އަމާރާ ރަފްހާން ގާތުގައި ދައްކަންފެށީ ރަފްހާންގެ މަންމަގެ ނުބައިކަމުގެ ވާހަކައެވެ. ބައްޕަ ދޫކޮށްލާފައި ދިޔަ ހަގީގީ ސަބަބު ރަފްހާންގެ ގާތުގައި އަމާރާ ކިޔާދިންއިރު ރަފްހާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބައްޕަ އެހާ ބޮޑު ސިއްރެއް މިވީހާ ތަނަށް ފޮރުވައިގެން ހުރުމުގައި ކާމިޔާބު ކުރީތީ އަޖައިބުވިއެވެ. ބައްޕަ ކުޅަދާނައެވެ. އެފަދަ ކަމެއް އާއިލާ ތެރޭގައި ހިނގާފައިވާ ކަމަށް ކިޔާއިރު އޭނަ ފަހަރެއްގައިވެސް އެއީ އޭނަގެ މަންމަ ކަމަށް ވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އެފަދަ މަންމަ އަކާއި ދުވަހަކު ބައްދަލުކުރާކަށް ރަފްހާން ބޭނުމެއް ނޫނެވެ. އުމުރުދުވަހުވެސް ދިމާނުވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. އަމާރާ ދުރުދުރުންގޮސް އާވާގެ ވާހަކަވެސް ފެށިއެވެ.

"އާވާގެ މަޑުމައިތިރި ކަމުން އާއިލީ އެހެން ކުދިންނާއި ގުޅުން ބަދަހިކުރާކަށް ނޫޅޭ، އެކުވެރިކަން ބާއްވަންވާނެ، ޕާޓީތަކަށާއި ޕިކްނިކްތަކަށްވެސް ނިކަން ގެންދެބަލަ، އާނީމެންވެސް ތިބެނީ އާވާއާއި ވާހަކަދައްކާ ހިތުން، ދައްތަމެން މިއުޅެނީ ވީކެންޑްގައި ބައްޕަގެ ފަޅުރަށަށް ކޭމްޕްކުރަން ދާން، ރަފްހާން ކޮންމެހެންވެސް އާވާ ގޮވައިގެން ދާންވާނެ....." އަމާރާ ގެ ވާހަކަތަކަށް ރަފްހާން އާއެކޭ ބުނެލީ އަމާރާއަށް ތާއީދުކުރަމުންނެވެ.

އަމާރާ ރާވާފައިވާ ޕްލޭނަށް އަމަލީ ސިފަ ގެނެވޭނީ އާވާއާއި ގުޅުން ބަދަހިކުރެވިގެންނެވެ. އަމާރާ ރަގަޅަށް ވިސްނާލާފައި ކުއްލިއަކަށް ބަދަލުވެ އާވާއަށް ހެޔޮއެދޭ މީހަކަށްވިއެވެ. އާވާ ބަލިވީކަން އެނގުނީ މާފަހުން ކަމަށާއި އެކަމާއި ވަރަށް ދެރަވެއްޖެކަމަށް ބުނެ ގެއިން ދޮންކެޔޮފަދަ އެއްޗެހި ގެނެސް ރަގަޅަށް ކައިގެން ހުންނަން ކިޔާނެއެވެ. އަމާރާ ގެންނަ އެއްޗެހި އާވާ ނުކާކަން ފާހަގަކުރެވުމުން އެކަމާ އަމާރާ ދެރަވިއެވެ. އާވާގެ ހިތް އޭނައާއިމެދު ސާފުވާނީ ކިހިނެއް ހެދީމަ ހެއްޔެވެ؟ އާވާ ބަލިވެއުޅެފައި ގަދަވިޔަސް އަދި ގައިގައި ވަރުނުޖެހޭނެކަން އެނގޭތީ އަމާރާ ގޭގެ ކަންތަކުގައި އެހީވެދިނެވެ. ކެއްކުމާއި ކުނިކަހާދިނުން ފަދަ ކަންތައް ކޮށްދޭން ފެށުމުން އާވާއަށް ކިތަންމެހާވެސް ބޮޑު ފަސޭހައަކަށްވިއެވެ. އަމާރާ އާވާގެ ގާތު އެގެއަށް އަންނަން ދައުވަތު ދިނެވެ. ރަފްހާންގެ އަންހެނުންނަށް ވުމުން ދެން އާއިލާގެ މެމްބަރަކަށްވީ ކަމަށާއި ތިމާގެ ކަމުގެ ގުޅުން ކަނޑާލަން ނުވާނެކަމުގައި ކިޔައިގެން އާވާގެ ހިތުން މަގާމެއް ހޯދިއެވެ. އެދުވަސްކޮޅު އަމީން އަނެއްކާވެސް ރާއްޖެ ތެރެއަށް ބޭސްކުރުވަން ދިޔައެވެ. އަދިވެސް މުޅިން ފައިގާ ވަރުނުޖެހޭތީ ދިވެހި ބޭސްކުރުވާށެވެ.

މާހުޖަބީންވެސް ދޭތެރެއަކުން އާވާއަށް ގުޅާފައި ޚަބަރު އަހާލައެވެ. ރަގަޅަށް އުޅެން ނަސޭހަތްތެރިވެއެވެ. ރަފްހާންފަދަ ރަގަޅު ފިރިޔަކު ނުލިބޭނެކަމަށާއި ރަފްހާންގެ ބަސް ގަބޫލުކޮށްގެން ރަގަޅަށް އުޅެން މާހުޖަބީން އެދުނެވެ. މާހުޖަބީން ހާލު އަހާލާ ކޮންމެދުވަހަކު އާވާ ބުނަމުން އައިސްފައިވަނީ އޭނަ ރަގަޅުކަމުގައެވެ. އެދުވަހު މާހުޖަބީން ގުޅިގޮތަށް އާވާ ދޮގުހަދާތީ އެކަމާއި ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

"އާވާ ބަލިވެއުޅުނު އިރުވެސް އަހަރެން ގާތުގައި ހެދީ ދޮގު، އަހަރެން މިއީ އާވާ މަންމަ، އަހަރެން ގާތުގައި ދޮގުހަދަން ޖެހޭތަ؟ ހުން އައިމަ އެންގިނަމަ އަހަރެންގެ ގާތުގައިވެސް ހުރެވިދާނެ، އަހަރެން ތިގެއަށް ވަނުމުގެ ހުއްދަ ނެތްވިއްޔަ...." މާހުޖަބީން ހުރީ ނުރުހިފައެވެ. އެދުވަހު މާހުޖަބީން އާވާއަށް މޭވާއާއި ކާއެއްޗެހި ފޮނުވިއެވެ. އާވާ ހައިރާންވިއެވެ. މަންމަ އަޅާލާކަން އަންގަންވެގެން ވާޖިބު އަދާކޮށްލީތާއެވެ.

އަމާރާމެން ފަޅުރަށަށް ދާން ދަތުރު ރޭވުމުން ރަފްހާންވެސް ހުރީ ދާގޮތަށެވެ. ނަމަވެސް އެންމެފަހު ވަގުތު މުހިއްމު ބައްދަލުވުމެއް އޮތުމުން އޭނައަށް ދެވެން އޮތީ އެއްދުވަސް ފަހުންނެވެ. ބޮޑުދައިތަ އޭނަ ގާތުން އެދުނީ އާވާ ފޮނުވާ ދިނުމަށެވެ. މިދަތުރުގެ ސަބަބުން ކުދިންގެ ގުޅުން ބަދަހިވެ އާވާވެސް މީހުންތެރޭގައި އުޅެން ދަސްވާނެކަމަށާއި އަބަދު ގޭގައި ހުރުމަކީ އެހާ ރަގަޅުކަމެއް ނޫންކަމުގައި ކިޔައިގެން ރަފްހާން އެކަމަށް ހުއްދަދިނެވެ. ރަފްހާން އޭނަގެ ކޮއްކޮ ޔާކިންއާއި އާވާ ބަލަން ހަވާލުކުރިއެވެ.
"ޔާން އަށް ވަރަށް އިތުބާރުކޮށްފައި އާވާ މި ފޮނުވަނީ، ރަގަޅަށް ބަލާދެއްޗޭ..." ރަފްހާން އެދުނެވެ.
"ނޯ ވޮރީސް ބްރަދަރ، ފަހަރިގެ ސިކިއުރިޓީ ގާޑަކަށް ހުންނާނަން...." ޔާކިން ހުރީ ހެވިފައެވެ. ރަފްހާންމެންގެ ކާފަގެ ފަޅުރަށެއް ކައިރީގައި އޮތުމުން ބާބެކިއު ހަދަން އެންމެން އެތަނަށް ދަނީކަން އެނގުމުން އާވާ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. ބީރައްޓެހިންގެ ތެރެއަށް ދާކަށް އޭނަ ޝައުގެއްނެތެވެ. އޭނަ މިދަނީ އެކަނި ރަފްހާން އަށްޓަކައެވެ. ރަފްހާން އޭނަ ބަލިވެ އޮތްއިރު ވެދިން އެހީތެރިކަން ހަނދާން ނައްތާލާފައި އެދުނު ކަމެއްގައި ކޮޅުފައިން ނުޖަހަން ވެގެންނެވެ. އެހެންމީހުންނަށް އެއީ ނިކަން ކުޑަ ކަމަކަށްވިޔަސް އާވާ ގާތު އެއީ ވަރަށް ބޮޑު ގުރުބާނީއެކެވެ. އެއީ އޭނަ އެއްގޮތަކަށްވެސް ކުރަން ބޭނުންވާފަދަ ކަމެއް ނޫނެވެ. ރަފްހާންގެ ބައްޕަގެ ފަރާތުގެ އާއިލާ އެހާ ބޮޑެއް ނޫނެވެ. އެމީހުންގެ ދަރިންނާއި އިނދެގެން އުޅޭމީހުނާއި އެކުވެރިން ދާތީ ތަންކޮޅެއް ގްރޫޕް ބޮޑުހެން ހީވަނީ އެވެ. އާވާ ދަބަހަށް އެއްޗެހި ލާން ހުއްޓާ ރަފްހާން ސަންސްކްރީން ފުޅިއާއި ފެންފައިވާން ދިއްކޮށްލިއެވެ.

"އާވާ، އަހަންނަށް ދެވޭނީ މާދަން، އޯކޭތަ؟ "ރަފްހާން އާވާގެ މޫނަށް ބަލައިލިއިރު އެމޫނުން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ.
"ވީއިރު އަހަރެންވެސް ދާނީ މާދަން، ނުދަންނަ މީހުންނާއެކީ ދަތުރުދާކަށް ނުކެރޭނެ، ރަފްހާން ދާކަމަށޭ ހީކުރީ....." އާވާ ދަބަސް އެއްފަރާތުގައި ބެހެއްޓިއެވެ.
"ނޫނޭ އާވާ، ދައްތަމެން އާވާ ގެންދާހިތުން އެތިބީ، ބައްޕަގެ ފެމިލީ މީހުން ވަރަށް ހެޔޮވާނެ، އާވާއަކަށް ދެރަގޮތެއް ނަހަދާނެކަން އަހަންނަށް ޔަގީން، އަހަރެންވެސް މާދަން ޖޮއިން ކުރާނަމޭ......" ރަފްހާން ބަލާލި ގޮތަކުން އާވާގެ ހިތް އެފުށް މިފުށަށް ޖެހުނު ފަދަ ގޮތެއްވިއެވެ. އެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވާފަދަ ފުރިހަމަ ދެލޮލެވެ. އެ ނަޒަރު ޚާއްސަވެގެންވަނީ އެކަނި އޭނައަށް ހެއްޔެވެ؟ ނޭގެއެވެ. އޭނަގެ ނަސީބު އެހާ ރަގަޅެއްނުވާނެއެވެ.
އާވާ އެއްޗެކޭ ބުނަން އުޅެފައި ހިމޭންވިއެވެ. ރަފްހާންއާއި ދެކޮޅު ހަދާކަށް ހިތް ބޭނުމެއް ނުވިއެވެ. ރަފްހާން ދެރަވެ ހިތުގައި ޖައްސާކަށް ނުވާނެއެވެ. އޭނަ ވެސް މިހިރީ މޫދަށް އެރިލާ ހިތުންނެވެ. އަމާރާ ދައްތަވެސް އާވާއަށް އެހާ ރަގަޅެވެ. ދެރައީ ކެއުމުގެ ކަންތައް ހަމަޖައްސާނެ ގޮތެއް ނެތީމައެވެ. ބަނޑަށް މަރުވިޔަސް އޭނަ ދާނީއެވެ. އެނިމުނީ ނޫންހެއްޔެވެ؟ ޕިކްނިކް ދަތުރެއްގައި އެންމެންގެ ތެރޭގައި ޔާކިން ނޫނީ އެހެން ފިރިހެނަކަށްވެސް ގޮތެއް ހަދާނުލެވޭނެއެވެ. އޭނަ ހުންނާނީ އަމާރާ ދައްތަގެ ހިޔަނިފަދައިން ޖައްސާލާފައެވެ.
އާވާ ދަތުރު ހަދަން ހުއްޓާ ރަފްހާން ފެންވަރާލައިގެން ނުކުމެ އޮފީހަށް ދާންވެގެން ފެންވަރަން ވަންނަމުން އާވާއަށް ބަލާލިއެވެ.

"އާވާ، ކަމެއްކޮށްދީފާނަންތަ؟ އަހަރެންގެ ގަމީހެއް އިސްތިރިކޮށްދީބަލަ، ކިރިޔާ ހަނދާންވީ...." ރަފްހާން ތުވާލި އެނދެލައިގެން ހުރެ ބޭރަށް ނުކުމެފައި އަލަމާރި ހުޅުވާލިއެވެ. ހެދުން ދޮވެގެން ގެނައިގޮތަށް އަދި އިސްތިރި ނުކޮށް ކުރެވުނީ އަވަދިނެތި އުޅުނީމައެވެ.
"އެއީ އެވަރުކަމެއް ނޫނެއްނު...." އާވާ ހުރީ ހެޔޮހިތުން އެކަން ކޮށްދޭށެވެ. ރަފްހާން ދިއްކޮށްލި ގަމީހުގައި ހިފާލިއިރު އެއަތްތިލައިން އާވާގެ ހަމުގައި ބީހިލުމުން އާވާގެ ނާރުތައް ހަލަބޮލިކުރުވިއެވެ. ކުރެވުނު ފޮނި އިހުސާސްގެ ސަބަބުން ލަދުގަންނަގޮތްވެފައި ރަފްހާންގެ މޫނަށް ބަލާލާކަށް ނުކެރުނެވެ. އަވަސްއަވަހަށް ނުކުމެގެން ދަމުން ރަފްހާންގެ ގަމީސް ކުޑަކޮށް މޫނުގައި ޖައްސާލައިފިއެވެ. ދޮވެލާފައިވާ އިރުވެސް ލުއި މީރުވަހެއް ހިފާލާފައި ހުއްޓެވެ. އެއީ އާނީ ބެކްޕެކް އަޅުވާލައިގެން އައިސް ބެލްކަންޏާއި އަރާހަމަވި ވަގުތެވެ. އާވާ ރަފްހާންގެ ގަމީސް މޫނުގައި ޖައްސާލާފައި ލޯމަރާލިތަން ފެނިފައި އާނީ ވީ ފޫއްސެއްގެ ބޮޑުކަމުން އަނގަޔަށް ނުބައިގޮތެއް ހަދާލިނަމަވެސް ވަރަށް އަވަހަށް މޫނުމަތި ރީތިކޮށްލައިފިއެވެ. 

"އަވާ ރެޑީ ނުވަނީތަ؟ ތިހުރިގޮތަށް ހުރެ ޓްރިޕްގައި ދަނީ؟ " އާނީ ލާފައިވާ އަތްކުރު ސްޓްރައިޕް ޓީޝާޓްކޮޅާއި ކަކުލާއި ހަމަޔަށް އޮތް ރަތްކުލައިގެ ޓައިޓްގައި އޭނަގެ ހަށިގަނޑުގެ ރީތި ވަނާތައް އިޝްތިހާރުކުރާހެން ހީވެއެވެ. މުށިކުލައިން ހައިލައިޓް ކޮށްލާފައިވާ އިސްތަށިގަނޑުއޮތީ މައްޗަށް ނަގާފައި އައްސާލާފައެވެ. ރަފްހާންއާއި އާވާގެ ކައިވެނީގެ ރަސްމިއްޔާތަށް އައިއިރު އޭނަ ހުރީ މެކްސީއެއްލައިގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިގެންކަމުން އެދުވަހު ފެނުނީ ތަންކޮޅެއް ހަރު ތަފާތު ކުއްޖެއްގެ ގޮތުގައެވެ. އެފަހުން މިވީހާތަނަށް އާނީ މިގެއަށް އަޔަސް ލާފައި ހުންނަނީ ތަންކޮޅެއް ދިގު ހެދުންތަކެވެ. އެކުއްޖާއާއި ދިމާލަށް ބަލައިލުމަކީވެސް އާވާ ބޭނުންވިކަމެއް ނޫނެވެ. ރަފްހާންއާއި ހެދި ކުޑައިރުއްސުރެން އުޅޭ ކުއްޖެއްކަން އެނގުނީއްސުރެން އާވާގެ ހިތުގައި ކޮންމެވެސް ކަހަލަ އިހުސާސެއްވެއެވެ. އާނީގެ ސްޓައިލިޝްކަން އާވާއަށް ފާހަގަކުރެވުނީ މިގޮތަށް ހެދުން އަޅާފައި ހުރުމުންނެވެ.

"ގަމީސް އިސްތިރިކޮށްލަދީފައި މިއަންނަނީ......." އާވާގެ ހިތުގައި އާނީއާއި މެދު ކުޑަ ކުޑަ ހަސަދަވެރިކަމެއް އުފެދުނެވެ. މިހާ ރީތިވެގެން އާނީ ހުއްޓާ ރަފްހާންއަށް ނުފެނުމަށް އެދި ދުޢާކުރެވުނެވެ. ރަފްހާން ފެންވަރަން ހުއްޓާ އެ ކޮޓަރިއަށް ވަދެފާނެކަމުގެ ބިރުވެސް އާވާގެ ހިތުގައި އުފެދުނެވެ.
އާނީ ބެލްކަނީގައި އަތްއަޅުވާލައިގެން ހުރެ އޭނަގެ އެކުވެރި އަންހެންކުއްޖަކަށް ގުޅާލާފައި އާވާ އެފަހުން ކްލިނިކަށް ދިޔަ ހެއްޔޭ އަހާލައިފިއެވެ. އާވާގެ ހުރިހާ ހަރަކާތަކަށް ފާރަލުމަށް އާނީވަނީ ބުނެފައެވެ. މާ ކުރީއްސުރެން ރަފްހާންއަކީ ހަޔާތުގެ ބައިވެރިޔާކަމަށް ނިންމައިގެން ހުއްޓާ އެކަން ނުވުމުން އާނީގެ ހިތުގައި އާވާއަށްޓަކާ އުފެދުނު ހަސަދައިގެ އަލިފާންކޮޅު ބޮޑުވެ މުޅި ހަށިގަނޑު ފިހިގެންދާ ވަރުވެއްޖެއެވެ. އާނީގެ އާއިލާ އެހެން ކުދިން ބުނާގޮތުން އާނީއަށް މީހަކާއި އިނދެގެން ބޮޑު ޒިންމާއެއް ނުނެގޭނެއެވެ. ކިޔަވާނިމިގެން ވަޒީފާއަށް ދާން ފެށުމުން އެފަދަ އެތައް ރަފްހާންއެއް ފެންނާނެއެވެ. ދެރައީ އާނީއަށް މާލެއަކުން ހޯދަ ހޯދާ އެފަދަ ދެވަނަ "ރަފްހާން" އެއް ނުފެނުމެވެ. އޭނަގެ އުމުރުން ތޭރަ އަހަރުއްސުރެން ރަފްހާންދެކެ ލޯބިވެވިއްޖެއެވެ. ތޭރައަހަރުވީއިރު ދިގު އިސްކޮޅެއްލާފައި ރީތި އަންހެންކުއްޖެއްގެ ގޮތުގައި އެތައް ބަޔެއްގެ ލޮލުގައި އަޅައިގެންފައިވާ ކުއްޖަކަށްވާތީ މިފާއިތުވެ ދިޔަ އަހަރުތަކުގައި އޭނަވަނީ މަޝްހޫރު ކާމިޔާބު ކުއްޖަކަށްވެފައެވެ. ފިރިހެންކުދިންގެ ސަމާލުކަން އެހާ ލިބެއެވެ. މައްސަލައަކީ އާނީގެ ހިތުގައި ރަފްހާން ނޫން މީހެއްގެ ނަން ނުވާކަމެވެ. އޭނަ ގެންގުޅޭ ކޮންމެ ފޮތެއްގައި ރެއިންގެ ނަން ލިޔެފައިވާ އަދަދެއް ނޭގެއެވެ. އެފްބީގައި ނުސީދާކޮށް އަބަދު ވާރޭދެކެ ލޯބިވާވަރު ހާމަކުރެއެވެ. އާނީ ޚިޔާލެއްގައި ހުއްޓާ އާވާ ދަބަސް ހިފައިގެން އަންނަތަން ފެނުނެނެވެ.

"އޯ އެމްޖީ، ބަލަ އަތްދިގު ސްވެޓަރުގައި މިދަނީ ފިނި ގައުމަކަށް ނޫނޭ، ބީޗަށް، ތަންކޮޅެއް ކޮމްފީ އެއްޗެއްލައިގެން އަންނަވީއެއްނު...." އާނީ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.
"އަތްކުރު ހެދުމެއް ނެތް..." އާނީގެ ރީތިކަން ކާރިން ފެނުމުން އާވާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް ހިނގާލައިފިއެވެ.
"ކުރިން ބުނިނަމަ މަގޭ ހެދުމެއް ހިފައިގެން އާދެވުނީސް، މޫދަށް އެރެން ތިގޮތަށް ހެދުން އެޅީމަ އެންމެން މަލާމާތްކުރާނެ އިނގޭ...." އާނީ ފާޑަކަށް ބުނެލިއެވެ.
ދަތުރަށް ތައްޔާރުވެގެން އެންމެން ފެރީ ޓާމިނަލުގައި މަޑުކޮށްލައިގެން ތިއްބާ ދެކުދިން އެކީގައި އަންނަތަން ފެނުމުން އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. އާވާ ލަދުން މަރުވާވަރުވިއެވެ. އާވާއަށް ހައްތާ ހީވީ އެންމެން މަލާމާތުގެ ނަޒަރަކުން ބަލަން ތިބިހެނެވެ. ބިމުގެ އަޑިއަށް ވަންނާނެނަމައެވެ. މުޅީންވެސް ބީރައްޓެހި މޫނުތަކެވެ. އަމާރާ، ޔާކިން އަދި ނާޔާ ފިޔަވާ އާވާ ދަންނަ މީހަކު އެތާގައި ނެތެވެ. މިހާރުއްސުރެން އާވާއަށް މި ދަތުރުގައި ކޮންމެވެސް ނުބަޔެއް ހިނގާފާނެހެން ހީވާން ފަށައިފިއެވެ. ސިކުނޑީގެ ކޮންމެ ސެލްއެއް އޭނައަށް އިންޒާރުކުރީ އެތަނުން ދުވެ ފިލުމަށެވެ. ފެރީއަށް އަރާފައިވެސް އާވާ ތެދުވާން އުޅުނީ ފެރީ ނައްޓާލުމުގެ ކުރިން އެތަނުން ދިޔުމަށެވެ. ނާޔާ އާވާގެ ގާތުގައި އިށީދެލާފައި ވާހަކަދައްކަން ފެށުމުން އާވާ އިށީދެ ކަނޑާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ.

"ފަހަރި ބިރުންތަ ތި އިނީ؟ ދޮންބެ ނެތަސް މިއީ ހަމަ ފެމިލީ، ރިލެކްސްވެ ބަލަ، ވަރަށް ރީތި މޫދެއް އޮތް ތަނަކަށް މިދަނީ، ޔަގީން އަވީވެސް އެންޖޯއި ކުރާނެކަން، ތި ކަޓުކަން ފިލުވާލާ ތަންކޮޅެއް ސިޓީ ލައިފަށް އަވީވެސް ހޭނެން ވެއްޖެއެއްނު......." ނާޔާގެ ވާހަކަތަކުން އާވާގެ ހިތަށް އަސަރުކުރިއެވެ. އޭނަގެ ކޮއްކޮވެސް މަލާމާތްކުރަނީއެވެ. މަޖުބޫރުން ތަންތަނަށް ގެންދަން ހަމަޖެހޭ ހެއްޔެވެ؟ ރަފްހާންއަށް ގުޅަން ހިތަށްއަރާފައިވެސް އާވާ ހިތްވަރުކުރަން ގަސްތުކުރިއެވެ.

އެމީހުން ދަތުރުއައި ރަށުގެ މޫދާއި ހުދު ދޮންވެލިގަނޑު ބަޔާންކުރަން ދަތިވާހާ ރީއްޗެވެ. ކުދި ރިބަން ރާޅުތައް ދޮންވެލިގަނޑުގައި ބޮސްދެމުންދާއިރު ދޫނިތަކުގެ ލަވަޖެހުމުން ފަޒާގެ ހިމޭންކަން މުގުރާލާފައިވެއެވެ. އެންމެން އަވަސްވެގަތީ މޫދަށް އެރުމަށެވެ. އާވާ ތަންކޮޅެއް ހަރު އަންހެންވެރިން ގާތުގައި އެއްގަމުގައި އިންނަން ފެށުމުން އަމާރާ އާވާ މޫދަށް އެރެން ބާރުއެޅިއެވެ. އެހެން ޒުވާންކުދިން ފަދައިން މަޖާކުރަން ދާން އެދުނެވެ. ނަމަވެސް އާވާގެ ޝައުގެއްނެތެވެ. ނުދާން އުޅެނިކޮށް ކުއްލިއަކަށް ގްރޫޕެއްގެ އެންމެންވެގެން އާވާ ނަގައިގެންގޮސް ފުންތަނަށް އެއްލާލީ އާވާއަށް ފަތަން ނޭގެޔޭ ކިޔަކިޔާ އޮތްވައެވެ. ޔާކިންއާއި އެހެން ފިރިހެނުން އޭނަގެ ގައިގާ އަތްލީތީ އާވާ ރުޅިގަދަވެގެންގޮސް މޮޔަވާވަރުވިއެވެ. ނަމަވެސް ގަދަހެދޭނެ އެއްވެސް ގޮތެއްނެތެވެ. މިމީހުންނާއިއެކު އުޅުމަށްވުރެ މަރުވިޔަސް ހިތަށް މާ ފަސޭހައެވެ. އާވާއަށް ކޮންމެވެސް ވަރަކަށް ލޮނުބޮވުނަސް ހާވައިގެން މައްޗަށް އެރުމުން ޔާކިން އާވާގެ އަތުގައި ހިފިއެވެ.

"ދުރުގައި ހުރޭ...." އާވާ ހަޅޭއްލަވައިގަތެވެ.
"ސަލާމަތްކޮށްދޭން އުޅުނަސް ދެން ހާދަ ތުއިވާ ކުއްޖެކޭ، ދޮންބެ މަށަށް އަންގާފައި އޮތީ އާވާ ރަގަޅަށް ބަލާދޭން، އެހެންވީމަ ދެކޮޅުހެދިޔަސް މަގޭ ޑިއުޓީ ބަރާބަރަށް އަދާކުރާނަން...." ޔާކިން ހިނިގަނޑެއް ޖަހާލައިފާ އާވާ އަދިވެސް ކާރިކޮށްލިއެވެ. އެހެން ޒުވާނަކު އަޑިން ދަމުން އާވާގެ ފައިގައި ހިފެހެއްޓިއެވެ. އެންމެންގެ ފަރާތުން ލިބުނު ކުދި އުދަގޫތަކަކީ ހަގީގަތުގައި އާނީ އެންމެން ގެ ގާތުގައި އާވާއަކީ މޮޔަކުއްޖެއްކަމަށް ލޭބަލްކޮށްލާފައި އޮތުމުން ދިމާވެގަތް ކަންތައްތަކެވެ. ކޮންމެ ޒުވާނަކުވެސް އަންހެންކުއްޖަކުވެސް ބެލީ އާވާއަށް ޖެއްސުމެއް ކޮށްލާށެވެ. ރުޅި އަރުވާލާށެވެ. އެންމެފަހުން އާވާގެ ފައި ގޮނޑުދޮށުގައި ބީހުމާއިއެކު ދުއްވައިގަތީ އެއްގަމާއި ދިމާލަށެވެ. 

"އަވީ މަޑުކޮށްބަލަ، އެންމެން ސަކަރާތްޖަހާއިރު އެކަން ސީރިޔަސްކޮށް ނަގާކަށް ނުވާނެ..." ނާޔާ ހައިރާންވިއެވެ. އާވާ ހާދަ ފާޑެއްގެ ކުއްޖެކެވެ. އޭނައާއި ސަމާސާއެއް ކޮށްލެވޭކަށްވެސް ނޯންނަނީ ހެއްޔެވެ؟ ނާޔާގެ ގައިގާ ހިފައިގަނެގެންވެސް އެމީހުން އުޅުނެވެ. އޭނަ ގަދަކަމުން މޫދަށް ލިއެވެ. އަޑިންގޮސް ފައިގާ ހިފާ ދަމައިގަންނާނެއެވެ. އެއީ މީހަކު ރުޅިއަންނަންވާވަރުގެ ކަމެއް ނޫނެވެ. އާވާ އެދިޔަގޮތަށްގޮސް ގަހެއްގެ މޫގަނޑުމައްޗަށް ތިރިވިގޮތަށް ކަކުލުގައި ބޯޖައްސާލިއެވެ. ހިތް ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. މޭގައި ރިއްސާލިގޮތަށް ނޭވާނުލެވުނު ހިނދުކޮޅެއް ދިޔައެވެ. ދެރަވެގެންގޮސް ބުދެއްހެން އެތާ އިންދާ އޭނަ ސިހުނީ އާމާރާ ކާން ހިފައިގެން އައިސް ގޮވީމައެވެ.

"އާވާ، މިހިރީ ނޫޑުލްސް، ކުދިންނާއި ސަކަރާތް ޖަހަން އުޅެފައި އާވާ ރުޅިއައިސްގެން ފިލިގޮތަށް އެމީހުންގެ ކާރިއަށް ނުދާން ތިއިނީ ދޯ، އެމީހުން ހާދަ މަޖަލެއް އެބަކުރޭ، ބޯޅަކުޅެ ޖެޓްސްކީ ދުއްވާ ގަނޑެއް އެބަ ގަނެލާ، ގަދަކަމުން މޫދަށް ލިޔަސް އެކަމާ ދެރަވާނެކަމެއް ނެތް، އެހުރިހާކަމެއް އެކުރަނީ ނުބައި ނިޔަތެއްގައެއް ނޫން، ސަކަރާތްޖަހާ ހިތުން އެކުދިން ކުރާ ކަންތައް އެއީ، އާވާ، ދެން ކައިގެން ހިނގާ، ޓެންޓް ޖަހާ އަދި މިރޭ ބާބެކިއުވެސް އޮންނާނެ، އެހެންނޫނަސް ހެދުނު ރަފްހާންވެސް އަންނާނެއްނު ދޯ....." އަމާރާ ވާހަކަދެއްކީ ހުރިހާކަމެއް ހަމަޖައްސަން ބޭނުންވާފަދަ ގޮތަކަށެވެ. ނަމަވެސް އާވާގެ ހިތް އެކަމާއި އެއްބަހެއް ނޫނެވެ. އެއިން ކޮންމެ މީހަކު އޭނައަށް ފެނުނީ ސާމީގެ ގޮތުގައެވެ. ސަމާސާއަކަށް ހަދާފައިވެސް އޭނަގެ ގައިގެ އެއްވެސް ތަނެއްގައި އަތްލުމުގެ ހައްގު އެއްވެސް މީހަކަށް ނެތެވެ. ޔާކިންވެސް ހާދަ ގޮތްކުޑައެވެ. ބޭބެގެ އަންހެނުންކަން އެނގިހުރެ ގަސްތުގައި އޭނަގެ ގައިގާ ހިފައިގަނެ އެއުޅުނީ މީހަކު ރުޅިނާންނަ ފަދަ ގޮތަކަށް ނޫނެވެ. މޫދުތެރޭގައި އެހިނގި ކަންތައްތަކަކީ އާވާ ދުވަހަކު މާފުކުރާނެ ކަންތަކެއް ނޫނެވެ.

އާވާ ޖެހިލުންވެފައި އިނދެ ކާންފެށިއެވެ. ރަފްހާން މަތިން އޭނަ ވަރަށް ހަނދާންވިއެވެ. ރަފްހާން ހުރިނަމަވެސް އުޅޭނީ އެގޮތަށް އަންހެންކުދިންނާއި ސަކަރާތްޖަހާ އެންމެންގެ ގަޔަށް އަތްލަމުން ހެއްޔެވެ؟ އޭނަ އައިއިރުވެސް ނާޔާ އޮތީ ކޮންމެވެސް ޒުވާނެއްގެ ކޮނޑަށް އަރާފައެވެ. ރަގަޅަށްވިއްޔާ އެވާނީ ކޮންމެވެސް މީހެއްގެ ލޯބިވެރިޔެއް ނޫނީ ފިރިޔަކަށެވެ. އާވާ އެފަހުން އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވިއެވެ. ފަޔަށް ތަދުވާކަމުގެ ބަހަނާ ދައްކާލާފައި އޭނަ އިނީ އަމާރާ ގާތުގައެވެ. އެހެން އިންއިރު ޑާކްނައިޓްއަށް ދޭތެރެއަކުން މެސެޖްކޮށްލައެވެ. ހިނގާދިޔަ ހާދިސާތައް ކިޔާދޭން އުޅެފައިވެސް އޭނަ މާކަންތައް ބޮޑުކުރަނީއޭ ހީވެދާނެތީ އާވާ އެވާހަކަ ބުނަން ފަސްޖެހުނެވެ. އެކަމަކު ޑާކްނައިޓްގެ ޚިޔާލެއްވެސް އެނގިދާނެތާއެވެ. މިފިރިހެނުން އުޅޭގޮތާއި މެދު ޑާކްނައިޓް ދެކެނީ ކޮން ގޮތަކަށް ތޯ ސުވާލު ކުރެވިދާނެއެވެ. ޑާކްނައިޓް ގާތުގައި ހުރިހާ ވާހަކައެއް ކިޔާދީ ނިންމާލިއިރު ޔާކިންގެ ވާހަކަވެސް އާވާ ތަފްސީލުކޮށް ކިޔާދީފިއެވެ. އެކަމާއި ވަރަށް ހިތްހަމަނުޖެހި ހިތްހަލާކުވެފައިކަމަށް ޑާކްނައިޓް ބުނެލިއެވެ. 

"ޕްރިންސެސްގެ ހަޒްބެންޑް ތިއީ ކޮންކަހަލަ މީހެއްތަ؟ އޭނައަށް އެވަރު ނުވިސްނޭތަ؟ ދެންވެސް ގުޅާފައި ކިޔާދީބަލަ...." ޑާކްނައިޓް ކިޔަން ފެށިއެވެ. އާވާ ބުނީ ފިރިމީހާ ގާތު އެހާ ޝަކުވާކުރަން ބޭނުން ނުވަނީ ކަމުގައެވެ. އެއީ ރަގަޅު ޒުވާނެއްކަމުގައެވެ. ނަސީބަކުން ފަހުން އެމީހުންގެ ފަރާތުން އުދަގުލެއް ނުފޯރިއެވެ. ނަމަވެސް އެއްފަހަރު އާނީ ކޮންމެވެސް ވާހަކަތަކެއް ދައްކާފައި އޭނައާއި ދިމާލަށް އިޝާރާތްކޮށްލުމުން އެންމެން ހީގަތްތަން ފެނިފައި އާވާގެ ހިތަށް އެތައް ކަށިތަކެއް ހަރާލެވުނުހެން ހީވިއެވެ. އޭނައަށް މަލާމާތްކޮށްފައި ދުނިޔެވެސް ހެމުން ދާކަމުގައި ހީވިއެވެ.

އިރުއޮއްސުނުއިރު ފޭލިގެތައް ޖަހާފައި އަލިފާން އެންދުމުގައި އެންމެން އުޅޭތަން ފެނެއެވެ. އާވާ ހުރީ ކޮންމެވެސް ހަރު އަންހެނެއްގެ ފަހަތުގައި ޖައްސާލާފައި ކަމުން ޒުވާނުންނަށް އާވާއަށް އުދަގޫކުރާނެ ފުރުސަތެއް ނުލިބުނެވެ. ނިދަން އެންމެން ފޭލިގެތަކަށް ބަހާލިއިރު އާވާ ބޭނުންނުވިޔަސް އޭނައާއި ނާޔާ އަދި އާނީއަށް ތިބެންޖެހުނީ އެއް ފޭލި ގޭގައެވެ. އެކަމާއި ހުރެ އާވާވަނީ ބިރުގެންފައެވެ. އެކުދިން ނިދާފައި ތިއްބާ މީހަކު ނުވަންނާނެ ހެއްޔެވެ؟ އިރުކޮޅެއްފަހުން ޑީޖޭ ޖައްސާލައިގެން އެންމެން އަޑުގަދަކުރަން ފެށިއެވެ. އާނީއާއި ނާޔާ ފޯނުގެ އަލީގައި ތާސްކުޅެން ތިއްބާ ޔާކިން އެކުދިންނަށް ދޭން ކޮފީ ހިފައިގެން އައެވެ. ނަށާލަން އެފަރާތަށް ދާން ޔާކިން އެކުދިންނަށް ދައުވަތު ދިނެވެ. އާވާވެސް ހޭލާ އޮންނަން ބޭނުންވާތީ ޔާކިން ދިން ކޮފީތަށީގައި ހިފާފައި ކޮފީ ބޯންފެށިއެވެ. ޔާކިންގެ ފަހަތުން ނާޔާއާއި އާނީ ނުކުމެގެން ދިޔުމުން އާވާ އެކަނި އިންނަން ނުކެރިގެން ތެދުވާން އުޅޭއިރަށް ބޮލަށް އެނބުރުން އަރާ އަރިއަޅާލާކަހަލަ ގޮތެއްވިއެވެ. އޭރު މިޔުޒިކްގެ އަޑުގަދަކަމުން ހީވަނީ ބޮލުތެރޭގައި އެއްޗަކުން ތަޅާހެނެވެ. އޭނަ ހުރިތަނަށް ތިރިވިތަނާ ކަޅު އަނދިރީގެ ތެރޭގައި ހިޔަންޏެއް ފަދައިން މީހަކު ފޭލިގޭގެ ފޮތިގަނޑު އެއްފަރާތްކޮށްލާފައި އެތެރެއަށް ވަނެވެ.

"ޝްޝްޝް...." އެމީހަކު މަޑުމަޑުން އާވާގާތު ކުޑަކަކޫ ޖަހާލިތަން ފެނިފައި އާވާ ގަދަކަމުން ލޯ ހުޅުވާލަން އުޅުނީމަ އެކަމެއްނުވިއެވެ.
"ތިއީ ކާ...ކާކުތަ..." އާވާގެ ހުރިހާ ހިއްސެއް ނެތެމުންދާއިރުވެސް ބިރުވެރިކަން އިންތިހާއަށް ބޮޑުވެ އޭނަގެ މުޅި ހަށިގަނޑު ރޫރޫއަޅަންފެށިއެވެ. ބިރުން ހިތްވިރިގެން ހިނގައިދާފަދަ ވަގުތުކޮޅަކަށްވިއެވެ.

ކޮމެންޓް 0