ޑާކްނައިޓް އާއި ވާހަކަދައްކަން އިންދާ ކަރަންޓު ކެނޑުމުން އާވާ ދެރަވިނަމަވެސް އެކަން ވީ އެންމެ ރަގަޅަށް ކަމުގައި ގަބޫލު ކުރިއެވެ. އޭނަ އެއްގޮތަކަށްވެސް ޑާކްނައިޓް ގާތުގައި ހިތް ހުޅުވާލާކަށް ބޭނުމެއް ނޫނެވެ. އެ ވާހަކަތައް ނުބުނެވުނީ ހަމަ ކިރިޔާއެވެ. ޑާކްނައިޓްގެ ހުންނަ ގޮތަކުން އެއީ ކާކުކަން ކިހިނެއް ހުންނަ މީހެއްކަން ނޭގި ވަރަށް އިތުބާރު ކުރެވި އަމިއްލަ އިހުސާސްތަކާއި ހިތާމަތައް ހިއްސާކުރެވޭ ބައިވެރިޔެއްގެ ގޮތުގައި ނޭގިނަމަވެސް އާވާއަށް ބެލެމުން އައިސްފައިވެއެވެ. އުއްބައްތިއެއް ދިއްލާލައިގެން އާވާ އިންއިރުވެސް ވިސްނެނީ ޑާކްނައިޓާއި މެދުގައެވެ. އޭނަ ހީކުރާނީ ސުވާލުކުރީމަ އާވާ ރުޅިއައިސްގެން ދިޔައީ ކަމުގައެވެ. 

އާވާ އޮންލައިން ވިއިރު ދަންވަރު ބާރަޖަހައިފިއެވެ. އެގަޑީގައިވެސް އާވާގެ އިންތިޒާރުގައި ޑާކްނައިޓް އިނީކަމުގައި ބުނުމުން އާވާ ހައިރާންވިއެވެ.
"ކީއްވެތަ އަހަރެންގެ ސުވާލަށް ޖަވާބު ނުދިނީ؟ އެހެންނޫނަސް އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު އެނގެނީއެއްނޫން، އަހަންނަކަށް ނޭގޭނެ ޕްރިންސެސް ކޮންމެފަދަ ވާހަކައެއް ކިޔާދިނަސް، ތިއީ އެހާ މަޝްހޫރު ކުއްޖެއް ނޫން، ވާހަކަ ތި ލިޔަނީ މަޝްހޫރު ސައިޓަކަށް ނޫން، އެހެންނޫނަސް މިހާރު އެނގޭނެ އަހަންނަކީ ގޯސްމީހެއް ނޫންކަން، އެނގޭތަ މިހުރިހާ އިރު އަހަރެން ވިސްނީ އެމީހާގެ ނުބައިކަމާއި ދޭތެރޭ، ޕްރިންސެސް ގެ ގައިގާ އޭނަ އަތްލީކަން އަހަންނަށް ޔަގީން، ނޫންތަ؟ " ޑާކްނައިޓް ދޫނުކޮށް ސުވާލުކުރަން ފެށިއެވެ.

"އޭރު އަހަންނަށް ފަސް އަހަރު، އެކަމަކު ހަނދާން ހުރޭ، އެ ވާހަކަ ދޮންމަންމަ ގާތު ބުނީމަ ދޮންމަންމަ އަހަރެންގެ އަނގަމަތީގައި ޖެހީ، ދެން ބުނި އެއްޗެއް އެނގޭތަ؟ " އާވާ އެ ހަނދާންވިޔަސް ލޮލަށް ކަރުނަ އައެވެ.
"ކީކޭތަ ބުނީ....." ޑާކްނައިޓް ހަމްދަރުދީވިއެވެ. 
"ދޮންމަންމަ ބުނީ ސާމީގެ ސިފައިގަ އެގޭގައި އުޅޭ ޖިންނި އޭ އަންނަނީ، ކުރުސި ނުކިޔަވާ ނިދާތީ އެމީހާ އަންނަނީއޭ، ދަތްތައްވެސް އުފުރާލާނެއޭ އެ ޖިންނި ކުރާކަމެކޭ ކިޔާފައި މީހުންގެ ގާތުގައި ވާހަކަ ދައްކަންޏާ، އަނގަ މަޑުން ލައިގެން ހުންނާށޭ، އެހެންވެ ވަރަށް ބިރުގަތް، އަދި ދޮންމަންމަ ރުޅިގަދަވެފައި ހުރެ އަނގަޔަށް މިރުހެއް ފިތާލީ، ވަރަށް ކުޅިވި، އެދުވަހު މަރުނުވީ ކިރިޔާ، ހަކުރުކެއީމަވެސް ރަގަޅެއްނުވި........." އާވާ ޓައިޕްކުރަމުން ދިޔައެވެ.

"އޭނަ އަތްލީ ކޮންތާކު؟ ލަދެއްވެސް ނުގަންނަ ލާއިންސާނީ މަޚުލޫގުންވެސް ދުނިޔޭގައި އެބައުޅޭކަން އަދި ކިރިޔާ މިއެނގުނީ، އަހަރެން ހުރިނަމަ އެމީހާގެ އަތް ބިންދާލާނަން......" ޑާކްނައިޓް ރުޅިއައިވަރު އެނގުމުން އާވާއަށް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ.
"އަތްލިއެކޭ ނުބުނަމެއްނު..." އާވާ ކަންބޮޑުވިއެވެ.
"އަހަންނަށް އެނގޭ ޕްރިންސެސް ތިއުޅެނީ ނުބުނަންކަން، މިހާރު އުޅެނީ އެމީހުން ކައިރީގަތަ؟ " ޑާކްނައިޓް އަހާލައިފިއެވެ.
"ނޫން، މިހާރު މާލޭގައި މިއުޅެނީ...." އާވާ ހާސްވިއެވެ.
"ގުޑް، އެކަމަކު އަދިވެސް އެމީހާ ކުރިކަމެއް ނުބުނަމެއްނު، އެކަހަލަ މީހުންގެ ވާހަކަ ފޮރުވައިގެން ނުހުރެ ކޮންމެވެސް މީހެއްގެ ގާތު ކިޔާދިނީމަ ސިކުނޑިއަށް ލުއިވާނެ...." ޑާކްނައިޓް ވިސްނާދިނެވެ.

"އަހަރެން ކުޑައިރު ތަމްބް ސަކް ކުރިން، ސާމީއަށް އެކަން އެނގޭނެ، އެހެންވެ އެރޭ އަދި އެ ހަޑި ހަޑި އިނގިލިގަނޑު......" އާވާ ވަކި ހިސާބަކުން ހުއްޓާލައިފިއެވެ. އޭނަ މި ވާހަކަ ކިޔާދޭންވީހެއްޔެވެ؟ އޭނަގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ނަމަވެސް ޑާކްނައިޓް ގާތު އެވަރަށް ބުނެވުމުންވެސް ހިތަށް ކުޑަ ކުޑަ ފިނިކަމެއް ލިބިއްޖެއެވެ. ހިނިތުންވެވުނު ވަގުތު ޑާކްނައިޓް ކުއްލިއަކަށް އޮފްލައިން ވިތަން ފެނިފައި އާވާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެހެރީއެވެ. ޑާކްނައިޓްވެސް ފޫހިވީއެވެ. ހަގީގަތް އެނގުމުން އެންމެން އޭނަދެކެ ފޫހިވާނެއެވެ. އަނގައިން ބުނާހިތެއް ނުވާނެއެވެ. އިރުކޮޅެއްނުވެ ސްކްރީން ފުސްވާންފެށީ ދެލޯ ފުރިގެން އައި ބޮޑެތި ކަރުނަތިކިތަކުގެ ސަބަބުންނެވެ. އާވާ ލެޕް ލައްޕާލިގޮތަށް އެނދަށް ތިރިވިއިރު ޑާކްނައިޓްދެކެ ހަމަ ރަގަޅަށްވެސް ހިތުގައި ޝަކުވާ އުފެދިއްޖެއެވެ. އެންމެން އޭނައާއި ދޭތެރޭ ކަންތައް ކުރާނީ އެއް އުސޫލުންނެވެ. ތިމާގެ އުނި ސިފަތަކާއި ހިތާމަތައް ކިޔާދީގެން އެހެން މީހެއްގެ ހަމްދަރުދީ ލިބޭނެކަމަށް ހީކުރަންޏާ އެއީ އޮޅުމެވެ. އެވަރަށް ބުނެވުނީތީވެސް ހިތާމަކޮށްފައި ދުވަހަކު އެފްބީއަށް ނުވަންނާން އާވާ ނިންމިއެވެ.

"ނާޒް، އައިމް ސިކް، ދުވަސްކޮޅަކަށް އަހަންނަށް ވާހަކަލިޔުމުން ބްރޭކެއް ދީފާނަންތަ؟ " އާވާ މެސެޖްކުރީ ނާޒްއަށެވެ.
"އޮފްކޯސް ޑިއަރ، ހަފްތާއެއް ވާންދެން ރެސްޓް ނަގާ... " ނާޒް ސުވާލު ކުރުމުން އާވާ ބުނީ ބޮލުގައި މާގަދަޔަށް ރިއްސަނީކަމުގައެވެ. ނާޒް އޭނަގެ ހެޔޮ ދުޢާތައް އަބަދުވެސް އާވާއާއިއެކު ވާނެކަމަށް ބުނުމުން އާވާއަށް ރޮވޭގޮތްވިއެވެ. ދުރުމީހުންވެސް މާ ރަގަޅުކަން ނޭގެއެވެ. މަންމައާއި ކޮއްކޮ އޭނަދެކެ ލޯތްބެއްނުވެއެވެ. އޭނަ އުޅޭ ހާލުބަލާލަނީއެއް ނޫނެވެ. މިރޭ ނާޔާ ހުރީ އޭނަގެ އުފާވެރިކަމުގެ ރަމްޒެއްގެ ގޮތުން އުފާވެރި ތަސްވީރުތަކުން އެފްބީ ފަޅުފިލުވާފައެވެ. އާވާއަށް އެނގެއެވެ. އެކި މީހުން ތަސްވީރުތައްލަނީ އެކި މަގުސަދުގައެވެ. ބައެއްފަހަރު ދުރުގައި ތިބޭ އާއިލާއާއި އެކުވެރިންނާއި ހިއްސާކުރާށެވެ. ބައެއްފަހަރު ފޮނިކަން ދައްކާށެވެ. ނޫނީ ތިމާ އުޅެނީ އުފަލުގައިކަން އެހެންމީހުންނަށް އަންގާށެވެ.

"މިއަށްވުރެ މަރުވިޔަސް ހިތަށް މާ ފަސޭހަވާނެކަން ނޭގޭ، އަހަންނަށް ހެޔޮއެދޭނެ މީހަކު ހުރީއެއްނޫން، ދޮންމަންމަ އެބުނީ ރަގަޅުވާހަކައެއް، އެސިއްރުތައް ކިޔާދިނީމަ މީހުން ރުޅިއަންނާނީ އަހަރެންދެކެ، އަހަރެން ހީކުރީ އެހެން އެކަކަށް އަންޑަސްޓޭންޑް ނުވިޔަސް ޑާކްނައިޓަށް އެއްޗެއް ވިސްނޭނެކަމަށް، އެހެނެއް ނުވި، ދުވަހަކު މީހަކަށް އަހަރެންގެ ޕާސްޓް ކިޔާނުދޭނަން، އަހަރެންގެ ބެސްޓްފްރެންޑަކަށް ހަދަން ގަސްތުކުރިމީހާ އެންމެ ނިކަމެތިކޮށް އެހެދީ، ހާދަ ދެރަވެއޭ، އަހަރެން މިދުނިޔެއަށް އައުމުގެ ބޭނުމެއްނެތް، އަހަންނަކީ ސުންޕާއެއް، އައި ހޭޓް މައިސެލްފް...." އާވާ ރޭޒަރު ތިލައެއް ނަގާލިގޮތަށް އަތުގައި ޖައްސާލިއެވެ. ލަކުނުތަކުން ފުރިފައިވާ އެ އަތް ހާމަވުމާއިއެކު އާވާގެ ލޮލުގައިވާ ކަރުނަތައް އިތުރުވިއެވެ.

"އާވާ، ހަމަ ހަނދާނެއްނެތްތަ؟ މަރުވީމަ ދާނެ ތަނަކާއިމެދު ވިސްނާލަބަލަ..." އާވާ އަވަހަށް ރޭޒަރު އެއްލާލާފައި އެނދަށް ވެއްޓިގަތް ގޮތަށް ބާލީހުގައި މޫނު ފޮރުވިއެވެ. ކިތަންމެ ވަރަށް ކަރުނަ އޮއްސިޔަސް އޭނައާއި ދޭތެރޭގައި ހަމްދަރުދީވާނެ އެކަކުވެސް ނެތްކަމަށް އާވާ ގަބޫލުކުރިއެވެ. ހިތަށް އެކަން ވިސްނާދީ ދީ ބަލިވާވަރުވިއެވެ.

ދުވަސްކޮޅެއް ފާއިތުވެގެން ދިޔައިރު އާވާ އެއްގޮތަކަށްވެސް ނެޓަށް ވަދެނުލިއެވެ. އޭނަ އެކި މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައިރު ދޭތެރެއަކުން ރަފްހާން ނޫނީ ޔާކިންއާއި ދިމާވިއެވެ. ރަފްހާންގެ ވާހަކަ ހުންނަނީ ރަސްމީކޮށެވެ. ޔާކިންގެ ލާނެތްކަމުން އަބަދު އާވާއާއި ދިމާކުރުން ނޫންކަމެއް ނެތެވެ. އަމީން ބައްޕަފަދައެވެ. އާވާއާއި އަމީން އޯގާތެރިކަމާއިއެކު ވާހަކަދައްކައިފިއްޔާ އާވާ ފެންކަޅިވާތަން އަމީންދެކެއެވެ. އާވާގެ ދެލޮލުގައި ހުންނަ ހިތާމަވެރި އަސަރުތަކާއިމެދު އަމީންގެ ހިތުގައި ސުވާލު އުފެދެއެވެ. ނަމަވެސް ރަފްހާންގެ ރަގަޅުކަމާއިމެދު އިތުބާރުކުރެވޭވަރުން އެހިތާމައާއި ރަފްހާން ގުޅުވާލަން އަމީން ބޭނުން ނުވަނީއެވެ.

އާވާ ކަންނެތްވާ ދުވަހެއް ވެއްޖެއްޔާ އެހެން މީހުންނަށް ނާންގާ ކާރީގައި ހުންނަ ފިހާރައަކުން ހަވީރަށް ކޮންމެވެސްކަހަލަ ހެދިކާއެއް ގަނެލައެވެ. ގޭގައި ނަހަދާ އެއްޗެއް އާވާއަކަށް ނުކެވެއެވެ. އެހެންވެ އެފަދަ ދުވަހެއް ވެއްޖެއްޔާ އާވާ ކާލަނީ ބިސްކޯދެއް ނޫނީ ޕާންފޮތްޗެކެވެ. މިއަދުވެސް އާވާ ހަވީރަށް ބަޖިޔާ ގަނެގެން ގެނެސްފައި ސައިހެދިއެވެ. މޭޒުމަތި ތައްޔާރުކުރަން ހުއްޓާ ޔާކިންއާއި ރަފްހާން އަދި އަމީން އެކީގައި ކަހަލަގޮތަކަށް ކާކޮޓަރިއަށް ވަދެ މޭޒުދޮށުގައި އިށީނެވެ.

"އަވީ، ބަޖިޔާ މިއަދު ފޮނިކަމުން އާވާއެކޭ އެއްވަރު....." ޔާކިން ބަޖިޔާއެއް އަނގައިގާ ޖަހާލަމުން އާދައިގެ ގޮތެއްގެ މަތިން ކާއެއްޗެއްސަށް ފާޑުކިޔެވެ.
"ބަޖިޔާ ވަރަށް މީރު..." އަމީން އަބަދުވެސް ތައުރީފުކުރާނެއެވެ. ރަފްހާން ހިމޭނުން އިނދެލާފައިވެސް އާދައިގެ މަތިން އެ ތޫނުދެލޮލުން ބަލާލިއިރު އާވާއަށްވެސް އެދިމާލަށް ބަލާލެވުނީއެވެ. އަމީން އެދުނީ އާވާވެސް ސައިބޯން އައުމަށެވެ. އަމީން ހިތްހަމަޖެހެނީ ޅީދަރިފުޅުވެސް އެމީހުންނާއި ބައިވެރިވީމައެވެ. އެންމެން އެކީގައި މިގޮތަށް ކާ މޭޒުދޮށުން ފެނުމަށް އަމީން އަބަދު ބާރުއަޅައެވެ. ނަމަވެސް އާއްމުކޮށް މިހެން އެކީގައި ކާލެވެނީ ހަމައެކަނި ހަވީރުގަޑީގައެވެ. އާވާ އިށީދެފައި ޕާން ފޮތްޗެއް ނެގިއެވެ.

"އައްޗި...." ކުއްލިއަކަށް ޔާކިން ބަޖިޔާގެ ތެރެއިން އިސްތަށްޓެއް ނަގާފައި ދައްކާލުމާއި އެކު އެންމެ ފުރަތަމަ އޯކަށް ދަމައިގަނެފައި ދުއްވައިގަތީ އާވާއެވެ. ޔާކިން އަނގަ ނުބައިވިޔަސް އިސްތަށިނަގާފައިވެސް ބަޖިޔާކާލީ އާވާ ހެދި އެއްޗެއްކަމަށް ވާތީއެވެ. އާވާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އޮންނައިރު ވަރުގަދަވެފައި ފަންކަމުން އަބަދު ވިހުރެވޭއިރު މިފަދަ ހާދިސާތައްވެސް ހިގާނެތާއެވެ. ރަފްހާން އިނީ ކަންބޮޑުވެފައެވެ. އާވާ ލަދުގަނެ އެކަމާއި ހިތާމަކުރާނެވަރު އިހުސާސްކުރެވުނެވެ. 
"ދޮންބެއަށްވެސް ނުކެވުނު ދޯ، ނަސީބެއް ހުރިހާ ބަޖިޔާއެއް ލިބުނީނު...." ޔާކިން ހަމަޖެހިލައިގެން އިދެ ބަޖިޔާކާން ފެށިއެވެ. އަމީން ޔާކިންއަށް އަޑުލިއެވެ. އާވާ ދެރަވާނެވަރު ބުނެދީ މާފަށް އެދެން އެންގިއެވެ. ކައްކާމީހެއްގެ އަތުން އެންމެ ފަހަރަކު އެކަހަލަ ގޯހެއް ހެދިދާނެ ކަމަށާއި އެކަން މައްސަލައަކަށް ނަހަދަން ޔާކިންގާތުން އެދުނެވެ. ޔާކިން އިނީ ހިނިއައިސްފައެވެ. ދެން އޭނަ ހާސްފަހަރު މާފަށް އެދުނަސް އެކަން ނުވާކަމަކަށް ނުވާނެއެވެ. އިރުކޮޅެއްނުވަނީސް އާވާ ތަންކޮޅެއް ހަމަޖެހިލައިގެން ހުރެ ކާކޮޓަރިއަށް ވަދެފައި އޭނަ މިއަދު ބަޖިޔާގަތް ފިހާރަ ބުނެދީފައި ޔާކިން ގާތުއެދުނީ އެތަނަށް ގޮސް މައްސަލަ ޖެއްސުމަށެވެ. މިއަދު ބޮލުގައި ރިއްސާތީ ހަވީރު ސަޔަށް އެއްޗެއް ނެހެދުނީކަމަށެވެ. އެއީ އާވާ ހެދި ބަޖިޔާނޫންކަން އެނގުމާއިއެކު ޔާކިން ހޮޑުނުލެވުނީ ކިރިޔާއެވެ. ވަގުތުން ބަޖިޔާތަށި ހޫރާލިގޮތަށް ރުޅިގަދަވެފައި އެތަނުން ތެދުވެގެން ދިޔަތަން ފެނުމުން އާވާ ހިނިއަންނަގޮތްވިއެވެ.

އެރޭ ރޭގަނޑު ރަފްހާން ކާކޮޓަރިއަށް ވަންއިރު އާވާ ކޮންމެވެސް އެއްޗެކޭ ކިޔަކިޔާފައި މޭޒުމަތި ފޮހެން ހުއްޓާ ފެނުމުން ރަފްހާންގެ ތުންފަތްމަތީގައިވާ ފަނޑު ހިނިތުންވުން ފުންވެގެން ދިޔައެވެ.
"އެކަނި ހުރެ ވާހަކަދައްކަނީ ހަންޑިއަކާތަ؟ ކޯންޗެއް މިރެއަށް ހަދާލީ؟ " ރަފްހާންގެ އަޑު އިވުމުން އާވާ އެނބުރި ބަލާލައިފިއެވެ. ރަފްހާން އައުމުން ތާޒާ ލުއި މީރުވަހެއް ތަނުގައި ހިފާލިއެވެ. ދެންމެ ފެންވަރާލައިގެން އައީކަން ނޭގެއެވެ.
"ރޮށްޓާއި ކުޅިމަސް..." އާވާ ބުނެލިއެވެ.
"ގުޑް ގާލް، އަހަރެން އަންނަގަޑިއަށް ކޮފީ ހަދާލީ......" ރަފްހާން ގެ ނަޒަރު ހުއްޓުނީ މޭޒުމަތީގައި ހުރި ކޮފީތަށްޓަށެވެ. އޭނަ ކޮފީ ތަށިނަގަން އަތްދިއްކޮށްލާއިރަށް އާވާ އަވަސްވެލާފައި އެ ތަށި ދުރަށް ޖައްސާލަމުން އެއީ އޭނަގެ ތަށިކަން އެންގިއެވެ.
"މިތަށްޓަށް ކޮފީ ބުއިމަކީ މަނާކަމެއްތަ؟ " ރަފްހާން ހުރީ މަޖާވެފައެވެ.
"ސޮރީ، އެކަމަކު އަހަރެން މަގު ތަށި އަދި ސަމުސާ ޝެއަރ ނުކުރަން...." އާވާ ގަދަކަމުން ހީލަމުން ރަފްހާންއާއި ހަތަރުކަޅި ހަމަކުރިއެވެ.
"ކޮބާ ސަބަބަކީ؟ އާވާ ބައްޔެއްޖެހިފައި ހުރީތަ؟ އަހަރެން އެހާ ބިރެއްނުގަނޭ ބައްޔެއް ޖެހިދާނެތީ، ވާންހުރިކަމެއް ވާނެއްނު، ނޫނީ އަހަރެންދެކެ ބިރުގަންނަނީތަ؟ " ރަފްހާން ބުމައަރުވާލިއެވެ.
"އެހެނެއްނޫން، އެއީ ކުޑައިރުއްސުރެން އެގޮތަށް އާދަވެފައިވާތީ، އަހަރެން ކޮފީއެއް ހަދާދީފާނަން..." އާވާ އެހެން ބުނެލުމުން ރަފްހާން ގޮނޑިއެއް ދަމާލައިގެން އިށީދެއްޖެއެވެ. އާވާއާއިއެކު އުޅެން އުދަގޫވާއިރުވެސް ސިކުނޑީގެ ކަނަކުން މިކުއްޖާއާއި ރުހެވޭގޮތެއްވެސް އެބަވެއެވެ. އެހެން އަންހެންކުދިންނާއި ތަފާތުކަމުންނެވެ.

ރަފްހާން ކޮފީތަށި ހިފައިގެން ބެލްކަންޏަށް ނުކުތް ގޮތަށް ބޭރަށް ބަލަން ހުރިއިރު އޭނަގެ ޚިޔާލުގައި އާވާ ނޫން އެހެން އިތުރުކަމެއް ނުވެއެވެ. އެވަރަށް އާވާއާއިމެދު ވިސްނެން ފެށުމުން ނޭގި އާވާދެކެ ލޯބިވެވުނީބާވައޭ ހިތަށް އަރާފައި އެކަނި ހުރެވެސް ރަފްހާން ހިނިތުންވެލިއެވެ. އެކި ޚިޔާލުތަކުން ހިތަށް ފޮނި މީރުކަމެއްވެސް ލިބުނެވެ. އާވާދެކެ ލޯބިވުން އެއީ މައްސަލައެއްނޫނެވެ. ނަމެއްގައިވިޔަސް އެއީ އޭނަގެ އަންހެނުންނެވެ. އެގުޅުން އިތުރަށް ކުރިއަށް ގެންދާން ހިތް ބޭނުންވާނީ އާވާއާއިމެދު ހިތުގައި މަގާމެއް ދެވުނީމައެވެ. އެހެންނޫނަސް އާވާ ދަސްކުރަން އޭނަ ބޭނުމެވެ. މިހާރު އެނގިފައިވަނީ މަދު އެއްޗެކެވެ. މުޅިން ދަސްކޮށްގެން ނޫނީ އެހިތާއި ހަމަޔަށް ނުފޯރާނެއެވެ.

ތާނިޔާއަށް ރަގަޅުވުމާއެކުހެން ޝަކުވާ ފުނިވަރަކާއިގެން ކްރިމްސަންވިލާއަށް އައެވެ. އާވާ ހީކުރީ ތާނިޔާގެ މޫނުމަތީގައިވެސް ލަކުނު ހުންނާނެ ކަމުގައެވެ. ތާނިޔާގެ ރީތިކަން ހައްތަހާ އިތުރުވީއެވެ. ދޮންކަމުން ވިދައެވެ. ފިޔާތޮށިކުލައިގެ ސްކާފްގައި ހުރިއިރު މޫނުގެ ކުލައަރާފައިވާހެން ހީވިއެވެ. ހަނދުގައި ލައްތަކެއް ހުއްޓަސް އެހެން މީހުންނަށް ފެންނާނެ ހެއްޔެވެ؟ އެގޮތަށް ތާނިޔާގެ މޫނުގައިހުރި އެންމެ ދެ ލަކުނުވަނީ ފަނޑުވާން ފަށާފައެވެ. އާވާ މާފަށް އެދުނެވެ. އޭނަވެސް ބަލިވެގެން ވާހަކަ ލިޔުން ހުއްޓާލައިގެން އުޅޭކަމަށް ބުނެ އުޒުރެއްދެއްކިއެވެ.

ތާނިޔާ އައިގޮތަށް ރަފްހާން، ޔާކިންގެ އިތުރުން އަމީންއަށްވެސް ތަޢާރަފުވެލިއެވެ. ހީވީ އެތައް ދުވަހެއްވާންދެން އެއާއިލާ މީހުން ދަންނަ ގާތް އަންހެންކުއްޖެއް ހެންނެވެ. އެންމެނާއި އަނގަ ތަޅާފައި މަޖާވެގެން އުޅުނުތަން ފެނިފައި އާވާ ހުރީ ނިކަން ބިރުންނެވެ. ރަފްހާންއާއި ދިމާލަށް ތާނިޔާ ވަކިން ޚާއްސަ ނަޒަރަކުން ބަލާކަންވެސް އޭނަ ފާހަގަކުރިއެވެ. ރަފްހާން ކުރީކޮޅު ހުރީ އެކަން ނުދެނެހުރިކަމަށް ހަދާލައިގެންނެވެ. އޭނައާއި ހެދި އަންހެންކުދިން މޮޔަވާއިރުވެސް ނޭގެނީހެއްޔެވެ؟ ނޫނީ އެހާ މައުސޫމް ހެއްޔެވެ؟ އާވާ އެމަންޒަރު ބަލަންހުރެ ދަތްތައް ވިކައިގަތެވެ.
"އާވާ އެހެރީ ތާނިޔާ އަހަންނާއި ވާހަކަދައްކާތީ ވަރަށް ރުޅިއައިސްފަހެން ހީވޭ، ނޫނީ މަށަށް ހީވިގޮތެއްބާ، ފަހަރެއްގައި އަހަރެން ތާނިޔާއާއި ވާހަކަދައްކާ ގާތްކޮށްލައިފިއްޔާ އާވާ ބިރުން އަހަންނާއި ކްލޯޒްވެދާނެކަން ނޭގޭ، އާވާއާއި ތާނިޔާ ކުޑައިރުއްސުރެން އެކުވެރިކަމާއި އާއިލީ ގޮތުންވެސް ގުޅިފައިވާކަން މިއެނގުނީ، އެހެންނޫނަސް ތާނީއަށް އާވާއާއި ބެހޭ ވަރަށް ގިނަ މައުލޫމާތު އެނގޭނެހެން ހީވޭ......" ރަފްހާން ފޯނު ހުޅުވާލައިގެން އިނަސް ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަމެކެވެ. އެންމެ މަޖާ ތަންކޮޅަކީ ތާނިޔާއަށްވެސް އާވާ ރަފްހާންއާއި ކައިވެނިކޮށްގެން އުޅޭކަން ނޭގޭތީއެވެ.

އަމީން ރޭގަނޑު ކައިގެން އެތެރެއަށް ވަންއިރު ތުނިކޮށް ވާރޭވެހެން ފަށައިފިއެވެ. އަމީން ގެއަށް ވަނުމާއިއެކު ރަފްހާން އަވަހަށް ތާނިޔާއާއި ދިމާލަށް ބަލާލީ ހިނިތުންވެލަމުންނެވެ.
"ވާރޭވެހެން އެފެށީ، މިރޭ މިގޭގައި މަޑުކޮށްލަންވީ އެއްނު...." ރަފްހާންގެ އެ ޖުމްލައިން އުދަގޫވެ އަސަރުކުރީ އެކަނި އާވާއަކަށް ނޫނެވެ. އެ ޖުމްލައިން ޔާކިންގެ ހިތް ދިޔައީ ގުޑައިގެންނެވެ. އޭނައަށް ރީތި ކަމުދާ އަންހެންކުއްޖެއް ފެންނައިރަށް އެކުއްޖަކާއި ރަފްހާން ގާތްވަނީ ކީއްވެހެއްޔެވެ؟ ދުވަހަކު ޔާކިންގެ ހިތަށް މިހާ ބޮޑު ދަތިކަމެއް ނުލިބެއެވެ. ތާނިޔާވެސް ހީވަނީ އެ ރީތި ދެލޮލުން ރަފްހާން ކާލަފާނެހެންނެވެ. އެންމެ ފަހަރަކުވެސް އެ ނަޒަރު ރަފްހާންގެ މޫނަކުން ވަތްކެއްނުވެއެވެ.
"ތޭންކްސް ރެއިން، އެނގޭތަ؟ އިޓްސް ހަލޮވީން ނައިޓް، ބިރުވެރި ކަމެއްކޮށްލަން ހިނގާ...." ތާނިޔާ ފަރި ހިނިތުންވުމަކާއިއެކު އެހެންދުވަހަށްވުރެ "ޗާމިން" ވާން މަސައްކަތްކުރާތަން ފެނުމުން އާވާ މޮޔަވާވަރުވިއެވެ. ތާނިޔާއަށް ނޭގެނީއެވެ. މޮޔައީއެވެ. ފިރިހެނުންނަކީ ކިހާވަރެއްގެ ބަޔެއްކަން އެނގޭނެނަމައެވެ. ރަފްހާން ގެ އަންބަކު ނަމެއްގައި ހުރިއިރުވެސް އެހެން އަންހެންކުއްޖަކާއި އަނގަތަޅަން އިނީ ކިހާ މަޖާވެލާފައިހެއްޔެވެ؟

"ބިޓްރޭއި ކުރަން މި މީހުން ވަރަށް މޮޅުވާނެ..." އާވާ ހިތުން ކިޔާލިއެވެ.
"ތާނި، މުސްލިމުން ނުޖެހޭނެ އެރޭ ފާހަގަކުރަން، އެހެންނޫނަސް ވަރަށް ނިދިއެބައާދޭ، ނީދެވޭނެ އެއްވެސް ސަކަރާތެއްޖަހަން، ހިނގާ ކޮޓަރިއަށް....." އާވާ ތެދުވެގެންގޮސް ތާނިޔާގެ އަތުގައި ހިފާ ދަމަންފެށިއެވެ. ތާނިޔާ އުޅުނީ ނުދާށެވެ. ނަމަވެސް ޔާކިންވެސް މޫޑެއްނެތޭ ކިޔާފައި ސިޑިންއަރައިގެން ދިޔުމުން ރަފްހާންވެސް އެންމެފަހުން ކޮޅަށް ތެދުވެއްޖެއެވެ.
"ތާނި، މާދަން ދިމާވާނެ ދޯ، މާދަން އަހަރެންގެ އޮފް ޑޭ..." ރަފްހާން ގެ ވާހަކައިން އާވާ ހުރީ އަނގަ ހުޅުވިފައެވެ. އޭނަގެ ކުރިމަތީގައި ރަފްހާން ލަދެއްނެތި ތާނިޔާއާއި ވާހަކަދައްކާގޮތް ބަލާބަލާށެވެ. އިންސާފެއް ނޫނެވެ.

ހެނދުނު އާވާ ތެދުވެ މޭޒު ތައްޔާރު ކުރިގޮތަށް އެންމެން ސައިބުއީ އެކީގައެވެ. މަދީ ޔާކިން އެކަނިއެވެ. ތާނިޔާ ހީހީފައި ރަފްހާންގެ އިތުރުން އަމީންއާއި ވާހަކަ ދައްކާއިރު އާވާ އިންނަން ޖެހުނީ އަނގަ ލައްޕާލައިގެންނެވެ. ތާނިޔާގެ ވާހަކައިގެ އޮމާންކަމާއި ރީތިކަމުން އެންމެން ޖާދޫގައި ޖައްސާލައިފިކަން ޔަގީނެވެ. އަމީން ޟުހާ ނަމާދަށް ވަންގަޑި ބަލާލާފައި ރަފްހާންއާއި ދެމީހުން ވާހަކަދައްކަމުން ބޭރަށް ނުކުތެވެ. އެކަން އެނގުމުން އާވާހުރީ ކުޑަދޮރުގައި ހުރި ބާކޮޅަކުން ބޭރަށް ބަލާށެވެ. ތާނިޔާ ބަދިގެއިން ގެނެސްފައި ހުރި ކުދި އަނބުތަކެއް މަށާފައި މަޖާކާންފެށިއެވެ. ރަފްހާން ތާނިޔާ ދިއްކޮށްލި އަނބުތަށްޓެއްގައި ހިފަމުން ޖޯލީގައި އިށީދެލިއެވެ.

"ލަދެއް ހަޔާތެއްނެތް އަންހެންކުއްޖެއް، ނޭގޭތަ ތިއީ މަގޭ ފިރިމީހާ ކަމެއް، މީހުންގެ ފިރިން ޖަހައިގަންނާނެ ގޮތެއް ނޭގިފައި މިމީހުން ތިބެނީ..." އާވާ ރުޅިއައިވަރުން ބިއްލޫރިގަނޑުގައި އަތުން ބާރަކަށް ޖެހުނީ ބޭއިޚުތިޔާރުގައެވެ. ރަފްހާންވެސް ކުއްލިއަކަށް އެދިމާލަށް ބަލާލައިފިއެވެ. އާވާ ބާރުބާރަށް ހިނގާލާފައިގޮސް ކާކޮޓަރިއަށް ވަންގޮތަށް ފެން އިސްކުރަށް ދޫކޮށްލިޔަސް ހިތުގައިވާ އަލިފާން ފިންޏެއްނުވިއެވެ. ފަނަރަވަރަކަށް މިނިޓްފަހުން ތާނިޔާ އެތަނަށް ވަންއިރު ތުންފަތް ރަތްކަމުން ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ.
"ސަމްބަޑީ ކިސްޑްމީ..." ތާނިޔާ އެއްލޯ މަރާލިއެވެ.
"ވަޓް؟" އާވާ ދިޔައީ ސިއްސައިގެންނެވެ.
"ރަފްހާންގެ ރީތިކަމަށް ހިތް ފިދާވެއްޖެ، އެހެރަ ފިރިހެންވަންތަކަމެއް ދޯ، ބަލާބަލާ ހިތެއް ނުފުރޭ، ހިތް އަވަސްވެ ފިނިވާގޮތްވެފައި މިހިރީ، މިވަރުން ދަންޏާ ހާޓްއެޓޭކެއް ނުޖެހޭނެތަ، ކޮންތާކު ތަ މިހުރިހާ ދުވަހު އަވީ އޭނަ ފޮރުވައިގެން ގެންގުޅުނީ، އަވީ އަހަރެން މިގެއަށް ނުވައްދަން އުޅޭ ސަބަބު ރޭކާލީ އަދި ކިރިޔާ، މިގޭ ބޯއިސްއިން ރީތިކަމުން ގެއްލިދާނެތީ ކަން ޔަގީން، ޔާކިންއަށް އަވީ، އަހަންނަށް ރެއިން، އޯކޭތަ؟ " ތާނިޔާ ގެ ލޮލުން ފެންއައިސްފައި ހުރިއިރު އެ ދެލޮލުގެ ރީތިކަން އިތުރުވެފައިވާހެން ހީވެއެވެ. އާވާ ހުރީ ކިޔަންވީ އެއްޗެއް ނޭގި ބަސްހުއްޓިފައެވެ. ތާނިޔާ ސީދަލަށް އެހެން ބުނުމުން ލަދުގަންނަގޮތްވިއެވެ. މޫނުމަތީގައި ބުނަން ޖެހޭ އެއްޗެއް ބުނަން ތާނިޔާ އެއްވަނައެވެ. 

"ރެއިން ދެ އަންބަށްތަ މީހަކާއި އިންނަން އުޅެނީ..." ދަންނަ އަޑެއް އިވުމުން ދެކުދިން އެކީގައި އެނބުރި ބަލާލައިފިއެވެ.

ކޮމެންޓް 0