"އޯލްރައިޓް، އެކަމަކު އަހަންނާއިއެކު ކޮޓަރި ޝެއަރކުރަން ޖެހޭނެ......" ރަފްހާންގެ އެ ޖުމްލައިން އާވާ ދެލޯ ފުޅާކޮށްފައި އަނގަޔަށް ހަދާލިގޮތުން ހީވީ ރަފްހާން ބިރުވެރިކަމުން ފުރިފައިވާ އިންޒާރެއް ދިންހެނެވެ.
"ލުކް އާވާ، އަހަރެން ނުބުނަން މެރީކޮށްގެން ރަސްމީކޮށް އަހަރެންގެ އަންބަކަށް ވާށޭ، ފުރަތަމަވެސް ރީތިކޮށް ކިޔާދިނީ އެހެންވީމަ، އާވާ ބޭނުންނެތިއްޔާ އަހަރެން ނެތިން ކައިރިވާކަށް......" ރަފްހާންއަށް ތަންކޮޅެއް ހަރުކަށިކަމާއެކު އެހެން ބުނެވުނީތީ އެކަން ފޮރުވުމުގެ ގޮތުން އޯގާތެރިކޮށް ހިނިތުންވެލާފައި އެތަން ފޫބައްދަން މައިތިރިކޮށް ވާހަކަދެއްކިއެވެ.
"އައި މީން އަހަރެމެން އެހެންމީހުންނަށް އެކަން ފޮރުވަން އެކީގައި އުޅެން ދަސްކުރަންވާނެ އެއްނު، ދެމީހުން އެނދުގެ ދެފަރާތުގައި ނިދާނީ...." ރަފްހާންގެ ވާހަކައިން ހިތަށް ލިބުނު ހަމަޖެހުމާއެކު އާވާ ރަގަޅުވާނެ އޭ ބުނެލުމުން ރަފްހާން ޝުކުރު އަދާކުރިއެވެ. ދެމީހުން އެހާ ބޭނުންވެގެން ނޫނަސް ހަޔާތުގައި ކުރިއަށް އަޅަން މިއުޅޭ ފިޔަވަޅުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެދޭތެރޭގައިވާ ގުޅުމަށް ބަދަލު އަންނާނެކަން ޔަގީނެވެ. ރަފްހާން ހީކުރިވަރަށްވުރެވެސް ކައިވެންޏަށް އެހުން ވީ އުދަގޫ ކަމަކަށެވެ. އާވާ އެއްބަސްކުރުވުން އެހާ އުދަގުލެވެ. އެއޮތްކުރި ޝަރުތެއްވެސް ދެކެބަލާށެވެ. ރަފްހާން ހޫނު ކޮފީއަކާއި ދިމާލަށް ދިޔައިރު އޭނަ ހިތާހިތުން ދުޢާކުރީ އޭނަގެ މި ނިންމުން ރަގަޅުވުމަށް އެދިއެވެ.
ރަފްހާން އާވާގެ ލެޕްގެ ސްކްރީން އާކޮށްގެން ގެނެސްދިނުމުން އާވާގެ ހިތް ޝުކުރުން ފުރުނެވެ. އޭނަ ވަގުތުން ކޮޓަރިއަށްގޮސް އުޅެގަތީ ވާހަކަ ނުލިޔުމުގެ ސަބަބުން އެއްވެސް ޝަކުވާއެއް އޮތްތޯ ބަލާށެވެ. ޑާކްނައިޓްގެ މެސެޖް ފެނުމުން އާވާގެ ހިތް ތެޅިލީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.
"އަހަރެންގެ ކޮމެންޓް ޕަބްލިޝް ކުރަން ނުކެރޭހާ ޑާކް ޕްރިންސެސް ފިނޑިތަ؟ ތިހާ ފިނޑިވެގެން ކުރިއެރުމެއް ނުލިބޭނެ، ކަންތަކާ ކުރިމަތިލައިގެން މޮޅުވާނީ، ސީރިއަސްކޮށް ވާހަކަ ލިޔާގޮތް ކަމަކުނުދޭ، އަހަރެން ކިޔާދެންތަ ކަމުނުދާ ހަންޑްރެޑް ރީޒަންސް، ފުރަތަމަ ވާހަކައިގެ ކެރެކްޓަރ ވަރަށް ލޮނުމަޑުކޮށް ތިގެނެސްދެނީ، ވާހަކަ ފަށާއިރު އެއްފަހަރާ އެތައް މީހުންނެއް އައިމަ އޮޅުން ބޮޅުން ގަނޑަކަށްވާނެ، މިކޮމެންޓް ނެގެޓިވްކޮށް ނުނަގައްޗޭ...." ޑާކްނައިޓް ލިޔެފައި އޮތެވެ.
"އަޔާމް، ކީއްވެތަ؟ އަހަރެން ގެ ކުރިމަތީގައި އެއްޗެހި ބުނަން ނުކެރެނީ ކީއްވެތަ؟ އަހަރެން ދެރަވެދާނެތީ އެހެން މީހެއްގެ ނަމުގައި ވާހަކަ ތިދައްކަނީ....." އާވާ ހިތާހިތުން ކިޔާލިއެވެ. އާވާ ބޭނުން ނުވިޔަސް އިރުއިރުކޮޅާ އެ ސައިޓަށް ވަދެވެނީ އެންމެ މީހެއްގެ ކޮމެންޓުގެ އިންތިޒާރުގައެވެ. މަދުބަޔެއްގެ ކޮމެންޓްތަކުގެ ތެރެއިންވެސް އެމީހަކުގެ ކޮމެންޓުތަކުގައި ޚާއްސަގޮތެއް ހުރެގެން އާވާގެ ހިތް އެއަށް ދެވެންފެށި ސަބަބެއް ނޭގުނެވެ. ލިޔެފައި ހުރިގޮތަކުން ބާވައެވެ. ނަމުން ބާވައެވެ. އަޔާމްއަށް ވެދާނެހެއްޔެވެ؟ ނޫނީ މުޅިން ތަފާތު ޒުވާނެއް ބާވައެވެ.
އާވާ ކާކޮޓަރީގެ ގޮނޑިއެއްގައި އިށީދެލައިގެން ނިޔަފަތިކާން އިންއިރު ޚިޔާލު ކުރެވެމުން ދިޔައީ ޑާކްނައިޓްގެ މެސެޖްތަކާއި މެދުގައެވެ. އެ ދެ މެސެޖް ކިޔުނު އަދަދެއްވެސް އޭނައަކަށް ނޭގެއެވެ. ނެގެޓިވް ކޮމެންޓްތައް އަންނައިރުވެސް މި ކޮމެންޓް ތަފާތެވެ. ބިނާކުރުވަނިވި ފާޑު ކިޔުމަކީ އެއީ ހެއްޔެވެ؟ އެހެރީ ރަގަޅުކުރަން ވާ ކަންތައް އާވާއަށް ބުނެދީފައެވެ. އާވާ މެއިލް އެޑްރެސް ދިނީވެސް އެމީހަކު އޭނައަށް މެއިލް ކުރާނެކަމުގެ އުއްމީދުގައެވެ. އެންމެން ގެތެރޭގައި އާވާ އެމީހަކަށް ޖަވާބުދޭކަށް ބޭނުމެއް ނޫނެވެ. ދެ ކޮމެންޓްވެސް ޕަބްލިޝް ނުކުރީ އެހެންވީމައެވެ. އާވާ ގެއްލިފައި އިނދެފައި ފަހަތުން މީހެއްގެ ހިލަންވިހެން ހީވެގެން ބަލާލިއިރު ދާދި ކައިރީގައި ޔާކިން ނުލަފާގޮތަކަށް ހިނިއައިސްފައި ހުއްޓެވެ. ދެންމެ ފެންވަރާލައިގެންކަން އެނގުނީ މީރު ވަހެއް ތަނުގައި ހިފާލީމައެވެ.
"މިއަދު ބަނޑުހައިވެގެން ނިޔަފަތި ކާ ދުވަހަކީތަ؟ މަގޭވެސް އެބަހުއްޓޭ ދިގުވެފައިހުރި ނިޔަފަތިތައް، ވަރަށް ލޭޒީވާނެ ނެއިލް ކަނޑާލަން ވީމަ....." ޔާކިންއަށް ފާހަގަކުރެވުނީ އެކުދި ނިޔަފަތިތައް ކާލާ ހުސްކޮށްފައި ހުރިކަމެވެ. ޔާކިން ކާރިއަށް ޖެހިލާފައި އަތްތިލަ ދިއްކޮށްލުމުން އާވާ ގޮނޑިން ފުންމައިގެން ތެދުވެ ދުރަށް ޖެހިލާފައި ދެލޯ ބޮޑުކޮށްލިއެވެ. ޔާކިން އަބަދުވެސް އަޅައިގަންނަނީ އެބޮޑު ބޮޑު ދެލޮލުގައެވެ. ސިހުމެއްވާހެން ހީވެއެވެ.
"އަހަރެން ނޫޅެމޭ ކާންވީ ނިޔަފަތި މަދުވެގެނެއް، ޔާކިން އަމިއްލައަށް ކައިބަލަ..." އާވާ ބިރުން ހުއްޓަސް ބުނަންވީ އެއްޗެއް ބުނާކަށް ފަހެއް ނުޖެހުނެވެ. ޔާކިން ހޭންފެށިއެވެ.
"އައްޗި، ބަނޑަށް މަރުވިޔަސް އައި ވޯންޓް އީޓް...." ޔާކިން ފްރިޖް ހުޅުވާލާފައި ރަގަޅު އެއްޗެއް ނުފެނިގެން ބާރުބާރަށް ދޮރު ލައްޕާލިގޮތުން ފްރިޖްތެޅިލިއެވެ. އެހާ އަވަހަށް ބަލާލިއިރު އާވާގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި ދޮރުމަތީގައި އޭނަގެ ބޭބެ ހުރިތަން ފެނިފައި ޔާކިން ވަކިން ބޮޑަށް ބުމަ ގޮށްޖަހާލައިފިއެވެ. ނަމަވެސް ރަފްހާންއާއި ރުޅިވެގެން ހުރެގެން ގެއްލުން ދައްކާނެތީ ގަސްތުގައި ރަފްހާންއަށް ޖެއްސުމަކަށް ފަހުން ދޭން ފައްސަތޭކަ ރުފިޔާ ހޯދަން އެދުނެވެ. ރަފްހާން ޖިންސްގެ ޖީބުން ވޮލެޓްނަގާފައި ފައްސަތޭކަ ރުފިޔާގެ ނޫޓެއް ދިއްކޮށްލާއިރަށް ޔާކިން އުޅުނީ ޖަހައިގަންނާށެވެ. ރަފްހާން ސަމާސާއަކަށް ހަދާފައި ޔާކިންގެ އަތުގައި ނުޖައްސަން އަތް ދަމައިގަތުމުން ޔާކިން ތުންފިތާލީ ކުޑަކުއްޖެއްހެންވެ. ސަކަރާތްޖަހަން އޭނައަކީ ކުޑަކުއްޖެއްނޫނެވެ.
ރަފްހާން ސޯފާގައި ހަށިގަނޑު ދަމާލައިގެން އޮތްއިރު އަތުގައިވާ ނޯޓް ފޮތެއްގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔާތަން ފެނެއެވެ. ޔާކިން ފޯނު ކަންފަތުގައި ޖަހާލައިގެން ދެކޮޅަށް ހިނގާލަހިނގާލާ ހުރިއިރު އޭނަހުރީ އެމީހަކަށް ގެއްލި ހުސްވެފައިހެން ހީވިއެވެ. އިރުކޮޅެއްނުވެ ފެނުނީ ޔާކިން އަވަހަށް އޭނަގެ ފަޔަށް ބޫޓު މަހާލުމަށްފަހު އަވަސް އަރުވާލާފައި ގެއިން ބޭރުވި ތަނެވެ.
"ޔާކިންގެ އާ ގާލްފްރެންޑެއް ކަމަށްވާނީ...." އާވާ ހިތާހިތުން ކިޔާލާފިއެވެ. ރަފްހާން އޮތް ސޯފާއާއި މާދުރުނޫން ހިސާބެއްގައި ހުރި ގޮނޑިއެއްގައި އާވާ ހިތްއެދޭ ޒާތުގެ ވާހަކަފޮތެއް ހުޅުވާލައިގެން އިންއިރު އެއިން އެންމެ ޖުމްލައެއްވެސް ސިކުނޑިއަކަށް ނަގައިގަނެވޭ ކަމަކަށް ނުވިއެވެ. ހަމަޖެހިލައިގެން ސިކުނޑި ހުސްކޮށްލައިގެން އިނދެނޫނީ މިހާ ރީތި ވާހަކައެއް ނުކިޔަންކަމަށް ނިންމާފައި އޭނަ ފޮތް ލައްޕާލައިފިއެވެ. އޭނައާއި ދާދިގާތުގައި އޮށޯވެލައިގެން އޮތް ފިރިހެނާއާއި ކާވެނިކުރަން އެއްބަސްވެވުނުކަން ހިތަށް އަރާފައި އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ޖަހާލައިފިއެވެ. ރަފްހާންއަކީ އޭނައަށްވުރެ އުމުރުން ދޮށީ ޒުވާނެކެވެ. އަދި އެހާ ރީތި މީހުނަށް އިތުބާރުކުރަން ހެޔޮނުވާނެއެވެ. އޭނަގެ ޚިޔާލުގައި އެންމެ ގޯސްބަޔަކީ އަޅައިގަންނަގޮތް ތިބޭ ފިރިހެނުންނެވެ. ތިމާއަށް ތިމާފެނި ފަހަރެއްގައި ބޮޑާވެސްވާނެއެވެ. ރަފްހާން އަދި އެސިފަ ހާމަނުކުރިޔަސް ފަހުން ހަގީގީ ކުލަ ދައްކާނެއެވެ. އެކަމަކު އެހެން ވަކި ރަގަޅުމީހެއް ކޮބާހެއްޔެވެ؟ އެހެންނޫނަސް އޭނަވަނީ އިންނަން އެއްބަސްވެފައެވެ. ދެން އަނބުރާ ނުގެންދެވޭނެއެވެ. އިތުރަށް ރަފްހާން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެހެންމީހުން އޭނައަށް ނުކުރާ އަނިޔާއެއް ރަފްހާންވެސް ނުކުރާނެއެވެ. އާވާ ތެދުވެގެންގޮސް ރަފްހާންއާއި ދާދިގާތުގައި ހުއްޓުނުއިރުވެސް ރަފްހާން އޮތީ އޭނަ ކުރަން އޮތް މަސައްކަތަށް ގެއްލިފައެވެ. ކޮންމެވެސް ހިސާބުތަކެއް ހަދަނީއެވެ. ރަފްހާން ބުރަކޮށް މަސައްކަތްކުރާކަމީ ރަގަޅު ސިފައެކޭ އާވާހިތަށް އެރިއެވެ.
"ހަ..ހައި......" އާވާ އެހާވަރަށް އަޅައިގެންފާ ވާހަކަދެއްކުނީމަ ލަދުން އޮޅޭގޮތްވިއެވެ. އެވަގުތު އާވާއަށް ފެނުނީ ރަފްހާން ފުރިހަމަ އިސްކޮޅަށް ތެދުވިތަނެވެ. އަމިއްލަ ކުޑަކަމާއި ބަލިކަށިކަން އިހުސާސްވެ އާވާއަށް އުދަގޫތަކެއްވަނީ މިފަދަ ވަގުތުގައެވެ. ރަފްހާން އެހާ އިސްކޮޅުން ދިގީ ކީއްވެހެއްޔެވެ؟
"އާވާ، ހައު ކެން އައި ހެލްޕް ޔޫ....." ރަފްހާން ހިނިތުންވުމަކާއިއެކު އަހާލައިފިއެވެ. އާވާ އެއްފިޔަވަޅު ފަހަތަށް ޖެހިލަމުން ރަފްހާންއާއި ހަތަރުކަޅިހަމަކޮށްލަން އިސްއުފުލާލަން ޖެހުނެވެ.
"ހިތަށް އެރީ ކޮން ތާރީޚެއްގަބާވައޭ އަހަރެމެންގެ.. އެނގެއެއްނު......." އާވާ ހާސްވެފައި ރަގަޅަށް ވާހަކަނުދެއްކުމުން ރަފްހާން ހުރީ ނުހޭންވެގެން ހިފަހައްޓައިގެން ކެތްތެރިކަމާއިއެކު އާވާގެ ޖުމްލަ ނިމުމުގެ އިންތިޒާރުގައެވެ.
"ތިބުނީ އަހަރެމެންގެ ކައިވެނީގެ ތާރީޚު ވާހަކަތަ؟ "ރަފްހާން އަހާލިއެވެ.
"ހޫމް އެވާހަކަ..." އާވާ ބިންމަތީގައި އަޅާފައިވާ ޒަމާންވީ ދޫލައާއި ދިމާލަށް ބަލާލަމުން ދޫލަ ހާދަ މަޑުވެފައި ފްލަފީއޭ ބުނެލާއިރަށް ރަފްހާން ފުރަތަމަ ބުމަކާރިކޮށްލާފައި ދެން ހޭންފެށިއެވެ.
"އަސްލުވެސް އާވާ ވަރަށް ތަފާތު، ނޫންތަ؟ ކޮންތާކު މަޑު ފްލަފީ ދޫލައެއް އޮތީ، ބައެއްފަހަރު އަހަރެން ކޮންފިއުޒް އެބަކުރުވާ، އޯކޭ އާވާ، ވީހާވެސް އަވަހަށް ކުރީމަ ރަގަޅުވާނީ، އެކަމަކު އާވާ ތާރީޚެއް ނިންމާ....... "ރަފްހާން ބުނެލިއެވެ. އާވާ ދެކޭގޮތުން އެންމެ ރަގަޅުވާނީ ވީހާވެސް އަވަހަށް ރަފްހާންގެ އަންބަކަށް ވެގެން މިގޭގައި ހުރީމައެވެ. އޭރުން އޭނައާއި ދޭތެރޭގައި ޔާކިން ދެކޭގޮތްވެސް ތަފާތުވާނެއެވެ. ޔާކިން ފެނުނަސް އޭނަ ބިރުގަންނަނީ މާވަރަކަށެވެ. ފަހަރިއަށް ވުމުން ޔާކިންގެ އުދަގުލެއް ގައިމު ނުފޯރާނެއެވެ. އެހެންވެ އާވާ އަވަހަށް ބުނެލީ އަންނަ ހަފްތާއަށް އެކަން ނިންމާލުމަށެވެ. އެހެންބުނެލިއިރު އާވާގެ ފައިތިލަވެސް ގަނޑުފެންކޮޅަކަށްވިއެވެ.
"ކޮންކަހަލަ ވެޑިންއެއް ބޭނުމީ؟ އެހާ ފޭންސީ ނުވެއްޖެއްޔާ އަހަންނަށް މެނޭޖްކުރެވިދާނެ، އަހަރެން ހުންނާނެ ކޮންމެވެސް ވަރަކަށް ސޭވްކޮށްފައި...." ރަފްހާން ކައިވެނީގެ ހުރިހާކަމެއް ރާވަން އާވާއާއި ހަވާލުކުރަން ނިންމީ އާވާގެ ހިތަށްވެސް ހަމަޖެހުން ލިބޭނީ އޭރުންކަމަށް ވިސްނާފައެވެ.
"ހެޔޮ ކޮންމެގޮތަކަށް ގެންދިޔަސް..." އާވާ ކައިވެނި ފާހަގަކުރަން ބޭނުމެއްނޫނެވެ. މިއީ ޝައިތާނަކާއި ކޮންޓްރެކްޓެއްގައި ސޮއިކުރުންފަދަ ކަމެކެވެ.
"ޔަގީންތަ އެއްވެސް އެއްޗެއް ބޭނުންނުވާކަން..." ރަފްހާން ބުމައަރުވާލިއެވެ. "ޝީޒް ޑެފިނިޓްލީ އޮޑް" އޭ ރަފްހާން ހިތާހިތުން ކިޔާލީ ސަބަބެއް ނެތިއެއް ނޫނެވެ. ރަފްހާން ދަންނަ ގޮތުގައި އަންހެންކުދިން އެ ޚާއްސަ ދުވަހަށްޓަކާ ނިކަން ފޮނި ހުވަފެންތައް ދެކެއެވެ. ރީތި ހެދުމެއްލައި، އަތުގައި އަގުބޮޑު އަނގޮޓިއެއް އަޅާ ވީހާވެސް ބޮޑު ޕާޓީއެއް ބޭއްވުމެވެ. އާވާގެ ފަރާތުންވެސް އެތައް ކަމެއް ބޭނުންވެގެން އޮއްސާލަފާނެތީ އޭނަ ހުރީ ތައްޔާރު ވެގެންނެވެ. އެކަމަކު އާވާ އާއެކޭ ބުނުމުން ރަފްހާން ހުރީ ޝޮކެއްގައެވެ. އާދައިގެ މަތިން އޭނަގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ފިކުރުބޮޑުވާއިރު ނޫނީ ކަމަކާ ވިސްނާއިރު އެއީ ރަފްހާންގެ އާދައެކެވެ.
"ވީއިރު އާދައިގެ ގޮތަކަށް ރޭގަނޑު ކެއުމެއް ފެމިލީއަށް ދިނިއްޔާ ރަގަޅުވާނެތަ؟" ރަފްހާން އެހެން އަހާލީ ހިމޭންކަމުގެ މިނިޓަކަށްފަހުގައެވެ. އާވާ އަވަސްއަވަހަށް އާއެކޭ ބުނެލާފައި ހުރީ އެތަނުން ސަލާމަތް ނުވެވިފައެވެ. މިކުއްޖާގެ ހުންނަ މަޑުމައިތިރި ކަމެއްތާއެވެ. ގޭގައި މިހާ ދުވަސްވީއިރުވެސް ގިނަފަހަރު އާވާ އުޅޭކަން ނޭގެނީވެސް އެހެންވީމައެވެ. ގޭގައި އުޅޭ ހަންޑިކުއްޖަކުވެސް އުޅޭނީ އެހާ ފިލައިގެން މަޑުންނެވެ. ނަންނިއާއި ހުރިހާގޮތަކުންވެސް ތަފާތެވެ.
"ތިހާ މަޑުން ތިހިރީ ބިކޯޒް އައި ސައުންޑެޑް ލައިކް އެ ޗީޕްސްކޭޓް؟" ރަފްހާން ދިމާކޮށްލާފަދަ ގޮތަކަށް އެހެންބުނުމުން އާވާ ލަދުން ތުންފަތުގައި ދަތްއަޅާލަމުން ބާރަކަށް ބޯ ހޫރުވާލީ އެކަމާއި ދެކޮޅުހެދުމުގެ ގޮތުންނެވެ. ރަފްހާން މިއީ ވަރެއްގެ ފިރިހެނެކެވެ. އެއީ އާވާ ހިތަށްވެސް އެރި އެއްޗެއް ނޫނެވެ.
"ފެއަރވާނީވެސް އަހަރެން ތަންކޮޅެއް ޕްރޮޕަރކޮށް ކައިވެންޏަށް އެދުނީމަކަން ނޭގޭ، އެންޑް އެ ގާލް ޑިޒާވްސް އެޓްލީސްޓް ދިސް މަޗް....." ރަފްހާން ކުއްލިއަކަށް ކަކޫމައްޗަށް ތިރިވިގޮތަށް ޖީބުން އަނގޮޓިއެއް ނަގާލަމުން "ވިލް ޔޫ މެރީ މީ" އޭ އަހާލީ އަސަރުގަދަ ގޮތަކަށް ހިނިތުންވަމުންނެވެ. ހިތް ވިރުވާލާފަދަގޮތަކަށެވެ. މިއީ ކައިވެންޏަށް އެހުމުގައި އެންމެ ހެއްވާގޮތެވެ. އޭނަ ގަޔަށް ދޫކޮށް އޮތް ޓީޝާޓަކާއި ހަރުވާޅެއްގައި ހުރިއިރު ރަފްހާންވެސް އެފަދައެވެ. އޭނަހުރީ އޭނަ މާ ގަޔާވާ ޕިޖާމާ ލައިގެންނެވެ. ދެމީހުން ގުޅޭނީ މިހާވަރަށެވެ. ގޯންޏެއް އަނދެގެންހުއްޓަސް މަދު ފިރިހެނަކުގެ ރީތިކަން ފަނޑެއްނުވާނެއެވެ. އޭގެ ތެރޭގައި ރަފްހާން ހިމެނޭކަން ޔަގީނެވެ. އާވާ ބޯޖަހާލިއެވެ.
"ޔެސް އޯރ ނޯ؟ " ރަފްހާން ހޭންފެށިއެވެ. އެދެމީހުން އެކަމަށް އެހާ ތައްޔާރުވެފައި ނެތަސް ނޫނީ ކައިވެނިކުރަން ޖެހިލުންވެފައިވިޔަސް ރަފްހާން ބޭނުންވީ އެދޭތެރޭގައިވާ ނުތަނަވަސްކަން ކަނޑުވާލާށެވެ. ފަހުން ރަގަޅަށް އަދި ގޯސްކޮށް ދިޔަނަމަވެސް ހެވެވެ.
"ޔެ...ޔެސް...." އާވާ ރަކިވެފައި ދުރަށް ބަލާލަމުން އަތްތިލަ ދިއްކޮށްލުމުން ރަގަޅޭ ރަފްހާން ބުނެލައިފިއެވެ.
"އަހަރެން ހުރީ ޔަގީން ނުވެފައި މި އަނގޮޓި ފިޓްވެދާނެކަމަށް އެކަމަކު އިޓް ޑަޒް....." ރަފްހާންގެ ހުދުހުދު ދަތްތައް ފެންނަވަރަށް ހީނލަމުން އާވާގެ މޫނަށް ބަލާލީ އެ މޫނުން ކުޑަނަމަވެސް އުފާވެރިކަމުގެ އަސަރެއް ފެނިލާތޯއެވެ. އާވާގެ ހިނިތުންވުން އެކަމުގެ ހެއްކަކަށް ފުދުނެވެ. ރަފްހާން ހައިރާންވިއެވެ. ސާދާކުއްޖަކަށް ވިނަމަވެސް ހިނިތުންވެލުމުން މޫނުމަތި އިތުރަށް އުޖާލާކުރުވިއެވެ. އިރުކޮޅެއްފަހުން ރަފްހާން ދަނީއޭ ބުނެފާ ދާން ހިނގައިގަތީ ނޯޓްޕެޑް ހިފައިގެން ހިސާބުދެކެ ފޫހިވާވަރު އަންގަން ކޮންމެވެސް އެއްޗެކޭ ކިޔާފައެވެ. އާވާ އޭނަގެ ކަށި އިނގިލީގައި އޮތް އަނގޮޓިއަށް ހިތާހިތުން ތަޢުރީފުކުރިއެވެ. އާދައިގެ ބޭންޑެއްހެން އޮތްއިރު ކުރެހުން އަޅާލާފައިއޮތް ހުދުރަނުގެ އެއްޗެއްހެން ހީވިއެވެ. ރަފްހާންއަކީ ކޮންމެކަމެއްވެސް ހަރުދަނާކޮށް ކުރާ ޒުވާނެއްކަން އެވަގުތު އާވާ ދެނެގަތެވެ. އޭނަދެކެ ލޯބިނުވާއިރުވެސް މިކުރީ ކިހާ ބޮޑު ޚަރަދެއްހެއްޔެވެ؟
"ޕްރިޓީ...." އާވާއަށް ކިޔާލެވުނެވެ. އާވާ އެންމެ ހިތް އެދޭފަދަ އަނގޮޓި އިނގިއްޔާއި ހާދަ ގުޅެއެވެ. އާވާ ކައިވެންޏާއިމެދު ސިހި ބިރުގެންފައި ހުރިވަރު ކުޑަވިއެވެ. ކޮންމެ އަންހެންކުއްޖަކަށްވެސް އަންނާނެ ދުވަހެއްކަމާއި އެކަމުގެ ފޮނިމީރުކަން ލިބުމަށް ހިތް ބޭނުންވި ސިކުންތުކޮޅެކެވެ. ނަމަވެސް އިރުކޮޅެއްފަހުން ނުތަނަވަސްކަން ހިތަށް ވެރިވެ ބިރުގަންނާން ފެށިނަމަވެސް ކުރިއަށްވުރެ ހިތް ހަމަޖެހިފައިވެއެވެ. ފަހަރެއްގައި މިކަންތަކާ އޭނައަށް ތަންކޮޅެއް ފަސޭހައިން ކުރިމަތިލެވިދާނެއެވެ.
ކްރިމްސަން ވިލާގެ އާސާރީކަމުން ހަވޭއްޔެއްފަދައެވެ. ބިރުވެރި ފިލްމެއް ކުޅެން އެންމެ އެކަށީގެންވާ އެއް ތަނެވެ. ގޭގެ އެންމެންގެ ތާވަލް ރޭވިފައިވަނީ އެއްގޮތަކަށެވެ. ރަފްހާން ހެނދުނު ސައިބޮއިގެން އޭނަ އަމިއްލަ އަތުން ބައްޕައަށް ބޭސްދީފައި ނޫނީ އޮފީހަކަށް ނުދާނެއެވެ. ޔާކިންއަކީ ރޭގަނޑުގެ މަޚުލޫގެކެވެ. އޭނަ ނިދަން ގެއަށްވަންނައިރެއް ދަންނަމީހަކު ނެތެވެ. ދުވާލު އޮންނާނީ ނިދާށެވެ. ރަފްހާން އެއްޗެކޭ ބުންޏަސް މިހާރު ގަބޫލުކުރަނީއެއް ނޫނެވެ. އެހެންވެ ދުވާލު އެގޭތެރެއިން ޔާކިންގެ އަޑެއް ނީވެނީއެވެ. އަމީން އިންނާނީ ސިޓިންރޫމްގައި ނޫސްކިޔާފައި ޓީވީ ބަލާށެވެ. ނޫނީ އެކުވެރިއަކާއި ވާހަކަދައްކާލަން ބޭރުގައި ހުންނަ އުނދޯލިގޭގައި އިންނާނެއެވެ. ހެނދުނު ޟުހާ ނަމާދުކުރަން ކޮޓަރިއަށް ވަންނަގޮތަށް ޤުރުއާން ކިޔަވަން އިނދެލާފައި އަމީން ބޭރަށް ނިކުންނައިރަށް އާވާ ލުއި އެއްޗެއް ތައްޔާރުކޮށްލަދެއެވެ. ޖޫހާއި ބިސްކޯދު ނޫނީ މޭވާކަހަލަ އެއްޗެއް އެގަޑީގައި ދޭން ރަފްހާން އޮންނަނީ އަންގާފައެވެ. ގަޑިން ނަމާދުކުރަން އަމީން ސަމާލުކަން ދޭވަރަށް ދަރިންނަށްވެސް ނަމާދު ކުރަން ބާރު އަޅައެވެ. ނަމަވެސް ޔާކިން ކަންނެތްކަމުން ތެދުވާނީ އަސުރުވާން އުޅެނިކޮށްވެ. އަމީން ސުވާލުކޮށްފިއްޔާ އަންގާނީ އޭނަ ނަމާދު ކުރިކަމަށެވެ. އެކަން ދެނެވޮޑިގެންވަނީ އެކަނި ހެއްދެވި ފަރާތެވެ.
ނާޔާވެސް މަދުމަދުން އެގެއަށް ޒިޔާރާތްކޮށްލާނެއެވެ. އަމީން ބޭނުންވަނީ ދަރިފުޅު ކްރިމްސަންވިލާގައި މަޑުކުރުމަށެވެ. ނާޔާ ބުނާގޮތުން މިހާ މުސްކުޅި އިމާރާތެއްގައި ނުހުރެވޭނެއެވެ. އެމީހުން އުޅޭ އެޕާޓްމެންޓް މިގެއާއި ބަލާފައި ހަމަ ހަތްތަރި ފެންވަރެވެ. ނާޔާ ކްރިމްސަންވިލާއަށް ވަދެއްޖެއްޔާ އުޅޭނީ ހޫނުވާތީއެވެ. މިގޭ ފަންކާ ރަގަޅަށް ނޭނބުރޭތީ ޝަކުވާކުރާނެއެވެ. އެމީހުން އުޅޭތަން އޭސީކޮށްފައިވާކަމަށް ބުނެ ނާޔާ ފޮނި ކަނޑާނެއެވެ. ބައްޕައަށް ޔަގީންކޮށްދިނީ އެގޭގައި ތިބެނީ މަންމައާއި އޭނަ އެކަނިކަމަށާއި ނުރައްކަލެއް ނެތްކަމަށެވެ. އެކަމާ ބައްޕަ ހާސްނުވުމަށެވެ.
"ނާޔާގެ މަންމަ ދޮންބައްޕައެއް ހޯދައިފިއްޔާ ނާޔާ މިގެއަށް ގެންނާނަން...." އަމީން ދަރިފުޅުގާތުގައި ބުނެލިއެވެ.
"އެއީ ކީއްވެތަ ބައްޕާ...." ނާޔާ އެއްގޮތަކަށްވެސް އެހާ ހިތްފަސޭހަ ދުނިޔެއެއް ދޫކޮށްލާފައި މި ޖަލެއްފަދަ ތަނަށް ދެނެއް ނުވަންނާނެއެވެ. އެހެން ބުނަން އުޅެފައި ނާޔާ ފަސްޖެހުނެވެ. ބައްޕަމެންގެ ނިކަމެތިކަން އިހުސާސްކޮށްދޭން އެހާ ބޭނުންނުވީއެވެ. ބައްޕަގާތު ދައްކަން ނުވާވަރަށްވެސް ވާހަކަ ދެއްކިއްޖެއެވެ.
"ހިލޭ ފިރިހެނެއްގެ ކާރީ މަގޭ އަންހެންދަރިއަކު ނުބަހައްޓާނަން..." އަމީން ޔަގީންކަމާއިއެކު ބުނި އެއްޗަކުން ނާޔާ ހިމޭންވިއެވެ. ދޮންބައްޕައެއް ގެއަށް ގެންނަން އަދި ދުވަސް އެބައޮތެވެ. އެހާއިރަށް ފަހަރެއްގައި ބައްޕަގެ ޚިޔާލު ބަދަލުވެދާނެއެވެ. އޭނަގެ ދޮންބައްޕަ އޭނަދެކެ ލޯބިވާވަރުން އޭނަ ހުންނަނީ އުފަލުން ފުރިފައެވެ. އޭނަ ބޭނުންހާ ރީތިހެދުންތަކާއި މޭކަޕް ސާމާނު ގަންނަން ލިބެއެވެ. އަގުބޮޑު ފޯނެއް ލިބުނެވެ. ފެލެޓްސްކްރީން ޓީވީ، ވައިފައި އަދި އެޕްލް ލެޕްޓޮޕުން ފެށިގެން އެގޭގައި މަދީ ކޯންޗެއްހެއްޔެވެ؟ ބޭނުން ކޮންމެ ކާއެއްޗަކަށް އޯޑަރުކޮށްގެން ކާލަންވީއެވެ. އެހާ މުއްސަދިކޮށްއުޅޭއިރުވެސް ޔާކިން އެގެއަށް އަންނާން ދެކޮޅުހަދާތީ ނާޔާ ހައިރާންވެއެވެ. ޔާކިން އެހެންހަދާފާނެ ކަމަކަށް ނާޔާ ހިޔެއްނުކުރެއެވެ. ނާޔާ ހީކުރީ ޔާކިންވެސް ހަސަދަވެރިވީކަމަށެވެ.
ކްރިމްސަންވިލާގެ ތެރޭގައި ރަސްކަން ކުރަމުންދާ އިންތިހާ ދަރަޖައިގެ ފުން ހިމޭންކަންދެކެ އާވާ އަބަދުވެސް ބިރުގަނެއެވެ. މިގަޑީގައިވެސް އެގޭތެރެ އޮތީ ފަޅަށެވެ. މިއަދު ބަންދު ދުވަހަކަށްވާތީ ރަފްހާން އޮފީހަކަށް ނުދެއެވެ. ރަފްހާން އޭނައާއި ޔާކިންގެ އެއްޗެހި ދޮންނަން މެޝިނަށް އަޅައިގެން ހުއްޓާ އެފަރާތަށް ނުކުމެވިފައި އާވާ ހުރީ އެހީވާ ހިތުންނެވެ. އޭނަ ގަބޫލުކުރާ ގޮތުން އެއީ އަންހެންވެރިން ކުރަން ޖެހޭ މަސައްކަތެކެވެ. ނަމަވެސް އަދި ރަފްހާންގެ އަންހެނުންނަށް ނުވާއިރު އެކަމަށް އެދޭކަށް ނުކެރޭނެއެވެ. އާވާ އެނދަށް އަރާ ރަޖާގަނޑު އަޅައިގެން ލެޕް ހުޅުވާލިއިރު ކޮޓަރިއަށް ވެރިވެފައިވަނީ އަނދިރިކަމެކެވެ. އެފްބީއަށް ވަންއިރު ނާޔާ އިނީ އޭނަ އާއި އެކުވެރިވާންވެގެން ރިކްއެސްޓެއް ފޮނުވާފައެވެ. އާވާ ނާޔާގެ ޕްރޮފައިލް ހުޅުވާލިއިރު ފެންނަނީ މުޅިންވެސް ރީތި ފޮޓޯތަކެވެ. ނާޔާ އާއި އޭނަގެ މަންމަ ރިޒޯޓްތަކުގެ ރީތި ދޮންވެލިގަނޑު މަތީގައި ނަގާފައިވާ ފޮޓޯތަކެވެ. އަގުބޮޑު ހޮޓެލްގައި ކާން އިންނަތަނެވެ. އުޅޭ ގޭގެ އެކި ތަންތަން އިޝްތިހާރެއް ފަދައިން ލާފައި ހުއްޓެވެ. އެފްބީގައި ނާޔާއަކީ ހުޅުވާލެވިފައިވާ ފޮތެކެވެ. ނާޔާގެ ހެދުންތައް ވަނީ ކުރުވާން ފަށާފައެވެ. ކުރު ސޯޓުކޮޅެއްލައިގެން އިން ފޮޓޯއެއް ލާފައި އިނެވެ. ދުވަހެއް ދުވަހަކަށް ނާޔާގެ ދޮންކަމާއި ރީތިކަން އިތުރުވާހެން ހީވިއެވެ.
"މައި ބިއުޓިފުލް މަދަރ...." ނާޔާ އެއް ތަސްވީރުގައި ހިތެއް ޖަހާފައި އިނެވެ. އެތައް ބަޔަކު އެ ތަސްވީރު ރީތިވެގެން ކޮމެންޓްކުރިއެވެ.
އާވާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. އޭނަގެ މަންމަގެ ނަސީބުގެ ތަރި މެދު އުޑުގައި ވިދާ ބަބުޅަނީއެވެ. އޭނައަކީވެސް އެ މަންމަގެ ދަރިއެކެވެ. އެ ދުނިޔެއަށް އައުމަށް އޭނަ އަކަށް ދައުވަތު ނުލިބުނެވެ. އެންމެ ފަހަރަކުވެސް އެގެއަށް އަންނާށޭ މަންމަ ބުނެލާނެނަމައެވެ. ނަމަވެސް މަންމަ ދޭތެރެއަކުން ގުޅާލާފައި ކްރިމްސަންވިލާގައި ރަގަޅަށް މަސައްކަތް ކޮށްގެން ހުންނަން އަމުރުކުރާއިރު އޭނަގެވެސް ވަނީ ހިތެއްކަން މަންމައަށް ހަމަ ނޭގޭހެއްޔެވެ؟ މަންމަގެ ލޯތްބަށްޓަކާއެހިތް ފެންބޮވައިގެންފައިވާވަރު އިހުސާސެއް ނުވޭހެއްޔެވެ؟ ހިތަށް ތަދުވެގެންގޮސް އެންމެފަހުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށުމުން އާވާ ބާލީހުގައި މޫނުފޮރުވައިގެން އޮށޯތެވެ.
"އެކަކުވެސް އަހަރެންދެކެ ލޯތްބެއްނުވޭ، އެއީ ކީއްވެތަ؟ އަހަރެންގެ މަންމަވެސް ކޮއްކޮވެސް އަހަރެން ބާކީކޮށްލީ، މިދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބާތަ؟ މަރުވާނެނަމަ، އޭރުން އެންމެނަށް ފަސޭހަވާނެ....." އާވާ ސިއްސައިގެން ދިޔައީ މީހަކު ތަޅުގައި ހިފާލުމުންނެވެ.