ރަފްހާން ގަސްތުކުރީ ދޮރާށި ދޮށަށް ނުކުމެލާށެވެ. ނޫނީ މަސަލަސްކުރަން ވެއްޖެއްޔާ އޭނަވެސް މޮޔަވެދާނެހެން ހީވާންފަށައިފިއެވެ. އެ ޚިޔާލުގައި ހުރެ ކުރިއަށް ފިޔަވަޅެއް އެޅިތަނާ އާވާ ފަހަތުން އައިސް ރަފްހާންގެ ބުރަކަށްޓައް އެތިފަހަރެއް ވީއްލާލައިފައި ގަމީހުގައި ހިފާ ލައްކިއެއް ޖެހިއެވެ.
"އާވާ، ކިހިނެތްތިވަނީ، މައިތިރިވެބަލަ...." ރަފްހާން އާވާއާއި ދިމާލަށް އެނބުރުނެވެ. އެވަރުންވެސް އާވާގެ ރުޅި ފިނިވާގޮތެއްނުވިއެވެ. އޭނަ ރަފްހާންގެ ގަމީހުގެ ގޮށްފަތީގައި ހިފާ ދަމައިގަތީ ދަތްތަކަށް ބާރުލާފައެވެ.
"ހިތަށް އެރިހާގޮތަކަށް ނެހެދޭނެ......" އާވާ ރަފްހާންގެ އަތުގައި ވިކަވިކާފައި ތަދުކޮށް ނުލެވުނުހެން ހީވެފައި ރަފްހާންގެ މޭމަތީގައި ދެއަތުން ތަޅައިގަތެވެ. އާވާ ރުޅިގަދަވެފައި ހުރިއިރު އަތުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގެއެވެ.
"އިނަފް...." އެންމެފަހުން ރަފްހާން އާވާގެ ދެއަތުގައި ހިފަހައްޓާލި ގޮތަށް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އާވާގެ ބޮލަށް ސަވާރުވެފައިވާ ޝައިތާނާ ފޭބީ ދެނެވެ. ރަފްހާންގެ ދެލޮލަށް ބަލާލުމާއިއެކު ދުވަހަކު ނުގަންނަހާ ބޮޑަށް ލަދުގަތެވެ. އޭނަ އުޅުނުގޮތް ރޭކާލީ އަދި ކިރިޔާއެވެ.
"އާވާ މާ މައްޗަށް ތިދަނީ، އަހަރެން ވަރަށް ކެތްކޮށްފިން އާވާ އުޅޭގޮތާއި މެދު އެއްޗެއް ނުބުނަން، އަހަރެންވެސް ގަބޫލުކުރަން މިއީ ނަމެއްގައި ކުރެވުނު ކައިވެންޏެއްކަމާއި ދެމީހުން ކޮންމެހެން ގާތްވާކަށް ނުޖެހޭނެކަން، ނަމަވެސް ކުރިންވެސް ބުނިފަދައިން އެކީގައި އުޅެންޏާ ބައެއްފަހަރު ބޭނުންނުވިޔަސް ކަމެއްކުރެވިދާނެ، އެހެނޭ ކިޔާފައި އެކަކު އަނެކަކު ތަޅާމަރަންވީއެއް ނޫން ދޯ، އެއީ އަހަރެން ގަބޫލުކުރާ އުސޫލެއްނޫން، ވިސްނޭމީހުންގެ ގޮތަކީ ރުޅިއަންނަ އިރަށް ގަޔަށް އަތްލުމެއް ނޫން، ވާހަކަދައްކައިގެން ހައްލުކުރަންވާނީ، އާވާ ބޭނުންނުވަންޏާ ދެން އަހަރެން ދުރުން އުޅެދާނަން، އޯކޭތަ......." ރަފްހާން އާވާގެ އަތުން ދޫކޮށްލިއިރު އާވާ ހުރީ އެސްފިޔަ ޖަހާލަން ނޭގިފައެވެ.
ރަފްހާން ދޮރާށިދޮށަށް ނުކުމެފައި ހުއްޓާ ވާރޭ ކަނިޖަހަން ފެށުމުން އެންމެފަހުން އެތެރެއަށް ވަންއިރު އާވާ އިނީ އެތާހުރި ގޮނޑިއެއްގައި އިށީދެލައިގެން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިގެންނެވެ. ރޮނީކަމެއް ނުވަތަ ނޫންކަމެއް ރަފްހާން އަކަށް ނޭގުނެވެ. ރަފްހާން އުނދޯލީގައި ޖައްސާލީ ކޮންމެހެން ނިދާކަށް ނޫނެވެ. އޭނަ ދޭތެރެއަކުން ޔާކިންގެ ފޯނަށް ގުޅިއެވެ. ރަފްހާންއަށް އާވާ އެހެން އިންނާތީ އުދަގޫވެގެން އާވާ ގާތު އޮށޯވެލަން އައުމަށް އެދުނެވެ. އާވާ އަޑުއިވޭކަމަކަށް ނެހެދިއެވެ. އެންމެފަހުން ބޯކޮށް ވާރޭވެހެން ފެށުމުން ހީވީ ނާނާއެއް އަޅުވާލިހެންނެވެ. ރަފްހާންގެ އެސްފިޔަތައް ބަރުވާން ފެށިއެވެ. ރަފްހާން ހޭލެވުނުއިރު ކަންނޭލުގެ ބަދަލުގައި ބައްދާލައިގެން އޮވެވުނީ އާވާގެ ގައިގައެވެ. އާވާ ވަރުބަލިވެގެން ރަފްހާންގެ ގާތަށް އަންނަން މަޖުބޫރުވީތާއެވެ. ރަފްހާން ގަޑިބަލާލިއިރު ފަތިހު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. ރަފްހާން އާވާއަށް ގޮވާ ހޭލެއްވިއެވެ. އާވާހުރީ ރަފްހާން އާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. ރަފްހާން ޔާކިންއަށް ގުޅަންފެށިއެވެ.
ނަސީބަކުން އެގަޑީގައި ޔާކިން ދޮރުހުޅުވާލާފައި އޭނަގެ ބޭބެއަށް އާއަހަރުގެ ތަހުނިޔާ ކިޔެވެ. އޭނަގާތު ނުބުނެ އާއަހަރު ފާހަގަކުރަން ދިޔައީތީ ޝަކުވާކުރިއެވެ. އާވާ ވިދުވަރެއްހާ ހަލުވިކޮށް ސިޑިން އަރައިގެން ދިޔައީއެވެ.
މާހުޖަބީން ބާޒާރުކޮށްލަން ދަމުން "ކްރިމްސަންވިލާ" އާއި އަރާހަމަވެފައި ނޭގޭ ބާރެއްގައި އެގެއަށް ދަމާލިހެން ހީވިއެވެ. ހަޔާތުގެ އެތައް އަހަރެއް ހޭދަކޮށްފައިވާ އެގެ ފެނުމުން ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ހިތުގައި ހޭލައިގަނެ އެގެއަށް ވަންނަ ހިތްވިއެވެ. އެގެއަށް ކޮންމެ ފަހަރަކު ވަދެލެވެނީ އާވާ ދެކިލުމުގެ ބަހަނާގައެވެ. ހަގީގަތުގައި މާހުޖަބީން މިގެއިން ދުރަށް ދާން ބޭނުން ނުވަނީއެވެ. އެގެ ދޫކޮށްލާފައި ދެވުނުކަމުގެ މޮޔަވެސް ހީވިއެވެ. ކިތަންމެ ރީތި އެޕާޓްމެންޓެއް ލިބުނަސް މީހާގެ ހަޔާތުގެ ބޮޑުބައި ވޭތުވެގެން ދާތަނަށް ހިތްޖެހެނީކަން ނޭގެއެވެ. މާހުޖަބީން ސަލާމް ގޮވާލާފައި ވަނީ މިއަދު އާވާ ނޫން މޫނެއް ދެކެލާ ހިތުންނެވެ. އޭނައާއި އަމީން ދިމާނުވަނީ ކީއްވެހެއްޔެވެ؟ އަމީން ނޫޅެނީ ހެއްޔެވެ؟ ޚިޔާލުތަކެއްގައި ހުރެފައި ވަންއިރު އާވާ ހުރީ ޓީވީ ރެކް މަތީގައިވާ ފްރޭމްތައް ސާފުކުރާށެވެ. އާދައިގެ މަތިން ގަޔަށް ދޫ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ހުރިއިރު މޫނުމަތިވަނީ މިލާފައެވެ.
"އާވާ އަހަރެން ބުނީމެއްނު ވަޒީފާއަކަށް ދާން ފަށާށޭ، ކަހަނބު ސްޕީޑްގައި ކޮންމެވެސް ތަނެއްގައި އަތްހާކަން އަދި ހުއްޓަސް މީހާއަށް ކުރިއެރުމެއް ނުލިބޭނެ، ތިހެން އުޅުނީމަ ކިހާ ކަޑަ، ކޮބާތަ ރަފްހާން....." މާހުޖަބީން ގެ ލޯ އެތަން މިތަން ހޯދާލިއެވެ.
"އޮފީހުގައި...." އާވާ ކުރު ޖަވާބެއްދިނެވެ.
"ނޫނީ އާވާ އަވަހަށް ދަރިއެއް ހޯދަންވީނު..." މާހުޖަބީން ބިރުގަންނަނީ އާވާ އުޅޭގޮތަކުން ރަފްހާން އާވާ ވަރިކޮށްފާނެތީއެވެ. ދަރިއެއް ހުރެއްޖެއްޔާ އާވާގެ ފައިގައި ކަސްތޮޅު އެޅިދާނެއެވެ.
"އަހަރެން ނިދަނީ އެހެން ކޮޓަރިއެއްގައި، އަހަރެން ބޭނުން ނުވަނީ ރަފްހާންއާއި އިނދެގެން އުޅެން، މިއުޅެނީ ވަރިވާން......." އާވާ ރުޅިގަދަވާގޮތްވިއެވެ. މަންމަ ގާތުގައި އޭނައާއި ރަފްހާންގެ އެއްވެސް ގުޅުމެއް ނެތްކަން އަންގަން އާވާ އެހާވަރަށް ބުނެދިންއިރު ހިތަށް ކޮންމެވެސް ކަހަލަ އަސަރުތަކެއްކުރިއެވެ. ރަފްހާންގެ ރަގަޅުކަމާއިމެދު މިފަހަކަށް އައިސް ވިސްނެނީއެވެ. ސާމީފަދަ ގޮތްކުޑަ ފިރިހެނަކާއި އެއްވެސް ގޮތަކުން ރަފްހާންއާއި އަޅާ ނުކިޔޭނެއެވެ.
"ނުބައި ނުލަފާ ކުއްޖާ....." މާހުޖަބީން ގެ އަތުގެ ދިލަ އެތިފަހަރެއް އާވާގެ ކަންކަށިމައްޗަށް އެރިއެވެ.
"މަންމާ......." އާވާ މޫނުގައި ފިރުމާލަމުން ގޮވާލިއެވެ. އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟
"މަށަށް މަންމަ ނުކިޔާށޭ ބުނާނީ ކިތައްފަހަރުތަ؟ ދުވަހަކު ބުނާގޮތަށް ހަދަނީއެއް ނޫން، އަދި ރަފްހާން ގާތުން ވަރިވާން އުޅޭއިރު ދެން މަތިން ފައިބައިގެން މާ މޮޅު މީހަކު އަންނާނީތަ؟ ރަފްހާން ވަރިކޮށްފިއްޔާ އިންނާނެ މީހަކު ވާނީއެއް ނޫން، މިހާރު މިގެއިން ނުކުމެގެން ދޭ، އަހަރެން ބޭނުމެއްނޫން އިތުރަށް ބަދުނާމުވާކަށް...." މާހުޖަބީން އާވާގެ އަތުގައި ހިފާ ދަމަން ފެށުމުން އާވާ ތިހެން ނަހަދާށޭ މަންމާއޭ ކިޔާފައި ބިރުން ގަދަ ދައްކަން އުޅުނެވެ.
"މަގޭ ދަރިއެއްކަން ދުނިޔެއަށް އެނގިދާނެތީ ލަދުގަންނަނީ ތިހެންވެ......" މާހުޖަބީން އާވާ ކޮށްޕާލުމުން އޭނަގޮސް ޖެހުނީ ކޮންމެވެސް މީހެއްގެ ފައިބުޑުގައެވެ. މާހުޖަބީންގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. އަމީން ހުރީ ދޮރުމަތީގައި ނުރުހުމުގެ ނަޒަރަކުން ބަލާށެވެ. އަމީން އެގޮތަށް ދެފައިމައްޗަށް ކޮޅަށް ހުރެދާނެ ދުވަހެއް އައިސްދާނެކަމަށް މާހުޖަބީން ހިޔެއް ނުކުރެއެވެ. އަމީންއަށް އެއްވެސް އެއްޗެއް އަޑުއިވުނުބާވައެވެ.
އަމީން އާވާ ބިންމަތިން ނެގިއިރު އާވާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. އަމީން އާވާ ގަޔާއި ކާރިކޮށްލީ ބައްޕައަކު ހިމާޔަތްދޭފަދަ ގޮތަކަށެވެ.
"އަމީން...." މާހުޖަބީންގެ މޫނަށް ހުރިހާ ލޭތަކެއް ޖަމާވިއެވެ.
"ވީއިރު އާވާއަކީ މާހުޖަބީންގެ ދަރިއެއްތާ...." އަމީން ބުނެލިއެވެ.
"ނު..ނޫން...." މާހުޖަބީން އެއްޗެކޭ ބުނަން އުޅުމުން އަމީން އަތްއުފުލާލިއެވެ.
"އިތުރަށް އަހަންނަށް އޮޅުވަން އުޅުމުގެ ބޭނުމެއް ނެތް، މާހުޖަބީން އަހަރެންގެ ހަޔާތަށް ފުރަތަމަ އައީވެސް ދޮގުތަކެއް ހަދައިގެން އަހަންނަށް އޮޅުވާލައިގެން، ދަރިއެއްނެތް މީހެއްކަމަށް ބުނީ، ތިމާގެ ކުޑަ އަންހެންދަރިއަކު ހުއްޓާ އެދަރިފުޅު އެއްލާލައިފައި އައިގޮތަށް އެތައް އަހަރެއްވީފަހުން އެކުއްޖާ ގެއަށް ގެނައީ ދައްތައެއްގެ ދަރިއެކޭ ކިޔާފައި، ދޮގެއްގެ މައްޗަށް ހަޔާތެއް ބިނާ ނުކުރެވޭނެ، އެހެންވެކަން ނޭގޭ މާހުޖަބީން އަހަންނާއި ދުރަށް ދާން މިންވަރު ކުރެއްވީ، މިހާތަނަށް އަހަރެން މާހުޖަބީންގެ ގާތު މިގެއަށް ވަންނަން މަނާކޮށްފައެއް ނުވާނެ، ނަމަވެސް މިގޭ ހަތަރުފާރުން އެތެރޭގައި އަހަރެންގެ ފިރިހެންދަރިފުޅުގެ އަންހެނުން ގަޔަށް އަތްލައިގެން މާހުޖަބީން އެ ދަރިފުޅުގެ ހުރުމަތް ކަނޑާލައިފިކަމަށް އަހަރެން ދެކެނީ، މީގެފަހުން މިގެއަށް ވަނުމުގެ ހުއްދައެއްނެތް، އަޑުއިވިއްޖެތަ؟ މިތަނުން ނުކުމޭ....." އަމީން ގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރެއް ނުފެނުނަސް އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައިކަން ގައިމެވެ.
"އަމީން، ތިކުއްޖާގެ ނުބައިނުލަފާކަން ހަމަ ނޭގެނީތަ؟ " މާހުޖަބީން ލަދުގަންނަގޮތްވިއެވެ.
"އެއީ އަހަރެން ބަލަންޖެހޭކަމެއް ނޫން، އެކަމުގައި ގޮތެއް ނިންމުމުގެ ހައްގު އޮންނާނީ އެކަނި ރަފްހާންއަށް، މިތަނުން ދާށޭ ބުނެފީމެއްނު...." އަމީން ދޮރު ހުޅުވާލާފައި ދާން މަގުދެއްކިއެވެ. އާވާގެ ހިތަށް އެކަމުން ކުޑަ އުފަލެއް ލިބިފައިވެސް މަންމައާއިމެދު ހަމްދަރުދީވިއެވެ. މަންމަ އޭނައާއި ދޭތެރޭގައި ކިތަންމެ އިހާނެތިކޮށް ހިތިކަމުގައިވިޔަސް މަންމަވާނީ މަންމައަށެވެ. އޭނަ މަންމައާއި ޖަދަލުކޮށް ޒުވާބު ނުކުރަނީވެސް މައިމީހާކަމުގައި ވާތީއެވެ. އިހުތިރާމްކުރީވެސް އެހެންވީމައެވެ. ނަމަވެސް ހައްދުން ބޭރުވުމުން އާވާ މަންމައާއިއެކު މިތަނުން ދާކަށް ބޭނުމެއް ނޫނެވެ. ހަގީގަތުގައި ކްރިމްސަންވިލާއިން އޭނައަށް އެހެން ތަނަކުން ނުލިބޭފަދަ ސަލާމަތްކަން ލިބިފައިވެއެވެ.
މާހުޖަބީން ކާރަށް އެރިއިރުވެސް މޫނު ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. އާވާގެ ދިފާއުގައި އަމީން ވާހަކަދެއްކީ ކޮންމެހެން އާވާއަށް ހެޔޮއެދިގެން ނޫނެވެ. މާހުޖަބީންދެކެ އައިސްފައިވާ ރުޅިއާއި އިހުސާސްތައް އެވަގުތު ބޭރުކޮށްލީއެވެ. އެގެއަށް ނުވަންނާށޭ ބުނާނެ ދަނޑިވަޅަކަށް ބަލަބަލާ ހުއްޓާ އަމީންއަށް ފުރުސަތެއް ލިބުނީއެވެ. މުޅި އުމުރަށް އޭނަ އެގެއަށް ވަނުން މަނާކުރީއެވެ. ނަމަވެސް އޭނަގެ ދަރިފުޅު އެގޭގައި ހުރިއްޔާ އޭނައަށް ވަނުމުގެ ހައްގު ނޯންނަންވީ ކީއްވެހެއްޔެވެ؟ އަމީން ބޭނުން ނުވިޔަސް އޭނަގެ ދަރިފުޅު އެގޭގައި ހުރިއްޔާ މި ގުޅުން ކަނޑައެއް ނުލެވޭނެއެވެ. އޭނަގެ ނުފޫޒުވެސް އޮންނާނެއެވެ. ދެން އޮތްގޮތަކީ އާވާއާއި ރަފްހާން ވަކިވިޔަނުދޭން މަސައްކަތްކުރުމެވެ. އާވާއަށް އަވަހަށް ދަރިއަކު ލިބުމެވެ. އެކަން ވާނީ ކިހިނެއް ހެއްޔެވެ؟
މާހުޖަބީން ކާރަށް އެރިއިރު އޭނަހުރީ ނިކަން ހޫނުވެފައެވެ. އާވާގެ ސަބަބުން ދިމާވާހާ މުސީބާތްތަކެވެ. އެންމެފަހަރަކުވެސް އެކުއްޖާ ބުނާގޮތަށް ހަދާނެނަމައެވެ. މާހުޖަބީން ޓިޝޫއަކުން މޫނުފޮހެލިއެވެ. އަންވަރުއަށް ގުޅިއިރު އޭނަ އަދިވެސް އުޅެނީ ރިޒޯޓްގައެވެ. ބައެއްފަހަރު އޭނަ މަސައްކަތް ބުރަކަމުން މާހުޖަބީން އެކަނިވެރިވެގެންގޮސް ގޮތްހުސްވާ ހިސާބަށް ދާ ވަރުވެއެވެ. މާހުޖަބީންގެއަށް ގޮސް އަބަދު ކުރާކަމަކީ ނާޔާއަށް އަޑުލުމެވެ. ނާޔާ ކިޔަވާ މޮޅުކުއްޖަކަށްވެ ރަގަޅު ފިރިޔަކު ހޯދުމަކީ މާހުޖަބީންގެ ހުވަފެނެވެ. އެކަން ކުރެވެން އޮތީ ނާޔާ ކިޔަވައިގެންނެވެ. ނާޔާ ބުނާގޮތަށް ހަދަނީއެއް ނޫނެވެ. ގިނައިން އިންނާނީ ޓީވީ ބަލާށެވެ. ނޫނީ އެފްބީގައެވެ. އެކަމާއިހުރެ މާހުޖަބީން އެހުރިހާ އެއްޗެހި ކަނޑާލާފައި ފޯނު އަތުލަން ހިތަށް އަރައެވެ. މިޒަމާނުގައި ކުދިންގެ ހަލާކަކީ މިއީއެވެ. އެމީހުން ކުޑައިރު ކިހާ ބަސްއަހާ ހެއްޔެވެ؟
މާހުޖަބީންއަށް އެޕާޓްމެންޓްގެ ދޮރުހުޅުވާލިއިރު އާދައިގެމަތިން ފަޅުކަމާއި އެކަނިވެރިކަމެވެ. ނާޔާއަށް ގުޅާލުމުން ބުނީ އަންވަރުބެގެ ކުދިންނާއިއެކު މޫދަށް އައީކަމުގައެވެ. އެކަމާއި ދެކޮޅުހަދާކަށް މާހުޖަބީންއަކަށް ނުކެރެއެވެ. އަންވަރުގެ ކުދިންދެކެ އަންވަރު ލޯބިވާރު އެނގެންފެށީ މާފަހުންނެވެ. އެއީ އަންވަރުގެ ހިތުގެ އެތިކޮޅުތަކެވެ. އެކުދިން ކުރާކަމަކާއި ދެކޮޅުވެއްޖެ މީހަކަށް އަންވަރު ދުވަހަކު ހިތްހެޔޮ ނުކުރާނެއެވެ. ވީއިރު ނާޔާ ގާތު އެމީހުންނާއިއެކު ނޫޅޭށޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަންވަރުގެ ކުދިންވެސް ރަފްހާންފަދަ ރަގަޅު ކުދިންނަށްވިނަމައެވެ. ރަފްހާންފަދަ ބަސްއަހާ ދަރިއަކު ލިބޭނީ ނަސީބު ރަގަޅު މަންމަ އަކަށެވެ. އެފަދަ އަންހެންކުއްޖަކުވެސް އޭނައަށް ލިބުމަށް މިންވަރު ނުކުރެއްވިއެވެ. މާހުޖަބީން ސޯފާއަށް ތިރިވިގޮތަށް މައިގްރޭންގެ ވަރުގަދަ ހަމަލާއެއް އައެވެ. އޭނަގެ ބޮލުގައި މަސާޖްކޮށްލަދޭނެ މީހަކު ވާނެނަމައެވެ. އެވަގުތު ހަނދާނަށް އައީ އޭނަ އެގޮތަށް ބޮލުގައި ރިއްސާއިރު އަމީން ބޮލުގައި ފިރުމާދޭ ހަނދާނެވެ. އެފަދަ އޯގާތެރި ފިރިޔަކު ދޫކޮށްލާފައި އޭނަ މިދުވަނީ ކާކުގެ ފަހަތުން ހެއްޔެވެ؟ ލާރިއަކީ ހުރިހާ އެއްޗެއް ބާވައެވެ.
"އަންވަރު، ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ މިއުޅެނީ، އާދެވިދާނެތަ؟ " މާހުޖަބީން ގުޅާލައިފިއެވެ.
"މިއިނީ މީޓިންގައޭ ޖަބީ، ނަންނި ގޮވައިގެން ޑޮކްޓަރަށް ދައްކަންދާންވީނު، ނޫނީ ޕެއިންކިލަރއެއް ނަގާ، އެތާ ކެބިނެޓްގައި ހުންނާނެއްނު ބޭސް، މީޓިން ނިމުނުހާ އަވަހަށް ދާނަން އިނގޭ......" އަންވަރު ފޯނު ބޭއްވިއެވެ.
މާހުޖަބީން ދެލޯ މަރާލީ ހިތަށް ކުރި އަސަރަކުން ކެތްނުވެގެންނެވެ. މާހުޖަބީން ނާޔާއަށްވެސް ގުޅިއެވެ. ނާޔާ ފޯނު ނުނެގުމުން އެންމެފަހުން އާވާއަށް ގުޅިއިރު އާވާގެ ފޯނު އޮތީ ނިވާލާފައެވެ. އިންސާނުން އެންމެ އެހީތެރިކަމަށް ބޭނުންވާނީ ނިކަމެތިވާ ވަގުތުގަޔާއި ބަލިވާއިރުއެވެ. ތިމާގެ މޮޅުކަން ފެނި އުދުހިފައި އުޅުނަސް ކޮންމެވެސް ދުވަހަކުން ފިޔަ ބިނދި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެދާނެކަން މާހުޖަބީންއަކަށް ނޭގެއެވެ. އޭނަ އުޅުނީ އެކަނިމާއެކަނި އަމިއްލައަށް ފުދިގެންނެވެ. މިވަގުތުކޮޅު ކާރީގައި ގާތްމީހަކު ހުންނާނެނަމައޭ އެތައް ފަހަރު ހިތަށް އަރައިފިއެވެ. އެކަނިމާ އެކަނި ކުކުރާލަ ކުކުރާލާ އޮތްވާ ގަދަޔަށް ރިހިފައި ރަގަޅުވީ ހޮޑުލެވުނީމައެވެ.
އަމީންގެ އަންހެންކޮއްކޮ އަމާރާ އަމީންއަށް ގެނެސްދިން ޚަބަރަކުން އަމީންގެ ބޮލުގައި ކުޑަކޮށް ރިއްސާލިއެވެ. އަމާރާގެ ދަރިފުޅު އާނާގެ ގާތް އެކުވެރިޔަކު މަސައްކަތް ކުރަނީ ކްލިނިކެއްގައެވެ. އެކުއްޖާ ބުނިގޮތުން އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާ އާވާ ކިޔާ ކުއްޖަކު ނަފްސާނީ ޑޮކްޓަރަށް ދައްކަން އެތަނަށް ދިޔައެވެ. އާވާއަކީ މޮޔައެއްކަމަށް ހަދާފައި އެކުއްޖާ އާނާ ގާތުގައި އެ ވާހަކަ ދެއްކުމާއިއެކު އާނާއަށް އެއީ ރަފްހާންގެ އަންހެނުން އާވާކަން އެނގުނެވެ. މާލެއަކީ ކުޑަތަނެކެވެ. އެކަހަލަ ވާހަކަތައް ފަސޭހައިން ފެތުރޭނެއެވެ. އަމާރާ ބުނީ އޭނައަށްވެސް އާވާ ފެނުމުން އެކަހަލަ ގޮތެއް ހީވާކަމަށެވެ.
"ބޭބެދެން މާ ރަގަޅުވާނެ އާނާ އާއި ރަފްހާން ކައިވެނި ކުރުވައިފިއްޔާ، އާނާ އަދިވެސް އެހެރީ ރަފްހާންއަށްޓަކާ، ބޭބެ ބުނާނީ ދެބެންގެ ދެދަރިކުދިން ކައިވެނި ކުރުވުން ރަގަޅެއް ނޫނޭ، އެކަމަކު ރަފްހާން މޮޔައަކާއި އިނދެގެން ހުރުމަށްވުރެ މިގޮތްވެސް މާ ރަގަޅުވާނެ......." އެންމެފަހުން އަމާރާ ހިތުގެ އެދުން އޭނަގެ ބޭބެގާތުގައި ފާޅުކޮށްފިއެވެ.
"އަމާރާ، ރަފްހާންއަކީ ބޮޑުވެފައި ހުރި ވިސްނޭ ފިރިހެންކުއްޖެއް، އޭނަ ކައިވެންޏެއްކުރީ އަމިއްލައަށް މީހަކު ފެނިގެން، ބޭބެ މިހިރީ ދަރިން ބޭނުން ކޮންމެ މީހަކާއި ކައިވެނިކުރުމުގެ ހުއްދަދޭގޮތަށް، ދަރިންގެ އުފާތައް މިވަގުތު ބޭބެއަށް މުހިއްމު، ރަފްހާން އާއި ވާހަކަދައްކައިގެން ޚިޔާލު ބަދަލުކުރުވުމަކީ އަމާރާގެ ކަމެއް....." އަމީން ކުޑަކޮށް ހީލިއެވެ. އަމާރާ ދެއްކި ވާހަކައަކުން ހިތަށް ކުޑަ ނުތަނަވަސްކަމެއް ލިބި އާވާ އުޅޭގޮތާއިމެދު އަމީންވެސް ޚިޔާލުކޮށްލިއެވެ. ހަރަކާތްތަކުގައި ލަސްވެފައި އެ ލޮލުގައި ހިތާމަވެރިގޮތެއް ހުއްޓަސް އާވާގެ މޮޔަގޮތެއް ނުހުރެއެވެ.
"ދެއަންބަށް ވިޔަސް އިންނަން އާނީ އެހެރީ...." އަމާރާ އިތުރަށް ބުނެދިނެވެ.
"އޯ......." އަމީން ކޮއްކޮގެ ދަރިފުޅާއި މެދު ކަންބޮޑުވާންފެށީ އެ ވާހަކަ އިވުމުންނެވެ. ކުޑައިރު އާނީ ރަފްހާންގެ ފަހަތުން އުޅުނުކަން އެއީ އަމީންއަށްވެސް ވަންހަނާވެފައިވާ ކަމެއް ނޫނެވެ. ރަފްހާން ފެނިއްޖެއްޔާ އާނާގެ ދެލޮލުން ހުންނަނީ ތަރި ދިއްލިފައެވެ. ރަފްހާންއާއި ދިމާލަށް އާނާ އަބަދުހެން ބަލާނެއެވެ. އެނޫން އެހެން އެއްޗެއް އާނާއަށް ނުފެންނަ ކަހަލައެވެ. ރަފްހާންގެ ހުންނަ މަޑުމައިތިރި ކަމާއި ރަގަޅުކަމުގެ ސަބަބުން އަންހެންކުދިން ރުހެނީކަމަށް އަމީން ހީކުރިއެވެ. އާއިލާގެ ތެރޭގައިވެސް ޔާކިންއަށްވުރެ ރަފްހާން މާ ބޮޑަށް މަގުބޫލުވެ އެންމެންގެ ލޯބި ލިބޭ ޒުވާނަކަށްވެފައިވެއެވެ.
"އާވާ ބަލާފައި ބޭބެއަށް މޮޔައަކާއި ވައްތަރެއްނުވޭތަ؟ " އަމާރާ އަހާލައިފިއެވެ.
"ހިޔެއްނުވޭ، މަޑުމައިތިރި ބަސްއަހާ ކުއްޖެއްކަމަށް މޫނުމަތިން ދައްކަނީ..." އަމީން ހަގީގަތް ހާމަކުރިއެވެ.
"މޫނަށް ބަލާފައި ނަފްސާނީ ޕޭޝަންޓުންގެ މޮޔަކަން ކަނޑައަޅާކަށް ނޭގޭނެ، އެމީހުންގެ އުޅުމާއި ވިސްނުން ހުންނަގޮތުން ސައިކިއޭޓްރިކް މީހެއްކަމަށް ޑޮކްޓަރުން ނިންމާނީ، ބޭބެ ކަމެއްކޮށްދެންޏާ ރަފްހާންއާއި އާނީގެ ކައިވެނި ކުރުވަދީ، މިވާހަކަ ނުބުނެވިފައި ހުއްޓާ ރަފްހާން ކުއްލިއަކަށް މީހަކާއި އިނީ، އެކަން ނުކުރެވިއްޖެއްޔާ އެކުއްޖާގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެ........" އަމާރާ ހުރީ ކޮންމެ ހާލެއްގައިވެސް ރަފްހާން އާއި އާނީ ގުޅުވަން ނިންމައިގެން އެކަމުގެ ޚިޔާލީ ފޮލާ ކައްކާށެވެ. އަމީން އެކަމާއި ބެހޭގޮތުން އެހާ ގިނަ ވާހަކަ ދައްކާކަށް ޝައުގެއްނެތެވެ. ރަފްހާންއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރަން އަމީން ބޭނުންނުވާތީއެވެ. އެންމެ ބަސްއަހާ ރަގަޅު ދަރިފުޅުގެ ހިތަށް އެއްވެސް ދެރައެއް ދޭން އަމީން ބޭނުމެއް ނޫނެވެ.
ރަފްހާން "ކެންޒިއާހޮޓެލް" ގައި އޭނައަށް ޚާއްސަކުރެވިފައިވާ އޮފީހުގެ ކެބިންގައި އިންއިރު ބޭރުން ފެންނަ މަންޒަރު ވަރަށް ހިތްގައިމެވެ. މޫދާއިދިމާލަށް ކިތަންމެ އިރެއްވާންދެން ބެލިޔަސް ރަފްހާން ފޫއްސެއްނުވާނެއެވެ. ރަފްހާން މަސައްކަތުގައި ގިނައިރުވުމުން ކޮފީއެއް ބޯލަން އޭނަ ދިޔައީ ހޮޓެލްގެ ރެސްޓޯރެންޓަށެވެ. ރެސްޓޯރެންޓަށް ވަންއިރު މީހުން އެހާ ގިނައެއް ނޫނެވެ. އެތާތިބި އަންހެންކުދިން އާދައިގެ މަތިން ރަފްހާން ފެނުމާއިއެކު ތުއިވެ އެކަކު އަނެކަކަށް ކޮންމެވެސް އެއްޗެހިތަކެއް ކިޔާފައި ހީލިއެވެ. ރަފްހާންގެ ޝަޚުސިއްޔަތުން އެހެން މީހުންނަށް ކުރާ އަސަރު އެހާ އެނގޭހެނެއް ހިޔެއްނުވެއެވެ. އޭނަ އޭރު ބަލަމުން އައީ ފޯނުން އައި ޑާކް ޕްރިންސެސްގެ މެސެޖަށެވެ.
"ޑާކްނައިޓް، އައި ނީޑް ޔޯ ހެލްޕް، ނޫނީ އަހަރެން މޮޔަވެދާނެ..." އާވާ ލިޔެފައި އޮތެވެ.
"ޔެސް މައި ޑިއަރ، އަވަހަށް ބުނޭ ކީއްކޮށްދޭންވީ...." ރަފްހާން ކޮފީއަކަށް އޯޑަރ ދީފައި ގޮސް އިށީދެލީ ހުސް މޭޒެއްގައެވެ.
"ވަރަށް ބޮޑު މައްސަލަތަކެއް ޖެހިގެން މިއުޅެނީ، އެހެންވެ އަހަރެން ހިތަށް އަރާ ދުނިޔެއަށް ނައިނަމައޭ، ނަސީބުދެރަކަމުން ދުނިޔެއަށް އާދެވިއްޖެ، އެކަމަކު ޔޫޒްލެސް ކަޑަމީހެއްގެ ގޮތުގައި ހުރުމަށްވުރެ ދަންޖެހިގެން މަރުވިޔަސް މާ ފަސޭހަވާނެ...." އާވާ ޓައިޕްކުރިއެވެ. އެ ޖުމްލަތަކުންވެސް އާވާ މާޔޫސްވެފައިވާވަރު ރަފްހާންއަށް އެނގުނެވެ. ރަފްހާން އެވަގުތުކޮޅު ބުނެދިނީ އަމިއްލައަށް މަރުވުމުގެ ހުރި ބޭކާރުކަމެވެ. ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަނީ ވަކި މަގުސަދެއްގައި ކަމަށާއި އެކަމާއި ސުވާލުކުރުމުގެ ހައްގު އިންސާނުންނަށް ނެތްކަމުގައެވެ. ފިކުރުތަކުން ސަލާމަތްވާންވެގެން އަލިފާންގަނޑަކަށް އެރުމަށްވުރެ ޑާކްނައިޓްފަދަ ހެޔޮއެދޭ މީހަކާއި ވާހަކަދައްކަން ހުރުމަށް އާވާ ބޭނުން ނުވަނީހެއްޔޭ އަހާލުމުން އާވާ ހިނިތުންވެލާފައި އިމޯއެއް ފޮނުވާލައިފިއެވެ. އާވާ ގާތުން ރަފްހާން އަހަން ފެށުމުން ދެން ކިޔާދިނީ އޭނަގެ މަންމަ އެގެއަށް އައި ވާހަކައާއި ފިރިމީހާގެ ބައްޕައާއި ދެމީހުންގެ އަރައިރުމެވެ. މަންމަ އެގެއަށް އަންނަން މަނާކުރި ވާހަކައެވެ. ބައްޕައަށް އޭނައަކީ މަންމަގެ ދަރިއެއްކަން އިއްތިފާގުން އެނގުނުކަމަށެވެ. މިއީ ރަފްހާންއަށްވެސް އަދި ނޭގޭ ހާދިސާއެކެވެ. ބައްޕަ އެފަދަ ވާހަކައެއް އޭނަ ގާތު ދައްކާފައެއް ނުވެއެވެ. ދެން އާވާ ފެށީ ފިރިމީހާގެ ފަރާތުން އަނެއްކާ ގޯނާ ކުރިމަތިވާންފެށި ވާހަކައެވެ.
"ފިރިމީހާގެ ވާހަކަ އަހަރެން ކައިރީ ދެއްކުމަކީ ރަގަޅުކަމެއްތަ؟ ފާފަވެރިނުވާނެތަ؟ އާވާ ވިސްނާލާފައި ބުނެބަލަ...." ރަފްހާން ހިނިތުންވެލިއެވެ. އާވާއަށް އޭނަ މިހުރިހާ ވާހަކައެއް މިދެއްކެނީ ޚުދު ރަފްހާންގާތު ކަން އެނގިއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟ މޮޔަކުއްޖެކެވެ. ނެޓަށް އިތުބާރުކުރާން ވާނީ ވަކި ހައްދަކަށެވެ. ރަފްހާން އާވާއާއި ފޯނުން ވާހަކަދައްކަން އިންކާރުކުރާ ސަބަބެއްވެސް އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އާވާ މިފަހަރުވެސް ހަނދާންކޮށްދިނީ އެއީ ހަގީގަތުގައި އޭނަގެ ފިރިމީހާ ނޫންކަމެވެ. ހަގީގީ ކައިވެންޏެއް ނޫންކަމެވެ. ނަމަވެސް ސާމީ އާއި އޭނަގެ ފިރިމީހާ ވަރަށް ތަފާތުކަމަށް އާވާ ބުނެލިއެވެ.
"ތިބުނީ ކޮންގޮތަކުން ތަފާތު ވާހަކަ؟ ހަޒްބެންޑް އަތްލީމަ ލައިކްވަނީ ތަ ނޭގިވެސް....." ރަފްހާން އަށް އެވަރު އެނގެއެވެ. އާވާ އުޅެނީ ޖަޒުބާތުތަކަށް ފިލާށެވެ. ކުޑައިރު ހިނގާފައިވާ ހާދިސާއެއްގެ ސަބަބުން ފިރިހެނުންނާއި ދޭތެރޭ އިތުބާރު ނުކުރެވެނީއެވެ. ވަކި ހިސާބަކުން ބިރުގަންނަނިއެވެ. ދެރައީ އާވާ ހުރިހާ ވާހަކައެއް ކިޔާދޭން ބޭނުންނުވާ ކަމުގައެވެ. ކޮންމެ ކޮންމެ މީހަކީ ސާމީ ނޫންކަން އޭނަ އާވާއަށް ވިސްނާދޭނީ ކިހިނެއް ހެއްޔެވެ؟