އާވާ އިއުތިރާފް ވުމުން މާހްޖަބީން ގެ އަތުގެ ހޫނު އެތިފަހަރު ތަކެއް ކަންކަށި މައްޗަށް އަރައިގެން ދިޔައެވެ. އާވާ އެއްގޮތަކަށް ވެސް އޭނަގެ މަންމަ އެގޮތަށް އަތްލަފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ބޭރުފުށުން ލިބުނު އަނިޔާއަށްވުރެ ހިތަށް ލިބުނު އަނިޔާ ބޮޑުވިއެވެ. ނާޔާވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނަ ކުރި ކުށެއްގެ ސަޒާ އެލިބުނީ އާވާ އަށެވެ. އާވާ ހާދަ ކެތްގަދައެވެ. ރަނގަޅެވެ.
"އާވާ، މިކަހަލަ ކަމެއް ދެން ނުކުރާތި....." މާހްޖަބީން އިންޒާރު ކުރިއެވެ. މާހްޖަބީން އިތުރަށް އެ މައުޟޫއަށް ވާހަކަ ނުދައްކާ އެތަނުން ދިއުމުން ނާޔާ މާފަށް އެދުނެވެ. އޭރު އާވާ ހުރީ މޫނުމަތީގައި ގަނޑުފެން އަޅާށެވެ.
"ނަންނި ބުނީމެއްނު އަވީ ހަވާލުވެއްޖެއްޔާ މަންމަ ކޫލްވާނެއޭ، މަންމަގެ ދަރިވީމަ މަންމަ ކޮންސާންވިޔަސް އަވީ ވީމަ މައްސަލައަކަށް ނުވިއެއްނު، އެހެންނޫނަސް މަގޭ ފްރެންޑް މަޖަލަކަށް އެއަޅާފައި ހުއްޓަސް ބެލީއެއްވެސް ނޫން، ތެންކިއު އަވީ......" ނާޔާ އާވާއަށް އިނާމެއް ދޭނެކަމަށް ވައުދުވިއެވެ. އާވާ އެއްޗެއް ބޭނުމެއް ނޫނެވެ. އޭނަ އެހާ ބޮޑު ކަމަކާއި ހަވާލުވީ ނާޔާއަށް ނޭގުނަސް އޭނަ އާއި ނާޔާގެ ގުޅުން އޭނައަށް އެނގޭތީއެވެ. އެއްބަނޑު ހުރި އެންމެ ކޮއްކޮއަށްވެފައި އެހިތުގައި ލޯބިވާތީއެވެ. މަންމަ އެ ހަގީގަތް ފޮރުވައިގެން ހުރުމަކީ އެހެން ކަމެކެވެ. ހީވާގޮތުން މަންމަ އެ ސިއްރު ކަށްވަޅަށްވެސް ގެންދާނެއެވެ.
އެފަހުން ނާޔާ ހަދާހާ ގޯސްތައް އާވާގެ ބޮލުގައި އެޅުން އާންމުވާން ފެށިއެވެ. މާހްޖަބީން އަގުބޮޑުކޮށް ގަނެގެން އައި ތަށި ސެޓެއް ތެޅުނީމަ އެކަން ކުރިމީހަކަށްވީ އާވާ އެވެ. ކުޑަދޮރުގެ ފަރުދާގައި ނާޔާ އެލިގަނެގެން ފަރުދާ ކަނޑައިގެން ދިޔައީމަ އާވާ ހަވާލުވާން ޖެހުނެވެ. މަންމަ އިސްތިރިކުރަން ދިން ހެދުން ވިރުނީމަ ނާޔާ ބުނީ އޭނަ ދިނީ އާވާގެ އަތަށް ކަމުގައެވެ. އާވާ މާ ހޫނުގަދަކޮށް އިސްތިރި ޖެއްސީ ކަމުގައެވެ. ނާޔާއަށް ކުރެވޭހާ ކުށެއް އާވާގެ ބޮލުގައި އަޅަން ފެށުމުން އެ ފަކީރު ހުންނަނީ ހާސްވެފައެވެ. މާހްޖަބީން އާވާއާއި ދިމާލަށް އެއްޗެހި ކިޔައިގަތީމަ ނާޔާ ދެރަވެފައި އާވާގާތުން މާފަށް އެދޭނެއެވެ. އެކަމުގެ ބަދަލުގައި ކުޑަ ޗޮކްލެޓެއް، ސުޕާރީ ނޫނީ މެޓާއެއް ގެނެސްދީފާނެއެވެ. ކުޑަކުއްޖަކު ރުއްސަން އުޅޭފަދައިންނެވެ. އިރުއިރުކޮޅާ އޭނަގެ ދޮންބެ ރަފްހާން ގާތަށްގޮސް ލާރި ހޯދަން ކިޔާނެއެވެ. ފަސްރުފިޔާއަށްވުރެ ބޮޑު އެއްޗެއް ހޯދަން ނާޔާވެސް ނުބުނާނެއެވެ. ރަފްހާން ވަޒީފާ އަކަށް ނުދާކަމާއި އެވަރަށް ނުލިބޭނެކަން ނާޔާ ދަނެއެވެ.
އަންވަރު މާހްޖަބީން އަށްޓަކާ ކުއްޔަށް ހިފައިދިން އެޕާޓްމެންޓް ފެނުމުން މާހްޖަބީންގެ ލޮލުގައިވާ ވިދުވަރު އެތައް ގުނައިތުރުވިއެވެ. މިއީ އޭނަ ހުވަފެނުން ދެކެމުން އައިފަދަ ހިތްފަސޭހަ ތަނެކެވެ.
"ރަނގަޅުތަ؟ މިތާ ސިކިއުރިޓީވެސް އެހާ ރަނގަޅުވާނެ، އަނެއްކާ ޖަބީ ދެކެބަލަ ވިއު އެހާ ރީތި....." އަންވަރު ނިދާކޮޓަރީގެ ބިއްލޫރި ދޮރު ކައްސާލާފައި ބެލްކަންޏަށް ނުކުމެލިއެވެ.
"މިހިރީ ނަންނިގެ ރޫމް، ޕިންކް ބެޑްރޫމްދެކެ އޭނަ ވަރަށް ލައިކްވާނެހެން ހީވޭ، ކިހާ ގާލީ...." އަންވަރު މާހުޖަބީންގެ ރީތި ދެލޮލާއި ހަތަރުކަޅި ހަމަކުރި އެވެ. އަންވަރު ކިތަންމެ ވަރަށް ހައްލާލަން އުޅުނަސް މާހްޖަބީންގެ ރަނގަޅު އެންމެ ސިފައެއްވިއެވެ. ކައިވެނީގެ ކުރިން އަންވަރު އާއި ނަހަލާލު ގުޅުމެއް ބާއްވަން މާހްޖަބީން ދެކޮޅުހެދިއެވެ. މިއަދުވެސް އަންވަރުގެ ބޭނުމެއް ނުފުދުނެވެ. މާހްޖަބީންގެ ގޮތްދޫނުކުރުމާއި ހެދި އޭނަ ރުޅިއަންނަ ހިސާބަށް ދިޔައެވެ. މިހާ ދީލަތިކަމާއިއެކު އޭނަ ފައިސާއާއި ހަދިޔާ އޮއްސަމުންދާއިރު އެންމެ ރެއެއް އޭނައާއިއެކު ހޭދަކުރިއްޔާ ވާނީ ކީއްހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަންވަރުގެ ފުރަތަމަ ލޯބިކަމަށްވާތީ މާހްޖަބީން ހަޔާތުން ނެރެ އެއްލާލާކަށް ބޭނުމެއް ނުވިއެވެ. މާހްޖަބީންވެސް ހުންނަނީ ދެ ޚިޔާލެއްގައެވެ.
ރަފްހާންގެ ވަޒީފާ ހަމަޖެހުނީ "ކެންޒީ ހޮޓެލް" އިންނެވެ. ބިޒިނަސް މެނޭޖްމެންޓްއިން ޑިގްރީ ހެދުމަށްފަހު އޭނަ ކިޔެވުން މެދުކަނޑާލީ ބައްޕަ ބަލިވުމާއި ގުޅިގެންނެވެ. ފަހުން މާސްޓަރސް ހަދަން އޭނަވަނީ ޚިޔާލުކޮށްފައެވެ. ބައްޕަގެ ވިޔަފާރި ހުލިވެފައިވާތީ އެވިޔަފާރި ނަގާ ކޮޅަށް ޖެހުމަކީވެސް އޭނަގެ ޒިންމާއެއް ކަމަށް ދެކުނެވެ. އެހެންނޫނަސް ބައްޕަގެ އަންހެނުންނާއި ކުދިންނަށް ޚަރަދުކުރުމަކީވެސް އޭނަގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އިހަށް މާލޭގައި މަޑުކޮށް ވަޒީފާއަކަށް ދާން ރަފްހާން ނިންމި ސަބަބަކީ އެއީއެވެ. ބައްޕަގެ ފަރާތުން ރަފްހާންއަށް ރަނގަޅު ފިލާވަޅުތަކެއް ދަސްވެފައިވެއެވެ. ކިތަންމެ ނިކަމެތިވިޔަސް ލޯނެއް ނުނެގުމާއި ދަރަންޏެއް ނުބޭއްވުމެވެ. ބައެއް ފިރިހެނުން ފަދައިން އަންހެންކުދިންނަށް ފޮނިދައްކާފަދަ ގޮތެއް ރަފްހާންގެ ނުހުރެއެވެ. އަގުބޮޑު ފޯނެއް ނޫނީ ސައިކަލެއް ހޯދުން އޭނައަށް ދުވަހަކުވެސް މުހިއްމުވެފައެއް ނެތެވެ. އޭނަ މީހުން ގާތު ފައިސާ ހޯދަންވެސް ބުނެފައެއްނެތެވެ. ލޯނު ނުނަގާވެސް ކޮންމެވެސް ދުވަހަކުން އާއިލާއެއް ބެލެހެއްޓޭނެފަދަ ތަނަވަސްކަމެއް ހޯދުމަކީ ރަފްހާންގެ އަޒުމެވެ.
ރަފްހާން ކަޅު ފަޓްލޫނަކާއި އަތްދިގު ގަމީހެއް ލައިގެން ހުރިއިރު ސްމާޓް ކަމުން މާހްޖަބީންގެ ދެލޮލުގައި އުފާވެރިކަމުގެ ވިދުވަރެއް އުފެދުނެވެ. ރަފްހާންގެ ރީތި އަޚުލާގާއި މަޑުމައިތިރި ކަމަށްޓަކާ މާހްޖަބީންގެ ހިތް ގުރުބާންވާވަރުވެއެވެ. ކޮންމެ މަޔަކުވެސް މިފަދަ ފިރިހެންދަރިއަކު ލިބުމަށް އެދޭނެއެވެ.
"ރެއިން، މާވަރަކަށް ނަލަހެދިލައިގެން ހެނދުނު ހެނދުނާ ކޮންތާކަށް؟" މާހްޖަބީން ރަފްހާންއަށް ކޮފީއެއް ކާރިކޮށްލަދެމުން އާވާ ގާތުގައި ބިސްގަނޑެއް ގެނެސްދޭން ބުނެލިއެވެ.
"ޖޮބް ލިބުނީ، ހުޅުމާލޭ ހޮޓަލަކުން..." ރަފްހާން އިތުރަށް ބުނެދިނެވެ.
"މުސާރަ ރަގަޅުތަ؟ " މާހްޖަބީންގެ ހިތް ތެޅިލިއެވެ.
"ފަނަރަ ހާސް...." ރަފްހާން އާދައިގެ ރާގަކަށް ބުނެލައިފިއެވެ. މާހްޖަބީންގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ. އެވަރުން ގޭގެ ހުރިހާ ބިލްތަކެއް ދައްކާފައިވެސް އެއްޗެއް ބާކީވާނެއެވެ. އާވާއަށް މުއްސަދި ފިރިޔަކު ނުލިބުނަސް ރަފްހާން މިހިރީ ނޫންހެއްޔެވެ؟ މާލޭ ގެއެއް ހުރުމަކީވެސް މިޒަމާނުގައި ލައްވާނެ ރަހުމަތެކެވެ. އޭނަގެ ހަނދާނުން އެ ތަންކޮޅު ކައްސާލީ ކީއްވެހެއްޔެވެ؟ ރަފްހާންގެ ގެއެއް މާލޭގައި އެބަހުއްޓެވެ. ހަރުދަނާ ޒުވާނެކެވެ. ފަހަރެއްގައި އަމީންއަށް ކާމިޔާބު ނުވިޔަސް ރަފްހާން މުއްސަނދި ވިޔަފާރިވެރި އަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ދެރައީ ރަފްހާން އާއި އާވާގެ އުމުރުގެ ތަފާތެވެ. ރީތިކަމުގެ ގޮތުން ބެލިއަސް އާވާ ރަފްހާން އާއި އަޅާ ކިޔޭވަރެއް ނޫނެވެ. މާލޭގައި ހާދަ ރީތި އަންހެންކުދިން އުޅެއެވެ. އާވާ އެފަދަ ކުއްޖަކަށްވިނަމައެވެ. ރަފްހާންގެ ހިތް ދީވާނާ ކުރުވާނެފަދަ ޕަރީއަކަށްވިނަމައެވެ. މާހްޖަބީން ދެކޭގޮތުގައި އާވާގެ އެފަދަ ރީތިކަމެއް ނެތެވެ.
"ދެކޮޅަށް ދަތުރުކޮށްފައި ކެއުމަށް ޚަރަދުކޮށްލީމަ މަސް ދެބައި ނުވަނީސް އަތްމަތި ހުސްވެދާނެ، ތިއީ އަދި އެހާ އެކަށީގެންވާ މުސާރައެއްނޫން....." މާހްޖަބީން ބުނެލިއެވެ. ހިތުގައި ހިނގާލި އުފާވެރިކަން ސިއްރުކުރަމުން ރަފްހާންގެ މޫނަށް ލޯބިވެތި ނަޒަރަކުން ބަލާލައިފިއެވެ. ރީތި މީހުންގެވެސް ޝަޚުސިއްޔަތު އިތުރުކުރުވަނީ ކިޔަވައިގެން ޓައީ އަޅާލާފައި އޮފީހަށް ދާން ފެށީމައެވެ. ރަފްހާންވެސް އަންހެންކުދިންގެ ތެރޭގައި ވިދާލާނެކަން ޔަގީނެވެ.
އާވާ ބިސްގަނޑު އޮތް ތަށި ރަފްހާންގެ ކައިރީގައި ބަހައްޓާފައި ގޮސް އަނެއްފަޅީގައި ހުރި ގޮނޑިއެއްގައި އިށީދެ ރޮށި ކާން ފެށިއެވެ. ދެމީހުން އުޅޭގޮތުން މާހްޖަބީންއަށް ނެގުނީ އެހެން މާނައެކެވެ. ދެމީހުން އެކަކު އަނެކަކުދެކެ ފޫހިވާކަމެވެ. އެކަމާއިހުރެ އެދުވަހު މާހްޖަބީން ވަރަށް ވިސްނިއެވެ. އެދެކުދިން ގުޅުވަން ހަދަންވީގޮތަކާއި މެދު ފިކުރުކުރުން ނޫންކަމެއް ނުކުރެވުނެވެ. އޭރުން ވަރަށް ފަސޭހައިން މާހްޖަބީންއަށް އާވާގެ ޒިންމާއިން ރެކިގެން އަމިއްލަ ހަޔާތާއިގެން އުޅެވިދާނެއެވެ. ފަހަރެއްގައި މުސްތަގުބަލުގައި އޭނައަށް ފައިދާވެސްވާނެއެވެ. މިވަގުތު އާވާ ކައިވެންޏެއް ކުރުވުން އެއީ މާހްޖަބީންގެ ލިސްޓްގައި އިސްކަންދޭ އެއްކަމެވެ. މާހްޖަބީން ނުސީދާކޮށް ރަފްހާންގެ ގާތު ކައިވެންޏެއް ކުރަން ފެންނަކަމުގެ ވާހަކަ ދެއްކިއެވެ. ރަފްހާން އެކަން އެހާ ސީރިޔަސް ކޮށެއް ނުނެގިއެވެ. އޭނަ މީހަކާއި އިންނަން އަދި ޚިޔާލުކުރާނީ ލޯބިވެރިޔަކުވެސް ހުރެގެންކަމުގައި ބުނެލީ ހީލާފައެވެ.
މާހްޖަބީން ރީތިވެލައިގެން ބޭރަށް ދަމުން އާވާއާއި މަސައްކަތެއް ހަވާލުކުރިއެވެ. ރަފްހާންގެ ކޮޓަރީގެ އެނދު ތަންމަތި އަޅާފައި ކޮޓަރި ސާފުކުރުމެވެ. ހިލޭ ފިރިހެނެއްގެ ކަންތައް ކުރަން އޭނަގެ ހިތެއް ނުރުހެއެވެ. ނާޔާގެ ބޭބެގެ ކަމެއްވީމަ ނާޔާ ކޮށްދިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ރަފްހާންގެ ޚިދުމަތަށް އޭނަ ދާންޖެހޭ އެއްވެސް ސަބަބެއް އޭނައަކަށް ނުވިސްނުނެވެ. އާވާ ވިސްނާލާފައި އެކަމާ ދެކޮޅުހެދިއެވެ. އެ މަސައްކަތް ނާޔާއާއި ހަވާލުކުރަން އެދުނެވެ.
"އާވާ ހާދަ ކަންތައް ބޮޑުކޮށްލާފައި ތިއުޅެނީ؟ ބުނާގޮތަށް ނަހަދަންޏާ ރަށަށް ދޭ...." މާހްޖަބީންގެ ދޮން މޫނު ކަޅުފޮއި ރޭގަނޑެއް ފަދަ ވިއެވެ. މަންމައާއި ކޮއްކޮ އޭނައާއި ދޭތެރޭގައި ކަންތައް ކުރާގޮތުން އާވާ ގެ ހިތަށް އަސަރު ނުކުރަނީއެއް ނޫނެވެ. ދޭތެރެއަކުން ރަށަށް ފޮނުވާލަން ކިޔާވަރުން މަންމައާއި ދޭތެރޭގައި ހިތުގައި ފޫހިކަންވެސް އުފެދުނެވެ. އެހެންހުއްޓާ މިހާ އާދައިގެ ކަމަކާ މަންމަ ރުޅިގަދަވުމުން އާވާގެ ހިތަށް ލިބުނު ދަތިކަމެއްގެ ބޮޑުކަމުން ވަގުތުން ދޮންމަންމަގެ ގާތަށް ދާންވެސް ހިތަށްއެރިއެވެ. ނަމަވެސް ދޮންމަންމަގެ ގާތުގައި އުޅުމަކީ އަޒާބެކެވެ. އެއީ ދުނިޔެމަތީގެ ނަރަކައެވެ. އެހެންނޫނަސް އޭނަގެ އުފަން މަންމަ ދުނިޔޭގައި ހުއްޓާ އެހެން މީހަކު އޭނަގެ ޒިންމާ އުފުލަން ނުވެސް ޖެހޭނެއެވެ. އާވާއަށް އެނގެނީ އޭނަވެސް އަބަދު ކެތްކޮށްގެން މަޑުމަޑުން ނުހުންނާނެ ކަމެވެ. މަންމަމެން ދޫކޮށްލާފައި ދުރަށް ދާންޖެހިދާނެ ދުވަހެއްވެސް އަތުވެދާނެއެވެ. އާވާ ހުރިހާ ވާހަކައެއް ހިއްސާކުރަނީ އޭނަގެ ޑައިރީގައެވެ.
"އޯކޭ، ރޫމް ސާފުކޮށްދީފާނަން..." އާވާ މަންމަ ދިން ބެޑްޝީޓްހިފައިގެން ގޮސް ރަފްހާންގެ ކޮޓަރިއަށް ވަނެވެ. އޭނަ ހީކުރީ އެހެން ކޮޓަރިތައް އެހާ ރީތި ނުވިޔަސް ރަފްހާންގެ ކޮޓަރީގެ ފަރުނިޗަރުތަކާއި އެއްޗެހި ނިކަން އަގުބޮޑުވެފައި ރީތިވާނެ ކަމުގައެވެ. ކުށްހީއެކެވެ. ރަފްހާންގެ ކޮޓަރި ވަރަށް ސާދާއެވެ. ކޮޓަރި ރީތިކޮށްލަދެނީ ކަޅާއި ހުދުގެ ފަރުނިޗަރުތަކާއި ސާފުތާހިރު ކަމުންނެވެ. ކިންގްސައިޒް އެނދުގައި އަޅާފައިވާ ބެޑްޝީޓް ވަރަށް ހިތްގައިމެވެ. ނިދާލަން އަރާމު ތަނެކެވެ. ކޮންމެ އެއްޗެއް ބަހައްޓާފައިވަނީ ތަރުތީބުންނެވެ. ހުރިހާތަނެއްވަނީ އޮފްއަރުވާފައެވެ. އޭނަ ތަޅުންމަތީގައި ފެންފޮތިލާން ފެށިއެވެ.
"އޯ، މިތާ ކީއްކުރަނީ....." ރަފްހާން ދޮރު ހުޅުވާލާފައި ދޮރުކަނީގައި އަތްއަޅުވާލަމުން ބުމަ ގޮށްޖަހާލިއެވެ.
"މަންމަ ބުނެގެން މިތަން ސާފުކުރަނީ...." އާވާ ލަދުގަންނަ ގޮތްވިއެވެ. ރަފްހާންގެ އަތުގައި އަދިވެސް ބޭސްގަނޑު އަޅާފައި ހުރުމުން އޭނަ ދަތްއެޅިކަމުގެ ހަނދާންތައް އާވިއެވެ. ރަފްހާންގެ އަތް އަދިވެސް ރަނގަޅު ނުވަނީ ހެއްޔެވެ؟ ބެންޑޭޖްކޮށްފައި ހުރީ ކީއްވެހެއްޔެވެ؟
"މަންމަ އެހެން ބުނަންވީ ކީއްވެތަ؟ އަހަރެން ހުންނަނީ ގަވާއިދުން ކޮޓަރި ސާފުކޮށް މޮޕްކޮށްލާފައޭ...." ރަފްހާން ހައިރާންވިއެވެ.
"ދައްތައަށް ނޭގުނީ ކަމަށްވާނީ، ނޫނީ އަހަރެން ކޮންފިއުޒްވީ، ތަންމަތި އަޅަންބުނީމަ.... އެނީވޭސް ރަފްހާން، އައިމް ސޮރީ، އަހަރެން ނުޖެހޭނެ އެގޮތަށް ދަތްއަޅާކަށް، އަމިއްލައަށް ދިފާޢުވާން އެނޫންކަމެއް ދަސްވެފައެއްނެތް، އެހެންވެ، އެކަމަކު އަހަރެންނަށް ރަފްހާންއާއި މެދު ކުށްހީއެއް ކުރެވުނީ، ނުބައި މީހެއްކަމަށް ހީކުރެވުނީ....." އާވާ ހުރީ ރަފްހާންއާއި ދިމާލަށް ބަލަން އުދަގޫވެފައެވެ. ރަފްހާން ހީލާފައި ބުނީ އެހާވަރުކަމެއް ނޫންކަމުގައެވެ.
"އާވާ، އަހަންނަށް އެނގޭ ތަންމަތި އަޅަން، އަހަރެން ބޭނުމެއްނުވޭ އާވާ ލައްވާ މަގޭ ކަންތައް ކުރުވަން، މިހުރިހާ ދުވަހުވެސް އަހަރެން އުޅުނީނު....." ރަފްހާން ހައިރާންވީ ދޮންމަންމަ ކުއްލިއަކަށް އޭނައަށް ޚިދުމަތްކޮށްދޭން އާވާ ފޮނުވަންޖެހުނު ސަބަބެއް ނުވިސްނިގެންނެވެ. އޭނަ ކުޑައިރުއްސުރެ އަމިއްލައަށް ހެދުން ދޮވެ އިސްތިރިކޮށް ކައްކަންވެސް ދަސްކުރިއެވެ. މަސްފިހުން އަދި ނޫޑުލްސް ހަދާލަންވެއްޖެއްޔާ އޭނަ ވަރެއް ނުހުންނާނެއެވެ. ގޭގައި ނޯކަރުން ދޭތެރެއަކުން ގެންގުޅުނުއިރު ވެސް އަމިއްލަ ކަންތައް އެހެންމީހުން ލައްވާ ކުރުވަން ރަފްހާން ފޫހިވެއެވެ. އޭނަގެ ކޮޓަރިއަށް އެހެން މީހުން ވަނުން އޭނަ އޮތީ މަނާކޮށްފައެވެ. ރަފްހާންގެ ބަދުނަސީބުކަމުން އޭނައަކަށް މަންމައެއްގެ ލޯތްބެއް ނުލިބުނެވެ. މީހަކާއި އިންނަހާ ތަނަވަސްކަމެއް ހުރިކަމަށް އޭނަ ގަބޫލެއްނުކުރެއެވެ. އޭނަގެ އެކުވެރި އެހެން ފިރިހެންކުދިންގެ އަނބިން އެމީހުންގެ ޚިދުމަތުގައި ތިބޭތަން ފެނުމުން ބައެއްފަހަރު އެފަދަ ބައިވެރިޔެއް ލިބޭނެނަމައޭ ހިތަށް އެރި ފަހަރުވެސް މަދެއް ނޫނެވެ. އޭނައަކީވެސް ފިރިހެނަކަށްވާއިރު ބައިވެރިޔަކަށް ބޭނުންވާފަހަރު އާދެއެވެ. ދެރައީ ވަފާތެރި ތެދުވެރި އަންހެންކުއްޖަކު ހޯދުން ދަތިކަމެވެ. ހިތްއެދޭފަދަ އަންހެންކުއްޖަކު ލިބިދާނެބާވައެވެ.
"ގަބޫލެއްވެސް ނުކުރެވޭ..." އާވާ ދެލޯ ބޮޑުކޮށްލިއެވެ.
"ގަބޫލުކުރޭ، އަހަރެން މަންމަ ކައިރީ ބުނިން ބެޑްސީޓް ދާވެފައޭ، ދޮވެފައި ހުރި އެއްޗެހި ލީތަނެއް ނޭގިގެން އަހާލީ..." ރަފްހާންގެ ވާހަކައިން އާވާ ހުރީ ހައިރާންވެފައެވެ. އޭނަ ހީކުރީ ކޮންމެ ދުވަހަކު މިކޮޓަރި ސާފުކޮށްދީ ހަދަނީ އޭނަގެ މަންމަކަމަށެވެ. މިވީ އެހެނެއްނޫނެވެ. ރަފްހާން ހާދަ ހިތްތިރިއެވެ. އެއްވެސް ބޮޑާކަމެއް ނެތެވެ.
"ވެލް...." އާވާ ހުރީ ހަދާނެގޮތް ހުސްވެފައެވެ.
"އާވާ އަހަރެންގެ ކޮޓަރިއަށް ދެން ހުއްދަނެތި ނުވަންނައްޗޭ، ނަސީބެއްނު އަހަރެން ފެންވަރަން ހުރިގަޑިއަކާ ދިމާނުވިކަން......" ރަފްހާންގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއްވިއެވެ. އެހާ އާދައިގެ ޖުމްލައަކުންވެސް އާވާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރަފްހާން ރަގަޅުކަމަށް ހީކުރެވި މާފަށް އެދުނީވެސް އޭނަގެ މޮޔަކަމުންނެވެ. ފިރިހެނަކު މާތް ވެދާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެކެވެ. ޔަގީނުންވެސް އާވާ އިންސާނުން ރަނގަޅުކުރަން ބޭނުންވާހާ މިންގަނޑަށް ފެތޭނެ މީހަކު ވާނެހެން ހިޔެއްނުވެއެވެ. އާވާ ގަބޫލުކުރާގޮތުން އެމީހަކު ފުރިހަކަމުން މަލާއިކަތެއްހާ ވަރު ވާންޖެހޭނެއެވެ. އާވާއަށް ނޭގުނީ އާވާ އެޚިޔާލު ކުރާ ވަރުގެ އިންސާނަކު ނުވާނެ ކަމުގައެވެ. އެއީ މުސްތަހީލު ކަމެއްކަމެވެ.
ރަފްހާންގެ ކަންފަތަށް އިވުނު ޚަބަރަކުން ރަފްހާންގެ މުޅި ވުޖޫދު ރުޅިވެރިކަމުގެ ތެރެއަށް ގެނބިގެންދިޔައެވެ. އޭނަގެ ދޮންމަންމަ އެހާ ދަށު ދަރަޖައަކަށް ވެއްޓިގެންފާނެ ކަމަކަށް ރަފްހާން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެއެވެ. ދޮންމަންމައަކީ ރަނގަޅު އަންހެނެކެވެ. ފިރިމީހާއާއި ދަރިންދެކެ ލޯބިވާ މީހެކެވެ. އެކަމަކު އެއުޅެގަތީ ކިހިނެއް ހެއްޔެވެ؟
"ރެއިން އަހަރެން ބުނީމަ ގަބޫލު ނުކުރަންޏާ ދޭބަލަ އަމިއްލަ ލޮލުން ދެކެން، އަންވަރު ދީފައި ހުރި އެޕާޓްމެންޓުން ދެމީހުން އެކީގައި ގޮސް ކާރަށް އެރިތަން އަހަރެން ދެކުނިން، ކޮންމެ ރެއަކުހެން މޭކަޕްކޮށްލައިގެން ދަނީ ހަމަ އެކުވެރިންގެ ޑިނަރއަށްތަ؟ ރެއިންގެ ބައްޕަ ބަލިވެގެން ރާއްޖެތެރެއަށް ބޭސްކުރަންދިޔައިރު ދޮންމަންމަ ނުދިޔައީ ކީއްވެތަ؟ މީހުނަށް ހާދަވަރަށޭ ޓްރަސްޓް ތިކުރަނީ...." ރަފްހާންގެ އެކުވެރިޔާ އަރީޝް ރަފްހާންއާއި އެކީގައި ހުޅުމާލޭ ބީޗްގައި ހިނގާލަން ދަމުން ބުނެލިއެވެ.
"އާނ، އައި ޓްރަސްޓެޑް ހާރ، ހިތަކަށްވެސް ނާރާ އެހާ މަކަރުވެރިވެދާނެއޭ، އަންހެނުން މިއީ ހާދަ ބޭވަފާތެރިބަޔެކޭ ދޯ....." ރަފްހާން އިސްތަށިގަނޑުގައި އަތްހިންގާލި އިރު މޫނުމަތިން ފެނުނީ ހިތާމައިގެ އަސަރުތަކެވެ.
"އެހެނޭ ކިޔާފައި މީހަކާ ނީދެ އުމުރު ހުސްކޮށްލާކަށް ނުވާނެ.." އަރީޝް ހީގަތެވެ.
"މިވީގޮތުން ހުސްހަށިބަޔަށް ހުންނަން މަޖުބޫރުވެއްޖެ..." ރަފްހާން ބޯ ހޫރާލިއެވެ.
"ނޫނޭ ރެއިން، މީހަކާއި އިންނައިރު ސިފަ ރީތި މީހަކާއި ނީނދެ ތަންކޮޅެއް ސިމްޕަލް ގާލްއެއް ހޯދާ، ދޮންމަންމަ ހިސާބަށްވުރެ ރީތިވީމަ އެހެން ފިރިހެނެއްގެ ލޮލުގައި އަޅައިގަތީ ކަމަށް ވާނީ، އެކަމަކު އަހަރެން މިބުނި އެއްޗެއް ރެއިން އަމިއްލައަށް ޔަގީންކޮށްފައި ނޫނީ ދޮންމަންމައަށް ހިތް ބަރުނުކުރާތި..." އަރީޝް ވިސްނާދިނެވެ. ރަފްހާން އޭނަގެ އެކުވެރިޔާ އަރީޝްއަށް އިތުބާރުކުރެއެވެ. އަރީޝް ދޮގުހަދައިގެން ވާހަކަ ނުދައްކާނެކަންވެސް އެނގެއެވެ. ކޮންމެވެސް ކަމެއް ނުފެނި އެހާ ބޮޑު ވާހަކައެއް ދެއްކުމަކީ އަރީޝް ކުރުމަށްވުރެ ނުކުރުން ގާތްކަމެކެވެ.
ރަފްހާން ފެރީއިން ފައިބައިގެން ގެއަށް އައީ ހިނގާލާފައެވެ. ގެ ހުންނަލެއް ކާރިކަމުން ދުއްވާ އެއްޗެއްގެ ބޭނުމެއް ނުޖެހެއެވެ. ރަފްހާން ގެއަށް އައިއިރު އާދައިގެ މަތިން ގެ އޮތީ ހިމޭންކޮށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ރަފްހާން ބެލްޖެހުމުން ދޮރުހުޅުވާލަދިނީ އާވާއެވެ. އާވާވެސް އޮފީހުން އައިގޮތަށް އޯވަރސައިޒް ޓީޝާޓަކާއި ހަރުވާޅެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ބޭންޑަކުން ކިޔަމަންކުރުވާފައެވެ. ފޮތި ބޭންޑުގެ ސަބަބުން ނިތްކުރި މާ ތަނަވަސްކަމަށް ދައްކައެވެ. ރަފްހާން ހުރީ ހިތްހަމަނުޖެހިފައިކަމުން އާވާއާއި އަނގައިން ބުނެލާހިތެއް ނުވިއެވެ. އެހެންވެ އަވަހަށް ސިޑިން އަރައިގެން ދިޔައީއެވެ.
"ހީ އިޒް ސޯ އެރެގެންޓް، ހިތަށް އެރި އިރެއްގައި ތަ މަޖާކޮށްލެވެނީ؟ އަހަރެންވެސް ދެން އަނގައިން ނުބުނާނަން، ނޫނީ މޮޅު ޖޮބެއް ލިބުނީމަ ތިމާއަށް ތިމާ ފެނުނީކަމަށްވާނީ، އެކަމަކު ހީ ލުކްސް ސޯ ޓަޔަޑް، ދިގު ދަތުރެއްކުރީމަ މޫޑް އޮފްވީކަމަށްވާނީ، އަހަރެން ކިހާ ލަކީ، އެޓްލީސްޓް ކަނޑު ފަތާފައެއްނޫން ޖޮބަށް މިދަނީ......" އާވާ ސޯފާގައި އިށީންގޮތަށް ނިޔަފަތި ހަފަންއިންއިރު ރަފްހާން އާއި މެދު ވިސްނުނެވެ. ރަފްހާންގެ ޚިޔާލުން ބައެއްފަހަރު ހިތަށް ތަފާތު އުދަގޫތަކެއްވެސް ކުރެވެއެވެ.
ޔާކިން މާލެއައީ އޭނަ ރައްޓެހިވެގެން އުޅުނު އިނގިރޭސި އަންހެންކުއްޖަކާއި އެކު ޔޫރަޕްގައި ދުވަސްކޮޅެއް ހޭދަކޮށްލާފައެވެ. ޔާކިންގެ މިޒާޖު ހުންނަގޮތުން އެކަކާ ރައްޓެހިވެގެން މާގިނަ ދުވަހަކު ހިފަހައްޓައެއް ނުލެވެއެވެ. އޭނަ ބޭނުންކަންތައް ހާސިލުވުމުން ދެން އެކުއްޖަކާއިއެކު އުޅުން މުހިއްމުކަމަކަށް ނުދެކެއެވެ. ސެލީނާ އާއި އެކު ޔޫރަޕް ބަލާލާ މަޖާކޮށްލެވުމުން އޭނަ ފޫހިވާގޮތްވިއެވެ. އޭރު ޔާކިންވަނީ ސެލީނާ އަތުން ފޯނު، ކެމެރާ އަދި ޕްލޭސްޓޭޝަން ހަތަރެކަށް ދާންދެން އަތުލާފައެވެ. މާލެ އައުމުން މާޒީގެ ހަނދާންތައް ހިތަށް އުދަގޫކުރަންފެށިއެވެ. ނަމަވެސް އޭނަ ހުންނަނީ އެކަން ހިތުގެ އެންމެ ކަނުގައި ފޮރުވައިގެންނެވެ.
ޔާކިންއަކީ އުފާވެރި މުއްސަދި ދިރިއުޅުމެއް ބޭނުންވާ ޒުވާނެކެވެ. ކާހިތްވަނީ އަގުބޮޑު ކާއެއްޗެއްސެވެ. ލާން ބޭނުންވަނީ ބްރޭންޑެޑް ހެދުންތަކެވެ. ކޮޓަރީގައި ހުރިހާ އެއްޗެއް ހަމަވާންޖެހެއެވެ. ކްރިމްސަންވިލާ އިން އެފަދަ އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަން ޔާކިންއަށް އެނގެއެވެ. ފައިސާ މުހިއްމުވެފައިވާއިރު އޭނަގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓުވުމަށްފަހު ބައްޕަ އެކުދިންނަށްޓަކާ ވެސް ލޯނެއް ނަގާކަށް ނޫޅުނެވެ. ނިކަމެތިކަން ގަބޫލުކޮށްގެން ބައްޕައާއި ބޭބެ ދިރިއުޅުނަސް އެކަން ގަބޫލުނުކުރެވުނީ ޔާކިންއަށެވެ. ވަޒީފާއަކަށް ނުގޮސް ފަސޭހަ ދިރިއުޅުމެއް އޭނަ ބޭނުމެވެ.
ޔާކިން ރޭގަނޑު ދަންވަރު ގެއަށް ފޯރިގޮތަށް ދުވާލު ބޮޑުބައި ހޭދަކުރީ ނިދުމުގައެވެ. ހޭލެވުނުއިރު ބަނޑުހައިވެގެންގޮސް ހާންތިވާ ވަރުވެފައިވެއެވެ. މާގިނައިން ނިދުނީމާ ބޮލަށް އުނދަގޫގޮތެއްވެ ކޮފީއަކަށްވެސް ބޭނުންވާން ފެށިއެވެ. ޔާކިން ފެންވަރާލައިގެން ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެން ކަންނެތްގޮތަކަށް ސިޑިން ފައިބައިގެން އައިއިރު އަދިވެސް ލޮލުން ނިދީގެ އަސަރުތައް ނުފިލައެވެ. އޭނަގެ ބޭބެ ރަފްހާންހާ ރީތި ނުވިޔަސް ދިގު އިސްކޮޅަކާއި ބްރޯންޒްކުލަ އަރާ އޮމާން ހަންގަނޑެއް ޔާކިންއަށް ލިބިފައިވެއެވެ. ރަފްހާންއާއި ރީތިކަމުގެ ގޮތުން އެހާ ވާދަނުކުރެވުނަސް އަންހެންކުދިންގެ ދުނިޔޭގައި ކާމިޔާބު ލިބެނީ ޔާކިންއަށެވެ.
ޔާކިން ކާކޮޓަރީގެ ދޮރުމައްޗަށް އެރިއިރު އަންހެންކުއްޖަކު އަނެއްފަރާތަށް އެނބުރިގެން ހުރެ ކޮންމެވެސް މަސައްކަތެއްގައި ހުއްޓެވެ. ކޮފީހަދަނީކަން ނޭގެއެވެ. ތަން އެއްވަސްވެފައިވަނީ ކޮފީގެ ދެވިހިފާ މީރުވަހުންނެވެ. ޔާކިންގެ ސިކުނޑި ތާޒާވެގެން ދިޔަހެން ހީވިއެވެ.
"ބޫ....." ޔާކިން ކާރިއަށް ޖެހިލާފައި ކިޔާލިއެވެ.