އާވާގެ ކިބައިން އެވަގުތު ފެނުނު ލަދުވެތިކަމާއި ފަރި ކަމަކީ އާވާގެ ފަރާތުން ދުވަހަކު ފެނިދާނެ ސިފަތަކެއް ކަމަށް ރަފްހާން ހިޔެއްނުކުރެއެވެ. އަންހެންކުއްޖެއްގެ ހުންނާނެ އެންމެ އަންހެންވަންތަ އެއް ސިފައަކީ އެއީއެވެ. އެފަދަ ސިފަތައް އާވާގެ ގައިގާވެސް ލައްވާފައިވާ ކަމަށް އެވަގުތު ރަފްހާން ގަބޫލުކުރިއެވެ.
"މާހްޖަބީންއަކީ އާވާގެ މަންމަ ދޯ..... " ރަފްހާންގެ ޖުމްލައިން އާވާ ސިހިފައި މޫނުގެ ކުލަވަރު އެއްފަހަރާ ބަދަލުވިއެވެ.
"ނޭ...ނޭގޭ....." އާވާ ހިންދިރުވާލިއެވެ.
"އަހަންނަށް ޔަގީންވީމަ މިއަހާލީ، އެހާވަރުން އޮޅުވާލައިގެން ތިއީ ދައްތައެއްގެ ދަރިއަކަށް ހަދައިގެން އުޅޭ ސަބަބެއް ނޭގުނު....." ރަފްހާން އެ ސުވާލުކުރަން ޖެހުނީ ޑާކްނައިޓް ކައިރީގައި މާހްޖަބީންއަކީ މަންމަކަމަށް ހީވާފަދަ ގޮތަކަށް އާވާ ވާހަކަދައްކާތީ އެވެ. މަންމަ އޭނައާއި ކޮއްކޮ ތަފާތު ކުރާ ވަރުން ދެރަވާ ވާހަކަ އެތައް ފަހަރު ތަކުރާރުކޮށް ބުނެފައިވެއެވެ. ރަފްހާން ކުރީކޮޅު ހީކުރީ އާވާ މާހްޖަބީންއަށް މަންމަ ކިޔަނީ އޮޅުވާލަންވެގެން ކަމުގައެވެ. ރަފްހާން އެކި ގޮތްގޮތަށް ސުވާލުކުރަން ފެށުމުން އާވާ ދެރަވެފައިހުރެ ހުރިހާ ވާހަކައެއް ކިޔާދިނެވެ. މަންމަ އޭނަ ގާތުގައި މަންމަ ނުކިޔަން އެންގި ދުވަހު ހިތް ހަލާކުވިވަރު ކިޔާދިނެވެ. އޭނަ މަންމަގެ އެޕާޓްމެންޓަށް ދިޔުމުން އެގޭގައި ހުރެވޭނީ ސައުވީސް ގަޑިއިރަށޭ ބުނުމުން ހިތަށް ކުރި އަސަރު ބަޔާންކޮށްދިނެވެ. އެގެއިން ނުކުމެގެން އޭނަ ރަފްހާންއާއި އެކީގައި އައީ ދުވަހަކު މަންމަގެ ގާތަށް ނުދާން ހިތާހިތުން ވައުދުވަމުން ކަމަށް އާވާ ބުނެލި އިރު އެ އަޑުގައި ހިތްހަލާކުވާފަދަ ގޮތެއް ހުއްޓެވެ. ނަމަވެސް އާވާ ކަރުނައާއި ބީރައްޓެއްސެވެ. ހިތް ކުދިކުދިވެ އެތިކޮޅުތަކަށް ވަމުންދާ އިރުވެސް އެލޮލުން ކަރުނަ ނާންނަނީ ކީއްވެކަން ރަފްހާންއަށް އެނގެއެވެ. ކުޑައިރު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބި ހަލާކުވެފައިވާ އަންހެންކުއްޖަކަށްވީމަ ޖަޒުބާތުތައް ބޭރުކޮށްލަންވެސް ނޭގެނީއެވެ.
"މަންމަ ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތް ކުރަނީ ކަމަށް ވާނީ، މަންމަ އާވާދެކެ ލޯބިވާނެ..." ރަފްހާން އާވާއަށް ހިތްވަރުދިނެވެ.
"ނޫން، އެކަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ....." އާވާ ގެ ލޮލުން އެވަގުތު ކުޑަ ތެތްކަމެއް ފެނިލިއެވެ.
"ތިހެން ނުވިސްނާ، ދުލުން އެއްބަސް ނުވިކަމުގައި ވިޔަސް ލޯބިވާ މީހެއް ހުރެދާނެއްނު...." މި މޮޔަކުއްޖާއަށް އެއްޗެއް ވިސްނޭތޯ ހަތަރުކަޅި ހަމަކޮށްލަމުން ރަފްހާން ކުޑަކޮށް ހިނިތުންވެލިއެވެ. އެއާއިއެކު ވަޔާއިއެކު އައިސް އޭނަގެ ގައިގާ ނާޒުކް ކުރިކޮޅެއް ބީހިލީ ދިން މެސެޖެއް ފަދައިންނެވެ. އެފެހި ކުރިކޮޅުގައި އިން މަލެއް ބިނދެލާފައި އާވާގެ އިސްތަށިގަނޑުގައި ޖަހާލަދޭން އޭނަ މަސައްކަތްކުރިއެވެ. އާވާގެ ފަން އިސްތަށިކޮޅު ކިޔަމަންކުރަން ޖަހާފައިއިން ކުޑަކްލިޕް ކޮޅެއްގައި އެދަތި ހަރުކުރުން ރަފްހާންއަށް ފަސޭހަކަމަކަށް ނުވިއެވެ. އާވާހުރީ ނޭވާ ހިފަހައްޓައިގެންނެވެ. ރަފްހާންގެ އެ ގާތްކަމުން ހިތުގެ ތެޅުމަށް ޒަލްޒަލާއެއް އައެވެ. މިއީ ވެގެން ވާނެގޮތެއް ނޫނެވެ. މިގޮތަށް ރަފްހާން އޭނަ ހައްދަން ވެއްޖެއްޔާ އޭނައަށް ފަހުންވާނީ ކިހިނެއް ހެއްޔެވެ؟ ރަފްހާންގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މާ ޖަހާ ދިނުމުގެ ނަމުގައި އެހެންކަމެއް ނުކުރާނެ ހެއްޔެވެ؟
އެވަގުތު ރަފްހާންއަށް މުހިއްމު ކޯލެއް އައިސްގެން ދުރަށް ޖެހިލިތަނާ އައިނައި ދިމާލެއް ނޭގި ޔާކިން އާވާގެ ބޮލުގައި އިން މާ ދަމައިގެންފާ ބިންމައްޗަށް ވައްޓާލިގޮތަށް ފައިން އަރާ ޗިސްކޮށްލައިފިއެވެ.
"ހާދަ ގޯހޭ....." އާވާ ދެލޯބޮޑުކޮށްލިއެވެ.
"އަވީ، ދޮންބެ އުޅެނީ އަވީ އޮޅުވާލަން، ޓްރަސްޓް މީ، ދޮންބެދެކެ ލޯބިވާން ވެއްޖެއްޔާ އަވީ ގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ، މާލޭގެ ދެބައިކުޅަ އެއްބައި ކުދިން ހިތްކިޔާފައިވާ މީހަކާއި އެކީގައި ހަމަޖެހިލައިގެން އުޅެވޭނެހެން ހީވޭތަ؟ އަހަރެން ބުނާބަހެއް ގަބޫލުކުރަންޏާ އަވީ ވީހާވެސް އަވަހަށް ފޮށިތަންމަތި ބަދެލައިގެން ރަށަށް ދޭ، އަހަރެން އާވާއަށް ހެޔޮއެދޭތީ ބުނާ އެއްޗެއް މިއީ، ނޫނީ ރެއިން އާވާ ރޮއްވާލާނެ......." ޔާކިން ހުރީ ނުލަފާ ފާޑަކަށް ހެވިފައެވެ. ފާރުގައި އަތް ވިއްދާލައިގެން ހުރިއިރު ރޯކޮށްފައިވާ ސިގްރެޓްގެ ވަހުން އާވާގެ ފުއްޕާމެއަށް އަސަރުކޮށް ކޮށިއަރާގޮތްވިއެވެ.
"އަހަރެން މިވަގުތު ދާނެ ތަނެއް ނެތީމަ މިގޭގައި މިހިރީ، އަހަރެން ރަފްހާންދެކެ ލޯތްބެއްނުވޭ....." އާވާގެ ހިތަށް އަސަރުކުރިޔަސް އެކަމެއް ނުދެއްކިއެވެ.
"ކާކުދެކެ ލޯބިވަނީ، އަހަރެންދެކެ؟ "ޔާކިން އެއްމިޔަކަނުން ހީލިއެވެ.
"އަހަރެން ހިޔެއްނުކުރަން ޔާކިންއަކީ ތިހާ ގޮތްކުޑަ މީހެއްކަމަށް...." އާވާ އިތުރަށް ޔާކިންއާއި ވާހަކަދައްކަން ބޭނުންނުވެފައި ހުރެ ދާންހިނގައިގަތެވެ. ކޮޓަރިއަށް ވަދެފައި ރަފްހާން މާ ޖަހާދިން ވަގުތުކޮޅު ހިތަށް ގެނެވިފައި ކުޑަކޮށް ހީލެވުނެވެ. ރަކިގޮތަކަށެވެ. އެއާއިއެކު ޔާކިންގެ ރަހުމްކުޑަ ބަސްތައް ކަށިތަކެއްހެން ހިތަށް އެރި އެ އުފާވެރިކަން އެހެން ސިފައެއް ޚިޔާރުކުރަންފެށިއެވެ. ރޯލަން ބޭނުންވިއެވެ. ނަމަވެސް އެތެރެއެތެރެއިން ރޮވުނަސް ލޮލުން ކަރުނައިގެ އަސަރެއް ނުފެނުނެވެ. އެންމެފަހުން ހިތްހަމަޖައްސާލަންވެގެން އޭނަ ވާހަކަދައްކަން ފެށީ އޭނަގެ ޑާކްނައިޓްއާއެވެ. އެދުވަހަށްފަހުވެސް ރަފްހާން އާވާއާއި ވާހަކަދައްކަން މަސައްކަތްކުރާ ކޮންމެފަހަރަކު އާވާ އަވަހަށް ކޮންމެވެސް ތަނަކަށް ވަދެ ފިލައެވެ. ރަފްހާންއަށް ފެނިލާން އޭނަ ޖެހިލުންވަނީއެވެ. ބިރުގަންނަނީއެވެ. ސަބަބެއް އޭނައަކަށްވެސް ނޭގެއެވެ.
މާހްޖަބިން އާވާއާއި ބައްދަލުކުރަން ކްރިމްސަންވިލާއަށް އައީ ކޮންމެވެސް ވަރަކަށް ހަދިޔާ ހިފައިގެންނެވެ. ގަޔަށް ބާރު ދެތިން ހެދުމާއި މޭކަޕްސާމާނު ވަރަކަށް ގެނެސްދިނެވެ. އާވާއަށް މާހްޖަބީން އެންގީ އަބަދާ އަބަދު ރީތިކޮށް ހެދުން އަޅައިގެން ހުރުމަށާއި ރީތިވެ މީރުވަސް ދުއްވާލައިގެން ހުރުމަށެވެ.
"ވަޓް، ފެންނުވަރާތާ ދެތިން ދުވަސްވެއްޖެއޭ؟ މާހުޖަބީން ހައިރާވްނީ އާވާ ބުނެލި އެއްޗެއް އަޑުއަހާފައެވެ.
"ފެންވަރާހިތެއް ނުވޭ، އައި ޑޯންޓް ސްވެޓް........" އާވާ ހަގީގީ ސަބަބު ފޮރުވިއެވެ.
"ޗީ ޗީ، ހަޑިގިއްލާތަ؟ ނިޔަފަތިތައް ކައިކައި ހަލާކުކޮށްލާފަ، ހަމަ މިހާރު ފެންވަރަންދޭ، ލަދުން ހަލާކުވާވަރު އެބަވޭ، ރަފްހާން މިކުއްޖާގެ ކަންތަކާ ކެތްކޮށްގެން ހުންނަކަންވެސް ރަގަޅު، ރަފްހާން ނޫން މީހެއްނަމަ...." މާހުޖަބީން ހުރީ ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ. މާހުޖަބީންގެ އަމުރަށް ކިޔަމަންވާކަށް އާވާ ބޭނުމެއްނުވިއެވެ. އޭނަގެ ދިރިއުޅުމަށް މިހާރު މަންމައެއްގެ ނުފޫޒު ބޭނުމެއް ނުވެއެވެ. އޭނަ ބޭނުމީ އެކަނި ޑާކްނައިޓްއެވެ. ހިތް އެދެނީ މިގެއާއި ހުރިހާ އެއްޗެއް ދޫކޮށްލާފައި ޑާކްނައިޓް ހުރި ދުނިޔެއަކަށް ދާށެވެ. ބައެއްފަހަރު އެއީ އޭނަގެ ޚިޔާލުގައިވާ ލޯބިވެރިޔެކޭ ހީކުރެވޭ ފަހަރުވެސް އާދެއެވެ. ޑާކްނައިޓްދެކެ ހިތާއި ފުރާނައިން ލޯބިވާން ފެށިއިރުވެސް އޭނަގެ ފަރާތުން އެފަދަ ހުށަހެޅުމެއް ނުލިބެއެވެ. އާވާގެ ހިތް ބޭގަރާރުވެ އެ ލޯތްބަށްޓަކާއި އަބަދު އިންތިޒާރުކުރެވެއެވެ. ޑާކްނައިޓްގެ މެސެޖްތަކުން ހިތަށް ފިނިވާއިރުވެސް އެންމެ ލަފުޒެއް އަޑުއަހަން ހިތް ކެތްތެރިކަމެއްނެތި އެދެވެނީއެވެ. ކާކޮޓަރީގައި ދެކެވުނު ވާހަކަތައް އަހަން ބޭރުގައި ހުރި ޔާކިން ހުރީ މަޖާވެފައެވެ. އާވާގެ މޮޔަކަން ބޮޑުވެ މާ ދުރުނޫން މުސްތަގުބަލެއްގައި ގުރާދޫއަށް ގެންދާނެކަން ޔަގީނެވެ. ބައެއްފަހަރު އާވާއާއިމެދު ހިތުގައި ހަމްދަރުދީ އުފެދެން އުޅުނަސް އާވާގެ ނުލަފާކަން ހަނދާންވުމާއިއެކު ޔާކިން ހިތްހަރުކުރިއެވެ.
އާވާ މިދުވަސްކޮޅު ބަލަނީ ލޯބީގެ ފިލްމުތަކެވެ. ކިޔާލެވެނީ ލޯބީގެ ވާހަކަތަކެވެ. ލޯބީގައި ހުންނަ އަސަރުތައް މަޑުމަޑުން އެހިތަށް ވަންނަން ފެށުމުން ހައްތަހާ ބޮޑަށް އޭނަދެކެ ތެދުވެރި ލޯބިވާނެ މީހަކަށް ބޭނުންވާން ފެށިއެވެ. އޭނަގެ ހިތުގައިވެސް އިހުސާސްތަކެއް ލައްވާފައިވާކަން އެނގުނެވެ. އެވާހަކަތައް އޭނަ ހާމަކުރަންފެށީ ވާހަކައިގެ ޒަރީއާއިންނެވެ. އޭނަ ލިޔަމުންދާ ވާހަކައިގެ ބަތަލާ އީރާ އައިޝަމް ދެކެ ލޯބިވާން ފެށި ހިސާބުން އެ ވާހަކަ މަގުބޫލުވާންފެށިއެވެ. ކޮމެންޓްތައް ގިނަވާންފެށިއެވެ. ވާހަކަކިޔަން ބޭނުންވެފައި ތިބި ކުދިން ވާހަކައަށް އިންތިޒާރުކުރަން ފެށިއެވެ. ދެތިން ކޮމެންޓު އަންނަމުންދިޔަ ވާހަކައަށް ވިހި ތިރީހުން ކޮމެންޓް އަންނަން ފެށިއިރު އޭނަގެ ލޯބިވާ ޑާކްނައިޓްގެ ކޮމެންޓެއް ނުފެނުމުން އާވާ ވަކިން ދެރަވެ މާޔޫސްވިއެވެ. ޑާކްނައިޓްގެ އެހީއަށް އެންމެ ބޭނުންވި ދުވަހު އޭނަ ދުރަށް ދިޔައީހެއްޔެވެ؟
ނާޒްގެ އަމިއްލަ ދިރިއުޅުމާއިމެދު ވެސް ވިސްނަމުންގޮސް ބައެއްފަހަރު އޭނަ މޮޔަވާ ހިސާބަށްދާވަރުވެއެވެ. މާޒީގެ ހަނދާންތަކުން ކޮންމެދުވަހަކު އޭނަގެ ލޮލުން ކަރުނަ އޮހެއެވެ. ދަރިފުޅު ގާތުގައި ހަގީގަތް ބުނަންވީ ބާވައޭ ހިތަށް އަރާފަހަރު މަދެއްނޫނެވެ. އަޔާމްއަކީ އޭނަގެ ހުރި އެކަނި ދަރިފުޅު ނޫންކަމާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެނގުމުން އޭނަ ދޫކޮށްލާފައި އަޔާމްވެސް ގޮސްދާނެބާވައެވެ. އަޔާމް މިދުވަސްކޮޅު ކުރިއަށްވުރެ އުފާވެރިއެވެ. އަޔާމްގެ އުފާވެރި ދުނިޔެ ފެނުމުން ނާޒްގެ ޒަޚަމްވެފައިވާ ހިތަށް ކުޑަ ކުޑަ ފިނިކަމެއް ލިބިދެއެވެ. ނަމަވެސް އެއީ ދުވަހަކުވެސް ދެން ފަސޭހަނުވާނެ ޒަޚަމްތަކެއްކަން ނާޒް ދަނެއެވެ. ތާނިޔާގެ އިތުރުން އެހެން އަންހެންކުދިން މަދުމަދުން ނަމަވެސް ނާޒްމެންގެ ގެއަށް އާދެއެވެ. އަޔާމް ބުނާގޮތުން ހައްތަހާ އެކުވެރި އަންހެންކުދިންނެވެ. އެކުދިންގެ ތެރެއިން ނާޒްއަށް އެންމެ ފާހަގަކުރެވުނީ ތާނިޔާއެވެ. އެހާވެސް އެކުއްޖާ ރީތީއެވެ. ނާޒް ބޭނުމީ އޭނަގެ އެކަނިވެރިކަން ފިލުވާދޭނެ ޅީ ދަރިއެކެވެ. ނާޒް އެކަނިވެރިވެފައި އިންދާ އާވާ އެގެއަށް ކުރި ޒިޔާރަތުން ހައިރާންކަމެއް ލިބުނެވެ. އާވާ ހީވަނީ މިލާފައިވާ ފިނިފެންމަލެއް ހެންނެވެ. އާއްމުކޮށް އޭނަ ލައިއުޅޭ ޑަންގަރީއަކާއިއެކު އެތެރެއިން ކަޅު ޓީޝާޓެއް ލާފައި ހުރުމުން ވަރަށް ނަލައެވެ. އާވާ ފެނުމުން ނާޒްގެ ހިތުގައި ދަރިކުލުނު ހިނގާލައެވެ.
"އާވާ ހާދަ ދުވަހެއްކޮށްލާފައި ތިއައީ؟ އާވާއަށް މީރުވެގެން އުޅުނު އަލުވި ޕައިހެދި ދުވަހެއްގައި ތިއައީ، އަވަހަށް އާދޭ ސައިބޯން...." ނާޒްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ނާޒްއާއިއެކު ސައިބޮއިގެން ނާޒް އާވާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. ނާޒްގެ މެޑިކަލް ފޮތްތައް ހުރީ އެކޮޓަރީގައެވެ. މިހުރިހާ ދުވަހު ނާޒްއުޅޭ ހިސާބަށް އާވާއަށް އާދެވިފައެއް ނެތެވެ. ނާޒް އެކި ވާހަކަދައްކަމުންގޮސް އާވާގާތުން ހާލު އަހުވާލު އޮޅުން ފިލުވާލުމުން އާވާ މޫނުގައި ދެއަތްއެޅިއެވެ.
"އައި ނީޑް ޔޯ ހެލްޕް....." އާވާ ގެ އަޑުގައި ކަރުނައިގެ އަސަރު ހުއްޓަސް އޭނަ ނުރޮއެވެ.
"އަވަހަށް ބުނެބަލަ، އަހަރެން މިހިރީ ކޮންމެފަދަ އެހީއެއް ވާން ތައްޔާރަށް...." ނާޒް އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ.
"މިހާރު ހިތަށް އަރަނީ އަބަދު މަރުވާންވީއޭ، ކުރީދުވަހު އަތުގައި ކަޓަރު ނޭޅުނީ ހަމަ ކިރިޔާ، މާގިނައިން މަރުވާން ހިތަށް އަރާތީ ވަރަށް ބިރުގަނޭ......." އާވާ ނޭފަތް ދަމާލިއެވެ. އޭނަ އިނީ ނާޒްއާއި ހަތަރުކަޅި ހަމަނުކުރާށެވެ. އެވަގުތު އަޔާމް ކުއްލިއަކަށް ހުޅުވާލާފައި ހުރި ދޮރުން ކުޑަކޮށް ބޯ ދިއްކޮށްލާފައި މަންމައަށް ގޮވާލިއެވެ. އަޔާމްއަށް އާވާ ފެނުމުން ކުޑަކޮށް ނުރުހުމުގެ އަސަރުވެރިވި ނަމަވެސް އާވާގެ ދެލޮލަށް ބަލާލާފައި ހިތަށް އުދަގޫތަކެއްވިއެވެ. މަންމަގެ ސަބަބުން އޭނަވަނީ ނަފްސާނީ މައްސަލަތަކުގައި އުޅޭ ކުދިންނާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް ދަސްވެފައެވެ. ކުޑައިރުއްސުރެން މަންމަވަނީ އޭނަގާތު ބުލީނުކުރަން ދަސްކޮށްދީފައެވެ. އިހަށް ދުވަހު މަންމަވަނީ އަންހެންކުދިންނާއި ބެހޭގޮތުން އަޔާމްއަށް އެއްޗެހިތަކެއް ބުނެދީފައެވެ. ކުޑައިރު ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބައެއް އަންހެންކުދިން ގެ މިޒާޖަށް އަތުވެދާނެ ބަދަލުތަކެއްގެ ވާހަކަދެއްކިއިރު މަންމަ އެއިޝާރާތްކުރީ އާވާއަށް ބާވައޭވެސް ހިތަށް އެރިއެވެ.
"ދަރިފުޅާ، ފެންވަރާލައިގެން އަންނަންވާއިރަށް މަންމަ ސައިހަދާނަން...." ނާޒް ވާހަކަދެއްކީ ނިކަން ލޯބިންނެވެ.
"ތޭންކްސް މަމް...." އަޔާމް ހިނިތުންވެލާފައި ދިޔުމުން އަޔާމް ސާފްކުރަން ހުންނަ ފޯރިއަކީ ބައްޕަގެ ފަރާތުން ވާރުތަވި ކަމެއްކަމުގަޔާއި ކުޑައިރުއްސުރެ އަޔާމް މޫދުގައި އެގޮތަށް އުޅެ އުޅެ ހަންގަޑުގެ ކުލަ ބްރޯންޒްވެފައިވަނީ ކަމުގައި ނާޒް ބުނެލިއެވެ. އަޔާމްގެ ވާހަކަތައް ނާޒް ދައްކާއިރު ލޯބިވާވަރު އަންދާޒާކުރެވެއެވެ. އޭނައަށްވެސް މިފަދަ މަންމައެއް ލިބޭނެނަމައެވެ. މިހާ ލޯބިވާނެ އާއިލާއެއް ލިބޭނެނަމައެވެ.
"ކީއްވެތަ ސުއިސައިޑްކުރަން ބޭނުމީ...." ނާޒް ސުވާލުކުރަންފެށިއެވެ. އާވާ ނާޒްގާތުގައި އޭނަގެ ފިރިމީހާގެ ކޮއްކޮ އުދަގޫކުރާ ވާހަކަ ކިޔައިދިނެވެ. ޑާކްނައިޓް ގާތުގައި ހަގީގަތް ވަންހަނާކުރާފަދައިން އަދި އެގޭގެ މެމްބަރުންގެ ނަން ނާޒްއަށް ހާމަކުރަން އާވާ ފަސްޖެހުނެވެ. ނާޒް ގާތުގައި އާވާ ނަމެއް ހަދައިގެން ކިޔާދިންއިރު ޔާކިން ކުރާ އުދަގޫތަކުގެ ވާހަކަ ބުނެދިނެވެ. ފިރިމީހާގެ ކޮއްކޮގެ ފަރާތުން ކުރާ ގޯނާތައް އިތުރުވެ އެންމެފަހުން އޭނަގެ ކޮޓަރިއާއި ހަމަޔަށް ވަދެފާނެތީ ބިރުގަންނަކަމަށް ބުނެލުމުން ނާޒް ކަންބޮޑުވިއެވެ. އާވާގެ ކައިވެނީގެ ހަގީގަތް އެނގުމަށްފަހު ނާޒް އެދުނީ ނާޒް ގާތުގައި އާވާ ހުރުމަށެވެ. ނާޒްގެ ގޭގައި އާވާ ހުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ނާޒް ބުނުމުން އާވާއަށް ލިބުނު ކުޑަ ހިތްވަރަކަށްވިއެވެ. ނަމަވެސް އޭނަ ކްރިމްސަންވިލާއިން ނިކުންނާނީ އެހެން އެއްވެސް ގޮތެއް ނެތިއްޖެއްޔާއެވެ. ރަފްހާންގެ އިހުސާންތެރި ކަމުގައި ކޮޅުފައިން ޖަހާލާފައި އޭނަ އަންނާކަށް ބޭނުމެއް ނޫނެވެ.
އާވާ ފިލައިގެން އުޅުނަސް ބައެއްފަހަރު ހުރިތާކުން ހޯދާފައި ރަފްހާން އޭނައާއި ވާހަކަދައްކައެވެ. ރަފްހާން އަމިއްލައަށް އެއްޗެހިދޮވެހަދާ އިސްތިރިކުރާއިރު އުދަގޫވިޔަސް އެކަމާއި އެހީތެރިވާނެ ގޮތެއްވެސް އޮންނަނީއެއް ނޫނެވެ. މިހާރަކަށް އައިސް ރަފްހާން ހުންނަނީ ކޮޓަރި ތަޅުލާފައެވެ. އެކޮޓަރިއަށް ވަދެވޭކަށް ނެތެވެ. އާވާގެ މިޒާޖު ހުންނަގޮތުން ރަފްހާންއަށް އުދަގޫވެގެން އޭނަ ދުރުން އުޅެން ބޭނުންވީކަމަށް ހިތަށް އަރާފައި އެކަމާވެސް އާވާ ވިސްނައެވެ. ގިނަވަގުތު އިންނަނީ އަމިއްލަ ނަފުސް ކުށްވެރިކޮށްލައިގެން އެކަނިވެރިވެފައި ފިނިފެންމާގަސް ކާރީގައެވެ.
ރަފްހާން އާއަހަރު ފާހަގަކުރަން އާވާ ގޮވައިގެން ދިޔައީ ހަވާއަރުވާތަން ބަލާށެވެ. އެތާ ކާރީގައި ތިބި އަންހެންކުދިންތައް ޖެހިލުމެއްނެތި ރަފްހާންއަށް ބެލިއެވެ. ނުސީދާކޮށް ބެހުނެވެ. ނުވީތާކަށް ގައިގޯޅިވުމުގެ ހައްދެއްނެތެވެ. މީހުން ގިނަވީމަ އެގޮތަށް ކިތަންމެހާ ފައިދާއެއްވެސް ނެގެން އޮތެވެ. ރަފްހާން އެކުދިންނާއި ގަޔާވިހެން ހިޔެއްނުވެއެވެ. އޭނަގެ ސަމާލުކަމެއް އެއިން ކުއްޖަކަށް ނުހޯދުނެވެ. މީހެއްގެ ފިރިއެއްކަން އެނގުނަސް މި އަންހެންކުދިން ހިތަށް އެއްޗެކޭ ނާރަނީހެއްޔެވެ؟ އާވާ ހުރީ އަލިފާންވެފައެވެ. ނަމަވެސް ރަފްހާން ހުރުމުން އެއްޗެކޭ ބުނާކަށް ނުކެރި އޭނަ ހުރީ ހިމޭނުންނެވެ. އަލިފާނުގެ ރީތި ކުޅިވަރުތައް ދެކެން ތިބެފައި ދެމީހުން ގެއަށް އައިއިރު ގޭގެ ދޮރުހުރީ ތަޅުލާފައެވެ. ހަނދާންނެތި ތަޅުދަނޑިނުލާ ދިޔުމުން ވަރުގަދަ ލަނޑެއްލިބުނީއެވެ. ރަފްހާން ޔާކިންގެ ފޯނަށް ގުޅަގުޅާ ފޯނެއް ނުނެގިއެވެ. ބައްޕަ ނިދާފައި އޮތްވާ އުދަގޫ ނުކުރަންވެގެން ރަފްހާން ތަޅުހަލާކުކޮށްލަންވެސް ވިސްނިއެވެ. އެހެން ހުރެފައި ބަލާލިއިރު އާވާހުރީ ކަންބޮޑުވެގެން ނިޔަފަތި ހަފާށެވެ. ހަނދުވަރު ރީތިކަމުން އާވާގެ މޫނު ފެންނަނީ ވަރަށް ރީތިކޮށެވެ.
"މިރޭ މިޖެހުނީ އަހަރެމެން އުނދޯލީގައި ނިދަން، އާދޭ ޖައްސާލަން....." ރަފްހާން ޚިޔާލުބަދަލުކޮށްލާފައި ގޮސް އުނދޯލީގައި އިށީދެއްޖެއެވެ. އަމީން ދުވާލު އޮށޯވެލާ ހަދާ ތަންމަތި ކަމަށްވާތީ ތުނި ބާލީހަކާއި ކަންނޭލެއް އުނދޯލީގައި އޮވެއެވެ. އުނދޯލި ހުންނަބައި ހިޔާކޮށްފައި ވާއިރު ބޮކިނުދިއްލާ އޮތުމުން އެބައިވަނީ ތަންކޮޅެއް އަނދިރިކޮށެވެ.
"ތިތާކު ނިދާކަށް ނުކެރޭނެ...." އާވާ އެހިސާބާއި އަރާ ހަމަވެފައި ވަގުތުން ދެކޮޅުހެދިއެވެ.
"އާ ތަޖުރިބާއަކަށް ވާނެއްނު..." ރަފްހާން ހިނިތުންވެލުމުން އާވާ ރަފްހާންގެ މޫނަށްބަލާލިއެވެ. އަނދިރީގެ ތެރޭގައިވެސް ހަމުގެ ބްރޯންޒްކުލަ ވިދައެވެ. ތުބުޅީގެ އަސަރުހުރުމުން ވަކިން ފިރިހެންވަންތައެވެ.
"ދޮރު ތަޅު ހަލާކުކޮށް ނުލެވޭނެތަ؟ "އާވާ ދުރަށް ބަލަންފެށިއެވެ.
"ޓޫ މިނިޓްސް އިނގޭ......" ރަފްހާން އޮށޯވެލަމުން އެއްފައި ބިންމަތީގައި ޖައްސައިގެން އުނދޯލި ހެއްލަން ފެށިއެވެ. ބޯދަށަށް އަތްލައްވައިގެން އޮވެ އޭނަ ގެއްލިފައި އޮތީ ކޮން ޚިޔާލީ ދުނިޔެއަކަށް ކަމެއްވެސް ނޭގެއެވެ. އާވާ ކޮޅަށް ހުރެ ހުރެ ދެފައި ވާޅުވާގޮތްވާން ފެށުމުން ރަފްހާންދެކެ ރުޅިއަންނަގޮތްވިއެވެ. ހަމަޖެހިލައިގެން އަދި މި ފިރިހެނާ އަރާމުކުރަނީއެވެ. ކުއްލިއަކަށް ކަޅުބުޅަލެއް އެދިމާލަށް އަންނަތަން ފެނިފައި އާވާ ގަތީ އަމަށަކު ބިރެއްނޫނެވެ. ދުވެފައި އައިގޮތަށް ރަފްހާންގެ ގައިގާ ހިފައިގަނެގެން ކަނދުރާގައި މޫނުފޮރުވާލިއިރު އެހިމޭންކަމުގެ ތެރެއިން އާވާގެ ހިތުގެ ތެޅުމުގެ އަޑު ރަފްހާންއަށް އިވޭނެއެވެ. އާވާގެ އެ ހަރަކާތުގެ ސަބަބެއް ރަފްހާންއަށް ނޭގުނަސް ކޮންމެވެސް ކަމަކާ ބިރުގަތްކަން އެނގުނެވެ. ރަފްހާން ރައްކާތެރިކަންދޭފަދަ ގޮތަކަށް އާވާގެ ވަށާއަތް ބާރުކޮށްލެވުނުގޮތަށް އަތުގެ ދާއިރާ ކުޑަކޮށް ހަނިކޮށްލިއެވެ. އާވާގެ ތުންފަތުގެ މަޑުކަން އިހުސާސްކުރެވި ރަފްހާންގެ ގައިން ހީބިހިހިލުވާލިއެވެ.
"އާވާ....." ރަފްހާން މަޑުމަޑުން ގޮވާލިއެވެ.
"ބިރުގަންނަނީ...." އާވާ ބިރުގެންފައިވާ ކުޑަކުއްޖެއްހެން ކިޔާލައިފިއެވެ. ބުޅާވެސް އެސޮރުގެ ސަބަބުން ދެމީހަކު ގާތްވާން މަޖުބޫރުވިކަމެއް ނުދެނެހުރި ހާލުގައި ފަރި ހިނގުމުގައިގޮސް ފާރުމަތިން ފުންމާލައިފިއެވެ.
"ޑާކްނެސް ދެކެ ތަ؟ " ރަފްހާން އަހާލިއެވެ. އާވާ ބުޅަލުގެ ވާހަކަ ބުނެލިއެވެ.
"ކީއްވެ ބުޅާ ދެކެ ބިރުގަންނަނީ..." ރަފްހާން ހަނދާންވީ ކުރީ ފަހަރުވެސް އާވާ އެހާ ބިރުން އޭނަގެ ގައިގާ ހިފައިގަތީ ބުޅަލެއް ފެނުނީމަކަމެވެ.
"ސާމީ ބުޅަލެއް ގެންގުޅޭނެ، އަދި......" އާވާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ކަންބޮޑުވީ ރަފްހާންގެ ގާތުގައި ސާމީގެ ވާހަކަ އޮޅިގެން ނަމަވެސް ދެއްކުނީތީއެވެ. ރަފްހާން ސުވާލުކުރުމުން އާވާ ބުނީ އެއީ ބޮޑުބޭބެއެއް ކަމުގައެވެ. ރަފްހާން އިތުރަށް އަހާކަށް ނޫޅުނެވެ. ރޭގަނޑުގެ ފުން އަނދިރިކަމާއި ވައިރޯޅިތަކުގެ ސަބަބުން ފިނިވެފައިވާ މާހައުލުގައި ރަފްހާންގެ ލޮލަށް ނިދީގެ އަސަރުތައް ވެރިވާން އުޅުނުއިރު އެހެން ޚިޔާލުތަކެއް ސިކުނޑިއަށް ގަދަވެގަންނާން އުޅުނެވެ. އަންހެންކުއްޖަކާއިއެކު މިފަދަ މާހައުލެއްގައި އެކަނިވެލުމުން ވާނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް އާވާއަކީ ގާނޫނީގޮތުން އޭނަގެ ހައްގަކަށްވެފައިވާ އިރުއެވެ. ރަފްހާން ކުއްލިއަކަށް އަރިވެލާފައި އާވާއާއި ދިމާލަށް ގުދެވެލިއެވެ. އާވާގެ ފަންއިސްތަށިގަނޑު ބާލީސްމަތީ ފެތުރިގެން ދިޔުމާއިއެކު ރަފްހާންގެ އިނގިލިތަކުން އެ ފަށުވިކަން އިހުސާސް ކުރަންފެށިއެވެ.
"ހެޕީ ނިއު ޔިއަރ އާވާ...." ރަފްހާންގެ އެ ޖުމްލައާއިއެކު އާވާއަށް ޝޮކެއް ލިބުނީ ރަފްހާން ހީނުކުރާފަދަ ކަމެއް ކޮށްލުމުންނެވެ. ރަފްހާންގެ ނޭވާގައި ވި މީރުވަހާއިއެކު އާވާގެ މުޅި ހަށިގަނޑުގާ ފޮނި ފޮނި ރާޅުބާނިތަކެއް ދަތުރުކުރިއެވެ. އެދުވަހު އަނދިރީގައި ޑާކްނައިޓްގެ ފަރާތުން ލިބުނު ހަދިޔާ އެއްޗަކަށް ނުވިއެވެ. ޑާކްނައިޓްއަށް ވުރެ ރަފްހާންގެ ތަޖުރިބާ ހުރިކަން ޔަގީނެވެ. އާ އިހުސާސްތަކެވެ. މިނިޓްކޮޅުތައް ގަރުނަކަށް ބަދަލުވެގެން ދިޔަހެން ހީވިއެވެ. އާވާއަށް ރަފްހާން ދުރުކޮށްލާނެ ބާރެއް ލިބިފައެއް ނެތެވެ. ގުޑާނުލެވުނުތާގައި އެއްޗެކޭ ބުނަން ދޫ ހަރަކާތެއް ނުކުރިއެވެ. ދިފާއުގައި އުފުލާލެވުނު އަތްވެސް ރަފްހާންގެ އަތްތިލައިގެ ތެރޭގައި ހައްޔަރުވެގެން ދިޔައީއެވެ. އާވާ ހައްދެއްނެތް ވަރަށް ބިރުގަތެވެ. ހިތްތެޅެން ފެށިގޮތަށް މުޅިކުއްޖާގެ މޫނު ދަލުން ފެންވެރިއްޖެއެވެ. މާޒީގެ ހަނދާންތައް ސިކުނޑީގައި އެނބުރެން ފެށުމާއިއެކު އާވާ ކޮންމެފަދަ ގޮތަކުންވެސް ސަލާމަތްވެގެން މިތަނުން ދުވެ ފިލަން ނިންމިއެވެ. އެވަގުތު ހަތިޔާރަކަށް އޭނަގެ ދަތްތައް ފިޔަވާ އެހެން އެއްޗެއް ހިތަކަށް ނައެވެ. އޭނަ ބަލާކަށް ނުހުރެ ދިން ހަމަލާގައި ރަފްހާންވެސް ސިހިފައި ދުރަށް ޖެހިލާފައި ތެދުވެއްޖެއެވެ. އެވަރުން ނުވެގެން ރަފްހާން ނުވިސްނާ ހުއްޓާ ފަހަތުން އައިގޮތަށް އާވާ އަދި ރަފްހާން ކޮށްޕާލަން އުޅުނީމަ ހުރިތަނުން ގުޑުވައެއް ނުލެވުނެވެ.
"އާވާ، ހަމަޖެހިބަލަ، ރުޅިއަންނަވަރުގެ ކަމެއް އަހަރެން ނުކުރަމެއްނު......." ރަފްހާން އެނބުރިލާފައި ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. އަދި ތުންފަތުގައި އިނގިލިން ފިރުމާލީ ލޭ ހުރިހެން ހީވެފައެވެ. އާވާ ދަތްއެޅި މަންޒަރު ޔާކިންއަށް ފެނުނުނަމަ ވާނީ ކިހިނެއްބާވައޭ އެވަގުތު ހިތަށް އެރިއެވެ. ސީރިޔަސްކޮށް އޭނަގެ އަންހެނުން މިވަނީ ނަފްސާނީ ފަރުވާއަށް ބޭނުންވެފައެވެ.