ ތަންތަނަށް ކޮއްކޮ ނުގެންދެވޭނެ. ބެކްޕެކަށް ލެވޭވަރަށްވުރެ ތަންކޮޅެއް ބޮޑެއްނު........"ކައިޔާން ގަޒަލްގެ ކޮލުގައި ޖަހައިލުމުން ތަދުވެގެން ހަޅޭއްލަވައިގަނެވުނެވެ.

ސަބީނާ ދެބެންގެ ސަކަރާތާއި ތޮޅޭ މަންޒަރު ބަލަން އިނީ މޮޅިވެރިކަމާ މާޔޫސްކަމާއެކުގައެވެ. އޭނަގެ އަންހެންދަރިފުޅުގެ އުފާވެރި ދުނިޔެ ނިމުމަކަށް އައީ ކީއްވެހެއްޔެވެ؟

ކުއްލިއަކަށް ޕެރެލައިޒްވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

އޭނައާއި ސުފިޔާންއަށްވެސް އަދިވެސް އެ ސުވާލުގެ ޖަވާބު ނުލިބެއެވެ. ހިނގަ ހިނގާ މަޖާކޮށް އުޅުނު އަންހެންކުއްޖަކު އަނިޔާއެއް ބައްޔެއް ނުވެ ހަމަ ކުއްލިއަކަށް އެއްރޭ ނިދިގޮތަށް އުނަގަނޑުން ތިރީގެ ހަރަކާތްތައް ނެތުނީއެވެ. އެދެމަފިރިންގެ ލޮލުގެ ނޫރުކަމުގައި ވި ދަރިފުޅަށް ކުރިމަތިވި ބިރުވެރިކަންތަކުން އަރައިގަންނަން އެތައް ފައިސާ ޚަރަދުކުރެވުނު އިރު އަދިވެސް ނަތީޖާއަކާއި ހަމަޔަކަށް ނާދެއެވެ. ދަރިފުޅުގެ ނަފްސާނީ މައްސަލައެއް ހުރީއެއްވެސް ނޫނެވެ. ހަމަ މުޅިން "ނޯމަލް" ކުއްޖެކެވެ. ވިސްނުން ތޫނު ކިޔެވުމަށް މޮޅު ކުއްޖެކެވެ. އެކަމުގެ ސަބަބުން ގަޒަލްގެ މައިންބަފައިންނާއި ބޭބެމެންވެސް ހިތާމަކުރެއެވެ. އެމީހުންނަށް އެ ލޯބިވާ ކުއްޖާއަށްޓަކާ ކޮށްދެވެން އޮތްހާ ކަމެއް ކޮށްދެނީ ހިތުގައި ބުރަކަމެއް ނެތިއެވެ. ސަބީނާއާއި ސުފިޔާން ވެސް ވަޒީފާ އަދާކުރަނީ ކެންސަރު ހޮސްޕިޓަލެއްގައެވެ. ދަރިފުޅު ނުކުޅެދޭ ކުއްޖަކަށް ވުމުން ސަބީނާ ވަޒީފާއިން ޗުއްޓީ ނަގައިގެން ގޭގައި ހުންނަން ޖެހުނީއެވެ. ކުރީކޮޅު ގަޒަލް މަންމައަށް ބޭނުންވިޔަސް މަންމަ އަބަދު އޭނައަށް އެހީތެރިވެ ކައިރީގައި ހުންނަން ވުމުން އެނޫން ގޮތެއް ބޭނުންވީއެވެ. އޭނަ މަންމަގެ ލޯތްބާއި ހިމާޔަތް ބޭނުމެވެ. ނަމަވެސް މެއިޑެއްވެސް ހުންނަން ޖެހޭނެކަމުގައި ގަޒަލް ދެކި އެފަދަ ކުއްޖަކު ހޯދުމުގެ ޚިޔާލު ކުރަން ފެށުނީއެވެ.

 

***

ހޫނު މޫސުމްގެ ދުވަސްތައް ދިގެވެ. ރޭގަނޑު އަނިދރިކަމުގެ ސާލުގެ ހިމާޔަތް ލިބިގަނެވޭނީ ރޭގަނޑު ނުވައެއްޖަހާ އެހާކަށްހާ އިރެވެ. ނުވައެއް ޖަހަންދެން ދުނިޔެމަތި އޮންނަނީ އަލިކޮށެވެ. އާއްމުކޮށް ހައެއް ޖަހާ އެހާކަށްހާއިރު އެ އާއިލާގެ އެންމެން ރޭގަނޑު ކެއުމަށް އިންސާފު ކުރެއެވެ. ކައި ނިމިގެން ދަތްއުގުޅުވާ ނިދާ ހެދުން ލުމުގައި މަންމަ އެހީތެރިވިއެވެ. ގަޒަލް އެނދަށް ގެންގޮސް އެރުވީ ބައްޕައެވެ. ބައްޕަ ނޫނީ ބޭބެއެއްގެ އެހީތެރިކަން ނެތި ފޮރުޅުލީ ގޮނޑިން އެނދަށް އަރުވަން މަންމައަށްވެސް ފަސޭހައެއް ނޫނެވެ. ބޮކިތައް ނިވާލުމުން އަނދިރީގެ ތެރެއަށް ކޮޓަރި ގެނބުނެވެ. ނަމަވެސް މިރޭ އެގޮތަށް އަނދިރިވުމުން ނޭގޭ ސަބަބަކާއިހެދި ބިރުވެރިކަމެއް އިހުސާސް ކުރެވުނެވެ. އޭނަގެ ފައި އޮންނަ ކަމުގެ އިހުސާސް ނުކުރެވޭއިރު ކުއްލިއަކަށް މީހަކު އަތްލިހެން ހީވީއެވެ.

"އެއީ ހީވިގޮތަކަށް ވާނީ..."ގަޒަލް އިރުކޮޅެއްވާންދެން ނޭވާ ހިފަހައްޓައިގެން އޮތެވެ.

ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ހިފާފައި ފިތާލިގޮތުން ގައިން ހީބިހި ނެގުމާއެކު ބިރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ވަހުމެއް ނޫނެވެ. ހަމަ ހޭގައި އޮތްވާ ނުފެންނަ ފަރާތަކުން އޭނަގެ ފަޔަށް ފިތާލީއެވެ. އޭނަ ބައްޕައާއި މަންމައަށް ގޮވަން އަނގަ ހުޅުވިއެވެ. އެކަަމަކު އަޑު ބޭރެއްނުވިއެވެ. އެ އެއްޗަކު އޭނަގެ އަނގަވެސް އެއްކޮށް އައްސިކޮށްލިފަދައެވެ. ދެން ފެނުނީ އޭނައާއި ދިމާލަށް ގުދުވެގެން މޮށްގަނޑު ޖަހައިގެން އައި ހުތުރު ސިފައެއްގައި އޮތް ކުޑަ މަޚުލޫގެކެވެ. ނުބައި ފާޑެއްގެ ހިންޏެއް އައިސްފަ އޮވެ އޭތި ދޫ ނެރެގެން ދޫލާން އުޅޭ ފަދަ ގޮތަކަށް އެކި ކޮޅު ކޮޅަށް ހަރަކާތްކުރިއެވެ. އެތެރެ އެތެރެއިން ހަޅޭއްލެވިއިރު ރެއިނާގެ ލޮލުގެ ކޮޅުން ކަރުނަ ތިކިތައް ބާލީހަށް ވަންނަމުން ދިޔައެވެ.

ފަސްވަރަކަށް މިނިޓަށް މައްލަވަ ކުރުމަށްފަހު އޭތި ގެއްލުނެވެ. އަނގައިގެ އައްސިކަން ކެނޑުނެވެ.

ގަޒަލާ ރިމޯޓުން ބޮކި ދިއްލިއެވެ. މަންމައަށް މެސެޖް ކުރިއެވެ. ދެވަނަ މިނިޓްގައި މަންމަ އާއި ބައްޕަ ތިބީ އޭނަގެ ކޮޓަރީގައެވެ.

"ދަރިފުޅަށް ނައިޓެމެއާ އެއް ފެނުނީތަ؟ " ސުފިޔާން އެނދުގެ މަގަތުގައި އިށީދެލައިގެން އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީ ނިކަން އޯގާތެރިކޮށެވެ.

"ނޫން. އިޓް ވޯޒް ރިއަލްއޭ ޑޭޑް. އީވިލް ސްޕިރިޓެއް އައީ.." އެހެން މީހަކަށް އިވިދާނެތީ ސިއްރެއް ބުނާފަދަ ގޮތަކަށް ގަޒަލް ވައި އަޑަކުން ވާހަކަދެއްކިއެވެ.

"އޭތި ކީއްކުރީ ޖީޖީ. ބައްޕައަށް ތަފްސީލުކޮށް ކިޔާދީބަލަ....."

ގަޒަލް އޭނައަށް އިހުސާސްވީގޮތް ކިޔައިދިނެވެ. ފެނުނު މަޚުލޫގުގެ ހުތުރު ސޫރަ އަދިވެސް ލޯ މައްޗަށް ސިފަވެއެވެ.

"ހަމަޖެހިލާ ދަރިފުޅާ. އެއީ ޑީމަން އެއް ނޫން. ވަގުތީގޮތުން ވާހަކަ ނުދެއްކި މޫވް ނުކުރެވޭނީ. ދަރިފުޅު ސްލީޕް ޕެރެލެސިސް ސާޗްކޮށްބަލަ."

"އެކަމަކު އޭތި ފައިގާ އަތްވެސް ލިއޭ. މިތާ. ވަރަށް ބިރު އެބަގަނޭ...."

"މަންމަ އޮންނާނަން ގާތުގައި..." ސަބީނާ އެނދަށް އަރާފައި ގަޒަލާގެ ގައިގާ ބައްދާލިއެވެ. ސުފިޔާން ކޮޓަރީގެ އެތަން މިތަން ހޯދިއެވެ. އެނދުގެ ތަންދޮށްވެސް ހޯދިއެވެ.

"އީވިލް ސްޕިރިޓްސް އަކީ ސިކުނޑިތެރޭ އުޅޭ އެއްޗެއް. އެއީ ވަހުމެއް ދަރިފުޅާ. ފިއާ އަށްވުރެ ގަދަކޮށްލީމަ އެއެއްޗިއްސެއް ނާންނާނެ........." ސުފިޔާންގެ ޚިޔާލު ފައުޅުކުރިއެވެ. ބޭބެމެންވެސް ވިސްނާދިނެވެ. ގަޒަލް ބިރުގެންފައިވާ ވަރުން މަޖާކުރާނެ މޫޑެއް އެކަކުވެސް ނެތެވެ. އެހެންނޫނަސް ނިދީގެ ފޮނި އަރާމުގައި ތިބެފައި އަންނަން ޖެހުމުން އަވަހަށް އެނދަށް ދާން ކޮންމެ ކުއްޖަކުވެސް އަވަސްވެގަތެވެ.

ސުފިޔާންއާއި ސަބީނާގެ ޚިޔާލުވެސް އެއްގޮތެވެ. ދެމަފިރިންގެ ހިތުތެރޭ އެނބުރެމުން ދިޔައީ އެކައްޗެކެވެ. ކުޑައިރު ދިމާވި ހާދިސާއިން މުޅިން އަރައިނުގަނެވެނީސް ބަލި ހާލުގައި އެހެން ގިނަ ދުވަސްވާން ފެށުމުން ހިތްދަތިކަމާއި މާޔޫސްކަން ޕެނިކް އެޓޭކް އަދި ނިދި ހަމަޔަށް ނުލިބުންފަދަ އުދަގޫތަކަކީ ސްލީޕް ޕެރެލިސިސްފަދަ އުދަގޫތަކަށް މަގު ފަހިކޮށްދޭނެފަދަ ކަމެކެވެ. ދަރިފުޅުގެ ނަފްސާނީ މައްސަލަތަކުގެ ކޮޅުމަތި ފެންނާން ފެށުމުން އެކަމާ ފިޔަވަޅު އަޅާ ހައްލެއް ހޯދަން އެދެމަފިރިން އެރޭ ވިސްނިއެވެ. ގަޒަލް ނިދީގެ ފޮނި އާލަމަށް ދަތުރުކުރުމުންވެސް ސުފިޔާން ސޯފާގައި އިށީދެލައިގެން އިނީ ދަރިފުޅު އެކަނި ދޫކޮށްލާފައި ދާން ނުކެރިފައެވެ. ސަބީނާއޮތަސް އެދެމައިންގެ ހިމާޔަތުގައި އޭނަ އިނުމަށް ޟަމީރު ފަށްފަށުން އެންގިއެވެ. އެތައް އިރެއްވާންދެން އިންދާ އެންމެފަހުން އަތްގަނޑުގައި ބޯ އެޅިގޮތަށް ނިދުނެވެ.

 

 

***

ހެނދުނު ނާސްތާ ކުރަން ހުރީ އާއްމުކޮށް މަންމަމެން ހެދުނަށް ތައްޔާރުކުރާ ނާސްތައެވެ. އެގްސް ބެނެޑިކްޓްއާއި ބޭކްންއެވެ. ޓޯސްޓްކޮށްފައިވާ ޕާނާއި ޕޭންކޭކު އަދި މޭޕްލް ސިރަޕެވެ. ގަޒަލްގެ މޫނުމަތިން ރޭގެ ބިރުވެރިކަމުގެ އެއްވެސް ސިފައެއް ނުފެނެއެވެ. އެމޫނުން ފެންނަނީ ތާޒާ ކަމެވެ.

"މިއަދު ކާފަމެންނަށް ވިޒިޓްކޮށްލަން ދަމާ..ދަތުރުކުރަން ހަމަ ޕާފެކްޓް ޑޭއެއް ނު ދަރިފުޅާ." ސުފިޔަން އެހިއެވެ.

"ޔޭ...." ގަޒަލްއަށް އުފަލާއި ޖޯޝާއެކު ހަޅޭއްލަވައިގަނެވުނެވެ. ތެދުވެ އަތް އުފުލައިލަން އުޅުނަސް ދެފައި ހަރަކާތެއް ނުކުރުމުން ފަޔަށް ބަލާލާފައި ހިނިތުންވުން ގެއްލިއްޖެއެވެ.

"ޑޯންޓް ވޮރީ ދަރިފުޅާ. މިރެކްލްސް ޑޫ ހެޕެން.." ސުފިޔާން ހިތްވަރު ދިނެވެ.

"ޔެސް. އަހަރެމެންގެ އެންޖެލްއަށްވެސް އެފަދަ ނަސީބެއް ލައްވައިފިއްޔާ ރަގަޅު. މިރެކްލްއަކުން ހަމަ ހިނގިދާނެ....." ސަބީނާއަށް ބުނެވުނެވެ.

ގަޒަލް ބޯ ޖަހައލިއިރު ހިތަށް އެރި ބަސްތައް ބުނާކަށް ނުކުޅެދުނެވެ. މަންމައާއި ބައްޕަގެ ހިތުގައި ޖެހިދާނެތީއެވެ. އެންމެންގެ ފަރާތުން ލިބެމުންދާ ލޯތްބަކާއިހެދި ބައެއްފަހަރު ހިމޭންވާން ޖެހެނީއެވެ. "ބައެއްފަހަރު އަމިއްލަ ނަފުސްދެކެ ރުޅިއާދޭ"

ބައްޕަމެން ތައްޔާރުވަމުން ދިޔައިރު ގަޒަލް ސިޓިންރޫމްގައި ފޯނުން ނެޓަށް ވަދެ އިނެވެ. ޖީޖީގެ ފޮޓޯގްރާފީގެ ނަމުގައި އޭނަ ހިންގާ ޕޭޖުގައި އެތައް ލައްކަ ފޮލޯވާއިންސްއިންނެއް ތިބެއެވެ. ކެނެޑާ އަދި ދުނިޔޭގެ އެތަންމިތާގެ ހިތްގައިމު ގުދުރަތީ މަންޒަރުތައް އޭނަގެ އަގުބޮޑު ކެމެރާގައި ޚަޒާނާ ކޮށްލުމަށްފަހު ޕޭޖަށް ލުމުން އެތައް ބަޔަކު ކޮމެންޓް ކުރެއެވެ. އޭނަ އަންހެންކުއްޖަކު ހޯދަން އިޝްތިހާރުކުރީވެސް އެޕޭޖުގައެވެ. ދިވެހި އެތައް ހާސްކުދިންނެއްވެސް ހިމެނޭތީ ކޮމެންޓްތައް ގިނަކަމުން ކިޔާ ކޮޅުން ނުލާނެއެވެ. އެހެން ގައުމުތަކުގެ ކުދިން ބޭއިންސާފޭ ކިޔާފައި މައްސަލަޖެއްސިއެވެ. ދިވެހި ކުދިން ޚާއްސަވާންވީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. ގަޒަލް ދެން ބަލައިލީ މެސެންޖާއެވެ. އެތައް ކުދިންނެއް އެ މަގާމަށް އެދި ކުރިމަތިލާފައިވެއެވެ. ގިނަކުދިންގެ ހުވަފެނަކީ ކެނެޑާއަށް ޒިޔާރަތްކޮށްލުމެވެ. އެއީ ގަޒަލް ހިންގާ ޕޭޖެއްކަން ދަންނާނީ އޭނަގެ އާއިލާއާއި ގާތް އެކުވެރިންގެ މަދު ބަޔެކެވެ. ކިތަންމެ ޖީޖީއެއް ދުނިޔޭގައި އުޅޭނެ ތާއެވެ. ޖީޖީ ހަދީދުވެސް އެއުޅެނީ ނޫންހެއްޔެވެ؟ ގަޒަލް އެކި ކުދިންގެ ފޮޓޯތައް ބަލަމުން ދިޔައެވެ.

އޭނަގެ ނަޒަރުގައި އަޅައިގަތީ ތަންކޮޅެއް ކަޅުކުއްޖެއްގެ ފޮޓޯއެވެ. އެޑިޓްކޮށްލައިގެން ދޮންކޮށްފައި ހުއްޓަސް ހަގީގީ ދޮންކުއްޖެއް ނޫންކަން އެނގެއެވެ. ގުދުރަތީ ކުލަ މާ ރީތި ނޫންހެއްޔެވެ؟ ސާދާ ކުދިން މާ ރީއްޗެވެ.

"ރެއިނާ....ރީތި ނަމެއް." ގަޒަލް ބުމަ ކައިރިކޮށްލައިގެން ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނެވެ.

ފުރަތަމަވެސް ފާހަގަކުރެވުނީ ބޮޑު ލޮލާއި ތުންފަތެވެ. މޭކަޕެއްނެތެވެ. ބުރުގާ އަޅާފައި ހުރި ސާދާ އަންހެންކުއްޖެކެވެ. ދިވެހި ގިނަ އަންހެންކުދިން ބުރުގާ އަޅާކަން އޭނަ ދަނެއެވެ. އޭނައަކީވެސް އެއްފަޅި ދިވެއްސެކެވެ. އޭނަގެ މާމައަކީ ރާއްޖެއަށް ނިސްބަތްވާ އަންހެނެކެވެ. ކާފަ ކެނެޑާ އަދި ފްރެންޗް މީހަކަށް ވުމުން އޭނަގެ މަންމައަށް ކެނެޑާގެ ރައްޔިތުކަން ލިބިފައިވެއެވެ. އޭނަވެސް ރާއްޖޭގެ ރީތިކަމަށް ލޯބިކުރެއެވެ. ރިޒޯޓަށް ކުރި ދަތުރުތައް ހިތުގައި ބިންވަޅު ނެގިފައިވަނީ ފިލައިގެންދާ ފަދަ ގޮތަކަށް ނޫނެވެ. މޫދު ފެނި އޭނަ މޮޔަވާވަރުވެއެވެ. ދިރިއުޅެން ބޭނުމީ މޫދު ގެއެއްގައެވެ.

"ހައި ރެއިނާ. އަހަރެން ގަޒަލްގެ ހުއްދަ ލިބުނީމަ އޭނަގެ ފޯނު ނަމްބަރު ދޭނަން. ވައިބާ ކޮށްލައްޗޭ..." ގަޒަލް ޓައިޕްކޮށްލިއެވެ. ރެއިނާއަށް ގަޒަލްއާއި ޖީޖީއަކީ އެކަކު ކަން އެނގޭ ދުވަހަކުން ހިތަށް އަރާނީ ކީކޭހެއްޔެވެ؟ އެހެން ނަމެއްގައި އޭނަ މިވަނީ ސެލެބްރިޓީއަކަށް ވެ އެތައް ފޭނުންނެއްގެ ނަސީބު ލިބިފައެވެ. ރެއިނާއަކީވެސް އޭނަގެ ފޮޓޯތަކަށް ވަރުވެފައި ހުންނަ ކުއްޖެއްކަން ކޮމެންޓްތަކަށް ބަލައިލިޔަސް އެނގޭނެއެވެ. އޭނަގެ ފޮޓޯތަކަށް ލޯބި ކުރާ އެތައް ލައްކަ ބަޔަކު ދުނިޔޭގެ އެތަންމިތާ އުޅެއެވެ. ކެނެޑާއާއި ދިވެހި ރާއްޖޭގެ ފޮޓޯތައް ލިޔަސް މީހުން މޮޔަވާނެ ނޫންހެއްޔެވެ؟އޭނައަކީ ނުކުޅެދޭ ކުއްޖެއްކަން އެނގުނަސް މީހުން ހަމަ އެހާ ލޯބިން ވާހަކަދައްކާނެ ބާވައޭ ހިތަށް އެރިއެވެ.

 

***

ކާފައާއި މާމަ ދިރިއުޅެނީ އޮންޓެރިއޯގެ ބާލިންޓަން ކިޔާ ހިތްގައިމު ސިޓީއެއްގައެވެ. ޓޮރޮންޓޯއާއި ސާޅީސްފަސްވަރަކަށް މިނިޓުން ކާރުގައި ދެވޭ ތަނެކެވެ. ކޮޓެޖެއްގައި ދެމަފިރިން އެކަނި ދިރިއުޅޭލެއް ލޯބިކަމުން އޭނައަށްވެސް ހަޔާތުގެ ބައިވެރިޔަކު ލިބި އެގޮތަށް އުޅޭނެ ދުވަހެއް އަންނާނެހެއްޔޭ ގަޒަލް ހިތަށް އެރި ދުވަހެއް އައެވެ. މިހާރު ޔަގީންކުރަނީ އޭނަފަދަ ނުކުޅެދޭ އަންހެންކުއްޖަކުގެ ހަޔާތަށް އެކަކުވެސް ނާންނާނެ ކަމުގައެވެ. ކާފަމެން ގެއަށް ދިޔަ ދަތުރުމަތީގައި ބެލްޖިއަން ވޮފޮލްސް އަދި ބެރީސްކޯން އިން ބަނޑު އިތުރަށް ފުރައިލެވުނެވެ. ކިތަންމެ ގިނައިން ކެޔަސް ފަލަވަނީއެއް ނޫނެވެ. ގޮހޮރުތެރޭ މީހަކު އޮވެ އޭނަ ކާހާ އެއްޗެއް ދިރުވައިލަނީއެވެ.

"ގަޒަލް......ޕުއާ ތިންގް.." މާމަ ގަޒަލް ގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"އަދިވެސް ޑޮކްޓަރުންނަށް ފަރުވާއެއް ނުހޯދޭތަ؟"

އޭނަގެ ބަލީގެ ވާހަކަ ދައްކަން ފެށުމުން ގަޒަލް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ކުރިން މިފަދަ އުދަގޫ އިހުސާސްތަކެއް ނުކުރެވެއެވެ. މާމަ ބުނިގޮތުން ކުއްލިއަކަށް އަމިއްލަ ހާލާއިމެދު ވިސްނައިލަން ޖެހުނެވެ. އެންމެ ކުރިން ހީކުރެވުނީ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. ނަމަވެސް ވަގުތުތައް ދުވަސްތަކަށް ދުވަސްތައް ހަފްތާތަކަށް ބަދަލުވެ މިހާރު މަސްތަކެއް ވެގެން ދަނީ ކުރިއެރުމެއް ނުލިބިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ މާޔޫސްކަމުގައި ގެނބި ނޭވާއަށް ބާރުވާ ގޮތްވެފައެވެ. އަބަދުގެ އަބަދަށްޓަކާ ފުރޮޅިލީ ގޮނޑިއެއްގައި އިންނަން ޖެހުމުގެ ބިރު އޭނަގެ ހިތަށް ކުއްލިއަކަށް ވެރިވެއްޖެއެވެ.

- ނުނިމޭ -

ކޮމެންޓް 0